Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ހަތާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 3, 2017 9 Mins Read
28 Comments

އަދި އެ އެނދާއި ހަމަ ކޮށްލަމުން ދެކަކޫ މައްޗަށް ތިރިވެ މިޝްކާއަށް ނަޒަރު ހުއްޓާލިއެވެ. އޭނަގެ ފުރާނަފަދަ ދަރިފުޅު ނިދިފައި އޮތް އިރު އެ ކުޑަ ކަނާތް އަތުގެ ފަލަ މަސްގަނޑުގައި ރަތްކޮށް ރޮނގެއް ހުރިތަން ފެނިފައި ވިސާމަށް ހީވީ އެފަދަ ގޮތަކަށް އޭނަގެ ހިތް ޒަޚަމްވީ ހެންނެވެ. އޭނަގެ ލޮލުން ކަރުނަތައް ފައިބައިގަތް ވަގުތު އޭނައަށް ގިސްލެވެން ފެށިއެވެ. އޭނަގެ ޙަޔާތް މިފަދަ ފައްތަރަކަށް އަންނަންޖެހުނީ ކީއްވެ ހެއްޔެވެ؟ ދާދި އިހަކަށް ދުވަހު އޭނަ އުޅުނީ ދުނިޔޭގައި އެއްވެސް ހިތާމައެއް ތަޙައްމަލުކުރަން ނުޖެހޭ މީހެއްގެ ގޮތުގައެވެ. ނަމަވެސް އެދުވަހާއި މި ދުވަސް ހާދަ ތަފާތެވެ. އޭނައަށް އޭނަގެ މަޝްހޫރުކަމާއި މުއްސަނދިކަން ނުހިއްފެހެއްޓުނު ތާނގައި އޭނައަށް އޭނަގެ ދަރިފުޅުވެސް ދުޝްމިނުންގެ ވަކިތަކުން ސަލާމަތެއް ނުކުރެވުނެވެ. އޭނަ އެހީއަކަށް ވެސް އެދޭނީ ފަހެ ކާކު ކައިރިން ހެއްޔެވެ؟ ޚާލިދުބެމެންނާއި ގުޅުން ހީނަރުވެގެން ދިޔަ ހިނދު އޭނަގެ މަންމަވެސް މިއަދު އޭނައަށް ނަފްރަތު ކުރާނެކަމަށް ވިސާމްގެ ހިތް ބުންޏެވެ. އެވަގުތު އޭނަގެ މޭގައިވި ރިހުން ތޫނުވެ އޭނައަށް އިތުރަށް ރޮވެން ފެށިއެވެ. އެ ހިނދު ބޭރުން ބަންގި ގޮވާއަޑު އިވެން ފެށުމުން ނޭނގޭ ސަބަބަކާހުރެ ވިސާމްގެ ރުއިން ހުއްޓުނެވެ. ތަކުރާރުކޮށް ﷲ ގެ އިސްމުފުޅު އިވެން ފެށުމުން އޭނަގެ މެއަށް ގޮތެއްވިއެވެ. ފުރަތަމަ ފަހަރަށް ބަންގީގެ އަޑު އިވިފައި މަންސޫރުގެ ބަދަލުގައި ވިސާމްގެ ހަނދާނަށް އައީ އޭނަގެ ބައްޕައެވެ. ބައްޕަ ކުރީގައި ވިޔަފާރިއެއް ހުޅުވައިގެން އުޅެނިކޮށް ވަރަށް ބޮޑު ވައްކަމެއްގެ ސަބަބުން މުޅި ވިޔަފާރި ބަނގުރޫޓުވެގެން ދިޔަ ދުވަސްވަރެވެ. ފިހާރަ ބަންދު ކުރި ދުވަހުވެސް ބައްޕަ ނުހަނު އުޖާލާވި ހިނިތުންވުންތަކާއެކީ ހުރިހާ ނަމާދަކަށް ވަގުތުން ގޮސްފައިވެއެވެ. އެކަމާމެދު ވިސާމް ޙައިރާންވެގެން ބައްޕައަށް ހެވެނީ ކީއްވެތޯ ސުވާލުކުރިއެވެ.

 

“ހެހެ…….ދަރިފުޅާ ވިސާމް! މި ދުނިޔޭގަ އުޅޭއިރު ދިމާވާ އެކަހަލަ ކަންތައްތަކާމެދު ދެރަވާންވެއްޖެއްޔާ މުޅި ޢުމުރު ހޭދަކުރަން ޖެހޭނީ ހިތާމައިގަ. އެއީ މި ދުނިޔޭގައި އަހަރުމެން ކިތަންމެ ބޭނުމެއްނުވިޔަސް ހިތާމަތަކާ ކުރިމަތިލާންޖެހޭނެތީ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަން ލައްވަވާފައިވާ ގޮތް. އަހަރުމެން ޖެހޭނީ ހިތާމަވެރިކަމުގައިވެސް އަދި އުފާވެރިކަމުގައި ވެސް އެކަލާނގެއަށް ވަކީލުކުރަން. އަދި އެކަލާނގެ އެންގެވި ގޮތަށް އުޅެވޭތޯ ބަލަން. އެހެން އުޅެވިއްޖެއްޔާ އަހަރުމެންނަށް ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ. އަދި ދުޢާކޮށްފިނަމަ އެކަލާނގެ އެހީވެސް އަހަރުމެންނަށް ލިބޭނެ އިރާދަކުރެއްވިއްޔާ. އެހެންވީމަ ދަރިފުޅު އަބަދުވެސް ދުޢާ ކުރައްޗޭ. ވަކިން ޚާއްސަކޮށް ދެރަކަމެއް ދިމާވިއްޔާ. އޭރުން ބައްޕައަށް ހަމަ ޔަޤީން ދަރިފުޅަށް ވެސް ހިތާމައެއް ދިމާވާ ދުވަހަކުން މިގޮތަށް ހެވިލާފަ ހުރެވިދާނެކަން.” ބައްޕަގެ ބަސްތައް ވިސާމްގެ ސިކުނޑީގައި ގުގުމާލި ވަގުތު ބޭރުން އިވެމުން ދިޔަ ބަންގި ނިމެމުން ދިޔައެވެ. ބައްޕަގެ ވާހަކަތައް ހަނދާނަށް އައުމުން ވިސާމަށް މައްޗަށް ނަޒަރު ހިންގާލެވުނީ ދުޢާއެއްކުރަން ހިތަށް އެރުމުންނެވެ. ނަމަވެސް ހަމަ އެވަގުތު މަންސޫރުގެ ހަރުކަށި އަޑު އޭނަގެ ކަންފަތުގައި ގުގުމާލިއެވެ.

 

“ކަލޭ ދާނީ ހަމަ ނަރަކައަށް! ކަލޭ ތި ކުރާ ހުރިހާ ކަމެއްގެ ޢަޒާބު މި ދުނިޔޭގަ ވެސް ކަލެއަށް ލިބޭނެ!!” މަންސޫރު އެހެން ބުނެލީ ވިސާމް ހަރުއަޑުން ނަމާދަށް ދާން އިންކާރު ކުރުމުން އޭނަގެ ކަންފަތުގައި ހިފައި އަނބުރާލަމުންނެވެ. އެ ހަނދާން އާވެފައި ވިސާމަށް އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. މަންސޫރު އެ ބުނީ ތެދެކޭ އޭނަގެ ހިތަށްއެރިއެވެ. އޭނައަށް މި ލިބެނީ އޭނަ ކުރާ ނުބައި ކަންތައްތަކުގެ ޢަޒާބެވެ. އޭނައަށް ކަނޑައެޅިފައިވަނީ ނަރަކައެވެ. އޭނައަށް ﷲ ގެ ރުހިވޮޑިގަތުން ލިބުމަށް ވަނީ ވަގުތު ފާއިތުވެފައެވެ. ދީންވެރި އެހެން މީހުން ވެސް އޭނައާއިބެހޭ ގޮތުން ނޫސްތަކުގައި ލިޔެވިފައި ހުންނަ ލިޔުންތަކަށް ކޮމެންޓްކޮށްފައި ހުންނައިރު އޭނަ ދާނީ ނަރަކައަށޭ ބުނެފައި ހުންނަ ގޮތުން އެކަން ސާބިތުވެއެވެ. އެ އެންމެން އެކީގައި ރުޅިވެރިކަމާއެކީ އެހެން ބުނާނީ އެއީ ޙަޤީޤަތަކަށްވީމަ ނޫންހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ ވިސާމަށް އިސްޖަހާލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު ދުޢާކުރުމުގެ ޚިޔާލުމަތިން ހަނދާން ނައްތާލަމުން އޭނައާއި އޭނަގެ ދަރިފުޅުގެ ސަލާމަތަށްޓަކައި އޭނައަށް އެޅިދާނެ ފިޔަވަޅުތަކާމެދު ވިސްނަން ފެށިއެވެ. އެންމެ ފުރަތަމަ ވެސް އައްޑޫއަށް އަނބުރާ ދާންވީ ކަމަށް އޭނަގެ ހިތް ބުންޏެވެ. އެހެނަސް މަންސޫރުމަތިން ހަނދާންވެފައި ވީ ފޫހިން އޭނައަށް ފުސްމޫނު ހެދުނެވެ. ވަގުތުން އެ ޚިޔާލު ބަދަލުކޮށް އޭނަގެ އެޕާޓްމެންޓްގެ ސެކިއުރިޓީ ސިސްޓަމް ވަރުގަދަ ކުރަން ވިސާމް ނިންމިއެވެ. ނަމަވެސް އެކަމަށްޓަކައި ވެސް ފައިސާ ބޭނުންވާނެކަން އެނގުންވުމުން ވިސާމްގެ މޫޑު ޚަރާބުވިއެވެ. ކޮންމެއަކަސް އޭނައަށް ދެން އެންމެ އަވަހަށް ލިބޭ ވަޒީފާއިން ލިބޭ ފުރަތަމަ މުސާރައިން އެކަން ކުރަން ވިސާމް ނިންމިއެވެ.

.

މިޝްކާ ހޮސްޕިޓަލުން ދޫކުރެވުނު ދުވަހު ވިސާމްގެ އެދުމުގެ މަތިން އޭނަ ވެސް ދޫކުރެވުނެވެ. ގެއަށް ގޮސް ވިސާމް ވަގުތުން އިންތިޒާރު ކުރަން ފެށީ އިންޓަވިއުއަކަށްޓަކައި އޭނައަށް ގުޅާލާނެ އިރަކަށެވެ. މާ ގިނަ ދުވަހެއްނުވެ 3 ތަނަކުން އޭނައަށް ގުޅިއެވެ. އޭނަ އިންޓަވިއުތަކަށް ދާން ފެށީވެސް މިޝްކާ ގޮވައިގެންނެވެ. މިޝްކާ އެކަނި ބަހައްޓާފައި ދާން އޭނައަށް ލާހިކެއްނޫނެވެ. ފުރަތަމަ ފަހަރު ޙަމަލާ ނުދިނަސް އޭނައަށްޓަކައި އޮތް ނަފްރަތެއްގެ ސަބަބުން އެ މީހުން މިޝްކާއަށް ވެސް ކަމެއްކޮށްފާނެ ކަމަށް އޭނަގެ ހިތް ބުނަނީއެވެ. މިޝްކާ ބެލުމަށްޓަކައި އަވަށްޓެރިއަކާ ޙަވާލުކުރަން ވެސް ޖެހިލުންވީ އެ މީހަކީ ވެސް އޭނަގެ ދުޝްމިނުންގެ ޖާސޫސަކަށް ވެދާނެކަމަށް ހީކުރެވުނީތީވެއެވެ. އޭނަ މިހާވަރުން ވަޒީފާއެއް ލިބުނަސް ދާނީ ކިހިނެއްތޯ ހިތް ސުވާލުކުރަމުން ދިޔައެއްކަމަކު އެކަމާމެދު ފަހުން ވިސްނުމަށް ނިންމަމުން ވިސާމް އެ އިންޓަވިއުތަކަށް މިޝްކާއާއެކީ ވަނެވެ. އޭނަގެ ޙާލަތް ކިޔައިދިނުމުން ހުރިހާ އޮފީހެއްގެ ވެރިން ވެސް މިޝްކާ އިންޓަވިއު ކުރެވޭ ރޫމުގައި ބަހައްޓަން އެއްބަސްވިއެވެ. ވިސާމް އިންޓަވިއުތަކުގައި ޖަވާބުތައް ދެމުން ދިޔައީ ސާބިތުކަމާއެކީގައެވެ. އެހެނަސް އިހަކަށް ދުވަހު ކަންތައް ވީގޮތުން އެންމެންގެ ފަރާތުން އަމާޒުވި އެއްޒާތެއްގެ ސުވާލަކުން ވިސާމްގެ އަނގަ ބަންދުވާ ގޮތްވިއެވެ.

 

“ވިސާމްއާ ކޮންމެވެސް ޕްރޮޑިއުސަރަކާމެދު އެއްބަސްވުމެއްގެ މައްސަލައެއް ޖެހުނު ވާހަކަ އަޑުއިވުނު. އެ ކޭސް ވިސާމް ހުށަހެޅީވެސް އިތުރަށް ފައިސާ ހޯދަން ކަމަށް އަޑު އެބައިވޭ. މިއީ ކިހާވަރެއްގެ ޙަޤީޤަތެއްތޯ؟” ފުރަތަމަ އިންޓަވިއުގެ މެދުތެރެއިން ޕްރައިވޭޓް ކުންފުނީގެ ވެރިޔަކު ވިސާމާއި ސުވާލުކުރިއެވެ. އެއާއެކު އޭނަ ހިސާބަކަށް ހުއްޓުން އެރިއެވެ. ނަމަވެސް މާ ގިނަ އިރެއްނުވެ އޭނަ ހުރިހާ ވާހަކައެއް ސީދަލަށް ކިޔައިދިނެވެ. އެހެނެއްކަމަކު އެ މައްސަލަ ނިމުނީ ޔާސިރުގެ ކޮޅު މޮޅުވަމުން ކަމަށް އެ ވެރިން ބުނަމުން ދިޔަ ގޮތުން އެމީހުންނަށް އޭނައަށް އިތުބާރު ނުކުރެވެނީކަން ވިސާމަށް އެނގުންވިއެވެ. އެކަމާމެދު ހިތްވަރު އެލުނު ގޮތުން އިންޓަވިއުގައި ދެން ކުރެވިގެން ދިޔަ ސުވާލުތަކަށް ވިސާމަށް މާ ރަނގަޅު ޖަވާބުތަކެއް ނުދެވެއެވެ. ނަތީޖާއެއްގެ ގޮތުން އެތައް ދުވަހެއްވީއިރު ވެސް އޭނައަށް ވަޒީފާއެއް ލިބޭ ގޮތެއްނުވިއެވެ.

 

އެ އަހަރުގެ ރަމަޟާން މަސް ފެށުނުއިރު ވިސާމްގެ ބޭންކް އެކައުންޓްގައި ވީ އެންމެ ދިހަ ވަރަކަށް ހާސް ރުފިޔާއެވެ. އެހެންކަމުން ވިސާމްގެ މުޅި ރަމަޟާން މަސް ހޭދަވެގެން ދިޔައީ ހާސްކަން މަތީގައެވެ. އާދައިގެ މަތިން އޭނަ ހުރީ ރަމަޟާން މަހު ދުވާލު ނުކައި އެއްވެސް އަޅުކަމެއް ނުކޮށެވެ. ފައިސާގެ ދަތިކަމުން އޭނައަށް ރަނގަޅީވެސް އެއްޗެއް ކެއުމަށްވުރެ ނުކެއުމެވެ. މިފަދަ ގޮތަކަށް ވިސާމް އެ ބަރަކާތްތެރި މައްސަރު ވޭތުކޮށްލީ ﷲ ގެ އެހީއަށް އެދެން ހިތަށްވެސް އެރުވުމެއްނެތިއެވެ. އޭނަ އިޚްލާޞްތެރިކަމާއެކީ ތައުބާވެއްޖެނަމަ ﷲ އޭނަގެ ރިޒްޤު ތަނަވަސްކޮށްދެއްވާނެކަން ނޭނގިއެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި އޭނަގެ ހުރިހާ ލާރިއެއް ހުސްނުވަނީސް އައްޑޫއަށް ފުރަން ވިސާމް ނިންމިއެވެ. ދިރި ހުރުމަށްޓަކައި ސަލާންޖެހުމެއްނެތި އުޅެވިދާނެ އެހެން ގޮތެއް އޭނައަށް ނުފެނުމުންނެވެ.

 

އައްޑޫއަށް ފުރުމަށްޓަކައި ވިސާމް ތައްޔާރީތައް ވާންފެށީ ޢީދު ދުވަހުއެވެ. އެދުވަހު އޭނައަށް ވިސްނެމުން ދިޔައީ ރަށަށް އަނބުރާ ދިޔުމުން ކަންތައް ވާނެ ގޮތަކާމެދުގައެވެ. މަންސޫރު އޭނައަށް ނަފްރަތު ކުރާނެކަމީ ޔަޤީންކަމެކެވެ. މަންސޫރު އޭނަ އެގެއަށް ވަނަދޭނެ ކަމެއްވެސް ނޭނގެއެވެ. އެގޮތަށް މަންސޫރު ކަންތައް ކޮށްފިނަމަ މަންމަ ފަރާތު ބޮޑުބޭބެމެން ގެއިން ވެސް އޭނައަށް ޖާގައެއް ލިބޭނެހެނެއް ހިއެއްނުވެއެވެ. މަންމައާނުލާ އެ ގެ އެކި މީހުންނަށް ބަހައި ނިންމާލީ ވިސާމްވެސް އައްޑޫގައި ހުއްޓައެވެ. ވީއިރު މަންސޫރު ބުނާ ގޮތަށް ކަންތައް ކުރުން ނޫންގޮތެއް އޭނައަށް ނެތެވެ. މަންސޫރު ނުބުންޏަސް އޭނަ ދެން ނަމާދު ކުރަން ފަށާނީއެވެ. ނޭނގޭ ސަބަބަކާހުރެ ނަމާދުކުރުމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެއީ ބައްޕަ ބުނިހެން ނަމާދުކޮށް ދުޢާކުރުމުން އެފަދަ އުފާވެރިކަމެއް ލިބޭތޯ ބެލުމަށްޓަކައި ކަންނޭނގެއެވެ.

 

އެކިއެކި ވިސްނުންތަކެއްގައި ހުރެ ވިސާމް އޭނަގެ ގަމީސްތައް ފަށްޖަހައި ކޮޓަރީގެ އެނދުމަތީގައި ހުރި ފޮށްޓައް އަޅަމުން ދިޔައެވެ. އެވަގުތު އެ އެނދުގެ ބޮލާކޮޅުގައި ހުރި ބާލީހެއްގެ މައްޗަށް ބޮލާއި ކޮނޑު އަރުވައިގެން ކުޑަކުޑަ މިޝްކާ ނިދިފައި އޮތެވެ. މުޅި ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން ވިސާމް ކުއްލިއަކަށް ސިއްސައިގެން ދިޔައީ އެޕާޓްމެންޓްގެ މައިދޮރުގައި ބަޔަކު ބާރަށް ތަޅައިގަތް އަޑަށެވެ. ހަމަ އެއާއެކު ވިސާމޭ ކިޔައި އެއްޗެހި ގޮވައިގަތް އަޑުވެސް އިވުނެވެ. ހިތަށްވެރިވި ބިރުވެރިކަމާއެކީ ވިސާމަށް ވަގުތުން ބަލާލެވުނީ މިޝްކާއަށެވެ. އެވަގުތު މިޝްކާ ކުޑަކޮށް ލޯ ހުޅުވިފައި އޮތެވެ. ބޭރުން އިވެމުން ދިޔަ އަޑު މެދުނުކެނޑުމުން ވިސާމް ދެ ޚިޔާލެއްގެ މަތީގައި ހުރެ މިޝްކާއަށް ބަލަމުން ބަލަމުން ގޮސް ކޮޓަރިން ނިކުމެ ދޮރު ލައްޕައި އެ ދޮރު ތަޅުލިއެވެ. އެއަށްފަހު ދިގު ފިޔަވަޅުތަކެއްގައި ގޮސް އެޕާޓްމެންޓްގެ ދޮރު ބޮޑުކޮށް ހުޅުވާލިއެވެ.

 

“އަހަރުމެންގެ ދަރިފުޅު މަރާލީ ކަލޭ!!!!” ކުއްލިއަކަށް އެޕާޓްމެންޓްގެ ތެރެއަށް ވަތް އަންހެނަކު ހަޅޭއްލަވައިގަތް ގޮތުން ވިސާމްގެ ހިތް ދުވަހަކުވެސް ބިރުނުގަންނަ ވަރަށް ބިރުގަތެވެ. އޭނައަށް އެ މީހާގެ ސޫރަވެސް ނަގައިގަންނަން ހިނދުކޮޅެއް ނެގިއެވެ. އެއީ އޭނަ ނުދަންނަ މެދުޢުމުރުގެ އަންހެނެކެވެ. އެ އަންހެން މީހާގެ ފުރަގަހުގައި ހުރީ ކޮން ފިރިހެނެއްކަން ވެސް ވިސާމަކަށް ނޭނގެއެވެ. އެހެނަސް އެ ފިރިހެން މީހާގެ މޫނުމަތީގައި ވެސް ވީ ހިތާމަވެރިކަމާއި ރުޅިވެރިކަމެވެ.

 

“އަހަރެން ކަލެއާ އިންނަން ނާޒްއަށް ހުއްދަދިނީ ކަލެއަށް ވަރަށް އިތުބާރުކޮށްފަ. މިހާރު އެކަމުގެ މޮޔަހީވޭ! ދޫކޮށްލާފަ ވެސް ހިތް ނުފުރުނީމަތަ ކަލޭ ނާޒް މަރާލީ؟!!!” އެ ފިރިހެން މީހާ ހަރުވަމުން ދިޔަ އަޑަކާއެކީ ކުރި ސުވާލުން ވިސާމްގެ ދެލޯ ބޮޑުވެ މުޅި މީހާ ގަނޑުވިއެވެ. އެ މީހާގެ ފަހު ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަން ފެށި ވަގުތު މިއީ ހުވަފެނެއްހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނަގެ ފަރާތުން ޖަވާބެއް ނުލިބުމުން އެ ފިރިހެން މީހާ އައިސް އޭނަގެ ގިރުވޯނުގައި ހިފަހައްޓާލަމުން ޖަވާބެއް ދޭށޭ ކިޔައި ހަޅޭއްލަވައިގަތުމުން މިއީ ޙަޤީޤަތެއްކަން އޭނައަށް ޔަޤީން ކުރެވުނެވެ. މެހެނާޒް ހަމަ އަސްލުވެސް ދުނިޔެ ދޫކޮށް ދިޔައީ ހެއްޔެވެ؟ އޭނައަށް ދެން ދުވަހަކުވެސް މެހެނާޒް ނުފެންނާނީ ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ އޭނަގެ ކުރިމަތީގައި ހުރި މަންމަގެ ކަރުނަތައް ފެނިފައި ވިސާމްގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ. މެހެނާޒަކީ އޭނަގެ ޙަޔާތުގައި ވެސް ބޮޑުބައެއް އަދާ ކުރި ފަރާތެކެވެ. މި ޚަބަރުން އޭނަގެ ހިތަށް އަސަރުނުކޮށް ނުދިޔައީ އެހެންވެއެވެ. އެހެނަސް މެހެނާޒް މަރުވީ ކިހިނެއްތޯ ހިތް ސުވާލު ކުރި ވަގުތު މިޝްކާ ރޮއިގަތް އަޑު އިވުނެވެ. ހަމަ އެއާއެކު ފިރިހެން މީހާ ވިސާމްގެ ގިރުވޯނުން ދޫކޮށްލި ހިނދު އަންހެން މީހާގެ ވެސް ރުއިން ހުއްޓުނެވެ.

 

“އެއީ……އަހަރުމެންގެ ނާޒްގެ ދަރިފުޅު، ދޯ؟” ފިރިހެން މީހާ އެހެން ބުނެލަމުން ބަލާލީ އަންހެން މީހާއަށެވެ. އަންހެން މީހާ ހިނދުކޮޅަކަށް ހުރެފައި ކުއްލިއަކަށް ބޯޖަހަން ފެށިއެވެ. އެއަށްފަހު އެދެމީހުން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. އެމީހުންގެ ޙަރަކާތްތަކަށް ގެއްލިފައި ހުރި ވިސާމަށް ހިނގައިގަނެވުނީ އޭގެ ސިކުންތުކޮޅެއް ފަހުންނެވެ. އެހެންކަމުން އޭނައަށް ވުރެ ކުރިން އެމީހުން އެކޮޓަރީގެ ދޮރު ހުޅުވައި ކޮޓަރިއަށް ވަދެފިއެވެ. ވިސާމް ބަލަބަލާ ހުއްޓާ އެ އަންހެން މީހާ މިޝްކާ އުރާލައިފިއެވެ. އެއިން މިޝްކާގެ ރުއިމުގެ އަޑު ހަރުވުން ނޫންކަމެއް ނުވިއެވެ.

 

“މި ދަރިފުޅު ދެން އުޅޭނީ އަހަރުމެންނާއެކީ!” މިފަހަރު އަންހެން މީހާ ބުނެލި ވާހަކައިން ވިސާމް ހުއްޓުން އެރި ވަގުތު އޭނަގެ ހިތުގައި ނުރުހުންތެރިކަމެއްވެސް އުފެދުނެވެ. އެ ނުރުހުންތެރިކަމުގައި އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ނޫން!” ވިސާމް ސާބިތުކަމާއެކީ ބުނެލީ ހަމައެކަނި އެހާވަރަށެވެ.

 

“ނޫނެކޭ ކިޔާނެކަމެއް ނެތް! ނާޒް ގޮތަށް މި ކުއްޖާވެސް މަރާލަ……” ފިރިހެން މީހާ ދައްކަން ފެށި ވާހަކަ މެދުކެނޑުނީ ވިސާމް ހަޅޭއްލަވައިގަތުމުންނެވެ.

 

“އެ ނާޒަކު ބޭނުންވީ މި ކުއްޖާ މަރާލަން. މަށެއްނޫން! ތި ކުއްޖާ ތިހާވަރު ކޮށްފަ ތިހިރީ ހަމައެކަނި މަގޭ ހިތްވަރުން.” ވިސާމް އެންމެ ފަހު ބަސްތައް ބުނެލިއިރު އޭނަގެ ދެލޯ ފެންކަޅިވެ ރަތްވެފައިވިއެވެ.

 

“ދޮގު ހަދާނެކަމެއްނެތް. މި ދަރިފުޅު ބަލާނީ އަހަރުމެން. މިއީ ކަލެއަށް މި ކުއްޖާ ފެންނާނެ އެންމެ ފަހު ދުވަސް!” އަންހެން މީހާ އެހެން ބުނެލަމުން މިޝްކާއާއެކީ ކޮޓަރިން ނިކުންނަން ދިޔައެވެ. ވިސާމް ގަދަކަމުން މިޝްކާ ފޭރިގަންނަން އުޅުނު ވަގުތު އަނެއްކާވެސް ބޭރުން ބަޔަކު މީހުން ހަޅޭއްލެވި އަޑު އިވުނެވެ. މިފަހަރު ނާޒްގެ ޤާތިލަކީ ކޮބައިތޯ އަހާފައެވެ. އެޕާޓްމެންޓްގައި އަޑުގަދަ ވެގެން ދިޔަ ގޮތުން ބައިވަރު މީހުން އައިއްސިކަން ކޮޓަރީގައި ތިބި އެންމެނަށް އެނގުނެވެ. ތިން މީހުން އެކީގައި ހެން ކޮޓަރީގެ ދޮރު މައްޗަށް ދިޔަތަނާހެން ޙަމަލަދޭ އެކި ސާމާންތަކާއެކީ ބޮޑު ގޭންގެއް ފެނިގެން ދިޔައެވެ. އެމީހުންނަށް ވިސާމް ފެނުމާއެކު އޭގެ ތެރެއިން މީހަކު އެހެރީ އޭ ބުނެލި އަޑު އިވުނެވެ. ހަމަ އެއާއެކު އެމީހުން ވިސާމާއި ދިމާލަށް އަންނަން ފެށިއެވެ. ވިސާމްގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެއްކަމަކު އޭނައަށް ހިރިލާކަށް ނޭނގުނެވެ. ހާސްވާންވީ އަމިއްލަ ނަފްސާއިމެދު ކަމެއް ނޫނީ ރޮމުން ދިޔަ މިޝްކާއާމެދު ކަމެއް އޭނައަކަށް ނުވިސްނުނެވެ. އޭނަ ހުރިގޮތަށް ހުއްޓާ އަންހެން މީހާ ވާހަކަ ދެއްކިއެވެ.

 

“މިހިރީ އޭނަ! މީނަ ތަޅާ މަރާލާ. އަހަރުމެން މިދަނީ!” އަންހެން މީހާ ވިސާމަށް އެހެން ބުނެ މިޝްކާއާއެކީ ދާން ހިނގައިގަތެވެ. އެ މީހާގެ ފަހަތުން ފިރިހެން މީހާވެސް ދިޔައެވެ. އެވަގުތު ރޮމުން ދިޔަ މިޝްކާ އަންހެން މީހާގެ ކޮނޑުމަތިން އޭނައާއި ދިމާލަށް އެ ކުޑަ އަތްދިއްކޮށް “ބައްބާ” އޭ ކިޔައި ގޮވާލި ހިނދު ވިސާމްގެ ލޮލުން ކަރުނަތައް ފައިބައިގެންއައެވެ. އޭނަ ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނުތަނާހެން މީހަކު އައިސް އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލައި އޭނަ ބިންމައްޗަށް ވައްޓާލިއެވެ. އެއަށްފަހު ވިސާމަށް ހަމަޖެހިލާނެ ފުރުޞަތެއް ނުލިބި ފުލުފުލުން އޭނައަށް އަނިޔާތަކެއް ލިބެން ފެށިއެވެ. އެދުވަހުވެސް އޭނައަށް އެންމެ ފަހުން ވީނުވީއެއް ނޭނގި ހޭނެތުނެވެ.

 

މިފަހަރު ހޭލެވުނުއިރު ވިސާމަށް އޮވެވުނީ ހޮސްޕިޓަލުގެ އެނދެއްގައެއް ނޫނެވެ. އޭނައަށް އޮވެވުނީ އެފުށްމިފުށަށް ޖެހިފައި ހުރި އޭނަގެ އެޕާޓްމެންޓްގެ ސިޓިންގް ރޫމުގެ ބިންމަތީގައެވެ. ހޭ އެރުމުން ވިސާމް އުނދަގުލާއެކީ ތެދުވެ ބިންމަތީގައި އަތް ވިއްދާލިއެވެ. ވަށައި ނަޒަރު ހިންގާލުމުން މާ ގިނައިރެއްނުވެ ކަންވީ ގޮތް އޭނަގެ ހަނދާނަށް އަންނަން ފެށިއެވެ. އެ ހުރިހާ މަންޒަރެއް ލޮލަށް ސިފަވަމުން ގޮސް މިޝްކާ އޭނައަށް ގޮވާލި އަޑު ކަންފަތުގައި ގުގުމާލުމުން އޭނައަށް ވައި އަޑުން މިޝްކާގެ ނަން ކިޔާލެވުނެވެ. ހަމަ އެއާއެކު ނުވެސް ދަންނަ ދެމީހެއްގެ އަތަށް އޭނަގެ ދަރިފުޅު ގެއްލިއްޖެކަން އެނގުންވީ ހިނދު ވިސާމްގެ މޭގައި ރިހުމެއް އުފެދި އޭނަގެ ދެލޯ ކަރުނުން ފުސްވިއެވެ. މާ ގިނައިރެއްނުވެ އޭނަގެ ނޭވާ ކުރުވެ އޭނައަށް ގިސްލެވެން ފެށިއެވެ. މޭގައި ވި ރިހުން ތޫނުވެ އެއަށްދެން ކެތްނުކުރެވޭނެހެން ހީވުމުން ވިސާމަށް މޭމަތީގައި އަތްއަޅައި ހަޅޭއްލަވައިގަނެވުނެވެ. އެހެނަސް އެ އަޑު އަހާނެ އެކަކުވެސް އެގޭގައި ނެތެވެ. އެހެންކަމުން ވިސާމަށް އެތައް އިރެއްވަންދެން އިންތާ ރޯން އިނދެވުނެވެ. އޭނަގެ ރުއިން ހުއްޓުނީ ކުރީ ފަހަރު އޭނައަށްޓަކައި ވަކީލުކަން ކުރި ވަކީލު މަތިން ހަނދާންވުމުންނެވެ. ފުލުހުންނަށް ގުޅިޔަސް ވަކީލަކާނުލާ މި މައްސަލަ ޙައްލު ނުވާނެކަން އޭނައަށް އެނގުންވިއެވެ. އެ ނުދަންނަ ދެމީހުންނަކީ މެހެނާޒްގެ މަންމައާއި ބައްޕަހެން ހީވުމުންނެވެ. ހަމަ އެއާއެކު އޭނަ ވަގުތުން އުނދަގުލާއެކީ ހިނގަމުން ގޮސް އޭނަގެ ފޯނު ފެނޭތޯ ބެލިއެވެ. ނަސީބަކުން އޭތި އޭނަގެ ކޮޓަރީގެ ތެރޭގައި ސަލާމަތުން އޮތެވެ. އޭނަ އެ ވަކީލަށް ގުޅާލިއެވެ.

 

“ނިޒާމް، މި….މިޝްކާ ކޮންމެވެސް ބަޔަކު ގެންގޮއްސި. ހީވަނީ އޭނަގެ މާމައާއި ކާފަހެން. ޕްލީޒް އަހަންނަށް އެހީވެދީބަލަ. އަހަރެން ފަހުން ދުވަހަކުން ޕޭއިކޮށްދޭނަން.” ވިސާމް ރޮވިފައިވާ އާދޭހުގެ އަޑަކުން އޭނަގެ އެކުވެރިޔާ ގާތު އެދުނެވެ.

 

“އޮފް ކޯސް ސޭމް. އަހަންނަށް ހީވަނީ އަދި މެހެނާޒް މަރާލިކަމުގެ ތުޚުމަތުވެސް ވިސާމްގެ ބޮލުގަ އެޅުވޭނެހެން. އެއީ ތެދެއްތަ ސޭމް؟” ނިޒާމް އަހާލިއެވެ. ވިސާމް ވަގުތުން ނޫނެކޭ ބުނެ އެދުވަހު ހިނގިހާ ކަންތައް އޭނަގެ ވަކީލަށް ކިޔައިދިނެވެ. ނިޒާމް އެދުވަހު ފޯނު ކަނޑާލީ އޭނަ ދެ މައްސަލައިގައި ވެސް ވިސާމަށް އެހީވާނެކަމުގެ ޔަޤީންކަން ދެމުންނެވެ.

 

ނިޒާމާއި ވާހަކަ ދެއްކުމަށްފަހު ވިސާމް ފުލުހުންނަށް ގުޅާލަން އުޅުނުތަނާހެން ފުލުހުން އޭނަގެ އެޕާޓްމެންޓަށް އައެވެ. އޭނައަށް އެއްވެސް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުލިބި މެހެނާޒްގެ މަރުގެ ތަޙުޤީޤަށްޓަކައި އޭނަ ހައްޔަރު ކުރެވިގެން ދިޔައެވެ.

 

އެއަށްފަހު އަނެއްކާވެސް ވިސާމްގެ ޙަޔާތުގައި ފެށިގެން ދިޔައީ އެކި އަޑުއެހުންތަކުގެ ބާބެކެވެ. މިފަހަރު އެ އަޑުއެހުންތައް ވެގެން ދިޔައީ އޭނަގެ ހިތަށް ދަތިވާ ފަދަ އަޑުއެހުންތަކަށެވެ. އޭނަ މެހެނާޒް މަރާލިއޭ ބުނެ އެކި މީހުން ވާހަކަ ދައްކަމުން ދިޔައިރު އޭނަ އޭނަގެ އަނބިމީހާ މަރާލަންވީ ކީއްކުރަންތޯ އޭނަގެ ހިތް ސުވާލުކުރަމުން ދިޔައެވެ. ހަމަ އެވަގުތު މެހެނާޒް މަރުވީ ކިހިނެއްތޯ ތަކުރާރުކޮށް އެ ހިތް ސުވާލުކުރަމުން ދިޔައެވެ. ޒަޚަމްވެފައި އޮތް މެހެނާޒްގެ ފޮޓޯތައް މިހާތަނަށް އައިއިރު އޭނައަށް ވެސް ފެނިފައިވެއެވެ. އެހެނަސް އެހެންވީ ކިހިނެއްހެއްޔެވެ؟ ހިތުގެ ކަނެއްގައި އެ ސުވާލު އޮތް އިރު އެ ހިތުގެ އަނެއްފަޅި މިޝްކާއާއިމެދު ކަންބޮޑުވަމުން ދިޔައެވެ. އެ އަންހެން މީހާއާއި ފިރިހެން މީހާ ކޯޓުން ފެންނަ ކޮންމެ ފަހަރަކު އެމީހުން މިޝްކާ ގެންގުޅެނީ ކިހިނެއްތޯ އޭނަގެ ހިތަށްއަރައެވެ. ކޮންމެ ގޮތެއްވިޔަސް އެ މައްސަލަ ނިމިގެން ދިޔައީ އޭނަގެ ކޮޅު މޮޅުވަމުންނެވެ. އެ ދެ ބީރައްޓެހިން ވިސާމާއި ދެކޮޅަށް ދައްކަމުން ދިޔަ ވާހަކަތަކަށް އެއްވެސް ހަރުދަނާ ހެއްކެއް ނެތުމާއެކު ވިސާމް މިނިވަންވިއެވެ. އަދި އެ މީހުން އެ ކުއްޖާއަށް ގޯސްވެދާނެކަމަށް ނާޒިމް ސާބިތުކޮށްދޭންފެށީ މިޝްކާ ވިސާމަށް ހޯދައިދިނުމަށެވެ. އެކަމުގެ ހެއްކަަކަށްޓަކައި އެމީހުން ދުވަހަކުވެސް މިޝްކާ ބަލަން ނާންނަ ވާހަކައާއެކީ އެދުވަހު މިޝްކާގެ މާމަ ވިސާމްވެސް މަރާލުމަށް ބުނެލި ވާހަކަ ނިޒާމް އޮމާންކަމާއެކީ ކިޔައިދިނެވެ. ދެންވެސް އެކަން ސާބިތުވާވަރު ނުވުމުން ނިޒާމް ދޮގު ހެކިތަކެއް ވެސް ދޭންފެށީ ވިސާމް އާދޭސްކުރިވަރުންނެވެ. ނިޒާމް ދޫކޮށްލީ އެ މައްސަލައިގައިވެސް ވިސާމްގެ ކޮޅު މޮޅު ކޮށްދީފައެވެ. އަދި މިޝްކާގެ މާމައަށް ފަހު މަންމަ ފަރާތު މުނިމާމައެއްވެސް އަދި ބޮޑުދައިތަމެން ވެސް ނެތީތީ ނުހަނު އަވަހަށް ވިސާމްގެ އަތުތެރެއަށް މިޝްކާ އަނބުރާ އައެވެ. ހިތާމައަކަށްފަހު ހިތާމައެއް ލިބެމުން ގޮސް އެންމެ ފަހުން ކުޑަވެސް ހިތްހަމަޖެހުމެއް ލިބުމުން ވިސާމަށް ޝުކުރުވެރިވެވުނެވެ. ﷲ އަށް ޝުކުރުވެރިވާން ހިތަށްއެރިއެއްކަމަކު އޭނަ މިކަން ކާމިޔާބު ކުރީ އެކަލާނގެއަށް އުރެދިގެންކަން އެނގުމުން އޭނަގެ ހަަމަޖެހުން ގެއްލުނެވެ. ހަމަ އެއާއެކު އޭނައަށް މެހެނާޒްގެ މަންމައާއި ބައްޕައާއި ސުލްޙަވެ އޭނައާއިއެކީ އުޅުމަށް އެދެވުނުނަމައޭ ހިތަށްއެރިއެވެ. އެހެނަސް އެމީހުން އައިސްފައިވި ރުޅިއެއްގެ ސަބަބުން އެމީހުން އެގޮތަށް އެއްބަސްނުވާނެކަން ޔަޤީންވުމުން ވިސާމް އެކަމުގެ މަތިން ހަނދާން ނައްތާލިއެވެ. އަދި ނިޒާމަށް ހުރިހާ ޝުކުރެއް އަދާކޮށްލިއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިމުމާއެކު ވިސާމް އިތުރަށް މަޑު ކުރުމެއްނެތި މިޝްކާއާއެކީ އައްޑޫއަށްދާން ފުރިއެވެ. މާލޭގައި އޭނައަށް ކުރިމަތިވި ހުރިހާ އަނިޔާތަކެއްގެ ސަބަބުން އޭނަ މާލޭމަތިން މުޅިން ފޫހިވިއެވެ. އެހެނަސް އައްޑޫގައި ވެސް އޭނަދެކެ ލޯބިވާނެ މީހަކު ހުންނާނެކަމަށް ވިސާމަކަށް ޤަބޫލެއް ނުކުރެވުމުން އޭނަ ދިރިއުޅުން މަތިން ވެސް ފޫހިވާ ގޮތްވިއެވެ.

 

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ރަޝީދާ އިނީ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެންނެވެ. ކުރިމަތީގައި ހުރި ޓީވީ ޖައްސާލެވިފައިވިއެއްކަމަކު އޭނަގެ ނަޒަރު ހުއްޓިފައިވީ ކުރިމަތީގައި ހުރި މޭޒުމައްޗަށެވެ. އެ މޭޒުމަތީގައި އެކި ނޫސްތައް އެހެން މިހެން ތިބި އިރު އެ ޞަފްޙާތަކުގައިވީ ވިސާމާއިބެހޭ ޞުރުޙީތަކެވެ. ކޮންމެވެސް ފޮޓޯއެއްގައި ވިސާމް ހިތާމަވެރި މޫނެއްގައި ހުރިތަން ފެނިފައި ރަޝީދާގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އޭނަ ވިސާމަށްޓަކައި ކަރުނަ އެޅި މިންވަރު ވިސާމަށް އެނގޭނެނަމައޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. ވިސާމާއި ޔާސިރުގެ މައްސަލަ ޖެހުނު ވާހަކަ ޚަބަރުން އިވުނީއްސުރެ ރަޝީދާ ދިޔައީ ވިސާމަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ. އެހެނަސް އޭރު އެ ނަންބަރުގެ ޚިދުމަތް ކަނޑާލެވިފައިވި ވާހަކަ އިވެން ފެށުމުން ރަޝީދާ މާލެއަށް ދާން ބޭނުންވިއެވެ. އެހެނަސް މަންސޫރު އެކަން މަނާކުރިއެވެ. ނުވިތާކަށް ވިސާމްދެކެ ލޯބިވެގެން އުޅުނު ހަފްސާއާއި ޚާލިދު ވެސް ވިސާމާއި އެހީ ވާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭރު އެމީހުންނަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިގެން އުޅޭތީވެއެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި ރަޝީދާއަށް އޭނަގެ ދަރިފުޅަށްޓަކައި ދުޢާކޮށް ރުއިން ނޫންކަމެއް ނުކުރެވުނެވެ. އޭނަގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބެނީ އެންމެ މޮޅު ރައްކާތެރިއަކީ ﷲ ކަން ހަނދުމަކުރުމުންނެވެ.

 

ރަޝީދާ އިންގޮތަށް އިންދާ ބެލް ޖެހި އަޑު އިވުނެވެ. އެވަގުތު ނޯކަރެއް ފެންނަން ނެތީތީ ރަޝީދާ އަމިއްލައަށް ތެދުވެގެން ގޮސް އެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އިންތިހާޔަށް (3ވަނަ ބައި)

Next

ވަފާތެރި މަވީމޭ.. -4

Next
January 4, 2017

ވަފާތެރި މަވީމޭ.. -4

Previews
January 3, 2017

އިންތިހާޔަށް (3ވަނަ ބައި)

28 Comments!

  1. Jana says:
    January 4, 2017 at 12:00 am

    Assalam’alaikum. mi bai in adhi saafeh nuvaane Rasheeda ah maazy ge small details engunu goiy. adhi ekan saafuvaane vaahaka bunelan In Sha Allah. dhen maazy ga othy emme maigandu haadhisaa eh. ehenvyma dhen anna bayakun maazy nimeyne kamuge yageenkan dhen In Sha Allah 🙂

  2. Sanii says:
    January 4, 2017 at 12:04 am

    Masha Allah. Live this story aloadx. :*

  3. Sanii says:
    January 4, 2017 at 12:05 am

    Masha Allah. Love** this story aloadx. :*

    1. Jana says:
      January 4, 2017 at 11:08 am

      hehe……Alhamdhulillah! (All praise and thanks belong to Allah) 🙂

  4. Ya says:
    January 4, 2017 at 12:35 am

    Masha allah…. ☺ varah furihama mi bai ves…. nidhi nidhi ovva fenuny vahaka up vefa inthan…. nukiyaa lolah nidhi naannaanekan engunyma mi kiyaaly…. varah kiyaahithun meenee next episode…. maai allah jana kuramun thidhaa bura masakkathugaa batakaii lavaashi…. ameen….☺ jana ah dheefaanan hiyaaleh… dhn liyaa vahakaeh ninmaafa up kuran fashaany…. eyrun jana ah kudakoh lui vaanenu…. ☺ ya ge hithuga mi vahaka oi shaugegge bodukamun mihen mi kiyeny ves…. dhn in bayah inthizaaru kuraa haalu mirey dhn nidhan ulhemaa hingaa dhw….. baajjaveri reygandakah edhen jana ah….. ☺

    1. Jana says:
      January 4, 2017 at 11:11 am

      innaa….jana aa hedhi nidhaakahves noavevey dho? really sorry. aslu jana avahah up kuri nama ehen nuvees dho 🙁 avas kureveytho eba balan In Sha Allah. ya thee varah rangalhu khiyaaleh ingey. ekko nimmaalaafa up kureema jana ah fb post thah ves miavvure furihama ah genesdheveyne hen heevany In Sha Allah 😀 dhen oiy bai buraasfathi dhuvahu In Sha Allah. ya thi kuri dua gai jana ves baiverivan. Ameen! ya ves kuraa komme heyo kameggai Allah barakaaiy lavvaashi. Ameen! 😀

  5. lidhoo says:
    January 4, 2017 at 12:47 am

    Mivaahaka varah reethi konirakun next part

    1. Jana says:
      January 4, 2017 at 11:12 am

      Alhamdhulillah! 🙂 next part thursday ga In Sha Allah 🙂

  6. mariyam says:
    January 4, 2017 at 1:43 am

    Wa’alaikum salaam..Masha Allah….? birun neyvaa hifahahtaalaigen ves hunnan jehunu.. ?
    Ekam aslu egothah kujjaa ge mamma nethiyyaa dhen e kujjaa havaalu vaany mamma faraathu maama akaa noon tha? Eah fahun bappa… Egothah kanneyge kiyevi iru ga Islam fothuga othy..

    1. Xoxo says:
      January 4, 2017 at 9:16 am

      Rangalhu vaahakaeh Islam dheenuga onnanee thi gothah..

    2. Jana says:
      January 4, 2017 at 11:15 am

      jana ves roi roi hure mi bai liyuny 😛 hehehe….mariyam Jazakillah Khairan ingey faahanga kolla dhinythy. Xoxo ves 😀 jana ves shakkegge matheega hure ebai liyuny. aammugothegga varah hoadhaafa jana courtge massalathah migennany. ekamaku rey varah dhanvefa hutta avahah up kuran beynunvythy ehenvy. mihaaru ethankolhu jana hunnaane edit kollaafa ingey? 😀 Alhamdhulillah! 🙂

  7. :-) says:
    January 4, 2017 at 2:09 am

    Love this story even though i dont comment regularly. Masha allah! <3

    1. Jana says:
      January 4, 2017 at 11:15 am

      comment nukuriyas faidhaa eh kuranya e nimuny ingey? 😉 Alhamdhulillah! 😀

  8. Nash says:
    January 4, 2017 at 7:04 am

    Jana mi vahaka thi upload kuraa goi bune dheeba plxx.. hafuthaa aku 1 dhuvahu tha?

    1. Jana says:
      January 6, 2017 at 3:02 pm

      Nash, vaahaka genesdheny dhe dhuvahun ehdhuvahu ingey In Sha Allah 😀

  9. Muzeyyyyyyyyna says:
    January 4, 2017 at 8:09 am

    Mi bai ves hama habeys?dhen anna bai avahah up kohdhehcheyy ingey….i sometimes wonder where your creative idea’s occur from….?

    1. Jana says:
      January 6, 2017 at 3:03 pm

      Alhamdhulillah! 🙂 hehe….well my biggest inspiration is the Quran. mi vaahaka thakaky jana Quranun ungenunu ehcheheege by-products thah. 🙂

  10. saj says:
    January 4, 2017 at 12:03 pm

    Jana thikura hihvarah hama saabas <3<3<3

    1. Jana says:
      January 6, 2017 at 3:04 pm

      Jazakallah Khairan thi dhin hiyvvarattakai 🙂 <3 <3 <3

    2. Saj says:
      January 6, 2017 at 9:39 pm

      Barakallah laki ?

  11. Lynn says:
    January 4, 2017 at 2:41 pm

    Mashallah janaa your the best…vvv ? mi part vezzz..keep going ????????????????????????????????????????????????????????????????????????????????

    1. Jana says:
      January 6, 2017 at 3:06 pm

      Allah is greater and He is the only One Who is Perfect. And whatever talents i have are only given to me by Allah. So no doubt all praise and thanks belong to Him 🙂

  12. kiya says:
    January 4, 2017 at 9:32 pm

    jana….. alhe haadha lahey up kuraaleh…. inthizaaru koh koh halaaku vaafahun thi up kuranee… plx plx thankolheh avahah up kohdhee bala

    1. Jana says:
      January 6, 2017 at 3:06 pm

      varah varah bodah sorry ingey kiyaa. maadhama avahah up kohdheynan In Sha Allah 🙂

  13. Kudakamana says:
    January 4, 2017 at 9:58 pm

    Jazakallah khairan jana! Mi part ves v reethi, masha allah!

    1. Jana says:
      January 6, 2017 at 3:07 pm

      Barakallah Laki. Alhamdhulillah! 🙂

  14. ❓❔❓ says:
    January 5, 2017 at 11:34 pm

    When next part uploading?????

    1. Jana says:
      January 6, 2017 at 3:08 pm

      meethi fenuny up kurifahun ingey. ehaa lasvikamattakai maafah edhen

Comments are closed.

Next Episodeޢަޞްރު (އަށާވީސްވަނަ ބައި)←


All Right Reserved!