ދެބަދުނާމް
( ސާދަވަނަބައި )
އެގޭގައި އިރުކޮޅަކު މަޑުކުރުމަށްފަހު ފިރާސާއި ވަދީފު ދިޔައީ ރިސާމުމެންގެއަށެވެ. އެއީއެގޭގައިއޭނާއުޅެދާނެކަމަށް ބަލާފައެވެ. އެގޭގައިކަންތައްތަކެއް ހިނގާފައިވީ ނަމަވެސް އެކަމަކަށް ބަލާކަށް އެދެޒުވާނުން ބޭނުމެއްނުވިއެވެ. ފިރާސާއި ވަދީފު އެގެއަށް ދިޔައިރު އެގޭތެރޭ އެއްވެސްމީހަކު ނެތެވެ. ގޭތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ދެތިންފަހަރަކު ސަލާންގޮވާލުމަށްފަހު އެއްވެސްމީހެއްގެ ހިލަމެއް ނުވުމުން ފިރާސާއި ވަދީފު އެކުގައި ކަހަލަގޮތަކަށް އެގެއަށްވަނެވެ. އެގޭތެރޭން މީހެއްގެ ހިލަމެއްނުވި ނަމަވެސް ގޭގައިވާ ހޮޅިބުރިތައްދިއްލައި އަލިކޮށްފައިވެއެވެ.
ގޭތެރެބަލަމުން ބަލަމުންގޮސް ފިރާސާއި ވަދީފު ވަނީގިފިއްޔަށެވެ. އެއާއެކުހެން އެމީހުންގެ ލޮލުގައި އަޅައިގަތީ ބަނޑުވަތަށް ކަހަލަގޮތަކަށް ވެއްޓިފައިއޮތް ރިސާމެވެ. ވަދީފާއި ފިރާސް އަވަސް އަވަހަށް ގޮސް ރިސާމު ނަގާ ބަލާލިއިރު އޭނާ އޮތީ މަރުވެފައެވެ. އޭރު އޭނާގެ ނޭވާހޮޅި ބުރިކޮށްލާފައިވާކަން ވެސް ހަމައެސިކުންތުގައި ފާހަގަކުރެވުނެވެ. އޭރު އޭނާގެ ގައިގަ އާއި އެތާހުރި ދެރުކުގެ ފަންތަކުގައިވަނީ ލެޔެވެ. ހަމައެހެންމެ މޫނުމަތިންނާއި ގައިގެ އެތަންމިތަނުގައި ވެލިއުނގުޅިފައި ވެސް ވެއެވެ.
ވަދީފާއި ފިރާސް އެކަމާބެހޭގޮތުން ކުޑަކޮށްވާހަކަ ދައްކާލުމަށްފަހު ފިރާސް ވަރަށް އަވަހަށް މަގަށްނުކުމެ ދެތިންމީހަކު ހޯދައިގެން އައެވެ. އަދި އެމީހުންގެ އެހީއާއި އެކުގައި ރިސާމުގެ މަސްގަނޑު ގޭތެރެއަށް ވެއްދިއެވެ.
ރިސާމުގެ މަރުގެ ޚަބަރު ރަށުތެރެއަށް ފެތުރިގެންދިއުމާ އެކުހެން އެގެކައިރިއަށް މީހުންތައް ޖަމާވާންފެށިއެވެ.
ގާތްގާތުގައި ހިނގާދިޔަ ނާމާންބިރުވެރި ތިންމަރުގެ ސަބަބުން އެހިސާބުގައި ދިރިއުޅެމުންދާ މީހުންތައް ބިރުގަނެ ހާސްވާންފެށިއެވެ. އަދި އެހިސާބުގައި ދިރިއުޅެމުންދާމީހުންތައް އެކަމާބިރުން އެހިސާބުދޫކޮށްލާފައި އެހެންގެތަކަށް ބަދަލުވާންފެށި އެވެ.
ރިސާމު މަރުވިވާހަކަ ބުނުމާއެކުހެން ސެނާއާއި ރައިނާގެ ޚަބަރު ހުސްވެއްޖެއެވެ.
މުޅިރަށަށް ވެރިވެފައިވަނީ ނާމާންކަމުންފުރިގެންވީ ބިރުވެރިކަމުގެ އަސަރުތަކެވެ. ހަމައެހެންމެ އެކަމުގެސަބަބުން ވެރިވެފައިވާ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ. ބައެއްމީހުންތިބީ ގެއިންނުކުންނާން ވެސް ނުކެރިފައެވެ. ކަންތައްވެފައިވާގޮތް ފެނުމުން މިކަންކަންގުޅިފައިވަނީ ރޫހާނީކަމަކާއި ކަމުގައި ގިނަބަޔަކު ބުނަމުންދިޔައެވެ. އެހެނަސް ގިނަބަޔަކު ތިބީ ހާސްވެ ހަދާނެގޮތް ހުސްވެފައިވާ ފަދައަކުންނެވެ. ރޫހާނީބާރުތަކާއި ކުރިމަތިލުމަށްޓަކައި އެންމެމުހިންމީ ފަންޑިތަކަމުގައި ގިނަބަޔަކު ގަބޫލުކުރަމުންދާއިރު އެކަމަށް އެންމެކުޅަދާން މީހާ ވަނީ މަރުވެފައެވެ. ތަކުރުބޭ މަރުވެދިޔައީ އެކަމާދެކޮޅަށް ހަނގުރާމަކޮށް އެކަމުގައި ކުރިމަތިވި ނާކާމިޔާބުގެ ސަބަބުންނެވެ.
ރިސާމު ހިނަވާ ކަފުންކޮށް ވަޅުލުމުގެ ކަންތައް ނިމުނީ އެރޭގެދިހައެއްޖަހާކަން ހާއިރުއެވެ.
ވަގުތުތައް ފާއިތުވަމުން މެންދަންވުމާއި ގާތްވަމުންދިޔައިރު ރަށުގެ މަގުތަކުންނާއި ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއިފަޅުކަމެވެ. ކުއްލިއަކަށް މިދިމާވި ކަންތައްތަކުގެ ސަބަބުން އެންމެންކަހަލަގޮތަކަށް އެކަމާ ރޮއިހިތާމަކުރަމުންދިޔައިރު މަގެއް މަތިން މީހަކު ނުފެނެއެވެ. ހީވަނީ ފަޅުރަށެއްހެންނެވެ.
ރިސާމުގެ މަރަށްފަހު ސެނާގެ ދިރިއުޅުން އޭނާގެމާމަ ރައިނާ ގާތަށް އެގެއަށް ބަދަލުކުރިއެވެ. އޭގެފަހުން ސެނާ އެގެއަށް އަންނަނީ ވަރަށްމަދުންނެވެ. އެއީވެސް ދުވާލުގަޑީގައި އެކަންޏެވެ.
ޖުމާނާއާއި ރިސާމު މަރުވުމުން ސެނާ ވަރަށް އެކަނިވެރިވިއެވެ. ހަމައެހެންމެ އެކަމުގެސަބަބުން ލިބެމުންދިޔަ ހިތާމައާއިހިތްދަތިކަން ދުވަހަކަށްވުރެދުވަހެއް އިތުރުވަމުން އެކަނިވެރިކަން އިހުސާސްވަމުންދާން ފެށިއެވެ.
މައިންބަފައިންމަރުވެ އެކަނިވެރިވުމުން ހިތަށްލިބުނު މާޔޫސްކަމާއި އެކަނިވެރިކަން ފިލުވާލުމަށް، އެންމެރަނގަޅު ގޮތަކީ އަނެއްކާވެސް މާހާއި ބައްދަލުކުރުން ކަމުގައި ސެނާއަށް ވިސްނުނެވެ.
ތަކުރުބެ އާއި ރިސާމު މަރުވިފަހުން ހަފްތާއެއްހާދުވަސް ފާއިތުވެ ދިޔައިރުވެސް ރަށުތެރޭގައިވާ ހަމަހިމޭންކަމާއި ފަޅުކަމަކަށް ބަދަލެއްނާދެއެވެ.
ދުވަހުގެ ހަވީރުވަގުތެވެ. އޭނާގެ އާއިލާ ކުރިންއުޅުނުގެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގައި އުޅެމުންދިޔައިރު ވެސް ސެނާ ވިސްނަމުންދިޔައީ މާހާއި ބައްދަލުކުރާނެ ގޮތަކާއި މެދުގައެވެ.
ވަގުތުތައް ފާއިތުވަމުންއައިސް މަޣުރިބުނަމާދު ވަގުތުވާން ކައިރި ވެއްޖެއެވެ. މާމަގޭދޮރޯށިކައިރީގައި މަޑުކޮށްލާ ގެންހުރި ސެނާއަށް މާހުފެނުނީ ކުއްލިއަކަށް ކަހަލަގޮތަކަށެވެ. އޭރު މާހު މިސްރާބުޖަހާފައިވަނީ ރަށުގެ ހުޅަނގުކޮޅާއި ދިމާއަށެވެ. އޭނާ އެދަނީ އެދެމީހުންބައްދަލުކުރާ ފަޅުގެއާއިދިމާއަށް ކަމުގައި ސެނާ އަމިއްލައަށްނިންމިއެވެ. ހަމައެހެންމެ އޭނާ އެހެންއެދަނީ ސެނާއަށް ފެނިލާފައި ދާންކަމަށްވެސް ސެނާ ނިންމިއެވެ.
ވަރަށް ސަޢުޤުވެރިކަމާއެކު ވަށައިގެންހޯދާލިއިރު އެދެމީހުންފިޔަވާ އެހެންމީހަކު އެމަގުމަތިން ފެންނާކަށްނެތެވެ. އެހެންވެ މާހުގެފަހަތުން ކަހަލަގޮތަކަށް ސެނާ ވެސް ހިނގައިގަތެވެ.
މާހުގެފަހަތުން ހިނގަމުންދިޔަ ސެނާއަށް މާހުގެއްލުނީ އެކަމާމެދު ކުޑަކޮށްވެސް ވިސްނާނުލާ ހުއްޓައެވެ. އެހެންވެ ސެނާ ކޮންމެވެސްވަރަކަށް ކަންބޮޑުވިއެވެ ކުޑައިރުކޮޅަކު ވިސްނާންހުރުމަށްފަހު މަޣުރިބުނަމާދު ބަންގިގޮވައި ނިމުމުން ސެނާ ގޮސް އެގޭތެރެއަށް ވަނެވެ.
އެގޭތެރެއަށް ސެނާ ވަތްއިރު އެގޭތެރޭގައި މާހު ހުއްޓެވެ. އެއާއި އެކުހެން ސެނާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެންދިޔައެވެ. އާދައިގެ ހިނގުމެއްގައި ސެނާ ގޮސް މާހުގެގާތަށް ހުއްޓުނުއިރު އޭނާގެދެލޮލުން ކަރުނަހިލިއްޖެއެވެ.
ޖުމާނާއަށްފަހު ރިސާމު މަރުވުމުން އެކަމުގެ ހިތާމާގައި ބައިވެރިވާ ކަމަށްބުނެ ސެނާއަށް ހިތްވަރާއި ނަސޭހަތްދިނުން މުހިންމުކަމެއްކަމުގައި މާހު ދެކިއެގޮތަށް ޢަމަލުކުރިއެވެ. އެކަމުގެސަބަބުން ސެނާއަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއްލިބިގެން ދިޔައެވެ.
ސެނާއާއި މާހު މިރޭވެސް އެދެމީހުންގެ ލޯބީގެ އިސްޤީ މަސްތީ ބައްދަލުވުން ނިންމާލީ އެހެންރޭރޭ އެކޭ ވެސް އެއްފަދައިން އިޝާނަމާދުވަގުތުވާން ކައިރިވުމުންނެވެ. މާހާއި އެކުގައި ވަގުތުކޮޅެއް ހޭދަކުރެވުމުން ސެނާ ހުރީ ކޮންމެވެސްވަރަކަށް ހަމައަކަށް އެޅިފައެވެ.
ސެނާގޮސް ގެއަށްވަތްއިރު އޭނާގެ އިންތިޒާރުގައި ގޭފެންޑާތެރޭގައި އޭނާގެ މާމަ ރައިނާ ހުއްޓެވެ.
” ދަރިފުޅާ ސެނާ ! … ކޮންތާކުން ތިއައީ ؟ “ސެނާއާއި ދިމާއަށް ބަލާލަމުން މަޑުމައިތިރިކަމާއެކު ރައިނާ އަހާލިއެވެ.
ސެނާއާއި ރައިނާ ސުވާލުކުރިނަމަވެސް ސެނާ އެއްވެސްޖަވާބެއް ނުދެއެވެ.
” ސެނާ! ކީއްވެ ޖަވާބުނުދިނީ ؟ ….. މާމަ ރުޅިއެއްނާދެޔޭ. ރީތިކޮށް ތެދުބަހުންބުނޭ. ” ރައިނާގެސުވާލަށް ސެނާ ޖަވާބުނުދިނުމުން ރައިނާ އަނެއްކާ ވެސް އެހިއެވެ.
” މާހުއާ ބައްދަލުކޮށްފައި. ” މަޑުމަޑުން ސެނާބުނެލިއެވެ. މާހު އާއި ސެނާ ބައްދަލުކުރި ވާހަކަބުނުމުން ރައިނާ ވަރަށްހައިރާންވިއެވެ. އެހެނަސް އެއީ މާބޮޑުކަމަކަށް ނަހަދައެވެ.
” ކޮންތާކުން ބައްދަލުކުރީ ؟ “އަނެއްކާވެސް ރައިނާ އަހާލި އެވެ. އޭރުވެސް އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ އާދައިގެ ގޮތެކެވެ.
” ހުޅަންކޮޅު ހުންނަ ފަޅުގެއެއްގައި. ” މިފަހަރުވެސް ސެނާ ޖަވާބުދިނީ މަޑުމަޑުންނެވެ.
” ސުބުޙާނަށް ﷲ …. މީގެފަހުން އެކަހަލަ އެއްވެސްތަނަކަށް ނުދާތި. ތިއީ ދަރިފުޅުގެ ހަލާކު. މާހުގާތު ބުނޭ ބައްދަލުކުރާން މިގެއަށް އަންނާށޭ. ” ސެނާއަށް ނަސޭޙަތްދޭ ފަދައަކުން ރައިނާ ވާހަކަދެއްކިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



މިބައިވެސް ރީތި