Skip to content
އެސްފިޔަ

ޒައިނަބް – 16

22:24
Watch this episode Video · first minute free
Watch
Listen to this story Audio · 22:20 Powered by Esfiya Voice
0:00 22:20

އެދުވަހު ހަވީރު ޒައިނަބާއި އަހުސަލް ފާތުންމެންގެ ގެއަށް ދިޔައިރު ޖައިޝް ގޮވައިގެން އިސްމާއިލް އެގޭތެރޭގައި އުޅުނެވެ. އޭރު ޖައިޝް އާއެކު ކުޅެ މަޖާކުރުމުގައި ޝިފާގެ ދެކުދިން ކަމުގައިވާ އާރާއާއި ޒައުލް އުޅުނެވެ. ހީވަނީ އެގޭތެރެއަށް އީދެއް އައިސްގެން އުޅޭހެންނެވެ. އެ ގޭތެރޭގައި ގުގުމާލާފައި ވަނީ ކުދިވެރިންގެ ސަކަރާތުގެ އަޑެވެ. ފާތުން އޭނާ ކެއްކި ސައިކުރައިން މޭޒުމަތީގައި ހުރި ޖޯޑުތަކަށް ސައި އަޅަމުން ދިޔައިރު ޝިފާ އުޅުނީ ތަށިތަކަށް ހެދިކާ އެޅުމުގައެވެ. ހަވީރުގެ ސަޔަށް ޝިފާ ތައްޔާރުކުރި ގުޅައާއި ކުޅިބޯކިބާ އަދި ކޭކު ތަށިތަކަށް އެޅުމަށްފަހު ޝިފާ އެންމެންނަށް ސައިބޯން ގޮވިއެވެ.

އެކިއެކި ވާހަކައިގައި ތިބެ އެންމެން އެކުގައި ސައި ބޮމުން ދިޔައެވެ.

“މިއަންނަ ހުކުރު ދުވަހު ޖައިޝް ގެންދާނަން ތިގެއަށް އިނގޭ.”

އިސްމާލް މޭޒުމަތީ ހުރި ތަށިން ގުޅައެއް ނަގައި އަނގައަށް ލަމުން ބުންޏެވެ.

“ޖައިޝް… ފްރައިޑޭގަ ކުޅެލަން ދާނަންތަ ބޮއްތަމެން ގެއަށް؟..”

ގޭތެރޭގައި ކުޅެން އުޅުނު ޖައިޝްއަށް ގޮވާލާފައި ޒައިނަބް އެހެން އެހުމުން އާނއެކޭ ބުނަމުން ޖައިޝް ބޯޖަހާލިއެވެ. ޖައިޝްއަށް ތިންއަހަރު އެ ފުރުނީ މިހަފްތާގައެވެ. އެހެންކަމުން ޖައިޝްއަށް ރަނގަޅު ހަދިޔާއެއްވެސް ދޭނެކަމަށް ޒައިނަބް ބުންޏެވެ.

“ތިމީހުނަށް އެނގޭތަ.. ޔޫނުސްއާ ސަލީމު ގޮސް ގާދިރާ ވާހަކަ ދައްކައިފި… އެކަމަކު ގާދިރު އޭނާކުރި އެއްވެސް ކަމަކަށް އެއްބަހެއް ނުވިޔޭ ޔޫނުސް ބުނީ…”

އަހުސަލް އެވާހަކަ ބުނުމުން ގޭތެރޭގައިވާ އުފާވެރި މާހައުލު ކުއްލިއަކަށް ބަދަލުވިއެވެ. އެންމެންގެ މޫނުމަތީގައިވީ އުފާވެރި ކުލަވަރުވެސް ވަގުތުން އޮއްސުނެވެ.

“އެކަހަލަ ނުލަފާ މީހުން ނުވާނެ އެއްބަހެއް.. ގާދިރަށް ހޭ އަރުވާލަންވީ..”

އިސްމާއިލް ބޯހޫރަމުން ބުންޏެވެ.

އިސްމާއިލް ރުޅިގަދަވެފައި އިންކަން އެނގުމުން ގާދިރާއި ދިމާލަށް އެއްވެސް އެއްޗެއް ނުބުނުމަށް އަހުސަލް ބުންޏެވެ. އަދި ޔޫނުސްއާއި ސަލީމަށް ފެންނަ ގޮތަކަށް އެކަން ކުރިއަށް ގެންދަން ދޫކޮށްލަންވެސް އަހުސަލް ބުންޏެވެ.

އެރެއަކީ ގާދިރު މެންގެ ގޭގައި ބޮޑު ކަންތައްގަނޑެއް ހިނގާދިޔަ ރެއެކެވެ. އެރޭ ތަންކޮޅެއް ކުރިން އޭނާގެ ދަރިންނާއި ނާދިރާ ނިދުމުން ގާދިރު އޭނާގެ ސިއްރު ކޮޓަރީގައި އިނދެ މިއަދު ހިނގާދިޔަ ކަންތަކާމެދު ވިސްނާ ފިކުރު ކުރަން އިނެވެ. ޔޫނުސްއާއި ސަލީމު އެގޮތަށް އައިސް އޭނާގެ ކުރިމައްޗަށް އަރައި އެވަރުގެ ވާހަކައެއް ދެއްކުމުން ގާދިރަކަށް އެކަމެއް ހަޖަމެއް ނުވިއެވެ. އަދި ގާދިރާއި ދިމާލަށް މަރިޔަމްގެ އަތަށް ސިހުރު ހަދާފައި ދިން ވާހަކަ ބުނުމުން ގާދިރު ވަރަށް ރުޅިއައެވެ.

ގާދިރު ލައްވައި އެވަރުގެ ބޮޑުކަމެއް ކުރުވުމަށްފަހު މަރިޔަމްގެ ފިނޑިކަމުން އެންމެންނަށް އެހުރިހާ ކަމެއް ކިޔާދިނުމަކީ ގާދިރުގެ ނަޒަރުގައި މަރިޔަމްގެ ބަލިކަށިކަމެވެ. އެކަމާ ވިސްނަން އިނުމަށްފަހު ގާދިރު ގޮސް ތަޅުލާފައި ހުރި ކަބަޑުގެ ތަޅު ހުޅުވާލިއެވެ. އަދި އޭގެ ތެރެއިން ކަޅުފޮތިން ބަންދު ކޮށްފައިވާ އެއްޗެއް ނަގައި މޭޒުމަތީގައި ބޭއްވިއެވެ. އަދި އެކަބަޑުން ނެގި ހިއްކާފައިވާ ކުކުޅުގެ ބޮލުގެ ކަށިތަކެއް ނެގިއެވެ. އެތަކެތި ހިފައިގެންގޮސް މޭޒުމަތީގައި އޮތް ކަޅުފޮތިން ބަނދެފައިވާ ބޮނޑީގެ ވަށައިގެން އަތުރާލިއެވެ. އެތަނުގައި ގާތްގަނޑަކަށް ދިހަވަރަކަށް ކުކުޅުގެ ބޮލުގެ ކަށިގަނޑު އޮންނާނެއެވެ. ދެން ގާދިރު އެ ކަބަޑުން ނެގީ ކުޑަ ފޮއްޓެކެވެ. އެފޮށި ހުޅުވާލުމަށްފަހު އޭގެތެރެއިން ނެގީ އެއްވެސް މީހެއްގެ ހިތަށްވެސް ނުގެނެވޭނެ ފަދަ އެއްޗެކެވެ. އެއީ މަރުވެފައިވާ  އިންސާނެއްގެ ހިކިފައި ހުރި ކަށި ތަކެކެވެ.. އެ ކަށިތަކަކީ ޝަފީގު ގާދިރަށް ހަދިޔާ ކޮށްފައިވާ ސިހުރު ވަރުގަދަ ކުރަން ބޭނުންކުރާ ސާމާނު ތަކެކެވެ. ޝަފީގު އެކަށިތައް ހޯދާފައިވަނީ ގަބުރުސްތާނެއް ކޮނެގެން ކަމުގައި އޭނާ ގާދިރު ކައިރީގައި ބުނެފައިވެއެވެ. ގާދިރު އެތަކެތި ގެންގުޅެނީ އޭނާ ތަޅުލާފައި ހުންނަ ކަބަޑުގައި ފޮރުވައި ގެންނެވެ. އެތަކެތި މޭޒުމަތީގައި ބެހެއްޓުމަށް ފަހު ގާދިރު މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ކޮޓަރި ތެރޭގައިވާ އާދަޔާ ޚިލާފު ހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ސީލިންގުގައި ހުރި ފަންކާ އެނބުރެމުން ދިޔަ އަޑު އެކަންޏެވެ. ގާދިރު މަޑުމަޑުން ދެލޯ މަރާލިއެވެ. އަދި ކޮންމެވެސް ޒާތެއްގެ ބަހުރުވައަކުން އެއްޗެހިތަކެއް ކިޔަންފެށިއެވެ. އެއީކީ އަރަބި ބަހެއް ނޫނެވެ. އަދި ދިވެހި ބަހެއްވެސް ނޫނެވެ. ފާޑެއްގެ ރާގަކަށް މަޑުމަޑުން އޭނާ ކިޔަމުންދިޔަ ސިހުރު ފަތިވަރު ވަކި ހިސާބަކަށް ދިޔަތަނުން ސީލިންގުގައި ހުރި ފަންކާ އެނބުރޭލެއް މަޑުވާން ފެށިއެވެ.. އެހެން ދަމުންގޮސް ކުއްލިއަކަށް ފަންކާ ހުއްޓުނެވެ. ގާދިރު ހީކުރީ ގެއިން ކަރަންޓު ކެނޑުނީ ކަމަށެވެ. ގާދިރު ދެލޯ ހުޅުވާލައި މައްޗަށް ބަލާލިއެވެ. ނަމަވެސް ފާރުގައި ހުރި ބޮކި ނުނިވި ހުއްޓައި އޭނާއަށް ފެނުނެވެ. ހަމަ ޔަގީނުންވެސް ކަރަންޓު ކެނޑުނީކީ ނޫނެވެ. އަނެއްކާވެސް ސީލިންގުގައި ހުއްޓިފައި ހުރި ފަންކާއަށް ގާދިރު ބަލާލިއެވެ. އެވަގުތު ގާދިރުގެ ފަހަތުން ކުއްލިއަކަށް އިވުނު އަޑަށް ސިހިފައި ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު ފަހަތުގައި ހުރި ކަބަޑުން މަތިޖެހި ތައްޓެއް ކަހަލަ އެއްޗެއް ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތެވެ. އޭރު އޭގެ މަތިގަނޑު ނެއްޓި ވިއްސައިގެންގޮސް ތަންކޮޅެއް ދުރުގައި އޮތެވެ. ގާދިރު އޭނާއިން ގޮނޑިން ތެދުވެގެންގޮސް ބިންމަތިން އޭތި ނަގައި އެތަށީގައި މަތި ޖެހިއެވެ. އެވަގުތު ގާދިރު ތަޅުލާފައި ހުންނަ ކަބަޑުގެ ތެރެއިން ތޫނު ނިޔަފަތިތަކެއް ދަމާލި ފަދަ އަޑެއް އިވުނެވެ. ގާދިރު ގަނޑުވެފައި ކަހަލަ ގޮތަކަށް ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ކުއްލިއަކަށް ކަބަޑުގެ ތަޅު އަމިއްލައަށް ހުޅުވި އެ ކަބަޑުގެ ދޮރުފަތްވެސް އަމިއްލައަށް ހުޅުވުނެވެ. އެމަންޒަރު ފެނިފައި ގާދިރަށް ބިރުން ފަހަތަށް ޖެހެވުނެވެ. އެ ކަބަޑުގެ ތެރޭގައި އޭނާ ބަހައްޓާފައިވާ ބައެއް ފޮތްތައް ނެއްކަން އެނގުމުން ގާދިރު ވަރަށް ކަންބޮޑުވިއެވެ.

އެވަގުތު ގޭތެރޭގައި ކޮންމެވެސް މީހަކު ހިނގާއަޑު އިވެން ފެށުމުން ގާދިރަށް ހީވީ އެއީ ނާދިރާ ހޭލައިގެން އުޅޭ އަޑު ކަމަށެވެ. ގާދިރު އަވަސް އަވަހަށް މޭޒު މަތީގައި އޭނާ އަތުރާފައިވާ ސާމާނުތައް ނަގައި ކަބަޑަށް ލައި ތަޅުލިއެވެ. އަދި މަޑުމަޑުން ކޮޓަރިން ނިކުމެ ބެލިއިރު ބޭރުގައި އެއްވެސް މީހަކު ނެތެވެ. ނާދިރާވެސް އޭނާގެ ދެކުދިންވެސް ތިބީ ގަދައަށް ނިދާފައެވެ. ގާދިރުގެ މަސައްކަތަށް ހުރަސް އެޅި އޭނާގެ ބާރު ކެނޑިދާނެ ކަމުގެ ބިރު އެވަގުތު ގާދިރަށް ކުރެވެން ފެށުނެވެ.

އޭގެ އަނެއް ދުވަހު ނާދިރާ ހެނދުނު ހޭލިއިރު ގާދިރު ދެލޯ ހުޅުވައިގެން ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އެނދުމަތީގައި އޮތެވެ. މާއަވަހަށް ހޭލީ ކީއްވެތޯ އަދި ގާދިރު ބަލީތޯވެސް ނާދިރާ އެހިއެވެ. ރޭގައި ރަނގަޅަށް ނުނިދެނީ ކަމަށް ބުނެ ގާދިރު ތެދުވިއެވެ.

ގާދިރަކީ ސިހުރުހަދާ މީހެއް ކަމަށް އެކި ފަހަރުމަތިން ރަށުތެރެއިން ނާދިރާއަށް އިވިފައި ވީނަމަވެސް ކުރިން  އެކަން ކަމަކަށް ނާދިރާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް މިހާރު އެގޭގައި ހިނގަމުންދާ ކަންކަމާއި ގާދިރުގެ އަމަލުތަކުން އެކަމުގައި ކޮންމެވެސް ހަގީގަތެއް ވާކަމަށް ނާދިރާއަށް ޝައްކު ކުރެވެން ފެށުނެވެ. ނާދިރާ ބޭނުންވީ އެކަމުގެ ހަގީގަތް އިތުރަށް ހޯދާށެވެ. ގާދިރުގެ އަނބިމީހާ ކަމުގައިވީތީ އެއީ ނާދިރާ ކުރަން ޖެހޭނެ ކަމެއް ކަމުގައި އޭނާއަށް ވިސްނުނެވެ. އެހެންކަމުން އެދުވަހު ކޮންމެވެސް ގޮތަކުން ނާދިރާ ޔޫނުސްގެ މައުލޫމާތު  ހޯދިއެވެ. އަދި މީހެއްގެ ފަރާތުން ޔޫނުސަކީ ރުގްޔާ ކުރާ ރާޤީއެއްކަން އެނގުމުން ނާދިރާއަށް އެމީހުން ކުރީ ދުވަހު ބޭރުގައި ތިބެ ދެއްކި ވާހަކައިން އޭނާއަށް އިވުނު ތަންތަން ކޮޅު ހަނދާންވިއެވެ. އަދި އޭނާއަށް އިވިފައިވާ ތަންތަންކޮޅު އެގޭގައި މިހާރު ހިނގަމުން މިދާ ކަންކަމާއި ގުޅުވާ ލެވުނެވެ. ނާދިރާ ޔޫނުސްގެ ފޯނު ނަންބަރު ހޯދައިގެން ހަމަ އެދުވަހު ޔޫނުސަށް ގުޅިއެވެ. އަދި ގާދިރާއި ބެހޭގޮތުން ކޮންމެވެސް ވާހަކަތަކެއް ދައްކަން ބޭނުން ކަމުގައި ބުންޏެވެ. ގާދިރު އޭނާގެ ސިއްރު ކޮޓަރީގައި ވަގަށް ކޮންމެވެސް ކަމެއް ކުރާކަމަށާއި އެތާ ތެރެއިން ނާދިރާގެ ހިތަށް އުނދަގޫވާފަދަ ކަންތައް ތަކެއް ފެނިފައިވާ ވާހަކަވެސް ކުރުކޮށް ޔޫނުސަށް ކިޔާދިނެވެ. އެގޮތުން ގުރުއާން ހަތިމު ވަރަށް ފަރުވާކުޑަކޮށް ކުނިގަނޑެއް ފަދައިން ބާއްވާފައި އޮންނަ ވާހަކަވެސް ބުންޏެވެ. މުސްލިމަކަށް ވެހުރެ އެކަންކަމަކީ އޭނާއަށް ހަޖަމު ކުރެވޭ ވަރަށްވުރެ ބޮޑެތި ކަންކަން ކަމަށާއި ގާދިރަކީ އޭނާގެ ފިރިމީހާ ނަމަވެސް އިސްލާމް ދީނާއި ހިލާފު ކަމެއް ކުރާނަމަ އެކަމަށް ގާދިރަކަށް ނާދިރާގެ ފަރާތުން އެއްބާރުލުމެއް ނުދޭނެ ވާހަކަވެސް ބުންޏެވެ. އަދި މިވާހަކަތައް އިތުރަށް ދެއްކުމަށްޓަކައި ގާދިރަށް ނޭނގޭނެހެން ޔޫނުސާއި ބައްދަލު ކުރުމަށް ބޭނުންވާ ކަމުގައި ބުންޏެވެ.

އެ ވާހަކަތަކުންނާއި ނާދިރާގެ އަޑުން އޭނާގެ ހިތުގައިވާ ނުތަނަވަސްކަން ޔޫނުސަށް ވަރަށް ރަނގަޅަށް އެނގުނެވެ.

ޔޫނުސް އެކަމަށް އެއްބަސްވުމުން ނާދިރާ ފޯނު ކަނޑާލުމަށްފަހު ފުން ނޭވާއެއްލިއެވެ. ހިތުގައިވާ ބަރުކަމަށް އަދިވެސް ލުޔެއް ނުލިބޭ ފަދައެވެ. ގާދިރު ވަގަށް އެކުރާ ހުރިހާ ކަމެއް ނުހޯދޭހާ ހިނދަކު ނާދިރާގެ ހިތަކަށް ލުޔެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ގާދިރުގެ ހަގީގަތް ހޯދުމަށް ނާދިރާ އަޒުމު ކަނޑައެޅިއެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ރަށުގެ އުތުރު ފަރާތުގެ އަތިރިމައްޗާއި ދިމާލަށް އޮންނަ ގަސްގަނޑު ކައިރީގައި  ހުރެގެން ނާދިރާ އިރު އިރުކޮޅާ ދެކޮޅުހޯދާ ބަލާލައެވެ. އަދި އަތުގައިއޮތް ފޯނުން ގަޑިވެސް ބަލާލައެވެ. އޭރު ގަޑިން ހަވީރު ފަސްގަޑި ބައިވެއްޖެއެވެ. ޖެހެމުންދިޔަ މަޑުމަޑު ފިނި ވައިރޯޅިތަކުން ކިތަންމެ ފިނިކަމެއް އޭނާގެ ހަށިގަނޑަށް އިހުސާސް ވަމުން ދިޔަނަމަވެސް ހިތުގައިވާ ބިރުވެރި ކަމަކަށް ބަދަލެއް ނާދެއެވެ. އެދިމާލަކީ މީހުން ވަރަށް ގޮސް ނޫޅޭ ހިސާބެއް ކަމުން ދުރުންވެސް މީހަކު ފެންނާކަށް ނެތެވެ. ނާދިރާ ވަށައިގެން ބަލާލުމަށްފަހު މޫނުމަތިން ހިއްލަމުން ދިޔަ ދާތިކިތައް އަތުގެ ނުފުށުން ފޮހެލިއެވެ. އިރުކޮޅެއްގެ ތެރޭގައި އަހުސަލްއާއި ޔޫނުސް އައިސް އޭނާ ކައިރީގައި ހުއްޓުނެވެ. ޔޫނުސް އަހުސަލް ކައިރީގައި ކުޑަކޮށް ދުރުގައި މަޑުކޮށްލުމަށް ބުންޏެވެ. އަދި އެތާ ކައިރިއަށް އެއްވެސް މީހަކު އާދޭތޯ ބަލަން ފާރައަށް ހުރުމަށް ބުންޏެވެ.

“ނާދިރާ… ނާދިރާއާއި ނާދިރާގެ ދަރިންނަށް ގެއްލުމެއް ވާފަދަ ކަމެއް ނާދިރާ ނުކުރާނެކަން މަށަށް ޔަގީން… ނާދިރާ ކިޔައިދޭން ތިއައި ވާހަކަތަކުގެ ސަބަބުން ގާދިރުގެ ފަރާތުން ތިމީހުންނަށް އެއްވެސް އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ލިބިއްޖެނަމަ އަހަރެން ވަރަށް ދެރަވާނެ…”

ނާދިރާ ވާހަކަ ފެށުމުގެ ކުރިން ޔޫނުސް ބުންޏެވެ.

ޔޫނުސް އެހެން ބުނުމުން ނާދިރާ ފުން ނޭވާއެއް ލުމަށްފަހު އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނެވެ.

“ހެޔޮ ކޮންމެކަމެއް ވިޔަސް… އަހަރެން ބޭނުން އަހަންނަށް އެނގޭ ހުރިހާކަމެއް ކިޔާދޭން… މި ފާއިތުވީ ދުވަސްތަކުގަ އަހަންނަށް ރަށުތެރެއިން އެކި ފަހަރުމަތިން ގާދިރާ ބެހޭގޮތުން އިވިފައިވާ އެއްވެސް ވާހަކައެއް އަހަރެން ގަބޫލެއް ނުކުރަން.. ޔޫނުސަށް އެނގޭތަ؟.. ކިތަންމެ ރެއަކު ބޭރަށް ދާގޮތަށް ގާދިރު ގެއަށް އަންނަނީ ފަތިސް ވާއިރު… އަންނަ ގޮތަށް އަތްފައި ދޮވެލައިގެން ގޮސް އޭނާގެ ސިއްރު ކޮޓަރިއަށްވަދެ ތަޅުލާނީ.. އޭނަ އަބަދުވެސް ބުނާނެ ބައެއް ރޭރޭ ނުނިދުނީމަ ފިނިކޮށްލަން ބޭރަށް ނިކުމެލަނީއޭ.. ކުރިން އެކަންކަމަކާ އަހަރެން މާބޮޑަކަށް އަޅައެއް ނުލަން.. އަސްލު އޭރު މާބޮޑަށް ގާދިރަށް އިތުބާރު ކުރެވުނީ… އެކަމަކު ފަހުން ފަހުން ބައެއް ރޭރޭ އެ ކޮޓަރި ތެރެއިން ގާދިރު ވައިއަޑުން ނޫނީ މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔާ އަޑުއިވޭ.. އެކަމަކު އެއީ ދިވެހި ނޫނީ އިނގިރޭސި ބަހެއްވެސް ނޫން.. އަހަންނަކަށް އެއްގޮތަކަށްވެސް ސާފެއްނުވޭ އޭނާ ކިޔާއެއްޗެއް..”

ނާދިރާ އެހެންބުނެ ވަށައިގެން ބަލާލިއެވެ. އޭނާ އެތާ އިންދައި މީހަކަށް ފެނިދާނެތީ ނާދިރާ އިނީ ވަރަށް ބިރުންނެވެ.. ކުޑަތަންކޮޅެއް ދުރުގައި ހުރި އަހުސަލްގެ އިތުރުން އެހެން މީހެއް އެހިސާބުން ފެންނާކަށް ނެތެވެ.

“އެގޮތަށް ގާދިރު ލަހުން ގެއަށް އަންނަ ރޭރޭ އޭނަ ގެއަށް އަންނައިރު އެއްވެސް އެއްޗެއް ގެއަށް ގެނޭތަ؟.”

ޔޫނުސް އެހިއެވެ.

އޭނާ ގެންގުޅޭނެ ފާޑެއްގެ މަތިޖެހި ކޮންޓެއިނާއެއް ކަހަލަ އެއްޗެއް…އޭގެ ތެރޭގަ ހުންނަނީ ހިކިފަތާ ކަޅުފޮއްޗާ އެކަހަލަ ކޫސަނި ސާމާނުތަކެއް… މަށަށް ފެނިފަހުރީ ގާދިރު އޭތި ހިފައިގެން އޭނަގެ ސިއްރު ކޮޓަރިއަށް ވަދެނިކުމެ ހަދާތަން… އޭނަ އަދި ގެންގުޅޭ ފާޑެއްގެ ކުޑަ ދަބަހެއްވެސް… އެކަމަކު އޭގެ އެތެރެއެއް މަށެއް ނުދެކެން.. މަށަށް ހީވަނީ އެގެންނަ ސާމާނުތައް އެ ގެންނަނީ އެދަބަހަށް އަޅައިގެން ހެން… އަދި ތަންކޮޅެއް ކުރިން އެއްދުވަހަކު ގާދިރު ކުޑަވަރެއްގެ ކްލޭ ޕޮޓެއް ހިފައިގެން އުޅެނިކޮށްވެސް އަހަރެން ދުށިން … އެއީ ކުޑަކުޑަ ރުނބައެއް ކަހަލަ އެއްޗެއް… އޭތި ހުރީ ވަރަށް ވަރުގަދައަށް ބަންދުކޮށްފަ… ގާދިރު ކައިރީގަ މަ އެހިން އެއީ ކޯއްޗެއްހޭ… އެދުވަހު ގާދިރު ބުނީ އެއީ އޭނަގެ ކޮންމެވެސް ރައްޓެއްސެއްގެ އެއްޗެކޭ…”

ނާދިރާ ކިޔާދިނެވެ.

“އަދި އެނގޭތަ!.. ގާދިރު އެކޮޓަރި ތެރޭގަ ގުރުއާން ހަތިމްވެސް ބާއްވަނީ ވަރަށް ފަރުވާ ކުޑަކޮށް.. އެއްވެސް މުސްލިމަކަށް ގުރުއާން ހަތިމަށް ހަދަން ނުކެރޭ ފަދަ އިހާނެތި ގޮތްގޮތަށް ހަދާފަ ހުންނަނީ…”.

ނާދިރާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ނާދިރާ… އަހަރެން ބުނަންތަ ރަނގަޅު ވާހަކައެއް.. ނާދިރާވެސް ނާދިރާގެ ކުދިންވެސް ގާދިރު އެގެންގުޅޭ އެއްޗެހީގަ އަތްލައި ނުހަދާތި… އަދި ނާދިރާ އެ ސިއްރު ކޮޓަރިއަށްވަދެ އެތާ ހުންނަ ގޮތްނޭނގޭ ސާމާނުތައް ބަލަން އުޅޭނެ

ކަމެއް ނެތް…”.

ޔޫނުސް ނާދިރާއަށް ނަސޭހަތްތެރި ވިއެވެ.

އޭރު ތަންކޮޅެއް ދުރުން ފެންނަންއޮތް ލޮނުދޫއާއި ދިމާލަށް ނާދިރާ ބަލަންއިނެވެ. އޭނާ އިންގޮތުން އަދިވެސް އެތަކެއްކަމެއް ނާދިރާގެ ހިތުގައި ފޮރުވިފައި ވާކަން ޔޫނުސަށް އެނގުނެވެ.

“އަދި މީގެ ފަސްވަރަކަށް އަހަރު ކުރިން އެއްދުވަހަކު އިރު އޮއްސެނިކޮށް އަހަރުމެން ގެއިން ކަރަންޓު ކެނޑުނީ… އެގަޑީގަ އަހަރެން އުޅުނީ ގާދިރު ފޯނު ނުނަގައިގެން.. ދެން މަގުމައްޗަށް ނިކުމެ ގާދިރު ފެނޭތޯ އުޅެނިކޮށް މީހަކު ބުނީ އޭނާ ދިޔައީ އަތިރިމައްޗާ ދިމާލަށޭ… އެމީހާ ބުނި ދިމާލަށް އަހަރެން ދިޔައިން ގާދިރު ހޯދަން… އެދިމާލުން އަތިރިމައްޗަށް ދިޔައިރު ފަރުމަތި ހިކިފަ އޮތް ދިމާލުގެ ގާތައް މަތީގަ ގާދިރު ހުރީ… އޭނާ އެކަންޏެއް ނޫން އެތާ ހުރީ….”

ނާދިރާ އެހެންބުނެ ފުންނޭވާއެއް ލިއެވެ.

“ކާކާ އެއްކޮށް ގާދިރު ހުރީ؟.”

ޔޫނުސް އެހިއެވެ.

“އެއީ ވަރަށް ދިގުކޮށްހުރި ފިރިހެނެއް.. އޭނަ ލައިގެން ހުރީ ހުދުގަމީހަކާ ހުދު މުންޑެއް…”

ނާދިރާއަށް ފެނިފައިވާ މީހާ އޭނާ ސިފަކޮށްދިނެވެ.

“ގާދިރު އެމީހާ ކައިރީގަ ވާހަކަ ދައްކަން ހުރިއިރު ނާދިރާއަށް އެއްވެސް ތަފާތު ކަމެއް ފާހަގަވިތަ؟.”

ޔޫނުސް އެހިއެވެ.

“އާނ.. ގާދިރަކީ އަބަދުވެސް ވަރަށް ރުންކުރު މީހެއް… ގިނަފަހަރަށް އޭނަ މީހުންނާ ވާހަކަ ދައްކާއިރުވެސް ހީވާނީ ޒުވާބު ކުރާހެން.. އަޑުވެސް ނިކަން ބާރުވާނެ.. އަބަދުވެސް އަހަރުމެންނާ ވާހަކަ ދައްކާނީވެސް ހަޅޭލަވާ ފާޑަށް… އެކަމަކު އެމީހާއާ ވާހަކަ ދައްކަން ހުރީރު ގާދިރު ވަރަށް މައިތިރިކޮށް ހުރީ.. އަހަންނަށް ހީވަނީ އެއީ ގާދިރު ވަރަށް އިހްތިރާމުކުރާ މީހެއް ހެން..”

ނާދިރާ ކިޔާދިނެވެ.

ޔޫނުސް ނާދިރާއަށް އެއްވެސް ކަމަކާ ބިރު ނުގަނެ ހަމަޖެހިގެން ހުރުމަށް ބުންޏެވެ. އަދި ގާދިރުގެ ފަރާތުން އެއްވެސް ތަފާތު ކަމެއް ފާހަގަ ވެއްޖެނަމަ ޔޫނުސަށް ކިޔާދިނުމަށް ބުންޏެވެ.

ނާދިރާއަށް އެނބުރި ގެއަށް ދެވުނުއިރު އިރުއޮއްސި ރޭގަނޑުގެ އަނދިރިކަން ރަށުތެރެއަށް ވެރިވާން ފަށައިފިއެވެ. ނާދިރާގޮސް ގެއަށް ވަތްއިރު ގޯތި ތެރޭގައި ހުރި ޖޯލިފަތީގައި ގާދިރު އޮތެވެ.

“ނާދިރާ އާދެބަލަ މިކޮޅަށް… ކޮންތާކުން ތިއައީ؟..”

ގޭގެ މައިދޮރުން ވަތް ނާދިރާ ފެނުމާއެކު ގާދިރު އެހިއެވެ.

“މިއައީ ޒުބޭދާއްތަ މެންގެއިން.. އޭނާ ފަހަން އުޅޭ ހެދުންތަކެއް ނިންމަން އޭނައަށް ކުޑަކޮށް ހެލްޕުވާން އުޅެފަ މިއައީ..”

ނާދިރާ އެހެންބުނެ ގޮސް ގާދިރު ކައިރީގައި މަޑުކޮށްލިއެވެ.

“ނާދިރާ މަ ބުނަންތަ ރަނގަޅު ވާހަކައެއް… ރަށުތެރެއިން ފާޑުފާޑުގެ މީހުން ދައްކާހާ ވާހަކައެއް އަޑުއަހާ ގަބޫލު ނުކުރާތި… އަދި މީސްމީހުން ކުރާހާ ސުވާލަކަށް ޖަވާބު ދޭކަށްވެސް ނާދިރާއަކަށް ނުޖެހޭނެ… ދޮގުވާހަކަ ދައްކައިގެން މީހުންގެ އަގުވައްޓަން އުޅޭ މީހުން ވަރަށް ގިނަވާނެ..”

ގާދިރު އެހެންބުނެ ތެދުވެގެންގޮސް  ގޭތެރެއަށް ވަނެވެ.

……….

އެރޭ ރޭގަނޑުގެ ވަގުތެވެ. ޒައިނަބްމެންގެ ގޭތެރޭގައި ވަނީ ތަފާތު ނުތަނަވަސް ކަމެކެވެ. ޒައިނަބް އޮށޯވެގެން އޮތް ސޯފާ ކައިރީގައި ޔޫނުސް ގޮނޑިއެއްގައި އިނދެ ކިޔަވަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ސަލީމު އެހެން ގޮނޑިއެއްގައި އެމަންޒަރު ބަލަން އިނެވެ. އޭނާ ކައިރީގައި އަހުސަލްވެސް އިނެވެ. ޔޫނުސް ކިޔަވަމުން ދިޔައިރު އިރެއް އިރަކަށް ޒައިނަބްގެ ހަށިގަނޑަށް އަރަމުން ދިޔަ ބާރުގަނޑު ބޮޑުވެ މީހާ ތެޅެންފެށިއެވެ.

“ޒައިނަބް…”

ތަންކޮޅެއް ދުރުގައި އެތަން ބަލަންއިން އަހުސަލަށް ކެތްނުވެގެން ގޮސް ޒައިނަބް ކައިރީގައި ހުއްޓި ޒައިނަބަށް ގޮވާލިއެވެ.

އެއަޑަށް ޒައިނަބް ދެލޯ ހުޅުވާލިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ދެލޮލުގެ ކަޅި މައްޗަށް އަރައިގެން ގޮސް ގެއްލުނެވެ. ޒައިނަބްގެ ދެލޮލުގެ ހުދުބައި އެކަނި ފެންނަން ހުރިއިރު އޭނާގެ ކަޅުކަޅި ވަނީ ގެއްލިފައެވެ. އެތަން ފެނިފައި އަހުސަލަށް ބިރުން ފަހަތަށް ޖެހިލެވުނެވެ.

އޭރު ޒައިނަބްގެ ދެލޮލުން ފޭބި ކަރުނަ ތިކިތަށް އޭނާގެ ކޯތާފަތް މަތިން ފައިބައިގެން ދިޔައެވެ. ޒައިނަބްގެ ހަށިގަނޑަށް އަރަމުން ދިޔަ ބާރުގަނޑުގެ ސަބަބުން އޭނާގެ މޫނުމަތިވެސް ވަނީ ރަތްވެފައެވެ.

އެވަގުތު ކުއްލިއަކަށް ސިޓިންރޫމުގެ ދޮރު ކައިރިން ގޯތިތެރެއިން ކަޅު ދިގު ހިޔަންޏެއް ހުރަސް ކަނޑާލިއެވެ. ޒައިނަބް އެދިމާލަށް މޫނު އަނބުރާލިއެވެ. އޭރު ޒައިނަބްގެ ހަށިގަނޑުގެ ތެރޭގައި ވަނީ އޭނާގެ އަމިއްލަ ބާރެއް ނޫންކަން ޔޫނުސަށް އެނގެއެވެ.

ޔޫނުސް އަނެއްކާވެސް ކިޔެވުން ބާރުކޮށްލިއެވެ.. ވަކި ހިސާބަކުން ޒައިނަބްގެ ހަށިގަނޑު އެއްކޮށް މައިތިރިވެ ހިމޭންވިއެވެ. ޒައިނަބް ދެލޯ ހުޅުވާލުމުން އޭނާ ސޯފާގައި ބެއިންދުމަށްފަހު އަހުސަލް ޒައިނަބް ކައިރީގައި އިށީނެވެ.

ޒައިނަބް ކައިރީގައި އަޑުއަހަން އިނުމަށް އެންގުމަށްފަހު އަޑުހަރުކޮށް ބަގަރާ ސޫރަތުގެ އާޔަތްތަކެއް ކިޔަވަން ޔޫނުސް ފެށިއެވެ. ޒައިނަބް ބިރުން އިނދެ ސިޓިންރޫމުގެ ދޮރާ ދިމާލަށް ބަލާލިއެވެ. އޭރު އޭނާގެ ހަށިގަނޑު ބިރުން ތުރުތުރު ލައެވެ. އަހުސަލް ޒައިނަބްގެ އަތުގައި ހިފާލައި އެދިމާލަށް ނުބެލުމަށް ބުންޏެވެ.

“މާތް ﷲ ރައްކާތެރި ކޮށްދެއްވައިފި އަޅަކަށް އެއިން އެއްވެސް އެއްޗަކަށް އެއްކަމެއްވެސް ނުކުރެވޭނެ… ބިރު ނުގަނޭ ޒައިނަބް..”

ޔޫނުސް އެހެންބުނެ އޭނާ ކިޔަވަން އިން އާޔަތްތައް އެއްކޮށް ކިޔަވާ ނިންމާލިއެވެ. އަދި ޒައިނަބާއި ދިމާލަށް ތިން ފަހަރު ފުމެލިއެވެ.

އޭގެ ދެދުވަހެއް ފަހެވެ. ފާތުންނާއި ޝިފާ ތައްޔާރުވަމުން ދިޔައީ ކުދިވެރިން ގޮވައިގެން މެންދުރުފަހު ތުނޑިއަށް މޫދަށް އެރެން ދިއުމަށެވެ. އިސްމާއިލް ހުރީ ޖައިޝް އުރާލައި ގެންނެވެ. ޒައިނަބާއި އަހުސަލްވެސް އެމީހުންނާއެކު ދިޔައެވެ.

މަޖާ ހަދައިގެން ޖޫސްޕެޓީ ހިފައިގެން ގޮސް ރަށު ތުނޑީގެ ރީތި ވެލިގަނޑު މަތީގައި ކުނަލެއް އެޅުމަށްފަހު މަޖާ ތައްޓާއި ޖޫސްޕެޓީތައް އަޅާފައިހުރި އައިސް ބޮކްސް ބެހެއްޓިއެވެ. އެހިސާބުގައި ހެދިފައިހުރި ބޮޑެތި ކާނި ގަސްތަކާއި ފުނަގަސްތަކުގެ ހިޔާ އެމުޅި ހިސާބުގަނޑަށް އެޅިފައި އޮތުމުން ހިޔަލުގައި ޒައިނަބް އިށީނެވެ. އެހިސާބުން އާރާ ހޮވި ފުނަތަކެއް ހިފައިގެން ގޮސް އާރާ ޒައިނަބް ކައިރީގައި އިށީނެވެ.. އަދި އެތާ ކައިރިން ރިނދައްޔާ އަކިރިތަކެއް ވެސް އެއްކުރުމުގައި އާރާ އުޅުނެވެ. އިސްމާއިލާއި އަހުސަލް އުޅުނީ ޒައުލްއާއި ޖައިޝް ގޮވައިގެން މޫދު ކައިރީގައެވެ.

އެކި ކުޅިވަރު ތަކުގައި މަޖާކޮށް އުޅުމަށްފަހު އެންމެން އެކުގައި މަޖާ ކައިގެން މޫދަށް އެރުނެވެ. ޒައިނަބް މޫދަށް އެރެން ބޭނުން ނުވުމުން ދެންތިބި އެންމެން މޫދުގައި ޖަހަމުންދިޔަ ސަކަރާތް ބަލަން ޒައިނަބް ހެވިފައި އިނެވެ.

އިރުކޮޅަކުން ފާތުންނާއި ޝިފާ އައިސް އެމީހުން ގެނައި އައިސް ބޮކްސްގައި ހުރި ޖޫސްޕެޓީތައް ނަގައި އެންމެންނަށް ބަހަން ފެށިއެވެ. އާރާ ކުރު ނުކޮށް އާދޭސް ކުރުމުން އެންމެފަހުން ޒައިނަބް ވެސް އެމީހުންނާއެކު މޫދަށް އެރުނެވެ.

“ބޮއްތާ… ހިނގާބަލަ ކުރިންގޮތަށް ލޮނުދޫއަށް ޕިކްނިކް ދާން.. މިހާރު ހާދަ ގިނަދުވަސް ވެއްޖޭ އެރަށަށް ނުދާތާ… އާރާ ބޭނުން ލޮނުދޫއަށް ދާން..”

އާރާ ތުން އަނބުރާލަމުން ޝަކުވާ ކުރަން ފެށިއެވެ.

އާރާ އެހެން ބުނުމުން ތިނަދޫއާއި ތަންކޮޅެއް ދުރުން ފެންނަންއޮތް ލޮނުދޫއާއި ދިމާލަށް ޒައިނަބް ބަލާލިއެވެ. ލޮނުދޫއަކީ ޒައިނަބްވެސް ކުރިން ވަރަށް ދާހިތްވާ ތަނެކެވެ. ނަމަވެސް ކަންކަން ގޮސްފައިވާ ހިސާބުން މިހާރު އެތަނަކީ ޒައިނަބަށް ދާން ނުކެރޭވަރުގެ ބިރުވެރި ތަނަކަށް މިވަނީ ވެފައެވެ.

“މިއަދު ދެން މިތާ މަޖާ ކޮށްލާނީ ދޯ… ވަރަށް ކަނޑުމަޑު ދުވަހެއްގަ އެރަށަށް ދާނީ..”

ޒައިނަބް އެހެން ބުނުމުން އާރާ ދެން އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. ނަމަވެސް އާރާ ލޮނުދޫގެ ވާހަކަ ބުނިފަހުން ޒައިނަބްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެފައި ވާކަން އަހުސަލަށް ފާހަގަވިއެވެ.

އެދުވަހު އެއާއިލާ ވަރަށް މަޖާކޮށް އެކުގައި ހޭދަކުރި އުފާވެރި ވަގުތު ތަކުގެ ސަބަބުން ފާތުން ހުރީ ވަރަށް އުފަލުންނެވެ. ހާއްސަކޮށް އިސްމާއިލް ޖައިޝްވެސް އެތަނަށް ގެންދިއުމުން އާރާއާއި ޒައުލް އަށްވެސް ވަރަށް މަޖާވިއެވެ.

އެރޭ ޒައިނަބާއި އަހުސަލް ކައިގެން ގޭތެރޭގައި އުޅެނިކޮށް ވަލުދޮރާށި ފަޅީގައި އިހައްދުވަހު އަހުސަލް ހަރުކުރި އަލިގަދަ ބޮކި ނިވުނެވެ. އެއީ ޔޫނުސްގެ އެނގުމަށް އަހުސަލް އެތާ ހަރުކުރި ބޮތްކެކެވެ. އަހުސަލް ގޮސް އެ ބޮކި ނައްޓާލައިގެން ބެލުމުން އޭތި އެނދީކަން އެނގުނެވެ. މިރޭ އެބޮކި އަނދާފައި އިނުމުން ގޯތީގެ އެފަޅި ވަނީ އެއްކޮށް އަނދިރި ވެފައެވެ.

“މާދަމާ ދެން އާބޮތްކެއް ގަނެވޭނީ … މިހާރު އެގާރަގަޑި ބައިވަނީ..”.

އަހުސަލް ސޯފާގައި އިށީންނަމުން ބުންޏެވެ.

ނަމަވެސް ޒައިނަބްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މިރޭ އަނެއްކާ ވެދާނެ ބިރުވެރި ކަމަކާމެދު ވިސްނާލާފައި ބިރުން ޝަހާދަތް ކިޔާލެވުނެވެ… އަހުސަލް ޔޫނުސް ބުނެފައިވާ ވާހަކަތައް ޒައިނަބަށް ހަނދާން ކޮށްދީ ބިރުނުގަތުމަށް ބުންޏެވެ..

………..

ގަޑިން މެންދަމު އެކެއް ޖެހީއެވެ. ކޮޓަރި ތެރޭގައިވާ ހިމޭންކަމުގެ ތެރޭގައި ނާދިރާ ނުނިދިފައި އޮތެވެ. އެރޭ ދިހައެއް ނުޖަހަނީސް ނާދިރާގެ ކުދިން ނިދައި ތަންޑާ ވެއްޖެއެވެ. އެނދުމަތީގައި ދެލޯ މަރައިގެން އޮތްނަމަވެސް ނާދިރާގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. މިރޭ އެ ސިއްރު ކޮޓަރިން އެއްވެސް އަޑެއްބަޑެއް ނީވެއެވެ. އެހެންކަމުން ގާދިރު ގޭގައި ނޫޅޭކަން ނާދިރާއަށް އެނގުނެވެ. އެހެން އޮއްވައި ކުއްލިއަކަށް ގޭތެރެއިން އިވެންފެށި ފިޔަވަޅުތަކުގެ އަޑު ނާދިރާއޮތް ކޮޓަރިއާ ދިމާލަށް އަންނަން ފެށިއެވެ. ގާދިރު ގެއަށް އައީކަން ޔަގީނެވެ. ދެލޯ މަރައިގެން ނިދާކަމަށް ހަދައިގެން ނާދިރާ އޮތެވެ. ގާދިރު އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ދޮރުކައިރީގައި ހުއްޓި އެނދު މަތީގައި އޮތް ނާދިރާއަށް ބަލާލިއެވެ.

“ތިއޮތީ ނިދާފަތަ؟.”

ގާދިރު އެތާހުރެ މަޑުމަޑުން އެހިއެވެ. ނާދިރާ ނިދާފައި އޮތްތޯ ޔަގީން ކޮށްލީއެވެ. އެވަގުތު ނާދިރާގެ ހިތުގެ ތެޅުން އަވަސްވި ނަމަވެސް ނިދާފައި އޮތްކަމަށް ދެއްކެން އޭނާ މަސައްކަތް ކުރިއެވެ.

ގާދިރު މަޑުމަޑުން އެނދާ ދިމާލަށް އައިސް އެނދު ކައިރީގައި ހުއްޓުނެވެ.

“މަށަށް އެނގޭ ކޮންމެވެސް ކަންތައް ގަނޑެއް އެބަ ހިނގާކަން.. ބައެއް މީހުން އެމީހުންނާ ނުބެހޭ ކަންކަމާ ބެހި އަނގަ ގަދަ ކުރާކަންވެސް މަށަށް އެނގޭ..”

ގާދިރު މަޑުމަޑުން ވައިއަޑުން ބުންޏެވެ. ގާދިރު އެބުނީ ނާދިރާގެ ވާހަކަ ކަން އޭނާއަށް އެނގުނެވެ. ނާދިރާ ކިތަންމެ ބިރުން އޮތްނަމަވެސް ހަމަހިލާ ދެލޯ ނުހުޅުވާނަމޭ އޭނާގެ ހިތަށްއެރިއެވެ. ގާދިރު އިރުކޮޅަކު އެތާ މަޑުކޮށްލިއެވެ. އަދި ނާދިރާ އޮތީ ނިދާފައިކަން އޭނާއަށް ޔަގީންވުމުން މަޑުމަޑުން ކޮޓަރިން ނިކުތެވެ… ގާދިރު ނިކުމެގެން ދިއުމުން ވަރަށް ބިރުންއޮވެ އެތަނުގައިވާ އަނދިރީގެ ތެރޭގައި ނާދިރާ ދެލޯ ހުޅުވާލިއެވެ. ގާދިރަށް ނާދިރާ ޔޫނުސާއި ދިމާވިކަން އެނގުނީބާއެވެ؟. އެކަމަކު އެއީ ކިހިނެއްބާއެވެ؟. އަނެއްކާ ދެންވާނީ ކިހިނެއް ބާއެވެ؟. ބިރުން ނާދިރާގެ ހިތް ބާރަށް ތެޅިގަތެވެ. އޭނާ އެންމެ ބިރުގަތީ ގާދިރު ރުޅިއައިސްގެން އޭނާއަށް ކަމެއް ކޮށްފާނެތީއެވެ.. ސިހުރު ހަދައި މީހުންގެ ދިރިއުޅުން ހަލާކު ކޮށްލަން ކެރޭ މީހަކަށް މީހަކު މަރާލަންވެސް ކެރިދާނެއެވެ. އެހެން ހިތަށް އެރުމުން ނާދިރާއަށް ބިރުން ރޮވެން ފެށިއެވެ…

-ނުނިމޭ-