އާދުވަހަކަށް އިރު އެރި އިރު އިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ވޭނެވެ. އެނދުމަތީ ދެފައި ދަމާލައިގެން އިނީ ވައަތު ފަޔަށް ތަދުވާ ވަރުންނެވެ. އެފައިގެ ކަކުލުން ތިރިވަނީ އެއްކޮށް ދުޅަވެފައެވެ. އެއްއަތުން ފައި މޮޑެލަ މޮޑެލަ އިން އިޝާ އިރުއިރުކޮޅާ “އައްދިއްޔޯއި” އޭ ކިޔާ ގޮވާލައެވެ.
“ދަރިފުޅާ ކިހިނެތްވީ” އިޝާގެ ހާލު ފެނި ފަރީދާ އަހާލިއެވެ.
“ވަރަށް ތަދުވޭ ފަޔަށް” ކައިރީގައި އެވަގުތު އިން މަންމަގެ ކޮނޑުގައި އިޝާ ބޯއަޅާލިއެވެ. އޭރު އިޝާގެ މޫނުމަތި ވަނީ ދާތިކިތަކުން ފުރިފައެވެ.
“ބައްޕަވެސް ނެއްވިއްޔާ ރަށަކު. މަޑުކުރޭ މަންމަ މި ގުޅަނީ އަޝްފާނަށް ދަރިފުޅު ގޮވައިގެން މަންމަޔާއި އެކީ ހޮސްޕިޓަލަށް ދާން.” އެދުގައި އިޝާ ބޭއްވުމަށްފަހު ފަރީދާ އަޝްފާނަށް ގުޅައި ވެގެން އުޅޭގޮތް ކިޔައިދެނެވެ.
އޮފީހަށް ނުގޮސް އަޝްފާން އަވަހަށް އައީ އިޝާ ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށެވެ.
“މަންމާ، ކޮބާ އިޝާ” ގޭގެ ދޮރުން ވަނުމާއެކު އެއްމެ ފުރަތަމަވެސް އިޝާ ކޮބައިތޯ ބެލިއެވެ.
“ވަރަށް ތަދުވާތީ އުޅެނީ އަދިވެސް. މަންމަ ހޫނު ފެނުން ބޮޑިތާންވެސް ކޮށްފިން. އަދިވެސް ދުޅަ ތިރިވާ ގޮތެއް ނުވޭ. ” އިޝާގެ ކޮޓަރިއާއި ދިމާލަށް ފަރީދާ އަޝްފާން ގެންދިޔައެވެ. އެތެރެއަށް ވަނުމާއި އެކު އަޝްފާނަށް ހިންދިރުވާލެވުނީ އިޝާއޮތް ހާލު ފެނިފައެވެ. ތަދުވާތީ ބޯމަތީ ބާލިހެއް އަޅައިގެން ދެކޮޅަށް ހެލިލައެވެ. އިޝާއަށް ވާވަރު ފެނި ސްކޫލަށް ދާން ދަބަސް ކޮނޑުގައި އަޅުވައިގެން ހުރި ކޮއްކޮ އިޒްދާން ވެސް ހުރީ ބިރުންނެވެ.
“މަންމަ ދޭ ފުރަތަމަ ކޮއްކޮ ސްކޫލަށް ލާން. އަހަރެން ކާރުގަ އިޝާ ހޮސްޕިޓަލަށް ގެންގޮސްފާނަން”
އިޝާގެ މޫނުމަތީ އޮތް ބާލިސް އަޝްފާން ނެނގިއެވެ. އޭރު އަޅައިގެން އޮތް ބުރުގާ ވަނީ ދާތިކިތަކާއި އެކުވެގެން މޫނުގަ ތައްވެފައެވެ. ވާ ހޫނަށް ވުރެ ފައިގެ ރިހުން މާ ގަދައެވެ.
“ދޫނި. ހިނގާ ހޮސްޕިޓަލަށް ދާން..’ އިޝާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއިރު ހީވަނީ ކުޑަކުއްޖެއް ހެންނެވެ.
” ކުޑަ އިރުއްސުރެ ފައިގެ މައްސަލަ ހުރޭ. އިޝާއަށް ހިގަން ފެށުނީ ވެސް އުމުރުން 3 އަހަރަށްވުރެ ބޮޑު ވިފަހުން. އެނޫން މައްސަލައެއް ނުހުންނާނެ. މިއޮތީ އިޝާގެ ހުރިހާ ބޭސްސިޓީ އެއް ހުންނަ ފައިލް، ދަރިފުޅާ މަންމަ ދާނަން އިނގޭ ކޮއްކޮ ސްކޫލަށް ލާފަ”
ކަބަޑުން ނޫކުލައިގެ ފައިލެއް ނަގައި ފަރީދާ އަޝްފާން އަތަށް ދިނެވެ. އަޝްފާން އިޝާގެ އަތް އޭނާ ކޮނޑުމަތީ ބާއްވާގެން ކޮޅަށް ތެދުކުރުވިއެވެ.
ހޮސްޕިޓަލްގެ އައިސީޔޫ އަށް ވަދެވުމާއި އެކު އިޝާއަށް ފަރުވާ ދެވެން ފެށުނެވެ. އެތެރޭގައި އިޝާއަށް ފަރުވާ ދެމުން ދިޔައިރު އަޝްފާން އައިސީޔޫގެ ބޭރުގައި ނިމޭނެ އިރެއްގެ އިންތިޒާރެއްގައި ހުއްޓެވެ. އޮފީހަށް ގުޅައި އިޝާ ބަލިވެ އުޅޭކަން އަރޫޝާމެންނަށް އެންގިއެވެ. އިޝާގެ ފަރުވާއަށް ގިނަ އިރުވާތީ އަތުގައި އެވަގުތު އޮތް ފައިލް ނަގައި ހާވާލީ ކުޑައިރު އިޝާއަށް ދިމާވި ކަންތަކުގެ ޖަވާބެއް ހޯދުމަށެވެ. ދެތިން ބޭސް ސިޓީ ކިޔާލިއިރުވެސް ލިޔެފައިވާ އެއްޗެއް އޮޅުން ފިލާގޮތެއް ނުވިއެވެ. އުއްމީދު އެލުވާ ނުލައި އަދިވެސް އިތުރަށް ފައިލް ތެރެ ހާވާލިއެވެ. އެވަގުތު ފައިލް ތެރެއިން ފެނުނު ކާޑުން އަޝްފާންގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. ތަކުރާރުކޮށް ކާޑުގެ ދެފުށް ކިޔާލެވުނީ ގަބޫލްކުރަން ދަތިވެ ހުރެއެވެ. އިޝާ އަކީ…ނޫން!! ކިތައްމެ ވަރަކަށް ކިޔަސް އޭގައިވާ އެއްޗެއް ބަދަލެއް ނުވާނެކަން އެނގޭ ހާލުވެސް އަޝްފާން ގެ ހިތް އެކަމާ ދެކޮޅު ހެދިއެވެ.
އެއްގަޑި އިރުގެ ފަރުވާ އަށް ފަހު އިޝާގެ ހާލަތު ސްޓޭބަލް ވިއެވެ. ފައިގެ ދުޅަ ތިރިވެ ތަދު އެއްކޮށްހެން ފިލާފިއެވެ. އެހެންކަމުން ބަލިމީހުން ތިބޭ ވޯޑަށް އިޝާ ބަދަލު ކުރިއެވެ. އިޝާގެ ހާލު ބަލާލުމަށް ފަޒުނާ އަދި އަރޫޝާ އައެވެ. އެމީހުންނާއި އެކު ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އަޝްފާގުވެސް އައީ އިޝާއަށް އަޅާލުމަށް ހިތް އޭނާއަށް މަޖުބޫރު ކުރުވާތީއެވެ.
“ދޮންބޭ ދެން ތިހާ ދެރަވެފަ ހުންނާނެ ކަމެއް ނެތޭ. ފަހަރި މިހާރު ރަގަޅޭ” ދެރަވެ އިޝާއާއި ދިމާލަށް ގެއްލިފައި އިން އަޝްފާން ހެއްވާލަން އަރޫޝާ އުޅުނެވެ.
“ކިހިނެތް ވެގެން ވީ ކަމެކޭ ޑޮކްޓަރ ބުނީ” ސިދާ އަޝްފާނާއި ދިމާލަށް ބަލަމުން އަޝްފާގު އިޝާއަށް ވީ ގޮތް އޮޅުން ފިލުވަން އުޅުނެވެ.
“ކުޑަ އިރުވެސް ފައިގެ މައްސަލަ ހުރޭ. އިޝާ ކޮންމެވެސް ތާކު ޖެހުނީމަ ކަށިގަނޑަށް ގެއްލުން ލިބިފައޯ ހުރީ ، އެގެއްލުން ދުވަސްވީ ވަރަކަށް ބޮޑުވަމުން ގޮސް ކަށިގަނޑު މޫވްވެފަ ހުރީ. އެހެންވެ ދުޅަވެފަ ތަދުވީ.. މިހާރު އެހެރީ ވަގުތީ ގޮތުން ރަގަޅު ކޮށްފަ. އެއްކޮށް ރަގަޅު ކުރެވޭނީ އޮޕެރޭޝަން ކޮށްގެން..” އަޝްފާން އެއްމެނަށް ވީ ގޮތް ކިޔާދިނެވެ.
“އޮޕެރޭޝަން ކުރެވެން އޮތީ އަދި ދެތިން އަހަރު ފަހުން އިޝާގެ ކަށިގަނޑަށް ބޭނުންވާ ހަކަތަ ބޭސް ބޭނުން ކޮށްގެން ލިބުނީމަ. ދެން މި ދުވަސްކޮޅު ތެރޭ ބަރު އެއްޗިސް ނުއުފުލުމަށް ޑޮކްޓަރު ލަފާ ދެއްވަނީ” ފަރީދާ އަޝްފާންގެ ވާހަކައަށް އިތުރުކޮށްލިއެވެ.
އިޝާ ހޮސްޕިޓަލުން ދޫކޮށްލިތާ މިހާރު ހަފްތާއެއް ވަނީއެވެ. ގައުގެ ވަރުޖެހި އޮފީހަށް ދާތާ މިހާރު ދެތިން ދުވަސްވެއްޖެއެވެ. މިވީ ދެތިން ދުވަސް ތެރޭގައި ވަރަށް ބޮޑު ބަދަލެއް އަޝްފާނަށް އަންނަހެން އިޝާއަށް ހީވިއެވެ. ހޯދަން އުޅެއުޅެ އަޝްފާނަށް އަންނަމުންދާ ބަދަލުގެ ސަބަބު އެގޭގޮތް ނުވިއެވެ. އަބަދު އޭނައާއި ސަމާސާކޮށް ހެއްވާލަން އުޅޭ އަޝްފާންގެ މޫނު މަތިން މިހާރު ފެންނަނީ ހިތާމައެވެ. އޭނާއަށް ގުޅުން މަދުވެ މެސެޖުކޮށް ހާލު ބަލައިލަނީވެސް ވަރަށް މަދުންނެވެ. އަޝްފާން ކައިރީ ވީ ގޮތް އަހައިފިނަމަ ކޮންމެވެސް ވާހަކައެއް ދައްކައި ވާހަކަ އޮޅުވާލަން މަސައްކަތް ކުރެއެވެ. ނޫނީ ހުންނަނީ ކޮންމެވެސް ކަމަކާ ރުޅިއައިސްފައެވެ.
ލޯންޗަށް ދިމާވި ކުޑަ މައްސަލައަކުން އިޝާއާއި އަޝްފާގަށް ފުރޭ ގޮތްވީ ހަވީރު 5:30 ހާއިރުއެވެ. އިޝާ އަޝްފާގާއި ހަވާލު ކުރުމަށްފަހު އަޝްފާން ފުރުމުގެ ކުރިން ދާން ޖެހުނީ ފަޒުނާ ބަލައެވެ. އެއީ އެމީހުންގެ ތުލުސްދޫ ދަތުރު ވެސް އޮތީ ހަވީރު ގަޑީގައި ކަމަށްވާތީއެވެ.
ލޯންޗަށް އަރަން އެންގުމުން އިޝާ ލޯންޗާއި ދިމާލަށް ދިޔައިރު އަޝްފާގު އިޝާ އަރުވަން އަތް ދިއްކޮށްލައިގެން ހުއްޓެވެ. އެހެން ނަމަވެސް އެކަމަށް ފާޅުގައި ދެކޮޅު ހަދައި އިޝާ އަމިއްލައަށް ލޯންޗަށް އަރަން މަސައްކަތް ކުރިއެވެ. ލޯންޗު އޮތީ ތަންކޮޅެއް ތިރީގައި ކަމުން ބިރުގަތަސް އޭނާގެ ކެރޭކަން ދައްކާލީ އަޝްފާގު ދެރަކޮށްލުމުގެ ނިޔަތުގައެވެ.
” ތިފޯން ވެއްޓުނަސް އިޝާ ނުވެއްޓެއްޗޭ. ފަތަންވެސް ދަންނަ ކުއްޖެއް ނޫންވިއްޔާ” ފޯނުން ރަތްވިލާތަކުގެ ފޮޓޯ ނަގަން އިން އިޝާއާއި އަޝްފާގް ދިމާކޮށްލިއެވެ. އަދި ކޮނޑުގައި އޮތް ދަބަސް ނަގަމުން އިޝާގެ ކުރިމައްޗަށް ވާހެން އިށީނެވެ.
“ފަތަން ނޭނގުނަސް އޭޝް ނާންނަމެއްނު ސަލާމަތްކޮށްދޭކަށް. އޮތް ހާލަށް ދޫކޮށްފައެއްނު ދާނީ” އިޝާވެސް ދޫދޭކަށް ބޭނުން ނުވިއެވެ.
“އިޝާ ކޮންމެ ހާލެއްގަ އޮވެ އެހީއަށް އެދުނަސް އަހަރެން ދާނަން ދުވެފަ އެހީވާން. އެކަމަކު ދެރައީ އަހަރެން އެވާ ގުރުބާނީގެ އަގު އިޝާއަށް ވަޒަންނުކުރެވޭނެތީ”
އަޝްފާގުގެ އެވާހަކައަށް ރައްދުދޭން އިޝާ ބޭނުންވިއެވެ. އެކަމަކު ސިކުޑީގައި ގިނަވި ސުވާލާއި ޝަކުވާއިން ދޫ ބަންދުވިއެވެ. އަޝްފާގު އޭނައަށް ބޭވަފާތެރިކަމުގެ ލަގަބު ދޭންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާ ނޭގުނެވެ. އިއްޔެ އަޝްފާގުގެ “އިނޮސެންޓު ގާރލް” އަށް ވެފައި މިއަދު “އެކަހަލަ” މީހަކަށް އޭނަ ވާންވީ ކާކު ކީކޭ ކިޔައިގެން ބާވައެވެ.
އިރު އޮއްސޭ ވަގުތު ދުނިޔެ މަތިން ގެނެސްދޭ ގުދުރަތީ އަޖާއިބަށް ގެއްލިފައި އިޝާ އިންއިރު އޭނާ ކުރިމަތީ އިން އަޝްފާގަށް ޝޯހުވެ ބެލެމުންދަނީ އިޝާއަށެވެ. އިޝާގެ ބޭވަފާތެރިކަމަށް ހިތް އަބަދުމެ ޝަކުވާ ކުރިއަސް އަޝްފާގުގެ ހިތުގައި އަދިވެސް ރަނިކަން ކުރަމުން ދަނީ އިޝާއެވެ. އިޝާގެ ކޮންމެ ހަރަކާތެއް އަޝްފާގުގެ ހިތް ލޯބިން ތަޅުވާލައެވެ.
ލޯންޗު މާލޭގެ ނެރުން ނިކުތުމާއި އެކު އަޝްފާގުގެ ފޯން ރިންގު ވާން ފެއްޓިއެވެ. ޖީބުގައި އޮތް ފޯން ނަގައި ގުޅަނީ ކާކުކަން އެނގުމުން އިޝާއަށް ބަލާލެވި ހިނިތުންވެލިއެވެ. “ދީނާ.. ދެން އަންނަ ދަތުރަކު ގެންދާނަން…. ޕުރޮމިސް…… ނޫން … ދީނާ ހަމަޖެހިބަ. ވަރަށް އަވަހަށް އަންނާނަމޭ.. އާން.. ދީނާވެސް ބަލައިގެން އުޅޭނީ” އަޝްފާގު ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ބަލަހައްޓައިގެން އިނީ އިޝާގެ މޫނަށެވެ. އަޝްފާގާއި ފޯނުން ވާހަކަ ދައްކަމުން ދިޔައީ ދީނާކަން އެނގި އިޝާ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. އަޝްފާގަށް ބަލާލުމަށްފަހު ދަބަހުން ހެޑުސެޓު ނަގައި ބާރަށް ލަވަޖަހާލިއެވެ. އަޝްފާގު މާވަރަކުން އޭނާއަށް އަޑުއިއްވަން އުޅުނަސް އެކަމަށް ބީރުކަންފަތެއް ދިނުމުގެ ގޮތުންނެވެ.
ވާރޭގެ ތިކިތައް ފުރާޅުގައި ޖެހޭ އަޑު މެދު ނުކެޑި އިވެމުން ދެޔެއެވެ. އަދި ދޭތެރެއަކުން ގުގުރުމާއި އެކު ވިދަމުން ދިޔައެވެ. ބޮކި ނިއްވާލައިގެން ނުނިދުމުން އިޝާ ބޮކި ދިއްލައިގެން ވެސް ނިދޭތޯ މަސައްކަތް ކުރިއެވެ. ބާލިސް ގަޔާލައި ބޮނޑިކޮށްގެން އޮތް އިރު ގުގުރާލާ ކޮންމެ ފަހަރަކު އިޝާއަށް ބާރަށް ލޯމަރާލެވެއެވެ. ހީވަނީ ކުޑަކުއްޖެއް ހަންޑިއެއް ފެނި ބިރުން އުޅޭހެންނެވެ.
ނިދިފައި އޮތް އަޝްފާގަށް ހޭލެވުނީ މީހަކު އޭނާ އޮތް ކޮޓަރީގެ ދޮރުގައި ބާރަށް ތަޅާގަތް އަޑަށެވެ. ބުރަހެލިކަމާއި އެކު ތެދުވެ ގޮސް ދޮރު ހުޅުވާލިއިރު އައިސްފައިވާ ގަދަ ނިންޖެއްގެ ސަބަބުން ދެލޯ ރަގަޅަށް ހުޅުވޭވަރެއް ނޫނެވެ.
“އޭޝް ނިދަނީތަ” ދޮރު ހުޅުވާލި އިރު ކުރިމަތީ ހުރި އިޝާ އަހާލިއެވެ.
“ނޫން.. މިއޮތް ދަންވަރު ކޮޓަރީ އޮވެގެން މަސްބާނަނީ..ކިހިނެތްވީ” އަރާމް ނިންޖެއްގައި އޮތް ވާ ތެދުކުރުވުމުން އަޝްފާގު ހުރީ ރުޅިގަދަވެފައެވެ.
“ސޮރީ” އަޝްފާގުގެ ހިތްހަމަނުޖެހުން އިޝާ ދެރަކުރުވިއެވެ. އެހެންކަމުން އިސްޖަހައިލައިގެން ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.
“ކިހިނެތްވީ ނުނިދިގެން ތިއުޅެނީ ، ގުގުރި ޖަހާތީ ބިރުން ދޯ ތިއައީ” އަޝްފާގު ރުޅި މައިތިރިކޮށް އިޝާއާއި ސަމާސާކޮށްލިއެވެ.
“އޭޝް މަޖަލެއް ނޫނޭ.. ހީވަނީ މީހަކު ކައިރީގަ ހުންނަހެން” އިޝާ ދެކޮޅު ބަލައިލީ ބިރުން ހުރެއެވެ.
“ހެހެހެ.. އާދޭ އެތެރެއަށް. ދެން މިރޭ މި ކޮޓަރީގަ އޮށޯވޭ” އަޝްފާގު އިޝާގެ އަތުގައި ހިފައި އޭނަގެ ކޮޓަރި ތެރެއަށް ގެންދިޔައެވެ.
އިޝާ ކޮޓަރިއަށް ވަދެ އަޝްފާގުގެ އެނދުގެ އެއް ފަރާތުގައި އިށީނެވެ.
“ތިހެން ނީދެ ނިދޭތޯ ބަލާބަ.. އަހަރެން ކަމެއް ކޮށްފާނެ ކަމަށްތަ ބިރުން ތީނީ.. ތީ މިހާރު އަހަރެންގެ ހައްގެއް ނޫނެއްނު. އަމުދުން ކޮއްކޮގެ ހައްގަކަށް އަހަރެން އަރައިނުގަންނާނަން” އެދުމަތިން ބާލިހެއް ނަގަމުން އަޝްފާގު ބުނެލިއެވެ.
“ފިނި ވާނެއެއްނު ތިތާ އޮންޏަންޏާ” އިޝާ ކަންބޮޑުވީ އަޝްފާގު ތަށިމުށިގަނޑު މަތީ އޮންނަން އުޅުމުންނެވެ. އޭނައާއި ހެދި އަޝްފާގު ފިނިވެ ނިދިގެއްލާކަށް ބޭނުމެއް ނޫނެވެ. ކިތައްމެ ރުޅިއެއް އަޝްފާގަށް ދެރައެއް ލިބޭކަށް އެހިތެއް ނޭދެއެވެ. އަޝްފާގު އިޝާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
ދެމީހުން އެނދުގެ ދެފަރާތުގައި އޮށޯވެލައިގެން އޮތް އިރު އަޝްފާގަށް އިރު އިރުކޮޅާއި އިޝާ ދިމާލަށް ބަލާލައެވެ. އޭނައާއި ފުރަގަސްދީގެން އޮތް އިޝާ އެއްމެ ފަހަރަކުވެސް އެ ދިމާލަށް ބަލާލާނެ ނަމައޭ ހިތް އެދެމުންދެއެވެ. އެއިންތިޒާރުގެ ނިމުން އައީ ކުޑަ ހިދުކޮޅެއްގެ ތެރޭގައެވެ.
“އޯކޭތަ އިޝާ މިކޮޅަށް އޮތަސް”
“އަހަރެންގެ މޫނަށް ބަލާ ނުލާ ތި ދެލޮލަށް ނިންޖެއް ނައި ދޯ” އަޝްފާގު އިޝާއާއި ދިމާކޮށްލިއަސް އެއީ އޭނަގެ ވެސް ހިތުގެ ގޮވުމެވެ.
“އޭޝް، ޕުލީސް އަހަންނާ ދިމާނުކޮށް…” އިޝާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އެވަގުތު ކުއްލިއަކަށް އިވުނު އަޑުފައްގަނޑެއްގެ އަޑަށެވެ. ޖަހާލި ބޮޑު ގުގުރި އާއިއެކު ޓީނުން ހަދާފައިވާ ފުރާޅު މައްޗަށް އެއްޗެއް ވެއްޓުނުހެން ވެސް ހީވިއެވެ. ލިބުނު ކުއްލި ސިހުމާއި އެކު އިޝާއަށް އޮތް ތަނުން ފުންމާލެވި އެނދުގެ އަނެއް ފަރާތުގައި އޮތް އަޝްފާގު ގާތަށް ޖެހެވުނެވެ. އަޝްފާގުގެ މޭމަތީ އަތް އަޅާލައިގެން އޮތް އިރު ދެލޯވަނީ ތަންމިނަށް ހުޅުވާލެވިފައެވެ.
“އިޝާ އޭ އެވަރު ކަމެއް ނޫނޭ” އަޝްފާގު އިޝާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އިޝާ ކައިރީ ކޮޅަށް އިށީދެ މެޔާއި ކައިރިކޮށްލީ އަބަދަށް ރައްކާތެރިކަން ލިބޭނެކަން ޔަގީންކޮށްދެމުންނެވެ. ފުން ނޭވާ ލަމުން ދިޔަ އިޝާއަށް ހުރެވުނީ ހަމަ ހޭގައިހެން ހީނުވެއެވެ. ކުއްލިއަކަށް ލިބުނު ސިހުމުން ސިކުޑި ހަމައަކަށް އަޅުވަން ކުޑަ ވަގުތުކޮޅެއް ބޭނުންވިއެވެ.
“ސޮރީ” އަޝްފާގުގެ މޭގައި އަތް އަޅާއި ދުރަށް ޖެހުލުމަށް އިޝާ މަސައްކަތް ކުރިއެވެ. ދެންމެ ހިގައި ދިޔަ ކަންތަކުން އޭނާ ހުރީ ގަތް ބިރާއި އެއްވަރަށް ލަދުވެސް ގެންފައެވެ. އަޝްފާގާއި އެހާ ގާތް ވެވުނީ ބޭއިހްތިޔާރުގައެވެ. އިސް ޖަހައިލައިގެން އިދެވުނީ އަދިވެސް އަޝްފާގުގެ ތޫނު ނަޒަރު އަމާޒު ވެފައި ވަނީ އޭނާއަށް ކަން އެގިހުރެއެވެ.
“އިޓްސް އޯކޭ” އިތުރަށް ބުނާނެ އެއްޗެއް އަޝްފާގަށް ނޭނގުނެވެ.
ވެހެމުން ދިޔަ ބޯ ވާރޭ ތުނި ކޮށްލާފިއެވެ. ދެމީހުންވެސް ތިބީ އެނދުގެ ދެފަރާތުގައި އިށީދެލައިގެންނެވެ. އިޝާ ބާލީސް ގަޔާލައި ބޮޑިކޮށްގެން އިން އިރު ވިސްނެމުން ދިޔައީ ދެންމެ ހިގައި ދިޔަ ކަންތަކާއި މެދުގައެވެ. އެހެން މީހަކާއި އެހާ ގައިގޯޅިވުމުން އަޝްފާން އޭނާއަށް މާފުކުރާނެ ބާއެވެ؟
“އަޝްފާން ކައިރީ ދެންމެ ވީ ކަންތައް ނުބުނައްޗޭ” އޭނާގެ ކުށަކުން އަޝްފާނާއި ދެމީހުންގެ ގުޅުމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ކުރަން އިޝާ ބޭނުމެއް ނޫނެވެ.
” ހްމްމްމް ، އޭނަ ލޮލުގަވެސް އަދުން އަޅާފަ ބަހައްޓާ ވީވަރަކުން” ހީވަނީ ދެންމެ ހިގައި ދިޔަ ކަންތައް އަޝްފާގު އިޝާގެ ބޮލުގައި އަޅުވަން އުޅެނީހެންނެވެ.
“ވަޓް އިޒް ރޯންގް ވިތް ޔޫ.. ތިނޫން އެއްޗެއް ކިޔަން ނޭނގެނީތަ” އިޝާ ރުޅި އައިސް އަތުގައި އޮތް ބާލީސް އަޝްފާގާއި ދިމާލަށް އެއްލުމަށްފަހު ބޭރަށް ދާން ހިގައިގަތެވެ.
“ނުދެވޭނެ. އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބު ދިނުމަށްފަހު ނޫނީ” އަޝްފާގު އޭނަގެ ބާރުގަދަ ދެއަތުން އިޝާ ހުއްޓުވިއެވެ. އަދި ފާރާއި ތައްކޮށްލިއެވެ. ދެމީހުން ވެސް ތިބީ އެކަކު އަނެކަކެއްގެ ނޭވާ އެޅޭހާ ކައިރީގައެވެ.
“އަހަރެންގެ ކޮން ކުށެއް އޮވެގެންތަ ތި ލޯބި ކުއްޖާއާއި ދުރުކޮށްލީ.. އިޝާގެ ތި ރީތި ދޮން ހަމާއި އަހަރެން ނުގުޅެނީތަ. ތި ފުން ދެލޮލުގެ ތެރެއަށް އަހަރެން ގެބި ދާނެތީ ސަލާމަތްކޮށްދިނީތަ” އެއް އަތުން އިޝާގެ މޫނުގައި މަޑުމަޑުން ބީހިލަމުން އަޝްފާގު ބުނެލިއެވެ.
“އޭޝް އަހަންނަކަށް ނޭގެ ތިކިޔާ އެއްވެސް އެއްޗެއް އަހަރެން ކާކާއި އެއްކޮށް …” އަޝްފާގު އިސްޖަހައިގެން ހުރި އިޝާގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލިއެވެ. އަދި ޝަހާދަތް އިނގި އިޝާގެ ތުންފަތުގައި ޖައްސައި އިޝާގެ ޖުމްލަ ފުރިހަމަ ކުރުމަށް ހުރަސް އެޅުވިއެވެ. ދެމީހުން ހަތަރުކަޅި ހަމަކޮށްގެން ތިބި އިރު އަޝްފާގު ގެ ދެލޮލުން ފެންނަމުން ދިޔައީ ޝަކުވާއާއި ރިހުމެވެ.
“ހަނދާން ވޭތަ އިޝާ ބަލައި 10 ޖަހަންވާއިރަށް އަންނާށޭ ބުނި ހަނދާން. އެރޭ ކޮފީ ނިއްމާލުމަށްފަހު ބަރާބަރު 10 ޖަހަންދެން އަހަރެން ދިޔައިން އިޝާ ބަލައި. އެކަމަކު ކޮލެޖާއި ހަމައަށް ނުދެވެނީސް ކޮލެޖް ކައިރީ ހުރި ގެއެއްގެ ސިޑިމަތިން އެފިރިހެނާއި އެއްކޮށް އަހަރެނަށް އިޝާ ފެނުނު. އަހަރެން މޫނު މަތިން މިއަދާ ހަމައަށްވެސް ސިފަވޭ އިޝާ ގެ ތިތުންފަތުގަ އޭނަ ބޮސްދިން މަންޒަރު. ފުރަތަމަ ހީކުރީ އޭނަ އިޝާ ޔޫސް ކުރަނީ ކަމަށް ގަދަކަމުން. އެހީ ވެދޭންވެސް ދާން އުޅުނިން. އެކަމަކު އިޝާ އޭގެ ބަދަލުގަ އޭނަ ކައިރިކޮށްލިތަން ފެނި އިތުރަށް އެތާނގަ ހުންނަން އަހަންނަށް ކެތްނުވި.. އިޝާ ބުނެބަލަ ކީއްވެތަ އެހެން ހެދީ” އަޝްފާގު މާޒީގެ ކަޅު ސޮފުހާތައް އިޝާއަށް ކިޔައިދިނެވެ. އަދި އަތް މުއްކަވާލެވި ދެތިން ފަހަރު ކައިރީގައި ހުރި ފާރަށް ރުޅި ބޭލިއެވެ. އިޝާއާއި އަޝްފާގު ދުރަށް ޖެހިލީ އައިސްފައިވާ ރުޅީގެ ސަބަބުން އިޝާއަށް ގެއްލުމެއް އިހުތިޔާރުން ބޭރުގައި ނަމަވެސް ދެވިދާނެ ކަމަށްޓަކައެވެ. އަދި އެނދުގައި އިށީދެ އެތުން އިސްތަށިގަނޑުގައި ހިފައި ބާރުކޮށްލިއެވެ.
“އޭޝް” އިޝާ އަޝްފާގުގެ އަތުގައި ހިފާލީ އޭނާގެ ރުޅިގަނޑު މައިތިރި ކުރެވޭތޯއެވެ. އެހެންނަމަވެސް އަޝްފާގު އިތުރަށް ރުޅި އައިސް އިޝާގެ އަތް ހޫރާލިއެވެ.
“އަހަރެންގެ ވާހަކަ އަޑު އަހާފާނަންތަ އޭޝް، ހަމައެކަނި އޭޝްއަށް ފެނުނު މަންޒަރަކަށް ބިނާކޮށް ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައިތީ އިޝާ ވަރަށް ދެރަ ވެއްޖެ، އިޝާގެ ސައިޑުވެސް އަހާބަލަ” އިޝާ އަޝްފާގަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. އަޝްފާޣު ކަންތައް ކުރިގޮތުން ކިތައްމެ ހިތްހަމަނުޖެހުނަސް އިޝާގެ ރުޅި މައިތިރިކުރީ އަޝްފާގެ އިން ހާލު ފެނި ހިތަށް ކުލުނު ވަދެގެންނެވެ. މިދަޑިވަޅުގައި އިޝާވެސް ރުޅި އައިސްފިނަމަ ނަތީޖާ ވަރަށް ގޯސް ވެދާނެކަން އޭނާގެ ހިތަށް ސިކުޑި ވިސްނައިދިނެވެ.
“އޭޝް، އަހަރެން ގަބޫލްކުރަން އަހަންނަށް އެހެން ފިރިހެނަކާއި އެކީ އެރޭ ހުރެވުނުކަން. އެއީ ކޮލެޖު ކުއްޖެއް.ވަރަށް ގާތްކޮށް އުޅޭނީ. އިޝާއަށް ހެލްޕްވެސް ވާނެ ބުނާ ކޮންމެ ކަމެއްގަ . އެރޭ ކުލާސް ނިމިއްޖެ 9:45 ހާއިރު. އޭނަ އިޝާ ކައިރީ އޭނަ ގެޔަށް ލައިދޭން ބުނީ ބޯއަބުރާތީ އޭކިޔާފަ. އިޝާއަށް ނުކެރުނު ނޫނެކޭ ބުނާކަށް. އެހެންނޫނަސް އެގެ ހުންނަނީ އެތާކައިރީ ކަމުން އޭޝް އަންނަން ވާއިރަށް އަބުރާ ކޮލެޖަށް އާދެވޭނެ ކަމުގެ ޔަގީންކަން އޮތީމަ ދިޔައީ.. އައި ބިލީވް އިޝާގެ މިސްޓޭކުކަން އޭޝްއަށް އަންގާނުލެވި ދިޔުމަކީ. އައި އޭމް ސޮރީ ފޯ ދެޓް. އެކަމަކު އިޝާ ހުރީ އޭޝް އެރޭ އައިމަ ވީގޮތް ކިޔައިދޭން. އޭނަ ބޯ އަބުރާވަރުން އިޝާއަށް ދާން ޖެހުނީ އޭނަ އަތުގަ ހިފައިގެން. ކިރިއާ އޭނައަށް ކޮޅަށް ހުރެވޭވަރުވީ. ގޭގެ ސިޑިއާއި ހަމައަށް ދެވުމުން އިޝާ އުޅުނީ އޭނަ ސިޑިން މައްޗަށް އެރުވޭތޯ. ފުރަތަމަ ފުލޯ ވީމަ އިޝާ އެކަނި އޭނަ އެރުވޭތޯ ޓުރައި ކުރީ. އެކަމަކު އޭނަ މައްޗަށް އަރުވަން އުޅުނީމަ އިޝާ އަތުގައި ހިފައި ދަމައިގަތީ. ދެން އިޝާގެ ތުންފަތުގަ…… އިޝާ ވަރަށް ބިރުވެސް ގަތް. ވަގުތުން ދުރަށްވެސް ޖެއްސިން.. އޭރު އޭނަ ނޭފަތުން ލޭ އަންނަތަން ފެނި އިޝާއަށް އޭނަ އެހާލަށް ދޫކޮށްލާފަ ދާން ނުކެރުނީ. ވެއްޓެން އުޅުނީމަ ގަޔާލައި ނަމަވެސް ނަގަންއުޅުނީ ވެއްޓިއްޖެނަމަ ބޯ ސިޑީގައި ޖެހި ފަޅައިގެން ގޮސްދާނެތީ.. ދެން އިޝާ ކުރިކަމަކީ އެވަގުތު މަގުމަތިން ދިޔަ މީހަކަށް ގޮވައި އެހީއަށް އެދުނީ.. ފަހުން އިޝާއަށް އެނގުނު ގޮތުގަ އެކުއްޖާ އެރޭ ހުރީ ޑުރަގު ޔޫސްކޮށްގެން. އޭޝްއަށް ގުޅަން ފޯން ހޯދި އިރު އޮތީ ވެއްޓި ސްކްރީން ތަޅައިގެން ގޮސް. ހުޅުވަން އުޅެއުޅެ ނުވެސް ހުޅުވުނު.. އިޝާ އަވަހަށް ކޮލެޖަށް ދިޔައީ އެތަނުން އޭޝް ފެންނާނެ ކަމުގެ އުއްމީދުގަ. އެކަމަކު 12 ޖަހައި ބޮޑުވި އިރުވެސް އޭޝްއެއް ނާދެ.. ގެއަށް ގޮސް މަންމަ ފޯނުން ގުޅީމަ ބުނަނީ ނިއްވާލާފައޭ. އިޝާ ވަރަށް ގިނަ ދުވަހު އޭޝްގެ އިންތިޒާރުގަ ހުރިން. ”
އިޝާ ވީގޮތް ކިޔައިދެމުން ދިޔަ ވަރަކަށް އަރާފައިވާ އޮޅުން ބޮޅުންތައް އަޝްފާގަށް ސާފުވަމުން ދިޔައެވެ. އޭނާގެ ހީކުރުންތައް އިޝާ ދޮގު ކުރަމުން ދިޔައިރު ބުނާނެ އެއްޗެއް ނޭނގި ފައި ހުރެވުނެވެ. އިޝާއަކީ ބޭވަފާތެރިއެއް ނޫންކަން އެނގުމުން ވާންވީ އުފާހެއްޔެވެ؟ ނޫނީ އަމިއްލަ ކުށަކުން އިޝާ ބީވެގެން ދިޔުމުން ވާންވީ ދެރަ ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Hello emmen. Maroon improve eba veytha. If so how much. If you love the story plz leave a comment ?
Ragalhu kuran kameh othiyyaaves bunelahchey ?
Next part ga innanee fazu and ashfaange bai ?
Love u all❤
V salhi
Thanku xaan ❤
Maaa bodah kuru. Maaa kuru. Hama nameh alhuvaalythi. Hagygathuga mee mau ge fav story. Maa kuruvyma v v disappointed ?
Kureege bayah vure kuru vaane.
Dhn anna bai dhigu kolleveythw balaanan. Thanku maurifa ❤
Hey maroon kihineh tha.. ekam vaahaka than kolhen kuru ingey buneveyni vaahaka v salhi ey.. dhen than kolhen las genes dhey iru alhe pls maroon komme dhuvaku ves upkoh dhyba pllllllllllllllllllllllllllllllllllllls
Thanku aisha ❤
Maadhan dhen onna bai up kohdheveythw balaanan. Liyefa othy hama ekani dhivehin type kollan jeheynee ❤❤
Wow masha allah v rythi n ashfaag isha gaboolukureydhen n kokko avves kiyaaidhy kuryge maazy n ashfaan ah ishaage konkameh engigenbaa thidhuruvany? Ehaa lha iruga v kamakun cancer kahala kamakaa ishaa ah kurimathi v baa ekahala dherakameh minvaru nukuravvaashi aameen anyway stry hama super ey buneveyny n waitin waitin nxt ???❤❤❤❤
Khajjjaaaaa dhoonya v ufaa vejje comment fenifa ?
Ashfaag kiyaadheynebaa mazee kokko ah??
?❤?
Salhi hama ekm thankokheh laheee up kuraaaleh..Avahah uP nukurevenyaa nuliyebala dhw
Emme furathama buni gothah Weekaku three days madhuvegen up kuran always. Thanku for reading
My fav story .. just love it.. romantic yet v funny…
❤❤ rysh thanku
Vrh salhi mi part vx.. BT thankolheh kury… Nxt part miah vure dhigukohlahchey..
Thanku ❤
Sure nana
vvvvv reethi
Much love mareeee ❤
Reerhi
Maroon konirakuntha next part genesdhenee inthizaaru koh koh varubalivehjjeyyyyyy