ކުއްޅަވަށްފާ (15ވަނަބައި)
އަހަރެމެން އެންމެންވެސް ތައްޔާރުވަމުން މިދަނީ އަންނަ މަހުގެ ފަނަރަވަނަދުވަހުގެ ރެއަށެވެ. ކޮންމެގޮތެއްވިޔަސް އެރޭ ކޮންމެވެސް އެއްގޮތަކަށް ނަތީޖާ ނެރެން އެބަޖެހެއެވެ.އެރޭގެ ކުރިން ނާދް ސަލާމަތް ނުކުރެވިއްޖެނަމަ، އެރޭ އެޖިންނިތައް ނާދްގެ ދުވަސް ދުއްވާލާނެއެވެ. “ހާދީބޭ.. ކިހިނެއްހަދައިގެން އަހަރެމެނަށް ބައްޕަ އާއި ނާދްސަލާމަތް ކުރެވޭނީ؟” މަޝްވަރާގެ ތެރެއިން އަހަރެން ސުވާލު ކޮށްލީމެވެ. “މިރޭމީ މިމަހުގެ އެންމެފަހު ރޭ. އެހެންވީމާ މިރޭ އިރުއޮއްސި ހައެއްޖަހާއިރު ކިޔެވެލި ކިޔަވަން ފަށަންވީ.އޭރުން ތިކަމާއިގެން ކުރިއަށް ދެވޭނީ.އިތުރަށް އެއްޗެއް ބުނަންވެސް އެނގޭނީ އޭރުން.އަހަރެމެނަށް އޮތީ އެންމެ ފަނަރަދުވަސް.” ހާދީބެ ތުންތަޅުވާލަމުން އެއްޗެއް ކިޔަވާލާފައި އަހަރެންނަށް ޖަވާބުދިނެވެ. އަދި ހާދީބެ ބޮލުގައިއަޅާފައި އޮތް ތާކިހާނަގާ ކިހިލިފަތަށް ޖަހާލަމުން އަރާމުކޮށްލުމަށްޓަކާއި ކަމަށްބުނެ ކޮޓަރިއަށް ދިޔުމުން އެންމެންވެސް އެމީހެއްގެ އަމިއްލަ ކަންތައްތަކާއިގެން އުޅެގަންފިއެވެ.
އިރުއޮއްސި ހައެއްޖެހިއިރު ހާދީބެ އެބުނާ ކިޔެވެއްޔެއް ކިޔަވަންފަށައިފިއެވެ.އޭރު އަހަރެންގެ ގައިމަތީގައި ހުދުފޮތިގަނޑެއް އަޅާ، މޫނުގެ ފަސްތަނެއްގައި ހުދުޗޯކުން ބޮޅުތަކެއް އަޅާފައިހުއްޓެވެ. ޤުރުއާން ކިޔެވުމަށްޓަކައި ދިހަމީހުން ތިބިއިރު ކޮއްކޮގެ އިތުރުން ތިންމީހުން އަހަރެންގެ ކައިރީގައި ކަކޫޖަހައިގެން އިށީންދެތިއްބެވެ. ކިޔެވެލީގެ އަޑުގަދަވަމުން ދިޔަވަރަކަށް އަހަރެންގެ ގައިންވަރުދޫވެ ނިދިޖެހެންފެށިއެވެ. ދެން ހީވީހުވަފެނެއް ފެންނަން ފެށިހެނެވެ.ކަޅު އަނދިރިކަމުގެތެރެއިން އެކިކުލަކުލައިގެ އަލިގުޅަތައް ފާޅުވީއިރު ހީވަނީ އެކިކުލަކުލައިގެބޮކިފަތިތަކެއް ދިއްލާލާފައިހުރިހެނެވެ. ހައިރާންވެބަލަން އޮއްވައި ދެންފެނުނީ އަދި އެއަށްވުރެވެސް ހައިރާންކުރުވަނިވި މަންޒަރެކެވެ. އެ އަލިގުޅަތައް އެކި ސިފަސިފައަށް ބަދަލުވާންފަށައިފިއެވެ. ތަފާތު ބިރުވެރި ސިފަތަކަށެވެ. ބިރުންގޮސް ތެދުވެވޭތޯ އަހަރެން ތެޅިގަތީމެވެ. ނަމަވެސް އަތެއްފައެއް ގުޑުވާވެސް ނުލެވުނެވެ. ދެން އިވުނީ ހާދީބެގެ އަޑެވެ.”ކޮބާ އެކަކުވެސް އައިސްފިތަ؟” އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ހާދީބެގެ ސުވާލު އަޑުއިވުމުން މިވަމުންދާގޮތް ކުޑަކޮށް ސާފުވާންފަށައިފިއެވެ. “އަތުވެއްޖެ.ބައިވަރު މީހުން. ބިރުވެރި ސިފައަކަށް ތިބިބައެއް. މުޅިމިތަންފުރާލާފައި. ހީވަނީ މުޒާހަރާއަކަށް އެއްވެފައި ތިބިބައެއްހެން.އެހާވެސް ގިނަ.” އަހަރެން އެމަންޒަރު ސިފަކޮށްދެވޭތޯ މަސައްކަތްކުރަމުން ގެންދިޔައީމެވެ. “އެމީހުން އެންމެނާއި މުހާތަބުކޮށްބުނޭ އެތަނުން އެންމެއިސްވެރިއަކަށް ހުރިމީހާ އަހަރެން މިކުރާސުވާލުތަކަށް ޖަވާބުދޭށޭ.” ހާދީބެ ހަރުކަށިގޮތަކަށް ބުނެލިއެވެ.އެމީހުންގެ މޫނުތަކުން އޭރު ފެންނަމުންދިޔައީ ހާސްކަމާއި ނުތަނަވަސްކަމެވެ. ހާދީބެ އެމީހުން އެގެނައި ސަބަބެއް އެމީހުނަށް ނޭންގޭތީ ކަމަށްވެސް ވެދާނެއެވެ.އަހަރެން ހާދީބެގެ ބަސް އެމީހުނަށް އިއްވީމެވެ.އެއާއިއެކު އެތަނުން އެކަކު ކުރިއަށް ޖެހިލައިފިއެވެ.އަދި ވައިރޯޅިއެއްހާ ބާރުމިނުގައި އައިސް އަހަރެންގެ ހަށިގަނޑަށްވަދެގަތެވެ. އެވަގުތު ހީވީ ހަށިގަނޑުގެ ކަށިތައްވެސް ފުނޑުފުނޑުވެގެން ދިޔަހެނެވެ.ދެލޮލާއި ސިކުނޑިއަށް ކުރަމުންދިޔަ ބާރުން ލޮލުން ކަރުނަ އޮހިގަތެވެ.ނަމަވެސް އެވޭނުގަވެސް އަހަރެންނަށް ހަރަކާތެއްވެސް ކޮށްނުލެވުނެވެ.އިރުކޮޅަކުން އެހުރިހާ ތަދެއްފިލާގޮސްފިއެވެ.އޭރު އަހަރެންގެ ހަށިގަނޑުވަނީ އަމިއްލަ އިހުތިޔާރު ގެއްލި އެޖިންނީގެ ބާރުގެ ދަށުގައެވެ.ދެލޯ ހުޅުވާލެވުނީ އަމިއްލަބާރަކު ނޫނެވެ.ނަމަވެސް އެތަނުގައި ތިބިމީހުންނާއި ކުރާކަންތައްތައް ފެނެއެވެ. “ކަލޭމެންތިއީ ކޮންބައެއް؟” ހާދީބެ ހަރުކަށިއަޑަކުން ބުންޏެވެ. “އަހަރެމެންމިއީ ކުއްޅަވަށްފަލުގައި އޮތް ޖިންނީންގެ ރަސްދަރިކޮޅަކަށް ހިދުމަތްކުރަމުންގެންދާ ހާދިމުންތަކެއް.އަހަރެންމިއީ އެމީހުންގެ ބޮޑުމީހާ. އަހަރެންނަށް ކިޔަނީ ގިލާސް.” ޖަވާބު އައީ އަހަރެންގެ އަޑާއި ގިލާސްގެ އަޑު އެކުވެގެންނެވެ. “ގިލާސްއަށް އެނގޭތަ ކޮންބޭނުމަކުކަން އަހަރެން ކަލޭމެން އެންމެން މިގެނައީ؟” ހާދީބެގެ ދެންއޮތް ސުވާލުކޮށްލިއެވެ. “ނޭންގެ.” ގިލާސް ބުންޏެވެ. “އެހެންވީމަ އަޑުއަހާ. އަހަރެމެންގެ ތެރެއިން ދެއިންސާނުންވެއްޖެ ތިބުނާ ޖިންނި ގަނޑުވަރުގައި. އެމީހުންގެ ގެންގޮސްގެން އެއުޅެނީ އެއްވެސް ކުށެއްނެތް މައުސޫމު ދެމީހުން.އެހެންވީމަ އެމީހުން އެތަނުގައި ތިބިތަނަކާއި ތިބިހާލެއް އަދި އެމީހުން ސަލާމަތް ކުރެވޭނެގޮތެއް އަހަރެންނަށް ބުނެދީ.. ” ހާދީބެ ހަމަ އެރާގުގައި ބުންޏެވެ. “އަހަރެމެންނަކީ ގަނޑުވަރުގެ ވެރިންނަށް ހިޔާނާތްތެރިވާނެ ބައެއްނޫން.އަދި އެތަނުގެ އެއްވެސް ސިއްރެއް ފާޅުކުރާނެ ބައެއްވެސްނޫން.” ގިލާސްގެއަޑުގައިވެސް މިހާރު ރުޅިވެރިކަން އެކުލެވިފައިވާކަން އެނގެއެވެ. “ތިހާވަފާތެރި ބަޔަކު ކުށެއްނުކުރާމީހަކަށް އަދަބެއް ދޭކަށް ގަބޫލެއްނުވާނެ..އެހެންވީމަ ގިލާސް އަހަރެންނަށް މިކަމުގައި އެއްބާރުލުންދޭން އެބަޖެހޭ ކޮންމެހެންވެސް.” ހާދީބެ ބުންޏެވެ. “އެކަމަކު އަހަރެމެންނަކަށް ތިބުނާކަމެއް ނުކޮށްދެވޭނެ..” ގިލާސް އެހެން ބުނުމާއިއެކު ހާދީބެ ދެލޯ ބޮޑުކޮށްލަމުން ތުންތަޅުވަންފެށިއެވެ.އަދި އަހަރެންގެ މޫނުގައި ޗޯކުން ކުރަހާފައިހުރި ތަންތަނުގައި ފަސްއިނގިލި ޖައްސާލަމުން ކައިރީގައިހުރި އަލިފާންގަނޑަށް ބޮނބިނަރުކޮޅެއްއަޅާ ހުޅުގަނޑު ބޮޑުކޮށްލިއެވެ.އެއާއިއެކު އަހަރެންގެ ހަށިގަނޑު ހީވީ އަލިފާނުން ފިހެންފެށިހެނެވެ. މޫނުމަތިން ހާދީބެގެ އިނގިލިތައް ޖެހިފައިހުރި ތަންތަނުން ދުންއަރަންފެށިއެވެ.އެއާއިއެކު ގިލާސްގެ ވޭނީ ރުއިމުގެއަޑު އިވިގެންދިޔައެވެ. “އާނ… އާނ..އަހަރެން ކަލެއަށް އެހީވާނަން.އަހަރެން ދޫކޮށްލާ.ހެޔޮނުވާނެ.އަދި އަހަރެން މަރުވާކަށް ބޭނުމެއްނޫން.”ބިރުވެރިއަޑަކުން ރޮމުން ގިލާސް ބުންޏެވެ.”ތިހެންހަމަ ބުނެލާއިރަކަށް އަހަރެން ކަލޭ ދޫކޮށެއްނުލާނަން. ފުރަތަމަ އިސްލާމްވޭ.އަދި ކަލޭގެ ދަށުންމަސައްކަތްކުރާ ހުރިހާ ޖިންނީންވެސް އިސްލާމުވާންޖެހޭނެ..އެއަށްފަހު މާތްﷲ ގަންދީހުވާކުރަންޖެހޭނެ މުސްލިމުންގެ ގޮތުގައި ކަލޭމެން ތިބޭނެކަމަށާއި އަދި އަހަރެންނަށް ވަފާތެރިވާނެކަމަށް.” ހާދީބެ ކާމިޔާބީގެ ހިނިތުންވުމަކާއިއެކު ބުންޏެވެ. “އަހަރެންނާއި އަހަރެންގެދަށުން މަސައްކަތްކުރާ ހުރިހާ ޖިންނީން އިސްލާމުވެއްޖައިން.އަދި މާތްﷲ ގަންދީހުވާކުރަން މިދީން ދޫކޮށްނުލާނެކަމަށާއި ކަލޭގެ އަމުރަށް ކިޔަމަންވާނެކަމަށް.” ގިލާސްގެ ވޭނީއަޑުން ބުނެލިއެވެ. “އަހަރެން ވަރަށް އުފާވެއްޖެ ކަލޭމެން އަހަރެންގެ ބަސްގަބޫލުކުރީތީ.ހަމައެކަނި މިއަދު އަހަރެންދެކެ ބިރުން ކަލޭމެން އިސްލާމުވިއްޔޭ ބުންޏަކަސް ކަމަކުނުދާނެ.އާޚިރަތުގެ ޢަޒާބަށް މާބޮޑަށް ތައްޔާރުވާން ޖެހޭނެ. އެހެންވީމައި ކަލޭމެނަށް މިދީން އިތުރަށް އޮޅުންފިލުވައިދޭން އަހަރެންގެ އެންމެއަރިސް ޖިންނި ފޮނުވާނަން.އަދި މާދަމާރޭ މިގަޑީގައި ކަލޭމެންނާއި އަހަރެން ބައްދަލުކުރާނަން. ދެން މިވަގުތު ކަލޭމެންދޭ.” ހާދީބެ މަޑުމައިތިރި ކަމާއިއެކު އެހެން ބުނެލުމާއިއެކު އަހަރެންގެ މޫނުން އަތްނައްޓާލިއެވެ. އެއާއިއެކު އަހަރެންގެ ބަނޑާއި ދިމާއިން ކަޅުދުންކޮޅެއް އަރައިގެން ދިޔައެވެ.އޭރު އެތަނުގައި ތިބި ހުރިހާ ޖިންނީންވެސް ގެއްލިއްޖެއެވެ.ދެން އަނެއްކާވެސް ބޮލަށްބަރުވެ ނިދިއްޖެއެވެ. އިރުކޮޅަކުން ލޯހުޅުވާލެވުނީ ހާދީބެ އަހަރެންނަށް ގޮވާއަޑަށެވެ. ލޯހުޅުވާ ބަލާލިއިރު އެންމެންވެގެން ތިބީ އަހަރެންނާއިދިމާއަށް ބަލާށެވެ. “ކިހިނެއްވީ އަނެއްކާ؟” އަހަރެން މަންމަގެ މޫނަށް ބަލާލަމުން ސުވާލުކޮށްލީމެވެ. އަދި އޮތްތަނުންތެދުވެގެން މަންމަގާތަށް ގޮސްހުއްޓުނީމެވެ.މަންމަގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް އަހަރެންނަށް ނަގައިގަންނާކަށް ނޭންގުނެވެ. އެވަގުތު މަންމަ ދިއްކޮށްލި ލޯގަނޑުން އަހަރެންނަށް ފެނުނީ ބިރުވެރި ސޫރައެކެވެ.ސިހިގެން ދިޔުމާއިއަކު އަނގަމަތީގައި އަތްއަޅާލެވުނީ ބިރުންނެވެ. އެއީ ހަމަ އަހަރެންގެ މޫނެވެ. މޫނުގެ އެތަންމިތަންވަނީ ފިހިފައެވެ.އަހަރެންގެ އެރީތި ދޮންމޫނުވަނީ އަނދާފައެވެ.ކަޅުވެފައެވެ.އެއްވެސް އިހުތިޔާރަކާއިނުލާ އަހަރެންނަށް ރޮއެގަނެވުނެވެ. “އެކޮއެ ދެރަނުވޭ. އެއީ މިރޭ ގިލާސް އަށް ބިރުދެއްކުމުން އޭނާއެކޮޔަށް ދިން އަނިޔާއެއް. ތިކަންތައްތައް ދެތިންދުވަހެއްގެ ތެރޭގައި ރަނގަޅުވާނެ.” ހާދީބެ ބުންޏެވެ. އެއްވެސް ބަހަކުންބަހެއް ނުބުނެ އަހަރެންވަނީ ކޮޓަރިއަށެވެ.މޫނުހުރިގޮތުން ލަދުންނެވެ.
ޖެހިގެން އައި ތިންރޭވެސް ގިލާސް ގެނެސްގެން އެތަނާއިބެހޭގޮތުން އެކިއެކި ކަންކަން ސާފުކުރަމުން ގެންދިޔައެވެ. ފުރަތަމަ ރެޔާއިހިލާފަށް މިހާރު ގިލާސް އަހަރެންގެ ހަށިގަނޑަކަށް ނުވަދެއެވެ.އޭނާގެ ބަސްތައް އަހަރެންނަށް އިއްވުމުން އަހަރެން ހާދީބެއަށް އެބަސްތައް ކިޔައިދެނީއެވެ.ގިލާސްއާއި އޭނާގެ އެކުވެރިންވަނީ އިސްލާމްވެފައެވެ.މިހާރު އެމީހުންގެ އެބިރުވެރި ސޫރަތަކެއް ނުފެނެއެވެ. ފެންނަނީ ހުދުހެދުމުގައި ތިބޭ ސާދާ އަދި ރީތި ބައެކެވެ.ގިލާސްގެ ވާހަކަތަކުން އެނގުނުގޮތުގައި ބައްޕައާއި ނާދް ހައްޔަރުކޮށްފައިތިބީ ކުއްޅަވަށްފަލުގައި ހަދާފައިހުރި ބިންގަރާހެއްގައެވެ. އެއީ އަހަރެމެން ވެއްޓުނު ބިންގަރާހެވެ.ނަމަވެސް ދެވަނަފަހަރަށް އެތަނަށްދިޔުން ރަނގަޅު ނުވާނެކަމަށްވެސް އޭނާ ބުންޏެވެ.ދެންއޮތީ ފަންޑިތައިގެބާރުން އެދެމީހުން ސަލާމަތް ކުރުމެވެ. އެކަމަށްޓަކައި ޖިންނީންގެ ވެރިން ބިރުގަންނާނެ އުކުޅުތައްވެސް ގިލާސް ކިޔައިދިނެވެ. އަދި އެކަމަށް ކިޔެވެލި ކިޔަވަންޖެހޭނީ ކުއްޅަވަށްފަލުގައިކަމާއި އެކަން ކާމިޔާބު ނުވެއްޖެނަމަ އެންމެންވެސް އެމީހުންގެ އަތްދަށުވެ މަރުވެގެންދާނެކަމަށް ގިލާސް ކިޔައިދިނެވެ. އެހެންނަމަވެސް ހާދީބެހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.މަރުވާނީ އެއްފަހަރު ނޫންހޭ ހާދީބެ ބުނެލިގޮތުންވެސް ހާދީބެ މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސާނެކަން އަހަރެންނަށް ޔަގީންވެގެން ދިޔައެވެ.
ވޭތުވަމުންދާ ކޮންމެދުވަހެއްވެސް އަހަރެން ގުނަމުންދިޔައީ ކެތްތެރިކަން ކޮޅުންލާފައިވާ ހާލުގައެވެ.ލޯބިވާ ބައްޕައާއި ނާދް ދެކިލާހިތުންނެވެ. މިބޮޑު ކަންތައްގަނޑުން މިންޖުވެ ދުނިޔެތެރެއަށް ހަމަނޭވާލާހިތުންނެވެ.ނަމަވެސް އޮތީ ކެތްތެރިވުމެވެ. ވަގުތުޖެހުމުންނޫނީ ކަންތައްތައް ވާނެގޮތެއް އެކަކަށްވެސް ނޭންގޭނެއެވެ. ހިތުގައި ނޭންގޭ ބިރުވެރިކަމެއްވެސް ހިނގަމުންދެއެވެ. މިކުރަންއުޅޭ ކަންތައް ނާކާމިޔާބުވެއްޖެނަމަ ވާނެގޮތެއްް ހިތަށް އަރުވަންވެސް ނޭންގޭނެއެވެ.. “ކޮންކަމާކާއި ތިވިސްނަނީ؟” ސިހިގެންގޮސް ފަހަތް ބަލާލިއިރު ރީތިހިނިތުންވުމަކާއިއެކުހުރި ފަޒްލޫންފެނި ލަދުން އިސްޖަހާލެވުނެވެ.”މި މީކަމަކާއިނުވިސްނަން. ހަމަ ހުރީ ފިނިކޮށްލަން.” އަހަރެން ދޫއޮޅެމުން ކަހަލަގޮތަކަށް ބުނެލީމެވެ. “ފިނިކުރަން މީހުންތިބޭތަ ބަދިގެތެރޭގައި.އަދި އެވެސް ފަންކާނުޖަހާ.” އައިސްްއަލަމާރިން ފެންފުޅިއެއްނަގަމުން ފަޒްލޫން އަހަރެންނާއި ދިމާކޮށްލިއެވެ. އަހަރެންްނަށް ވިސްނުމުގައިހުރެގެން ބަދިގެއަށް އާދެވުނުއިރުވެސް ރޭކާނުލީއެވެ. އެއްވެސްް އެއްޗެކޭނުބުނެ އަހަރެން ނުކުތީ ޖޯލިފައްޗަށެވެ. އިރުކޮޅަކުން ފަޒްލޫންވެސް އައިސް އަހަރެންގާތުގައި އިށީނެވެ. ތަފާތު މަޖާ ވާހަކަތައް އޭނާ ކިޔައިދިނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ފަޒްލޫންއާއި އަހަރެންވަނީ ވަރަށްގާތް ދެރަހުމަތްތެރިންނަށްވެފައެވެ. “މިރޭ ހާދަރީއްޗޭދޯ އުޑުމަތި.ތަރިތައް އެހެން ވިދަވިދާ ހުންނައިރު އަހަރެންނަށް ވަރަށްރީތި.” އަހަރެން ޖޯލިފަތީގައި ހިންދެމިލަމުން ބުނީމެވެ. “ވަރަށް ހަނދާންވޭ ނާދްމަތިން މިކަހަލަ ރޭރޭ.” އިތުރަށް އަހަރެންނަށްް ބުނެވުނު ޖުމްލަ އާއިއެކު އަހަރެންގެ އަޑު ކުރެހިގެންދިޔައެވެ. ހިތަށް ތަދުވެގެންގޮސް ލޮލުން ކަރުނަހިލުނެވެ. “ލޯބިވާމީހާ ނެތީމައި ކޮންމެމީހަކަށްވެސް ތިހެންވާނެ. އެކަމާއި ދެރަނުވޭ. އިރާދަކުރެއްވިއްޔާ ނާދް އަދި ސަލާމަތުން އަންނާނެ އަހަރެމެންނާއި ހިސާބަށް.” ފަޒްލޫން އަހަރެންގެ ކޮނޑުގައި އަތްޖައްސާލަމުން ބުންޏެވެ.”ރަޝާ ދެން ނާދް އައީމައި ނާދް އާއި މެރީކުރާނީދޯ އަވަހަށް؟” ފަޒްލޫން ކުއްލިއަކަށް އެކޮށްލި ސުވާލުން އަހަރެންނަށް ދޭނެ ޖަވާބެއް ނޭންގުނެވެ. “ކިހިނެއްވީ.ތިމާ އެންމެ ލޯބިވާ ބައިވެރިޔާ އައީމަ ކޮންމެމީހަކުވެސް ދާނެދޯ އެމީހަކު ގާތަށް.” ކުޑަކޮށް ވިސްނާލަމުން އަހަރެން ބުނީމެވެ. “ރަޝާ. އަހަރެން ރަޝާގާތުގައި ވަރަށްބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް. އެނގޭ މިއީ އެވާހަކަދައްކަން އެންމެ ރަނގަޅު ވަގުތު ނޫންކަންވެސް.އަދި މިވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއްވެސް ނެތްކަން. އެކަމަކު އިންސާނަކަށްވެސް ކެތްވާނީ ވަކިވަރަކަށް.” ފަޒްލޫން ބުނަންއެއުޅެނީ ކީކޭބާއެވެ؟ “ނާދް އެއީ ކާކުކަން ރަޝާއަށް އެނގޭތަ؟ނާދް ދުވަހަކުވެސް ބުނިތަ ރަޝާދެކެ ލޯބިވެޔޭ؟” ފަޒްލޫން އެކުރިސުވާލަކުން އަހަރެން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. “ކީއްވެތިހެންތިބުނީ؟ ނާދް އެހެންނުބުންޏަސް އަހަރެންނަށް އެނގޭ ނާދް އުޅުނުގޮތުންވެސް ނާދް އަހަރެންދެކެ ލޯބިވާކަން.” އަހަރެން ފަޒްލޫންގެ މޫނުން ނަޒަރުވަކިކޮށްލަމުން ޖޯލިން ތެދުވީމެވެ. “އޭނަ އުޅުނުގޮތުން ލޯބިވާކަން އެނގޭއިރު އަހަރެން އުޅޭގޮތުން ލޯބިވާކަމެއް އިހުސާސެއްނުވޭތަ؟” ކުއްލިއަކަށް ފަޒްލޫން އަހަރެންގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުންޏެވެ.އޭރު އެދެލޮލުން ކަރުނައިގެ ރޮނގެއް ފައިބައިގެންދަނީއެވެ. އަހަރެންނަށް އިސްޖަހާލެވުނީ ވީދެރައިންނެވެ. “އަހަރެން ވަރަށް ލޯބިވޭ ރަޝާދެކެ.އެނގޭ މިހެން ބުނާއިރުގަވެސް ރަޝާ ހިތްހަމަ ނުޖެހޭނެކަން. އެކަމަކު ބުނެވުނީމަ އަހަރެންގެހިތަށް ވަރަށް ލުއިވެއްޖެ.އުއްމީދުކުރަން ރަޝާއަށް ނާދްނޫން މީހެއްގެ ލޯބި ބޭނުންވެއްޖެހާލަތެއްގައި އަހަރެންމަތިން ހަނދާންވާނެކަމަށް.” އަހަރެން އެއްވެސް އެއްޗެކޭބުނާނެ ފުރުސަތެއްވެސްނުދީ ފަޒްލޫންދައްކާނެ ވާހަކައެއްދައްކާ ނިންމާލިއެވެ.އަދި ބާރަކަށް ހިނގާފައިގޮސް ބޭރަށް ނިކުތެވެ. މަޑުމަޑުން އަހަރެން ޖޯލީގައި އިށީންނީމެވެ. ފަޒްލޫންގެ އެކިއެކި ހަރަކާތްތައް ހަނދާނަށް އަންނަންފެށިއެވެ.އޭނާގެ އެ އޯގާތެރިކަމާއި އަޅާލުން ހިތަށް ފެންނަމުންދިޔައެވެ.އެކިއެކި ކުދިކުދި ސަމާސާތަކުން އަހަރެން ހެއްވަމުންދިޔަ މަންޒަރު ސިފަވަމުންދިޔައެވެ.އެހެނަސް އެއިން އެއްވެސް އިރެއްގައި އޭނާއަށްޓަކައި މިހިތުގައި ލޯބީގެ ވިންދެއްނުޖަހައެވެ. ކުރާނެކަމެއްނެތެވެ. އަހަރެންނަށް ނާދް ނޫންް މީހެއްދެކެ ލޯތްބެއް ނުވެވޭނެއެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ.ކުރިއަށްއޮތް “ބޮޑު ހަނގުރާމަ”އަށް އެންމެންވެސް ތައްޔާރުވަމުން ދިޔައީމެވެ.ފަޒްލޫންވެސް ހަމަ ކުރިންއުޅޭހެން އުޅެމުންދެއެވެ.ފަހުންއިތުރަށް އެކަހަލަ ވާހަކައެއް ނުދައްކައެވެ. “މިރޭމިއީ ބޮޑުރެއެއް.އެކޮއެ ރަޝާގާ. ނަމަނަމަ ހިތްވަރު ދޫނުކުރާތި.” ހާދީބެ އަހަރެންްކައިރީ އިނދެ ނަސޭހަތްދެމުން ދިޔައެވެ. “ހާދީބޭ.އަދިވެސް މާމައަށް ވާހަކައެއް ނުދެއްކޭ.ސަބަބެއްވެސް ނޭންގޭ.” އަހަރެން ހިތުގައިވާ ސުވާލު ކޮށްލީމެވެ. “އިރާދަކުރެއްވިއްޔާ އެޖިންނީންގެ ކިބައިން މިއާއިލާ ސަލާމަތްވީމައި މާމައަށް ވާހަކަދެއްކޭނެ.” ހާދީބެ މާމައަށް ބަލާލަމުން ބުންޏެވެ. “އެހެންވީމައި އިރުއޮއްސި ހައެއްޖަހާއިރު އެންމެންވެސް ތިބެންޖެހޭނީ ކުއްޅަވަށްފަލުގައިި.އަދި މަޢްރިބް ނަމާދު ބަންގި ނިމޭއިރަށް ކިޔެވެލި ފަށަންޖެހޭނެ.އަހަރެންބަލާނަން އެމީހުނަށް ކިހާ ބާރެއްދެއްކޭތޯ އަހަރެން ކުރިމަތީގައި.” ހާދީބެ އެހެންބުނެ ނިމުމާއިއެކު ފުރާޅުގެ ޓިނުތައްވެސް ހީވީ ފުނޑުފުނޑުވެގެން ދިޔަހެންނެވެ.އިވުނު ބާރުއަޑުގެ ސަބަބުން އަހަރެންނަށް ބިރުންގޮސް ފަޒްލޫންގައިގައި ހިފައިގަނެވުނެވެ. “އެމީހުންްގެތެރެއިން ބޮޑަކަށްނޫނީ މިގޯއްޗަކަށް ނުވަދެވޭނެ.އެއީ އާދައިގެ ޖިންނިއެއްނޫން. އެދިނީ އަހަރެމެންނަށް އިންޒާރެއް. އެމީހުންގެ ބާރު އަހަރެމެންނަށްވެސް ދައްކާނެކަމުގެ އިންޒާރެއް.” ހާދީބެ އިރުކޮޅަކު މައްޗަށްބަލަން އިނދެފައި ބުންޏެވެ. “ދެން ކިހިނެއްވާނީ؟” ފަޒްލޫން ސުވާލުކޮށްލުމުން ސިހިފައި އަހަރެން ބަލާލީމެވެ.އޭރުވެސް އަހަރެންނަށް ހުރެވުނީ އޭނާގައިގައި ބައްދާލައިގެންނެވެ.ގަތްލަދުން ބިންފަޅާ އަޑިއަށްދެވޭނެނަމަ ދިޔައީމުހެވެ. މާމަވެސް އޭރު ފާޑަކަށް ހެވިފައި އިނެވެ. “އެހެންވީމައި ޖެހޭނީ ގެވަށައިގެން ކިޔަވާފައި ގޭގައިތިބި އެންމެން ރައްކާތެރިކުރަން.އަދި ކިޔެވެއްޔަށްދާ އެންމެނާއި އަހަރެންވެސް ހަށިރައްކަލަށް ކަމެއްނުކޮށެއްނުވާނެ. އެކަމަކު މިމަންޖެ ގަޔަކު ހަށިރައްކަލަކަށް އެއްވެސް އެއްޗެއް ނޭޅުވޭނެ.އެއީ އޭނާ މެދުވެރިކޮށްގެން އެމީހުން ގެންނަންޖެހޭނީ.” ހާދީބޭގެ ބަސްއިވުމުން އަހަރެން ބިރުން ރޫރޫއަޅައިގަތެވެ. “އެކަމަކު އޭރުން ރަޝާއަށް ކޮންމެފަދަ ކަމަކާއިވެސް ކުރިމަތިވެދާނެ.” ފަޒްލޫން ހާސްކަމާއިއެކު ބުންޏެވެ. “ބައްޕަވެސް ތިބުނާވަރުގެ މޮޔަކަމެއް ނުކުރާނެއެއްނު. އެންމެ ބޭނުންޖެހޭވަގުތު ބޭނުންކުރަން ރަނގަޅު އެއްޗެއް އެމަންޖެއަތުގައިވެސް ބާއްވާނަމޭ.” ހާދީބެ ފަޒްލޫންއަށް ބަލާލަމުން ބުންޏެވެ.
އެދުވަހުގެ އިރުއޮއްސި ހައެއްޖެހިއިރު އަހަރެމެން އެންމެންވެސްތިބީ ކުއްޅަވަށްފަލުގައެވެ. ރޭވިފައިވާގޮތަށް ހާދީބެ އާއި ކިޔެވެލި ކިޔަވަންތިބި މީހުންތިބީ ކުއްޅަވަށްގަސްތަކުގެ ކައިރީގައިއޮތް ހުސްބިމުގައެވެ. މަންމަ އާއި މާމަ ތިބީގޭގައެވެ. ފަޒްލޫންއާއި ކޮއްކޮ އަހަރެން ކައިރީގައިތިއްބެވެ. “ކޮއެފުޅާ..މިހާރު ބަންގިގޮވަން އެހެރީ ދެމިނެޓަށްވެފައި.ބަންގި ނިމުމާއިއެކު ކިޔެވެލި ފަށާނަން.އެހެންވީމައި ބަންގިގޮވަން ފަށާއިރު އެކޮއެ ޖެހޭނެ ގަސްތަކުގެތެރެއަށް ވަންނަން. ހިނގަމުން ގޮސް އެކޮއެ ކާފައަށް އެކަންތައް ދިމާވި ތަނަށް ދާނީ. އެތާ މަޑުކޮށްގެން ހުރޭ. އެނގެއެއްނު އެތަންދޯ. އެއްވެސްވަރަކަށް ހާސްވެ ކަންބޮޮޑުނުވާތި. ބިރުގަނެގެން އެއްވެސްކަމެއް ކާމިޔާބެއް ނުކުރެވޭނެ.” ހާދީބެގެ އެންމެފަހުގެ ނަސޭހަތް އަހަރެންނަށް އިއްވިއެވެ. އަހަރެންގެ މޭ އޭރުވެސް ޑަންޑަން ލާފައިޖެހެމުންދިޔައެވެ. ފަޒްލޫން އަހަރެން ގާތު ހިތްވަރު ކުރުމަށްބުނެލިއެވެ.
ﷲޢަކުބަރުގެ އަޑަށް ހުރިހާއެންމެންވެސް ހިމޭންވިއެވެ. ހާދީބެ އިނގިލިން އިޝާރާތްކޮށްލުމުން އަހަރެން ގަސްތަކުގެތެރެއަށްވަނުމަށް ހިނގައިގަތީމެވެ.ހިނގަމުންދިޔައިރު އެކި ދިމަދިމާއިން ހޯލި ބިނދޭއަޑާއި މީހުން ހިނގާއަޑާއި ކުޑަކުދިން ރޯއަޑުފަދަ ތަފާތު ބިރުވަރި ނާމާން އަޑުތައްއިވެމުންދިޔައެވެ.ހަމަ ދެންމެދެންމެ ފަހަތުން ބަޔަކުއައިސް ގައިގައި ހިފައިގެންފާނެހެންވެސް ހީވެއެވެ.ނަމަވެސް ފަހަތްބަލާވެސް ނުލާާ ދުއްވައިވެސްނުގަނެ އަހަރެން ކުރިޔަށްދިޔައީ ހާދީބެ ބުނެދީފައިހުރި އެއްޗެހި ކިޔަވަމުންނެވެ. އެފަދަވަގުތެއްގައި އެކަހަލަ ނާމާންތާކު އެކަނިހުުންނަންޖެހުމުން ވާނެގޮތް ވިސްނާލަންވެސް ނޭންގޭނެއެވެ.އަނެއްކޮޅުން އެޖިންނީންތިބީ އަހަރެންގެލެޔަށް ފެންބޮވައިގެންފައިކަން ހުދް އަހަރެންނަށްވެސް އެނގެއެވެ.މިއީ އެމީހުން އަހަރެންގެ ދުވަސްދުއްވާލުމަށް އިންތިޒާރުކުރަމުންއައި ދުވަހެވެ.އަހަރެންމިދަނީ އެމީހުންނާއި އަމިއްލަނަފްސު ހަވާލުކުރާށެވެ.
ހާދީބެ ބުނިހިސާބަށްގޮސް އެތާނގައި އަޅާފައިވާ ބޮޅުތެރެއަށްވަދެ މަޑުކޮށްލީމެވެ.ވަށައިގެންވަނީ އަނދިރިކަމެވެ. އަދިހަނދުގެ އަލިކަން އެހިސާބަށް ނުފޯރަނީއެވެ. މިހާރު ބަންގީގެ އަޑެއްވެސް ނީވެއެވެ.އެމީހުން ގެންގުޅުނު ރޭޑިޔޯ ނިއްވާލީހެއްޔެވެ؟ ނޫނެކެވެ.އަހަރެންމިހުރީ އެމީހުންނާއި އަޑުފޯރާވަރަށްވުރެ ދުރުގައެވެ. ނަމަވެސް ހިތްވަރުކުރަމުން ދެންދިމާވެދާނެ ކަމަކާއިމެދު ސަމާލުވެލީމެވެ. އިރުކޮޅެއްނުވަނީސް ހީވީމުޅިތަނަށް ބާރުގަދަ ޒަލްޒަލާއެއް އައިހެންނެވެ. ކޮޅަށްވެސް ނުހުރެވޭވަރަށް ބިންގަނޑު ހެލެންފެށުމުން ހުރިދިމާ ބިންމައްޗަށް އަހަރެން ވެއްޓުނެވެ.ނަމަވެސް އިރުކޮޅަކުން އެކަންތައްގަނޑު ހުއްޓިއްޖެއެވެ. ދެންފެނުނީ އެކިދިމަދިމާއިން ބޮޑެތި ކަޅުހިޔަނިތަކެއް އަހަރެންނާއި ދިމާއަށް އަންނަތަނެވެ.ބިރުންގޮސްމީހާއެކީ ރޫރޫއަޅަންފެށިއެވެ. ގައިންހީބިހިނަގައިގެންދިޔައެވެ.އެނާމާން ގަސްތަކުގެތެރެއިން އެއަންނަނީ ކޮންފަދަ ބިރުވެރި އެއްޗެހިތަކެއްބާއެވެ.އަނގަމަތީގައި ދެއަތް އަޅާލަމުން އަހަރެންނަށް އެކިދިމާދިމާއަށް އެނބުރެވުނެވެ. އަހަރެންނަށް ރޮވެމުންދިޔައިރު އަޑުބޭރުނުވެވޭތޯ މަސައްކަތްކުރަމުންދިޔައީމެވެ.އެހިޔަނިތައް އައިސް އަހަރެންގެ ވަށައިގެން އަޅާފައިވާ ބޮޅުގެ ބޭރުގައި ތިއްބެވެ. އެއިން އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. ކަމެއްވެސް ނުކުރެއެވެ.އެއިންމީހެއްގެ ވަކިސޫރައެއް ފާހަގަވާކަށްނެތެވެ.ހިތްވަރުކުރަމުން އަހަރެން ލޯފޮހެލީމެވެ.އަދި ހާދީބެ ބުނެދީފައިވާގޮތަށް ހަށިގަނޑު ސީދާކޮށްލަމުން މޫނުމަތިން ހަރުކަށިކަން ދައްކާލީމެވެ. “ކަލޭމެން އަހަރެންގެ އާއިލާއާއި ދިމާކޮށްގެންތިއުޅެނީ ކީއްވެ؟” އަހަރެން ވަށައިގެން އެނބުރިލަމުން ބުނީމެވެ. އެއްވެސް ޖަވާބެއް ނައެވެ.”ބުނޭ. ހަމަ މިހާރުބުނޭ. އަހަރެން ބޭނުންމިރޭ ކަލޭމެންގެ ތިދުޝްމަންކަމުގެ އަސްލު ހަގީގަތްއެނގެން.” އަނެއްކާވެސް ތަންކޮޅެއްބާރަށް އަހަރެން އެހެންބުނީމެވެ.ވަށައިގެން އެތިބީ ބާރުގަދަ ޖިންނި ތަކެއްކަން އެނގުނުނަމަވެސް އެކަން ހިތައްނާރުވާވޭތޯ މަސައްކަތްކުރީމެވެ. “ކަލޭއަށް ސަބަބު އެނގޭތީނު މިތާތިހުރީވެސް..” އަޑުއައި ދިމާއެއްނޭންގި ޖަވާބުއައެވެ. “ތީކީ އަހަރެންކުރި ސުވާލުގެ ޖަވާބެއްނޫން.” އަހަރެން ހަމަ އެގޮތަށް ބުނީމެވެ. “ކަލޭގެ ކާފަ އަހަރެމެންްގެ މީހަކަށް އަނިޔާދިނީ.އޭގެބަދަލު މިއީ.”އަނެއްކާވެސްއަޑުއައެވެ. “އަހަރެންނަށް އެއްވެސްކަމެއް ނޭންގޭނެކަމަށް ހިތާދޮގުނަހަދައްޗޭ އިނގޭ. ކާފަ އާއި އަމިއްލައަށް އަޅައިގަނެގެން ތިބުނާ މީހަކު އުޅުނީ.އެހެންވީމައި ލިބުނުދެރައެއް އެއީ. އެހެންނޫނަސްއަހަރެންނޫޅެން ކަލޭމެންނާއި ޖަދަލު ކުރާކަށް. ދޮގުނަހަދާ ބުނޭ. ކޮބާ އަހަރެންގެ ބައްޕައާއި ނާދް؟”އަހަރެންބުނީމެވެ. “ކަލޭ ހީނުކުރައްޗޭ ކަލޭ ބޭނުންހާކަމެއް އަހަރެމެންލައްވާ ކުރުވިދާނެޔޭ.ތިއުޅޭ ހާދީގެ ދުވަސްދުއްވާލާނަން މިފަހަރު.ތިއެންމެންގެ ވަސްވެސް ފޮހެލާނަން.” އެއައި އަޑާއިއެކު އަހަރެންގެ ވަށައިގެން އަޅާފައިހުރި ބޮޅުގައި އަލިފާން ރޯވިއެވެ.ލިބުނު ސިހުމުން އަހަރެންނަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ.ނަމަވެސް ހަމަޖެހުންލިބުނީ މަޑުމަޑުންގޮސް އެ އަލިފާންގަނޑު ހުލިވުމުންނެވެ. “ކަލޭގެ ސަބަބުން އަހަރެންގެ ބޭބެ އަނދައިގެން އެދިޔައީ. އޭގެބަދަލު އަދި ދޭނަން.” މިފަހަރު އައީ އަންހެން އަޑެކެވެ. “އަހަރެން ކަމެއްނުކުރަން.އަމިއްލަ އަކަށްނު މިތަނަށް ވަންނަން ދިމާކުރީވެސް.ދެންވެސް އެއްބަސްވޭ އަހަރެންގެ ބައްޕައާއި ނާދް ކަލޭމެންގެ ގައިދުން މިންޖުކުރަން.” އަހަރެން ފަހުރުވެރިކަމުގެ ހިނިތުންވުމެއް ދައްކާލަމުން ބުނީމެވެ.”އެއްބަސް ނުވެއްޖެއްޔާ ކަލޭމެނަށް ކުރެވޭނީ ވަކި ކީއްތަ؟” އެކޮޅުން އަޑުއައެވެ. “އަހަރެމެންނަށް ކުރެވޭނެ ބައިވަރު ކަންތައް އެބަހުރި.އޭގެ ހެއްކެއް ދެންމެ އެފެނުނީ. އެމީހުން ދޫކޮށް ނުލައިފިނަމަ ކަލޭމެން އެންމެންގެ ދުވަސްދުއްވާލުމަކީ އަހަރެންނަށް ވަރަށް ފަސޭހަކަމެއް.” ކަނާއަތް ހުޅުވާލަމުން ކުއްޅަވަށް ބައްޓަމަށް ހަދާފައި އިން ވިދާ ޖަވާހިރު ދައްކާލަމުން އަހަރެން ބުނީމެވެ. އެއާއިއެކުއެކި ކުލަކުލައިގެ އަލިގުޅަތައް އެހިސާބަށް ޖަމާވެއްޖެއެވެ. އިރުއިރުކޮޅުން ވަށައިގެންހުރި ބޮޅުގައި އަލިފާން ރޯވެއެވެ.އެއީ އަހަރެންނަށް ގޯނާކުރަން އަންނަންއުޅޭ ޖިންނީން އަނދަނީކަން އަހަރެންނަށްއެނގުނެވެ.އޭރު އެއްބަޔަކު ރޯއަޑުވެސް އިވެމުން ދެއެވެ. “ތި ޖަވާހިރު ހަމަމިހާރު އަހަރެންނާއި ހަވާލުކުރޭ.އޭރުން ކަލޭމެންގެމީހުން އަހަރެމެން ދޫކޮށްލާނަން.” މިފަހަރު އަައިއަޑުގައިހުރީ އާދޭހުގެ ރާގެކެވެ. “މިހަވާލުކުރާނީ އަހަރެންގެ ބައްޕައާއި ނާދް ހާދީބެ ކައިރިއަށް ދިޔަކަން ޔަގީންވީމައި.” އަހަރެންހަމަ އެހުރިގޮތަށްހުރެ ބުނެލީމެވެ. އެއާއި އެކު އެކަޅުހިޔަނިތައް ގެއްލުނެވެ.އަހަަރެން މަޑުކޮށްގެންހުރީ ހާދީބެގެ ބަހެއް ލިބެންދެނެވެ. ހެޑްސެޓް ރަނގަޅަށް ކަންފަތައް ހެޔޮވަރުކޮށްލީމެވެ. “ކޮއެފުޅާ.ބައްޕަމެން އެބައާދޭ. ދެންއޮތީ ތިތަނުން ސަލާމަތްވެގެން އައިސް އަހަރެމެންމިތިބަ ބޮޅަށްވަނުން.” ހާދީބެ ފޯނުން ވާހަކަދައްކަމުން ބުނެލިއެވެ. އަހަރެން އެއްވެސް ވާހަކައެއްނުުދައްކަމެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުން ދުލުން ބަޔާންކޮށްދޭނެގޮތެއްވެސް ނޭންގުނެވެ.ލޮލުން ނީރާލި ކަރުނަތައް އޮބަހެއްޓީ ގަދަކަމުންނެވެ.އިރުކޮޅަކުން އެއްކަލަ ހިޔަނިތައް އަހަރެންގެ ކުރިމަތިން ފާޅުވެއްޖެއެވެ. “ކަލޭގެމީހުން ދޫކޮށްލައިފިން.ދެން ތީތި ގެނޭ.” އެކޮޅުން އަންހެން އަޑުއައެވެ. “ކަލޭތިއީ ކާކު މިވަރުގެ އެއްޗަކާއި ހަވާލުވާން.” އަހަރެން އެހީމެވެ. “މިއީ މިތަނުގެ ރާނީ. ތިއީ އަހަރެމެންގެ ރަސްކަން ދެމެހެއްޓުމުގެ ރަމްޒް.އަދި އަހަރެމެންގެ ބާރު ގުޅިފައިވަނީ ތިޔާ. އަހަރެންގެެ ޚާދިމުންވަނީ އަހަރެންނަށް ހިޔާނާތްތެރިވެފައި.އެހެންވެ ކަލޭއަތަށް ތީތީ ތިލިބުނީ..” އެ އަޑު އިވިގެންދިޔައެވެ. “އަހަރެން ބޭނުންވަނީ ކަލޭމެން ޒަމާނުއްސުރެ އަހަރެމެންނާއިއޮތް ހަތުރުވެރިކަން ނައްތާލަަން. ކޮންމެހެން ކަލޭމެންނަށް ގެއްލުމެއްދޭކަށް އަހަރެެން ބޭނުމެއްނޫން.އެކަމަކު ގޮތްނިންމާނީ ކަލޭމެން. ރީތިގޮތުގައި މިކަން ނިންމަން ބޭނުން ނުވާނަމަ އޮތީ މިގޮތް.” އަހަރެން އަނެއް އަތުގައިއޮތް ކުޑަފިޔޮހިނަގާ އެ ޖަވާހިރާއި ގާތްކޮށްލީމެވެ. “ކަލޭ ތިޔަހާ ފިނޑިވާނެކަމަކަށް އަހަރެން ހިޔެއްނުކުރަން. ނިކަން ތިބޮޅުންނިކުމެބަލަ ތިހިފައިގެން.” އެ އަންހެންމީހާ ބިރުވެރިއަޑަކުން ގުގުމައިގަތެވެ. ކަންތައްވަމުންދިޔައީ ހަމަ އަހަރެމެން ބޭނުންވާގޮތަށެވެ. “ބޮޅުންނިކުންނަނީކޮންބޭނުމަކު” އަހަރެން ވަރަށްކެރިހުރެ އަހާލީމެވެ. “ކަލޭމެންގެ ތިހުރި ބާރެއްބަލަން.” އަނެއްކާވެސް ޖަވާބުއައެވެ. “އަހަރެންގެ މަގަށް ހުރަސް އަޅައިފިނަމަ މިއަށްގެއްލުންވާނެ.އެހެންވީމައި ކަލޭމެން ފަހަތައްޖެހި އަހަރެންދާން ތަންދައްކާ.” އަހަރެން ބޮޑާއަޑަކުން ބުނެލީމެވެ.އަދި އަތުގައިއޮތް ފިޔޮހި އެ ޖަވާހިރުގެ ކޮޅުގައި ޖައްސައިގެންހުރެ ބިސްމިކިޔާފައި އެބޮޅުން ނިކުތީމެވެ.. “ހަމަ ނިކުތުމާއިއެކު ހީވީ އަހަރެންގެ މުޅި ހަށިގަނޑުގައި ރޯވިހެންނެވެ.އެހާވެސް ގަދަވޭނެއް ހަށިގަނޑަށްލިބިގެންދިޔައެވެ.އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. “ތިޖަވާހިރުގެނޭ.” އޭތީގެއަޑު މިހާރު އިންތިހާއަށް ބިރުވެރިއެވެ. “ނުދޭނަން.މިހަށީގައި ފުރާނަހުރިހާހިނދަކު މިޔެއްނުދޭނަން.” އަހަރެން ވޭނީއަޑަކުން ބުނީމެވެ.އަދި ހާދީބެބުނި ކިޔެވެއްޔެއް ކިޔަވަންފެށީމެވެ.އެއީ އޭއްޗެހިން އިތުރަށް ރުޅިއެރުވުމަށް ކިޔަވަންޖެހޭ އެއްޗެކެވެ.އޭރު ހަނދުހުރީ މެދަށް އަރާފައި ނަމަވެސް ހިނދުކޮޅެއްގެތެރޭގައި ވިއްސާރަކަޅުބޯ ވިލާތަކުން އުޑުމަތި ބަނަވެެ ވައިގަދަވެގެން ދިޔައެވެ.އަދި ވާރޭވެސް ވެހެންފެށިއެވެ. އަހަރެން އިންތަނުންތެދުވެ ދުއްވައިގަތީމެވެ. ވާރޭތެރޭގައި އެޗަކަ ބިންމަތީގައި ދުވަންޖެހުމުން އެއީ މާކަ ފަސޭހަކަމަކަށް ނުވިއެވެ.ވަކިހިސާބަކަށް ދެވުނުތަނާއި ކަހާލައިގެން އަނގަވަތަށް ބިންމައްޗަށް ވެއްޓިއްޖެއެވެ.އަދި އަތުގައިއޮތް ފިޔޮހި ދުރަށް ވިއްސައިގެން ދިޔައެވެ. އެއާއިއެކު އަހަރެންގެ ކަރުގައި މީހަކުހިފާ ފިއްތަމުންދިޔަކަމުގެ އިހުސާސް ކުރެވެމުންދިޔައެވެ.ނޭވާހާސްވެ އަހަރެންނަށް ތެޅިފޮޅިގަނެވުނުުނަމަވެސް މުށް ނުހުޅުވާވޭތޯ ހިތްވަރުކުރީމެވެ.އަދި ގޮވެންއޮތް އެންމެބާރަށް ހާދީބެއަށް ގޮވާލީމެވެ.އެހީއަކަށްއެދިގެންނެވެ. އިރުކޮޅަކުން ހާދީބެމެންގެ ކިޔެވުމުގެ އަޑު އަހަރެންނަށް އިވެންފެށިއެވެ.އެއާއިއެކު ހަމަނޭވާލެވުނެވެ.އަނެއްކާވެސްތެދުވެ ވަށައިގެން ހޯދާލީމެވެ.އެއްވެސް އެއްޗެއްގެ ހިލަމެއްނެތެވެ. އަހަރެން އަވަހަށް ފިޔޮހިނަގައިގެން ހިނގައިގަތީމެވެ. ނަމަވެސް ކުއްލިއަކަށް އަހަރެންގެ ދެފައިގައި ވެޔޮޮގަނޑެއްއައިސް އޮޅިގަތުމާއިއެކު ފަހަތަށް ދަމާފައި ގެންދަންފެށިއެވެ.އެއާއިއެކު އަނެއްކާވެސް އަހަރެން ވެއްޓުނެވެ. ކުއްޅަވަށްފަލުގައިހުރި ގޮށްގަނޑުތައްމަތިން އަހަރެން ދެމެމުން ދިޔައިރު ގައިގެ އެތަންމިތަން ޒަހަމްވަމުންދިޔައެވެ. ކުއްލިއަކަށް ދުރުންދުވެފައިއައިމީހަކު ކޯރާޑިއަކުންޖަހާ އެވެޔޮގަނޑު ބުރިކޮށްލިއެވެ.އަދި އަހަރެންގެ އަތުގައިހިފައި ނެގިއެވެ. “ފަޒްލޫން؟” އަހަރެންނަށް ބުނެވުނެވެ. “އަވަސްކުރޭ. ބައްޕަބުނީ ވަގުތު ޖެހިއްޖެޔޯ.އަވަހަށް އެތަނަށް ދާށޯ.” އޭނާ މާނޭވާލަމުން ބުންޏެވެ.”އެކަމަކު ފަޒްލޫން މިތަނަށް ތިއައީ ކީއްކުރަން.ހިނގާ އަހަރެންނާއިއެކު.” އަހަރެން އޭނާގެ އަތުގައިހިފަމުން ބުނީމެވެ. “ރަޝާގެ ފޯނުން އެކޮޅާއި ގުޅުންކެނޑިފައިއޮތީ. އެހެންވެ ބައްޕަބުނެގެން އަހަރެންމިއައީ.”ފަޒްލޫން އެހެންބުނުމުން އަހަރެންނަށް އެއްޗެއްނުބުނެވި އުޅެނިކޮށް ކުއްލިއަކަށް އެތަނަށްފާޅުވީ މާމައާއި ދިމާކުރަން ކުރިންވެސްއުޅުނު ބިރުވެރި ސޫރައެވެ. “ރަޝާ ދުވޭ.އަވަސް.އަވަސްކުރޭ. އަވަހަށް ބައްޕައާއި ތީތި ހަވާލުކުރޭ.” ފަޒްލޫން އަހަރެން ދުރައްޖައްސަމުން ބުންޏެވެ.”އެކަމަކު ފަޒްލޫން. އޭތި އެހެރީ.ސަލާމަތެއްނުވާނެ.ހިނގާދާން.” އަހަރެން ރޮއެގަންނަމުން ބުނީމެވެ.”ނޫނޭ.އަހަރެންމަޑުކުރާނަން. ރަޝާ ގާތު މަމިބުނާގޮތަށް ހަދާބަލަ.” ފަޒްލޫން ބާރަށް ހަޅޭއްލަވައިގަތެވެ. އަހަރެން ދުއްވައިގަތީމެވެ. އަދި ފަހަތް ބަލައިލިއިރު އޭތީގެ ދިގުއިސްތަށިގަނޑު ފަޒްލޫންގެ ކަރުގައި އޮޅާލަނީއެވެ. ނަމަވެސް އިތުރަށް ފަހަތްނުބަލާ އަހަރެން ދުވަމުންގޮސް ހުސްބަމަށް ނިކުތީމެވެ.އޭރު ހާދީބެމެންތިބީ އަހަރެން އައުން ލަސްވެފައެވެ. އަވަހަށްގޮސް ބިސްމިކިޔުމަށްފަހު އެމީހުންތިބި ބޮޅުތެރެއަށްވަނީމެވެ.އަދި އަތުގައިއޮތް ޖަވާހިރުު ހާދީބެއަތަށް ދިނީމެވެ. “ހާދީބޭ.ފަޒްލޫން.” އަހަރެންނަށް ރޮވުނެވެ. “ކިޔެވެލި ބާރުކުރޭ.ދެން އޭއްޗަށްޖެހޭނީީ އަންނަން.” އަހަރެންގެ ވާހަކައަށް ޖަވާބެއްނުދީ ހާދީބެ ކިޔެވެލި ފެށިއެވެ.އިރުކޮޅަކުން ވަކިންއަޅާފައިހުރި ބޮޅުތެރެެއިންފާޅުވީ އެނުލަފާ ޖިންނިއެވެ.އޭރުވެސް އޭތީގެ ދެލޯ އަމާޒުވެފައިވަނީ އަހަރެންނަށެވެ.ހަތަރު މޮށްގަނޑުޖަހައިގެންއޮވެ އަނގަޔަށް ފާޑުފާޑުގެ ވައްތަރުތައް ޖައްސަމުންދިޔައިރު ހީވަނީ ބަނޑުހައިވެފައިވާ ސިންގާއެއްހެންނެވެ. “ކަލޭ އަދިވެސް ބޭނުންވަނީ އަހަރެމެންނާއި ތޮޅަންތަ؟ރީތިގޮތުގައި މިކަންތައް ނިންމާ.” ހާދީބެ ބުންޏެވެ. “ނުވާނެތިކަމެއް.ތި ޖަވާހިރުގެނޭ.އަހަރެމެން މިރޭ އީދުފާހަގަކުރަންޖެހޭނެ. އެދެމީހުންވެސް މަރަލާނަން. ކުއްޅަވަށް މޫސުންމިއޮތީ އައިސްފަ..މިއީ ހަނދުމަހެއްގެ ފަނަރަވިލޭރޭ.” އޭތި އަނގައިން ދަވަބޮނޑި ބާލަމުން ވާހަކަދެއްކިއެވެ. “އެދެމީހުން މަރައެއްނުލެވޭނެ.މަރުވާންޖެހޭނީ ކަލެއާއި ކަލޭގެ އާއިލާ.” ހާދީބެ އެހެންބުނަމުން ކައިރީގައިހުރި އަލިފާންގަނޑަށް އެއްޗެއްއަޅާލުުމާއިއެކު ހުޅުގަނޑުބޮޑުވެ އަނދައިގަތެވެ.އަދި އެޖަވާހިރު އެއަލިފާންގަނޑާއި ދިމާއަށް ދިއްކުރިއެވެ. “ނޫން ތިހެންނަހަދާ. އަހަރެންއެމީހުން ދޫކޮށްލާނަން.” އޭތި ރޮއެހޭރިގަންނަމުން ބުންޏެވެ. “ކުރިންވެސް އެހެންކިޔާފައި ހެދީމަކަރު.އެމީހުންގެ ސިފައިގައި އައީ ކަލޭމެންގެ މީހުން.ރަޝާގާ އެބޮޅުން ނިކުތުމާއިއެކު އެދެމީހުން ގެއްލުނީ.އެއީ ހުސްކަލޭގެ ނުބައިކަން.މިފަހަރު އަހަރެން ކަލޭއަންދާލާނަން.” ހާދީބެ އެހެންބުނެ އެޖަވާހިރު އަލިފާންގަނޑުގައި ބޭޭނދިއެވެ.އެއާއިއެކު އޭތީގެ ރުޅިވެރިއަޑުން ހަޅޭއްލަވަންފެށިއެވެ.އަދިވެސް އިތުރަށް އަލިފާންގަނޑުބޮޑުކޮށްލަމުން ކިޔެވެލި އިތުރަށް ބާރުކޮށްލިއެވެ. އަދި އަތުގައިއޮތް ފިޔޮހި އަލިފާންގަނޑުގެތެރެއަށްލާ ހޫނުކޮށްލުމަށްފަހު ބިސްމިﷲ އޭކިޔާ ކައިރީގައިއޮތް ލަކުޑިގަނޑަށް ހަރާލިއެވެ.އެއާއިއެކު އެޖިންނިގައިގައި އަލިފާންރޯވެ އަނދައިގަތެވެެ.ވޭނީއަޑަކުން ހަޅޭއްލަވަމުންގޮސް ޖިންނި އެކީ އަނދައިގެންދިޔައީއެވެ. އެމަންޒަރުބަލަންނުކެރިގެން އަހަރެން ދެލޯ މަރާ ބާރުކޮށްގެން އިނީމެވެ. އިރުކޮޅަކުން ހާދީބެގެ އަޑަށް އަހަރެން ދެލޯ ހުޅުވާލީމެވެ.. “ތިއާއިލާގައި ދެންއިތުރަށް އަހަރެންނާއި ޖަދަލުކުރާނެ މީހަކުހުރިނަމަ އާދޭ.” ނަމަވެސް އެއްވެސް ޖިންނިއެއްގެ ހަބަރެއްނުވިއެވެ. އަލިފާންއެއްޗަށް ފެންޖަހާ ނިއްވާލުމަށްފަހު އަލްހަމްދު ލިއްﷲ އޭކިޔާ ހާދީބެ މޫނުގައި ފިރުމާލިއެވެ.އޭރު ވަނީ ވާރޭހުއްޓާ ހަނދުވަރުދޭން ފަށާފައެވެ. “ހާދީބޭ މިނިމުނީތަ؟ ކޮބާ ބައްޕައާއި ނާދް؟” އަހަރެން ހާސްކަމާއިއެކު އެހީމެވެ. އޭރު ކުއްޅަވަށްފާތެރެއިން ބަޔަކު ހަޅޭއްލަވާއަޑު އިވެއެވެެ. އެހެންކަމުން ކިޔެވެލިކިޔަވަން އައިސްތިބި މީހުން ހާދީބެ އިޝާރާތްކޮށްލުމުން އަޑުއަންނަދިމާއަށް ދިޔައެވެ. އިރުކޮޅަކުން އެމީހުންނިކުތީ ދެމީހަކު ކޮނޑުމައްޗަށްލައިގެންނެވެ. އަދި ދުވަމުންކަހަލަ ގޮތަކަށް އެމީހުންގޮވައިގެންއައިސް ހާދީބެ ކައިރީގައި ބޭތިއްބިއެވެ.އެތަނުން އެކަކީ ނާދްއެވެ. އޭނާގެ ތުނބުޅި އާއި ބޮލުގެ އިސްތަށިގަނޑުވަނީ ދިގުވެފައެވެ. ހިކިއަނަރޫފަވެފައިވާއިރު މީހާގެ އެރީތިސިފަވަނީ ގެއްލިފައެވެ.އޭރު ނާދްގެ ހެޔެއްވެސްނެތެވެ. އަހަރެންނަށް ރޮވުނެވެ. މަޑުމަޑުން ނާދްއަށް ގޮވާލެވުނެވެ.ދެންއޮތީ އަހަރެން އެމީހަކުދެކެން އެންމެ އިންތިޒާރުކުރި އަހަރެންގެ ލޯބިވާ ބައްޕައެވެ.ބައްޕަވެސްއޮތީ އެފަދަ ހާލެއްގެއެވެ. އަހަރެންގެ ގައިގައިވާ ޒަހަމްތަކުން ލޭއޮހޮރޭކަންވެސް ހަނދާންނެތެވެ.އެންމެންވެގެން އެދެމީހުން ހޮސްޕިޓަލަށް ގެންދިޔުމަށްއުޅެންފެށިއެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ ފަޒްލޫން މަތިންނެވެ. “ހާދީބޭ. ފަޒްލޫންކޮބާ؟” އަހަރެން އަވަހަށް ފަޒްލޫން އެންމެފަހުން ހުރިތަނަށް ދިޔައީމެވެ. އަހަރެންގެ ފަހަތުން ކޮއްކޮއާއި ހާދީބެވެސްއައެވެ.އޭރު ގަހެއްގެ ބުޑުގައި ލެޔާއި ތަތްތެޅިފައި އޮތް ފަޒްލޫންފެނި އަހަރެންނަށް ރޮއެގަނެވުނެވެ.ހާދީބެ އަވަސްއަވަހަށް ފަޒްލޫންގެ ވިންދު ހުރިތޯ ބަލާލިއެވެ. “ކަލޯ އަވަހަށް މީނަވެސް ހޮސްޕިޓަލަށް ގެންދަންހިނގާ. މަގޭ ދަރި. މީހެކޭ.” ހާދީބެ ރޮއެގަންނަމުން ހަޅޭއްލަވައިގަތެވެ.
ތިންމީހުން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުންދިޔައެވެ.އަހަރެންގެވެސް ޒަހަމްތަކުގައި ބޭސްއެޅީމެވެ.ނަމަވެސް އެޑްމިޓެއްނުކުރެއެވެ.މިހާރު ބައްޕައާއި ނާދް ހޭވެސް އަރައިފިއެވެ.އެދެމީހުންގެ ހާލުއަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް ފަޒްލޫންގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހޭނޭރުމުން އެމަޖެންސީކޮށް އޭނާ މާލެގެންދިޔައެވެ. މަންމައާއި މާމަ ހޮސްޕިޓަލަށް އައީ އެރޭ ދަންވަރުއެވެ.އެމީހުނަށް އެޙަބަރު ދިނުން ލަސްކޮށްލީ އެމީހުން ހާސްވެދާނެތީއެވެ. ބައްޕަފެނުމުން މަންމައާއި މާމަވެސް އުފަލުންގޮސް ބައްޕަގައިގައި ބައްދަބައްދާފައި ރޯންފެށިއެވެ. ”ދަރިފުޅާ.މަންމަ ވަރަށްް އުފާވެފައި މިހުރީ.ބުނާނެ އެއްޗެއްވެސްނޭންގެ.” އެތައް ދުވަހަކަށްފަހު މާމަ ވާހަކަދައްކާ އަޑުއިވުމުން އަހަރެން އުފަލުން ފޮޅުނެވެ. “މަންމާ.އަހަރެން ހިޔެއްނުކުރަން މިހާރު މަންމަ ދުނިޔޭގައިވެސް ހުންނާނެކަމަކަށް.އެކަމަކު އިރާދައިގައި ހުރީތީ މިދިމާވީ.” ބައްޕަވެސް ރޮވިފައިވާއަޑަކުން ބުންޏެވެ. “ނަސީމާ. ކޮބާތަ މަގޭ ދަރިން.” ބައްޕަ އެހެން ބުނުމުން މަންމަ އަހަރެންނާއި ކޮއްކޮގެ އަތުގައި ހިފާ އެނދާއި ގާތްކޮށްލިއެވެ. “މިއީ މަގޭ ރަޝާތަ؟ މިއީ ބައްޕަގެ ކުޑަކުޑަ ރިޝްވާންތަ؟” ބައްޕަ އުފަލުން ރޮމުން އަހަރެމެން ދެބެންގައިގައި ބައްދާލިއެވެ. މޫނާއިބޮލުގައި އެތައްފަހަރަކު ބޮސްދީ ފިރުމިއެވެ. އެވަގުތު އެމަންޒަރު ބަލަންތިބިހާ ބައެއްގެލޮލުންވެސްް ކަރުނަ އަންނާނެކަން ގައިމެވެ.
ނާދްއަށް ދިމާވި ހާދިސާއަށްފަހު އޭނާގެ ކޮއްކޮ އާއި އާއިލާގެ ބައެއްމީހުންވެސް މިއަދު ރަށަށް އަންނާނެއެވެ.ޝަހުދުގެ އާއިލާއިން ނާދްްގެ ކަންތައްތައްބަލަހައްޓަމުން ގެންދިޔައެވެ.ނަމަވެސް އެންމެދެރަވަނީ އަދިވެސް ނާދް އަހަރެންނާއި އެއްވެސްވަރަކަށް ވާހަކައެއް ނުދައްކާާތީއެވެ. އެކަމާއި ހިތުގައި ސުވާލު އުފެދުނު ނަމަވެސް ވަގުތުގެ ގޮތުން ކެތްކޮށްލައިގެން ހުރީއެެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Mibaives kamudhaanekamah hope kuran.
Vv reethi
Thanks lai
Vvvvv reethi
Thank u Axoo