Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލަކާ (18ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
January 15, 2017 10 Mins Read
22 Comments

“މިތާ ތިއްބާ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ.” މަލަކާ އެހެން ބުނުމުން އިޒްޔާންވެސް ވިސްނާލިއެވެ. މަލަކާ އެބުނީވެސް ދޮގެއް ނޫނެވެ. މިރޭ ގުޅަން އެއްބަސްވެފައި ދެމީހުންވެސް ވަކިވީ އިތުރަށް އެތާނގައި ތިބުން އެއީ ރަނގަޅު ގޮތަކަށް ނުވާނެތީއެވެ.

އަޒްފާ ދެކޮޅަށް ހިނގަމުން ދިޔަގޮތުން ކޮންމެވެސް ބޮޑު ކަމަކާ ވިސްނަނީކަން އެނގެއެވެ. ފަޔާޒް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލަމުން ދެތިން ފަހަރު ގޮވާލުމުންވެސް ބަހެއް ނުބުނެ އަޒްފާ އެގޮތުގައި ހިނގާލަ ހިނގާލާ ހުއްޓެވެ. ފަޔާޒް ތެދުވެ ތަންކޮޅެއް ބާރަށް ގޮވާލުމުން އަޒްފާ ސިހިފައި ބަލާލިއެވެ.

“ހާދަ ވަރަކަށް ތިހިނގަނީ. ކިހިނެއްވީ؟” ފަޔާޒް އެހެން އަހާލީ އާންމުކޮށް އަޒްފާ އެގޮތަށް ހިނގާ އުޅެނީ ބޮޑުކަމެއް ދިމާވުމުންކަމަށް ވާތީއެވެ.

“ދެކައިވެނި އެއްފަހަރާ ކުރާއިރު ވިސްނަންޖެހޭ ކަންތައްތައް ހުންނާނެއެއްނު. ދެދުވަހަށް ވީއިރުވެސް ހުރިހާ ކަމެއް ހަމަނުޖެހި މިދަނީ.” އަޒްފާ އައިސް އެނދުގައި އިށީންނަމުން ބުނެލިއެވެ.

“އެކަމު އަޒްފާގެ މޫނަށް ބަލާލާފަ ހީވަނީ އެހެން ކަމެއްހެން.” އަޒްފާ ހާސްވެފައި ހުރިވަރުން ފަޔާޒަށް ބުނެވުނެވެ.

“އަހަރެން ވިސްނަންޖެހޭ އިތުރު ކޮންކަމެއް އޮންނާނީ؟ ފަޔާޒްއާ ދަރިން އަހަރެން ވިސްނަން ޖެހޭވަރުގެ ކަމެއް ކުރާނަމައެއްނު.” އަޒްފާ އެހެން ބުނެލަމުން ފަޔާޒްގެ އަތު މުލައްދަނޑީގައި ހިފާ ގާތްވެލިއެވެ. އަހަރުތަކެއް ވޭތުވެ ދިޔައިރުވެސް އެދެމެދުގައިވާ ލޯތްބަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެދެމެދުގައިވާ ލޯބި މިހާރުވެސް ވަނީ އޭގެ އެންމެ ތާޒާކަން މަތީގައެވެ.

“ދެން  ތިވަރަށް ނުވިސްނާ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް. އަޅުގަނޑު މިހުރީ ކަމަނާގެ ޚިދުމަތުގަ.” އެހެން ބުނެފައި ފަޔާޒް އިތުރަށް އަޒްފާ އޭނާއާ ގާތްކޮށްލިއެވެ. އެދެމެދުގައި ހުސް ތަންކޮޅެއް ނޯންނަ ވަރަށެވެ.

އަޒްފާއަށް ފަޔާޒްގެ ފަރާތުން އޯގާތެރިކަމާއި އަޅާލުން ނުލިބޭ އެއްވެސް އިރެއް ނާދެއެވެ. އަޒްފާ ކަމަކާ ހިތްހަމަނުޖެހުނަސް އެކަމެއް ހައްލުކޮށްލުމުގައިވެސް ފަޔާޒަކީ މިސާލު ދެއްކޭފަދަ ބައިވެރިއެކެވެ. އަޒްފާއަކީ އޯގާތެރި ގެވެހި އަދި ދީނީ ކަންކަމުގައިވެސް އަރާހުރި އަނތްބެކެވެ. ފަޔާޒްގެ އުމުރުން ކިތަންމެ ދުވަހެއްވިޔަސް އޭނާ އަދިވެސް އުޅެނީ ޒުވާންފުރައިގެ ކުދިން އުޅޭހެންނެވެ. ލޯބީގެ ކުދިކުދި ސަމާސާކުރުންތަކަކީ އެކައިވެނި މިހާރުވެސް އޭގެ ތާޒާކަންމަތީ އޮންނަ އެއް ސަބަބެވެ. އެންމެ މަދުވެގެން މަހަކު ދެފަހަރު ދެމީހުން އެކުގައި ބޭރަށް ކާންދިއުމަކީ އެދެމީހުންގެ އާދައެކެވެ. ކިތަންމެ ބުރަކޮށް އުޅުނަސް އެކަކު އަނެކަކަށް ވަގުތުދިނުމަކީ ކިހާ މުހިންމު ކަމެއްކަން އަޒްފާއާއި ފަޔާޒްގެ ދިރިއުޅުމަށް ބަލާލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ.

ހެނދުނު ތެދުވެ ގޯތިތެރެ ކުނިކަހަން އޮތް މަލަކާ ސިހުނީ ފަޔާޒް ފެނިފައެވެ. ފަޔާޒް އަންނާނީ ކޮންމެވެސް ކަމެއް ވެގެންކަން އޭނާއަށް އެނގެއެވެ. އެންމެ ފުރަތަމަ އޭނާ އެގެއަށް އައިއިރު ގޭގެ ކަންތައްތައް ކުރަންވީ ގޮތް ކިޔައިދީ ހެދީ ފަޔާޒްއެވެ. އަޒްފާ ގަދަވިފަހުން ފަޔާޒް އޭނާއާ މާބޮޑު ވާހަކައެއް ދައްކާފައެއް ނުވެއެވެ. ފަޔާޒްގެ ފިޔަވަޅުތައް އޭނާއާއި ގާތްވަމުން އަންނަ ވަރަކަށް އޭގެ މޭތެރޭގައި އޮތް ހިތް ތެޅެމުން ދިޔައީ އޭގެ މަޤާމުން ބޭރުވާހާ ބާރަށެވެ.

“އަނެއްކާ ބޭބެއަށް އެކަން އެނގުނީބާ؟ ބޭބެ އަހައިފިއްޔާ ބުނާނީ ކީކޭ؟ ނޫނެކޭ ބުނެފިއްޔާ ވާނީ ދޮގަކަށް. އެކަމަކު އާނއެކޭ ބުނާނީވެސް ކިހިނެއް؟ އާނއެކޭ ބުނެފިއްޔާ އިޒްއާ ދުރުވާން ޖެހިދާނެ. އަހަރެންނަށް އިޒްއާ ވަކިންނެއް ނޫޅެވޭނެ.” މަލަކާ ހިތާހިތާ ވާހަކަދައްކަން ހުއްޓާ ފަޔާޒް އައިސް އޭނާ ގާތަށް ހުއްޓުނެވެ. އޭރު އޭނާގެ އަތްވެސް ތުރުތުރުއަޅައެވެ. މަލަކާ ނޭވާ ހިފަހައްޓާލީ ފަޔާޒް ދައްކަން އެއުޅޭ ވާހަކައިގެ ގޮތް ނޭނގޭތީއެވެ.

ފަޔާޒްގެ ވާހަކަތައް އިވިފައި މަލަކާ ހިފަހައްޓައިގެންހުރި ނޭވާ ބޭރުކޮށްލެވުނެވެ. ފަޔާޒް ދެއްކީ އަޒްފާގެ ވާހަކައެވެ. ރޭގައި އަޒްފާ އުޅުނުގޮތުން އޭނާގެ ފައިގައި ރިއްސާތީ އުޅުނުކަން ފަޔާޒަށް ފާހަގަކުރެވުނީއެވެ.

“ލައްބަ. މިކޮޅަށް އައި ފަހަކުން އެކަމެއް ނުކުރޭ. އަޅުގަނޑު ބުނީމަވެސް މާލެ ގޮއްސައޭ ކިޔާފަ އެކަން ކުރިއަކަސް ނުދޭ.” މަލަކާ ބުނެލިއެވެ.

“އަޒްފާ އެހެން ބުންޏަސް މިރެއިން ފެށިގެން ކޮންމެ ރެއަކުވެސް އާޝިޔާ އޭނަގެ ފައި އުނގުޅައިދޭތި އިނގޭ.” ފަޔާޒް އެހެން ބުނުމުން އާޝިޔާ “ލައްބަ”އޭ ބުނެލިއެވެ. ފަޔާޒް ދިއުމާއެކު އާޝިޔާއަށް އަވަސް ނޭވާތަކެއް ބޭރުކޮށްލެވުނެވެ.

“ކީކޯ ކިޔާފަ ޑޭޑް އެދިޔައީ؟” ފަހަތުން އިޒްޔާންގެ އަޑު އިވިފައި މަލަކާ ސިހިފައި ބަލާލިއެވެ. ތުވާލިން މޫނުގައިހުރި ދާތައް ފޮހެލަމުން އިޒްޔާން ވާހަކަދެއްކީ ހީލަމުންނެވެ. އިޒްޔާންއަށް ބަލާލުމުން އޭނާ އެއައީ ދުވަން ގޮސްފައިކަން އެނގުނެވެ. ލައިގެންހުރި ނޫ ސޯޓާއި ހުދު ޓީޝާޓުގައި އިޒްޔާން ފެންނަލެއް ވަރަށް ފުރިހަމައެވެ. އެހިތްގައިމު ރީތިކަމުގެ ޖާދޫގައި ޖެހިފައި މަލަކާގެ ހިތް ހަލަބޮލިވަމުން ދިޔައެވެ. މަލަކާއަށް އިޒްޔާން ފެންނަ ކޮންމެ ފަހަރަކުވެސް ވަނީ އެވަރެވެ. އެތޫނު ދެލޮލުގެ ޖާދޫގައި އޭނާ ބެހިގެންދަނީ ހީވެސް ނުކުރާހާ އަވަހަށެވެ. ހިތް އެދެމުންދަނީ އެދެލޮލުގެ ތެރެއަށް ގެނބިގެން ދިއުމަށެވެ. އިޒްޔާން ގާތްވެލާފައި މަލަކާގެ ކޮނޑުގައި އަތް ބާއްވާލަމުން ދެވަނަ ފަހަރަށް ސުވާލުކޮށްލިއެވެ. ޚިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުމާއެކު މަލަކާ ފަޔާޒް އައިސް ދެއްކި ވާހަކަތައް ކިޔައިދިނެވެ.

“އެއީ އިޒްގެ މޯމް ބަލިވެ އުޅޭ ވާހަކަ ބުނަންވެގެން. މިހާރު ފައި ނުއުނގުޅާތީ ފައިގަ ރިއްސާ ވާހަކަ އެބުނީ. ކުރިން ދުވަހުވެސް އެހެން ހީވެގެން އެހީމަ ބުނީ އެއީ ހީވާގޮތޭ. ދެންމެ އިޒްގެ ޑޭޑް އައިސްފަ އެބުނީ އިޒްގެ މޯމް ނުއުނގުޅަން އުޅުނަސް ކޮންމެ ރެއަކުވެސް އުނގުޅާށޯ. އިޒްއަށް އެނގޭތަ؟ އަހަރެން ހުރީ ވަރަށް ބިރުން. ހިތަށް އެރިހާ އެއްޗެއް ނޭނގެ ކިޔައިދޭކަށްވެސް. އަހަރެން ހީކުރީ އަހަރެމެންގެ ގުޅުން އެނގިގެން އައީކަމަށް.” މަލަކާ އެހެން ބުނުމުން އިޒްޔާން ހީލިއެވެ.

“ޑޭޑްއަށް އެނގުނަސް އެވާހަކަ އަހަރެމެންނާ ދައްކާނެހެނެއް ހިއެއްނުވޭ. އިޒްގެ ކަމެއްގަ ޑޭޑް އަބަދުވެސް ވާހަކަދައްކާނީ މޯމްއާ. މޯމް އައިސް އަހަރެންނާ އެވާހަކައެއް ދައްކާނީ. އެއީ އަބަދުވެސް ޑޭޑް ކަންތައް ކުރާގޮތް.” އިޒްޔާން އެހެން ބުނުމުން މަލަކާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އިޒްޔާން އެހެން ބުނެފައި ހިނގައިގަތީ އަޒްފާ ވީތަނެއް ބަލާށެވެ. ގޭތެރެއާއި ކޮޓަރި ބެލިއިރު އަޒްފާ ފެންނަން ނެތުމުން، އޭނާ ވާނީ ބަދިގޭގައިކަން އިޒްޔާންއަށް އެނގުނެވެ. ބަދިގެއަށް ވަތްއިރު އަޒްފާ ހުރީ ރޮށި ފިހަން ފުށް މޮޑޭށެވެ. ބޮޑު ތަށްޓެއްގެ ފުށް މޮޑެލިއިރު އަޒްފާ ހުރީ ވަރުބަލިވެފައެވެ. އިޒްޔާން ބަދިގެއަށް ވަތްއިރު އިތުރު މީހަކު ފެންނާކަށް ނެތެވެ. މިމަންޒަރު ފެނި އިޒްޔާން ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

“މޯމް ކީއްކުރަން އެކަނި ތިހުރިހާ ކަމެއް ތިކުރަނީ؟” އިޒްޔާން އަޒްފާގެ އަތުގައި ހިފައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. އަޒްފާ ގޮނޑީގައި ބައިންދާފައި އިޒްޔާން ރޮށި ފިހަން އުޅުމުން އަޒްފާ އެކަމާ އެއްޗެއް ބުންޏެވެ. އެހެންކަމުން އިޒްޔާން ބޭނުންވީ އޭނާގެ މަންމައަށް އޭނާގެ މޮޅުކަން ދައްކާލާށެވެ. ފުރަތަމަ ދެމި ރޮށި ދިޔައީ އެގޮތްމިގޮތަށެވެ. އަޒްފާއަށް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ. އިޒްޔާން ރޮށި ދަމަމުން ފިހުނު ދެތިން ރޮށިވެސް އޮތީ އަނދާފައެވެ.

“އިޒް! ތީ ކޮންކަމެއް؟” ނިދާ ހޭލައިގެން ލޯ އުނގުޅަމުން ބަދިގެއަށް ވަދެގެން އައި ޖުމާނާ ހައިރާންވީ އިޒްޔާން ހުރިގޮތް ފެނިފައެވެ.

“މީ އިޒް ފިހެފަ ހުރި ރޮށިތަ؟ ނަސީބެއް ޖުމްމަ ރޮށި ނުކާކަން.” އަނދާފައިހުރި ރޮށިތައް ފެނިފައި ޖުމާނާއަށް ހެވުނެވެ. އެހެން ބުނެފައި ޖުމާނާ ގްރީން ޓީއެއް ހަދާލައިގެން އައިސް އަޒްފާ ގާތުގައި އިށީނެވެ.

“މިރޮށި ކާން ނުކެރެންޏާ ނުކައި ކޮންމެ މީހަކުވެސް އައިސް ރޮށި ފިހެގެން ކާންވީ. އެހެންނޫނީ ޖެހޭނީ ހަމަ އަހަރެން ފިހާ މޮޅެތި ރޮށި ކާން.” ހިތްހަމަނުޖެހިފައި ހުރިވަރުން އިޒްޔާންއަށް ބުނެވުނެވެ.

“އަހަރެން ދޭށޭ ބުނީމަވެސް ނުދިނީމަ މިއިނީ. މޮޅެތި މީހުން ކަންތައް ކުރާއިރު ބަލަންވެސް އިންނަންވާނެއެއްނު.” ޖުމާނާގެ ވާހަކައަށް އަޒްފާ ބުނެލިއެވެ. އެވަގުތު ބަދިގެއަށް ވަތް މަލަކާއަށް އިޒްޔާން ރޮށިފިހަން ހުއްޓާ ފެނުމުން ހައިރާންވިއެވެ.

“އިޒް! ކީއްކުރަން ތިއުޅެނީ؟ ތި ބަހައްޓާ!” މަލަކާ އައިގޮތަށް އައިސް އިޒްޔާންގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތަކީ އިޒްޔާން ތަވަޔަށް ރޮށި ލާން އުޅުނު ވަގުތެވެ. ސިހުނުވަރުން ތަވާގައި އަތްޖެހި އިޒްޔާންގެ އަތް ވަރަށް ބޮޑަށް ފިހުނެވެ.

“އާހް…” އިޒްޔާންގެ އަތް ފެނިފައި މަލަކާ އިތުރަށް ހާސްވިއެވެ.

“އޯހ ނޯ! ސޮރީ އިޒް. ގަސްތުގައެއް ނޫން.” އިޒްޔާންގެ އަތުގައި ހިފައިގެން ޒިންކާ ދިމާލަށް ގޮސްގޮސް ހުއްޓާ މީހަކު މަލަކާގެ ގައިގައި އަޅާ ކޮއްޕާލިއެވެ.

“އާތް…” މަލަކާގެ އަނގައިން ނުކުތް ތޫލި ހަޅޭކާއެކު ދެލޯ މެރުނެވެ. ވެއްޓެންދިޔަ މަލަކާއަށް ލޯހުޅުވާލެވުނީ މީހެއްގެ އަތުގެ ހިމާޔަތް ލިބުމުންނެވެ. މަލަކާއަށް އޮވެވުނީ އެރީތި ދެލޮލަށް ބަލާށެވެ. އިޒްޔާންއަށްވެސް އޮވެވުނީ އެރީތި މޫނަށް ގެއްލިފައެވެ. ވެއްޓެން ދިޔަގޮތުން މަލަކާގެ މޫނުމަތިން ފޮތިގަނޑުވެސް ވަނީ ކެހިގެން ގޮސްފައެވެ. މަލަކާ ނުވެއްޓި ސަލާމަތްވީ އިޒްޔާންގެ ހުޝިޔާރުކަމުންނެވެ. ޖުމާނާގެ ކުއްލި ހަމަލާ އައިގޮތުން އަޒްފާއަށްވެސް ލިބުނީ ހައިރާންކަމެކެވެ.

“ޖުމްމަ މޮޔަވީތަ؟ ކީއްވެ ތި އާޝިޔާ ކޮއްޕާލީ؟” މަލަކާ ދުރަށް ޖެހިލުމުން އިޒްޔާން ޖުމާނާއާ ކުރިމަތިލިއެވެ.

“މަތަ މޮޔަވެގެން މިއުޅެނީ؟ ކުރިންވެސް މަށަށް ހީވިޔޭ މި އާޝިޔާގަނޑު އުޅޭގޮތުން. އަދި އެބަ ކިޔައެއްނު އިޒްއޭ. ބަލަ ކަލޭ ތީ މިގޭ ނޯކިރީކަން ކުރަން ގެންގުޅޭ ނޯކަރެއްކަމެއް ނޭނގޭތަ؟” ޖުމާނާ ހީވަނީ އެހެންފަދަ ކަމެއްވެގެން އުޅޭހެންނެވެ.

“ޖުމާނާ! ހަމަ މިހާރު މިތަނުން ނުކުމެގެން ދާންއުޅޭ! އެހެންނޫނީ…” ޖުމާނާގެ ވާހަކަތަކުން އިޒްޔާންގެ ބުއްދިފިލާދިޔަ ކަހަލައެވެ. އޭނާގެ ހިތުން އެއަންހެންކުއްޖާއަށް ރަސްދަރިކަނބަލަކަށްވެސް ނުދޭހާ އިއްޒަތާއި ޤަދަރު ދެވިފައިވާއިރު، އެކުއްޖާއާ ދިމާއަށް ނޯކަރެކޭ ބުނާއަޑު އަހަން ފަސޭހަވާނެ ހެއްޔެވެ؟ ޖުމާނާ ނޫން އެހެން މީހަކު ބުނި އެއްޗެއްނަމަ އިޒްޔާންއަށް މިއަދު އެމީހެއްގެ ދުވަސް ދުއްވާލެވުނީސްކަން ޔަޤީނެވެ. އިޒްޔާން އިތުރަށް ބުނަން އުޅުނު ބަސްތައް އެތެރެއަށް ހިންދާލަން މަޖުބޫރުވީ މަލަކާ އޭނާގެ އަތުގައި ހިފާ ހުއްޓުވުމުންނެވެ.

“އަދިވެސް މަތަ މިތަނުން ދާންވީ؟ އިޒްއަށް މިއަދު މަށަށްވުރެ މުހިންމުވީ މި ނޯކަރު ކުއްޖާ ދޯ؟ އަދިވެސް އެބަ ހުއްޓެއްނު އިޒްގެ އަތުގަ ހިފަހައްޓައިގެން ވައްތަރަކަށް ބަލަން. ތީ ހަމަ ރާއްޖެތެރޭ މީހުން އުޅޭ ފާޑޭ. ހަމަ މުއްސަނދި ފިރިހެނަކު ފެންނައިރަށް އަތުއަޅުވާލާނެ.” ޖުމާނާ އެތިވަރު ގޮވަމުން ބަދިގެއިން ނުކުމެގެން ދިޔައިރު އިޒްޔާންއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އެއީ މީގެ ކުރިން އޭނާ ދުށް ޖުމާނާއެއް ނޫނެވެ. އެހާވެސް ބޮޑަށް ޖުމާނާ އެވަނީ ބަދަލުވެފައެވެ. ޖުމާނާގެ ބަސްތަކުން މަލަކާއަށް ވަރަށް އަސަރުކުރިއެވެ. ހިތަށް ކުރި އަސަރު ކަރުނައިގެ ސިފައިގައި ބޭރުވާކަށް ގިނައިރެއް ނުނެގިއެވެ. އިޒްޔާންއަށް އެތަން ފެނި މަލަކާއާ ގާތްވެލަން އުޅުނު ވަގުތު މަލަކާ ދުއްވައިގަތީ އެތަނުން ނުކުންނާށެވެ. ދުވެފައި ގޮސް ކޮޓަރިއަށްވަދެ އެނދަށް ބަންޑުން ވެއްޓިގަތީ ހިތް ފުރެންދެން ރޯލާށެވެ.

ހަވީރުގެ ވަގުތެވެ. އިޒްޔާން އިނީ އާލިމްމެންނާއެކު ކޮފީއެއްގައެވެ. އޭރުވެސް އިޒްޔާންގެ ވިސްނުން ގުޅިފައިވަނީ މަލަކާއާއެވެ. މަލަކާއެކޭ އެއްގޮތަށް ހެނދުނު ހިނގާދިޔަ ހާދިސާއިން އިޒްޔާންއަށްވެސް ވަނީ ހިތްދަތިކަން ލިބިފައެވެ. ސައިވެސް ނުބޮއި ގެއިން ނުކުތްގޮތަށް އިޒްޔާން އުޅެމުން ދިޔައީ ރައްޓެހިންނާއެކު ބޭރުގައެވެ. މިހާރު ދެތިން ފަހަރަކު މަލަކާއަށް ފޯނުކޮށް މެސެޖުވެސް ކޮށްފިއެވެ. ނަމަވެސް ޖަވާބެއް ނުލިބެއެވެ. މަލަކާ ދެރަވާނެވަރު އިޒްޔާންއަށް ވިސްނެއެވެ. ނަމަވެސް މަލަކާ ގާތަށް ދެވޭކަށްވެސް ނެތެވެ. އިރުއިރުކޮޅާ ފޯނަށް ބަލަބަލާ އިނދެވެނީ މަލަކާގެ މެސެޖެއް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

“ހެލޯ!” އެހެން އިންދާ ފޯނަށް އައި ކޯލަކަށް ޖަވާބުދެމުން އިޒްޔާން ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ.

“މަ އެބަ އަންނަން.” ފޯނު ނިއްވާލާފައި ޖީބަށް ލަމުން އިޒްޔާން ހިނގައިގަތެވެ. ހާސްވެފައި ހުރިވަރުން މަޑުވެސްކޮށްނުލާ ކޮފީ ޝޮޕުން ނުކުމެގެން ދިޔައީ އާލިމްމެންނަށް ވީކީއްތީ އަހާލާނެ ފުރުސަތެއްވެސް ނުދީއެވެ. އިޒްޔާންގެ ރައްޓެހިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އިޒްޔާންއަށް އެއައީ ކާކުގެ ފޯނު ކޯލެއްބާއޭ އެއެންމެންގެ ހިތަށްވެސް އެރިއެވެ.

އިޒްޔާން ސައިކަލު ދުއްވަމުން ދިޔައީ އާންމުކޮށް އޭނާ ދުއްވާ ވަރަށްވުރެވެސް ބާރަށެވެ. އޭނާގެ ވިސްނުމާއި ޚިޔާލުތައް މަސްހުނިވެ ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ވާން މިއުޅެނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ގަޑިއެއްހާއިރު ދުއްވުމަށްފަހު އިޒްޔާން ސައިކަލު މަޑުކޮށްލީ އާންމުކޮށް އޭނާ އައިސް އުޅޭ ދޮންވެލި ތުނޑިއަށެވެ. ސައިކަލުން ފޭބުމަށްފަހު އިޒްޔާން ވަށައިގެން ހޯދާލިއެވެ. ކުރިއަށް ހިނގަމުން އެކި ތަންތަނަށް ނަޒަރު ހިންގަމުންދިޔަ އިޒްޔާންގެ ފިޔަވަޅުތަކަށް ހުއްޓުންއެރީ ރުކެއްގައި ލެނގިލައިގެންހުރި މަލަކާ ފެނިފައެވެ. އިޒްޔާންއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ހިނގާފައި ދެވޭލެއް ލަސްވެ ދުއްވައިގަނެވުނެވެ.

“މޯމް ގުޅާފަ ބުނި މަލަކާ ގެއަކު ނެތޭ. އަހަރެންނަށް އެނގޭ މިތާކަން ވާނީ. ބުނެލާފަ އައިނަމަ.” އިޒްޔާން އައިގޮތަށް މަލަކާގެ ފުރަގަހުން ބައްދާލާފައި އޭނާގެ ދަތްދޮޅި މަލަކާގެ ކޮނޑުގައި އަޅުވާލަމުން ލޯތްބާއެކު ބުނެލިއެވެ. މަލަކާވެސް ހުރީ މިފަދަ ވަގުތުކޮޅަކަށް އެދިއެދިކަމުން އެހުރި ގޮތަށް ހުރެވުނީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަލަކާ އޭނާގެ ހަށިގަނޑުގައި ވަށާލެވިފައިވާ އިޒްޔާންގެ އަތް ދުރުކޮށްލިއެވެ.

“އިޒް! އަހަރެން ބޭނުންވަނީ މިހާ ހިސާބުން މިގުޅުން ނިންމާލަން.” މަލަކާ އެހެން ބުނިއިރު ހުރީ އިޒްޔާންއަށް ފުރަގަސްދީގެންނެވެ.

“ކީކޭ؟ އެކީއްވެ؟ ޖުމްމަ އެހެން ބުނީމަތަ؟ މީހުން ކިޔާ އެއްޗިއްސާ ކިޔައިފާނެ އެއްޗަކަށް އަހަރެން ނުވިސްނަން. އަހަރެން ލޯބިވަނީ މަލަކާދެކެ. މަލަކާ ފިޔަވައި އިތުރު މީހަކު އަހަރެންގެ ހަޔާތަށް ގެންނާކަށް ބޭނުމެއް ނޫން.” އިޒްޔާން ބުނެލިއެވެ.

“ނޫން. އަހަރެން ބޭނުން ނުވަނީ.” މަލަކާ އަދިވެސް ހުރީ އިޒްޔާންއަށް ފުރަގަސްދީގެންނެވެ.

“އެކަމަކު އަހަރެން ބޭނުންވޭ. އިންތިހާއަށް ބޭނުންވޭ. މަލަކާއާނުލާ އަހަރެންނަކަށް ނޫޅެވޭނެ. ޕްލީޒް! އަހަރެން ދޫކޮށްލާފަ ނުދޭ.” އިޒްޔާން އާދޭސްކުރިއެވެ.

“އިޒް ޕްލީޒް! ދެން އަހަރެންނާ ވާހަކަދައްކާ ގުޅުން ބަދަހިކުރަން ނޫޅުނިއްޔާ ވަރަށް ރަނގަޅު. އިޒް ކުޑަކޮށްވެސް އަހަރެންދެކެ ލޯބިވަންޏާ އަހަރެން ފެންނަ ހިސާބަށްވެސް ނާދޭ. އަހަރެން ލަތީފްބެއަށް ގުޅާފަ ބުނެފިން އަހަރެން ހުންނަން ގެއެއް ހޯދައިދޭށޭ.” އިޒްޔާންއަށް ހީވީ އޭނާގެ ދުނިޔެ އެފުށްމިފުށަށް ޖެހުނުހެންނެވެ. ކުއްލިއަކަށް މަލަކާ ގެނެސް އެއަތުތެރެއަށްލާ ބޮނޑިކޮށްލިއެވެ.

“ނޫން މަލަކާ. ތިވިސްނަނީ މުޅިން ގޯސްކޮށް. ތިގޮތަށް ކަންތައް ކުރުމަކީ ހައްލެއް ނޫން. ވިސްނާލަބަލަ.” އިޒްޔާންއަށް އެހެން ބުނެވުނީ ވަރަށް ހިތްވަރުންނެވެ. އަޑު ބެދި ނޭވާ ހުއްޓުނުހެން އޭނާއަށް ހީވިއެވެ.

“އިޒް! އަހަރެން ވަރަށް ވިސްނާފަ މިގޮތަށް މި ނިންމީ. މީ އަހަރެމެން ދެމީހުންނަށްވެސް އެންމެ ރަނގަޅު ގޮތް.” އިޒްޔާން އެގޮތަށް ބައްދާލުމުން މަލަކާގެ ހިތް ފުރިގެން ދިޔައެވެ. އިޒްޔާންއާ ވަކިވުމަކީ އޭނާއަށްވެސް ކެތްވާވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އެގޮތަށް ނިންމަން އޭނާގެ ޟަމީރު މަޖުބޫރުކުރަނީއެވެ.

“އަހަރެން ހީކުރީ މަލަކާ އަހަރެންދެކެ ލޯބިވީ މުޅި ދުނިޔެއާ ދެކޮޅަށްވެސް މިލޯބި ހާސިލްކުރަން ކެރިގެންކަމަށް. އެކަމަކު މަލަކާ އެވަރަށް އަހަރެންދެކެ ލޯތްބެއްނުވޭ. އަދި ތޫފާނުގެ އެންމެ ވައިރޯޅިއަކުން މަލަކާ ބަލިކަށި ތިކޮށްލީ. އަދި މިގޮތަށް ކިތައް ރޯޅި އަންނާނެ. އެއިން ކޮންމެ ރޯޅިއެއްގަ ވައި ހުންނާނީ ކިހާ ވަރަކަށްކަމެއް ނޭނގެ. އެކަމަކު އަހަރެން މިހުރީ އެހުރިހާ ކަމަކާ ކުރިމަތިލާން ތައްޔާރަށް. ކެރިގެން. މަލަކާ ހަމައެކަނި އަހަރެންނާއެކު ހުރެދީ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މާލެ ދެވުނުހާ އަވަހަކަށް އަހަރެން މޯމްއާ ވާހަކަދައްކާނަން.” މަލަކާގެ ގައިން ދޫކޮށްލާފައި އިޒްޔާން އެރީތި މޫނުގައި ހިފަހައްޓާލައިގެންހުރެ ވާހަކަދައްކަމުން ދިޔައިރު އެދެލޮލުގައި ވިދަވިދާ ހުރި ކަރުނައިން އެހިތުގެ ހާލު އަންގައިދެއެވެ. އެވަނަ ފަހަރަށް މަލަކާ އޭނާގެ ހަޔާތުން ބީވެގެން ދާކަށް އިޒްޔާންއެއް ނޭދެއެވެ. މަލަކާގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް އިޒްޔާން ލޯތްބާއެކު ފޮހެލަދިނެވެ.

“އިޒް! އަހަރެންނަށް އެނގޭ އިޒް އަހަރެންދެކެ ވަރަށް ލޯބިވާކަން. އެކަމަކުވެސް އަހަރެން އެދެނީ އިޒް އަހަރެން މަތިން ހަނދާން ނައްތާލާ އާ ހަޔާތެއް ފަށަން. އިޒްދެކެ ލޯބިވާނެ އެތައް ކުއްޖަކު ވާނެ. ޕްލީޒް އިޒް! އަހަރެންނަށް މާފްކުރޭ. އިތުރަކަށް އިޒްއާއެކު އަހަރެންނަކަށް ނޫޅެވޭނެ.” މަލަކާ އިޒްޔާންގެ ދެއަތުގައި ހިފަހައްޓާލާ ބާރުކޮށްލިއެވެ. އަދި ފަހު ފަހަރަށް އިޒްޔާންގެ މޫނަށް ބަލާލިއެވެ. އެދެލޮލުން އޭނާއަށްޓަކައިވާ ލޯބި ސާފުކޮށް ފެންނަން ހުރިއިރު އެދެލޮލުން ކުރަމުންދާ އާދޭސްތަކުން އޭނާގެ ނިންމުން ބަދަލުވެދާނެތީ މަލަކާއަށް ބިރު ހީވިއެވެ. އެހެންކަމުން އިޒްޔާންގެ އަތުން ދޫކޮށްލާފައި ދާން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ އިޒްޔާން މަލަކާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ތީ މަލަކާ ބޭނުންވާ ގޮތްކަމަށްވަންޏާ އަހަރެން ބަލާނަން ތިގޮތަށް ކަންތައް ކުރެވޭތޯ. މިއަދުން ފެށިގެން އަހަރެންގެ ފަރާތުން މަލަކާއަކަށް އުނދަގުލެއް ނުވާނެ. އަހަރެން ބޭނުންވަނީ އަބަދުވެސް މަލަކާ އުފަލުގަ ހުންނަން.” އެހެން ބުނެފައި އިޒްޔާން މަލަކާގެ އަތުން ދޫކޮށްލިއެވެ. އިޒްޔާންގެ އަތުން މަލަކާ ދޫކޮށްލުމުން އިރުކޮޅަކު ގަނޑުވެފައި މަލަކާއަށް ހުރެވުނެވެ. އެއްފަހަރުވެސް ފަސްއެނބުރި ބަލާލައިފިނަމަ ދާން އުނދަގޫވާނެކަން އެނގޭތީއެވެ. މަލަކާ ބަލާވެސްނުލާ ދިޔަގޮތަށް ދިޔައީއެވެ. ލޯމަތިން ގެއްލެންދެން ކަރުނައިގެ ތެރެއިން މަލަކާއަށް ބަލަން ހުރެފައި އެހުރިތަނަށް ތިރިވެވުނީ ގައިގައި ހުރިއްޔާ ހުރި ބާރެއް ނެތުނީމައެވެ. މިވަގުތު އިޒްޔާން ބޭނުންވީ އަޑުގެ ކޮޅަށް ހަޅޭއްލަވާށެވެ. ރޯށެވެ. ލޯބީގައި އޭނާއަށް މިލިބެނީ ކޮންފަދަ ވޭނެއް ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟

ގޯތިތެރެއަށް ވަދެގެން އައި މަލަކާ ފެނިފައި އަޒްފާ ގޮވާލިއެވެ. އޭރު އަޒްފާ ހުރީ އިރުއޮއްސޭތީ، ބޭރުގައި ދޮވެ ހިއްކަން އަޅާފައި ހުރި އެއްޗެހިތައް ނަގާށެވެ.

“ކޮބާ ޔާން؟ ކޮންތާކަށް އާޝިޔާ ދިޔައީ؟ ދައްތަ ހާދަ ބިރެއް ގަތޭ. މިރަށަކީ އާޝިޔާ ދަންނަ ބަޔަކު އުޅޭ ރަށެއްވެސް ނޫންވިއްޔަ.” މަލަކާ މޫނު ނިވާކޮށްފައި ހުރުމުން އެމޫނުމަތީގައިވާ އަސަރެއް އަޒްފާއަކަށް ނުފެނެއެވެ. އެދެލޮލުން އޮހެމުންދާ ކަރުނައެއް ނުފެނުނެވެ. އަޒްފާގެ ސުވާލަށް ޖަވާބު ނުދީފިއްޔާ އިތުރު ސުވާލުތަކެއް ކުރިމަތިވާނެކަން މަލަކާއަށް އެނގެއެވެ.

“އިޒް އެބަ އާދޭ.” އެހެން ބުނެފައި މަލަކާ އަވަސްއަވަހަށް ގެއަށް ވަންނަން ހިނގައިގަތެވެ. މަލަކާ ބޭނުންވީ އެކަނިވެލާށެވެ. އެނދުގައި އޮވެގެން ރޮއިރޮއި ވަރުބަލިވީއިރުވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ރޮއިރޮއި އޮއްވާ އީނާއާއި ރީނާ ބަނޑުހައިވެގެން އައިސް ގޮވަން ފެށުމުން ތެދުވަން މަޖުބޫރުވިއެވެ. މަލަކާ ތެދުވެ އެނދުގައި އިށީނެވެ. އެކުޑަ ދެކުދިންގެ މޫނަށް ބަލާލި ވަގުތު އޭނާގެ ހިތުގެ ތެރެއިން އަޑެއް އިވިގެން ދިޔައެވެ.

“މިދެކުދިންނާ ވަކިން އުޅެވިދާނެތަ؟” މަލަކާ އެކުދިން ގޮވައިގެން ގޮސް ކާންދީގެން ގެނެސް ނިންދެވިއެވެ. ބަދިގޭ ހުރިހާ މަސައްކަތެއް ނިންމާލާފައި ކޮޓަރިއަށް ވަތްއިރުވެސް އިޒްޔާން ގެއަކަށް ނާދެއެވެ. މިކަމާ މަލަކާ ވަރަށް ހާސްވިއެވެ. ނިދަން އުޅެއުޅެ ވަރުބަލިވީއިރުވެސް މަލަކާއަށް ނިދޭގޮތެއް ނުވިއެވެ. އިޒްޔާންއާމެދު ވިސްނެނީއެވެ. ކުރެވުނު ކަންތަކާމެދު ވިސްނެނީއެވެ. އެހެން އޮއްވާ ފޯނަށް މެސެގެއް އައުމުން އަވަސްއަވަހަށް ބަލާލީ އެއީ އިޒްޔާންގެ މެސެޖަކަށް ވެދާނެތީއެވެ.

“މަލަކާ! އަހަރެން މިމެސެޖް މިފޮނުވީ މަލަކާއަށް އުނދަގުލެއް ކުރާކަށް ނޫން. މަލަކާގެ ކިބައިން ވަރަށް ބޮޑު ކަމަކަށް އެދެންވެގެން. އުންމީދުކުރަން މަލަކާ މިކަން ކޮށްދޭނެކަމަށް. މަލަކާ ކުޑަކޮށްވެސް އަހަރެންދެކެ ލޯތްބެއްވީނަމަ އެލޯތްބަށްޓަކައި ނޫނީ އިންސާނިއްޔަތަށްޓަކައި ނަމަވެސް އަހަރެންގެ އާއިލާ ދޫކޮށްލާފަ ނުދިއުމަށް އެދެން. އަހަރެންނަށް އެނގޭ މަލަކާ މިއާއިލާއަށް ވެދިން އެހީގެ ބަދަލުގަ ދެވޭނެ އެއްވެސް އެއްޗެއް ނެތްކަން. މިހުރިހާ މުދަލަކާ ފައިސާއަކަށްވުރެ މަލަކާ މިއާއިލާއަށް ދިން ލޯތްބާ އަޅާލުމުގެ އަގު މާބޮޑު. މަލަކާ ގޮސްފިއްޔާ މިއާއިލާ ބިކަވެދާނެ. މިއާއިލާއަށް މަލަކާގެ އެހީތެރިކަން ވަރަށް ބޭނުންވޭ. މަލަކާއަށް އަހަރެންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާނެ. މަލަކާ ހިތްހަމަޖެހިގެން އުފަލުގަ ހުރިއްޔާ އަހަރެންނަށް ހުރިހާ އުފަލެއްވެސް އެލިބުނީ. އަދިވެސް އެއްފަހަރު ވަރަށް އާދޭހާއެކު މިއެދެނީ މަލަކާ މިގެއިން ނުދިއުމަށް.” އިޒްޔާން ފޮނުވި މެސެޖް އެތައް ފަހަރަކު މަލަކާ ކިޔެވެ. އިޒްޔާންދެކެ އޭނާ ލޯބިވާވަރަށް އެއާއިލާދެކެވެސް ލޯބިވެއެވެ. އެހެންވީއިރު އެއާއިލާއިން އޭނާއަށް ލިބުނު ލޯތްބާއި އަޅާލުން ހަނދާން ނައްތާލާފައި ދާކަށް އޭނާވެސް ބޭނުމެއްނޫނެވެ.

ހެނދުނު ހޭލިގޮތަށް މަލަކާ އުޅުނީ ބަދިގޭގައެވެ. ދެދުވަސް ފަހުން ބޭއްވޭ ކައިވެނި ހަފުލާއަށް އެކި ރަށްރަށުން އައިސްތިބި މެހެމާނުންނަށް ސައި ދިނުމުގައެވެ. އިއްޔެގެ ހާދިސާއަށްފަހު ޖުމާނާ ފެނިލަނީ ވަރަށް މަދުންނެވެ. ދެމީހުން ދިމާވިޔަސް އަނގައިން ނުބުނާތާ ބަހެއްވެސް ބުނެނުލައެވެ. ކުއްލިއަކަށް ގެއަށް ވަދެގެން އައި އިޒްޔާން ފެނިފައި މަލަކާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އިޒްޔާންގެ މޫނުމަތި މިލާ މޯޅިވެފައިވާއިރު އެދެލޮލުގައި ކުރިން ހުންނަ އުޖާލާކަން ވަނީ ގެއްލިފައެވެ. ވަދެގެން ދިޔައިރު އިސްއުފުލާ ބަލާވެސްނުލާ ގޮސް ވަނީ ކޮޓަރިއަށެވެ. އިރުކޮޅެއްފަހުން ފެންވަރާ ތާޒާވެލައިގެން ނުކުތް އިޒްޔާން ފެނުމުން ކޮންމެ އަންހެންކުއްޖެއްގެ ނަޒަރުވެސް އޭނާއަށް ހުއްޓިގެންދެއެވެ. ސައިވެސް ނުބޮއި ނުކުމެގެން ދާން އުޅުމުން އަޒްފާ ގަދަކަމުން އިޒްޔާން ގެނެސް މޭޒުކައިރީ ގޮނޑިއެއްގައި ބޭންދިއެވެ.

“ރޭގަ ނިދަން ނައިސް ކޮންތާކު އުޅުނީ؟ މަންމައަށް އެނގޭ އިއްޔެގެ ކަންތަކާ ހިތްހަމަނުޖެހިފަކަން ތިހުރީ. މަންމައަށް ހީވަނީ ދެން އެންމެ ރަނގަޅުވާނީ އެކަން ހަނދާން ނައްތާލިއްޔާހެން.” އަޒްފާ ސައިހަދާ ނިންމާލާފައި އިށީނެވެ. އިޒްޔާންއަށް ކާންވެސް އުނދަގޫވިއެވެ. ރޭގައިވެސް ނުކައި ހުރުމުގެ ސަބަބުން އޭނާ ހުރީ ވަރަށް ބަނޑުހައިވެފައެވެ. ނަމަވެސް ކާން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. އިޒްޔާން އިތުރަށް އެތާނގައި މަޑުނުކޮށް އެތަނުން ނުކުތީ އޭނާގެ ހިތުގެ ހާލު މަންމައަށް އެނގިދާނެތީއެވެ. ލޮލުގައި އަވި އައިނު އަޅައިގެން ގެއިން ނުކުމެގެން ދިޔައިރު މަލަކާ ހުރީ ކުޑަދޮރާއި ނިވާވެގެން އެމަންޒަރު ބަލާށެވެ. އޭނާގެ ސަބަބުން އިޒްޔާން ކުރަމުންދާ ހިތާމަ ފެނިފައި އޭނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

މިރެއަކީ އިޒްޔާންގެ އާއިލާއަށް ވަރަށް ޚާއްސަ ރެއެކެވެ. މުޅި ގޭގައި އޮތީ އަޑު ބައްދާލާފައެވެ. ޕާޓީ ފެށޭ ގަޑި ގާތްވަމުން ދާއިރު އާޝިޔާ ފިޔަވައި އެންމެންވެސް ދިޔައީ ތައްޔާރުވަމުންނެވެ. އަޒްފާ އެދުމުންވެސް ބޮލުގައި ރިއްސަނީކަމަށް ބުނެ އާޝިޔާ ދާން އުޒުރުވެރިވިއެވެ. އެހާދިސާއިން އާޝިޔާގެ މިޒާޖަށް އައިސްފައިވާ ބަދަލު އަޒްފާ ރަނގަޅަށް ދެނެގަތެވެ. އެކަމާ ވާހަކަދައްކަންވެސް އަޒްފާ ހުރީ ބޭނުންވެފައެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ދެކިފައި އަޒްފާ އެކޮޓަރިން ނުކުތެވެ. އިޒްޔާންވެސް ގެއަށް ވަދެނުލާތާ ގުޅިޔަސް ގިނަ ފަހަރަށް ފޯނެއް ނުނަގައެވެ. މިކަންކަން ފަޔާޒަށް ސިއްރުކޮށްގެން އަޒްފާ ހުންނަނީ ޕާޓީގެ ވަގުތު އެހާ ކުޑަތަންވެފައި އޮއްވާ ގޭތެރޭގައި އޮތް އުފާވެރި މާހައުލު ބަދަލުވެދާނެތީއެވެ. އެންމެން ޕާޓީ އޮންނަ ހޯލަށް ވަދެގެން ދިޔައިރު ދާއިންއާއި ރައުދާ ތިބީ އެމީހުންނަށް ޚާއްސަކުރެވިފައިވާ މަޤާމުގައެވެ. ދާއިންމެންނާއި ޖެހިގެން އަނެއް ފަރާތުގައި ޖާވިދުއާއި އަރޫނާ ތިއްބެވެ. އެހަތަރު މީހުންވެސް ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. ތަނުގެ ރީތިކަމާއި ފުރިހަމަކަންވެސް މީހުންގެ ލޯތަކުގައި އަޅައިގަންނަހާވެއެވެ. ދަނބުކުލައާއި ހުދުކުލައިން މުޅި ހޯލު ޒީނަތްތެރިކުރެވިފައިވާއިރު ޕާޓީއަށް އައިސް ތިބި އެންމެންވެސް ތިބީ އެކުލަތަކުން ޖަރީވެގެންނެވެ.

ދުރުގައިހުރި ގޮނޑިތަކުން ގޮނޑިއެއްގައި އެކަނިމާއެކަނި އިން އިޒްޔާން ބަލަމުން ދިޔައީ ދޮރުން ވަދެގެން އަންނަ މެހެމާނުންނަށެވެ. އޭނާގެ ދެލޯ ބޭޤަރާރުކަމާއެކު ހޯދަމުންދަނީ އެހިތުގެ މަލަކާއެވެ. މަލަކާ ނާންނާނެކަން އެނގޭއިރުވެސް އޭނާގެ ހިތް އެކަން ޤަބޫލެއް ނުކުރެއެވެ. ހަމަ އިންތިޒާރު ކުރެވެނީއެވެ. އެހެން އިންނަތާ ގަޑިއެއްހާއިރު ވީއިރުވެސް އިޒްޔާން ހަމަ އެއިންގޮތަށް އިނީއެވެ. ލޫތު އައިސް އެތައް ގޮތަކަށް ވިސްނައިދިނުމުންވެސް އިޒްޔާން އެތަނުން ތެދުވާ ހިތެއް ނުވިއެވެ.

“މިލީ ހިނގައްޖެ އޭނަގެ ދޮންތަ ބަލާ. އިރުކޮޅަކުން އަންނާނެ. ދެން ހިނގާބަލަ އެއްޗެއް ކާލަން. މިހާރު އިޒް ހީވަނީ އެތައް ދުވަހެއްވަންދެން ބަލި އެނދުގަ ނުތެދުވެ އުޅޭ މީހެއްހެން.” މިލީ މަލަކާ ބަލާ ދިޔަ ވާހަކަ ބުނުމުން އިޒްޔާން ތެދުވެ ދާން ހިނގައިގަތެވެ. ލޫތު ސުވާލުކުރުމުން އޭނާ ދިޔަ ވާހަކަ އެކަކު ގާތުވެސް ނުބުނުމަށް އިޒްޔާން އެދުނެވެ. އިޒްޔާން ބޭނުންވީ މަލަކާ އޭނާއާ ވަކިވި ސަބަބު ހޯދާށެވެ.

“ކޮބާ ޔާން؟” އަޒްފާ ވަށައިގެން ހޯދަމުން ދިޔައީ އިޒްޔާން ފެނޭތޯއެވެ. އެހެން ހޯދަނިކޮށް އާލިމް ފެނިގެން އަޒްފާ އަހާލިއެވެ.

“އިޒް ދެންމެ މިތާ ހުރި. މިހާރު ނޭނގެ ވީތަނެއް.” އާލިމް ވަށައިގެން ބަލާލަމުން ބުނެލިއެވެ.

“ޔާން ރަނގަޅުތަ؟ އާލިމް ގާތު ޔާން އެއްވެސް ވާހަކައެއް ދެއްކިތަ؟” އަޒްފާ ބޭނުންވީ އިޒްޔާންގެ ހިތުގައި ހިނގަމުންދާ ކަންތައްތަކުގެ ކުޑަވެސް ޚަބަރެއް ހޯދާށެވެ. މިހާރު އިޒްޔާން އޭނާއާ އެއްވެސް ކަމެއް ހިއްސާކޮށެއް ނޫޅެއެވެ.

“ނޫން. ނުދައްކާ. އެކަމް މިދެތިން ދުވަހު ބޮލުގަ ރިއްސަނީއޭ ކިޔާފަ އުޅުނު. މިތަނަށް މަސައްކަތްކުރަން އައިސްފަވެސް ވަރަށް އަވަހަށް ދޭ. އެހީމަވެސް ނުބުނޭ ވެގެންއުޅޭ ގޮތެއް.” އާލިމްގެ ވާހަކަތަކުން އަޒްފާ އިތުރަށް ހާސްވިއެވެ. ޕާޓީ ފެށީ މެހެމާނުން އަންނަން ފެށިއިރުވެސް އިޒްޔާންގެ ޚަބަރެއް ނުވެއެވެ. އަޒްފާވެސް އެކި ކަންކަމުގައި ބިޒީވެގެން އެކަމުގެ މަތިން ހަނދާން ނެތުނެވެ.

ޕާޓީގެ ހަލަބޮލިކަމުގެ ތެރޭގައި ދުރުގައިހުރި ގޮނޑިއެއްގައި އިން މާއިންގެ ނަޒަރު ހުއްޓިފައި ހުރީ ދުރުގައިހުރި ޖުމާނާއަށެވެ. ރައްޓެހި ކުދިން އެއްކޮށްގެން އެކި ގޮތްގޮތަށް ސެލްފީ ނަގަމުން ދިޔައިރު ދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމަކާމެދު އޭނާގެ ވިސްނުމެއް ނެތްކަން އެނގެއެވެ. ޕާޓީއަށް އައިސްތިބި ގިނަ ބައެއްގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާއިރުވެސް އެކަމާ އޭނާގެ ފަރުވާލެއް ނެތެވެ. މި އުފާވެރި މާހައުލުގައި ފޮޓޯ ނަގަންހުރި ޖުމާނާ ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ވަންހަނާ (16)

Next

ހިތް ބޭނުމޭ..15

Next
January 15, 2017

ހިތް ބޭނުމޭ..15

Previews
January 15, 2017

ވަންހަނާ (16)

22 Comments!

  1. Saandy says:
    January 15, 2017 at 7:07 pm

    ދެން އޮތީ ވާހަކައިގެ ފަހު ބައި… މާދަމާ ސާންޑީ ވަރަށް ވަރަށް ބިޒީވާނެ… އެހެންވީމަ މާދަމާ ވާހަކަ އަޕްކޮށްނުދެވޭނެ ވާހަކަ ވަރަށް ހިތާމަޔާއެކު ދަންވަނަން… އިރާދަކުރެއްވިއްޔާ ވާހަކައިގެ ފަހު ބައި އަންގާރަ ދުވަހު އަޕްކޮށްދޭނަން… އުންމީދުކުރަން ހުރިހާ ކުދިންވެސް ކެތްތެރިކަމާއެކު އިންތިޒާރު ކުރާނެކަމަށް

  2. hyny says:
    January 15, 2017 at 7:14 pm

    yaaay

    1. hyny says:
      January 15, 2017 at 7:36 pm

      v reethi..,, me 1st dhw

    2. Saandy says:
      January 16, 2017 at 10:22 pm

      ޝުކުރިއްޔާ ހައިނީ! ޔެސް… ހައިނީ ފަސްޓް

  3. mai says:
    January 15, 2017 at 8:01 pm

    Wow varah nice
    Its OK saandy lahun genesdhinas inthizaaru kuraanan fahu partah
    Lovely hama story

    1. Saandy says:
      January 16, 2017 at 10:23 pm

      ޝުކުރިއްޔާ މައި! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލާނަން

  4. Fat says:
    January 15, 2017 at 9:02 pm

    Waitinf

    1. Saandy says:
      January 16, 2017 at 10:24 pm

      ޝުކުރިއްޔާ ފެޓް

  5. Aisha Naseem says:
    January 15, 2017 at 9:22 pm

    Alhugandu ge vaahaka nurahkatheriloabi varahh avahah annanii!!innthixaaaru kohhlavvvaa

    1. Saandy says:
      January 16, 2017 at 10:30 pm

      ހެޕީ ނިއުސް! ސާންޑީއަށް ވަރަށް ރީތި އައިޝާގެ ވާހަކަތައް… އެކަމް އަދި ތިވާހަކަ ކިޔައެއް ނުލެވޭ… އެސްފިޔައިގަ އަޕްކުރަން ފެށީމަ ކިޔާލާނަން

  6. Naadhee says:
    January 16, 2017 at 12:01 am

    V reethi e dhemeehun gulheyne baa

    1. Saandy says:
      January 16, 2017 at 10:25 pm

      ޝުކުރިއްޔާ ނާދީ! ފަހުބައި ކިޔާލީމަ އެނގިދާނެތާ ވާގޮތެއް

  7. shifu says:
    January 16, 2017 at 6:55 am

    I think that jumaana will dead. Then varah nice story Keep it up sandy.

    1. Saandy says:
      January 16, 2017 at 10:26 pm

      ޝުކުރިއްޔާ ޝިފޫ! އެނގިދާނެތާ ޖުމާނާއަށްވެސް ވާގޮތެއް

  8. Maree says:
    January 16, 2017 at 9:14 am

    vvvvv reethi Saandy mi haadha kurukohgenesdhin vaahakaeh eyee Aisha sun ah genesdhin vaahaka dhetho v reethi vaahakaeh ey ves

    1. Saandy says:
      January 16, 2017 at 10:27 pm

      ޝުކުރިއްޔާ މަރީ

  9. naana says:
    January 16, 2017 at 1:57 pm

    V interesting. waiting for the next part. Good Job Saandy

    1. Saandy says:
      January 16, 2017 at 10:28 pm

      ޝުކުރިއްޔާ ނާނަ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  10. mmmmm says:
    January 17, 2017 at 12:00 pm

    Story up kohdhyba

    1. Saandy says:
      January 17, 2017 at 4:54 pm

      އަޕްކޮށްލާފަ އިންނާނީ މިހާރު

  11. shelly says:
    January 17, 2017 at 4:42 pm

    cute story eh. , me story kiyan mi site in feshi fahun adhi mikiyuny Saandy ge story . and i love your story .. good luck….

    1. Saandy says:
      January 17, 2017 at 4:55 pm

      ޝުކުރިއްޔާ ޝެލީ! މިވާހަކަ ސާންޑީ ގެނެސްދިނަސް މިއީ އެހެން ކުއްޖަކު ލިޔެފަ އޮތް ވާހަކައެއް… ހުރިހާ ތައުރީފެއް ވާހަކަ ލިޔުނު ކުއްޖާއަށް… ވަރަށް އުފާވެއްޖެ ޝެލީއަށް މިވާހަކަ ކަމުދިޔައީމަ

Comments are closed.

Next Episodeމަލަކާ (19ވަނަ ބައި)←


All Right Reserved!