ކުށަކާނުލާ.. (4 ވަނަ ބައި)
އެވަގުތު މަންމަ ދޮރުގައި ޓަކި ޖަހާލިއެވެ. އެއީ އަހަރެންގެ ނަސީބުކަމެއް ބަދުނަސީބުކަމެއް ނޭނގެއެވެ. ރޯ މަހެއްހެން އަޔާން ތެޅިގަތެވެ. އަހަރެން ގޮސް ދޮރު ހުޅުވީމެވެ. “ހާދަ އިރެއް ތިނެގީ ދޮރު ހުޅުވަން.. އަހަ.. އަޔާންވެސް އެބައުޅެން ދޯ..” ޝައްކުގެ ނަޒަރަކުން ކަހަލަ ގޮތަކަށް މަންމަ އަޔާންއާ ދިމާއަށް ބަލައިލިއެވެ. އަހަރެންވެސް އެއްމިޔަނަކުން ހީލުމަށްފަހު އަޔާން ކައިރީ އިށީނީމެވެ. “އަހަރެން ދެން ދަނީ” މަންމަ އައުމުން އަޔާން އަވަސްވެގަތީ ދާށެވެ. އަހަރެންވެސް އޭނާ ހުއްޓުވާކަށް ނުހަދަމެވެ. އެއީ މިހާރު އަޔާންގެ އާދައެވެ. އިތުރަށް މަޑުކުރަން ބުނުމެކޭ މިހިރަ ފާރާ ވާހަކަ ދެއްކުމެކޭ މާބޮޑު ތަފާތެއް ނޯންނާނެއެވެ.
އަޔާން ދިއުމުން އަހަރެން ރިޝާއަށް ގުޅާލީމެވެ. ސްކޫލް ނިމުން ފަހުން ދެމީހުން ބައްދަލު ނުވާތާވެސް ކިތަންމެ ދުވަހެއްވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ޗުއްޓީ ހޭދަކޮއްލުމަށް ރިޝާ ރަށަށް ބަދަލްވީ ވިއްޔާއެވެ. “އޭ.. އަންނާކަށް ނުވޭތަ؟ ހާދަ ފޫއްސޭ މިކޮޅުގަ. މަ އެކަނި ވިއްޔަ” ރިޝާ ފޯނު ނެގުމާއެކު އަހަރެން ވަހަކަ ދެއްކީމެވެ. “ކީއްވެ އެކަނި ވާންވީ ލޯބިވާ އަޔާންވެސް އެހުރީނު. އަނެއްކާ ދޫކޮއްލާފަތަ ފިލީތަ” ރިޝާ އެހެން ބުނުމުން އަހަރެން ގާތަށްވެސް ހިނިއައެވެ. “އޭ.. އޭނަ މަދެކެ ތިހީކުރާ ވަރަށް ވުރެ ލޯބިވެޔޭ.. އެކަމަކު އަހަންނަކަށް އެއްގޮތަކަށްވެސް ނުވިސްނުނު އޭނަ މަންމަ ކައިޜީ ބުނަން އެއްބަސް ނުވާން އުޅޭ ސަބަބެއް. އަޅެ ރިޝާ މިކަމަށް ހައްލެއް ހޯދަ ދީބަލަ. އަހަންނަށް ވަރަށް އުނދަގު މިހެން ވަގު ވަގަށް އުޅެން” “ވެދާނެއްނު އަޔާއަށް އަވަހީ ކަމަށް އަދި. މަށަށް ފެންނަނީ ދެމީހުން ރީއްޗަށް ވާހަކަ ދައްކަން. ތިކަމާ ވާހަކަ ދައްކަން މަ ފަހުން ގުޅާނަން އިނގެ. އިހަށް ބާއްވަނީ” ފޯނު ބޭއްވުމަށްފަހު އަހަރެން އޮށޯތީމެވެ. 12 ޖެހިއިރުވެސް އަޔާންގެ ހަބަރެއް ނުވިއެވެ. އެންމެފަހުން “ގުޑް ނައިޓް” ލިޔެ މެސެޖް ކޮއްލީމެވެ. ޖަވާބެއް ނައެވެ. އަޔާންގެ ޖަވާބަކަށް އިންތިޒާރު ކުރަން އޮއްވާ ނިދުނީއެވެ.
ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ދެމީހުންގެ ބައްދަލުވުންތައް މަދުވަމުން ދިޔައެވެ. ދެމީހުންގެ ލޯބީގެ ގުޅުމަށް ހީނަރުކަމެއް ވެރިވަމުން ދިޔައެވެ. އެންމެފަހުން ޝަކުވާތައް ވެސް ދިޔައީ ގިނަވަމުންނެވެ. “އަޔާ ހާދަ ބަދަލްވެއްޖޭ” ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު އަހަންނަށް އެހެން ބުނެވެއެވެ. އެކަމަށް އަޔާންގެ އެއްވެސް ސަމާލުކަމެއް ނުލިބޭކަހަލައެވެ. ކޮންމެ ރެއަކުވެސް އަހަންނަށް ނިދެނީ މިކަމާ ވިސްނަ ވިސްނާ އޮއްވައެވެ.
އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަރެންނަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށެވެ. ތެދުވެ ގަޑި ބަލައިލިއިރު މެންދަމުން އަލިވެ 2 ޖަހަނީއެވެ. “މިގަޑީގަ އަނެއްކާ ކާކުބާ…” އަހަރެން ދޮރު ހުޅުވާލީ މަންމަ ކަމަށް ހީކޮށްފައެވެ. “އަޔާ… ކިހިނެތް އެތެރެއަށް ވަނީ.. މިގަޑީގަ ކިއްކުރަން.. ބުނެލާފަ އައިނަމަ.. ” އަހަރެން ހާސްވިއެވެ. މީހަކަށް ފެނިދާނެތީއެވެ. އަޔާން އެތެރެއަށް ވެއްދުމަށްފަހު ކޮޓަރި ތަޅުލީމެވެ. “އަދިވެސް ޖަވާބެއް ނުދެމެއްނު.. ކިހިނެތްތަ ގެއަށް ވަނީ؟؟” އަޔާން ޖަވާބެއް ނުދިނުމުން އަހަރެން ސުވާލުތައް ތަކުރާރު ކުރީމެވެ. އަޔާން އަނގަޔަކުން ނުބުންޏެވެ. ޖީބުން ތަޅުދަނޑިފައްޗެއް ނަގާ ދައްކާލިއެވެ. އަހަރެން ހައިރާންވިއެވެ. އެއީ މިގޭގެ ތަޅުދަނޑިއެވެ. “އަޔާއަށް ކިހިނެތް ތި..” “ޝްޝްޝް………” އަހަރެން ވަހަކަ ދައްކަން ފެށުމުން އަޔާން އެކަން ހުއްޓުވިއެވެ. “ތިހާ ހާސް ނުވެބަ ދޫނީ.. ނުދަންނަ މީހެއްވެސް ނޫނެއްނު.. އަހަރެން މިއައި ނީމަތިން މާ މިސްވީމަ.. ތި ލޯބި ލޯބި ސޫރަ ނުފެންނަތާ ދުވަސްކޮޅެއްވީމަ ކެތްނުވީ.. މީ ވަރަށް ކުރިން އަހަރެން ނެގި ތަޅުދަނޑިއެއް.. މިކަހަލަ ރެއަކަށް ރައްކާކޮއްފަ ބޭއްވީ..” އަޔާންގެ އެ ބަސްތަކުން އަހަރެންގެ ނުތަނަވަސްވެރިވެފައިވާ ހިތަށް ހަމަޖެހުން ލިބުނެވެ. “އަޔާ.. އައި މިސްޑް ޔޫ ޓޫ..” އަހަރެން އަޔާންގެ ގައިގައި ބައްދާލީމެވެ. އަޔާންއަށް އެކަން ނެގުނީ ފެހި ސިގުނަލެއްގެ ގޮތުގަކަންނޭގެއެވެ. މަޑުމަޑުން އަޔާންގެ ހަރަކާތްތައް ބަދަލުވާން ފެށިއެވެ.
ތެދެކެވެ. އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު އެކަހެރިވެއްޖެނަމަ ޝައިތާންވެރިނުވެ ނުދާނެއެވެ. އަހަރެމެންނަށްވެސްވީ ހަމަ އެހެންނެވެ. އަޔާންގެ އެއްވެސް ހަރަކާތެއް އަހަރެން ނުހުއްޓުވަމެވެ. އެންމެފަހުން، އަހަރެންގެ އަބުރާއި އިއްޒަތް އަޔާންއަށް ހިބައިންދީ މިލްކު ކުރެވުނެވެ.
“އައިނީ…ދަރިފުޅާ.. ތެދުވެބަލަ… މިހާރު އެއޮއް 11 ޖަހަނީއޭ..” އަހަންނަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. އަހަރެން ހީކުރީ އަޔާންވެސް އޮންނާނެ ކަމަށެވެ. އެކަމަކު އަޔާންގެ ހިޔަނިވެސް ފެންނާކަށް ނެތެވެ. އެކި ދިމަ ދިމާލަށް ބަލަމުން ގޮސް އަހަރެން ދޮރު ހުޅުވީމެވެ. “ދަރިފުޅު ބަލީތަ މިއަދު ނުތެދުވަނީ؟” މަންމަ އެހެން އަހާނެކަން އަހަންނަށް ކުރިންވެސް އެނގުނެވެ. “ނޫން. ރޭގަ ތަންކޮޅެއް ލަހުން ނިދުނީ.. އެހެންވެ” “ދަރިފުޅުތަ ރޭ ދަންވަރު ސިޓިންގރޫމްގަ އުޅުނީ؟” އަހަރެންގެ ފައިދަށުން ބިންގަނޑު ކަނޑައިގެން ދިޔަ ކަހަލައެވެ. ބުނާނެ އެއްޗެއް ނުވިސްނުނެވެ. ހިންދިރުވާލައިގެން ހުރެވުނީއެވެ. “މަންމައަށް އެނގޭ އޭރުވެސް ދަންވަރަށް ބަނޑުހައިވާނެކަން. އެހެންނުވާނީ.. ކަނީއެއް ނޫންވިއްޔާ.. ދެންވެސް އާދޭ ސައިބޯން” މަންމަ ދިޔުމުން ފުން ނޭވާއެއް ބޭރުކޮއްލެވުނެވެ. މިފަހަރު ސަލާމަތް ވިޔަސް ކޮންމެ ފަހަރަކު މިހެނެއްވެސް ނުވާނެކަން އަހަންނަށް އެނގެއެވެ.
ތައްޔާރުވެލައިގެން އަހަރެން ދިޔައީ ސައިބޯށެވެ. “ދަރިފުޅު ނިދަން ހަދައިގެން އަޔާންއާވެސް ބައްދަލު ނުވިއެއްނު.. ދެން ނޭނގެ ފެންނާނެ ދުވަހެއްވެސް..”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


ވ ސަޅި މި ވާހަކަ.. މި ހަމަ އަސްލުތަ.. އަޅެ ހާދަ ގޯހޭ އެ އަޔާން ގަނޑު…. ގައިގަ އަތްލަން ނޫޅޭނެ އަސްލު ލޯބިވަންޔާ… އަންހެން ކުދިން ޖެހޭނީ އެވަރު ވިސްނަން
ތެންކްސް.. މުޅިއަކުން އަސްލެއް ނޫން.. އަސްލު ބައި ބައިވެސް ހިމަނާފަ ހުންނާނެ..
Rithi vaahaka eh masha alhah keep it up ,