“ކޮންގްރޭޓްސް!! ވަރަށް އުފާވެއްޖެ އިޒްގެ ޚިޔާލު ބަދަލުވީތީ. ރައުއަކީ ވަރަށް ރަނގަޅު ކުއްޖެއް. އިޒްގެ ލައިފްއަށް ރައުއަކީ ހަމަ އެންމެ ބެސްޓް ކުއްޖާ.” އާލިމްގެ ވާހަކައަށް ހިނިތުންވުމެއް ރައްދުކޮށްލާފައި އެއްވެސް ބަހެއް ނުބުނެ އިޒްޔާން ގޮސް ހުއްޓުނީ އަޒްފާ ގާތަށެވެ.
**********
ހެނދުނު އިޒްޔާންއަށް ހޭލެވުނީ އަޒްފާ ގޮވީމައެވެ. މެންދުރުފަހުން ޔާނާމެން ފުރުން އޮތެވެ. އަޒްފާމެން ނިންމީ އަދި ހަފްތާއެއް ކޮށްލާފައި ދާށެވެ. އިޒްޔާން ހޭލިގޮތަށް އެނދުން ތެދުވުމުގެ ބަދަލުގައި ކަންނެތްވެފައި އޮތީއެވެ.
“އަދިވެސް ނުތެދުވަންތަ؟” އަޒްފާ އައިސް ގޮވާފައި ދިއުމުންވެސް ނުތެދުވެ އޮތް އިޒްޔާން ފެނިފައި އަޒްފާ ހައިރާންވިއެވެ.
“މަންމާ! ކޮބާ ބައްޕަޔާ ވާހަކަދައްކައިފިންތަ؟” ތެޅިތެޅި އޮތް ހިތަކާއެކު އިޒްޔާން އިންތިޒާރުކުރަމުން ދިޔައީ އަޒްފާ ދޭނެ ޖަވާބަކަށެވެ. އަޒްފާ އިސްޖަހާލައިގެން އިނީއެވެ. މިކަމުން އިޒްޔާންގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ.
އިޒްޔާންގެ އިހުސާސްތައް އަޒްފާއަށް ރަނގަޅަށް އެނގެއެވެ. އިޒްޔާން ދެރަވާނެވަރުވެސް އިހުސާސްކުރެވެއެވެ. ރޭގައި އިޒްޔާން ދެއްކި ވާހަކަތައް އޭނާ ރައޫފްއާ ހިއްސާކުރިއެވެ. ކިތަންމެ ދެރަވިޔަސް އިޒްޔާންގެ މުސްތަޤުބަލާއި ދޭތެރޭ ވިސްނާފައި އެގޮތަށް ކަންތައްކުރަން އަޒްފާއާއި ރައޫފް ނިންމިއެވެ.
“ދަރިފުޅަށްވެސް އެނގޭނެ ބައްޕަގެ ގޮތް. މަންމައަށް ފެންނަނީ ދަރިފުޅު އިހަށް މަޑުކޮށްލަން.” އަޒްފާ ބުނެލިއެވެ.
“އެކަމަކު…” އިޒްޔާން ބުނަން އުޅުނު ވާހަކަ އަޒްފާ މެދުކަނޑާލިއެވެ. އަދި އިޒްޔާންއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
“ދަރިފުޅާ ޔާން! މަންމަ މިބުނާ އެއްޗެއް ތަންކޮޅެއް ރަނގަޅަށް ވިސްނާލަބަލަ. ދަރިފުޅު މިހާރު ލޯބިނުވިޔަސް ފަހުން ލޯބިވެވިދާނެއެއްނު. އެހެންނޫނަސް އަދި އެބައޮތް އެއްއަހަރު. އޭރަށް ވާއިރަށް ލޯބި ނުވެވުނިއްޔާ ކައިވެނި ނުކުރާނީ.” ހަދާނެގޮތް ހުސްވެފައިވާ މީހެއް ފަދައިން އިޒްޔާންއަށް އޭނާގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އޭނާ ރައުދާއާ ކައިވެނިކުރަން ބޭނުންނުވަނީ ކީއްވެކަން ހަޤީޤަތަށް ބުނަން ކިތަންމެ ފަހަރަކު ހިތަށް އެރިނަމަވެސް ޖެހިލުންވަނީއެވެ. ދެން އެކަމާ ނުވިސްނާ ސައިބޯން އައުމަށް ބުނެފައި އަޒްފަ ނުކުމެގެން ހިނގައްޖެއެވެ.
ހެނދުނުން ފެށިގެން ހަވީރުވީއިރުވެސް އިޒްޔާން އޮތީ ކޮޓަރީގައެވެ. ބޭރަށް ދާހިތް ނުވެފައެވެ. އޭނާ ވިސްނަމުންދިޔައީ މަލަކާގެ ވާހަކަ އަޒްފާ ގާތުގައި ބުނާނެ ގޮތަކާމެދުގައެވެ. ވިސްނަމުން އިޒްޔާން ކަންތައްތައް ކުރާނެގޮތް ރާވާލިއެވެ. އަޒްފާ ގާތު އެވާހަކަ ބުނުމުގެ ކުރިން މަލަކާއަށް ލޯބި ހުށަހެޅުމަށް އިޒްޔާން ނިންމިއެވެ. މަލަކާގެ ޖަވާބު ލިބުނުހާ އަވަހަކަށް އިޒްޔާން ކުރާނެކަމަކީ މަންމައާއި ބައްޕަގެ ރުހުން ހޯދުމެވެ. އިރުއޮއްސި އަނދިރިވުމުން އިޒްޔާން ތައްޔާރުވެލައިގެން ނުކުންނަނިކޮށް އަޒްފާ ގޮވާލާފައި ދަނީ ކޮންތަނަކަށްތޯ އަހާލިއެވެ.
“މިދަނީ ނަމާދަށް.” އިޒްޔާން ހުއްޓެމުން ބުނެލިއެވެ. އޭރު އަޒްފާ އިނީ ސިޓިންގރޫމް ސޯފާގައި ޤުރުއާން ކިޔަވާށެވެ.
“ދަރިފުޅާ ޔާން! މިރޭގެ ކެއުމަށް ރައުގެ އާއިލާއަށް ވަނީ ދަޢުވަތުދީފަ. އެގަޑިއަށް އަންނަންވާނެ.” އަޒްފާ އެހެން ބުނުމާއެކީ އާނއެކޭ ބުނުމުގެ ގޮތުން އިޒްޔާން ބޯޖަހާލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގެއިން ބޭރަށް ނުކުތެވެ.
އިޒްޔާން މިސްކިތުން ނުކުތީ އިޝާ ނަމާދުވެސް ކޮށްލައިގެންނެވެ. ސައިކަލަށް އަރާ ނައްޓާލަމުން އިޒްޔާން ވިސްނާލިއެވެ. މަންމަ ގެއަށް ދާން ބުނެފައިވާއިރު ނުގޮސްފިނަމަ މަންމަ ވަރަށް ދެރަވާނެއެވެ. އެކަމަކު ކޮންމެ ގޮތެއް ހަދާފައިނަމަވެސް މަލަކާއާ ދިމާކުރަން ޖެހެއެވެ. މިހާރު އިޒްޔާންއަށް އެންމެ ސިކުންތެއްވެސް ވަރަށް މުހިންމެވެ. ސައިކަލުގައި އިޒްޔާން ދިޔައީ އާންމުކޮށް މަލަކާއާ ބައްދަލުކުރާ އަތިރިމައްޗަށެވެ. އެތަނަށް ދިޔައިރު މަލަކާއެއް އެތާކު ނެތެވެ. އޭނާ މުޅި އަތިރިމަތި އެއްކޮށް ބެލިއިރުވެސް މަލަކާގެ ޚަބަރެއް ނުވިއެވެ. އޭނާއަކަށް މަލަކާގެ ގޭގެ ނަމެއްވެސް ނޭނގެއެވެ. ފުރަތަމަ ފަހަރަށް އިޒްޔާންއަށް މަލަކާއާމެދު ވިސްނާލަން މަޖުބޫރުވިއެވެ. އިޒްޔާން ސައިކަލުން ފައިބައި ދެކޮޅަށް ހިނގަމުން ވިސްނަން ފެށިއެވެ. އެންމެ ކުޑަމިނުން މަލަކާގެ އަސްލު ނަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ވިސްނިވަރަކަށް އޭނާގެ ނުތަނަވަސްކަން ވީ އިތުރެވެ. އެތައްއިރަކު ސައިކަލު ދުއްވުމަށްފަހު އިޒްޔާން ގެއަށް ދިޔައިރު އެންމެންވެސް ތިބީ އޭނާގެ އިންތިޒާރުގައެވެ.
ގެއަށް ވަދެގެން އައި އިޒްޔާންގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަން އޭނާގެ މޫނުމަތިންވެސް ހާމަވާން ހުއްޓެވެ. އަޒްފާ ކާން އައުމަށް ބުނުމުން އެއްވެސް ދެކޮޅު ހެދުމެއްނެތި ގޮސް ކާން އިށީނެވެ. އެންމެންގެ ކުރިމަތީ މަސްނޫއީ ހިނިތުންވުމެއް ދައްކަމުންނެވެ. އޭނާގެ ހިތުގައި އަނދަމުންދާ އަލިފާނުގެ ޚަބަރެއް އެތާތިބި އެކަކަށްވެސް ނުވެއެވެ. ކާން އުޅެއުޅެ ވަރުބަލިވީއިރުވެސް އޭނާއަކަށް ކެވޭގޮތެއް ނުވިއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް އިޒްޔާންއަށް ވީގޮތެއް ނޫނެވެ. ލޯބީގެ އެއްވެސް ތަޖުރިބާއެއް ނެތް އިޒްޔާންއަށް މިކަންކަންވީ ވަރަށް ބޮޑު ތަކުލީފަކަށެވެ. އެންމެން ހީހީފައި ވާހަކައިގައި ތިބިއިރު އަޒްފާ ބަލަމުންދިޔައީ އިޒްޔާންގެ ހަރަކާތްތަކަށެވެ. މިއަދު އިޒްޔާންއަށް އައިސްފައިވާ ބަދަލާމެދު އަޒްފާ ވިސްނާލިއެވެ. ކައި ނިންމައިގެން އިޒްޔާން އެންމެންގެ ހުއްދަ ހޯދައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލެއްޕުމަށްފަހު ގޮސް އެނދުގައި އޮށޯވެލިއެވެ. އެނދުގައި އޮށޯވެ ދެލޯ މަރާލި ވަގުތު ދޮރު ހުޅުވުނުހެން ހީވެގެން އިޒްޔާން ލޯ ހުޅުވާ ބަލާލިއެވެ.
“ރައު ޕްލީޒް! މިވަގުތު އަހަރެން ބޭނުމީ އެކަނިވެލަން.” ދޮރު ލައްޕާފައި ވަދެގެން އައި ރައުދާ ފެނިފައި އިޒްޔާން އެއޮތްގޮތަށް އޮވެ ބުނެލިއެވެ. އެވަގުތު އެއަޑުގައި ހުރި އަސަރަކުން ރައުދާގެ ހިތް ތެޅިލިއެވެ. މީގެ ކުރިންވެސް އިޒްޔާން ނުރުހިފައި ވާހަކަދައްކައެވެ. ނަމަވެސް މިރޭ އިޒްޔާޏްގެ މޫނުމަތިން ފެންނަ އަސަރާއި އެއަޑުގައިވާ ވޭނުން ރައުދާގެ ހިތް ރޮއްވާލިއެވެ. ރައުދާ އެއްވެސް ބަހެއްނުބުނެ ބޭރަށް ދާތަން ބަލަން އޮވެފައި އިޒްޔާން ލޯމަރާލިއެވެ. އެގޮތަށް ލޯމަރާލައިގެން އޮއްވާ ކުއްލިއަކަށް އިޒްޔާން ހަނދާންވީ ކުރީ ދުވަހު އާލިމްމެން ދެއްކި ވާހަކަތަކެވެ. އެވާހަކަތަކުގައި ހަޤީޤަތެއް ވާހެން މިހާރު އިޒްޔާންއަށްވެސް ހީވާން ފަށައިފިއެވެ. އެނދުގައި ފުރޮޅިފުރޮޅި އޮއްވާ އިޒްޔާންއަށް ނިދުނުއިރެއްވެސް ނޭނގެއެވެ.
އިޒްޔާންއަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވުނެވެ. އޭނާ ވިސްނާލިއެވެ. “މާ ގަދައަށް އެކަމާ ވިސްނާފަ ނިދީމަ ފާޑުފާޑުގެ ހުވަފެންވެސް ފެންނާނެ.” އިޒްޔާން ހިތާހިތާ ކިޔާލިއެވެ. ފަތިސް ނަމާދު ވަގުތު ވެފައިވާތީ އިޒްޔާން ތެދުވެ ނަމާދުކޮށްލައިގެން ޖައްސާލީ އަދިވެސް ނިދާލަން ބޭނުންވާތީއެވެ.
“އިޒް! އިޒް!” މީހަކު ގޮވާ އަޑަށް އިޒްޔާން ލޯ ހުޅުވާލިއިރު ރައުދާ އެނދު ކައިރީ ހުރެގެން އޭނާއަށް ގޮވަނީއެވެ.
“އިޒް ބަލީތަ؟ މިހާރު އެއޮއް އެގާރަ ޖަހަނީ.” ރޭގެ ކަންތަކާ ވިސްނާލާފައި ވަރަށް މަޑުމަޑުން ރައުދާ ބުނެލިއެވެ. ރައުދާ ހުރިގޮތުން އިޒްޔާން ހައިރާންވިއެވެ. އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ރައުދާ ފެންނަނީ މާ މަޑުމޮޅިކޮށެވެ. އިޒްޔާންއާ ދިމާލަށް ބަލާލަމުން ރައުދާ ދާން ހިނގައިގަތީ އިޒްޔާން އެއްވެސް އެއްޗެކޭ ނުބުނެ ބަލަން އޮތުމުންނެވެ. އިޒްޔާންގެ ލޮލުގައިވާ އަސަރުން ރައުދާގެ ހިތަށް ކުރާ އަސަރު ބަޔާންކޮށްދޭނެ އިބާރާތެއް ނުވެއެވެ. ހިތް އެދެމުންދަނީ މުޅި އުމުރަށް އިޒްޔާން އޭނާއަށް އެގޮތަށް ބަލަން އޮތުމަށެވެ.
“ރައު! ދަނީތަ؟” އިޒްޔާން ގޮވާލިގޮތުން ރައުދާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
“މަޑުކޮށްލަފާނަންތަ؟
އެބަ އަންނަން ފެންވަރާލައިގެން.” ރައުދާ އެނބުރި ބަލާލުމުން އިޒްޔާން ބުނެލިއެވެ. ހައިރާންވެ ދެލޯ ބޮޑުކޮށްލައިގެން އިޒްޔާންއަށް ބަލަންހުރި ރައުދާއަށް ލުއި ހިނިތުންވުމެއް ދެމުން އިޒްޔާން ގޮސް ފާޚާނާއަށް ވަނެވެ. އިޒްޔާން ފާޚާނާއިން ނުކުތްއިރު ރައުދާ ހުރީ އިޒްޔާންގެ ގަމީސް އިސްތިރިކޮށް ކޮނޑުގައި އަޅުވައިދީފައެވެ.
“ހާދަ ރަނގަޅޭދޯ؟ މިހާރުން ފެށިގެން ވަޒީފާ އަދާކުރަން ފެށީދޯ؟ ނޮޓް ބޭޑް.” އިޒްޔާން ލާނެތް ގޮތަކަށް ހެމުން ރައުދާއަށް ތަޢުރީފުކޯށްލިއެވެ. އެކަމަކު މިއަދު ރައުދާއަށް އިޒްޔާންގެ ތަޢުރީފުކުރުމުގައި މަލާމާތެއް ވާކަހަލަ އިހުސާސެއް ކުރެވިގެންދިޔައެވެ. އިޒްޔާންގެ ވާހަކަތަކަށް ރައްދުދިނުމަކާނުލާ މަޑުކުރަން ބުނީ ކީއްކުރަންތޯ އަހާލިއެވެ.
“ހޫމް. އެއީ މިއަދު ރައު ގޮވައިގެން ބުރެއް ޖަހާލަންކަމަށް. މިގަޑީ އޯކޭ ވާނެތަ؟” އިޒްޔާން އަހާލިއެވެ.
“އިޒް ބޭނުން ކޮންމެ ގަޑިއެއްވެސް އޯކޭވާނެ. ކިތަންމެ އަވިގަދަޔަސް.” ރައުދާވެސް ނުސީދާކޮށް ބަހެއް ބުނެލިއެވެ. އިޒްޔާންއަށް މާކުރިންވެސް ރައުދާ ބުނާނީ އާނއެކޭކަން އެނގެއެވެ. އިޒްޔާންއާ ރައުދާ އެކުގައި ބޭރަށް ދާން ހިނގައިގަތެވެ. ބަދިގެއިން ނުކުތް އަޒްފާއަށް އެމަންޒަރު ފެނުމުން ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ގޮވާލަން އުޅެފައިވެސް އަޒްފާ އެޚިޔާލު ދޫކޮށްލިއެވެ. އެތައް ދުވަހަކަށްފަހު ދެކުދިން އެކުގައި ބޭރަށްދާ ވަގުތު ހުއްތުވުން ރަނގަޅެއް ނުވާނެއޭ ހިތަށްއަރާފައެވެ.
ސައިކަލަށް އަރާ ދުއްވާލަމުން އިޒްޔާން ހީލިއެވެ. ރޭ އިޒްޔާން ރޭވި ރޭވުމާ އެއްގޮތަށް އަމަލުކުރުމުގެ މަރުހަލާތަކުން މީ ފުރަތަމަ މަރުހަލާއެވެ. ސައިކަލު ދުއްވަމުން ދުއްވަމުން ގޮސް އިޒްޔާން މަޑުކޮށްލީ އަތިރިމައްޗަށެވެ. އެއީ ވަރަށް ބޮޑަށް ގިރާލާފައިވާ ސަރަހައްދެއްކަމުން މީހުން ގޮސް އުޅޭލެއް ވަރަށް މަދެވެ. ރައުދާ ސައިކަލުން ފޭބުމުން އިޒްޔާންވެސް ފޭބިއެވެ.
“ކީއްކުރަން މިތަނަށް ތިއައީ؟” ރައުދާ ނުތަނަވަސްވެފައިވާ ހިތަކައިގެން ސުވާލުކުރިއެވެ. އަނެއްކާ އިޒްޔާން މިއުޅެނީ ކީއްކުރަންބާއޭ ރައުދާގެ ހިތަށް އެރިއެވެ. އެއީ މަދުން ނޫނީ މީހަކު ނާންނަ ހިސާބަކަށް ވާއިރު އިޒްޔާން އޭނާއަށް ކޮންމެ ކަމެއް ކުރިއަސް އެނގޭނީ ކާކަށް ހެއްޔެވެ؟ އެކަމަކު އިޒްޔާންއަކީ އެހާ ގޯސް މީހެއް ނޫނެވެ.
“ރައު މި ވާހަކަދައްކަނީ އިޒްއާއޭ. ކީއްވެތަ އަނގައިން ނުބުނެ ތިހުންނަނީ؟” އިޒްޔާން ހިނިއައިސްފައި ބަލަން ހުރިގޮތުން، ހަމަ ރަނގަޅަށްވެސް ރައުދާގެ ހިތަށް ބިރުވެރިކަންވަދެ ހިތް ތެޅެންފެށީ އާދަޔާ ޚިލާފަށް ބާރަށެވެ. ހީވީ އެތެރެހަށިން ނުކުމެގެން ދާން އުޅޭހެންނެވެ.
“އިޒް ޕްލީޒް! ރައު ބިރުގަނޭ އެބަ. ޕްލީޒް! ހިނގާ ގެއަށް ދާން.” ރައުދާ ބިރުންހުރެ ބުނެލިއެވެ.
“ގެއަކަށް ނުދެވޭނެ. އެއީ އަހަރެން ރައު ނުގެންދާނީ.” އިޒްޔާން ދެލޯ ބޮޑުކޮށްލާފައި ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ. ރައުދާއަށް ރޮވުނީ އޭނާގެ އެއްވެސް އިޚްތިޔާރަކާނުލައެވެ. އެހާ ބިރުން ހުއްޓާ އިޒްޔާން ދެލޯ ބޮޑުކޮށްލާފައި އެހެން ބުނުމުން އޭނާ މާބޮޑަށް ބިރުގަތީއެވެ. ރައުދާ ރޯތަން ފެނުމުން ވަގުތުން އިޒްޔާންގެ ސަމާސާ މޫޑް ބަދަލުވެ ސީރިއަސްވިއެވެ. މީގެ ކުރިންވެސް އިޒްޔާން މިގޮތަށް ރައުދާ ބިރުގަންނަވައެވެ. ނަމަވެސް ދުވަހަކުވެސް ރައުދާ ރުއި ހަނދާނެއް އޭނާ ނުވެއެވެ.
“ރައު! އޭތް. ޕްލީޒް ނުރޮއިބަލަ. އެއީ އިޒް ސަމާސަކޮށްލީއޭ.” އިޒްޔާން އަވަސްއަވަހަށް ރައުދާގެ ރުއިން ހުއްޓުވޭތޯ ބެލިއެވެ. އިޒްޔާން އެތައްއިރަކު މަސައްކަތްކޮށްގެން ރައުދާ ރުއިން ހުއްޓާލިއެވެ. އިރުކޮޅަކު ދެމީހުން ވާހަކަދައްކަން ތިބެފައި އިޒްޔާން ބުނީ އޭނާ ރައުދާ މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ކަމަށެވެ.
“ރައު! އަހަރެން ވަރަށް ދުވަސް ވެއްޖެ މިވާހަކަ ދައްކަން އުޅޭތާ.” ރައުދާ ހުރީ ސީދާ އިޒްޔާންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. މިކަމުން އިޒްޔާންއަށް ވާހަކަދައްކަން އުނދަގޫވިއެވެ. ރައުދާއަކީވެސް ހުތުރު ކުއްޖެއް ނޫނެވެ. އެންމެ ދޮން ނޫނަސް މެދުމިނެއްގެ އަލި ހަންގަނޑެއް ލިބިފައިވާއިރު، ދިގު އިސްކޮޅަކާއެކު ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެކެވެ. ހިކިކަމުން ގޮސް ސިފަ ގެއްލިފައޭ ބުނާވަރަށް ރައުދާ ހިއްކެވެ. އެކަމަކު ވައް ބޮޑު މޫނުން ހިކިކަމެއް ނުދައްކައެވެ. އެހާވެސް އޮމާން ރީތި ހަންގަނޑެކެވެ. އިޒްޔާން ވިސްނާލިއެވެ. ރައުދާއަކީވެސް ރީތި ކުއްޖެކެވެ. ނަމަވެސް މަލަކާހާ ރީއްޗެއް ނޫނެވެ. އިޒްޔާން ނޫޅުނަސް ރައުދާއާހެދި އުޅޭ ފިރިހެންކުދިން މަދެއްނޫނެވެ.
“އަހަރެންނަށް އެނގޭ އިޒް ބުނަން ތިއުޅޭ ވާހަކަ، ރައުއާ މެރީކުރަން ބޭނުންނުވާ ވާހަކައެއްނު ބުނަން ތިއުޅެނީ.” އިޒްޔާން ދެޖީބަށް އަތް ޖަހާލަމުން ހަށިގަނޑު ދަމާލިއެވެ. އެއަށްފަހު އާނއެކޭ ބުނެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އިޒްއަށް އެނގޭ ރައު އިޒްދެކެ ލޯބިވާވަރު. އެކަމަކުވެސް އިޒްއަކަށް ނެތް ރައުއާ މެރީކުރެވޭކަށް.” އިޒްޔާން ދުރު ބަލާލަމުން ބުނެލިއެވެ.
“އެކީއްވެ އިޒް؟ އަހަރެންގެ ލޯބި ޤަބޫލުނުކުރެވެނީ ކީއްވެ؟” އިޒްޔާންގެ ވާހަކަ ނުނިމެނީސް ރައުދާ ވާހަކަދައްކަން ފެށިއެވެ. އޭރު ރައުދާގެ ބޭޤަރާރު ހިތަށް ލިބެމުންދާ ވޭނުން ހިތް ރޮމުންދަނީއެވެ.
“ރައު! މިސްއަންޑަސްޓެންޑް ނުވެބަލަ. ރައުދެކެ އަހަރެން ލޯބިނުވާއިރު މެރީކުރަންވީ ކީއްކުރަން؟ އިޒް ބޭނުމެއްނުވޭ ރައު އިޒްގެ ލޯތްބަށްޓަކާ މުޅި އުމުރު އިންތިޒާރު ކުރުވާކަށް. ޕްލީޒް ރައު!” އިޒްޔާން ރައުދާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
“އިޒްއަށްޓަކާ މުޅި އުމުރު އިންތިޒާރުކުރަން ޖެހުނަސް ރައު އެހެން މީހަކާ މެރީއެއް ނުކުރާނަން.” ރޮވިފައިވާ އަޑަކުން ރައުދާ ބުންޏެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުރިނަމަވެސް ރައުދާގެ ލޮލުން ކަރުނަ އަންނަންފެށިއެވެ. އިޒްޔާން ވިސްނާލާފައި އޭނާ ރައުދާއާ ކައިވެނިކުރަން ބޭނުންނުވަނީ ކީއްވެކަން ކިޔައިދިނެވެ.
“ރައު އިޒްދެކެ ލޯބިވަނީ ކިހާ ވަރަކަށްކަމެއް އިޒްއަކަށް ނޭނގެ. އިޒްއަށް އެނގޭހާވެސް އެއްޗަކީ އިޒްއަށްވެސް ކުއްޖަކުދެކެ ލޯބި ވެވިއްޖެކަން. އިޒް ބޭނުންވަނީ އެކުއްޖާއާ މެރީކުރަން. ރައުވެސް ރައުދެކެ ލޯބިވާ ކުއްޖަކާ މެރީކުރީމަ އަސްލު ހެޕީ ލައިފެއްގަ އުޅެވޭނީ. ޕްލީޒް ޤަބޫލުކޮށްބަލަ.” އިޒްޔާން ވާހަކަދައްކަމުން ގޮސް އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ރައު އިޒްދެކެ ލޯބިވަންޏާ އިޒްއަށް މިކަން ކޮށްދީ. ޕްލީޒް.” ރައުދާ ދެތިން ފަހަރު ހިންދިރުވާލިއެވެ.
“އިޒްއަށްޓަކާ ކޮންމެ ކަމެއްވެސް ކޮށްދޭނަން. އެކަމަކު އިޒްދެކެ ލޯބިވުމެއް ނުހުއްޓޭނެ. މިހަށީގަ ފުރާނަ ހިނގާހާ ހިނދަކު އިޒް މަތިން ހަނދާން ނައްތައެއް ނުލެވޭނެ.” ރައުދާ ނުރޮއިވޭތޯ ބެލިއެވެ. އިޒްޔާން އެދުނީ ރައުދާ އެކައިވެންޏަށް ނޫނެކޭ ބުނުމަށެވެ. އެވަގުތު ރައުދާއަށް ކުރެވުނު އިހުސާސް ބަޔާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ނާޒުކު ހިތަށް މީހަކު ފައިންއަރާ ޗިސްޗިސް ކޮށްލިކަހަލައެވެ. އެހާވެސް ވޭން އެޅިއެވެ. އިޒްޔާންގެ އާދޭސްތަކަށް ދޭނެ ޖަވާބެއް ނުވިސްނިފައި ރައުދާ ހުއްޓެވެ.
ރައުދާގެ ހިތް ކުދިކުދިވެގެން ދިޔަހެން އެވަގުތު ރައުދާއަށް ހީވިއެވެ. އެއްވެސް ބަހެއް ނުބުނެ ތުން ފިއްތާލައިގެން ހުރިއިރު އެދެލޮލުން އޮހެމުންދިޔަ ކަރުނައިން ކޯތާފަތް ތެންމަމުންދިޔައެވެ. ރައުދާ ރޯތަން ފެނުމުން އިޒްޔާން ދެރަވިއެވެ. އިތުރަށް އެތާ މަޑުކުރުން ރަނގަޅުނުވާނެއޭ ހިތާ އިޒްޔާން ސައިކަލަށް އަރާފައި ރައުދާ ގާތު އަރަން ބުންޏެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލަމުން، ރައުދާ މަޑުމަޑުން އައިސް ސައިކަލަށް އެރިއެވެ. މިކަމުންވެސް އެނގެނީ ރައުދާއަކީ ކިޔަމަންތެރި އަންހެންކުއްޖެއްކަމެވެ. އިޒްޔާން ސައިކަލު ދުއްވާލާފައި ގޮސް މަގަށް ނުކުތްތަނާ ކުރިމަތިން ހުރަސްކުރި އަންހެންކުއްޖާ ފެނިފައި އިޒްޔާންއަށްބުރަކި ޖައްސާލެވުނެވެ. ކުއްލިއަކަށް ބުރަކި ޖެއްސުމުން ރައުދާ އައިސް ލައްވީ އިޒްޔާންގެ ބުރަކަށީގައެވެ. “މަލަކާ!” އިޒްޔާންއަށް ހިތާހިތާ ކިޔާލެވުނެވެ. އެތައް ދުވަހަކަށްފަހު މަލަކާ ފެނުމުން އިޒްޔާންއަށް ކެތްކުރަން ދަތިވިއެވެ. އިޒްޔާން އިނީ ހަދާނެގޮތެއް ނުވިސްނިފައެވެ. ރައުދާ އިނުމުން މަލަކާގެ ފަހަތުން ދެވޭކަށްވެސް ނެތެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އިޒްޔާން ސައިކަލު ދުއްވާލިއެވެ. ރައުދާގެ ގޭދޮށަށް ސައިކަލު މަޑުކޮށްލުމާއެކު ރައުދާ ސައިކަލުން ފޭބިއެވެ. ރައުދާއާ ދިމާލަށް ބަލާވެސްނުލާ ސައިކަލު ދުއްވާލީ ވީހާވެސް އަވަހަކަށް އޭނާގެ މަންޒިލަށް ދިއުމަށެވެ.
ސައިކަލު ދުއްވަމުން ދިޔައިރު އިޒްޔާންގެ ހިތުގައި މަޑުމަޑު ތެޅުމެއް އުފެދިފައިވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ތިމާ އެންމެ ލޯބިވާ ކުއްޖާއާ ބައްދަލުކުރަން ދާއިރު ހިތް ނުތެޅޭނެ މީހަކު ނުހުންނާނެއެވެ. އިޒްޔާން ސައިކަލު ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. އިޒްޔާންއަށް އަތިރިމައްޗަށް ދެވުނުއިރު މަލަކާއެއް ފެންނާކަށް ނެތެވެ. އިޒްޔާން ސައިކަލުގައި އެހިސާބުގަނޑު އެއްކޯށް ބެލިއިރުވެސް މަލަކާ ފެންނަން ނެތުމުން އަނެއްކާވެސް އިޒްޔާން މާޔޫސް ވާގޮތްވިއެވެ. ހިތުގައިވި މަޑުމަޑު ތެޅުން މަޑު ރިހުމަކަށް ބަދަލުވެގެން ދިޔައެވެ. އިޒްޔާން ސައިކަލު ދުއްވާލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން މަލަކާ ދިޔަ މަގުން ދުއްވަމުންދިޔައީ މާބޮޑު އުންމީދެއް އޮވެގެންނެއް ނޫނެވެ. ވަރަށް ދުރަށް ދުއްވުނުފަހުން އެހިސާބުގަނޑުގައި އަޅަން ފަށާފައިވާ ގެތައް ފެނުނެވެ. ބައެއް ގެ ހުރީ ނިންމާފައެވެ. ގިނަ ގެތަކުން ޒަމާނީ ފާޑުވެރިކަން ފެންނަް ހުއްޓެވެ. ދުއްވަމުން ދުއްވަމުން ގޮސް ގެތައް ހުސްވާ ހިސާބުގައި ހުރި ގެއެއް އިޒްޔާންގެ ލޮލުގައި އަޅައިގަތެވެ. އެއީ ކުޑަކުޑަ ރީތި ގެއެކެވެ.
“މިއީ މަލަކާގެ ގެއަށް ވެދާނެބާ؟” އިޒްޔާން ސައިކަލު މަޑުކޮށްލިއެވެ. އިޒްޔާން ފަރުވާތެރިކަމާއެކު އެގޭ ގޯތިތެރެއަށް ބަލާލިއެވެ. ގޯތިތެރެ ކުނިކަހާ ސާފުކޮށްލާފައި އޮތުމުން ވަރަށް ހިތްގައިމެވެ. ބޭރުގައި ތަނބު ޖެހި ފެންޑާއެއް ހުރިއިރު ފެންޑާގެ އެއްކޮޅުގައި އުނދޯއްޔެއް އެލުވާފައި ހުއްޓެވެ. ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. އިޒްޔާން ގޭ ދޮރުމައްޗަށް ހުއްޓި އެތެރެއަށް ބޯދިއްކޮށްލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ސަލާމްގޮވާލިއެވެ. ދެތިން ފަހަރު ސަލާމް ގޮވާލުމުންވެސް ޚަބަރެއް ނުވިއެވެ. ގޭތެރެއަށް ނަޒަރު ހިންގާލުމުން އެގޭގެ ސާފުކަމާއި ރީތިކަން އެނގިގެންދިޔައެވެ. ގެ ކިތަންމެ ކުޑަވިޔަސް ގޭތެރެއިން ފެންނަންހުރި ފަރުނީޗަރުތަކުން އެއީ ފޯރާ ބައެއްކަން އެނގިގެންދެއެވެ. ދެކޮޓަރި ދިމާ ކުރިމަތިން ފެންނަން ހުރިއިރު ސިޓިންގރޫމުގެ އެއްކޮޅުގައި ހުރި ބަދިގޭގެ ދޮރު ހުރީ ހުޅުވާފައެވެ.
“މިގޭގަ މީހަކު ނޫޅެނީބާ؟ އަނެއްކާ މިއީ މަލަކާގެ ގެބާ؟” އިޒްޔާން ހިތާހިތާ ކިޔާލިއެވެ. އިޒްޔާން އެގެ އެއްކޮށް ބެލިއިރުވެސް މީހަކު ފެންނަން ނެތުމުން ބޭރަށް ނުކުތެވެ. މަގުމަތިންވެސް މީހަކު ފެންނަން ނެތުމުން އަހާލެވޭކަށްވެސް ނެތެވެ. މާޔޫސްކަމާއެކު ސައިކަލަށް އަރާ ދުއްވާލިއެވެ.
މާޔޫސްވެފައިވާ ހާލު ސައިކަލު ދުއްވަމުންދިޔަ އިޒްޔާންއަށް ސިހުން ލިބުނީ މީހަކު ގޮވާހެން ހީވެގެންނެވެ. ސައިކަލު ފާރު ކައިރިއަށް މަޑުކޮށްލުމަށްފަހު ގޮވީ ކާކުތޯ ބަލާލިއެވެ. އެގޮވި މީހަކު އައިސް އިޒްޔާން ގާތަށް ސައިކަލު މަޑުކޮށްލިއެވެ.
“އިޒް! އައިސް އުޅޭކަންވެސް ނޭނގެ.” އިޒްޔާން ހައިރާންވިއެވެ. ނުވެސް ދަންނަ މީހަކު އައިސް އެހާ ގާތްކޮށް ވާހަކަދައްކަން ފެށުމުން އިޒްޔާން ތީ ކާކުހޭ އަހާލިއެވެ.
“މިހާރު އިޒްމެންނަކަށް އަހަރެމެންނެއް ނޭނގޭނެ.” އެމީހާ ބުނެލިއެވެ.
“އަސްލުވެސް ނޭނގުނު.” އިޒްޔާންއަށް ބަލާލެވުނީ އެޒުވާނާގެ ސިފައަށެވެ. ބޯ ދިގުކޮށްފައި ހުރިއިރު އިސްތަށިގަނޑު ހުރީ ހާވާލާފައެވެ. ތުނބުޅި މަތިމަސްވެސް ހުރީ ކުޑަކޮށް ދިގުކޮށެވެ. ކަރާއި އަތްފައިގައިވެސް އެކި ވައްތަރުގެ ފަށްއަޅާ ފުރާފައި ހުރިއިރު، ލައިގެންހުރީ އަތްދިގު ޓީޝާޓަކާއި ސޯޓެކެވެ. ބަލާބެލުމަށް ހީވަނީ ޕާޓޭއެއްހެންނެވެ.
“މީ އަޝްފާގްއޭ.” އިޒްޔާންގެ ކޮނޑުގައި ޖަހާލަމުން އަޝްފާގް ހީގަތެވެ. އެވަގުތު އޭނާގެ އަނގައިން ދުވި ސިނގިރޭޓުގެ ވަސްގަނޑުން އިޒްޔާންއަށް ނޭފަތްމަތީ އަތް އެޅުނެވެ.
“އޯހ. އަޝްފާގް ދޯ؟” އިޒްޔާން ހީލިއެވެ. އަޝްފާގަކީ ސްކޫލު ދައުރުގައި އެކުގައި އުޅުމަށްފަހު އިޒްޔާން މާލެއަށް ބަދަލުވި ފަހުން އެހާ ގުޅުން އޮންނަ ކުއްޖެއް ނޫނެވެ. އެކަމަކު މިއަދު އަޝްފާގްއާ ދިމާވުމުން އިޒްޔާންއަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އެއީ އިޒްޔާން ބޭނުންވަނީ މިވަގުތު މަލަކާގެ ހަނދާންތަކާ ދުރުވެލާށެވެ. އެހެންކަމުން އަޝްފާގްއާއެކު ގޮސް މަޑުކޮށްލީ އަތިރިމައްޗަށެވެ. ވަގުތަކީ މެންދުރުގެ އަވި ބާރު ވަގުތެއްކަމުން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ދެމީހުން ސައިކަލުން ފައިބައިގެން ގޮސް އެތާގައި ހަދާފައިހުރި ޖޯލިފަތީގައި ޖައްސާލިއެވެ.
އަޝްފާގްގެ ވާހަކަތަކުން އެނގުނުގޮތުނގައި އޭނާގެ އާއިލާ ރޫޅި ދިއުމުން އޭނާ އުޅެމުންދަނީ މާމަ ގޭގައެވެ. ބައްޕަވެސް އޭނާ އުޅޭގޮތެއް ނުބަލައެވެ. މަންމަ އުޅެނީ ރަށުން ބޭރު މީހަކާ އިނދެގެން އެމީހާގެ ރަށުގައެވެ.
“އިޒް ކީއްކުރަނީ މިކޮޅުގަ؟” އަޝްފާގް ހީލާފައި އަހާލިއެވެ. އިޒްޔާން އޭނާ އައި ބޭނުން ކިޔައިދިނެވެ.
“އެކަމު މިހާރު މިއުޅެނީ މާލެ ނުދެވިގެން. މިހާރު ހާދަ ފޫއްސޭ މިކޮޅު.” އިޒްޔާން އެހެން ބުނުމުން އަޝްފާގް ހޭންފެށިއެވެ.
“ފޫއްސޭ! މިރަށް؟ އަދި އިޒްއަށް މިރަށް ނޭނގެނީ ތި. މިރަށަށް އައި އެކަކުވެސް ތިހެނެއް ނުބުނޭ އަދިއެއް. އަންނަ ކޮންމެ މީހަކުވެސް އުޅެނީ މިރަށުން ނުދާން.” އަޝްފާގްގެ ވާހަކައަށް ބަހެއްވެސް ނުބުނެ ދުރު ބަލަހައްޓައިގެން އިޒްޔާން އިނެވެ. އެހެން އިންއިރު މަލަކާއާ ބެހޭގޮތުން އަޝްފާގްއާ ސުވާލުކޮށްލުން ކިހިނެއްވާނެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
“އިޒް! އަނެއްކާ ކަމެއްވީތަ؟ އިޒްޔާން އިންލެއް ހަމަހިމޭންކަމުން އަޝްފާގް އަހާލިއެވެ. ކަމެއް ނުވާކަމަށް ބުނެ އިޒްޔާން ދުރަށް ބަލަހައްޓައިގެން އިނެވެ.
“އިޒް! ލާރި އެބަހުރިތަ؟ ލާރި ހުރިއްޔާ ފޫހިވާކަށް ނުޖެހޭނެ. މިއަށް ބަލާލަބަލަ.” އަޝްފާގް ދައްކަންފެށީ އޭނާގެ ފޯނުގައި ހުރި ފޮޓޯތަކެކެވެ. އެފޮޓޯތަކަށް ބަލާހިތެއް އިޒްޔާން ނުވިއެވެ. އޭނާގެ ހިތުގައި ވަނީ އެއަށްވުރެ މާރީތި ފޮޓޯއެއް ކުރެހިފައެވެ. ދެރައީ އެފޮޓޯގައި ކުލަ ޖެހުމުގެ ކުރިން އެރީތި ފޮޓޯގެ ކުރެހުން ފަނޑުވެގެން ހިނގައިދާނެތީއެވެ.
“މިތިބަ ރީތި ބިޓުން ތިއްބާ ފޫހިވާނީ ކިހިނެއް؟” އަޝްފާގް ފޮޓޯތައް ދައްކަމުންދިޔައިރު ފޮޓޯތަކުގައި ތިބި އަންހެންކުދިންނާ ބެހޭގޮތުން ދައްކަމުންދިޔަ ވާހަކަތައް ޤަބޫލުނުކުރެވިފައި އިޒްޔާންއަށް އިނދެވުނެވެ.
“މީ އަޝްއަށް ދިމާވި އެންމެ ބެސްޓް މަންޖެ. ހާދަހާވާ ރީއްޗޭ. މިފަހަރު މާލެއިންވެސް މިމަންޖެއާ ދިމާވި. މިރޭވެސް މިމަންޖެ ގާތަށް ޖައްސާލަން މިއުޅެނީ. އިޒް! އަޅެ އެއްފަހަރުވެސް މިމަންޖެއާ ބައްދަލުކޮށްލަބަލަ.” އަޝްފާގް ފޮޓޯތައް ދައްކަމުން ގޮސް އިޒްޔާން އަތަށް ފޯނު ދިއްކޮށްލިއެވެ. އިޒްޔާންއަށް ފޯނުގެ ސްކްރީނަށް ބަލާލެވުނު ވަގުތު އޭނާއަށް ހީވީ އޭނާގެ އެތެރެހަށީގައި ހިނގަހިނގާހުރި ނޭވާ ހުއްޓުނުހެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.






Ohhh malakaa tha ?????? Goas kuhjeh tha e ee ekam hiyehnuvey. …dhn in part vx avas kohdhehchey saandy
ޝުކުރިއްޔާ އެޕީ! 4ވަނަ ބައިގައި އެނގޭނެ އެއީ ކާކުކަން… އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލާނަން
What????? Alhey asluvess??? ?Malakaa thi hedhy haadha goas kujjakah. ?
Ekam vaahaka hama habeys Ingey ??
ޝުކުރިއްޔާ މައި
V reethi
ޝުކުރިއްޔާ މަރީ
V reethi
ޝުކުރިއްޔާ ނާދީ
Malakaa akee badieh dhw enmen thalhaa huskofaahuttas okvaane loabi vayaa izzu ah e ee malakaa habeysveema
Bala kihinei ingeny thihen bunan??? Eyn!!!!! Mashah vvvvv yagyn kamaa eku bunan Kerey malakaa kuraa kameh e kurany majubuurun or ekameh gadhabaarun kuruvany…. Dhn miah negative reply eh kuran beynunvanyaa bunelaany vaahaka kiyaafa malakaa ge hageegai ingendhen madukohlaashey…
ހެހެހެ… ވާހަކަ ނިމެންދެން މަޑުކޮށްލާ މަލަކާއާމެދު ގޮތެއް ނުނިންމާ
ޝުކުރިއްޔާ އިޒްޔާން
Malakaa right
ޝުކުރިއްޔާ މާޝް
Mihaaru misitun kiyey hurihaa vaahakaehga hen ulhey anhen kujjaa hunnanee thihaaluga. Enmen usekoh bodu gulhavefa.aslu v foohi ehen veema
ޝުކުރިއްޔާ އެނޮނީމަސްގެ ޚިޔާލަށް
hama rangalhah thivee firihenun thibeeny abadhu olhunbolhun gadaehga malaka vaany ashfaagige wife ah kaneyge anyways varah reethi ingey sandy
ޝުކުރިއްޔާ ޝެލީ
Malaka aky fureytha eh thoache
ހެހެހެ ޒީ
V reethi
ޝުކުރިއްޔާ ޒުމް
vaahaka v reethi avahah 4vana bai up kohladhy saandy
ޝުކުރިއްޔާ ޒޯޔާ… އިރާދަކުރެއްވިއްޔާ މާދަމާ 4ވަނަ ބައި ގެނެސްދޭނަން
Malakaa goaheh nuvaane yageen….
ޝުކުރިއްޔާ މަލާކް
Varah salhi 4vana bai up kohladhy saandy
ޝުކުރިއްޔާ މައޫ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން
Saandy kobaa new part
އަޕްކޮށްފަ އިންނާނެ މިހާރު
v habeys ingey
ޝުކުރިއްޔާ ރަފް