
ޒައިނަބް – 14

33:03
ހަމަ އެދުވަހު މެންދުރުފަހު ޔޫނުސް އަހުސަލްއާއި ބައްދަލުކުރުމަށް އެގެއަށް ދިޔައިރު އަހުސަލްއާއި ސަލީމު އެގޭ ސިޓިންރޫމުގައި ކޮފީބޯން ތިއްބެވެ. ޔޫނުސް ގޮސް އެމީހުން ކައިރީގައި އިށީނުމުން ބަދިގެ ތެރޭގައިހުރި ޒައިނަބް ޔޫނުސަށްވެސް ކޮފީތައްޓެއް ގެނައެވެ. އަދި އެމީހުންގެ ކުރިމަތީގައި ކުޅިކާޖާއާއި ބިސްކޯދު ތައްޓެއް ބެހެއްޓުމަށްފަހު އެމީހުންނާއެކު ކޮފީބޯން އިށީނެވެ.
“އަހުސަލް… މިހާރު އެނގިއްޖެ އެއީ ކާކުކަން.. އެސިހުރު ހެދީ ގާދިރު…”
ޔޫނުސް އިށީނދެ ހަމަ ޖެހިލިގޮތަށް ބުންޏެވެ.
“އެއީތަ އަހަންނަށް މިހުރިހާ ކަމެއް ކުރިމަތި ކުރި ނުލަފާ މީހަކީ؟..”
ޒައިނަބް އެހިއެވެ.
“ހަމަ ޔަގީނުންވެސް މަރިޔަމް ލައްވާ އެންމެ ފުރަތަމަ މިގޯތީގައި އެސިހުރު ބޭއްވީ ގާދިރު.. އެއީ ޔަގީންކަމެއް… އެކަމަކު ދެވަނައަށް ތިފެނުނު އެއްޗަކީ އޭނާ ހެދި ސިހުރެއް ކަމެއް އަދި ޔަގީނެއްނޫން.. މިކަން މިކުރަނީ ގާދިރު އެކަންޏެއް ނޫންހެން ހީވަނީ…. މިކަމުގައި އެހެން މީހެއްގެ އަތެއްވެސް އެބަވޭ.. އެކަން ސާފުވޭތޯ މިއުޅެނީ..”
ޔޫނުސް ކިޔާދިނެވެ.
“ދެން ކިހިނެއް ހަދަންޖެހޭނީ؟.”
އަހުސަލް އެހިއެވެ.
“އަދިވެސް ގާދިރާބެހޭ މައުލޫމާތު އެއްކުރަން ޖެހޭނީ.. އޭނައާއި އެންމެ ކައިރީގަ އުޅެނީ ކޮންކޮން ބައެއްތޯ އަދި އޭނަ ލޮނުދޫއަށްދާ ދަތުރުތަކުގެ ތަފްސީލު ހޯދަންޖެހޭނީ..”
ޔޫނުސް އެކަންކުރަން ނިންމާފައިވާ ގޮތް އޭނާ ކިޔާދިނެވެ.
އަހުސަލް ބޭނުންވީ ހަމަ އެވަގުތުގޮސް ގާދިރުގެ ގައިގައި ބާރު އެތިފަހަރެއް ވީއްލާލައި ، ޖެހި ޖެހީނުން ބިމަށް ތިރި ގަންނަވާލާށެވެ.. ނަމަވެސް އެކަމަކީ އެހެން ވާނެކަމެއް ނޫންކަމަށާއި މިފަދަ ބޮޑެތި ކަންކަން ކުރެވޭނީ ވަރަށް ކެތްތެރިވެގެން ކަމުގައި ޔޫނުސް އަހުސަލަށް ވިސްނައިދިނެވެ. އަދި މިކަމުގައި ރުޅި އިސްކޮށްގެން ކުރިއެރުމެއް ނުލިބޭނެ ކަމަށާއި އެގޮތަށް އެކަން ކުރިނަމަވެސް ގާދިރުގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގައިވެސް ޔޫނުސްއާއި ސަލީމު ބުންޏެވެ. އަހުސަލް އެމީހުންގެ ނަސޭހަތް ގަބޫލުކޮށް ޔޫނުސް ބޭނުންވާ ގޮތަކަށް ކުރިއަށް ދިއުމަށް އެއްބަސްވިއެވެ.
އެދުވަހު ހަވީރު ޔޫނުސް އޭނާގެ ގޭގައި އެކަނި ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ. އޭރު އޭނާގެ އަތުގައި ހުޅުވާފައި އޮތް ނޯޓުފޮތުގައި ބޮޑުކޮށް “ގާދިރު” މިހެން ލިޔެފައި އޮތެވެ. ޔޫނުސްގެ ނަޒަރު އެނަމާއި ދިމާލަށް ހުއްޓިފައި އިންއިރު އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔައީ ގާދިރާއި އެކު މީހުންނަށް ފެނިފައިވާ ދިގުމީހާއާއި ދޭތެރޭގައެވެ. އެމީހާއާއި ގާދިރު އޮންނަނީ ކޮން ގުޅުމެއްބާއެވެ؟.. އެއީ ކާކުބާއެވެ؟.. ޔޫނުސަށް ހައްސާނުއާއި، އިބުރޭ އަދި މަރިޔަމްގެ ފަރާތުން ލިބުނު މައުލޫމާތުން އެނގިފައިވަނީ އެ ދިގުމީހާގެ ކުރިމަތީގައި ގާދިރު ކޮންމެވެސް ވަރަކަށް ޖެހިލުންވާ ކަމެވެ. އެހެން ކަމަށް ވާނަމަ އެއީ ގާދިރަށް މިހުރިހާ ކަމެއް ކޮއްދޭން އެހީތެރިވާ މީހާ ކަމުގައި ވެދާނެބާއެވެ؟..
…….
……
އަނެއްކޮޅުން މަރިޔަމް އޭނާގެ ގޭގައި އިނދެ ވިސްނަމުން ދިޔައީ މަރިޔަމް ޔޫނުސްއަށް ކިޔާދިން ވާހަކަތަކާއި މެދުގައެވެ. ޔޫނުސްއަށް އެ ސިހުރުވެެރިޔާގެ ނަން ހޯދިއްޖެނަމަ ދެންވާނީ ކިހިނެއްބާއެވެ؟… މަރިޔަމްގެ ފަރާތުން ޔޫނުސަށް މައުލޫމާތު ފޯރިކަން އެނގޭ ހިސާބުން ގާދިރު ކޮށްފާނެ ކަމަކަށް މަރިޔަމް އިނީ ވަރަށް ބިރުންނެވެ.
އެރޭ ނިދަން ވަނުމުގެ ކުރިން މަރިޔަމް ފެންތައްޓެއް ބޯން ސިޓިންރޫމުގައި ހުރި ފްރިޖް ކައިރިއަށް ދިޔަ ވަގުތު ގޯތިތެރޭގައި މީހަކު އުޅޭއަޑު އޭނާއަށް އިވުނެވެ. އެއީ އަނެއްކާ ގާދިރުބާއެވެ؟.. މަރިޔަމް ބިރުންހުރެ ގޮސް ލައްޕާފައިހުރި ސިޓިންރޫމުގެ ދޮރުގައި ކަންފަތް ޖަހައި އެއަޑަށް އިތުރަށް ސަމާލުކަން ދީގެން އަޑުއަހަން ހުއްޓެވެ. އެވަގުތު ބޭރުން އިވުނު ފިޔަވަޅުގެ އަޑު އިރެއްއިރަކަށް ދޮރާއި ކައިރިވަމުން ދިޔައެވެ. މަރިޔަމްއަށް ބިރުން ތެޅިގަނެފައި ފަހަތަށް ޖެހެވުނެވެ. ނަމަވެސް ގަތްބިރުން ހަޅޭއް ލަވައި ގަންނަންވެސް ނޭނގި ގަބުވެފައި ހުރެވުނީއެވެ. އިރުކޮޅަކުން އެއަޑު އެއްކޮށް ކެނޑުމުން ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އޭނާއަށް އެނގޭހާ ހެޔޮއެއްޗެއް ކިޔަމުންގޮސް ކޮޓަރިއަށް ވަނެވެ.
ޖެހިގެންއައި ދުވަހު ޔޫނުސް ވަރަށް ވިސްނުމަށްފަހު ނިންމީ އޭނާ އަދި ގާދިރު ކުރިމައްޗަށް ގޮސް އެކަމާ ބެހޭގޮތުން ސުވާލު ނުކޮށް މަޑުކުރުމަށެވެ. މާ އަވަސް އަރުވާލައިގެން އުޅެފިނަމަ މިކަންތަށްގަނޑު މުޅިން ގޯހުން ގޯހަށް ގޮސްދާނެކަން ޔޫނުސަށް އެނގެއެވެ. މިކަމަށް ބޭނުންވާ ހައްލު ނުހޯދެނީސް އަނެއްކާ އިތުރު ކަންތައް ގަނޑެއް ފެންމަތި ވެދާނެކަމުގެ ބިރު ޔޫނުސްގެ ހިތުގައި އުފެދެމުން ދިޔައެވެ. އެހެންކަމުން އެކަމުގައި ކުރިއަށްދާނެ މޮޅުގޮތެއް ޔޫނުސް އޭނާގެ ސިކުނޑިތެރޭގައި ރޭވުމަށްފަހު ހަމަ ޖެހިލިއެވެ.
ޔޫނުސްއާއި ސަލީމު ޔޫނުސްގެ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔައެވެ. އެދެމީހުންގެ މަސައްކަތުން ގާދިރުގެ ވަރަށްގާތް މީހެއް ކަމުގައިވާ ރަޝީދުގެ ނަން ކޮންމެވެސް މީހެއްގެ ފަރާތުން އެމީހުންނަށް ލިބުނެވެ… މިހިސާބަށް އައިރު ލިބުނު މައުލޫމާތުން ރަޝީދަކީ ގާދިރުގެ ކުރީގެ ވަރަށްގާތް ރައްޓެއްސެއް ކަމަށާއި ގާދިރަށްވުރެ އުމުރުން ބޮޑުނަމަވެސް އޭނާއަކީ ގާދިރާއިއެކު ވަރަށްގިނަ ކަންކަމުގައި އުޅެފައިވާ މީހެއްކަން އެނގުނެވެ. އަދި ގާދިރު ސިހުރު ހާހޫރައިގެ ކަންތައްތަކުގެ ތެރެއަށް ވަދެ ހުސްވުމުން ރަޝީދު ގާދިރާއި ދުރުވީ ކަމުގައިވެސް މައުލޫމާތު ލިބުނެވެ. ރަޝީދުގެ ބަލިހާލަތު ހުންނަ ގޮތުން އޭނާ މާގިނައިން ބޭރަށްގޮސް ނޫޅޭތީ ޔޫނުސްއާއި ސަލީމު ނިންމީ ރަޝީދާއި ބައްދަލު ކުރުމަށް އެގެއަށް ދިއުމަށެވެ.
ޔޫނުސްއާއި ސަލީމު ގޮސް ރަޝީދުމެންގެ ގެއަށް ވަތްއިރު ގޯތިތެރޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހުގެ ހިޔަލުގައި ބަހައްޓާފައިހުރި ފަތްޖެހި އެނދެއް މަތީގައި ރަޝީދު އިނެވެ. އޭރު ރަޝީދު ކައިރީގައި ހުރި ކުޑަ ރޭޑިއޯއިން އަންނަމުންދިޔަ އިހުގެ ހިންދީ ލަވަޔަކާއި އެއްވަރަށް އޭނާ މަޑުމަޑުން ބޯހަލުވަމުން ދިޔައެވެ. ހީވާގޮތުން ރަޝީދު އެއިނީ އެލަވައިގެ ތެރެއަށް ގެއްލި ހުސްވެފައެވެ.
ސަލީމުއާއި ޔޫނުސް ވަދެގެންގޮސް ރަޝީދާއި ސަލާމް ކޮށްލުމަށްފަހު އޭނާ ކައިރީގައި އިށީނެވެ.
“ރަޝީދުބޭ…ކިހިނެއްތަ ހާލު؟..”
ރަޝީދުގެ ކޮނޑުގައި އަތްއަޅައިގެން އިނދެ ސަލީމު އެހިއެވެ.
“ދެން އެކަހަލަ ގޮތެއް… ރަޝީދުބެގެ ރިއްސާ ކަކުލާހެދި މިހާރަކު މާގިނައިން ހިނގައެއްވެސް ނޫޅެވޭ …”
ރަޝީދު ބުންޏެވެ.
“ރަޝީދުބޭ… ރަޝީދުބެ ދަންނަންތަ ގާދިރު؟..”
ޔޫނުސް އެހިއެވެ. ޔޫނުސްގެ އެ ސުވާލު އިވިފައި ރަޝީދު އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނެވެ.
“ކީއްވެ ގާދިރުގެ ވާހަކަ ތިއެހީ؟..”
ރަޝީދު އެހިއެވެ.
“އަހަރުމެން މިއުޅެނީ ކަމެއްގެ މައުލޫމާތެއް ހޯދޭތޯ.. އަހަރުމެން އެނގެން ބޭނުންވަނީ ގާދިރާއި ލޮނުދޫއާ އޮންނަނީ ކޮން ގުޅުމެއްތޯ…”
މާ ދުރު ދުރުން ނުގޮސް ޔޫނުސް ސީދާ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.
“މިތާކު ތިވާހަކައެއް ނުދެއްކޭނެ.. މީހުން ބުނެއެއްނު ފާރުތަކުގަވެސް ކަންފަތް ހުންނާނެއޭ… ހިނގާ ގޭތެރެއަށް…”
އެހެންބުނެ ރަޝީދު މަޑުމަޑުން ހިނގާފައި ގޮސް ގޭތެރެއަށް ވަނެވެ. އެގެއަކީ ވަރަށް އާދައިގެ އަދި ކުރީޒަމާނުގެ ގޮތަކަށް ހުރި ގެއެކެވެ. ގޭތެރޭގައި ތަށިމުށި ޖަހާފައެއްވެސް ނެތެވެ. ސިމެންތިން އަޅާފައިވާ ތަޅުންގަނޑު މަތީގައި ހަތަރު ސަރަންފީ ބަރިއަކަށް ބަހައްޓާފައި ހުއްޓެވެ. ފާރުގައި ހުރި ބޮޑު ގަޑިއާއި ކުޑަ ޓީވީއެއް ހުއްޓެވެ. ރަޝީދުގޮސް އެތަނުން ސަރަންފީ އެއްގައި އިށީނުމުން ސަލީމުއާއި ޔޫނުސް އޭނާގެ ދެފަރާތުގައި އިށީނެވެ. ރަޝީދު އެވާހަކަ ދައްކަން ގޭތެރެއަށް ވަނުމުން އޭނާގެ ފަރާތުން ކޮންމެވެސް މުހިއްމު ބޮޑުކަމެއް ސާފުވެދާނެކަން އެމީހުންނަށް އެނގުނެވެ.
“ގާދިރަކީ ކުރިން އަހަރެންގެ ވަރަށްގާތް ރައްޓެއްސެއް … އަހަރުމެން ވަރަށް އެކުގަ އުޅުނީވެސް… އެކަމަކު އަހަރެން ގާދިރާއި އޮތް ގުޅުން ކަނޑައިލިތާ މިހާރު އަހަރުތަކެއް ވެއްޖެ…”
ރަޝީދު ކިޔާދިނެވެ.
“ރަޝީދުބެއާ ގާދިރު ރައްޓެހި އިރު އޭނައާއި އެކު ލޮނުދޫއަށް ގޮސް ހެދިންތަ؟..”
ޔޫނުސް އެހިއެވެ.
“އާނ.. ވަރަށް ގިނައިން އެރަށަށް ގޮސް އުޅުނިން..”
ރަޝީދު ބޯޖަހާލަމުން ބުންޏެވެ.
“ކީއްކުރަން އެރަށަށް ދަނީ؟..”
ޔޫނުސް އެހިއެވެ.
“މަށަކީ ކާށި ވިއްކާ މީހެއްވީމަ ގިނައިން ދަނީ ކާށި ހޮވަން.. އަހަރުމެންނާ އެއްކޮށް އެރަށަށް ގޮސްއުޅުނު އަދި އެހެން މީހެއްވެސް… އޭނާއާށް ކިޔަނީ ޝަފީގު. އެ ޝަފީގު އަބަދުވެސް ދާނީ ފާޑެއްގެ ދަޅެއް ކަހަލަ އެއްޗެއް ހިފައިގެން… އަހަންނަށް ފެނޭ ބައެއްފަހަރު އޭނަ އޭގެން އެއްޗެހި ނަގަނިކޮށް.. އޭގަ ހުންނަނީ ކަޅުފޮއްޗާ ބަރަންޔާ އެއްޗެހި.. އަހަރެން އެއީ ކޯއްޗެއްތޯ އެހީމަވެސް ކިޔައެއް ނުދިން.. އެކަމާ ސުވާލެއް ކުރިޔަސް އެވާހަކަ އޮޅުވާލަނީ.. އަހަރެން ދަނީ ކާށިހޮވަން.. އެކަމަކު މިބުނާ ޝަފީގު އަބަދުވެސް އެކަނި ވަންނާނީ ވަލަށް.. އޭނަ ކާއްޓެއްވެސް ނުހޮވާނެ. އަހަންނަކަށް ނޭނގޭ އޭނަ ވަލަށްވަދެ ކުރާ ކަމެއް… ފަހުން ފަހުން އައިސް ގާދިރުވެސް އެ ޝަފީގާއި އެކު ދާންފެށީ… އެހިސާބުން އަހަންނަށް ޝައްކުވާން ފެށީ ކޮންމެވެސް ނުބައެއް އުޅޭކަން… ވަކިހިސާބަކުން އަހަންނަށް އެނގުނީ އެމީހުން އެކުރަނީ ސިހުރު ހާހޫރައިގެ ކަންތައް ގަނޑެއްކަން… އަސްލު މިބުނާ ޝަފީގަކާ ޖެހުނު ފަހުން ގާދިރު އެއްކޮށް ހަލާކުވީ.. އޭނާ ޝަފީގު ކައިރިން އެކަން ދަސްކޮށްގެ ް އެންމެފަހުން އެކަމަށްގޮސް ހުސްވީ… އެހިސާބުން މީސްމީހުންވެސް ގާދިރު ކައިރިއަށް ސިހުރު ފަންޑިތައިގެ ކަންކަމުގަ ދާންފެށީ.. މީހަކު އެކަހަލަ ކަމަކަށް އެދި ގާދިރަށް ފައިސާ ދީފިނަމަ އެކަމެއް ނުކޮށް އޭނާ ލޮލުފިޔަވެސް ނުޖަހާނެ..”
ރަޝީދު އެހިސާބަށްބުނެ ފުންނޭވާއެއް ލިއެވެ.
“ދުވަހަކުވެސް އެއްވެސް މީހަކު އެކަހަލަ ކަމެއްގަ ދިއުމުން ގާދިރު ނޫނެކޭ ނުކުރެވޭނެއޭ ބުނިތަ؟..”
ޔޫނުސް އެހިއެވެ.
“سُبْحَانَ اللهِ .. އެކަހަލަ ކަމަކަށް އޭނަ ނުބުނާނެ ނޫނެކޭ.. ގާދިރު ހުރީ އެކަމާހެދި ހޭބަލިވެ ދެވިހިފާފަ ވިއްޔާ.. އޭނަ ހުންނަނީ މީހަކު އެކަހަލަ ކަމަކު ނުބުނެގެން.. ގާދިރު ލައްވާ ސިހުރެއް ހަދަން މީހަކު އޭނާއަށް ފައިސާ ދޭ ހިސާބުން އެމީހެއްގެ ހިތް ބަދަލުވެ އެކަން ނުކޮށް ދޫކޮށްލާށޭ ބުންޏަސް އޭނާ އެކަމެއް ދުލެއް ނުކުރޭ.. ހަމަ ކޮށްފަ ހުއްޓާލަނީ.. ގަދިރަކީ ވަރަށް ނުބައި ނުލަފާ މީހެއް.. އެހެންވެ އަހަރެން އޭނައާ ގުޅުން ކަނޑާލީވެސް..”
ރަޝީދު ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. ސަލީމުއާއި ޔޫނުސް ވަރަށް ޝައުގުވެރި ކަމާއެކު ރަޝީދުގެ ވާހަކަތައް އަޑުއަހަން ތިއްބެވެ.
“ތިބުނާ ޝަފީގުއާ ގާދިރުގެ އިތުރުން އެހެންމީހެއް އުޅޭތަ އެކަމުގަ.. ތަންކޮޅެއް ދިގުކޮށް ހުންނަ މީހެއް؟..”
ޔޫނުސް އެހިއެވެ.
ޔޫނުސްގެ އެސުވާލު އިވިފައި ރަޝީދުގެދެލޯ ބޮޑުވިއެވެ. އަދި އިރުކޮޅަކު ހައިރާންވެފައި ޔޫނުސްގެ މޫނަށް ބަލަން އިނެވެ. ޔޫނުސްގެ އެސުވާލު އިވިފައި ރަޝީދު އިނީ ވަރަށް ހައިރާންވެފައިކަން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ..
“ޔޫނުސަށް ކިހިނެއް އެނގުނީ އެމީހާ… ދެތިން ދުވަހަކު އަހަރެން ތިބުނާ މީހާ ދުށިން.. އަބަދުވެސް އަހަރުމެން ލޮނުދޫއަށް ދާއިރު އެމީހާ ހުންނަނީ އެރަށަށް ގޮސް .. އެއީ އަހަރުމެންނާ އެކީގަދާ މީހެއްނޫން.. އަހަރެން އެއްދުވަހަކު ވަލަށްވަދެ ދަރު ހޮވައިގެން ނިކުތްއިރު ޝަފީގު ހުރި އެމީހާ ކައިރީގަ.. އެމީހާ ހުންނަނީ ހުދުގަމީހެއް ލާފަ.. އޭރު ގާދިރު ހުރީ ކުޑަކޮށް ދުރުގަ… ބޮޑަށް ހީވަނީ އެއީ ޝަފީގުގެ ރައްޓެއްސެއް ހެން.. ޝަފީގު އެމީހާއަށް ވަރަށް އިހްތިރާމް ކުރާކަން އެނގޭ އޭނާގެ އަމަލުތަކުން.. އެކަމަކު ގާދިރު ހުންނަނީ އެމީހާދެކެ ކުޑަކޮށް ބިރުންހެން މަށަށް ހީވަނީ.. މަ ގޮސް އެމީހުން ކައިރިއަށް ހުއްޓުނު ފަހުން މިބުނާ މީހާ ވާހަކަ އެއް ނުދައްކާ … އޭގެފަހުން އެމީހުން ކައިރީގަ އެ ދިގުމީހާ ހުރިއްޔާ މަށެއް ނުދަން އެމީހުން ކައިރިއަކަށް.. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަހަރެން އެމީހުންނާއެކު ލިނުދޫއަށް ދިއުން ހުއްޓާލީ.. އަހަންނަށް އެނގޭ ފަހުންވެސް ގާދިރު އެކަނި އެރަށަށް ގޮސްހަދާކަން .. އޭނާ އެކަމަށް ދެވިހިފާފައި ހުރިވަރުން އެންމެ ފަހުން ކުޑަ ޑިންގީއެއްވެސް ގަތީ… ހަމަ ސީދާ އެކަން ކުރަން… ކާށި ހޮވާށޭ، މަސްބާނާށޭ ކިޔާފަ އޭނާ އެރަށަށް ދަނީ.. އެކަމަކު އަހަންނަށް އެނގޭ އެއީ ދޮގުކަން…. ކަލޭމެންނަށް އެނގޭތަ؟.. ގާދިރު ރޭގަނޑުވެސް އެރަށަށް ދެއޭ.. ހަވީރު ގޮސް އެރަށުގަ މަޑުވެސް ކުރޭ… އަހަންނަށް އެކަން އެނގުނީމަ އަހަރެން އޭނަ ކައިރީގަ އެވާހަކަ އެހިން.. އަހަރެން ބުނިން ގާދިރު ސިހުރު ފަންޑިތަ ހަދާކަން މަށަށް އެނގެއޭ .. އެކަން ހުއްޓާލަން އަހަރެން އޭނައަށް ވަރަށް ނަސޭހަތްވެސް ދިނިން.. އެކަމަކު ގާދިރު ބުނީ އޭނަގެ ޒާތީ ކަންކަމާ ނުބެހޭށޯ… އަހިސާބުން އަހަރެން އޭނައާ އެއްކޮށް ގުޅުން ކަނޑާލީ…”
ރަޝީދު ކިޔާދިން ގޮތުން ގާދިރާއި ޝަފީގު އަދު އެބުނާ ދިގު ފިރިހެންމީހާއަކީ ސިހުރު ހާހޫރައިގެ ކަންތަކުގައި އެއްކޮށްއުޅޭ ތިންމީހުނެވެ. އެހެންވީމާ މިކަންތައް މިކުރަނީ ތިންމީހަކު އެއްބައި ވެގެންތާއެވެ… ރަޝީދުގެ ފަރާތުން ޔޫނުސްއަށް ވަރަށްގިނަ މައުލޫމާތު ލިބުނެވެ. އެގޭގައި ކިތަންމެ ގިނައިރެއް ހޭދަވީ ނަމަވެސް ރަޝީދުގެ ފަރާތުން ލިބުނު މުހިއްމު މައުލޫމާތު ތަކުގެ ސަބަބުން ޔޫނުސްމެން ވަރަށް ހިތްހަމަ ޖެހިފައިތިބެ އެގެއިން ނިކުތުމަށް ހިނގައިގަތެވެ.
“ޔޫނުސް އަދި މަޑުކޮށްބަލަ…”
ޔޫނުސްމެންނަށް ދޮރާއި ހިސާބަށް ދެވުނުތަނުން ރަޝީދު އެމީހުންނަށް ގޮވާ މަޑުކުރުވިއެވެ. ރަޝީދު މަޑު ހިނގުމެއްގައި އައިސް ޔޫނުސްމެން ކުރިމަތީގައި ހުއްޓުނުވެ.
“އަދި އެއްވާހަކަ ބުނަން ހަނދާން ނެތުނީ… އަހަރެން ގާދިރަށް އެކަންތައް ހުއްޓާލުމަށް ނަސޭހަތްދިން ދުވަހު އަހަރެން އޭނާ ކައިރީގަ އެހިން ކީއްކުރަންހޭ ރޭގަނޑު އެރަށުގަ މަޑުކުރަނީ… އޭނާ ބުނީ އެއީ ކޮންމެވެސް މީހަކާ ބައްދަލުކުރަން ކަމުގަ.. އަދިބުނި ކޮންމެ ކޮންމެ ތާކުން ބައެއް މީހުންނާ ބައްދަލެއް ނުކުރެވޭނެއޭ.. އަހަންނަށް ހީވަނީ އެ ދިގުކޮށްހުންނަ މީހާއާއި ބައްދަލު ކުރާ ވާހަކަހެން އެބުނީ..”
ރަޝީދު އެހެން ބުުނުމުން އޭނާ ކިޔައިދިން ވާހަކަތަކަށް ޝުކުރު އަދާކުރުމަށްފަހު އެމީހުން އެގެއިން ނިކުތެވެ.
ހަމަ އެދުވަހު ޔޫނުސް އަހުސަލަށް ގުޅައިގެން އެހުރިހާ ވާހަކައެއް ހިއްސާކުރިއެވެ. އަދި މިކަމުގައި އެމީހުންނަށް ވަރަށް ކުރިއަށް ދެވިއްޖެ ކަމުގައިވެސް ބުންޏެވެ. ޒައިނަބްއާއި އަހުސަލް ކެތްތެރިވެގެން ތިބުމަށްވެސް ބުންޏެވެ.
އެރޭ ކައިގެން ގޭތެރޭގައި އުޅުނު ވަގުތު އަހުސަލް ޒައިނަބަށް އެވާހަކަތައް ކިޔާދިނެވެ. މިކަމުގައި ބައިވެރިވަނީ ގާދިރު އެކަނި ނޫންކަން އެނގުމުން އަދި ގާދިރަކީ މީގެ އެތަށް އަހަރެއް ކުރިންވެސް މިފަދަ ކަންކަން ކުރާ މީހެއްކަން އެނގުމުން ޒައިނަބް ވަރަށް ބިރުގަތެވެ.
ޔޫނުސް ފެށި މަސައްކަތް މިހިސާބަށް ދިޔައިރު ވަރަށް ބޮޑަށް ގާދިރުގެ ހަގީގަތް އެނގިއްޖެއެވެ. އަދި މިކަމާ ގުޅިގެން އިތުރު އެތައް ހަގީގަތެއްވެސް މިވަނީ ފެންމަތި ވެފައެވެ. ޒައިނަބްގެ ކަންތަކުގައި އުޅެން ހަދައިގެން އެތަކެއް ސިއްރެއް ހޯދިއްޖެއެވެ. އަދި ގާދިރުގެ މި ނުބައި އަމަލުތައް މީގެ އެތަކެއް އަހަރެއް ކުރިން ފެށިގެން ކުރިއަށް ދާ ކަންވެސް އެނގިއްޖެއެވެ.
ޔޫނުސް ކުރަމުންދިޔަ ރުޤްޔާވެސް މަޑުމަޑުން އޭނާ ކުރިއަށް ގެންދިޔައެވެ. އެކަމުގެ ހެޔޮ އަސަރުވެސް ޒައިނަބަށް ދިޔައީ ކުރަމުންނެވެ. ޒައިނަބްގެ ބައްޔަށް ޝިފާ ލިބުމަށްއެދި ކުރަމުންދިޔަ ރުޤްޔާގެ ސަބަބުން ޒައިނަބްގެ ބަލިހާލަތު މަޑުމަޑުން ރަނގަޅު ވަމުންދިޔައެވެ. ޒައިނަބްގެ ބޮލުގައި ރިހުމާއި ވެފައި ހުންނަ ވަރުބަލިކަން މިހާރަކަށް އައިސް ކުރިއަށް ވުރެން ކުޑައެވެ. ނަމަވެސް އަދިވެސް ރޭގަނޑު ކޮންމެވެސް ވަރަކަށް ބިރުވެރި ހުވަފެން ފެނި ސިއްސައިގެން ގޮސްފައި ހޭލެވެއެވެ.
މިހާރަކަށް އައިސް ޒައިނަބް ކުރިއަށް ވުރެން ގިނައިން ފާތުންމެންގެ ގެއަށްގޮސް ހަދައެވެ. ފާތުންނާއި ޝިފާ އަދި ޝިފާގެ ކުދިންނާއެކު ގިނަވަގުތު ހޭދަކުރުމުން ޒައިނަބަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބި އޭނާއަށް އިހުސާސްވާ އެކަނި ވެރިކަންވެސް ފިލައެވެ. ކުރިއެކޭ އެއްގޮތަށް އަހުސަލްއާއި ޒައިނަބް އެކުގައި ހީސަމާސާކޮށް ބޭރަށް ގޮސްލާވެސް ހަދަންފެށިއެވެ. ނަމަވެސް ޒައިނަބަށް ނޭނގެނީ މި ހުރިހާކަމެއް ދެން އަޅާނީ ކޮން މަގަކަށް ކަމެވެ. މިކަންތައް ގަނޑުގައި ދެން ދާންޖެހޭ މަގުގައި ވާނީ ކޮންފަދަ ކަނު އަނދިރިކަމެއް ކަމެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހެވެ. އޭރު ގާތްގަނޑަކަށް ދަންވަރު ބާރަގަޑި ބައި ވަނީއެވެ.. މަގުތައް މަތިން މީހުންގެއަޑު ކެނޑި ރަށުތެރެ ވަނީ މުޅިން ހިމޭންވެފައެވެ. ޝިފާ އޭނާގެ ދެކުދިން ނިންދެވުމަށްފަހު އޭނާވެސް ނިދަން ކޮޓަރިއަށް ވަނެވެ.. އޭރު ފާތުންވެސް އޭނާގެ ކޮޓަރީގައި ނިދާފައި އޮތެވެ. އަދި އިސްމާއިލްވެސް ނިދަން ވަދެއްޖެއެވެ. އެގޭގައި ޖުމުލަ ހުންނަނީ ހަތަރު ކޮޓަރިއެވެ. އެއް ކޮޓަރީގައި އުޅެނީ ފާތުންނެވެ. އަނެއް ކޮޓަރިއަކީ އިސްމާއިލްއާއި ޒުހާ އަދި އެމީހުންގެ ދެއަހަރުގެ ދަރިފުޅި ޖައިޝްގެ ކޮޓަރިއެވެ. ނަމަވެސް ޒުހާއާއި އިސްމާއިލް ވަރިވެ ޒުހާ ޖައިޝް ގޮވައިގެން އޭނާގެ މަންމަގެ ގެއަށް ބަދަލުވިފަހުން އެތަނުގައި އުޅެނީ އިސްމާއިލް އެކަންޏެވެ. އިސްމާއިލް މެންގެ ކޮޓަރިއާއި ޖެހިގެން ހުންނަނީ ޝިފާއާއި ނަވީންގެ ކޮޓަރިއެވެ. ނަވީންއަކީ ރަށާއި ވަރަށް ދުރުގައި އޮންނަ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމުން އޭނާއަށް ރަށަށް އާދެވެނީ ވަރަށް މަދުންނެވެ. ދެން އެގޭގައި ހުންނަ ކުޑަ ކޮޓަރިއަކީ އެމީހުންގެ ދެކުދިން ނިދާ ކޮޓަރިއެވެ. އެތަނުގައި ކުޑަ ދެއެނދު ހުންނައިރު އެކޮޓަރީގައި ނިދަނީ ޝިފާގެ ދެކުދިން ކަމުގައިވާ އަށް އަހަރުގެ އާރާއާއި ހަތަރު އަހަރުގެ ޒައުލްއެވެ. އެންމެން ނިދައި ގޭތެރެ އެއްކޮށް ހިމޭންވެއްޖެއެވެ. އާރާއަށް ހޭލެވުނީ ފެންބޮވައި ގަނެގެންނެވެ. އޭރު ގޭތެރޭގައި މީހަކު އުޅޭއަޑު އާރާއަށް އިވުނެވެ. ކުޑަކުޑަ އާރާ ހީކުރީ އެއީ ޝިފާ ނޫނީ ފާތުން ފަތިސްނަމާދަށް ހޭލައިގެންއުޅޭ އަޑު ކަމަށެވެ. އެއީ މެންދަމުގެ ވަގުތުކަން އާރާ އަކަށް ނޭނގެއެވެ. ޒައުލްއަށް ހޭލެވިދާނެތީ އާރާ މަޑުމަޑުން ތެދުވެ ކޮޓަރިން ނިކުތެވެ. އޭރު ގޭތެރޭގައި ދިއްލާފައިވާ ނިދާބޮކީގެ އަލިހުރީ ވަރަށް ފަނޑުކޮށް ނަމަވެސް އެއްވެސް ޖެހިލުމެއްނެތި މާމާއޭ ކިޔަމުންގޮސް އާރާ ބަދިގެއަށް ވަނެވެ. އޭރު ސިންކު ކައިރީގައި ފަސް އެނބުރިގެން މީހަކު ހުއްޓެވެ. ގަތްބިރުން އާރާ ހުއްޓުން އެރިއެވެ. މީގެ ކުރިންވެސް އެއްރެއަކު ހަމަ އެތަނުގައި މީހަކު ހުއްޓައި އާރާއަށް ވަނީ ފެނިފައެވެ. އެރޭ އެމީހާ ހުރިގޮތަށް ހުރެފައި އޭނާގެކަރު އަނބުރާލައި އާރާއަށް ބަލާލިއެވެ. އެރޭ އެއްކޮށް އާރާ ނުނިދައި ބިރުން ރުޔެވެ. އެހަނދާންތައް އަދިވެސް އާރާގެ ހިތަކުން ނުފިލައެވެ. މިރޭވެސް އެތާ އެހުރީ ހަމަ އެއަންހެން މީހާއެވެ. އާރާ ގަބުވެ ހުއްޓުން އަރާފައި ހުއްޓައި މިރޭވެސް އެމީހާ ހަމަ ކުރިނއ ރެއެކޭ އެއްގޮތަށް އޭނާގެ ކަރު އަނބުރާލިއެވެ.. އަނދިރީގެ ތެރެއިން އެމީހާގެ މޫނު ސާފުކޮށް ނުފެނުނަސް އެއީ ފާތުން އަދި ޝީފާ ނޫންކަން އާރާއަށް އެނގެއެވެ. އެވަގުތު އަޑުގެ ނެތްތަނަށް އާރާ ރޮއިގަތެވެ. ޝިފާއާއި އިސްމާއިލް އަދި ފާތުންނަށް އެއަޑަށް ހޭލެވިގެންގޮސް ބެލީރު އާރާ ސިޓިންރޫމުގައި ކޮޅަށްހުރެ އަޑުން ނަގައި ރޮނީއެވެ. ޝިފާ ދުވެފައިގޮސް އާރާގެ ގައިގައި ބައްދާލިއެވެ. ގޭތެރޭގެ ބޮކިތަށް ދިއްލުމަށްފަހު އިސްމާއިލް އައިސް ވީގޮތް އެހިއެވެ.
“ކުރީ ދުވަހުވެސް އާރާއަށް ފެނުން ޓޯލް ލޭޑީ ހުރީ ސިންކު ކައިރީގަ .. މިފަހަރުވެސް ހަމަ އެގޮތަށް އާރާއާ ދިމާލަށް އެ ލޭޑީގެ ހެޑް ޓާން ކުރީ…”
އާރާއަށް ފެނުން މަންޒަރު އޭނާ ރޮމުން ކިޔައިދިނެވެ. އިސްމާލް މުޅި ގޭތެރެއާއި ގޯތި ތެރެވެސް ބެލިއެވެ.
ނަމަވެސް އެމީހުން ފިޔަވައި ގެތެރޭގައި އިތުރު އެއްވެސްމީހެއް ނެތެވެ. ނަމަވެސް މިއީ މިފަދަ ކަމެއް އާރާއަށް ދިމާވި ދެވަނަ ފަހަރެވެެ. އެތައް އިރަކު އުޅެގެން އާރާ ހަމައަކަށް އެޅުވުމަށްފަހު ޝިފާ ވަރަށް މަސައްކަތުން އާރާ ނިންދެވިއެވެ. ނަމަވެސް ނިދީގައި ދެފަހަރަކު ސިއްސައިގެން ގޮސް އާރާއަށް ހޭލެވުނެވެ.
އަނެއްދުވަހުގެ ހެނދުނު ހޭލެވުމުންވެސް ރޭގައި ވީކަންތަކުގެ ވާހަކަ ދައްކާފައި އާރާ ވަރަށް ރޮއިހެދިއެވެ.
އިސްމާއިލް އަހުސަލްއާއި ޔޫނުސަށް ގުޅުމަށްފަހު އެވާހަކަ ކިޔާދިނެވެ. އެދުވަހު ކޮންމެވެސް އެހެން ކަމަކާއި އުޅެން ހަދައިގެން ޔޫނުސަށް އެގެއަށް ދެވުނުއިރު ހަވީރު ވެއްޖެއެވެ. ޔޫނުސް ގޮސް ފާތުންނާއި އިސްމާއިލް އަދި ޝިފާގެ ކައިރިން ރޭގައި ހިނގާދިޔަ ކަންތަކުގެ ތަފްސީލު ހޯދިއެވެ. އަދި އާރާއާވެސް ކުޑަކޮށް ވާހަކަ ދައްކާލިއެވެ. ޔޫނުސް ރުޤްޔާގެ އާޔަތް ތަކެއް ކިޔަވައި ފުމުމަށްފަހު އާރާއަށް ފެންތައްޓެއް ބޯންދިނެވެ. އަދި އިރާދަ ކުރެއްވިއްޔާ އާރާ ހަމައަކަށް އެޅޭނެ ކަމުގައިވެސް ޝިފާ ކައިރީގައި ބުންޏެވެ.
މިކަމަމީ ޒައިނަބަށް ޖެހިފައިވާ ސިހުރުގެ ކަންތަކާއި ގުޅުންހުރި ކަމެއްކަން ޔޫނުސަށް އެނގެއެވެ.
އެދުވަހު ޔޫނުސް ފާތުންމެންގެ ގޭގައި އުޅުނު ވަގުތު ސަލީމު ރަށުތެރެއިން މީހެއްގެ ފަރާތުން ކޮންމެވެސް ވަރަކަށް ޝަފީގުގެ މައުލޫމާތު ހޯދިއެވެ. އެމީހާގެ ފަރާތުން އެނގުނު ގޮތުގައި މާ ކުރިއްސުރެވެސް ޝަފީގުއަކީ ސިހުރާއި ފަންޑިތައިގެ ކަންކަން ކޮށްހަދާ މީހެކެވެ. އަދި އޭނާއާއި ދުރު ދުރުން އުޅުމަށްވެސް މީހުން އެކަކު އަނެކަކު ކައިރީގައި ކިޔާކަމަށް ވެއެވެ. ޝަފީގު އޭނާގެ އާއިލާއާއި އެކުގައި މާލެއަށް ބަދަލުވި ފަހުން އެރަށަށް ނާންނަ ކަމަށާއި ނަމަވެސް އެއާއިލާގެ ބައެއްމީހުން މަދުމަދުން ތިނަދޫއަށް އައިސްހަދާ ވާހަކަ ބުންޏެވެ. ޝަފީގުގެ އާއިލާގެ ގިނަ މީހުންނަކީ ހުޅުމާލެއިން ފްލެޓް ހޯދައިގެން އެތަނުގައި ވަޒަންވެރި ވެފައިވާ މީހުން ކަމުން އެއިން މީހެއްގެ ފަރާތުންވެސް ޝަފީގުގެ ވާހަކައެއް އަޑު ނީވޭ ކަމުގައި އެމީހާ ސަލީމު ކައިރީގައި ބުންޏެވެ. ނަމަވެސް ވަރަށްފަހުން ޝަފީގުގެ ތިމާގެ މީހެއް އެރަށަށް އައިސް އުޅޭ ކަމުގައިވެސް ބުންޏެވެ. ސަލީމު ވަގުތުން ޔޫނުސަށް ގުޅައި އެވާހަކަތައް ކިޔައިދިނެވެ.
ޖެހިގެން އައި ދުވަހު ޔޫނުސްއާއި ސަލީމު އެރަށަށް އައިސްއުޅޭ ޝަފީގުގެ ތިމާގެ މީހާ ކަމަށްވާ ޔައުގޫބާއި ބައްދަލު ކުރިއެވެ. ޝަފީގުގެ ވާހަަކަ އެހުމުން ޔައުގޫބު އިނީ ކުޑަކޮށް ޖެހިލުންވެފައެވެ.
“އޭނަ ވީތަނެއް މަށަކަށް ނޭނގެ… އެހެންނޫނަސް ޝަފީގުގެ ކަމެއްގެ ތެރެއަށް ވަންނާކަށް މަށެއް ބޭނުމެއްނެތް..”
ޔައުގޫބު އެހެން ބުނުމުން އޭނާ ޝަފީގުގެ ވާހަކަ އެއްވެސް ވަރަކަށް ދައްކަން ބޭނުން ނޫންކަން ޔޫނުސަށް އެނގުނެވެ.
“އަހަރުމެން މިއުޅެނީ ކަމެއްގެ ތެރެއަށް ޔައުގޫބު ވައްދާކަށް ނޫން.. އަހަރުމެން މިއުޅެނީ ލޮނުދޫގައި ޝަފީގު ކޮއްފައިވާ ކަމެއްގެ ހަގީގަތް ހޯދޭތޯ…”
ޔޫނުސް އެހެން ބުނުމުން ޔައުގޫބުގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ. އަދި އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ.
“ތިބުނާ ކަންތަކުގަ ގާދިރުވެސް ބައިވެރި ވޭތަ؟.”
ޔައުގޫބު ވައިއަޑުން އެހިއެވެ.
ޔޫނުސް ގާދިރުގެ ނަންވެސް ނުބުނަނީސް ޔައުގޫބު އަމިއްލައަށް ގާދިރުގެ ނަން ކިޔުމުން ޔޫނުސް ކުޑަކޮށް ހައިރާންވިއެވެ. އަދި ޔައުގޫބު ގާދިރުގެ ވާހަކަ ތިއެހީ ކީއްވެތޯ ސުވާލު ކުރިއެވެ.
ޔައުގޫބު ކިޔާދިން ގޮތުން ޝަފީގުއާއި ގާދިރަކީ ވަރަށް އެކުގައި އުޅުނު ދެމީހުންނެވެ. އަދި ޝަފީގު އެރަށުގައި އުޅުނުއިރު ގާދިރު ވަރަށް ގިނައިން ޝަފީގު މެންގެ ގެއަށް ގޮސްހާދާ ކަމުގައިވެސް ބުންޏެވެ. އަދި އެދެމީހުން އެކުގައި ލޮނުދޫއަށް ގޮސްއުޅޭކަން ޔައުގޫބަށް އެނގޭ ކަމުގައި ބުންޏެވެ. އެހެންކަމުން ޝަފީގުގެ ސިހުރުގެ ނުބައި އަމަލުތަކުގައި ގާދިރުވެސް ބައިވެރި ވާކަން ޔައުގޫބަށް އެނގޭ ކަމުގައި ބުންޏެވެ. އެއްވެސް އިރެއްގައި ޝަފީގު އާއިއެކު ދިގުމީހެއް ހުއްޓައި ޔައުގޫބަށް ފެނިފައި ވޭތޯ ޔޫނުސް އެހިއެވެ. އެމީހާގެ ވާހަކަ މިހާތަނަށް ޔޫނުސަށް ކިޔައިދީފައިވާ އެހެން މީހުންނެކޭ އެއްފަދައިން ޔައުގޫބުވެސް އެމީހާގެ ސިފަތަކާއި އެމީހާ ހުންނަނީ ވަރަށް މަޑުން ކަމަށްވެސް ބުންޏެވެ. އިބުރޭއާއި، ހައްސާނުއާއި ރަޝީދު އަދި މަރިޔަމްވެސް ކިޔާދިން ފަދައިން ޔައުގޫބުވެސް އެމީހާގެ ސިފަތައް ކިޔާދިނެވެ. އަދި އެމީހާއަކީ ތިނަދޫ މީހެއްހެން ހީނުވާ ކަމުގައި ބުންޏެވެ. ޔަގޫބުގެ ވާހަކައިގެ އެހިސާބުން ޔޫނުސް ކުޑަކޮށް މާޔޫސްވިއެވެ. އަނެއްކާ އެއީ އެ އަތޮޅުގެ އެހެން ރަށެއްގެ މީހަކަށް ވެދާނެބާއެވެ؟.. އެކަމަކު އެހެން ވެއްޖެނަމަ އެމީހާ އެއީ ކާކުތޯ ހޯދުން އެއީ ފަސޭހަ ކަމަކަށްވެސް ނުވާނެތާއެވެ….
އެދުވަހު ޒައިނަބާއި އަހުސަލް ހަވީރު ފާތުންމެންގެ ގޭގައި އުޅުމަށްފަހު ގެއަށް ދިޔައީ އިރުއޮއްސެން އުޅެނިކޮށެވެ. އޭރު އޮއްސެމުންދިޔަ އިރުގެ ރަންއަލި ރަށުތެރެއަށް ފެތުރުފައި ވެއެވެ. މަޑުމަޑުން ޖެހެމުންދިޔަ ވައިރޯޅިތައް އިހުނަށްވުރެ ފިންޏެވެ. ހަވީރު ރަށުތެރޭގައި ކުޅެން އުޅުނު ކުޑަކުދިން ތައްވެސް އިރުއޮއްސެން ވާއިރަށް ގެއަށް ވަންނަތަން ފެނެއެވެ.
ރޭގަނޑުގެ ކެއުމަށް ދޮންރިހަ ކޮޅެއް ކެއްކުމަށް އެއްޗެހި ކޮށާ ތައްޔާރު ކޮށްލަން ޒައިނަބް މަސައްކަތް ފެށިއެވެ. އަދި އަހުސަލްގެ ކައިރިން ކާއްޓެއް ހެހި ދިނުމަށް އެދުނެވެ. އަހުސަލް ބަދިގެ ފަޅިން ގޯތި ތެރެއަށް ނިކުމެ ފޭރާ ކައިރިއަށް ދިޔަވަގުތު ގަސްތައް ކައިރީގައި ބިންމަތީގައި ކުރިންވެސް އެދިމާލުން އެމީހުންނަށް ފެނިފައިވާހެން ހުއްޓެވެ. އަހުސަލް ޒައިނަބަށްވެސް އެތަން ދެއްކިއެވެ..
“މިފަހަރު އެއްވެސް އެއްޗެއް ފެންނާކަށް ނެތް.. އެކަމަކު ކުރީފަހަރުވެސް ބިންމަތި ހަމަ މިހެން ހުރި.. މިތާ އެއްޗެއް ވަޅުލާފަ އޮތްތޯ ބަލަން ހިނގާބަލަ… އަހަރެން މިތަން ކޮނެފަ ބަލަންތަ؟..”
އަހުސް ޔޫނުސަށް ބަލަންހުރެ އެހިއެވެ..
“އުނހު.. ތިތަން ނުކޮނެ މަޑުކުރޭ..”
ޔޫނުސް އެހެން ބުނުމަށްފަހު އަނެއްކާވެސް ވަރަށް ރަނގަޅަށް އެތަނަށް ބަލާލިއެވެ.
“މިކަހަލަ ކަންކަމަކީ ވަރަށް ފާޑެއްގެ ކަމެއް… ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅައި ކޮނެގެން ބަލާކަށް ނުވާނެ.. ޒައިނަބް.. ނިކަން އަވަހަށް ފެންޖަގެއްް ގެނެސްދީބަލަ..”
ޔޫނުސް އެހެން ބުނުމުން ޒައިނަބް ފެންޖަގެއް ގެނެސް ޔޫނުސްގެ އަތަށް ދިނެވެ. ޔޫނުސް އެ ފެންޖަގަށް ކޮންމެވެސް ރުގްޔާތަކެއް ކިޔެވުމަށްފަހު އޭނާގެ އަތުން ގޯތި ތެރެއަށް އޭގެން ފެން ނަގައިގެން ބުރުވަން ފެށިއެވެ. އަދި އެތަނަށްވެސް ފެން ބުރުވިއެވެ. ގޭގެ ކަންތަކާއި ދިމާލަށްވެސް ގިނައިން ފެންތައް ބުރުވާލިއެވެ. އަދި އެތަން ކޮންނާކަށް ނުވާނެ ކަށާއި އިހަށް އެދިމާލަށް ނުނިކުމެ މަޑުކުރުމަށް ގޫނުސް އަހުސަލްއާއި ޒައިނަބަށް އެންގިއެވެ. އަދި ﷲ އިރާދަ ކުރެއްވިއްޔާ ގާދިރަށް މިކަމުގައި ކުރިއެއް ނުލިބޭނެ ކަމަށާއި ގާދިރު ކުރަމުންދާ ހުރިހާ ނުބައި ސިހުރުތަކެއް ބާތިލްވާނެ ދުވަހެއް އަދި އަންނާނެ ކަމުގައިވެސް ބުންޏެވެ.
………
………
ހަމަ އެއްވެސްކަމެއް ނުވާ ކަމަށް ހެދިގެން ގާދިރު އުޅެމުން ދިޔައެވެ. އެހެން މީހުންނެކޭ އެއްފަދައިން އަނބި ދަރިންނާއެކު ވަގުތު ހޭދަކޮށް ހަދައެވެ. އޭނާއަކީ ދިރިޅުމަށް ވަޑާމުގެ މަސައްކަތް ކޮށްހަދާ މީހެއްކަމުން މަސައްކަތުގައިވެސް ވަގުތު ހޭދަކުރެއެވެ. ތުންތުން މަތިން ރަށުތެރޭގައި ގާދިރުގެ ވާހަކަ ދެކެވުނަސް އޭނާގެ އަވައްޓެރިން ނަށްވެސް ހަމަލޮލުން އެފަދަ ކަމެއް ފެނިފައި ނުވާތީ އެކަމަކާ އެއްވެސް މީހެއް އަޅައެއް ނުލައެވެ. މީހަކަށް ބަލާފައި އެމީހެއްގެ މޫނުމަތިން އޭނާކުރާ އެއްވެސް ފާފައެއް ފެންނަން ނުހުންނަ ފަދައިން ގިނަ މީހުންނަށް ގާދިރުވެސް ފެންނަނީ ހަމަ އެހެން މީހުންފަދަ މީހެއް ގޮތަށެވެ. ނަމަވެސް ގާދިރު ކުރަމުންދާ ނުބައި އަމަލުތަށް ކޮންމެވެސް ބަޔަކަށް ފަޅާއަރައިފިކަން ގާދިރަށް އެނގެއެވެ. އަދި އެމީހުން އެކަން އިތުރަށް ހޯދަމުން ދާނަމަ ގާދިރު ކުރަމުންދާ ކަންތަކަށް ހުރަސްއެޅޭނެ ކަންވެސް އޭނާއަށް އެނގެއެވެ.
އެރޭ އެގޭގެ އެންމެން ނިދައި ތަންވަޅު އޮބުމުން ގާދިރު ސިއްރު ކަންކަން ކުރުމަށް ބޭނުންކުރާ ކޮޓަރިއަށް ވަނެވެ. އެންމެންނަށްވެސް ހީވެފައި އޮންނަނީ އެ ކޮޓަރިއަކީ ގާދިރު އޭނާގެ ވަޑާމުގެ ބައެއް ސާމާނު ރައްކާކޮށް ހަދަން ބޭނުންކުރާ ކޮޓަރިއެއް ކަމުގައި އެކަންޏެވެ. އެތަނުގައި ވަޅިއާއި ކީސްފަދަ ތަކެތި ހުންނާތީ ގާދިރުގެ އަަނބިމީހާ ނާދިރާ އަށާއި އޭނާގެ ކުދިންނަށް އޮންނަނީ އެތަނަށް ނުވަނުމަށް އަންގާފައެވެ. އެހެންކަމުން ގާދިރު ފިޔަވައި އެއްވެސް މީހެއް އެތާކަށް ނުވަދެއެވެ.
ނަމަވެސް އެއްވެސް މީހަކަށް ނޭނގި އޮތީ އެކޮޓަރިއަކީ ގާދިރު ސިހުރު ހެދުމަށްވެސް ބޭނުންކުރާ ތަނެއްކަމެވެ. އެތަނުގައި އޭނާ އެކަމަށް ބޭނުންކުރާ އެކި ކަހަލަ ސާމާނާއި އެފަދަ ކަންކަމާ ބެހޭ ފޮތްތައްވެސް ބަހައްޓާފައި ހުރެއެވެ. އެއީ ސިހުރުގެ ކަންކަން އޭނާއަށް ދަސްކޮށްދިން ޝަފީގުގެ ފަރާތުން ލިބިފައިވާ ފޮތްތަކެކެވެ. އަގުބޮޑު ޖަވާހިރުތަކެއް ފަދައިން ގާދިރު އެތަކެތި ރައްކާކޮށް ތަޅުލާފައި ހުންނަނީ އެކޮޓަރީގެ ކަބަޑެއްގައެވެ.
ގާދިރު އެތަނަށް ވަދެ މޭޒުމަތީގައި ހުރި ސާމާނު ތަކަށް ބަލާލުމަށްފަހު އިށީނެވެ. އަދި މަޑުމަޑުން ފުންކޮށް ނޭވާލާން ފެށިއެވެ. އެވަގުތު އެތަނުގައިވާ ހިމޭންކަމުގެ ތެރެއިން މީހަކު އޭނާގެ ކަންފަތް ކައިރީގައި ބުނި ސިއްރެއް ފަދައިން އޭނާގެ ސިކުނޑިއަށް ހިޔާލުތަކެއް އަންނަން ފެށިއެވެ.
“ރަށުތެރެއިން މީސްމީހުން ކައިރީގައި ގާދިރުމެން ލޮނުދޫގައި ކުރަނީ ކީއްތޯ އަހާ ސުވާލު ކުރަމުން އެބަދޭ.. މިކަންތައް މިހެން ކުރިއަށް ދާނަމަ ގާދިރުގެ ސިއްރުތައް އިތުރަކަށް ދެން ސިއްރެއް ނުވާނެ.. މިކަމަށް ހައްލެއް ހޯދާ… މިކަމަށް ހައްލެއް ހޯދާ….”
މިފަދަ ހިޔާލުތަކެއްގެ ތެރޭގައި ގާދިރުގެ ސިކުނޑި ގޮއްޖެހެވުނެވެ. އެވަގުތު އަވަހަށް ދެލޯ ހުޅުވާ ލުމަށްފަހު އޭނާ އެކޮޓަރިން ނިކުތެވެ. ޔޫނުސްމެންނަށް ގާދިރުގެ މައުލޫމާތު ހޯދުނީ ކިހާ ވަރަކަށްބާއޭ ގާދިރުގެ ހިތަށް އެރިއެވެ.. އޭނާގެ އެވަނީ ނުރައްކަލެއްގެ ތެރޭގައި ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނީ އެވަގުތުއެވެ.
ގާދިރުގެ އަނބިމީހާ ނާދިރާއަށް ގާދިރުގެ ފަރާތުން ތަފާތު ކަންތައް ތަކެއް ފާހަގަވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. ގާދިރުގެ އެ ކޮޓަރިއާމެދު ކުރިއަށް ވުރެން އޭނާ ފަރުވާތެރި ވާކަން ނާދިރާއަށް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން އެތަންހުރީ ތަޅު ލެވިފައިތޯ ޔަގީންކުރުމަށް ގާދިރު އެތައް ފަހަރަކު ޗެކް ކުރާތަން ނާދިރާއަށް ވަނީ ފެނިފައެވެ. އެއްދުވަހަކު ގާދިރު އެތަނަށް ވަތްއިރު އޭނާގެ އަތުގައިއޮތް ކުޑަ މަތިޖެހި ތައްޓެއް ފަދަ އެއްޗެއްގެ ތެރޭގައި ކަޅު ފޮތިކޮޅަކާއި ހިކިފަތް ފަދަ ކޫސަނި ސާމާނުތަކެއް ވެސް ނާދިރާއަށް ފެނުނެވެ. ނަމަވެސް އެއީ ކޮން އެއްޗެއްތޯ އެހުމުން އެއީ އެއްވެސް އެއްޗެއްނޫނޭ ބުނެ އެދުވަހުވެސް ގާދިރު ވަނީ އެވާހަކަ އޮއްބާލާފައެވެ. ގޭތެރެ ކުނިކަހާ ވަގުތު ތަކުގައިވެސް އެކޮޓަރިއާއި މާބޮޑަށް ނާދިރާ ކައިރި ވިޔަސް ނާދިރާ އެތަނުން ދުރަށް ދަންދެން ގާދިރު ކަޅި ޖަހާނުލައި ނާދިރާއަށް ބަލަހައްޓައިގެން އިނދެއެވެ. ގާދިރުގެ އަމަލުތަށް މިހެން ހުންނާތީ އެތަނުގައި ފޮރުވާފައި ވަނީ ކޮން އެއްޗެއްތޯ ބަލަން އެތަނަށް ވަނުމަށް ނާދިރާ ވިސްނަން ފެށިއެވެ.
ވަޑާމުގެ މަސައްކަތެއްގައި ގާދިރު ވަރަށް އަވަދިނެތި އުޅުނު ދުވަހެކެވެ. އެކޮޓަރީގެ ތަޅަށް ތަޅުދަނޑި ޖެހި ގޮތަށް އޭތި ނުނައްޓައި ހުރިތަން ނާދިރާއަށް ފެނުނެވެ. އަވަހަށް ގޮސް ނާދިރާ އެތަނަށް ވަދެ އެތާގެ ތެރެއަށް ވަށައިގެން ބަލާލިއެވެ. އެތަނުގެ ކަނެއްގައި ހުރި ބޮޑު ރެކެއްގައި ކީހާއި ރޮންދާފަދަ ސާމާނުތަކެއް ހުއްޓެވެ. ދެންހުރި ކަބަޑު ހުރީ ތަޅުލާފައެވެ. އޭގެ ތަޅުދަނޑި ނެތުމުން އޭގައި ހުރީ ކޮންއެއްޗެއް ކަމެއް ނާދިރާއަކަށް ނޭނގުނެވެ. ނާދިރާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ މޭޒުމަތީގައި އޮތް ޤުރުއާން ހަތިމަށެވެ. އެ ހަތިމުވަނީ ހިރަފުސް އަރާ ފުރިފައެވެ.. އަދީ އޭގެ މަތީގައި ކިލަލުން ތަތްތެޅިފައި އޮތް ކަޅު ފޮތިކޮޅަކާއި ހިކި އޮފިތަކަކާއި އަދި ފަތްތަކެއްވެސް ހުއްޓެވެ. އަދި ނުވިތާކަށް ވެލިވެސް ހުއްޓެވެ. އެމަންޒަރު ފެނިފައި ނާދިރާއަށް ގާދިރުދެކެ އައިރުޅިން ދަތްކުނޑި ވިކާލެވުނެވެ. އަދި ހަތިމު މަތީގައިހުރި ކުނިބުނި ނަގައި ސާފު ކުރުމަށްފަހު ހަތިމް ރީތިކޮށް މޭޒުމަތީގައި ބޭއްވިއެވެ.
އޭގެ އަނެއްދުވަހު ގާދިރު އެތަނަށް ވަނުމާއިއެކު އޭނާނޫން އެހެންމީހަކު އެކޮޓަރިއަށް ވަދެފައި ހުރިކަން އޭނާއަށް އެނގުނެވެ. އަދި ނާދިރާ ކައިރީގައި އެތަނަށް ވަނީ ކާކުތޯ އަހައި ސުވާލު ކުރިއެވެ. ނާދިރާ ބުނީ އޭނާ އެތަނަށް ވަނީ ކުނިކަހާ ސާފުކޮށްލަން ކަމަށެވެ. އެދުވަހުގެ ފަހުން އެކަކުވެސް އެތަނަށް ނުވަނުމަށް ގާދިރު ރުޅިއައިސްފައި ހުރެ ނާދިރާއަށް އެންގިއެވެ. އެރޭ ގާދިރު ގެއިން ބޭރުގައި އެތައްއިރަކު އުޅުމަށްފަހު ގެއަށްއައީ ވަރަށް ދަންވެފައި ހުއްޓައެވެ.
ގާދިރު ގެއަށް އައިގޮތަށްގޮސް ކޮޓަރީގެ ދޮރު ކައިރީގައި ކުޑަ ދަބަހެއް ބެހެއްޓުމަށްފަހު ފެންވަރަން ފާހާނާއަށް ވަނެވެ. އަދި ފެންވަރައިގެން ނިކުމެ އެދަބަސް ހިފައިގެން ގާދިރުގެ ސިއްރު ކޮޓަރިއަށް ގޮސް ދޮރުލެއްޕި އަޑު އިވުނެވެ. ގާދިރަށް ނޭނގުނު ނަމަވެސް އެރޭ ނާދިރާ އޮތީ ހޭލައި ގާދިރު އުޅުނުގޮތް ބަލާށެވެ.. އެހެން އޮއްވައި ނާދިރާ ކުޑަކޮށް ނިދިޖެހެން ފެށިއެވެ. ދެން އޭނާއަށް ހޭލެވުނީ ގޭތެރެއިން ކޮންމެވެސް ޒާތެއްގެ އަޑެއް އިވެން ފެށުމުންނެވެ. އަދި އޭރު އެނދުގައި ގާދިރު ނެތުމުން އެއީ ގާދިރުގެ ކަމެއްކަން އޭނާއަށް ޔަގީންވިއެވެ. ކޮޓަރީގެ ބޭރުން ތަޅުންގަނޑު މަތީގައި ކޮންމެވެސް އެއްޗެއް ދަމާއަޑު އިވުމަށްފަހު އަނެއްކާވެސް އެ ސިއްރު ކޮޓަރީގެދޮރު ލެއްޕިއަޑު އިވުނެވެ. ނާދިރާ ނިދާކަމަށް ހަދައިގެން ދެލޯ މަރައިގެން އޮއްވައި އޭގެ އިރުކޮޅެއް ފަހުން ގާދިރު އައިސް އޮށޯތެވެ.
އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ ގާދިރު ނިކުމެގެން ދިޔައިރު ނާދިރާ އުޅުނީ ސައިހެދުމުގެ ކަންކަމުގައެވެ. އޭރު އެއްކަލަ ކޮޓަރީގެ ތަޅުގައި ތަޅުދަނޑި ޖަހާފައި އިންދައި ނާދިރާއަށް ފެނުނެވެ. ނަމަވެސް ކުރީދުވަހު އޭނާ އެތަނަށް ވަނުމުން ގާދިރު ލެވިހާ ހަޅޭކާ އެތަނަށް ނުވަނުމަށް ދިން އިންޒާރުތައް ހަނދާން ވުމުން އެތަނަށް ވަންނަން ކުޑަކޮށް ޖެހިލުން ވިއެވެ. ނަމަވެސް ދެން ނާދިރާގެ ހަނދާނަށް އައީ އެދުވަހު ފެނުން ގުރުއާން ހަތިމު އޮތް ހާލަތެވެ. އެހެންކަމުން މިހާރު އެހަތިމު އޮތީ ކުރީދުވަހު އޭނާ ބޭއްވިގޮތަށް ރީތިކޮށްތޯ ބެލުމަށް ބޭނުންވިއެވެ. މާތް ﷲ ގެ އެމާތް ކަލިމަފުޅު އެފަދަ އިހާނެތި ގޮތަކަށް އެއްލާލެވިފައި އޮންނާކަށް ނާދިރާ ބޭނުމެއް ނުވެއެވެ.
އިރުކޮޅަކު ވިސްނަން ހުރެފައި ނާދިރާ މަޑުމަޑުން ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އެތަނުގެ އެތެރޭގައި ފާޑެއްގެ ވަހެއް ހިފާފައި ހުރުމުން ނާދިރާ ނޭފަތުގައި އަތް އެޅިއެވެ. އެތަނުން ދުވީ ޗަކަ ވެލިން ދުވާފަދަ ވަހެކެވެ. އަދި އެވަހާއި އެކުވެގެން ކޮންމެވެސް ކުނި ވަހެއްވެސް ހުއްޓެވެ. އެތަނަށް ވަތްގޮތަށް އެންމެ ފުރަތަމަވެސް ގާދިރު ރޭގައި ގެންގުޅުނު ދަބަސް ފެނޭތޯ ނާދިރާ ބެލިއެވެ. އޭނާ ހުރީ އޭގައި ފޮރުވާފައި އޮތީ ކޮންއެއްޗެއްތޯ ބަލަން ނުހަނު ބޭނުން ވެފައެވެ. ނަމަވެސް އެދަބަސް ފެންނާކަށް ނެތެވެ. ދެން އެއްކަލަ ހަތިމު ފެންނަން އޮތްތޯ ނާދިރާ ބެލިއެވެ. މިއަދުވެސް މޭޒުމަތީގައި ހުރި ކުނިބުންޏާއެކު ކުރީ ދުވަހެކޭ އެއްގޮތަށް ވަރަށް ފަރުވާކުޑަ ގޮތަކަށް ހަތިމު ބާއްވާފައި އޮތެވެ. ގާދިރު ރުޅިއަޔަސް ހެޔޮކަމަށް ނާދިރާ އެހަތިމު ނަގައި އޭގައިވާ ހިރަފުސް ފޮހެން ފެށިއެވެ. ހަތިމު ސާފުކުރަނިކޮށް ނާދިރާގެ ލޮލުގައި އަޅައިގަތީ އެތަނުގައި ހުރި ރެކުގައި ބަހައްޓާފައި ހުރި ޓޫލްސް ބޮކްސްގެ ދަށުގައި އޮތް ކަޅު ފޮތިގަނޑެކެވެ. ނާދިރާ ހަތިމު ހިފައިގެން ހުރެގޮސް އޭތި ހިއްލާ ބަލާލިއެވެ. އެވަގުތު އެ ޓޫލްބޮކްސްގެ ދަށުގައި އޮތް ފޮތިކޮޅު ބިންމައްޗަށް ވެއްޓުނެވެ. އެ ކަޅު ފޮތިކޮޅުގައި ޗަކައިން ކޮންމެވެސް ފާހަގައެއް ފަދަ އެއްޗެއް ޖަހާފައި ހުއްޓެވެ. އެ ފާހަގަ ޖެހިގޮތަށް އެޗަކަތައް ހިކިފައި ހުރިތަން ފެނުމުން ނާދިރާ އޭގެ ދެފުށަށް ރަނގަޅަށް ބަލާލިއެވެ. ނަމަވެސް އެއީ ކޮންއެއްޗެއްކަން އަދި ގާދިރު ކީއްކުރަން ބޭނުންކުރާ އެއްޗެއް ކަމެއް އޭނާއަކަށް ނުވިސްނުނެވެ. ނަމަވެސް އެކޮޓަރި ތެރެއިން ދުވާ ޗަކަވަސް އެއީ އެ ފޮތިކޮޅުން އަންނަ ވަހެއްކަން އެނގުނެވެ.
“މިތާ ކީއް ތިކުރަނީ؟..”
ކުއްލިއަކަށް ފަހަތުން އައި ގާދިރުގެ އަޑަށް ނާދިރާ ސިހިފައި ފަހަތް ބަލާލި ވަގުތު އަތުގައި އޮތް ފޮތިގަނޑު ބިންމައްޗަށް ވެެއްޓުނެވެ. އޭރު ރުޅިއައިސް ރަތްވެފައި ގާދިރު ނާދިރާއަށް ބަލަން ހުއްޓެވެ. ބިންމަތީގައި ވެއްޓިފައިއޮތް ފޮތިކޮޅަށާއި ނާދިރާގެ އަތުގައިއޮތް ހަތިމަށް ގާދިރު ބަލާލިއެވެ. އަދި ރުޅިއައިސް ރަތްވެފައިހުރެ ގޮސް ބިންމަތީގައި އޮތް އެފޮތިކޮޅު ނެގިއެވެ.
“ކާކު ބުނެގެން ނާދިރާ މިތަނަށް ވަނީ؟ އަހަރެން މަނާކޮށްފަ އޮއްވާ ކީއްވެ މިތާ ހުންނަ އެއްޗެހީގަ އަތްލަނީ؟..”
ގާދިރު ރުޅިއައިސްފައި އެހިއެވެ.
“ގުރުއާން ހަތިމު ހަޑިވެފަ އޮތީމަ ސާފުކޮށްލީ… ﷲ ގެ ކަލާމްފުޅު އެހެން ބާއްވާކަށް ނުވާނެއެއްނު..”
ނާދިރާ ބިރުންހުރެ ޖަވާބުދިނެވެ.
“އެއީ ނާދިރާއާ ބެހޭ ކަމެއްނޫން.. ހަމަ މިހާރު މިތަނުން ނިކުމޭ..”
ނާދިރާގެ އަތުގައި އޮތް ހަތިމު ދަމައިގަންނަމުން ގާދިރު ބުންޏެވެ. ނާދިރާ ބިރުންހުރެ އެތަނުން ނިކުތްއިރު އޭނާގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. އެމުޅި ދުވަސް ނާދިރާ ހޭދަކުރީ އެކަންތަކާމެދު ވިސްނުމުގައެވެ. ގާދިރު ސިއްރުން މިކުރަނީ ކޮންކަމެއް ބާއެވެ؟.. މީހުން އޭނާގެ ފިރިމީހާއޭ ކިޔައިގެން ތުންތުން މަތިން އެދައްކާ ވާހަކަ ތަކަކީ ހަގީގަތެއް ބާއެވެ.؟…
-ނުނިމޭ-
Comments (8)
Comments are closed.
Oooo, so I thought dhigu dude was shafeegu but still dhigu dude is a mystery.
And this part is also very very interesting. I love it
And is his wife gonna know how nulafaa her husband is.
Please upload the next part soon 💗
Yes Rosey.. dhigu dude is a mystery guy yet 🫣 let’s see dho nadhira ah engeynee kon kamehtho in future… And gadhiru ge hurihaa secrets eh unfold vaan feshee now… Keep waiting for next part ingey… Will upload soon 🤍😊
އެ ދިގު މީހަކީ އެމީހުންނަށް އެހީވާ ޖިންނިއެއް
ސަލާމް… ވާހަކަ ކިޔާލާ ކޮމެންޓް ކޮށްލީމަ ވަރަށް އުފާ ވެއްޖެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ .. 🤍
އެ ދިގުމީހާ ވެދާނެ އެއްނު އެއަތޮޅުގެ އެހެން ރަށެއްގެ މީހަކަށްވެސް ހަމަ.. އެއީ ކާކުތޯ ބަލަން ކިޔާލައްޗޭ ދެން ނެރޭ ބައިތައްވެސް… 😊
Can you say which day you will upload next
In sha Allah will upload on Tuesday ☺️
How many parts is this storyyyy???????
Heevanee 25 aa 30 aa dheythereyga hen