ލޭކޯރު (ހަތަރުވަނަ ބައި)
އަމިއްލައަށް ތަނާލް ބޭޒާރު ވުމުން އަންޝްއަށް ހީގަނެވިއްޖެއެވެ. ބުނެވުނު އެއްޗެއް ވިސްނި ތަނާލްއަށް ދަތް އެޅުނީ ދުލު ކުރީގައެވެ..ލަދުން މޮޅިވެފައި ތަނާލް އަންޝް އާއި ދުރަށް ޖެހިއްޖެއެވެ. ” އެހެނެއްނޫން މިބުނީ..އަސްލު އަހަރުމެން ހަމައެކަނި ރައްޓެހިވީ. ހުވާ.. އެންމެ ފަހަރަކުވެސް އަދި މީޓް ނުކުރަން. އަލަށޭ އަހަރެން ކުއްޖަކާއި ރައްޓެހި މިވީ. އެވަރު ކަމެއްތަ އެއީ؟ ” ” ނޫނޭ.. މައްސަލައަކި ތަނާލް ތުއްތު ބަބައެއްހެން އުޅޭތީ.” އަންޝް އިނީ އަދިވެސް ހިނިއައިސްފައެވެ. ” ރަނގަޅު ވާނެ އަދި ދޮންބެމެން ޅަކުރާތީ އެހެން އެވަނީ. އެކަމަކު މުބާ ދެކެ ވަރަށް ފޫހިވޭ މިހާރު. އަހަރެންތަ މި ލޯންޗް އޮޔާލީ. އެންގޭތަ އަހަރެން ދެ ފަހަރު އުޅުނިން މުބާ އާއި ވާހަކަ ދައްކާ ލެވޭތޯ. އެކަމަކު އޭނަ ބުނީ މިތަނުން ދުރައްދާށޭ. އަހަރެން ފެނުނީމަވެސް މުބާ އަންނަނީ ރުޅި.” ހިތުގައި ފޮރުވައިގެން އުޅުނު ޝަކުވާތަށް ތަނާލް އަންޝް އަށް ކިޔައިދިނީ އަންޝް އަށް ފުރިހަމަ އިތުބާރު ކޮއްފައެވެ. ” އެވާނީ މިހެން ދިމާވީމަ ބޯހާސް ވަނީ ކަމަށް. ” ” އެހެނެއްނޫން އެވަނީ. އަސްލު މުބާ އަހަރެން ދެކެ ލޯތްބެއްނުވޭ. ސަމާހު ބަލާނަލަ. ޒަހޫ ވަރިކޮއްލާފަވެސް މުސީބާތެއް ޖެހުނީމަ އެއުޅެނީ ޒަހޫ ގޮވައިގެން. އެއީ ލޯތްބަކީ. ބަނޑުހައިވެގެން އަހަރެން ލޯމެރިފަ އޮތްއިރުވެސް މުބާ އަހަންނަށް ބަލައިވެސް ނުލި. މުބާ ނުވޭ އަހަރެންދެކެ ލޯތްބެއް. ލޯބިވީނަމަ އަންޝް އެއްނޫން އެދުވަހު އަހަންނަށް ކާއެއްޗެހި ދޭނީ. ރަށުގައި ހުރެ މުބާ އާއި މީޓް ނުކުރެވުނުކަން އެއީ އަހަރެންގެ ނަސީބް. މާލެ ދެވުނުނަމަވެސް އަހަރުމެން މީޓް ކުރިސް. އަހަންނަށް މިހާރު ބޮޑަށް ހީވަނީ ކޮންމެވެސް އެހެން ހަސަދައެއް ފިލުވާލަންހެން މުބާ އަހަންނާ ރައްޓެހިވީ. ކުޑަ ދޮންބެއާއި މުބާ މައްސަލައެއް ޖެހުނު ވާހަކަ އަހަރެން އަޑުއެހިން. އާއެހެންޏާ ކުރިން ނުވެވުނު ލޯތްބެއް ހަމަކުއްލިއަކަށް ވެވޭތަ؟ ތިން ޤުރޭޑްގައި އަހަރުމެން އެކުގައި އުޅުނިން. ފަލަވީމަ އަހަންނަށް މަލާމާތް ކުރާ ގުރޫޕް ތެރޭގައި އޭރު ހުންނާނެ މުބާވެސް. އަހަރެންގެ ނަސީބް ވަގުތު އޮއްވައި ސަލާމަތް ވެވުނުކަން.” ތަނާލް ދައްކަމުން ދިޔަ ވާހަކައަށް ހުއްޓުމެއްނައެވެ. މަރީ އާއި އެވާހަކަތަށް ހިއްސާކުރަން ތަނާލް ހުރީ ވަރަށް ބޮޑަށް ބޭނުންވެފައި އެވެ. އެހެނަސް އަންޝް ވިއަސް މިހާރު ދެން އެންމެ ރަނގަޅެވެ. ވިސްނަވިސްނާފައި ތަނާލް ދައްކަމުން ދިޔަ ވާހަކަތަށް ކޮޅުންލާ ގޮތެއްނުވިއެވެ. އަންޝް އަށް އިންދެވުނީ ތަނާލްގެ މޫނަށް ބަލަހައްޓެއިގެންނެވެ. އޮއްސެމުން ދިޔަ ހަނދުވަރުގެ ރިހި އަލި ރީތިކޮށް ހުރީ ތަނާލްގެ މޫނަށް އެޅިފައި އެވެ. ދިގު އިސްތަށިގަނޑު ދެފަޅިއަށް ގަތާލައި ދެކޮނޑުމަތިން ކުރިމައްޗަށް ވައްޓާލާފައި އޮއްއިރު ތަނާލްގެ މައުސޫމްކަން އިންތިހާ އެވެ. ނިދާގަޑި ޖެހުމުން އެއިސްތަށިގަނޑު ދެފަރާތަށް ގަތާލުމަކީ ތަނާލް ގެ އާދައެވެ. ތަނާލް ދައްކަމުންދިޔަ ވާހަކައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން ދިޔައީ ތަނާލްގެ އަތުގެ ހަރަކާތްތަކެވެ.ބުނެވޭ ބަހާއި އެގޮތަށް ދެއަތް ހަރަކާތް ކޮއްލައެވެ. އަންޝް އަށް ބަލަން އިނދެވުނީ ހިނިއައިސްފައެވެ. ދުނިޔޭގެ އެކިދިމަދިމާއިން އެތަށް އަންހެންކުދިންނަކާއި އަންޝް ދިމާވިއެވެ. އެހެނަސް ތަނާލް ކަހަލަ ކުއްޖެއް މި ފެނުނީ އަލަށެވެ. އެހެންކުދިންނާއި ތަނާލް ގެ ތަފާތަކީ ކޮބައިކަން ނުވިސްނުނަސް ބެލިވަރަކަށް އަންޝްގެ ހިތް އެދުނީ އަދިވެސް ބަލާށެވެ. ” އަންޝް…” ” ހޫނ…ކީކޭ؟ ” ދެތިންފަހަރު ގޮވައިލައިގެންވެސް ހަބަރެއްނުވުމުން ތަނާލް އަންޝްގެ އަތުގައި ހިފައި ތަޅުވައިލައިފިއެވެ. އަންޝް ވަރަށް ބޮޑަށް ސިހުނެވެ. ” ކޮންހިޔާލެއްގަ..؟ ކީތްވެ ތިބަލަނީ؟ އަހަރެން މިހާއިރު ދެއްކި ވާހަކަ އަޑެއްވެސް ނާހަން ދޯ؟ ” ހުރިހާ ސުވާލެއް އެކުގައި ތަނާލް ކޮއްލައިފިއެވެ. ” ނޫނޭ..އަޑުއަހަން މިއިންނަނީ.. ތަނާލްގެ ވާހަކަ އެއްނު ތިދައްކަނީ..” އަވަސް އަވަހަށް އަންޝް ބުނެލައިފިއެވެ. ” ހޫނ..އެކަމަކު އަހަރެންގެ ވާހަކަ ނިމިއްޖެ. ދެން އަންޝް ކިޔައިދީ.. ކޮބާ އަންޝްގެ އަންހެނުން؟ ކިތަށްކުދިން…. ” ” އަހަރެން ތިހާ މުސްކުޅި ވައްތަރު ޖަހާތަ؟” އަންޝް ތަނާލް އަށް ބަލައިލީ ހައިރާން ވެފައިއެވެ. ތަނާލް ދެފަރާތަށް ބޯހޫރުވައިލީ ވަރަށް ބޮޑަށް ހިނިއަންނަ ގޮތްވެފައި އެވެ. ” އެކަމަކު ގާރލްފުރެންޑެއް ހުންނާނެ. މަށަށް ޔަޤީން.” ” ނުހުރޭ..ދެތިންކުއްޖަކާއި ރައްޓެހިވިން އެކަމަކު މަށަށް ކަމަކު ނުދޭ. އެހެންވެ އެކުޅިވަރު ހުއްޓާލާފައި މަންމަގެ ހުވަފެން ހަޤީގަތަކަށް ހެދޭތޯ މިހާ ދުވަހު މިއުޅުނީ. އެކަންކުރެވިއްޖެ. ދެން ހިތްއެދޭކަހަލަ ކުއްޖަކު ލިބޭތޯ އުޅެންވީ” ” މަރީ ކިހިނެތް؟ ” ތަނާލް ހުރީ ދަނޑިވަޅުގެ ބޭނުންހިފަން ތައްޔާރަށެވެ. އަންޝް މޫނަށް ހަދައިލީ ކުނި ގޮތެކެވެ.” ކަމަކުނުދޭ. މާބޮޑަށް ހިކިކޮށް ހުރީ، އިސްތަށިގަނޑުވެސް މާ ކުރު..” ” އެހެންވިއިރު މަށާއި ރައްޓެހިވޭ. ކިހާ ފަލަ އަހަރެން. މިއޮތީ ބޮޑު ކަޅު ދިގު އިސްތަށިގަނޑެއްވެސް” ދެ އިސްތަށިގަނޑު ދެއަތުންހިފައި ތަނާލް ދައްކާލައިފިއެވެ. މަރީ އަށް އެއްޗެއް ބުނުމުން ހަޤީގަތުގައި ތަނާލް އައީ ރުޅިއެވެ. ” މަރީ އަށް ވުރެ ތަނާލް ވެސް މަށަށް މާ ރަނގަޅު. ތަނާލް ކުރިންހައި ފަލައެއްނޫން މިހާރު، މިވާގޮތުން ދެންވާނީވެސް ހިކި. ނުހިކިއްޖިއްޔާ މަށާއި އެކީ ކޮންމެ ރެއަކު ދުވަންދާނީ. އޭރުން ހިކިދާނެ. ” ” ތިބުނާހާ އަހަރެން ފަލައެއްނޫން. އަސްލު ބުނަންތަ މަރީ ކަހަލަ ރަނގަޅު ކުއްޖަކު ދޫކޮއްލެވުނުކަން އެއީ އަންޝްގެ މޮޔަކަން. ” ” އެހާރަނގަޅު ކުއްޖަކު ނަމަ ކީތްވެ އެހާ ބައިވަރު ވަގުބިޓުން ގެންގުޅެނީ؟ އެހެންނޫނަސް އަހަރެން ހިތްއެދޭ ކުއްޖަކާއި އަހަރެން މެރީ ކުރާނީ. އެހެން ކުދިންނާއި ހާސްބައި ތަފާތު މައުސޫމް ލޯބި ކުއްޖަކާއި. ތުއިދެއްކެން އުޅޭ ކުދިން މަށަށް ކަމަކުނުދޭ.. ” ” މިހާރު ނޫޅެ ތިބުނާކަހަލަ ކުދިން. ބޮލުގެ ފަތްކޮޅުފައިބަންދެން ހުރޭ ތިހެން. އަންޝްގެ ހިތްމޮޅުކަންތީ. ތިކަހަލަ ފޮނި މީހުންދެކެ އަހަރެން ވަރަށް ފޫހިވޭ.” އިތުރަށް އެތަނުގައި މަޑުކުރަންވެސް ތަނާލް ނެހެދިއެވެ. ” ދަނީތަ؟ މަޑުކޮއްބަލަ ހާދަ އަވަހަކަށް…. ” އެހެނަސް ތަނާލް ހިގައްޖެއެވެ. އަންޝް ދެފަރާތަށް ބޯހޫރުވައިލީ ތަނާލްގެ މޮޔަކަމުން ހިނިއައިސްފައެވެ.
” ވަގުބިޓެއް ނެގިއްޔާ އެވަރުކަމެއްތަ އެއީ؟ ނުލިބޭނެ މަރީކަހަލަ ކުއްޖެއް..އަހަންނަކަށް ނު ބޮޑަށް މަރީ އެންގޭނީ ” ކުދި ކިޔަމުންގޮސް ތަނާލް އޮށޯއޮވެއްޖެއެވެ. އަނދިރިގެ ތެރެއިން ނައިލް ހޭލާ އޮތްކަން ތަނާލް އަށް އެއްގޮތަކަށްވެސް ނޭގެއެވެ. ކަރުހިތްކައިގަނެގެން ނައިލް އަށް ހޭލެވުނުތާ އިރުކޮޅެއްވެއްޖެއެވެ. އެހާދަންވަރު ތަނާލް އާއި އަންޝް އެކުގައި ފެނުމުން ނައިލް ވަރަށް ބޮޑަށް ހައިރާން ވިއެވެ. އެހެނަސް ފުރަތަމަ ފަހަރު ތަނާލް އާއި އަންޝް ހިތާހިތާއި ގުޅާލެވިއްޖެއެވެ. ތަނާލް އަށް ރޮވޭ ކޮންމެފަހަރަކު އަންޝް ދެރަވެފައި ބަލަންހުރެއެވެ. ހައިހޫނުކަން އެންމެ ބޮޑަށް ތަނާލް ތަހަށްމަލް ކުރިއިރު ލިބުނު ކުޑަ އެތިކޮޅުންވެސް އަންޝް ތަނާލް އަށް ބައި އެޅިއެވެ. ތަނާލް ނައިލް އާއި ދައްކާ ކޫސަނިވާހަކަތަށް ދުރުގައި ހުރެނަމަވެސް އަންޝް އަޑުއަހާކަން ނައިލް އަށް އޮތީ ކުރިންވެސް ފާހަގަކުރެވިފައެވެ. ތަނާލް އަށް ނުވިސްނުނަސް އަންޝް ހިތުގައި ތަނާލް އަށްޓަކައި ކޮންމެވެސް އެއްޗެއްވާކަން ނައިލް އަށް ޔަޤީން ކުރެވުނެވެ. ވަރަށް ބޮޑަށް ނައިލް ހިތްހަމަ ޖެހުނުވެ. އެއުފާވެރި ޙަބަރު ގޭގެ އެހެން މީހުންނަށް ދިނުން މިހާރު ވެސް ނައިލް އަށް ލަސްވެއްޖެއެވެ. މުޅި ދުނިޔެ އަތްފުނާ އެޅިއަސް މިޒަމާނުގައި އަންޝް ކަހަލަ ޒުވާނަކު މަދުން ނޫނީ ނުލިބޭނެއެވެ.
ރޭ ރުޅިއައިސްގެން ދިޔަޔަސް ޖެހިގެން އައި ދުވަހު ތަނާލް ހުރީ ހަމަޖެހިފައި އެވެ. މުޅި ދުވަހުގެ ގިނަ ވަގުތު ދެމީހުން ހެދަކުރަމުން ދިޔައީ އެކުގައި ކަހަލަ ގޮތަކަށެވެ. އެހެންޏާ ނުފެންނަ މަންޒަރަކަށް ވުމުން އެންމެނަށްވެސް ދެ މީހުންގެ ގާތްކަން ފާހަގަކުރެވި ދެމީހުން އަޅުވައި ކިޔައި ދިމާކުރަން ފަށައިފި އެވެ. ” ތިކަހަލަ އެއްވެސް ގުޅުމެއް އަހަރުމެން ނޯވޭ..” ” މިހާރު ނެތަސް ތި ފެށުމެއް. ” ތަނާލް އަށް ރައްދުދިނީ ޒަހުނާއެވެ. ” މިހާރުވެސް އޮވޭ. ނުނިދުނޭ ކިޔާފައި ރޭގަނޑު ދަންވަރު ތަނޫ ހޭލައި އުޅެނީ ބަލަ އެއިން ފައިދާތަކެއްވެސް ކުރާތީއޭ. މަށަށްވެސް ޑިއުޓީކޮއްލީމަ ވާނުވާ ރޭކާ މިލީ.. ” ” މާސްގެ ވާހަކައިން ތަނާލް ދިޔައީ ދެލޯބޮޑުވެގެނެވެ. ހިނިއައިސްފައި ހުރި އަންޝް އަށް ވެސް ބަލައިލެވުނީ މާސް އަށެވެ. ” ދޮގުނަހަދާ… ” ހައްލެ އެވާހަކައަށް ވަރަށް ޝައުޤުވެރިވެއްޖެއެވެ. ރުޅިއައިސް ރަތް ވެފައި އިނީ މުބާ އެވެ. އެ ދެމީހުން އަޅުވައި ކިޔަން އެއްގޮތަކަށްވެސް މުބާގެ ހިތް ނޭދުނެވެ. ” ތިކަހަލަ އެއްވެސް ކަމެއް ނުވޭ. އަހަރެން އެތަނުގައި އިންދައި ފެނުނީމަ އަންޝް ވެސް އައީ..” ތަނާލް ބުނެލީ ވަރަށް ނޫންކަމަށް ހެދެމުންނެވެ. ” ތިހެންނަމަ ތަނޫ އަންޝްގެ އުގަށް އެރުނިއްޔޯ.. މަށަށް ފެނުނުއިރު އަންޝް އަނގަމަތީ އަތް އަޅައިގެން ތަނޫ އިނީ. މިހާގާތުގަ ” މާސް އިލާ އާއި ޖެހި ފިތުނީ އިލާ ކޮނޑުހިފަހައްޓައި އަދިވެސް ގާތް ކޮއްލަމުންނެވެ. ތަނާލްގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ” ތިދެން މިހާރު ވާހަކަ ބޮޑުކުރަނީ ތިކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރަން. ރޭ އެކަނި އަހަރުމެން އެގޮތަށް ދިމާވީވެސް. ތަނާލް އެކަނި އިނީމަ ވާހަކަ ދައްކާލަން އަހަންނަށް ވެސް ދެވުނީ” ” ވެދާނެ ތީ ތެދަކަށް. އެކަމަކު އަންޝް ހުރޭ ގޮތެއް ތަނޫ އަށް. ތަނޫ ހީލާ ކޮންމެ ފަހަރަކުވެސް އަންޝް އަށް ހެވޭ. ތަނޫ ވާހަކަ ދައްކަންޏާ ވަރަށް އަޑުއަހާހިތުން އަންޝް އަޑުއަހަން ހުންނަނީ. ކަމެއްނުވަންޏާ ތަނޫ ރޯން ފެށީމަ އެހާދެރަވެފައި ބަލަންވެސް އަންޝް ނުހުންނާނެއެވެ. ” ސަމާހު ކިޔައިދިނީ ސަމާހަށް ކުރިންވެސް ފާހަގަ ކުރެވިފައިހުރި ކަންތައްތަކެވެ. ” ކޮބާ.. ދެންކީކޭ ބުނާނީ؟ ” ހައްލެ ކުރިމަތިލީ އަންޝް އާއެވެ. ލަދުން ނައިލް ގައިގައި ތަތްވެފައި އިން ތަނާލް އަށް ވެސް އަންޝްގެ މޫނަށް ބަލއިލެވުނެވެ. ” ދެންކީކޭ އަހަރެން ބުނާނީ.. އަހަރެން ކޮންމެ އެއްޗެއްބުންޏަސް ކަލޭމެންގެ ތި ތާކުންތާކު ނުޖެހޭ ވާހަކަތަށް ފެށިފައި ތި އޮތީ. އަހަރެން ހިތުގައި ތިކަހަލަ އެއްޗެއްނެތަސް ދެންއެންމެ ރަނގަޅުވާނީ އެއްޗެއް ނުބުނެ ހުރިއްޔާ.” އަންޝް ވާހަކަ ނިއްމައިލިއަސް އެމައުޞޫ ދިޔައީ ކުރިއަށެވެ. ދެމީހުން ގުޅޭ ވާހަކައާއި އެކަހަލަ މިކަހަލަ ވާހަކަތަކެއް ދެކެވެމުންދިޔައިރު މުބާ އަންގައިންވެސް ނުބުނެ އިނެވެ. މާ ބޮޑުވެލައިފައި އުޅޭތީ ކުރިންވެސް މުބާގެ ހިތުގައި އަންޝް އަށް ހަސަދަވެރިކަމެއްއޮތި އުފެދިފައިއެވެ. އަނިއްކޮޅުން ތަނާލް އަކީ މުބާ ގާލްފުރެންޑެވެ. ބަދަލެއްހިފާލަން ކުރިކަމަކަށް ވިއަސް އެއަށްވުރެ ބޮޑަށް މިހާރުދެން މުބާ ބޭނުމީ އަންޝް އާއި ތަނާލް ދުރުކުރާށެވެ.
ހަމައެދުވަހު މުބާ އަލުން ތަނާލް އާއި ވާހަކަ ދައްކަން ފަށައިފިއެވެ. އެހާ ރީތިކޮށް މުބާ ވާހަކަ ދައްކަން ފެށުމުން ތަނާލް ވަރަށް ހައިރާންވިއެވެ. އެހެނަސް އަންޝް އާއި ދެމީހުން އަޅުވައިކިއުމުން މުބާ ޖެލަސްވިކަން ވެސް ވިސްނިއްޖެއެވެ. ” އަހަރެން ބޭނުމެއް ނޫން މުބާ އާއި ވާހަކަ ދައްކާކަން.. މުބާ މިތަނުން ދޭ” އެހެން މީހުންނަށް އަޑުއިވިދާނެތީ ތަނާލް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ” އައި އެމް ސޮރީ.. އަހަންނަށް އެގޭ…..” މުބާގެ ވާހަކަ އަޑުއެހުމެއް ނެތި ތަނާލް ދުރަށް ހިގައްޖެއެވެ. އެހެނަސް އެހާވަރުން މުބާ ތަނާލްގެ ފަހަތަކުން ނުނެއްޓުނެވެ. ލިބޭ ކޮންމެ ދަނޑިވަޅެއްގެ ބޭނުން މުބާ އައީ ހިފަމުންނެވެ. އެހެނަސް ތަނާލް ދިޔައީ އަންޝް އާއި ގާތް ވަމުންނެވެ. އެގޮތުގައި ދެދުވަހެއް ފާއިތުވެ ދިޔައިރު ދެ މީހުންގެ މެދުގައި ވަނީ ވަރަށް ގާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ. މުބާ ވަރަށް ބޮޑަށް ރުޅި އައެވެ. އެހެނަސް އެކަން ނުދައްކައި މުބާ މަސައްކަތް ކުރަމުންދިޔައީ އޭނަގެ ކޮޅަށް ތަނާލް ލަންބުވައިލެވޭތޯއެވެ.
ހޫނުގަދަ ދުވަސްތަކަކަށް ފަހު މޫސުން ގޯސްވުމުގެ ކުލަވަރު ދައްކާލައިފިއެވެ. ވައިރޯޅި ގަދަވާ އަތަށް އަޅައިލައި ދުރު ދުރުން ވިދުވަރުގެ އަލި ފެންނަން ފަށައިފިއެވެ. އެރޭ ވީ ފިނިރެއަކަށެވެ. އިންތިޒާރުގައި ތިއްބައި އައު ފަތިހަކަށް ފެށިގެން އައި އިރު ބޯ ކަޅު ވިލާތަކުން އުދަރެސް އެކީވަށައި ބައްދާލާފައި އޮތެވެ. ވައިރޯޅި ބާރުވެ ކަނޑުގެ ރާޅުތައް ގޮއް ލާން ފަށައިފިއެވެ. ލޯންޗު ދެ ފަރާތަށް ތަޅުވަމުން ފެށުމުން އެންމެ ބާރު ބޮޑުވީ ޒަހުނާ އާއި ދައިތަ އަށެވެ. އެހެނަސް އެމީހުންނަށް ވެސް ތިބެވުނީ ވާރޭ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ލޯންޗުގެ ކުރީކޮޅުގައި މޫނު މައްޗަށް ނަގައިގެން ކެތްމަދުވެފައި ތަނާލް ހުރީ ވާރޭ އަންނަން ލަސްވެފައެވެ. ޒަހުނާ އާއި އިލާ އަދި މޫމިނާ ވެސް ކައިރީގައި މައްޗަށް ބަލަ ބަލައި ތިއްބެވެ. އެކި ދިމަ ދިމާއިން ވިދާލަ ވިދާލައި އޮވެފައި އައު ދުވަހަކަށް ވާންފެށީ އަލިކަމާއެކު ބޯ ވާރޭ އޮއްސައިލައިފިއެވެ. ބޮޑެތި ފިނި ވާރޭ ތިކިތައް އައިސް ތަނާލް ތެއްމައިލުމުން ތަނާލް އަށް އުފަލުން ހަޅޭއްލަވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ…
ބޮޑެތި ފިނި ވާރޭ ތިކިތައް އައިސް ތަނާލް ތެއްމައިލުމުން ތަނާލް އަށް އުފަލުން ހަޅޭއްލަވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ޒަހުނާ މެނަށްވެސް ވީ އެކަހަލަ ގޮތެކެވެ. ހައްލެ މެންވެސް އަވަސް އަވަހަށް ނިކުތީ ބޭރަށެވެ. ދައިތައަށް ވެސް އެތެރޭގައި ކެތް ކޮއްލެވޭ ގޮތެއްނުވިއެވެ. ތަންތަނުގައި ހިފަހައްޓަމުން އެބޯ ވާރެއަށް ނިކުމެއްޖެއެވެ. އެތަށް ދުވަހަކަށްފަހު ފެންވަރާލުމުގެ ނަސީބް ލިބުމުން ހުސްވެފައިހުރި ފުޅިތަށް މަތިން އެމީހުން ހަނދާނެއްވެސް ނެތެވެ. މޫމިނާ ގެންގުޅު ޝޭންޕޫ ފުޅިއާއި ސައިބޯނި ފުޅިން އެއްމެންވެސް އަވަސްވެ ގަތީ އެމީހެއްގެ ހަށިގަނޑު ދޮވެ ސާފުކުރާށެވެ.
ކުރާނެކަމެއްކުރަން އެމީހުން ދޫކޮށްލާފައި އަންޝް އާއި ކޮމާންޑު ހުރިހާ ފުޅިތަކާއި ހަންތަށް ހިފައިގެން އެރީ ގެގަނޑު މައްޗަށެވެ. މި ދިޔަ ދުވަސް ތަކުގައި ޕެޓްރޯލް ހުސްކުރި ހަންތަށް ދޮވެވުނީތީ އަންޝް ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އެހެނަސް މިހާރު އަންޝް އަށް ވަށައި ނަޒަރު އުކެމުން ދިޔައީ އެ މާހައުލަށެވެ. ހިނދަކަށް ވުރެ ހިނދެއް ވައިބާރުވެ ކަނޑުގެ ރާޅުތަށް މިހިރަ ބިޔަވަނީ އެވެ. އަވަސް ރަހުމަތެއްގައި މީ މައިތިރިވެލާނެ ކޮޅިގަނޑެއްނޫންކަން އެމާހައުލަށް ނަޒަރު ދޫކޮއްލި ކޮއްމެ މީހަކަށް ވިސްނޭނެ އެވެ. ލޯންޗް މަޑުމަޑުން އޮތީތީ މިހާ ދުވަހު ޝުކުރު ކޮއްލައިގެން ތިބެވިއްޖެއެވެ. އެހެނަސް ދެން ހަނދާނީ ކިހިނެއް ހެއްޔެވެ.؟
ވާރޭ ތެރޭ އެތަށް އިރަކު ހުންނަން ބޭނުންވިއަސް އެވާރޭ ތެރޭ ވިއްސަކަ މިނެޓްވެސް އެމީހުންނަށް ކެތްކޮއްލެވޭ ގޮތެއްނުވި އެވެ. އާދައާއި ހިލާފަށް ވައިބާރުވެ ކަނޑުގަދަ ވާން ފެށުމުން އަންހެނުންތަށް އެތެރެއަށް ވަނީ ބިރުންނެވެ. ސަމާހު އާއި ނައިލް އެމީހުން ނާއި އެކު ފޮނުވާލާފައި ދެންތިބި މީހުން އެރީ މަށްޗަށެވެ. ފަސްމީހުން އުޅެގެން ގަޑިއެއްހައި އިރުތެރޭގައި ހަތަރު ހަމުގެ ފެން ފުރާލެވުނު އިރު ތިބީ ވަރުބަލިވެފައެވެ. ” ދެންނުވާނެ..ބާކީ ހަންތަށް އުކާލާ. މުޅި ގައިގަ ރިއްސަންފަށައިފި ” ހީކަރުވައިގަނެގެން މާސް ތުރު ތުރު އަޅައެވެ. ކޮމާންޑް އަންޝް އަށް ބަލައިލި ދަތްދޮޅި ތަޅުވަމުންނެވެ. ފިނިވެގެން ތެޅި ތެޅި ހުރި އަންޝް އަށް ވެސް ބޯޖަހައި ލެވުނީ އިތުރަށް އެތަނުގައި މަޑުކުރާނެ ހައި ހިތްވަރު ނެތުމުންނެވެ. އިތުރަށް ވިސްނަން ނަހަދައި ކޮމާންޑު ބާކީ ހުރި ހަންތަށް ދޫކޮއްލައިފި އެވެ. ފެންފުރާލެވުނު ހަންތަކާއި ފުޅިތަށް ހިފައިގެން ފަސް މީހުން ތިރިއަށް ފެއިބިއިރު އޯކަށް ދެމިދެމި ފައި ޒަހުނާ ހޮޑުލަނީ އެވެ. ސަމާހު ޒަހުނާ އާއި ވެގެން އުޅެއެވެ. ބިރުން ރޮވިފައި އިން ތަނާލް ނައިލް ގައިގައި ތަތް ވެގެން އިންއިރު އިލާ ވެސް އިނީ ނައިލް ގައިގައި ބާރަށް ހިފަހަށްޓައިގެނެވެ. ހީކަރުވައި ގަނެގެން ތެޅިތެޅި އިން ދައިތަ ގައިގައި ބެޑްޝީޓެއް އޮޅައިގެން ދައިތަ ގެނެސް ގައިގައި ލައްކޮށްގެން މޫމިނާ އިނެވެ. ދައިތަ އަށް ސަމާލުނުވެވިގެން މޫމިނާ އުޅޭތަން ފެނުމުން އަންޝް އަވަސް އަވަހަށް ގޮސް އެދެމީހުން ކައިރި އިށީއިދެއްޖެ އެވެ. ” މާސް ” މާސް ފެނުމުން އިލާއަށް ފެށުނީ ރޯށެވެ. އައިސް ނައިލް ކުރިމަތީ އިށިއިންނަމުން މާސް އޭނަގެ ހިމާޔަތަށް އިލާ ގެނެސްފި އެވެ. ” އަހަންނަށް ހީވަނީ މި ލޯންޗް އަޑިއަށް ދަން އުޅޭހެން. ދެން އަހަރުމެން ސަލާމަތެއްނުވާނެ. ” ބިރުން އިލާ ގެ އަޑު ތުރު ތުރު އަޅައެވެ. އަވަސް އަވަހަށް މާސް ދެފަރާތަށް ބޯ ހޫރުވައިލައިފިއެވެ. ” ތިކަހަލަގެ ވާހަކަ ދައްކާކަށް ނުވާނެ.. އިރުކޮޅެއްގެ ކަމެއްމީ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވިއްސާރަގަނޑު މައިތިރިވެދާނެ. ” އިލާ ހަމަޖައްސައިލެވެއިތޯ އުޅުނަސް މާސް ވެސް އިނީ ބިރުންގެންފައެވެ. މޫސުން މިހާ ގޯސްވެދާނެ ކަމަކަށް އެމީހުން ހީވެސް ނުކުރެއެވެ. ކަނޑުން ނަގަމުންދިޔަ ބިޔަ ރާޅުތަށް ދެންމެ ދެންމެ ލޯންޗަށް އަރައިގަންނަން އުޅޭކަހަލައެވެ. ޖެހެމުންދިޔަ ގަދަވަޔާއި ވެހެމުންދިޔަ ބޯ ވާރެއިން ސަލާމަތްވުމަށް ލޯންޗްގެ ދެ ފަރާތު ރަބަރު ގަނޑު ވައްޓައިލުން ނޫން އެއްކަމެއް ވެސް އެމީހުންނަށް ނުކުރެވުނެވެ.
” ސަމާހު…. ސަމާހު ޒަހުނާ….ސަމާހު. މީހެކޭ އަހަރެންގެ ދަރިންކޮޅު ސަލާމަތްކުރޭ ” ނިދިފައި އޮތް ލުބުނާ ތެދުވި ރޮއިގަންނަމުންނެވެ. މެންދުރު ނަމާދު ކޮށްލައިގެން އައިސް ގޯތިތެރެއަށްވަތް ސަމާހުގެ ބައްޕަ މުހައްމަދު ރިޒާ ބާރަށް ހިނގާފައިގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ސަމާހު އާއި ޒަހުނާ ގެއްލުނު ފަހުން ލުބުނާގެ ހާލަކީ އެއީ އެވެ. ވިސްނައި ވިސްނައި ލުބުނާ ހަލާކުވަނީ އެވެ. ނިދިއްޖިއްޔާ ގިނަފަހަރު ހޭލެވެނީ ބިރުވެރި ހުވަފެނެއްފެނި ރޮމުން ނެވެ. ” ލުބުނާ… ލުބުނާ އޭތް ” ” ރިޒާ… ރިޒާ ސަމާހަށް ކޮންމެވެސް ގޮތެއްވެއްޖެ. އަހަރެންގެ ދަރިފުޅު ބުރިކޮށްލައިގެން ބަޔަކު އެބައުޅޭ. އެކުއްޖާ މަރާލައިފި. އަހަރެންގެ ދަރިންކޮޅު މަރައިފި އޭ…. ” އަޑުން އަޑުން ނަގައި ރޮމުން ލުބުނާ ދެއަތުން ތަޅައިގަތީ ބޮލުގައެވެ. މުހައްމަދު ރިޒާ އަށް ޖެހުނީ މިފަހަރުވެސް ލުބުނާ ހޮސްޕިޓަލަށް ގެންދާށެވެ. ޒަހުނާގެ އާއިލާއިން އަނޫ ބަލައި އައި ދުވަހު މުހައްމަދު ރިޒާ އަށް އަނޫ ދޫކޮށްލަން މަޖުބޫރުވީވެސް ލުބުނާ އެހާލުގައި ވުމުންނެވެ. އަމިއްލަ ގައިގައި ތަޅައި އަނިޔާ ނުކުރިއަސް ފާއިޒާ އަކީވެސް މިއަދު ބަލިމީހެކެވެ. ތަނާލް އާއި ނައިލްގެ ހަނދާންތަކާއި ދުރަށް އެންމެ ހިނދުކޮޅަކަށްވެސް ފާއިޒާ އަކަށް ނުދެވުނެވެ. ޖެހި ބުދެއްހެން ގަބު ވެފައި ފާއިޒާ އިނީ އަނގައިން ބަސް ހުސްވެފައެވެ. މެލެޝިއާ ގައި ހުރި އަފްރާޙް އައިސްގެން އުޅޭތާވެސް ދިހަވަރަކަށް ދުވަސް ވެއްޖެއެވެ. އެހެނަސް ކައިރީގައި ހުރެ ވާހަކަދައްކައި ދެރަވެގެން ރޯއިރުވެސް ފާއިޒާއަށް އަފްރާޙް ގެ މޫނަށް ބަލައިލަންވެސް ނޭގެއެވެ.
ހޮޑު ލައިލައި ދެމިފައި އޮތް ޒަހުނާގެ ގައިގައި މާކަ ބޯޑު ބާރެއް ނެތެވެ. ބޯ އަންބުރައިގަނެގެން ލޯމެރިފައި އޮތް އިރު ޒަހުނާގެ ގައިގައި އާދައާއި ހިލާފަށް ރިއްސަމުން ދިޔައެވެ. ޒަހުނާ އަށް ވުރެ ދައިތަގެ ހާލު މާ ގޮހެވެ. ހީކަރުވައިގަނެގެން ތެޅިތެޅި އޮތް ދައިތަ ވަނީ ގަދައަށް ހުންއައިސް ރަތްވެފައި އެވެ. ދެންމެ ދެންމެ ދައިތަ ގެ ފުރާނަ އެ ހަށިން ނުކުމެގެން ހިގައިދާނެހެން ހީވެ ބިރުން ރޮއިލަ ރޮއިލައި މުމިނާ އިނެވެ. ރެއަށް އިރުއޮތްސި އަންދިރިވެގެން ދިޔަ އިރު ހޮޑުނުލެވޭ ފިރިހެނަކުވެސް އެލޯންޗް ގައި ނެތެވެ. ނަގާ ބިޔަ ރާޅުތަކުގެ ޝިކާރައަކަށް ހަމަ ދެންމެ ދެންމެ ލޯންޗް ވެގެން ހިގައިދާނެ އޭ ހިތް ބުނެ، ބިރުން ލައިޓެއް ދިއްލާލަން އިންތަނުން ތެދުވެލަންވެސް އެއިން މީހަކަށް ނުކެރުނެވެ. މޫމިނާ އާއި ދައިތަ ގައިގައި ހިފަހަށްޓައިގެން އަންޝް އަށް ވެސް އިންދެވުނީ ނޭވާ ހިފަހަށްޓައިލައިގެންނެވެ. ކަނު އަންދިރިތެރޭ މުޅިރޭ ހޭދަވަމުން ދިޔަ އިރު އަލިކޮށް ވިދާލާފައި ލޯންޗް ފަޅައިގެންދާހައި ބާރަށް އިރު އިރު ކޮޅާ ގުގުރި ޖަހައެވެ. އެކަހަލަ ކޮންމެ ވަގުތަކު ތަނާލް ދަނީ ތެޅިގެނެވެ. ބިރުން ދެ ލޯ ހުޅުވާލަންވެސް ނުކެރިފައި އޮތް ތަނާލް ރޮއެ ރޮއެ މިހާރުވެސް ގައިން ބާރު ކެނޑިއްޖެއެވެ.
ޖެހެމުން ދިޔަ ގަދަވަޔާއި ވެހެމުންދިޔަ ބޯ ވާރޭ މެދުކަނޑާ ނުލައި ދެރެއާއި ދެ ދުވާ އެގޮތުގައި ހިފަހަށްޓައިލިއެވެ. ވައި މަޑުވެލައި ކަނޑުގެ ރާޅުތަށް ކޮންމެވެސް ވަރަކަށް މައިތިރި ވެލައިފިއެވެ. ވަރުދެރަވެފައި ވިއަސް ފިރިހެނުންތަށް ތެދުވެގެން އުޅުނެވެ. ބޮލަށް އެންބުރުން އަރާފައިވާ ހާލު އަންޝް ވެސް ތެދުވެގެން އުޅުނީ މޫމިނާ އާއި ދައިތަގެ ހިދުމަތުގައެވެ. ކޮޅަށް ތެދުވާ އިރަށް ނައިލް އަށް ހޮޑުލެވިއްޖެ އެވެ. އެހެނަސް ވަރު ދެރަވެ ލޯމެރިފައި އޮތް ތަނާލް އަށް ޓަކައި ކޮޅަށް ތެދުވުން ނޫން ގޮތެއް ނައިލް އަކަށް ނެތެވެ. އެއްބަޔަކު ތެދުވެގެން އުޅުނަސް އެދުވަސް އަދި ޖެހިގެން އައީ ހައެކަ ދުވަސް ވެސް ވެގެން ދިޔައީ ކަނޑުގަދަ ވިއްސާރަ ދުވަސް ތަކަކަށެވެ. މާގިނައިރު އެކަކަށްވެސް ކޮޅަށް ނުހުރެވެއެވެ. ކާ ހިތް ކެނޑި މަރަށް އިންތިޒާރު ކުރާހަކަލަ ގޮތަށް ދެ ލޯ މެރިފައި ތިއްބައި އެރެއަށްވެސް އިރުއޮށްސި އަންދިރިވެއްޖެއެވެ. އާދައިގެ މަތިން މުޅި ރޭ ލޯންޗް އޮތީ ގަދަ އޮއިވަރެއްގައި ޖެހިފައެވެ.
އޮޔަށް ވަޔަށް ދޫކޮއްލާފައި އޮތް ލޯންޗް ކުއްލިއަކަށް ޑަން ކިޔާފައި އެއްޗެއްގައި ޖެހިއްޖެއެވެ. އެރި ލޮޅުމާއި އެކު އެއްބަޔަކު ވެއްޓި ޖެހުނުއިރު އަނެއްބަޔަކު ގޮނޑިއާއިލައި ޖަހައިފިއެވެ. ތަނާލް ގެ ބޯ ޖެހުނީ ނައިލްގެ ބޮލުގައެވެ. ” އާހ… ” ވީ ތަދުން ތަނާލް ބޮލުގައި އަތް އެޅުނީ ގަދަބާރުން ލޯ ހުޅުވައިލަމުންނެވެ. އެވަގުތު ލޯންޗް އަނިއްކައިވެސް ރާޅަކާއި އެކު އެތަނަކާލައި ޖަހައިފިއެވެ. ވަރު ދެރަވެފައި ތިބި އެންމެނަށް ހޭވެރިކަން އަންނަން އެންމެ ފަޅި ސިކުންތުވެސް ނުނެގިއެވެ. ދައިތަ ދޫކޮއްލާފައި އަންޝް އަށް ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭގުނެވެ. ” ކިހިނެއް މިވާނީ؟ ” ވެއްޓުނު ސަމާހް އާއި މުބާ އަދި އެއްމެން ތެދުވަން ފަށައިފިއެވެ. އަދިރިކަމުން ވާނުވާ އެކަކަށްވެސް ނޭގެއެވެ. އެހެނަސް ލޮންޗް އަނެއްކައިވެސް އެތަނަކާލައި ޖަހައިފިއެވެ. ” ގަލެއް ނުންބާ؟ ރަށެއް ކައިރީ ކަންނޭގެއި މި އުޅެނީ. ކޮބާ ބައްތިތަށް އަންޝް ބައްތި ގެނޭ. ” އެއްމެން އަވަސް އަރައިގަތި އެއީ ކޯއްޗެއްތޯ ބަލާށެވެ. ކެތްކުރަން ދަތިވާ ކަހަލަ ތަދެއް ބަންޑަށް އިހްސާސް ވަމުން ދިއަސް ގޮޑީގައި ހިފަހަށް ޓަމުން ޒަހުނާ ތެދުވި އިރު ސަލާމަތް ވެދާނެ ކަމުގެ އުއްމީދީ ހުޅުކޮޅުއަލުން ދިލިއްޖެއެވެ. ދައިތަ ވެސް ތެދުވޭތޯ އަތް ދިއްކުރިއެވެ. އެހެނަސް އަމިއްލައަށް ތެދުވެ އިށިންނާނެހައި ބާރެއް މިހާރަކު ނެތެވެ. ދުވެފައި ގޮސް އަންޝް ލޯންޗްގައި އޮތް ދެ ބައްތި ނަގައިފިއެވެ. އެންމެ ކައިރީގައި ހުރި މާސް އަތަށް އެއްބައްތި ދީފައި އަނެއްބައްތިން އެ ދިމާއަށް އަލިކޮއްލައިފިއެވެ. ލޯންޗްށް ވުރެ އުސް ކަޅު ހިލަ އެކެވެ. ބޮޑު ބިޔަ ހިލަ މައްޗަށް އަރާފައިހުރީ މޫދުގެ އަޑީގައެވެ. އެއްމެން ދިޔައީ ދެ ލޯ ބޮޑުވެގެންނެވެ. ” ރުކެއް… މިފަޅީގައި ރަށް މި އޮތި ” މާސް އަށް އެންމެ ފުރަތަމަވެސް އަލިކޮއްލެވުނީ ރުކެއްގެ ފަންތަކަށެވެ. މާސް އަށް ހީގަނެވުނީ ބޭ އިހްތިޔާރުގައެވެ. އެއްމެންގެ ނަޒަރު ހުއްޓުނީ އެދިމާއަށެވެ. އަވަސް އަވަހަށް އަންޝް އެދިމާއަށް އަލިކޮއްލައިފިއެވެ. މާސް ހަޅެއިލަވައިގަތި އުފަލުން ރޯންފެށި އިލާ އާއި އޮޅުލައިގެންފައެވެ. މާސް އަތުން ބައްތި އަތުލާފައި ތަނާލް އެރަށު ގޮޑުދޮށަށް އަލިކޮއްލިއިރު ހުރީ ނޭވާ ހިފެހެއްޓިފައެވެ. މި ފެންނަނީ ހަގީގަތެއްކަން ޤަބޫލް ކުރަންވެސް ތަނާލް އަށް ދަތިވިއެވެ. އަށާވިސް ދުވަސް މިދިޔައީ ލޮލު ކޮޅުންވެސް ހިކިފަސް ތަނެއް ނުފެނި އެވެ. ސަލާމަތް ވެދާނެކަމުގެ އުއްމީދު ހަމަގައިމުވެސް ތަނާލް ހުރީ ކަޑައިލައިގެނެވެ. އެހެނަސް ނުވެސް އެންގި ތިއްބައި ސަލާމަތުގެ އައްސޭރިއަށް ލޯންޗް މި އޮތި ބަނދަރު ކޮއްފައެވެ. ތަނާލް ގެ ދެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އޮހިގަތީ އެއްވެސް ހިފެހެއްޓުމެއްނެތި އެވެ. މޫމިނާ އަށް ހުރިތަނަށް ޖެހުނީ ސަޖިދައެކެއެވެ. އުފަލުން ޒަހުނާ އަށް ވެސް ރޮވެނީ އެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލިބިފައިވާ ވަރުބަލިކަން އެއްމެން ވެސް ހަނދާން ނެތިއްޖެއެވެ. އަލުން ހަށީގައި ފުރާނަ އެޅިގެން އެ މީހުން އުޅުނުކަހަލައެވެ.އެކަކު އަނެކަކާ އޮޅުލަ އޮޅުލާފައި އެ މީހުން އުފާކުރަމުން ދިޔައިރު އަންޝް ގެ ހަނދާނާއި އެންމެ ފުރަތަމަވެސް ކުޅެލީ ހަލީމާ އެވެ. އަންޝް ސަލާމަތުން ހުއްޓައި އައިސް ފެނުމުން ހަލީމާއަށް ކުރެވޭނެ އިހްސާސް ހިތަށް އަރުވާލަންވެސް އަންޝް އަށް ނޭގުނެވެ. ލޯ ފުހެލަމުން އަންޝް އަށް ނޭވައެއް ދޫކޮށްލެވުނީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ މާތްﷲ އަށް ހިތުގެ އަޑިން ޝުކުރުކުރަމުންނެވެ.
ނިދިފައި އޮތް ހަލީމާ އަށް ލޯ ހުޅުވައިލެވުނީ ސިހިފައެވެ. ދާހިތްލައިފޮވެފައި އޮތް ހަލީމާގެ ކަންފަތުގައި ފުރަތަމަވެސް ޖެހުނީ ފަތިހު ބަންޤީގެ އަޑެވެ. ” މަންމާ ކިހިނެއްވީ؟ ” އަންޝް ގެއްލުނުފަހުން މަލުން ނިދަނީ ހަލީމާ ގާތުގައިއެވެ. ހަލީމާ މަސައްކަތް ކުރީ ހަމަޖެހިލެވޭތޯ އެވެ. ” ބަންޤި ގޮވާ އަޑު އެއިވެނީ. ނަމާދު ކުރަންދޭ. ” ގޮސް ހަލީމާ ވަނީ ފާހާނައަށެވެ. ވުޟޫ ކޮއްލައިގެން ނުކުތްއިރު މަލުން ފެންނާކަށް ނެތެވެ. ނަމާދު ކޮށް އަންޝް ހެޔޮހާލުގައިވުމަށް އެދި ހަލިމާ ދުޢާ ކުރީ މައިލަގޮނޑިއަށް ކެތްނުވާހާލު ގިސްލަމުންނެވެ. ނަމާދު ކޮއްލައިގެން އައިސް އެންމެ ފުރަތަމަވެސް ޔާން ވަނީ އެ ކޮޓަރިއަށެވެ. އާދައިގެ މަތިން ހަލީމާގެ ދުޢާ އަށް ހުއްޓުމެއްއައީ ޔާން ފެނުމުންނެވެ. ” ރެއިން ފެށިގެން މަންމަގެ ހިތް އެބަ ބިރުގަނޭ.. މަންމަ އަށް ހީވަނީ އަންޝް އަށް ކަމެއްވެއްޖެހެން. ” ” ދޮންބެއަށް އެއްވެސް ކަމެއް ނުވާނެ. މަންމަ ކަންބޮޑުނުވޭ ކޮންމެތާކު ހުއްޓަސް ﷲ ގެ އިރާދަފުޅުން ދޮންބެ ހުންނާނީ ހެޔޮހާލުގައި. ދޮންބެއަށް އެންގޭނެ އަމިއްލަ ދިފާއުގައި ސާބިތުވެ ހުންނަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދޮންބެ އަހަރުމެން ކައިރިއަށް އަންނާނެ. ” އައިސް ޔާން ހިފެހެއްޓީ ހަލީމާގެ ދެ އަތް ތިލައިގައެވެ. ޔާންގެ ހިތްވަރުން ހަލިމާ އަވަސް އަވަހަށް ބޯ ޖަހައިލައި ދެ ލޯ ފުހެލީ އަންޝް ގެ ހިތްވަރު ހިތަށް ގެންނަމުންނެވެ.
އާ ދުވަހަކަށް ދުނިޔެ އަލިކުރަމުން ދިޔަ އިރު އެއްމެނަށް ބަލަން ތިބެވުނީ އެދިމާއަށެވެ. އަލިފެހި ބިއްލޫރޮކޮޅެއްކަހަލަ ފަޅުތެރޭ އެކަހަލަ ބޮޑެތި ހިލަތަކުންވަނީ ފުރިފައިއެވެ. އެއްމެންގެ ނަޒަރު ހުއްޓިފައިހުރީ ދެކޮޅުންކުރެ އެއްކޮޅެއްވެސް ފެންނަން ނެތް އެ ބޯ ބިޔަ ޖަންގަލި ރަށަށެވެ. އަދި ރަށުގެ މެދު ތެރެއިން ފެންނަން ހުރި ބިޔަ ފެން ފަރުބަދައަށެވެ. ދުންފުނިން ފުރިފައިވާ އެ މާހައުލު އާދައާއި ހިލާފަށް ފިންޏެވެ. ފަހަރަކު ގަލަކު ޖެހުމުން ލޯންޗް މަޑުމަޑުން އައިސް ބީއްސައިލީ ރަށުގެ ގޮނޑުދޮށަށެވެ. ތަފާތު ވައްތަރުގެ ދޫނިތަށް ފިނޮޅުމަތިން އަޑު ލައްވާލާފައި އުދުހިނަގަނީއެވެ. އަންޝް އަށް ބަލައިލެވުނީ ބަސްހުސްވެފައިތިބި އެއްމެންގެ މޫނަށެވެ…..
އަންޝް އަށް ބަލައިލެވުނީ ބަސްހުސްވެފައިތިބި އެއްމެންގެ މޫނަށެވެ.” މީކޮންތަނެއް؟ ” ތަނާލް އަށް އަންޝްގެ މޫނަށް ބަލައިލެވުނީ ޙައިރާންވެފައެވެ. އަދި އެހާމެ ބޮޑަށް އުފާވެފައެވެ. އަންޝް ދެ ކޮނޑު އަރުވައިލީ ނޭގެއޭ ބުނާކަހަލަގޮތަކަށެވެ. ” އަހަންނަކަށް ނުފެނޭ އަހަރުމެން މިރަށައް ފައިބަން. މިކަހަލަ ތަންތަން އެހާ އަމާނެއްނުވާނެ. ” އިލާ ވަށައި ނަޒަރު އުކަމުންދިޔައީ ކަންބޮޑުވެފައެވެ. ” އެއީ ތެދެއް. މީ މިނިކާ ރާއްޖެ. މިރަށަށް އަރައިފިއްޔާ އަހަރުމެންނަށް އޮތީ މަރު. ” ” މާސް ” އިލާ މާސް ދުރަށް ކޮއްޕައިލައިފިއެވެ. ” ކިހިނެއްވީ؟ އިލާ ވެސް ތިބުނީ މިހެނެއްނު. ” ” ތިހިނެއްނޫން އަހަރެން ބުނީ. މި ވަލުތެރެއިން ޖަނަވާރެއް ނުކުމެއްޖިއްޔާ އޯ.. އެހެންނޫނަސް މިނިކާ މީހުންނަކީ ވެސް އުޅޭ ބައެއް. ” އިލާ އިތުރު ކޮއްލީ ނޫންކަމަށް ހެދެމުންނެވެ. މާސް ހީ ގަތީ ބާރަށެވެ. ” އަދިވެސް ހެނީތަ؟ އަހަރެން ބޭނުމެއްނޫން މިރަށަށް ފައިބަން. މިއަށްވުރެ މާ ރަނގަޅުވާނެ ކަނޑު މަތީގައި މަރުވިއަސް. ” ” ކަމަނާ ބޭނުންގޮތެއް. އަހަރުމެން މިރަށަށް ބައިލާފަ އަވަހަށް ލޯންޗްގައި ނުކުމެގެންދޭ. ” އެންމެން ހެއްވާލާފައި މާސް ލޯންޗްއިން ފުންމާލައިފިއެވެ. އެއްޗެއް ބުނަން އިލާ ވެސް އަނގަ ހުޅުވައިލައިފިއެވެ. އެހެނަސް ސަމާލުވެވުނީ އިވެންފެށި އަޑަށެވެ. ” ހެލްކަޕްޓަރެއް ” އަޑު ކަންފަތުގައި ޖެހޭއިރަށް އަންޝް އަށް އެންގިއްޖެއެވެ. އެންމެން ލޯންޗްއިން ފުންމައިލިއިރު ހަނގުރާމަމަތީ ހެލަކަޕްޓަރެއް އެދިމާއަށް އަންނަނީއެވެ. އަންޝް ލައިގެންހުރި ކަޅުކުލައިގެ ޓީޝާޓު ބާލައި ދަނޑިއެއްގެ ކޮޅަށް ނަގައި ހޫރަންފަށައިފިއެވެ. އޭރު އެހެންމީހުން އަތް ހޫރައި އަޑުގެ ކޮޅަށް ހަޅޭލަވަނީއެވެ. އެހެނަސް ފުދޭވަރަކަށް މަތިންދިޔަ ހެލްކަޕްޓަރު ގޮސް އޮބާލައިފިއެވެ. ” މިހިސާބުގަނޑުގައި މީހުން ނޫޅުނަސް މިހެންދަތުރުކުރާތީ އެދިއައީ. އަހަރުމެން… ” އާ ޖޯޝަކާއެކު އަންޝް ފެށިވާހަކަ ހުއްޓާލަންޖެހުނީ ތަނާލްގެ ބިރުވެރި ހަޅޭކުގެ އަޑު މުޅި ޖައްވުތެރެއަށް ގުގުމައިލުމުންނެވެ. ތަނާލް އާއި އެންމެ ކައިރީތިބި ނައިލް އާއި ސަމާހަށް އަތް އެޅުނީ ކަންފަތްމަތީގައި އެވެ. އެހެންމީހުންވެސް ދިޔައީ ތެޅިގެންނެވެ. ވަލުތެރެއިން ނުކުތް ގަދަކަޅުކުލައިގެ ޑޯގް ވެސް ވަށްވަށް ލައްވައިގަތީ އެދިމާއަށް ދުއްވައިގެންފައިއެވެ. ފަސްއެންބުރި އެއްމެނަށް ބަލައިލެވުނުއިރު ތަނާލް ރޮއެ ހަޅޭލަވަމުން ދުވެފައިގޮސް ލޯންޗަށްއަރައިފިއެވެ. ޑޯގު ފެނުމުން އެންމެންދިޔައީ ތެޅިގެންނެވެ. އެކިދިމަދިމާއަށް އެމީހުން ދުއްވައިގަތްއިރު ތަނާލް އަށް ދޫކުރާނެ އެކަކުވެސް އެތާކު ނެތެވެ. އެންބުރި ލޯންޗާއި ދިމާއަށް އަންޝް ވެސް ދުއްވައިގަތީ ދެފައަށް ލެވުނުހައިބާރެއްލާފައެވެ. އެހެނަސް ފުންމާފައި އައިސް ޑޯގު އޭރު އަންޝް ގަޔަށް އަރައިގެންފިއެވެ. ” އަންޝް ” އެންމެނަށް ހަޅޭލަވައިގަނެވުނުއިރު އަންޝް ވެއްޓި ޖެހިއްޖެއެވެ. ބަލާކަށް ނުހުރެ އަތުޖެހުނު ފަލަ ދަންޑިބުރިއެއް ހިފައިގެން ކޮމާންޑް ދުއްވައިގަތީ އެދިމާއަށެވެ. މޫނާއި ބޮލާއެކު ދެ އަތް އަޅައި ކުރުގެޅިގެން އޮތް އަންޝް އަށް ހަމަލައެއްދޭން ނޫޅެ ޑޯގް ވަށްވަށް ލައްވައިގަތީ ކޮމާންޑާއި ދިމާލަށެވެ. އަންޝް ދޫކޮއްލާފައި ޑޯގް ދިމާކުރީ ކޮމާންޑްއާއި ދިމާއަށް ދުއްވައިގަންނާށެވެ. ކުޑަކޮށް އަތް ހިއްލައި އަންޝް ބަލައިލީ ޑޯގް އޭނައަށް އަނިއާއެއް ދޭން ނޫޅުމުންނެވެ. ފުރަތަމަވެސް އަންޝްގެ ލޮލުގައި އަޅައިގަތީ ޑޯގް ކަރުގައި އޮތް ފަށެވެ. ވަލު ޑޯގެއް ނޫނެވެ. ކޮންމެވެސް ބަޔަކު ގެންގުޅޭ އޮޅުއެއްޗެކެވެ. ” އެޓަމް ” ފަށުފުލުގައި ލިޔެފައި އިންނަން އަންޝް ކިޔައިލީ މަޑުންހުރުމަށް ކޮމާންޑަށް އިޝާރާތް ކުރަމުންނެވެ. ކޮމާންޑާއި ދިމާއަށް އެންބުރިގެން އަޑުލައްވަން އޮތް ޑޯގް ބަލައިލީ އަންޝް ގެ މޫނަށެވެ. ބިރުން އަންޝް ގެ މޭގަނޑު އަނގައަށް ނައި ކިރިއާއެވެ. ” ހަ…ހަލޯ ” ބާރުވެގެންދިޔަ އަންޝްގެ އަޑު އައި ކެނޑިކެނޑިގެނެވެ. އަޑުމަޑުކޮށް ޑޯގު އަންޝް ގައިމަތީ ބަންޑު ޖަހައިފިއެވެ. އަދި އަންޝްގެ މޫނުގައި ދެފަހަރަކު ދޫކާތާލާފައި ހިމޭން ވެއްޖެއެވެ. އެކީ ބިރުކެންޑިގެން ދިޔަޔަސް ފަކުރުން އަންޝް އަށް ހޮޑުނުލެވުނީ ކިރިއާއެވެ. ލޯންޗްއިން ފުންމާލައިގެން ހިލައެއް ހިފައިގެން އައިސް އަންޝް ބޯކޮޅުގައިހުރި ތަނާލް އަށް ދެ ލޯ ބޮޑުކޮއްގެންހުރެވުނީ ބަލާށެވެ. އެހެންމީހުނަށްވެސް ލިބުނީ އެކަހަލަ ހައިރާންކަމެކެވެ. އެހެނަސް ކުރިންވެސް ދެފަހަރެއްގެ މަތިން ޑޯގެއްގައި އަތްލެވެފައި އޮތުމުން އަންޝް ކުޑަކުއްޖަކު ހައްދާލާހެން ބިރެއްސިހުމެއްނެތި ޑޯގު ހައްދާލައި ހެމުން ޑޯގާއި ބައްދައިގެންފިއެވެ. ކުޑައިރުގެ ރައްޓެއްސެއް ފެނިގެން ޑޯގުވެސް އުޅުނުކަހަލައެވެ. ބުނާނެ އެއްޗެއް ނޭންގިފައި އެންމެނަށް ތިބެވުނީ ބަލަހައްޓައިގެން އަންތަރީސްވެފައިއެވެ.
އެޓަމް ވެގެންދިޔައީ އެ އެންމެނަށް ލިބުނު މަޖާގަނޑަކަށެވެ. އެޓަމް އާއި ހުރެ އެންމެ ފޯރި ހުރި ހައްލެ އާއި މާސް އެވެ. އެހެނަސް ޖަނަވާރުދެކެ ބިރުގަންނަ ތަނާލް އެޓަމް ހުރި ހިސާބައްވެސް ނުދިޔައެވެ. ތަނާލް ބޭނުންވީ އެޓަމް ފޮނުވާލާށެވެ. އެބަހުސްގެ ތެރެއިން ވަލުތެރެއިން ފަލަ ދަނޑިއާއި ގުޅި ކަހަލަ އެއްޗިހި ނެރެ އެމީހުން އެތުންޑި މަތީ “ހެލްޕް” އަޅައިނިއްމާލައިފިއެވެ. އެޓަމް ވެސް އެމީހުންނާއެކު އެމަސައްކަތުގައި ބައިވެރިވިއެވެ. މަސައްކަތް ނިންމާލެވުނުއިރު އެންމެން ތިބީ ވަރުބަލިވެގެން ދެމިފައިއެވެ. ރޯ ކޮއްފައިހުރި އަލިފާންގަނޑުގެ ވަށައި އެންމެން ޖައްސައިލީ ކުޅިރޮށި ޑަބިޔާތަށް ހިފައިގެންނެވެ. އޭރު ދައިތަ އާއި އިލާ އަދި ޒަހުނާ އަށްވެސް އޮތީ ނިދިފައިއެވެ. ދައިތަގެ ފައި މޮޑެލަ މޮޑެލައި މޫމިނާ އިނެވެ. ” ތަނޫ ކައިފިންތަ؟ ” ނައިލް ގޮވައިލުމުން ރާޅު ޖަހާފަށުގައި ފޯނު ހުޅުވައިގެން ސެލްފީ ނަގަންހުރި ތަނާލް ބާލާލައިފިއެވެ. ” ތިހެން ބުނާއިރުވެސް ނައިލް އަށް އެންގޭނެ މިހާއިރުވާއިރު ތަނޫ އަށް ނުކައި ނުހުރެވޭނެކަން.” ސަމާހް އެންމެން ހެއްވައިލައިފިއެވެ. ތަނާލް ދުރަށް ހިންގައިގަތީ ތުން އަންބުރާލައިފައެވެ. އެކަނި ތަނާލް އާއި ބައްދަލްކޮއްލަން ބޭނުންވެފައިހުރި މުބާ އިރުކޮޅަކު އެތަނުގައި އިންދެފައި އެ ދިމާއަށް ހިންގައިގެންފިއެވެ. އަންޝް އަށް ބަލައިލެވުނީ މުބާ އަށެވެ.
” ހައި.. ” ތަނާލް އަށް ބަލައިލެވުނީ އައިސް ކައިރީ މުބާ ހުއްޓުމުންނެވެ. މުބާ ފެނުމުން ތަނާލް ގެ މޫނުމަތީގައި ކުލަވަރު ދިޔައީ ބަދަލްވެގެންނެވެ. ތަނާލް އަށް ބަލައިލެވުނީ ނައިލް ކޮބައިތޯ އެވެ. އެނަޒަރު ސީދާވީ އަންޝްގެ ދެލޮލަށެވެ. އަވަސް އަވަހަށް އަންޝް މޫނު އަންބުރައިލައިފިއެވެ. ” މުބާ ޕްލީސް އަހަންނަށް އުންދަގޫ ނުކުރޭ. އަހަރެން ބޭނުމެއްނޫން މުބާއާ ވާހަކަދައްކާކަށް. ” ތަނާލް ހިންގައިގަތީ ހިތްހަމަ ނުޖެހިފައިއެވެ. ” އެކަމަކު އަހަރެން ބޭނުން… އެވަރު ކުޑަ ކުޑަ ކަމަކާ ތިހައި ރުޅިއަންނާކަށް ނުވާނެ. އެހެން ނޫނަސް ކިތަށްފަހަރު އަހަންނަށް މައާފަށް އެދެވިއްޖެ. އެދުވަހު ތަނޫ ދެކެ އަހަންނަށް ރުޅިއާދެވުނީ މާ ބޮޑަށް އަހަރެން ބިރުގަތީ. އެކަމަކު އޭގެ މާނައަކީ އަހަރެން ތަނޫ ދެކެ ލޯބިނުވެއެކެ ނޫން. ” ” އެކަމަކު އަހަރެން ނުވޭ މުބާ ދެކެ ލޯތްބެއް. ” ” ދޮގު… ލޯބި ނުވާނަމަ ތަނޫ އަހަންނާއި ރައްޓެއްސެއްނުވާނެ. އަންޝް ދައްކާ ދަޅައަށް ހެއްލިގެން ތަނޫ ތިހެންތިބުނަނީ. މާރަނގަޅު މީހަކަށް ވެގެން އޭނަ އެކްޓް…. ” ” އަންޝް އެއްނޫން އެކްޓް ކުރަނީ. އެކްޓް ތިކުރަނީ މުބާ. ނޫންނަމަ ބަނޑުހައިވެގެން ނުތެދުވެވިފައި އަހަރެން އޮތް އިރު މުބާ އަހަންނަށް ހަމްދަރުދީވާނެ. ތަނޫ ނުރޯށޭ، އަހަރުމެން އަދި ސަލާމަތްވާނެ އޭ އަހަރެންކައިރި އައިސް ބުނާނީ މުބާ. މީ އަންޝް އާއި ބެހޭ މައްސަލައެއްނޫން. އަންޝްގެ ބޮލުގައި ބަދުނާމުއަޅުވާއިރު ފުރަތަމަ މުބާ ބުނެބަލަ ފެންނަހާތަނަކުން އަހަންނަށް މަލާމާތްކޮއްފައި ހަމަ ކުއްލިއަކަށް އަހަރެންދެކެ މުބާ އަށް ލޯބިވެނުނީ ކިހިނެއް؟ ” ތަނާލް ކުރިމަތިލީ މުބާ އާއި އެވެ. ދޭނެ އެއްވެސް ޖަވާބެއް މުބާ އަކަށް ނޭގުނެވެ. މުބާ އަށް ވީގޮތުން ތަނާލް ވަރަށް ބޮޑަށް ރުޅިއައެވެ. ” އޭރު ނުވިސްނުނަސް މިހާރު ހުރިހާ އެއްޗެއްވެސް އަހަންނަށް ވިސްނޭ. މުބާ އާއިއެކު މާލެ ނުދެވުނުކަން އެއީ އަހަރެންގެ ނަސީބް ” ” އޭރު ލޯބި ނުވިއަސް މިހާރު އަހަރެން ތަނޫ ބޭނުން ” ތަނާލް ގެއްލިދާނެތި މުބާ ހުރީ ކަންބޮޑުވެފައިއެވެ. ބަލައި ނުލިއަސް ތަނާލް ޖެހުނީ ހުއްޓޭށެވެ. ” ޕްލީސް އަހަންނަށް އެއްޗާންސްދީ.. ތަނޫ އާއި ނުލާ އަހަންނަކަށް ނޫޅެވޭނެ. އިންސާނެއް އަހަންނަކީ. ކޮންމެ މީހަކަށްވެސް ކުށެއްކުރެވިދާނެ. އެކަމަކު ދެންއެހެނެއް ނުވާނެ. އަހަރެން ވައުދުވަން. ދުވަހަކުވެސް… ” އިތުރަށް އަޑުއެހުމެއްނެތި ތަނާލް ދުރަށް ދުއްވައިގެންފިއެވެ. ފަހަތުން ދާން ބޭނުންވިއަސް މުބާ ޖެހުނީ ހުއްޓޭށެވެ. ނައިލް ކައިރިއަށް ދެވެން ނެތުމުން ތަނާލް ގޮސްއެރީ ލޯންޗަށެވެ.
” ހާދަވަރަކަށް މުބާ އަށް ތިބަލަނީ ” އަންޝް ސިއްރުން އެދިމާއަށް ކަޅިއަޅާތަން ފެނުމުން މާސް އަށް އެއްޗެއްނުބުނެ ނުހުރެވުނެވެ. ހިނިއަންނަގޮތް ވެފައި އިން އަންޝް އަވަސްއަވަހަށް ހަމަޖެހިލައިފިއެވެ. ” އެއީ އަންހެންކުއްޖެއްތަ މަބަލަން. ” އަންޝް އަށް ވީގޮތުން މާސް ހިފަހައްޓައިލީ އަންޝްގެ ކޮނޑުގައިއެވެ. ” ބުނަން.. މުބާ ވެސް އެ މަސައްކަތް ކުރަނީ ތަނޫ ސެޓް ކޮއްލެވޭތޯ. ހުސްކޮއްހުރިނަމަ މަވެސް ދުލެއްނުކުރާނަން. އެހެންވެ މިބުނަނީ ދުރުގައި ތިހެން ހީލަހީލައި ނުހުރެ އެކަން ނިންމާލަން އުޅޭ. ނޫނީ އިރުކޮޅަކުން ފެންނާނީ ކާޅެއް އައިސް ތެޔޮނާށި ޖަހައިގަނެގެން ގެންދާތަން. ” ” ތިދެން ކިހާ ދެރަކަމެއް ” މާސް ފޮޅުވާލާފައި އަންޝް ދުރަށް ހިންގައްޖެއެވެ. އެޓަމް ހިންގައިގަތީ އަންޝްގެ ފަހަތުންނެއެވެ. ” މާސް އެބުނީ ދޮގެއްނޫން. މިއަދު އެދަނީ މުބާ އެކަނި. މާދަމާ ރަށަށް ދެވުނީމަ އެކަހަލަ ކިތައްމެ މުބާ އެއް އެ ގޮނޑިއަށް ކުރިމަތިލާނެ.” ސަމާހް ވެސް މާސް އާއި އެއްބައިވެއްޖެއެވެ. އަންޝް ބަލައިވެސްނުލައި ހިންގައްޖެއެވެ.
އިންތިޒާރުގައި އެންމެން ތިއްބައި މެންދުރު ވެއްޖެއެވެ. އިތުރަށް ދުއްވާ އެއްޗެއްގެ ހިލަމެންނުވިއެވެ. އިރުގަނޑަކު ނިދައިލެވުމުން ޒަހުނާގެ ހަށިގަނޑަށް ވަރަށް ބޮޑަށް ލުއިވެއްޖެއެވެ. އެހެނަސް މުޅިއަކުން ތަދު ކެނޑޭ ގޮތެއްނުވިއެވެ. ދައިތަވެސް މިހާރު އޮތި ލޯ ހުޅުވައިގެންނެވެ. ” ދޮންބެ…ދޮންބެ ބަލާބަލަ ” ތަނާލް ލޮންޗްއިން ފެއިބީ ނައިލްގެ އަތްދިގު ހުދުކުލައިގެ ގަމިސް ލައިގެނެވެ. އެގަމިސްހުރީ ތަނާލްގެ ހަށިގަނޑަށް ހެޔޮވަރަށެވެ. ކުރުންބާ އަޅައިގެން ބޯންތިބި އެންމެން ބަލައިލީ ތަނާލް އަށެވެ. ކުރުބައެއްގެ ތެރެއަށް ބޯ ކޮއްޕައިގެންއޮތް އެޓަމް ވެސް ބަލައިލިއެވެ. ” އަހަރެން ރީތި ތަ؟ ” ތަނާލް ގޮވައިލީ އުފަލުން ހަލާކުވާވަރުވެފައެވެ. އެއްޗެއްބުނަން އަނގަހުޅުވައިލި ނައިލް ގެ ދޫ ބަންދުވީ ވަށްވަށް ލައްވާލާފައި އެޓަމް ތަނާލް އާއި ދިމާއަށް ދުއްވައިގަތުމުންނެވެ. ތަނާލް ފައިދަށުން ބިންގަނޑު ދެމިގަތްކަހަލައެވެ. އަޑުގެ ނެތްތަނަށް ތަނާލް އަށް ހަޅައިލަވައި ގަނެވުނުއިރު އެޓަމް ފަހަތުން ނައިލް އާއި އަންޝް ދުއްވައިގެންފިއެވެ. ހައްލެމެން ހީގަތީ ޕަކަ ޕަކަ ލާފައެވެ. އަޑުގެ ކޮޅަށް ރޮމުން ތަނާލް އެރީ ލޯންޗަށެވެ. އަންޝް އަށް އެޓަމް އަތުލައިގަނެވުނީ ލޯންޗް ކައިރިންނެވެ. އެހެނަސް ތަނާލް މައިތިރިއެއްނުވިއެވެ. ތަނާލް ހަމަޖައްސާލެވޭތޯ އުޅެމުންދިޔަ ނައިލްވެސް އޮތި ހީ ހީ ހަލާކުވެފައިއެވެ. އަންޝް އާއި މާސް މެންގެ ހާލު މާދެރައެވެ. މުބާ ކައިރިއަށްވެސް މިފަހަރު ހިނިއައެވެ.
އެތަށް އިރަކަށްފަހު ތަނާލް ހަމައަކަށް އެޅުނީ އަންޝް އެޓަމް ފޮނުވާލަން އެއްބަސް ވުމުންނެވެ. އެހެނަސް އެޓަމް ހުރީތީ އަދިވެސް ތަނާލް ހުރި ލޯންޗްގައިއެވެ. ހުރިހައި ކަމެއް ހަމަޖެހުމުން އަންޝް އައިސް ލޯންޗްއަށް އަރައިފިއެވެ. އޭރުވެސް ހުރި ހިނިއައިސްފައިއެވެ. ” ފަރުބަދަ ކައިރިއަށް މިދަނީ، ދަންޏާހިނގާ. ނައިލް އާއި ސަމާހް ނޫން އެންމެން ދޭ. ” ” އަހަރެން ނުދާނަން. އަދި ބުނަންތަ ބަޔަކު ނުފެނުނަސް އެ ކަޅުބުޅާގަޑު ހިފައިގެން ދެން ނާންނާތި. ” ތަނާލް ހުރި ވަރަށް ބޮޑަށް ރުޅިއައިސްފައި އެވެ. ” ތިހިނެއް ނެހެދޭނެ. މީހަކު ނުފެނިއްޖިއްޔާ އެޓަމް ގޮވައިގެން އަންނަން ޖެހޭނީ. ހަވީރު ވުމުގެ ކުރިން އަންނާނަން. ” ” ހޫން… އަންނަންވާއިރަށް ދޫނި ރޯސް ކޮއްފަ ބަހައްޓާނަން. ” ރުޅި މަޑުކޮށް ތަނާލް ވެސް ހީލައިފިއެވެ. އަންޝް ލޯންޗްއިން ފުންމައިލީ ތަނާލް އަށް ބައި ކިޔާލާފައެވެ. ” އަންޝް ތިކަހަލަ ޗާންސްއެއް ދެންނުލިބޭނެ، ލޯބިވާ ވާހަކަވެސް ބުނެފައިއާދެ. ” ގޮވައިލީ މާސް އެވެ. ” މަގޭ އަތުން މަރުވަންތަ ކަލޭ ތިއުޅެނީ ” ” ތެދެކޭ އެއީ ލޯބިވަންޏާ ލޯބިވާ ވާހަކަ ބުނެފައި ދޭބަލަ. ” ތަނާލް ބުނެލީ ލާނެއްގޮތަކަށެވެ. އަންޝް ދިޔައީ ހުއްޓުންއަރައިގެންނެވެ. ފަސް އެންބުރި ބަލައިލެވުނީ ތަނާލްގެ މޫނަށެވެ. ” މުބާ މިއަދުވެސް އަހަރެންކަރީ އާދެސްކުރި. ލޯބި ނުވަންޏާ އެހާ ދެރަވެފައި މައާފަކަށްނޭދޭނެ. ލަސް ކުރަންޏާ އަންޝް ރޯންޖެހިދާނެ. އަހަންނަށް އުފަލުގައި އުޅެވިދާނެ މުބާ އާއި އެކުވެސް. ” ” ތިހާ އަމިއްލަ އެދުން ބޮޑުވާކަށް ނުވާނެ. ހަންދާންނެތުނީތަ؟ މަރީ ފޮނުވައިގެން ތަނާލް އައިސް ތިހުރީ. އެހާ ދުވަސްވީ ބެސްޓް ފްރެންޑަށް މަކަރު ހެދިއްޔާ އަހަންނަށް ވަފާތެރިވެދާނެ ކަމާމެދު ޝައްކު ” އަންޝް ވެސް ދުލެއްނުކުރިއެވެ. އަވަސް އަވަހަށް ތަނާލް ދެފަރާތަށް ބޯ ހޫރުވާލައިފިއެވެ. ” އެހެނެއްނުވާނެ. އަހަރެން އަންޝް އަށް އޮޅުވައެއްނުލާނަން ” ސަމާސަ ގޮތަކަށް ވާހަކަފެށިގެން ދިޔަޔަސް އަވަސް އަވަހަށް ތަނާލް އަށް ބުނެލެވިއްޖެއެވެ. ތަނާލް ކޮނެލަން މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނުލިބޭނެއެވެ. ” އެހެންވާނީ….ތަނާލް އަށް ޕްރޮޕޯސް ކުރަން މަށަށް ލާހިކެއްނޫން. މަގޭ ހިތް ރޮއެރޮއެ ލޭ ކަރުނަ އޮހޮރުނަސް ހަމަ ގަސްތުގައި އެންގިހުރެ ދަންމަޅިއެއްގައި މަށެއްނުބެދޭނަން. އެހާ ދުވަސްވީ ރަހުމަތްތެރިއާއަށް ކޮއްލިވަރު ތިހިރީ. މަށަކީ އަދި އިއްޔެ ފެނުނު މީހެއް ” އެންބުރި އަންޝް ހިނގައިގެންފިއެވެ. ” އަންޝް އަހަރެން އެހާ ގޯހެއްނުވާނެ. އެހެންނޫނަސް މަރީ އުޅެނީ އަފޫ އާއި މެރީ ކުރަން. މަރީ އަފޫ އަށް ބޭވަފާތެރިއެއްނުވާނެ. މަރީ ކީތްކުރަން އެއްވެސް މީހަކު އެމީހަކު ލޯބިވާ މީހަކަށް މަކަރެއްނަހަދާނެ. ” ” ތިބުނަން އުޅެނީ ތަނާލް އަހަރެންދެކެ ލޯބި ވެއޭތަ؟ ” ހިނިއައިސްފައިހުރި އަންޝް ހުއްޓި ތަނާލް އަށް ބަލާލައިފިއެވެ. ” ނޫން ނޫން… އަހަރެން ތިހިނެއް ނުބުނަން. ޗި އަހަރެން އަންޝް ދެކެ ލޯތްބެއްނުވޭ. ” އަވަސް އަވަހަށް ތަނާލް ބޯ ދަމައިގަތީ ސިހޭ ގޮތްވެފައިއެވެ. ” އަންޝް މިކޮޅަށް އާދޭ. އަވަހަށް ދިޔައިޔާ އަވަހަށް އާދެވޭނީ. ” މޫމިނާ ގޮވައިލުމުން ފަސް އެންބުރި ބަލާލައިފައިވެސް އަންޝް ބަލައިލީ ފާޑަކަށް ރަކިވެ ސަކަރާތްވެފައިހުރި ތަނާލް ގެ މޫނަށެވެ. އަންޝް ބަލައިލި ގޮތުން ތަނާލްގެ ހަތަރެސްފައިން ދިޔައީ ހީބިހި ނަގައިގެނެވެ. އަވަސް އަހަށް ތަނާލް ފާހާނައަށް ވަދެ ފިލައިފިއެވެ. މަޑުކުރަން ވަރަށް ބޮޑަށް އަންޝްގެ ހިތް އެދުނެވެ. އެހެނަސް ވަރަށް ލަސްވެއްޖެއެވެ. އައިސް ތަނާލް އާއި ވާހަކަ ދައްކަން ވިސްނާލާފައި ދާން ހަމަޖެހުނު އެންމެނާއެކު އަންޝް ވަލަށް ވަދެއްޖެއެވެ. ދައިތަ ކޮންމެވެސް ވަރަކަށް ރަނގަޅު ވެލާކަހަލަ ގޮތެއް ވެފައި އޮތުމުން ޒަހުނާ އާއި ދައިތަ ހަވާލު ކޮއްފައި މޫމިނާ ދިޔައީ ކޮންމެހެން އެ ފަރުބަދަ ދެކެލާ ހިތުންނެވެ. މާސް އިލާ އެމީހުންނާއެކު ގެންދިޔައީ ގަދަކަމުންނެވެ. އެއްވެސް ހާލެއްގައި ގޮތްނޭގޭ އެ ޖަންގައްޔަށް ވަންނަން އިލާ ބޭނުމެއްނޫނެވެ. އެހެނަސް އެހާ ރީތި ތަނަކަށް އިލާ ބަހައްޓާފައި ދާކަށް މާސް ގެ ހިތެއް ނޭދުނެވެ…… ނުނިމޭ……..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Alhey haada reehchey..v intrestin thihaa dhigu koh genesdhineethee v bodah thankes..??
eeeeuuu
Dogs?
E ehmen najihakaa eh kulheniy!!
Disgusting!!!
Wow. Varah reethi
Varah v v rythi vaahaka eh..❤
Dhen vaani kihinh baa…!!
Nice story ♥♥♥
Woww..their luv story started
28 days vi iruves mob ga charge huei tha Selfie nagan.
Nice
Konirakun up vaany dhen