Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ޑައިރީ 6ވަނަ ބައި (ގުޅުން)

xaash
January 5, 2014
3 Mins Read
2 Comments

ސަކިންތަ ގެއިން ނުކުމެގެން ދިޔައީ މަންމަގެ ގާތުގައި ނުރޯށޭބުނެފައެވެ. އެކަމަކު މަންމައަށް ނުރޮއި ކެތްކުރެވޭނެ ހެއްޔެވެ؟ މިދެލޮލުން ފައިބަމުންދާ ކަރުނަތައް ވަކި މަދުކުރެވޭނެ ހެއްޔެވެ. މަންމަ މިހަނދާންތަކާއި ދުރަށް ދާން ކުރެވޭނީ ވަކި ކާގެ ހަނދާނެއްހެއްޔެވެ؟ މިއަދު މަންމައާއި ގުޅުން އޮތީ ކާކާހެއްޔެވެ؟ ގުޅުން އޮތް އެކަކުވެސް ނެތެވެ. ގުޅުމެއް ބާއްވަން ބޭނުންވިޔަސް އެކަންވެސް ނުކުރެވޭނެއެވެ. ގުޅުމަކީ އެކަކު ބޭނުންވެގެން އުފެދި، ދެމީހުން ދޭތެރޭ އޮންނަ އެއްޗެއްނަމަ މިއަދު މަންމައާއި ގުޅުން ނޯންނާނެ ހަމަ އެކަކުވެސް މިދުނިޔޭގައި ނުހުންނާނެއެވެ. ސަކިންތަ އާއި މަންމަ އާއި ދޭތެރޭ ކަންތައްވާނެ ގޮތް ކިޔަން ނޭނގޭތީ މިގުޅުމުގެ ވާހަކަ އަދި ދައްކާކަށްވެސް ނޭނގެއެވެ. މައިވަންތަކަމުގެ ގުޅުން ކެނޑި، ރަހުމަތްތެރިކަމުގެ ގުޅުން ކެނޑި، އާއިލީ ގުޅުން ކެނޑިފައިވާ އިރު މަންމައަށް ހަމަ އެކަނި ލިބިފައިވަނީ ސަކިންތަފަދަ މުސްކުޅި ނިކަމެއްޗެއްގެ ހިޔާވަހިކަން އެކަންޏެވެ. ވީއިރު މަންމައަށް ނުރޮވި މިކަމާ ނުވިސްނާ އިނދެވޭނެ ހެއްޔެވެ؟ ކިތައްމެ މަސައްކަތެއް ކުރިކަމުގައިވިޔަސް އެކަން ކާމިޔާބެއް ނުވެއެވެ.

މި ރުއިމާއި ހިތާމަކުރުމުގައި ވަގުތު ދިޔަ ގޮތްވެސް މަންމައަށް ނޭނގެއެވެ. “ނިޝްރާ. އަދިވެސް ރޮނީތަ؟ ދައިތަ ބުނީމެއްނު  ނުރޯށޭ؟. ސަކިންތަ ގެއަށް ވަންނަމުން މިހެން ބުނެލިއެވެ. މަންމަސިއްސައިގެން ދިޔައެވެ. އަދި މޫނު ފުހެލަމުން ބޮޑާށިން ތެދުވެ ”  ނޫން ސަކިންތާ. މިހާރަކު ނުރޮން. ” މަންމަގެ ހިތާމަ އޮށްބާލަމުން ބުނެލީމެވެ. އަދި ސަކިންތަގެ އަތުގައި ބައިވަރު އެއްޗެހިތަކެއް ހުރުމާއި އެކު ސުވަލުކުރީމެވެ. ” ސަކިންތާ. ކޮންތާކަށް ގޮސް ތި އައީ؟ އަނެއްކާ އެވާހަކަތައް މީހަކަށް ކިޔައިދިނީތަ؟ އެހެން މީހަކަށް ކިޔައި ނުދޭތި. އޭރުން އަޅުގަނޑު މަރާލާނެ؟” ސަކިންތަގެ ދެ އަތް ފުރެންދެން ހުރި ކޮތަޅުތަކަށް ބަލަން ހުރެ މަންމަ ސުވާލުކުރީމެވެ. އަދި ބިރުން ބޯހޫރުވަމުން ރޮވޭހާލު އެވާހަކަތައް މީހެއްގެ ގާތު ނުބުނުމަށް އާދޭސް ކުރީމެވެ. ސަކިންތަ ބުނި ގޮތުން ވިއްޔާ އެވާހަކަ އެއްވެސް މީހަކަށް ސަކިންތަ ކިޔައެއް ނުދެއެވެ. އެކަމަކު އެދުވަހު ސަކިންތަ ދިޔައީ ސަކިންތަގެ ދުވަސްވީ ރައްޓެއްސަކާއި ބައްދަލުކުރާށެވެ. މަންމަ އެވާހަކަތައް ކިޔައިދިނުމާއި އެކީ ސަކިންތަ ގެއިން ނުކުމެގެން ދުވަސްވީ ރައްޓެއްސަކާއި ބައްދަލުކުރަން ޖެހުނު ސަބަބެއް މަންމައަކަށް ނޭނގުނެވެ. އެހެންކަމުން ހިތްވަރުކޮށްފައި ވަރުވަރުން ސުވާލުކުރީމެވެ.

މަންމަގެ އެތައް އާދޭހަކަށްފަހު ސަކިންތަ ދިޔަ ތަން ބުނެދިނެވެ. އަދި ބައްދަލުކުރީ ކާކާކަން ވެސް ބުންޏެވެ. އެއީ ކީއްކުރަންކަންވެސް ކިޔައިދިނެވެ. ސަކިންތަ އެވާހަކަތައް ކިޔައިދިނުމުން މަންމަ އަށް ހީވީ މަންމަގެ ފައިދަށުން ބިންގަނޑު ދެމިގަންހެނެވެ. ދަރިފުޅާއެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟ އެދުވަހު ސަކިންތަ ބައްދަލުކުރީ މަންމަގެ މަންމައާއެވެ. ދަރިފުޅުގެ މާމަ އާއެވެ.

ސަކިންތަ އާއި ދަރުފުޅުގެ މާމައަކީ ދުވަސްވީ ގާތް ދެރަހުމަތްތެރިންނެވެ. އެކަކަށް އަނެކަކު ރަނގަޅަށް އެނގޭވަރުގެ ދެމީހުންނެވެ. ކަންކަމުގައި އެކެއްގެ ކިބައިން އަނެކަކު އެހީ ހޯދާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ޒަމާންވީ ދެ މިތުރުންނެވެ. މާމަގެ ރުންކުރުކަމާއި ހުންނަ ގޮތް ދޫނުކުރާ ސިފަ އެންމެ ރަނގަޅަށް އެނގޭ އެކަކީ ސަކިންތައެވެ. އެކަމަކު ސަކިންތަ މިއަދު މާމަ އާއި ބައްދަލިކޮށްފައި އެއައީ ޒަމާންވީ ގުޅުމަށް ބުރު އެރިޔަސް ހެޔޮކަމަށެވެ. އެގުޅުން ހީނަރުވިޔަސް ފަރުވާލެއްނެތްކަމުގައި ބަލާއިގެންނެވެ. މަންމައަށްޓަކައެވެ.

ސަކިންތަ ދަރިފުޅުގެ މާމައާއި ބައްދަލުކުރީ މަންމަގެ ވާހަކަތައް ކިޔައިދިނުމަށެވެ. ސަކިންތަ ބުނި ގޮތުގަ ވިއްޔާ މާމަ އެވާހަކަތައް ކުޑަކޮށްވެސް އަޑުއަހާކަށް ބޭނުމެއްނުވެއެވެ. އެކަމަކު ސަކިންތަގެ އާދޭސް ތަކާއި ހެދި ދެއްކި ވާހަކަތައް އަޑުއެހިއެވެ. އެވާހަކަތައް އަޑުއެހީ ނަމަކަށެވެ. އެއްކަންފަތުން ވަދެ އަނެއްކަންފަތުން ނުކުމެގެން ދިޔަކަހަލައެވެ. އެވާހަކަ ދައްކަން ދެވަނަ ދުވަހަކު އެގެއަށް ނާއުމަށްވެސް ސަކިންތައަށް އެންގި ކަމުގައި ބުންޏެވެ. ދަރިފުޅާއެވެ. ސަކިންތަ އައީ ދަރިފުޅުގެ މާމަގެ ގާތުގައި މަންމައަކީ ކުށެއްނެތް މައުސޫމު ކުއްޖެއްކަން ބުނެދީފައެވެ. އެކަމަކު އެމާމަގެ މޭގާ ހިތެއްވެސް ނުވެއެވެ. ކުޑަވެސް ރަހުމެއް ނެތީމާ މަންމައަށް އަޅާލާ އޯގާތެރިވާން ބޭނުން ނުވިއެވެ. ” ސަކީނާ ބުނަންތަ. މިހިރީ ނިޝްރާ ގެންގުޅުން އެއްޗެހި. މަބޭނުމެއް ނޫން މީއިން އެކައްޗެއްވެސް މިގޭގައި ބަހައްޓާކަށް. ކަލޭ ދޭމިހިފައިގެން. އަދި ބުނަންތަ. މަގޭ ނިޝްރާ ކިޔާ ދަރިއެއް މިހާރަކު ނުހުންނާނެ. ކަލޭވެސް އޭނަގެ ވާހަކަ ދައްކަން މިގެއަށްވެސް  އަހަރެން ކައިރިއަށްވެސް ނާންނާތި”  މަންމަގެ އަންނައުނާއި ގެންގުޅުން ތަކެތި ސަކިންތައާއި ހަވާލުކުރަމުން ދަރިފުޅުގެ މާމަގެ ރުންކުރު ރުޅިގަނޑު ސަކިންތަފަދަ ގާތް ރަހުމަތްތެރިޔަކާއި ދިމާލަށްވެސް ބާލާފައި ފޮނުވާލިއެވެ. ސަކިންތައާއި މާމަ އަކީ ދެރަހުމަތްތެރިން ކަމުގައިވިޔަސް އެއީ ހަމަ ވަރަށް މިޒާޖުތަފާތު ދެމީހުނެވެ. ޖުމްލަކޮށް ބުނާނަމަ ބުނެވޭނީ އެއްގޮތް އެއްވެސް ކަމެއް ނެތް ދެމީހުނެވެ.

މާމައަކީ ފައިސާވެރި ޒީލަވަރުގަދަ ކަމުގެ ހުރިހާސިފައެއް ލިބިފައިވާ މީހެއްކަން ދަރިފުޅަށް މިހަރުވާނީ ބުނެދެވިފައެވެ. ސަކިންތަ އަކީ ފައިސާގެ ގޮތުން ފަގީރެކެވެ. ބާރުގެ ގޮތުން ނިކަމެއްޗެކެވެ. މުދާ މަދު އާއިލާގައި އެއްވެސް މީހަކު ނެތް އެކަނިވެރިއެކެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ނިކަމެއްޗެކެވެ. އެކަމަކު ހުރިހާ ރީތި ސިފައަކުން ޖަރީވެފައިވާ މުއްސަންޖެކެވެ. މީހުނަށް އިހުތިރާމުކުރާ، އިހުތިރާމު ލިބިގަންނަ މީހެކެވެ. ލޯބިދޭން އެނގޭ މަޑުމައިތިރި ޚުލްގު ހެޔޮ މީހެކެވެ. މީހުނަށް އެހީތެރިވާންދަންނަ ބުނާބަހުގައި އިތުބަރުހިފޭ އަނެކުންގެ އިހުސާސްތަކަށް ގަދަރުކުރަން އެނގޭމީހެކެވެ. ކުރުގޮތަކަށް ބުނާނަމަ ސަކިންތައަކީ އެކެއްގެ ކިބައިން އަނެކަކު ބޭނުންވާނެ ހުރިހާ ރީތި ސިފައެއް ފުރިހަމަވެފައިވާ މީހެކެވެ.

މާމަ ދިން އަންނައުނާއި މަންމަގެ އެއްޗެހިތައް ގެންނަން ސަކިންތައަށް މަޖުބޫރުވީ އޭނާގެ ފުދުންތެރިކަން ނެތީމައެވެ. ސަކިންތަގެ ނިކަމެތިކަމާއިހެދި މަންމައަށް ބޭނުންވާނޭހާ އެއްޗެއް ހޯދައިދެވޭނެ ތަނަވަސްކަން ނެތީމައެވެ. ސަކިންތަގެ ފުރިހަމަ އެއްބާރުލުން މަންމައަށް ލިބުނެވެ. މާމަ ސަކިންތައާއި ގުޅުން ކަނޑާލިކަމުގައިވިޔަސް މަންމައާއި ސަކިންތައާއި ދެމެދު އޮތް ގުޅުން ދިޔައީ ބަދަހިވެ ހަރުދަނާވަމުންނެވެ. ގޭގެއަށްގޮސް މަސައްކަތް ކޮށްގެން ސަކިންތައަށް ލިބޭ މަދު އެއްޗަކުން މަންމަގެ ހުރިހާކަމެއް ފުއްދައިދެވޭތޯ މަސައްކަތްކުރިއެވެ. މަންމަގެ ދިރިއުޅުން ފުރިހަމަ ކޮށްދެވޭތޯ ހިތްވަރާއިއެކު މަސައްކަތް ކުރިއެވެ. މަންމަގެ މިނިކަމެތި ހާލުގެ ވާހަކަ ސަކިންތައަށް ކިޔައިދެވުމުން ލިބުނު ހިންހަމަ ޖެހުން ބޮޑުވީ މިހެންވެއެވެ. މަންމައަށް އެހާ އޯގާތެރިވެ ހަމްދަރުދީވީމައެވެ. އޭނާގެ އޯގާތެރި ފިރުމުންތަކާއި ރަހުމުން ފުރިގެންވާ ބަސްތަކުގެ ސަބަބުން މަންމަގެ ދިރިއުޅުމައިގެން ކުރިއަށްދާން ނުހަނު ހިތްވަރު ލިބުނެވެ. ކުރީގައި ލިބުނު ފައިސާއާއި ރީތިހާ އެއްޗެއްސާއި މީރުހާ ކާނާ ނުލިބުނުކަމުގައި ވިޔަސް ސަކިންތަގެ އޯގާތެރިކަމުގެ ހިޔާވަހިކަމުގައި މަންމަ އުޅުނީ އުފަލުގައެވެ. ސަކިންތައާއި މަންމަގެ ގުޅުން ބަދަހިވެ ދަރިއެއްފަދައިން ސަކިންތަ މަންމައަށް ކަންތައްކޮށްދީ އަޅާލާތީއެވެ. އެކަމަކުވެސް ދުނިޔޭގެ މަލާމާތާއި މަންމަގެ ދިރިއުޅުމަށް އައިސްފައިވާ ނިކަމެތިކަން ހިތައްގެނެވި އެތަކެއްފަހަރު ނުރޯ ހަމަ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެހެންނަމަވެސް ފަހަތަށްނުބަލާ ކުރިއަށް ހިނގޭތޯބަލަމުން މިއައީ ދަރިފުޅު މިދުނިޔެއަށް ނޭވާލާނޭ ދުވަހަކަށް ކެތްތެރިކަމެއް ނެތި ދުވަސްތައް ގުނަމުންނެވެ. މިނިކަމެތިހާލާމެދު ވިސްނާ ފިކުރުކޮށް އެންމެ ކުޑަމިނުން އެންމެ ރެއެއްގައިވެސް ހަމަ ނިދި ނުނިދާހާލުގައެވެ. މިނިކަމެތިކަމުގައި ދުވާލަކު ތިން އިރު ހަމައަށް ކާލަން ލިބޭ ދުވަހެއްވެސް މަދެވެ.

މިހާލުގައި އިންއިރު މަންމަގެ ބަނޑަށްވެސް ދަނީ ދުވަސްފުރެމުންނެވެ. އެކަމަކުވެސް ހޮޑުލުމާއި ބޯއެނބުރުމާއި ބޮލުގައި ރިހުމަކަށް ކުޑަވެސް ބަދަލެއް، ލުއިކަމެއް ނުލިބެއެވެ. އިރުއިރުގަނޑުން އަރާ ވޭންވަރުން ކެތްނުކުރެވިގެން އުޅެން ޖެހެއެވެ. ހިތަށާއި މެއަށް ހިންހަމަ ޖެހުމެއް ނުލިބެނީ އުޅެން ޖެހޭ ނިކަމެތިހާލާއި ހެދިއެވެ. މިހާރު ދެމީހުން އުޅުން ކަމުގައިވިޔަސް މާދަމާ މަންމަ ވިހޭމާ ދެންކަންތައް ވާނޭ ގޮތަކާއި ދޭތެރޭ ވިސްނާ ފިކުރުކުރެވެނީއެވެ. ދަރިފުޅުގެ ކަންކަން ހަމަޖައްސައިދެވޭނެބާއޭހިތައް އަރާ ހާސްވެއެވެ. ފައިސާއާއި އަންނައުނާއި ކާނާ ހޯދައިދެވޭނީ ކިހިނެއްކޮންތާކުންބާއޭ ހިތައްއަރާ ރޮވެނީއެވެ. މިހުރިހާކަމެއްގައިވެސް މަންމައަށް ހިތްވަރުދީ ނަސޭހަތްތެރިވަނީ މަންމައާއި ހަމައެކަނި ގުޅުން އޮތް ސަކިންތައެވެ.

މިގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށް އެއްރެއެއްގެ މެންދަމުގެ ވަގުތެއްގައި މަންމަގެ ބަނޑުގައި ރިހެންފެށިއެވެ. މަންމަ އޮތީ އެބޮޑާށި މަތީގައި އެކަންޏެވެ.

-ނުނިމޭ-

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

xaash

Other Articles

Previous

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ

Next

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18

Next
January 5, 2014

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ +18

Previews
January 3, 2014

ބިރުވެރި ލޯބީގެ ވާހަކަ : މަރްޙަބާ

2 Comments

  1. hako says:
    January 6, 2014 at 11:17 am

    Vahaka varah salhi.. ekamaku upload vaagoi thankolheh lahy.. kiyahithyn v inthizaaru kurevey…

  2. naju says:
    January 7, 2014 at 5:29 pm

    Haadha lahey upload vaa goiy… than kolheh avahah uplload kurahchey… vaahaka v salhi…. :p

Comments are closed.

All Right Reserved!