މަގު(4)
އަހަރެން އިނީ މޭޒުކައިރީ ފަހާށެވެ. ހައިލަމް ވަރަށް ބާރަށް މަންމާއޭ ކިޔާފަ ގޮވައިލިއެވެ. އަވަހަށް ކޮޓަރިއަށް ދިޔައީމެވެ. އޭނާ އޮތީ ކޮޓަރި ތެރެއަށް ވެއްޓިފައެވެ. އަވަހަށް އައިޝާއަށް ގުޅީމެވެ. ހޮސްޕިޓަލުގެ އިމަޖިންސީ ބަޔަށް ހައިލަމް ވެއްދިއިރު އަހަރެންގެ ލޯފުސްވަމުން ދިޔައެވެ. މަޑުމަޑުން މަންޒަރުތައް ގެއްލެމުން ދިޔައެވެ. އަހަރެންހޭއެރިއިރު އޮތީ ހޮސްޕިޓަލްގެ އެދެއްގައި ބާއްވާފައެވެ. ހައިލަމް ގޮވާލި އަޑު އަހަރެންނަށް ތަކުރާރު ވަމުންދިޔައެވެ. އަހަރެން ބާއްވާފައި އޮތް އެދުން ތެދުވަން މަސައްކަތް ކުރީމެވެ. އެކަމަކު ކައިރީގައި ތިބި މީހުން އަހަރެން ހިފެހެއްޓިއެވެ. އަހަރެންގާތުގައި ދޮށީ ފިރިހެން ދަރިފުޅު ނާއިލް އިނެވެ. ” ކޮ، ކޮ، ބޮބަ، ހައި، ހައިލަމް” ވަރަށް އުދަގުލުން އަހަރެންނަށް އެހީމެވެ. “އެކްސްރޭ ނަގަން ގެންގޮސްފި ހަމަދެންމެ” ނާއިލް ބުންޏެވެ. އަހަރެން ބައިވަރު ވާހަކަތައް އަހަންބޭނުންވިއެވެ، އަދި އެދުން ތެދުވެގެން ދާންބޭނުންވިއެވެ. އެކަމަކު އެހަކަތައެއް ނެތެވެ.
އަހަރެން ޑިސްޗާޖް ކުރީ އެއްދުވަސް ފަހުންނެވެ. ހައިލަމް ބާއްވާފައި އޮތީ އައިސީޔޫގައެވެ. އަހަރެން ދުވެފައިގޮސް ބައްދާލަން އުޅުނީމެވެ. ނާއިލް އަހަރެން ހަމައަކަށް އެޅުވިއެވެ. މަޑުމަޑުން އަހަރެންގެ އަތުގައި ހިފައިގެން ގޮސް ހައިލަމް ބާއްވާފައިއޮތް އެދު ކައިރީ އަހަރެން ބެއިންދިއެވެ. އައިޝާ އެނދުގެ އަނެއްފަރާތުގައި އިނެވެ. އަހަރެންނަށް ބަލާލާފައި ހީލިއެވެ. އެކަމަކު އޭނަގެ މޫނުމަތިން އެހެންކަމެއް ފޮރުވިފައިވާކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ނިދިފައިއޮތް ހައިލަމްގެ މޫނަށް އެތައްފަހަރަކު އަހަރެން ބޮސްދިނޭމެވެ. ލޮލުން ކަރުނަ އަންނަން ފެށުމުން ނާއިލް އަހަރެން އެތަނުން ނެރުނެވެ. ނާއިލް އަހަރެން ގޮވައިގެން ދިޔައީ ހޮސްޕިޓަލް ކެންޓީނަށެވެ. އިރުކޮޅަކުން އައިޝާވެސް އައެވެ.
ހައިލަމްގެ މައިބަދައިގެ ނާރެއް ފިތިފައިވާ ވާހަކަ އައިޝާ ބުނީ ވަރަށް ހިތްވަރު ކޮއްފައެވެ. އޭރު އޭނަގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. ފެންކަޅިވެފައިވާ އަހަރެންގެ ލޮލަށް އޭނާބަލާލީ ފުންބެލުމަކުންނެވެ. ލޮއެއްބާއި ހިތްވަރު ދިނުމާއި އެކުއެވެ. ހައިލަމް ވަގުތުން ރާއްޖެއިން ބޭރަށް ގެންދަންޖެހޭ ވާހަކަ ބުންޏެވެ. އާސަންދައިން ދެވޭނެގޮތް އޮތީ ހަމަޖެހިފައެވެ. އަހަރެންގެ މައިންބަފައިންނާއި އާއިލާގެ މީހުންނަށް ގުޅައިގެން ކޮންމެވެސް ވަރަކަށް ފައިސާގެ ކަންކަންވެސް ނާއިލްއާއި އައިޝާވަނީ ހަމަޖައްސާފައެވެ. އެކަމަކު ލިބުނުފައިސާ މަދުކަމުން އިތުރަށް ފައިސާ ބޭނުންވާ ވާހަކަ އައިޝާ ބުންޏެވެ.
އެރޭ ގެއަށް އައިސް އަހަރެން ފައިސަލްގެ ކޮއްކޮއަކަށް ގުޅުމަށްފަހު ވެގެންއުޅޫގޮތް ކިޔައިދިނީމެވެ. އަދި މިކަމުގައި އެއާއިލާގެ އެހީތެރިކަމަށް އެދުނީމެވެ. އަދި ފައިސަލް ކައިރީގައި މިވާހަކަ ބުނެދޭން އެދުނީމެވެ. އަދި މާދަމާ ހައިލަމް ގޮވައިގެން ލަންކާއަށް ދާން ޓިކެޓްހަމަޖެހިފައިވާ ވާހަކަ ބުނީމެވެ. ފައިސަލްގެ ކޮއްކޮ އަހަރެން ގުޅިތާ ގަނޑިއެއްހާއިރު ފަހުން ގުޅިއެވެ. ފައިސަލްއަށް އަހަރެން ބުނެދޭން ބުނި ވާހަކަތައް ބުނެދިން ވާހަކަ ބުންޏެވެ. އަހަރެން ހީކުރީ ފައިސަލް ގުޅާނެކަމަށެވެ. ދަރިއެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެހީވާނެކަމަށް އުއްމީދު ކުރީމެވެ. އެކަމަކު އޭނާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. ފައިސަލްގެ ކޮއްކޮ އަހަންނަށް ޑޮލަރު ކޮޅެއް ދިނެވެ.
އަހަރެން ލަންކާއަށް ދިޔައީ ނާއިލްއާއި އައިޝާއާއި އެކުގައެވެ. މަންމަމެން ގެނެސް ކުޑަ ދަރިފުޅު ގާތު ބައިތިއްބާފައެވެ. ކިރިޔާ ފުދޭވަރެއްގެ ފައިސާކޮޅެއް ﷲގެ ތަނަވެސް ރަހުމަތުން ލިބުނެވެ. ހައިލަމްގެ ބައްޔަށް ޝިފާ ދެއްވާތޯ ބޯޓުމަތީ އިދެގެންވެސް އަހަރެން ދުއާކުރަމުން ދިޔައީމެވެ. ﷲއަށް ހަމްދުކުރީމެވެ. އައިޝާއާއި ނާއިލް ދަތުރުގެ ހުރިހައިކަމެއް އެހާ ރަނގަޅަށް ކުރީމައެވެ. ލަންކާއަށް ގޮސް ވަގުތުން ފަރުވާ ހޯދުމުގެ ކަންކަން ފެށުނެވެ. ފައިސަލްގެ ކޮއްކޮއަތުން ފައިސަލްގެ ނަންބަރު ހޯދައިގެން ނާއިލް ގުޅިއެވެ. ތިބި ހޮސްޕިޓަލާއި ތަންތަން ބުނެދިނެވެ. އެކަމަކު ފައިސަލްއެއް ނައެވެ. އެދަރިންނަށްވެސް ޔަގީންވިއެވެ. ފައިސަލްއަކީ އެކުދިންނާމެދުވެސް ވިސްނާ މީހެއްނޫންކަމެވެ. އޭނާއަކީ އޭނަގެ އަމިއްލަ ދިރިއުޅުން ޒީނަތްތެރި ކުރާ މީހެއްކަމެވެ. ކުރަންޖެހުނު އޮޕަރޭޝަންވެސް ﷲގެ ހެޔޮ ރަހްމަތުން ދިޔައީ ރަނގަޅަށެވެ. މާގިނަ ދުވަހު އެކޮޅުގައި ތިބެންނުޖެހި ނަސީބަކުން ރާއްޖެ އާދެވުނެވެ.
ހައިލަމްވެސް މަޑުމަޑުން ރަނގަޅުވަމުންގޮސް ހައެއްކަ މަސްތެރޭ ރަނގަޅުވިއެވެ. އެއަހަރަކީ އޭނަގެ އޯލެވެލް އަހަރެވެ. އަހަރެންގެ ކުދިންގެ ތެރެއިން އެންމެ ހިތްއަލި ވެފައި މޮޅުކުއްޖަކީ އޭނާއެވެ. އޭނާގެ އަޒުމަކީ ރާއްޖެއިން އެއްވަނަ ހޯދުމެވެ. އެކަން އޭނާ ކާމިޔާބު ކުރިއެވެ. ހައިލަމް އޭނާގެ ބައްޕައަށް ކާމިޔާބީ ހިއްސާކުރަން ބޭނުންވިއެވެ. އަހަރެން ހައިލަމް އެކަން ބޭނުންވެފައި ހުރިވަރުން އެވާހަކަ ފައިސަލްއަށް އެސްއެމްއެސް ކުރީމެވެ. ހަބަރެއް ނުވިއެވެ. ޓީވީ އިން ޓޮޕް ޓެން އެޗީވާރސް އެވޯޑްއާއި އޭގެ ހަބަރުތައް ގެނެސްދިނެވެ. ރާއްޖޭގެ ހުރިހައި އޮންލައިން ނޫސްތަކެއްގައިވެސް ހައިލަމްގެ ފޮޓޯތަކާއި އެއްޗިހި ފެންނަންހުއްޓެވެ. އެކަމަކު ފައިސަލްއަކަށް މުޅިރާއްޖޭ އެންމެން މިކާމިޔާބީއަށް މަރުހަބާ ކީއިރުވެސް ކަހާތަން ހިރުވާހެންވެސް ހީނުވިއެވެ.
ހައިފާ ގްރޭޑް އެކަކަށް ވަންއަހަރެވެ. އެއްދުވަހަކު ސުކޫލަށް ބަލާދިޔައިރު ހުރީ ފެންކަޅިވެފައެވެ. މައްސަލަ ސާފުކޮއްލީމެވެ. ފެމެލީ ޓްރީ ކުރަހަން ޖެހުނީއެވެ. އޭނާ ބައްޕަ މަތިން މާބޮޑަށް ހަނދާންވީއެވެ. ޖެހިގެން އައި ދުވަހު ބައްޕަގެ ފޮޓޯއެއްވެސް ގެންނަން އޮތީ ބުނެފައެވެ. އަހަރެން ހައިފާއަށް ވިސްނައި ދިނީމެވެ. ބައްޕަ ފޮޓޯ ނުނަގައޭ ބުނީމެވެ. ނަސީބަކުން ގަބޫލު ކުރިއެވެ. އަދި ކްލާސް މިސްކައިރީވެސް އަހަރެން ކުޑަކޮށް ކަންކަން ހިއްސާކޮއްލީމެވެ.
ބައެއްކުދިން ބަލާ އެކުދިންގެ ބައްޕަ އަންނަ އިރު ހައިފާގެ ބައްޕަ ނާންނާތީ އެކަމުގެ ޝަކުވާވެސް ކުރަންފެށިއެވެ. އެއްފަހަރަކު ހޮސްޕިޓަލުގައި ހުންއައިސްގެން ހައިފާ އެޑްމިޓް ކުރަންޖެހުނެވެ. ކައިރީގައި އޮތްއެދުގައި ބާއްވާފައި އޮތްކުއްޖާގެ ބައްޕަ އަބަދު އެކުއްޖާގާތު ހުންނާތީ ހައިފާވެސް އެކަންބޭނުންވިއެވެ. އަދި ހައިފާ ބަލިވެގެން ބޭއްވި ވާހަކަ ބައްޕަ ކައިރީގައި ބުނެދޭށޭ ކިޔައި ރޮއި ހަދަންފެށިއެވެ. އަހަރެން ފައިސަލްއަށް ގުޅީމެވެ. އޭނަގެ ފޯންނެގީ އެހެންމީހެކެވެ. އަހަރެން ފައިސަލްގެ ކޮއްކޮއަށް ގުޅީމެވެ. އޭނާ ބުނީ ފައިސަލް މާލޭގައި އުޅޭވާހަކައެވެ. އަހަރެން ފައިސަލް ގެންގުޅުނު ނަންބަރަށް ގުޅީމެވެ. އަދި ހައިފާއަތަށް ފޯންދިނީމެވެ. ހައިފާ ފައިސަލްގާތު ހޮސްޕިޓަލަށް އައުމަށް އެދުނެވެ. ފައިސަލް ނައުމުން ހައިފާ ރޮމުން ރޮމުން ބުންޏެވެ. ” ބައްޕަ ހައިފާ ދެކެ ލޯބި ނުވޭ ދޯ މަންމާ،، އެހެންވީމަ އެއްނު ކޮއްކޮ ބަލިވެގެން ގުޅީމަވެސް ނާންނަނީ” އަހަރެންނަށް ބޯޖަހާލެވުނެވެ. އޭގެ ފަހުން ހައިފާވެސް ފައިސަލްގެ ވާހަކަ އަހަރެން ގާތުނުދައްކައެވެ.
ޖެހިގެންއައި އަހަރު އަހަރެމެން ދިރިއުޅެމުން ދިޔަ އެޕާޓްމަންގެ ކުލި ބޮޑުކުރިއެވެ. އަނެއްކޮޅުން އައިޝާ މީހަކާ އިންނަން ބޭނުންވިއެވެ. އަދި ނާއިލްވެސް މީހަކާ އިންނަން ވިސްނާ ވާހަކަ ބުންޏެވެ. އެހެންވެ ތިންކޮޓަރީގެ އެޕާޓްމަންޓްއެއް ހޯދަން ޖެހުނެވެ. އައިޝާ އުޅެން ގަސްދުކުރީ އަހަރެމެންނާއި އެކީއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓްއެއް ހިފީމެވެ. އަދި އެއްކޮޓަރި އައިޝާއަށް އަނެއް ކޮޓަރި އަހަރެންނާއި ހައިފާ އަދި ނާއިލް އާއި ހައިލަމް އުޅޭގޮތައް ހަމަޖެއްސީމެވެ. ބާކީހުރި ކޮޓަރި ނާއިލް މީހަކާއި އިދެވެންދެން ކުއްޔަށް ދޭންނިންމީމެވެ.
ވަލީގެ ކަންކަން ހަމަޖައްސަން އައިޝާ ފައިސަލްއަށް ގުޅިއެވެ. އޭރުފައިސަލްހުރީ ބޭންކް ލޯނު ނުދައްކައިގެން ކޯޓުން އަންގައިގެން މާލެއައިހެވެ. ފައިސަލްއަށް އަންނާކަށް ނުކެރުނެވެ. ކޯޓްމެދުވެރިކޮށް ވަލީ ހަމަޖައްސައިގެން އައިޝާ ކައިވެނިކުރިއެވެ.
މާލެގެ ދިރިއުޅުމުގެ ހަރަދުތައް މާބޮޑުވިއެވެ. ތަކެތީގެ އަގުބޮޑުވިއެވެ. ހައިފާގެ ސްކޫލްކަންކަންވެސް ހަމަޖައްސަން އުދަގޫވިއެވެ. ކޯޓަށް ހައިފާގެ ހަރަދު ފައިސާ ހޯދަން އަހަރެން ފޯމްލީމެވެ. އަހަރެންނާއި ފައިސަލް ކޯޓަށް ހާޒިރު ކުރިއެވެ. ފައިސަލްއަށް މަހަކު ހައިފާގެ ދަރިންގެ ހަރަދުގެ ފައިސާއަށްވާ 2000 ރުފިޔާ އަހަރެންގެ އެކައުންޓަށް ޖަމާކޮއްދޭން ހުކުމްކުރިއެވެ. އަހަރެންގެ އިއްދައިގެ ފައިސާ ނުދީ އޮތުމުން އެފައިސާވެސް ދޭން ކޯޓުންއެންގިއެވެ. ކޯޓުގައި އަހަރެންގެ ވަރި ސާބިތު ކުރިއިރު ފައިސަލް އެއްބަސް ވެފައި އޮތީ ކޯޓް މެދުވެރިކޮށް ހަރަދުގެ ފައިސާދޭ ގޮތަށްކަން އަހަންނަށް އެނގުނީ އެދުވަހުއެވެ. މިވޭތުވެ ދިޔަ އަށްވަރަކަށް އަހަރަށް ހުރިހައި ދަރިންނަށް ދޭންޖެހޭ ފައިސާއާއި އާއި އަހަރެންގެ އިއްދައިގެ ހަރދުގެ ފައިސާގެ ހިސާބުކުރުމުން ފައިސަލް ހަލައްކައެއްހާ ރުފިޔާ އަހަންނަށް ދޭންޖެހޭކަން އެނގުނެވެ. އަހަރެން އެފައިސާ ހޯދަންވެސް ކޯޓްގައި އެދުނީމެވެ. ފައިސަލްއަށް އެއްޗެއް ވިސްނައިދޭށެވެ. އެކަހަލަ ކޮންމެ މީހަކަށް އެއްޗެއް ވިސްނައިދޭށެވެ. އަހަރެން ވަރިކުރުމަށް ފަހު ދަރިންނަށް ހަރަދު ކޮއްދިންނަމަ އަހަރެން މިފައިސާ މިގޮތަށް ހޯދާކަށް ނުޖެހުނީހެވެ.
ކޯޓުން ނިންމީ ފައިސަލް އެފައިސާ އަހަރެންގެ އެކައުންޓަށް ޖަމާކުރާށެވެ. އަހަރެން ވަރިކުރި ފަހުން މާލެއިން ފައިސލް 3 ފްލޯގެ އިމާރާތެއް ގަނެފައި ހުއްޓެވެ. އެއިމާރާތުގައި އުޅޭ ފަރާތްތަކަށް ކޯޓުން އެންގީ ކުލި ފައިސަލްގެ ބޭންކް އެކައުންޓަށް ޖަމާކުރާށެވެ. ފައިސަލްގެ އެކައުންޓަށް ޖަމާކުރާ ފައިސާގެ 20ޕަސެންޓް މިހާރު އަހަރެންގެ އެކައުންޓަށް ޓްރާންސްފަރ ކުރެއެވެ. ފައިސަލް އަހަންނަށް ދޭންޖެހޭ ފައިސާ ހަމަވަންދެން ކޯޓުން އޮތީ މިގޮތަށް ހަދަން އަމުރުކޮއްފައެވެ.
އަހަރެންގެ ހަޔާތުގެ މިދަތުރަކީ އަޑިގުޑަން ގިނަ ދަތުރެކެވެ. ދިމާވާ އެއްވެސް ކަމަކަށް އަހަރެން ޝަކުވާ ކުރާކަށް މަޑެއްނުކުރަމެވެ. ލެވެނު ހިތްވަރެއް ލާފައި އަހަރެން ކުރިއަށް ދާން ކުރިމަސައްކަތަކީ އަހަރެންގެ ދިރިއުޅުމުގެ ކާމިޔާބީއެވެ. ދިރިއުޅުން ކާމިޔާބު ވުމަކީ ހަމައެކަނި ފައިސާ ގިނަވެގެން ވާނެކަމެއް ނޫނެވެ. ދިމާވާ ކަންކަމަށް ކެތްކުރުމަކީ ކާމިޔާބު ލިބުމެވެ. ލިބޭ އެއްޗަކުން ފުއްދަން އެގުމަކީ މުއްސަދި ކަމެވެ.(ނިމުނީ)
10 Comments!
Comments are closed.
iburathun furigenvaa vaahakaeh
v reethi..??
V rythi story ehh.. i love it
The best story ever.Some labeled this story as old but this is the best way to educate and open the minds of people in the society instead of writing fantasy stories which is full of unnecessary ideas and contents that are not suitable for Muslims to read and even write.
u r totally rite
True
vr intresting… vr dheravi mi vaahaka kiyaafa… vr ibraitheri…
Hama aslu koh vs rovijjeh.. mi kahala life eh ga ulhey haadha baivaru meehun ulheyneh ey dhww..
Alhamdhulillaahii..thi family ah rangalhu gotheh medhuverikurehveethii..baajaveri faagathi dhuvasthakakah edhen?Hihvarugadha kehtheri dharin dheke loabivaa laamaseelu mamma eh..saabas hama thi libuvethi mamma ah..lyn v bodah thanks thikahala iburaihtheri vaahakaeh mujuthama ah hissaakurythyy??
Varah reethi