
ގާތުގާ…. – 66

ޒާޏާ ތައްޔާރު ވެގެން ނިކުންނަދެން އަހަރެން ސޯފާގައ އިށީނދެލީމެވެ. އެވަގުތު އާކިފްގެ މެސެޖެއް އައިސްގެން އަހަރެން ފޯނު ނަގައި ބަލައިލީމެވެ.
” މާދަމާ ރޭ….؟” ކުރު އެ މެސެޖުގައިވީ ކީކޭކަން އަހަރެންނަށް ފަހުމް ވިއެވެ.
” ހެކި…..؟” އަހަރެން ކުރު ސުވާލެއް ކޮށްލީމެވެ.
” އަދި އެހާ ނެތް….” އާކިފްގެ ޖަވާބު އައެވެ.
” ލިބުނީމަ އުޅޭނީ…..” އަހަރެން ޖަވާބު ލިޔެފައި ފޮނުވައިލީމެވެ.
” އޯކޭ ސާރ…..” އާކިފް ބުނެލިއެވެ.
****
ޒާނާގެ މަންމަމެން ގެއަށް އަހަރެމެންނަށް ދެވުނު އިރު ރޭގަނޑު ހަތެއް ޖަހައި ބޮޑުވެއްޖެއެވެ. އަހަރެމެންނަށް ހޫނު މަރުހަބާއެއް ޒާނާގެ މަންމަ ކިއެވެ. އަމިއްލަ ދަރިއެއް ފަދައިން އަހަރެންގެ ގައިގާ ބައްދާލާ ފިރުމާލާ ހެދިއެވެ. މަންމައެއްގެ ލޯބި އެ ހިނދުކޮޅުގެ ތެރޭގައި އަހަރެންނަށް އިހުސާސް ވެގެން ދިޔައެވެ. އަހަރެންގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް ޒާނާއާއި ދޭތެރޭގައި ކަންތައް ކުރާނީ ވެސް ހަމަ އެހާ އޯގާތެރިކޮށްކަން އަހަރެންނަށް އެނގުނެވެ.
ގަޑިން އެގާރަވެސް ޖަހައި ބޮޑުވި ފަހުން ގެއަށް އައުމަށް އަހަރެމެން އެ ގެއިން ނިކުތީމެވެ. އެކި އެކި ވާހަކަ ދައްކަމުން މާލެ ވަށައި ބުރެއް ޖަހައިލުމަށްފަހު އަހަރެމެންނަށް ގެއަށް އާދެވުނު އިރު ވަރަށް ދަން ވެއްޖެއެވެ. ވެފައި ހުރި ވަރުބަލި ކަމުގައި ޒާނާ ބޭނުންވީ އަވަހަށް ނިދާށެވެ. ނިދާ ހެދުން ލައިގެން އައިސް އަހަރެންގެ ގާތުގައި އޮށޯވެލަމުން ޒާނާ އަހަރެންގެ ގައިގާ ބައްދާލަމުން އަހަރެންގެ މޫނަށް ބަލައިލިއެވެ.
“ކިހިނެތްވީ….؟” ފޯނު އެއްކައިރީގައި ބާއްވައިލަމުން އަހަރެން ޒާނާގެ މޫނަށް ބަލައިލަމުން އަހައިލީމެވެ.
” ކަމެއް ނުވޭ…. ހިތަށް އެރީ ނަވީން ހާދަ ރަނގަޅޭ އަސްލު….” ޒާނާ ބުނެލިއެވެ.
” ދެން….؟ ގޯސް ވާންވީތަ…..؟” އެއް ލޯ މަރައިލަމުން ސަކަ ގޮތަކަށް އަހަރެން އަހައިލީމެވެ.
” ދެން މީނަ…. ކޮމްޕްލިމެންޓެއްވެސް ނޭނގޭނެ ބަލައިގަންނާކަށް…..” އަހަރެންގެ މޭގައި އަތް އަޅައި ކޮށްޕައިލަމުން ޒާނާ ތުންކޮޅު ދަމައިލިއެވެ… ހީލަމުން އަހަރެން ޒާނާ ގެނެސް ގަޔާއި ބޮނޑިކޮށްލީމެވެ.
” އޯކޭ ދެން ތެންކިއު….. ވަރަށް އުފާ ވެއްޖެ… އަހަރެން ކަމެއް ރަނގަޅު ކުރަން ވިޔަސް ޒާނާ ބުނައްޗޭ އިނގޭ… އަހަރެން އެ ކަމެއް ރަނގަޅު ކުރާނަން…” އަހަރެން ޒާނާގެ ނިއްކުރީގައި ބޮސް ދެމުން ބުނީމެވެ.
“އޯކޭ… އެކަމަކު ހިއެއް ނުވޭ ނަވީން ރަނގަޅު ކުރަން ޖެހޭނެ ކަމެއް އޮންނާނެ ހެނެއް….” ޒާނާ ބުނެލިއެވެ.
” އެހެން ވިޔަސް… މިހާރު ކަމެއް ނުފެނުނަސް… ފަހުންވެސް ފެނިދާނުން…” އަހަރެން ބުނީމެވެ.
” ނޯ… ނުފެންނާނެ…..އަހރެންނަށް ނަވީން އެނގެޔޭ…” މަޖާ ރާގެއްގައި ޒާނާ ބުނެލިއެވެ.
” އެހެންތަ…؟ މައްސަލައެއް ނެތް…” އަހަރެން އެންމެ ފަހުން ހަތިޔާރު ބަހައްޓާ ފަދަ ގޮތަކަށް ދެއަތް ހިއްލައިލަމުން ހީލީމެވެ.
“އަހަރެން ވާހަކައެއް އަހާލަންތަ…؟” ޒާނާ ކުއްލިއަކަށް ކަމެއް ހަނދައިން ވެގެން ބުނާފަދަ ގޮތަކަށް ސީރިއަސް ވެލާފައި އަހައިލިއެވެ.
” ކިހިނެތްވީ….؟ އަހާބަލަ….” އަހަރެންނަށް ވެސް ސީރިއަސް ވެވުނެވެ.
“ނަވީންއަށް އުނދަގު ވޭތަ….؟ މިބުނީ އަހަރެންނާއި ގާތް ނުވެވޭތީ….” ވަރަށް ނުކެރިފައި އިނދެފައި އަހާލާފަދަ ގޮތަކަށް ޒާނާ އަހައިލިއެވެ.
” އެކަމާތަ ތި ކަންތައް ބޮޑުވީ…. އެއެއް އެއްވެސް ކަމެއް ނޫން.. އަހަރެންނަކަށް ނުވޭ އުނދަގުލެއް…. ޒާނާ…. އެހާ ބޮޑަށް ނުވިސްނަބަލަ… ” އަހަރެން އެއީ އެއްވެސް ކަމެއް ނޫނޭ ބުނާފަދަ ގޮތަކަށް ބުނީމެވެ.
“އޯހް… އަހަރެން ހީކުރީ އުނދަގުވެފަ ކަމަށް ހުންނާނީ… ސޮރީ އިނގޭ…. މާދަމާ ޖަނާއާއި މީޓް ކޮށްލަން ދާނަން އިނގޭ….” ޒާނާ ބުނެލިއެވެ..
“އެއީ އެއްވެސް ކަމެއް ނޫން….އޯކޭ ހަމަ ޒާނާ ބޭނުން މީހަކާ މީޓް ކުރަން ދާންވީ….” އަހަރެން ހިނިތުން ވެލަމުން ބުނީމެވެ.
ގަޑިން މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. މުޅި ކޮޓަރި ތެރެއަށް ވެރިވެފައިވީ ސައިޑް ޓޭބަލް މަތީގައި ދިއްލާފައިވީ ބޮކިން ދީފައިވީ ފަނޑު އަލިކަމާއި އޭސީގެ ފިނިކަމެވެ. މަޑު ތަންމަތީގެ އަރާމުކަން ހަށިގަނޑަށް އިހުސާސް ކުރުވަމުން ދިޔަ ކަމުގައި ވިޔަސް އަހަރެންގެ ދެލޮލާއި ނިދި ވަނީ ރުޅިވެފައެވެ. އަހަރެންގެ އެންމެ ގާތުގައި އަހަރެން އެންމެ ލޯބިވާ އަންހެން ކުއްޖާ ނިދާފައި އޮތް ކަމުގެ ހިތްހަމަޖެހުން ހިތަށް ލިބެމުން ދިޔަ ކަމުގައި ވިޔަސް އަހަރެންގެ ހަށިގަނޑަށް ލިބެންވާ ހިތްހަމަޖެހުން ވަނީ ލިބޭ ގޮތް ނުވެފައެވެ.
ސައިޑް ޓޭބަލް މަތީގައިވީ ގަޑިއަށް ނަޒަރެއް ދެމުން އަހަރެން ރަޖާގަނޑު ގައިމަތިން އެއްފަރާތް ކޮށްލަމުން އެނދުން ތެދުވީމެވެ. އެނދުގެ އަރިމަތީގައި އަތް ވިދެލަމުން ކުރިއަށް ކުޑަކޮށް ގުދުވެލައި ލޯމަރައިލީމެވެ. ފުން ނޭވާއެއް ލަމުން އަހަރެން ފަހަތަށް ކުޑަކޮށް އެނބުރިލުމާއިއެކުގައި ނިދީގެ ތެރެއަށް ގެނބިފައި އޮތް ޒާނާއަށް ބަލައިލީމެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ ޒާނާ އޮތް މައުސޫމުކަން ހިތަށް އެރުމުންނެވެ.
މިރޭ ދެން އެހާ ފަސޭހައިން ނުނިދޭނެކަން އަހަރެންނަށް އެނގުނެވެ. މިއީ އަލަށް އުޅެން ޖެހުނު ގޮތެއް ނޫން ކަމުން އަހަރެންނަށް ދެން ކަންތައް ކުރަންވީ ގޮތްވެސް ވަނީ ސާފުވެފައެވެ.
އެނދުން ތެދުވެ ބެލްކަނީގެ ދޮރު ކަހައިލުމާއިއެކުގައި ބެލްކަންޏަށް އަހަރެން ނިކުމެލީމެވެ. ހާމައަށް އޮތް އަހަރެންގެ ހަށިގަނޑުގައި މެންދަމުގެ ފިނިފިނި ވައިރޯޅިތައް ބީހިލާފައި ސަމާސާ ކުރަމުން ދިޔައެވެ. އެ ސަމާސާ ތަކުން އަހަރެންގެ ހިތުގައި އުފެދިފައިވީ ތޫފާން މައިތިރި ކުރާން މަސައްކަތް ކުރާ ފަދައިންނެވެ. ނަމަވެސް އެ ފިނި ކަމާއި ހިތްގައިމުކަމަށް ވެސް އަހަރެންގެ އެތެރެ ހަށީގައި ކެކި އުތުރި އަރަމުން ދިޔަ އެދުންވެރިކަމުގެ އަލިފާން ފިނިކުރެވޭ ގޮތެއް ނުވިއެވެ. ހިތް ކިތަންމެ އެދުނު ކަމުގައި ވިޔަސް އަހަރެންގެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ވަނީ އަހަރެންގެ އަތުގައެވެ. އަދި އަމުދުން ޒާނާއަށް މަޖުބޫރު ކޮށްގެން އަހަރެން އެއްވެސް ކަމެއް ނުކުރާނަމެވެ. ޒާނާ ތައްޔާރު ވަންދެން އަހަރެން ކެތްކުރަން ޖެހެއެވެ. ހިތުގައި އަތް އަޅާފައި އެ އިހުސާސްތައް އޮއްބާލަން ޖެހިފައިމިވަނީ އެހެން ވެގެންނެވެ. ލޯތްބާއި އަރާމާއި އުފަލަކީ މަޖުބޫރު ކޮށްގެން ހޯދޭނެ އެއްޗެއް ނޫނެވެ. އަދި ކައިވެނީގެ މަތިވެރި ގުޅުމަކީ މާތް ގުޅުމެކެވެ. އަނބިމީހާގެ މައްޗަށް ފިރިމީހާ އިސް ކުރައްވާފައި ވަނީ އެ މީނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭށެވެ.
ދަންވަރުގެ އެ ވަގުތުވެސް ގޯތިތެރެއަށް އަހަރެން ނިކުމެލީމެވެ. ކުރިމަތީގައިވީ ގަސްތަކަށް ނަޒަރު ހުއްޓައިލަމުން އަހަރެން ގޯތިތެރޭގައިވީ ބެންޗެއްގައި އިށީނދެލީމެވެ. ވެރިވެފައިވީ ހަމަހިމޭން ކަމާއި ބަގީޗާ ތެރޭގައި ދިއްލާފައިވީ ބޮކިން ދީފައިވީ ހަމަހިމޭންކަމެވެ.
އަތުގައިވީ ސިނގިރޭޓު ފޮށިން ސިނގިރޭޓެއް ނަގަމުން އަހަރެން ސިނގިރޭޓެއް ރޯ ކޮށްލީމެވެ. ބެންޗުގެ ލެނގޭބައިގައި ލެނގިލަމުން ފުރަގަހަށް ވާ ގޮތަށް އަތުގެ ދެ އުޅަނބޯށި އަޅުވައިލަމުން އަހަރެން މައްޗަށް ބަލައިލަމުން ފަޒާގެ ތެރެއަށް ދުންތަށް ދޫކޮށްލީމެވެ. ހަނދުވަރުވެސް ދީފައި ނުވާ ކަޅުފޮއެ ރެއެކެވެ. ދުރުދުރުގައި އެތުރިފައިވީ ކުދިކުދި މުތީތަކެއް ފަދަ ކުދިކުދި ތަރިތައް ނޫނީ ނުވެއެވެ.
” ނުނިދުނު ދޯ…..؟” ފަހަތުން އިވުނު އަޑުން އަހަރެން ފަސް އެނބުރި ބަލައިލީމެވެ. އޭރު ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ބައްޕަ އަހަރެންނާއި ދިމާއަށް އަންނަނީއެވެ. ހުސްގަޔާއި ނިދަންލާ ސްވެޓްޕޭންޓްސްއާއި އެކުގައި ހުރުމުން ބައްޕަވެސް ނިދަން އުޅެފައި އައީ ކަމުގައި އަހަރެން ނިންމީމެވެ.
” ބައްޕަވެސް ނުނިދަމޭނުން…..” އަހަރެން އިހު އިން ގޮތަށް އެނބުރިލަމުން ބުނެލިމެވެ. އަދި އަނެއްކައިވެސް ސިނގިރޭޓު އެތެރެއަށް ދަމައިލަމުން ފަޒާގެ ތެރެއަށް އޭގެ ދުންގަނޑު ދޫކޮށްލީމެވެ.
” ނިދަން އުޅެނިކޮށް ނަވީން ފެނިގެން މިއައީ….” ބެންޗުގެ އަނެއް ކޮޅުގައި އިށީނދެލަމުން ބައްޕަ ބުނެލިއެވެ.
“ހައް…..” ވައްކަޅިން ބައްޕައަށް ބަލައިލަމުން އަހަރެންނަށް ހީލެވުނީ ބައްޕަގެ އެ ވާހަކަ ގަބޫލެއް ނުކުރަމޭ ބުނާފަދަ ގޮތަކަށެވެ. އަހަރެންގެ އެ ނަޒަރު ބައްޕައަށް ނަގައިވެސް ގަނެވުނެވެ.
” އޯކޭ….” ދުރު ބަލައިލަމުން ބައްޕަ އެންމެ ފަހުން އެއްބަސް ވިއެވެ.
” ނަވީން ކީއްވެ ނުނިދަ ތިއިނީ…؟” ބައްޕަ އަހައިލިއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ދެވޭކަށް އަހަރެންނަކަށް ނެތެވެ. ގަސްތުގައި އަހަރެން އެއްވެސް ޖަވާބެއް ބައްޕަގެ އެ ސުވާލަށް ނުދިނީމެވެ. އެހެން ކަމުން ދެމެދަށް ވެރިވެގެން ދިޔައީ މަރުފަދަ ހަމަހިމޭން ކަމެކެވެ. ބައްޕަވެސް އަހަރެންގެ އެ ހަމަހިމޭން ކަމަށް އިހުތިރާމް ކުރިއެވެ.
އަހަރެންގެ އަތުގައި އޮތް ސިނގިރޭޓު ބައްޕައަށް ދިއްކޮށްލީ އަހަރެންނެވެ. އިންކާރު ކުރުމަކާއި ނުލައި އަހަރެން ދިން ސިނގިރޭޓުގައި ހިފައި ދަމައިލުމާއިއެކުގައި އަނބުރައި އަނެއްކައިވެސް އަހަރެންގެ އަތަށް ބައްޕަ ދިނެވެ. މިގޮތުގައި ވަގުތު ތަކެއް ފާއިތުވެގެން ދިޔައެވެ.
” މިއަދު ދެކުނިން ޒާނާ، ބަދިގޭގަ ހުއްޓަ…..” ބައްޕަ އެންމެ ފަހުން ބުނެލިއެވެ.
” ހޫމް… ބުނި…” އަހަރެން ބުނެލީމެވެ.
” ހަމަ ސިއްސައިން ދިޔައީ…..” ހިޔާލަކަށް ގެއްލިފައި އިންފަދަ ގޮތަކަށް ބައްޕަ ބުނެލިއެވެ.
” ހީވީ ހަމަ ސިކުންތަކަށް ދަރިފުޅުގެ މަންމަ ފެނުނުހެން….” ހިތްދަތިކަމުން ފުރިގެންވީ ހިނިތުންވުމެއް ދެމުން ބައްޕަ ބުނެލިއެވެ. ބައްޕަގެ ހިތަށް ކޮށްފައިވީ އަސަރު އަހަރެންނަށް ހަމަ ރީއްޗަށް ވެސް ފެނުނެވެ. ނަމަވެސް ބައްޕަ ހިތްހަމަ ޖައްސަން ބުނާނެ އެއްޗެއް އަހަރެންގެ ދުލުކުރިއަކަށް ނައެވެ.
“ހިތަށް އަރާ…..” ޖުމްލަ ފުރިހަމަ ނުކޮށް ބައްޕަ އިސް ޖަހައިލަމުން ހިންދިރުވައިލިއެވެ. އެއީ ހިންދާލި އެތައް އިހުސާސްތަކެކެވެ.
” އަދިވެސް ހަމަ އެންމެ ފަހަރަކު ނަމަވެސް ފެންނާނެ ނަމައޭ….” ދުރު ބަލައިލަމުން ބައްޕަ ބުނެލިއެވެ. އެ އަޑުގައި ހުރީ އެދި އެދި ހުރި ބޭޤަރާރު ކަމެވެ.
” މިއަދު ޒާނާ ފެނުނީމަ އިހުސާސްވީ މައުރާ ނެތްކަމުގެ ފަޅުކަން ބޮޑަށް….” ބައްޕަ ބުނެލިއެވެ. ހުދު އަހަރެންނަށް ވެސް ބައްޕަގެ އެ ހިތްދަތިކަމުގެ އިހުސާސް ކުރެވުނެވެ. ޒާނާ މިދުނިޔޭގައި ނެތްނަމަ ކުރެވޭނެ އިހުސާސް ތަސައްވަރު ކޮށްލެވުނެވެ.
” އޯކޭ ދެން… ޒާނާ ކިހިނެތް މިހާރު…؟” މައުލޫ ބަދަލު ކޮށްލަމުން ބައްޕަ ބުނެލިއެވެ.
” ހަމަ ގައިމުންވެސް ކުރިއަށް ވުރެން ރަނގަޅު މިހާރު…..” އަހަރެން ބުނީމެވެ.
” ތެރަޕިސްޓަކަށް ނުދައްކަންތަ….؟” ބައްޕަ އަހައިލިއެވެ.
” އާން… ޒާނާއަކީ އެހެން މީހުންނަށް ކަންކަން ކިޔައިދޭ ކަހަލަ ކުއްޖެއް ނޫން… އަހަރެންނަށް އެރޭވެސް އެ ކިޔައިދިނީ އަހަރެންނާއި ދޭތެރޭގައި ވަރަށް ގާތްކޮށް ދެކެވޭތީ… ސޯ އައިމް ދަ ތެރަޕިސްޓް ނައު….” އަހަރެން ބުނެލީމެވެ.
” ތިވެސް ރަނގަޅު ގޮތެއް…” ބައްޕަ ބުނެލިއެވެ.
” މިގެ ޒާނާއަށް ކަމުދޭތަ…؟” ބައްޕަ އަނެއްކައިވެސް އަހައިލިއެވެ.
“ހައް ހައް ހައް…. އާން ބަދިގެއާއި ދޭތެރޭގަ ވަރަށް ހިތްހަމަ ޖެހިފައި ހުރީ….” އަހަރެން ހީލަމުން ބުނެލީމެވެ. ބައްޕަވެސް ހިނިގަނޑެއް ޖަހައިލިއެވެ.
” މަރިއްތަ ވަރަށް އެކަނި ފިލާނެ….” އަހަރެން ބުނެލީމެވެ.
” އާން….ތިއީ ތެދެއް… މިހާރު ރުހާމް ކަންތައް ކިހިނެތް…؟” ބައްޕަ އަހައިލިއެވެ.
” ބަލަމުން މިދަނީ ހަމަ…. ” އަހަރެން ބުނެލީމެވެ.
” ބައްޕަގެ އެހީއެއް ބޭނުންތަ…”” ބައްޕަ އަހައިލިއެވެ.
” އުހުނ… އެއީ އަހަރެންގެ ކަމެއް….” އަހަރެން ދެކޮޅު ހެދީމެވެ.
” އޯކޭ ބައްޕަ މިދަނީ ނިދަން ދެން އެހެން ވިއްޔަ އިނގޭ…. ” ބައްޕަ ކޮޅަށް ތެދުވެލަމުން ބުނެލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހއިލީމެވެ.
” ޓޭކް އަ ކޯލްޑް ޝަވާރ… އިޓް ވިލް ހެލްޕް….” އަހަރެންގެ ފުރަގަހުން ހިނގައިގަންނަމުން ބައްޕަ ބުނެލި އަޑު އިވުނެވެ. އަހަރެން ހީލަމުން ބޯ ޖަހައިލީމެވެ.
ވައިބްރޭޓްވި ފޯނު ނަގައި އަހަރެން ބަލައިލީމެވެ. ދެލޯ ބޮޑުކޮށްލެވުނީ ސްކްރީނުން ފެންނަން އިން ފޮޓޯގަނޑު ފެނުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަހަރެންގެ ތުންފަތާއި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަތުގައިވީ ސިނގިރޭޓު އެންމެ ފަހު ފަހަރަށް ދަމައިލަމުން އަހަރެން ފޯނުން ފެންނަން ހުރި އެހެން ފޮޓޯތައް ބަލައިލީމެވެ. ބެލި ބެލިހެން އަހަރެންގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވެ ހިތުގައިވީ ހަމަޖެހުން އިތުރުވަމުން ދިޔައެވެ.
” ދެޓް ބާސްޓާރޑް…. ހައްހައްހާ…. ދެން ސަލާމަތެއް ނުވެވޭނެ…. ” އަހަރެން ހަމައެކަނި އަހަރެންގެ ނަފްސަށް އަޑު އިވޭ ވަރަށް ބުނެލީމެވެ. ފޯނުން މެސެޖެއް އާކިފް އަށް ފޮނުވައިލަމުން އަހަރެން ކޮޓަރިއަށް ދިޔުމަށްޓަކައި ހިނގައިގަތީ ހިތްހަމަ ޖެހިފައިވީ ހިތަކާއި އެކުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.