ކުށަކާނުލާ.. (3 ވަނަ ބައި)
“ވާއު… ޔޫ ލުކިންގް ސުޕަރ ކިޔުޓް ނީ” ޓަކި ޖަހާ އަޑަށް ދޮރު ހުޅުވާލުމާއެކު އަޔާން އަހަރެންނަށް ތައުރީފު ކުރިއެވެ. އަހަރެންނަށް ލަދުން އިސްޖަހާލެވުނެވެ. އޭރު ހިތް ގޮވަމުންދިޔައެވެ. އަޔާންއެވެ. އަހަރެން ގަޔާލާ ބޮނޑިކޮށްލާށެވެ. “ހާދަ ލަދެއް ތިގަތީ.. ނީ ލަދުވެސް ގަނޭތަ.. ތައްޔާރު ވެވުނިއްޔާ ދަމާ ބަހީ..” އަހަރެން އެއްޗެކޭ ނުބުނުމުން އަޔާން ބުންޏެވެ. ލުއި ހިނިތުންވުމެއް ދިނުމަށް ފަހު އަހަރެން އަޔާން ފަހަތުން ހިނގައިގަތީމެވެ. “ކޮންތާކަށް ދާނީ” އަހަރެން ހީކުރީ އަޔާން އަންނާނީ ދާނެ ތަނެއް ނިންމައިގެން ކަމަށެވެ. “ނީ ބުނީ ހިނގާލާށޭ އެއްނު. އެހެންވީމާ ހިނގާނީ އެއްނު ދެން. ވަކި ތާކަށް ދާން ބޭނުންވީތަ” “ނޫން، އެހެނެއް ނޫން. ހަމައަހާލީ” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
އަހަރެމެން މިސްރާބު ޖެހީ އިރުއޮއްސޭ ދިމާއަށެވެ. މަޖަލާއި ސަކަރާތުގައި އެތައް އިރެއްވަންދެން ވާހަކަ ދައްކަން އިނީމެވެ. “ނީ ބިޓެއް ނުހުރޭތަ” އަޔާންގެ އެސުވާލުން އަހަރެން ސިހުނެވެ. އަޔާނާ ހަތަރުކަޅި ހަމަވުމާއެކު އެލޮލުން އަހަރެންނަށް ފެނުނީ ބުނެދޭން ނޭންގޭ ފަދަ މަންޒަރެކެވެ. “ނުހުރޭ.. އަޔާގެ ހުންނަނީތަ އަނެއްކާ” އަހަރެން ސުވާލުކުރީމެވެ. “ހިތުގެ އަޑު ގޮވާ މަލިކާ ލިބެންދެން އަހަރެން ހުންނާނީ ހަމަ މިހެން ހުސްކޮން” އަޔާން އެހެން ބުނުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ.
އިރުއޮއްސުމާއެކު އަހަރެމެން އައީ ގެއަށެވެ. އަހަރެން ހުރީ ވަރަށް ހަމަޖެހިފައެވެ. އަޔާންއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮއްލެވުނީމައެވެ. “އަޔާ އަންނައްޗޭ މާދަމާވެސް. އަހަރެން ވަރަށް ފޫހިވެ ގޭގަ އެކަނި ހުންނަން ޖެހޭތީ. މަންމަވެސް ބައްޕަވެސް ގިނައިން އުޅެނީ އޮފީހުގަ” އަޔާން ދާން ހިނގައިގަތުމުން އަހަރެން ބުނީމެވެ. “އޯކޭ. މަ އަންނާނަން. ދެން ދަނީ.” އަޔާން ދިޔުމުން އަހަރެން ރިޝްއަށް ގުޅީމެވެ. އަދި އާދައިގެން މަތިން އަޔާންގެ ވާހަކަ ދެއްކީމެވެ. “އަޔާ ވަރަށް ބައިވަރު ވަހަކަ ދެއްކި. އަދި އިނގޭތަ! އޭނަ އެހި ބިޓެއް ހުރޭހޭވެސް. އޭނަ މަދެކެ ލައިކް ވަނީ ކަންނޭގެ ދޯ” އެއީ އަހަރެން ބޭނުންވެސްވާ ގޮތެވެ. އަހަރެންނަށް ހީވާހީވުން ޔަގީން ކުރުމަށް އަހަރެން ރިޝާކުރެން އެހީވެސް އެހެންވެގެންނެވެ. “ނީ ކިޔައިދިން ގޮތުން ވިއްޔާ އަހަރެން ބުނާނީ ވެޔޭ. އޭނަ ކައިރީ އަހަންވީނު.” ރިޝާ ޖަވާބު ދިނެވެ. ފޯނު ބޭއަވުމަށްފަހު އަހަރެން އަޔާންއަށް މެސެޖް ކުރީމެވެ. އަދި ނުސީދާކޮން ނަމަވެސް އަޔާންގެ ހިތުގައި އަހަންނަށް ދެވިފައި އޮތް މަގާމް ހޯދޭތޯ މަސައްކަތް ކުރީމެވެ. އެރޭ އަހަންނަށް ނިދުނީވެސް މެސެޖު ކުރަން އޮއްވައެވެ. ތެދުވެ މޯޅއަކަށް ދެމިލުމަށްފަހު ފޯނު ބަލައިލީމެވެ. އަޔާން އެންމެ ފަހުން ފޮނުވި މެސެޖު އަހަރެން އިނީ ނުކިޔައެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެ އަހަރެން އެ މެސެޖު ކިޔާލީމެވެ. “ބުނަން ބޭނުންވާތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު ނީ އަހަންނާ ދޭތެރޭ ދެކޭ ގޮތެއް ނޭނގޭތީ ނުބުނެވުނީ. އަހަރެން ކުރިންވެސް ނީ ދެކެ ވަރަށް ލައިކް ވޭ. އަދި މިހާރު އެ ގަޔާވުން ލޮއެތްބަށް ބަދަލް ވެއްޖެ. އަހަރެންގެ ހިތުގަ ޖަހާ ކޮންމެ ވިންދެއްވެސް ޖަހަނީ ނީ އަށް އެދި ގޮވަމުން.ނީ .. އައި ލަވް ޔޫ.. އަހަރެންގެ ހިތުގެ ބައިވެރިއަށް ވެދާނަންތަ؟” އަހަރެންނަށް އުފަލުން ހުރެވުނު ތަން ވެސް ނޭނގޭ ކަހަލައެވެ. ފޯނު މެޔާލާ ކައިރި ކޮއްލީމެވެ. “އާން އަޔާ… އަހަރެންވެސް އަޔާދެކެ ވަރަށް ލޯބިވެ…” އަހަރެން ބާރު ބާރަށް ގޮވަން ފެށީމެވެ. އަދި އަޔާއަށް ވެސް އެހެން ބުނެ ޖަވާބު ދިނީމެވެ.
އަހަރެންނާ އަޔާންގެ ލޯބީގެ ގުޅުން ފެށުނީ މިހާހިސާބުންނެވެ. އިރުއަރަނީ އަހަރެމެންގެ ބަގީޗާގައި މާ ފޮޅިލަ ފޮޅިލާ ހުއްޓައެވެ. އިރުއޮއްސެނީވެސް މާފޮޅެމުންނެވެ. ދުވަހެއް ދުވަހަކަށް މި ބަގީޗާގެ މާތަކުގެ ވަސްވެސް ދިޔައީ ގަދަވަމުންނެވެ. ކުލަތައް ދިޔައީ ރީތިވަމުންނެވެ. އަޔާއަށް އަހަރެންގެ ހިތުގައި ދެވިފައިވަނީ ވަރަށްވެސް މަތީ މަގާމެކެވެ. ދުވަސް ފާއިތުވަމުން ދިޔަހެން އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އަޔާނަށް އިތުބާރު ކުރެވެން ފެށިއެވެ. އަޔާނަކީ ހިތުގެ ދިރުންކަމަށް ވެގެން ހިނގައްޖެއެވެ. ލޮލުގެ ފިނިކަމަށްވެއްޖެއެވެ. ހިތުގެ އެންމެ ހިމަ ނާރުތަކުގައިވެސް އަޔާންގެ ނަން ރަން އަކުރުން ފެވިއްޖެއެވެ. އަހަރެން ހީކޮށްގެން ހުރީ އަޔާން އެއީ އަހަރެންގެ ނަސީބު ކަމަށެވެ. އެހެނަސް ތަގުދީރުގައި ވަނީ ކީކޭ ކަމެއް އެނގޭނީ ފަހެ ކާކަށްހެއްޔެވެ.
އަޔާންއާއި އަހަރެންގެ ގުޅުމަށް އަހަރުވެސް ފުރިއްޖެއެވެ. އަޔާންއާއި ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އަހަރެންގެ ކިޔެވުމަކަށް ބަދަލެއް ނާދެއެވެ. އޯލެވެލް އިމަތިހާން ކައިރިވެފައި ވުމާއެކުވެސް އަޔާންއާއި އަހަރެންގެ ބައްދަލުވުންތައް ދިޔައީ މަދުވަމުންނެވެ. އަޔާނަކީވެސް ކިޔަވައިގެން ހުރި ކުއްޖަކަށްވުމުން މިކަމުގައި އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެކަމާ އަހަރެން ހުރީ ވަރަށް އުފަލުންނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް 3 މަސް ފާއިތުވެގެން ހިނގައްޖެއެވެ. އިމްތިހާން ނިމުމުން އަހަރެން ފުރަތަމަވެސް ގަސްދުކުރީ މަންމައަށް އަހަރެމެންގެ ގުޅުން އަންގާށެވެ. “އަޔާ.. މިހާރު އަހަރެން 10 ވެސް ނިމުނީނު. އަހަންނަށް ފެންނަނީ މަންމަ ކައިރީ މިވަހަކަ ބުނަން. އޭރުން މިހާ ވަގު ވަގަށް އުޅޭކަށް ނުޖެހޭނު.” އެރޭ އަހަރެމެން ތިބީ ގޭގައެވެ. މަންމައާއި ބައްޕަވީ ބޭރަށް ގޮހެވެ. މަންމަ ގާތު ބުނުމަށް އަހަރެން އަޔާނާއި މަޝްވަރާ ކުރިނަމަވެސް އެކަމަކަށް އަޔާން އެއްބަހެއް ނުވިއެވެ. “އަދި ނެތެއްނު ނުބުނެވި އެއް. ވަގުތު ޖެހުނީމަ ބުނާނަމޭ. އިހަށްދުވަހުނު ކިޔަވާވެސް ތި ނިމުނީ.” އަހަރެންނަށް އެގޮތެއް ކަމަކު ނުދިޔައެވެ. އެހެނަސް އަޔާން ހިތް ހަމަ ނުޖެހިދާނެ ކަމުގެ ބިރަށް އެއްޗެކޭ ނުބުނެ އިނީއެވެ. “ނީ.. މިހާރު އަހަރެއްވެސް ވެއްޖެ އެއްނު. އެކަމަކު އަދިވެސް ތި ލޯބި ލޯބި އަތުގަ ހިފާލުން ނޫން ކަމަކަށް އެއްބަހެއް ނުވަމެއްނު. އެކަމަށް ހުއްދަ ލިބޭނީ ކޮން އިރަކުންތަ” މިވީހާ ދުވަހު އަޔާން ކުރާ ހަމައެކަނި ޝަކުވާއަކީ އެއީއެވެ. އަހަރެން އަޔާނާ އެހާ ކައިރި ނުވާތީއެވެ. އަހަރެން ލަދުން އިސްޖަހާލީމެވެ. ބަހެއް ނުބުނެވި އުޅެނިކޮން އަޔާން އަހަންނާ ކައިރިވާން ފެށިއެވެ. އަހަރެން ގަނޑުވެފައި އިނީއެވެ. އަޔާންގެ މޫނާ އަހަރެންގެ މޫނު ޖެހޭހާ ކައިރިވިއެވެ. އަޔާންގެ ހޫނު ނޭވާ އަހަރެންނަށް އިހުސާސް ކުރެވެން ފެށުނެވެ.