Skip to content
އެސްފިޔަ

ލޯބިން ބުނާތީ – 54

Listen to this story Audio · 15:40 Powered by Esfiya Voice
0:00 15:40

އިރުގެ ދޯދިތައް ކޮޓަރިތެރޭވި ބޯ ފަރުދާ ފޫ އަޅުވާލާފައި ފަނޑުގޮތަކަށް ކޮޓަރިއަށް އަލިއެޅިފައި އޮތެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަމުން ހީވަނީ އަދިވެސް ރޭގަނޑުގެ ވަގުތުހެންނެވެ. ލުއި ގޮތަކަށް ލޯ ހުޅުވާލި ލިއާގެ ނަޒަރު ސީލިންގާއި އަމާޒުވިއެވެ. އިރުކޮޅަކަށް އޭނާއަށް އިހުސާސްކުރެވުނީ ރަށުގައި، ބޮޑުދައިތަގެ ގޭގައި އޮވެވުނުހެންނެވެ. ނަމަވެސް ގައިމަތީ އޮތް ރިހާންގެ އަތް އޭނާ ހަގީގަތުގެ ތެރެއަށް ގެނެސްދީފިއެވެ.

ލިއާގެ ނަޒަރު މަޑުމަޑުން ގާތުގައި އޮތް ފިރިމީހާއަށް ހުއްޓުނެވެ. ފުން ނިދީގައި ވީއިރު ރިހާން ފެންނަމުންދިޔައީ ފިރިހެންވަންތަކޮށެވެ. ލިއާއަށް މަޑުމަޑުން ހިނިތުންވެވުނެވެ. ރޭގައި އަދި ރިހާން އޭނާއާއި މެދު ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވިޔަސް ލިއާ ގަސްތުކުރީ ރިހާނަށް މާފު ދިނުމަށެވެ. ކައިވެނީގައި މައްސަލަވެސް ޖެހޭނެތާއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ދެމަފިރިން އެކަކު އަނެކަކުގެ އިހުސާސްތައް ބަލައިގަނެ، އެކުގައި އުޅުން ފަސޭހަވާނެކަމަށް ލިއާ އުއްމީދު ކުރިއެވެ.

އެނދާއި ޖެހިގެން ހުރި ކުޑަ ކަބަޑު މަތީ އޮތް ލިއާގެ ފޯނު ފެނުނެވެ. ލިއާ ފޯނު ނެގީ ގަޑިން ވީވަރު ބަލާލުމަށެވެ. އެވަގުތު އޭނާގެ ލޯ ފުންމައިގެން ނައީ ކިރިޔާއެވެ.

“ސުބުޙާނަالله….” ލިއާއަށް ފުންމައިގެން ތެދުވެވުނެވެ. ގައިން ރަޖާ ވަކިވިވަގުތު ހަމުގައި ބީހިލި ފިނިކަމުން އަނެއްކާވެސް ހުއްޓުން އަރާގޮތްވީ އޭނާ ހުރި ހާލަތު އިހުސާސްވުމުންނެވެ. އަވަސް ނަޒަރެއް މުށިތައް މައްޗަށް ދެވުނުއިރު މުށިތަކުމަތީ އޮތް އޭނާގެ ކައިވެނީގެ ހެދުން ލޮލުގައި އަޅައިގަތެވެ. ލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ނިދާފައި އޮތް ރިހާނަށް ބަލަމުން މަޑު ފިޔަވަޅުތަކެއްގައި ގޮސް ހަރުގައި އަޅުވާފައި އޮތް ރިހާންގެ ތުވާލި ނެގިއެވެ. ގައިގަ ތުވާލި އޮޅާލަމުން ލިއާ ގޮސް އޭނާގެ ފޮށި ހުޅުވާފައި އޭނާގެ ތުވާއްޔާއި މިވަގުތައް ބޭނުންވާ އެހެނިހެން ސާމާނު ނެގިއެވެ.

ފެންވަރާލައިގެން ނިކުމެވުނުއިރުވެސް ލިއާ ހުރީ ހިތް ނުތަނަވަސްވެފައެވެ. ރިހާންގެ މަންމަމެން ހީކުރާނީ ކީކޭހެއްޔެވެ؟ ކައިވެނިކޮށްގެން މިގެޔަށް އައި ފުރަތަމަ ދުވަހުވެސް އަދި މި ހޭލެވުނީ އެހާ ލަހުންނެވެ. ބާރަ ޖަހަން ހުރީ ކުޑަ ވަގުތުކޮޅެކެވެ. އޭނާ ހާދަ ކަންނެތޭ އެމީހުން ހީކޮށްފާނެއެވެ. ރޭގައި އޭނާ ނިދާލާނެ ފުރުސަތެއް ރިހާން ނުދިނެވެ. ލިއާއަށް ނިދުނު އިރު ގައިމުވެސް ފަތިސްވާނެއެވެ. ރިހާން އާއްމުކޮށް ނިދާ، ހޭލާ އުޅޭ ގަޑިއެއް ލިއާއަކަށް ނޭނގެއެވެ. އެހެންވިޔަސް އޭނާއަށް ލަހުން ހޭލެވުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ.

ލިއާއަށް އިރުކޮޅެއް ވަންދެން ރިހާނަށް ބަލަން ހުރެވުނެވެ. ރިހާން ނެތި އޭނާއަށް ގޭތެރެއަށް ނިކުމެ އުޅޭކަށް ނުކެރޭނެއެވެ. ދެ ހިޔާލެއްގައި ހުރެފައި އެންމެފަހުން ލިއާ ރިހާންގެ ގާތަށް އައެވެ. ރިހާންގެ ކޮނޑުގައި ކޮށްޓާލަމުން އޭނާ ގޮވާލިއެވެ.

“ރިހާން…” ލިއާ ގޮވާލިއެވެ. ނިދީގައި ރިހާން މަޑުމަޑުން ހމމ އަޅުވާލިއެވެ. އަނެއްކާވެސް އޭނާ ފުން ނިދީގެ ތެރެއަށް ގެނބުނީއެވެ. ލިއާ އަނެއްކާވެސް ރިހާނަށް ގޮވިއެވެ.

“ލިއާ…!” ނިދި އަޑަކުން ރިހާން ބުނެލިއެވެ. ލިއާ އިރުކޮޅަކު މަޑުކޮށްލާފައި އަނެއްކާވެސް ރިހާންގެ ގައިގަ ކޮށްޓާލަމުން ގޮވާލިއެވެ.

“ދެން ކިހާ ދެރަކަމެއް…؟ އުނދަގޫ ނުކޮށްބަލަ…!” މިފަހަރު ރިހާން ލިއާއާއި ވީ ފަރާތަށް އެނބުރުނެވެ. އެ މޫނުގައިވީ ނުރުހުމެވެ. ލިއާ ގަނޑުވާ ގޮތްވިއެވެ. ހުއްޓުން އަރާފައި ލިއާ ރިހާނަށް ބަލަން ހުރެވުނު އިރު މަޑުމަޑުން ދެތުންފަތް ދުރުވެލިއެވެ. ނަމަވެސް ބަހެއް ނުނިކުތެވެ. ރިހާންގެ ލޮލުގައިވި ރުޅިވެރިކަމުން ލިއާއަށް އިހުސާސްކުރެވުނީ ބޮޑު ކުށެއް ކުރެވުނު ފަދައިންނެވެ.

ރިހާނަށް ލިއާއަށް ބަލާލެވުނެވެ. ލިއާ އަދިވެސް ހުއްޓުން އަރާފައި ހުރިގޮތް އޭނާއަށް ފާހަގަވިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ތެދުވެ އެނދުގައި އިށީނެވެ. “ލިއާ…” ރިހާން ވާހަކަ ދެއްކިއެވެ.

“ސޮރީ…” ލިއާ އެހުރިގޮތަށް ހުރެ މަޑުމަޑުން ބުނެލިއެވެ. “އުނދަގޫ ކުރާކަށް ނޫން އުޅުނީ…” ލިއާގެ އަޑުގައި ހުރި މަޑުމައިތިރިކަމުން ރިހާންގެ ނަފްސަށް ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. އޭނާ މަޑުމަޑުން އެނދުން ތެދުވިއެވެ. އެވަގުތު ލިއާ އަވަސްއަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އެ ވީ ގޮތް ރިހާނަށް ނަގައިގަނެވުނެވެ.

“ނޫނޭ…އައެމް ސޮރީ…ވަރަށް ނިދި އައިސް ހުރީމަ އަސްލު ރުޅި އާދެވުނީ…ލިއާއަށް އެނގޭނު ރޭގައި ވަރަށް ލަހުންކަން ނިދުނީ…” ރިހާން ލިއާ އެއްޗެއް ބުނޭތޯ އިރުކޮޅަކު މަޑުކޮށްފައި ގޮސް ފާހަނައަށް ވަނެވެ. ފާހަނަ ދޮރު ޖެހުނު އަޑު އިވުމާއެކު ލިއާ މަޑުމަޑުން އެނބުރުނެވެ. އެ މޫނުމަތީ ވަނީ ބަޔާންކުރަން ނޭނގޭ ކުލަވަރެކެވެ. މަޑުމަޑުން އައިސް އެނދުގައި އިށީނުމާއެކު ލިއާގެ ނަޒަރު ހުއްޓިފައިވަނީ ހުސްކަމުގެ ތެރެއަށެވެ.

“އިޓްސް އޯކޭ…ރިހާން މާފަށްވެސް އެދެފި…” އަމިއްލަ ނަފްސަށް ވިސްނައިދޭ ފަދައަކުން ލިއާ ވާހަކަ ދެއްކިއެވެ. ހިތަށް އިހުސާސްވަމުން ދިޔަ ބަރުކަމުން މިންޖުވާން އޭނާ ހުރީ ބޭނުންވެފައެވެ. ކައިވެންޏަށް ދެ ދުވަސް ނުވަނީސް ފިރިމީހާއަށް ހިތްބަރު ކޮށްގެން އުޅެން އޭނާ ބޭނުމެއް ނޫނެވެ. އޭނާ މި ކައިވެނި ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދަން ބޭނުމެވެ. ރިހާނަށް ރަނގަޅު އަންބަކަށް ވާން ބޭނުމެވެ. އަދި އެންމެ ބޮޑަށް އެދެވޭ ކަމަކީ ރިހާންގެ އާއިލާއިން ލިއާ ބަލައިގަތުމެވެ.

ރިހާން ނިކުމެ ތައްޔާރުވުމާއެކު ރިހާނާއެކު ލިއާ ކޮޓަރިން ނިކުމެގެން އައިއިރު އަތްފައި ފިނިވެފައި ވެއެވެ. ދުވަހުގެ ފެށުން މިދިޔައީ މާ ރަނގަޅަކަށް ނޫނެވެ. ރިހާން ގޮސް ބަދިގެއަށް ވަނެވެ. ފަހަތުން ލިއާ ވަނީ ލަސް ހިނގުމެއްގައެވެ. އޭރު ކުރު ފާރެއް ރާނާފައި ބަދިގެއާއި ކާގެ ވަކިކޮށްފައިވާ ބައިގެ ބަދިގޭގައި ރިހާންގެ މަންމަ އުޅުނީ ކައްކާށެވެ. ކާގޭގައި ހުރި އަށްފޫޓުގެ ދިގު މޭޒުގައި ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި ހުއްޓެވެ.

“ކޮބާ ރިހާން…؟ ހާދަ ލަހުންނޭ ދޯ ހޭލެވުނީ…؟” ރިހާންގެ މަންމަ ރާޝިދާ ބުނެލި އަޑު އިވުނެވެ. ލިއާގެ ދެފައި ބިމުގައި ތަތްވިކަހަލައެވެ. އެ ހުރިގޮތަށް ހުރިއިރު އޭނާއަށް އިސްއުފުލާ ރިހާނަށް ބަލާލުންވެސް ދަތިވިއެވެ. ރިހާންގެ ނަން އައިކަމަކު ލިއާގެ ހިތް ބުނީ މައިދައިތަގެ އެ ބަސްތައް ރައްދުވަނީ ލިއާއަށް ކަމެވެ. ލިއާއަށް ލަދުވެތިކަން އިހުސާސްވިއެވެ. ރިހާން އާއްމުކޮށް ހޭލާ އުޅޭ ގަޑިއެއް ލިއާއަކަށް ނޭނގެއެވެ. ރިހާނަކީ ހެނދުނު ހޭލާ އުޅޭ މީހެއް ނަމަ މައިދައިތަ ހީކުރާނެ ގޮތެއް ނޭނގެއެވެ. ލިއާ ،ރިހާން ކޮޓަރީގައި ހިފޭއްޓީއޭ ހީކޮށްފާނެއެވެ.

ރާޝިދާގެ އަޑާއެކު ރިހާން ދޫކޮށްލީ މަޑު ހުނުމެކެވެ. އޭނާ ލިއާއަށް އަވަސް ނަޒަރެއް ދިނެވެ. އެ ނަޒަރުން ލިއާއަށް ނުތަނަވަސްކަން ލިބުނީ ކީއްވެ ކަމެއް ނޭނގުނެވެ. ރިހާންގެ އެ ނަޒަރުގައި  ހިތަށް އުނދަގޫ ވާފަދަ ކޮންމެވެސް ނޭއްގާނީ ކަމެއް އެކުލެވެޔޭ ލިއާގެ ހިއްސުތައް ބުނެލިއެވެ.

“ކޯއްޗެއްތަ ކާން ހުރީ…؟” ރިހާން އިށީންނަމުން ގޮވާލިއެވެ. “ކާން ހުރި އެއްޗެހި ތިހުރީ ފެންނާކަންނު…؟ އެކަނި ސައި ހެދީމަ ދެން މިއަދު ވީވަރު ތީ…” ރާޝިދާ ބުނެލިއެވެ. ލިއާގެ މުޅި ނަފްސު ލަދުވެތިކަމުގެ ކޯރަކަށް ގަނބައިގަތް ކަހަލައެވެ. އޭނާ ހުރީ ދެން ކަންތައް ކުރާނެ ގޮތެއް ނޭނގިފައެވެ. އިށީންނަންވީކަމެއް ނޫނީ ކައްކަން ހުރި މައިދައިތައަށް އެހީވާންވީކަމެއް ނޭނގިފައެވެ. މިގެއިން އޭނާއަށް މަރުހަބާ ކިޔާކަމުގެ އިހުސާސެއް ލިއާއަކަށް ނުކުރެވެއެވެ.

“ނެތްތަ އޮމްލެޓެއް މަންމާ…؟” ރިހާން ތަށިތައް ކައިރިކުރަމުން ގޮވާލިއެވެ. އެވަގުތު ލިއާއަށް ވީގޮތެއް ނޭނގުނެވެ. ގާތުގައި އޭނާ ހުއްޓާ ރިހާން މިކުރި ކަމަކުން ގަތް ލަދާ އެއްވަރަށް ހިތްހަމަވެސް ނުޖެހިއްޖެއެވެ. މިހާރު ހާލަތު ބަދަލުވެފައި ވާކަމާއި އޭނާއަކީ ރިހާންގެ އަންހެނުންކަން ހަނދާންކޮށް، ރިހާން އެވަރު ދެނެގަންނަން ޖެހޭނެނޫންހެއްޔެވެ؟

މަޑުން ހުރެފިނަމަ މައިދައިތަ ހީކުރާނެ އެއްޗެއް ނޭނގެއެވެ. ކޮންމެ ގޮތެއްވެސް ވަރިހަމަ ކަމަށް ލިއާ ކައްކާ ބަޔަށް ވަނެވެ. އޭރު ރާޝިދާ ހުރީ ރިހަ އެއްޗަކަށް ދޭފަތް ލައިގެން ހާކާށެވެ. ހިތް ފިނިވެފައި ހުރެ ލިއާގެ ނަޒަރު އެކި ދިމާލަށް ހިންގާލިއެވެ. އޭނާގެ ލޮލުގައި ވަށިގަނޑަކަށް ލާފައި ހުރި ކޮތަޅެއްގައި ހުރި ބިސްތައް އަޅައިގަތެވެ. ލިއާ އެތަނުން ދެބިސް ނެގިއެވެ. ރާޝިދާއަށް ގާތުގައި މީހަކު އުޅޭހެންވެސް ހީނުވެއެވެ. ރިހަ ތެލި ކެކުމުން އުނދުން ނިއްވާލާފައި ރާޝިދާ ޒިންކު ކައިރިއަށް ޖެހި އަތްދޮންނަން ފެށިއެވެ. އެވަގުތު ލިއާ އުނދުން ކައިރިއަށް ޖެހި ދިމާ ކުރިމަތީ ހުރި ފިލާ ހަރެއްގައި ޖަހާފައި ހުރި މޮހޮރުގައި އަޅުވާފައި ހުރި ތަވާތަކަށް ބަލާލިއެވެ. އޭނާ ހުރީ ނަގަންވީ ތަވާއެއް ނޭނގިފައެވެ. މައިދައިތަ ކައިރި އަހާލާކަށްވެސް ނުކެރުނެވެ.

އެންމެފަހުން ލިއާ އެތަނުގައި އިން ކުޑަ ތަވާ ނެގިއެވެ. އުނދުން މަތީ ބައިންދާފައި ރޯ ނުކުރެވިގެން އުޅެނިކޮށް ސިހިގެން ދިޔައީ ރާޝިދާ ވާހަކަ ދެއްކުމުންނެވެ.

“ތިއީ ވަރަށް ފަހުން ގަނެފައި އިން އެއްޗެއް…އަހަރެމެންވެސް ވަރަށް ބޭނުން ނުކުރަން…އޭނދަ ރަތް މުއްގަނޑު ލީ ތަވާ ނަގާ…” މައިދައިތަގެ އަޑު މަޑެއް ކަމަކު ހަރުކަށިކަން ހުއްޓެވެ. އޭނާއަށް ނުބަލަން މަސައްކަތް ކުރަމުން ލިއާ އަނެއް ތަވާ ނެގިއިރު ކޯތާފަތަށް ހޫނުކަން އަރާފައި ވެއެވެ. އެތައް އެއްޗެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެވަރަށް ބޭނުން ނުކުރާ އެއްޗެއް ނަމަ މިތާ އަޅުވާފައި ބޭންދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ ވީ ގޮތް ލިއާއަށް ނަގައިގަނެވިއްޖެއެވެ. ރާޝިދާ ހީކުރަނީ ލިއާއަކީ ކަންކަން ކުރަން ނޭނގޭ ކަންނެތް އަންހެނެއް ކަމަށެވެ. ވުމާއެކު އައު އެއްޗެހި ލިއާގެ އަތަށް ދޭކަށް ބޭނުމެއް ނުވާނުންހެއްޔެވެ؟

ބިސްގަނޑު އަޅާފައި ތައްޓަކަށް ލުމާއެކު ރިހާންގެ ގާތަށް ލިއާ ދިޔައެވެ. ރިހާން އިނީ ފޯނާ ކުޅޭށެވެ. ލިއާ ރިހާންގެ ގާތުން ކާނެ އެއްޗެއް އޮޅުން ފިލުވުމާއެކު ރިހާންގެ ތައްޓަށް ކާއެއްޗެހި އަޅައިދެން ފެށިއެވެ. މިގޮތަށް ރިހާނަށް ހިދުމަތްކޮށްދެން ލިބުމުން ލިއާގެ ދިލަ ހިތަށް ފިނިކަމެއް ލިބިފައި ވެއެވެ. ހިދުމަތްތެރި އަންބެއްގެ ހުންނާނެ ސިފަތައް ލިއާގެ ކިބައިން ފެންނަމުން ދިޔައެވެ.

“ލިއާ ކާން އިށީނދޭ…” ރިހާން ބުނެލީ އޭނާއަށް ސައިތަށި އަޅައިދީފަވެސް ލިއާ ކޮޅަށް ހުރުމުންނެވެ. ލިއާގެ ނަޒަރު ބޭއިހްތިޔާރުގައި ބަދިގެ ފަޅިޔަށް އަމާޒުވިއެވެ. ރިހާނަށް އެކަން ނަގައިގަނެވުނެވެ. “އެ އޯކޭ ވާނެ…އިށީނދޭ…” ރިހާން މިހެން ބުނެލިއިރު އިނީ ފާޑަކަށް ހިނި އައިސްފައެވެ. “މަންމަ ފަހަރެއްގަ ކަމެއް ބޭނުންވެދާނު…؟” ލިއާ ބުނެލީ ރިހާނަށް އަޑު އިވޭ ވަރަށެވެ.

“ލިއާ ބަދިގެއަށް އައުމުގެ ކުރިންވެސް މަންމަ ހަމަ ކައްކަން ދޯ ހުރީ…؟” ރިހާން ހަމަޖެހިލާފައި މަޑުން އެހެން ބުންޏަސް ލިއާއަށް ހީވީ ވަށައިގެން މީހުން ގިނަ މާހައުލެއް ތެރޭ އޭނާ ލަދުގަންނަވާލީހެންނެވެ. އެ ބަސްތަކުން ހިތަށް އުނދަގޫ ވެއްޖެއެވެ. ނަމަވެސް ދެން ބުނާނެ އެއްޗެއް ނޭނގުނެވެ.

އިށީނދެ އިން ނަމަވެސް ލިއާ ކާއެއްޗެއްގައި އަތްނުލިއެވެ. އޭނާ އިނީވެސް ވަރަށް ބަނޑުހައިވެފައެވެ. ލިއާ ހަނދާންވީ ޝަރީފާ މަތިންނެވެ. ހެނދުނު ހޭލާފައި ކޮފީ ތަށި ހިފައިގެން ގޭ ދޮރުމަތީގައި ހުންނަ ހަނދާންވުމުން ހިތަށް ދަތިކަން ލިބިގެން އައެވެ. ހަމަ އެވަގުތު ލިއާގެ ހިތުން އެ ހިޔާލުތައް ފޮހެލަން މަސައްކަތް ކުރިއެވެ. މިހާރު އޭނާ މިހުރީ މުޅިން އާ ބަޔެއްގެ ތެރޭގައެވެ. އޭނާ ޖެހޭނީ އެމީހުންގެ މާހައުލުގެ ތެރެޔަށް ހޭނެން މަސައްކަތް ކުރާށެވެ. ލިއާއަށް އެވަގުތު ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ރާޝިދާ ބަދިގެއިން ނިކުމެގެން ދިއުމާއެކުއެވެ.

“މަންމަ ވަރަށް އަޑު ބާރުވާނެ އިނގޭ…ހުންނާނެ ރޫޑް ގޮތެއް…ކޮންމެ މީހަކާވެސް ވާހަކަ ދައްކާނީ އެހެން…މަންމަ ވާހަކަ ދައްކާ ގޮތުން ހީވާނެ ރުޅި އައިސް ހުންނަހެން…ބަޓް ދެޓްސް ހައު ޝީ އިޒް…” ރިހާން ހަމަޖެހިލާފައި ވާހަކަ ދެއްކިއިރު އޭނާގެ ލާނެއް ނަޒަރު ހުރީ މަޑުމަޑުން އިން ލިއާއަށެވެ. ލިއާ އިނީ ހިމޭންވެފައެވެ. މައިދައިތަ ‘ރޫޑް’ އީ ހެއްޔެވެ؟ ނޫނީ ގެއަށް އައި ޅީދަރިފުޅާ ގަޔާނުވަނީހެއްޔެވެ؟ ލިއާގެ ހިތަށް އެރިއެވެ.

“ރިހާން ކީއްވެތަ އަހަރެން ހުއްޓާވެސް މަންމައަށް ގޮވީ ބިސްގަނޑު އަޅަން…؟ އަހަރެން ކިހާ ލަދުގަންނާނެ…؟” ލިއާ އިސްއުފުލާ ރިހާނަށް ބަލާލިއެވެ. ކައިކައި އިނދެފައި ރިހާން ލިއާއަށް ނަޒަރެއް ދިންއިރު ދެބުމަ ގޮށްޖެހިއްޖެއެވެ.

“ކަމޯން އެ ދެން އެވަރު ކަމެއްތަ…؟ އަދި ހޭލެވިގެން އިރުތަކެއް ނުވަނީސް އަހަރެން މޫޑު ސަކަރާތް ކުރަން ދޯ ތިއުޅެނީ…؟ އަބަދު މަންމަ ކައިރި އުޅެ އުޅެ އަހަރެންވެސް ޔޫސްޑް ވެފަ ދޯ ހުންނާނީ މަންމަ ގާތު ކަންކަމު ކިޔަން…؟ ލިއާ އަދި ބަދިގެއަށް ތި ވަނީ މިއަދުތާ…!” ރިހާންގެ އަޑުއައީ ނުރުހުމާއެކުއެވެ. ހީވީ ލިއާއަށް ބުނެވުނީ ބުނަން ނުވާވަރު އެއްޗެއް ހެންނެވެ. ލިއާގެ ހިތަށް އެކަމުން އަސަރުކުރިއެވެ.

“ރިހާން ހާދަ އަވަހޭ ރުޅި އަންނަލެއް…” ލިއާ އިސްޖަހާލަމުން ބުނެލިއެވެ. އެވަގުތު ރިހާންގެ މޫނުގެ ކުލަވަރު ކޮންމެސް ވަރަކަށް ބަދަލުވިއެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެއީ މާ ބަނޑުހައިވެފަ އިނީމަ…ދެން ކާން އުޅޭ…” ރިހާން ހުސް ތައްޓެއް ނަގާ ލިއާގެ ކުރިމަތީ ބެހެއްޓިއެވެ. ހީވީ ލިއާ އިތުރު ވާހަކައެއް ދައްކަފާނެތީ އުޅުނުހެންނެވެ.

ކުޑަ މަސްހުނި ކޮޅަކާއެކު ލިއާ ކެއީ އެންމެ ރޮއްޓެކެވެ. ކިރިޔާ ހައިކަން ފިލީކީވެސް ނޫނެވެ. އެހެންނަމަވެސް އޭނާއަށް އިތުރަށް ކާކަށް ނުކެރުނެވެ. ލިއާ ހިމޭންވެފައި އިންއިރު ރިހާން ހަމަޖެހިލާފައި ކަމުންދިޔައެވެ. އެދެމެދަށް ވެރިވެފައިވާ ހިމޭންކަމުން ލިއާއަށް އުނދަގޫވިއެވެ. ރިހާނަށް އެތަނުގައި އިތުރު މީހަކު އިންކަންވެސް ހީނުވާފަދައެވެ.

“މީ……، މިގޭ މީހުން އާއްމުގޮތެއްގައި ކޮންއެއްޗެއްތަ ކައި އުޅެނީ…؟” ލިއާ މަޑުމަޑުން ގޭތެރޭގެ ކަންތައްތައް ހުންނަ ގޮތް ދަސްކުރަން ބޭނުންވިއެވެ. ރިހާނާ ސުވާލު ކުރީ އެހެންވެއެވެ.

“ހަމަ އެހެން މީހުންވެސް ކައިއުޅޭ އެއްޗެހި…” ލިއާއަށް ބަލާލުމެއްވެސް ނެތި ރިހާން ބުނެލިއެވެ. ލިއާ އިރުކޮޅަކު ހިމޭނުން އިނީ ރިހާން އިތުރު އެއްޗެއް ބުނޭތޯއެވެ. ނަމަވެސް ރިހާން ވާހަކަ ނުދެއްކުމުން އަނެއްކާ ލިއާ ކެތްތެރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ.

“މިބުނީ އުޅޭހޭ ވަކި ކަހަލަ ކާއެއްޗެއް ކާ މީހަކު…؟ ނޫނީ ރިހާންގެ މަންމަ އާއްމުކޮށް ކައްކަނީ ކޮން އެއްޗެއްހޭ…؟ މިގޭ ކުދިން ލައިކް ނުވާ ކާއެއްޗެއްވެސް ހުރެފާނު…؟ އޭރުން އަހަންނަށްވެސް ކައްކަން އެނގޭނީ…” ލިއާ ބުނެލިއެވެ. ރިހާން ފެން ކޯވަރެއް ބޯލުމާއެކު ލިއާއަށް ބަލާލިއެވެ.

“ކީއްވެތަ މާ ސުވާލު ގިނަވެގެން ތިއުޅެނީ ހުރިހާ ކަމެއް ހޯދަން…؟” ރިހާނަށް އެހުނީ ބޮލަށް އުނދަގޫވެފައި ހުރިކަހަލަ ގޮތަކަށެވެ. ތުންފަތުގައި ދަތް އަޅާލި ލިއާއަށް އިސްޖަހާލެވިއްޖެއެވެ.

“އަހަރެން…ހިތަށް އެރީ ކުރިޔަށް އޮތްތާގަ އަހަރެން އުޅެން ހުރި ތަނަކީ މީ ކަމަށް ވާއިރު ގޭތެރޭގެ ކަންކަން އެނގިފައި ހުރުން މުހިއްމު ކަމަށް…” ލިއާގެ އަޑުގައިވީ އާދަޔާހިލާފު ހިމޭންކަމެކެވެ.

ރިހާނަށް ލިއާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. އޭނާގެ އަމިއްލަ ބަސްމަގު ހުރިގޮތް ނަގައިގަނެވުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ލިއާ އެ މަސައްކަތް ކުރަނީ އޭނާގެ ފިރިމީހާގެ އާއިލާގެ ކަންކަން ދެނެގަނެ، މި އާއިލާގެ ތެރެއަށް ހޭނުމަށްކަން ދެނެގަނެވުމުން ރިހާންގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވެގެން އައެވެ. އޭނާ ގޭތެރޭގެ އެކި ކަންކަމާއި ރާޝިދާގެ ތާވަލު އޮންނަ ގޮތް ލިއާއަށް އޮޅުންފިލުވާދިނެވެ. އާއްމުކޮށް އެމީހުން ކައިއުޅޭ އެއްޗެއްސާއި، އެމީހުންނަށް ކަމުދާ އެއްޗެހި ބުނެދިނެވެ.

“އަހަރެން ތިހުރިހާ ކަމެއް ހަނދާން ބަހައްޓާނަން…” ހިތުގައި ރިހާނާ ދޭތެރޭ އުފެދިފައިވި ޝަކުވާ އެއްފަރާތްކޮށްލަމުން ލިއާ ލުއި ގޮތަކަށް ހިނިތުންވިއެވެ. ރިހާންވެސް ރައްދުގައި އަސަރެއް ނެތް ހިނިތުންވުމެއް ދިނެވެ. ރިހާނަށް އެ ދެކެވުނު ވާހަކައިގެ އެއްވެސް މާނައެއް ނެތަސް ލިއާއަށް އެ ވާހަކަތައް ވެގެން ދިޔައީ ކުރިޔަށް ދިއުމަށް ނެގުނު އިތުރު ފިޔަވަޅަކަށެވެ. ލިއާ ތެދުވެ އޭނާއާއި ރިހާން ކައިފަ ހުރި ތަށިތައް ނެގިއެވެ. އެވަގުތު ރިހާން ގޮވާލާފައި އޭނާ އެއްބައި ބޮއެފައި ހުރި ސައިތަށި ލިއާއަށް ދިއްކޮށްލިއެވެ. ލިއާ ދެފަރާތަށް ބޯ ހޫރާލުމުން ރިހާނަށް ނެގުނީ އެހެން މާނައެކެވެ.

“އަހަރެން ބޮއެފަ ހުރީމަތަ ނުބޯން ތިއުޅެނީ…؟ ދެން ރޭގަ އަހަރެން ލިޕްސް ނުޖެހޭ ތަނެއް އެބައިންތަ ލިއާ……”ރިހާން ވާހަކަ ދައްކަ ދައްކާ ހުއްޓާ ލިއާ ވައިސޫރިއެއްހެން އައި ގޮތަށް ރިހާންގެ އަނގަމަތީ އަތް އަޅައިފިއެވެ. އޭރު އެ މޫނު ރަތްކަމުން ހީވަނީ ޓޮމާޓޯއެއްހެންނެވެ. ރިހާން ނުލަފާ ގޮތަކަށް ހިނިތުންވެ އިނދެ އަނގަމަތީވި ލިއާގެ އަތް ނެގިއެވެ.

“ކިހިނެއްވީ ބޭބް…؟ ރޫމަށް ދާންވީތަ…؟” ލިއާގެ އަތުގައި ހިފާ އިހުނަށްވުރެ ރިހާނާ ގާތްކޮށްލުމުން ލިއާ ތެޅިގަނެފައި ދުރަށް ޖެހުނެވެ. އޭނާގެ ނަޒަރު ހުއްޓުނީ ހުޅުވިފައިހުރި ކާގޭ ދޮރަށެވެ. “ތިކަހަލަ ވާހަކަ ނުދައްކަބަލަ…!” ލަދުން ހަލާކުވާވަރު ވެފައި ހުރެ ލިއާ ބުނެލީ މަޑުންނެވެ.

“އޯކޭ…އަހަރެން އެބަ އަންނަން ގެސްޓް ހައުސްއަށް ގޮސްލާފަ…” ރިހާން ތެދުވެ ޒިންކު ކައިރިއަށް ދިޔައީ އަތް ދޮންނާށެވެ. ފަހަތުން ލިއާވެސް ތަށިތައް ހިފައިގެން އައެވެ. ރިހާން ނިކުންނަންވާއިރަށް ލިއާވެސް ތަށިތައް ދޮވެލާފައި ހަރުގައި ބަހައްޓާލަމުން ރިހާން ފަހަތުން ނިކުތެވެ. ރިހާން ގެއިން ނިކުތީ ލިއާ ގޮސް ކޮޓަރިއަށް ވަނުމުންނެވެ

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Kiwi

    I feel u leah. The way she is overthinking everything reminds me of myself. And i dont like this rihaan or his family at all.

    1. Lavender
      Kiwi

      Leah deserves a break from all that overthinking fr 😭 And Rihan and his family really aren’t making it any easier for her ❤️‍🩹

  2. Nayaa

    alheyy Leah☹️☹️
    i hope she realises her worth and escapes this marriage soon.. and tbh, Kyle deserves better too.
    this is so so good masha Allah, my favourite story on esfiya currently.. lots of love💕

    1. Lavender
      Nayaa

      Leah really needs to realize her worth ❤️‍🩹 And Kyle my poor boy deserves some happiness too 😭Thank youuu so much for making my story your favorite on Esfiya, lots of love 💗

  3. 🍓

    Mi bai vx vrh reethi Masha Allah…💗🥰
    Can’t wait for the next part..
    😍😍
    When’s next??

    1. Lavender
      🍓

      Aww thank you 💗 it’s up 🥰

  4. ithoo

    Sifa kuran haadha molhey.. hama speechless.. kairy balan hureveyhen heevanii 🥰.. mihaaru mihen vakin kiyan undhagoo vanee.. hama ehkon kiyaalan beynunvanee..hehe.. varah reethi mi partves.. Can’t wait for the next part.. keep going gurl.. 💙

    1. Lavender
      ithoo

      Thank youuu so much Giirrrll 🥹💗 Knowing you can picture everything like you’re right there with them means so much to meee 💗 Hehe I hope you can survive the wait for the next part 🤭💗

Comments are closed.