
ލޯބިން ބުނާތީ – 55

ހަފްތާއެއް ފާއިތުވެ ދިޔައިރު މަޑުމަޑުން ލިއާ އެ މާހައުލަށް ހޭނެމުން ދިޔައެވެ. ރިހާންގެ ކަންތައް އެންމެ ފުރިހަމައަށް ކޮށްދެމުން ދިޔައިރު އަދިވެސް އެ އާއިލާ މީހުންގެ މާ ބޮޑު ސަމާލުކަމެއް ލިއާއަކަށް ނުލިބެއެވެ. ހުރިހާ ވަގުތަކަށް ކެއްކުމާއެކު ގޭތެރޭގެ އެހެން މަސައްކަތްތައް ލިއާ ކުރެއެވެ. ލިއާ އާއި މާބޮޑަށް ވާހަކަ ދައްކާ ނޫޅުނު ނަމަވެސް ލިއާ ކައްކާ އެއްޗެހި އެންމެންވެސް ކައެވެ. ލިއާ އައުމާއެކު ރާޝިދާއަށް އީދެއް ލިބިފައި ވާކަހަލައެވެ. ހިންދީ ޑްރާމާ ބެލުމާއި، ރައްޓެހިންނާއެކު ޖޯލިފަތިތަކުގައި ވާހަކަތައް ކިޔުމުގައި އޭނާގެ ވަގުތު ހޭދަ ކުރެއެވެ. ރޭގަނޑުވާއިރު ލިއާ ހުންނަނީ ވަރުބަލިވެގެން ލޮޑުވެފައެވެ. އެހެންނަމަވެސް ރިހާނަށް އެކަން ނުފެންނަ ކަހަލައެވެ. އޭނާ އެކޭ ކޮންމެ ރެއަކު ފެނަށް ޖެހިފައިވާ މީހެކޭ އެއްފަދައެވެ. ލިއާއަށް ނިދޭއިރު ހުންނަނީ ފަތިސްވާން ގާތްވެފައެވެ. އެހެންވިޔަސް ހެނދުނަ ހެނދުނާ ލިއާ ތެދުވެ، ގޭތެރޭގެ މަސައްކަތުގައި މަޝްއޫލުވެއެވެ.
ރިހާންގެ އާއިލާ މީހުންގެ އަމަލުތައް ހުންނަ ގޮތުން ލިއާ ހުންނަނީ ހިތް ނުތަނަވަސްވެފައެވެ. ރިހާންގެ ދައްތަ އާއި ކޮއްކޮމެން އޭނާއާއި ވާހަކަ ނުދައްކާއިރު، އޭނާ ފެނުމުން ބަލަންވެސް ތިބެނީ ފާޑަކަށް ހިނި އައިސްފައެވެ. އެކަމުން ލިއާއަށް ބަޔާންކުރަން ނޭނގޭ އުނދަގޫ އިހުސާސެއް ކުރެވެއެވެ. އަލަތު ކައިވެނިން ލިބެންވާ ހިތްހަމަޖެހުމެއް ލިއާއަކަށް އެންމެ ފުރިހަމަ ގޮތުގައި ނުލިބެއެވެ. ލިއާ ބޭނުންވީ ދުވަސްކޮޅަކަށް އެ ނުތަނަވަސްކަމާ ދުރުގައި ރިހާނާއެކު ވަގުތު ހޭދަކުރާށެވެ.
އެއް ރޭގެ ވަގުތެވެ. ލިއާ ކޮޓަރިތެރޭގެ ތަންތަން ތަރުތީބު ކޮށްލުމާއެކު އައިސް އެނދުގައި އިށީނެވެ. އޭރު ނިދަން ލާ ސޯޓުކޮޅާއެކީ ރިހާން އިނީ ފޯނާއި ކުޅޭށެވެ. ލިއާ އިރުކޮޅެއް ވަންދެން ރިހާނަށް ބަލަން އިނދެފައި ރިހާންގެ ފައިމަތީ އަތް ބާއްވާލިއެވެ.
“ރެން…އެއްޗެއް އަހާލަންތަ…؟” ލިއާ އަހާލިއެވެ.
“އަހާބަލަ…” ފޯނުން ނަޒަރު ވަކިކޮށްލުމެއް ނެތި ރިހާން ބުނެލިއެވެ. ރިހާންގެ އެ އަޅާލުންކުޑަކަމަށް ލިއާ ހޭނެން މަސައްކަތްކުރެއެވެ.
“އަހަރެމެން މެރީ ކޮށްގެން ވަކިން ތަނަކަށް ގޮސްނުލާނަންތަ…؟ އައި މީން ހަނީމޫން…” ލިއާ އެހިއެވެ.
“ހަނީމޫނަށް ދިއުން ކޮންމެހެން މަޖުބޫރުތަ…؟ އަހަރެމެން މިހާރު މިތިބީ ކައިވެނި ކޮށްގެން…އެވަރުން ނުފުދޭ…؟” ރިހާން ފޯނުން ނަޒަރު ވަކިކޮށްލާފައި ލިއާއަށް ބަލާލަމުން ބުމަ އަރުވާލިއެވެ. ރިހާންގެ ފައިމަތީ އޮތް ލިއާގެ އަތް ނެގިއެވެ.
“ނޫން…މަޖުބޫރެއް ނޫން…” ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ ފިނި އަޑަކުން ލިއާ ބުނެލިއެވެ.
ލިއާގެ އަޑުގައިވި ހިމޭންކަމުން ރިހާންގެ ނަފްސަށް އުނދަގޫ ކަމެއް އިހުސާސްވިއެވެ. ފޯނު ތިރިކޮށްލުމާއެކު މިފަހަރު ފުން ނަޒަރަކުން ރިހާން ލިއާއަށް ބަލާލިއެވެ. ލިއާ އެކުރަނީ ޒުވާބެއް ނޫނެވެ. އަދި ރިހާނަށް ކަމަކަށް މަޖުބޫރު ކުރަނީއެއްވެސް ނޫނެވެ. ލިއާ އެ މަސައްކަތް ކުރަނީ ރިހާންގެ ރައްދު އައި ގޮތުން ހިތަށް ކުރި އަސަރު ފޮރުވުމަށެވެ. ރިހާނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“ލިއާ…” ރިހާން ވާހަކަ ދައްކަން އުޅުމާއެކު ލިއާ ބަލާލިއެވެ. “އަހަރެން އުޅުނީ އަހަރެމެން ދެމީހުން ވަކިން ޓައިމް ސްޕެންޑް ކޮށްލަން…އަޅާނުލާ…އައެމް ސޮރީ…” ލިއާ އުޅުނީ ތެދުވާށެވެ. ނަމަވެސް ރިހާން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.
“ލިސެން…އަހަރެން މަސައްކަތް ކުރާ ގެސްޓްހައުސަށް ދެވިދާނެ…ދެ ވަރަކަށް ދުވަހަށް އައި ކެން ބުކް އެ ރޫމް…ސްޓާފް ޑިސްކައުންޓްވެސް އިންނާނެ…ދެން ފަހުން ހަމަޖެހިލައިގެން ރަނގަޅު ތަނަކަށް ގޮސްލާނީ…” ރިހާން ވާހަކަ ދެއްކުމާއެކު ލިއާގެ ނަޒަރު ރިހާނާ އަމާޒުވިއެވެ.
“ރިއަލީ…؟” ލިއާގެ ދެލޯ ވިދާލިއެވެ.
“ޔެސް…” ލިއާގެ މޫނަށް އުފާވެރިކަން ވެރިވެގެން އައިލެއް އަވަސްކަމުން ރިހާނަށް ދުރު ބަލާނުލެވުނީ ކިރިޔާއެވެ.
“ތެންކްޔޫ ރެން…” ލިއާ ހިނިތުންވެލުމާއެކު ރިހާން މަޑުމަޑުން ބޯ ޖަހާލިއެވެ. އޭނާ ފޯނަށް ނަޒަރު ހުއްޓާލި ހިނދު ލިއާ އެ ހިނިތުންވުމުގައި ރިހާނަށް ބަލަން އިނެވެ. މިހާރުވެސް ރިހާނާއެކު ވަކިން އެ ދެމަފިރިން ވަގުތު ހޭދަކުރާނެ ގޮތުގެ އުފާވެރި މަންޒަރުތައް ލިއާގެ ސިކުނޑީގައި ކުލަވަމުން ދިޔައެވެ. އެ ގެއިން ލިބެމުން ދިޔަ ނުތަނަވަސްކަމާ ދުރުގައި ރިހާންއާއި އެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރަން ލިއާ ބޭނުމެވެ. ފަހަރެއްގައި މި ދެދުވަސް ތެރޭގައި އެ ދެމެދުގައިވި ގުޅުން އިހުނަށްވުރެ ގާތްވެދާނެއެވެ. ލިއާގެ އުއްމީދަކީ މި ދެދުވަސްތެރޭ އޭނާ ހިތް އެދޭފަދަ ނަޒަރަކުން ރިހާން އޭނާއަށް ބެލުމެވެ. ރިހާނަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. ލިއާ އެދެނީ އެއީ އޭނާގެ އެންމެ ފަހުގެ ލޯތްބަށްވެސް ވުމަށެވެ. ފަހަރެއްގައި އެ ދެމަފިރިން އެ އާއިލާއާއި ވަކިން އެ ހޭދަކުރެވޭ ދުވަސްތަކަށް ފަހު މި ކައިވެނީގެވެސް ކުލަ ރީތިވެދާނެއެވެ.
ޖެހިގެން އައި ދުވަހު ގެސްޓް ހައުސްއަށް ދެވުނީ ހަވީރުގެ ވަގުތެއްގައެވެ. ފަސްގަޑި ބައިވެފައި ހުރުމުން ލިއާގެ އެދުމުގެ މަތިން ރިހާން ދިޔައީ ބީޗްގައި ހިނގާލާށެވެ. ލިއާގެ މޫނުމަތީގައިވި އުފާވެރިކަން ފެނި ރިހާންގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ދޭތެރެއަކުން ވަޔާއި އެކު ލިއާގެ މޫނަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލާގޮތް ބަލަން ރިހާނަށް ހުރެވެނީ ބޭއިހްތިޔާރުގައެވެ. ނަމަވެސް ލިއާ ބަލާލަން އުޅޭއިރަށް ނަޒަރު ވަކިކޮށްލައެވެ. ދުވަސްކޮޅުގެ ގޮތުން ގެސްޓްހައުސްގައި ތިބީ ދެތިން ގެސްޓުންނެވެ. އެއީވެސް ލިއާއަށް ލިބުނު ހިތްހަމަޖެހުމަކަށް ވިއެވެ. ރިހާންގެ އަތުގައި ހިފާލައިގެން ރާޅު ޖަހާ ފަށުގައި ހިނގާލާ އިރުއޮއްސޭ މަންޒަރު ބެލިއިރު ލިއާގެ ހިތް ފުރިފައި ވެއެވެ.
ރޭގަނޑުގެ ކެއުމަށްފަހު ލިއާ ކޮޓަރިއަށް އައިސް ފެންވަރާލިއެވެ. އޭނާ ނިކުތްއިރު ރިހާން އޮތީ އެނދުގައި ލެނގިގެން ފޯނާ ކުޅޭށެވެ. ނަމަވެސް ލިއާ ފެނުމާއެކު އޭނާ ގަނޑުވާގޮތްވިއެވެ. ރިހާނަށް ވީގޮތް ފެނިފައި ލިއާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ލައިގެން ހުރި ލޭސްފޮތީގެ ކުރުކުރު ހެދުންކޮޅު ލިއާގެ ފަލަމަސްގަނޑާ ހަމަޔަށް ފޯރަނީ ކިރިޔާއެވެ. ތުނި ލޭސް ފޮތިކޮޅުގެ ތެރެއިން ހަށިގަނޑުގެ ވަނާތަކާއި އެ ހަމުގެ އޮމާންކަން ފާޅުވެއެވެ. މޫނުމަތިން މާ ދޮން ނޫންކަމަށް ދެއްކިޔަސް، ލިއާގެ އަންހެންވަންތަކަމުގައި މިސާލެއް ނެތްފަދަ ހަށިގަނޑުގެ ދޮންކަން އެ ލޭސް ފޮތީގެ ތެރެއިން ވިދާ ކަހަލައެވެ. ރިހާނަށް އެނދުން ތެދުވެގެން ލިއާގެ ގާތަށް އާދެވުނު ގޮތެއްވެސް ނޭނގުނެވެ.
“ވަޓް އެ ސަޕްރައިޒް…” ރިހާން ލިއާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލިއިރު އެ ލޮލުގައިވި ދަހިވެތި ކަމުގެ ކުލަވަރުން ލިއާގެ ބަނޑުގައި ކޮކާތަކެއް އުދުހިގަތްކަހަލަ އިހުސާސެއް ކުރެވުނެވެ.
“ޔޫ މޭޑް މީ ސޯ ހެޕީ ޓުޑޭ…އިޓްސް މައި ޓާރން…” ލިއާ ރިހާންއަށް ހިނިތުންވެލިއެވެ. އޭނާ ލައިގެން ހުރި ހެދުމަކީ އަލްޔާ އާއި ސުމާ ލިއާއަށް ޖެއްސުމަށް ޕާރްސަލް ތެރެއަށް ލާފައި އޮތް ހެދުމެކެވެ. ނަމަވެސް ކޮންމެ ނިޔަތެއްގައި ދިން އެއްޗަކަށް ވިޔަސް އެ ހެދުމުގެ ސަބަބުން ރިހާންގެ ސަމާލުކަން ލިބިގެން އައި ގޮތުން ލިއާގެ ހިތަށް އުފާވެރިކަން އިހުސާސްވިއެވެ. ކޯތާފަތް ރަތްވެގެން އައީ ރިހާން ބަލަން ހުރިގޮތް ފެނުމުންނެވެ. ރިހާން އެންމެ ސިކުންތެއްވެސް މަޑުކުރުމެއް ނެތި ލިއާގެ އުނަގަނޑުގައި ހިފާ އުރާލުމާއެކު އެނދާއި ދިމާލަށް މިސްރާބު ޖެހިއެވެ.
ދަންވަރު އެކެއް ޖެހީއެވެ. ރިހާން އެނދުން ތެދުވަމުން ނިދާފައި އޮތް ލިއާއަށް ބަލާލިއެވެ. އެއަށްފަހު މަޑުމަޑުން ގޮސް ފާހަނައަށް ވަދެ ނިކުމެފައި ސޯޓަކާއި ޓީޝާޓެއް ލިއެވެ. އަޑެއް ނީއްވާ އުޅުނު ގޮތުން ހީވަނީ ލިއާއަށް ހޭލެވިދާނެތީ އުޅުނުހެންނެވެ. އެނދުމަތީ އޮތް ފޯނު ނަގާ ސޯޓުގެ ޖީބަށް ލަމުން ގޮސް ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. އެވަގުތު ލިއާ ދެލޯ ހުޅުވާލިއެވެ.
ރިހާން ދޮރު ލައްޕާލުމުން ލިއާ އެނދުން ތެދުވީ ހައިރާންވެފައި ހުރެއެވެ. އޭނާއަށް ނިދެމުން ދަނިކޮށް ހޭލެވުނީ ރިހާން އެނދުން ތެދުވިކަން އިހުސާސްވުމުންނެވެ. ރިހާން ފާހަނައަށް ވަނުމުން ހިތްހަމަޖައްސާލައިގެން އޮވެފައި ހައިރާންކަމެއް ލިބިގެން ދިޔައީ ރިހާން ބޭރަށް ނިކުންނަން ދިއުމުންނެވެ. މި ދަންވަރު ރިހާން ދާން އޮންނާނީ ކޮންތާކަށް ހެއްޔެވެ؟
“ޔޯ މިސްޓަރ ހަޒްބެންޑް…!” ގެސްޓް ހައުސްގެ ވަލާއި ވީ ފަރާތަށް ނިކުތުމާއެކު ރިހާންގެ ކަންފަތުގައި ޖެހުނީ އޭނާގެ އެކުވެރިންގެ އަޑެވެ. އޭރު ދޮރު ކުރިމަތީ ތަޅުން އަޅާ ހިޔާކޮށްފައިވާ ބައިގައި ބަހައްޓާލާފައިވާ ބިއްލޫރި މޭޒު ކައިރީގައި ހަތަރުވަރަކަށް ފިރިހެނުން ތާސްކުޅެން ތިއްބެވެ. އެތަނާ މާ ދުރު ނޫން ހިސާބެއްގައި ގްރިލް ބަހައްޓައިގެން ދެ ފިރިހެނަކު މަސް ފިހަމުން ދިޔައެވެ. ރިހާން އައުމުން އެންމެންވެސް ޝައުގުވެރިވެފައި ލާނެއް ނަޒަރަކުން ބަލަމުން ދިޔައެވެ.
“މިއޮއް އައީނު އަހަރެމެންގެ ‘ޕާފެކްޓް ހަޒްބެންޑް’…” ރިހާން އައިސް އިށީނުމާއެކު ބީޗް ޗެއަރގައި އިން އޭނާގެ ރައްޓެއްސެއް ކަމަށް ވާ މަހީލް ބުނެލިއެވެ. ހުނުމަކާއެކު ރިހާން އިށީނެވެ. “މީނާ މިހާރު ހާދަ ރަނގަޅު ފިރިއަކަށް ވެއްޖޭ ދޯ…” މަލާމާތުގެ ރާގަކަށް އަހުޒަމް ބުނެލިއެވެ.
“ވެލް…، ކަލޭމެން ބޮޑު ލާރިގަނޑެކޭ ކިޔާ ދަހިކޮށް ބެޓް ނުކުރި ނަމަ މިކަން ކުރާކަށް ނުޖެހުނީހޭނު…؟” ރިހާން ބުނެލިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ. ލިއާއާއި އެކު އުޅޭއިރު އެ އަޅައިގެން އުޅޭ ދެއްކުންތެރިކަމުގެ މޫނުމަތި ވަނީ ނެގިފައެވެ. މިހާރު މި ފެންނަމުން ދަނީ ރިހާންގެ ހަގީގީ ކުލަވަރެވެ. ރިހާންގެ ޖުމްލައާއި އެކު އެ ފިރިހެނުން ހޭންފެށިއެވެ. “ރަނގަޅޭ ރަނގަޅޭ…ތި ބުނާ ބެޓް ކުރި ލާރިގަނޑު ކަލެއަށް ލިބިއްޖޭނުންތަ…؟” ބާބަކިޔު ހަދަން ހުރި ދެ ފިރިހެނުން ތެރެއިން އެކަކު ގޮވާލިއެވެ. “މަގޭ އެއް މަހު މުސާރައިގެ ދެބައި ކޮށްފަ އެއްބައި އެއަށް ލާން ޖެހުން ވިއްޔާ…!” އެތާ ހުރި އަނެކަކު ގޮވާލިއެވެ.
“އެވަރު ވާނޭނުންތަ…؟ ކާކު ހީކުރާނީ ކައިލް އިޒީކިއެލް ކަހަލަ މީހެއް ގާތުން މީނދަ ކަލޭގެއަށް ކުރި ލިބޭނޭ…؟ ސީރިއަސްކޮށް ކަލޭ ގަދަ އިނގޭ…މަ ހިއެއް ނުކުރަން ކަލޭއަށް ކާމިޔާބު ވާނެ ކަމަކަށް…ފަންސާސް ހާސްވެސް އަސްލު ކުޑައީ ބެޓަކަށް…އެކަމަކު ކަލޭ ކައިވެންޏަކާ ހަމަޔަށް ގެންދިޔައިމަ ދޯ…؟ ތި ކައިވެނި ކަލޭ ނުކުރިޔަސް އަހަރުން އެ ލާރި ދޭނަން ވިއްޔާ…! ކަލެއަށް އެހާ ކަމުނުދަންޏާ ކޮންމެހެން ކައިވެނި ކުރަން ޖެހޭތަ…؟ އެ މަންޖެ އަތުގަ އެހާ ލާރި ނެތީމަ ކަލޭ އާއިލާވެސް ގަބޫލެއް ނޫންވިއްޔާ…!” ތާސްބައިން ގަނޑެއް މޭޒަށް ޖަހާލަމުން ޒިހާން ވާހަކަ ދެއްކިއެވެ. ރިހާން ހީލަމުން ނިތްއަރުވާލިއެވެ.
“އެ ނޫންގޮތަކަށް ނޫނީ އަހަރެން ގާތްވިޔަކަ ނުދޭނެ ވިއްޔާ…އަހަރެން ބޭނުމެއް ނޫން އަހަންނަށްވުރެ ކުރިން އެހެން މީހަކު އޭނަ ކަޓުވާލާކަށް…ގައިމުވެސް މިހާރު އެހެން މީހަކު އޭނާއާއި އެކު ކުރާނެ އާކަމެއް ނޯންނާނެ…” ރެޑްބުލް ދަޅެއް ކަނޑާލަމުން ބީޗް ޗެއަރގައި ހަމަޖެހިލިއިރު ރިހާންއަށް މި ވައްޓާލެވެނީ އަމިއްލަ އަނބިމީހާގެ އަގުކަން އިހުސާސް ނުވާ ކަހަލައެވެ. އެފަދަ ގޮތަކަށް އަނބިމީހާގެ ވާހަކަ ދެއްކިއިރު ރިހާންގެ ލަދުގެ ކަންފުޅެއްވެސް ނެތެވެ. “މީ ހަމަ ނުލަފާ***…” ހިނިގަނޑެއް ޖަހާލަމުން ގާތުގައި އިން މަހީލް ރިހާންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.
“އަހަރެމެން މާފަށް އެދެން ޖެހޭނެ ދޯ…ހަހަ…އަސްލުވެސް އަހަރެމެން ހިއެއް ނުކުރަން ކަލެއަށް ތިކަން ވާނޭ…މަ މިހިރީ ހައިރާންވެފައި ކައިލް އިޒީކިއެލް ކަހަލަ މީހަކު އެފަދަ އަންހެނަކާ އަޅައިގަތީމަ…އާނ އެހެންޏާ އެ މަންޖެ ބަލާލަންވެސް ރީތި ނަމަ ރަނގަޅު…ކަލެއަށް ހަމަ ޔަގީންތަ އެ ދެމީހުން ދެމެދު ކަމެއް ނުހިނގާކަން…؟” އަހުޒަމް ސީރިއަސް ނަޒަރަކުން ރިހާނަށް ބަލާލިއިރު އެންމެންވެސް ތިބީ ރިހާންގެ ޖަވާބަކަށް އިންތިޒާރު ކުރާށެވެ.
“މަށަށް ވުރެ ބޮޑަށް ދެން ޔަގީންވާނީ ކާކަށް؟ މަ ބުނިން ދޯ އޭނާ އަދިވެސް ލޯބިވާނީ މަ ދެކެއޭ…! މަ ނޫން މީހަކަށް އޭނާ އެފަދަ ފުރުސަތެއް ނުދޭނެ…!” ރިހާން ބޮޑާވެލާފައި ބުނެލިއެވެ.
“ކައިލް ކޮބައިތަ މިހާރު…؟ އަދިވެސް ގުޅާތަ…؟” މަހީލް އެހިއެވެ.
“ގުޅޭނެތަ…؟ މަ އޮންނާނީ އަންގާފަ އޭނާ ބްލޮކް ކުރަން…މަ ވިއްޔާ މަ، ކައިލް ވިއްޔާ ކައިލް އޭ ބުނިން…ކަލޭމެންނަށް ތި ފެންނަނީ ލިއާގެ ޗޮއިސް…” ފަހުރުވެރިކަމާއެކު ރިހާން ދެއަތް ފުޅާކޮށްލިއެވެ. “މަ ދޫކޮށްލިއްޔާ ނޫނީ އޭނާއަކަށް ލިއާއެއް ނުލިބޭނެ…މަ ނެތިން އޭނާ ވަރިކުރާކަށް…!” ރިހާން އިތުރުކޮށްލިއެވެ.
“ހަހަހަ…ދެން ރަނގަޅުތާ ފަންސާސް ހާސް ރުފިޔާވެސް ބޭކާރު ނުވިކަން…މިހާ ދަންކޮށްލާފައި މިތަނަށް މި އައީވެސް ކަލޭގެ ކާމިޔާބީ ފާހަގަކުރަން…ޗިއާރސް ޓު ދަ ގްރޫމް…” އެންމެން ދަޅުތައް ނަގާ ޖައްސާލި އަޑު މާހައުލުގައި ގުގުމާލީ ހުނުމާއި ސަކަރާތުގެ އަޑާއި އެކުގައެވެ. ރިހާން ހަމަޖެހިލަމުން ގޮނޑީގައި ލެނގިލިއެވެ.
ބޭރަށް ނިކުންނަން ހުރި ދޮރާއި މާ ދުރު ނޫން ހިސާބެއްގައި ލިއާ ހުރިއިރު މޫނު ހުދުވެފައި ހުރިވަރުން ފުރާނަ ނެތް މަސްގަނޑެކޭ އެއްވަރެވެ. ދިރިހުރިކަން އެނގެނީ ދޭތެރެއަކުން އެސްފިޔަ ޖަހާލާތީއެވެ. ފެންޑާއަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއިން ލިއާގެ ކަރުނުން ފުރިފައިވި ދެލޯ ހުއްޓިފައި ވަނީ ފުރަގަހުން ފެންނަމުން ދިޔަ އޭނާގެ ފިރިމީހާއަށެވެ. ލިއާއާއި މެދު އެހާ އިހާނެތިކޮށް ކަންތައް ކޮށްފައި ވީނަމަވެސް ލިއާގެ ހިތުގެ ފުނުން މާފު ދިން ފިރިމީހާއަށެވެ. ލިއާގެ ހިތާއި ނަފްސުން ލޯބިވި، އެކަމަކު ފަންސާސް ހާސް ރުފިޔާއަށްޓަކައި ލިއާއާއި ކައިވެނި ކުރި ފިރިމީހާއަށެވެ.
ފަންސާސް ހާސް…އޭނާގެ ކައިވެނީގެ އަގަކީ މިއީހެއްޔެވެ؟ އޭނާގެ ނަފްސުގެ އަގަކީ މީހެއްޔެވެ؟ އިންސާނާގެ ފުރާނައަށްވުރެ އަގުބޮޑު އެއްޗެއް ނުވާނޭ ބުނާއަޑު ލިއާ އަހައެވެ. އެހެނަސް އޭނާއަށް އިހުސާސްކުރެވުނީ ނީލަމެއްގައި ވިއްކާލެވުނު މުދަލެއް ފަދައިންނެވެ. ލިއާގެ ސިކުނޑިން ރިހާން އާއި އެކު ހޭދަވި ކޮންމެ ހިނދުކޮޅެއް ސިފަކޮށްދެމުން ދިޔައެވެ. ރިހާން އޭނާ ދެކެ ލޯބިވާ ކަމާމެދު ކިތައްމެ ފަހަރަކު ސުވާލު އުފެދުނެވެ. ރިހާންގެ ވާހަކަ ދެއްކުން ލިއާއާއި ދޭތެރޭ ހުންނަ ގޮތަކީ ރިހާންގެ މިޒާޖު ކަމަށް ލިއާ ގަބޫލުކުރިއެވެ. ރިހާންގެ ވާހަކަ ދެއްކުން ހުންނަ ގޮތުން ފަސޭހައިން ހިތުގައި ޖެހޭތީ އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރީ ކިތައް ފަހަރުހެއްޔެވެ؟ އަދި ކުރެވިގެން ދިޔަ ކައިވެނި……
“ޔާ الله…” ހޭވެރިކަން ވީ މީހެއް ފަދައިން ލިއާއަށް އަނގަމަތީ އަތް ޖައްސާލެވިއްޖެއެވެ. އޭނާ އުއްމީދު ކުރީ މި ކައިވެންޏަކީ އުފާވެރި، ކުލަރީތި އާ ހަޔާތެއްގެ ފެށުން ކަމަށެވެ. ކައިވެނީގެ ހެދުމުގައި ރިހާން ގާތަށް ދިއުމަށް ފިޔަވަޅު އެޅި މަންޒަރު ސިފަވިއެވެ. އޭރުވެސް ރިހާނާއި އޭނާގެ ރައްޓެހިން މިކަމުގެ ހިޔާލު ކޮށްފައި ހޭނެތާއެވެ! އެމީހުންނަށްވެސް ހުރިހާ ކަމެއް އެނގިހުރެ ލިއާއަށް މިހާ ބޮޑު ދެރައެއް ދިނުމުގައި ރިހާނާއި ބައިވެރިވީއެވެ.
އޭނައޭ ކިޔައިގެން ރިހާން ދެއްކި ވާހަކަތައް އަޑު އިވުމުން ލިއާ މޭނުބައިކުރިއެވެ. އޭނާދެކެ ހިތާއި ފުރާނައިން ލޯބިވި ޒުވާނެއް ދޫކޮށްލެވުނީ މިފަދަ ކެހިވެރިއަކަށްޓަކާ ހެއްޔެވެ؟ އަދި އެވެސް ރިހާނަށް ވުރެ އެތައް ގޮތަކުން ފުރިހަމަ ޒުވާނެކެވެ. ކައިލްގެ ދިރިއުޅުން ހަލާކު ނުކުރުމަށްޓަކައި ލިއާ މި ނެގި ފިޔަވަޅުގެ ސަބަބުން ހަލާކުވެގެން ދިޔައީ އޭނާގެ ދިރިއުޅުމެވެ.
ލިއާގެ މުޅި އެތެރެހަށީގައި ގަދަފަދަ ތޫފާނެއް އުފެދިފައި ވެއެވެ. އިވުނު ވާހަކަތައް ނަގައިގަންނަން އަދިވެސް ހިތް ދެކޮޅުހަދަމުން ދިޔައެވެ. މީ އެމީހުން ކޮށްލި ސަމާސާއަކަށްވެސް ވެދާނޭނުންހެއްޔެވެ؟ ރިހާން މިވަރުގެ ބޮޑު ދެރައެއް އޭނާއަކަށް ނުދޭނެއެވެ. ހަމަ އެހެން ހިތަށް އެރުމާއެކު ސިކުނޑިން ގުގުމާލީ ރިހާންގެ ޖުމްލަތަކެވެ. “ކަލޭމެން ބޮޑު ލާރިގަނޑެކޭ ކިޔާ ދަހިކޮށް ބެޓް ނުކުރި ނަމަ މިކަން ކުރާކަށް ނުޖެހުނީހޭނު” ލިއާއަށް ކަންފަތުގައި އަތް އެޅުނެވެ. ރިހާން އެނބުރި އޭނާ ގާތަށް އައުމުގެ ސަބަބަކީ މިއީހެއްޔެވެ؟ އެ ބަސްތަކުގައި އެއްވެސް އޮޅުމެއް ނުވެއެވެ. ދެން އެއްވެސް ފޮނި ވާހަކައަކުން އެ ހާމަވި ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. އެ މީހުންނަށް ކައިލް ވެގެން އެ ދިޔައީ ‘ކޮމްޕެޓިޝަން’ އަކަށެވެ. އަދި އެ މުބާރާތުގެ އިނާމަކީ ލިއާއެވެ. އޭނާގެ މުޅި ދިރިއުޅުން ރިހާން އަށް އިތުބާރުކޮށް ރިހާންގެ އަތްމައްޗަށް ދޫކޮށްލިއިރު ރިހާނަށް އެ ދިރިއުޅުން ވެގެން މިދިޔައީ ޖޯކަކަށެވެ.
މިރޭ އޭނާ ރިހާންގެ ފަހަތުން އައި އިރު ހާމަވާން އުޅެނީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެއެވެ. ރިހާންގެ ފަހަތުން އޭނާ ނިކުތީ ރިހާން ކަމެއް ބޭނުންވެގެން ނިކުތީއޭ ހިތާއެވެ. އެ ދަންވަރު ރިހާން ނިކުތުމުން ކަންބޮޑުވި ވަރުންނެވެ. އެހެނަސް އެންމެ ރެއަކުން ލިއާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހުނީއެވެ. އޭނާއަށް ކައިވެނީގެ ބިންގާ އަޅަން މި މަސައްކަތްކުރެވުނީ އެންމެ ފުރަތަމަ ދުވަހުއްސުރެ އޭނާއާއި އެކު އެ ދިރިއުޅުން ކުރިޔަށް ގެންދިއުމުގެ ޝައުގު ނެތް މީހަކާއެކުއެވެ.
ލިއާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތް އިރު އަނގަމަތީ އަތް އަޅާ ބާރުކޮށްލެވުނެވެ. އެމީހުންގެ ހުނުމުގެ އަޑު ލިއާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ އަޑުތަކާ ދުރަށް ދިއުމަށް ލިއާ ފަހަތަށް އެނބުރި ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ދެފައިން ހީވަނީ ވާގި ގޮސްފައި ވާހެންނެވެ. އެއް ފިޔަވަޅަށް ވުރެ އަނެއް ފިޔަވަޅު ބަރުވާހެން ހީވިއެވެ.
ކޮޓަރިއަށް ވަދެވުމާއެކި ލިއާގެ ހަށިން ބާރު ދޫވިކަހަލައެވެ. ހުރި ދިމާއަށް ލިއާއަށް ތިރިވެވުނެވެ. ރިހާން މިތަނަށް އަންނަން އެއްބަސްވުމުން ލިއާ ހުރީ ކިހާ އުފަލުން ހެއްޔެވެ؟ އެންމެ ފުރަތަމަ ދުވަހުވެސް ރިހާންގެ ފަރާތުން ރަނގަޅު ކަމަކަށް އޭނާއަށް އުއްމީދުކުރެވުނީ ކީއްވެހެއްޔެވެ؟ ހިސާބަށް ވުރެ އޭނާ މޮޔައީއެވެ. ލޮލުން ކަރުނަ އޮހެމުން ދިޔައިރުވެސް ލިއާގެ ތުންފަތް ފޫ އަޅުވާލާފައި މަޑު ހުނުމެއް ނިކުތެވެ.
“ކީއްވެ…؟” ދިމާލަށް ފެންނަން ހުރި ހުސްކަމާ ލިއާއަށް ސުވާލުކުރެވުނެވެ. ރިހާން އާއި ކައިވެނި ކުރީއްސުރެ ލިއާ މަސައްކަތް ކުރީ ރަނގަޅު އަންބަކަށް ވާށެވެ. އެ އާއިލާތެރެއަށް ބޭނުން ނުވާ ބީރައްޓެއްސެއްގެ އިހުސާސް ކުރެވުނު ކަމުގައި ވިޔަސް ރިހާންގެ އާއިލާ މީހުންގެ ރުހުން ހޯދަން މަސައްކަތް ކުރިއެވެ. ހައްޓަށް އަރާމެއް ދިނުމެއް ނެތި ރިހާންގެ ހުރިހާ ހިދުމަތެއް އެންމެ ފުރިހަމައަށް ކޮށްދިނެވެ. އަދި އެ ހުރިހާ ކަމަކަށްފަހު ރިހާން އެ އިނީ ފަންސާސް ހާސް ރުފިޔާއަށްޓަކައި އޭނާގެ ދިރިއުޅުން ޖޯކަކަށް ހަދައިގެން ރައްޓެހިންނާއެކު ހޭށެވެ.
މުށިތަކަށް ނަޒަރު ހުއްޓާލެވުނު އިރު ލިއާގެ ހިޔާލީ ލޯގަނޑަށް ސިފަވީ މި ދޮރުން ރިހާން ވަދެގެން އަންނާނެ ގޮތެވެ. އޭނާ ހޭލާ ހުރުމުން އެ މަސްނޫއީ ހިނިތުންވުމުގައި އޭނާ ހޭލާ ހުރީ ކީއްވެތޯ އަހާނެއެވެ. ދެން ހުރިހާ ކަމެއް އެނގި ހުރެ ލިއާ ދޮގު ހަދަންވީހެއްޔެވެ؟ އޭނާއާއި އެއް އެނދު ހިއްސާކޮށް، ގާތުގައި ނިދަމުން ދިޔަ ފިރިމީހާއަކީ އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލި ފަރާތްކަން ހަނދާން ނައްތާލަންވީހެއްޔެވެ؟ މޭގައި ލިއާއަށް އަތް އަޅާލެވުނީ ކެތް ނުވާފަދަ ގަދަފަދަ ރިހުމެއްގެ އިހުސާސް ކުރެވުމުންނެވެ. ލިއާއަށް ހީކުރެވުނީ އޭނާއަށް އެންމެ އުނދަގޫވާނީ ރިހާންގެ އާއިލާ މީހުންގެ ރުހުން ހޯދުން ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑު އިމްތިހާނަކަށް ހުދު އޭނާގެ އަމިއްލަ ފިރިމީހާ ވެގެން ދާނެ ކަމަކަށް ހީކުރެވިފައެއް ނެތެވެ.
އެނދު ކައިރިއަށް ވެއްޓިފައި އޮތް ރަތްކުލައިގެ ލޭސް ނައިޓީއަށް ލިއާއަށް ބަލާލެވުނެވެ. މުޅި ނަފްސަށް ވެރިވެގެން ދިޔައީ ބަޔާންކުރަން ނޭނގޭ އުނދަގުލެކެވެ. ރިހާންއާއި ގާތްވުމުގައި އޭނާ ލަދުގަންނަވަރު ރިހާނަށް ސިއްރުވެފައެއް ނޯންނާނެއެވެ. ރިހާނަށްޓަކާ މިފަދަ ހިތްވަރެއް ލިއާއަށް ކޮށްލެވުމުން މިހާރު ސަހަރޯ ހީވެއްޖެއެވެ. އަނބިމީހާއެއް ކަމަކު އަމިއްލައަށް އިސްވެ ފިރިމީހާއާއި ހަށިގަނޑު ހަވާލުކުރާނީ އޭނާއަށް އެމީހަކު ކިހާ މުހިއްމުވީމަކަން ރިހާނަށް ނުވިސްނެނީހެއްޔެވެ؟ ލިއާއަށް އެގޮތުގައި ހުއްޓުން އަރާފައި އިނދެވުނީ އޭނާގެ މުޅި ދުނިޔެ އަނދިރިވެގެން ދިއުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (12)
Comments are closed.
I knew rihaan wouldn’t marry leyla out of love. But the way you describe this part so was beautiful.
You guessed it right ☺️ Thank youuu so much for appreciating my writing it means a lot 🥹💗
Omg this rihaan gandu I’m gonna kill you 🙄 ladhuge kanfulheh vx nethey mi meehaa ganduge 😒😒 Leah dhn dhey avahah rashah thi rihaan gandu kairee hunnaane kameh nei 🙄🙄 btw mi part vx varah reethi waiting for the next part ♥️
Rihan is testing everyone’s patience at this point fr 😭💀 Thank youuu so much for the love 💗🥹 you’ll have to wait a little for the next part 🤭
that rihaan is so nulafaa😒😡
he has literally no right to do that to lia😒
i hope lia can be free from that scammer🥺
by the way mi part ves nice🧡
whn nxt/
so curious to find what happen nxt🤔
Rihan is really testing our patience at this point 😂 Thank youuu so much for the loveee 💗🥹 stay tuned for the next part 👀
Alheyy rihaan ge aslu kula dhahkaalaane hen heevey vrh avahah, leah pls be safe, reach out to your friends or sommin
Yeah my girl needs to open her eyes and realize what’s happening 🥹 Let’s hope she finds the strength to stand up for herself 💗
urghhhh, rihaan dhw, pspsp
n my leah is sufering, i think she is gonna tell one of her frnds or tell kyle n than boom kyle n kyle n leah will be togetherrr, rihaan out from frame……..ayyywayyyyy this part is veryyy veryyy veryyyyy beautifulllll, maasha allah, keep it upp gurlllll
Hehehe I love reading your theories 🤭💗 but you know I’m not gonna tell you if you’re right or wronggg 👀😂 Thank youuu so much for the love girlll 💗
This part is Amazing Masha Allah 💗
Omg rihaan gandu huh what the he’ll is wrong with Yuhh huhh 😡 Leah pls end the relationship at this point 😥 You are my favourite author ✨💗 Curiously waiting for the next part When’s next?
Lots of love 💗
Rihan is really making us lose our minds 😭😂 Thank youuu so much for all the love 💗 I’ll try to update the next part soon 🤭💗