
ޒައިނަބް – 6

ބޭރުން އިތުރު އެއްވެސް އަޑެއްބަޑެއް ނީވި މުޅި މާހައުލު ހަމަހިމޭން ވިއެވެ. ޒައިނަބްއާއި އަހުސަލްވެސް އަނގައިން ބަހެއްވެސް ނުބުނެ ބޭރުން އެއްވެސް އަޑެއް އިވޭތޯ މަޑުކޮށްގެން ތިއްބެވެ. ނަމަވެސް އިރުކޮޅެއް ކުރިން ބޭރުން އިވުނު ފިރިހެންމީހާގެ އަޑު ދެން އިތުރަކަށް ނީވުނެވެ.
“ޒައިނަބް މަޑުކުރޭ.. މަ އެބައަންނަން ބޭރު ބަލާލާފަ..”
ކުޑަ އިރުކޮޅަކު މަޑުކުރުމަށްފަހު އަހުސަލް ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.
“އަހަރެން އެކަނި ބައިންދާފަ ނުދޭބަލަ..”
ޒައިނަބް ބިރުން އިނދެ އަހުސަލްގެ އަތުގައި ހިފަމުން ބުންޏެވެ.
“އެހެންވީރު ޒައިނަބްވެސް އާދޭ މަށާއެކު…”
އަހުސަލް ޒައިނަބްގެ އަތުގައި ހިފައިގެން ކޮރިޑޯއަށް ނިކުމެ ކޮރިޑޯގެ ދެކޮޅު ބަލާލިއެވެ. އަތުގައި އޮތް ޓޯޗު ބައްތިން އަލިކުރަމުން ބިރުންތިބެ ދެމީހުން މަޑުމަޑުން ކުރިއަށް ދިޔައެވެ. މުޅި ގެއާ ގޯތިތެރެ އަދި ބަދިގެއާ ދިމާލުން ގޯތިތެރެއަށް އޮންނަ ގަސް ހައްދާ ތަންވެސް ބެލިއެވެ. އެއަޑު އައީ އެދިމާލުން ކަމަށްވާތީ ވަރަށް ރަނގަޅަށް އެތަން ބެލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ.
އެރޭ ދެމީހުންވެސް ހޭލާ އުޅުމަށްފަހު ފަތިސް ނަމާދަށް ބަންގި ގޮވުމުން ވުލޫކޮށްގެން ނަމާދު ކުރުމަށް އަވަސްވެގަތެވެ. މިވަމުންދާ ކަންކަމުން ޒައިނަބް ސަލާމަތް ވޭތޯ އަދި އޭނާއަށް މިކަންކަމާ ކުރިމަތިލާން ހިތްވަރު ލިބޭތޯ ﷲ ގެ ހަޒުރަތަށް ދުޢާ ކުރިއެވެ.
އާދުވަހަކަށް އަރައިގެން އައި އިރުގެ ރަންއަލި ރަށުތެރެއަށް ފެތުރެން ފެށިއެވެ. އެކި ދިމަ ދިމާލުން ކޮވެލީގެއަޑު މެދު ނުކެނޑި އިވެމުން ދިޔައެވެ. ނަމަވެސް ޒައިނަބްއާއި އަހުސަލްއަށް އެއިން އެއްވެސް ކަމަކުން ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އިރު އެރީއްސުރެ އަހުސަލް ބޮލުގައި ރިއްސާވަރުން ނިތްކުރީގައި އަތް އަޅައިގެން އޮތްއިރު އޭނާގެ ދެލޯ ރަތްވެ މީހާ ހުރީ ކޮންމެވެސް ވަރަކަށް ހުންވެސް އައިސްފައެވެ.
ކުރިން ކޮންމެ ރެއަކު އަރާމުކޮށް ނިދިޔަސް މިފަހަކަށް އައިސް ރޭގަނޑުގެ ހަމަނިދި ނުލިބި އުޅެން ޖެހުމުން އަހުސަލްވެސް ބަލިވަނީ ކަމުގައި އޭނާއަށް ހީވިއެވެ. އަބަދު ޒައިނަބްގެ ކަންކަމާ ވިސްނާ ފިކުރު ކުރަން ހަދައިގެން މީހާ ބަލިކަށިވެ ވަރުބަލި ވަނީކަމުގައި ވެސް ހީކުރެވުނެވެ.
މަޑުމަޑުން ދުވަސްތައް ފާއިތުވަމުން ދިޔަ ދިޔަހެން އަހުސަލް އިތުރަށް ބަލިވާން ފެށިއެވެ. ކާހިތްނުވެ ރަނގަޅަށް ނުކެވުމުގެ ސަބަބުން ގައިގައި ވަރެއްވެސް ނުހުރެއެވެ. އަދި ހަމަ އެއާއެކު ޒައިނަބެކޭ އެއްގޮތަށް އަހުސަލަށްވެސް ބިރުވެރި ހުވަފެން ފެންނަން ފެށިއެވެ.
އެންމެ ފުރަތަ އަހުސަލަށް ފެނުނު ބިރުވެރި ހުވަފެނުގައި އޭނާހުރީ ރަށުގެ އިރުމަތި ފަރާތު އަތިރިމަތީގައެވެ. ރޭގަނޑުގެ އަނދިރި ކަމުގައި އެކަނި މާއެކަނި ހިނގާފައި ދިޔައިރު ވަށައިގެންވާ އަނދިރިކަމުގެ ތެރެއިން މާސާފުކޮށް ތަނެއް ފެންނަ ވަރެއް ނުވެއެވެ.
ކުއްލިއަކަށް އަހުސަލްއަށް ފެނުނީ މާ ދުރުނޫން ހިސާބެއްގައި ހުރި ރުކެއްގެ ދަށުގައި ހުއްޓިގެން ހުރިމީހެކެވެ. މާބޮޑު ޖެހިލުން ވުމެއްނެތި އެއީ ކާކުތޯ ބެލުމަށް އަހުސަލް އެދިމާލަށް ދާން ހިނގައިގަތެވެ. އެމީހާއާއި ފޫޓެއްހާ ކައިރިއަށް ގޮސް ހުއްޓިފައި ކާކުހޭ އެހުމުން އެމީހާ އަހުސަލްއާ ދިމާލަށް އެނބުރުނު ވަގުތު އަހުސަލްއަށް ބިރުން ފަހަތަށް ޖެހެވުނެވެ. އެމީހާގެ މޫނެއް ނެތެވެ. އެއީ މޫނެއް ނެތް ބިރުވެރި އެއްޗެކެވެ. ހުވަފެނުގެ އެހިސާބުން އަހުސަލްއަށް ހޭލެވުނީ ބިރުންގޮސް ނޭވާ ހާސްވާން ފެށުމުންނެވެ. އޭރު އަހުސަލް އޮތީ ދާހިއްލާ ފޯވެފައެވެ.
ޖެހިގެން އައިރޭގައި އަނެއްކާވެސް އަހުސަލްއަށް ހުވަފެނެއް ފެނުނެވެ. މިފަހަރު ފެނުނީ އަހުސަލް އޭނާގެ ގޭގެ ބޭރުގައި ހުރެ ގެއަށް ވަންނަން ދޮރު ނުހުޅުވިގެން އުޅެނިކޮށެވެ. ދޮރު ހުޅުވޭތޯ އަހުސަލް ކިތަންމެ މަސައްކަތް ކުރިނަމަވެސް ހަމަ އެއްގޮތަކަށްވެސް ދޮރެއް ނުހުޅުވުނެވެ. އޭރު ގޭތެރެއިން ޒައިނަބް ރޯއަޑު އަހުސަލަށް އިވެމުން ދިޔައެވެ. އަހުސަލް ޒައިނަބަށް ގޮވަމުން އަނެއްކާވެސް ދޮރު ހުޅުވޭތޯ މަސައްކަތް ކުރިއެވެ.
“ކިތަންމެ މަސައްކަތެއް ކުރިޔަސް ކަލެއަކަށް ޒައިނަބް ސަލާމަތެއް ނުކުރެވޭނެ!!.”
އެވަގުތު އަހުސަލްގެ ފަހަތުން މީހަކު ބުނިއަޑު އިވުނެވެ. ހުވަފެނުގެ އެހިސާބުން އަހުސަލްއަށް ނިދިން ހޭލެވުނީއެވެ. އެރޭވެސް އަހުސަލް އޮތީ ބިރުން ދާހިއްލާ ގަނެފައެވެ. ޒައިނަބް އިތުރަށް ބިރުގަނެފާނެތީ އަހުސަލްއަށް ފެންނަމުން ދިޔަ ބިރުވެރި ހުވަފެންތަކުގެ ވާހަކަ އޭނާ ޒައިނަބަށް ކިޔާދޭކަށް ބޭނުމެއް ނުވިއެވެ.
ނަމަވެސް ޖެހިޖެހިގެން ތިންރޭ އެގޮތަށް ބިރުވެރި ހުވަފެން ފެނުމުން އަހުސަލް ދެން އިތުރަށް އެކަން ސިއްރު ނުކޮށް ޒައިނަބަށް ކިޔައިދޭން ނިންމިއެވެ.
ތިންވަނައަށް ބިރުވެރި ހުވަފެން ފެނިފައި ހޭލެވުން ދުވަހު ހެނދުނުގެ ސައިބޯން ތިބި ވަގުތު އަހުސަލް ޒައިނަބް ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތް ކަމުގައި ބުންޏެވެ.
“ޒައިނަބް…. އަހަންނަށްވެސް ބިރުވެރި ހުވަފެން އެބަ ފެނޭ މިހާރު..”
އަހުސަލް ބުންޏެވެ.
“ކޯއްޗެއް ހުވަފެނުގަ ފެންނަނީ.؟.”
ޒައިނަބް ސުވާލު ކުރިއެވެ.
އަހުސަލް އޭނާއަށް ފެނުން ހުވަފެންތައް ޒައިނަބަށް ކިޔާދިނެވެ.
“އަހަރެންނާ ހެދި އަހުސަލްވެސް ބަލިވަނީ ކަންނޭނގެ… އަބަދު އަހަރެންގެ ކަންކަމުގަ ވިސްނާ ފިކުރުކޮށް ހަދާތީ.. އަބަދު ނުނިދާ އުޅެން ޖެހޭތީ…”
ޒައިނަބް ދެރަވެލާފައި އެހެންބުނެ އިސްޖަހާލިއެވެ.
“ޒައިނަބް.. ތިހެން ނުބުނޭ.. ތީ މަގޭ ލޯބިވާ އަންހެނުން.. ޒައިނަބްއަށް ބެލުމަކީ މަގޭ ވާޖިބެއް..”
އަހުސަލް ދެރަވެލާފައި ބުންޏެވެ.
ޒައިނަބް އޭނާގެ ފެންކަޅިވަމުން ދިޔަ ދެލޯ އަހުސަލަށް ފޮރުވަން އިސްޖަހާލިއެވެ.
ޒައިނަބް އެންމެ ދެރަވީ މިހުރިހާ ކަމަކާހެދި އެދެމީހުންގެ ގުޅުމަށް ބުރޫ އަރައިފާނެތީއެވެ.
އެދުވަހު މެންދުރު ޒައިނަބްގެ ދަައްތަ ޝިފާ އޭނާގެ ދެކުދިން ގޮވައިގެން ޒައިނަބްމެންގެ ގެއަށް ދިޔައެވެ. އަނެއްކާވެސް ޒައިނަބްގެ ހަބަރެއްނުވެ އެންމެންނާ ކުޑަކޮށް ދުރުވާން ފެށުމުން ޝިފާ ދިޔައީ ޒައިނަބް ކޮބާތޯ ބެލުމަށެވެ. އެގެއަށް ގޮސް ޒައިނަބް އާއެކު މެންދުރަށް ކައްކާ ކައި ހަދައިގެން ޒައިނަބް ކައިރީގައި ވަރަށްގިނަ ވަގުތު އޭނާ ހޭދަކުރިއެވެ.
“ޒައިނަބް ކޮއްކޯ.. މިހާރު ހާދަ ހިއްކޭ..”
ޝިފާ ޒައިނަބަށް ބަލާލަމުން ބުންޏެވެެ.
“އާން މިހާރު ނުވޭ އެހާ ކާހިތެއް.. ބަނޑުހައެއްވެސް ނުވޭ..”
ޒައިނަބް ބުންޏެވެ.
“ޑޮކްޓަރު ކައިރީގަ ތިވާހަކަ ބުނެފިންތަ؟..”
ޝިފާ އެދުނީ ޒައިނަބު ޑޮކްޓަރަށް ގޮސް އޭނާއަށް ނުކެވޭ ވާހަކަ ބުނުމަށެވެ.
“ކުރިންވެސް ބުނީމޭ.. އަނެއްކާވެސް ދާންވީ ޑޮކްޓަރަށް..”
ޒަައިނަބް ބޭނުންވީ އެވާހަކަ އަވަހަށް ނިންމާލާށެވެ.
ޝިފާ ބޯ ޖަހާލާފައި އިތުރު އެއްޗެއް ނުބުނެ އިރުކޮޅަކު ވިސްނާލަން އިނެވެ.
“މިހާރު އަހުސަލްވެސް ހީވަނީ ބަލިވެފަ ހުންނަ ހެން. ”
ޝިފާ ވިސްނަން އިނދެފައި ބުންޏެވެ.
“އާން އެއީ އަހަރެންނާ ހެދި… އަހުސަލަށްވެސް ރަނގަޅަކަށް ނުނިދޭ.. އެހެންވެ އެއި..”
ޒައިނަބް އިސްޖަހާލަމުން ބުންޏެވެ. އޭނާ ގަބޫލު ކުރަނީ އަހުސަލްއަށް އަންނަމުންދާ ބަދަލުތަކަކީ ޒައިނަބުގެ ސަބަބުންވާ ކަމެއް ކަމަށެވެ.
“ކޮއްކޯ.. ތިހެން ބުނާކަށް ނުވާނެ.. ޒައިނަބް އަމިއްލައަކަށް ނޫނެއްނު ބަލިވީކީ.. އަހުސަލް އެއީ ކޮއްކޮގެ ފިރިމީހާ ވީމަ ކޮއްކޮއަށް ނުނިދެންޏާ އަހުސަލްވެސް ހޭލާދޯ އުޅޭނީ.. ބަލިވިޔަސް އެކަކު އަނެކަށް ބަލަން ޖެހޭނެއޭ.. އެއީ އަމިއްލަ ނަފްސު ކުއްވެރި ކުރަންޖެހޭ ސަބަބެއް ނޫން..”
ޝިފާ ޒައިނަބްގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.
ޒައިނަބް އަދިވެސް ޝިފާއަކަށް އޭނާއަށް ފެންނަ ހުރިހާ ބިރުވެރިކަމެއް ކިޔައެއް ނުދެއެވެ. ޝިފާއަށް ވެސް އެނގޭނީ މިކަންތައް ގަނޑުގެ ކުޑަ މިންވަރެކެވެ.
“ދޮންތާ.. އަހަންނަށް ހީވަނީ ހަމަ މީ ސިހުރު ނޫނީ ޖިންނި ޝައިތާނެއްގެ އުނދަގުލެއް ހެން..”
ޒައިނަބް އެހެން ބުނުމުން ޝިފާ އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ.
“ކޮއްކޮއަށް ތިހެން ހީވަންޏާ ރުޤްޔާ ކުރަންވީނު އިތުރަށް.. ކޮއްކޮގެ ކޮންމެ ކަމެއްގަ ދޮންތަ އަބަދުވެސް ކޮއްކޮ ކައިރީގަ ހުންނާނަން.”
ޝިފާ ވަރަށްލޯބިން އެހެންބުނުމުން ޒައިނަބްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
ޖެހިގެން އައި ހުކުރު ދުވަހު ލޮނުދޫއަށް ދަތުރު ދިއުމަށް އެންމެން ތައްޔާރުވާން ފެށިއެވެ.
އަހުސަލްއާއި ޒައިނަބްވެސް އެދަތުރުގައި ބައިވެރިވުމަށް ދިޔައެވެ. ނަމަވެސް ދިއުމުގެ ކުރިން ޒައިނަބް އަހުސަލްގެ ކައިރިން އެތަށް ފަހަރަކު އެދުނީ ދަތުރު ނިމިގެން އަނބުރާ ރަށަށް އާދެވެންދެންވެސް ދުރަށް ނުގޮސް ޒައިނަބްގެ ކައިިރީގައި ހުރުމަށެވެ. އެންމެ ފަހުން ލޮނުދޫއަށް ދިޔަ ދުވަހު ޒައިނަބަށް ދިމާވި ކަންތަކުގެ ސަބަބުން އޭނާ ގަނެފައިވާ ބިރު އަދިވެސް ފިލައިގެން ނުދަނީއެވެ.
ކެއްކުމަށް ބޭނުންވާ އެކި ސާމާނުތައް ހިފައިގެން އެންމެންގޮސް ދޯންޏަށް އެރުމުން ދޯނީގެ އިންޖީނު ސްޓާޓުކޮށް ޖެޓީއިން ދޯނި ނައްޓާލިއެވެ. ދަތުރުމަތީގައި ކުދިވެރިން ވަރަށް މަޖާކޮށް ކުޅެމުން ދިޔައެވެ. އޭރު ދޯނީގައި ތިބި އަންހެންވެރިން ދިޔައީ މެންދުރުގެ ކެއުމާ ބެހޭގޮތުން އެކިއެކި ކަންކަން ރާވަމުންނެވެ.
ލޮނުދޫއަށް ދެވުމާއެކު އާދައިގެން މަތިން އަންހެންވެރިން ގޮސް ކައްކާ ތެލިތަކާއި އެފަދަ ސާމާނުތައް ގަހެއްގެ ހިޔަލުގައި ބެހެއްޓިއެވެ. އޭރު އަރައިގެން އައި އިރުގެ ގަދަހޫނު އަތިރިމަތީގެ ވެލިގަނޑު މައްޗަށް ފެތުރެމުން ދިޔައެވެ. މޫދުގެ ސާފު ލޮނުގަނޑަށް އެޅިފައިވާ އިރުގެ ދޯދިތަކުން މުޅިމޫދު ހީވަނީ ދިއްލާލައިފައި އޮތް ހެންނެވެ.
ދަތުރުގައި ބައިވެރިވި ބައެއް ފިރުހެނުން ފާލަމުގައި ދޯނީގެ ވާ އައްސަން އުޅެނިކޮށް އަނެއްބަޔަކު ކާށި ހޮވުމަށް ވަލުތެރެއަށް ވަންނަން ފެށިއެވެ.
ޝިފާއާއި ޒައިނަބް އުޅުނީ ތެލިތައް ނަގައި މެންދުރަށް ކެއްކުމަށް ތައްޔާރު ވުމުގައެވެ. އޭރު ކުދިވެރިން އަތިރިމަތީގެ ރާޅުޖަހާ ހިސާބުގައި ބޯޅައެއް ހިފައިގެން ކުޅެ އުޅުނެވެ.
ހިނދުކޮޅަކަށް ޒައިނަބްގެ ހިތުގައިވާ ބިރުވެރި ހިޔާލުތަށް ފިލާދިޔަ ފަދައެވެ. އެއުފާވެރި މާހައުލުގައި އެންމެންވެސް ފެންނަނީ ވަރަށް އުފާވެރިކޮށެވެ.
“އަހުސަލް.. އާދެބަ މިއޮއް ކަމެއް ބަލާލަން..”
ރުއްތަކާއި ދިމާލުގައި ހުރި އިސްމާއިލް އަހުސަލަށް ބާރަށް ގޮވާލިއެވެ.
އަހުސަލް ފަހަތުން ޒައިނަބްވެސް އެދިމާލަށް ދިޔައެވެ.
“މީ ކޮންކަމެއް…”
ވަލުތެރެއަށް ވަންނަން އޮންނަ ހަނިމަގު ކައިރީގައި އަތުރާފައި ހުރި އޮފިތައް އަހުސަލަށް ދައްކަމުން އިސްމާއިލް ބުންޏެވެ.
“މީހަކު ކޮންމެވެސް މަސައްކަތެއް ކުރަން ފަށާފަ ކަންނޭނގެދޯ.”
އިސްމާއިލް ވިސްނާލަމުން ބުންޏެވެ.
“ތީ ކޮންމެވެސް މީހަކު އެއްކޮށްފަ ހުރި ދަރުތަކެއް ކަންނޭގެ..”
އަހުސަލްއަށް ހީވާގޮތް އޭނާ ބުންޏެވެ.
އެހާ ކުޑަކުޑަ ކަމަކާ އިސްމާއިލް އެހާވަރަށް އެވިސްނަނީ ކީއްވެބާއޭ ޒައިނަބްގެ ހިތަށް އެރިއެވެ. އެއީ އެރަށަށް އައި ކޮންމެވެސް ބައެއް އެއްކޮށްފައި ހުރި ދަރުތަކަށްވެސް ވެދާނެ ވިއްޔާއެވެ.
އެދިމާލުން ބިންމަތީގައި އެއްޗެއް ދަމާފައި ހުރިފަދަ ތަނެއްވެސް އިސްމާއިލަށް ފާހަގަ ވިއެވެ.
އަހުސަލްވެސް ގޮސް އެތަން ބެލިއެވެ. ހީވާ ގޮތުން އެއީ ބިންމަތީގައި އެއްޗެއް ދަމާ ކޫއްތާފައި ހުރި ކަހަލަ ނިށާނެކެވެ.
ޒައިނަބް އެތާގައި ހުރި އިރު އޭނާއަށް ފެނިފައިވާ ހުވަފެން ހަނދާންވިއެވެ. ހުވަފެނުގައި މަރިޔަމް އެހަނިމަގުގެ ކޮޅުގައި ހުއްޓިގެން ހުރި ހަނދާންވިއެވެ. އެ ހަނދާންވުމުން ޒައިނަބްގެ ހިތަށް ބުނެދޭން ނޭނގޭފަދަ އުނދަގުލެއް ވާން ފެށިއެވެ. އެހެންކަމުން ޒައިނަބް އަހުސަލްމެންނާ ކުޑަކޮށް ދުރަށް ޖެހި ދުރުގައި މަޑުކޮށްލިއެވެ.
އެހެން ހުއްޓައި ފަހަތުން ގަސްތަކުގެ ތެރެއިން ޒައިނަބަށް މީހަކު ގޮވާލިހެން އޭނާއަށް ހީވިއެވެ. ދެން މަޑުމަޑުން އިވެންފެށީ އަންހެނެއްގެ ރުއިމުގެ އަޑެވެ. ޒައިނަބްއަށް ބޭ އިޚްތިޔާރުގައި އެއީ ކާކުތޯ ބެލުމަށް އެދިމާލަށް ހިނގައި ގެނެވުނެވެ.
“ޒައިނަބް!!.. ކޮންތާކަށް ތިދަނީ؟..”
ބޭ އިޚްތިޔާރުގައި ވަލުތެރެއަށް ވަންނަންދިޔަ ޒައިނަބު ފެނިފައި އަހުސަލް ބާރަށް ގޮވާލިއެވެ.
އެއަޑަށް ޒައިނަބް ހުއްޓި އަހުސަލް އަށް ބަލާލިއެވެ.
އެވަގުތު ގަސްތަކުގެ ތެރެއިން އައި ރުއިމުގެ އަޑު އިތުރަށް ބާރުވާން ފެށިއެވެ.
“އެދިމާލުން އެބައިވޭތަ އަޑެއް؟.”
އަހުސަލް ގޮސް ޒައިނަބުގެ ކައިރީގައި ހުއްޓުމުން ޒައިނަބު އެހިއެވެ.
“އާން.. އަންހެނެއް ރޯއަޑު ދޯ… އެބަ އިވޭ.”
އަހުސަލް އެހެންބުނެ އެއަޑަށް ސަމާލުކަން ދީގެން އަޑުއަހަން މަޑުކޮށްލި ވަގުތު އެއަޑު ހުއްޓުނެވެ.
އަދި ވަލުތެރެއިން އެއަޑު އައި ދިމާލުން ގަސްތައް ތެޅިގަތެވެ.
“ކާކު؟.. ކާކުތަ ގަސްތަކު ތެރެއިން ރޮނީ؟!!.”
އަހުސަލް ވަރަށް ބާރަށް އެހިއެވެ.
ނަމަވެސް އެދިމާލުން އިތުރު އަޑެއް ނައެވެ. އަހުސަލްގެ ސުވާލަށް އެއްވެސްމީހެއްގެ ޖަވާބެއްވެސް ނައެވެ.
އިރުކޮޅަކުން އިސްމާއިލް މެންވެސް އެދިމާލަށް އައިސް އެންމެންވެގެން ވަލުތެރެ ހޯދާ ބެލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އެންމެންގޮސް ފާތުންމެން ކައްކަން ތައްޔާރު ކުރަންތިބި ދިމާލަށް ދިޔައީއެވެ.
ދުވަހުގެ ބާކީ ބައިގައި، ކުރިންވީ ކަންތައް ހަނދާން ނައްތާލާ ދަތުރުގެ މަޖަލުގައި ބައިވެރި ވުމަށް ޒައިނަބް މަސައްކަތް ކުރިއެވެ. ނަމަވެސް އިރު އިރުކޮޅާ ޒައިނަބަށް އެއަޑު އައި ދިމާލަށް ބަލާ ލެވެއެވެ. އެދިމާލުން މީހަކު ފެނޭތޯވެސް ނަޒަރު ހިންގާލެވެއެވެ.
ޒައިންބްގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނީ ދަތުރު ނިމި އަނބުރާ ރަށަށް ދާން ދޯންޏަށް އެރުމުންނެވެ.
ލޮނުދޫއާ ދުރަށް ދޯނި ދާންފެށުމުން ޒައިނަބް އެނބުރި އެފަޅުރަށަށް ބަލާލި ވަގުތު އޭނާގެ މެޔަށް ހީވީ ކުދި ކަށިތަކެއް ހެރިގެން ދިޔަހެންނެވެ. ޒައިނަބަށް ފެނުނީ ވަލުތެރެއިން ރުއިއަޑު އައި ދިމާލުގެ އަތިރިމަތީގައި އަންހެނެއް ކޮޅަށް ހުއްޓައެވެ. ޒައިނަބް އިންގޮތަށް އެދިމާލަށް ބަލަން ހުއްޓުން އަރާފައި އިނެވެ.
އެދުވަހު ރަށަށްގޮސް ޒައިނަބްމެންގެ ގެއިން ގެންދިޔަ ސާމާނުތައް ހިފައިގެން އެމީހުން ގެއަށް ދިޔައިރު ފާތުންވެސް އެމީހުންނާއެކު އެގެއަށް ދިޔައެވެ. ލޮނުދޫއިން އައިއްސުރެ ޒައިނަބް އެއްވެސް މީހަކާ އަނގައިން ނުބުނެ ހުރުމުން އޭނާއަށް ކޮންމެވެސް ކަމެއް ވެފައި ހުރިކަން ފާތުންނަށް އެނގުނެވެ.
“ކިހިނެއް ވެފަ ދަރިފުޅު ތިހުންނަނީ؟..”
ފާތުން އެހިއެވެ.
ވަލުތެރެއިން މީހެއްގެ ރުއިމުގެ އަޑު އިވުނު ވާހަކައާއި ބިންމަތިން ފެނުން ތަނުގެ ވާހަކަ ޒައިނަބު ފާތުންނަށް ކިޔާދިނެވެ. އަދި އެވާހަކަ ދައްކަން ތިއްބާ އަހުސަލްވެސް އައިސް އޭނާއަށްވެސް އެއަޑު އިވުން ކަމުގައި ފާތުން ކައިރީގައި ބުންޏެވެ.
“ދަރިފުޅު ބިރުގަންނަންޏާ ދެން އެރަށަށް ނުގޮސް މަޑު ކޮއްލާނީ ދޯ ދުވަސްކޮޅެއް…”
ފާތުން ހީލަމުން ބުންޏެވެ. ޒައިނަބް ކިޔާދިން ވާހަކަތައް އަޑު އަހާފައި ކުޑަކޮށް ބިރުގަތް ނަމަވެސް ފާތުން އެކަން ޒައިނަބަކަށް ނުދައްކައެވެ.
ބަދިގެއިން ގޯތިތެރެއަށް ވަދެ ނިކުންނަން ހުންނަ ދޮރު ކޮންމެވެސް ކަމެއްގައި އަހުސަލް ހުރީ ހުޅުވާފައެވެ. އެތަންފެނި ފާތުން ބަދިގެ ތެރޭގައި ހުރެފައި އެތެރެއިން އެދޮރު ލައްޕާލަން ދިޔަވަގުތު ބަދިގޭގެ ޓައިލްސްތައް މަތީގައި ހުރި ފިޔަވަޅުތައް ފެނުމުން ކުޑަކޮށް މަޑުޖެހިލައި ރަނގަޅަށް ބަލާލިއެވެ. ދޮރާއި ވަރަށް ކައިރިން ވެލިގަނޑުމަތިން ފެށިގެން ތެތް ފިޔަވަޅުތަކެެއް ހުއްޓެވެ. އެއީ ހުސްފައިގައި ހިނގާފައިހުރި ފިޔަވަޅުތަކެވެ. ނަމަވެސް އެފިޔަވަޅުތައް ފެށިފައި ހުރީ ގޯތިތެރޭގެ ވަލުދޮރާށިން ފެށިގެނެއް ނޫނެވެ. އެ ތެތް ފިޔަވަޅުތައް ފެށިފައި ހުރީ ގޯތިތެރޭގައި ހުންނަ ކުނިއަޅާ ޑަސްބިނުން ފެށިގެންގޮސް ބަދިގެ ތެރެއަށެވެ. ބަދިގޭގެ ތަޅުންގަނޑު މަތީގައި ޖަހާފައިވާ ތަށިމުށިތަކުގެ މަތީގައި އެ ފިޔަފަޅުތަކުގެ ނިށާން ހުރި ތަންތަނުގައި ފެނާއެކު ކޮންމެވެސް ވަރަކަށް ތެތްވެލިވެސް ހުއްޓެވެ.
“ކާކު ތެމިގެންހުރެ ބަދިގެއަށް ވަނީ؟. ހުސް ވެލި މިއޮތީ… ”
ސިޓިންރޫމު ތެރޭގައި އިން އަހުސަލްއަށްވެސް އިވޭވަރަށް ފާތުން ޝަކުވާގެ ރާގަކަށް އަހާލިއެވެ.
“ނޭނގެ… އެއްވެސް މީހެއް ނުވަދޭ ތެމިގެންނެއް.”
އަހުސަލް ސިޓިންރޫމުގައި ޓީވީ ބަލަން އިނދެ ޖަވާބު ދިނެވެ.
“އަހުސަލް އާދެބަލަ…”
ފާތުން އަނެއްކާވެސް ބާރަށް ގޮވާލިއެވެ.
އަހުސަލް ބަދިގެ ތެރެއަށް ދިއުމުން ފާތުން އެ ފިޔަވަޅުތައް އަހުސަލްއަށް ދެއްކިއެވެ. އެ ފިޔަވަޅުތައް ހުރީ ގޯތިތެރޭގެ ޑަސްބިނުން ފެށިގެން ކާމޭޒާ ހިސާބަށެވެ. ކާމޭޒު ކައިރިން ކުއްލިއަކަށް ހުއްޓިފައެވެ.
“ހާދަ އެހެން ކަހަލައޭ ދޯ… މިހިސާބަށް ހުއްޓިފަ ހުރީމަ..”
ފާތުން އެކަމާ ވަރަށް ވިސްނާލިއެވެ. އިރުކޮޅަކު އެހެން ހުރެފައިގޮސް ފޮތި ގަނޑަކުން އެތަން ފޮހެ ސާފުކުރިއެވެ. އަދި އެދޮރު ލައްޕާ ތަޅުލިއެވެ.
އެދުވަހު ދެންއިތުރަށް އެއްވެސް މީހެއް އެވާހަކައެއް ނުދައްކައެވެ. އެއްވެސް މީހެއް އެއީ ދެން މާބޮޑު ކަމަކަށް ނުހަދައެވެ.
އެރޭ ޒައިނަބްއާއި އަހުސަލް ކައިގެން ޓީވީ ބަލާލަން ސިޓިންރޫމުގައި ތިއްބައި ކުއްލިއަކަށް މީހަކު ގޭގެ މައިދޮރުގައި ޓަކިޖަހާ އަޑު އިވެން ފެށިއެވެ. އަހުސަލް އޭނާގެ އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ. އޭރު ދަންވަރު ބާރަ ޖަހަނީއެވެ. ކުޑަކޮށް ޖެހިލުންވެ ހުރެ ގޮސް ދޮރު ހުޅުވާލިއިރު ދޮރު މަތީގައި ހުރީ މަރިޔަމްއެވެ.
“ކޮބާ ޒައިނަބް؟..”
އަހުސަލް ކައިރީގައި މަރިޔަމް އަހާލިއެވެ.
އަހުސަލަށް އެއްޗެއް ނުބުނެވެނީސް މަރިޔަމް ގޭތެރެއަށް ވަނެވެ.
މަރިޔަމް ސިޓިންރޫމު ތެރެއަށް ވަދެގެން ގޮސް ސޯފާގައި އިން ޒައިނަބް ކުރިމަތީގައި އިށީނެވެ. ކުރީ ރޭގައި ދަންވަރު ގޯތި ތެރެއިން މަރިޔަމްގެ އަޑުން ރޯއަޑު އިވުނު ފަހުން ޒައިނަބްގެ ހިތުގައިވާ ބިރުވަނީ އިތުރު ވެފައެވެ.
“ޒައިނަބްގެ ހާލު ކުރިއަށް ވުރެން ރަނގަޅުތަ؟.”
ގޭތެރޭގައިވާ ހަމަހިމޭންކަމުގެ ތެރެއިން މަރިޔަމް ބުންޏެވެ.
“ބައެއް ދުވަސްދުވަހު ރަނގަޅު.. އަނެއްބައި ދުވަހު ވަރަށް ބަލި..”
ޒައިނަބް ދެރަވެލާފައި ބުންޏެވެ.
ޒައިނަބް ތިކަމަށް ރުޤްޔާ ކުރަން ފެށީތަ؟.”
ދެއަތް ދެއަތާ އުނގުޅަމުން މަރިޔަމް އެހެން އެހިއިރު އޭނާގެ ހިތުގައިވާ ހާސްކަން ފޮރުވަން މަސައްކަތް ކުރިކަން އެނގެއެވެ.
“އާން..”
ޒައިނަބް ދިނީ ކުރު ޖަވާބެކެވެ.
ޒައިނަބް މަރިޔަމްގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. މިރޭ މަރިޔަމްގެ މޫނުމަތީގެ ކުލަވަރު އެހެންނޫނީ ފެންނަ ފެނުމާ ވަރަށް ތަފާތެވެެ. އެމޫނުމަތިން ފެންނަނީ ހާސްކަމާ ނުތަނަވަސް ކަމެވެ.
“މަރިޔަމް… ހުރިހާ ކަމެއް އޯކޭތަ؟..”
މަރިޔަމްގެ މޫނުމަތީގައިވާ ހާސްކަން ފެނި ޒައިނަބް އަހާލިއެވެ.
ޒައިނަބްގެ ސުވާލަށް ޖަވާބުދޭން އަނގަ ހުުޅުވާލާފައިވެސް މަރިޔަމް އެއްޗެއް ނުބުނެ އިނެވެ.
އެވަގުތު ހަސަދައިގެ އަލިފާނުގައި ޖެހި މަރިޔަމްއަށް ކުރެވުނު ކަންތަކަށް އިއުތިރާފްވާން އޭނާ ބޭނުންވިއެވެ. ނަމަވެސް މަރިޔަމްއަށް އެހިތްވަރެއް ނުލިބުނެވެ.
“ދެން ދަނީ އިނގޭ..”
މަރިޔަމް ތެދުވަމުން ބުންޏެވެ..
“ހާދަ އަވަހަކަށް؟.”
ޒައިނަބް އަހާލިއެވެ.
“އާން.. ކޮންމެހެން ނިންމަން ޖެހޭ ކަމެއްވެސް އެބައޮތް… ދެންދަނީ..”
އެހެން ބުނެ މަރިޔަމް ދިޔައީއެވެ.
މަރިޔަމް ދިއުމުން އަހުސަލް ގޭގެދޮރު ތަޅުލިއެވެ.
“މަރިޔަމް އުޅުން ގޮތް ވަރަށް ވިއާޑް ދޯ.. އަދި މިގަޑީގަ އެއައިވެސް….”
އަހުސަލް ޒައިނަބް ކައިރީގައި އިށީންނަމުން ބުންޏެވެ. އާން އެކޭ ބުނެ ޒައިނަބް އެވާހަކަ ނިންމާލިއެވެ. ޒައިނަބްގެ ހިތުގައި މަރިޔަމްއާ ދޭތެރޭގައި ކިތަންމެ ޝައްކެއް އޮތްކަމުގައި ވީނަމަވެސް ސާފު ހެއްކެއްނެތި ވަކި މީހަކާ ދިމާލަށް އިނގިލި ދިއްކުރާކަށް އޭނާ ބޭނުމެއް ނެތެވެ.
އެރޭވެސް ޒައިނަބަށް ބިރުވެރި ހުވަފެނެއްް ފެނުނެވެ. ލޮނުދޫގެ އަތިރިމަތީގައި ޒައިނަބްއާއި އޭނާގެ މަންމަ ފާތުންނާއި ޒައިނަބްގެ ކޮއްކޮ އިސްމާއިލް އަދި އޭނާގެ ދައްތަ ޝިފާއާއި ހަތަރު މީހުން ތިއްބެވެ.
އެވަގުތު އިރު އޮއްސެން ކައިރިވެފައި ވުމުން ދޯނި އޮތީ އެރަށުން ނައްޓާލަން ތައްޔާރަށެވެ. ނަމަވެސް ދޯނީގައި ތިބި މީހުން ޒައިނަބްމެންނަށް ދޯންޏަށް އަންނާށޭ ކިޔާ ގޮވަމުން ދިޔަނަމަވެސް ކުރިޔަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
“ކަލޭ ތިއައީ އެމީހުންވެސް ގޮވައިގެންދޯ..”
ޒައިނަބްގެ ފަހަތުން ގަސްތަކުގެ ތެރެއިން ބުނިއަޑު އިވުނެވެ. އެއަޑަށް ސިހިފައި ޒައިނަބަށް ހޭލެވުނީއެވެ.
ޒައިނަބަށް ރޮމުން ހޭލެވުނުއިރު އަހުސަލް އަށްވެސް ހޭލެވުނެވެ.
“ކިހިނެއްވީ ޒައިނަބް؟.”
އަހުސަލް ޒައިނަބްގެ ކޯތާފަތް މަތީގައި ހުރި ކަރުނަތައް ފޮހެލަމުން އެހިއެވެ.
“މަންމައާ، ދޮންތައާ އިސްމާއިލް… އެތިންމީހުނަށް ކޮންމެވެސް ކަމެއް ވާން ކަންނޭގެ އުޅެނީ.. އަހަރެން ވަރަށް ބިރުގަނޭ އެބަ…”
ޒައިނަބް ރޮމުން ބުންޏެވެ.
“އެމީހުންނަކަށް އެއްވެސް ކަމެއް ނުވާނެ އިންޝާ ﷲ..”
އަހުސަލް ޒައިނަބް އޭނާގެ ގަޔާ ކައިރި ކޮށްލަމުން ބުންޏެވެ.
………..
މަރިޔަމް ދެލޯބޮޑުކޮށްގެން އޭނާގެ އެނދުމަތީގައި ނުނިދިފައި އިނެވެ. ކޮޓަރީގެ ދޮރާދިމާލަށް ބަލަން ގަނޑުވެފައި އިން ބުދެއްހެން އިންއިރު ވިސްނެމުން ދިޔައީ އޭނާއަށް ކުރެވުނު ކަންތަކާ މެދުގައެވެ. ހަސަދައާއި ނަފްރަތުން ހުޅުވާލެވުނު ދޮރެއްގެ ސަބަބުން އޭނާއަށްވެސް މިވަނީ އެތަކެއް ކަމަކާ ކުރިމަތިލާން ޖެހިފައެވެ. ބިރުން ނުނިދާ އިންނަން ޖެހިފައެވެ. މަރިޔަމް ހީކުރި ގޮތާ މުޅިން ޚިލާފަށް މިކަންތައް ގަނޑު މިދަނީ މާ ބޮޑުވެގެންނެވެ. އޭނާގެ ވިސްނުމަށްވެސް ނުގެނެވޭ ފަދަ ގޮތަކަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (10)
Comments are closed.
cant wait for next part feel like something big is about to happen
Hey Liya , So glad that you are liking this story. Let’s see dho what happens. 🤍☺️
Can’t wait
This is just too good 🎀
Thank you, I am so happy that you are enjoying this story. 🫰🏻🤍
I’m deep into this story, but why is that rugiya person so careless and mivaru vaairuves why are they not doing more
Hello HaaRaa so glad to know you like this story 😊
There are some actual evens in this story. They are going slow in to the process, still trying with zikr and dhua… as you know zainab’s brother ismail is also not believing there is a sihr or supernatural going on. There are some family preasure as well. Lets see what happens 😊 keep reading 🤍🫰🏻😘
Hi!
After this story you should write a story like “huvafenehbaa”
I loved that story sm♥️
Hey thank you so much for reading my stories & dropping a comment ☺️🤍 sure will write a story like “Huvafenebbaa” . How about continuing huvafenehbba as a part 2 ? , I would luv to get readers opinion on this ☺️
Yaaa!
I love biruveri × loabyge vaahaka
You should make part 2
I know I’ll love it
Noted, in sha Allah will continue huvafenehbaa as part 2 after zainab story ☺️🤍