
ލޯބިން ބުނާތީ – 56

ހުރިހާ އެންމެން ގޮސް ތަން ހުސްވުމުން ރިހާން ގޮނޑިން ތެދުވެގެން ގޮސް ހުސްވެފައި ހުރި ރެޑްބުލް ދަޅު ޑަސްބިނަށް ލިއެވެ. ކަންނެތް ހިނގުމެއްގައި ގޮސް ކޮޓަރި ދޮރު ހުޅުވާލާފައި ވަތްއިރު އޭނާ ކުރިމަތިލާންޖެހޭނީ ކޮންފަދަ ކަމަކާ ކަމެއް އަދި ރެއަކާނުލައެވެ. އޭރުވެސް ބޮލުތެރޭ އެނބުރެމުން ދަނީ ރައްޓެހިންގެ ހުނުމުގެ އަޑެވެ. އެމިހުން ކުރި ބެޓުން ކާމިޔާބުވެފައި ވާތީ އެކަމުގެ ހިތްހަމަޖެހުން އެ މޫނުމަތިން ފެންނަމުން ދިޔައެވެ. ނަމަވެސް އެނދަށް ނަޒަރު ހުއްޓިފައި އޭނާ މަޑުޖެހޭގޮތްވިއެވެ. އެނދަކު ލިއާއެއް ނެތެވެ.
ރިހާން ހަލުވި ފިޔަވަޅުތަކެއްގައި ކުރިޔަށް އައިއިރު ލިއާ ފެނުނީ އެނދާއި ފާރާ ދެމެދު އޮތް ހުސް ޖާގައިގަ މުށިތައްމަތީ އިށީނދެ އިންދައެވެ. ރިހާން ހައިރާންވީ ލިއާ އެދުވަހުގެ ހަވީރު ވަގުތުގައި ލައިގެން ހުރި ހެދުމުގައި އިނުމުންނެވެ. އުނގުމަތީ ދެއަތް ބާއްވާލެވިފައިވީއިރު ލިއާގެ ނަޒަރު ހުއްޓިފައިވަނީ ތިރިއަށެވެ. އިރުކޮޅަކަށް ރިހާނަށް ހީވީ ލިއާ އެ އިނީ އޭނާގެ އިންތިޒާރުގައިހެންނެވެ. ނަމަވެސް އެ މޫނުގެ ކުލަވަރު ފެނި ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިހުސާސްވިއެވެ.
“ލިއާ…؟” ރިހާން ގޮވާލުމުންވެސް ލިއާގެ ސަމާލުކަމެއް ނުލިބުނެވެ. ލޯ ހަނިކޮށްލައިގެން ހުރެ އޭނާ ލިއާގެ ގާތަށް ތިރިވެލިއެވެ. “ލިއާ…؟ ހޭލެވުނީތަ…؟” ރިހާން އެހީ އިސްޖަހައިގެން އިން ލިއާގެ މޫނު ފެނޭތޯ މަސައްކަތްކުރަމުންނެވެ. ނަމަވެސް ލިއާ ވާހަކައެއް ނުދެއްކިއެވެ. ރިހާންގެ މޫނުން ނުރުހުން ފާޅުވިއެވެ. “ލިއާ…! އަހަރެން އެބަ ވާހަކަ ދައްކަމޭ…!” ރިހާންގެ އަޑު ބާރުވިއެވެ.
ލިއާ މަޑުމަޑުން އިސްއުފުލާލިއެވެ. ރިހާނާ ހަތަރުކަޅި ހަމަވި ހިނދު، ރަތްކަން ވެރިވެފައިވާ އެ ލޮލުން ކަރުނަތިއްކެއް ފައިބެގެން ދިޔައެވެ. ރިހާން ގަނޑުވާގޮތްވިއެވެ. ހިތަށް ވެގެން ދިޔައީ ނުބައި ގޮތެކެވެ. މީގެ ކުރިންވެސް ލިއާ ރޮނިކޮށް އޭނާއަށް ފެނިފައިވެއެވެ. ލިއާގެ ހިތްބަލިކަމަކީ އޭނާއަށް އޮޅިފައިވާ ކަމެއް ނޫނެވެ. ބައެއް ފަހަރު ވެގެން އުޅޭގޮތް އެހުމަށްވުރެ އެ ކަރުނަތައް ނުފެންނަކަމަށް ހަދައިގެން ހުރުން އޭނާއަށް ފަސޭހައެވެ.
އެހެނަސް މިރޭ ލިއާގެ ކިބައިން ފެންނަމުން ދިޔަ އަސަރުތައް ތަފާތެވެ. ރިހާނަށް އޭނާ ބަލަމުން ދިޔައީ ޝަކުވާގެ ނަޒަރަކުން ނޫނެވެ. އަދި އެ ލޮލުގައި ވަނީ ރުޅިވެރިކަމެއްވެސް ނޫނެވެ. އެ ނަޒަރުން ބުނެދެމުން ދިޔައީ އޭނާގެ މުޅި ހިތާއި ނަފްސު ފުނޑުފުނޑުވެފައި ވާކަމެވެ.
ރިހާން އުނދަގޫ ގޮތަކަށް ހިންދިރުވާލިއެވެ. “ވަޓްސް ރޯންގް…؟” ރިހާން މިހެން އެހި އިރު ހިތް ތެޅެމުންދިޔައީ ހަލުވި މިނެއްގައެވެ. ލިއާ އިރުކޮޅެއް ވަންދެން ރިހާނަށް ބަލަން އިނެވެ. އެއަށްފަހު ދުވަހަކުވެސް ރިހާނަށް އިވިފައި ނުވާހާ ހިމޭން ރާގެއްގައި ބުނެލިއެވެ. “އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ…”
ރިހާން ހުއްޓުން އެރިއިރު އެ މޫނުގައިވި ހުރިހާ ހިތްހަމަނުޖެހުމުގެ ކުލަވަރެއް ފިލާގޮސްފިއެވެ. “ވަޓް…؟” އެ ބަސް ބޭރުވީ ރިހާނަށްވެސް ނޭނގިއެވެ.
“އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖޭ ރިހާން…” ލިއާއަށް ގިސްލެވިއްޖެއެވެ. އަރުތެރެ ހީވަނީ ބެދިފައި ވާހެންނެވެ. “ތި ކުރި ބެޓްވެސް…، ރިހާނަށް ލިބުނު ލާރިގަނޑުވެސް އަދި ކައިލްއޭ ކިޔައިގެން ދެއްކި ވާހަކަވެސް، ހުރިހާ އެއްޗެއް އަޑު އިވިއްޖެ…” ލިއާ ސީދާ ރިހާންގެ ލޮލަށް ބަލާލިއެވެ. އޭނާގެ ތުންފަތް ކުޑަކޮށް ދުރުވެލި ހިނދު އާހެއްގެ އަޑާއިއެކު ރުއިމުގެ އަޑު ނިކުމެއްޖެއެވެ. މޭގައި ލިއާއަށް އަތް ޖައްސާލެވުނީ އަޅަމުން ދިޔަ ވޭނުންނެވެ.
ފުރަތަމަ ފަހަރަށް ރިހާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އިރުކޮޅެއް ކުރިން ރައްޓެހިންނާ ދެކެވުނު ވާހަކަތައް ހަނދާންކުރާށެވެ. ލިއާއަށް އަޑުއިވުނީ ކިހާވަރަކަށް ކަމެއް އޭނާއަކަށް ޔަގީނެއް ނޫނެވެ. ހާސްވެގެން ގޮސް ނިތްކުރިން ދާހިއްލާލައިފިއެވެ.
“އަޑުއަހާބަލަ…” ރިހާން ވާހަކަ ދައްކަން އުޅުނެވެ.
“ކީއްވެ…؟” ލިއާ އެހީ ހަމައެކަނި އެހެންނެވެ. ކުރުކުރު ސުވާލެކެވެ. އެހެނަސް އެ ސުވާލުން ރިހާންގެ މުޅި ނަފްސަށް ލޮޅުން އަރުވައިފިއެވެ.
“ކީއްވެހޭ އަހަންނަށް މިހެން ހެދީ…؟” ލިއާ ތެދުވިއެވެ. ރިހާންގެ ގާތުން ދުރަށް ދިއުމަށެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނައަކަށް ނިމުމެއް ނެތެވެ. “ރިހާން ހީކުރީ އަހަރެން މީ ޓްރޮފީއެއް ކަމަށްތަ…؟” ލިއާގެ އަޑުގައި އެތައްހާސް ވޭނެއް އެކުލެވިފައިވެއެވެ. ރިހާނަށް ލިއާއަށް ބަލަން ހުރެވުނީއެވެ. އޭނާ އަނެއްކާވެސް ވާހަކަދައްކަން އުޅުމުން ލިއާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
“އަހަރެންމީ ރިހާންގެ ރައްޓެހިންނަށް ރިހާން ކިހާ ކާމިޔާބުކަން ދައްކަން ހާސިލުކުރި ޓްރޮފީއެއްތަ…؟ ކޯއްޗެއް ސާބިތުކޮށްދެން އަހަންނާ ކައިވެނި ތިކުރީ…؟ އަހަރެން މީ ރިހާންގެ ރައްޓެހިންގެ މުދާގަނޑެއް ނޫނޭ ފަންސާސްހާސް ރުފިޔާއަށް ވިއްކާލާކަށް…އަހަރެން ކިތައްމެ ނިކަމެއްޗަސް ކޮންމެސް އަގެއް އޮންނަންވާނެ…” ލިއާ ރޮމުން ރޮމުން ވާހަކަ ދެއްކިއިރު އަޑު ނިކުންނަނީ ކިރިޔާއެޥެ.
“ވީގޮތް ރަނގަޅަށް ނޭނގޭ އިރު މާ ސުވާލު……”
“އެހެންވިއްޔާ ކިޔައިދީބަލަ…!” ރިހާންގެ ޖުމްލަ ފުރިހަމަ ނުވަނީސް ލިއާއަށް ހަޅޭއްލަވައިގަނެވުނެވެ. ރިހާންގެ ޖަވާބަކަށްވީ ހަމަހިމޭންކަމެވެ. އެހެން ހުރިއިރު ރިހާންގެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. އޭނާ ލިއާ ގާތު ތެދަށް ބުނަން ބޭނުންވިއެވެ. އެ ބެޓް އޭނާ ގަބޫލުކުރިޔަސް މި ހިސާބަށް ކަންތައް ގޮސްފާނެކަމަށް ހީނުކުރާކަމެވެ. އަދި ވެގެން ދިޔަ ހުރިހާ ކަމަކަށްފަހުވެސް ރިހާންގެ ހިތުގައި ލިއާއަށްޓަކާ މަގާމެއް ވާކަމެވެ. އެ އިހުސާސަކީ ދުލުން އެއްބަސްވާން ރިހާން ބޭނުންނުވާ އިހުސާސެކެވެ. އެ އިހުސާސަށް އިގުރާރުވުން ވެގެން ދާނީ އޭނާގެ ރައްޓެހިން ޖޯކަކަށް ހަދައިގެން އުޅޭ އަންހެންކުއްޖާއާއި ދޭތެރޭ އޭނާގެ ހިތުގައި ލޯބި ވާކަމަށް އެއްބަސްވުމަކަށެވެ. އޭނާގެ ނަފްސުގެ ބޮޑާކަމާއި ފަޚުރު، ލިއާއާއި ދޭތެރޭ ވާ އިހުސާސްތަކަށް އިގުރާރުވުމަށް ފުރުސަތެއް ނުދެއެވެ. އޭނާގެ ރައްޓެހިން ގަބޫލުކުރާގޮތުގައި ލިއާއަކީ ރިހާނާ އެކަށީގެންވާވަރަށް ވުރެ ދަށް ފެންވަރުގެ މީހެކެވެ.
ރިހާން ރައްޓެހިންނަށް ދައްކަމުންދިޔަ ކުލަވަރަކީ ހިތުގައިވާ އިހުސާސްތަކާ މުޅިން ތަފާތު ކުލަވަރެކެވެ. ރައްޓެހިންނަށް އޭނާ ފެންނަން ބޭނުންވަނީ ބޭނުންވާ ހުރިހާ ކަމެއްވެސް ހާސިލުކުރާ މީހެއް ގޮތުގައެވެ. ކުރިމަތިވާ ކޮންމެ ގޮންޖެހުމެއްވެސް ކާމިޔާބުކުރާ މީހެއް ގޮތުގައެވެ. ފަސޭހައިން އަންހެނެއް ދެކެ ލޯބި ނުވާނެ މީހެއް ގޮތުގައެވެ. ވަކިން ހާއްސަކޮށް ލިއާ ފަދަ އާދައިގެ އަންހެންކުއްޖެއް ދެކެއެވެ.
އަމިއްލައަށްވެސް ގަބޫލުކުރާ ގޮތުގައި ލިއާގެ ހިތުގައި އޭނާއަށްޓަކާ ވާ ލޯބި އޭނާއަކަށް ހައްގެއް ނުވެއެވެ. އޭނާ އެ ހިތަށް ދިން އަނިޔާތަކަށްފަހުވެސް ލިއާ އޭނާދެކެ ވީ ތެދުވެރި ލޯތްބެކެވެ. އޭނާދެކެ ފޫހިވާނެ އެތައް ހާސް ސަބަބެއް އޮތްނަމަވެސް ލިއާގެ ހިތުގައި އޭނާއަށްޓަކާ ވީ އިހުސާސްތައް ބަދަލެއް ނުވިއެވެ. މި ހުރިހާ ކަމެއްވެސް ރިހާނަށް އެނގެއެވެ. އަދި އެ ހިތުގައި ލިއާއަށްޓަކާ ވާ އިހުސާސްތައް އޭނާ ފޮރުވުމުގެ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. އެ އިހުސާސްތައް ހާމަކޮށްފިނަމަ އެކަމުން ލިއާއަށް އެ އަންގައިދެވެނީ ލިއާއަށް ރިހާންގެ ހިތަށް އަނިޔާ ދެވިދާނެކަމެވެ. އަދި އެ ހަޔާތުން ލިއާ ވަކިވާން ރިހާން ނޭދޭކަމެވެ. އެހެން ފިރިހެނަކަށް ލިއާ ހާސިލުވާން އޭނާ ނޭދޭކަމެވެ. އެ ބޮޑާކަމާއި ފިރިހެންވަންތަކަމުގެ ފަހަތުގައި ވަނީ އަމިއްލަ އެދުންބޮޑު ނަފްސެކެވެ.
އެހެންކަމުން ލިއާއަށް ހަގީގަތް ހާމަކުރުމުގެ ބަދަލުގައި އޭނާ ކަންތައް ކުރީ އަބަދުވެސް އޭނާ ކަންތައްކުރާ ގޮތަށެވެ. އޭނާ އިސްކުރީ އޭނާގެ ‘އީގޯ’ އެވެ.
“ވަޓްއެވަރ…” ފޫހި އަޑަކުން ރިހާން ބުނެލިއެވެ. ލިއާއަށް ރިހާނަށް ބަލަން ހުރެވުނެވެ. ހިތަށް އަސަރުކޮށްފައި ވީއިރު ރިހާންގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ގެނައީ ގަދަކަމުންނެވެ. “އެނީވޭ، އަހަންނަށް އަހަރެން ބޭނުންވާ ކަންތައް ވެއްޖެ…ނޫންތަ…؟” ލިއާ ގާތަށް ރިހާން އައެވެ. ލިއާ ހުރީ ބަލަހައްޓައިގެންނެވެ. ރިހާން ވާހަކަ ދެއްކިއިރު އަޑުގައި އެއްވެސް އޯގާތެރިކަމެއް ނެތެވެ. “އައި ގޮޓް ޔުއަރ ހާރޓް އެންޑް…ވެލް……!” ވާހަކަ ދައްކަމުން ރިހާން އެއްމިޔަކަނުން ހިނިތުންވެލައިގެން ހުރެ ތުންފަތުގައި ދަތް އަޅާލިއެވެ. “…ޔުއަރ ބޮޑީ…!” ރިހާން ޖުމްލަ ފުރިހަމަކޮށްލިއެވެ.
ރިހާންގެ ދުލުން އެބަސްތައް ބޭރުވިހާއިރުން ލިއާގެ މޫނުގައިވި ކުލަވަރު ބަދަލުވެއްޖެއެވެ. ކަރުނަތައްވެސް މަޑުޖެހިލިކަހަލައެވެ. އެ މޫނުގައި ހައިރާންކަމެއްވެސް އަދި ރުޅިވެރިކަމެއްވެސް ނުވެއެވެ. އެ ދެލޮލުން ފެންނަމުންދަނީ ރިހާންގެ ކިބައިން ކުޑަވެސް ރަނގަޅުކަމެއް ފެނިދާނެކަމަށް ކުރި އުއްމީދު އެއްކޮށް ގެއްލިފައިވުމުން ފެންނާނެ ހުސްކަމެވެ. ލިއާއަށް ބަލަހައްޓައިގެން ރިހާނަށް ހުރެވުނެވެ. އޭނާ އިންތިޒާރު ކުރީ ލިއާ އޭނާއަށް ހަޅޭއްލަވައިގަންނާނެ ވަގުތަކަށެވެ. މޫނުމަތީ ޖެހިޔަސް އޭނާއަށް ހެވެވެ. އެފަދަ ގޮތަކަށް ލިއާއާއި ދޭތެރޭ ކަންތައް ކުރީ ކީއްވެތޯ އެހުމަށެވެ. ނަމަވެސް ލިއާގެ ކިބައިން އެއްވެސް ހަރަކާތެއް ނުފެނުނެވެ. އިރުކޮޅެއް ވަންދެން ރިހާނަށް ބަލަން ހުރެފައި ލިއާ ރިހާންގެ ކައިރިން އަޅާފައި ދާން ހިނގައިގަތެވެ.
“ލިއާ…” އޭނާ ފަސްދީ ލިއާ ދާން ފެށުމުން ލިބުނު ސިހުމުގައި ރިހާނަށް ލިއާ ފަހަތުން އާދެވުނެވެ. “ކޮންތާކަށް ތި ދަނީ…؟” ލިއާ ދޮރު ހުޅުވާލުމުން ރިހާން އެހިއެވެ. ނަމަވެސް ލިއާ ޖަވާބެއް ނުދިނެވެ.
“ކިހާ ދެރަކަމެއް…! އަހަރެން އެބަ ވާހަކަ ދައްކަމޭ…!” ހިތުގައި އުފެދެމުން ދިޔަ ނުތަނަވަސްކަމާއެކު ރިހާނަށް ބުނެވުނީ ބާރަކަށެވެ. އޭނާއަށް ހީކުރެވުނީ ލިއާ ފަސްއެނބުރި ބަލާލާނެ ކަމަށެވެ. ނަމަވެސް ލިއާ އެދިޔަ ގޮތަށް ދިޔައީއެވެ. ރިހާންގެ އަޑު ނީވޭ ކަހަލައެވެ. ލިއާ ނިކުންނަމުން ދޮރު ލެއްޕިއިރު ރިހާނަށް އެ ހުރިތާ ހުރެވުނީއެވެ.
ހިތް އެދެމުން ދިޔައީ ލިއާގެ ފަހަތުން ދިއުމަށެވެ. ލިއާގެ އަތުގައި ހިފާ ހުއްޓުވާ، މާފަށް އެދެން ބޭނުންވިއެވެ. އޭނާގެ ފިނޑިކަމުގެ ސަބަބުން ލިއާ ގާތު ބުނަން ދަތިވެފައިވާ ވާހަކަތައް ހާމަކުރަން ބޭނުންވިއެވެ. އެހެންނަމަވެސް ލިއާގެ ފަހަތުން ދިއުމުގެ ހިޔާލުން އެކަނިވެސް ރިހާންގެ ފިރިހެންވަންތަކަމަށް ލޮޅުންއެރިކަހަލައެވެ.
“މަށަށް ކޮން ބަ***އެއް…؟” އަމިއްލަ ނަފްސަށް ރިހާން ބުނެލިއެވެ. އޭނާގެ ދުލުން ބޭރުވަމުން ދިޔައީ ހިތުގައި އޮތް އެއްޗެއް ނޫނެވެ.
ލިއާ އަމިއްލައަށް އައިސް އެމީހުން ދެއްކި ވާހަކަތައް ސިއްރުން އަޑުއެހީމަ ވާނެ އެއްޗެއް މިވީއެވެ. އޭނާ ކޮންމެހެން ލިއާ ހުއްޓުވަން ލިއާ ފަހަތުން އާދޭސްކުރަމުން ދާކަށް ބޭނުމެއް ނޫނެވެ. އެހެން ނޫނަސް ލިއާ އެނބުރި އަންނާނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ލިއާ އޭނާއަށް މާފުވެސް ދޭނެއެވެ. ލިއާ އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ރިހާންގެ ހިތަށް އަރަމުން ދިޔައެވެ.
ފޯނު ނަގާފައި އެނދުގައި ރިހާން ހަމަޖެހިލީ އެހެން ދިމާލަކަށް ސިކުނޑީގެ ހިޔާލުތައް ގެންދެވޭތޯއެވެ. އެހެންނަމަވެސް އޭނާއަށް އެކަން ވާގޮތެއް ނުވިއެވެ. ދެތިން ޓިކްޓޮކް ބަލާލާ، އިންސްޓަގްރާމް ހާވާލިއިރަށް ބޮލުތެރޭ ގުގުމާލީ ލިއާގެ އަޑެވެ. “ރިހާން ހީކުރީ އަހަރެން މީ ޓްރޮފީއެއް ކަމަށްތަ؟”
“ޑްރާމާ ކުއީން…” ލިއާގެ ހިޔާލުތައް ނެރެލަން ދެފަރާތަށް ބޯ ހޫރާލަމުން ރިހާން ފޯނަށް ސަމާލުކަން ހުއްޓާލިއެވެ. އެހެންވިޔަސް އެއް ވަގުތެއްގެ މަންޒަރު ރިހާންގެ ހިތުން ފިލައިގެން ނުދިޔައެވެ. ލިއާގެ ހިތާއި ހަށިގަނޑު ރިހާން މިލްކުކޮށްފީމޭ ބުނި ވަގުތު ލިއާ އޭނާއަށް އެ ދިން ނަޒަރު ހިތުން ފޮހެނުލެވުނެވެ. އޭނާ ބޭނުންވީ ލިއާގެ ހިތަށް އަނިޔާ ދޭށެވެ. އެކަން ކާމިޔާބުވުމުންވެސް ހިތަށް މިހާ އުނދަގޫ ވާން ޖެހޭހެއްޔެވެ؟
އަތުތެރޭ އޮތް ފޯނު އެނދުމައްޗަށް ޖަހަމުން ރިހާނަށް އިސްތަށިގަނޑު ތެރެއަށް އަތް މަހާލެވުނެވެ. ލިއާ އަންނާނެއެވެ. އޭނާއަށް މާފުދޭނެއެވެ. އަމިއްލަ ނަފްސަށް ރިހާން ވިސްނައިދިނެވެ. ލިއާ އަކީ މިހާރު އޭނާގެ އަންހެނުންނެވެ. މިރަށުގައި ލިއާ ވަކި ދާން އޮންނާނީ ކޮން ތަނެއްހެއްޔެވެ؟ އަދި ލިއާ ކިތައްމެ ރުޅި އައިސް ހުއްޓަސް އޭނާ މިހުރީ ލިއާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ލިއާ ވަރިކުރުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތެވެ.
އިރުކޮޅެއް ފާއިތުވެ ގޮސްފިއެވެ. ދެބަދޭތެރޭ އޮތް ރިހާނަށް ފުންމައިގެން ތެދުވެވުން އިރު ދާހިއްލާ ފޯވެފައިވެއެވެ. އޭނާގެ ސިކުނޑި މަޑުޖެހިފައި ވާކަހަލައެވެ. ފެނުނީ ކޮންކަހަލަ ހުވަފެނެއްކަން ނޭނގުނަސް މުޅި ހަށިގަނޑަށް ކުރެވެމުން ދިޔައީ ބިރުވެރި އިހުސާސެކެވެ. އެނދުގެ އަނެއް ފަޅިއަށް ރިހާނަށް ބަލާލެވުނެވެ. ލިއާ އެއް ނެތެވެ.
“ވެއަރ ދަ ހެލް އިޒް ޝީ…!؟” ރިހާނަށް އެނދުން ފޭބެވުނެވެ. އޭނާއަށް ނިދިފައި ވީތާ ވީ ކިހާއިރެއް ކަމެއް ނޭނގެއެވެ. ލިއާ ފަހަރެއްގައި ކައްކާ ބައިގަ ހުރެފާނެއެވެ. ރިހާން ދުވެފައި ކޮޓަރިން ނިކުތެވެ. އެބައިގައި ލިއާއެއް ނެތެވެ. ގެސްޓުން އަރާމުކޮށްލަން މަޑުކޮށްލާ ދިމާތަކާއި ފެންޑާގެ އިތުރުން ގެސްޓް ހައުސް ވަށައިގެންވެސް ރިހާން ހޯދިއެވެ. ލިއާއެއް ނެތެވެ. ބަޔާންކުރަން ނޭނގޭ ބިރުވެރި ނުތަނަވަސްކަމެއް ރިހާންގެ މޭގައި އުފެދެންފެށިއެވެ.
“ލިއާ…!” ހިމޭން އަނދިރީގެ ތެރެއިން ރިހާންގެ އަޑު އެކޯވެލައިފިއެވެ. އޭނާއަށް ވަށައިގެން ހޯދާލެވިއްޖެއެވެ. މޫނުގައި އަތް ހާކާލެވުނީ ވެފައި ހުރި ހާސްކަމުންނެވެ. އެ ދިޔަ ތާކަށް ލިއާ އެދިޔައީ ފޯނުވެސް ބާއްވާފައެވެ. ގުޅާނީވެސް އެހެން ނޫންނަމައޭނުންހެއްޔެވެ؟ މި ދަންވަރު ލިއާ ދާން އޮންނާނީ ކޮންތާކަށްހެއްޔެވެ؟
ރިހާން އަތިރިމައްޗަށް ނިކުތުމާއެކު ދަންވަރުގެ ތެތްފިނި ވައިރޯޅި އެ މޫނުގައި ބީހިލައިފިއެވެ. އެ މާހައުލަށް ރިހާން ނަޒަރު ހިންގާލައިފިއެވެ. ހިތުގެ ތެޅުން އެހާމެ އަވަހެވެ. ކުއްލިއަކަށް އޭނާއަށް ތަންކޮޅެއް ދުރުން ހަރަކާތެއް ފެނުނެވެ. ފާލަމާއި ހަމަޔަށް ހިނގަމުން ދިޔަ އަންހެން ކުއްޖެކެވެ. ލިއާއެވެ.
ރިހާނަށް ބަލަން ހުރެވުނެވެ. އިރުކޮޅަކަށް އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ލިއާ ހެޔޮހާލުގައި ހުރިތަން ފެނުމުންނެވެ. ލިއާއަށް ގޮވަން އުޅެފައި ކުއްލިއަކަށް ރިހާން މަޑުޖެހިލިއެވެ. ލިއާ ހިނގަމުން ދިޔަ ގޮތް އޭނާއަށް ފާހަގަވިއެވެ. ގައިގަ ވަރު ނެތް މީހެއް ފަދައިން މަޑުމަޑުން ހިނގާލާފައި ދިޔައިރު ލިއާ ދާނެ ވަކި މަންޒިލެއް ނެތްފަދައެވެ. ލިއާއަށް ބަލާލާފައި އެއީ ބޯ ހަމަޖައްސާލަން ހިނގާލަން ނިކުމެ އުޅޭ މީހަކާ ވައްތަރެއް ނުވިއެވެ. ހީވަނީ މި ދެވެނީ ކޮންތާކަށްކަން ނޭނގި ހިނގަމުންދިޔަ މީހެއްހެންނެވެ. ލިއާ ހުއްޓުނީ ފާލަމުގެ ކޮޅަށް ގޮސްފައެވެ. ރިހާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ލިއާ…!” ރިހާން ގޮވާލިއެވެ. ލިއާ ބަލާނުލިއެވެ. ރިހާންގެ ހިނގުން ބާރުވެގެން އައެވެ.
“ލިއާ…!” ހާސްވެ ކަންބޮޑުވެފައި ހުރި ރިހާންގެ ރުޅިވެރިކަމުގެ އަޑު އިވުނެވެ. ދެންވެސް ލިއާ ބަލާނުލިއެވެ. ކުރިމަތިން ފެންނަމުންދިޔަ އަނދިރިގަނޑަށް ނަޒަރު ހުއްޓި އިރުކޮޅެއް ވަންދެން ލިއާ ހުރީ ހިމޭންވެފައެވެ. ރިހާނަށް އެހިސާބަށް ދެވެން ވާއިރަށް ލިއާ ފާލަމުގެ އެންމެ ކޮޅާއި ހަމަޔަށް ގޮސް ހުޅި ނަގާފައި އަންނަމުން ދިޔަ ރާޅުތަކާ ހަށިގަނޑު ހަވާލުކޮށްފިއެވެ.
“ލިއާ………!!” ރިހާނަށް ދުއްވައިގަނެވިއްޖެއެވެ. ލިއާ ފުންމާލި ހިސާބާއި އަރާ ހަމަވިއިރަށް ރިހާންގެ ހިތުގެ ތެޅުން ހުއްޓިދާނެ ކަހަލައެވެ. ވިސްނަން މަޑުކުރުމެއް ނެތި ރިހާން ފުންމާލައިފިއެވެ. ވޯޓަރ ސްޕޯރޓްސްގައި މަސައްކަތް ކުރާތީ ރިހާންގެ ފެތުމުގެ ހުނަރު ހުރިކަމާމެދު ޝުކުރުވެރި ވެވުނެވެ. އޮއެ ބާރުވެފައިވުން ވެގެން ދިޔައީ ލިއާ ހޯދުމަށް ރިހާނަށް ކުރިމަތިވި ގޮންޖެހުމަކަށެވެ. އިރުކޮޅެއް ވަންދެން ފީނާ ހެދިއިރުވެސް މި އަނދިރީގެ ތެރެއިން އޭނާއަށް ލިއާ ހޯދުން ދަތިވިއެވެ. އެވަގުތު މާ ދުރު ނޫން ހިސާބަކުން ރިހާނަށް ހަރަކާތެއް ފެނުނެވެ. ވިސްނަން މަޑުކުރުމެއް ނެތި ރިހާން އެދިމާލަށް ފަތައިގަތެވެ.
ގަދަ ރާޅުތަކުތެރެއިން ލިއާ ގޮވައިގެން އެއްގަމަށް އެރިއިރު ރިހާން ހުރީ ވަރުބަލިވެގެން ގޮސް އަވަދިވެފައެވެ. ނަމަވެސް އެކަން އޭނާއަށް އިހުސާސް ނުވާކަހަލައެވެ. ދޮންވެލިގަނޑުމަތީ ލިއާ ބާއްވާފައި ރިހާން ލިއާއަށް ގޮވަމުން ދިޔައިރު ދެންމެ ދެންމެ މޭފަޅާ ހިތް ނިކުމެދާނެ ކަހަލައެވެ. “ލިއާ ޕްލީޒް ލޯ ހުޅުވަބަލަ…” ރިހާން ލިއާގެ މޫނުގެ ދެފަރާތުގައި ހިފާ ތަޅުވާލިއެވެ.
“ސަމްވަން ހެލްޕް…ޕްލީޒް…!” ރިހާނަށް ހަޅޭއްލަވައިގަނެވުނު އިރު އަޑު ނިކުތީ ކެނޑިކެނޑިގެންނެވެ. އޭނާ އިރުއިރުކޮޅާ ލިއާ ނޭވާލާތޯ ޗެކްކުރަމުން ދިޔައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ރިހާން މަޑުކުރުމެއް ނެތި ލިއާއަށް ސީޕީއާރް ދޭންފެށިއެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތެއްވެސް އޭނާއަށް އަގުބޮޑެވެ. “ކަމޯން ލިއާ…” ރިހާންގެ މުޅި ހަޔާތުގައިވެސް މިހާ ބިރުވެރި ވަގުތުކޮޅެއް އައިކަމެއް ނޭނގެއެވެ.
ކަންތައް ވެގެން ދިޔަ ގޮތް ނަގައިގަންނަން ރިހާންގެ ސިކުނޑިން ދަތިވެފައިވެއެވެ. މީގެ އިރުކޮޅެއް ކުރިން ލިއާ ހުރީ އޭނާއާއި އެކު ކޮޓަރީގައެވެ. ރޮވިފައެވެ. ހިތް ހަލާކުވެފައެވެ. އެކަން ރިހާނަށް ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް ކޮޓަރިން ނިކުމެފައި މި ވީ ވަގުތުކޮޅު ތެރޭ ލިއާ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅަފާނެކަމަކަށް ރިހާނަށް ހީކުރެވިފައެއް ނެތެވެ. އޭނާއާއި ކައިވެނި ކުރީއްސުރެ އޭނާގެ އާއިލާގެ ރުހުން ހޯދަން މަސައްކަތްކުރަމުން ދިޔަ ހިތްވަރުގަދަ އަންހެންކުއްޖާގެ ހުރިހާ ހިތްވަރެއް އެލިގެން ދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
“ލިއާ ޕްލީޒް…” ރިހާން ގޮވަމުން ދިޔައެވެ. ކުއްލިއަކަށް ލިއާ ކެއްސައިގަތުމާއެކު އަނގައިގަ ހުރި ފެންތައް ބޭރުވެގެން އައެވެ. ރިހާން އަވަސްއަވަހަށް ލިއާއަށް އެހީވެދިނެވެ. އޭނާގެ ހިތަށް ލިބިގެން އައި ހަމަޖެހުމުން ލިއާ ގެނެސް މޭގައި ޖައްސާނުލެވުނީ ކިރިޔާއެވެ.
ލިއާ މަޑުމަޑުން އެސްފިޔަ ތަޅުވާލިއެވެ. އިރުކޮޅެއް ވަންދެން އޭނާ އިނީ ވާނުވާ ނޭނގިފައެވެ. ދެން ލިއާއަށް ފާހަގަވީ ގާތުގައި އިން ރިހާނެވެ. އެވަގުތު އޭނާ ތެޅިގަތެވެ. “ނޫން…” ރިހާންގެ އަތުތެރެއިން ދެމިގަންނަން ލިއާ މަސައްކަތްކުރިއެވެ. ރިހާން ބަލަހައްޓައިގެން އިނީ ގަބޫލުކުރަން ދަތި ނަޒަރަކުންނެވެ.
“ލިއާ މައިތިރިވެބަލަ…!” ރިހާން ބުނެލިއެވެ. ލިއާ އަޑެއް ނޭހިއެވެ. އޭނާ އުޅުނީ ތެދުވާށެވެ. ނަމަވެސް އެއަށްވުރެ އޭނާގެ ހަށިގަނޑުގެ ވަރުދެރައެވެ. ލިއާ ފަހަތަށް ވެއްޓޭގޮތްވިއެވެ. އޭނާއަށް ހީވަމުން ދިޔައީ މުޅި ދުނިޔެވެސް އެނބުރޭހެންނެވެ. ރިހާނަށް ލިއާ ހިފެހެއްޓުނީ ކިރިޔާއެވެ.
“އަހަރެން……ގައިގަ…އަތް…ނުލާ…!” ލިއާ ބަލިކަށިކަމާއެކު ބުނެލިއެވެ. ރިހާންގެ މޫނުގެ ކަށިތަކަށް ވާންވެގެން އައެވެ. އޭނާ ދެންމެ ބިރުން މޮޔަނުވީ ކިރިޔާއެވެ. އެ ބިރުގެ ސަބަބުން އޭނާއަށް ރަނގަޅަށް ނުވެސް ވިސްނެއެވެ. ނަމަވެސް ލިއާގެ ފުރާނައަށްޓަކާ އެ އުފެދުނު ބިރު ހާމަކުރުމުގެ ބަދަލުގައި އެ އިހުސާސްތަކުގެ މައްޗަށް އޭނާ ގަދަކޮށްލީ ރުޅިވެރިކަމެވެ.
“ވަޓް ދަ ހެލް ވާރ ޔޫ ތިންކިން…؟” ރިހާން ލިއާގެ އަތުގައި ހިފީ ބާރަކަށެވެ.
“މޮޔަވެފަތަ ތިހުރީ…؟” ރިހާން ބުނެލިއެވެ. ލިއާ ބަލާލީ ދުރެވެ. ރިހާނަކަށް އެކަން ހަޖަމެއް ނުވިއެވެ. ލިއާ އެގޮތަށް އޭނާއާއި ދުރަށް މޫނު އަނބުރާލުމުން ހިތަށް ކެތްނުވިއެވެ. ދެންމެ އޭނާއަށް ލަހުން އާދެވުނު ނަމަ ލިއާއަށް ވެދާނެ ގޮތުގެ ހިޔާލުން ރިހާންގެ ސިކުނޑި ފަޅައިގެން ގޮސްފާނެ ކަހަލައެވެ. އެ ހުރިހާކަމެއް އެއްކިބައިގަ އޮއްވާ އޭނާއަށް އުމުރަށް ލިއާ ގެއްލިދާނެ ކަމުގެ ހިޔާލުން ރިހާންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ވުމާއެކު އޭނާ އެ އިހުސާސްތައް ފޮރުވުމަށް މިފަހަރުވެސް އިސްކުރީ ރުޅިވެރިކަމެވެ.
“ބުނަން ވާހަކައެއް…؟ އަމިއްލައަށް ތިހާ މަރުވާ ހިތްވަންޏާ މަ ވަރިކުރި ދުވަހަކުން ގޮސް މަރުވޭ…ކޮންމެހެން މަށާ އިނދެގެން އުޅެމުން މަ މަތި އަޅުވަން އަމިއްލައަށް މަރުވާނެ ކަމެއް ނެތް…މަ ވަރި ކުރި ދުވަހަކުން ގޮސް އުސްތަނަކުން ފުންމާލިޔަސް ކަނޑަށް ޢަރަގު ވިޔަސް ދަން ޖެހުނަސް އައި ޑޯންޓް ކެއަރ…” ރިހާންގެ އަޑު ބާރެވެ. ދުލުން ބޭރުވަމުން ދިޔައީ ހިތުގައި އޮތްގޮތަކަށް ނޫނެވެ. ލިއާގެ ފުރާނައާއި މެދު ރިހާންގެ ހިތް ބިރުގަނެފައި ވިއެވެ.
“ބަޓް ޑޯންޓް ތިންކް ޔުއަރ ގެޓިން އެ ޑިވޯސް އެނީޓައިމް ސޫން…ދެޓްސް ނޮޓް ހެޕެނިން…ވަރިވެގެން ގޮސްފިއްޔާ ރަށުމީހުން ކިޔާނެ އެއްޗެހިވެސް މާ ރީއްޗެއް ނުވާނެ…” ރިހާންގެ ހިތުގައި އޮތް ބިރަކީ ލިއާ ވަރިވާން އުޅެފާނެ ކަމެވެ. ވުމާއެކު އެހެން ގޮތަކަށް ލިއާގެ ހިޔާލު ބަދަލުކުރެވޭތޯ އުޅުނެވެ.
ލިއާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. ވެރިވެފައިވާ ފުސްކަމުގެ ތެރެއިން ރިހާންގެ މޫނަށް ބަލަން އޭނާއަށް އިނދެވުނެވެ. އެ ބެލުމުން ރިހާނަށް އުނދަގޫވިއެވެ. އޭނާ ލިއާ ގާތު ބުނަން ބޭނުންވިއެވެ. އޭނާގެ އަމަލުތަކަކީ ހަގީގަތެއް ނޫންކަމާއި ލިއާ އާއި ދޭތެރޭ ހިތުގައި އިހުސާސްތައް ވާކަމެވެ. ލިއާ ގެއްލެން އޭނާ ނޭދޭކަމެވެ. ލިއާއާއި ވަކިވާން ބޭނުން ނުވާކަމެވެ. ނަމަވެސް އެ ހުރިހާ ބަސްތަކެއް ކަރުބުޑުގައި ތާށިވެފައި ވާކަހަލައެވެ. ރިހާން ވާހަކަ ދައްކަން އުޅެނިކޮށް ސިހުމެއް ލިބުނީ ލިއާގެ ދެލޯ މެރި ރިހާންގެ އަތުތެރެއަށް ދެމުމުންނެވެ. އަތްދަނޑި މައްޗަށް ލިއާ އުފުލާލުމާއެކު ރިހާނަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ.
ހޮސްޕިޓަލުގެ އީ.އާރް ދޮރުގެ އެއްކައިރި ހުރި ގޮނޑިބަރިއެއްގައި ރިހާން އިނީ ދެފައި ތަޅުވާލައެވެ. އެތެރޭގައިވި ލިއާގެ ހަބަރެއް ނުވެގެން އޭނާގެ ހިތް ހާސްކަމުން ފޯވެފައި ވެއެވެ. ގެސްޓްހައުސްގެ ސެކިއުރިޓީންގެ އެހީއާއެކު ލިއާ ހޮސްޕިޓަލަށް ގެނެވުނުފަހުން އިރުކޮޅެއް ފާއިތުވެއްޖެއެވެ. މޫދަށް އެރުނު އެއްޗެހި ބަދަލު ކުރުމެއް ނެތި ލިއާގެ އިންތިޒާރުގައި އިންދާ ދޮރު ހުޅުވާލާފައި ޑޮކްޓަރު ނިކުތެވެ.
“ޔޫ އާރ…؟؟”
“ލިއާ’ސް ހަޒްބެންޑް…” ރިހާނަށް އެ ޖުމްލަތައް ބުނެވުނުލެއް އަވަސްކަމުން އަމިއްލައަށްވެސް ހައިރާންކަން ލިބުނެވެ. ޑޮކްޓަރ ބޯ ޖަހާލާފައި ލިއާގެ ހާލަތު އޮޅުންފިލުވައިދޭން ފެށިއިރު ރިހާންގެ ހިޔާލުތައްވީ މާ ދުރުގައެވެ. އޭނާ ކަންތައް ކުރި ހުރިހާ ގޮތަކަށްފަހުވެސް ގަބޫލު ކުރަން ބޭނުން ނުވާ ހިތި ހަގީގަތެއް ވެއެވެ. ލިއާ ގެއްލޭކަށް އޭނާ ނޭދެއެވެ. ލިއާގެ ހިއްސާއެއް ނެތް މުސްތަގުބަލެއް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އެ ހަޔާތުން ލިއާ ވަކިވުން ނޭދުމާއި ލިއާ ދެކެ ލޯބިވުމަކީ މުޅިން ތަފާތު ދެކަމެކެވެ. އޭނާއަށްވެސް އެކަން އެނގެއެވެ. ނަމަވެސް މިވަގުތު އެކަމާއި ކުރިމަތިލާކަށް އޭނާ ތައްޔާރެއް ނޫނެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ ބެޓަކަށް ޓަކައި އޭނާ ކައިވެނި ކުރި އަންހެން ކުއްޖާގެ ސޫރަ ފެންނަންދެން އިންތިޒާރު ކުރުމެވެ. އެއީ އިރެއްގައި އޭނާއަކީވެސް ލޯބިވުން ހައްގު މީހެއްކަން އަންގައިދޭފަދަ ނަޒަރަކުން ބެލި އަންހެން ކުއްޖާއެވެ. އެހެނަސް މިހާރު އޭނާއާއި ނަޒަރު ސީދާވި ކޮންމެ ފަހަރަކު އެ ލޮލުން ރިހުން ނޫން އިތުރު އަސަރެއް ނުފެނެއެވެ.
5 އަހަރު ފަސް****
އެމެރިކާގެ ބޮސްޓޮން ސިޓީގެ މަގުތައް ހަލަބޮލިވެފައި ވެއެވެ. ދުއްވާފައިދާ ކާރުތަކުގެ ލައިޓު އެޅި ބިއްލޫރި އިމާރާތްތައް ހުޅުދާންވާ ކަހަލައެވެ. މުޅި ސަރަހައްދުން އިވެމުން ދިޔައީ ސައިރެންގެ އަޑާއި ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑެވެ. މުޅި މާހައުލުން ފެންނަނީ އަގުބޮޑު ދިރިއުޅުމެއް އުޅޭ މީހުންގެ ކުލަވަރެވެ. އަގުބޮޑެތި ހެދުންތަކާއި، ޖެކެޓު، ކޯޓުފަދަ ތަކެތީގައި ހިނގަމުން ދިޔަ މީހުން މަދެއް ނޫނެވެ.
މި ހުރިހާ ހަލަބޮލި ކަމާ ދުރުގައި، ބޮސްޓޮންގެ އެންމެ މުއްސަނދި އެއް އަވަށުގައި ހައިބަވަންތަކަން ހުރި ގެއެއް ވިއެވެ. ބޭރުން ފެންނަ މީހަކަށްވެސް އެގޭގެ ހައިބަތު ނަގައިގަނެވޭނެއެވެ. އެތެރެއިން ފެންނަނީ އެންމެ މި ޒަމާނުގެ އަގުބޮޑު ފަރުނީޗަރާއި މުއްސަނދިކަމުގެ ކުލަވަރެވެ. ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރެވިފައިވާ މައިގަނޑު ކުލަ ތަކަކީ ހުދާއި އަޅިކުލައެވެ. ހަވޭލީއެއްފަދަ މި ރީތި ގޭގެ ލިވިންރޫމްގައި ބަހައްޓާލާފައިވާ އަގުބޮޑު ހުދުކުލައިގެ ސޯފާގައި ޒުވާނަކު ނިދާލާފައި އޮތެވެ. ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައި ކޮފީތައްޓެއްގެ އިތުރުން ދެން ހުރީ ޑޮކިއުމެންޓްސް ތަކެވެ.
ޒުވާނާގެ ކަނދުރާއާ ހަމަޔަށް ދިގުވެފައިވާ މުށި އިސްތަށިގަނޑު ހޭވިފައިވެއެވެ. ސޯފާގެ އަތްގަނޑުގައި ކަނދުރާ އަޅުވާލައިގެން އޮތް އިރު، ބޭރަށް ފާޅުވާން އިން ލަގޮނޑި ފެންނަމުންދިޔައީ ހިތްގައިމު ގޮތަކަށެވެ. ނިދިފައި އޮތް ގޮތުން އެ މޫނުމަތިން ފެންނަމުން ދިޔަ ވަރުބަލިކަމުން ހީވަނީ މުޅި ދުވަހު ވަރުބަލިކަމުގައި އުޅެފައި އަރާމެއް އެ ލިބުނީ އަދި ކިރިޔާހެންނެވެ. އިރު އޮއްސެމުން ދިޔައިރު ބިއްލޫރި ދޮރުން ފާއްދާލައިގެން އެޅިފައިވާ އޮރެންޖް އަލިން އެ ޒުވާނާގެ ހަތަރެސްކަން މޫނާއިއެކު އެ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑު ފެންނަމުން ދިޔައީ ހުވަފެނީކޮށެވެ.
ދޮރުގައި ޓަކި ޖަހާ އަޑު އިވޭހެން ހީވެ ޒުވާނާގެ އެސްފިޔަތައް ހަރަކާތްކޮށްލިއެވެ. އެ އަޑު ނުކެނޑުމުން އޭނާ ދެލޯ ހުޅުވާލިއިރު ދެބުމަ ގޮށްޖެހިފައި ވެއެވެ. “ހޫ ދަ ހެލް އިޒް ދެޓް…؟” ސޯފާއިން ތެދުވަމުން ޒުވާނާ ބުނެލިއެވެ. ޒުވާނާއަށް ކޮޅަށް ނުތެދުވެވިގެން އުޅެނިކޮށް ބޭރުން އިވުނީ އަންހެންވަންތަ އަޑެކެވެ. އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ލޮލުގައި ހުރި ނިދިވެސް ފިލައިދިޔައިރު ފުންމައިގެން ތެދުވެވުނެވެ.
“އޯޕެން ދި ޑޯރ…!” އަނެއްކާވެސް ހަމަ އެ އަޑެވެ. ޒުވާނާ ހަލުވިކޮށް ގޮސް ދުރުގައި ހުރި ސޯފާގައި އޮތް އޭނާގެ ކަޅުކުލައިގެ ޓީޝާޓު ނެގިއެވެ. އަވަސްއަރުވާލާފައި ހުރިވަރުން އެ ޓީޝާޓުލުންވެސް ވެގެން ދިޔައީ ހަނގުރާމައަކަށެވެ. އޭނާއަށް ގަޔަށް ޓީޝާޓު މަހާލެވުނީ ކިރިޔާއެވެ. ތަތްމިނަށް ހުޅުވުނު ދޮރާއި އެކު ދުވެފައި އައި އަންހެން ކުއްޖަކު އެ ޒުވާނާގެ މެދު ހަށީގައި އޮޅުލައިގަނެފިއެވެ.
“ކައިލް އިޒީކިއެލް…! އައި މިސްޑް ޔޫ…” ބްލޮންޑް ކުލައިގެ ބުޅި އިސްތަށިގަނޑެއްގެވެރި އެ އަންހެންކުއްޖާ ކައިލްގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. ހީވަނީ މެގަޒިންއެއްގެ ކަވަރ ޕޭޖަކުން ފުންމާލައިގެން އައިސް ހުރި މޮޑެލްއެއްހެންނެވެ. ނަމަވެސް ކައިލްއަށް އެ އަންހެން ކުއްޖާއަކީ ‘ޕާރސަނަލް ސްޕޭސް’ ގެ މާނަ ރަނގަޅަށް ނޭނގޭ ލިސްޓަށް އިތުރުވި އަނެކަކެވެ.
“ސިއެރާ……” ނިދާފައި ހޭލުމުން ކައިލްގެ ފިރިހެންވަންތަ އަޑު އިތުރަށް ބަރުވެފައިވެއެވެ. ސިއެރާގެ ގައިން ހީބިހި ނަގައިގަތެވެ. ކައިލް ވާހަކަ ދައްކަން އުޅެނިކޮށް އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އައި މިސްޑް ޔޫ އޭ…!” ސިއެރާ ބުނެލީ ކައިލްގެ ގައިގަ ވަށާލެވިފައިވާ އަތަށް އިތުރަށް ބާރުކޮށްލަމުން އެ މޭގައި މޫނު ޖައްސާލަމުންނެވެ. އެވަގުތު ދުވި ފިރިހެންވަންތަ މީރު ވަހުގެ ތެރެއަށް ޢަރަގުވެގެންދާން އޭނާ ބޭނުންވިއެވެ.
“އޯކޭ…އައި ހާރޑް ޔޫ ދަ ފަސްޓް ޓައިމް…” ކައިލް ހުރީ އުނދަގޫވެފައި ހުރި ކަހަލަ ގޮތަކަށެވެ. ފަސް އަހަރު ފާއިތުވެގެން ދިޔައިރުވެސް ބަދަލެއް ނާންނަ ކަމަކީ އެ މިޒާޖާއި، ފިރިހެންވަންތަ ސިފައެވެ. އިހުނަށްވުރެ މިހާރު މާ ފިރިހެންވަންތަވެފައި މޫނުގައި ހަރު ވައްތަރު ޖަހާލައިފިއެވެ.
“ދެން ވައި އާރންޓް ޔޫ ސޭއިން އައި މިސް ޔޫ ޓޫ…؟” ސިއެރާ ބުނެލީ ތުން އޫކޮށްލަމުންނެވެ.
“ބިކޯޒް އައި ޑިޑިންޓް…!” ކައިލް ބުނެލުމާއެކު ސިއެރާ ނިތްއަރުވާލިއެވެ. ކައިލް ސިއެރާއަށް ބަލަން ހުރިއިރު އެ މޫނުމަތީގައި އެއްވެސް އަސަރެއް ނުވެއެވެ. ކައިލްއަށް ބަލަން ހުރެ ސިއެރާ ހިނިތުންވެލިއެވެ. ހީވަނީ ކައިލްގެ ޖުމްލަތަކަކީ މުޅި ދުނިޔެއިންވެސް އޭނާއަށް އަޑު އިވުނު އެންމެ ހިތްގައިމު ޖުމްލަތައްހެންނެވެ.
ކައިލްއަށް ސިއެރާ ދުރުނުކޮށްލެވިގެން އުޅެނިކޮށް އަނެއްކާވެސް ދޮރު ހުޅުވުނު އަޑު އިވުނެވެ. މިފަހަރު އިވުނީ ފިރިހެނެއްގެ އަޑެވެ.
“ސޮރީ ކެލް…ހަމަ ފަހަތުން އަޅުވާލި ގޮތަށް ނުނައްޓައިގެން ބޮލަށް އުނދަގޫވެގެން ގެނައީ…” ޑޮކްޓަރ ޔުނީފޯމްގައި ހުރި ފިރިހެންވަންތަ ޒުވާނަކު ވާހަކަ ދެއްކިއެވެ. އިސްކޮޅުން ދިގު، ބައިމަތި ފުޅާ އެ ޒުވާނާގެ ބުޅި އިސްތަށިގަނޑު ހޭވި ނިތުމައްޗަށް ފައިބާފައި ވެއެވެ.
“ކޭޑެން…! ޔޫ ބޯޓް ހާރ ހިއަރ…؟” ކައިލް ބުނެލީ ލޯ ހަނިކޮށްލަމުންނެވެ. ކައިދަން ކޮނޑު އަރުވާލުމާއެކު އިޝާރަތްކުރީ ސިއެރާއަށެވެ. “ޑޯންޓް ބްލޭމް މީ…” ކައިދަން ގޮސް ސޯފާއަށް ޖެހިގަތެވެ. އެ ދެމެދު ދެކެވުނު ވާހަކައަކަށް ސިއެރާ ސަމާލުކަމެއް ނުދިނެވެ. ކައިލްއަށް ބަލަން ސިއެރާ ހުރިއިރު އެ ލޮލުގައިވަނީ ތަފާތު ވިދުވަރެކެވެ. މުޅި ދުނިޔެއިންވެސް އޭނާއަށް ފެންނަ އެންމެ ހިތްގައިމު މަންޒަރު ކަހަލައެވެ.
“ކީއްކުރަންތަ ތި ޓީޝާޓު ލީ…؟ އެ ނުލާ ހުރީމަ މާ ރީއްޗޭ…!” ސިއެރާ ކުސްތަޅާލާ ގޮތަކަށް ބުނެލިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ކައިދަން ތުންފަތް ފިއްތާލީ ހެވިދާނެތީއެވެ. ކައިލްގެ ނަޒަރު މަޑުމަޑުން ސިއެރާއަށް ހުއްޓުނެވެ. އޭނާ ދިން އިންޒާރުގެ ނަޒަރަކީ އެތައް ބަޔަކު ހިމޭންކޮށްލަން ފުދޭނެ ހަތިޔާރެކެވެ. އެހެނަސް ސިއެރާ އެ ލިސްޓަކު ނުހިމެނުނެވެ. އޭނާ ކައިލްއަށް ބަލަން ހުރީ އާވާރާވެފައިވާ މޮޔައެއް ފަދައިން ހިނިތުންވެލައިގެންނެވެ.
“ޔޫ ރިމައިންޑް މީ އޮފް މައި ލިޓްލް އެނޮއިން ސިސްޓަރ ކައިރާ…” ކައިދަން ކަރުކެހިލަމުން ސިއެރާއަށް ބުނެލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (12)
Comments are closed.
Ohh😔
🥹
Bunaane ehcheh vx neyngunu 5 year’s later eyh 😔 mi part vx varah reethi as usual 🫶 waiting for the next part ♥️
Heheh yeah 5 years later 🤭💗 Thank youuu so much, dearrr 💗 There’s still more to come, so stay tunedd 💗
what the holy plot twist!!!!!!!
Hehe you didn’t see that coming did you? 👀💗
So kaidhan aky kiya ge sis dhww??
Kaidhan is Kaira’s brother. Kyle’s cousin 💗
alheyyyy nooooo….leah ah ehn hadhan nuvaane dhw………..n the plot twist??? rllly??? that was a shockkk…..i wonder how leah was…..anyyywayyyy thi part is rllly rllly goood..maasha allah
Hehe I knowww 😭😂 thank you so much for reading, dearrr! So happy you enjoyed this part 💗
Liyaa yaa Reehaanu ge kaiveni huhda nuvaane Reehaanu vari nukuriys otometicaly varivaane liyaa avahah salaamaykuree. insha’Allah mi part vex v reethi
Actually marrying for a bet doesn’t automatically make the nikah invalid ☺️ In the story, I’ve explained that Rihan has feelings for Leah and deep down, he genuinely wants to marry her, even though he refuses to admit it to his friends 🥹 His reason for accepting the bet and his true feelings are two different things. Of course, the validity of the nikah depends on whether the Islamic requirements were fulfilled
Thank you so much dear ☺️💗