“މަށަށް ޖެއްސުމެއް ކޮށްފަދޯ މީ. ކުޅިކަމުން އަނގައަށްލާން ނުކެރޭމި. ރަހައަކުން ރަހައެއް ނުލާ” ޒުބޭދާ ބާރަށް ބުނެލިއެވެ.
ރާޔާގެ މޫނުން ދިލަނަގަންފެށިއެވެ. ރާޔާ ބޭނުންވީ އަވަހަށް މޫނު ސާފުކޮށްލަން ދާށެވެ. ރާޔާ ލޮލުން ކަރުނަ ފޮހެލިއެވެ. މީރުކޮށް ކައްކަން ނޭނގުނަސް އޭނާ އެ ކެއްކީ ކެއްކޭނެ އެންމެ މީރުކޮށެވެ. ނަމަވެސް ޒުބޭދާ ރުޅި އައިސް ބަލަން ހުރުމުން އޭނާއަށް އެތަނުން ދާކަށް ނުކެރުނެވެ.
“ބުނާކަމެއް ރަގަޅަށް ކުރަން ނޭނގެންޏާ ގޮސް ރަށުގައި ހުރޭ. ކޮންމެހެން މަށަށް ޖެއްސުން ކުރަން މިތާ ހުންނާނެ ކަމެއް ނެތް.” ޒުބޭދާ ބުނެލިއެވެ. “މިތަން ސާފުކޮށްފަ ގޮސް އަހަންނަށް އަލުން ކާއެއްޗެއް ހަދާ”
ޒުބޭދާ ގޮސް ގޭތެރެއަށް ވަނެވެ. ރާޔާ ހިންދިރުވައިލިއެވެ. ބިންމަތީގައި ހުރި ބަތްތަކަށް ބަލައިލިއެވެ. ތަށި ތަންކޮޅެއް ދުރުގައި އޮތެވެ. ރާޔާ ގޮސް ތަށިނެގިއެވެ. ބިންމަތި ސާފުކުރަން އިލޮށިފައްޗެއް ބަލާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
ރާޔާ ފުރަތަމަ ގޮސް ވަނީ ފާހާނާއަށެވެ. މޫނު ދޮވެ ސާފުކޮށްލާށެވެ. މޫނު ދޮވެގެން ފާހާނާއިން ނުކުތްވަގުތު އިސްމާއިލް އައިސް ކޮޓަރިއަށް ވަނެވެ. އިސްމާއިލް އައުމުން ކުޑަކޮށް ހިތްހަމަ ޖެހުނު ނަމަވެސް އެ ހިތުގައި ކަންބޮޑުވުމެއްވެސް އުފެދުނެވެ. މިރޭ އޭނާ ހޭދަކުރަން ޖެހޭނީ އިސްމާއިލްއާއެކުކަން ހިތަށް އެރުމުންނެވެ. އިސްމާއިލް އެއްވެސް އެއްޗެއް ނުބުނެ ރާޔާގެ މޫނަށް ބަލަން ހުއްޓެވެ. ރާޔާ ހުރީ އުނދަގޫވެފައެވެ.
“ކޮންތާކު އުޅެފަ ތިއައީ” ރާޔާ މަޑުން ބުންޏެވެ. “ދިޔަތަނެއް ނޭނގިގެން އަހަރެން މިހުރީ ވަރަށް ކަންބޮޑުވެފަ. އަހަރެން އަތުގައި ފޯނެއްވެސް އޮތީއެއް ނޫން. ގުޅާނީވެސް ކިހިނެތް.”
“އަހަރެން ދާތަނެއް ބަލާކަށް ރާޔާއަކަށް ނުޖެހޭނެ” އަމުރުވެރި ރާގަކަށް އިސްމާއިލް ބުނެލިއެވެ. ރާޔާއަށް ސިހުމެއް ލިބުނެވެ.
“ރާޔާ އުޅެންވާނީ އަހަރެންގެ ކަންތައްތަކާ ނުބެހި” ރާޔާއާ ކައިރިއަށް ޖެހެމުން އިސްމާއިލް ބުންޏެވެ. “އަހަރެންގެ އެއްވެސް ކަމަކަށް ފާޑު ކިޔައިގެން ނުވާނެ”
ރާޔާ ފަހަތަށް ޖެހިލިއެވެ. އިސްމާއިލްގެ ވާހަކަ ދެއްކުން މިހާރު މިހުރީ ރަގަޅަކަށް ނޫނެވެ. ރާޔާ ވަރަށް ކަންބޮޑުވިއެވެ. އިސްމާއިލް ރާޔާއާ ކައިރިއަށް ޖެހެމުން އައިސް ރާޔާގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. އެވަގުތު ރާޔާ ސިއްސައިގެން ގޮސް ތެޅިގަތެވެ. އަވަސް އަވަހަށް ދުރަށް ޖެހިލިއެވެ. އިސްމާއިލްގެ ގައިން އޭނާއަށް ދުވީވެސް ނުބައި ވަހެކެވެ. ރާޔާ މޭނުބައިކުރާގޮތްވިއެވެ. އޭނާ އެއްގޮތަކަށްވެސް އިސްމާއިލްއާ ކައިރިވާކަށް ބޭނުމެއް ނޫނެވެ. އިސްމާއިލްއަކީ މުސްކުޅިއެކެވެ. މަޖުބޫރީ ހާލަތުގެ ސަބަބުން އޭނާ އިސްމާއިލްއާ ކައިވެނި ކުރިނަމަވެސް ދުވަހަކުވެސް އެހިތަކުން އިސްމާއިލްއަށް ޖާގައެއް ނުދެވޭނެއެވެ.
“ހާދަ ހާސްވެފަ” އިސްމާއިލް އަނެއްކާވެސް ރާޔާއާއި ގާތްވާން އުޅުނެވެ. “އަހަރެން މީ ފިރިމީހާއޭ. ފިރިމީހާއަށް އަދާކޮށްދޭންޖެހޭ ހައްގުތައް ރާޔާއަކަށް ނޭނގޭތަ… ނޫނީ އަހަރެން ދެކެ ފޫހިވަނީތަ..”
“ދުރަށް ދޭ. އަހަރެން ގައިގައި އަތްނުލާތި” ރާޔާގެ އަޑު ތުރުތުރުއަޅައެވެ. އިސްމާއިލް ހިނިގަނޑެއް ޖަހައިލިއެވެ. އަދި ކުއްލިއަކަށް ރާޔާގެ ގައިގައި ބާރަށް ބައްދައިލިއެވެ. ރާޔާ ގައިގައި ހުރި ބާރެެއްލާފައި އިސްމާއިލް ކޮށްޕައިލިއެވެ. އެ ވަގުތު އިސްމާއިލް ގޮސް ޖެހުނީ ކޮޓަރިއަށް ވަން ޒުބޭދާގެ ގައިގައެވެ. ރާޔާ އިސްމާއިލްއާ ދިމާއަށް ބުނި ޖުމްލަ އަޑު އިވުމުން ވީގޮތް ޒުބޭދާއަށް ވިސްނައިގަނެވުނެވެ.
“ވާވާ” ޒުބޭދާ އަތްތިލަބަޑި ޖަހައިލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އިސްމާއިލް އަވަހަށް ކޮޓަރިން ނުކުމެގެންދިޔައެވެ. ރާޔާ ހުރީ އިސްޖައިލި ގޮތަށް އިސްއުފުލައިލަންވެސް ނުކެރިފައެވެ.
“މުސްކުޅިއަކާ އިންއިރު ނޭނގޭތަ ފިރިމީހާގެ ހައްގުތައްވެސް އަދާކޮށްދޭން ޖެހޭނެކަމެއް. ކަލެއަށް ތިއޮތީ ރަގަޅު ލަނޑެއް ލިބިފަ. ތިއޮއް ޒުވާން އުމުރު ކާކު ބޭނުންވާނީ މުސްކުޅިއަކާއެކު ހޭދަކުރަން. އެހެންނޫނަސް އިސްމާއިލްއަށް ކަލޭ އުފާކޮށެއް ނުދެވޭނެ. ކަލޭ ޖެހޭނީ ތިހެން ހިތްދަތިވެފަ ހުންނަން. ބަލަން ހުންނާތި. ކަލޭ މިތަނުގައި ވަރަށް ރޯންޖެހޭނެ. އެންމެފަހުން ކަލެއަށް ޖެހޭނީ ކެތްނުވެގެން މިތަނުން ދާން” ޒުބޭދާ ބުނެލިއެވެ. ރާޔާ ވަރަށް ދެރަވިއެވެ.
“އަދިވެސް އެތަން ސާފުނުކޮށޭ ކަލޭ އައިސް ތި ހުންނަނީ. ދޭ ގޮސް އެތަން ސާފުކޮށްފަ އަހަންނަށް އަވަހަށް ކާ އެއްޗެއް ހަދާ. އަހަރެން މިހިރަ ބަނޑުހައިވެގެން ހަލާކުވަނީ.” ޒުބޭދާ އެހެން ބުނެފައި ކޮޓަރިން ނުކުމެގެންދިޔައެވެ.
ރާޔާގެ ދެލޯ ފެންކަޅިވިއެވެ. މީ އޭނާ ދުވަހަކުވެސް އުއްމީދު ކުރި ކަހަލަ ދިރިއުޅުމެއް ނޫނެވެ. އިސްމާއިލްއަކީވެސް ރަގަޅު މީހެއް ހެނެއް ހިއެއް ނުވެއެވެ. އަނެއްކޮޅުން ޒުބޭދާއަކީވެސް އިސްމާއިލްގެ ކާކުކަން އޭނާއަށް އެނގެނީއެއް ނޫނެވެ. ޒުބޭދާގެ ބާރުގަދަ ނުފޫޒުގެ ތެރޭގައި ތާށިވެގެން އަބަދު އުޅުމަކީ ފަަސޭހަ ކަމަކަށް ނުވާނެއެވެ. އެކަމަކު ދެން ކުރެވޭނެ ކަމެއްވެސް ނެތެވެ. މިތަނުން ނުކުމެގެން ގޮސް ވަންނާނެ އެހެން ތަނެއްވެސް ނެތެވެ. ކެތްތެރިވެގެން އުޅުން ނޫން އެހެން ގޮތެއް ނެތެވެ.
ގަޑިން ރޭގަނޑު އަށެއް ޖަހައިފިއެވެ. ކުރިމަތީގައި ހުރި ބޮޑު ފިހާރައަށް ރާޔާ ދިޔައީ ޒުބޭދާ ދިން ލިސްޓްގައި ހުރި ތަކެތި ގަތުމަށެވެ. ވިސްނުމެއްގެ ތެރޭގައި ހުރެފައި ރާޔާއަށް ފިހާރައިގެ ދޮރު ހުޅުވާލެވުނުތަނުން މީހެއްގެ ގައިގައި އަޅައިގަތެވެ. އެއީ މިއަދު މެންދުރު އޭނާއަށް ފިހާރަ ކުރިމަތިން ފެނުނު ޒުވާން ފިރިހެން ކުއްޖާއެވެ. އެ ކުއްޖާ ސޮރީއޭ ބުނެފައި ފިހާރައިން ނުކުމެގެންދިޔައެވެ. ރާޔާގެ ހިތް އުފާވިއެވެ. އެ ކުއްޖާ ގޮސް ސައިކަލަށް އެރިއެވެ. ރާޔާ ބަލަން ހުއްޓެވެ. އެ ކުއްޖާވެސް ރާޔާއަށް ބަލައިލިއެވެ. އަދި އަވަހަށް ސައިކަލު ދުއްވައިލިއެވެ.
ރާޔާ ފިހާރަތެރެއަށް ވަނެވެ. ވަރަށް މީހުން ގިނައެވެ. ލިސްޓްގައިވާ ތަކެތި ހަމަކުރުމަށް ވަށިގަނޑެއް ހިފައިގެން ރާޔާ އުޅުނެވެ. ރާޔާ ވިސްނަމުން ދިޔައީ އެ ފިރިހެން ކުއްޖާއާ ދޭތެރޭއެވެ. އަދި ފެންނާނެ ނަމައެވެ. ހާދަ ރީތި މޫނެކެވެ. ހާދަ ރީތި ހަށިގަނޑެކެވެ. ބަލައިލާ ގޮތްވެސް ހާދަ އަސަރުގަދައެވެ. އެކަމަކު އަހަރެން އޭނާއާ ދޭތެރޭ ވިސްނަންވީ ކީއްކުރަން ހެއްޔެވެ. ބޭކާރު ކަމެކެވެ. އަހަންނަކީ މީހެއްގެ އަނތްބެކެވެ. އަހަރެން ޖެހޭނީ މިހިޔާލުތަކާއި ދުރުވާށެވެ. ރާޔާ އަވަހަށް ތަކެތި ހަމަކޮށްގެން ކައުންޓަރ ކައިރިއަށް ދިޔައެވެ. ފައިސާ ދައްކާފައި ކޮތަޅުތައް ހިފައިގެން ރާޔާ ފިހާރައިން ނުކުންނަން ހިނގައިގަތްތަނާ އެ ފިރިހެން ކުއްޖާ އައިސް ފިހާރައަށް ވަނެވެ.
“ނިޔާމް…” ކައުންޓަރގައި އިން އަންހެން ކުއްޖަކު އެ ފިރިހެންކުއްޖާއަށް ގޮވައިލުމުން އޭނާ އެ އަންހެންކުއްޖާ ކައިރިއަށް ދިޔައެވެ.
“ނިޔާމް..” ރާޔާ މަޑުމަޑުން އެނަން ކިޔައިލިއެވެ. އަދި އަވަހަށް ފިހާރައިން ނުކުމެގެންދިޔައެވެ.
ގެއަށް ވަދެފައި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓަމުން ރާޔާ ފުންނޭވާއެއްލިއެވެ. ހަމަޖެހިލަމުން އޭނާ ގޮނޑީގައި އިށީނެވެ. ރާޔާގެ ހިތުގައި ވަނީ ނިޔާމްގެ ނަމެވެ. ހިތަށް އަރަމުންދިޔައެވެ. ނިޔާމްއަކީ އެ ފިހާރައިގައި މަސައްކަތް ކުރާ ކުއްޖެއްބާއެވެ… އޭނާ އެހާ ގިނައިން އެ ފިހާރައަށް އެ އަންނަނީ ކީއްވެގެންބާވައެވެ. މިފަދަ ހިޔާލުތަކެގައި ރާޔާ އިންދާ ސިހުނީ ކައިރިން މީހެއްގެ ހިލަމެއް ވެގެންނެވެ. ރާޔާ ބަލައިލިއިރު އިސްމާއިލްއެވެ. ވަގުތުން ރާޔާގެ މޫނަށް ފޫހިކަން ވެރިވެގެންދިޔައެވެ. އިސްމާއިލް އައިސް ރާޔާއާއި ވަރަށް ކައިރީގައި މަޑުކޮށްލިއެވެ. އަދި ރާޔާގެ އަތްނަގައި މޭގައި ޖައްސައިލިއެވެ. ރާޔާ ރުޅި އައިސްފައި އިސްމާއިލްއާ ދުރަށް ޖެހިލިއެވެ.
“ހާދަ ރުޅިން ތި ހުންނަނީ. އަހަރެން މުސްކުޅިވީމަތަ.” ރާޔާގެ ބޮލުގައި ފިރުމާލަމުން އިސްމާއިލް ބުނެލިއެވެ. “ރުޅި ނާދެބަލަ. މިހާރު ތީ އަހަރެންގެ އަންހެނުންނެއްނު. ރާޔާގެ މަންމަ ތިހުރީ ރާޔާ އަހަންނަށް ވިއްކާލާފަ. އެތައް ހާސް ރުފިޔާއަށް”
ރާޔާ ރުޅި އައިސްފައި އިސްމާއިލްގެ މޫނަށް ބަލައިލިއެވެ. އިސްމާއިލް ހުރީ ހެވިފައެވެ. އެއީ މަކަރުވެރި ހިނިތުންވުމެކެވެ.
“އަހަންނަށް ހީވަނީ ރާޔާގެ ފަރާތުން އަހަންނަށް ވަރަށް ގިނަ ފައިސާ ލިބޭނެހެން” އިސްމާއިލް އެބުނި އެއްޗެއް ރާޔާއަކަށް ނުވިސްނުނެވެ. ހައިރާންކަމާއެކު އިސްމާއިލްގެ މޫނަށް ބަލަން ރާޔާ ހުއްޓެވެ.
“އޭގެކުރިން އަހަރެން ބޭނުން ހުރިހާ އުފަލެއް ލިބިގަންނަން” ރާޔާގެ ކަންފަތްދޮށުގައި ވައިއަޑުން އިސްމާއިލް ބުނެލިއެވެ.
ޒުބޭދާ އަންނަ އަޑު އިވުމުން އިސްމާއިލް އަވަހަށް އެތަނުން ދުރަށް ދިއުމަށް ހިނގައިގަތެވެ. ޒުބޭދާ އެއައި ގޮތަށް އައިސް ހެދުންތަކެއް ރާޔާގެ އަތުތެރެއަށް ޖެހިއެވެ. އެއީ ޒުބޭދާގެ ހެދުންތަކެކެވެ.
“މި ހެދުންތައް އިސްތިރިކޮށްގެން ގެނޭ” ޒުބޭދާ އަމުރުކުރިއެވެ. “އަދި އަހަންނަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރޭ”
ރާޔާ ދެރަވެފައިހުރެ ޒުބޭދާ ބުނި މަސައްކަތްތައް ކުރުމަށް އަވަސްވެގަތެވެ.
ދަންވަރުވެއްޖެއެވެ. ރާޔާ އޮތީ ނިދާށެވެ. ހޫނުވާވަރުންނާއި ކޮޓަރިތެރެ އުދާސްކަމުން މިކޮޓަރީގައި ނިދޭނެބާއޭ ރާޔާގެ ހިތަށް އަރަމުންދިޔައެވެ. އަދި އިސްމާއިލް ނިދާކަށް ނާދެއެވެ. މިރޭ ކަންތައްވާނެ ގޮތެއް ނޭނގޭތީ ރާޔާ އޮތީ ވަރަށް ބިރުގެންފައެވެ. އިސްމާއިލްއާ އެއްތަނެއްގައި ނިދާކަށް ރާޔާ ބޭނުމެއް ނޫނެވެ.
ކުއްލިއަކަށް ކޮޓަރި ދޮރުގައި މަޑުމަޑުން ޓަކިޖަހައިލި އަޑު އިވުނެވެ. ރާޔާ ސިހިފައި ކޮޅަށް ތެދުވިއެވެ. ރާޔާ ހުރީ ދޮރު ނުހުޅުވާށެވެ. ދެން ފެނުނީ ތަޅުދަނޑިއަކުން ދޮރު ހުޅުވި ތަނެވެ. ކޮޓަރިއަށް ވަނީ އިސްމާއިލެވެ. ރާޔާ ވަރަށް ހާސްވިއެވެ. އިސްމާއިލް ކޮަޓަރި ދޮރު ތަޅުލުމަށްފަހު ރާޔާގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. ރާޔާ ހުރީ ވަރަށް ހިތްއަވަސްވެފައެވެ.
“އާދޭ ނިދަން” ގޮދަޑިމަތީގައި އޮށޯންނަމުން އިސްމާއިލް ބުނެލިއެވެ. ރާޔާ އެހުރި ފިޔަވަޅުމަތީގައި ހުއްޓިގެން ހުއްޓެވެ. ހިތްބިރުގެންފައި ހުރިވަރުން ރާޔާ ހުރީ ރޮވޭގޮތްވެފައެވެ.
“ކީއްވެފަ ތި ހުންނަނީ. އަންނާށޭ” އިސްމާއިލް ބާރަށް ބުނެލިއެވެ. އަދި ކުޑަކޮށް ތެދުވެފައި ރާޔާގެ ފައިގައި ހިފައި ދަމައިގަތެވެ. ރާޔާ ގޮސް ވެއްޓުނީ އިސްމާއިލްގެ އަތުތެރެއަށެވެ. އިސްމާއިލް ވަގުތުން ރާޔާގެ ގައިގައި ބައްދައިލިއެވެ. ރާޔާގެ ދެލޯ ކަރުނުން ފުރުނެވެ.
“އަހަރެން ދޫކޮށްލާ” އާދޭހާއިއެކު ރާޔާ ބުންޏެވެ.
“ދޫކޮށްލާށޭ…” އިސްމާއިލް ހިނިގަނޑެއް ޖަހައިލިއެވެ. އަދި ވީހާވެސް ބޮޑަށް ރާޔާއާއި ކައިރިވުމަށް އޭނާ މަސައްކަތް ކުރަމުންދިޔައެވެ.
ކުއްލިއަކަށް ރާޔާ އިސްމާއިލްގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕައިލިއެވެ. އިސްމާއިލްގެ މެއަށް ތަދެއް އެރިއެވެ. ނޭވާ ހާސްވާގޮތްވިއެވެ. ރާޔާ ބިރުގަތެވެ. އިސްމާއިލްއަށް ކިހިނެތްވީބާއެވެ. ރާޔާ އިސްމާއިލް ކައިރީގައި އިށީނެވެ. އެވަގުތު މޭގައި އަތްއަޅައިގެން އިސްމާއިލް ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ތެދުވިއެވެ. އަދި ވަރަށް ރުޅި އައިސްފައި ރާޔާގެ މޫނަށް ބަލައިލިއެވެ.
“ކަލޭ ތިއުޅެނީ އަހަރެން މަރާލަންތަ.. އަހަންނަކީ ބަލިމީހެކޭ” އިސްމާއިލް ވަރަށް އުނދަގުލުން ވާހަކަ ދެއްކިއެވެ. “ތީ ވަރަށް ނުލަފާ އަންހެނެއް. އަދި މިކަމުގެ ބަދަލު ހިފާލާނަން. ހަނދާން ކުރާތި”
ރާޔާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. އިސްމާއިލް މޭގައި އަތްއަޅައިގެން ހުރެ ބާރަށް ދޮރު ލައްޕާފައި ކޮޓަރިން ނުކުމެގެންދިޔައެވެ. ރާޔާއަށް ރޮވުނެވެ. އޭނާއަށް ކަންތައް މިކުރެވުނީ ރަގަޅަކަށް ނޫނެވެ. ކޮންމެގޮތެއްވިޔަސް އިސްމާއިލްއަކީ އޭނާގެ ފިރިމީހާއެވެ. ކިތަންމެ ހިތް ނޭދުނަސް، ކިތަންމެ ފޫހިވިޔަސް އޭނާ ޖެހޭނީ އިސްމާއިލްގެ އަމުރުތަކަށް ކިޔަމަންވާށެވެ. އިސްމާއިލް އެ ދިޔައީ ކޮންތާކަށްބާއެވެ. ކޮޓަރި ދޮރުހުޅުވާފައި އިސްމާއިލް ކޮބައިތޯ ބަލައިލާކަށްވެސް ރާޔާއަކަށް ނުކެރުނެވެ. ރާޔާ އޮށޯވެލިއެވެ. ވިސްނުމާއި ހިޔާލުތަކުގެ ތެރޭގައި އޮއްވާ އޭނާއަށް ނިދުނެވެ.
ހެނދުނު ރާޔާ އަވަހަށް ހޭލައިގެން އިސްމާއިލް ކޮބައިތޯ ބަލަން ކޮޓަރިން ބޭރަށް ނުކުތެވެ. ސިޓިންގރޫމްގައިވެސް އިސްމާއިލްއެއް ނެތެވެ. ރާޔާ ވަރަށް ފިކުރުބޮޑުވިއެވެ. ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔައީމަ އެޑްމިޓް ކުރީ ކަންނޭނގެއެވެ. ވަރަށް ވިސްނަން ހުރެފައި ރާޔާ ގޮސް ބަދިގެއަށް ވަނެވެ. ޒުބޭދާ ހޭލަންވާއިރަށް އަވަހަށް ސައިތައްޔާރު ކުރަންފެށިއެވެ. ރާޔާ އަތްމަތި ވަރަށް އަވަސްކޮށްލާފައި މޭޒުމަތީގައި ސައި ތައްޔާރުކޮށް ނިންމައިލިއެވެ. އެވަގުތު ރާޔާގެ ނަޒަރު ގޮސް ހުއްޓުނީ އިސްމާއިލްގެ ގައިގައި ހިފަހައްޓާލައިގެން އައި ޒުބޭދާއަށެވެ. ރާޔާގެ މޫނަށް ހައިރާންކަން ވެރިވެގެންދިޔައެވެ. އިސްމާއިލް އަދިވެސް ފެންނަނީ ވަރަށް ބަލިކޮށެވެ. ޒުބޭދާގެ ރުޅިވެރި ނަޒަރު ރާޔާއަށް އަމާޒުވެފައި ހުރިތަން ފެނުމުން ރާޔާއަށް އިސްޖަހައިލެވުނެވެ.
“އިސްމާއިލަކީ ހިތުގެ ބަލިމީހެއް. ކަލޭގެ ސަބަބުން ރޭ ހަތަރުދަމު އަހަރެން މި އުޅެން ޖެހުނީ އިސްމާއިލް ގޮވައިގެން ހޮސްޕިޓަލްގައި” ޒުބޭދާ ވަރަށް ރުޅި އައިސްފައި ބުނެލިއެވެ. “ކަލޭ އޮތީ އަރާމުގައި ނިދާލާފަ”
ރާޔާ ޒުބޭދާއަށް ބަލައިލިއެވެ. ޒުބޭދާ އިސްމާއިލްގެ އަތުގައި ހިފައިގެން ގޮސް ރާޔާ ކައިރީގައި މަޑުކޮށްލިއެވެ. ރާޔާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޒުބޭދާ އިސްމާއިލްގެ ގައިގައި ބައްދައިލިއެވެ. އެ މަންޒަރު ފެނުމުން ރާޔާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.
“އަހަންނަކީ އިސްމާއިލްގެ ދޮށީ އަނބި…” ރާޔާގެ މޫނަށް ބަލަމުން ޒުބޭދާ ބުނެލިއެވެ. ހައިރާންވީވަރުން ރާޔާގެ ދެލޯ ބޮޑުވެގެންދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Vaahaka v reethi but thankolheh kury
V reethi ekam haadhaa lahunney up koh dheveny…
dhen mi vaahaka next part up nukurany tha ….. v reethi vaahaka eh