Skip to content
އެސްފިޔަ

ޒައިނަބް – 15

34:45
Watch this episode Video · first minute free
Watch
Listen to this story Audio · 34:41 Powered by Esfiya Voice
0:00 34:41

މިފަހުން އާރާއަށް ދިމާވި ކަންތަކަށްފަހު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކޮންމެވެސް ވަރަކަށް އާރާ ހަމައަކަށް އެޅެން ފަށައިފިއެވެ. ނަމަވެސް އާރާ ހުންނަނީ ތަންކޮޅެއް މަޑު މަޑުންނެވެ. މީހުންނާ މާގިނައިން ވާހަކަ ދައްކާ ސަކަރާތް ޖަހާވެސް ނުހަދައެވެ.

ހެނދުނުގެ ވަގުތެވެ. ޒައިނަބް ގޮސް ފާތުންމެންގެ ގެއަށް ވަތްއިރު ސިޓިން ރޫމުގައި އާރާ ކުރަހާ ފޮތެއް ހިފައިގެން އިނދެ އޭގައި އޭނާގެ ސުކޫލުގެ ކުރެހުމެއް ކުރަހައި އޭގައި ކުލަ ޖައްސަނީއެވެ. އޭރު ގޭތެރޭގައި ޒައުލްވެސް ކުޅެން އުޅެއެވެ. އެދުވަސްކޮޅަކީ ސުކޫލު ބަންދު ދުވަސްކޮޅެއް ކަމުން އާރާ ފޫހިވެގެން އުޅޭ ކަމުގައި ގޭތެރެއަށް ވަދެގެން އައި ޝިފާ ބުންޏެވެ.

“އެއީ ތެދެއްތަ އާރާ؟.. ޗުއްޓީވީމަ އާރާ ފޫހިވޭތަ؟. އެހެން ކުދިން އުޅޭނީ އަބަދުވެސް ޗުއްޓީ ބޭނުންވެގެން.”

ޒައިނަބް އަހާލިއެވެ.

“ނޫން… އާރާއަށް އޯކޭ ޗުއްޓީ ވިޔަސް.. ފޫއްސެއްނޫން…. ބޮއްތަ ބަލާބަލަ.. މި ޕެއިންޓިން ނައިސްތަ؟..”

އާރާ އޭނާ ކުރަހަން އިން އެތި ޒައިނަބަށް ދައްކާލިއެވެ.

“ވާއު… ހާދަ ބިއުޓިފުލް ޕެއިންޓިން އެކޭ.. އާރާ އަމިއްލައައްތަ ކުރެހީ؟..”

ޒައިނަބް އެހެން ބުނަމުން އާރާ ކައިރީގައި އިށީނެވެ. އެމަންޒަރު ފެނިފައި ޝިފާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މަޑުމަޑުން އާރާ ހަމައަކަށް އެޅެމުން ގޮސް ކުރީރޭގައި އެވީ ބިރުވެރި ކަންތައް އެއްކޮށް އާރާ ހަނދާން ނެތޭތޯ ޝިފާއަށް ހިތާހިތުން ދުއާ ކޮށްލެވުނެވެ.

އެދުވަހު އެއްކޮށް އެގޭގައި އުޅުމަށްފަހު ޒައިނަބް ގެއަށްދާން ނިކުތް ވަގުތު އޭނާއަށް އެރުނީ ގޭތެރެއަށް ވަދެގެން އައި އިސްމާއިލް ކުރިމައްޗަށެވެ.

“އިސްމާއިލް.. ކޮބާތަ ޖައިޝް… ހާދަ ދުވަހެއް ވެއްޖޭ އެސޮރު ނުފެންނަތާ… ޖައިޝް ގެނެސްދީބަލަ މި ހުކުރުދުވަހު އަހަރުމެން ގެއަށް އިރުކޮޅަކު ބަހައްޓާލަން…”

ޒައިނަބް އާދޭހުގެ ރާގަކަށް ބުންޏެވެ. ޖައިޝް އަކީ ޒައިނަބް ވަރަށް ލޯބިވާ ކުއްޖެއް ނަމަވެސް ޒުހާ ފާތުންމެންގެ ގެއިން ނިކުމެގެން ދިޔަފަހުން ޖައިޝް އެގެއަށް ގެންދަނީ ވަރަށް މަދުންނެވެ. ގިނަ ފަހަރަށް ޖައިޝް އެގެއަށް ގެންދާ ވަގުތާއި ޒައިނަބަށް އެގޭގައި ހުރެވޭ ވަގުތު ދިމާވެސް ނުވެއެވެ.

“އޯކޭ.. ޒުހާ ކައިރީގަ ބުނާނަން.. ހުކުރު ދުވަހެއްގަ ތިގެއަށް ޖައިޝް ގެންދަން…”

އިސްމާއިލް އެހެން ބުނުމުން ޒައިނަބް ހީލާފައި ނިކުތްއިރު އަހުސަލް ސައިކަލުގައި އައިސް ގޭ ދޮރުމަތީގައި މަޑުކޮށްގެން އިނެވެ.

ގެއަށް ދިޔަ މަގުމަތީގައި އަހުސަލް އަނެއްކާވެސް ޔޫނުުސާއި ދިމާވި ކޮންމެވެސް އެހެން މީހެއްގެ ވާހަކަ ޒައިނަބަށް ކިޔާދިނެވެ.

“ޒައިނަބަށް އެނގެއެއްނު އަހަރުމެން ގެ ކައިރީގަ އުޅޭ ސާމިރު… އެގޭ ގޯތި ބެހުމުގެ ކަންތަކުގަ އޭނަގެ ބޭބެމެން އެގެއިން އޭނައަށް ހައްގުވާ ބައި ދޭންޖެހޭ ވަރަށް ނުދީގެން ވަރަށް މައްސަލަ ބޮޑު ކޮށްލިއެއްނު.. ހަނދާންވޭތަ މީގެ ދެއަހަރެއް ކުރިން އެކަމާ ހެދި ސާމިރުއާ އޭނަގެ ބޭބެ ނިޔާޒު ތަޅައިވެސް ގަތެއްނު.. ހަނދާން ވެއްޖެތަ؟..”

އަހުސަލް އެހިއެވެ.

“އާނ.. ހަނދާން އެބަހުރި.. ގެ ކައިރީ އެންމެންގަނޑު ދިޔައެއްނު އެތަން ބަލަންވެސް.. މަވެސް ހުރިން އެ ފައިޓް ބަލަންގޮސް…”

ޒައިނަބް ހެމުން ހެމުން ބުންޏެވެ.

“ޒައިނަބަށް އެނގޭތަ… ސަލީމު ބުނީ އެ ސާމިރު ދިޔަޔޯ އޭނަގެ ބޭބެއަށް ބަދަލު ހިފަން ސިހުރެއް ހަދަން ގާދިރު ކައިރިއަށް.. ގޮސް އޭނައަށް ފަސްހާސް ރުފިޔާ ދީފަ އެކަން ކުރަން ހަވާލުކުރިޔޯ.. އޭގެ ދެތިންދުވަސް ފަހުން ސާމިރު ހިޔާލު ބަދަލުވެގެން ގޮސް ގާދިރު ކައިރީގަ ބުނިކަމަށް ވަނީ އެކަން ނުކުރުމަށް.. ގާދިރު ބުންޏޯ ދެން ބަދަލެއް ނުވާނެޔޭ އޭނަ އެކަހަލަ ކަމަކާ ހަވާލުވާ ހިސާބުން އެކަމެއް ނުނިމެނީސް ނުހުއްޓޭނެޔޯ… ގާދިރު ކައިރީގައި ސާމިރު ބުނިކަމަށް ވަނީ އޭނާ ދިން ރުފިޔާވެސް ބަހައްޓާށޭ ގާދިރު އަތުގަ… އެކަމަކު އެކަން ނުކޮށް ދޫކޮށްލާށޭ.. އެނގޭތަ އެ ގާދިރު ހަމަ ދުލެއްނުކުރި.. ސާމިރުގެ ބޭބެ ނިޔާޒު ކިހާބަލިވެ އެއުޅެނީ މިހާރު. އެއީވެސް ހަމަ ގާދިރުގެ ކަންތައް.”

އަހުސަލް ކިޔާދިނެވެ.

“ޔާރައްބީ…. އެއީވެސް ގާދިރު ކުރި ކަމެއްތަ؟..”

ޒައިނަބް ހައިރާންވެ އަނގަ މަތީގައި އަތް އަޅަމުން އެހިއެވެ.

“އާން… ސާމިރުގެ އަމިއްލަ އަނގައިން މިއަދު ޔޫނުސަށް އެވާހަކަ ކިޔާދިން ވާހަކަ މަގޭ ކައިރީގަ ސަލީބު ބުނި.. ސާމިރު އެވާހަކަ ޔޫނުސަށް ކިޔާދިނީ ރޮމުންނޯ ބުނީ… ސާމިރު ބުނި ކަމަށްވަނީ އޭނައަށް ކުރެވުނު ފާފައަށް އޭނަ ތައުބާ ވެއްޖައީމޭ..”

އަހުސަލް އިތުރަށް ކިޔައިދިނެވެ. އެ ވާހަކައިގައި ތިބެ އަހުސަލްއާއި ޒައިނަބަށް ގެއަށް ދެވުނުއިރު ހަވީރު ފަހެއް ޖަހަނީއެވެ.

…………

މަޑުމަޑުން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ގާދިރުމެންގެ ގޭގައި ނާދިރާ އުޅެމުން ދިޔައީ ވާނުވާ ނޭނގޭ ބޮޑު ކަންތައް ގަނޑެއްގެ ތެރޭގައެވެ. ޖަވާބު ނުލިބޭ އެތަކެއް ސުވާލު ތަކަކުން އޭނާ ވަށާލެވިފައި ވާކަހަލައެވެ. މިހާރަކަށް އައިސް ގިނަ ރޭރޭ ދަންވަރު ވާއިރުވެސް ގާދިރު ގޭގައި ނޫޅުމާއި އޭނާ ލާއެއްޗެހީގައި ވެއްޔާއި ކިލާ އަދި ކިސަޑުފަދަ އެއްޗެހި ހުރުން އާންމު ކަމަކަށް ވެއްޖެއެވެ. ރޭގަނޑު ދަންވަރު ގާދިރު އަންނަނީ ކޮންތާކު އުޅެފައިބާއޭ ނާދިރާ ހިތަށް އަރައެވެ. އެކަމާ ބެހޭގޮތުން ސުވާލެއް ކުރިނަމަވެސް ގާދިރުގެ ފަރާތުން އެކަމަކަށް އެއްވެސް އެދެވޭ ޖަވާބެއް ނުލިބެއެވެ. ނަމަވެސް ގާދިރު އޭނާއަށް ސިއްރުން ކޮންމެވެސް ކަމެއް އެބަ ކުރާކަން ނާދިރާއަށް އެނގެއެވެ. ނޭނގެނީ ކުރަނީ ކޮންކަމެއް ކަމެވެ.

އެދުވަހު މެންދުރު ނާދިރާ ކޮންމެވެސް އެއްޗެއް ގަންނަން ފިހާރައަކަށް ގޮސްފައި އެނބުރި ގެއަށްއައި ވަގުތެވެ. އޭރު އޭނާގެ ދެކުދިންވެސް ގޭގައި ނޫޅޭތީ ގޭތެރޭގެ ބައެއް މަސައްކަތްތައް ނިންމާލަން ނާދިރާ ވިސްނިއެވެ.. ރޯނުގައި ހިއްކަން އަޅާފައިހުރި ހެދުންތައް ހިފައިގެން ގޮސް ކޮޓަރީގެ އެނދުމައްޗަށް އަޅާލުމަށްފަހު އެނދުމަތީގައި އިނދެ ހެދުންތައް ފަތްޖަހަން ފެށިއެވެ. އޭރު ގޭތެރެ ހަމަހިމޭން ކަމުން އަދި ނާދިރާ އިން ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ބޭރުން ކޮންމެވެސް މީހަކު މަޑުމަޑުން ވާހަކަ ދައްކާއަޑު އޭނާއަށް އިވުނެވެ. ކިޔާ އެއްޗެއް ސާފު ނުވިއެއް ކަމަކު އެއީ ގާދިރުގެ އަޑުކަން އެނގުމުން ނާދިރާ މަޑުމަޑުން ގޮސް އެއަޑު އަންނަ ގާދިރުގެ ސިއްރު ކޮޓަރީގެ ކައިރީގައި ހުއްޓުނެވެ. އޭރު އެކޮޓަރި ތެރެއިން މަޑުމަޑުން ގާދިރު ކޮންމެވެސް ވާހަކައެއް ދައްކާއަޑު އިވެއެވެ. ގާދިރު މަޑުމަޑުން ކޮންމެވެސް އެއްޗެކޭ ކިޔުމަށްފަހު ދެން އެއަޑު ކެނޑުނެވެ. ފުދޭވަރަކަށް އިރު ވަންދެން އަޑެއްބަޑެއް ނީވި ހުރުމަށްފަހު މިފަހަރު ގާދިރުގެ އަޑު ތަންކޮޅެއް ބާރުވިއެވެ. ނަމަވެސް އަދިވެސް އޭނާ އެކިޔާ އެއްޗެއް ނާދިރާއަކަށް ނޭނގެއެވެ. މިފަހަރު އޭނާގެ އަޑުގައިވަނީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން އުޅޭފަދަ ރާގެކެވެ. އަނެއްކާ އެތާ އެތެރޭގައި ގާދިރާއެކު އެހެންމީހަކު ހުރީބާއެވެ.. ނޫނީ ގާދިރު އެއުޅެނީ ފޯނުން މީހަކަށް ގުޅައިގެން ކަމަށްވެސް ވެދާނެބާއެވެ.

އިިރުކޮޅަކުން ދެން އިވުނީ ގާދިރު އޭތް އޭ ކިޔާ ވަރަށް ރުޅި އައިސްފައި ހަޅޭލަވައިގަތް އަޑެވެ. އެއަޑަށް ނާދިރާ އަށް ސިހިފައި ތެޅިގަނެވުނެވެ. ގާދިރު އެތަނުން ނިކުތިމުގެ ކުރިން ނާދިރާ އަވަސްއަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ އަނެއްކާވެސް ހެދުންތައް ފަތްޖަހަން ފެށިއެވެ. ކުޑައިރުކޮޅެއް ފަހުން ގާދިރު އެސިއްރު ކޮޓަރިން ނިކުމެ ޕައްކިޔާފައި ދޮރުޖެހި އަޑު އިވުނެވެ. އަމިއްލަ ގޭތެރޭގައި ހިނގަމުން މިދާ ގޮތްނޭނގޭ ކަންތައްތަކުގެ ހަގީގަތް ނޭނގޭތީ ނާދިރާގެ ހިތަށް ވަރަށް އުނދަގޫވެއެވެ. އޭނާ ގާދިރާއި ކައިވެނި ކޮށްގެން މިވީ ސާދަވަރަކަށް އަހަރުގެ ތެރޭގައި ގާދިރަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން ގާދިރަށް އަންނަންފެށި ބަދަލުތަށް މިވަނީ އިންތިހާއަށް ގޮސްފައެވެ.. މިއީ ހަމަ ނާދިރާ ލޯބިން ކައިވެނިކުރި ގާދިރު ބާއޭވެސް ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ.

ހަމަ އެރޭ ދަންވަރު ހަތަރެއް ޖަހަނިކޮށް ނާދިރާއަށް ހޭލެވުނީ ގޭތެރެއިން އަނެއްކާވެސް ކޮންމެވެސް އަޑެއް އިވޭތީއެވެ. ފުރަތަމަ ނާދިރާއަށް ހީވީ އެއީ ގާދިރު ބޭރުން އައިސް ވަތްއަޑު ކަމަށެވެ. ނަމަވެސް ރަނގަޅަށް ބަލާލުމުން އެނދު މަތީގައި ގާދިރު ގަދަނިދީގައި އޮތްތަން ފެނުނެވެ.. ނާދިރާ ވަރަށް ހިމޭނުންއޮވެ ބޭރުން އަންނަމުންދިޔަ އަޑަށް އިތުރަށް ސަމާލުވިއެވެ. އެއަޑު އެއަންނަނީ ގާދިރުގެ ސިއްރު ކޮޓަރިންނެވެ. ގާދިރު ނޫނީ އެކޮޓަރިއަށް ވަންނާނީވެސް ވަކި ކާކުބާއެވެ. ގާދިރު އެއޮތީ ނާދިރާ ކައިރީގައި ގަދައަށް ނިދާފައެވެ. ދެން އެހެންވިއްޔާ އެތާ އެތެރޭގައި އެއުޅެނީ ކާކުބާއެވެ؟.. ހަމަ ގައިމުވެސް އެމީހުންގެ އެއްވެސް ދަރިއަކަށް އެތަނަށް ވަންނާކަށް ނުކެރޭނެއެވެ. އެތަނަށް ވަދެފިނަމަ ގާދިރު ރުޅި އަންނާނެކަން އެކުދިންނަށް އެނގޭނެއެވެ.

ކިތަންމެ ބިރުން އޮތްނަމަވެސް އެއީ ކޮންއަޑެއްތޯ އަދި އެތާ އެތެރޭގައި ހުރީ ކާކުތޯ ބަލަން ނާދިރާ ބޭނުންވިއެވެ. އެހެންކަމުން މަޑުމަޑުން ލުއި ފިޔަވަޅުތަކެއް އަޅަމުންގޮސް އޭނާ ކޮޓަރިން ނިކުތެވެ.

އަދި އެއްވެސް އަޑެއްބަޑެއް ނީއްވައި ގޮސް އެސިއްރު ކޮޓަރީގެ ދޮރާއި ވަރަށް ކައިރީގައި ހުއްޓުނެވެ. އެވަގުތު އެކޮޓަރީގެ ތަށިމުށިތަށް މަތީގައި ކޮންމެވެސް އެއްޗެއް ދަމައިގަތް އަޑު އިވުނެވެ. ހަމަ ޔަގީނުންވެސް އެތާ އެތެރޭގައި ކޮންމެވެސް މީހަކު އެބައުޅެއެވެ. ނާދިރާގެ ސިކުނޑީގައި ތަފާތު އެކި ސުވާލުތައް އުފެދެން ފެށިއެވެ. އަނެއްކާ ގާދިރު އެތަނަށް އަންހެނެއް ވައްދަނީބާއެވެ؟. އެކަމަކު އެއީ އަންހެނެއްނަމަ އެތާ އެތެރޭގައި އޭނާ ހުންނާނީ އެއްވެސް އަޑެއްބަޑެއް ނީއްވައި ވަރަށް ސިއްރުންތާއެވެ. އަދި އެހެންކަމަށް ވާނަމަ ގާދިރުވެސް ހުންނާނީ އެތާ އެތެރޭގައެވެ.. އެހެންވީމާ އެއީ ގާދިރު ވަގަށް އެގެއަށް ވެއްދި އަންހެނަކަށް ނުވާނެއެވެ. ދެން ނާދިރާގެ ހިތަށް އަރަމުން ދިޔައީ އެއީ އަނެއްކާ ޖިންނިއަކަށް ވެދާނެބާއެވެ. އެގޭ ތެރޭގައި ކޮންމެވެސް ރޫހާނީ ކަމެއް އުޅެނީބާއެވެ؟. ކުއްލިއަކަށް ސިކުނޑިއަށް ތޮއްޖެހެމުން ދިޔަ ތަފާތު އެކި ހިޔާލުތައް ގިނަވާން ފެށުމުން ނާދިރާ ބިރުންގޮސް ކޮޓަރިއަށްވަދެ އޮށޯތެވެ.

ގަނެގައިވާ ބިރުންގޮސް ފަތިސް ވަންދެން ނާދިރާ އެ އޮތްގޮތަށް އެނދުމަތީގައި ގުޑިވެސް ނުލައި އޮތީއެވެ.

އެދުވަހު ގާދިރަށް ހޭލެވުނީ އޭނާ އާންމުކޮށް ހޭލާ އިރަށްވުރެ ތަންކޮޅެއް ލަހުންނެވެ. އަވަސް އަވަހަށް ތެދުވެ ތައްޔާރު ވެލައިގެން އެންމެ ފުރަތަމަވެސް ގާދިރު ގޮސް އޭނާގެ ސިއްރު ކޮޓަރިއަށް ވަދެ ވަށައިގެން ބަލާލިއެވެ. އޭނާ މޭޒުމަތީގައި ބާއްވާފައި އޮތް ހަތިމު އޭރުއޮތީ ހުޅުވާފައި ބިންމައްޗަށް އެއްލާ ލާފައެވެ. ގާދިރުގޮސް އެ ހަތިމު ނަގައި މޭޒުމަތީގައި ބޭއްވިއެވެ. އެކޮޓަރިއަށް ކޮންމެވެސް މީހަކު ވަދެފައިވާކަން ގާދިރަށް ވަގުތުން އެނގުނެވެ. އެމީހަކީ ނާދިރާ ކަމުގައި ވާނަމަ އެހަތިމު އޮންނާނީ ބިންމައްޗަކު ނޫނެވެ. ދެން ގާދިރަށް ފެނުނީ އޭނާ ފޮތްތައްލާ ތަޅުލާފައި ހުންނަ ކަބަޑު ދަށުގައި އެއްކަލަ ކަޅު ފޮތިކޮޅު އޮއްވައެވެ.

އެ ކަބަޑުގެ ދަށުން ތަޅުންގަނޑާ ދޭތެރެއިން އޮތް ހުސްޖާގައި ގައި އޮތް އެފޮތިކޮޅަށް ބަލަން ހުރުމަށްފަހު ގާދިރު ގުދުވެ އޭތި ނެގިއެވެ. އެފޮތިކޮޅު ތެތްވެފައި އޭގައި ނުހިކި ޗަކަ ހުއްޓެވެ. ގާދިރުގެ ދެލޯ ބޮޑުވިއެވެ. މީހާ ބިރުން ތުރުތުރު އަޅައިގަތެވެ. ހީވީ އެކޮޓަރިއަށް ވަނީ ކާކުކަން ގާދިރަށް އެނގުނުހެންނެވެ. ގާދިރަށް ކޮޓަރިން ނުނިކުމެވެނީސް އެވަގުތު ކަބަޑުގެ ތެރެއިން އަޑެއް އިވެން ފެށިއެވެ. އެއީ ކަބަޑުގެ ފިލާތަކުގައި އެތެރެއިން ދިގު ނިޔަފަތިތަކެއް ދަމާލިފަދަ އަޑެކެވެ. ސިހިފައި ފަހަތަށް އެޅުނު ފިޔަވަޅާއެކު ގާދިރުގެ ފައިން ފެށިގެން ބޮލާއި ހަމައަށް ހީބިހި ނަގައި ގަނެގެން ދިޔައެވެ. ގާދިރު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓެނީ ބާއެވެ. ބިރުންހުރެ އަވަސްއަވަހަށް ކޮޓަރި ތަޅުލުމަށްފަހު ގާދިރު ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ނިކުތެވެ. ފުރަތަމަ ފަހަރަށް ގާދިރަށް އޭނާގެ ނިމަތިކަން އިހުސާސް ވީފަދައެވެ.

……………

ޔޫނުސް އޭނާގެ ނޯޓުފޮތުގައި ލިޔެފައިވާ ނޯޓުތައް އެއްކޮޅުން އަނެއްކޮޅަށް ކިޔަން އިނެވެ. މިކަމުގައި އިތުރަށް ކުރިއަށްދެވޭނެ މަގެއް އަލިވޭތޯ ބަލަނީއެވެ. އަދިވެސް ޒައިނަބްމެންގެ ގޯތިން ފެނުނު ސިހުރުބޮނޑި ބޭއްވީ ކާކުކަމެއް ނޭނގެއެވެ. އެއީ މަރިޔަމް ކުރި ކަމަކަށް ނުވަންޏާ އެކަންކުރީ ގާދިރު ކަމުގައި ވެދާނެއެވެ. ނަމަވެސް އެކަން ހިނގާދިޔަ ރޭގައި އެގޭކައިރި އަވައްޓެރިއަކަށް އެގޯއްޗަށް އަންހެނެއް ވަންނަނިކޮށް ވަނީ ފެނިފެއެވެ. ވީއިރު އެއީ ގާދިރު ހެދި ސިހުރަކަށް ވީނަމަވެސް އެއީ އޭނާގެ އަމިއްލަ ދެއަތުން ބޭއްވި އެއްޗަކަށް ނުވާނެއެވެ. ޔޫނުސް ބޭނުންވީ އެމަންޒަރު ފެނިފައިވާ ދޮންކަމަނައްތައާ ބައްދަލު ކުރާށެވެ. އޭނާގެ ފަރާތުން އެއްވެސް އިތުރު ކަމެއް ސާފުވޭތޯއެވެ.

އެދުވަހު ޔޫނުސްއާއި ސަލީމު ދޮންކަމަނައްތައާއި ބައްދަލުކޮށް އެކަމާ ބެހޭގޮތުން ސުވާލުކުރިއެވެ.

“އަހަންނަށް ފެނުން މަންޒަރު ކުރިންވެސް އަހުސަލަށް ކިޔާދިނިން.. މިގޭ ކުޑަ ސޮރު ދަންވަރު ހޭލައިގެން ރޮއި ރޮއިފައި އުޅުނު ރެއެއް އެއީ.. އަހަރެންވެސް އެކަމަކާ ހެދި ނުނިދާ އުޅުނީ.. ދެން ކޮންމެވެސް ކަމެއްގަ އުޅެނިކޮށް ކުޑަދޮރު ކައިރީގަ ހުއްޓާ ފެނުނީ ޒައިނަބްމެންގެ ގެއާ ދިމާލަށް މީހަކު ދިޔަތަން.. އެއީ އަންހެނެއް… އެމީހާ ހުރީ ދަބަހެއް ނޫނީ ގޯނިގަނޑެއް ކަހަލަ އެއްޗެއް ހިފައިގެން… އެމީހާގޮސް ވަނީ އެގޭ ވަލުދޮރާށިން…. އެކަމަކު އެގަޑީގަ އަނދިރި ކަމުން އެއީ ކާކުކަމެއް މަށަކަށް ނޭނގެ.. އެމީހާގޮސް އެތާ ހުންނަ ގަސްތައް ކަައިރީ މަޑުކޮށްގެން ހުރީ.. އެތަން ފެނިފަ މަހުރީ ވަރަށް ބިރުން… މަ ހިތަށްއެރި އެވެދާނެއޭ ޖިންނި އަކަށްވެސް… އިރުކޮޅަކު ބަލަން ހުރެފަ މަ އަވަހަށް ކޮަޓަރިއަށް ވަނީ.. އޭގެ އަނެއްދުވަހު މަށަށް އަޑުއިވުނީ އެގޯތިން ސިހުރު ހަދާފަ އޮތް ކޮންމެވެސް އެއްޗެއް ފެނިގެން އުޅޭ ވާހަކަ… އެހެންވެ މަށަށް ފެނުން މަންޒަރު މަ ކިޔާދިނީ އަހުސަލްއާ އިސްމާއިލަށް..”

ދޮން ކަމަނައްތަ އޭނާއަށް ފެނިފައިވާ މަންޒަރު ޔޫނުސަށް ކިޔާދިނެވެ.

ޔޫނުސަށް ވިސްނުނީ އެއީ މަރިޔަމް ކަމުގައި ނުވާނަމަ އެއީ ގާދިރަށް ސިހުރުގެ ކަންކަމުގައި އެހީތެރިވާ އަންހެނަކަށް ވެދާނެ ކަމަށެވެ.

ޔޫނުސް އެދުވަހު މަރިޔަމްއަށް ގުޅިއެވެ.

“ހަލޯ މަރިޔަމް… މަށަށް މިހާރު އެނގޭ މަރިޔަމް ބުނެގެން އެސިހުރު ހެދީ ގާދިރު ކަން… މަރިޔަމް ބުނީމެއްނު އެއްދުވަހަކު އެ ސިހުރުވެރިޔާއަށް ޒައިނަބްއާ އަހުސަލްގެ ވަަރަށްގިނަ ޒާތީ މައުލޫމާތު ދިން ވާހަކަ… އޭނާ އެހިތަ ދުވަހަކުގެސް ޒައިނަބް މެންގެ ގެއާ ބެހޭގޮތުން އެއްވެސް އެއްޗެއް؟…”

ޔޫނުސް އެހެން އެހުމުން މަރިޔަމްއަށް ކުޑަކޮށް ފަސްޖެހެވުނެވެ… ނަމަވެސް މިހާރު ޔޫނިސަށް އެ ސިހުރުހެދީ ގާދިރުކަން އެވަނީ އެނގިފައެވެ. އެހެންކަމުން އިތުރަށް ކަމެއް ސިއްރުނުކޮށް ޔޫނުސް ކުރާ ސުވާލުތަކުގެ ޖަވާބު ދިނުމަށް ނިންމިއެވެ.

“ގާދިރު އެހި ޒައިނަބްމެންގެ ގޭގެ ދޮރުތައް ހުންނަ ގޮތާއި، މަގުމަތިން ގޮސް ގޯތި ތެރެއަށް ވަދެވެން ހުރޭތޯވެސް އެހި… ޒައިނަބްމެންގެ ގޭގައި ދިރިއުޅެނީ ކޮންބަޔެއްތޯވެސް އެހި… އަހަރެން ބުނިން ޒައިނަބާ އަހުސަލްއާ ދެމީހުންނޭ އެގޭގަ އުޅެނީ.. ދެން އެހީ އަހުސަލް ރޭގަނޑު ބޭރަށްދާ ގަޑިތައް އެނގޭހެއްޔޭ…”

މަރިޔަމް ހަނދާން ކުރަމުން ކިޔާދިނެވެ.

“ޒައިނަބްގެ މަންމަމެންގެ ގެއާ ބެހޭ މައުލޫމާތެއް ގާދިރު އެހިތަ؟..”

ޔޫނުސް އެހިއެވެ.

“އާން.. އެހި… އެކަމަކު މިހާރު މާބޮޑަކަށް ހަނދާނެއް ނެތް އެގެއާ ބެހޭގޮތުން އެހި އެއްޗެއް…”

މަރިޔަމް ބުންޏެވެ.

އަދިވެސް އިތުރު ސުވާލެއް ކުރަން ވެއްޖެނަމަ މަރިޔަމްއަށް ގުޅާނެ ކަމުގައިބުނެ ޔޫނުސް ފޯނު ކަނޑާލިއެވެ.

އޭގެ އަނެއްދުވަހު ހެނދުނު ޒައިނަބަށް ރުގްޔާ ކުރުމަށް ޔޫނުސް އެގެއަށް ދިޔައެވެ. އޭރު ޒައިނަބާއި އަހުސަލް ކާމޭޒު ކައިރީގައި ސައިބޯން ތިއްބެވެ.

“ޔޫނުސް ސައި ބޮއިފިންތަ؟….”

ގޭތެރެއަށް ވަދެގެންއައި ޔޫނުސް ފެނިފައި އަހުސަލް އެހިއެވެ.

“ހަމަ ދެންމެ ސައިބޮއިގެން މިއައީ… ކޮބާ މިއަދު ރުގްޔާ ކުރަންޖެހޭ ވާހަކަ ބުނީމެއްނު.. އަހުސަލްމެން ސައިބޮއި ނިމުނީމަ އަވަހަށް ފަށަމާދޯ…”

ޔޫނުސް ސޯފާގައި އިށީންނަމުން ބުންޏެވެ.

އަހުސަލް އަވަސްއަވަހަށް ކައި ނިންމާލާފައި ގޮސް ޔޫނުސް ކައިރީގައި އިށީނދެ އެތާހުރި ކުޑަ މޭޒު މަތީގައިހުރި ފޯއްތަބައް ނެގިއެވެ.. އޭރު ޒައިނަބް މޭޒުމަތި ސާފުކޮށް ތަށިތައް ދޮންނަނީއެވެ.

“ޔޫނުސް … ހާދަ ބޮޑުކަމެކޭ ޔޫނުސް އަހަރުމެންނަށް ތި ކޮށްދެނީ… އަހަރުމެން ވަރަށް އެޕްރިޝިއޭޓް ކުރަން ތިކޮށްދޭ ކަންކަން.. އަހަރެން އަސްލުހުރީ މިކަންތައް ނިމުނީމަ ޔޫނުސަށް ޕޭ ކުރަން.. އެކަމަކު މިކަން ނުނިމި ކިހާ ދުވަހެއް މިދަނީ… އެހެންވީމަ އަހަރެން ބޭނުން މިހާރު ކޮންމެވެސް އެއްޗެއް ޔޫނުސަށް ދޭން.. ދެން މިކަން އެއްކޮށް ނިމުނީމަ އަނެއްބައި ދޭނީ… އަސްލު ޔޫނުސް ތިކުރާ ކަންތަކުގެ އަގަކީ ކޮބާ؟.. ޔޫނުސް ބޭނުން އަގެއްކިޔާ…”

އަހުސަލް ބުންޏެވެ.

“އަހަރެން މިކަންކުރަނީ އަގު ކިޔައިގެނެއް ނޫން… އެކަމަކު ރުގްޔާ ކޮށްގެން ﷲ ގެ ރަޙުމަތުން ޝިފާލިބި ރަނގަޅުވުމުން ބައެއް މީހުން ކޮންމެވެސް އެއްޗެއްދޭ ހިތް ހަލާލަކަށޭ ކިޔާފަ..”

ޔޫނުސް ހީލަފައި ބުންޏެވެ.

ޔޫނުސްގެ އެކައުންޓް ނަންބަރު އެހުމަށްފަހު އަހުސަލް ވަގުތުން ޔޫނުސްގެ އެކައުންޓަށް ރުފިޔާ ޓްރާންސްފާ ކޮށްލިއެވެ.

“ބަލާބަލަ އިންނާނެ ފޮނުވާލާފަ..”

އަހުސަލް އެހެން ބުނުމުން ޔޫނުސް ފޯނު ބަލާލިއެވެ.

“ފަންސާސް ހާސް…… މީ ހާދަ ބައިވަރެކޭ..”

ޓްރާންސްފާ ސްލިޕަށް ބަލަންއިނދެ ޔޫނުސް ހައިރާންވެފައި ބުންޏެވެ.

“ތީހަމަ އަހަރެން ހެޔޮހިތުން ޔޫނުސަށް ދިން އެއްޗެއް… އަހަންނަށް އެނގޭ ޔޫނުސް މިހާރު އަނެއްހެން މާބޮޑު މަސައްކަތެއްގަ ވަރަށް ނޫޅޭކަން.. އަބަދު ކަހަލަ ގޮގަކަށް ތިއުޅެނީ އަހަރުމެންގެ ކަމެއްގަ… ޔޫނުސަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެް އަހަންނަކަށް ނޭނގޭ.. ﷲ އިރާދަ ކުރެއްވީ އަހަންނަށް ވަރަށް ލާރި ލިބޭ.. އެހެން ނޫނަސް ޔޫނުސް ތިކޮށްދޭހާ ކަންތައްތަކާ އަޅާބަލާފަ ތީކީ ބޮޑު އެއްޗެއްވެސް ނޫން… އިންޝާ ﷲ މިކަން ނިމުމުން އަނެއްކާވެސް ފަންސާސް ހާސް ފޮނުވާލަ ދޭނަން…”

ޔޫނުސްގެ ކޮނޑުގައި ޖަހާލަމުން އަހުސަލް ހެވިފައި ބުންޏެވެ. ޔޫނުސް އަހުސަލަށް ޝުކުރު އަދާކުރިއެވެ.

އޭރު ޒައިނަބް އައިސް އެމީހުން ކައިރީގައި ސޯފާގައި އިށީނެވެ.

ޔޫނުސް ޒައިމަބް ކައިރީގައި ސޯފާގައި އޮށޯތުމަށް ބުންޏެވެ. އަދި އަހުސަލްއާއި ޔޫނުސް ސޯފާ ކައިރީގައި ގޮނޑި ބަހައްޓައިގެން އިށީނެވެ. ޔޫނުސް ރުގްޔާގެ އާޔަތްތައް ކިޔަވަން ފެށުމުން ޒައިނަބް ދެލޯ މަރާލިއެވެ. ޔޫނުސްގެ ކިޔެވުން އަޑުއަހަން އޮތް އިރު މަޑުމަޑުން ޒައިނަބްގެ ހިތަށް ބުނެދޭން ނޭނގޭފަދަ ކޮންމެވެސް އުނދަގޫތަކެއް ވަމުން ދިޔައެވެ. އިރެއްއިރަކަށް މީހާ ދާހިއްލާ ފުންކޮށް ލެވެމުންދިޔަ ނޭވާތައް އަވަސްވާން ފެށިއެވެ. ޒައިނަބަށް ވަމުންދާގޮތް ފެނިފައި އަހުސަލް ކަންބޮޑުވެ ބިރުގަތްތަން ފެމުމުން އަތުގެ އިޝާރާތުން ހަމަ ޖެހިގެން އިނުމަށް ޔޫނުސް އަހުސަލް ކައިރީގައި ބުންޏެވެ. އިރުކޮޅަކުން ޒައިނަބްގެ ގަޔަށް އަރައިގެންދިޔަ ފާޑެއްގެ ބާރަކާއިއެކު ބަޅުކޮށްފައި ހުރި އޭނާގެ އަތުގެ އިނގިލިތަކުން ސޯފާގެ ކަވަރުގެ ފޮތިގަނޑުގައި ބާރަށް ހިފިއެވެ.

“ކަލޭމެންނަކަށް އެއް ކަމެއްވެސް ނުވާނެ… ހަމަމިހާރު ތިކަން ހުއްޓާލާ… ކަލޭމެން ހީކުރީ ކަލޭމެންނަށް މިކަމުގެ އަޑީގަތިބި އެންމެން ހޯދޭނެ ކަމަށްތަ؟.. ނުުވާނެ އެކަމެއް..”

ޒައިނަބް ދެލޯ މަރައިގެންއޮވެ ވާހަކަ ދައްކަން ފެށިއެވެ. އަހުސަލް ބިރުން އޭނާއިން ގޮނޑިން ތެދުވިއެވެ. ޔޫނުސް އަހުސަލްއަށް ގޮނޑީގައި އިށީނުމަށް ބުންޏެވެ. އަދި މީކީ މާބޮޑުކަމެއް ނޫން ކަމަށާއި މާބޮޑަށް ހާސްނުވުމަށް ޔޫނުސް ބުންޏެވެ.

“މަށަށް އެނގޭ ތި ވާހަކަ ދައްކަނީ ޒައިނަބެއް ނޫންކަން… ތީކާކު؟.”

ޔޫނުސް އެހިއެވެ.

“މަމީ ކާކު ކަމެއް ކަލޭކައިރީ ބުނާކަށް ނުޖެހޭނެ… ނުވެސް ބުނާނަން….”

އަނެއްކާވެސް ޒައިނަބް ބުންޏެވެ. ޒައިނަބްގެ އަޑު ކުރިއަށް ވުރެން ބަރުވެފައި އެއަޑުގައި ރުޅިވެރިކަން ހުއްޓެވެ.

“ކަލޭގެ ނަން ނުބުނަންޏާ ހުރޭ ނުބުނެ.. ކަލޭ ދެކެ މަށެއް ބިރެއް ނުގަނޭ…”

ޔޫނުސް އެހެންބުނެ ކިޔެވުން އަވަސް ކޮށްލިއެވެ. ފެންތައްޓެއް ހިފައިގެން އައިސް ޔޫނުސް އެއަށް ކިޔެވުމަށް ފަހު ފުމެލިއެވެ. އަދި އޭގެން ފެންފޮދެއް ޒައިނަބްގެ މޫނަށް މަޑުމަޑުން ބުރުވާލިއެވެ. ޔޫނުސް އަތުން ބުރުވާލި ފެންތިކިތައް މޫނުގައި ޖެހުމާއެކު ޒައިނަބްގެ ހަށިގަނޑަށް އަރާފައިވާ ބާރުގަނޑު ކެނޑި މީހާ އެއްކޮށް ހިމޭންވިއެވެ. އަދި މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު ޒައިނަބްގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ.

” ދެންމެ ކިހިނެއްވީ؟.. އަހަންނަށް ފެނުން ކަޅު މީހެއް…”

ޒައިނަބް އިށީންނަމުން ބުންޏެވެ.

“މާބޮޑު ކަމެއް ނުވޭ… ޒައިނަބް ހަމަޖެހިލާފަ މި ފެންތަށި ބޯލާ….”

ޔޫނުސް އޭނާގެ އަތުގައި ހުރި ފެންތަށި ޒައިނަބްގެ އަތަށްދިނެވެ.

ޒައިނަބް އެ ފެންތަށި ބޯލުމަށްފަހު އަނެއްކާވެސް ދެންމެ ވީގޮތާމެދު ސުވާލުކުރިއެވެ.

“ހަގީގަތުގަ ސިހުރަކީ ވަރަށް ބިރުވެރި ނުބައިކަމެއް.. މިވަރުގެ ބޮޑު ސިހުރެއް ބާތިލް ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން… ކޮންމެ ސިހުރެއްގެ ފަހަތުގައި ޖިންނި ޝައިތާނުންގެ އަތެއްވާނެ.. އޭއްޗެހި އެއުޅެނީ މިކަން ކުރިޔަ ނުދޭންވެގެން… އިންޝާ ﷲ އޭއްޗިއްސަކަށް ކުރިއެރުމެއް ނުލިބޭނެ.. މިހާރު އެއުޅެނީ އަހަރުމެން ބޮރު ދައްކާ މިކަން ކުރިޔަ ނުދީ ހުރަސް އަޅަން… އެއްގޮތަކަށްވެސް ބިރުގަންނާނެ ކަމެއްނެތް.. ނަމާދުކޮށް ޒިކުރުތައް ކިޔައިގެން އުޅެންޏާ އެ އެއްޗިއްސަކަށް އެއްވެސްކަމެއް ނުކުރެވޭނެ…”

ޔޫނުސް މިވާނުވާ ކޮންމެވެސް ވަރަކަށް ޒައިނަބާއި އަހުސަލަށް ކިޔާދިނެވެ.. ޒައިނަބާއި އަހުސަލް ކައިރީގައި ބިރުނުގަންނާށޭ ޔޫނުސް ކިތަންމެ ވަރަކަށް ބުނި ނަމަވެސް އެދެމީހުންވެސް ތިބީ ވަރަށްބިރުންނެވެ.

އެދުވަހުގެ ރުޤްޔާ ސެޝަނަށްފަހު ޔޫނުސްގެ ހިތަށްއަރަމުން ދިޔައީ ޒައިނަބްގެ ހަށިގަނޑު ތެރޭގައި އޮވެ އެޖިންނި ބުނި ވާހަކައެވެ.

“ކަލޭމެންނަކަށް އެއް ކަމެއްވެސް ނުވާނެ… ހަމަމިހާރު ތިކަން ހުއްޓާލާ… ކަލޭމެން ހީކުރީ ކަލޭމެންނަށް މިކަމުގެ އަޑީގަތިބި އެންމެން ހޯދޭނެ ކަމަށްތަ؟.. ނުުވާނެ އެކަމެއް..”

މިކަމުގެ އަޑީގައި ތިބީ ކޮންބައެއްކަން ޔޫނުސް މެންނަކަށް ނުހޯދޭނެޔޭ އެޖިންނި އެބުނީ ކީއްވެބާއެވެ. އެ ދިގުމީހާއާއި، ޝަފީގުއާއި ގާދިރު އަދި މަރިޔަމްގެ އިތުރުން އެހެންމީހަކު ނުވަތަ ބަޔަކުވެސް މިކަމުގެ އަޑީގައި އުޅެނީބާއެވެ؟.. އެހެންކަމަށް ވާނަމަ އެއީ ކޮންބައެއް ބާއެވެ؟.. އެސިހުރު ހަދާފައިވާ އެތި ޒައިނަބްމެންގެ ގޯތީގައި ބޭއްވި މީހާގެ ހަގީތަތެއް އަދިވެސް ނޭނގެއެވެ. އެމީހާއަކީ އަނެއްކާ ކާކުބާއެވެ؟. އެރޭ ޒައިނަބްމެންގެ ގޯތިތެރެ އަނދިރިކަމުން ދުރުން އެމަންޒަރު ފެނިފައިވާ ދޮންކަމަނައްތައަށް ވެސް އެމީހާގެ މޫނު ފެނުނު ކަމަކަށް ނުވެއެވެ. އެދުވަހު ޔޫނުސް އެނބުރި ގެއަށް ދިއުމުގެ ކުރިން ޒައިނަބްމެންގެ ގޯތި ތެރޭގައި އިތުރަށް އަަލިގަދަ ދެތިން ބޮކި ހަރު ކުރުމަށް ޔޫނުސް އަހުސަލްއަށް ލަފާދިނެވެ.

…………

ކުރިއާ ޚިލާފަށް ގާދިރުގެ ގޭގެ މާހައުލު ވަނީ އެއްކޮށް ބަދަލުވެފައެވެ. ދުވަހަކަށް އޭނާގެ ހިތުގައިވާ ނުތަނަވަސްކަން ދިޔައީ އިތުރު ވަމުންނެވެ. މަރިޔަމް ޔޫނުސްމެންނަށް ގާދިރުގެ ވާހަކަ ކިޔައިދިން ކަމާއި އަދި ގާދިރުގެ މައުލޫމާތު ޔޫނުސްއާއި ހިއްސާކުރި އެންމެންގެ ނަންތައްވެސް ކޮންމެވެސް ގޮތަކުން ގާދިރަށް ވަނީ ލިބިފައެވެ. އަދި މިފަހުން ސާމިރުވެސް ގާދިރު ލައްވާ ހެދި ސިހުރުގެ ވާހަކަ ސަލީމަށް ކިޔާދިން ކަންވެސް އޭނާއަށް އެނގެއެވެ. ގާދިރަށް ވިސްނުނީ މަރިޔަމ މްއާއި ސާމިރުވެސް ގާދިރުގެ ފަރާތުން އެހީ ހޯދުމަށްފަހު އެންމެ ފަހުން ކަންކަން ގޯސްވީ ހިސާބުން އެދެމީހުންވެސް އެވަނީ ގާދިރަށް ދޯކާދީ އަދި އޭނާ ބޭޒާރު ކޮށްފައެވެ.

ދުވަހެއް ދުވަހަކަށް ގާދިރަށް އަންނަމުންދިޔަ ބަދަލުތައް ނާދިރާއަށް ފާހަގަ ވަމުންދިޔައެވެ. ގިނަވަގުތު ގާދިރު ކޮންމެވެސް ވިސްނުމެއްގެ ތެރެއަށް ގެލިފައި އިންނަކާމާއި އަބަދުވެސް ފުން ހިޔާލެއްގެ ތެރޭގައި ހުންނަކަންވެސް ނާދިރާއަށް ފާހަގަ ވެއެވެ. ކުދިކުދި ކަންކަމާވެސް ގާދިރު ރުޅިއައިސްގެން ނާދިރާއާއި އެމީހުންގެ ދަރިންނަށްވެސް ބަވާހެދުން ގިނަވެއްޖެއެވެ. ގާދިރުގެ އަމަލުތަށް ހުންނަގޮތުން މިދުވަސްކޮޅު އޭނާ އެއުޅެނީ ކޮންމެވެސް ކަމަކާ ބޯގޮވައިގެންކަން ނާދިރާއަށް އެނގެއެވެ.

އެރޭ ރޭގަނޑު ދިހައެއް ޖަހަނިކޮށް ނާދިރާ އޭނާގެ ފަސްއަހަރަށްދާ ކުޑަ ފިރިހެން ދަރިފުޅު ނިންދެވުމަށްފަހު ގޭތެރެއަށް ނިކުތްއިރު އެމީހުންގެ ބޮޑުކުއްޖާ ކަމުގައިވާ އެގާރަ އަހަރުގެ މިޝްކާ ފޮތެއް ހިފައިގެން ސޯފާގައި އިނެވެ. ނާދިރާގޮސް މިޝްކާ ކައިރީގައި އިށީން ވަގުތު ގާދިރު އޭނާގެ ސިއްރުކޮޓަރިން ނިކުތްއަޑު އިވުނެވެ. ނާދިރާ އެދިމާލަށް ބަލާލި ވަގުތު ކަޅުފޮތިން ބަނދެ ގޮއްޖަހާފައިވާ ޒާތެއްގެ އެއްޗެއް ގާދިރުގެ އަތުގައި އޮތްތަން ފެނުނެވެ.. އެއީ ކޮންއެއްޗެއްކަން ނާދިރާއަށް ނޭނގުނު ނަމަވެސް އޭގައި ކޮންމެވެސް ނުބައެެއް އުޅޭކަން އޭނާއަށް އިހުސާސްވިއެވެ.

“ކޯއްޗެއް ތިބަލަނީ!.”

ގާދިރުގެ އަތުގައިއޮތް އެތި އޭނާގެ ފަޓުލޫނުގެ ޖީބަށް ލަމުން ނާދިރާއާއި ދިމާލަށް ގާދިރު ލޯ އާޅާލިއެވެ. އެއްޗެއް ނުބަލަމޭބުނެ ނާދިރާ އަނެއްފަރާތަށް އެނބުރުނެވެ.

ޔޫނުސް ކުރިއަށް ގެންދަމުންދިޔަ މަސައްކަތުގައި މިހާރު އާދެވިފައި މިވަނީ ވަރަށް އުނދަގޫ ހިސާބަކަށެވެ. އެކި މީސްމީހުންގެ ފަރާތުން ލިބިފައިވާ އެކިއެކި މައުލޫމާތުތައް އެއްކޮށްގެން ކޮންމެވެސް ވަަރަކަށް ވާނުވާ ސާފުވެފައި ވީނަމަވެސް މިކަމުގައި ނަތީޖާއެއް ނެރުމަށް ދެން އަޅަންޖެހޭ ފިޔަވަޅުގެ ބޮޑުކަމާމެދު ޔޫނުސަށް ވިސްނާލެވުނެވެ. އެތަކެއް އަހަރެއް ވަންދެން ގާދިރު ސިއްރުކޮށްގެން މިއުޅޭ ކަންކަމާ ކުރިމަތިލައި ސީދާ ގާދިރުގެ ކުރިމައްޗަށް އަރަންޖެހޭ ވަގުތު އައިސް ޖެހުނީއެވެ. ޔޫނުސް ބޭނުންވަނީ ސީދާ ގާދިރުގެ ލޮލަށް ބަލަންހުރެ ލޮނުނުދޫގައި އޭނާކުރަނީ ކީއްތޯ އަހާށެވެ.

ޖެހިގެންއައި ދުވަހު ހެނދުނު އަހުސަލް އޭނާގެ ސަފާރީ ބޯޓުގެ ކޮންމެވެސް ލިޔެކިޔުން ތަކެއްގެ ކަމަކާ އުޅުނެވެ. އަދި އެކަމުގައި އުޅެން ޖެހިގެން މިއަދު ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަމުގައި ބުންޏެވެ.

“އަހުސަލް.. އަންނައްޗޭ މެންދުރު ކާން..”

ޒައިނަބް ހީލަމުން ބުންޏެވެ.

“އާން އަންނާނަން.. ޒައިނަބް ތިއުޅެނީ މަންމަމެން ގެއަށް ދާންދޯ.. މަމިދަނީ ބޭރަށް އިނގޭ… އެކަމަކު މެންދުރު ވާން ވާއިރަށް އާދެވޭތޯ ބަލާނަން..”

އެހެންބުނެ އަހުސަލް ދިޔައީއެވެ.

……….

ހެނދުނު ސައިބޮއި ހަދައިގެން ސަލީމުއާއި ޔޫނުސް ގާދިރުއާއި ބައްދަލު ކުރަންގޮސް ދައްކާނެ ވާހަކައާމެދު ހިޔާލު ބަދަލުކުރަން ތިއްބެވެ. ގާދިރާއި ވާހަކަ ދައްކާއިރު އެއްވެސް ވަރަކަށް އޭނާ އާއި ޖަދަލު ނުކޮށް އަދި ރުޅިއިސް ނުކުރުމަށް ޔޫނުސް ސަލީމު ކައިރީގައި ބުންޏެވެ. އަދި އެފަދަ ގޮތަކަށް އޭނާއާއި ކުރިމަތި ލައިފިނަމަ ކަންކަން މުޅިން ގޯހުންގޯހަށް ގޮސްދާނެކަމަށް ޔޫނުސް ބުންޏެވެ. ގާދިރުގެ ފަރާތުން އޭނާ ލޮނުދޫގައި ހިންގަމުންދާ ސިއްރު ޖަރީމާތަކުގެ ކަންކަން އިތުރަށް ސާފުވޭތޯ ބެލުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމުގައިވެސް ބުންޏެވެ. ނަމަވެސް ގާދިރު ރުޅިއައިސް ޒުވާބުކޮށް ހަދައިފިނަމަ އެމީހުންވެސް އޭނާއާއި ދިމާލަށް ފަށައިގަންނާނީ ކަމަށް ޔޫނުސް ބުންޏެވެ.

ޔޫނުސާއި ސަލީމު ގޮސް ގާދިރުމެންގެ ހުންނަ މަގަށް އެރިއިރު އެގޭ ގޯތީގެބޭރުން ފާރު ކައިރީގައި ހުރި ޖޯލިފަތީގައި ގާދިރު އޮތްތަން އެމީހުންނަށް ފެނުނެވެ. ނިތްކުރީގައި އަތް އަޅާލައިގެން ބޮޑު ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮތް ގާދިރު ސަލީމުމެން ފެނުމުން ޖޯލީގައި އިށީނެވެ. ސަލީމަކީ އޭނާ ކޮންމެވެސް ވަރަކަށް ދެކެފަރިތަ މީހެއްނަމަވެސް ޔޫނުސަކީ އޭނާގެ ގެއާކައިރި ހިސާބެއްގައި ދިރިއުޅޭ މީހެއް ކަމުގައި ނުވާތީ އޭނާއަށް މާބޮޑަކަށް ޔޫނުސެއް ނޭނގެއެވެ.

“ސަލީމު… މީ ކާކު.. ކީއްކުރަން ކަލޭމެން ތިއައީ؟..”

ޔޫނުސް އާއި ސަލީމުގޮސް ގާދިރު އިށީނދެގެން އިން ޖޯލިފަތި ކައިރީގައި ހުއްޓުމުން ޔޫނުސާއި ދިމާލަށް ބަލަންއިނދެ ގާދިރު ބުންޏެވެ.

“މީ ޔޫނުސް.. ޔޫނުސަކީ ވަރަށްމޮޅު ރާޤީއެއް.. އަހަރުމެން މިއައީ ކުޑަކަމަކާ ބެހޭގޮތުން ވާހަކަ ދައްކާލަން..”

ސަލީމު އެހެންބުނުމުން ގާދިރުގެ ހިތްބާރަށް ތެޅިގަތެވެ. މި ވާންއުޅެނީ ކިހިނެއްބާއޭ ހީވެފައި މީހާ އެއްކޮށް ފިނިވިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެކަން ނުދައްކާވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ.

“އެހެންތަ؟.. އާދޭ … މިތާ އިށީނދޭ… ކޮން ކަމަކާ ބެހޭގޮތުން ވާހަކަ ދައްކަންތަ ތިއައީ؟..”

ގާދިރު ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން އޭނާގެ ހިތުގައިވާ ނުތަނަވަސްކަން ފޮރުވޭތޯ ބެލިއެވެ.

ސާލީމު އިށީންނަން އުޅުމުން ޔޫނުސް ލޮލުގެ އިށާރާތު ް ނީށީނދެ މަޑުކުރުމަށް ބުންޏެވެ. ގާދިރުފަދަ ނުބައި ނުލަފާ މީހަކާ އެއްހަމައެއްގައި އިށީންނާކަށް ޔޫނުސް ބޭނުމެއް ނުވިއެވެ.

“އަހަރުމެން ކޮޅަށް ތިބޭނީ… ކޮޅަށް ތިބެވެސް މިވާހަކަ ދެއްކޭނެ..”

ޔޫނުސް ބުންޏެވެ.

“އޯކޭ… އެހެންވިއްޔާ ތިދައްކަންއައި ވާހަކަ ފަށާ.”

ގާދިރު ބުންޏެވެ.

“ލޮނުދޫގައި ހިނގަމުންދާ ކަމެއްގެ މައުލޫމާތު ސާފުކުރަންވެގެން އަހަރުމެން އެކި ގޮތްގޮތުން މައުލޫމާތު އެއްކުރިއިރު ގާދިރުގެނަން އަހަރުމެން ވަނީ ލިބިފަ.. ”

ޔޫނުސް އެހެން ބުނުމާއެކު ގާދިރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ބިރާއި ރުޅި އެކުވެގެންގޮސް ގާދިރުގެ ނިތްކުރިއަށް ރޫއަރުވާ ލެވުނެވެ.

“މީހުން ދައްކާނެ ފާޑުފާޑުގެ ވާހަކަ.. ތަންތާ ތިބޭ މީހުންގެ އަގުވައްޓާ ބަދުނާމުކުރަން މީހުން ދައްކާހާ ވާހަކައެއް ގަބޫލުކުރާކަށް ނުވާނެ..”

ގާދިރު ބުންޏެވެ.

“އެހެންވެގެންނޭ ގާދިރު ކައިރީގަ އަހަން މިއައީ.. ގާދިރު ވަރަށް ގިނައިން ދަންދޯ ލޮނުދޫއަށް…”

ޔޫނުސް މަސައްކަތްކުރީ ގާދިރު ރުޅިނާރުވައި އޭނާއާއި ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ.

“އާން.. އަހަރެންވެސް ދަން އެރަށަށް.. އެހެންނޫނަސް މިރަށު ވަރަށްގިނަ މީހުން ދަތުރުދާ ރަށެއް އެއީ.. ދަރާ ކާށިހޮވަންދާ މީހުންވެސް މަދެއް ނޫން.. އަދި ފަރުމައްޗަށް ބޯވަނަގަން ނޫނީ މަސްބާނަންވެސް މީހުންދާ ރަށެއް ލޮނުދޫއަކީ.. އެރަށަށް ދިއުމަކީ މަނާކަމެއް ނޫނެއްނު.. މަވެސް ބޭނުންވީމަ މަށަށްވެސް ދެވޭނެ.. ކޮބާތަ އެކަމުގަ މައްސަލަ އަކީ؟..”

ގާދިރު ޖަވާބުދިނީ ހިތްހަމަނުޖެހިފައި އިނދެ ޖެއްސުމުގެ ރާގަކަށެވެ.

“އެރަށަށް ދިއުމަކީ މަނާކަމެއް ނޫން.. މައްސަލައެއްވެސް ނޫން.. އެކަމަކު ގާދިރު ތިބުނި ކަހަލަ ކަމެއްގެ ވާހަކައެއް ނޫން ދައްކަން މިއުޅެނީ.. ދަރުހޮވާ މަސްބާނާ ދަތުރުދާ ވާހަކައެއްވެސް ނޫން.. ކޮންމެވެސް ބަޔަކު އެރަށުގަ ހިންގަމުންދާ ސިއްރު ކަންތައްގަނޑެއްގެ ވާހަކަ މިދައްކަނީ..”

ޔޫނުސް އެހެން ބުނުމުން އެބުނި އެއްޗެއްގެ މާނަ ގާދިރަށް ވަރަށް ސާފުކޮށް އެނގޭނެއެވެ. ނަމަވެސް ގާދިރު މަސައްކަތް ކުރީ އޮޅުވާލާށެވެ. އޭނާއަށް ހަމަ އެއްކަމެއްވެސް ނޭނގޭ ކަމަށް ހަދާށެވެ. ޔޫނުސްމެން ސުވާލުކުރަމުން ދިޔައީ ކޮންމެވެސް ކަމެއް އެނގިގެންކަން ގާދިރަށް އެނގުނު ނަމަވެސް އެމީހުންގެ ކުރިމަތީގައި އޭނާކުރާ އެއްވެސް ކަމަކަށް އެއްބަސްވާކަށް އޭނާ ބޭނުމެއްނުވިއެވެ.

“ކޮންކަހަލަ ކަމެއް؟؟. ޔޫނުސް ތިކިޔާ އެއްޗެއް މަށަކަށް ނޭނގެ…”

ގާދިރު ރުޅިއަންނަން ފެށިއެވެ.

“ލޮނުދޫގަ ސިހުރު ހެދުމުގެ ކޮންމެވެސް މަސައްކަތްކޮށް އެ ސިހުރުތައް ހަދާފައި ހުންނަ ތަކެތި އެކި ތަންތާ ބަހައްޓާ އަދި މީސްމީހުންގެ ގޯތި ތަކުގެ ތެރޭގައި ބަހައްޓާ ވާހަކަ މިދައްކަނީ..”

ޔޫނުސްވެސް ހިތްހަމަ ނުޖެހިފައި ބުންޏެވެ. ސީދާ ދިމާލަށް ގާދިރު ދޮގުހަދަން ފެށުމުން ޔޫނުސްގެ ކެތްތެރިކަން ކޮޅުން ލާންފެށީއެވެ.

“ކަލޭމެން މަގޭ ބޮލުގަ ކޮންކަހަލަ ބޮޑުކަމެއް އަޅުވަން ތިއުޅެނީ.. މަ ނުކުރާ ކަމަކަށް މަށެއް އެއްބަހެއް ނުވާނަން..”

ގާދިރު ޖެއްސުމުގެ ރާގަކަށް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

“އަހަރުމެން މިއަައީ ގާދިރާ ޒުވާބު ކުރާކަށްނޫން.. ކަމަކާ ބެހޭގޮތުން ސުވާލެއް ކޮށްލާއިރަށް ތިހާވަރު ވާން ޖެހޭތަ؟ އެހެންނޫނަސް ގާދިރަށް ނޭނގޭ ކަމަށް ހެދިޔަސް އަހަރުމެން މިކިޔަނީ ކީކޭކަން ގާދިރަށް ހަމަ ރަނގަޅަށް އެނގޭނެ..”

ގާދިރުގެ ރުންކުރު ޖަވާބުތަކަށް ކެތްނުވެގެން ސަލީމު ވަރަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

އެވަގުތު މަގުކޮޅުން ކޮތަޅުތަކެއް ހިފައިގެން ނާދިރާއަންނަ ތަން އެމީހުނަށް ފެނުނެވެ. ހީވާގޮތުން ފިހާރައިން ވިޔަފާރިކޮށްގެން އައީއެވެ. ނާދިރާ ގޭތެރެއަށް ވަންނަންދެން އެމީހުން ދައްކަން ތިބި ވާހަކަ މެދުކަނޑާލިއެވެ. ސަލީމަކީ ނާދިރާވެސް ދެކެފަރިތަ މީހެކެވެ. ނަމަވެސް ޔޫނުސްއަކީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. ނާދިރާ އެމީހުންނަށް ބަލަމުންގޮސް ގޭތެރެއަށް ވަނެއެވެ.

“ސަލީމު… އެހެން ވެގެންތަ ކަލޭމެން މިތަނަށް އައިސް ފާޑުފާޑު ވާހަކަ ތިދައްކަނީ… އަދި މަ ބިރު ގަންނާނެ ކަމަށްތަ މިހިރަ ޔޫނުސް ގޮވައިގެން ތިއައީ؟.. މަށެއް ބިރެއް ނުގަނޭ…”

ޔޫނުސާއި ދިމާލަށް ގާދިރު ލޯއަޅައިގެން އިނދެ ބުންޏެވެ.

“މިރަށު އެތައް ބަޔަކަށް ފެނިފަހުރީ ގާދިރު ވަރަށް ނުގަޑިތަކުގައި ލޮނޫދާއަށް ގޮސް އުޅެނިކޮށް… ގާދިރު ހީކުރީ ގާދިރު ކުރާ ކަންކަން އެއްވެސް މީހަކަށް ނޭނގޭނެ ކަމައްތަ؟.. މިހާރުވެސް ދެމީހެއްގެ ދުލުން ކިޔާދީފި އެމީހުން ގާދިރު ކައިރިއަށް ސިހުރުހަދަން އައި ވާހަކަ.. އަދި ގާދިރު ސިހުރު ހެދި ވާހަކަވެސް އެމީހިން ބުނި…”

ޔޫނުސް ރުޅިއައިސްފައި ބުންޏެވެ. ދެފަރާތުން ބަދަލު ކުރަމުންދިޔަ ރައްދުތައް އިރެއް އިރަކަށް ހޫނުވަމުންގޮސް އިތުރަށް އޮޅުވާލާފައި އެއްވެސް އެއްޗެއް ނުބުނެ ޔޫނުސް ބޭނުންވާ ހުރިހާއެއްޗެއް ގާދިރާއި ދިމާލަށް ފައްޗަކަށް އަމުނާލިއެވެ.

ޔޫނުސް ވާހަކަތައް އަޑުއަހާފައި ގާދިރަށް އިރުކޮޅަކު ޔޫނުސްގެ މޫނަށް ބަލަން އިނދެވުނެވެ. ޔޫނުސް އެމީހުންގެ ނަން ނުބުނި ނަމަވެސް އެދައްކަނީ މަރިޔަމްއާއި ސާމިރުގެ ވާހަކަ ކަން ގާދިރަށް އެނގުނެވެ.

“ޔޫނުސް ތިޔަބުނާ ބަޔަކު މަގޭކައިރިއަށް އައިސް ދެއްކި ވާހަކަ އަދި އެމީހުންނަށް މަ ކޮށްދިން ކަމެއް ޔޫނިސަށްތަ އެނގެނީ؟. އަޖައިބެެއްނު މީދެން… އެހެންނޫނަސް އެއީ މަށާ އެމީހުނާ ދޭތެރޭ އޮތްކަމެއް.. އެއީކީ ކަލޭމެންނަކާ ބެހޭ ކަމެއްނޫން.. ހެއްކެއް ދަލީލެއް ނެތި ކޮންމެހެން މަގޭ ބޮލުގަ ބޮޑެތި އިލްޒާމުތަކެއް އަޅުވަން އުޅޭނެ ކަމެއްނެތް..”

ގާދިރު އިނީ ރުޅިއައިސް ރަތްވެފައެވެ.

“ގާދިރު ހީކުރީ ހެއްކެއް ނެތް ކަމަށްތަ؟… މަރިޔަމް ކިޔާ މީހަކު ބުނެގެން ގާދިރު ދިނީމެއްނު ސިހުރެއް ހަދާފަ އޭނައަތަށް..”

ސީދާ ގާދިރުގެ ދެލޮލަށް ބަލަންހުރެ ޔޫނުސް ބުންޏެވެ.

“ކޮން މަރިޔަނބެކޭ ކިޔާކަށްތަ… މަށަކަށް ނޭނގޭ ކަލޭމެން ތިދައްކާ ވާހަކައެއް…”

ގާދިރު އެހެންބުނެ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ގާދިރު ކިތަންމެ ވަރަކަށް އެއްބަސް ނުވާން އުޅުނަސް ޔޫނުސާއި ސަލީމުއަށް ކަމުގެ ހަގީގަތް އެނގެއެވެ. އެހެންކަމުން އެމީހުން ތިބީ ފަސޭހައިން ދޫކޮށްލާފައި ދާގޮތަކަށް ނޫނެވެ.

“އެހެންވީރު ކަލެއަށް އެނގޭތަ ޒައިނަބް؟.”

ޔޫނުސް ޖެއްސުމުގެ ރާގަކަށް އެހިއެވެ.

“ނޭނގެ.. ކާކު އެއީ؟.”

މިފަހަރުވެސް ގާދިރުހެދީ ނޭނގޭކަމަށެވެ.

“ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ ޒައިނަބަކީ ކާކުކަން…. އެފަކީރުގެ ދުވަސް ދުއްވާލަން އޭނަގެ ގޯތީގަ ކަލޭ ބޭއްވީމެއްނު ސިހުރު ބޮނޑިވަރެއް..”

ޔޫނުސް ރުޅިއައިސްފައި ހުރެ ބުންޏެވެ.

“މަށަކަށް ނޭނގެ ތިކިޔާ މީހެއް..”

ޔޫނުސްގެ ދެލޮލަށް ބަލަންއިނދެ އަނެެއްކާވެސް ގާދިރު ދޮގުހެދިއެވެ.

“ކަލޭ އެއްބަސް ނުވިޔަސް މަށަށްއެނގޭ ކަލެއަށް ޒައިނަބް އެނގޭނެކަން.. އެހެންވީރު ކަލޭ އެވަރަށް ލޮނުދޫއަށް ދަނީ ކީއްކުރަން… އަދިވެސް ކަލޭ ތިހަދާ ސިހުރުތަށް ހަދަން އެރަށަށް ދަންތަ؟..”

މަލާމާތާއި ޖެއްސުމުގެ ރާގަކަށް އެހެންބުނެ ޔޫނުސް އެއްމިޔަކަނުން ލާނެތް ފާޑަކަށް ހީލިއެވެ. އެމަންޒަރު ފެނިފައި ގާދިރުގެރުޅި އިތުރަށް ގަދަވެ ކޮންޓްރޯލް ނުވާ ހިސާބަށް ދާންފެށިއެވެ.

“މަ އެރަށަށް ދިޔަޔަސް ނުދިޔަސް އެއީ ކަލެއާ ބެހޭ ކަމެއްނޫން.. އެއީ ކަލޭގެ ރަށެއް ނޫނެންނު.. ކަލޭތީ ކާކުތަ މަގޭ ކަންކަމާ ބެހެން..”

ގާދިރު ދަތްކުނޑި ވިކަމުން އެހެންބުނެ އޭނާ އިން ޖޯލިން ތެދުވިއެވެ.

“ގާދިރު… މަ ބުނަންތަ ރަނގަޅު ވާހަކައެއް.. ސިހުރަކީ މާތް ﷲ އަށް ކުފުރުވުން ފަދަ ބޮޑު ފާފައެއް. ﷲ ފިޔަވައި އެހެން ފަރާތެއްގެ އެހީއަށް އެދިގެން ކުރާ ހަރާމް ކަމެއް… ކަލޭ ތިކުރާ ކަންކަން ހުއްޓާލާ ﷲ އަށް ބިރުވެތިވެ ތައުބާވޭ… ތިހަދާ ސިހުރުތަކުން މީހުންނަށް ބޮޑެތި ގެންލުންތައް ދީގެން ތިކުރެވެނީ މާމޮޅުކަމެއް ނޫން.. ތިޔަ ހުރިހާ ކަމަކަށް ކަލެއަށް ލިބޭނެ އަޒާބަށް ބިރުވެތިވޭ…”

ޔޫނުސް އެހެން ބުނުމުން ގާދިރު އިތުރަށް ރުޅިއައިސް އަތް މުއްކަވާލިއެވެ.

“ޔޫނުސް.. މަވެސް ބުނަންތަ ރަނގަޅު ވާހަކައެއް… މީހަކު ކިޔާހާ އެއްޗެއް ގަބޫލުކޮށްގެން އައިސް މަގޭބޮލުގަ ތިވަރުގެ އިލްޒާމުތަކެއް އަޅުވާއިރު ކަލޭތިކުރަނީ މާމޮޅު ކަމެއްތަ؟. މަށަށް ނަސޭހަތް ނުދީ އެންމެ ފުރަތަމަ ކަލޭ ތައުބާ ވާންވީނު..”

ގާދިރު އެހެންބުނެ ގޮސް ގޭތެރެއަށް ވަނެވެ. ގާދިރަށް ނޭނގުނު ނަމަވެސް އެމީހުން ބޭރުގައި ތިބެ އެދެއްކި ވާހަކަތަކުން ބައެއް ތަންތަންކޮޅު ނާދިރާ ގޯތިތެރޭގައި ހުރެގެން ވަގަށް އަޑުއެހިއެވެ. އެގޮތުން އެމީހުން ޒައިނަބު ވާހަކަ ދެއްކި އަޑުވެސް އޭނާއަށް އިވުނެވެ. ކީ ހުރިހާއެއްޗެއް އެއްކޮށް ސާފު ނުވިނަމަވެސް ތަންތަންކޮޅު އަޑުއިވިފައި ވުމުން ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ވެގެން އުޅޭކަން ނާދިރާއަށް އެނގުނެވެ.

“އެއީ ކީއްކުރަން އައި ބައެއްތަ.؟..”

ގާދިރު ގޭތެރެއަށް ވަނުމާއެކު ނާދިރާ އެހިއެވެ.

“އެއީ އެއްވެސް ކަމަކުއައި ބައެއް ނޫން.. މަ ބޭރުގަ އިންދާ ފެނިގެން ދަމުން މަޑު ކޮށްލީ މަށާ ވާހަކަ ދައްކާލަން…”

ގާދިރު މަސައްކަތް ކުރީ އޮޅުވާލާށެވެ.

“އެމީހުންކީ ކޮން ޒައިނަބެކޭތަ؟.”

ނާދިރާ އަނެއްކާވެސް އެހިއެވެ.

“އެމީހުން ދެއްކި ވާހަކަ ނާދިރާ ވަގަށް އަޑުއެހީތަ؟”

ގާދިރު ދެބުމަ ގޮއްޖަހާލަމުން އެހިއެވެ.

“އަޑު އެހީކީ ނޫން.. ތިމީހުން މާބާރަށް ވާހަކަ ދެއްކީމަ އަޑުއިވުނީ… މަށަށް އިވުނު ކޮންމެވެސް ޒައިނަބެކޭ ކީއަޑު.. އެހެންވެ އަހާލީ..”

ނާދިރާ ބިރުންހުރެ ޖަވާބުދިނެވެ.

“ނާދިރާއާ ނުބެހޭ ކަންކަމާ ސުވާލު ނުކުރިއްޔާ ރަނގަޅުވާނީ.. ތަނެއްގަ ބަޔަކު ވާހަކައެއް ދައްކަން ތިބިއްޔާ އެދެއްކީ ކޮން ވާހަކައެއްތޯ ނާދިރާ ބަލަން ޖެހޭތަ؟ ..ނުބެހޭ ކަންކަމާ ނުބެހިހުރޭ..”

އެހެންބުނެ ގާދިރު ގޮސް ކޮޓަރިއަށް ވަނީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Rosey

    Omggggg
    This is getting juicy 😆
    Please upload next part soon

    1. Eyesh
      Rosey

      Thank you Rosey 🤍😘 insha Allah thankolheh avahah upload kohlaanan ingey next episode

  2. Lavender

    This getting interesting 😍💗

    1. Eyesh
      Lavender

      Thank you Lavender 🪻 🫰🏻 hope you will enjoy kuri ah huri baithah ves 😘

  3. liya

    mi part ves varah reethi i noticed a bit of minor spelling mistakes but other than that its really good and i love that the parts longer now really interested hama

    1. Eyesh
      liya

      Thank you liya 🫰🏻😘🤍 mi part spelling mistakes ebahuri dho. Double check kureeruves alhai nugai than thankolhu ei 😭 Eyesh ah ves post kuri fahun eychehi faahaga vee 🥺

  4. Rosey

    Hey girl
    Is lonudhoo a real island

    1. Eyesh
      Rosey

      Yes ☺️ ..

  5. Rosey

    Hey girll
    Is lonudhoo a real island

    1. Eyesh
      Rosey

      Yes ☺️ ..

Comments are closed.