އެވަގުތު ތަށިގަނޑު ތެރެއިން ލޭ ފެނިފައި އޭނަގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ މޫނުބަލާ ލޯގަނޑަށް ބަލާލި ވަގުތު އޭނަގެ ތުންފަތުން ފެށިގެން ދަތްދޮޅިއާއި ހަމައަށްވެސްވީ ލެއެވެ. އިރުކޮޅެއް ވަންދެން އަމިއްލަ ސޫރައަށް ބަލަން ހުރުމަށްފަހު ވިސާމް ކުއްލިއަކަށް ފެން އިސްކުރު ދޫކޮށްލަމުން އަވަސްއަވަހަށް އަނގަ ދޮންނަން ފެށީ ތުރުތުރު އަޅަމުން ދިޔަ ދެ އަތުންނެވެ. އެވަގުތު އޭނަގެ ހިތް ބިރުވެރިކަމުން ރޫރޫއަޅަމުން ދިޔައެވެ. އޭނައަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއަރަން ފެށިއެވެ. ކަންތައްވެގެން ދާނެ އެންމެ ގޯސް ޚިޔާލު ހިތަށްވެރިވެގެން ދިޔުމުން ވިސާމް އިސްކުރު ބާރުކޮށްލުމަށްފަހު ފާޚާނާއިން ނިކުމެ ކޮޓަރިން ނިކުންނަން ދިޔައެވެ.
“ނާޒް!” ކޮޓަރީގެ ދޮރާއި ހަމަވަމުން ދިޔަ ވަގުތު ވިސާމަށް އެ ނަމުން ގޮވާލެވުނީ ދެންމެ ވީ ކަންތައް ޙިއްސާ ކުރެވޭނެ މީހަކަށް އެންމެ ގާތުގައި ހުރީ އެ ފަރާތްކަމަށްވާތީވެއެވެ. އޭނަ ކޮޓަރީގެ ހުޅުވާފައިވާ ދޮރުމައްޗަށް އަރައި އަނެއްކާވެސް އެ ނަމުން ގޮވާލަން އުޅުނު ވަގުތު ހުރަސްއެޅުނީ މެހެނާޒް ވާހަކަ ދެއްކި އަޑަށެވެ.
“ދީފީމޭ…..ނޫން އޭނައަކަށް ޝައްކެއްނުވާނެ. ހެހެ…..އަދި ޚަލާސްވާވަރު ވާނީ 5 ވަރަކަށް ތަށި ދެވުނީމަ. މި ހަފްތާ ތެރޭގަ އެކަން ކޮށް ނިމޭނެ. އަހަރެންގެ ފައިސާ ތައްޔާރަށް ބަހައްޓާތި!” އޭނައަށް ފުރަގަސްދީގެން ހުރި މެހެނާޒް ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ދެއްކި ވާހަކަތަކުން ވިސާމަށް ކަޅި ދެފަރާތަށް ހިންގަމުން ވިސްނާލެވުނެވެ. ހަމަ އެއާއެކު މި ވީގޮތް ނަގައިގަނެވުމުން އޭނަގެ ހިތް އާދަޔާ ޚިލާފަށް މާޔޫސްވެގެން ދިޔައެވެ. ދާދި ދެންމެއަކު އެ ހިތް ހަމަޖެހުމަށްޓަކައި ބަރޯސާވާން އުޅުނު ފަރާތް އެ ހިތުގެ ދުޝްމިނަކަށްވެއްޖެކަން އެނގުންވުމުންނެވެ. ކީއްވެ ހެއްޔެވެ؟ އޭނައާއިމެދު މިގޮތަށް ކަންތައްވާން އޭނަ ކުރީ ކޮން ކުށެއްހެއްޔެވެ؟ ދުނިޔޭގެ ކޮންމެ މީހަކުހެން އޭނަވެސް ބޭނުންވީ އޭނަގެ ކުޑަކުޑަ ޢާއިލާއަކާއެކީ އުފަލުގައި އުޅޭށެވެ. ނަމަވެސް އުފާވެރިކަން ހޯދުމަށްޓަކައި މި ދުނިޔޭގައި އެއްވެސް މީހަކަށް ބަރޯސާވެވެން ނެތީތާއެވެ. ހިތަށް ވެރިވި އެ ޚިޔާލާއެކީ އެ ހިތް ވިސާމްގެ މޭތެރޭގައި އޮވެ ގެނބުނެވެ. އިސްޖެހިފައިހުރެ ވިސާމަށް އަނެއްކާވެސް މެހެނާޒަށް ބަލާލެވުނީ އޭނަ ހީގަތް އަޑަށެވެ. އޭނަ އަދިވެސް ހުރީ ފޯނު ކަންފަތުގައި ޖައްސައިގެންނެވެ. މަންޒަރު ބަލަން ހުރެފައި ވިސާމް ބުމަގޮށްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލީ ވަރުބަލިވެގެން ކަހަލަ ގޮތަކަށެވެ. އޭނަ ޙަޤީޤަތުގައި ވެސް ވަރުބަލިވީއެވެ. ގުޅުމެއް ދަމަހައްޓަން މީހަކަށް މަސައްކަތް ކުރެވޭނީ މިހާވަރަށެވެ. މި ގުޅުން ދެމިއެއް ނޯންނާނެކަން މިއަދު މެހެނަޒް ސާބިތުކޮށްދީފިއެވެ. ނަމަވެސް ވިސާމް އަމިއްލަ ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އަޅައި ދެންވެސް މެހެނާޒާއި އެކީ އުޅެވޭތޯ ބެލިއެވެ. ބައްޕަގެ މިސާލުގައި ހިފައި ކޮންމެ ކަމެއްގައި ވެސް އެންމެ ރީތި ގޮތް ޚިޔާރު ކުރުމަށެވެ. ކޮންމެވެސް އެއްދުވަހަކުން ފަޚުރުވެރިކަމާއެކީ އޭނައާއިބެހޭ ގޮތުން އެފަދަ ވާހަކައެއް މިޝްކާއަށް ކިޔައިދިނުމުގެ ނިޔަތުގައެވެ. މިއަދު އޭނަ މެހެނާޒް ވަރިކުރަން އުޅެފިނަމަ އޭނައަށް ރުޅި އިސްކުރެވޭނެކަން ޔަޤީނެވެ. އެއީ ރީތި ގޮތަކަށް ނުވާނެއެވެ. އެހެންކަމުން މެހެނާޒް އަމިއްލައަށް މި ގުޅުން ކަނޑާލަން އެދޭ ދުވަހަކަށް ވިސާމް އިންތިޒާރު ކުރަން ފެށިއެވެ.
ވިސާމްގެ އެ އިންތިޒާރު މާ ދިގެއް ނުވިއެވެ. އެ ދުވަސްފަހުން މާ ގިނަ ދުވަހެއްނުވެ ފިލްމްގެ ޝޫޓިންގް ނިމުމުން މެހެނާޒް ގިނަ ވަގުތުތައް ގޭގައި ހޭދަކުރަން ފެށިއެވެ. ގޭގައި ވިސާމަށް މީރު އެއްޗެހި ކައްކައި ހިނިތުންވުންތަކާއެކީ އޭނައަށް ޚިދުމަތްތެރިވާން މަސައްކަތް ކުރިއެވެ. ވިސާމް ކިތަންމެ ބޭނުމެއްނުވިޔަސް އެ ހިނިތުންވުންތައް ފެނިފައި އޭނަ ހިސާބަކަށް ބަލިކަށިވެއެވެ. އެއީ އެންމެ ފުރަތަމަ އޭނަގެ ހިތުގެ އެންމެ ފުންމިނާއި ކުޅެލި ސޫރައަކީ އެއީ ކަމަށްވާތީވެ ކަންނޭނގެއެވެ. އޭނައަށް ބައެއްފަހަރު ހުރިހާ ޙަޤީޤަތްތަކެއްގެ މަތިން ހަނދާން ނައްތައި މެހެނާޒްގެ ސަމާސާތަކުގައި ބައިވެރިވެވެއެވެ. މެހެނާޒް ޙަޤީޤަތުގައި ވެސް ބަދަލުވީކަން ޤަބޫލުކުރަން އޭނަގެ ހިތުގެ ކަނަކުން ގޮވައެވެ. އޭނަ ބައެއްފަހަރު މިޝްކާ ކައިރިއަށް ވެސް ދާ ގޮތުން އެއީ އެކަމުގެ ހެއްކެއް ކަމަށް ވިސާމްގެ ހިތް ބުނެއެވެ. އެހެނަސް މެހެނާޒް އޭނައަށް އެއްޗެއް ކާންދޭން އުޅޭ ކޮންމެ ފަހަރަކު އޭނައަށް އިންކާރު ކުރެވެމުން ދިޔައީ އެންމެ ފަހަކަށް މެހެނާޒް ދިން ޖޫސްތަށި ބުއިމުން ވީގޮތް ހަނދާންވެފައެވެ. އެހެންކަމުން ވިސާމް މުޅިން ވެސް ބޭރުން ކާންފެށިއެވެ. އެހެންދާ ކޮންމެ ފަހަރަކު އޭނައަށް މެހެނާޒަށް އިތުބާރު ކުރެވޭނެނަމައޭ ވިސާމްގެ އެކަނިވެރިކަމުން ފުރެމުން ދިޔަ ހިތް ބުނަމުން ދިޔައެވެ. އެއްމީހެއްދެކެ އެއްވަގުތެއްގައި ލޯބިވެ ނަފްރަތުވެސް ކުރެވޭނެކަން ވިސާމަށް އެނގުންވީ އެދުވަސްވަރެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ ހިތުން ޖާގައެއް ދެވިފައިވި މީހަކު ހުރީ އޭނަ ކައިރީގައި ހުރިހާ ވެސް ސަބަބަކީ އޭނައާއި ދެކޮޅަށް ރޭވި ރޭވުމެއް ކަމެވެ. އަދި އެ ރޭވުން ކާމިޔާބު ނުވާހެން ހީވުމުން އޭނަ އިތުރަށް ވިސާމާއިއެކީ ހުންނަން ބޭނުން ނުވާނެކަމެވެ.
“އަހަރެން ބޭނުން ވަރިވާން.” މެހެނާޒް އެހެން ބުނެލީ އެއްރެއަކު ހެދުން އަލަމާރިން 5 ވަރަކަށް ހެދުން އެކީގައި ނަގައިގެން ގޮސް އެނދުމަތީގައި ބާއްވަމުންނެވެ. މެހެނާޒްގެ ބަސްތައް ކިޔަވާ މޭޒުދޮށުގައި ހުރި ވިސާމްގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރީގެ ސިފައިގައެވެ. އޭނައަށް ހިރިލަން ވެސް ނޭނގިފައި އިންގޮތަށް އިނދެވުނެވެ. މި ދުވަސް އަންނާނެކަމުގެ ނިޝާންތައް މި ހުރިހާ ދުވަހުވެސް އޭނައަށް ފެންނަމުން ދިޔައެއްކަމަކު އެ އަޑު އިވިގެން ދިޔުމުން ވިސާމަށް ހީވީ މިއީ އެއްވެސް އިންޒާރެއްވެސް ނެތި އައި ޠޫފާނެއް ހެންނެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު މެހެނާޒް ކުރަމުން ދިޔަ ކަންތައް ފެނިފައި އޭނައަށް ގޮނޑިން ތެދުވެވުނެވެ.
“ނާޒް! އަހަރުމެންގެ ދަރިފުޅާމެދު އެއްފަހަރުވެސް ވިސްނާލިންތަ؟ މިޝްކާ ކިހިނެއް މަންމައަކާނުލާ ބޮޑުވާނީ؟” ދެވަނަ ފަހަރަށް އެނދުމަތީގައި ހެދުންތައް ބޭއްވުމަށްފަހު ދާން އުޅުނު މެހެނާޒްގެ އަތުގައި ހިފައި ވިސާމް ވިސްނައިދޭން އުޅޭ ފަދައަކުން ވާހަކަ ދެއްކިއެވެ. އޭނަ އަމިއްލަ އިޙްޞާޞްތަކުގެ ވާހަކަ ނުދައްކައި މިޝްކާގެ ނަން އިސްކުރީ މެހެނާޒްގެ ހިތުގައި މިހާރު މިޝްކާއަށްޓަކައި ލޯތްބެއް އުފެދިފައި އޮވެދާނެއޭ ހިތާއެވެ. އެހެނަސް…..
“ބޮޑު ނުވިއްޔާ އޭނަ ޖަންގައްޔަކަށް ގެންގޮސް ވަޅުލާ. މަށަށް ކޮންކަމެއް؟ މަ ނޫޅެން ދަރިފުޅެކޭ ކިޔާފަ މަ ލޯބިނުވާ މީހަކާއެކީ އުޅޭކަށް.” މެހެނާޒް އޭނަގެ އަތް ފޮޅުވާލަމުން ވިސާމްގެ އަތުން ދޫކުރުވިއެވެ. އޭނަ ވިސާމަށް ފަސްދީފައި ދާން އުޅުނު ވަގުތު ވިސާމް ހުރީ ރުޅިން ރަތްވެފައެވެ. އޭނަގެ ރުޅިވެރިކަން އެހާ ހިސާބަށް ދިޔައީ މެހެނާޒް އޭނަގެ ދަރިފުޅާއިމެދު ބުނެލި ވާހަކައިންނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި މިޝްކާ ވެސް އަތްމައްޗަށް ނަގައިގެން މި އަންހެނާ ދެއްކީ ދަޅައެއްކަން އެނގުންވުމުންނެވެ. އަމިއްލަ ދަރިއަށްޓަކައި ލޯތްބެއް ނުވާ މީހެއްގެ ހިތުގައި އޮންނާނީ ކޮން ރަޙުމެއް ހެއްޔެވެ؟ އެފަދަ މީހެއްގެ ފަރާތުން އޭނައަށް އަމިއްލަ ނަފްސަށްޓަކައި ވެސް ލޯތްބެއް އުއްމީދު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ޚިޔާލުތަކާއެކީ އައި ގަދަ ރުޅިއާއެކު ވިސާމް އަނެއްކާވެސް މެހެނާޒްގެ އަތުގައި ހިފައި ލުއްކެއްޖަހައި އޭނަ ކައިރިއަށް ގެނައެވެ.
“ހީނުކުރާތި މަށަށް ނޭނގޭ ކަމަށް ކަލޭ ކުރާ ކަންތައް. މަ ކަލެއަށް ކުރި ހުރިހާ ޤަދަރެއް ވެއްޔާ މޮޑެވިއްޖެ. ކަލެއަށް ކުރިހާ އިޙްތިރާމެއް މިހާތަނަށް ކުރީ ތިއީ އަހަރެންގެ ދަރިފުޅުގެ މަންމައަށްވީތީ. ބައިވަރު ދުވަސްވަންދެން ކެތްކުރެވިއްޖެ. އެކަމަކު ދެނެއްނޫން……މެހެނާޒް ތިހިރީ ވަރިކޮށްފަ!” ވިސާމް އޭނަގެ ފަހު ބަސްތައް ބުނެލީ އަޑުގެ ކޮޅަށެވެ. އެ ބަސްތަކުން މެހެނާޒަށް މާ ބޮޑު އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ!!” މެހެނާޒް އަނެއްކާވެސް ވިސާމްގެ އަތް ފޮޅުވާލަމުން ވިސާމަށްވުރެ އަޑު ހަރުކޮށް ބުނެލިއެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ އޭނަގެ ހުރިހާ ހެދުންތައް ފޮށްޓައް އަޅައި ބަންދުކޮށްލިއެވެ. އޭނަ ކޮޓަރިން ނިކުންނަން ދިޔަ ވަގުތު ވިސާމަށް އޭނައަށް ފަސްދީފައި އެނދުގައި އިށީނދެވުނެވެ. މެހެނާޒް އެޕާޓްމެންޓްގެ ދޮރު ހުޅުވައި ބާރު އަޑަކާއެކީ ލައްޕާލި އަޑަށް އޭނައަށް ދެލޯ މަރާލެވުނެވެ. ނޭނގޭ ސަބަބަކާހުރެ އެ މަރާލެވުނެ އެސްފިޔައިގެ ދޭތެރެއިން އޭނައަށް ފެންނަން ފެށީ އޭނައާއި މެހެނާޒްގެ ގުޅުން ފެށިގެން އައިއިރު ދެމީހުން އެކީގައި ހޭދަކުރި އުފާވެރި ދުވަސްތަކެވެ. މެހެނާޒްގެ ލަދުރަކި ހިނިތުންވުންތަކާއި އޭނަގެ ބީހުންތަކާއި އެ އަތު ތެރޭގައި ވޭތުވި ރޭތަކެވެ. ހަމަ އެއާއެކު ވިސާމްގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނަ ބޭނުންވީ އެ މާޒީއަށް އަނބުރާ ދާށެވެ. މެހެނާޒް ބަދަލުނުވިނަމައޭ އޭނަގެ ހިތަށް ހާސްވަނަ ފަހަރު އެރިއެވެ. އެހެނަސް ދެން މެހެނާޒް ދުވަހަކުވެސް އޭނަ ގާތަށް ނާންނާނެކަން އެނގުންވުމުން ވިސާމަށް މާޔޫސީ ގޮތަކަށް އޭނަގެ މޫނުގައި ދެއަތް އަޅާލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ.
ވަރިވި ފަހުން ކުޑަ ދުވަސްކޮޅަކަށް ވިސާމްގެ ދުވަސްތައް ހޭދަވަމުން ދިޔައީ އެކަހަލަ ގޮތަކަށެވެ. އެއް ސިކުންތުގައި އޭނަ މަރާލަން އުޅުނު މީހަކާއި ވަކިވެގެން ދިޔައީތީ ސިކުނޑިއަށް ލުއެއް ލިބޭއިރު އަނެއް ސިކުންތުގައި އޭނަގެ ހިތް އުފާވެރިކަމުން ފުރާލަދިން އަންހެން ކުއްޖާ އޭނަ ގާތުގައި ނެތީތީ އޭނައަށް ހިތާމަ ކުރެވެމުން ދިޔައެވެ. ހަމަޖެހުމެއް ނެތް ހިތަކާއެކީ ދުވަސްތައް ގުނަމުން ދިޔަ ވިސާމަށް ނޭނގުނު ކަމަކީ މެހެނާޒާއި އޭނަގެ ގުޅުމަށް ނިމުމެއް އަޔަސް އޭނަގެ ދުޝްމިނުންގެ ރޭވުންތަކަށް ނިމުމެއް ނާންނަކަމެވެ.
އެއްދުވަހަކު ވިސާމް އޭނަގެ އެޕާޓްމެންޓްގެ ކާމޭޒު ދޮށުގައި އިންދާ އޭނައަށް ފޯން ކޯލެއްއައެވެ.
“ހެލޯ.” ވިސާމް އޭނަގެ އާ އަލްބަމްގެ ޕްރޮޑިއުސަރު ޔާސިރަށް ޖަވާބުދާރީ ވަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“އާނ ވިސާމް. މިގުޅާލީ އަހަރުމެންނަށް ވިސާމްގެ އާ އަލްބަމް ނުނެރެވޭނެ ވާހަކަ ބުނެލަން.” ޔާސިރު އާދައިގެ އަޑަކުން ބުނެލި ވާހަކައިން ވިސާމަށް ޝޮކެއް ލިބުނެވެ.
“ވަޓް؟!” ވިސާމަށް ހަރުއަޑުން އަހާލެވުނެވެ. އެވަގުތު ރެސްޓޯރެންޓްގައި ތިބި ބައެއް މީހުންގެ ނަޒަރުތައް ވެސް އޭނައަށް އަމާޒުވިއެވެ.
“ތި އަޑުއިވުނީ ރަނގަޅަށް. ވިސާމް އެންމެ ފަހަކަށް ފޮނުވި ޅެންތަކުގަ އެހާވަރުގެ ކޮލިޓީއެއް ނެތް. އަހަރުމެން ކުންފުނި ރީބްރޭންޑް ކޮށްގެން އެންމެ ފުރަތަމަ ނެރޭ އަލްބަމް ހިޓްވާނެކަމުގެ ޔަޤީންކަން އަހަރުމެންނަށް އޮންނަން އެބަޖެހޭ. އެހެންވީމަ……..” ޔާސިރުގެ ވާހަކަ މެދުކެނޑުނެވެ.
“ވަޓް ދަ ހެލް؟! ޔާސިރު އަމިއްލައަށް އެ ލަވަތައް އެޕްރޫވްކުރީ. ތިހެންނެއް ނެހެދޭނެ ޔާސިރަކަށް. އަހަރުމެން އޮތީ އެއްބަސްވުމެއްގަ ސޮއިކޮށްފަ.” ވިސާމް ހާސްކަމެއްގެ ތެރޭގައި އިނދެ ހަނދާންކޮށްދިނެވެ.
“އެއްބަސްވުމެކޭ؟ ކޮން އެއްބަސްވުމެއްގެ ވާހަކަތަ ތި ދައްކަނީ؟ އަހަރުމެންގެ މެދުގަ އޮތް އިތުބާރެއްގެ ސަބަބުން މިފަހަރު އެއްބަސްވުމެއް ނެތަސް އޯކޭ ވާނެއޭ ބުނީ ވިސާމް އަމިއްލައަކަށްނޫންތަ؟” ވިސާމް ދެއްކި ވާހަކައެއް ޔާސިރަކަށް ނޭނގުނު ފަދައެވެ. ހަމަ އެވަގުތު ވިސާމް ވެސް ހިނދުކޮޅަކަށް އޮޅުން އެރިއެވެ. ޔާސިރަކީ ޙަޤީޤަތުގައި ވެސް އޭނަ އިތުބާރު ކުރާ ފަރާތަކަށްވާތީވެއެވެ. އެހެނަސް އެ އެއްބަސްވުމުގައި ސޮއި ކުރެވުނު ހަނދާން އިއްޔެ ވީ ކަމެއްހެން ހަނދާންވުމުން ވިސާމް އިތުރަށް ވާހަކަ ދެއްކިއެވެ.
“ނޯ…….ވީ ޑިޑް ސައިން އަ ކޮންޓްރެކްޓް! އަހަރެން އަތުގަ މިހާރުވެސް އޭތި އޮންނާނެ.” ވިސާމް ސާބިތުކަމާއެކީ ބުނެލިއެވެ. އެއާއެކު ޔާސިރު ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. ވިސާމަށް ޙަމްދަރުދީވާ ފަދައަކުންނެވެ.
“ވިސާމަށް ތިހެން ހީވަންޏާ އެންމެ ރަނގަޅު. މި މައްސަލަ ޙައްލުވަންދެން ދުވަސްކޮޅަކަށް މަޑުކޮށްފާނަން ޝިއާފްގެ އަލްބަމް ނުނެރެ. ހީ އިޒް ރިޕްލޭސިންގް ޔޫ.” ޔާސިރު އެންމެ ފަހަކަށް ބުނެލި ވާހަކައިން ވިސާމްގެ މެއަށް ނުބައި ގޮތެއް ވީ ހިނދު އޭނަގެ ނިތަށް ރޫ ގިނަވިއެވެ. ޝިއާފްގެ ނަން އިވިފައި ވިސާމްގެ ހަނދާނަށް ވަގުތުން އައީ މެހެނާޒާއި ޝިއާފާއި ދެމެދު ބަދަލު ކުރެވިފައި ހުރި މެސެޖުތަކެވެ. ހަމަ އެއާއެކު މި ވީ ގޮތް ނަގައިގަނެވުމުން އޭނަ ވަގުތުން ފޯނު ކަނޑައި ގެއާއި ދިމާލަށް މިޞްރާބު ޖެހިއެވެ.
ވިސާމް އެޕާޓްމެންޓްގެ ދޮރުން ވަދެ ވަގުތުން އޭނަ ޔާސިރާއިއެކީ ވި އެއްބަސްވުމުގެ ލިޔުންތައް ފެނޭތޯ އުޅުނެވެ. ކޮޓަރިއަށް ގޮސް އޭނަގެ ކިޔަވާ މޭޒު ކައިރީގައި ހުންނަ ކަބަޑަކުން ނެގި ފައިލް ހުޅުވާލިއިރު އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ވޭތުވެ ދިޔަ އަހަރުގެ އެއްބަސްވުމެކެވެ. ވިސާމް ރަނގަޅަށް ބަލާލިއިރު އެ ފައިލްގައި މި އަހަރުގެ އެއްވެސް ލިޔެކިޔުމެއް ނެތެވެ. ހަމަ އެއާއެކު އޭނައަށް ދެދަތްޕިލަ ޖައްސައި މެހެނާޒްގެ ނަން ކިޔާލެވުނެވެ. އޭނަ މެހެނާޒްގެ ނަންބަރަށް ވަގުތުން ގުޅާލިއެވެ. ފޯނު ކަންފަތުގައި ޖައްސާލިތަނާހެން އެ ފޯނު ނިވާލެވިފައިވާ ވާހަކަ އިވެން ފެށުމުން ވިސާމްގެ ދަތްކުނޑި ވިކުނެވެ. އޭނަ 10 ވަރަކަށް ފަހަރު އެ ފޯނަށް ގުޅުމުން ވެސް އެއްޖަވާބެއް ލިބުމުން އޭނައަށް ފޯނު އަތުގެ ކޮޅަށް ހޫރާލެވުނެވެ. މެހެނާޒްގެ ގާތަށް ގޮސްގެން ވެސް ދެން އެ އެ ލިޔެކިޔުންތައް ނުލިބޭނެކަން ޔަޤީންވުމުން ވިސާމް ކޯޓާއި ހަމައަށް އެ މައްސަލަ ގެންދިޔައީ އޭނައަށް އިންސާފު ލިބޭނެކަމަށް ހީކޮށެވެ.
އެހެނަސް ބޮޑު އަގު ދީފައި ވަކީލަކު ގެނެސްގެން ވިސާމަށް ގެއްލުމެއް ނޫނީ ނުލިބުނެވެ. އޭނައާއި އެއްކޮޅަށް ހުރި ހެކިތައް މަދުވުމުން އެންމެނަށް ވެސް ޤަބޫލުކުރެވެމުން ދިޔައީ ޔާސިރު ދައްކަމުން ދިޔަ ވާހަކަތަކެވެ. މެހެނާޒް ވެސް އެއްދުވަހު ކޯޓަށް ގެނައުމުން އޭނައަށް މި މައްސަލައާއި ބެހޭގޮތުން އެއްވެސް ކަމެއް އެނގޭކަމަކަށް ނުވިއެވެ. ވިސާމްގެ ކޮޅު ދެރަވަމުން ދިޔަދިޔަހެން ޔާސިރު އަދި އިތުރަށް ވެސް އޭނައަށް ފައިސާ ލިބޭނެ ގޮތަށް އޭނަ ވިސާމަށް އެޑްވާންސެއް ދިން ވާހަކަ މައްސަލައިގެ ތެރެއަށް ގެނައެވެ. އެ މައްސަލަ ނިމުނުއިރު ވިސާމްގެ އަތުން ލައްކައިން ލާރި ގެއްލިގެން ދިޔައެވެ.
މައްސަލައިގެ އެންމެ ފަހު އަޑުއެހުން އޮތްދުވަހު ވިސާމް ގެއަށް އައީ ނާކާމިޔާބީގެ އިޙްޞާޞްތަކުން ފުރިގެންވި ހިތަކާއެކީގައެވެ. އޭނަ ހަމަ އެދުވަހު މިޝްކާ ބެލުމަށްޓަކައި އޭނަ ގެނެސްފައިހުރި ބިދޭސީ އަންހެން މީހާވެސް ވަޒީފާއިން ވަކިކުރަން ޖެހުނީ، އޭނަ އަތުން ދުވަހަކުވެސް ފައިސާ މަދު ނުވާވަރަށް ފައިސާ މަދުވުމުންނެވެ. އަދި އެ ފައިސާ އިތުރުވެގެންދާނެ އަލިމަގެއް އޭނައަށް ކައިރިން ފެންނަން ނެތީތީވެއެވެ.
މިޝްކާ ބަލާނެ އިތުރު މީހަކު ނެތުމުން ވިސާމް ގިނަ ވަގުތު ގޭގައި ހޭދަކުރަން ޖެހުނެވެ. އޭނަ އެކަމާމެދު ޝަކުވާއެއްނުކޮށް އާ ޅެންތައް ލިޔެވޭތޯ ބެލިއެވެ. އެހެނަސް ޙާލަތް ބަދަލުވެފައި އޮތް ގޮތުންނާއި އެދުވަހު އޮޅުވާލުމަށްޓަކައި ވިޔަސް ޔާސިރު އޭނަގެ ޅެންތައް ދަށްކޮށްލި ގޮތުން ވިސާމް އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރުކޮށްފައިވެއެވެ. އެހެންކަމުން އޭނައަށް އާ ޚިޔާލުތައް ގެންނަން އުނދަގޫވުމުން ވެސް އޭނަގެ ހިތާއި ސިކުނޑި އިތުރަށް ހާސްވަމުން ދިޔައެވެ. އޭނަ ފައިސާއަށްޓަކައި ޚާލިދުބެމެންގެ އެހީއަށް އެދެން ބޭނުމެއްނުވީ އޭނަ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން ބޭނުންވީތީވެއެވެ. އަދި އަމުދުން އޭނަ ޚާލިދުބެމެންނާއި ނުގުޅާތާ އެތައް ދުވަހެއްވެފައިވުމުން އޭނައާއި އެމީހުންނާއި ދެމެދު މިހާރު ގުޅުމެއް އޮންނާނެހެނެއް ވެސް ހިއެއްނުވެއެވެ. އެހެންކަމުން ވިސާމް ވަޒީފާއެއް ލިބޭތޯ އެކިތަންތަނަށް ސިޓީލާން ފެށިއެވެ. އާ ޙަޔާތެއް ފެށުމަށްޓަކައި އޭނަ ޢަޒުމް ކަނޑައެޅި ހިނދު އަދި އޭނަގެ ދުޝްމިނުންގެ އެންމެ ބޮޑު ރޭވުން ފުރިހަމަ ނުވެ އޮތްކަމެއް އޭނަ ނުދެނެ ހުއްޓެވެ.
އެއްދުވަހަކު ގެއިން ހުސްވި ބައެއް އެއްޗެހި ގަނެލުމަށްޓަކައި ވިސާމް މިޝްކާ އުރާލައިގެން ގެއިން ނިކުތެވެ. ފައިސާ މަދުވުމުގެ ސަބަބުން އޭނަ ކާރުވެސް ވިއްކާލާފައިވީތީ އޭނަ ދަތުރުކުރަން ޖެހެނީ ފައިމަގުގައެވެ. އެހެނަސް އެގޮތަށް ކަންތައް ކުރާތާ ހަފްތާތަކެއް ފަހުން ވިސާމް މުޅިންވެސް އެކަމަށް ހޭނުނެވެ. ދުއްވުމުގެ ބަދަލުގައި އޭނަގެ 7 މަހުގެ ދަރިފުޅަށް ހުރިހާ ސަމާލުކަމެއް ދެވޭތީ އޭނައަށް އުފާކުރެވުނެވެ. މިޝްކާ އުރާލައިގެން ދާއިރު އަދިވެސް އެ އަނގައިގައި ކުޅު ނުހިފެހެއްޓޭތީ އިރުއިރުކޮޅާ ވިސާމް ކުޑަ ރުމާކޮޅަކުން ކުޅު ފޮހެދޭން ޖެހެއެވެ. އޭނަ ކޯތާފަތް ދިއްކޮށްލުމުން މިޝްކާ ކުޅާއި އެކީގައި އޭނައަށް ބޮސްދޭ ގޮތުން ފަކުރު ގަތުމުގެ ބަދަލުގައި އޭނައަށް ހުނުން ނޫންކަމެއް ނުކުރެވެއެވެ. އާދައިގެ މަތިން އެދުވަހުވެސް ވިސާމް މާލޭގެ މަގެއްގެ ޕޭވްމެންޓްމެންޓް މަތިން ހިނގާފައި ދިޔައީ މިޝްކާއަށް ލޯބިކުރަމުން ހެމުންނެވެ. އާދައިގެ މަތިން އެވަގުތު އޭނަގެ ސިކުނޑީގައި އެއްވެސް އެހެން ފިކުރެއް ނެތެވެ. އޭނަގެ ވަށައިގެންވި އެއްވެސް މީހަކަށް ވެސް އޭނަގެ ސަމާލުކަން ދެވިފައެއް ނެތެވެ. އުފާވެރިކަމުން ފުރިފައިވި ހިތަކާއެކީ ވިސާމް ފިހާރައަކަށް ވަންނަން އުޅުނުތަނާހެން މީހަކު ހަޅޭއްލަވައިގަތް އަޑާއެކީ ނުހަނު ބާރުމިނެއްގައި ކޮންމެވެސް އެއްޗެއް އޭނަގެ ބޮލުގެ ފުއްކިބައިގައި އައިސްޖެހުނެވެ. ހަމަ އިސާހިތަކު އޭނަގެ ބޯ އަނބުރައި ގަތް ހިނދު މިޝްކާ ރޮއިގަތް އަޑު އިވުނެވެ. އޭނައަށް މިޝްކާގެ ގައިގައި ބާރަށް ހިފަހައްޓާލެވެން އުޅުނީ އެ އަތުން ވާގިދޫވާން އުޅުނުހެން ހީވުމުންނެވެ. އެހެނަސް އެހެން ނެހެދެނީސް އޭނައަށް ވީނުވީއެއްނޭނގި އޭނަ ބިންމައްޗަށް ވެއްޓުނެވެ.
ވިސާމަށް ދެން ހޭލެވުނުއިރު އޭނައަށް އޮވެވުނީ ހޮސްޕިޓަލެއްގެ އެނދެއްގައެވެ. ހޭލެވުނުތަނާހެން އޭނަ ތެދުވަން އުޅުނެއްކަމަކު މުޅި ގައިގައި ރިއްސަން ފެށީތީ އެކަމެއް ނުކުރެވުނެވެ. ހަމަ އެއާއެކު އޭނަގެ ބޮލުގައި ބެންޑޭޖެއް އެޅި އަތުގައި ދަގަނޑު ބޭސްގަނޑެއް އެޅިފައިވިކަން އޭނައަށް އެނގުންވިއެވެ. އޭނަ ދެފަރާތަށް ނަޒަރު ހިންގާލިއިރު އެ ވޯޑުގައި އެހެނިހެން މީހުންވެސް ތިބިތަން ފެނިފައި އޭނައަށް ވީ ކިހިނެއްތޯ އޭނައަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. މާ ގިނައިރެއްނުވެ އޭނަގެ ބޮލަށް އެރި ތަދާއެކީ މިޝްކާ ރޮއިގަތް އަޑު ކަންފަތުގައި ގުގުމާލިހެން ހީވި ވަގުތު ހިތަށް ވެރިވި ބިރުވެރިކަމާއެކީ މިޝްކާގެ ނަމުން ގޮވައި އޭނައަށް ލުއްކެއްޖަހައި ތެދުވެވުނެވެ. އެވަގުތު އެ ވޯޑުގައި ތިބި އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. އޭނަގެ އެނދާއި ޖެހިގެން ހުރި ބަލި އެނދުގެ ކައިރީގައި ހުރި ނަރުސް ކުއްޖަކު އޭނައާއި ވާހަކަ ދެއްކިއެވެ.
“އެކުއްޖާއަށް މާ ބޮޑު ގެއްލުމެއް ނުލިބޭ. މަންޒަރު ދުށް މީހަކު ބުނީ ވިސާމަށް މިޝްކާގެ ގައިން ދޫކޮށްލެވުނީ ބިމަށް ތިރިވީ ފަހުންނޭ. އެހެންވީމަ މަޑުމަޑުން ގޮސް ބިންމަތީގައި ޖެހުނީ. ވިސާމަށް ޙަމަލާ ދިން މީހުން މިޝްކާއަށް އެއްވެސް ގެއްލުމެއްނުދޭ.” ނަރުސް ކުއްޖާ ކިޔައިދިނެވެ.
“މި…މި……މިޝީ ކޮބައިތަ؟” ވިސާމް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ފެންކަޅިވެފައިވާ ދެލޮލާއެކީ އަހާލިއެވެ.
“ކުޑަކުދިންގެ ވޯޑް…ގަ.” ނަރުސް ކުއްޖާގެ ޖުމްލަ ފުރިހަމަ ވެސް ނުވަނީސް ވިސާމް އޭނަގެ ދަގަނޑު ބޭސްގަނޑު ތެރެއިން ނިކުމެފައި ހުރި އިނގިލިތަކުން އަނެއް އަތުގައި ހުރި އައިވީ ނައްޓަން ފެށިތަން ފެނިފައި އެކުއްޖާ ވެސް ހުއްޓުން އަރާ ގޮތްވިއެވެ. އެހެން ނެހެދުމަށް ބުނެލި ވަގުތުން ވިސާމް އުނދަގުލާއެކީ ވެސް އައިވީ ނައްޓާލިއެވެ. އެވަގުތު އެ ދިމާލުން އޭނަގެ އަތުން ލޭ އަންނަން ފެށިއެއްކަމަކު ވިސާމް އެއަކަށް ފަރުވާލެއްނެތި އެނދުން ފައިބައިގެން ގޮސް އެ ވޯޑުން ނިކުތެވެ. ފައިގައި ރިއްސަމުން ދިޔައެއްކަމަކު އެ ތަދަށް ވުރެ މިޝްކާއަށްޓަކައި އޭނަގެ މޭގައި އުފެދުނު ރިހުން ބޮޑެވެ. އަދި އޭނަ ދަންނަ އެ ހޮސްޕިޓަލް ގެ ކުޑަކުދިންގެ ވޯޑަށް ދިޔައެވެ. އެންމެ ފުރަތަމަ ފެނުނު އެނދުގައި މިޝްކާ އޮތްތަން ފެނިފައި ވިސާމް ވަގުތުން އެ ދިމާލަށް ދިޔައެވެ.
އަދި އެ އެނދާއި ހަމަ ކޮށްލަމުން ދެކަކޫ މައްޗަށް ތިރިވެ މިޝްކާއަށް ނަޒަރު ހުއްޓާލިއެވެ. އޭނަގެ ފުރާނަފަދަ ދަރިފުޅު ނިދިފައި އޮތް އިރު އެ ކުޑަ ކަނާތް އަތުގެ ފަލަ މަސްގަނޑުގައި ރަތްކޮށް ރޮނގެއް ހުރިތަން ފެނިފައި ވިސާމަށް ހީވީ އެފަދަ ގޮތަކަށް އޭނަގެ ހިތް ޒަޚަމްވީ ހެންނެވެ. އޭނަގެ ލޮލުން ކަރުނަތައް ފައިބައިގަތް ވަގުތު އޭނައަށް ގިސްލެވެން ފެށިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Assalam’alaikum 🙂 mi bai lasvi kamattakai inthihaa ah maafah edhen. ekamaku mi bai dhigu veema hiy hama jehifa jana mihiry Alhamdhulillah! 😀
This part was reallly beautiful…I love it ?????
Alhamdhulillah! (All praise and thanks belong to Allah) 😀
masha allah…. varah furihama…. 🙂 …. varah kiyaahithun indhaa e nimuny…. ekamu mi bain ves maazy nunimunu dhw….. ehenviyas maazy varah interesting engey jana…. aslu ya ah mi bai ves kuruhen heevany… vedhaane maa kiyaahithun ineema kamah ves ehen heevee…. dhn in bai kiyaahithun keimadhuvefa meenee….. 🙂
hehe……mi bai hama gaimuves kuree bayah vure dhigu 🙂 dhen jana mihen dheythere akun genesdhey mega episode varu nuviyas 😛 maazy nimmeytho mi balany mi busy schedule ga ulhemun ves. mi vaahaka Hijra ah vure dhigu vaanehen heevany. e vaahakaiga 20 vana bain maazy nimunu. maazy nimigen haqeeqathuga vaahaka rangalhah fesheyny. hama jana hithahves naara varah mi vaahakaige maazy dhiguvegen midhany. ey 20 aharu kurin veema kanneynge dho? hehe…….eggothakavves bunaakah nethin dhen anna bayakun maazy nimeyne ey. varah masakkaiy kuraanan nimmeytho In Sha Allah. Ey maazy ah fahu dhen hury jana varah liyanves hiyvvaa kahala baithah In Sha Allah 😀
Wow
Alhamdhulillah! 😀
Maasha allah v reethi mi bai vs?. Aneh part kiyaa hithun?
Alhamdhulillah! 😀 dhen oiy bai tuesday ga In Sha Allah 🙂
MaashaAllah, vvv reethi, ekamaku komme dhuvahaku up koladheeba please
Alhamdhulillah! 🙂 Alhey komme dhuvahaku genesdheveykah nethey Freedom. fb post thah liyamun jana ah vaahaka genesdheveyne emme avas muhdhathaky dhedhuvahun ehdhuvas. 🙂
Wa’alaikum salaam?
Mee visam mamma kiyaidhey maazee dhw? Thankolheh lahun up vyma maa rangalhah handhaan nei.. Jana, mi part ves hama habeys Ingey.. ? koniraku aneh part??
handhaanuga bahattahchey mariyam. Rasheeda kiyaidheny 😀 Male’ ga mihingaa kanthah Rasheeda ah engeny kihinekkan engeyne dhen oiy bayakun In Sha Allah. ebai angaara dhuvahu 🙂
FB Post:
As I was reaching the end of the last episode, I kept remembering an ayah from Suratul Kahf.
Wa lam thakun lahoo fiathun yansuroonahoo min dhoonillaahi wamaa kaana munthasiraa.
“And there was for him no company to aid him other than Allah, nor could he defend himself.” Suratul Kahf, ayah 43
This ayah is actually part of a story in Suratul Kahf. The story about a gardener who was rich and well off because he owned 2 gardens. But he had lost sight of the fact that those gardens and luxuries were only given to him by Allah swt. As a result he became arrogant about what he had and he talked down to his fellow gardener who was poorer than him. He started to think that his gardens will never perish and the Day of Judgement will never come. Then one day, his gardens were encompassed with such a ruin that he regretted the attitude he had.
Just like that gardener, we might have our own “gardens”. Be it a big house, a car, a device or an entire business. And we could become arrogant because of them. Those things that we are proud of can make us love this world to a point that we might want to think that there is no such thing as a Day of Judgement. Some of us might even think that even if the Hour comes, we will be given something much better than the garden of this world in the Hereafter. But that’s a delusional thought. And that very thought could be the reason we get encompassed by ruin. May Allah safeguard us. Ameen!
But what I find really beautiful about this ayah is that it gives us hope, even though it sounds depressing at first glance. It says “And there was for him no company to aid him OTHER THAN Allah.” Which means that even if we face a hard time in life, and even if there is no one to help you that you can see, Allah is always there for you. If you could turn to turn to Allah and sincerely ask for His help, He will send you His aid. And who could be a better helper, than the One Who Owns everything in the skies and the Earth and has complete control over everything?
http://tanzil.net/#trans/en.sahih/18:32
mi page ah ziyaaraiy kollun edhen. 🙂 jana vaki like eh beynumeh noon. like dheefa evves post eh nukiyanya eyge evves beynumeh neh hen jana ah heevany. ehen veema mihaathanah nukiyaa huri post thah ves kiyai e video thah balaalumaky jana ge varah bodu edhumeh. kureefaharuhen mifaharuves vaahakaige vaki hisaabakun fb post thah vaahaka aa gulhi laamehigen dhaane vaahaka bunelan In Sha Allah 🙂
https://www.facebook.com/Asr-1445208739121696/
Jana ….. Alhugadah bunedhevafaanathoa Jana akee muslimethoa nooni moderate muslimethoa?
Jimee: haadha ehen kahala suvaalekey… Jimee ah heevany kihinehtha? 🙂 neynge thi basthakun seedha javaabeh dheykah. engey kamaky jana aky ves mi deen ungenen masakkaiy kuramundhaa kujjekkan. Quran aai sunnah ithurah engen dhuvahun dhuvahah masakkaiy kuraa kujjekkan. adhi e dhe ehchehin saabithuvaa komme kameh hithun ruhumun kuran edhey kujjekkan. 🙂 dhen mi kanthakah balaafa Jimee ah engeyny jana dhaany theegein kon category akakkan. 🙂
Al hamdh lillah n masha allah, v reethi mi baives, jazakallah khairan jana..
Mashaa Allah vv reethi ???
When next part uploading??????