
ގާތުގާ…. – 67

” ދެޓް ބާސްޓާރޑް…. ހައްހައްހާ…. ދެން ސަލާމަތެއް ނުވެވޭނެ…. ” އަހަރެން ހަމައެކަނި އަހަރެންގެ ނަފްސަށް އަޑު އިވޭ ވަރަށް ބުނެލީމެވެ. ފޯނުން މެސެޖެއް އާކިފް އަށް ފޮނުވައިލަމުން އަހަރެން ކޮޓަރިއަށް ދިޔުމަށްޓަކައި ހިނގައިގަތީ ހިތްހަމަ ޖެހިފައިވީ ހިތަކާއި އެކުގައެވެ.
*****
**********
ޗެޕްޓާ 23
ޒާނާ
” ހޫމް ދެން ބުނެބަލަ… ކިހިނެތް ހަނީ މޫން ދިޔައީ… މަޖާ ތަ؟ ނަވީން ރަނގަޅުތަ….؟ ޒާނާ އުފާވޭތަ ދެން….؟ ” އަހަރެންނާއި ޖަނާ ތިބީ ރެސްޓޯރަންޓުގެ މަތީ ބުރީގައެވެ. މެންދުރުގެ ހޫނު ވަގުތަށް ވުމުން އެ މާހައުލުވެސް ފެންނަނީ ފުދޭ ވަރަކަށް ހަލަބޮލިކޮށެވެ. ކައިވެންޏަށް ފަހު ދިމާވި ފުރަތަމަ ފަހަރު ކަމުން ޖަނާގެ ސުވާލުތަކާއި އަހަރެންނަށް ކުރިމަތިލާން ޖެހުނެވެ.
” އެއްކަލަ ޖަނާ… އެނގެޔޭ ހަމަ ސުވާލު ފައްޗެއް ކޮށްލާނެކަން އެންމެ ފުރަތަމަ ވެސް…. ހައްހައްހާ… ތިތަނުން ކޮން ސުވާލަކަށް ތަ ދެން އަހަރެން ފުރަތަމަ ޖަވާބު ދޭންވީ ވެސް…..” އަހަރެން ހިނިގަނޑެއް ޖަހައިލަމުން ބުނީމެވެ.
” އޯކޭ ކޮންމެ ސުވާލަކަށް ވިޔަސް… ދެން ތިހެން ނީނދެ ކިޔާ ދީބަލަ… އަހަރެން ވެސް ބޭނުން ވާނުން އަހަރެންގެ ބެސްޓީ ހުރީ އުފަލުންތޯ ހިތްހަމަ ޖެހިގެންތޯ ބަލަން….” ޖަނާ ބުނެލިއެވެ.
” ހީވޭތަ އުފާ ނުވެ ހުންނާނެ ހެން…. އެންމެ ބޭނުންވި މީހާއާއި އިނދެގެން ވިއްޔާ ދިޔައީ….” އަހަރެން ނުސީދަލަށް ޖަވާބު ދިނީމެވެ. ކައިވެނީގެ ރޭގެ ކަންތައްތައް ޖަނާއަށްވެސް ސިއްރު ކުރީމެވެ. އެއީ ދައްކަން ލަދުވެތި ވާހަކަ އަކަށް ވީމައާއި ވެސް އެކުގައެވެ.
” އެހެން ވީމަ ވަރަށް ހެޕީ ދޯ… އަލްހަމްދުލިއްލާހި… ތި ނިމުނީ…” ޖަނާ އަހައިލިއެވެ.
” ހޫމް ވަރަށް ހެޕީ… ހުރިހާ ކަމެއްވެސް ރަނގަޅު ނަވީންވެސް ވަރަށް ރަނގަޅު ހަމަ…” އަހަރެން ބުނީމެވެ.
” ދެން މުޅިން އާ ގެއަކަށޭނުން ތި ދިޔަ ދެވުނީ… ކިހިނެތްތަ ގެ… ގޭގަ ކޮންބައެއް އުޅެނީ…..؟ މަންމަ މިސްވޭ ދޯ ވަރަށް….؟” ޖަނާ އަހައިލިއެވެ.
” ގެ ވެސް ރަނގަޅު ހަމަ… މާ ބައިވަރު މީހުނެއް ނޫޅެޔޭ.. އަހަރެންނާއި ގޭގަ ގެންގުޅޭ ދެމީހުންނާ ނަވީންއާއި ދެން ނަވީން ބައްޕަވެސް ވަރަށް މަދުން ފެނިލަނީ… ވަރަށް ބެސްޓު ހަމަ…” އަހަރެން ތަފްސީލު ކޮށްދިނީމެވެ.
” ރޭގަ ދިޔައިން މަންމަ ކައިރިއަށްވެސް…. މަންމަ އަހަރެން އެހެން ގެޔަކަށް ދިޔައީމަ ވަރަށް އެކަނި ވާނެ ކަންނޭނގެ… އެކަމަކު ވަރަށް އުފަލުން ރޭގަ އަހަރެން ދިޔައީމަ ހުރީވެސް…. ކުޑަކޮށް ދެރަވެސް ވޭ މަންމަ އެކަނި ކޮށްލަން ޖެހުނީމަ… މަންމަ ބުނި ފަހަރެއްގަ ބޮޑުދައިތަ ކައިރިއަށް އިންޑިއާއަށް ބަދަލުވާ ވާހަކަވެސް… އެހެން ވެއްޖެއްޔާ ރަނގަޅު… އޭރުން މަންމަ އެކަންޔެއް ނުވާނުން ދޯ…. ” އަހަރެން ބުނީމެވެ.
” ޔާ އެކަނި ޥާނެ އެކަމަކު އަހަރެން ވެސް މިހުރީނުން… އަހަރެންވެސް ދޭތެރެ އަކުން ވަދެލާނަން ޒާނާ މަންމަ ކައިރިއަށް… ސޯ ހާސް ނުވޭ… ރަނގަޅު ވާނެ ހުރިހާ ކަމެއް ވެސް….” ޖަނާ ބުނެލިއެވެ.
” ހޫން… ދެން ބުނެބަލަ ޖަނާ ކިހިނެތްތަ….؟” އަހަރެން އެކުވެރިޔާގެ ހާލު އަހައިލީމެވެ.
” އަހަރެންވެސް ހަމަ ރަނގަޅު… އެބައޮތް ވާހަކައެއް ބުނަން ވެފަ… ލިއަމް އަށް އެކަނި އިނގޭ އަދި އެނގޭނީ…..” ޖަނާ ބުނަން އެ އުޅޭ އެއްޗަކަށް އަހަރެންގެ ޝައުގުވެރިކަން ދަމައިގަތެވެ. ހަށިގަނޑު ސީދާ ކޮށްލަމުން ޖަނާއަށް ހުރިހާ ސަމާލުކަމެއް އަހަރެން އަނބުރައިލީމެވެ.
” ކޮން ވާހަކައެއް ބުނެބަ….” އަހަރެން ބުނީމެވެ.
” އަހަރެން ޕްރެގް….” ވަރަށް ބޮޑަށް ހިނިތުންވެ އިނދެ ޖަނާ ބުނެލިއެވެ.
” އޯ މައި ގޯޑް…..” އަނގަމަތީގައި އަތް އަޅާއިލަމުން އަހަރެންނަށް ދެލޯ ބޮޑު ކޮށްލަމުން ބުނެވުނެވެ.
” ކޮންގްރެޓްސް ޖަނާ…..” އަހަރެން އަނގަމަތީގައި އެޅި އަތް ނަގައި ޖަނާގެ އަތުގައި ހިފަމުން ނިކަން އުފާވެފައި ހުރެ ބުނެލީމެވެ.
” އަޅޭ ހާދަ އުފާ ވެއްޖޭ…. ވަރަށް އުފާ ވެއްޖެ…. ލިއަމް ކީކޭ ބުނީ….” އަހަރެން ޖަނާގެ އަތުގައި ހިފައި ތަޅުވައި ގަންނަމުން އަހައިލީމެވެ.
” ވަރަށް އުފަލުން ހުރީ… ތެދަށް ބުނަންޔާ އަހަރެން ނުދެކެން ލިއަމް އެހާ އުފާވެފައި ހުއްޓައެއް… އަސްލު ކައިވެންޏަށް ފަހު ފިރިހެނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީވެސް އުފަލަކީވެސް ރަނގަޅު ސޯލިހު އަންބަކާ ދަރިންނާ ދޯ… ދަރިންނަކީ ލޮލުގެ ފިނިކަން… ކައިވެނީގެ ގަހުގަ އަޅާ ފޮނި ފޮނި މޭވާއެއް… ދަރިންނަކީ ކައިވެނީގެ ގުޅުންވެސް ވަރުގަދަ ވާ ކަމެއް… އަހަރެން ޕްރެގްކަން އެނގުނު ފަހުން ލިއަމް އަދި މާ ކެއާރ ކުރޭ… އަބަދު ބަލާ ކައިގެންތޯ ހުރީ… އުނދަގުލެއް ވޭތޯވެސް… މިހާރު ގޭގެ އެއްވެސް ކަމެއް ކުރިޔަކަވެސް ނުދޭ…..” ހިނތުންވެކަމުން ނުހަނު އުފަލުން އިނދެ ޖަނާ ކިޔައި ދިނެވެ. ޖަނާގެ ވާހަކަތަކުން ޖަނާ އިނީ ވަރަށް އުފާވެފައިކަން އަހަރެންނަށް އެނގުނެވެ. އަހަރެންވެސް އަހަރެންގެ އެކުވެރިޔާއަށްޓަކައި އުފާ ކުރީމެވެ. ނަމަވެސް ޖަނާގެ ވާހަކަތަކާއި ދޭތެރޭގައި ވިސްނާލަން އަހަރެންނަށް ޖެހުނެވެ. އެއީ އަހަރެން އަހަރެންގެ ހަޔާތުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް އެ ވާޙަކައިގެ ތެރޭގައި ނޭގި ނަމަވެސް ޖަނާ ހިމަނާލާފައި ވީތީއެވެ.
” ދެން ޒާނާ ކޮން އިރަކުން ބޭބީއެއް ހޯދާނީ….؟” އަހަރެނަށް ހިޔާލުތަކުން ނިކުމެވުނީ ޖަނާގެ އަޑަށެވެ.
” އޭނ… ކީކޭ…؟” އަހަރެންނަށް އަހައިލެވުނެވެ.
” އަހަރެން ބުނީ ކޮންއިރަކުންހޭ ޒާނާމެން ބޭބީއެއް ހޯދަން ވިސްނަނީ….” ޖަނާ އަނެއްކައިވެސް ބުނެލިއެވެ.
” އަދި ނޭނގެ… އެކަހަލަ ވާހަކައެއް ނުވެސް ދައްކަން އަދި….” އަހަރެން ކުރު ޖަވާބެއް ދިނީމެވެ.
” އަހަރެންނަށް ހީވަނީ ނަވީން އެހާ އަވަހަކަށް ނޫޅޭނެ ކަންނޭނގެ ދަރިއެއް ހޯދާކަށް ދޯ… އޭރުން ޒާނާއާއިއެކުގައި ހޭދަ ކޮށްލާނެ ޓައިމެއް ނުލިބޭނުން….” ލާނެތް ގޮތަކަށް ހީލަމުން ޖަނާ ބުނެލިއެވެ.
” އެއްކަލަ ޖަނާ ދިމާ ކުރަން ފެށީ ދޯ….” އަހަރެން ހީލަމުން ބުނީމެވެ.
ގެއަށް އައިސް ވެސް އަހަރެން ޖަނާގެ ވާހަކަ ތަކާއި ދޭތެރޭގައި ވިސްނީމެވެ. އަހަރެންނާއި ނަވީންއާއި ދޭތެރޭގައި އަނބި ފިރިކަމުގެ ގުޅުމެއް ނުއުފައްދަ އަހަރެންނަށް މިހެން ހުރެވޭކަށް ނެތްކަން އަހަރެންނަށް އިހުސާސް ވިއެވެ. ކެތްތެރި ކަމާއިއެކުގައި ނަވީން ހުރި ކަމުގައި ވިޔަސް، އަހަރެން އެވަރު ދަންނަން އެބަ ޖެހެއެވެ. އަންބެއްގެ ފަރާތުން ލިބެންޖެހޭ ހިދުމަތްތައް މަދުވުމަކީ ނަވީންގެ ހިތް ކިތަންމެ ސާފު ނަމަވެސް އެ ހިތުގައި ކޫރުމެއް އެޅިދާނެ ކަމެއް ކަމުގައި އަހަރެންގެ ހިތް ބުނަން ފެށިއެވެ.
ދަންވަރު ނަވީން ގޯތިތެރޭގައި އިނދައި ފެނުން އަހަރަންނަށް ވަނީ އާންމު ކަމަކަށް ވެފައެވެ. އެއިން ނަގަންވީ މާނައެއް އަހަރެންނަށް ވަނީ ނޭނގިފައެވެ. ރޭގަނޑު ނުނިދައި ނަވީން ކޮޓަރިން ބޭރަށް ދާން ޖެހެނީ ކީއްވެގެންކަން އަހަރެންނަށް އެނގި ހުރެ އެކަން ރަނގަޅު ކުރަން އަހަރެން ހިތްވަރެއް ނުލާންވީ ހެއްޔެވެ؟ ހިތްވަރު ކޮށްލާފައި ބިރާއި ކުރިމަތިލައި ނަވީންގެ ހިތަށް ތަސައްލީއެއް ހޯދައިދޭންވީ އަހަރެން މަސައްކަތް ކޮށްފީމެވެ. ކޮންމެ ފަހަރަކުވެސް ޖެހެނީ ނާކާމިޔާބީއާއި ކުރިމަތިލާށެވެ. ހިތްވަރު ނެރެންވީ ކިހިނެތް ކަމެއް އަހަރެންނަށް ވަނީ ނޭނގިފައެވެ. ގިނަ ފަހަރު ފަހަރު އިސް ނަގަންވެސް އހަރެންނަށް ވަނީ ނުކުޅެދިފައެވެ.
ނަވީންގެ ހިތް ކިތަންމެ ސީދާ ކަމުގައި ވިޔަސް އެއީވެސް އިންސާނެކެވެ.. ފިރިހެނަކަށް ވެ ހުރެ ޝައިތާނާގެ ބަހަށް ހެއްލިދާނެ ކަމުގެ ބިރު އަހަރެންގެ ހިތުގައި ދުވެލިއެވެ. އަދި އަމުދުން އަންބެއްގެ ފަރާތުން ލިބެން ޖެހޭ ފިރުމުންތައް ނުލިބޭ ނަމަ އެފަދަ ގޯޅިއެއް އެޅުން ގާތެވެ.. ވުން ނާދިރު ކަމަކަށް ވިޔަސް އަހަރެންގެ ހިތުގައި އެ ބިރު ވަކި ހިއްޕިއެވެ.
ލޯގަނޑުގެ ކުރިމަތީގައި ހުއްޓި ހުރެ އަހަރެންގެ އަމިއްލަ ސޫރައަށް އަހަރެން ބަލައިލީމެވެ. ބުރުސޫރަ ކިތަންމެ ޗާލަސް އޭގެ ބޭނުމެއް ކޮބައިހޭ އޭގެ ފައިދާއެއް ކޮބައިހޭ އަހަރެންގެ ހަވާނަފްސު ބުނެލި ކަހަލައެވެ. އަމިއްލަ ފިރިމީހާއަށް އުފަލެއް ނުދެވޭ ބޭނުމެއް ނެތް ބޭކާރު އަންބެއް ކަމުގައި އަހަރެންގެ އަމިއްލަ ނަފްސު ބުނަމުން، މަލާމާތް ކުރަމުން ދިޔައެވެ. ނަވީންފަދަ މާތް ފިރިއަކަށް އަހަރެން ކަހަލަ އަންބެއް ހައްޤު ނޫން ކަމުގައި އަހަރެންގެ ހިތް ގޮވަމުން ދިޔައެވެ. ދެ ލޮލަށް ކަރުނަ ގިނަވީ އިހުތިޔާރަކާއި ނުލައެވެ.
ސިއްސައިގެން ގޮސްފައި އަހަރެންނަށް ހޭލެވުނީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އޭރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ސައިޑް ޓޭބަލް މަތީގައި ދިއްލާފައިވީ ބޮކީގެ ފަނޑު އަލިކަން ނޫނީ ކޮޓަރި ތެރެއަކު ނުވެއެވެ. އަވަސް އަވަހަށް އަހަރެން ފާރުގައިވީ ސުވިޗުތައް ޖައްސައިލީމެވެ. ކޮޓަރި ތެރެއަށް ފެތުރިގެން ދިޔަ ހުދު އަލިން އަހަރެން ކުޑަކޮށް ހިތުގެ ހަމަޖެހުން ލިބުނެވެ. ފެންފުޅި ނަގައި ބޮއެލަމުން އަހަރެން އެނދުގެ ނަވީން އޮންނަ ފަޅިއަށް ބަލައިލީމެވެ. ހިތް މާޔޫސް ކުރުވި ނަވީން ނެތުމުންނެވެ. މިރޭވެސް ބޭރަށް ނިކުތީކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންނަށް ފާހާނާގެ ދޮރާއި ދިމާއަށް ބަލައިލެވުނީ މާގަނޑުން ފެން އޮހޭ އަޑު އިވުމުންނެވެ. އިހުތިޔަރަކާއި ނުލައި ފާރުގައި ހުރި ގަޑި ބަލައިލެވުނީ ގަޑިން ވީ އިރެއް ބަލައިލުމަށެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހަން ގާތް ވަނީއެވެ. މިގަޑީގައިވެސް ނަވީން ފެންވަރަނީ ކީއްވެގެން ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ނަވީންއާއި ވަރަށް ނުގުޅޭ ކަމަކަށް އެކަން އަހަރެންނަށް ވިއެވެ. މަޑުމަޑުން އެނދުން ތެދުވެގެން އަހަރެން ފާހާނާއާއި ދިމާއަށް ދިޔައީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ.
ފާޙާނާގެ ދޮރު މަޑުމަޑުން ހުޅުވައިލަމުން އަހަރެން އެތެރެއަށް ބަލައިލީމެވެ. ތަނަވަސް ބޮޑު އެ ފާހާނާގެ ފެންވަރަން ހާއްސަ ކުރެވިފައިވީ ބައިގައި އޮހޮރެމުން ދިޔަ ފެންތަކުގެ ދަށުގައި ނަވީން ހުއްޓެވެ. ފާރުގައި ދެއަތް ވިއްދައިލައިގެން އިސްދަށަށް ޖަހާލައިގެން ހުރެ މާނޭވާތަކެއް އޭރުވެން ނަވީން ލަނީއެވެ.
މަޑުމަޑުން އަހަރެން ފާހާނައަށް ވަދެ ފެންވަރަން ހާއްސަ ކުރެވިފައިވީ ބައިގެ ބިއްލޫރި ގަނޑާއި ގާތް ވެލީމެވެ. އެވަރުންވެސް ނަވީންއަށް އަހަރެންގެ ހިލަމެއް ވީ ހެނެއް ހިއެއް ނުވއެވެ. އެ ބޮލު ތެރޭގައި ހިނގަނީ ކޮން ހިޔާލުތަކެއް ހެއްޔޭ އަހަރެންގެ ހިތް ސުވާލު އުފެއްދިއެވެ. އަހަރުތަކަކަށްފަހު އެފަދަ ހާމަކަން ބޮޑު ގޮތަކަށް ނަވީން ފެނުނު ފުރަތަމަ ފަހަރު ކަމުން އަހަރެންގެ ހިތަށްވެސް ގޮތެއް ވެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.