
ޒައިނަބް – 5

ހަފްތާއެއް ފާއިތުވެ ދިޔަ އިރުވެސް ޒައިނަބްގެ ބަލިހާލަތަށް މާބޮޑު ލުޔެއް ނުލިބެއެވެ. އަހުސަލްއާއި ޒައިނަބް ކިތަންމެ ސިއްރު ކުރަން މަސައްކަތް ކުރިނަމަވެސް އެމުޅި އާއިލާއަށް ޒައިނަބް އުޅެމުންދާ ހާލު އެނގި ސާފުވިއެވެ.
ޒައިނަބްއަށް އެހީތެރި ވުމުގެ ގޮތުން ޒައިނަބްގެ މަންމަ ފާތުން ޒައިނަބުމެންގެ ގެއަށްގޮސް އުޅުން ގިނަކުރިއެވެ. ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް އެގެއަށްގޮސް ގޭތެރެ ސާފުކޮށް ކައްކައިދީ ހަދައެވެ. އެއިން ކޮންމެ ދުވަހަކީ ޒައިނަބުގެ މިލާ މޯޅިވެފައިވާ މޫނަށް ބަލަން އިނދެ ފާތުން ހިތާހިތުން ޒައިނަބްއަށް އަވަސް ޝިފާއެއް ލިބޭތޯ ދުއާކުރާ ދުވަހެކެވެ.
ޒައިނަބުގެ ހާލު އާއިލާ މީހުންނަށް އިތުރަށް ސާފުވީ ހިސާބުން އާއިލާގެ އެކިމީހުން ޒައިނަބްގެ ހާލަތާމެދު އެމީސްމީހުން ދެކޭގޮތް ކިޔަން ފެށިއެވެ. ޒައިނަބްގެ ކޮއްކޮ އިސްމާއިލަކަށް ޒައިނަބަށް ޖެހިފައިވަނީ ސިހުރެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި އަމުދުން އެއީ ޖިންނި ޝައިތާނުންގެ އުނދަގުލެއް ނޫންކަމުގައި ބުންޏެވެ. އޭނާ ބުނާގޮތުގައި އަދި އިތުރަށް ޒައިނަބް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހަދަންވީއެވެ. ޒައިނަބްގެ ގައިގައި ހުރި ބައްޔެއް ހޯދައި ލަސްނުކޮށް އެކަމަށް ފަރުވާ ކުރަން ފަށަންވީއެވެ.
ނަމަވެސް ޒައިނަބްގެ ދައްތަ ޝިފާ ޒައިނަބްގެ ވާހަކަތައް ވަރަށް ކަނުލާ އަޑުއެހިއެވެ. ޒައިނަބަށް ފެންނަ ބިރުވެރި ހުވަފެންތަކާއި އިވޭ އަޑުތަކަކީ ހަގީގަތެއް ކަންވެސް އޭނާ ގަބޫލު ކުރެއެވެ. ބަރާބަރަށް ނަމާދުކޮށް އަޅުކަމުގައި ގިނަވަގުތު އުޅުމަށް ޒައިނަބަށް ޝިފާ ނަސޭހަތްދިނެވެ.
އެ އެންމެންވެސް އެކިއެކި ގޮތްގޮތަށް ވާހަކަ ދައްކައި ނަސޭހަތް ދެމުން ދިޔައީ ޒައިނަބަށް ހެޔޮ އެދިގެން ނަމަވެސް އެއިން އެއްވެސް މީހަކަށް ޒައިނަބްއަށް ކުރިމަތިވަމުން މިދާ ކަންކަން މާ ރަނގަޅަކަށް ނުވިސްނެއެވެ. ޒައިނަބަށް ކުރެވޭ އިހުސާސްތަކާ އޭނާގެ ހިތުގައިވާ ބިރުވެރިކަންވެސް އެމީހުންނަކަށް ނުވިސްނެއެވެ.
ދުވަހެއް ދުވަހަކަށް އަހުސަލްގެ ނިދި މަޑުވެ ކިރިޔާ އިވިލާ ކޮންމެ އަޑަކަށްވެސް ހޭލެވެން ފެށިއެވެ. މި ކަންތައްގަނޑު ފެށުނު ފަހުން ރޭގަނޑުގެ ހަމަނިދި ނުލިބި އުޅެންޖެހުމުން ކަމުގައިވެސް ވެދާނެއެވެ. ޖެހިގެން ހުންނަ ގޭގެ ފުރާޅުމަތިން ބުޅަލެއް ދުވެލާ އަޑު އިވުނަސް ސިއްސައިގެން ގޮސް އަހުސަލަށް މިހާރު ހޭލެވެއެވެ. އެއިން ކޮންމެފަހަރަކު އަހުސަލް ތެދުވެގެންގޮސް މުޅި ގޭތެރެ ބަލާ ދޮރުތައް ތަޅުލެވިފައި ހުރިތޯވެސް ޔަގީން ކުރެއެވެ.
ފާތުން މަސްރިހަ ކޮޅެއް ހިފައިގެން ޒައިނަބްމެންގެ ގެއަށް ދިޔަ ދުވަހެކެވެ. އޭރު ގޭތެރޭގެ ދޮރުތައް ލައްޕާ ދޮރުފޮތިތައް ދަމައިގެން ސިޓިންރޫމު ސޯފާގައި ޒައިނަބް އިނެވެ.
“ދަރިފުޅާ… ކިހިނެއްވެފަ ތީނީ؟..”
ފާތުން ގޭތެރެއަށް ވަންނަމުން އެހިއެވެ.
“އަހަރެން ބޭނުމެއް ނެތް ބޭރު ބަލާކަށްވެސް..”
ޒައިނަބް ބުންޏެވެ.
“ދަރިފުޅާ… މާބޮޑަށް ތިހެން ބިރުން އުޅެން ވެއްޖެއްޔާ ދަރިފުޅު ހަލާކުވެދާނެ.. ޒައިނަބް ބޭނުމިއްޔާ ހިނގާ ދުވަސްކޮޅަކަށް މަންމަމެންގެ ގެއަށް ބަދަލުވާން..”
ފާތުން ޒައިނަބްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
ޒައިނަބް ފާތުންގެ ކޮނޑުގައި ބޯ އަޅައިގެން އިރުކޮޅަކު އިނެވެ. ފާތުންގެ ހިތްހެޔޮ ކަމާއި އެ ސާފު މައިވަންތަ ލޯއްބަށް ހިތާހިތުން ޝުކުރުވެރި ވެވުނެވެ. ނަމަވެސް ޒައިނަބްއާއި ހެދި އޭނާގެ މަންމައާއި އާއިލާގެ އެހެން މީހުންނަށްވެސް އެއްވެސް ތަކުލީފެއް ޖެހޭކަށް ޒައިނަބު ނޭދެއެވެ.
އެއްއިރެއްގައި ޒައިނަބަކީ މީރު އެއްޗެހި ކައްކައިގެން އަބަދު ފާތުންމެންގެ ގެއަށްގޮސް އަދި އެގޭގެ އެތަކެއް މަސައްކަތެއް ކޮށްދީ ހެދި ދަރިއެކެވެ. ނަމަވެސް މިއަދު އެ ހުރިހާކަމެއް މިވަނީ އަނެއްކޮޅަށް ޖެހިފައެވެ. މިއަދު ޒައިނަބްގެ މަންމައަށް ޖެހިފައި އެވަނީ ޒައިނަބްގެ ކަންކަމުގައި އުޅޭށެވެ.
ޖެހިގެން އައި ހުކުރު ދުވަހުގެރޭ ފާތުންމެންގެ ގޭގައި އެ އާއިލާގެ އެންމެން އެއްތަންވެ މަޖާކޮށްލާ ހެދުމަށް ކެއުމެއް ތައްޔާރުކުރަން ފާތުން ރޭވިއެވެ. އެންމެން އެއްވެއުޅޭ ތަނެއްގައި ޒައިނަބްވެސް އިނުމުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެކަމުގެ އުންމީދުގައެވެ.
ޒައިނަބުގެ ކޮއްކޮ އިސްމާއިލް ގެނައި ބޮޑު މަހެއް ފިހުމުގައި ޝިފާ އުޅުނެވެ. އޭރު ގޭތެރޭގައި ކުދިވެރިން ދުވެ ސަކަރާތް ޖަހާ އުޅެއެވެ.
ފާތުންމެންގެ ގޭތެރެއަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. އެތައް ދުވަހަކަށްފަހު އެދުވަހު ޒައިނަބްގެ މޫނުމަތިން ހިނިތުންވުން ފެންނަމުން ދިޔައެވެ. ޒައިނަބް ކޮންމެވެސް ވަރަކަށް ހީލާ މަޖާކޮށް އުޅުނެވެ. ޝިފާއާއި އަދިވެސް އާއިލާގެ އެހެން ބައެއްމީހުން ބަދިގެ ތެރޭގައި ކާމޭޒުމަތި ތައްޔާރު ކުރަމުގައި އުޅެއެވެ. އޭރު އެމީހުން އެކި ވާހަކަ ދައްކާ ހީ ސަމާސާކޮށް ހަދަމުން ދިޔައިރު ޒައިނަބުވެސް އެތަނުގައި އެމީހުންނާ ބައިވެރިވެ އުޅުނެވެ. އެމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި އަހުސަލް ހެވިފައި ހުއްޓެވެ. ޒައިނަބްގެ މޫނުމަތިން ފެންނަ ކޮންމެ ހިނިތުންވުމަކީ އަހުސަލްގެ ނުތަނަވަސް ހިތަށް ލިބޭ ފަރުވާއެއް ފަދައެވެ.
އެރޭ އެންމެން އެކުގައި ކައި ނިމިގެން އެގޭ ބޭރުގައި ހުންނަ ޖޯލިފަތީގައި ފިނިކޮށްލަން ތިއްބެވެ. ފާތުންމެންގެ ގެ ހުންނަނީ އަތިރިމައްޗާ މާދުރުގައި ނޫންކަމުން މޫދުން ޖެހެމުންދިޔަ ރާޅުތަކުގެ ހިތްގައިމު އަޑު އިވިއިވި ހުއްޓެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތައް އައިސް އެހިސާބުގައި ހުރި ރުއްތަކުގެ ފަންތަކުގައި އެޅިލާފައިދާ އަޑުވެސް ދޭތެރެއަކުން އިވިލައެވެ.
އިރެއް އިރަކަށް މަގުތަކުން މީހުން މަދުވަމުން ދާތީ ރަށުތެރެއަށް ހަމަހިމޭންކަން ވެރިވަމުން ދިޔައެވެ.
“މިއުޅެނީ ލޮނުދޫއަށް ކާށިކޮޅެއް ހޮވަންދާން… ހެނދުނު ގޮސް އިރުއޮއްސެން ވާއިރަށް އަންނާނީ.. ހިނގާ އެންމެން ދާން..”
އިސްމާއިލް ބުންޏެވެ.
“އާން ހިނގާ މަވެސް ދާނަން… ޒައިނަބްވެސް ދާން ވާނެ އިނގޭ.. މިހާރު ކިހާދުވަހެއް ޒައިނަބް ދަތުރު ނުދާތާ..”
އިސްމާއިލްގެ ވާހަކައާ ޝިފާ ބައިވެރި ވެލިއެވެ.
“މާބޮޑަށް ބަލި ނޫނިއްޔާ ދާނަން..”
ޒައިނަބް ހީލަމުން ބުންޏެވެ.
އަހުސަލްވެސް ޒައިނަބުގެ ވާހަކައާ އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ. އެވަގުތު އެމީހުން ތިބި ޖޯލިފައްޗާއި މާ ދުރުނޫން ހިސާބެއްގައި ކުޅެން އުޅުނު ޝިފާގެ ދަރިފުޅު އާރާ ދުވެފައި އައިސް ޝިފާގެ އުނގު ތެރެއަށް ވަދެގަތެވެ.
“މަންމާ… އެހެރަ ރުއްކައިރީގައި އެބަހުރި މީހެއް…”
އާރާ ދެލޯ ބޮޑުކޮށްގެން ހުރެ ބުންޏެވެ.
“ތިވާނީ ޖެހިގެން ހުރިގޭ މީހެއްކަމަށް..”
އިސްމާއިލް ހީލަމުން ބުންޏެވެ.
“ނޫނެކޭ ބޮޑުބޭ.. އެއި އެހެން މީހެއް.. އެ އަންހެން މީހާ ހުރީ ބޮއްތައާ ދިމާލަށް ބަލަން..”
އާރާ އެބުނީ ޒައިނަބްގެ ވާހަކައެވެ. އެތާގައި ހުރި މީހާ ޒައިނަބަށް ބަލަން ހުރި ވާހަކައެވެ. އާރާ ކަހަލަ ކުޑަކުއްޖެއް އެހާ ޔަގީންކަމާއެކު އެހެން ބުނާނީ އޭނާއަށް ހަމަ މީހަކު ފެނުނީމައި ތާއެވެ.
އަހުސަލްއާއި އިސްމާއިލް ފޯނުގެ ލައިޓު ދިއްލައިގެން ގޮސް އެދިމާލުގައި ހުރި ރުއްތަކުގެ ތެރެ ބެލުމަށްފަހު އައެވެ.
“ފެނުނުތަ އެއްވެސް މީހެއް؟..”
ބިރުންހުރެ ޒައިނަބް އަހުސަލްގެ އަތުގައި ހިފާލަމުން އެހިއެވެ.
“ނެތް އެއްވެސް މީހެއް..”
އަހުސަލް ޖަވާބު ދިނެވެ.
“ކޮބާ .. އެހެންވީމަ ދަތުރު ފައިނަލް ދޯ.”
ކުޑަ އިރުކޮޅެއް ކުރިން އެ ވީކަންތައް ހަނދާން ނައްތާލައި އަނެއްކާވެސް ދަތުރުގެ ވާހަކައާއިގެން ކުރިއަށް ދެވޭތޯ އިސްމާއިލް އުޅުނެވެ. ނަމަވެސް މާހައުލުގައި ވަނީ ހަމަހިމޭންކަމެވެ. އެންމެންގެ މޫނުމަތިންވެސް ބިރުން ތިބިކަން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.
އެވަގުތު ފާތުން އާރާ ގޮވައިގެން ގޭތެރެއަށް ވަނެވެ.
“ދަރިފުޅާ… ކިހިނެއް ހުރި މީހެއްތަ ފެނުނީ؟ މާމައަށް ނިކަން ކިޔާދީބަލަ..”
ފާތުން އާރާ ކައިރީގައި އެހިއެވެ.
“އަންހެން މީހެއް.. އެމީހާ ހުރީ ބްލެކް ކުލައިގެ ޑްރެސްއެއް ލައިގެން މިގެއާ ދިމާލަށް ބަލަން. ދެން ބޮއްތައާ ދިމާލަށް ބެލީ ފަހުން.”
ކުޑަކުޑަ އާރާ އޭނާއަށް އެނގޭ ގޮތަކަށް އެމީހާ ސިފަކޮށްދިނެވެ.
ފާތުންނަށް ގަބޫލު ކުރެވުނީ އެއީ އާރާއަށް ހީވިގޮތެއް ކަމުގައެވެ. ނޫނީ އެއީ އެގޭ ކައިރި އަވައްޓެރި މީހަކަށްވެސް ވެދާނެ ކަމުގައެވެ.
އެކަކު ގަބޫލު ނުކުރިޔަސް ނޫނީ ގަބޫލުކުރަން ބޭނުން ނުވިޔަސް އާރާ އެބުނި ވާހަކަ ޒައިނަބްއަށް ވަގުތުން ގަބޫލު ކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. ފާއިތުވެދިޔަ ދުވަސް ތަކުގައި ޒައިނަބަށް އެކި ފަހަރުމަތިން ވަނީ ދެބަދޭތެރޭގައި ބިރުވެރި އެއްޗެހި ފެނިފައެވެ. އަދި އެކި އަޑުއަޑުވެސް އިވިފައެވެ. ނަމަވެސް އެކަންކަމަކީ އޭނާ ކިތަންމެ ވަރަކަށް ކިޔާދިނަސް އެހެން މީހަކަށް އަމިއްލައަށް ތަޖުރިބާ ނުކުރެވޭނަމަ އިހުސާސް ކުރެވޭނެ ކަންކަމެއް ނޫނެވެ.
އާރާ ވަރުގެ ކުޑަކުއްޖެއް ބިރުންހުރެ އެބުނި ވާހަކަ ޒައިނަބަށް އެހާ ފަސޭހައިން ގަބޫލު ކުރެވުނީ އެހެންވެއެވެ.
އެރޭ ފާތުންގެ އެދުމަށް ޒައިނަބާއި އަހުސަލް އެގޭގައި ނިދަން މަޑުކުރިއެވެ. ޒައިނަބްމެން އެރޭ އެގޭގައި މަޑުކުރަން އެއްބަސް ވުމުން ފާތުން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޒައިނަބްމެންގެ ގޭގައި ނުނިދިގެން އުޅުނަސް ފާތުންމެންގެ ގޭގައި އަރާމުކޮށް ޒައިނަބްއަށް ނިދާލެވޭނެ ކަމުގެ އުންމީދާއި އެކުއެވެ.
ފާތުން އަވަސް އަވަހަށްގޮސް އެގޭގައި މެހުމާނުން އައިސް ތިބެން ހުސްކޮށް ހުންނަ ކޮޓަރީގެ ބެޑްޝީޓް ބަދަލުކޮށް ކުނިކަހާ މޮޕު ލުމަށްފަހު ޒައިނަބް މެންނަށް ނިދޭގޮތަށް އެތަން ތައްޔާރު ކޮށްލިއެވެ.
އެކޮޓަރި ހުންނަނީ ގޭގެ ގޯތިތެރޭގައި ފާތުން ހައްދާފައިވާ ރީތި މާގަސް ތަކާދިމާލަށް ދޮރުހުޅުވޭ ގޮތަށެވެ. އަދި އެދިމާލުގައި ކޮންމެވެސް ވަރަކަށް ރުއްވެސް ހުރެއެވެ.
ޒައިނަބުމެން ކުޑައިރު އެކޮޓަރީގައި ނިދާ އުޅުން ހަނދާން އޭނާ އެބަހުއްޓެވެ. ނަމަވެސް އެތާގައި މިހާރު މީހަކު ނޫޅޭތީ އެތަން ބޭނުން ކުރަނީ ރައްރަށުން އެގެއަށް އައިސްހަދާ މެހުމާނުން ތިބޭށެވެ.
ނިދަންވަދެ އަހުސަލް އެންމެ ފުރަތަމަވެސް ކުޑަދޮރުތައް ރަނގަޅަށް ލެއްޕިފައި ހުރިތޯ ޔަގީން ކުރިއެވެ. އޭރު އެނދުމަތީގައި ޒައިނަބް ޒިކުރުތައް ކިޔަންއިނެވެ. އަހުސަލްވެސް ގޮސް ޒައިނަބު ކައިރީގައި އިށީނދެ ޒިކުރުތައް ކިޔުމުގައި ބައިވެރި ވިއެވެ.
“ޒައިނަބް ހިތްހަމަ ޖެހޭތަ މިތާގަ ނިދަން؟.”
އަހުސަލް އަހާލިއެވެ.
“ގެއަށްވުރެ މިގޭގަ ނިދަންވެސް މާ ހިތްހަމަޖެހޭ..”
ޒައިނަބްގެ އެ ޖަވާބުން އެމީހުންގެ އަމިއްލަ ގޭގައި ނިދަން މިހާރު ޒައިނަބް ބޭނުންވެސް ނުވާކަން އަހުސަލްއަށް އެނގުނެވެ.
“އެހެން ވިއްޔާ ދެން ނިދާލާ… އަހަރެން މިއޮތީ ޒައިނަބް ކައިރީގަ..”
އަހުސަލް ޒައިނަބް ކައިރީގައި އޮށޯންނަމުން ބުންޏެވެ.
އެދެމީހުންވެސް ހީކުރީ އެރޭ އެގޭގައި ހަމަޖެހިގެން ނިދާލެވޭނެ ކަމަށެވެ.
ނަމަވެސް ދަންވަރު ދޭއް ޖެހިތަނާ ޒައިނަބަށް ހޭލެވުނެވެ. އޭރު ކޮޓަރީގެ އަލަމާރި ކައިރީގައި މީހަކު ކޮޅަށް ހުއްޓައި އޭނާއަށް ފެނުނެވެ. ޒައިނަބް ރަނގަޅަށް ދެލޯ ބޮޑުކޮށްފައި އެދިމާލަށް ބަލާލިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި އަލިމަޑު ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން އެމީހާ ފެންނަނީ ކަޅު ހިޔަންޏެއް ފަދައިންނެވެ. ޒައިނަބް އަހުސަލަށް ގޮވާ ހޭލައްވަން ބޭނުންވި ނަމަވެސް ސްލީޕް ޕެރެލައިޒް ވެފައި އޮތުމުން މިރޭވެސް ޒައިނަބަކަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ހަޅޭލަވާ އަޑުގަދަ ކުރަން މަސައްކަތް ކުރިނަމަވެސް އޭނާގެ ކަރުބުޑުން ހަމައެންމެ އަޑެއްވެސް ނުނިކުތެވެ. މެޔަށް ފިތި ބާރުވަމުން ދިޔައެވެ. ގައިމަތީގައި ހީވީ ވިއްސަކަށް ކިލޯގެ ބޮޑު ބަރެއް ބާއްވައިފައި އޮތް ހެންނެވެ. އެވަގުތު ހަށިގަނޑަށް ބަރުވަމުން ދިޔަލެއް ބޮޑުކަމުން ޒައިނަބްގެ ހަށިގަނޑު އޭނާ އޮށޯވެގެން އޮތް ގޮދަޑީގެ ތެރެއަށް ވަދެގެންދިޔަ ކަހަލަ އިހުސާސެއް ވިއެވެ.
އޭރު އަލަމާރި ކައިރީގައި ހުރި އެތި ކޮޓަރީގެ ކުޑަދޮރާ ދިމާލަށް ބަލާލިއެވެ. ހަމަ އެވަގުތު ދޮރުގެ ބޭރުން ފާރުގައި އެއްޗެއް ކޭއްތިގެން ދިޔަފަދަ ތޫލި އަޑެއް އިވުނެވެ. އެއީ ދިގު ނިޔަފަތި ތަކަކުން ވަކިދަމާ ފަދަ އަޑެކެވެ. އެއަޑު އިވިފައި ޒައިނަބް ގަނެފައިވާ ބިރު އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ. ކޮޓަރިތެރޭގައި ހުރި ހިޔަނި ކުޑަދޮރުގެ ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލުމަށްފަހު ކޮޓަރީގެ ކުރިމައްޗަށް އޮންނަ ފާތުންގެ މާބަގީޗާއާ ދިމާލަށް އަތް ދިއްކޮށްލިއެވެ. އެވަގުތު ޒައިނަބް ތެޅިފޮޅި ގަންނަން ކުރިމަސައްކަތުން ކުއްލިއަކަށް އޭނާގެ ހަށިގަނޑު ހަރަކާތް ކުރެވުނެވެ. ޒައިނަބް ރޮމުން އަހުސަލްއަށް ގޮވިއެވެ.
އަހުސަލްގޮސް ކޮޓަރީގެ ބޮކި ދިއްލާލިއެވެ.
“ދަރިފުޅާ… ކިހިނެއްވީ؟”
ޒައިނަބް ރޯއަޑަށް ހޭލެވިގެން ފާތުންވެސް ދުވެފައި އައިސް އެކޮޓަރިއަށް ވަނެވެ. އޭރު ދެލޯ ބޮޑުކޮށް އެނދު ކައިރީގައި ކޮޅަށް ހުރި ޒައިނަބްގެ ހަށިގަނޑު ބިރުން ތުރުތުރު ލަމުން ދިޔައެވެ. އަހުސަލްއާއި ފާތުން ގޮސް ޒައިނަބް އެނދުމަތީގައި ބޭންދިއެވެ.
“މީހެއް… އެތާގަ ހުރީ…”
ޒައިނަބަށް ވާހަކަ ދެއްކޭވަރު ވުމުން އަލަމާރިއާ ދިމާލަށް އަތް ދިއްކޮށްލާފައި އާގަންނަމުން ބުންޏެވެ. އަހުސަލްއާއި ފާތުން އެ ކޮޓަރިތެރޭގައި މީހަކު ހުރިތޯ ބަލަން ފެށިއެވެ. އަލަމާރި ކައިރިއާ ފާޚާނާވެސް ބެލިއެވެ. އެއްވެސް މީހެއް ނެތެވެ. އެވަގުތު އަނެއްކާވެސް ބޭރުން އެއްކަލަ ތޫލިއަޑު އިވުނެވެ. ސިއްސައިގެން ގޮސް ފާތުންނާއި އަހުސަލް އަދި ޒައިނަބް އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އެ ތިންމީހުނަށްވެސް އެއަޑު އިވުނެވެ. އިސްމާއިލްވެސް ހޭލެވިގެން އައިސް އެކޮޓަރިއަށް ވަނީ އެވަގުތުއެވެ. ބޭރުން އިވުނު އަޑުގެ ވާހަކަ ފާތުން ބުނުމުން އިސްމާއިލް ޓޯޗު ބައްތި ހިފައިގެން ނިކުމެ މާގަސްތައް ކައިރި ބަލަންފެށިއެވެ. އަހުސަލްވެސް އޭނާ ފަހަތުން ނިކުތެވެ.
“އެހެރަ ކުޑަ ރުކުގެ ބިންދައިގެން ގޮސްފައި އޮތް ފަންގަނޑު ފާރުގަ ކޭއްތުން އަޑުކަމަށް ތިވާނީ… ”
އިސްމާއިލް އެތާހުރި ކުޑަ ރުކާއި ދިމާލަށް އިޝާރާތް ކޮށްލިއެވެ. އަހުސަލް އާނ އެކޭ ބުނެ ބޯޖަހާލާފައި ގޮސް އެތެރެއަށް ވަނެވެ. އޭރު ކޮޓަރީގެ އެނދުމަތީގައި ޒައިނަބް އޭނާގެ މަންމަ ފާތުންގެ އުނގުގައި ބޯއަޅައިގެން އޮވެ ރޮނީއެވެ.
“ދަރިފުޅާ… މަންމަމެން އެންމެން މިތިބީ ދަރިފުޅާއެކު.. ކޮންމެ ކަމަކާ ކުރިމަތިވިޔަސް ދަރިފުޅު އެކަންޏެއް ނުވާނެ… މަންމަމެން އެންމެންވެސް ތިބޭނަން..”
ފާތުން ޒައިނަބްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
އެރޭ ފާތުންމެންގެ ގޭގެ އެއްވެސް މީހަކަށް ހަމަ ނިންޖެއް ނުލިބުނެވެ. އެންމެންވެސް ތިބީ ދިމާވި ކަންތަކުން ހިތްނުތަނަވަސް ވެފައެވެ.
އެރޭ ފާތުންމެންގެ ގޭގައި ވީކަންތަކުގެ ވާހަކަ އަނެއްދުވަހު ރަށުތެރޭގައި ފެތުރުނެވެ. ތުންތުން މަތިން ގޮސް އެވާހަކަ މަރިޔަމްއާއި ހިސާބަށްވެސް ވަނީ ގޮސްފައެވެ.
މަރިޔަމް ބޭނުންވަނީ ޒައިނަބް އެކަނި މާއެކަނި މިކަންތައްގަނޑު ތަހައްމަލް ކުރާށެވެ. ނަމަވެސް ރޭގައި ޒައިނަބްއަށް ދިމާވި ކަންތަކުގެ ސަބަބުން އެއާއިލާގެ އިތުރު ބައެއްމީހުންވެސް ފާތުންމެންގެ ގެއަށްގޮސް އިރު އަރަންދެން ޒައިނަބް ކައިރީގައި އުޅުނު ވާހަކަ އަޑުއިވިފައި މަރިޔަމްގެ ހިތް ކެކިގަތެވެ. އެކަމާވެސް އޭނާ ހަސަދަވެރި ވިއެވެ. އާއިލާ މީހުންގެ ފަރާތުން ވިޔަސް ކުޑަނަމަވެސް ސަމާލުކަމެއް ޒައިނަބަށް ލިބޭ ކޮންމެ ފަހަރަކީ މަރިޔަމްގެ ހިތަށް ތަދުވާ ފަހަރެކެވެ.
އެހަފްތާގެ އާދީއްތަ ދުވަހު އަނެއްކާވެސް ރުޤްޔާކުރާ ސަލީމުއާއި ބައްދަލު ކުރުމަށް އަހުސަލް ނިންމިއެވެ. އެދުވަހު އަހުސަލް ގުޅުމުން ސަލީމް އަހުސަލްމެންގެ ގެއަށް ދިޔައެވެ. ފާތުންވެސް އެވަގުތު އެގެއަށް ދިޔައެވެ. ޒައިނަބް އާއި އަހުސަލް މިފަހުން ޒައިނަބަށް ކުރިމަތިވި ހުރިހާ ކަމެއް ސަލީމްއަށް ވަރަށް ތަފްސީލުކޮށް ކިޔާދިނެވެ.
“މަންމައަށް ފެންނަނީ އަހުސަލްއާ ޒައިނަބް ދުވަސްކޮޅަކަށް މަންމަމެންގެ ގެއަށް ބަދަލުވާން.”
އެވާހަކަތައް އަޑުއަހަން ހުރެފައި ފާތުން އަހުސަލްއާއި ދިމާލަށް ބަލާލަމުން ބުންޏެވެ.
“ޒައިނަބް މިގެއަށް ވުރެން ފާތުންމެންގެ ގޭގައި ހިތްހަމަ ޖެހެންޏާ ތީހަމަ ރަނގަޅު ކަމެއް..” އަހުސަލްއަށް އެއްޗެއް ނުބުނެވެނީސް ސަލީމް ބުންޏެވެ.
“އެކަމަކު ޒައިނަބް.. ކޮންމެ ތަނެއްގަ އުޅުނަސް އަބަދު ބިރުން ނޫޅެ ތަންކޮޅެއް ހިތްވަރު ގަދަކޮށްލާ. އަހަރެން ގަބޫލުކުރަން ޒައިނަބް ތިދައްކާ ވާހަކަތައް… ޒައިނަބަށް އެއްޗެހި ފެނި އަޑުއަޑު އިވޭ ކަންވެސް.. އެކަމަކު އަނދިރީގެ ތެރެއިން ފެންނަ ކޮންމެ ގަހަކީ ނޫނީ މީހަކީ ބިރުވެރި އެއްޗަކަށްވެސް ނުވެދާނެ… އަބަދު ބިރުން ހުންނާތީ މިހާރު ކޮންމެ ކަމަކާވެސް މާއަވަހަށް ތި ބިރުގަންނަނީ..”
ސަލީމް އިތުރަށް ޒައިނަބަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ.
އެދުވަހު ސަލީމް ދިއުމުން ޒައިނަބްއާއި އަހުސަލް ކުޑަ ދަބަހަކަށް ހަފްތާއަކަށް ވާވަރަށް ހެދުން ކޮޅަކާއި ބޭނުންވާ އިތުރު ބައެއް ސާމާނުތައް އަޅައިގެން ފާތުންމެންގެ ގެއަށް ދިޔައެވެ. ފާތުންގެ އެދުމުގެމަތިން ކުޑަ ދުވަސްކޮޅަކަށް އެގެއަށް ބަދަލުވީއެވެ.
އެދުވަހު ޒައިނަބް ސަލީމް ބުނި ވާހަކަ އާމެދު ވަރަށް ވިސްނިއެވެ. ސަލީމް އެބުނި ވާހަކައަކީ ވަރަށްބޮޑު ތެދެކެވެ. ޒައިނަބް މިހާރު އޭނާގެ އަމިއްލަ ކޮޓަރީގައި އެކަނި އިންނަންވެސް ބިރު ގަނެއެވެ. ބަދިގެ ތެރޭގައި ހުންނަ އިރުވެސް އަބަދު ހުންނަނީ ސިހި ސިިހިއެވެ. މިހާރަކަށް އައިސް ޒައިނަބްގެ ދިރިއުޅުމުގައި ބިރުނޫން އެހެން އެއްޗެއް ނެތީ ހެންވެސް ހީވެއެވެ.
މިހުރިހާ ކަމަކުން ސަލާމަތްވާން ޒައިނަބް ނުހަނު ބޭނުންވެއެވެ. އަބަދުމެ ތަހައްމަލް ކުރަން ޖެހިފައި މިވާ ބަލިކަމާއި ހިތުގައި އޮންނަ ބިރު ފިލައިގެން ދިއުމަކީ އޭނާ އަބަދުމެ ކުރާ ދުޢާއެވެ.
ޒައިނަބް ކުރިއެކޭ އެއްގޮތަށް އޭނާގެ އާއިލާ މީހުންނާއެކު ހީ ސަމާސާކޮށް އުޅެން ބޭނުމެވެ. ރައްޓެހިންނާއެކު ކައްކައިގެން ގޮސް އަތިރިމަތީގައި ތިބެ ކައި އެމީހުންނާއެކު އަނގަތަޅަން އިންނަން ބޭނުމެވެ. ޒައިނަބްގެ ކޮށްކޮ މެންނާއެކު ޕިކްނިކް ގޮސް ކުޅެ މަޖާކުރަން ބޭނުމެވެ. އެއްވެސް ބިރެއްނެތި ބޭރުން އިވިދާނެ އަޑަކަށް ނޫނީ ފެނިދާނެ އެއްޗަކާ ދޭތެރޭގައި ނުވިސްނާ އަހުސަލް ކައިރީގައި ހިތްހަމަޖެހިގެން އޮވެ ނިދާލަން ބޭނުމެވެ. އެދުވަހެއް އަންނާނީ ކޮންއިރަކުން ބާއެވެ؟. މިކަމަށް ނިމުމެއް އައިސް ކުރީގެ އުފާވެރި ދިރިއުޅުމަށް ރުޖޫޢަ ވެވޭނީ ކޮންދުވަހަކުން ބާއެވެ؟…
ފާތުން މެންގެ ގޭގައި ހުރެފައި އެދުވަހު ހަވީރު ޒައިނަބް އަހުސަލް ކައިރީގައި އޭނާ އެނބުރި ގެއަށް ދާން ބޭނުންވާ ކަމުގައި ބުންޏެވެ.
“އަހަރެން ގަބޫލުކުރަން އަހަރުމެންގެ ގޭގަ އަހަރެން މާ ބިރު ގަންނަކަން.. އެކަމަކު ބިރުގަންނަ ކަންކަމާ ދުރަށް ދިއުމަކީ ހައްލެއް ނޫނެއްނު.. އަހަރެން ބޭނުމީ މިހުރިހާ ކަމަކާ ކުރިމަތިލާން….”
ޒައިނަބް އެހެން ބުނުމުން އަހުސަލް އެކަމާ އެއްބަސް ވިއެވެ.
“އެހެން ވިއްޔާ ހިނގާ ގެއަށްދާން.”
އަހުސަލް ޒައިނަބްގެ އަތުގައި ހިފާލަމުން ބުންޏެވެ.
އެދުވަހު އިރުއޮއްސުމުގެ ކުރިން ޒައިނަބްމެން އަނެއްކާ އަނބުރާ އެމީހުންގެ ގެއަށް ދިޔައެވެ. ފާތުންވެސް ޒައިނަބްގެ ނިންމުމަކާ ދެކޮޅެއް ނުހަދައެވެ.
ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ޒައިނަބް އަޒުމް ކަނޑައެޅީ ދިމާވާ ކޮންމެ ކަމަކާ، ކުރިމަތިވާ ކޮންމެ ބިރަކާ ފަސްނުޖެހި ކެރިގެން ކުރިމަތި ލުމަށެވެ.
އެރޭ ދަންވަރު ދެގަޑި ފަނަރަ ވަނިކޮށް އަހުސަލްއަށް ހޭލެވުނީ ގޭގެ ގޯތި ތެރެއިން އަންހެނެއްގެ ރުއިމުގެ އަޑަށެވެ. އެއަޑު އަންނަމުން ދިޔައީ ގޯތިތެރޭގައި ހުންނަ ގަސްތަކާ ދިމާލުންނެވެ. އިރެއް އިރަކަށް އެއަޑު ދިޔައީ ބާރު ވަމުންނެވެ. ޒައިނަބަށްވެސް އެއަޑަށް ހޭލެވުނެވެ.
“އެއީ…އެއީ މަރިޔަމްގެ އަޑު..”
އެނދުމަތީގައި އިށީންނަމުން ޒައިނަބް ބުންޏެވެ.
އަހުސަލް ގޯތިތެރެ ބެލުމަށް ދާން ތެދުވި ވަގުތު އެއަޑު ކުއްލިއަކަށް ހުއްޓުނެވެ.
“މިކަންތައް ތަހައްމަލް ކުރަން ޖެހޭނީ އޭނާ އެކަންޏެއް ނޫން..”
ކޮޓަރީގެ ދޮރުގެ ބޭރުން މިފަހަރު އައީ ފިރިހެނެއްގެ އަޑެކެވެ. ޒައިނަބަށް ބިރުން އަހުސަލްގެ އަތުގައި ބާރަށް ހިފުނެވެ. އަހުސަލްއާއި ޒައިނަބްވެސް ތިބީ ކޮޓަރީގެ ދޮރު ހުޅުވައި އެއީ ކާކުތޯ ބަލަން ނުކެރިފައެވެ. ބޭރުން ވާހަކަ ދެއްކީ އިންސާނެއް ކަމެއްވެސް އެމީހުންނަކަށް ޔަގީނެއް ނޫނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
Wow! I’m a huge fan of your stories
Waiting wor the next part
Your stories are sooo good ✨
Awwwn thank you so much ☺️🤍 in sha Allah will upload soon
Waiting for next part ♥️ love it
Thank you 😘🤍 Will upload soon
varah reethi
Thank you Liya 🤍☺️