Skip to content
އެސްފިޔަ

ޢަޞްރު (ސައުވީސްވަނަ ބައި)

މެހެނާޒަށް މި ޚަބަރު ލިބުމުން އޭނަ ކިހާ އުފާވާނެހޭ ވިސާމްގެ ހިތް ބުނި ހިނދު އޭނައަށް އަނެއްކާވެސް ހެވުނެވެ.

 

ނަމަވެސް ކަންތައްވެގެން ދިޔައީ ވިސާމް ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އެދުވަހު ހެނދުނު 9 ޖަހަން ގާތްވެފައި ވަނިކޮށް މެހެނާޒް ހޭލުމާއެކު ވިސާމް ހެވިފައިހުރެ އޭނައަށް އެ ޚަބަރު ދިނެވެ.

 

“ވަޓް؟!” އިވުނު ވާހަކައިން މެހެނާޒް ކުއްލިއަކަށް ސީދާވެލިއެވެ. އެވަގުތު އޭނަގެ ނިދިބަރުވެފައިވި ލޮލުން ނިދިވެސް ފިލައި އެ ނިތަށް ރޫގިނަވިއެވެ. މެހެނާޒަށް ވީގޮތް ފެނިފައި ވިސާމްގެ ހިނިތުންވުން ފިލައި އޭނަގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

 

“ކް…ކިހިނެއްވީތަ ނާޒް؟ ނާޒް ހެޕީއެއްނޫންތަ؟” ވިސާމް ދެންވެސް ހިނިތުންވާން މަސައްކަތް ކުރަމުން އަހާލިއެވެ.

 

“ހެޕީ؟ އާރ ޔޫ އިންސޭން؟! މިއީ ދެން އުފާކުރަންވީ ވަރުގެ ކަމެއްތަ؟ އޯ މައި ގޯޑް! ދެން އަހަންނަށް ޝޫޓިންގްއަކަށް ވެސް ނުދެވޭނެ.” މެހެނާޒް އެންމެ ފަހު ޖުމްލަ ބުނެލީ އޭނަގެ މޫނުމަތީގައި އެއްއަތް އަޅާލަމުންނެވެ. އެވަގުތު ވިސާމްގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނަ އެހާ އުފާވި ކަމަކަށްޓަކައި މެހެނާޒްގެ ހިތުގައި ރުޅިވެރިކަމެއް ވާކަން އެނގުމުންނެވެ. އެ ރިހުމުގެ ތެރެއިން އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު މެހެނާޒް އޭނަގެ މޫނުމަތިން އަތް ނަގާލަމުން ވާހަކަ ދެއްކިއެވެ.

 

“ނޫން……މިހެން މިކަން ނުވާނެ. އަހަރެން ބޭނުމީ ދަރި ވައްޓާލަން. ސޭމް ކޮންމެވެސް އެއްގޮތަކަށް އެކަން ހަމަ ޖައްސައިދީ.” މެހެނާޒް ބުނެލި ވާހަކައިން ވިސާމްގެ ހިތަށް ވެރިވި ބިރުވެރިކަމާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ. އަމިއްލަ ކަންފަތަށް އިތުބާރު ކުރަން ނޭނގިފައި އޭނައަށް ސިކުންތުކޮޅަކަށް އިނދެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ.

 

“ނޫން.” ވިސާމް ބުނެލީ ހަމައެކަނި އެހާވަރަށެވެ. އޭނަގެ ޖަވާބުން މެހެނާޒްގެ ރުޅި ގަދަވިއެވެ.

 

“ސީރިއަސްލީ ސޭމް! ސޭމް ތިހާ މުސްކުޅި ވިސްނުމެއް ހުންނަންފެށީ ކޮން ދުވަހަކު؟ ދަރިއެއް ބޭނުމެއްނުވަންޏާ ދަރި ވައްޓާލުމަކީ މީހުން މަދުން ކުރާ ކަމެއްނޫ……” މެހެނާޒްގެ ވާހަކަ މެދުކެނޑުނެވެ.

 

“އަހަރެން ބޭނުން މި ދަރިފުޅު.” ވިސާމް މެހެނާޒަށް ބަލަން އިނދެ އަންގާލިއެވެ. ވިސާމްގެ އެ ވާހަކަ އިވިފައި މެހެނާޒް ހުއްޓުން އެރިއެވެ. އެއަށްފަހު އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަން ނެތިދިޔައީ މެހެނާޒް ވިސާމްގެ މޫނުން ނަޒަރު ވަކިކޮށް ފުން ނޭވައެއް ދޫކޮށްލުމުންނެވެ.

 

“އަހަރެން ބޭނުން އެ ފިލްމު ކުޅެން. އަހަންނަށްޓަކައި ޝޫޓިންގް ލަސް ނުކުރެވެންޏާ ވިސާމް ތިހެން ބުންޏަސް އަހަރެންޖެހޭނީ އަހަރެން އަމިއްލައަށް ބަނޑު ދޮވެލަން.” މެހެނާޒް އިންޒާރެއްދޭ ފަދައަކުން ބުނެލިއެވެ. ހަމަ އެއާއެކު ވިސާމް ކުއްލިއަކަށް ކޮޅަށް ތެދުވެލިއެވެ. އަދި ޖިންސްގެ ޖީބުގައި އޮތް ފޯނު ނަގަމުން އެ ޕްރައިވޭޓް ރޫމުން ބޭރަށް ނިކުތެވެ. އެއަށްފަހު މެހެނާޒް އެ ކުޅޭ ފިލްމްގެ ޕްރޮޑިއުސަރަށް ގުޅާލަމުން ޝޫޓިންގް ލަސްކޮށްދިނުމަށް އެދުނެވެ. ވިސާމް އުއްމީދު ކުރިހެން ޕްރޮޑިއުސަރު އެކަމަށްޓަކައި އެދުނީ ފައިސާއަށެވެ. ވިސާމް ވަގުތުން އެ ޝަރުޠު ޤަބޫލުކުރިއެވެ. އަދި އަނބުރާ ރޫމަށްވަދެ މެހެނާޒަށް އެ ވާހަކަތައް ކިޔައިދީފިއެވެ. އެހެނަސް އެއިން މެހެނާޒްގެ މޫނުމަތި އުޖާލާއެއް ނުވެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެއްވެސް ގޮތަކަށް މަންމައަކަށްވާން ބޭނުންނުވާ ފަދައެވެ. މެހެނާޒްގެ ފަރާތުން އެފަދަ ގޮތްގަނޑެއް ފެންނަމުން ދިޔައީ ބަލިވެ އިނުމުގެ ވޭންތަކާމެދު ނުތަނަވަސްވީމަ ކަމަށް ވިސާމަށް ހީކުރެވުނެވެ. އަދި ވިހާ ދުވަސް ކައިރި ވާވަރަކަށް އެހެން މަންމަމެންހެން މެހެނާޒްގެ ހިތުގައި ވެސް އެ ދަރިފުޅަށްޓަކައި ލޯތްބެއް އުފެދިދާނެކަމަށް ވިސާމަށް ހީކުރެވުނެވެ. ނަމަވެސް އެ ވެސް ވެގެން ދިޔައީ ކުށްހީއަކަށެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެދުވަހު ވިސާމާއި މެހެނާޒްގެ ދެމެދުގައި އުފެދުނު ފާރު އުސްވުން ނޫންކަމެއް ނުވިއެވެ. ފަހަކަށް އައިސް އެ ދެމެދުގައި މާ ބޮޑު ވާހަކައެއް ވެސް ނުދެކެވެއެވެ. ފުރަތަމަ ފަހަރަށް ދެ މީހުންގެ ޚިޔާލު މުޅިން ތަފާތުވެގެން ދިޔުމުން ދެން އެ ގުޅުން ރަނގަޅު ނުވާނެހެން ދެ މީހުންނަށް ވެސް ހީވި ފަދައެވެ. އެހެނަސް ވިސާމް އެ ޙާލަތް ވެސް ބަދަލު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ދީނާއިމެދު ކޮންމެ ގޮތަކަށް އޭނަގެ ނަޒަރިއްޔާތު ހުއްޓަސް، އޭނައަކީ ދުވަހަކުވެސް ކައިވެންޏެއް ކޮށްފައި ވަރިވާން ނިންމައިގެން ހުރި މީހަކަށް ނުވާތީވެއެވެ. އެއީ އޭނަ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ފޭލްވާން ބޭނުމެއް ނުވާތީވެއެވެ. އަދި އެހެންނޫނަސް މެހެނާޒްގެ ބަނޑުގައިވި އޭނަގެ ދަރިފުޅަށް ހަރުދަނާ މުސްތަޤްބަލެއް ހޯދައިދޭން ބޭނުންވާތީވެއެވެ. އެހެންކަމުން ވިސާމް އޭނައާއި މެހެނާޒްގެ ދެމެދުގައި ލޯބި އަލުން ދިރުވޭތޯ މަސައްކަތް ކުރިއެވެ. މިގޮތުން ކައިވެނީގެ ކުރީކޮޅު އޭނަ މެހެނާޒަށް ގަނެދިން ކަހަލަ ހަދިޔާތައް ގެނެސްދޭން ފެށީ އެ ދުވަސްތައް މެހެނާޒަށް ހަނދާން ކޮށްދިނުމަށެވެ. ކިތަންމެ ހިތި އިޙްޞާޞްތަކެއް ހިތު ތެރޭގައި ވިއެއްކަމަކު އެ އިޙްޞާޞްތަކުގެ މަތިން ހަނދާން ނައްތައި ހިނިތުންވުންތަކާއެކީ މެހެނާޒާއި ސަމާސާކުރަން ފެށިއެވެ. މެހެނާޒަށް ގޭގެ އެއްވެސް މަސައްކަތެއް ވެސް ކުރަން ޖެއްސުމެއްނެތި ދުވަހަކުވެސް އޭނައަށް އަޅާނުލާ ވަރަށް އަޅާލާން ފެށިއެވެ. އަދި މެހެނާޒް ކާން ބޭނުން ކޮންމެ އެއްޗެއް ކޮންމެ ވަގުތަކު ހޯދައިދީ ކެއުމުގައި އޭނައާއި ބައިވެރިވެއެވެ. މި ހުރިހާ ކަމެއް ކުރެވޭއިރު ވެސް މެހެނާޒްގެ މޫނުމަތިން ފަނޑު ހިނިތުންވުންތަކެއް ފެންނަމުން ދިޔައީތީ ވިސާމްގެ ހިތްވަރު އެލޭ ގޮތްވިއެވެ. އޭގެ ފަހަތުގައިވެސް ވަނީ މެހެނާޒްގެ ބަލިކަމަށް އަމިއްލަ ނަފްސުގާތު ބުނަމުން ވިސާމް ރަނގަޅަށް ވިސްނޭތޯ ބެލިއެވެ. އެހެނަސް……..

 

“ގޯޑް! މަށަށް ހީވަނީ މަށަށް މި އުޅެވެނީ އެ ވިސާމްގެ އަޅެއްގެ ގޮތުގަހެން. އޭނަ ބޭނުންވާ ގޮތަށް މަ ކޮންމެ ކަމެއް ކުރަން މިޖެހެނީ. އޭނަ ދަރި ބޭނުންވިޔޭ ކިޔާފަ މަ މި ޙާލަތަށް ގެނައީ. ކީއްކުރަން އޭނަ ވިސްނަންވީދޯ؟ ހުރިހާ ތުރާލެއްވަނީ މަށަށްވިއްޔާ. އޭނަ އަހަރެންދެކެ ލޯބިވާނަމަ އެހެން ނެހެދީހެއްހެއްނު؟ މަ ވެސް ވަކި ލޯތްބެއްނުވޭ އޭނަ ދެކެ. ކުރިން އޭނަ އުޅުނީ ނުލާހިކު ކޫލްކޮށް. ހިއެއްނުކުރަން އެއީ އެންމެ 21 އަހަރުން ބައްޕައަކަށްވާން ބޭނުންވާނެ ޒާތުގެ މީހެއްކަމެއް. އެކަން އެނގުނުނަމަ އަހަރެން ދުވަހެއްގެ ކޮޅުން ވެސް މި ކައިވެނި ނުކުރީސް!” އެއްރެއަކު ވިސާމް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓާ މެހެނާޒް ފޯނުން ވާހަކަ ދައްކާ އަޑު އިވުނެވެ. ދޮރު ކުޑަކޮށް ހުޅުވިފައި ހުރި ދާއިރާގެ ތެރެއިން ވެސް 6 މަހުގެ ބަނޑާއެކީ އެނދުގައި އިން މެހެނާޒްގެ މޫނުމަތީގައިވި ނުރުހުންތެރިކަން ވިސާމަށް ސާފުވިއެވެ. އެއާއެކު ވިސާމް މާޔޫސްވިއެވެ. އޭނަ ކުރި އެއްވެސް ކަމެއްގެ އަގު މެހެނާޒަށް ވަޒަން ނުކުރެވުނު ކަމަށްޓަކައެވެ. އަދި މި ގުޅުން ދަމަހައްޓަން މެހެނާޒް އެއްގޮތަކަށް ވެސް ބޭނުންނުވާކަން އެނގުމުންނެވެ. މެހެނާޒް އުފާކޮށްދިނުމަށްޓަކައި އޭނަ ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭން ހިނދުކޮޅަކަށް ވިސާމްގެ ހިތަށްއެރިއެވެ. އެހެނަސް އެ ބަނޑުގައިވި ދަރިފުޅަށްޓަކައި އޭނަގެ ހިތުގައި އުފެދިފައިވި ލޯތްބެއްގެ ސަބަބުން އެ ހިތް ވަގުތުން ނޫނެކޭ ކިޔައި ހަޅޭއްލެވިއެވެ. މެހެނާޒް ބުނިހެން އޭނައަކީ ވަކި އެހާ ޒުވާން އުމުރެއްގައި ދަރިއެއް ހޯދަން ނިންމައިގެން ހުރި މީހެއްނޫނެވެ. ނަމަވެސް ކީއްވެކަމެއް ނޭނގެއެވެ. އެ ފުރުޞަތު ލިބުމުން އެ ނިޢުމަތަށް ފުރަގަސްދޭ ހިތް ހަމަ އެއްގޮތަކަށްވެސް ނުވަނީއެވެ. މެހެނާޒަށް މިހެން އިޙްޞާޞް ނުކުރެވެނީ ކީއްވެތޯ ހިތަށް އެރި ވަގުތު އޭނަ ދެންވެސް ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“ހޫނ………ލަމްއަށް ހީވަނީތަ އަހަރެން މިހެން އެއް ފިރިހެނެއްގެ ކައިރީގަ މުޅި ޢުމުރު ދުވަހު ހުންނާނެހެން؟ ނޯ ވޭއި! އަހަރެން ވިސާމާއި އިނދެ އުނދަގުލާއެކީވެސް އޭނަގެ ކުއްޖަކު މި ހޯދަނީ ކުޑަކޮށް މަޝްހޫރުވެލަންވެގެން. އަދި ބަލައްޗޭ. އެ ފާރިސްއަށްވުރެ ވެސް ގޯސް ޙާލަތެއްގަ މި ވިސާމް ދޫކޮށްފަ އަހަރެން ދާނީ. ފާރިސް ވިއްޔާ އަހަރެން އެއްޗެކޭ ބުނީމަ ޤަބޫލު ކުރުމުގެ ކުރިން އެއްފަހަރު ވިސްނާލާ. އެކަމަކު މި ވިސާމް………އެއީ ބޮޑު ގަމާރެއް. އެންމެ ފުރަތަމަ ދުވަހު އަހަރެން ގައިމު އޭނަ ގާތު ދެއްކިން އަހަރެންގެ މަންމައާއި ބައްޕަގެ ވާހަކަ. އެމީހުން އަހަންނާ އަޅާލާ އަހަންނަށް މިނިވަންކަން ދޭ ބައެއްގެ ގޮތުގަ އަހަރެން ސިފަކުރީ. އެކަމަކު ކައިވެނި ކުރި ދުވަހު އެމީހުން މި ކައިވެންޏާ ދެކޮޅޭ ކިޔައި އެމީހުން ނައިމަ ވެސް އޭނަ މައްސަލައެއް ނުޖައްސާ…….އާނއެކޭ! މި ބުނަނީއެއްނު އެއީ ގަމާރެކޭ؟ ހެހެހެހެ………..” މެހެނާޒް ހޭންފެށި ވަގުތު ކޮޓަރިން ބޭރުގައި ހުރި ވިސާމްގެ ހިތަށް އެތައް ޝުޢޫރެއް އެއްފަހަރާ ވެރިވިއެވެ. ލޯ މަތިން އޭނަ މި ހުރިހާ ދުވަހު މެހެނާޒާއެކީ ހޭދަކުރި ދުވަސްތައް ސިފަވެގެން ދިޔުމުން އޭނައަށް ހީވީ އޭނަގެ ލޯމަތީގައި އެޅިފައިވި ނުފެންނަ ފޮތިގަނޑެއް ނެގި އޭނައަށް ޙަޤީޤަތް ކަޝްފުވީހެންނެވެ. ހަމަ އެއާއެކު އެތައް ސުވާލެއް އޭނަގެ ހިތަށް ވެރިވިއެވެ. އޭނައަށް އިނދެވިގެން މިއުޅެނީ ކޮންކަހަލަ ކުއްޖަކާ ހެއްޔެވެ؟ މެހެނާޒް މި ހުރިހާ ދުވަހު އޭނަ ބެހެއްޓީ އަނދިރިގަނޑެއްގައި ހެއްޔެވެ؟ އޭނައަށް ދައްކާލީ ލޯބީގެ ދަޅަތަކެއް ހެއްޔެވެ؟ އޭނަ ގާތު ހުސްވެސް ހެދީ ދޮގު ހެއްޔެވެ؟ އެ ސުވާލުތަކާއެކީ ވިސާމްގެ ހިތް ބާރަށް ތެޅެމުން ދިޔައިރު އޭނަ ހުރީ ބުމަގޮށްޖެހި ދެލޯ ރަތްވެފައެވެ. އޭނައަށް ގޮށްމުއްކަވައި ފާރަށް އެތިފަހަރެއް ވިއްލާލެވުނެވެ. މެހެނާޒް އޭނައަށް ވަނަމުން ގޮވަން ފެށިތަނާހެން ކޮޓަރި ތެރެއަށް ވަދެ އޭނައަކީ ކާކުކަން އަންގައި މެހެނާޒްގެ މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް ވިއްލާލަން ހިތަށްއެރިއެވެ. އެވަގުތު މެހެނާޒް ވަރިކުރުމުގެ ޚިޔާލުވެސް އޭނަ ގަޔާވާ ކަހަލަ ޚިޔާލަކަށްވެގެން ދިޔައެވެ. ނަމަވެސް އޭނައަށް ކުރިއަށް ފިޔަވަޅެއް އެޅުނު ވަގުތު މެހެނާޒް ކުއްލިއަކަށް ތަދުވެގެން ކަހަލަ ގޮތަކަށް އޭނަގެ ބަނޑުގައި އެއްއަތް އަޅާލިއެވެ. އެއާއެކު ވިސާމްގެ ޙަރަކާތްތައް ހުއްޓުނެވެ.

 

“އައުޗް! މިއީ ބޮޑުކަމެއް……ތަދުވާކަށް ވެސް ގަޑިއެއް ގަޑިއެއްނޯވޭ. މަ މި ދަނީ ކުޑަކޮށް ރެސްޓްކޮށްލަން. ބޭއްވީ. ބާއި!” މެހެނާޒް އެހެން ބުނެ ފޯނު ކަންފަތާއި ވަކި ކޮށްލަމުން ވަރުބަލި ގޮތަކަށް ފަހަތަށް ޖެހެމުން އެނދަށް ރަނގަޅަށް އަރަން ފެށިއެވެ. ވިސާމަށް މަންޒަރު ބަލަން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ދެންމެ އޭނަގެ ހިތަށްވެރިވި ރުޅިވެރިކަން އަދިވެސް ވިއެއްކަމަކު އޭގެ ހޫނުކަން ހިސާބަކަށް ފިނިވެފައިވިއެވެ. އޭނަގެ އެ ހިތުގައި އޭނަގެ ދަރިފުޅަށްޓަކައި ވި ލޯބިން އެ އަލިފާންގަނޑު ނިވާލެވުނު ފަދައެވެ. މެހެނާޒަށް ކިތަންމެ ނަފްރަތެއް ކުރިޔަސް އޭނައަށް އެ ދަރިފުޅަށް ނަފްރަތެއް ނުކުރެވޭނެއެވެ. މެހެނާޒް ކިތަންމެ ކުށެއް ކޮށްފައިވިޔަސް އެ ކުއްޖާ ކޮށްފައިވާނީ ފަހެ ކޮންކުށެއް ހެއްޔެވެ؟ ކަން މިހެން އޮތްއިރު އޭނަ މެހެނާޒަށް ކުރާ އަނިޔާއަކުން އެ ދަރިފުޅަށް ގެއްލުމެއްވެއްޖެނަމަ އޭނައަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެއެވެ. އެ ޚިޔާލާއެކީ ވިސާމް ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އޭނަގެ ދަރިފުޅު ވިހަންދެން މިއަދު އޭނައަށް އިވުނު އެއްވެސް ވާހަކައެއް ނުއިވޭ ކަމަށް ހަދަން ނިންމިއެވެ.

 

ކިތަންމެ ބޭނުމެއްނުވިޔަސް އެރެއަށްފަހު މެހެނާޒާއި ދޭތެރޭ ވިސާމަށް ކަންތައް ކުރެވެމުން ދިޔައީ ތަފާތުކޮށެވެ. ކުރިން މެހެނާޒަށް ދިން ފަދަ ލޯތްބެއް އިތުރަށް ދިނުމުގެ ކުޅަދާނަކަމެއް އޭނަގެ ކިބައިގައި ނެތް ފަދައެވެ. އޭނަ ދެންވެސް މެހެނާޒް ބޭނުންވާ އެއްޗެހިތައް ހޯދައިދީ ޑޮކްޓަރަށް ގެންގޮސް ހެދިއެއްކަމަކު މެހެނާޒާއި ވާހަކަ ދައްކަން މާ ބޮޑު މަސައްކަތެއް ނުކުރެއެވެ. މެހެނާޒް ވެސް އެކަމާމެދު މައްސަލަ ނުޖެއްސުމުން އޭނައަށް އެކަން ފަސޭހަވިއެވެ.

 

އޭގެ 3 ވަރަކަށް މަސްފަހުން ސިޒޭރިއަން ހެދުމަށްޓަކައި ވިސާމް މެހެނާޒް ހޮސްޕިޓަލަށް ގެންދިޔައެވެ. އެދުވަހު ވިސާމްގެ ހިތަށް ވެރިވެފައިވި އުފާވެރިކަމުގެ ސަބަބުން އޭނައަށް އާދަޔާ ޚިލާފަށް ވާހަކަތައް ވެސް ދެކެވެމުން ދިޔައެވެ. މެހެނާޒް ސިޒޭރިއަންއާމެދު ނުތަނަވަސްވެގެން ވާހަކަ ދެއްކުމުން ވެސް އެއީ އެއްވެސް ކަމެއްނޫނޭ ކިޔައި އޭނަ މެހެނާޒްގެ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ. މެހެނާޒް ތިއޭޓަރަށް ވެއްދުމަށްޓަކައި އޭނަ އެނދުގައި ބާއްވާއިގެން ގެންދިޔައިރު ވިސާމް އެނދާއެކީ ކުރިއަށް ދިޔައީ މެހެނާޒްގެ އަތުގައި ހިފަހައްޓައިގެންނެވެ. ތިއޭޓަރާއި ހަމަވުމުން ވިސާމް އެއަތަށް ފިތާލަމުން އެއަތުން ދޫކޮށްލިއެވެ. އެއަށްފަހު ތިއޭޓަރުގެ ދޮރު ލެއްޕިގެން ދިޔުމުން ފުން ނޭވައެއް ދޫކޮށްލި ވަގުތު ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތް އޭނައަށް ﷲ މަތިން ހަނދުމަކޮށްދިނެވެ. ދުޢާއެއް ކޮށްލަން ހިތަށްއެރި ވަގުތު އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ ކަހަލަ ނަމާދު ނުކުރާ މީހަކު ކުރާނީ ކޮން ދުޢާއެއްތޯ ސިކުނޑީގެ ކަނަކުން ބުނިތަނާހެން އޭނަ އެ ޚިޔާލު ފޮޅުވާލިއެވެ. އަދި އޭނަގެ ކެތްމަދުވެފައިވާ ހިތާއެކީ އެތާހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނެވެ.

 

އިރުގަނޑެއްފަހުން ކުއްލިއަކަށް އިވެންފެށި ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑު އިވިފައި ވިސާމްގެ ލޮލަށް ވަގުތު ކަރުނަތައް ޖަމާވިއެވެ. އޭނަ ކުއްލިއަކަށް ކޮޅަށް ތެދުވެލަމުން ތިއޭޓަރާއި ދިމާލަށް އެނބުރިލިއެވެ. އޭނަ އެ ދޮރާއި ދިމާލަށް ހިނގައިގަތް ވަގުތު ނަރުސް ކުއްޖަކު ފޮތިގަނޑެއްގައި ލައިގެން އައި ކުއްޖާގެ ސޫރަ ދެކިލަން ކެތްމަދުވިއެވެ. އޭނަ ވަގުތުން މޭމަތީގައި އަތްއަޅައި ތިމަންނަގެއޭ ބުނެލީ އެހެންވެއެވެ. ވިސާމް އެ ދަރިފުޅު އޭނަގެ ދެއަތް މައްޗަށް ނެގީ ނުފަރިތަކަމާއި އެކީގައެވެ. އެއަށްފަހު އޭނަގެ ދަރިފުޅުގެ މޫނަށް ބަލާލުމުން އޭނައަށް އެ ކުޑަކުޑަ މޫނުން ނަޒަރު ވަކިކުރާކަށް ނޭނގުނެވެ. ފުރަތަމަ ނަޒަރުން ދުވަހަކުވެސް ނެތިގެން ނުދާނޭ ފަދަ ޙަޤީޤީ ލޯތްބެއްވެވޭނެނަމަ އެވަގުތު އޭނައަށް ވެވުނީ އެފަދަ ލޯތްބެކެވެ. އެ ކުއްޖާގެ މޫނުގެ ބައްޓަން މެހެނާޒާއި ވައްތަރުވިއެއްކަމަކު އެ ކުޑަކުޑަ ނޭފަތާއި ލޯމަތިން ވައްތަރީ ހަމަ އޭނައާއެވެ. އެ ދަރިފުޅަށްޓަކައި ދުނިޔޭގައި ވީހާ އުފަލެއް އެދޭ ޙާލު ވިސާމް ދަރިފުޅުގެ ނިތަށް ބޮސްދިނެވެ. ފެންކަޅިވެފައިވާ ދެލޮލާއެކީ އެ ދަރިފުޅާއި ދުރުވެލަމުން ވިސާމް އަނެއްކާވެސް އެ ރަތްކުލަ އަރާފައިވި މޫނަށް ބަލާލިއެވެ.

 

“މިޝްކާ.” ވިސާމަށް އެ ނަން ކިޔާލަމުން ހިނިތުންވެލެވުނެވެ. އެއީ އޭނަ އެއްގޮތަކަށްވެސް މެހެނާޒާއި މަޝްވަރާކޮށްފައި ދިން ނަމެއްނޫނެވެ. މެހެނާޒް އެކަމާމެދު މާ ބޮޑު އަޅައެއް ލާނެހެނެއްވެސް އޭނައަށް ހިއެއްނުވެއެވެ. ލިބެނީ އަންހެން ކުއްޖެއްކަން އެނގުނު ދުވަހުއްސުރެ ނަން ހޯދަން ފެށީ އޭނަ އެކަންޏެވެ. އޭނަ އޭނަގެ ދަރިފުޅަށް އެ ނަން ދިނީ އެ ނަން ރީތިވެފައި އޭގެ މާނަވެސް ރީތިވުމުންނެވެ. “މިޝްކާ” އަކީ އަނދިރިވުމުން ބައްތިއެއް ބެހެއްޓުމަށްޓަކައި ގެތަކުގެ ފާރުތަކުގައި އަޑިކޮށް ހަދާފައި ހުންނަ އެއްޗެކެވެ. އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓުމުން އޭގެ ސަބަބުން މުޅި ގެއަށް އަލިކަން ފެތުރިގެން ދާނެއެވެ. މިއަދު ވިސާމްގެ ޙަޔާތަށްވަނީ އަނދިރިކަން ވެރިވެފައެވެ. މި ދަރިފުޅު މެދުވެރިވެގެން އޭނަގެ ޙަޔާތް އަލިވެގެން ދާނެކަމަށް އޭނައަށް އުއްމީދުކުރެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. .....

    Yay me first dhw
    Adhi nuvx kiyan ingey… Ingey reethi vane kan vx

    1. Jana
      .....

      hehe….Alhamdhulillah! (All praise and thanks belong to Allah) 🙂

  2. alma..

    kon iraku maaziy nimeyniy?
    v reethi 🙂

    1. Jana
      alma..

      maazy dhen anna bayakun nimmeytho jana balaanan In Sha Allah. Alhamdhulillah! 🙂

  3. ummu

    Reethi ♥

    1. Jana
      ummu

      Alhamdhulillah! 🙂

  4. Jana

    Assalam’alaikum 🙂 mi bai maa bodah ves kuruveema jana maadhamaa reyves baeh genesdheynan In Sha Allah. 😀 adhi eh vaahaka jana bunelan eba oiy. edhuvahu baeh kiyuntherin jana ge number nulibigen shakuvaa kurumun jana ekamaamedhu admin aa suvaalu kurin. admin buni gothuga admin ah msg thakeh nulibey. eggothakavves neyngey ey keevvekameh. Ehenvyma mivaguthu jana ge faraathun msg eh nulibi thibi kiyuntherinnaky thiya kiyuntheringe number thah admin aa hama ah ves nufoara kiyuntherin. dhen anekka msg eh kollan kanneynge jeheyny admin ah. 🙂 dhimaavi dhathithakattakai maafah edhen…

  5. Jana

    hurihaa kiyuntherin ves mi page ah ziyaaraiy kollun edhen. fb ga noolhey kiyuntherinnattakai fb post thah comment thakuge therein hissa kureveyne In Sha Allah 🙂

    https://www.facebook.com/Asr-1445208739121696/

  6. Aroo

    V reethi mi story masha allah

    1. Jana
      Aroo

      Alhamdhulillah! (All praise and thanks belong to Allah) 🙂

  7. Sheenu

    Konmedhuvahaku upkonnudhenee keeve?. V fooohi. Kiyahithennuvey lasvathy

    1. Jana
      Sheenu

      hama ekani vaahaka eh nooney jana mi genesdheny Sheenu. 🙂 vaahaka thakaa eky vaakaige msgs thah ves genes ebadhen. E msgs thakaa medhu visnan vaguthu dheyn beynunvun dhe dhuvahun ehdhuvahu genesdhinumuge fahathuga vi sababaky. Ekamaku mihaaru mi genesdhey part thah kurukan jana qabool kuran. dhigu kureveytho balaanan In Sha Allah 🙂

  8. Me

    Jana.. Ur da bst?.

    1. Jana
      Me

      whatever good that you see in me is only from Allah. Alhamdhulillah! 😀

  9. Pinker

    Varah reethi…komme dhuvahaku up koh dheyn v nu…

    1. Jana
      Pinker

      komme dhuvahaku up kuriyya vaahakaige msgs thakaa medhu visnan furusathu hanivegen dhaanehen heevaathy mihen mi genesdheny ingey? 🙂 Alhamdhulillah! 😀

  10. ya

    masha allah jana… vahaka varah furihama 🙂 …. v kiyaahithun hutta nimmaaly… ekamu mi baiga quruaan ge mauloomath kolheh nulibunyma dheravehjje …. 🙁 …..

    1. Jana
      ya

      mi bayaa gulhey fb post 25 vana baiga onnaane ingey In Sha Allah 🙂 varah ufaavejje ya Quran ah thihaa shauquveri vaakan engunyma 😀

  11. Kudakamana

    Hey jana, assalaam alaikum, mi part adhi kiriyaa kiyey varumi vee, al hamdh lillah, n masha allah, mi part vesreethi, dhen oiy bayah v keh madhuvefa mihuree,

    1. Jana
      Kudakamana

      Wa’alaikumussalam. Kudakamana kobaa hey hithah eriyey 😛 hehe……Alhamdhulillah! 😀

Comments are closed.