ވާށެ އޯގާ ހިތާ 11
ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހެނދުނު ނުވައެއް ޖަހާ އިރުގައެވެ. ޒިޔަމް ހެނދުނު ހެނދުނައި ތެދުވެގެން ހުރިހާ ކަމެއް އިންތިޒާމް ކުރެވިފައި ވަނީ ރަގަޅަށްތޯ ބެލުމަށް އެތަނަށް ދިޔައެވެ. ޒިޔަމް ކްލިނިކަށް ދިޔައިރު ޝަމްހާ ލޯގަނޑު ކުރިމަތީގައި ފަރިވަމުން ދިޔައީ ބޮޑު ރަސްމިއްޔާތަށް ތައްޔާރުވުމަށެވެ. ޒީންއަށް ގަޑި ޖެހޭ އިރުވެސް ލޯގަނޑުން ޖާގައެއް ނުލިބޭނެކަން އެނގި ފާހަނާއިގައި ހުރި ލޯގަނޑުގެ ބޭނުން ހިފިއެވެ.
ސިޓިންރޫމުގައި ހުރި ޒިޔަމް އިރުކޮޅުކޮޅައި އަތުކުރީ އޮތް ގަޑިއަށް ބަލަމުން ދިޔައީ ޝަމްހާއާއި ޒީން ތައްޔާރުވެގެން ނުކުންނާނެ އިރަކަށެވެ. ރަސްމިއްޔާތު ފެށެން ތިރީސް މިނިޓަށް ވެފައި ވަނިކޮށް ޝަމްހާ ކޮޓަރިން ނުކުތެވެ. އަދި ފަހަތުން ޒީންވެސް ނުކުތެވެ. ގަދަ މޭކަޕަކާއި އެއްކޮށް ދިގު ރަތް ކުލައިގެ ހެދުމެއްގައި ޝަމްހާ ހުރި އިރު ފެންނަ ކޮންމެ ޒުވާން ފިރިހެން ކުއްޖެއްގެ ހިތާއި ކުޅެލާނެ ކަމުގެ ޔަގީންކަން ތުންފަތް މަތީވި ހިނިތުންވުމުން ދައްކުވައި ދެއެވެ. ހުރިހާ ފިރިހެނުންގެ ނަޒަރު ޝަމްހާއަށް އަމާޒު ވިޔަސް އެދަލުގައި ޒިޔަމްގެ ނަޒަރެއް ނުޖެހުނެވެ. ޒިޔަމްއަށް ކަޅި ނުލައި ޒީންއާއި ދިމާލަށް ބަލަން ހުރެވުނީ ޒީން އާއި އަޅައިކިޔޭ ވަރުގެ އެއްވެސް ސިފައެއް ޝަމްހާ ގައިގައި ނެތުމުންނެވެ. ޒިޔަމްއަށް ފެންނަމުން ދިޔައީ ޒީން ތުންފަތުގައި ވި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ނޫނެވެ. އަދި ލޮލުގައި އަޅާފައިވާ އަނދުނާއި އެހެން މޭކަޕެއް ނޫނެވެ. އެހެނަސް ޒިޔަމްގެ ހިތް ފުރެމުން ދިޔައީ ޒީންގެ ތުންފަތް މަތީގައި ވި މައުނަވީ ހިނިތުންވުމުންނެވެ. ލޮލުން ވިދާލަމުން ދިޔަ މައުސޫމް ބެލުމުންވެ.
ޒިޔަމްގެ ބެލުން ޒީންއަށް އަމާޒުވެފައި ހުރުމުން ޝަމްހާގެ ހިތުގައި ހަސަދައިގެ ހުޅުރޯވި ކަހަލައެވެ. އަވަސް އަވަހަށް ގޮސް ޒިޔަމްގެ ކުރިމައްޗަށް އަރައި އަތުގައި ހިފާލަމުން ބޭރަށް ދާން އުޅުނެވެ. ޝަމްހާ އޭނާގެ އަތުގައި ހިފައިގެން ދިޔައިރު ޒިޔަމްއަށް ފަހަތް ބަލައި ކެތްނުކުރެވުނީ އަދިވެސް ޒީންގެ ސޫރަ ދެކިލުމަށް އެހިތް އެދޭލެއް ބޮޑުކަމުންނެވެ. ޒީން އެމީހުންގެ ފަހަތުން ދިޔައީ ޔުމްނުއަށް މެސެޖުކުރަމުންނެވެ. އެހެންކަމުން ޒިޔަމް ބަލާކަމެއް ނޭނގެއެވެ.
ޒިޔަމް ކްލިނިކު ހުންނަ ހިސާބަށް ދާން ސައިކަލަށް އެރިއެވެ. އެގޭގެ މީހުންވެސް ދާން ބޭނުންވާތީ ޓެކްސީގައި އެއްމެނަށް ނުދެވޭނެތީއާއި އެކީގައެވެ. ޒިޔަމް ސައިކަލަށް އެރުމުން ޝަމްހާ ދުވެފައި ކަހަލަ ގޮތަކަށް ސައިކަލުގެ ފަހަތަށް އެރީ އެވަގުތު ސައިކަލު ކައިރީގައި ޒީން ހުރުމުން ޒީން ޒިޔަމްއާއި އެކީ ނުފޮނުވުމަށެވެ. ދެންމެ ޒިޔަމް ޒީންއަށް ބަލަހައްޓައިގެން ހުރި ގޮތުން ހިތް ބިރުގަތީ ކަންނޭނގެއެވެ. ސައިކަލަށް އަރައި މަޑު ނުވެ ޝަމްހާ ޒިޔަމްގެ ގައިގައި ކުޑޮކޮށް ހިފާލަމުން ޒީންއާއި ދިމާލަށް ބަލައި ހިނިތުންވެލިއެވެ. ޝަމްހާގެ އަތް ގައިގައި ޖެހުމުން ޒިޔަމް އަށް އުދަގޫވެ ގައިން ޝަމްހާގެ އަތް ނައްޓާލިއެވެ. ޒިޔަމް ޒީން ފެންނަ ހިސާބުގައި ހުރެ އޭނާ ދުރުކޮށްލުމުން ޝަމްހާގެ ދެބުމަ ގޮތް ޖެހިގެން ދިޔައެވެ. ނަމަވެސް އެވަރުން ދޫނުކޮށް އަނެއްކާވެސް ފަހަތުން ހިފައި ގަޔާއި ކައިރިކޮށްލިއެވެ.
ޒީން އާއި ހެދި ނޫންނަމަވެސް ޒިޔަމްއަށް އުދަގޫ ކުރިމަތިވަމުން ދާތަން ފެންނަމުން ދާތީ ޒީންއަށް ނުހީ ނުހުރެވުނެވެ. ޒީން ހުނުމުން ހިތުގައި ޖެހުނީ ޒިޔަމްއެވެ. ރުޅިއައީ ޝަމްހާއެވެ.
ރަސްމިއްޔާތު ތެރޭގައި ކަން ހިނގީ މިދެންނެވި ބީދައިންނެވެ. ހުރިހާ އަންހެން ކުދިންގެ ތެރެއިންވެސް ޒިޔަމްގެ ހިތާއި ކުޅެލޭ ވަރުގެ އަންހެން ކުއްޖެއް ނެތެވެ. ރަސްމިއްޔާތު ފަށައިގަތުމުގެ ގޮތުން ޒިޔަމް މައިކް ކައިރީގައި ހުރެ ވާހަކަ ދައްކަމުން ދިޔައިރު އަންހެން ކުދިންގެ ތައުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ. ކަންފަތް ބުޑުގައި ސިއްރު ސިއްރުން ވާހަކަ ދެކެވޭ ހިދު އެއްމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޒިޔަމް އެކުއްޖަކާއި ދިމާލަށް ބަލާލާނެ އިރަކަށެވެ. މަޑު އަޅި ކުލައިގެ ގަމީހަކާއި ގަދަ އަޅި ކުލައިގެ ޓައީއެއް މަތިން ޒިޔަމް ލައިގެން ހުރީ ކަޅު ކުލައިގެ ވެސްޓެކެވެ. ބޮލުގެ އިސްތަށިގަނޑު ރީތިކޮށް ހަދައިލައިފައިވާ އިރު ލޮލުގެ ތޫނު ނަޒަރުން އެއްމެންގެ ހިތް އޭނައާއި ދިމާލަށް ލަންބުވުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ. ވާހަކާއިގެ ފަށުވި ކަމާއި އަތުން ދައްކަމުންދާ އިޝާރާތުން ހަރުދަނާކަން ފެންނަމުން ދިޔައެވެ.
ރަސްމިއްޔާތު ނިމިގެން އޮތް ކުޑަ ސަޔާއި ގެޔާއި ހަމައަށް އައުމާއި ހަމައަށް ޝަމްހާ ހުރީ ޒިޔަމްގެ ފައިބުޑުގައި ވިއްދާލަފައެވެ.
ތިން މީހުންނަށް ގެޔަށް އާދެވުނު އިރު އުޑުމަތި ވަނީ ކަޅު ބޯ ވިލާތަކުން ފުރިފައެވެ. ހީވަނީ ދެއްމެ ދެއްމެ އަކު ވާރާގެ ތިކިތައް ބިންމައްޗާއި ހަމަޔަށް ފޯރާފާނެހެންނެވެ.
ޝަމްހާ ގެޔަށް އައިސް މަޑުނުވެ އެއްޗެހި ބަދަލުކޮށްގެން ދިޔައީ އައްޑޫގައި އުޅޭ އޭނާތެ ރައްޓެއްސަކާއި އެކީ ބޭރަށެވެ.
ޒީން ހެދުން ބަދަލުކޮށްގެން ނިކުތްއިރު ވާރޭގެ ކަނިތަކުން ފުރާޅު ގުގުމަމުން ދިޔައެވެ. ހުޅުވައިފައި ހުރި ދޮރުން މަޑު ފިނި ވައިރޯޅި ވަދެ ގައިގައި ޖެހިލުމާއި އެކު ވާރެއާއި ތެމިލާ ހިތް ހިތުގައި އުފެދިއްޖެއެވެ. އެބައިގައި ހުންނަ ބެލްކަނި ހުންނަނީ ހިޔާނުކޮށް ކަމުން ޒީން އެތަނަށް ނުކުތެވެ. އެޔާއިއެކު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވާރޭގެ ތިކިތަކުން ޒީން ތެމިފޯކޮށްލާއިފިއެވެ.
ޒިޔަމް ކޮޓަރީގައި އޮވެ ފޫހިވުމުން ބޭރަށް ނުކުތީ ޓީވީ ބެލުމުގެ ގަސްދުގައެވެ. ސިޓިންރޫމަށް ނުކުތުމާއި އެކު ހުޅުވާފައިވާ ބެލްކަނީގެ ދޮރުން ވާރޭގެ ކަނިތައް އެތެރެ ތެންމަނުން ދާތީ ދޮރު ލައްޕާލުމަށް އެދިމާލަށް ދިޔައެވެ. އެވަގުތު ލޮލުގައި އަޅައިގަތް މަންޒަރުން މީހާގެ ހަރަކާތް ހުއްޓިގެން ދިޔައެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި ދެއަތް ދެއަތް ކުރިމައްޗަށް ދިއްކޮށްލައިގެން އަތުގެ ތެރެއަށް ވާރޭގެ ތިކިތައް ޖަމާކުރަމުން ޒީން ދިޔައެވެ. ފެން ބޮޑެތި ތިކިތައް ޒީންގެ ހަށިގަނޑުގައި އެއްވެސް ރަހުމެތް ނެތި ޖެހެމުން ދާއިރު މަންޒަރު ބަލަން ޒިޔަމްއަށް ހުރެވުނީ އާޝޯހުވެފައެވެ. އަޅައިގެން ހުރި އާދައިގެ ބުރުގާ މޫނުގައި ތައްލަވާފައި ވާއިރު ވާރޭގެ ޝަބުނަމުން މޫނު ވިދަމުން ދިޔައެވެ.
އެމަންޒަރު ބަލަން ކިތައްމެ ގިނައިރަކުވެސް ޒިޔަމްއަށް ހުރެވުދާނެއެވެ، ނަމަވެސް ބެލްކަނީގައި ފެން ބޮޑުވެ ޒީން ކައްސަލައިގެން ދިޔައީ ޒިޔަމްގެ ހިތް ބޭރަށް ނުކުމެދާނެ ވަރުގެ ބިރުވެރިކަމެއް ގެނެސްދެމުންނެވެ. ހުޝިޔާރު ކަމާއި އެކީ ޒީން ބެލްކަނީގެ ރޭލުގައި ޖެހި ގޯނާއެއް ވުމުގެ ކުރިން އެ އަތުގެ ތެރެއަށް ގެނެސް ހިމާޔަތް ކޮށްދިނެވެ. ޒީންއަށް އެއްފަހަރާ ލިބިގެން ދިޔައީ ދެ ހައިރާންކަމެވެ. ނޭވާ ހިފަހައްޓައިލައިގެން ދެކަކޫ ޖަހައިގެން އިން ޒިޔަމްގެ އުގު ތެރޭގައި އޮވެވުނީ ދެލޯ ތަންމިނަށް ހުޅުވާލައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ އެކުޑަ ވަގުތު ކޮޅު ތެރޭގައި އެތައް އިހްސާސެއް ހިތުގައި ފޮރުވަމުން ދިޔައެވެ.
ޖެހެމުން ދިޔަ ވައިރޯޅީގެ ފޮނިކަމަށް ވުރެ މީރު ފޮނިކަމެއް ޒިޔަމްގެ ހިތަށް ވެރިކުރުވަމުން ދިޔައެވެ. ގައިން ދިޔައީ ހީބިހި ނަގަމުންނެވެ.
ގައިގައި ޖެހި ގޯނާ ކުރަމުން ދިޔަ ވާރޭގެ ތިކިތައް މަތިން ޒީން ހަނދާން ނެތުނު ކަހަލައެވެ. ޒިޔަމްގެ މޫނު ފިޔަވައި އެހެން ތަނެއް އެތާގައި ނެތްކަހަލައެވެ. ބެލެނީ އިހްތިޔާރުން ބޭރުގައެވެ. ފިނި ވަށައިގެން ހިފާލައިފާ ވާއިރު ޒިޔަމްގެ ހޫނު ނޭވާ މޫނަށް އެޅެމުން ދިޔައެވެ. ނަމަވެސް އެ ހުވެފެނީ ދުނެޔެއިން ޒީން ބޭރުވީ ހިއްސުތަކަށް ބާރު ފޯރުވަމުންނެވެ. އަވަސް އަރުވާލައިފައި ތެދުވެ ކޮޓަރިއާއި ދިމާލަށް ދުއްވައިގެތް އިރު އަރި އަޅާލާފައި ނުވެއްޓުނީ ކިރިއާއެވެ. ރަކިވެ ދެކޯތާފަތް ރަތްވެގެން ދިޔަ ޒީން ފެނި ޒިޔަމްގެ ހިތުގައި ހިނިތުވުމެއް ކުޅެލިއެވެ. ބޯ ވާރޭގެ ތެރޭގައި ހުރެ ދެއަތުގެ އިގިލިތައް ތެމިފައި ހުރި އިސްތަށިގަނޑުގެ ތެރެއަށް މަހާލިއެވެ. އަދި ހިތާހިތައި ވެހެމުން ދިޔަ ވާރެއަށް ޝުކުރު އަދާކުރެވުނެވެ.
ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު ޒީން ބޯ ދިއްކޮށްލީ ޒިޔަމް ފެންނަ ހިސާބެއްގައި ހުރިތޯއެވެ. ވާރެއާއި ތެމިގެން ކޮޓަރިއަށް އައިއިރު އެތާނގެ ފިނިކަން އެހާ ގަދައެވެ. ޝަމްހާ ދިޔައީ އޭސީގެ ފިނިކަން ސޯޅައަށް ތިރިކޮށްފައެވެ. ހޯދާ ހޯދާ ވަރުބަލިވި އިރުވެސް ރިމޯޓެއް ނުފެނުނެވެ. އޭސީގެ ސްވިޗް އޮފުކޮށްލަން އެހާ އިސްކޮޅެއްވެސް ނެތެވެ. ޝަމްހާ ދެކެ އައީ ރުޅިއެވެ. ފެންނަ ހިސާބުގައި ނެތްކަން ނަސީބެކެވެ. އޮޅިގެން ކަމެއް ކުރެވުމުން މިހާ ވަރުކޮށްލާކަށް ނުޖެހޭނެޔޭ ކިޔައި ކުދި ކިޔަމުން ރަޖާގަނޑުން ހިމާޔަތް ލިބޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ނޭފަތް ބެދި މީހާ ކިބިހި އެޅެން ފެށީ މަދު މިނިޓުކޮޅެއްގެ ތެރޭގައެވެ. އެވަރުންވެސް ބޭރަށް ދާން ހިޔާލު ނުކޮށް ހުރީ ޒިޔަމް ހުރެދާނެތީއެވެ.
ޒިޔަމް ފެންނަން ނެތުމުން މަޑު ފިޔަވަޅު ތަކެއްގައި ގޮސް ސޯފާގައި އިށީދެ ޓީވީއިން ދައްކަމުން ދިޔަ ޕުރޮގުރާމެއް ބަލަން ފެށިއެވެ. ދެއަށް މޫނާއި ކައިރިކޮށްގެން ދޫކޮށްލާ ހޫނު ނޭވާއިން ސަލާމަތްވެވޭތޯ އުޅުނެވެ. ފަންކާ ކަޑާފައި ހުއްޓަސް ކިބިހި އެޅުމަކަށް އެއްވެސް ބަދަލެއް އައިހެން ހީނުވެއެވެ.
ޒިޔަމް ފެންވަރައިގެން ނިކުތް އިރު ގައި އެއްކޮށްހެން ރަޖާގަނޑަކުން ފޮރުވައިގެން އިން ޒީން ފެނި ހިނިއަންނަ ގޮތްވިއެވެ. ހާދަ އަވަހަށް ފިނިވާ ކުއްޖެއްބާއޭ ހިތަށް އެރިއެވެ. ޒިޔަމް މަޑު ހިނގުމެއްގައި ގޮސް ސޯފާގެ އަނެއް ކޮޅުގައި އިށީނެވެ. ފިނި ބޮޑުވެ ތުރުތުރު އަޅަމުންދާ ޒީންއަށް ޒިޔަމް އެތާނގައި އިންކަމެއް ނޭގުނެވެ.
ޒިޔަމްއަށް ޒީންގެ ކިބިހި އެޅުމާއި ކެއްސުމުގެ އަޑު އިވުމުން މޫނުމަތީގައި ވި ހިނިތުންވުން ފަޑުވެގެން ދިޔައެވެ. އަވަހަށް ބަދިގެއަށް ވަދެ ހޫނު ސޫޕު ތައްޓެއް ތައްޔާރުކޮށްލުމަށް އުޅުނުވެ.
“ޒީން މި ބޯލަންވީނު. އޭރުން ފިނި މަޑުވާނެއެއްނު” ސޫޕްތަށި ދިއްކޮށްލުމާއި އެކު ޒީންއަށް ބަލާލެވުނީ ޒިޔަމްއަށެވެ. ތަށިން އަރަމުން ދިޔަ މީރު ވަހާއި އޭގެން އަރާ އަވީގެ ސަބަބުން ދެކޮޅު ހަދާކަށް ނުކެރުނެވެ.
ޒީން ސޫޕު ބޮމުން ދިޔައިރު ޒީންގެ ހަރަކާތްތައް ބަލަން ޒިޔަމް ކުރިމަތީގައި ހުރި މޭޒުގައި އިށީނެވެ. ފަހަރަކަށް ފަހު ފަހަރެއް ޒީންގެ ހަރަކާތް ލަސްވަމުން ދާހެން ހީވުމުން ޒީންގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. އަތަށް ވެރިވެގެން ދިޔަ ހޫނުގެ ގަދަކަމުން ޒިޔަމްގެ ހީކުރުން ރަގަޅުތޯ ބެލުމަށް އަނެއް އަތުންވެސް ބަލާލިއެވެ. ޒީން ވަރަށް ގަދައަށް ހުންއައިސްފައިކަން އެގުމުން ސޫޕުތަށި ނަގައި މޭޒުމަތީގައި ބެހެއްޓުމަށްފަހު ބޭސް ބަލައި ޒިޔަމް ކޮޓަރިއަށް ދިޔައެވެ.
ބޭސް ކައިލައިގެން ގައިގެ ވަރުދޫ ވާތީ ޒީން އޮށޯންނަން ތިރިވެލިއެވެ. އެވަގުތު ޒިޔަމް އިނީ ޒީން ކައިރީގައި ކަމުން ޒީންގެ ބޯ ބޭއްވުނީ ޒިޔަމްގެ އުގުމަތީގައެވެ. ޒީންގެ ބޯ އަބުރައި ގަތުމުން މިއިން އެއްވެސް ކަމަކަށް އަޅާލާނެ ހިތްވަރެއް އެގަޔަކު ނެތެވެ.
ދެއްމެ ފިނިވެގެން އުޅުނު ޒީންގެ މޫނުމަތިން ކުދި އޮއްދާތައް ފާޅުވެވޭ ހުއްޓެވެ. ދޭތެރެއަކުން ކަރަންޓު ޖައްސާލާހެން ރޫރޫ އަޅަމުންވެސް ދިޔައެވެ.
ޒީންގެ ހާލު ފެނި ޒިޔަމްއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ޒީން ވާރެއާއި ތެމެން ދޫކޮށްލައިގެން ހުރީ އަމިއްލަ ހިތަށް ލިބެމުން ދިޔަ އުފަލަކަށްޓަކައެވެ. އެވާރޭގެ ޝިކާރައަކަށް ޒީން ވާނެކަން ކުރިން އެގުނު ނަމަ އެއްމެ ސިކުންތަކަށްވެސް ޒިޔަމް ޒީން އެތާނގައި ނުބެހެއްޓީހެވެ.
މުޅި ރޭ ޒިޔަމް ހޭދަކުރީ ޒީންގެ ހިދުމަތުގައެވެ. ނުނިދާ އިންނަން ޖެހުމުން އެއްވެސް ޝަކުވާގެ މިންވަރެއްވެސް ނެތެވެ. ޖީބުގައި އޮތް ރުމާ ތެއްމާލުމަށްފަހު ޒީން ގެ ނިތްކުރީގައި އަޅަމުން ދިޔައީ ހުން ތިރިކުރެވޭތޯއެވެ. ރޯގާ ޖެހިފައިވާލެއް ބޮޑުކަމުން ޒީންއަށް ނޭވާ ލެވެމުން ދިޔައީ އަގައިންނެވެ. އެވެސް ވަރަށް ވަރުންނެވެ. ދޭތެރެއަކުން ކެއްސާލާ އިރު އޭގެ ތަދު އެއްމެ ބޮޑަށް ކުރަމުން ދިޔައީ ޒިޔަމްއަށެވެ. ނިދިފައި އޮތް ޒީންގެ ލޮލުން ދޭތެރެއަކުން ފައިބާ ކަރުނަތައް އަތުން ފުހެލަމުން ދިޔައީ އޯގާތެރިކަމާއި އެކީގައެވެ.
ޒީންއަށް ހޭލެވުނު އިރު ހެދުނު އަށެއް ޖަހައި ބޮޑުވަނީއެވެ. ގަޑިން ވީ އިރެއް އެގުމުން ފުންމައިގެން ތެދުވީ ފަތިސް ނަމާދުގެ ވަގުތު ފާއިތުވެއްޖެކަން އެގުމުންނެވެ. އަނެއްކޮޅުން މާލެ ފުރަން ގަޑިވެސް ޖެހެނީއެވެ. ތެދުވިލެއް އަވަސް ކަމުން ޒީންގެ ބޮލަށް ކުޑަ އެބުރުމެއް އަރައިގެން ނުވެއްޓުނީ ކިރިއާއެވެ. ރޭގައި ހިގައިދިޔަ ކަންތައް ސިކުޑީގައި ނެތް ހާލު ޒީން ބޯ ހަމަޖައްސައި އަވަހަށް ނަމާދަށް އެރޭތޯ އުޅުނެވެ.
ނަމާދަށް ސަލާމް ދިނުމާއި އެކީ ޒީންއާއި ކުރިމަތިވީ ޝަމްހާގެ ރުޅިވެރިކަމެވެ. ދެލޯ އަނގުރު އަލިފާނަށް ވުރެ ބިރުވެރިއެވެ. ޒީން ކުޑަކޮށް ޖެހިލުން ވިޔަސް ޝަމްހާ ކުރިމަތީގައި އިތުރަށް ބަލިކަށިވެގެން އުޅޭކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އެތަން ފެނުނަސް އަޅައިނުލައި އަވަހަށް ތައްޔާރު ވެވެތޯ އުޅުނެވެ.
ޒީން ޑުރެސިން ޓޭބަލް ކައިރީގައި އިދެ ޝޯލް އަޅައި ނިއްމާލިތަނާ ޝަމްހާ ފަހަތުން އައިސް ޒީންގެ ބޮލުގައި ހިފައި ދަމައިގަތެވެ. ވީ ތަދާއި އެކު ޒީންއަށް އާހް އޭ ކިޔައި ބާރަށް ގޮވައި ގަނެވުނެވެ.
“މާ ބަލިކަމަށް ހެދިގެން ޒިޔަމްގެ ހިތް ކަލެއަށް ލެންބުވޭތޯ އެބަ އުޅެއެއްނު . ހަނދާން ކުރާތި ޒިޔަމްއާއި އެއްމެ ނޭވާއެއް ކައިރިއަށް ޖެހިލިއަސް އަހަރެންގެ ނުލަފާކަން ދައްކާލާނަން. ޒިޔަމްއަށް ހައްގެއް ނޫން ކަލޭ ކަހަލަ ކަޓު މީހުންނެއް. އަޑު އިވިއްޖެތަ” ފަހު ޖުމްލައާއި އެކު ޝަމްހާ ކުރިން ހިފައިގެން ހުރި ވަރަށް ވުރެ ބޮޑަށް ޒީންގެ ޝޯލްގައި ހިފައި ދަމައިގަތެވެ. ރުޅިން ފޯވެފައިވާ ޝަމްހާގެ ދެލޯ ފެނި ޒީން ގާތަށްވެސް އައީ ރުޅިއެވެ. ޒީން ކުއްލިއަކަށް ޝަމްހާގެ އަތް ފޮޅުވާލުމަށްފަހު ދުރަށް ޖެހިގަތެވެ.
“ޗީޑި އެވަރު މީހެއް ނެތިގެންތަ މިއުޅެނީ.. ތިހާ ބޭނުން ވަންޏާ މީހުންނަށް އަނިޔާނުކޮށް ގޮސް ބުނެބަލަ. ނިކަން ކެރޭ މީހެއްނު ތީ” ޒީން ކޮށްލީ ހޫނު ސަމާސާއެކެވެ. އަދި ގޮސް ފޮއްޓަށް އެއްޗެހި އަޅަން ފެށިއެވެ.
“ކޮން ޗީޑިއެއް. ރޭ ހަތަރުދަމު އެއުގު ތެރޭގަ އޮވެފަވެސް ޗީޑިއޭތަ ތިކިޔަނީ” ޝަމްހާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.
“ޝަމްހާ…”ޒީންއަށް ގޮވާލެވުނީ ހަރުކަށި ކޮށެވެ. “މަށޭ ކިޔައިގެން ކޮންމެ އެއްޗެއް ކިޔަސް ތިހެން ނުކިޔާތި” ޝަހާދަތް އިގިލި ޝަމްހާއާއި ދިމާލަށް ދިއްކުރަމުން ޒީން އެހެން ބުނެލި ވަގުތު ހިތުގައި ރުޅިވެރިކަމުގެ ރާޅު ބާންޏެއް އުފެދުނުވެ. “އަހަރެން ތިހާ ދަރަޖައަކަށް ނުދާނެ” އެފަދަ ތުހުމަތެއް އެޅުވުމުން ކޮންމެ މީހަކަށްވެސް އިހްސާސް ކުރެވޭނެ ރުޅި ޒީން ހުރީ އައިސްފައެވެ.
“އައްދޭ… ތިކަމެއް ނޭނގެ ޒިޔަމްގެ އުގުތެރޭގަ ނިދާފަ އޮތް އިރު. ރޭގަ އަހަންނަށް ގެޔަށް އާދެވުނު އިރު ބޮޑު ރަޖާގަނޑު އަޅައިގެން އޮތީ އަރާމުގެ ނިދާފައެއްނު. ޒިޔަމް އިން ތި ނިއްކުރި މަތީ ފެންފޮތި އަޅާލަ އަޅާލަ. މަށަކަށް ހިޔެއް ނުވޭ އޭނަ ރޭގަ ނިދިހެން ވެސް. އެކްޓު ޖެއްސިއަސް ތީދެން ބޮޑުވަރު” ޝަމްހާ އެހެން ބުނެލުމަށްފަހު ނިކުމެގެން ދިޔައީ ޒީންގެ ބަސް ހުއްޓުވާފައެވެ. ޒީންއަށް ދެވަނަ ފަހަރަށް ވިސްނާލަން ޖެހުނެވެ. ރޭގައި ހިގާ ދިޔަ ކަންތަކާއި މެދުގައެވެ.
“އައިޝަތު ޒައިނާ ޝާހިދު ބީ މައި ލަވް” ސާއިމް ބެންޗުން ތެދުވެގެން ގޮސް ޒައިނާ ކުރިމަތީ ކުޑަ ކަކޫ ޖަހައި އިށީނެވެ. އަދި ޒައިނާގެ އުގުމަތީގައި އޮތް އަތުގައި ހިފައި މޫނާއި ކައިރިކުރަމުން ބޮސްދިނެވެ. ޒައިނާއަށް އަދިވެސް ހުއްޓުމެއް ނެތި ބެލެމުން ދިޔައީ ސާއިމްއަށެވެ. އެތައް ހިޔާލްތަކެއް ސިކުޑީގައި ދައުރުވަމުން ދިޔައެވެ.
“ޒައީ… އަހަންނަށް އެނގޭ އަދި އަވަސްކަން ޒައި ރިލޭޝަންޝިޕަކަށް ދާން. އެކަމަކު ޒައީ.. އަހަންނަށް ކެތް ނުކުރެވުނީ. ވަރަށް ބޭނުންވި މަޑުކުރަން. ޒައި ކުޑަ ވަގުތުކޮޅެއް ދޭން…”ސާއިމްއަށް އެހިސާބަށް ބުނެވުނު ތަނާ ޒައިނާ ސާއިމްގެ އަތުގައި ހިފައި ބާރުކޮށްލިއެވެ. މާފަށް ނޭދޭށޭ ބުނާ ފަދައަކުންނެވެ.
“އައި ލަވް ޔޫ ޒައި.. ވީކެއް ދެންތަ ވިސްނާލަން” ޒައިނާގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއް ނުފެނުމުން ސާއިމްގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ފެތުރިގެންދިޔައެވެ.
އިސްޖަހާލުމަށްފަހު ޒައިނާ ބޯޖަހާލިއެވެ. އެޔާއިއެކު ސާއިމްގެ ނުތަނަވަސް ވެފައި ވާ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. ސާއިމް ތެދުވެގެން ގޮސް ޒައިނާ ކައިރީގައި އިށީނެވެ. ކުރިއަށް ވުރެ ކައިރިންނެވެ. ކޮނޑާއި ކޮނޑު ޖެހޭ ހިސާބުގައެވެ. ސާއިމް ޒައިނާގެ ދަތްދޮޅީގައި ހިފައި ނިތްކުރިއަށް ބޮސްދިނީ ލޮބުވެތި ކަމާއި އެކީގައެވެ. ހިތާއި މޭ ފިނިވެފައި ވާ ހާލުގައެވެ.
ސާއިމްގެ މޭތެރޭގައި މޫނު ފޮރުވައިގެން އިދެފައި ޒައިނާ އިސްއުފުލައި ސާއިމްގެ މޫނަށް ބަލައިލިއެވެ. ސާއިމްގެ ލޮލުންވެސް ޒައިނާއަށް ފެންނަމުން ދިޔައީ ޖާދޫއެކެވެ. ހުސްނުވާ އަޖައިބުތަކެވެ. ފިނިރޭގައި ޖެހޭ މަޑު ވައިރޯޅިއަށް ވުރެ ސާއިމްގެ ހޫނު ނޭވާ އިން މޫނަށް އެޅެމުންދާ ހޫނުކަމުން އެހިތަށް ލިއްބައިދޭ އަރާމު ބޮޑެވެ. ހިއްސުތަކުގައި އިހްސާސްތައް އުތުރި އަރައިގެން ދިޔައެވެ. ނަމަވެސް އެހިއްސުތައް އޭގެ އިމުން ނެއްޓުމުގެ ކުރިން ޒައިނާ ތެދުވެގެން ދާން އުޅުނެވެ. އަދި ދިޔުމުގެ ކުރިން ސާއިމްއަށް ލަދުވެތި ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
މައުނަވީ ހިނިތުންވުމެއް މޫނުމަތީގައި ވި ސާއިމްގެ ލޮލަށް ނިދި ނާންނަ ރެއަކީ ކަންނޭނގެއެވެ. އެކަނި އޮވެ ހީލަފާނެއެވެ. އެއް ގޮތަކަށް މިނިޓެއް ވަންދެން ނޯވެވޭނެއެވެ. ލޯބީގައި ދީވާނާ ވެފައިވާ މީހެއްގެ ފުށުން ފެންނަ އެއްމެހާ ކަންތައްތައް ފެންނަމުން ދިޔައެވެ. ޒައިނާގެ ހިޔާލުތަކުގެ ދުނިޔޭގައެވެ. ޒުވާން ލޭ އެހިގާ ހަށިގަނޑުގައި ލޯބީގެ ސާލެއް ލެވިއްޖެ ކަހަލައެވެ. ލަދުގެ ފަރުދާ ކެހި ހިތް ހުޅުވާލެވިއްޖެއެވެ.
ޒައިނާގެ ޖަވާބެއްގެ އިންތިޒާރުގައި ސާއިމް ހުންނަތާ މިއަދަށް މީ ދެވަނަ ދުވަހެވެ. ކެތްކޮށްލައިގެން ހުރީ ޒައިނާއަށް ވިސްނާލުމަށް ފުރުސަތު ދީގެންނެވެ. ކޮންސަލްޓޭޝަމް ރޫމުގައި އިދެފައި ސާއިމް ބޯން އިން ކޮފީތަށިން ފޮދެއް ގަމީހުގައި ޖެހުމުން ސާއިމް ސައި ކޮޓަރިއަށް ދިޔައެވެ. ފާހަނަ ހުންނަނީ ތަންކޮޅެއް ދުރުގައި ކަމާއި އެވަގުތު އެތާގައި އެހެން މީހެއް ނެތުމުންނެވެ.
ސިންކު ކައިރީގައި ހުރެ ސާއިމް ގައި ދޮންނަމުން ދިޔައެވެ. ކޮފީ ވެރުނީ ކޮނޑާއި ހިސާބެއްގައި ހުރި ތަނަކަށް ވުމުން އެތަން ނުފެންނާތީ އުދަގޫ ވިއެވެ. އެވަގުތު އެތަނަށް ޒައިނާ އައެވެ. ސާއިމް އެތާގައި ހުރިކަން އެގުމުން ދާން އުޅުނަސް ސާއިމް ގޮވާލުމުން މަޑު ކުރީއެވެ.
“އާދެބަލަ މިތަނަށް. ކޮފީ ވެރިގެން މިއުޅެނީ” ސާއިމް އެދުމުން ޒައިނާ އެދިމާލަށް ދިޔައެވެ. ނަމަވެސް އެގުތު ސާއިމް ކޮށްލި ކަމަކުން މީހާ ލަދުން ވިރިގެން ނުފޭބީ ކިރިއާއެވެ. ސާއިމް ގޮށްތައް ނައްޓާލުމަށް ފަހު ގަމީސް ބޭލީ ފަރިތަކަމާއި އެކީގައެވެ.
“ކަމް އޯން. ތިހާ ލަދު ގަންނަ އެއްޗެއް ނޫނޭ މީ” ސާއިމް މަޑު މަޑުން ޒައިނާގެ ކަންފަތް ބުޑުގައި ބުނެލިއެވެ. ޒައިނާ ސާއިމްއަށް ނުބަލައި އިސްޖަހައިގެން ހުރެ ގަމީސް އަތުލައި ލައް ފިލުވާލުމަށް އަވަސްވެގަތެވެ. ސާއިމް ކައިރީގައި ލެގިލައިގެން ބަލަހައްޓައިގެން ހުރުމުން ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.
“އަން އަވަހަށް ލައިގެން ދޭ” ފަސް އެބުރި ބަލާލުމެއް ނެތި ޒައިނާ ގަމީސް ދިއްކޮށްލިއެވެ.
“ބިރުގަންނަނީތަ.. ޖެލަސްވަނީތަ އެހެން މީހަކަށް ފެނިދާނެތީ. ޑޯންޓު ވޮރީ ޒައި އަށް އެކަނި ދައްކަން ބޭނުމީ. ޖަސްޓު ސޭ ޔެސް. އޭރުން…” އަނެއްކާވެސް ސާއިމް ވާހަކަ ދެއްކީ ޒައިނާގެ ކަންފަތް ބުޑުގައެވެ. ގަތް ލަދާއި އެކު ޒައިނާއަށް ތުންފަތުގައި ދަތް އަޅައިގަނެވުނެވެ. ސާއިމް ދަންދެން ޒައިނާ ހުރީ ފަސް އެބުރި ބަލާލަން ނުކެރިފައެވެ.
ދަތުރު އައިފަހުން ޒީންއަށް އައިސްފައިވާ ބަދަލު އެއްމެ ރަގަޅަށް ފާހަގަ ކުރެވޭ އެކަކީ ޔުމްނު އެވެ. ދަތުރު ދާން ތައްޔާރު ވީ އިރުވެސް ދާން ޖެހޭތީ އެތައް ޝަކުވާތަކެއް ކުރިއެވެ. ނަމަވެސް ދަތުރު ނިއްމާލުމަށްފަހު މާލެ އައިސް މިހޭދަ ވި ދެ ދުވަސް ތެރޭގައި ޒީން އަބަދުހެން ހަމަޖެހިފައި ހުންނަތަން ފެނެއެވެ. ދަތުރު ދިޔުމުގެ ކުރިން ހިގި އެކްސިޑެންޓާއި އެހެން ހުރިހާ ކަމެއްގެ ސަބަބުން މިލާފައިވާ މޫނުމަތީގައި އުޖާލާކަމެއް ވިއެވެ.
“ދަތުރު ގޮސް މޮޔަވެގެން ދޯ ތިއައީ” ބާލީސް ގަޔާލައި ބޮނޑިކޮށްގެން އޮތް ޒީން ޔުމްނު ބުނި ބަސްތަކުން ލޯ އަޅާލިއެވެ.
“އެކަމެއް ނޭގެ އެކަނި އޮވެ ތިހެނީ. މަ ފުރާޅަށްވެސް އެތައް ފަހަރަކު ބަލައިފިން ނުފެންނަ އެއްޗެއް ޒީންއަށް ފެންނީ ބާއޭ ހިތަށް އަރައި. ޔުމް ކައިރީވެސް ބުނެލައިގެން އުޅެބަލަ” ޔުމްނު އައިސް ޒީން ކައިރީގައި އޮށޯތެވެ.
“ކަމެއް ނުވޭ ހަމަ އުފާވަނީ” ސީލިންގުއަށް ބަލަހައްޓައިގެން އޮވެ ޒީން ވާހަކަ ދެއްކިއެވެ.
“ޔާ ރައްބީ.. ޖިންނިއެއް އަވަލީ ކަންނޭނގެ ދޯ އައްޑޫއިން” ޔުމްނު ޒީންއާއި ދިމާކޮށްލިއެވެ.
“އެހެނަކުން ނޫން. ޖިންނިއެއް އަވަނުލިއަސް އުފާ ވެދާނު. ޒީންއަކަށް ނޭގެ މިއުފާވަނީ ކީއްވެ ކަމެއްވެސް” ތެދެކެވެ. ޒީންއަކަށް ނޭނގެއެވެ. މި ކުރެވުނީ އާދައިގެ ދަތުރެއް ނޫނެވެ. މި ދަތުރުގައި ޒިޔަމް ރުޅިއަންނަ ކަންތައްވެސް ކުރެވުނެވެ. އަދި… ޒީންގެ ވިސްނުން އެ ހިސާބަށް ގެންދަން ބޭނުމެއް ނުވިއެވެ. ހިތް ބިރުގަންނަނީ ކަންނޭގެއެވެ.
“އޭރުވެސް ސާއިމް ބުންޏެއްނު ޑރ.ޒިޔަމްއަކީ މޮޅު މީހެކޭ. ދާންވެއްޖެ ޒިޔަމް ކީއްކޮށްގެން ތޯ ޒީން ތިހާ ކޮށްދެނީ ބަލަން” ޔުމްނުގެ ފަހު ޖުމްލައާއި އެކު ޒީންގެ ހިތް ތޮޅިގަތެވެ. ހާސްވިޔަސް އެކަން ފޮރުވާލަން ޒީން ކުޅަދާނައެވެ.
“ތިކަމެއް ނޫނޭ.. ހިގާބަލަ މިރޭ ކަމެއް ކުރަން” ޒީން ބޭނުންވީ ވާހަކަ އޮޅުވާލާށެވެ. ޔުމްނުގެ ވާހަކައިގެ މިސްރާބު ހުރި ދިމާ ކަމުނުދިޔުމުންނެވެ.
ޒީން އޮފީހަށް ނުކުންނަން ފެށީ ދަތުރުން އައިސް ދެދުވަސް ގޭގައި މަޑުކުރުމަށްފަހުގައެވެ. ޝަމްހާއަށްވެސް އެއޮފީހުގެ އެހެން މަގާމެއް ޝާހިދު ހަމަޖައްސައި ދިނެވެ. ޝަމްހާގެ ނަން އިވުނަސް މިހާރު ޒީން އަންނަނީ އަމަކަށު ރުޅިއެއް ނޫނެވެ. ނަމަވެސް ހިތު ތެރޭގައި އެކަން ފޮރުވައިގެން އުޅެނީ އޭނާއަށް ކުރެވޭނެ މާ ބޮޑުކަމެއް ނެތުމުންވެ.
މިއަދު ޒިޔަމްގެ އެޕޮއިންޓުމެންޓެއް ހަމަޖެހިފައި އޮތުމުން ނުދާން އުޅެފަވެސް ޒީން ހިތްވަރުކޮށްލާފައި އޮފީހަށް ދިޔުމުގެ ކުރިން ޒިޔަމްގެ ކޮޓަރިއަށް ދިޔައެވެ. ޒިޔަމް ފެނުމާއި އެކު ޒީންގެ ހިތްތޮޅިގަތެވެ. އިއްޔެ ޒީންގެ ބަހުގެ ހޫނު ހަމަލާތަކުން ޒިޔަމްގެ ފަރާތުން ބަދަލު ހިފަން އުޅުނަސް މިއަދު ޒީންގެ ހާލަތު މިވަނީ ބަދަލުވެފައެވެ. ޒިޔަމް ފެނުމާއި އެކު އެހިތް ނާޒުކު މަގާމަކަށް ދާގޮތް ވަނީ ކީއްވެ ކަމެއް ހުދު ޒީންއަކަށް ވެސް ނޭނގެއެވެ. ޒީން ގަދަކަމުން ހިނިތުންވެލަމުން ގޮސް އޭނާއަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ.
އިސްޖަހައިލައިގެން އިދެ ވިސްނެމުން ދިޔައީ ޝަމްހާ ދެއްކި ވާހަކަތަކާއި މެދުގައެވެ. އެރޭ ހިގި ކަންތައް ވަގުތު ފާއިތުވި ވަރަކަށް ޒީންގެ ހަދާނަށް އަންނަމުން ދިޔައެވެ. އެއީ ހުވަފެނެއް ކަމަށް ހަދައި އެއް ފަރާތްކޮށްލެވެން ނެތީ ޒިޔަމް އެއިނީ އޭނާ ކުރިމަތީގައި ކަމުންނެވެ. ޒީންއަށް ވުރެ އެރޭގެ ކަންތައް ހަދާން ހުންނާނީ ޒިޔަމްއެވެ. ޒީން ހެދުނު ތެދުވި އިރު ނިތްކުރީގައި އަޅާފައިވާ އޮތް ރުމާ ޒީންވެސް ދުއްޓެވެ. އެއީ ކުރިން ދުވަހު ކަރުނަތައް ފުހެލުމަށް ޒިޔަމް ދިން ވައްތަރުގެ ރުމާލެކެވެ. ތަފާތަކީ ހަމައެކަނި ކުލައެވެ.
“ޒީން ކިހިނެތް.. މިހާރު އެއަޑުތައް އިވޭތަ” ޒިޔަމް ސުވާލުކޮށްލުމުން ޒީން އަށް ބަލާލެވުނެވެ. ހިޔާލްތަކަށް ގެބިފައި ހުރުމުން ޒީންއަށް ޒިޔަމްގެ އަޑު އިވޭ ގޮތް ވީ ދެތިން ފަހަރެއްގެ މަތިން ގޮވާލުމުންނެވެ.
ޒީން ބޯ ޖަހާލުމަށްފަހު އިސްދަށަށް ޖެހިއެވެ.
“ކީއްވެ އިވޭ އަޑުތަކެއް އެއީ” ޒީން ވާހަކަ ދެއްކީ ކިރިއާ އިވޭ ވަރަށެވެ. މިއީ ޒީން އެއްމެ ޖަވާބު ލިބެންވާ ސުވާލެވެ.
“ޒީން.. ޒީން ބުނީމެއްނު ޒީންއަށް ހީވެޔޭ މަންމަ ހުންނާނީ ޒީން ދެކެ ރުޅި އައިސްފައޭ..މަންމަ ނިޔާވި އިރުވެސް. އެއީ އަސްލު ކުށް ހީއެއް. ޒީން މަންމައަށް އެވާހަކަ ކިޔާ ނުދެންޏާ މަންމަ ކީއްކުރަން ޒީންދެކެ ރުޅިއަންނަންވީ.. މޭބީ އެރޭ ނޫނީ އެދުވަސްކޮޅު ކޮންމެވެސް އެހެން ކަމަކާއި އައިސްފައި ހުރުމުން ޒީންއަށް އެކަމުގެ ރެސްޕޮންސިބިލިޓީ ނެގުނީ. މި އަޑުތައް އާއްމުކޮށް އިވޭނީ މާޒީގެ ކަމަކާއި ގުޅުވައިގެން. ޒީން މީ ހިޔާލު ތަކެއް ނޫން. މީ ހަމަ އަޑުތަކެއް.”
“ދެން ކީއްވެ އަޑުތައް އިވެންވީ” ޒިޔަމް ބުނަން އުޅޭ އެއްޗެއް ފަހުމް ވާގޮތް ނުވުމުން ޒީން އަހައިލީ ކެތްމަދުވެފައެވެ.
“އެއީ ވާގޮތަކީ ގޯސް ހަނދާންތަކެއްގެ ސަބަބުން ޒީންގެ ސިކުޑީގައި ހައިޖާންގަނޑެއް އުފެދެނީ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އެއަޑުތައް އިވެނީ.. ކޮން އިރަކު އެއްމެ ފަހުން އެއަޑު އިވުނީ” ޒިޔަމް އަހާލިއެވެ.
“އައްޑޫގަ ވާރެއާ ތެމެން” ޒީންއަށް ބުނެވުނީ އެހާ ވަރަށެވެ. އިސްޖަހައިލައި ދެލޯ ތަގުޑިކޮށްލެވުނީ ދެއްމެ ހުޅުވެން އުޅުނު ހަދާނުގެ ދޮރުންނެވެ.
އެހާ ހިސާބުން ދެމީހުންގެ މެދުގައި ހަމަހިމޭންކަމުގެ ސާލެއް ލެވުނެވެ.
“ދަނީ” ޒީންއަށް ކެތްނުކުރެވިގެން ދާން ހިގައިގަތެވެ. ހިތާއި މެއި ފިނިވެފައިވާ ހާލުގައެވެ. އިހްތިޔާރާއި ނުލައި ޒިޔަމްއާއި ދޭތެރޭ އުފެދެމުން ދިޔަ އިހްސާސްތަކަށް ދޭނެ ނަމެއް ޒީން އަތަކު ނެތެވެ. އިއްޔެ މިކޮޓަރިން ނިކުތް އިރު އަތްފައި ފިނިވެފައި ވަނީ އެހެން ސަބަބަކަށެވެ. އެކަމަކު މިހާ އަވަހަށް އޭގެ މިސްރާބު ބަދަލުވީ ހެވެ.
ޒީން ކޮޓަރިން ނުކުމެގެން ދިޔައީ ޒިޔަމް ގޮވަގޮވައި ހުއްޓައެވެ.އެވަގުތު ގަދަކަމުން ނަމަވެސް ހިތަށް ގެންނަމުން ދިޔައީ މާޒީގެ ހިތި ހަނދާންތަކެވެ. ޒިޔަމްގެ އަނިޔާވެރިކަމެވެ. އެސަބަބަށްޓަކއި މިފަދަ އިހްސާސެއް ކުރުމަކީ ކުށެއްކަން ސިކުޑި ހިތަށް ވިސްނައި ދެމުންދިޔައެވެ.
އޮފީހަށް ދިޔުމަށްފަހުވެސް ޒީން އުޅުނީ އެފަދަ ހާލެއްގައެވެ. އެގޮތް ނޭނގޭ އިހްސާސްގެ މައްޗަށް ރުޅިވެރިކަން އިސްކުރިއެވެ. މިއަދު ކޮންމެ ގޮތަކުން ވިޔަސް ޒިޔަމް ރުޅި އަރުވާލާފައި ނޫނީ އެހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
މެންދުރުން އަބުރާ ބާރަ ޖެހިތަނާ ޝަމްހާ އެކެބިންއަށް ވަދެގެން އައެވެ. ޒީން ހީކުރި ގޮތާއި ހިލާފަށް ޝަމްހާގެ މިސްރާބު ހުރީ އޭނައާއި ދިމާލަށެވެ.
“ޒީން ހިގާބަ ބޭރަށް. މިތާ ކައިރީ އާ ރެސްޓޯރެންޓެއް ހުޅުވައިގެން އެބަ އުޅެއެއްނު. ޝަމްގެ ފުރެންޑުސް ބުނި އެތާގެ އެއްޗިސް ވަރަށް މީރޭ. ވަރަށް ބަޑުހައިވެގެން މިއުޅެނީ.. އެކަނި ކާން ދާކަށް ނުވާނު އެހެންވީމަ ހިތަސް އެރީ ޒީން ގޮވައިގެންނޭ ދާން ޖެހޭނީ”އިއްޔެ ރުޅި އައިސްގެން ވާހަކަ ދެއްކި ޝަމްހާގެ މިޒާޖު އެހާ އަވަހަށް ބަދަލުވެފައި ވާތަން ފެނުމުން ޒީން ދިޔައީ ހައިރާންވެގެންނެވެ. އެއްޗެކޭ ނުބުނެ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރީ ކަންފަތުގައި މިޖެހެނީ ތެދު އަޑުތޯ ޔަގީންކޮށްލުމަށެވެ.
“ޒިޔަމް އޯކޭ ދޯ ކުޑަ ވަގުތުކޮޅަކަށް ޒީން ބޮރޯކޮށްލިއަސް.. ތިހާ ބުރަކޮށް ނޫޅެ ހިގާބަ އެންޖޯއީކޮށްލަން” ޝަމްހާ ޒީންގެ އަތުގައި ހިފަމުން އާދޭހުގެ ރާގަކަށް ބުނެލިއެވެ. ޒީންއަށް ބަލާލެވުނީ ޒިޔަމްއަށެވެ. އޭރު ޒިޔަމްވެސް ހުރީ އެދިމާ ބަލަހައްޓައިގެންނެވެ.
“ހިނގާ” ޕީސީ ނިއްވާލުމަށްފަހު ޒީން ދާން ތެދުވިއެވެ. ޒީން އެދަނީ ޒިޔަމް ވަރަށް އާޖެންޓުކޮށް މިއަދަށް ނިއްމަން ދިން މަސައްކަތް ބަހައްޓާފައެވެ.
“ކިހިނެތް ވެގެން މާ ހެޔޮ އެދިގެން ތިއުޅެނީ. ޒިޔަމް ކުރިމަތީ އަހަރެން އިންނާތީ އުދަގޫ ވަނީތަ” މަގަށް ނުކުތުމާއި އެކު ޒީން ރުންކުރު ގޮތަކަށް އަހާލިއެވެ. ޒީން ކޮންމެހެން ބޭރަށް ނުކުތީ ޝަމްހާއާއި އެކު ކާން ދާކަށް ނޫނެވެ. ބޭނުންވީ ޒިޔަމް އަށް ޖެއްސުމެއްކޮށް ރުޅިއަރުވާލުމެވެ.
“ސާބަސް ކަލެއަށް. އެހެން ކަންތައް ކުރެވުނީމަ މާފަށް އެދެން މިއައީ.. ޕިސް ޕިސް..” ޝަމްހާގެ މޫނުމަތީގައި ވި ކުލަވަރުވެސް ބަދަލުވެގެންދިޔައެވެ.
ޒީން އެޔަށް އެކައްޗެކޭވެސް ނުބުނެ ދާން ހިގައިގަތެވެ. ދެތިން ފިޔަވަޅު އެޅުނުތަނާ ޝަމްހާ އައިސް ޒީންގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ވަދާއީ ސަލާން ކުރަން ތައްޔާރުވޭ” ޝަމްހާ އައިސްފައިވާ ރުޅީގެ ހޫނުން ޒީން ފިހެލަން ބޭނުންވިއެވެ. ނަމަވެސް ޒީން ހުރީ އެޔަށް އަޅާލެވޭ ވަރަށްވުރެ މާބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ކަމުން ޝަމްހާގެ އަތް ފޮޅާލުމަށްފަހު ދިޔައީ ރައްދެއް ނުދީއެވެ.
އޭގެ އަނެއް ދުވަހަކީ ބުރާސްފަތި ދުވަހެވެ. ހަވީރު ވީ އިރުވެސް ޒީން ބުރަކޮށް އުޅުނީ ހެދުނު ޝާހިދު އައިސް ހަވާލު ކުރި މަސައްކަތެއް ނިއްމުމުގައެވެ. ޒިޔަމްއާއި ޒީން ހީވަނީ ދެބީރައްޓެހިން ހެންނެވެ. އެކަކު އަނެކަކަށް ބެލުމެއް ވާހަކަ ދެއްކުމެއް ނެތެވެ. ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އޮތިއްޔާ އޮފީހުގެ މެސެންޖާރ އެޕް މެދުވެރިކޮށްގެން ފޮނުވާލުމަށްފަހު ފުއްދާލައެވެ.
ޒައިނާ ކްލިނިކްގެ ގަޑިތައް މަދު ކުރުމަށްފަހު މިހާރު ގިނަ ވަގުތު ހޭދަކުރަނީ ކުރިމަތިވާން އުޅޭ ސެމިސްޓަރ އިމްތިހާނަށް ތައްޔާރުވުމަށެވެ. ފޮތް ނަގައިގެން ކިޔަވަން މޭޒު ދޮށުގައި އިން ޒައިނާގެ ފޯނަށް މެސެޖެއް އައެވެ. އެޔާއި އެކު ފޮތްތައް ކަބަޑަށް ލުމަށްފަހު ރީތިވާން ފެށިއެވެ.
ކުޑަގޮތެއް ހަދައިލައިގެން އައި މެސެޖުގައި އޮތް އެޑުރެހަށް ޓެކްސީއެއްގައި ދިޔައެވެ. އެގެ ހުންނަނީ ހިމަ ގޯޅިގަނޑެއްގައި ކަމުންނާއި ވަގުތަކީ ހަވީރުގެ ވަގުތުކަމުން މީހެއްގެ ހިލަމެއް ވަނީ ވަރަށް މަދުންނެވެ. ޒައިނާ އެތާގައި ހުއްޓާ ޕާޓޭ ގުރޫޕޭ މިކިޔާ ދެތިން ހަތަރު މީހެއް އައިސް ޒައިނާއާއި މާދުރު ނޫން ހިސާބެއްގައި ހުރި ސައިކަލުތަކެއްގައި އިށީނެވެ. އެމީހުން ބޮމުން ދިޔަ ސިގަރޭޓުން ބުރުވަމުންދާ ދުމުގެ ތެރެއިން އެމީހުންގެ ނަޒަރު ހުއްޓިފައިވަނީ އޭނާއަށް ކަމުން ހިތް ބާރަށް ތެޅެމުންދިޔައެވެ. މެސެޖު އައިސްފައިވާ ނަންބަރަށް ޒައިނާ ގުޅާލިއެވެ. ނަމަވެސް އެކޮޅުން ފޯނެއް ނުނަގައެވެ. އެތާގައި ހުރުމުން ހިތް ނުތަނަވަސްވުން ނޫން އެހެން ގޮތެއް ނެތުމުން ޒައިނާ އެތަނުން ދާން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އަނެއްކާވެސް މެސެޖެއް އައެވެ.
“އާދޭ ނޫކުލައިގެ ދޮރުފަތް ހުރި ގޭގެ ފަސްޓު ފުލޯއަށް” މެސެޖު ކިޔާލުމަށްފަހު ޒައިނާ އެތަނަށް ދާން އަވަސްވެގަތެވެ. ބޭރުގައި ހުރުމުން ބިރުވެރިކަން އިހްސާސްވާތީއެވެ.
ސިޑިން މައްޗަށް އަރަމުން ދިޔަ ޒައިނާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައީ ހަވީރުގެ ވަގުތު ވިޔަސް ތަނަށް ވެރިވެފައިވާ އަދިރިކަމުންނެވެ. މީހެއްގެ ހިލަމެއް ނުވާއިރު އަލިކަމުގެ ރޯއްޖެއްވެސް ނެތެވެ.
ގޭގެ ދޮރު ހުރީ ކުޑަކޮށް ހުޅުވައިފައި ކަމުން ޒައިނާ އެތެރެއަށް ވަނެވެ.
“ކޮންތާކުތަ ތިހިރީ” ހިމޭންކަމުގެ ސާލެއް ލެވިފައިވާ ތަނަށް ނަޒަރު ހިންގާލަމުން ޒައިނާ ބުނެލިއެވެ. މީހެއްގެ ހިލަމެއް ނުވުމުން ހާސްވިއެވެ. ސިއްސައިގެން ގޮސް ޒައިނާއަށް ފަހަތަށް ޖެހުނީ ކުއްލިއަކަށް މީހަކު ކުރިމައްޗަށް އަރައި އަގަމަތީ އަތް އެޅުމުންނެވެ. ޒައިނާ ހުރީ އެކަހަލަ ކަމަކަށް ތައްޔާރުނުވެ ކަމުން ހިމާޔަތުގައި ކަމެއް ކޮށްލާނެ ފުރުސަތެއް ނުލިބުނެވވެ.
މޫނުމަތީ މާސްކެއް އަޅައިގެން ހުރުމުން އެމީހެއްގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެގޭހާވެސް އެއްޗަކީ އެއީ ބިޔަ ބޮޑު ގައިގައި ވަރު ހުރި ފިރިހެނެއް ކަމެވެ.
އެމީހާ ޒައިނާގެ އަނގަމަތީގައި އަތް އަޅާއިލައިގެން ގަދަކަމުން ކަހަލަ ގޮތަކަށް ދަމާފައި ގޮސް އެއްމެ ކައިރިގައި ހުރި ކޮޓަރިއަށް ގެންދިޔައެވެ. އަދި އަގެއް ނެތް އެއްޗެއްހެން ޒައިނާ ކޮޓަރީގެ އެއްކަނަށް ކޮއްޕާލިއެވެ. ހިތަށް ލިބިފައިވާ ސިހުމާއި ބިރުވެރިކަމާއި އެކީ އެހީއަށް އެދި ގޮވަން އަޑު ނެރުނަސް އެއަޑު ބޭރުވާ ގޮތެއް ނުވިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޒައިނާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ.
ރަހުމެއް ހަމްދަރު ދީއެއް ނެތި އެމީހާ ޒައިނާގެ އަތް ފައި ބަދެލައި ދުރަށް ޖެހިލިއެވެ. އަދި ޒައިނާ އުރާލައިގެން ކަހަލަ ގޮތަކަށް ގޮސް އެދުމައްޗަށް އެއްލާލިއެވެ.
ގިސްލަގިސްލާފައި ޒައިނާ އަޑުގެ ނެތްކޮޅަށް އެހީއަށް ގޮވަމުން ދިޔައެވެ. އެއަޑަށް އިޖާބަދީ މިހެއް ނަޔަސް ތަކުރާރުކޮށް ގޮވެމުން ދިޔައީ މި އަނިޔާވެރިކަމުން މިންޖުވެވޭތޯއެވެ. ވޭނީ ކަރުނައިން ބޯ ދޮށުގައި އޮތް ބާލީސް ތެންމަމުން ދިޔައީ ހިތުގައި ވާ ނުތަނަވަސްކަމާއި ބިރުވެރިކަމުންނެވެ.ދެން ކުރިމަތިވާނީ ކޮން ފަދަ މުސީބާތެއްކަން ނޭނގޭ ހާލުގައެވެ. އެތާގައި ހޭދަ ކުރެވެމުން ދިޔަ ކޮންމެ ސިކުންތެއްވެސް ހީވީ އެތައް އަހަރަކަށް ދެމިގެން ދާހެންނެވެ.
ތަނުގައި ވީ ހޫނުކަމެވެ. ފަންކާއެއް ހުއްޓަސް އެބުރެމުން ދިޔައީ ކޮންމެ ފިޔައެއް ވަކިން ދެނެގަނެވޭހާ މަޑުންނެވެ. ލޮލުން އޮހެރެމުންދާ ކަރުނައާއި އެތެރެ ހަށީގެ ހަރަކާތް އަވަސްވެފައި ވުމުން އޮއްދާތަކުން ޒައިނާ ތެންމަމުން ދިޔައެވެ.
ގައިގެ އިތަންމިތަން ކެހިއަސް އެކަމަށް ފަރުވާލެއް ނުދީ ޒައިނާ ހުއްޓުމެއް ނެތި ބަލަމުން ދިޔައީ އެތަނުން ސަލާމަތް ވެވޭނެ ގޮތަކާއި މެދުގައެވެ. އެދުން ވެއްޓިގަނެ ކޮޅަށް އިށީންނަން އެތައް ވަގުތެއް ނެގިއެވެ. ދެކަކޫ ޖައްސަމުން ޒައިނާ އެކޮޓަރީގައި ހުރި ކުޑަ ދޮރާއި ހަމައަށް ދިޔައެވެ. ކުޑަ ދޮރު ހުންނަ ދިމާލެއްގެ ސަބުބުން މީހެއްގެ ސަމާލުކަން ލިބޭ ގޮތެއް ނުވިއެވެ. ނަސީބުގައި އެކަން ނެތީއެވެ. މާޔޫސި ހިތަކާއި އެކު ޒައިނާ އަތުގައި އޮތް ވާފަށް ކަނޑާލެވޭތޯ ދަތުންނާއި އެތާގައި ހުރި ލަކުޑި ގަނޑެއްގެ އެހީ ހޯދިއެވެ. އެތައް އިރަކު އުޅުމުންވެސް އެކަމުންވެސް ޒައިނާއަށް ކާމިޔާބު ލިބޭ ގޮތެއް ނުވިއެވެ. އިސްޖަހައިލެވިފައިވާ ހާލު ޒައިނާ ބިންމަތީގައި ބޯ އަޅާލިއެވެ. އެވަގުތު ލޮލުގައި އަޅައިގަތް ފޯނުން ހިތުގައި އުއްމީދުގެ ހުޅުކޮޅު ރޯވިއެވެ.
ނުފަރިތަ ކަމާއި އެކު ޒައިނާ ޒިޔަމްގެ ފޯނަށް ގުޅާލިއެވެ.
“ބޭބެ އާދެބަ ހ.ސީވުއު ފަސްޓު ފުލޯއަށް ވަރަށް އަވަހަށް ބޭބޭ.. ވަރަށް އަވަހަށް. ކޮންމެވެސް މީހުކު ޒައި..މީހަކު ޒައި ހައްޔަރުކޮށްގެން އުޅޭ….” ރޮވިފައި ޒައިނާއަށް ބުނެވުނީ އެހާ ވަރަށެވެ. ފަހަތުން އައިސް އެމީހާ ފޯނު ޖަހައިގަތެވެ. އަދި އަތުގައި އޮތް ރޯނު ކަހަލަ ފަށުން ޒައިނާގެ ގައިގައި ތަޅައިގަތެވެ.
“ނޫން ތިހެން ނުހަދާ ޕްލީސް’ ޒައިނާގެ ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލިއެވެ. ނަމަވެސް އެމީހާއަށް އެއިން އެއްވެސް އަޑެއް އިވޭހެން ހީނުވެއެވެ. ކޮންމެ އާދޭހަކާއި އެކީ އިތުވެގެން ދަނީ ވޭނެވެ.
ޒައިނާގެ ކަންފަތުގައި ޖެހުމާއި އެކު ޒިޔަމްއަށް ކޮޅަށް ތެދެވުވުނެވެ. ކުރަން އިން މަސައްކަތް އެހުރި ގޮތަށް ބެހެއްޓުމަށްފަހު ބޭރަށް ދުއްވައިގަތެވެ. އެމަންޒަރު ބަލަން އިން ޒީންއަށް ކަމެއް ގޯސްވެއްޖެކަން އެނގި ޒިޔަމްގެ ފަހަތުން ދެވުނެވެ.
ޒިޔަމް ބާރު ހިގުމެއްގައި ގޮސް ވަނީ ސާއިމްގެ ކޮޓަރިއަށެވެ. އެވަގުތު އެތާނގައި ޕޭޝަންޓެއް އިނަސް ހެޔޮކަމަށް ހަދާލާފައެވެ.
“އާދެބަ، ޒައިއަށް ކޮންމެވެސް ކަމެއް ވެގެން އެބަ އުޅޭ” ޒިޔަމް އެގޮތަށް އައިސް ވަނުމުން ފުރަތަމަ ރުޅިއަޔަސް ފަހުން ބުނެލި ޖުމްލައިން އެހުރިހާ ކަމެއް ފިލައިގޮސް ހިތް ތޮޅިގަތެވެ.
“ކިހިނެތްވީ” އިން ގޮނޑިން ތެދުވެ ޒިޔަމް ކައިރިއަށް ޖެހިލައި ހާސްވެފައި ވާ ރާގަކުން ސާޢިމް އަހާލިއެވެ.
“ނޭނގެ ކޮންމެވެސް މީހެއް ބަންދުކޮށްގެން.. ހިގާބަލަ” ޒިޔަމްގެ މޫނުމަތީގައި ނުތަނަވަސްކަމުގެ ރޫތައް ހުއްޓެވެ.
ޒިޔަމްއާއި ސާއިމް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އެރިއެވެ. ހުންގާނުގައި ހިފަހައްޓާއިގެން އިން ޒިޔަމްގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައީ ކޮއްކޮއަށް އެއްވެސް ގެއްލުމެއް ނުލިބޭތޯ ހިތާ ހިތައި ދުއާކޮށްލައެވެ. ސާއިމްގެ ހާލަކީ ކޮބައިތޯއެވެ. އެހިތުގެ ޖާނު އެއްވެސް މީހެއްގެ ޝިކާރައަކަށް ވާތަން ބަލަން ހުރެވޭނެ ހެއްޔެވެ؟ ކާރު ފުލް ސްޕީޑުގައި ދަތުރު ކުރަމުން ދިޔައިރުވެސް ދެމީހުންވެސް ތިބީ އެވަރުވެސް މަޑުވެގެންނެވެ. ހާސްވެފައި ހުރިވަރުން އެހެން އުޅަނދުތަކުގައި ނުޖެހި ދުއްވެނީ ކިރިއާއެވެ.
ރޮއި ރޮއި އިސްޖަހާލައިގެން އިން ޒައިނާގެ އަތުގައި މީހަކު ހިފާލުމާއި އެކު ދުރަށް ޖެހުނީ އެއީ ކުރިން އަނިޔާކުރި މީހާ ކަމަށް ހީކޮށެވެ. ނަމަވެސް ކުރިމަތީގައި ހުރީ ހާޝިމްއެވެ.
“ޝިމް” ރޮވިފައި ވާ ހާލު ޒައިނާއަށް ގޮވާލެވުނީ މިކަމުން މިންޖުކޮށްދޭތޯއެވެ. ހާޝިމް ޒައިނާގެ އަތާއި ފައިގައި ހުރި ވާތައް ޖީބުން ނެގި ކަޓަރުން ކަޑާލަދިނެވެ. އެޔާއި އެކު ޒައިނާ ގޮސް ހާޝިމްގެ ހަށިގަނޑުގައި ބައްދައިގަތެވެ.
“ދޫނި ހުއްޓާލާ،،، އެއްވެސް ކަމެއް ނުވާނެދެން ޕުރޮމިސް” ހާޝިމް ހަމްދަރުދީގެ ބަސްތައް އިއްވާލަމުން ޒައިނާގެ ބުރަކަށީގައި ފިރުމާލަމުން ގަޔާއި އިތުރަށް ކައިރިކޮށްލިއެވެ.
ޒިޔަމްއާއި ސާއިމްއަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޒައިނާ ފެނުމުން އެދިމާލަށް ދުވެފައި ދެވުނެވެ. ޒައިނާގެ ގައިގައި ބައްދާލައިގެން ހުރި ހާޝިމް ޒިޔަމް ދުރުކޮށްލަން އުޅުނީ އެއީ ކާކުކަން ނޭނގޭތީއެވެ. ހާޝިމް ޒައިނާގެ ގައިން ދޫކޮށްލިއަސް ޒައިނާ ހުރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. މަޑު ގިސްލުމަކާއި އެކީ ރޮމުން ދިޔަ ޒައިނާ އާއި އެހާ ކައިރިން ހާޝިމް ފެނުމުން ސާއިމްގެ އަތް މުއްކަވާލެވުނެވެ. ނަމަވެސް ހިތަށް ތަދުވާ ހާލު ދުރުގައި ބަލަން ހުރީ ޒައިނާ ހާޝިމްއާއި ދުރުވާން ނޫޅޭތީއެވެ.
ޒައިނާ ހުރީ ސަލާމަތުން ކަން އެގުމުން ޒިޔަމް އަވަހަށް ޒައިނާ ގޮވައިގެން ދާން އުޅުނެވެ. އަދި އެތާ ބިންމައްޗަށް އެއްލާފައި އޮތް ޒައިނާގެ ދަބަސްވެސް ނެގިއެވެ.
ގެޔާއި ދިމާލަށް ކާރު ދުއްވަމުން ދިޔަ ޒިޔަމްގެ ހިތަށް ވެރިވެފައި ވަނީ ކަންބޮޑުވުމެވެ. ޒައިނާއަށް އެހާލު ޖައްސާނީ ކާކުތޯ އަމިއްލަ ނަފުސާއި ސުވާލު ކުރަމުން ދިޔައެވެ. ފަހަތު ސީޓުގައި ތިބީ ސާއިމް ޒައިނާ އަދި ހާޝިމްއެވެ. ޒައިނާ އިނީ ހާޝިމްއާއި ސާޢިމްގެ މެދުގައެވެ. ހާޝިމްގެ މޭގައި ބޯ އަޅާލައިގެންނެވެ. އަދިވެސް ޒައިނާ ހާޝިމްގެ ގައިން ދޫކުރާ ހިޔާލެއް ކުރާހެން ހީނުވެއެވެ. މިކަމުން އެއްމެ ބޮޑު ވޭނެއް ތަހައްމަލް ކުރަން ޖެހުނީ ސާއިމްއެވެ. ލޯބިވާ މީހާ އެހާ ކައިރީގައި ހުރެ އެހެން މީހެއްގެ އުގުތެރޭގައި އޮންނަތަން ދެކޭނީ ކާކު ހެއްޔެވެ؟ ނަމަވެސް އެޔަށް ވުރެ ބޮޑަށް ސާއިމްގެ ކަންބޮޑުވުމުން ހުރީ ޒައިނާގެ އަތުގައި ދިގަށް ހުރި ފިއްތަށް ފެނުމުންނެވެ. ޔަގީނުންވެސް ކޮންމެވެސް މީހެއްގެ އަނިޔާ ޒައިނާއަށް ލިބިއްޖެއެވެ.
ގެޔަށް ދިޔުމާއި އެކު މަޑު ނުވެ ޒައިނާ ވަނީ ކޮޓަރިއަށެވެ. އެއްމެންގެ ސުވާލުތަކާއި ކުރިމަތިލާނެ ހިތްވަރެއް އެގަޔަކު ނެތެވެ. ލިބުނު ރިހުމާއި އެކު އަޑު ބެދިއްޖެހެންވެސް ހީވިއެވެ. ޒައިނާ ކޮޓަރިއަށް ވަމުން ސާއިމްއާއި ހާޝިމް ދިޔައެވެ. ސާއިމް ކަމެއް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ގުޅަން އެދުނެވެ.
ޒައިނާ ނިދަން ދިޔައިރުވެސް ޒިޔަމްއަށް ވިސްނެމުން ދިޔައީ އެކަހަލަ ކަމެއް ކޮށްފާނެ މީހަކާއި މެދުގައެވެ. އެހެންކަމުން ސިޓިން ރޫމުގައި އޮތް ޒައިނާގެ ދަބަސް ހާވާލީ ޖަވާބު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ޒައިނާގެ ފޯނުގެ ޕިން ކޯޑު ޒިޔަމްއަށް އެނގޭތީ އެއްމެ ފުރަތަމަވެސް ބަލަން ފެއްޓީ ފޯނެވެ. ޒައިނާ ހަމަ ހުރެފައި އެކަހަލަ ތާކަށް ނުދާނެކަން އެނގޭތީއެވެ. ކޯލް ލޮގު ބަލާލިއިރު އެއްމެ ފަހުން ގުޅާފައި އިނީ ސޭވްނުކޮށް އިން ނަންބަރަކަށެވެ. ދެފަހަރު ގުޅާފައި އޮތަސް އެކޮޅުން ފޯނު ނަގާފައެއް ނެތެވެ. ދެން ޒިޔަމް ބެލީ މެސެޖު ބަޔެވެ. ހަމަ އެނަންބަރުން މެސުޖުކޮށްފައި އޮތުމުން އަވަހަށް އެބައި ހުޅުވާލިއެވެ، އެޔާއި އެކު މުޅި މީހާ ހުއްޓިގެން ދިޔައީ އެއްމެ ފުރަތަމަ މެސެޖުގައި ލިޔެފައިވާ ނަން ފެނުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
51 Comments!
Comments are closed.







Who do you think did that?
Here is the 11th episode. Comment if u like the story.. ragalhu kollan kameh othas bunela dhehchey. Loves ??
Oh mi samha?I hate her but story Hama dhen hama haadha haa reeche keep it up maroon????
Yaana thanku ? i hate her too hehe
i think that shamhaa thing took saaims phn and sent that msg… anywaiys love the story…. waitingfor the next part….
Thanku chum handi.. ??but why wud she hurt her
haashim dhw……
vvvvsalhi ngey
Hehe. Vedhaane haashim ah kamahves .. thanku zzzzaaaaauuuu?
Wow
Thanku pinkish ?
I aslo think that’s haashim. …… n story haadha salhi ey…… keep it up roon
Thanku dear ??
Nice dear..?
Thanku xxxx ?
wow nice Tq Maroon. Waiting 4 12th part
Thanku sheen ?
Zeen ge phone gengosgen shamha kuri kamakah vaanee….i hate shamha..
Vedhaane .. thanku azu ?
I think zeeen ah vegen shamhaa kuri kameh eii!! Cxx xiyam lavva xiin dheke rulhi aruvan!! Anywyyy storyy hama prrfct!!!! Alhe kiyaahithun oveveniii eh nun! When nxt prt??
Thanku some one. That is a possible way ?
Wednesday hopefully
Alhugandah heevany shamha nd haashim ehbaivegen kuri kameh hen…? nd hurihaa kameh elhuveynee saaee nd xeen bolugahen.. ?ehen nahadhahchey maroon.. dnt let those 2 devil to win their mission..??? varah reethi mi part ves.. waiting for next ep?❣?❤
Thanku adha. ?
Always wait for ur comment ??
Thihen ves vedhaane dhw neyge adhi
Wc dear.. nd thank u.. varah ufaa vehje u always wait for my comment ey bunyma.. nd alhugandu ves always keep waiting for the next ep of this story. Hehe.. ly❤❣?
Eiy haashim noony samha zyn ge phone in kuri kamakah vaany..noony samha aai haashim raavaigen kuri kameh..efirihen myhaa aky haashim..maroon nxt prt avas koh dhehchey..ly❤❤
Thanku blume.. yah maybe vedhaane ?
I think shamhaa zeen ge phone in kuri massage eh hen eyee dhen ziam heekuranee zeen eynage kibain badhalu hifan kurikameh kamah waiting for the next part??
Elly tht is a theory.. higaa dhw balama ?
hey roon kihineh…. alhey kaaaku baa zaee ah ehn ehedhyyy vvv kiyaaahithun meeeny next part …waiting waiting … rooon …. kobaa mail nulibeythaa roon ah …. stry vvvv lobiii …. ♡♡♡…. love u roon keep it up :-)♡
Sam ?
Dhemme belin naadhe. ?
Thanku sammmm ???
urgh now all these stories are turning into hibdhi dramas. y is it in every story the villain gets their way and the girl face all miserable stuffs and accusations. lets see shamha warned zeen,its her texting from zeens phone. she made the deal with hashim. nw ziyam will think she really planned it to take revenge. poor zeen. she will be accused and everyone will abandoned her without even hearing it just like in drama. everyone will cometo her in the end apologizing and she will get the happiness in the last part. im annoyed bcz i want happiness this time for zeen. plz dnt take the wrong meaning ilove the story.but recently all the storylines are turning this way.
U r really annoyed.. hehe. But who knows what will happen.?? Thanku for reading ?? thi goiy nuvun ves ekashygen vey dhw
Waiting for the next part. Plz upload sooooooooon
Yes sure ?
Maybe the message was from zeens number.. Shamhas revangr on seen..
Hmmm possible..thanku ?
Haashim eulheny raavaigen saaim aa zainaa aa dhuru kuruvan dho.. .. ..
Vedhaane lets see ?
Wow. Nice.???waiting 4 the nxt part???
Thanku ummi ?
Oh wow masha allah v rythi v hyvey thikamuga shamhaage athevvaahen zeen aadhimaa ah sham haabuni vadhaaee salaam kuraa vaahaka ehen v ma haahim aai gulhigen shamhaa hingi amaleh thiee ehen noonas ziyam kairy e kabinga zeen iny ehen vyma ziyam ah engeyne dhw aee zeen ge kamennoon kan n zeen ge phone in msg koffa in kamugavaanamaves ziyam ah vis nenjeheyne dhw shamhaa aa eku beyrannuku melaafaves v avahah cabin ah vaiynkan adhi egady moodu hurigoiyves fennaany ziyam ah dhw anyway stry v rythi nxt prt kon irakun keep it up ly maroon ????????
Ziyam ah visneythw balama…. thanku khajja.. ??loves
just wow ❣❣❣❣❣❣❣❣
varah salhi mi part vess ❣❣
i think zaina ah ehn hedhy e haashim plan kohgen henn ?
Mayb dhw.. lets c
Thanku dear ?
Guess its Hashim ge plan eh. Mibaives varah reethi..maroon komme part eh nimmaalanee emme reethi hisaabun.. ? Hatts off to u.. 🙂
Vedhaane thihen ves. ? dhn ehen vany dhw…. hehe. See u ?
Hyvany shaaim ge name hen innaany. E dhemyhun dheythere jassan vegen. I think so. Waiting fr next part. Var keh madhu vefa mi hury name balaalan vegen. Hehehe. Var rythi mi part vx…
Thanku izee ??
Stry z nce.?Interesting ?. ?? Who wud b? ? waiting 2 knw?
Mihaaru egeyne kaakukan. Read 12th ep.. ??
Maroon… avahah upkohdheebala story plllzzzzx
Mirey kohdheynan ?
Story vrr rythii ?
How many parts left! !!