”ހޫމް… ނާހިލް މީ…. އީމް ކީއްވެ ނަމްބަރ ޗޭންޖް ކުރީ.. ރުޅިއައިސްގެންތަ؟ ނާހިލް އެހެން އަހާލުމުން އީމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނާހިލް އަކީ ޒޭންގެ ކުރިން އީމާ ރައްޓެހިވެގެން އުޅުނު ކުއްޖާއެވެ. އޮސްޓްރޭލިޔާގެ ކޮލެޖް އެއްގައި ކިޔެވި ދުވަސްވަރުގައި ރައްޓެހިވެގެން ދެ އަހަރު ވަންދެން އުޅުމަށްފަހު ކާއިވެނި ކުރަން މާލެއަށް އައިތަނާހެން ނާހިލް އަށް 1 އަހަރު ދުވަހުގެ ސްކޮލާޝިޕް އެއް ލިބުމުން އަނބުރާ އޮސްޓްރޭލިޔާ ދާންޖެހުމުން އީމާ ހުރީ ނާހިލް ދެކެ ރުޅިއައިސްފައެވެ. އައި ރުޅީގައި ފޯނު ނަންބަރ ވެސް ބަދަލުކޮށްލީއެވެ.
” ދެން ހަމަ މެރީ ކުރަންވީ…. އަހަންނަށް އިނގޭ އީމް އަހަންނަށް އިންތިޒާރު ކުރާނެ ކަން.. ” ނާހިލް ބުނެލިއެވެ. ނާހިލް ހުރީ އީމާގެ އަތުގައި ހިފަހައްޓައި ގެންނެވެ. އެކަމާ އީމާ ހިންހަމަ ނުޖެހުނެވެ. ” އަހަރެން.. އަހަރެން .. ދަނީ..” އީމާ އަތް ފޮޅާލިއެވެ. އަދި ބާރަކަށް ހިނގައިގަތެވެ. އީމާ ބޭނުންވީ ނާހިލް އާ ދުރަށް ދާށެވެ.
ލޫކަސް އައިސް ގެއަށް ވަންއިރު ލަޔާލި އޮތީ ސޯފާގައެވެ. ދެލޯ ވަނީ މެރިފައެވެ. ޓީވީ ހުރީ ދިއްލާފައެވެ. ލަޔާލީ އެންމެ ބަލާހިއްވާ ޑްރާމާ ސިލްސިލާ ‘ކަޝިޝް’ އެވަގުތު އަންނަމުން ދިޔައެވެ. ލޫކަސް ހައިރާން ވިއެވެ.ލަޔާލީ ނިދާފައި އޮތުމުންނެވެ. އޭރު ގަޑިން އިރު އޮށްސި ހަގަޑި ބައެވެ. ލޫކަސް މަޑު މަޑުން ގޮސް ލަޔާލީ އޮތް ސޯފާގެ ކަނުގައި ފޫކޮޅު ޖައްސައިލިއެވެ. އަދި ލަޔާލީގެ މޫނަށް ނިކަން ރަނގަޅަށް ބަލައިލިއެވެ. ލަޔާލީ މޫނުގައި ލޫކަސް އޭނާގެ އަތުން ފިރުމައިލިއެވެ. ހާދަ ރީއްޗެވެ. ކިތައްމެ އިރެއްވަންދެންވެސް އެމޫނަށް ބަލަން އިނދެވިދާނެވެ. ލޫކަސް ހިތަށް އެރިއެވެ. އެ މޫނުގައި ފޮރުވިފައިވާ އުދާސްތަކާއި އެކަނިވެރިކަން ނިކަން ރަނގަށްވެސް ލޫކަސް އަށް އިހްސާސް ކުރެވުނެވެ. އިރުކޮޅެއް ވަންދެން ލަޔާލީގެ މޫނަށް ބަލަން އިނުމަށްފަހު ލަޔާލީ އަށް ގޮވާލަން އަނގަ ހުޅުވާފައިވެސް ގަދަ ނިދީގައި ނިދާފައި އޮތުމުން އުދަނގޫ ވެދާނެތީ، ލޫކަސް ފަސްޖެހުނެވެ. އަދި ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ. އަދި އެނދުގައި އޮށޯތެވެ. އެވަގުތު ލޫކަސްގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ފްރޭމް އަށެވެ. އެ ފޮޓޯއަކީ ލޫކަސްއާއި އީމާގެ ކައިވެނީގައި ނަގާފައިވާ ފޮޓޯއެކެވެ. ލޫކަސް އޭނާގެ ދެއަތުން ލަޔާލީ އުފުއްލާފައި ހުރި އިރު ދެމީހުން ތިބީ އެކަކު އަނެކަކު ގައިގަ ތަތްވެފައެވެ. ދެމީހުންގެ ތުންފަތް މަތިން ފައުޅުވަނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. ހާދަ އުފަލުގައި ލޯބިން އުޅޭ ދެމަފިރިންނޭ މި ފޮޓޯއަށް ބަލާލި ކޮންމެ މީހަކުވެސް ބުނާނެކަން ހަމަ ޔަގީނެވެ. ފޮޓޯއަށް ބަލަން އޮތް އިރު ލޫކަސްގެ ދެލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ. އިރުގަނޑެއް ވަންދެން އެހެން އޮއްވައި ލޫކަސް އަށް ނިދުނެވެ.
ދަންވަރެވެ. ބޭރަށް ނުކުތީ ސާފް ވައިކޮޅެއް ޖައްސާލުމުގެ ބޭނުމުގައެވެ. މަޑުމަޑުން ހިނގަމުން ދަނިކޮށް ފަހަތުން އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު ލޫކަސް އަށް އިވުނެވެ. ސަލާމަތަށް އެދިއެވެ. ފަހަތަށް އެނބުރި ލޫކަސް ބަލާލިއެވެ. މީހަކު ފެންނަން ނެތުމުން އަނެއްކާވެސް ކުރިއަށް ހިނގައިތެވެ. ” ލޫކަސް!… އަހަރެން ސަލާމަތް ކުރޭ!..” މިފަހަރު އަޑު އިވުނީ އޭނާގެ ނަމުން ގޮވާލި އަޑެވެ. ލޫކަސް ބިރުގަންނަން ފެށިއެވެ. މުޅިމިހާގެ ހަށިގަނޑު ފިނިވެއްޖެއެވެ. ފަހަތުން މީހަކު އަންނަހެން ހީވުމުން ލޫކަސް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ވަދެވުނީ ގެއެއްގެ ތެރެއަށެވެ. ވަތް ފަހުން އެނގުނީ އެ ގެއަކީ ހަދަމުން ދާ އަދި ނުނިމި ހުރި ގެއެއްކަމެވެ. ލޫކަސް އެ އިމާރާތުގެ އެތެރެއަށް ވަދެގެން ދިޔައެވެ. ލޫކަސް އަށް ސިހުނެވެ. އޭނާގެ ކުރިމަތިން ފެންނަނީ ހުދުފޭރާމުގައި ތިބި މީހުންތަކެކެވެ. ނުދަންނަ ބައެކެވެ. ބައެއްމީހުން ރޮނީއެވެ. އަނެއްބައިމީހުންގެ މޫނުމަތިން ފެންނުނީ މާޔޫސް ކަމެވެ. ލޫކަސް އަށް ފަހަތަށް ޖެހެވުނެވެ. އެވަގުތު ހުދުހެދުމެއް ލައިގެން ހުރި އަންހެނެއް ލޫކަސްގެ އަތުގައި ހިފިއެވެ. އަދި ލޫކަސް ގޮވައިގެންގޮސް ހުއްޓުނީ މޭޒެއްގެ ކައިރީގައެވެ. ލޫކަސް މޭޒު މަށްޗައް ބަލާލިއެވެ. ފަސް ފޫޓު ހުންނާނެކަމަށް ބެލެވޭ ވަރުގެ މޭޒެކެވެ. މޭޒުމަތީގައި ވަކަރު ފޮށްޓެއް ހުއްޓެވެ. އޭގެ މަތީގައި އޮތީ ހުދު ފޮތިގަނޑެއް އަޅާފައެވެ. ލޫކަސް އެއަންހެން މީހާއާ ވާހަކަ ދައްކަން އަނގަ ހުޅުވަން އުޅެއުޅެ އަނގައެއް ނުހުޅުވުނެވެ. ކުއްލިއަކަށް ވައިގަދަވެެއްޖެވެ. ފޮށިމަތީގައި އޮތް ފޮތިގަނޑު ވަޔާއިއެކީ ވިއްސައިގެން ދިޔައެވެ. ފޮށިގަނޑެއް ނޫންކަން އެނގުނީ އެހިސާބުންނެވެ. އެއީ ސަންދޯކެކެވެ. ލޫކަސް ކައިރީގައި ހުރި އަންހެން މިހާގެ ދެލޮލުން އޭރުވެސް ކަރުނަ ފައިބަމުން ދިޔައެވެ. އޭނަ ލޫކަސް ގެ އަތުގައި ހިފައި ނަގައި ސަންދޯކާ ދިމާއަށް ގެންދިޔައެވެ. ބިރުގަނެފައި ހުރި ވަރުން ލޫކަސް ހަޅޭއްލަވައި ގަންނަމުން އަތް ވާރަށް ފޮޅާލުމުން އަތް ގޮސް ޖެހުނީ އެނދުގެ ބެޑްހެޑްގައެވެ. ފުންމާއިގެންކަހަލަ ގޮތަކަށް ލޫކަސް އަށް ނިދިން ހޭލެވުނީ އަތަށް ތަދުވިލެއް ބޮޑުކަމުންނެވެ. ކޮޓަރީގައި ފުލް ކޮށް އޭސީ ޖައްސާފައި ހުރި އިރުވެސް މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. މޫނުގައި އަތްހާކާލިއެވެ. ދެރަވިއެވެ. ނަމަވެސް ހިންހަމަ ޖެހުނެވެ. ހުވަފެނެއްކަން އެނގުމުންނެވެ. ފުން ނޭވާއެއްލުމަށްފަހު ލޫކަސް އަވަހަށް ފޯންނަގައި ގަޑި ބަލާލިއެވެ. އޭރު ގަޑިން ރޭނގަޑު 10 އެއް ޖަހަނީ އެވެ. ލޫކަސް ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ލަޔާލީ ކޮބައިބާވައެވެ؟ އެހެންޏާ ބަރާބަރު އަށެއް ޖަހާއިރު ކާން ހަދާނެވެ. ގޭގައި ނެއްނަމަ ފޯނު ވެސް ކުރާނެވެ. ލޫކަސް އަށް ހިތާއި ހިތުން ކިޔައިލެވުނެވެ.
ކޮޓަރިން ނުކުންނަން ހިނަގައިގަތުމުން ފައިގަ އަޅައިގަތީ ބިންމަތީގައި އޮތް ލިޕްސްޓިކް ފުޅިއެވެ. ނަގަން ގުދުވެލުމުން ބުރަކަށީގައި ރިއްސިއެވެ.. ނަމަވެސް ހިއްވަރު ކޮށްފައި އެ ނަގައި ޑްރެސިން ޓޭބަލް މަތިގައި ބަހަށްޓާފައި ގޮސް ސިޓިންގ ރޫމަށް ނިކުތެވެ. އޭރުވެސް ޓީވީ ހުރީ ދިއްލާފައެވެ. ސޯފާއަށް ބަލާލިއިރު ކުރިންވެސް އޮތްގޮތަށް ލަޔާލީ އޮތީ ނިދާފައެވެ. ލޫކަސްގެ ހިއްތެޅިގަތެވެ. ބާރަށް ހިނގައިފައި ގޮސް ލަޔާލީ އަށް ގޮވަންފެށިއެވެ. ނަމަވެސް ލަޔާލިގެ ހަބަރެއް ނުވިއެވެ. މޫނުގައި ދެތިން ފަހަރު މަޑުމަޑުން ޖަހާލިއެވެ. އެވަރުންވެސް ހޭނުލިއެވެ. ލަޔާލީ އަކީ ، އެއްޗެއް ބިންމަތީގައި ޖެހޭ އަޑަށްވެސް ހޭލެވޭ މީހެކެވެ. އެކަން ލޫކަސް އަށް އިނގެއެވެ. ކަންބޮޑު ވެފައި ގޮސް މޭޒުމަތީގައި ހުރި ފެންޖަގުން ފެން ތައްޓަކަށް އަޅައިގެން އައިސް ތަށިން ފެންކޮޅެއް ލޫކަސް އޭނަގެ އަތަށް އެޅުމަށްފަހު ލަޔާލީގެ މޫނުމައްޗައް ވިހުރުވައިލިއެވެ.
”ލަޔާ!…. ލަޔާ!…. ލަޔާ…” ލޫކަސް ލަޔާލީ އަށް ގޮވަމުން ދިޔައެވެ.
” އުމް…… ” މަޑުމަޑުން ލަޔާލި އަށް ހޭލެވެން ފެށުމުން ލޫކަސް އަށް ހިންހަމަޖެހުމެއް ލިބުނެވެ. އަދި ލަޔާލީގެ ގަރުގައި އޭނާގެ އަތުގެ ނުފުށުން ޖައްސާލިއެވެ.
” ލޫކް… ކިހިނެއްވީ؟ ގަޑިން ކިހާއިރެއްތަ؟ ” ލަޔާލީ މަޑުމަޑުން ސޯފާއިން ތެދުވަމުން ލޯ އުނގުޅަމުން ނިދީގެ އަޑަކުން އަހާލިއެވެ.
” ހުން ހުރި ތޯ ބާލާލި… ގަޑިން ދިހަ އެއް ޖަހައިިފި.. ވަރަށް ބަޑުވެސްހައި….” ލޫކަސް ޖަވާބު ދެމުން ގޮސް ފްރިޖް ހުޅުވާލުމަށްފަހު ފްރިޖް ތެރޭގައި އޮތް ސަރުބަތު ފުޅި ނަގައި ތައްޓަށް އެޅުމަށްފަހު ތަށި ތުނބުގައި ޖެހިއެވެ.
” އަސްލުވެސް… ކީއްވެ ނުގޮވީ؟… އަހަރެން މިއުޅެނީ އަދި މިރެއަށް ނުވެސް ކައްކާ… ” ލަޔާލީ ދެރަވެފައި ހުރެ ބުނެލިއެވެ.
” ލޫކް ވަރަށް ވަރަށް ބަނޑުހައިވެގެން ދޯ ތިއުޅެނީ؟…..” ލަޔާލީ ލޫކަސް ކުރެން އަހާލިއެވެ.
” އާހ…. ވަރަށް ބަނޑުހައި…. ލަޔާ މިރޭ ހާދަ އަވަހަކަށް ނިދުނީ….” ހައިރާންކަމާއި އެކު ލޫކަސް ސަރުބަތު ބޮމުން ހުރެ ބުނެލިއެވެ. ” ނޭނގެ ހަމަ އެއްގޮތަކަށްވެސް ޓީވީ ބަލަން އޮތީ ސޯފާގައި ދެން އެހެން އޮށްވައި ނިދުނީ…ކީއްވެ އަހަރެންގެ މޫނަށް ފެން ޖެހީ؟..”
” އެހެންތަ؟.. ފެންޖެހީ ގޮވާގޮވާވެސް ލަޔާ ހޭނުލީމަ… މިރޭ މާލަސްވެއްޖެ އެއްނު.. ދެން މިރޭ ކައްކާނެ ކަމެއް ނެތް އަހަރެން އަހަންނާނަން ހޮޓަލުން ކާއެއްޗެއް ހިފައިގެން…” ލަޔާލީ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ލޫކަސް އެހެން ބުނެފައި ގޮސް ފާހާނާ އަށް ވަދެ މޫނު ދޮވެގެން ކުޑަކޮށް މަތިހަދާލައިގެން ހޮޓަލަށް ދާން ނިކުތެވެ.
ލަޔާލީ… މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ވަރުބަލިވާކަމުގެ އިހްސާސް ކުރެވެން ފެށުމުން ފެންވަރާލުމަށް ފާހާނާ އަށް ވަނެވެ. ފެން ވަރައިގެން ނިކުމެ ރީތި ވެލިއެވެ. ލޫކަސް އައިސްގެން އުޅެހެން ހީވާންފެށުމުން ނިކުންނަން ހިނގައިގަތްތަނުން ދެލޯ ފުސްވާހެން ހީވިއެވެ. ލަޔާލީ މަޑު މަޑުން ދެލޯ އުނގުޅާލިއެވެ. ނުކައި މާގިނައިރު ވީމަ ވީގޮތެއްކަމަށް ހީކޮށްގެންހުރެ ސިޓިންގ ރޫމަށް ނިކުތެވެ. ލަޔާލީގެ ދެލޯބޮޑުވިއެވެ. ކުރިމަތިން ފެންނަން ހުރީ ޒޭން އެވެ. ލަޔާލީ ހުރީ ނިދާހެދުމުގައެވެ.ލައިގެން ހުރީ ޕިންކް ކުލައިގެ ކުރު ސޯޓޮ ކޮޅަކާއި ހުދުކުލައިގެ ޓިޝާޓް ކޮޅެކެވެ.
” ޒޭން!… މިގަޑީގަ…. މިގޭގަ… އެކަމަކު އީމް ބުނި ޒޭން ވީ ކޯހަކަށް ގޮހޭ…” ސިޓިންގ ރޫމްގައި ޒޭން ހުރުމުން ލަޔާލީ ހައިރާން ވިއެވެ. ސުވާލުތަކުން ފުރިގެންވާ ނަޒަރަކުން ލަޔާލީ ޒޭން އަށް ބަލަން ހުއްޓެވެ.
” އާހ… ތެދެއް އަހަރެން ބުނިން.. އެކަމަކު އެއީ ތެދެއް ނޫން… އަހަރެން ނުދަން އެއްވެސް ކޯހަކަށް…” އެހެން ބުނަމުން ޒޭން ލަޔާލީ އާ ދިމާއަށް އަންނަން ފެށިއެވެ. ލަޔާލީ ގޮސް ސޯފާގައި އިށީނެވެ. ޒޭންވެސް ގޮސް ލަޔާލީ އިން ސޯފާއި ޖެހިގެން ހުރި ސޯފާގައި އިށީނެވެ.
” ޒޭން؟…. ކީއްވެ އީމް އޮޅުވާލައިގެން ތިއުޅެނީ؟….އީމް ކިހާ ދެރަވާނެ ތިހެން ހެދީމަ… އީމް އަށް ހަގީގަތް އެގުމުން ޒޭން އަކަށް މާފެއް ނުކުރާނެ އަހަރެން ވަރަށް ރަނގަޅަށް އީމް ދަންނަން…” ލަޔާލީ އިސްޖަހައިގެން އިދެ ވާހަކަ ދެއްކިއެވެ.
” އަހަރެން އޮޅުވައެއް ނުލަން ވީގޮތަކީ….” ކުއްލިއަށް ދޮރު ހުޅުވާލައި އެތެރެއަށް ވަދެގެން އައި ލޫކަސް ފެނުމުން ޒޭން ވާހަކަ މެދުކަނޑާލިއެވެ.
” ޒޭން! މިގޭގައި…. ކިހިނެއްވީ؟ ކަމެއް އޮތީތަ؟” ޒޭން ފެނުމުން ލުކަސް ހިންހަމަ ނުޖެހުނެވެ. އަތުގައި ހުރި ޕާރސަލްތަށް މޭޒުމަތީގައި ބަހަށްޓާފައި ގޮސް ލަޔާލި ކައިރީގައި ލޫކަސް އިށީނެވެ. އެތަން ފެނުމުން ޒޭންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ.
” މެރީ ކުރީތަ؟ ” ޒޭން ލަޔާލީ އަދި ލޫކަސް އަށް ބަލާލަމުން އަހާލިއެވެ. ” އާނ… މެރީ ކޮށްގެން މިއުޅެނީ… ” ޖަވާބު ދިނީ ލޫކަސް އެވެ.
” މެރީ ކުރި އިރުވެސް އަންގާވެސް ނުލައި…. ކީއްވެ؟..” ޒޭން ހިންހަމަނުޖެހިފައި އިނދެ އަހާލިއެވެ. ލަޔާލީ އިނީ އިސްޖަހައި ގެންނެވެ.
” ލަޔާ އަހަރެން ވަރަށް ބަނޑު ހައި ހިނގާ ކާން …..” ލަޔާލީ ކޮނޑުގައި އަތް އަޅާލަމުން ލޫކަސް ބުންޏެވެ. ލަޔާލީ ތެދުވުމުން ލަޔާލީ ލައިގެން ހުރި އެއްޗެހި ފެނުމުން ލޫކަސް ހިންހަމަ ނުޖެހުނެވެ. ” ލަޔާ ފުރަތަމަ އެއްޗެހި ޗޭންޖް ކޮށްގެން އަންނަންވީނު…”
” ކިހިނެއްވީ؟ ލަޔާ ލައިގެން ހުރި އެއްޗެހި ކަމުނުދަނީތަ؟ ނޫނީ އަހަރެން އިނީމަތަ ؟ އަލަކަށް ނޫނޭ އަހަންނަށް ފެނުނީ ލަޔާ ތި ހެދުމުގަ…. ” ޒޭން ފާާޑަކަށް ހެވިލާފައި ބުނެލިއެވެ. ޒޭން އެހެން ބުނުމުން ލޫކަސް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ލަޔާލީ ގާތަށް ރުޅިއައެވެ. ކޮޓަރިއަށް ވަންނަން ދަނިކޮށް ޒޭން ސޯފާއިން ތެދުވެގެން ދުވެފައި ކަހަލަ ގޮތަކަށް އައިސް ލަޔާލީގެ އަތުގައި ހިފައި ގަޔާ ދިމާއަށް ދަމައިގަތެވެ. ” ޒޭން..! ދޫކޮށްލާ… ކިހިނެއްވެގެންތަ ތިއުޅެނީ؟.. ” ” އަހަންނަށްތަ ގޮތެއް ވެގެން މިއުޅެނީ.. ކީއްވެތަ ލަޔާ އަހަންނާ ހަތަރު ކަޅި ހަމަނުކުރެވިގެން ތިއުޅެނީ؟.. ގައިމު ކޮންމެވެސް ކަމެއްވީމައެއްނު…” ޒޭން އެހެން ބުނުމުން ލަޔާލީ ޒޭން ދުރަށް ކޮށްޕާލިއެވެ. ”ޒޭން!.. ހަމަމިހާރު ނިކުމޭ… ނިކުމޭ… ނޭނގޭތަ އަހަރެން މީ މީހެއްގެ އަތްބެއް ކަމެއް ؟…. އަހަރެންގެ ގައިގަ އަތްލުމުގެ އޙްތިޔާރު ލިބިގެންވަނީ ހަމައެކަނި ލޫކް އަށް … ތިއީ އަހަރެންގެ ރަހްމަތްތެރި އެއް އެހެންވީމަ ރަހްމަތްތެރިއެއްގެ ގޮތުގައި ހުރޭ… ” ލަޔާލީ އެހެން ބުނަމުން ގޮސް ނުކުންނަ ދޮރު ހުޅުވައިލިއެވެ. އަދި ދިއުމަށް ޒޭން އަށް އިޝާރާތް ކުރިއެވެ. ޒޭން ނުކުމެގެން ދިޔައެވެ. ލަޔާލީ ޒޭން ދިއުމުން ދޮރު ލައްޕާ ތަޅު ލުމަށްފަހު މޭޒުމަތީގައި ލޫކަސް ކާން ގެނައި އެއްޗެހި ތަށިތަކަށް އަޅައި ކާން ހަދާފައި ލޫކަސް އަށް ކާން އަންނަން ގޮވިއެވެ.
ރެއަކީ ވިއްސާރަ ރެއެކެވެ. އިމާ އިނީ ޑްރެސިންގ ޓޭބަލް ގޮނޑީގައި އިށީނދެގެންނެވެ. ކޮޓަރީގައި އޮތީ ބޮކި ނިއްވާލާފައެވެ. ވިސްނެނީ ނާހިލް އާ ދޭތެރޭއެވެ. މިހާރު އީމާ ލޯބި ވަނީ ޒޭން ދެކެ އެވެ. ނާހިލް އައުމުން އެކަމާމެދު ވިސްނެނީ އެވެ. އީމާ ހުރީ ނާހިލް އޭނާގެ ހިތުން ފޮހެލާފައެވެ. ނަމަވެސް ނާހިލް އަށް ދޭނެ ޖަވާބަކާއި މެދު ވިސްނެނީއެވެ. އީމާ ތެދުގެން ގޮސް ނިދާ ބޮކި ދިއްލިއެވެ. އެވަގުތު ދޮރުގައި މީހަކު ބެލް އަޅާލިއެވެ. އޭރު ގަޑިން ބާރަ ގަޑި ބައެވެ. މިވަގުތު ކާކު؟ ޒޭން ވެސް މާލެއަކު ނެތް؟ އަނެއްކާ ނާހިލް ބާ؟ އީމާގެ ހިތަށް އެރިއެވެ.
އީމާ ގޮސް ދޮރު ހުޅުވައިލިއެވެ. ” ހާދަ ގިނަ އިރެކޭ ދޮރު ހުޅުވަންވެސް ދޯ؟..” އެހެން ބުނަމުން ނާހިލް އެތެރެއަށް ދެމިގަތެވެ. ނާހިލް ހުރީ ތެމިފޯވެފައެވެ. ވަރަށް ބޮޑަށް ހީވެސް ކަރުވާފައެވެ. ” ނާހިލް!.. ތިހުރީ ތެމިފޯވެފަ އެންނު… އާދޭ އަވަހަށް ” އީމާ ނާހިލް ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަދި އަލަމާރި ހުޅުވައި ގަމީސް ކުރުތާއެއް ނަނގައި ނާހިލް އަތައް ދިނެވެ. ނާހިލް އެ ހިފައިގެން ގޮސް ފާހާނަ އަށް ވަނެވެ.
އީމާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ހަށަމް ބަނދެގެންހުރެ ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނަގަހިގާލަ ހުއްޓައި ފާހާނަ ދޮރުހުޅުވާލި އަޑަށް އިމާ އެ ދިމާއަށް ބަލާލިއެވެ. އަދި ގޮސް ކުޑަދޮރު ކައިރީގައި މަޑު ކޮށްލިއެވެ. ދޮރު ހުޅުވާލިއެވެ. އޭރުވެސް ގަދަޔަށް ވާރޭ ވެހެއެވެ. ޖެހެމުންދާ ވަޔާއި އެކު ވާރޭގެ ކަނިތަށް އައިސް އީމާގެ މޫނު ތެންމަމުން ދިޔައެވެ. ކުއްލިއަކަށް ފަހަތުން އައިސް ނާހިލް އީމާގެ ގައިގައި ބައްދާލިއެވެ. އެވަގުތު އީމާއަށް ދެލޯ މަރައި ލެވުނެވެ.
– ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Woooooow beautiful story shiyaaaaa…??? v v v reethi mibaives waiting…. waiting…. shiya
Poor zayn ? Story wonderful… hithah aranee dhen vaanee kihineh baavaey… shiya your good writer… best of luck waiting next part..
Thanks
E uphey nulafa eemaa???????
VVVVVVVVVVVV reethi…
Avaskolachay….
Wow…. maasha allah shiya haadha molhey…. ekm lookas ah ves ehen hadhaakh nuvaane…. lookas happy kohdhybaaaa….
mi story up nukurunany tha mhr?????