Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަގު...... ހަމަ ޔަގީނުންވެސް އަހަރެންގެ އުއްމީދަކަށް ދުވަހަކުވެސް ބަދަލެއް ނުގެންނަމެވެ. ހެޔޮލަފާ ދިރިއުޅުމެއް އުޅުމަކީ އަހަރެންގެ އަޒުމެވެ. އަދި އަހަރެންނަށް ލިބުނު 2 އަންހެން ދަރިންނާއި 2 ފިރިހެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކޮއްކޮއް އަހަރެން ފޫއްސެއްވެސް އަދި ވަރުބަލި ވުމެއްވެސް ނެތެވެ. މާތް ﷲ އަށް ފުރިހަމައަށް އީމާންވުމަކީ ހެޔޮ މިންވަރަށް އީމާންވާ ފަދައިން ނުބައި މިންވަރަށްވެސް އީމާންވެގެން ނޫނީ ފުރިހަމަ ނުވާނެ ކަމެކެވެ. އެނޫން ގޮތެއް ނެތީމައެއް ނޫނެވެ. އަހަރެންގެ ވެރި އިލާހް ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވާށެވެ. އަހަރެންނާއި ފައިސަލް ދިމާވީ ގްރޭޑް ދިހައެއްގައި ކިޔަވަމުން ދިޔައިރުއެވެ. އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އެއާ ޕޯޓުގައެވެ. އަހަރެންގެ ޖީ.ސީ ހަމަ ނިމުމާއި އެކު އޭނާއާއި ކައިވެނި ކުރީ ވަރަށް ފޮނި އަދި އަބަދުގެ އަބަދަށް އޭނާއާއި އެކު ދިރި އުޅޭށެވެ. ފައިސަލް އަކީވެސް އަހަރެން ފަދައިން ރާއްޖެތެރޭ މީހެކެވެ. އެކަމަކު އޭނާ އަކީ އަހަންނަށް ވުރެ ތައުލީމީ މީހެކެވެ. ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއްގައި ހުރި މީހެކެވެ. އަހަރެން ވިސްނީ އަހަރެން ގޮވައިގެން ދިރިއުޅެވޭނެ ފެންވަރު ހުރި މީހަކަށްވުމެވެ. ކުރިން އޭނާ ކުރި ކައިވެނި ރޫޅުނީ ކޮންސަބަބަކާއި ހުރިތޯ ކޮނެކޮނެގެން އަހަރެން ނުބަލަމެވެ. އަދި އޭނާ ކުރިން ކުރި ކައިވެންޏަށް ދަރިއެއް ލިބިފައިވުމަކީވެސް އަހަރެންނަށްވެސް އަދި އަހަރެންގެ މައިންބަފައިންނަށްވެސް މައްސަލައެއް ނޫނެވެ. ކައިވެނި ކުރީ އަހަރެންގެ އުމުރުން 18 އަހަރުގައެވެ. އޭރު ފައިސަލްގެ އުމުރުން 26 އަހަރެވެ. ފައިސަލްވީ އަހަރެން ހީކުރި ވަރަށް ވުރެވެސް ރަނގަޅު މީހަކަށެވެ. އަހަރެން ދެކެ ވަރަށް ލޯބިވިއެވެ. އަޅާލިއެވެ. އޭނާ ކުރިން ކުރި ކައިވެންޏަށް ލިބުނު ދަރިފުޅަށްވެސް އޭނާ ބަރާބަރަށް ކަންތައްތައް ކޮއްދެމުން ދިޔައެވެ. އަހަރެންގެ ކައިވެންޏަށް ދެއަހަރު ވީއިރު އަހަރެންގެ ބަނޑު ބޮޑުވިއެވެ. ފައިސަލްގެ ފަރާތުން ލިބެމުން އައި ލޯބި އިތުރުވިއެވެ. އިތުރަށް އާމްދަނީ ހޯދުމަށްޓަކައި އޮފީހުގައި އިތުރުގަޑީގައިވެސް މަސައްކަތް ކުރަންފެށިއެވެ. އަހަރެންނާއި އެކު ހޭދަ ކުރެވޭ ވަގުތު މަދުވިއަސް ޝަކުވާއެއް ނުކުރަމެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ދިރިއުޅުމަށްޓަކައި ކަމަށްވީތީ އުފާކުރީމެވެ. ދިގު އިންތިޒާރަކަށް ފަހު އަހަރެންނަށް އައިޝާ ލިބުނު ރެއަކީ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. އަހަރެމެންގެ ތިންވަނަ ދަރިފުޅު ހައިލަމްއަށް 2 އަހަރު ވީތަނާ އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ ލޭގައި ޖަރާސީމެއް ހުރިކަމެވެ. ވީއެންމެ އަވަހަކަށް އިންޑިއާއަށް ފައިސަލް އާއި އަހަރެން ފުރީ މަންމަމެން މާލެ ގެނެސް ދަރިން ކޮޅު ބަލަން ހަވާލު ކޮއްފައެވެ. އަހަރެންގެ ހަށިގަނޑު ހިކި އަނަރޫފަ ވެގެން ދިޔަ ގޮތެއް ބުނެދޭންވެސް ނޭގެއެވެ. އަހަރެންގެ ގައިގައި އެޅި ވޭނަކީ ދިލަ ވޭނެކެވެ. އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކަކީ އެދިލައިގެ ވޭނެއްނޫނެވެ. އެކަމަކު އަހަރެންގެ ދަރިންނާއި ދުރަށް ފުރައިގެން ދާންޖެހޭތީ ދަރިންނާއި މެދު ކުރެވިފައިވާ އުއްމީދުތަކުން އައި ކަރުނަތަކެކެވެ. ފައިސަލް އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ. އަހަރެން ކެތްކުރީމެވެ. ޝަކުވާގެ އެންމެ ލަފުޒެއްވެސް ނުބުނަމެވެ. ﷲއަށް ވަކީލު ކުރީމެވެ. އަހަރެން އިންޑިއާއަށް ގެންދިޔަ ގޮތަށް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. ފައިސަލް އާއި ޑޮކްޓަރުން ވާހަކަ ދައްކަމުން ގެންދިޔަ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ. އަހަރެން ބާއްވާފައި އޮތީ ފަރުދާއް ދަމާފައެވެ. ކުއްލިއަކަށް މާޔޫސްވީ ބޭސްކައިގެން ބަލި ރަނގަޅު ވުމުގެ ފުރުސަތު ނެތްވާހަކަ ޑޮކްޓަރު ބުނީމައެވެ. އަހަރެންގެ ހަށިގަނޑުގައިވާ ލޭތައް ބަދަލުކޮށް އޮޕްރޭޝަން ކުރަންޖެހޭ ވާހަކަ ބުނުމުން ގައިން ހީބިހި ނަގައިގަތެވެ. ރާއްޖެން ބޭރުން ހަށިގަނޑަށް ލޭ އަޅަންޖެހުމުން ވަރަށް ބިރު ގަތެވެ. އަހަރެންގެ ދަރިންގެ މަތިން ހަނދާންވެ ހިފެހެއްޓުމެއްނެތް ކަރުނަތަކުން ބާލީސް ތެމެމުން ދިޔައެވެ. ފައިސަލް ފަރުދާ ކަހާލުމަށްފަހު އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންނަށް ހުރިހައިކަމެއް އޮޅުން ފިލައިފިކަން އޭނާއަށް އިގުމުން އިސްޖަހާލިއެވެ. އަހަރެން ދެތުންފަތަށް ބާރުލަމުން ލޯމަރާމީލެވެ. ފައިސަލް މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. ހިތްވަރު ދިނެވެ. އަހަރެންގެ އެދުމަށް ބީ-ނެގެޓިވް ލޭ ހުރި ދިވެހިން ލިބޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އަހަރެން އިންޑިއާ މީހުން ގައިން ލޭ އެޅީމެވެ. ހުރިހައި ކަމެއް ﷲ ވަކީލު ކޮއްގެން ކުރީމެވެ. އަލްހަމްދު ﷲ އެވެ. އޮޕަރޭޝަންވެސް ކާމިޔާބު ވިއެވެ. އަވަސްއަވަހަށް އަހަރެންގެ ދަރިންނަށް ގުޅީމެވެ. އެކުދިންނާއި ވާހަކަ ދައްކާލައި ހިތްހަމަ ޖެހުން ހޯދީމެވެ. އޮޕަރޭޝަނަށް ފަހު މަސްދުވަހު އިންޑިއާގައި މަޑު ކުރުމަށްފަހު ރާއްޖެ އައިސް ދަރިން ކޮޅު ފެނުމުން އުފަލުން ރޮވުނެވެ. އަހަރެންގެ ފިރިމީހާއަށް ޝުކުރު އަދާ ކުރީމެވެ. މަޑުމަޑުން އަނެއްކާވެސް ދިރިއުޅުން ހަމަޔަކަށް އެޅެމުން ދިޔައެވެ. އޮޕަރޭޝަން ކުރިތާ 1 އަހަރު ވީއިރު އަހަރެން ހުރީ މުޅިން ރަނގަޅު ވެފައެވެ. ނަމަވެސް އުމުރު ދުވަހަށް ކާންޖެހޭ ބޭހެއް ހުއްޓެވެ. އަހަރެންގެ އެންމެ ކުޑަ ދަރިފުޅު ހައިފާ ލިބުނީ ދޮށީ ދަރިފުޅަށް 14އަހަރު ފުރުނު ފަހުންނެވެ. އޭރު ފައިސަލް ވެސް މާލޭގެ ކުލިތައް ބޮޑުކަމުން އިތުރު އާމްދަނީ ހޯދުމަށް ކުދިކުދި ވިޔަފާރި ކުރަން ފެށިއެވެ.. މިގޮތުން ލަންކާއަށް ހިކި ކަނޑުމަހާއި، ލޮނުމަސް ބޭރު ކުރަމުން ދިޔައެވެ. މަސް ހިފައިގެން ކޮންމެ ބަންދު ދެދުވަހު އޭނާ ލަންކާއަށް ދާނެއެވެ. މިގޮތައް ވިޔަފާރި ކުރަމުން ވިޔަފާރި ބޮޑުކުރަމުން ދިޔައީ އަހަރެންގެ ވެސް ލަފާ ހޯދަމުންނެވެ. މީހަކަށް ނުދަރައި ފައިސަލް ވިޔަފާރި ކުރިއަރުވަމުން ދިޔައެވެ. މަސްގެންނަ ބޯޓު ފަހަރުގެ ހިސާބު ކިތާބުގެ ކަންކަން ނިންމާފައި ނޫނީ ނުވެސް ނިދާނެއެވެ. ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ނިންމާނެއެވެ. ވިޔަފާރި ފުޅާވެ އަތްމަތި ތަނަވަސް ވަމުން ދިޔައެވެ. ފައިސަލް ލަންކާގައި އެތަނުގެ މީހަކާއި ގުޅިގެން 4ބުރީގެ ހޮޓަލެއް އަޅަން އުޅޭވާހަކަ އަހަރެން ގާތުގައި ބުންޏެވެ. އަހަރެން އެހީމެވެ. އެހާ ފައިސާ ކޮންތާކުން ހެއްޔެވެ؟ ފައިސަލް ނިންމާފައި ވަނީ ލޯނެއްނަގައިގެން އެކަން ކުރާށެވެ. އޭރު އަހަރެންނަކަށް އިންޓަރެސްޓް ލޯނު ތަކާއި ބެހޭގޮތުން ދީނީ އެއްވެސް މައުލޫމާތެއް ނުލިބެއެވެ. އެހެން ކަމުން އެކަމަށް އިންކާރެއް ނުކުރަމެވެ. އިސްލާމް ދީނުގައި އިންޓްރެސް ލޯނުގެ ހުކުމް އަކީ ހަރާމް ކަމެއްކަން ކުރިން އެގުނުނަމަ އެކަން ފައިސަލް ކުރުމުގެ ކުރިން އަހަރެން ހުއްޓުވީމުހެވެ. އެކަމަކު އެކަން އަހަރެންނަށް އެގުނީ މާލަސްވި ފަހުންނެވެ. ލަންކާގައި ހަދާ ހޮޓެލް ހަދަން ފެށިފަހުން ފައިސަލް ލަންކާއަށް ގޮސް ހަފުތާ ދެހަފްތާ ވަންދެން ދެފަހަރަކު މަޑުކުރިއެވެ. އޮފީހުގެ އަހަރީ ޗުއްޓީ މިގޮތައް ހުސްކޮއްލިއެވެ. އަހަރެންގެ ކަންބޮޑުވުން ފެށުނީ މިހިސާބުންނެވެ. ފައިސަލް އަކީ އޮފީސް އެންމެ މުހިއްމު ތަންކަމުގައި ދެކިގެން އުޅުނު މީހެކެވެ. ނަމަވެސް މަސްދުވަސް ފަހުން ފައިސަލް ވަޒީފާއިން ކެޑޭވާހަކަ އަހަރެން ގާތުގައި ބުންޏެވެ. އަހަރެން ދެކޮޅު ހެދީމެވެ. ނަމަވެސް ފައިސަލް އަހަންނަށް ވިސްނައިދިނީ ލަންކާގައި އެޕާޓްމަންޓް ހަދައިގެން އެކޮޅަށް ބަދަލުވެގެން ދިރިއުޅުނީމަ މާ ހަރަދު ކުޑަވާނެކެމެވެ. އަދި ދަރިންގެ ކިޔެވުމަށްވެސް އެގޮތްމާ ރަނގަޅު ވާނެކަމަށެވެ. އަހަރެމް ގަބޫލް ކުރީމެވެ. އަހަރެންގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަން އުޅޭކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއްދުވަހަކު ހަވީރު އަހަރެންގެ ރައްޓެއްސެއް ފައިސަލް އަންހެނަކާއި އެކު ލަންކާގެ ހޮޓަލަކަށް ވަންނަނިކޮށް ފެނުނު ވާހަކަ ބުންޏެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ފައިސަލް މާލޭގައި ހޭދަ ކުރާ ދުވަހަށް ވުރެ ލަންކާގައި ހޭދަކުރާ މުއްދަތު އިތުރުވުން ފިޔަވައި އެހެން ބަދަލެއް އޭނަގެ ފަރާތުން ނުފެނެއެވެ. އަނެއްކާވެސް ހަމަ އެފޯން ކޯލް އޭގެ މަސްދުވަސް ފަހުން އައެވެ....
ހަޤީޤީ

މަގު(3)

lyn Level 110 Stories
August 18, 2016 4 Mins Read
12 Comments

އަހަރެން ވިސްނާ ވިސްނާ ސިކުޑި ސުމަކަށްދާން ފެށިއެވެ. ގޭގެކުލި ފުރަތަމަ ދެމަހު ދެއްކިއެވެ. ތިންވަނަ މަހު ލޯނަށް ފައިސާ ދައްކަން ދަތިވެގެން ދިނީ ކުލީގެ އެއްބައެވެ. ދަރިފުޅުގެ ޓިއުޝަން ފީ ދައްކަން އެތައްވަރަކުން ގުޅައިގެން އޯލެވެލް ނިމެންދެން ދައްކައިދިނެވެ. އަހަރެންގެ ބައްޕްމެންގެ އެހީތެރިކަން ހޯދައިގެން އެއަހަރު ޑިސެމްބަރ މަހާއި ހަމައަށް ކުލިދެއްކުމާއި ބިލްތައްދައްކަމުން ދިޔައީމެވެ. އެމީހުންނަށްވެސް ހަރަދު ކުރެވޭނީ ވަކިވަރަކަށްކަން އަހަރެން އަބަދުވެސް ގަބޫލު ކުރަމެވެ. އެކަމަކު އެނޫން ގޮތެއްވެސް އެވަގުތުނެތެވެ. ފައިސަލްއަށް ގުޅިއަސް އޭނަ ފަހުން ފޯނެއްވެސް ނުނަގައެވެ.

އަހަރެމެން ދިރިއުޅެމުން އައި އެޕާޓްމަންޓަށް ކުލި ދެއްކޭނެ ފެންވަރެއް އަހަރެންގެ އަތަކުނެތެވެ. އެހެންކަމުން އެއްބަޑު އެއްބަފާ އަންހެން ކޮއްކޮއަކާއި ވާހަކަ ދައްކައިގެން ކުލި އަދި ފެނާއި ކަރަންޓް އަދި އެހެނިހެން ހަރަދުތައް ޝެއަރ ކުރާ ގޮތައް  ތިންކޮޓަރީގެ އެޕާޓްމަންޓްއަކަށް އަހަރެން ބަދަލުވީމެވެ. އަހަރެމެންނަށް 1ކޮޓަރި 5000 ރުފިޔާއަށެވެ. އަހަރެންނާއި ދެއަންހެން ކުދިން ނިދަނީ ކޮޓަރީގައެވެ. ދެފިރިހެން ކުދިން އެގޭގެ ސިޓިމްރޫމްގައެވެ. އެކަނިވެރި މައިންނަށް ދޭ އެލަވަންސުންނާއި ބައެއް މީހުންދޭ ކުދިކުދި އެހީތަކުން ފުއްދާލައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަމުން ދަރިންގެ ކިޔެވުމަށް ހަރަދު ކުރަމުން ދިޔައީމެވެ. ބޮޑު ދަރިފުޅު 11އަށް ދިއުމުން އޭނައަށް ޓިއުޝަން ދޭން ޖެހިއްޖެއެވެ. ހިތްވަރު ކޮއްފައި ފައިސަލްއަށް ގުޅީމެވެ. އޭނާ ދިނީ އިންޒާރެވެ. އަހަރެން އޭނާއަށް ގުޅަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ބުންޏެވެ. އަހަރެން ގުޅަނީ ފައިސަލްގެ ވެސް ދަރިންގެ ކަންކަމުގައޭ ބުނުމުން ފޯނު ކަނޑާލީއެވެ.

ދަރިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަކީ އަހަރެން އެންމެ ބޮޑު އުއްމީދެވެ. އަހަރެން ދަރިފުޅު އައިޝާ ލައްވާ ފައިސަލްއަށް ގުޅުވީމެވެ. އަދި ބައްޕަ ގާތުން ޓިއުޝަން ފީހޯދަން އެދުނީމެވެ.  ނަސީބަކުން އައިޝާ ގާތު ޓިއުޝަން ފީދޭން އެއްބަސްވިއެވެ. ހަތަރު މަސްފަހުން ޓިއުޝަން ފީދައްކަންވެގެން ފައިސާ ހޯދަންވެގެން އައިޝާ ލައްވާ ފައިސަލްއަށް ގުޅީމެވެ. އެކޮޅުން ފޯނުނެގީ ފައިސަލް އިދެގެން އުޅޭ މީހާއެވެ. އޭނާ އައިޝާއާއި ދިމާއަށް ވަރަށް ހަޑިހުތުރު އެއްޗިހި ކިޔެވެ. އައިޝާ ރޮމުން ރޮމުން އަހަރެން ކައިރިއަށްއައެވެ. ހުރިހައި ވާޙަކައެއް އަހަރެންނަށް ކިޔައިދިނެވެ. ފައިސަލްގެ އަންހެނުން ހުތުރު ބަހުން އެއްޗިހި ކީވާހަކަ ބުނުމުން އަހަރެން އަޒުމެއް ކަނޑައެޅީމެވެ. ދުވަހަކުވެސް ފައިސަލްއަށް އެއްވެސް ކަމެއްގައި ނުގުޅުމަށެވެ. ހިތާހިތުން ބުނެވުނެވެ. ފައިސަލްގެ އާރެއް ބާރެއް ނެތްކަމެވެ.  އަންހެނެއްގެ ފިދަށުވެފައި ހުރިވަރެވެ.

އަހަރެން ފައިސަލްގެ ކޮއްކޮއަކަށް ގުޅީމެވެ. އަދި ދަރިންގެ ކިޔެވުމަށް ފައިސަލްއާއި ގުޅައިގެން ފައިސާގެ ކަންކަން ހަމަޖައްސައި ދިނުމަށް އެދުނީމެވެ. ދެދުވަސްވަރު ފަހުން އޭނާ އަހަންނަށް ގުޅިއެވެ. އަދި އަހަރެންނާއި ހެދި ބޮޑު އުދަގުލެކޭ ކިޔައިން ވާހަކަ ދެއްކި ވާހަކަވެސް ބުންޏެވެ. އަދި އަތްމަތި ދަތިކަމުން ފައިސާ ދެވެންނެތޭ ބުންޏެވެ. އަހަރެންނަށް އެގުނީ ފައިސަލްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެކަމެވެ. އެހެންވެ ފައިސަލްގެ ފަރާތުން ފައިސާހޯދަން އުޅުން ހުއްޓާލީވެވެ. ގޭގައި އަމިއްލަ މަސައްކަތްކޮއްގެން އާމްދަނީއެއް ހޯދޭނެ ކަމެއް ފެށީމެވެ. ދަރިންގެ ކަންކަމާއި ދިރިއުޅުމުގެ އަސާސީ ކަންކަން ފުރިހަމަވާވަރު ކުރެވުނެވެ.

ކޮންމެ އިންސާނަކީވެސް ވިސްނުމާއި ހިޔާލާއި ފިކުރުގެ ގޮތުން ތަފާތުމީހެކެވެ. އަދި އެކިއެކި މީހުންގެ މަސްލަހަތުތައްވެސް ތަފާތުވާނެއެވެ. ވިސްނަންޖެހޭ ކަންކަންވެސް ތަފާތުވާނެއެވެ. އެޕާޓްމަންޓްގެ ފެންބިލާއި ކަރަންޓްބިލް އަންނަނީ ވަރަށް ބޮޑުކޮށެވެ. އަހަރެންވެސް ކަރަންޓް އަދި ފެންބިލަށް ބިލުގެ ދެބައި ކޮއްފަ އެއްބައި ދައްކަންޖެހެއެވެ. އަހަރެމެން ފެންވެރުމާއި ކަންކަމަށް ފެންބޭނުން ކުރަނީ ބާލިދީއަކަށް ފެން ފުރައިގެން ބާލިދީން ފެންބޭނުން ކުރާގޮތަށެވެ. ހަރަދު ކުޑަ ކުރާށެވެ. އެކަމަކު އަހަރެންގެ ކޮއްކޮގެ ކަންތައްކުރަނީ އިސްރާފްވާފަދަ ގޮތަކަށެވެ. އަހަރެން ކޮންމެހެން ކޮއްކޮވެސް ބާލިދީއަށް ފެންއަޅައިގެން އެގޮތައް ފެންބޭނުން ކުރާކަށް ކޮއްކޮ ގާތަކު ނުބުނަމެވެ. އެކަމަކު އޭނާ ފެންބޭނުން ކުރުމުގައި އިސްރާފް ކުރާކަން އަހަންނަށް އަބަދު ފެންނަނީއެވެ. އަހަރެން ކަހަލަ އަތްމަތި ދަތިމީހަކަށް މިކަންކަން ފެންނަނަމަ ދެރަވާނެއެވެ. އަދި ބިލްދައްކާއިރު މާބޮޑު އަދަދެއް ދެއްކުމަކީ އުދަގޫކަމެކެވެ. އަހަރެން ވަރަށް ރީތިކޮށް މިވާހަކަ ހިއްސާ ކުރީމެވެ.

ނަތީޖާ ނިކުތީ ވަރަށް ދެރަގޮތަކަށެވެ. ކޮއްކޮ ވިސްނީ އެހެންގޮތަކަށެވެ. އަހަރެން ބޭނުންވީ ފެން ބޭނުންކުރުމުގައި ބަލައިގެން ބޭނުން ކުރުމަށެވެ. ބިލްގެ ދެބައިކޮއްފަ އެއްބައި ދައްކަން ޖެހޭތީ ޝަކުވާއެއް ނުކުރަމެވެ. އެއީ ފެންބޭނުން ކުރަންތިބީ ދެއާއިލާގަވެސް އެއްވަރަކަށެވެ. އަހަރެންނާއި ހަތަރު ކުދިންނެވެ. ކޮއްކޮ އާއި އޭނަގެ ފިރިމީހާއާއި އަދި އެމީހުންގެ ތިންކުދިންނެވެ. މިކަންތައްވީ މައްސަލައަކަށެވެ. ކޮއްކޮގެ ހިތް ކޮންމެވެސް ގޮތަކުން ކަސިޔާރު ވެއްޖެއެވެ. އަހަރެންނަށް ބުނުވުނު ބަސްތައް އަލުން އަނބުރާ ގެންނަން މަސައްކަތް ކުރީމެވެ. ކޮއްކޮއާއި ވާހަކަ ދެއްކީމެވެ. އެކަމަކު އޭނާގެ ހިތްހަމަ ނުޖެހުން ނުހުއްޓުނެވެ. ސީދާ ސީދަލަށް އަހަންނާއި ދިމާއަށް އެއްޗެކޭ ނުބުނެވެ. އަހަރެންނާއި އަދި އަހަރެންގެ ކުއްޖަކާއިވެސް އޭނާ ވާހަކަ ނުދައްކައި ހުންނަތާ ހަފުތާއެއްވިއެވެ.

އަހަރެންނަކަށް ކެތެއް ނުވިއެވެ. ކައިރީގައި ކުއްޖަކު ނެތްގަޑިއެއް ލިބުމުން ކޮއްކޮއާއި ވާހަކަ ދެއްކީމެވެ. “ވަރަށް އެއްޗެކޭ ނުބުނެ ހުންނަށް މަސައްކަތް ކޮއްފިން. އެކަމު ތިހެން ވާހަކަ ނުދެއްކައި ހުރުމުން ދައްތަ ވަރަށް ދެރަވޭ.” އަހަރެން ސިންކުކައިރީ ހުރެ ބުނީމެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ. ކޮއްކޮ ހިތުގައިވާ ހިތްހަމަ ނުޖެހުން ގަނޑު ބޭރަށް ނުކުތީ އެދަނޑިވަޅުއެވެ. އޭނާ ބުނަން ބޭނުންވި ބަސްތައް ބުންޏެވެ. ” އެއްވެސް މީހަކަށް ރަނގަޅަށް ކަމެއް ކޮއްދިނަސް އެކަމަކުން ނުލިބޭނެ ރީތި ނަމެއް. އަހަރެންއަށް އިގޭ މަށަށްވުރެ ގޯސް މީހެއްނެއްކަން މިހާރު. މަ ދޯ ދައްތައަށް އެހީވީ. މިހުރިހާ ދުވަހު މިއުޅުނީ. އެކަމަކު މަށާހެދި ދައްތައަށް ހަރަދު ބޮޑުވަނީ.” އަހަރެން ބުނި ބަސްތައް ކޮއްކޮއަށް މާނަ ކުރެވުނު ގޮތުން ވަރަށް އަސަރުކުރިއެވެ. ބުނެވުނު ކުޑަކުޑަ ބަހަކުން މިހާބޮޑު ދެރައެއް ލިބިދާނެކަމަކަށް ހިއެއްނުކުރަމެވެ.

“އަހަރެންގެ ފިރިމީހާއަކީވެސް މަހުޖަނެއްނޫނޭ، މަވެސްބަލާނެ ދޯ ތިހުރިހާ ކަމަކަށް. ދައްތަ ބޭނުން ގޮތެއްހަދާ. އަހަރެމެންނާއި އެއްކޮށް އުޅެންޏާ އުޅެންވީ. މާބައިވަރު ޝަކުވާއެއް މަވެސް ނުކުރަންދޯ. މަވެސްހުރޭ ދައްތަމެން ފަރާތުން ފެންނަ ހިތްހަމަ ނުޖެހޭކަންކްން. މަވެސް ނުދައްކަން އެވާހަކަތަކެއް…” ކޮއްކޮ ފައްޗަކަށް އަމުނަމުން ދިޔައެވެ. އަހަރެންނަށް ރޮވެންފެށިއެވެ. ހަމަ އެވަގުތު އައިޝާ ސްކޫލުން ގެއަށްއައިސް ވަނެވެ. ދެއްކި ވާހަކަތައް އައިޝާއަށް ހިސާބަކަށް އަޑުވެސް އިވުނެވެ. އައިޝާ ގޮސްވަނީ ކޮޓަރިއަށެވެ. އަހަރެންވެސް ކޮއްކޮގާތު މާފަށް އެދުނީމެވެ. އޭނާ އަނގައިން ނުބުނެ ގޮސްވަނީ ކޮޓަރިއަށެވެ.

ކޮއްކޮ ބުނިއެއްޗަކާއިމެދު ވިސްނާލެވުނީ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ހުއްޓުމުންނެވެ. “އަހަރެމެންނާއި އެއްކޮށް އުޅެންޏާ އުޅެންވީ….” އަހަރެން ވިސްނާލީމެވެ. ކޮންމެ ގޮތަކުންވިއަސް އަހަރެންނަށް ވަކިން ތަނެއް ހިފައިން ދިރިއެއް ނޫޅެވޭނެއެވެ. ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކަން އަޒުމު ކަނޑައަޅައި އުޅެން ގަސްދުކުރީމެވެ.

އަހަރެން ކޮއްކޮއާއި ވާހަކަ ދައްކައިގެން އުޅެން ފެށީމެވެ. އެކަމަކު އޭނާގެ އަމަލުތަކުން އަހަންނަށް އަންގަމުން ގެންދިޔައީ އެގެއިން ނިކުމެގެންދާށެވެ. އަހަރެން ކުރާކަންކަމުން އޭނާއަށް އުދަގޫވެސް ވެއެވެ. އަހަރެން ގެންގުޅޭ ފަހާފޮށި އަބަދުވެސް ބަހައްޓަނީ ސިޓިމް ރޫމްގައެވެ. އެކަމަކު ފަހުން އެތަނުގައި އެހުންނާތީ އޭނަ ޝަކުވާ ކުރާތީ ކޮޓަރިއަށް ގެންދަންޖެހުނެވެ. ކިރުފެލަން މިކްސަރ ޖައްސާ ގަނޑިވެސް އޭނާއަށް ގޯސްވާންފެށިއެވެ. އެކަމަކު މިކަންކަމަށްވެސް  ކެތްކުރީމެވެ. ކެތްނުކުރެވުނީ ދަރިންނާއި މެދު ކަންތައް ބަހައްޓާގޮތުންނެވެ. އަހަރެންގެ އުއްމީދުތައް ގުޅިފައި އޮތީ އެކުދިންނާއެވެ. މިހުރިހައި ތަކުލީފެއް އުފުލަމުން މިއަންނަނީވެސް ހަމަ އެކުދިންނަށްޓަކައެވެ. އަހަރެންނާއި ވާހަކަ ދައްކަނީ މަޖުބޫރުވެގެން ކުރާކަމެއްގެ ގޮތުގެ އިހުސާސް ކުރެވެން ފެށިއެވެ. އަހަރެންގެ ދަރިންނާއި މެދުވެސް ތަފާތު ކުރުންތަކެއް އޭނާ ގެންގުޅެން ފެށިއެވެ. މުއާމަލާތް ކުރުމުގައި ފޫހި އަދި ބައެއްފަހަރު ހަރުކަށިކޮންނެވެ.

އައިޝާ އޭލެވެލް ނިމެންދެން އެގޭގައި އުޅެން ގަސްދުކުރީމެވެ. އަދި އައިޝާއަށް ވަޒީފާއެއް ލިބުމުން ވަކިން އެއްކޮޓަރީގެ އެޕާޓްމަންޓެއް ހޯދަން ނިންމީމެވެ. އެހެންވެ މަންމަމެންނަށްވެސް ކުރިއާލާ އެކަންއެންގީމެވެ. އެގެއިން ބަދަލުވާ ވާހަކަ ބުނުމުން މަންމަ އަދި ބައްޕަވެސް ހިސާބަކަށް ނުތަނަވަސްވިއެވެ. ވީއެއްވެސް ކަމެއްނުބުނަމެވެ. އެކަމަކު އެމީހުން ކިރިޔައި ވިސްނާލިއަސް ވީގޮތް އެގޭނެ ނޫންހެއްޔެވެ؟ ކަމެއް ނުވަނީހެއް ބަދަލެއް ނުވާނެކަން އެމީހުން ދެނެގަތެވެ. އެކަމަކު އަހަރެން ވީގޮތް ކިޔައިނުދެމެވެ. އަހަރެންނާއި ކޮއްކޮއާއި ދޭތެރޭ މައްސަލަ ޖެހުނީ ކީއްވެކަމާ އެކަން ހައްލުނުކުރެވުނީ ކީއްވެކަން ބުނެދޭން ބޭނުންނުވީއެވެ. އިތުބާރު ނުކުރާތީއެއް ނޫނެވެ. މަސްލަހަތައްޓަކައެވެ. އަހަރެން އެދުނީ ކުއްޔައް ހިފާތަނަށް ދައްކަން އެޑްވާންސް ގޮތުގައި ދައްކަންޖެހޭ ރުފިޔާ މަންމަމެން އަތުން ހަމަޖެހޭތޯއެވެ.

އައިޝާއަށް އައިޖީއެމްއެޗް އިން ވަޒީފާލިބުނެވެ. އަހަރެން ވަގުތުން އެއްކޮޓަރީގެ އެޕާޓްމަންޓެއް ހޯދީމެވެ. އަހަރެން ކޮއްކޮމެންގެއިން ނިކުންނަމުން ކޮއްކޮ ގާތުން މާފައް އެދުނީމެވެ. ނަމަވެސް އޭނާގެ ހިތްނުތަނަވަސްކަން އޭރުވެސް އަހަރެންނާއި މެދު ނުފިލައެވެ. އަހަރެން އަޅައެއްނުލަމެވެ. ފަހުން އޭނާއަށް ވިސްނޭނެކަމަށް ބަލާފައި އެކަން ބޭއްވީއެވެ. އަހަރެން އެގެއަށް އައިއިރު ގެނައި ބައެއް ގެވެހި އެއްޗިހި ވަނީ ހަލާކުވެފައެވެ. އަހަރެން ގެނައި ކުކަރާއި، ގޭސް އުނދުނާއި، ދޮންނަ މެޝިން ހަލާކުވީ އެގޭގައި އުޅެނިކޮށެވެ. ހަލާކުވެގެން އެއްޗިހި ގަތީ ކޮންމެވެސް ވަރަކަށް އަހަރެންވެސް ހިއްސާވެގެންނެވެ. ނަމަވެސް އެގެއިން ނިކުތީ އެތަކެތިވެސް ބަހައްޓާފައެވެ. އަހަރެންނަށް ހައްގުވާ މިންވަރަށްވެސް އެއްޗެއް ނުގެންދަމެވެ. އަހަރެން ގެންދިޔައީ އެއްފަރާތައް އަރިވެފައިވާ އަލަމާރިއަކާއި ދެބުރި އެނދެކެވެ. ދެން ކުދިކުދި ހިފާ ގެންގުޅޭ ބަދިގެ ސާމާނެވެ. މިހުރިހާ ކަމެއްވެސް ކުރީ މަސްލަހަތައްޓަކައެވެ. އަހަރެންނަށް ބޭނުންވާނެ ހުރިހައިއެއްޗެއް ގަންނާނެ ފައިސާ ހުރެގެންނެއް ނޫނެވެ. ދޮންނަ މެޝިނެއް ގަނެވުނީ އެގެއިން ދިޔަތާ ދެމަސް ފަހުންނެވެ. ދެމަސް ދުވަސް ވަންދެން އެއްޗިހި ދޮވެ ހެދީ ތިންވަނައަށް ހުރި ދަރިފުޅުގެ ކުލާސް ކުއްޖެއްގެ ގެއިންނެވެ. އެކުއްޖާގެ މަންމައަށް އަހަރެންގެ ހާލަތު އެނގުމުން  އޭނާ އަހަރެންނަށް މެޝިނެއް ގަނެވެންދެން އެގޮތައް ހަދަން ބުނީމައެވެ. މެޝިނެއް ގަންނަން އޭނާ ކޮންމެވެސް ވަރަކަށް ލާރިވެސްދިނެވެ.

އައިޝާގެ އޭލެވެލް ނަތީޖާ ވަރަށް ރަނގަޅެވެ. އޭނާ ޑޮކްޓަރކަން ކިޔަވަން ބޭރަށްދާން ހުރީ ވަރަށް ބޭނުންވެފައެވެ. ސްކްލަރ ޝިޕްވެސް ލިބުނެވެ. އެކަމަކު އެފުރުސަތު ދޫކޮއްލަންޖެހުނީ އައިޝާ ވަޒީފާއަށް ފޮނުވައިގެން ނޫންގޮތަކަށް ދިރިއުޅުން ހަމަޖެއްސެން ނެތީމައެވެ. އަހަރެން އެހެން މީހަކާ ކައިވެނި ކުރަން ނީންމީވެސް އައިޝާއަށް ކިޔަވައިދެވޭތޯއެވެ. އޭރުންވެސް އެކަމަށް މަގެއް ފެނިދާނެތީއެވެ. އެކަމަކު އެހިޔާލު ފޮހެލަން މަޖުބޫރުވީ މީހުންނަށް އިތުބާރު ނުކުރެވޭތީއެވެ. އެހެންވެ މީހަކާ އިނުމުގެ ހިޔާލުވެސް ފޮހެލީމެވެ. އިތުރު ހިތްދަތިކަމެއް ފެނިދާނެތީ އެކަމާ ބިރުންނެވެ.

އަހަރެން އިނީ މޭޒުކައިރީ ފަހާށެވެ. ހައިލަމް ވަރަށް ބާރަށް މަންމާއޭ ކިޔާފަ ގޮވައިލިއެވެ. އަވަހަށް ކޮޓަރިއަށް ދިޔައީމެވެ. އޭނާ އޮތީ ކޮޓަރި ތެރެއަށް ވެއްޓިފައެވެ. އަވަހަށް އައިޝާއަށް ގުޅީމެވެ. ހޮސްޕިޓަލުގެ އިމަޖިންސީ ބަޔަށް ހައިލަމް ވެއްދިއިރު އަހަރެންގެ ލޯފުސްވަމުން ދިޔައެވެ. މަޑުމަޑުން މަންޒަރުތައް ގެއްލެމުން ދިޔައެވެ.(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lyn

Level 110 Stories

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 5

Next

ކިޔުންތެރިންނަށް

Next
August 18, 2016

ކިޔުންތެރިންނަށް

Previews
August 18, 2016

ނޭނގޭހެ ހާދަ ލޯބިވޭ 5

12 Comments!

  1. sabeeha says:
    August 18, 2016 at 12:17 pm

    nice..??

  2. HaaZii says:
    August 18, 2016 at 12:48 pm

    vv reethi

  3. ayya says:
    August 18, 2016 at 1:24 pm

    sabeeha dhw eneme avahah vaahaka kiyaa meehakah miulhenee..btw mi part ves varah reethi

  4. Dil says:
    August 18, 2016 at 1:35 pm

    Mi hageegi haadhisaa eh macha binna ko liyaa vahaka eh hen heevey…vrh reethi

  5. Hahaa says:
    August 18, 2016 at 2:24 pm

    Haadha muskulhi vaahaka eh

    1. aisha says:
      August 18, 2016 at 7:45 pm

      muskulhya nukyma v nu dhw

  6. Ainthu says:
    August 18, 2016 at 3:49 pm

    Hahaa dhen muskulhin dhiriulhumuga kanthah thah nuhigaane eytha thibuny? konme meehakeevex muskulhi vaane meeheh….. n Story hama habeys.

  7. Ai says:
    August 18, 2016 at 6:14 pm

    Varh reethi vahaka eh meeves. Faahaga kurevey lyn gs vahaka thah vany vrh bodah alhugadumenge mujuthamau edhey fadha gothakah kan liyevifa. Lyn liyefaiva dua ves vrh iburaiy theri. Dhahnavan beynun vany miharuge meehuhnah hyva gothun loabyge vahaka akah nuvaanama ey evves ehchenun. Namaves the truth is that we need this kind of stories in order to ldt all of our youths to be on the right path. Jazakallah khairah thi fadha vshaka thsh genesdheythy ☺

  8. Reesham says:
    August 18, 2016 at 6:37 pm

    Mee v rythi vaahaka eh..v asaru kuruvsnivi story eh..v vahtharu hagygathaka

  9. ba says:
    August 18, 2016 at 7:02 pm

    Mi vaahaka muskulhiey liyefa in kuhjaa kairy varah ahaalaa hihvey mi vaahaka muskhulivy sababaky kobaitho???

  10. ba says:
    August 18, 2016 at 7:03 pm

    V nice story eh 🙂

  11. butterfly says:
    August 19, 2016 at 6:50 pm

    V nice,,,,,.

Comments are closed.

Next Episodeމަގު(4)←


All Right Reserved!