އަނދިރިފަރާތް (5 ވަނަ ބައި)
އޭނާ ބޯ އަރިކޮށް އަހަންނާ ދިމާއަށް ބަލާލި ގަޑީގައި އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގެ ސަބަބުން އަހަންނަށް އޭނާގެ އަތުންވެސް ދޫކޮށްލެވުނެވެ. އެއްއަތުން އޭނާގެ މާސްކު ހިފައިގެން ދެލޯ ބޮޑުކޮށްގެން އަހަރެން ބަލަން ހުއްޓާ އޭނާ އުނދަގޫ ގޮތަކަށް ބިންމަތިން ތެދުވިއެވެ. އޭރުވެސް އަހަންނަށް ހުރީ ކުރިމަތީގައި އެހުރީ ކާކުކަން ޤަބޫލުކުރަން ދަތިވެފައެވެ.
ޝާކިން ތެދުވެ އަަހަންނާ ދިމާއަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. އަހަންނަށް އޭނާގެ މޫނު ފެނުނީކަން އެނގުމުން އޭނާ ހުރީ ރަނގަޅަށްވެސް ހާސްވެފައެވެ. އެގޮތަށް ޝާކިން ފެނުމުން އަހަންނަށްވެސް ހަދާނެ ގޮތެއް ނޭނގިފައި ހުރެވުނީއެވެ. އަހަންނަށް ކުރިން އަނިޔާ ކުރެވުނީ ޝާކިންއަށްކަން އެނގުމުން ދެރަވެސްވިއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާއަކީ އަހަރެން އެންމެ ލޯބިވާ މީހާއެވެ. ކުރިންވެސް ބުނި ފަދައިން އެކަކަށް ނޭނގުނަސް އެންމެ ކުޑައިރުއްސުރެވެސް އަހަރެން އޭނާ ދެކެ ލޯބިވެއެވެ.
“ޝުބާ؟ އެއީ ކާކު؟” ކުއްލިއަަކަށް ފަހަތުން އަރޫންގެ އަޑުއިވުމުން އަހަރެން ސިހިފައި ފަހަތް ބަލާލީމެވެ. ދަނޑިވަޅު ބަލާފައި ޝާކިން އަހަރެންގެ އަތުގައި އަޮތް އޭނާގެ މާސްކު ޖަހައިގަނެގެން ގަސްތަކުގެ ތެރެއަށް ދެމިގަނެފިއެވެ.
“ކީއްވެ އޭނާ ތި ދޫކޮށްލީ؟ ވައި؟” އަރޫން ކުޑަކޮށް ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ. އަހަރެން އިސްޖަހާލީމެވެ.
“ޝުބް… ތަނަކަށް ތަދުވީތަ؟” އަހަރެން ހުރިގޮތް ފެނިފައި އަރޫން މިފަހަރު އަހާލީ ތަންކޮޅެއް އޯގާތެރިކަމާއެކުގައެވެ. އަހަރެން އެއްޗެކޭ ނުބުނެ ބޯ ޖަހާލީމެވެ. ވާހަކަ ދެއްކޭ ވަރަށްވުރެ އަހަރެންގެ ސިކުނޑިއަށް އެވަގުތު ވަނީ ބާރުކޮށްފައެވެ.
“ކޮބާ އެގަހުގަ އިން މީހާ؟” އަހަރެން މަޑުމަޑުން އަރޫން ގާތު އަހާލީމެވެ.
“އައި ލޮސްޓް ހިމް… ޝުބް ކީއްވެތަ ދިޔައީ؟” އަރޫން އަހާލިއެވެ. އެވަގުތު އަހަރެން އިސްއުފުލާ އަރޫންއަށް ބަލާލީމެވެ. އެއްއަތުން އަނެއް އަތުގެ ކޮނޑުގައި އަތް އަޅައިގެން ހުރިއިރު އޭނާގެ ކޮނޑުން ހޯސްލާފައި ފައިބަމުން ދިޔަ ލޭތައް އަހަރެންގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ.
“އަރޫން؟ ވައި؟ އޭނަތަ އެހެން ހެދީ؟” އަހަރެން ހާސްވެހުރެ އަރޫންގެ ގާތަށް ޖެހިލަމުން އަހާލީމެވެ. އަރޫންއަށް އެހެން އެ ދިމާވީ އަހަންނާ ހެދިކަން ވިސްނުނުހިނދު އަހަރެން ދެރަވިއެވެ. އެވަގުތު އަރޫން އެކަނިކޮށްލާފައި އަހަންނަށް ނުދެވުނުނަމައޭ ހިތަށްއެރިއެވެ.
“ޔަޕް… ހީ ހޭޑް އަ ގަން..” އަރޫން އެހެން ބުނުމުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަރޫންގެ ކޮނޑަށް ވަޒަނެއް އެރީ ހެއްޔެވެ؟
“ވަރަށް ތަދުވޭ ދޯ؟ ދެން ހިނގާ ދާން އަވަހަށް އެކޮޅަށް ބޮޑުވަރު ނުވަނީސް..” އަހަރެން އަވަސް އަރުވާލައި އެެހެން ބުނެލުމަށްފަހު އަރޫންގެ އަތުގައި ހިފައިގެން ވަލުތެރެއިން ނިކުތީމެވެ. އޭރު އަތިރިމަތީގައި އަހަރެމެން އައި މޫދު ސައިކަލު ހުރި ގޮތަށް ހުއްޓެވެ. ރާޅުޖަހާ ހިސާބަށް ދެވުނު ތަނާ އެރަށުން ކުޑަ ހެލިކޮޕްޓަރެއް މައްޗަށް އަރައިގެން ދިޔަތަން އަހަރެމެންނަށް ފެނުނެވެ. އޭގައި މޫނު ނިވާކޮށްގެން ތިބި ދެމީހުން ތިބިކަން އަހަންނަށް އެނގުނެވެ. އެއީ ހަަމަ އަސްލުވެސް ޝާކިން އާއި ރާޖް ސާރ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާކިން މަތިން ހަނދާންވުމުން އަނެއްކާވެސް އަހަރެންގެ ބޮލުގައި ރިއްސައިގަތެވެ.
“ހެލޯ.. ހެލޯ.. ހެލޯ… އަޑު ލިބޭތަ؟ ހެލޯ..” އިއާރ ފޯނު ތެރެއިން އާރިފް ސާރގެ އަޑު އަނެއްކާވެސް ގުގުމާލިއެވެ. އަހަރެން އަޑު ލިބެއޭ ބުނެލީމެވެ.
“އެމީހާ މިހާރު ތި ރަށް ދޫކޮށް ހިނގައްޖެ.. މިކޮޅަށް އާދޭ ހަމަ މިހާރު…” އާރިފް ސާރގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. އެޖެންސީއަށް ދާއިރަށް އަހަންނަށް ބޮޑު ލެކްޗަރެއް ދޭނެކަން ޔަޤީނެވެ.
“ސާރ.. އަރޫން އިންޖަރީގަ.. މެޑިކަލް ޓީމް ރެޑީގަ ބަހައްޓާ..” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. އަދި ސައިކަލަށް އަރައި ހަމަޖެހެލީމެވެ. އަރޫންވެސް އަހަރެންގެ ފަހަތަށް އެރިއެވެ.
** ** **
“ކީއްވެތަ ކަލޭމެންނަށް އެންމެ މީހެއް އަތުލައި ނުގަނެވުނީ؟ ކީއްވެހޭ؟ ޔޫ އާރ ބޯތް ޓްރެއިންޑް ވެލް… ދެން ކީއްވެގެންހޭ؟” އާރިފް ސާރ ކުރިމަތީގައި ހުރި މޭޒުގައި ދެއަތުން ބާރަކަށް ޖަހަމުން ބުނެލިއެވެ. އެއަޑުން އެކަނިވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ދޭހަވެއެވެ.
މޭޒު ދޮށުގައި ގޮނޑީގައި އިން އަހަންނާ އަރޫން ތިބީ އިސްޖަހައިގެންނެވެ. އަރޫންގެ ކޮނޑުގައި ބޭސް އަޅާފައިވީއިރު އަހަރެންގެ ބޮލުން ބައެއް ދުޅަވެފައިވުމުގެ ސަބަބުން އަހަރެން ހުރީ ބޮލުގައި އައިސް ޕެކެއް ޖައްސައިގެންނެވެ.
“ޝުބާ! ކީއްވެގެންހޭ އަރޫން އެކަނި ބަހައްޓާފަ ދިޔައީ؟” އާރިފް ސާރ އަހަންނަށް ލޯ އަޅާލަމުން އަހާލިއެވެ.
“ސާރ.. އަޅުގަނޑުގެ ފުރަގަހުގައިވެސް ހުރި އިތުރު މީހަކު.. އޭނަގެ ފަހަތުން އަޅުގަނޑު ދިޔައީ…” އަހަރެން މަޑުމަޑުން ބުނެލީމެވެ. އޭރުވެސް އަހަރެންގެ ހިތުގައި ކުރެހިފައިވަނީ ޝާކިންގެ ތަސްވީރެވެ. މިރޭ ވަލުތެރޭގައި ޝާކިން ހާސްވެފައި އަހަންނާ ދިމާއަށް ބަލަން ހުރި ގޮތެވެ.
“ޝުބާ ނުޖެހެ އޭނާ އެޓޭކް ނުކުރާހާ ހިނދަކު އޭނާގެ ފަހަތުން ދާކަށް! އަހަރެން އަތުލައިގަންނަން ފޮނުވި މީހާގެ ފަހަތުންނޭ ދާންޖެހޭނީ… ކީއްވެތަ އެވަރު ކުޑަކުޑަކަމެއް ޝުބާއަށް ނުވިސްނެނީ؟؟ ޝުބާގެ ސަބަބުން މިހާރު އަރޫންގެ އަތަށްވެސް ވަޒަން އަރާފަ އެހުރީ..” ސާރ ހަރުކަށިކަމާއެކު ވާހަކަދެއްކިއެވެ. އަހަރެން ހަމްދަރުދީގެ ނަޒަރަކުން އަރޫންއަށް ބަލާލީމެވެ. އޭރު އޭނާވެސް ހުރީ އަހަންނަށް ބަލާށެވެ. ރުޅިއައިސްގެން އެއްޗެއް ނުބުނި ނަމަވެސް އަރޫން ވެސް ހުރީ އަަހަރެން ދެކެ ހިތްހަމަނުޖެހިފައިކަން އަހަންނަށް އެނގެއެވެ.
“ޝުބާއަށް ފެނުނު ދޯ އަނެއްމީހާގެ މޫނު؟” ކުއްލިއަކަށް އަރޫން އަހާލި ސުވާލުން އަހަަންނަށް ތެޅިގަނެވުނެވެ. އާރިފް ސާރ ވެސް އަހަންނަށް ލޯ އަޅާލިއެވެ.
“އެއީ ތެދެއްތަ ޝުބާ؟” އާރިފް ސާރ އަހާލިއެވެ.
“ނޫން… ނުދެކެން އޭނަގެ މޫނެއް!” އަހަރެން އަވަސް އަރުވާލާފައި ބުނެލީމެވެ. އޭނާގެ މޫނު ފެނުނޭ އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ؟ އެއީ ޝާކިން ވިއްޔާއެވެ. އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައީ ޝާކިން ދިފާޢު ކުރުމަށެވެ.
“ޔަގީންތަ ނުދެކެންކަން؟ އަހަރެން އެތަނަށް އައި އިރު ދެކުނީމޭ އޭނާ ޝުބްގެ އަތުން މާސްކު އަތުލައިގެން ދާތަން… އޭގެ މާނައަކީ އޭނާ އޭރު ހުރީ މާސްކު ނާޅައޭ އެއްނު؟ ދެން ޝުބާއަށް ނުފެނުނީ ކީއްވެ؟ އަހަންނަށްވެސް އަރިމަތިން ވަރަށް ކުޑަކޮށް ފެނުނު ވިއްޔަ..” އަރޫން ދެލޯ ހަނިކޮށްލަމުން ވާހަކަދެއްކިއެވެ. އޭރު އާރިފް ސާރ އަހަންނާ ދިމާއަށް ލޯ އަޅައިގެން ހުއްޓެވެ.
“ނުފެނެއޭ އެހާ ބޮޑަކަށް… އެތަން އަނދިރިކަމުން ނުފެނެ..” އަހަރެން ބުނެލީމެވެ. އެއީ ޝާކިން ކަމަށް އެމީހުން ގާތު ބުނަން އަހަރެންގެ ދޫ ނުކުޅެދުނެވެ.
“އެންމެ ރަނގަޅު… ތި ދެމީހުން ކުރެ އެކަކުގެ މޫނުވެސް އެއިން މީހަކަށް ފެންނާނެތަ؟” އާރިފް ސާރ ސުވާލުކުރިއެެވެ. އަހަންނާ އަރޫން ވަގުތުން ބޯ ހޫރާލީމެވެ. އެވަގުތު ލެޕްޓޮޕެއް ހިފައިގެން އެތަނަށް ވަތް މާޒް އަހަރެންގެ ލޮލުގައި އަޅައިގަތެވެ.
“ސާރ… ޔޫ ހޭވް ޓު ސީ ދިސް…” ލެޕްޓޮޕް މޭޒުމަތީގައި ބަހައްޓާލަމުން މާޒް ވީޑިޔޯއެއް ޕްލޭ ކޮށްލިއެވެ. އެއީ އަހަރެންގެ ސްކޫލުގައި އެމީހުން ހަރުކުރި ކެމެރާތަކުގެ ފުޓޭޖެއްކަން އަހަންނަށް އެނގުނީ އެ ވީޑިޔޯއިން އަހަރެންގެ ކުލާސްރޫމް ފެނިގެންދާތީއެވެ. އިރުކޮޅެއް ނުވެ ކުލާސްރޫމަށް ދެމީހަކު ވަދެގެން އައި ތަން ފެނުނެވެ. އަޅި ކުލައިގެ ސުއިޓު ލައިގެން ތިބި ދެމީހުންވެސް މާސްކަކުން މޫނު ނިވާކޮށްފައިވިއެވެ. އެތަނުން ބިޔަކޮށް ހުރިމީހާ އަނެއް މީހާ ގާތު ކޮންމެވެސް އެއްޗެކޭ ކިޔުމަށްފަހު ބޮލުގައި އޮތް މާސްކު ދަމައިގަތެވެ. އެއާއެކު ރާޖް ސާރގެ މޫނު ފާޅުވެގެން ދިޔައެވެ. އަހަންނަށް ހިން ދިރުވާލެވުނީ ދެން ހުރި މީހާއަކީ ޝާކިން ކަން އެނގޭތީއެވެ. މިމީހުންނަށް އެއީ ޝާކިންކަން އެނގިއްޖެނަަމަ އޭނާ ވެސް ހައްޔަރުކުރަން މަސައްކަތް ކުރާނެކަން އަހަންނަށް އެނގެއެވެ. އަހަރެންގެ ހިތެއް އެހެން ވާކަށް ނޭދެއެވެ.
ދެން ފެނިގެން ދަނީ ޝާކިން ވެސް މާސްކު ނަގާ ތަނެވެ. އޭރު ރާޖް ސާރ ދެބުމަ ގޮށް ޖަހައިގެން ހުރެ ޝާކިންއާ ދިމާއަށް ކޮންމެވެސް އެއްޗެއް ކިޔައެވެ. ވީޑިޔޯއިން އަޑު ނީވޭތީ އެކިޔަނީ ކީކޭކަމެއް އަހަންނަކަށް ނޭނގުނެވެ. އިރުކޮޅަކު ނުރުހުންވެ ހުރެ ދެމީހުން ވާހަކަދެއްކުމަށްފަހު އަނެއްކާވެސް ކުލާސްރޫމުން ނިކުމެގެން ހިނގައްޖެއެވެ. އެ ހިސާބުން މާޒް ވީޑިޔޯ ޕާސްކޮށްލިއެެވެ.
“ސޯ… އެމީހަކީ ހަމަ އެ ރާޖް ނާޔަރު ދޯ…؟ ދެން އެހުރީ ކާކުކަން ހޯދެއްޖިތަ މިހާރު؟” އާރިފް ސާރ މާޒްއާ ސުވާލުކޮށްލިއެވެ.
“ޔެސް…” މާޒް އެހެން ބުނެލަމުން ބަލާލީ އަހަންނާ ދިމާއަށެވެ. އެވަގުތު އަހަރެންގެ ހަތަރެސް ފައި ފިނިވެގެން ދިޔައެވެ. އަނެއްކާ އަހަރެން ޝާކިން ދިފާޢުކުރާކަން އޭނާއަށް އެނގުނީ ހެއްޔެވެ؟
“އެއީ ޝުބާގެ ކުލާސްމޭޓެއް.. ދޯ ޝުބާ؟” މާޒް އެހެން ބުނުމުން އަހަރެން ބޯ ޖަހާލީމެެވެ. އެއީ ކުލާސްކުއްޖެއް ނޫނޭ ބުނެގެން އޮޅުވައިލެވޭކަށް މިހާރަކު ނެތެވެ. މާޒް އެވަނީ އޭނާއާ ބެހޭ ހުރިހާ މަޢުލޫމާތެއް ހޯދާފައިކަން އަހަންނަށް ޔަޤީންކުރެވުނެވެ.
“ނަމަކީ ޝާކިން ޒަރީރު… އުމުރަކީ 18 އަހަރު… މީނަ އަކީ މިއަތޮޅު މީދޫއަށް ނިސްބަތްވާ މީހެއް… މި ބުނީ އޭނާގެ މަންމަ އަކީވެސް އަދި ބައްޕަ އަކީވެސް މީދޫ ދެމީހުންނޭ… އެކަމަކު ކުޑައިރުއްސުރެ މީނަ އުޅެނީ އިރުދޭފުށީގަ… މީނަ މަންމަ މީނަ ގޮވައިގެން އުޅެނީ… މިހާރު މީނަގެ ބައްޕަ ހުންނަނީ މީނަ މަންމަ ވަރިވެސްކޮށްފަ…” މާޒް ކިޔާލިއެވެ. އޭނަ ހީވަނީ ޝާކިންއާ ބެހޭ ހުރިހާ މަޢުލޫމާތެއް ހިތުދަސްކޮށްގެން އުޅޭހެންނެވެ. އަހަރެން މާޒްއަށް ލޯ އަޅާލީމެވެ. ޝާކިންއާ ބެހޭގޮތުން އަހަންނަށް ނޭނގޭ އެއްޗެހި ވެސް މީނާއަށް އެބެ އެނގޭ ވިއްޔާއެވެ. މާޒް އަހަންނަށް ބަލާލަމުން ހީލިއެވެ. ރައްދުގައި އަަހަރެންވެސް އުނދަގޫ ގޮތަކަށް ހީލީމެވެ. މާޒް އަކީ އުމުރުން 30 ގެ އަހަރުތައް ގުނަމުންދާ މީހެކެވެ. ނަމަވެސް ބަލާބެލުމަށް އޭނާ ހީވަނީ ވިއްސަކަށް އަހަރުގެ ޒުވާނެއް ހެންނެވެ. ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާފައިވީއިރު އޭނާއަށް ލިބިފައިވަނީ މުށި ދޮންކަމެކެވެ. ލައިގެން ހުރި ސުއިޓުމަތިން ރަތް ކުލައިގެ ޖެކެޓެއް އަޅާފައިވީއިރު ކަރުގައި ހެޑްސެޓް އަޅުވާލާފައި އޮތެވެ.
“އެއީ ޝުބާގެ ކުލާސްކުއްޖެއް ވިއްޔާ މިދިމާވީ މާ ރަނގަޅަކަށެއްނު؟ މާދަމާ އިން ފެށިގެން ޝުބާ އޭނާއަށް ފާރަލާން ފަށާ… ކުލާހަށް ގޮސްފަ އިންނާނީ އޭނާގެ ކައިރީގަ..” އާރިފް ސާރ އެހެން ބުނުމުން އަހަންނަށް ތެޅިގަނެވުނެވެ.
“ވަޓް؟” އަހަންނަށް އެހެން ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު އާރިފް ސާރ އާ އަރޫން އަދި މާޒް ވެސް އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “އޭނަ އަކީ އެއްވެސް މީހަކާ އަނެއްހެން ވާހަކަ ދައްކާ މީހެއް ނޫން… އޭނަ.. އޭނަ ކައިރީ އަހަރެން އިންނާނީ ކިހިނެއް؟ ހީ.. ހީ އިޒް ވެރީ.. ވެރީ ޑިފަރެންޓް..” އަހަރެން އެމީހުންނަށް ވިސްނައިދޭން އުޅޭ ފަދަ ގޮތަކަށް ވާހަކަ ދެއްކީމެވެ.
“ޝުބް.. ވަޓް އާރ ޔޫ އެފްރައިޑް އޮފް؟ ކޮން ކަމަކާތަ ބިރުން ތި އުޅެނީ؟” އަރޫން އިރުކޮޅަކު އަހަންނަށް ބަލަން ހުރެފައި ބުނެލިއެވެ. އެއަޑުގައި ހިތްހަމަ ނުޖެހުން އެކުލެވިގެން ވިއެވެ. “ހާދަ ހީވެޔޭ ޝުބް ކޮންމެވެސް ކަމެއް ސިއްރުކުރާހެން؟” އަރޫން އެހެން ބުނުމުން އަހަންނަށް ހިންދިރުވާލެވުނެވެ.
“ނޫން.. ހެހެހެ… އަހަރެން ކޮން ކަމެއްތަ ސިއްރު ކުރަންވީ؟ އަހަރެން އިނދެފާނަމޭ އޭނަ ގާތު… އޯކޭ އެއްނު؟” އުނދަގޫ ގޮތަކަށް ހީލަމުން އަހަރެން ވާހަކަދެއްކީމެވެ. އެންމެފަހުން އަހަންނަށް ޖެހުނީ ޝާކިން ގާތުގައި އިންނަން އެއްބަސްވާށެވެ.
** ** **
އެރޭ ގެއަށް ދެވުނިއިރު ގަޑިން 4 ޖަހަން ކައިރިވެއްޖެއެވެ. ކޮޓަރިއަށްވަތް ގޮތަށް އެއްޗެހި ބަދަލުކޮށް، އަހަރެން އެނދުމައްޗަށް އުއްޑުން ވެއްޓިގަތީމެވެ. އޭރުވެސް އަހަރެންގެ ބޮލުގެ ފަހަތް ކުޑަކޮށް ދުޅަވެފައިވުމާއެކު އަހަރެން މަޑުމަޑުން ބޮލުގައި ފިރުމާލީމެވެ. ސީލިންގް ގައި ހަރުކޮށްފައިވާ ފަންކާ ބުރު ހަމަކުރަމުން ދިޔައިރު އަހަންނަށް އެދިމާއަށް ނަޒަރު ހުއްޓައިގެން އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.
އަހަންނަށް ވިސްނެމުން ދިޔައީ ޝާކިންއާ މެދުގައެވެ. ރާއްޖެއާ ދެކޮޅުވެރި ބަޔަކާ ޝާކިން ގުޅިގެން އެއުޅެނީ ކޮން ސަބަބެއް އޮވެގެންބާއޭ ހިތަށް އަރަމުން ދިޔައެވެ. ވިސްނާ ވިސްނާވެސް އެ ސުވާލުގެ ޖަވާބު އަހަންނަކަށް ނުލިބުނެވެ. އޭނާ އެމީހުންނާ ގުޅިގެން އެއުޅެނީ ކޮންމެވެސް މަޖުބޫރީއެއް އޮވެގެންނޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އޭނާ އަކީ އަހަރެން އެންމެ ލޯބިވާ މީހާއަށް ވީހިނދު އަހަންނަށް އޭނާއާ ދެކޮޅަށް ކުރިމަތިލެވިދާނެ ހެއްޔެވެ؟
އަހަރެން ދެއަތުން މޫނުގައި ފިރުމާލީމެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންނަކީ އެޖެންސީގެ މެންބަރެކެވެ. އެޖެންސީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އަހަރެންގެ ވާޖިބެކެވެ. މިހާރު އެއޮތީ ޝާކިން އަކީ ވެސް ރާޖް ސާރ އާ ގުޅިގެން އުޅޭ މީހެއްކަން ޔަޤީންވެފައެވެ. ވުމާއެކު އަހަރެންވެސް ޖެހޭނީ އޭނާއާ ދެކޮޅުވެރިވާށެވެ. ސަބަބަކީ އޭނާ އެކުރަނީ ގޯސް ކަމަކަށްވާތީއެވެ. ކިތަންމެ ލޯބިވާ މީހަކަސް މިޔަދު އަހަރެން ޖެހޭނީ އޭނާއާ ދެކޮޅުވެރިވާށެވެ. މި ޤައުމަށް ތެދުވެރި ވަފާތެރި މީހަކަށްވާން އަހަރެން ބޭނުމެވެ. ލޯބިވާ މީހާއާ ކުރިމަތި ލައިގެން ވިޔަސްވެސްމެއެވެ.
އަހަރެން އަނެއް ދުވަހު ސްކޫލަށް ދިޔައީ ވަރުގަދަ ޢަޒުމަކާ އެކީގައެވެ. ޝާކިން ދެކެ އަހަރެންވީ ލޯބި ހަނދާން ނައްތާލުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ. ނަމަވެސް އަހަރެންގެ ލޯބި ޝާކިންއާ ހަމައަށް ނުވެސް ފޯރަނީސް އެ ލޯބި ހިތުން ފުހެލަން ޖެހޭތީ އަހަރެންގެ ހިތުގައި ރިއްސާލިއެވެ.
ކުލާހަށް ވަދެ އަހަރެން އެންމެ ފުރަތަމަވެސް ބަލާލީ ޝާކިން އިންނަ ދިމާއަށެވެ. އެއާއެކު އަހަރެންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. މޭޒު ދޮށުގައި އޭނާ އިސްޖަހައިގެން އިންއިރު ކުރިމަތީގައި އޮތް ފޮތުގައި ގަލަމުން ކޮންމެވެސް އެއްޗެއް ކުރަހަމުން ދިޔައެވެ. އެ ބޯ އިސްތަށިގަނޑުން ބައެއް ނިތްކުރިމައްޗަށް ވެއްޓިފައިވިއެވެ. ތިރި ބަލަހައްޓައިގެން އިންއިރު އެބޯ އެސްފިޔަތަކުން ދެލޮލަށް ހިޔާ އެޅިފައިވިއެވެ. ލައިގެން ހުރި އަޅިކުލައިގެ ޔުނީފޯމު ގަމީސް އުޅަނބޮއްޓާ ހަމައަށް އޮޅާލެވިފައިވިއެވެ. އެއީ އަހަރެންގެ ހިތުގައި އެތައް ދުވަހެއް ވަންދެން ބިންވަޅު ނެގިފައިވި ސޫރައެވެ. އަހަންނަށް ހަމަ ހަޤީޤަތުގައިވެސް އެ ސޫރަ މަތިން ހަނދާން ނައްތާލެވިދާނެ ހެއްޔެވެ؟
ޝާކިން ގާތުގައި އިށީންނަން ދާކަށް އަހަންނަކަށް ނުކެރުނެވެ. އޭރުން ކުލާހުގެ އެންމެންގެ ސުވާލުތައް އަހަންނާ ދިމާއަށް އަމާޒުވާނެތީއެވެ. އަނެއްކޮޅުން ކުލާސްކުދިން އަހަންނާ ޝާކިން އަޅުވާކިޔަން ފަށައިފިނަމަ އަހަރެން ލަދުން ގޮސް މަރުވެދާނެއެވެ. އަހަރެން ކުރިންވެސް އިންނަ ސީޓުގައި ގޮސް އިށީނީމެވެ.
އެސެންބުލީ ނިމުމާއެކު ޕްރިންސިޕަލް އަހަރެމެންގެ ކުލާހަށް އައެވެ. އަދި ނަސޭހަތް ދީފައި ވާހަކަދައްކަން ފެށިއެވެ. ޕްރިންސިޕަލް މިޔަދު އެއުޅެނީ ކީއްވެގެންބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އެހެންނޫނީ އެއީ ވަކިވަކި ކުލާސްތަކަށް އައިސް އެގޮތަށް ނަސޭހަތްދޭ މީހެއް ނޫންވިއްޔާއެވެ. ވާހަކަދައްކައި ނިމުމުން ޕްރިންސިޕަލް ހުރިހާކުދިންގެ ސީޓު ބަަދަލުކުރަންފެށިއެވެ. މިއީ ކާކުގެ ކަމެއްކަން އަހަރެންގެ ސިކުނޑިއަށް ވިސްނުނީ ދެނެވެ. އަހަރެން ކޮޅުކޮޅަށް ލޯ ހަރަކާތްކޮށް މި ކުލާހުގައި އެޖެންސީއިން ހަރުކުރި ކެމެރާ ފެނޭތޯ ބަލާލީމެވެ. ހޯދާހޯދާވެސް ނުފެނުމުން އަހަރެން ތުން ދަމާލީމެވެ. އެމީހުން އެ ކެމެރާ މިތަނުގައި ފޮރުވާފައި ހުރިލެއް މޮޅީއެވެ.
ޕްރިންސިޕަލް އަަހަރެން ގާތު ޝާކިންއާ ޖެހިގެން އިން ސީޓުގައި އިނުމަށް އިޝާރާތްކުރުމުން އަހަރެން ދަބަސް ހިފައިގެން ކޮޅަށް ތެދުވީމެވެ. އަދި ޝާކިން އާ ދިމާއަށް ދާން ހިނގައިގަތީމެވެ. އޭރު އަހަރެންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ނިތްކުރިމަތިން ދާތިކިތައް ވިދަމުންދިއެވެ. ނޭވާ އަވަސްވެފައިވާ ހާލު އަހަރެން ޝާކިން ގާތުގައި އިށީނީމެވެ. އަދި ވަށްކަޅިން އޭނާއަށް ބަލާލީމެވެ. އެހާ ކައިރިން ޝާކިންގެ ރީތި މޫނު ފެނުމުން އަހަރެންގެ ގައިން ހީބިހި ނަަގައިގެން ދިޔައެވެ. ނަމަވެސް ޝާކިން އަހަންނާ ދިމާއަށް ބަލާވެސްނުލިއެވެ. އަހަރެން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ޝާކިން އަކީ މިހާރު އަހަރެންގެ ދުޝްމިނެއްކަން މި ބަސްނާހާ ހިތަށް ވިސްނައިދެވޭތޯ މަސައްކަތްކުރަމުން ދިޔައީމެވެ.
ތިންމީހުން ދުރުގައި އިންނަން ޖެހުމުގެ ސަބަބުން ރައުފާއާ ލީޒާވެސް ތިބީ ތުންދަމާފައެވެ. އަހަރެމެން ތިން މީހުންނަކީ ޕްރައިމަރީ ގްރޭޑުތަކުން ފެށިގެން އަބަދު ކައިރީގައި އިންނަ ބައެކެވެ. އެދެމީހުން ނެތުމުގެ ފަޅުކަން ފުރަތަމަ ގަޑި ނުފެށެނީސް އަހަންނަށް އިހުސާސްކުރެވެން ފެށިއެވެ.
ރާޖް ސާރ އައިސް ކުލާހަށް ވަތްއިރު އެ ނިތްކުރިމައްޗަށް ދެތިން ރޫ އަރުވާލެވިފައިވިއެވެ. ކުލާހަށް ވަދެ އޭނާ ފުރަތަމަވެސް ބަލާލީ ޝާކިންއާ ދިމާއަށްކަން އަހަންނަށް ފާހަގަވިއެވެ. އެ ދެމީހުންގެ ހަތަރުކަޅި ބައްދަލުވިހިނދު އަހަންނަށް ނޭނގުނަސް ކޮންމެވެސް ކަމެއް ހިނގައިފިކަން އަހަންނަށް ނަގައިގަނެވުނެވެ.
“ކުލާހުގެ އެރޭންޖްމެންޓް ބަދަލުކުރީ ކާކު؟” ރާޖް ސާރ އަހަރެމެން އެންމެންނާ މުޚާތަބުކޮށް އަހާލިއެވެ. އެވަގުތު ކޮންމެވެސް ކުއްޖަކު ޕްރިންސިޕަލް އޭ ބުނެލި އަޑު އިވިގެން ދިޔައެވެ. ރާޖް ސާރ ބޯ ޖަހާލުމަށްފަހު ބޯޑުގައި ނޯޓްސް ލިޔަން ފެށިއެވެ. އަހަރެމެންވެސް ފޮތް ނަގައިގެން ބޯޑުން އެއެއްޗެހި ކޮޕީކުރަން ފެށީމެވެ.
ލިޔަން އިން އިރުވެސް އަހަންނަށް އިރުއިރުކޮޅާ ވަށްކަޅިން ޝާކިންއާ ދިމާއަށް ބަލާލެވެއެވެ. އާދައިގެ މަތިން ކުލާހުގައި ހިނގާ އެއްވެސް ކަމަކާ އަޅާނުލައި އިސްޖަހައިގެން އިނދެ ފޮތުގައި ލިޔަމުން އޭނާ ގެންދިޔައެވެ. ދެގަޑި ނިމިގެން ދިޔައިރުވެސް ޝާކިންއާ އަނގައިން ބުނާކަށް އަހަންނަަކަށް ނުކެރުނެވެ. އޭނާ އަހަންނާ ދިމާއަށް ބަލާލަނީކީވެސް ނޫނިއްޔާއެވެ.
ތިންވަނަ ގަޑި ފެށުނުތަނާ އަހަރެން ގަސްތުކުރީ ކޮންމެގޮތެއް ވިޔަސް އޭނާއާ ވާހަކަދައްކާށެވެ. އަހަރެން ވާހަކަ ދެއްކުމުން އޭނާވެސް ޖެހޭނީ ވާހަކަދައްކާކަށް ނޫން ހެއްޔެވެ؟ އޭނާއާ ދިމާއަށް ބުނެލާނެ އެއްޗެއް އަހަރެން ސިކުނޑިތެރޭގައި ރާވާލީމެވެ. އަދި އޭނާއާ ވީ ފަރާތަށް އެނބުރި ވާހަކަ ދައްކަން ފެށީމެވެ.
“އެބައޮތްތަ ކަޅު ގަލަމެއް؟ އަހަރެން ހަނދާނެއް ނެތް މިޔަދު ގެންނާކަށް…” އަހަރެން ޖެހިލުންވެ އިނދެ އެހެން ބުނެލީމެވެ. އެއާއެކު އޭނާ އަހަންނާ ދިމާއަށް އެނބުރި ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު އަހަންނަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. އެ ކަޅުކަންގަދަ ދެލޮލުގެ ތެރެއަށް ގެނބިގެންދާން އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައެވެ. އެ ދެލޮލުގައިވީ ތަފާތު ވިދުމެކެވެ. އެކަހަލަ އަސަރުގަދަ ދެލޮލެއް އަދި އަހަރެން ހަޔާތުގައިވެސް ނުދެކެމެވެ. އޭނާވެސް އަހަރެންގެ ދެލޮލުން ނަޒަރު ވަކިކޮށްލުމެއް ނެތި ހުރިގޮތަށް ހުއްޓެވެ. އެގޮތަށް ހުރެ ކުއްލިއަކަށް އޭނާ ކޮށްލި ކަމަކުން އަހަރެން ދިއައީ ސިހިގެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







Hii guys 🙂 Hope u like this part as well
Adhi nuves kiyan thanks liaa
Wow very nice and me first yipeeee??
Liaa oh my god
Anehkaa kalhugalan dinytha eh!!!!
Eyna shun ge dhabahah noonee pass nagaafa galan nagaanee hen mashah heevanee.. Chen eyrun shun ladhu gan naane ehnu
Eynayah engeyne shun dhogeh hadhaifikan
After all he is a secret egent
Vv reethi love ur stories liaa
Komme dhuvahaku 1 part tha up kuranee
Yess
Reethi
Liaa next part avaha up kohdhee
So interesting
Lovee thiss storryy. Can’t wait for.the next part ❤
Liaa kobaatha miyadhuge part? V inthizaaru kurevey eba ??
where is todays part????
V reethi