Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ވޭނީ ކަރުނަ…2 ވަނަބައި

Shiya Level 110 Stories100 Login
January 14, 2017 4 Mins Read
8 Comments

ޖެހިގެން އައި ދުވަހު އިސްމާއިލް ރާޔާއާއި ކައިވެނިކޮށް މާލެދާން ފުރައިފިއެވެ. އެންމެ ފަހު ވަގުތު ކޮއްކޮމެން ރާޔާއާއެކު ގެންނަން އިސްމާއިލް އެއްބަސްނުވީއެވެ. އެކަމާ ރާޔާ ވަރަށް ދެރަވެ ރުއިއެވެ. މަންމަގެ އަޅާލުމެއް ކޮއްކޮމެންނަށް ނުލިބޭނެކަން ރާޔާއަށް އެނގެއެވެ. ނަމަވެސް އިސްމާއިލްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ.

މާލެ އާދެވުމާއިއެކު އިސްމާއިލް އޭނާގެ ގެއަށް ރާޔާ ގޮވައިގެންދިޔައެވެ. ގެއަށް ވަނުމާއެކު ރާޔާއަށް ފުރަތަމަވެސް ފެނުނީ ސޯފާގައި ދެފައި ވަށްކޮށްލައިގެން ހިންދީ ޑްރާމާއެއް ބަލަން އިން މެދު އުމުރުގެ އަންހެނެކެވެ. އިސްމާއިލްމެން ފެނުމާއެކު އެ އަންހެންމީހާ ސިހިފައި ކޮޅަށް ތެދުވިއެވެ.  އިސްމާއިލްއާއެކު ހުރި ރާޔާ ފެނުމުން އެ އަންހެންމީހާގެ މޫނަށް ހައިރާންކަން ވެރިވިއެވެ. ސުވާލުގެ ނަޒަރަކުން އެ އަންހެންމީހާ އިސްމާއީލްގެ މޫނަށް ބަލައިލިއެވެ. އިސްމާއިލް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިލިއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟

“އިސްމާއިލޫ. ކަލެއާއެކު ތިހުރީ ކާކު؟” އެ އަންހެންމީހާ ރުޅިވެރި ރާގަކަށް އަހައިލިއެވެ. އިސްމާއިލް އިސްއުފުލާ އެ އަންހެންމީހާގެ މޫނަށް ބަލައިލިއެވެ.

“އެއީ ރާޔާ.. އަހަރެންގެ އަންހެނުން” މަޑުމައިތިރިކަމާއެކު އިސްމާއިލް ބުންޏެވެ. އެވަގުތު އެ އަންހެންމީހާގެ މޫނަށް އިންތިހާއަށް ރުޅިވެރިކަން ވެރިވެގެންދިޔައެވެ. ރާޔާ އިސްޖަހައިލިއެވެ. އޭނާ ހުރީ ވަރަށް ދެރަވެފައެވެ. މި އަންހެންމީހާއަކީ އިސްމާއިލްގެ ކާކުބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

“ތީދޯ ކަލޭ އަހަރެން ގުޅީމަ ފޯނު ނުނަގާ ކުރިކަމަކީ. ހުރި ގޮތްކުޑަކަން. ކަލޭ ހީކުރީތަ ހަމަޖެހިގެން އުޅެވިދާނޭ. ލާހިކެއް ނޫން ތި އަންހެނާ ގޮވައިގެން މިގޭގަ ހަމަޖެހިގެން އުޅޭކަށް. އަހަރެންގެ ހުރި ނުލަފާކަން ދައްކާލާނަން” އެ އަންހެންމީހާ އިސްމާއިލްއާ ދިމާއަށް ޖެހިގަންނަމުން ބާރަށް ހަޅޭއްލަވައިގަތެވެ.

ރާޔާ ހުރީ ހައިރާންވެފައެވެ. ވާނުވާ ނޭނގިފައެވެ. އިސްމާއިލް އަދިވެސް އެ އަންހެންމީހާއަކީ ކާކުކަން ރާޔާއަށް ބުނެދޭކަށް ނޫޅެއެވެ. ރާޔާ ހުރީ ބިރުން އެ ސުވާލު ކުރަންވެސް ނުކެރިފައެވެ. އިސްމާއިލް އެ އަންހެންމީހާގެ އަތުގައި ހިފަހައްޓައިލިއެވެ.

“ޒުބޭދާ. މައިތިރިވެބަލަ. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ” އިސްމާއިލް މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އެއަންހެންމީހާ (ޒުބޭދާ) ހުރީ އެ ރުޅިވެރިކަން މަތީގައެވެ. އޭނާ އިސްމާއިލްގެ އަތް ފޮޅުވައިލިއެވެ.

“ހަމަމިހާރު އޭނަ މިގެއިން ބޭރުކުރޭ” ޒުބޭދާ އަމުރުކުރިއެވެ.

“ތިކަމެއް ނުވާނެ. އޭނަ މިގެއިން ބޭރުކުރަންޏާ ޒުބޭދާވެސް ޖެހޭނީ މިގެއިން ދާން. މީ އަހަރެންގެ ގެ. މާރުޅިގަދަނުކޮށް އަހަރެން ބުނާގޮތަށް ކަންތައް ކުރޭ. ދޭ. ރާޔާ ގޮވައިގެން އެފަރާތުގައި ހުހަށް ހުރި ކޮޓަރިއަށް. އަހަރެން މިދަނީ ބޭރަށް” އިސްމާއިލް އެހެން ބުނުމަށްފަހު ޒުބޭދާގެ ޖަވާބަކަށްވެސް އިންތިޒާރުނުކޮށް ގެއިން ނުކުމެގެންދިޔައެވެ.

ހައިރާންވެފައި ހުރި ރާޔާ ޒުބޭދާގެ މޫނަށް ބަލައިލިއެވެ. ޒުބޭދާ އެއްވެސް އެއްޗެއް ނުބުނެ ރާޔާގެ ފޮށި ހިފައިގެން އިސްމާއިލް ބުނި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ޒުބޭދާގެ ފަހަތުން ރާޔާވެސް ދިޔައެވެ. ރާޔާގެ ހިތަށް ތަފާތު ސުވާލުތައް އަރަމުންދިޔައެވެ. އަނެއްކޮޅުން އިސްމާއިލް އޭނާ އެކަނިކޮށްލާފައި ދިއުމުން ރާޔާ ހުރީ އެހާމެ ދެރަވެފައެވެ. ކޮއްކޮމެން މަތިން ރާޔާ ވަރަށް ހަނދާންވިއެވެ. އަދި މަންމަ އޭނާއާ ދޭތެރޭ ކަންތައްކުރި އިހާނެތި ގޮތާއިމެދު އެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. ޅައުމުރުގައި ނުވެސް ދަންނަ މުސްކުޅި މީހަކާ އިނދެގެން އަންނަން ޖެހުނީތީ ރާޔާގެ ހިތް ރޮނީއެވެ.

ރާޔާ ސިހުނީ ޒުބޭދާ ކުޑަވަރެއްގެ ކޮޓަރިއެއްގެ ދޮރު ހުޅުވާލުމުންނެވެ. ޒުބޭދާ އެކޮޓަރި ތެރެއަށް ފޮށި އެއްލައިލިއެވެ. އަދި ރާޔާގެ ބުރަކަށީގައި އަތްއަޅައި ކޮޓަރިތެރެއަށް ކޮށްޕާލިއެވެ. ރާޔާ ގޮސް ޖެހުނީ ބާވެފައި ހުރި އަލަމާރިއެއްގައެވެ. އޭރު ރާޔާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ރާޔާ ޒުބޭދާގެ މޫނަށް ބަލައިލިއެވެ.

“މީ ކަލޭގެ ކޮޓަރި” ޒުބޭދާ ވަރަށް ރުޅިއައިސްފައި ބާރަށް ބުނެލިއެވެ. އެވަގުތު ރާޔާ ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ.

ކޮޓަރިއެކޭ ބުނުމަށްވުރެ ގުދަނެކޭ ބުނުން ރަގަޅުވާހާ ކުޑަ ތަންކޮޅެކެވެ. ކޮޓަރިތެރޭގައި ހުރީ ބާވެފައި ހުރި އަލަމާރިއަކާއި ކުޑަ މޭޒެކެވެ. ބިންމަތީގައިި ވީދި ހަލާކުވެފައިވާ ތުނި ގޮދަޑިއެއް އޮތެވެ. ފާރުގައި ކުޑަ ފަންކާއެއް ހަރުކޮށްފައި ހުއްޓެވެ. އަލިކަމެއް ލިބެން ހުރީވެސް ދިއްލާފައި ހުރި ކުޑަ ބޮތްކަކުންނެވެ. ފާހާނާއެއްވެސް ހުއްޓެވެ. ކޮޓަރީގެ ހާލަތު ފެނުމުން ފާހާނާ ހުންނާނެ ހާލަތު ރާޔާއަށް ވިސްނާލެވުނެވެ. މިއިން ދުވަހަކު އެ ކޮޓަރިތެރެ ސާފުކުރިހެނެއް ހިއެއްނުވެއެވެ.

“ކިހިނެތްވެފަ ތި ހުންނަނީ….. ކަމަނާއަށް މިތަން ކަމު ނުދަނީތަ. ހިތުން ތިއައީ ވަރަށް އަރާމާ މުއްސަނދިކަމުގައި އުޅެލަން ދޯ” ޒުބޭދާ މަލާމާތުގެ ރާގަކަށް އެހެން ބުނެލުމުން ރާޔާއަށް އިސްޖަހާލެވުނެވެ. “ހަނދާން ކުރާތި. މިގޭގަ އުޅެވޭނީ އަހަރެން ބުނާ ގޮތަށް އަހަރެން ބުނާ ހުރިހާ މަސައްކަތެއް ކޮށްގެން. އިސްމާއިލް މީ އޭނަގެ ގެއެކޭ ކިޔާފަ ކަލެއަށް ދޮގު ހަދާފަ އެ ދިޔައީ. މީ އަހަރެންގެ ގެ. މިގޭގަ ހިނގާނީ އަހަރެންގެ ބާރު. މިކަން ހަނދާން ކުރާތި.”

ޒުބޭދާ ކޮޓަރިން ނުކުމެގެންދިޔައެވެ. ރާޔާ ގޮސް ކޮޓަރީގެ ދޮރު ލައްޕާ ތަޅުލިއެވެ. ރާޔާއަށް ރޮވެންފެށުނެވެ. ރާޔާގެ ހިތަށް އަރަމުންދިޔައެވެ. އޭނާއަށް އުޅެން މިޖެހުނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ. މިއީ އިސްމާއިލްގެ ގެއެއް ނޫން ހެއްޔެވެ. މަންމައަށްވެސް އިސްމާއިލް ދޮގުހަދާ އޮޅުވާލީ ހެއްޔެވެ. އެއީ އިސްމާއިލާ ކޮން ގުޅުމެއް އޮންނަ އަންހެނެއް ހެއްޔެވެ. މަންމަ ކައިރި އިސްމާއިލް ބުނެފައިވާ ގޮތުން އިސްމާއިލަކީ އެކަނިވެރިއެކެވެ. އަންހެނުން ނިޔާވިތާ ކިތަންމެ ދުވަހެކެވެ. ދަރިއަކުވެސް ނެތެވެ. ދެން އެހެންވީއިރު މި އަންހެނަކީ ކާކު ހެއްޔެވެ.

ރޮމުން ރޮމުން ރާޔާ ގޮސް ފާހާނާގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ފާހާނާ ތެރެއިން ދުވި ނުބައިވަހުން ރާޔާއަށް ނޭފަތްމަތީ އަތްއަޅާލެވުނެވެ. ރާޔާއަށް ކިރިޔާ ވަދެވޭ ވަރުގެ ހަނިހަނި ފާހާނާއެކެވެ. ފާހާނާތެރެ ހަޑިކަމުން ކަޅުވެފައެވެ. ރާޔާ އަވަސް އަވަހަށް ފާހާނާތެރެއަށް ފެންޖަހައިލިއެވެ. ދުވަމުންދިޔަ ވަސް ކުޑަކޮށް މަޑުވިއެވެ. ކުޑަކޮށް މޫނުދޮވެލައިގެން ރާޔާ ފާހާނާއިން ނުކުތެވެ. އެ ވަގުތު ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑު އިވުނެވެ. ރާޔާގެ ހިތަށްއެރިއެވެ. ޔަގީނެވެ. އިސްމާއިލް އައީއެވެ. ކުޑަނަމަވެސް ހިތްހަމަޖެހުމެއް ރާޔާގެ ހިތަށް ލިބުނެވެ. އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު ރާޔާގެ މޫނަށް އަނެއްކާވެސް ހިތާމަވެރިކަން ވެރިވެގެންދިޔައެވެ. ދޮރުމަތީގައި ހުރީ ޒުބޭދާއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ އިންތިހާއަށް ރުޅިވެރިކަމެވެ.

“ކަލޭ މިގެއަށް ގެނެސް ތިހުރީ ކޮޓަރީގައި އަރާމުކުރަން އޮންނާކަށް ނޫން. މިގޭގަ މަސައްކަތް ކުރަން. ދޭ ބަދިގެއަށް. މެންދުރު އަހަރެން ކާން ބިރިޔާނީ ހަދާ” ޒުބޭދާ ބުނެލިއެވެ.

ރާޔާ ބޯޖަހައިލިއެވެ. ކޮންމެގޮތެއްވިޔަސް މިގޭގަ ހުރެވޭނީ މި އަންހެންމީހާ ބުނާ ގޮތެއް ހަދައިގެންނެވެ. އިސްމާއިލްވެސް ދިޔަ ގޮތަށް އައިކީ ނޫނެވެ. އަތުގައި ފޯނެއް އޮތީކީ ނޫނެވެ. މި އަންހެންމީހާ ކައިރި އިސްމާއިލަށް ގުޅާދޭން ބުނަން ކެރޭނީއެއްވެސް ނޫނެވެ. ޒުބޭދާގެ ފަހަތުން ރާޔާގޮސް ބަދިގެއަށް ވަނެވެ. ބަދިގެތެރެވެސް އޮތީ ވަރަށް ހަޑިކޮށެވެ. ނުބައިވަހެއްވެސް ދުވައެވެ.

“ފުރަތަމަ އަހަރެން ކާން ބިރިޔާނީ ހަދާ. ފްރިޖްގައި ހުންނާނެ ކުކުޅުމަސް. ދެން ބޭނުންވާނެ އެހެން އެއްޗެތި ކަބަޑުތެރޭ ހުންނާނެ.” ޒުބޭދާ ބުންޏެވެ. “ހަނދާން ކުރާތި. އަހަރެން ހިތްހަމަނުޖެހޭ ގޮތަކަށް މިގޭތެރޭގައި އެންމެ ފިޔަވަޅެއްވެސް ނާޅާތި”

ޒުބޭދާ ބަދިގެއިން ނުކުމެގެންދިޔައެވެ. ރާޔާ ފުންނޭވާއެއްލިއެވެ. އޭނާ އަވަހަށް ޒުބޭދާ ބުނިގޮތަށް ކަންތައް ކުރެވޭތޯ މަސައްކަތްކުރަންފެށިއެވެ. އޭރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. ރާޔާއަށް މީރުކޮށް ކައްކާކަށް ނޭނގެއެވެ. އޭނާ ކައްކާ އެއްޗެއް ޒުބޭދާއަށް ކަމުނުގޮސްފިއްޔާވެސް ހާދަވަރެއް ކޮށްލާނެއެވެ. އިސްމާއިލް ކޮބައިބާއެވެ. އަދިވެސް ގެއަށް ނާދެއެވެ. އިސްމާއިލް އެދިޔައީ ކޮންތާކަށްބާއެވެ. ދާތަނެއް ބުނެލާފަ ދިޔަނަމަވެސް ރާޔާގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީސްއެވެ. ދެން ކީއްކުރާނީއެވެ. އިސްމާއިލް އަންނަންދެން ކެތްތެރިވެގެން ހުންނާނީއެވެ.

ޒުބޭދާ ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. އޭނާގެ ތުންފަތުގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ. އޭނާ އެއްގޮތަކަށްވެސް ރާޔާ މިގޭގައި ހަމަޖެހިގެން އުޅުނަކަ ނުދޭނެއެވެ. ކަންތައްތައް ކުރާނެ ގޮތް އޭނާ ހިތުތެރޭގައި ރާވާލިއެވެ. އަދި ފޯނުނަގާ ނަމްބަރަކަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ޒުބޭދާއަށް ހިނިގަނޑެއް ޖަހާލެވުނެވެ.

“ކޮންތާކު ތިއުޅެނީ” ހެވިފައި ޒުބޭދާ އަހާލިއެވެ.

“މާލެގައި. ކިހިނެތްވީ” ބަރުއަޑަކުން އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ.

ދެން ޒުބޭދާ ދައްކަމުންދިޔަ ވާހަކައެއް ދައްކަމުން ދިޔައީ ވަރަށް މަޑުން ސިއްރު ސިއްރުންނެވެ. ދޭތެރެއަކުން ހިނިގަނޑެއް ޖަހާލައެވެ.

“ދެން ބާއްވަނީ. ފަހުން ގުޅާނަން. އިސްމާއިލް އަތުވެދާނެ” ބައިގަޑިއިރު ވާހަކަ ދެއްކުމަށްފަހު ޒުބޭދާ ބުންޏެވެ.

“އޯކޭ” އެކޮޅުން ޖަވާބުދިނެވެ. ޒުބޭދާ ފޯނު ކަނޑާލިއެވެ. އިރުކޮޅަކު ޒުބޭދާ ވިސްނަންއިނެވެ.

އިސްމާއިލް އިނީ ހޮޓަލެއްގައި ބަތްކާށެވެ. އޭނާ އިނީ ގެއަށް ދާ ހިތްނުވެފައެވެ. އަވަސް އަވަހަށް ކައި ނިންމާލައިގެން ދުފަންފެށިއެވެ. އެވަގުތު އިސްމާއިލްގެ ރައްޓެއްސެއް އައިސް އިށީނެވެ.

“އަނހަ. އިބްރާހިމާ. ހާދަ ދުވަހެއް ވެއްޖޭ ނުފެންނަތާ” އިސްމާއިލް ބުނެލިއެވެ.

“އާނ. މިއައީ ދަރިއަކު ބަލިވެގެން އިންޑިޔާގައި އުޅެފަ. އަތްމަތިވެސް ވަރަށް ދަތިވެއްޖެ. ގޭގައި ކުއްޔަށް ދީފައި ހުރި ތަންކޮޅުން ލިބޭ ލާރިން މިހާރު މި އުޅެނީ. އިސްމާއިލް ކިހިނެތް. ދިރިއުޅުން ރަގަޅުތަ” އިބްރާހިމް އެހެން ބުނެލުމުން އިސްމާއިލް ބޯކަހަލިއެވެ.

“ދެން ރަގަޅު” ގާތް އެކުވެރިއެއް ނަމަވެސް ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭކަށް އިސްމާއިލް ބޭނުމެއް ނުވިއެވެ.

“ރަނގަޅިއްޔާ ރަގަޅު. ދެން ގޮސްލަނީއޭ.” އިބްރާހިމް ތެދުވިއެވެ. އިސްމާއިލް ބޯޖަހައިލިއެވެ. އަދި ތެދުވެގެން ބިލަށް ފައިސާ ދައްކަންދިޔައެވެ.

ޒުބޭދާއަށް ކާން ހަދާފައި ރާޔާ ބޭރު ދޮރާށި ދޮށަށް ނުކުމެލިއެވެ. އިސްމާއިލް ނައިސް ލަސްވަމުންދާތީ ރާޔާ މިހާރު ހުރީ ވަރަށް ފިކުރުބޮޑުވެފައެވެ. އެމޫނުން އިންތިހާއަށް ހިތާމަވެރިކަން ފާޅުވެއެވެ. ވިސްނާވިސްނާ މިހާރު އޭނާގެ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ. ކުރިމަތިން ފެންނަން ހުރި ފިހާރައާއި ދިމާއަށް އޭނާ ބަލައިލިއެވެ. އެވަގުތު އޭނާއަށް ފެނުނީ ފިހާރަ ދޮރުމަތީ މަޑުކޮށްލި ޒުވާން ފިރިހެންކުއްޖެކެވެ. ބަލާބެލުމަށް ރީތި ކުއްޖެކެވެ. ރާޔާއާއި އެއްއުމުރުގެ ކުއްޖެއްހެން ހީވެއެވެ. އެ ކުއްޖާ ހުރީ ފޯނުން ވާހަކަ ދައްކާށެވެ. ރާޔާގެ ހުރިހާ ސަމާލުކަމެއް އެ ކުއްޖާއަށް ހުއްޓުނެވެ. ފޯނު ކަނޑާލުމަށްފަހު އެ ކުއްޖާއަށް ރާޔާ ހުރި ދިމާއަށް ބަލާލެވުނެވެ. އެ ވަގުތު ރާޔާ އިސްޖަހައިލިއެވެ. އެ ކުއްޖާ ފިހާރައަށް ވަނެވެ. ރާޔާގެ ހިތުގައި އެ ފިިރިހެންކުއްޖާއާއި ދޭތެރޭ ޝައުގުވެރިކަމެއް އުފެދުނެވެ.

ރާޔާ ސިހުނީ މީހަކު އޭނާގެ ފުރަގަހުން ހެދުމުގައި ހިފާ ގޭތެރެއާއި ދިމާއަށް ދަމައިގަތުމުންނެވެ. ރާޔާއަށް އެމީހެއްގެ މޫނަށް ބަލައިލެވުނެވެ. އެ ވަގުތު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ޒުބޭދާއެވެ. ޒުބޭދާ ހުރީ ވަރަށް ރުޅިއައިސްފައެވެ. އޭނާގެ އަތުގައި ކައްކާފައިހުރި ބިރިޔާނީ ތަށި ހުއްޓެވެ. ޒުބޭދާ ބަލާކަށް ނުހުރެ ބިރިޔާނީ ތަށި ރާޔާގެ މޫނަށް ޖެހިއެވެ. އެފަދަ ކަމަކަށް ވިސްނާނުލައި ހުރި ރާޔާ ދިޔައީ ސިއްސައިގެންނެވެ. ރާޔާއަށް ރޮއެގަނެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiya

Level 110 Stories100 Login

Other Articles

Previous

ޢަޞްރު (ބައްތިރީސްވަނަ ބައި)

Next

އެވިއްސާރަ ރޭ… ހަތަރުވަނަބައި

Next
January 14, 2017

އެވިއްސާރަ ރޭ… ހަތަރުވަނަބައި

Previews
January 13, 2017

ޢަޞްރު (ބައްތިރީސްވަނަ ބައި)

8 Comments!

  1. Riya says:
    January 14, 2017 at 2:00 am

    Kobaa vafaatheri maveemey ge aneh bai??

    1. Shiya says:
      January 14, 2017 at 12:21 pm

      Will upload ingey network problem aahedhi v undhagoo ?

  2. Riya says:
    January 14, 2017 at 2:01 am

    Anywayx mi story ves varah salhi

  3. Shiya says:
    January 14, 2017 at 2:31 am

    Mivaahaka up vaani only Friday n Tuesday night
    Thanks?

  4. Shaai says:
    January 14, 2017 at 8:41 am

    Shiya! Plz daily koh up kohdhiyba….
    Vvvvvvvvv rythi vaanehen hiyve…
    Plz plz

  5. maree says:
    January 14, 2017 at 9:26 am

    Asluves vv reethi

  6. Pearl says:
    January 14, 2017 at 10:49 am

    V nice 😉

  7. Shiya says:
    January 14, 2017 at 12:25 pm

    Thanks all
    Network ge v massala ebaulhey ehenve v undhagoo…

Comments are closed.

Next Episodeވޭނީ ކަރުނަ..3←


All Right Reserved!