
ޒައިނަބް – 4

ޒައިނަބް ދެލޯ ބޮޑުކޮށްގެން އެދިމާލަށް ބަލަން އޮތެވެ. ބޭރުން އެ އިވުނު އަޑު ޒައިނަބުގެ އަޑާ އެއްވެސް ތަފާތެއް ނެތެވެ. ޒައިނަބް އަދިވެސް އޮތީ ގަނޑުވެ ގުޑި ނުލެވިފައެވެ. އޭނާގެ މޭމަތީގައި ލޮލަށް ލޮލަށް ބޮޑު ބަރެން ބާއްވާފައި އޮތީ ހެންވެސް ހީވެއެވެ. އޭރުވެސް ކުޑަދޮރު ކައިރީގައި ހުރި ހިޔަނި ކޮރިޑޯއާ ދިމާލަށް އަތް ދިއްކޮށްގެން އެހުރި ގޮތަށް ހުއްޓެވެ.
“ޒައިނަބް..” އަނެއްކާވެސް ބޭރުން ހަމަ އެއަޑުން ގޮވާލިއެވެ.
ބިރުން އޮވެ ކުރުސި ކިޔެވޭތޯ ޒައިނަބް މަސައްކަތް ކުރިއެވެ. ނަމަވެސް ބިރުން އޮތްވަރުން ކޮންމެފަހަރަކު ކުރުސީގެ މެދާ ހިސާބަށް ދާތަނުން އޭނާއަށް ކުރުސި އޮޅުނީއެވެ. އެހެން އުޅެމުންގޮސް ވަރަށް މަސައްކަތުން ޒައިނަބަށް ހިތުތެރެއިން ކުރުސި އެއްކޮށް ކިޔާ ނިންމާލެވުނެވެ. އެވަގުތު ހީވީ ކުއްލިއަކަށް މޭމަތީގައި އޮތް ބަރު ނެގި ހެންނެވެ. ޒައިނަބް ތެޅިގަނެފައި ތެދުވިއެވެ. އެވަގުތު ކުޑަދޮރު ކައިރީގައި ހުރި ހިޔަނި ކުއްލިއަކަށް ގެއްލުނެވެ. ޒައިނަބް ބިރުން ރޮއިގަތް އަޑަށް އަހުސަލްއަށްވެސް ހޭލެވުނެވެ.
“ބޭރުގަ އެބަހުރި މީހެއް!…” ޒައިނަބް ކޮޓަރީގެ ދޮރާ ދިމާލަށް އަތްދިއްކޮށްގެން ހުރެ އެހެން ބުނިއިރު އޭނާގެ އަޑު ތުރުތުރު ލަނީއެވެ.
ކޮޓަރީގެ ބޮކިތަށް ދިއްލުމަށް ފަހު އަހުސަލް ގޮސް ބޭރު ކޮރިޑޯ ބެލިއެވެ. ޒައިނަބްވެސް އަހުސަލްގެ ފަހަތުން ދިޔައެވެ. ނަމަވެސް ބޭރަކު އެއްވެސް މީހެއް ނެތެވެ.
އެދެމީހުންގޮސް ގޭގެ މައިދޮރު ހުޅުވައި މަގުމަތިވެސް ބެލިއެވެ. މަގުމަތިންވެސް މީހަކު ފެންނާކަށް ނެތެވެ.
“ތިވާނީ ހުވަފެނަކަށް… ނެތެއްނު އެއްވެސް މީހެއް..”
އަހުސަލް އޭނާ ކައިރީގައި ހުރި ޒައިނަބްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
“އެކަމަކު އަހަންނަށް އިވުނޭ މީހެއް ގޮވިއަޑު.. އަހަރެންގެ އަޑުން ގޮވީވެސް..”
ޒައިނަބް ބޭނުންވީ އެއީ އޭނާއަށް ހީވިގޮތެއް ނޫނީ ފެނުނު ހުވަފެނެއް ނޫންކަން އަހުސަލަށް ޔަގީން ކޮށްދޭށެވެ. ނަމަވެސް އަހުސަލް އެކަމަކާ އިތުރަކަށް އެއްޗެއް ނުބުންޏެވެ. ޒައިނަބްގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނީއެވެ. އެވާހަކަ ދެއްކި ވަރަކަށް ޒައިނަބް އިތުރަށް ބިރު ގަނެ ފާނެތީ ކަމަށްވެސް ވެދާނެއެވެ. އެރޭ ޒައިނަބް އިތުރަށް ނިދާކަށް ބޭނުމެއް ނުވިއެވެ. ފަތިސް ވަންދެން އަހުސަލް ކައިރީގައި އިށީނދެލައިގެން އިނީއެވެ.
“އަހުސަލް.. އަހަންނަށް އަބަދަކު މިހެނެއް ނޫޅެވޭނެ… އަބަދު މިހެން އުޅެން ވެއްޖެއްޔާ އަހަރެން މޮޔަވެދާނެ..”
ޒައިނަބް ފެންކަޅިވެފައި އިނދެ ބުންޏެވެ.
“މާބޮޑަށް ނުވިސްނާ.. ކޮންމެވެސް ގޮތެއް ހޯދާނީ ..”
އަހުސަލް ޒައިނަބްގެ އަތުގައި ހިފައިގެން އިނދެ ލޯބިން ބުންޏެވެ.
“ޑޮކްޓަރަށް ދެއްކިޔަސް ހިނގާބަލަ ރުޤްޔާކުރާ މީހެއް ކައިރިއަށްވެސް ދާން..”
ޒައިނަބް އާދޭހުގެ ރާގަކަށް ބުންޏެވެ.
އަހުސަލް ވަގުތުން އެކަމަށް އެއްބަސްވިއެވެ.
ޖެހިގެންއައި ހަފްތާގައި އެ އާއިލާމީހުން އެއްވެ ކުރި އެއްވެސް ކަމެއްގައި ބައިވެރިވާކަށް ޒައިނަބެއް ނުދެއެވެ. އެހިސާބުން އަނެއްކާވެސް އަހުސަލްއާއި ޒައިނަބަށް އާއިލާގެ އެކި މީހުންގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނެވެ.
އެއިން ކޮންމެ ސުވާލަކަށް ޒައިނަބަށް ރަނގަޅަށް ނުނިދޭތީ ކުޑަކޮށް ބަލިވެ އުޅެނީ ކަމުގައި ބުނެ ނިންމާލަނީއެވެ. ވަމުންދާ ކަންކަމުގެ އެއްވެސް ތަފްސީލެއް އެއްވެސް މީހަކަށް ނުދެއެވެ.
ނަމަވެސް އެހެން ރަށްރަށެކޭ ވެސް އެއްގޮތަކަށް، އެރަށަކީވެސް މީހުން އެއްވާ ތަންތަނުގައި މީސްމީހުންގެ ޒާތީ ވާހަކަތައް ދައްކާ ހަދާ ރަށެކެވެ. އެގޮތުން ޒައިނަބްމެންގެ ގެ ކައިރީ އަވައްޓެރިއަކު ކިޔާފައިވަނީ ޒައިނަބްއަށް ގޮތްނޭނގޭ ބޮޑު ބައްޔެއް ޖެހިގެން އުޅެނީ ކަމުގައެވެ. އެހެންމީހަކު ކިޔާފައިވަނީ އޭނާ ޑިޕްރެޝަނަށް ބޭސްކުރަނީ ކަމުގައެވެ. އަދި އެއްބަޔަކު ޒައިނަބަށް ސިހުރެއް ޖެހުނީއޭ ކިޔެވެ. އަދި ނުވިތާކަށް ޒައިނަބް އުޅެނީ ގައިންގަޔަށް އަރާ ބޮޑު ބައްޔެއް ޖެހިގެން ކަމުގައިވެސް ރަށުތެރޭގައި ވާހަކަ ފެތުރުނެވެ. އެކިމީހުން އެކި ގޮތްގޮތަށް އެވާހަކަތައް ފަތުރަން ފެށިއެވެ. އަދި ޖޯލިފަތި ތަކާއި ކޮފީ މޭޒުތަކުގައި ޒައިނަބްގެ ވާހަކަ ދެއްކުން އިތުރުވިއެވެ.
އެއްދުވަހަކު ޒައިނަބްގެ ދެބެންގެ ދެދަރި ދައްތައެއް ކަމުގައިވާ ރިޒާނާ ޒައިނަބަށް ގޮވާލަން އެގެއަށް ދިޔައެވެ.
“ޒައިނަބް ކޮއްކޯ… މުޅި ރަށުތެރޭގަ އެކި ގޮތްގޮތަށް ޒައިނަބްގެ ވާހަކަ އެބަދައްކާ..”
ސިޓިން ރޫމުގެ ސޯފާގައި އިން ޒައިނަބް ކައިރީގައި އިށީންނަމުން ރިޒާނާ ބުންޏެވެ.
“އާން.. އަހަރެންވެސް އަޑުއަހައިފިން ތިވާހަކަ… އަހަރެންގެ ވާހަކަ މުޅި ރަށުތެރޭގަ އެބަ ދައްކަޔޭ އެހެން މީހަކުވެސް ބުނި..”
ޒައިނަބް ދެރަވެލާފައި ބުންޏެވެ.
“ޒައިނަބަށް މީހަކު ހަސަދައެއް ލީތަ؟..”
ރިޒާނާ އަހާލިއެވެ.
“ނޭނގުނަސް އަބަދުވެސް އުޅޭނެ ދޯ ހަސަދަވެރިވާ މީހުން.. އެއީ ކޮންމެ ތަނެއްގަވެސް އާންމު ކަމެއްނު..”
ޒައިނަބް ޖަވާބުދިނެވެ. ޒައިނަބް އޭނާގެ ހިތުގައިވާ ބިރުވެރިކަން ފޮރުވަމުން ހީލެވޭތޯ މަސައްކަތް ކުރިއެވެ. ހަގީގަތަކީ ޒައިނަބް ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިނަމަވެސް އޭނާވެސް މިހާރު އެހެން ހިތަށް އަރާކަމެވެ.
ރިޒާނާ ޒައިނަބްގެ މޫނަށް ބަލަން އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.
“އަބަދުވެސް ވަރަށް ވިސްނައިގެން އުޅެންވާނީ.. އެންމެ ކައިރީގަ އުޅޭ މީހުންވެސް ކޮށްފާނެ ކޮންމެ ފަދަ ކަމެއްވެސް. މީހެއްގެ ގޮތެއް ނޭނގޭނެ..”
ރިޒާނާ އެހެން ބުނުމުން ޒައިނަބަށް އެކަމާ ވަރަށް ރަނގަޅަށް ވިސްނާލެވުނެވެ. ރިޒާނާ ދިޔަ ފަހުންވެސް އެތަކެއް އިރަކު އެކަމާ ވިސްނަން އިނދެވުނެވެ.
ޒައިނަބަކީ އަބަދުވެސް މީހުންނަށް ވަރަށްހެޔޮ ދީލަތި މީހެކެވެ. ވީއިރު އޭނާއަށް ހަސަދަވެރިވެ އޭނާގެ ދިރިއުޅުން ހަލާކު ކޮށްލަން ބޭނުންވާނީ ކާކުބާއޭ ހިތަށް އެރިއެވެ. ޒައިނަބް އެއްވެސް މީހަކާ ދޭތެރޭގައި އެހާ ގޯސްކޮށް ވިސްނާކަށްވެސް ބޭނުމެއް ނެތެވެ. ނަމަވެސް މިކަމަށް ކޮންމެވެސް ހައްލެއް ލިބޭތޯ އިތުރަށް މަސައްކަތް ކުރަން އެބަޖެހެޔޭ ހިތަށްއެރިއެވެ.
ޒައިނަބް އެދުވަހު އޭނާގެ ބޮޑުދައިތަ ފާއިޒާއަށް ގުޅައިގެން ރަނގަޅު ރުޤްޔާކުރާ މީހެއްގެ ނަންބަރު ހޯދިއެވެ. އެއީ ރުޤްޔާކުރަން ވަރަށްމޮޅު މީހެއް ކަމަށާއި އަދިއެއީ އެރަށު ސުކޫލުގައި ޤުރުއާން ކިޔަވައިދޭ ޓީޗަރެއް ކަމުގައިވެސް ފާއިޒާ ބުންޏެވެ. ޒައިނަބް އެމީހާއަށް ގުޅުމުން މިރޭ އެގެއަށް ދިޔުމަށް އެދުނެވެ. ޒައިނަބްއާއި އަހުސަލް ނިންމީ ފާއިޒާވެސް ގޮވައިގެން އެގެއަށް ދިއުމަށެވެ.
އެރޭ ރޭގަނޑު ރަށުގެ މަގުތަކުން މީހުން މަދުވެލާ ހާއިރު ކޮއްފައި ޒައިނަބްއާއި އަހުސަލް އެމީހާގެ ގެއަށް ދިޔައެވެ. އެއީ ރަށުގެ އަނެއް އަވަށުގައި ހުންނަ ގެއެއްކަމުން ޒައިނަބް ދިޔައީ އަހުސަލްއާއެކު ސައިކަލުގައެވެ. އެމީހުންގޮސް އެގޭ ދޮރުމައްޗަށް މަޑުކުރި އިރު ފާއިޒާ ޒައިނަބްމެންގެ އިންތިޒާރުގައި އެގޭ ދޮރުމަތީގައި މަޑުކޮށްގެން ހުއްޓެވެ.
“އައްސަލާމު އަލައިކުމް.. އަޅުގަނޑަށް ކިޔަނީ ސަލީމް..”
ގޯތިތެރޭގައި ހުރި ޖޯލިފައްޗެއްގައި އިށީނދެގެން އިން ސަލީމް އެމީހުން ފެނުމާއެކު ތެދުވެ ސަލާމް ގޮވާލިއެވެ.
ސަލާމް ބަލައިގަނެފައި ޒައިނަބްމެން ގޮސް ސަލީމް ކައިރީގައި ޖޯލިފަތީގައި އިށީނެވެ.
ސަލީމް ޒައިނަބަށް ވާގޮތް ވަރަށް ތަފްސީލުކޮށް ކިޔާދިނުމަށް އެދުނެވެ.
އަބަދު ޒައިނަބުގެ ބޮލުގައި ރިއްސާ ވަރުބަލިވެފައި ހުންނަ ވާހަކަ އާއި، އޭނާއަށް ރޭގަނޑު ފެންނަ ބިރުވެރި ހުވަފެންތަކާއި ދެބަ ދޭތެރޭގައި ސްލީޕް ޕެރެލައިޒް ވާ ވާހަކަވެސް ޒައިނަބް ސަލީމަށް ކިޔާދިނެވެ. އަދި އެހެންވެފައި އޮންނަ ވަގުތު ތަކުގައި ބިރުވެރި އެއްޗެހި ފެންނަކަމާއި އިވޭ އެކިއެކި އަޑުތަކުގެ ވާހަކަވެސް ކިޔާދިނެވެ. އަދި ގޭތެރެއިން އިވޭ ބައެއް އަޑުތައް އަހުސަލަށްވެސް އިވޭ ވާހަކަ ބުންޏެވެ.
ޒައިނަބްގެ ވާހަކަތަށް ސަލީމް ވަރަށް ކަނުލާ އަޑުއެހިއެވެ.
“ތި ކިޔާދިން ކަންކަމުން ސީދާ ތިވަނީ ކިހިނެއް ކަމެއް ބުނާކަށް ނޭނގޭ… އެކަމަކު އިންޝާ ﷲ ތިކަމަށް ފަރުވާ ކުރެވިދާނެ… ﷲ ގެ ހަޒުރަތުން ޝިފާއަށް އެދި މަސައްކަތް ކުރިނަމަވެސް ޑޮކްޓަރަށް ދެއްކުން ހުއްޓާނުލާ ކުރިއަށް ގެންދޭ…”
ރަނގަޅަށް ވާނުވާ ނުބަލައި ކުއްލިއަކަށް ވަކިގޮތަކަށް ނިންމާކަށް ސަލީމް ބޭނުމެއް ނުވިއެވެ.
“ޒައިނަބްގެ ނިތްކުރީގައި އަތް އަޅައިގެން ކުޑަކޮށް ކިޔަވާލިޔަސް އެންމެ ރަނގަޅުތަ؟.”
ސަލީމް އަހުސަލްގެ ހުއްދައަށް އެދުނެވެ.
އަހުސަލް ޒައިނަބުގެ މޫނަށް ބަލާލިއެވެ. ޒައިނަބް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމުން އަހުސަލް އެކަމަށް އެއްބަސްވިއެވެ.
“އަހަރެންގެ ދެކުދިންވެސް ނިދައިފި.. އަނބިމީހާ އެކަނި ގޭގަ އުޅޭނީ… ހިނގާ ގޭތެރެއަށް.. ސޯފާގަ ތިބެ ކުޑަކޮށް ކިޔަވާލަން..”
ސަލީމް އެހެންބުނެ ގޮސް ގޭތެރެއަށް ވަނެވެ. ޒައިނަބް މެންވެސް ސަލީމްގެ ފަހަތުން އެތެރެއަށް ވަނެވެ. ޒައިނަބް ސޯފާގައި ބޭއްވުމަށްފަހު ކައިރީގައި ގޮނޑިއެއް ބަހައްޓައިގެން ސަލީމް ކިޔަވަން ފެށިއެވެ. ޒައިނަބް ދެލޯ މަރާލައިގެން އޮވެ ސަލީމް އޭނާގެ ނިތްކުރީގައި އަތް އަޅައިގެން ކިޔަވަމުންދިޔަ ޤުރުއާނުގެ އާޔަތްތައް އަޑުއަހަން އޮތެވެ. އޭރު ޒައިނަބްއާ ތިން ފޫޓެއްހާ ދުރުގައި ގޮނޑި ބަހައްޓައިގެން އެމަންޒަރު ބަލަން ފާއިޒާއާއި އަހުސަލް ތިއްބެވެ.
ކިޔަވަން ފެށިތާ ފުރަތަމަ ދެތިންމިނެޓު ތެރޭގައި އެއްވެސް ތަފާތުކަމެއް ޒައިނަބަކަށް އިހުސާސެއް ނުވިއެވެ. ނަމަވެސް ފަސްވަރަކަށް މިނެޓު ކިޔެވިތަނާ ޒައިނަބްގެ ބަނޑަށް ބާރުވާން ފެށިއެވެ. ކުއްލިއަކަށް މޭނުބައި ކޮށްފައި ބުނެދޭން ނޭނގޭފަދަ ފިނިކަމެއް ޒައިނަބްގެ ދެފައިން ފެށިގެން މައްޗަށް މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. އެވަގުތު ޒައިނަބަށް ރޮވެން ފެށިއެވެ. އެތަން ބަލަންއިން ފާއިޒާ ތެދުވެގެންގޮސް ޒައިނަބް ކައިރީގައި ހުއްޓުނެވެ. ސަލީމް ކިޔެވުން ކުރިއަށް ގެންދިޔައެވެ. މަޑުމަޑުން ޒައިނަބްއަށް ވަމުންދިޔަ އުނދަގޫތައް ހުއްޓުނެވެ. އެހެން ވިއްސަކަށް މިނެޓު ކިޔެވުމަށްފަހު ސަލީމް ކިޔެވުން ހުއްޓާލައި ޒައިނަބް ކައިރީގައި ތެދުވުމަށް ބުންޏެވެ.
ޒައިނަބް ދެލޯހުޅުވައި ސޯފާގައި އިށީނެވެ. އޭރު ޒައިނަބްގެ ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލި ވެފައިވާ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. ނަމަވެސް މީގެކުރިން ޒައިނަބްގެ ބޮލަށް ވެފައި ހުންނަ ބާރުކަން ކެނޑި ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.
އިރުކޮޅަކު އެގޭގައި ތިބުމަށްފަހު ޒައިނަބުމެން ސަލީމުއަށް ޝުކުރު އަދާކުރުމަށް ފަހު ގެއަށްދާން ތެދުވިއެވެ.
“ޒައިނަބް .. ހެނދުނާ ހަވީރުގެ ޒިކުރުތައް ކިޔާތި! ނަމާދު ނާޅާތި… ޝިފާ ދެއްވުމަށް އެދި ﷲ އަށް ދުޢާ ކުރުމުގަ ދެމިހުންނާތި!. އަދި ޑޮކްޓަރަށް ދައްކައިގެން ބޭސް ކުރުންވެސް ހުއްޓާ ނުލާތި އިނގޭ. ކުރިއަށް އޮތްތާ ދެން އިތުރަށް ރުޤްޔާކުރަން އަހަރެން ތިގެއަށް ދާނަން..”
ސަލީމް ޒައިނަބަށް ނަސޭހަތް ތެރިވިއެވެ.
އެރޭ ޒައިނަބަށް ވަރަށް ހަމަޖެހިގެން ގާތްގަނޑަކަށް ފަސް ގަޑިއިރު ނިދާލެވުނެވެ. އެގޮތަށް ފަސް ގަޑިއިރު ހޭނުލެވި ޒައިނަބަށް އެ ނިދާލެވުނީ އެތައް ދުވަހަކަށް ފަހުގައެވެ. ބާރަ ޖަހަނިކޮށް ނިދި ގޮތަށް ފަތިސް ނަމާދުގެ ބަންގިއަށް ހޭލެވުމުން ޒައިނަބު އެންމެ ފުރަތަމަވެސް ﷲ އަށް ހަމްދު ކުރިއެވެ. އޭނާއަށް ދިމާވެފައި މިވާ ކަންތައް ގަނޑަށް ނިމުމެއް އައިސްދާނެ ކަމުގެ އުންމީދު ހިތުގައި އާވިއެވެ. ދިރިއުޅުމުގައި އޭނާ ވެއްޓިފައި މިވާ ވަޅުގަނޑުން އަރައިގަނެވިދާނެ ކަމުގެ އިހުސާސް ކުރެވުނެވެ. ނަމަވެސް…. ޒައިނަބަށް ނޭނގެނީ މުސްތަގުބަލުގައި އޭނާ ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ބޮޑު ހަނގުރާމައަކާ ކަމެވެ.
ފަތިސް ނަމާދު ކޮށްގެން ޒައިނަބު ގޭތެރޭގެ މަސައްކަތްތައް ކޮށް އެކިއެކި ކަންކަމުގައި އަވަދިނެތި އުޅުނެވެ. އެތައް ދުވަހަކަށްފަހު ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިފައި ވާތީ އޭނާގެ މޫނުމަތިން ހިތްހަމަ ޖެހިފައި ހުރިހަކަން ހާމަވެއެވެ. އަހުސަލަށް އެމަންޒަރު ފެނުމުން ޒައިނަބުގެ ބަލި ރަނގަޅުވަނީ ކަމުގައި އޭނާއަށްވެސް ހީވިއެވެ. އެތައް ދުވަހަކަށްފަހު ޒައިނަބް ހީލާފައި ގޭތެރޭގައި އުޅޭ މަންޒަރު ފެނުމުން އެދުވަހު އަހުސަލްވެސް ހުރީ ވަރަށް އުފަލުންނެވެ.
އެރޭ އިރާކޮޅު ވާރޭވެހެން ފެށިގޮތަށް ޒައިނަބްމެން ނިދަން ވަތްއިރުވެސް ހުއްޓައެއް ނުލައެވެ. އޭރު ވެހެމުންދިޔަ ވާރޭގެ ތިކިތަށް ފުރާޅު މައްޗަށް ފައިބަމުން ދިޔަ އަޑު ރީތި މިޔުޒިކެއް ފަދައިން އިވެމުން ދިޔައެވެ.
އެހެން ރޭތަކެކޭވެސް އެއްގޮތަށް އެރޭވެސް ޒިކުރުތައް ކިޔައިގެން އެދެމަފިރިން ނިދަން އޮށޯތެވެ. ހަމަ އޮށޯތްތަނުން ވަރަށް އަވަހަށް ޒައިނަބަށް ނިދުނެވެ.
އެހެން އިރުކޮޅަކު ނިދާފައި އޮތުމަށްފަހު ޒައިނަބަށް ހޭލެވުނީ އިސްކުރަކުން ފެންފައިބާ އަޑަށެވެ. ގަޑި ބަލާލި އިރު އޭރު މެންދަމުން އަނބުރާ އެއްގަޑި ބައި ވެއްޖެއެވެ. ހީވާގޮތުން އެއަޑު އަންނަމުން ދިޔައީ ބަދިގެ ތެރެއިންނެވެ. ޒައިނަބް އިރުކޮޅަކު ދެލޯ ހުޅުވައިގެން އެއަޑުއަހަން އޮތެވެ. ކުޑަ އިރުކޮޅަކު އެއަޑު ނުހުއްޓި އިވުމަށްފަހު ކުއްލިއަކަށް ހުއްޓުނެވެ. ކުޑަކޮށް ހިތް ބިރުގަތް ނަމަވެސް ޒައިނަބް އަހުސަލަށް ގޮވާކަށް ބޭނުމެއް ނުވިއެވެ. އެއީ ބޭރުގެ ދިޔަދޮވީގެ ހޮޅިން ފެން ފޭބިއަޑު ކަމަށްވެސް ވެދާނެއެވެ. ނޫނީ އެއީ ހީވިގޮތް ކަމަށްވެސް ވެދާނެއެވެ. ހަމަ އަޑެއް އިވިލާ އިރަށް ނިދާފައި އޮތް އަހުސަލްއަށް ގޮވާ އުނދަގޫ ކުރާކަށްވެސް ނުވާނެތާއޭ ހިތަށް އެރުމުން ޒައިނަބް އަނެއްކާވެސް ނިދޭތޯ މަސައްކަތް ކުރިއެވެ.
އަނެއްކާވެސް ނިދޭތޯ ދެލޯ މަރާލި ތަނުން މިފަހަރު ގޭތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު އިވެންފެށިއެވެ. އެއަޑު އައީ ބަދިގެއިން ފެށިގެން ކޮޓަރިއާ ދިމާލަށް އަންނަ ހެންނެވެ. ކޮޓަރީގެ ދޮރާ ހަމަޔަށް އައިސް އެއަޑު ހުއްޓުނެވެ. ބިރުންގޮސް ޒައިނަބްގެ ދެލޯ ބޮޑުވިއެވެ. ޒައިނަބް އަހުސަލްއަށް ގޮވާ ހޭލެއްވިއެވެ. އިރުކޮޅެއް ވަންދެން އަހުސަލް އެނދުމަތީގައި ޒައިނަބް އެބުނާ އަޑު އިވޭތޯ އިނެވެ. ނަމަވެސް ވެހެމުންދިޔަ ވާރޭގެ އަޑު ފިޔަވައި އިތުރު އެއްވެސް އަޑެއް އޭނާއަކަށް ނީވުނެވެ.
“އެއީ ވާރޭވެހޭ އަޑު… ތީ ޒައިނަބްއަށް ހީވި ގޮތެއް.. ދެން ނިދާލާ…”
އަހުސަލް އެހެން ބުނެ އޮށޯތެވެ.
އެވަގުތު ކޮޓަރީގެ ބޭރުން ތަޅުންގަނޑު މަތީގައި އެއްޗެއް ދަމާލި އަޑުއިވުނެވެ. ހީވީ ގަދަކަމުން ބަރު އެއްޗެއް ދަމާ ކޫއްތާފައި ގެންދާ އަޑު ހެންނެވެ. އެއަޑު އިވިފައި އަހުސަލްއަށް ފުންމައިގެން ތެދުވެވުނެވެ. އަހުސަލް ބިރުންހުރެ ގޮސް ކޮޓަރީގެ ދޮރު ހުޅުވާ ބަލާލިއެވެ. ނަމަވެސް ކޮޓަރީގެ ބޭރުގައި އެއްވެސް މީހެއް ނުވަތަ އެއްޗެއްވެސް ނެތެވެ. ބަދިގެއާ ސިޓިންރޫމުވެސް ބެލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އަހުސަލް އައިސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ.
“ނެތް އެއްވެސް މީހެއް…”
އަހުސަލް ޒައިނަބް ކައިރީގައި އިށީންނަމުން ބުންޏެވެ. އެހެން ބުނިއިރު އަހުސަލްވެސް އިނީ ބިރުންނެވެ.
އެދެމީހުންނަށްވެސް އެއަޑު ވަރަށް ސާފުކޮށް ވަނީ އިވިފައެވެ. އެހެންކަމުން ދެމީހުންވެސް ތިބީ ވަރަށް ބިރުގަނެފައެވެ. ޒައިނަބް ގޮސް ވުލޫކޮށްގެން އައިސް ހަތިމް ނަގައި ޤުރުއާން ކިޔަވަން ފެށިއެވެ. އަހުސަލްވެސް ޒައިނަބްއާއި ބައިވެރި ވިއެވެ.
އެ ދެމީހުންނަށްވެސް ދެން އިތުރަށް ނިދަން ކެރުނީ ފަތިސް ނަމާދު ކޮށްގެންނެވެ.
……….
އޭގެ އަނެއް ދުވަހެވެ. މަރިޔަމް އޭނާގެ ގޭގައި ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިނެވެ. ދެދުވަހެއް ކުރިން ޒައިނަބް ރުޤްޔާކުރާ މީހެއްގެ ގެއަށް ދިޔަ ވާހަކަ އޭނާއަށް ރަށުތެރެއިން ވަނީ އިވިފައެވެ. އެޚަބަރު ލިބުމުން މަރިޔަމްގެ ހިތަކަށް ކެތެއް ނުވިއެވެ. އޭނާ ބޭނުންވީ ޒައިނަބްގެ ދުވަސް ދަންދެން ވާނުވާގެ ތެރޭގައި ޒައިނަބް ތެޅިތެޅި ހުންނާށެވެ. ރުޤްޔާކޮށް އެކަމަށް ފަރުވާއެއް ހޯދާނަމަ މަރިޔަމް ހެދި ސިހުރު ބާތިލުވެ އޭނާގެ ނުބައި ރޭވުންގަނޑު ފެނަށް ގޮސްދާނެތީ އޭނާ ޖެހިލުންވިއެވެ.
އަދި ރުޤްޔާ ކުރަން ފެށުމުން ޒައިނަބަށް ސިހުރު ހެދީ މަރިޔަމްކަން ފަޅާ އަރާފާނެތީވެސް އޭނާ ވަރަށް ބިރުގަތެވެ. އެހެން ވެއްޖެނަމަ ރަށުތެރޭގައި މަރިޔަމްގެ އަގުވެއްޓި މީހުންގެ ނަފްރަތާ ކުރިމަތިލާން ޖެހިދާނެކަމަށް ވިސްނުނެވެ. ހުރިހާ ކަމަކާ އެއްފަހަރާ ވިސްނާލެވުމުން އޭނާއަށް ކުރެވުނު ކަންތަކުގެ ބޮޑުކަން މަރިޔަމްއަށް އިހުސާސްވިއެވެ. ނަމަވެސް ދެން ކުރާނެކަމެއް ނެތެވެ.
މީގެ އެތަކެއް އަހަރެއް ކުރިން ފެށިގެން ޒައިނަބްއާ މަރިޔަމްގެ ދިރިއުޅުން އަޅާ ކިޔަމުންގޮސް ހަސަދަވެރިކަން ބޮޑުވަމުން ގޮސް ކުރެވުނު ކަމަކުން މިއަދު މިވަނީ އޭނާ މިކަން ނިންމާލަން ބޭނުންވިޔަސް ނިންމާ ނުލެވޭނެ ހިސާބަށް ގޮސްފައެވެ.
އޭގެ ދެތިންދުވަސް ފަހެވެ. ޒައިނަބްއާއި އަހުސަލް އެމީހުންގެ ގެއާއި ފުދޭވަރަކަށް ދުރުގައި އުޅޭ ޒައިނަބްގެ ތިމާގެ މީހެއްގެ ގެއަށް ދިޔުމަށް ނިކުތެވެ. އޭރު ހަވީރު ފަސްގަޑި ބައިވެ ބޮޑުވެއްޖެއެވެ. އެއީ އިރު އޮއްސެމުން ދިޔަ ވަގުތުކަމުން އިރުގެ ގަދައަލި ކެނޑި ރަށުތެރެއަށް ވަނީ ހިޔާ ވެފައެވެ. އަހުސަލްއާއި ޒައިނަބް ހިނގާފައި އަތިރި މަގުން ދާން ނިންމީ ދާ މަގުމަތީގައި އިރުއޮއްސޭ މަންޒަރުވެސް ބަލާލުމަށެވެ..
އެމީހުން ހިނގާފައި ދިޔަ މަގުގެ ދެފަރާތުން ކޮންމެވެސް ވަރަކަށް ރުއްތައް ހެދިފައިވާ އިރު ރުއްތަކުގެ ބިއްދޮށް ފަޅިން ކޮންމެވެސް ވަރަކަށް ވާ ހެދިފައި އޮވެއެވެ. ޒައިނަބްއާއި އަހުސަލް އަތުގައި ހިފާލައިގެން ހިނގާފައި ދިޔައެވެ. މަގުގެ މެދަކާ ހިސާބަށް ދެވުން ތަނުން ގަސްތަކުގެ ތެރެއިން އަންހެނެއްގެ ހުނުމުގެ އަޑު ޒައިނަބަށް އިވުނެވެ.
“ކިހިނެއްވީ؟.”
ކުއްލިއަކަށް ޒައިނަބް ހުއްޓުމުން އަހުސަލް އަހާލިއެވެ.
“ގަސްތަކު ތެރެއިން އަންހެނެއްގެ އަޑު އިވިއްޖެ..”
ޒައިނަބް އެދިމާލަށް ބަލަންހުރެ ބުންޏެވެ.
އަހުސަލް ކޮންމެވެސް ވަރަކަށް ގަސްތަކާއި ކައިރިވެލާފައި މީހަކު ފެންނަން ހުރިތޯ ބަލާލިއެވެ. ނަމަވެސް އެދިމާލުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ.
އެއީ ހީވިގޮތެއް ކަމުގައި ވިސްނުމަށްފަހު އަނެއްކާވެސް ދެމީހުން ހިނގައިގަތެވެ. އަނެއްކާވެސް ޒައިނަބަށް އެމީހާ ހޭއެއަޑު އިވުނެވެ. މިފަހަރު އެއިވުނީ މަރިޔަމްގެ އަޑުކަން އޭނާއަށް ޔަގީނެވެ. ޒައިނަބް ކުއްލިއަކަށް އެދިމާލަށް އެނބުރުނެވެ. އޭރު އަހުސަލް ހުރީ ޒައިނަބުގެ އަތުގައި ބާރަށް ހިފަހައްޓައި ގެންނެވެ. އަހުސަލަށް އެއަޑު އިވުން ކަމެއް ނޫނީ ނީވޭ ކަމެއްވެސް އަހުސަލެއް ނުބުނެއެވެ. ޒައިނަބް ބިރުން ހުރިވަރުން އަތުގައި ބާރަށް ހިފެހެއްޓީ ކަމުގައިވެސް ވެދާނެއެވެ.
ޒައިނަބަށް އިވުނީ މަރިޔަމްގެ އަޑުކަން އޭނާއަށް ޔަގީނެވެ. މިހުރިހާ ކަމަކާ މަރިޔަމްއާ ގުޅުމެއް ވާކަމަށް ޒައިނަބަށް ހީވާން ފެށިއެވެ. ކުރިންވެސް އަބަދު ޒައިނަބަށް ފެންނަ ބިރުވެރި ހުވަފެން ތަކުގައިވެސް ވަރަށްގިނަ ފަހަރު ވަނީ މަރިޔަމް ފެނިފައެވެ. އެހެން ކަމުން އެކި ގޮތްގޮތުން މަރިޔަމްއާ މިކަންކަމާ އެބަ ގުޅެއެވެ. އެކަހަލަ ހިޔާލުތަކެއްގައި ޒައިނަބްއަށް އިރުކޮޅަކު ހުރެވުނެވެ. އޭނާއަށް ވިސްނެމުން ދިޔަ އެއްޗެހި އަހުސަލަށް ކިޔައިދޭންވެސް ބޭނުންވިއެވެ. ނަމަވެސް އެއްވެސް ހެއްކެއް ނެތި މީހެކޭ ކިޔާފައި އެވަރުގެ އެއްޗެއް ބުނާކަށް ނުކެރުނެވެ.
“ހިނގާ އަވަހަށް ގެއަށް ދާން…”
ޒައިނަބް އެހެން ބުނެ ހިނގައިގަތެވެ.
އެރޭ އިޝާ ނަމާދުން ފައިބައިގެން ޒައިނަބް މުސައްލަ މަތީގައި އިނދެ ޒިކުރުތައް ކިޔައި އޭނާގެ ހިތުގައިވާ ބިރުވެރިކަން ފިލައިގެން ދޭތޯ ވަރަށް ގިނައިރު ވަންދެން ދުޢާކުރަން އިނެވެ.
މިއަދު އޭނާއަށް އެއިވުނު އަޑަކީ އޭނާއަށް ހީވި ހީވުމެއް ބާއެވެ. މިހުރިހާ ކަމަކާ މަރިޔަމްއާ ގުޅުމެއް ވަނީބާއެވެ..
އެރޭ ނިދަން އޮށޯތް އިރުވެސް ޒައިނަބަށް ވިސްނެމުން ދިޔައީ މިއީ ސިހިރެއް ނޫނީ ހަސަދައެއް ނަމަ އެއީ ކާކުގެ ކަމެއްބާއެވެ. ޒައިނަބަށް ހުވަފެނުގައި އެތަކެއް ފަހަރު ފެނިފައިވާ ބިރުވެރި ސިފައިގައި ހުންނަ އެއްޗާއި ސްލީޕް ޕެރެލައިޒް ވެފައި އޮއްވައި އެއްރެއަކު އެ ބިރުވެރިއެތި ބުނި ވާހަކަވެސް ޒައިނަބް ހަނދާންވިއެވެ. އެއީވެސް ހަމަ އޭނާއަށް ހީވާ ހީވުންބާއެވެ؟ ނޫނީ ހަމަ ހަގީގަތް ބާއެވެ؟
މިއީ މީހެއްގެ ސިހުރަކުން ވާ ކަމެއްނަމަ މިކަންކުރި މީހާއަށް ހަމަޖެހިގެން ހަމަ އުޅެވޭބާއެވެ؟…
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (6)
Comments are closed.
Wow, waiting for the next part
Thank you 🤍 in sha Allah soon ☺️
I am waiting for the next part Eyesh your story’s are really good 😊
Thank you Naina 😘🤍 will upload next part soon. And m so glad that you like my stories ☺️😘
mi parts really nice i hope mariyam gets exposed in front of everyone
Thank you Liya 😘 let’s see dho vaagotheh. Hehe