
ގާތުގާ…. – 62

ޕޫލުގެ ފިނި ފެންގަނޑުގައި އަހަރެންގެ ފައި ޖެހުމާއިއެކުގައި ކުޑަކޮށް ހީކަރުވާ ގޮތްވެ ފައި ދަމައިގަނެވުނެވެ. މިތަން ފެނި ކުޑަކޮށް ހީލަމުން ނަވީން އަރެންނަށް އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފަމުން އަހަރެން ޕޫލަށް އެރުނީމެވެ. ފިނި ފެނުގެ ސަބަބުން ހަށިގަނޑު ތާޒާ ކުރުވިއެވެ. އަދި ހަމަ އެހެންމެ ކުރިމަތިން ފެންނަމުން ދިޔަ ގުދުރަތުގެ ހިތްގައިމު މަންޒަރުގެ ސަބަބުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމަކާއި ފިނި ކަމެއް ލިބެމުން ދިޔައެވެ. ޕޫލުގެ އެއްފަރާތުގައި އަތް އަޅުވައިލައިގެން އޮވެ އަހަރެން ދުރުދުރަށް ދާންދެން ފެތުރިފައިވީ މާސިންގާ ކަނޑާއި އުޑަށް ބަލަހައްޓާއިގެން އޮތީމެވެ. ވަށައިގެންވީ ހުރިހާ ކަމެއްގެ މަތިން ހަނދައިން ނައްތައިލަމުން އަހަރެން އެ މަންޒަރުން ހިތް އުފާ ކުރީމެވެ. އަހަރެންގެ ފުރަގަހުގައި ނަވީން ހުރިކަން އެނގެއެވެ. ނަމަވެސް އަހަރެންނަށް ނަވީން ފުރުސަތު ދީގެން ހުރި ކަހަލައެވެ.
*******
މީހާ ތަންކޮޅެއް ހަމައަކަށް އެޅިލައި ހަމަޖެހުމުން ކަންނޭނގެއެވެ. ނަވިންއާއިއެކުގައި އެ ހިތްގައިމު ވަގުތުގެ އުފާ ހޯދުމަށް ހިތް އެދުނެވެ. ނަވީންއާއިއެކުގައި ސަކަރާތް ޖަހައި ނުލާތާ ވީ ދުވަހެއް ނޭނގެއެވެ. އެހެން ކަމުން ނަވީންއަށް ޖެއްސުމެއް ކޮށްލުމުގެ ނިޔަތުގައި އަތުން ފެން ގޮށްޓެއް ނަގަމުން ނަވީންއާއި ދިމާއަށް ބުރުއްސައިލީމެވެ. އަހަރެންގެ އެ އަމަލުން ހައިރާންވެ ހުރެ ނަވީންވެސް އަހަރެންގެ ސަކަރާތުގައި ބައިވެރިވަމުން އަހަރެންނާއި ދިމާއަށް ފެންބުރުވައިލަމުން އަހަރެން އަތުލުމަށްޓަކައި އަންނަން ފެށިއެވެ. ނަމަވެސް ހެމުން ހެމުން ނަވީންގެ އަތު ނުވާން ވެގެން އަހަރެން ދުރަށް ޖެހެމުން ދިޔައީމެވެ. ބައެއް ފަހަރު ޕޫލުގެ އަޑިއަށް ގޮސް އަހަރެންގެ ފައި ކޮއްޓާލާ ހަދާނެއެވެ. މަޖާ ވެގެން އަހަރެންވެސް ނަވީން އަތުލެވޭތޯ މަސައްކަތް ކުރީމެވެ. މިފަދަ އެތައް ސަކަރާތެއްގައި ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނެވެ. ދެމީހުން ވަރުބަލި ވެގެން ޕޫލުގެ އަރިމަތީގައި އިށީދެލީ ވަރުބަލި ފިލުވައި ލުމަށެވެ.
އެތަށް ދުވަހަކަށް ފަހު އަދި ރޭގެ ހާދިސާއަށްފަހު ނަވީންއާއި އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލެވުމުން ހިތުގައި ހުރި އުނދަގޫކަން ފިލައިގެން ގޮސް ދެމީހުންގެ ގާތްކަން އިތުރުވިހެން ހީވިއެވެ. ނަމަވެސް އަލަތު ކައިވެނީގެ ރެޔަކީ އަނބުރައި ދެން ގެނެވޭނެ ރެޔެއް ނޫނެވެ. ކިތަންމެ ބޭނުންވެގެން ހުއްޓަސް އެރެޔަކީ އުފާވެރި ކަމުން ފުރިފައިވީ ރެޔަކަށް ނުވިއެވެ. އާއެކެވެ. ހަޔާތުގައި އައި އެންމެ އުފާވެރި ރެޔަކީ އެއީ އެވެ. އަބަދުމެ ލިބުމަށް އެދި ހުރި ފަރާތުގެ ހަލާލު އަނބި މީހާއަށް ވެވުނު ރެޔަކީ އެއީއެވެ. ނަމަވެސް ދެމަފިރިއެއްގެ ގުޅުން އަދިވެސް އެ އޮތްތާ އޮތީއެވެ. މާޔޫސްކަން ހިތަށް ވެރިވިޔަސް ހިތްހަމަ ޖެހުމެއް ވެސް އަހަރެންގެ ނަފްސަށް ލިބުނީ ﷲ އިރާދަ ކުރެއްވީތީ އަހަރެންނަށް ލިބުނީ ސޯލިހް ހެޔޮލަފާ ފިރިއަކަށް ވާތީއެވެ. އަދި އެއީ އަހަރެންގެ އިހުސާސްތައް ދަންނަ އަނބިމީހާއަށް އިހުތިރާމް ކުރަން އެނގޭ ފިރިޔަކަށް ވީތީއެވެ.
“އިރުކޮޅަކުން އަންނާނެ ލޯންޗު އަހަރެމެން ބަލައި އިނގޭ… ރިސޯޓަށް ދާން….” އިސްތަށިގަނޑުގައި ހުރި ފެންތަކާއި އެކުގައި އަތުން ފަހަތަށް ވާގޮތަށް އޮމާން ކޮށްލަމުން ނަވީން ބުނެލިއެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީމެވެ.
” ޒާނާ ބޭނުންތަ ދާން….” އަހަރެން ހިޔާލަކަށް ގެއްލިފައި އިނުމުން ނަވީން އަހައިލިއެވެ. އަހަރެން ނަވީންއަށް ބަލައިލަމުން ހިނިތުންވެލަމުން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލީމެވެ.
“ޒާނާ އެއްވެސް ކަމެއް ބޭނުން ވިޔަސް ބުނައްޗޭ އިނގޭ….” ނަވީން އަހަރެންނާއި ދިމާއަށް ބަލައިލަމުން އަނެއްކާވެސް ބުނެލިއެވެ.
” ފެންވަރާލަން ބޭނުން….” އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލަމުން އަހަރެން ބުނީމެވެ.
” އޯކޭ… ހިނގާ…” ޕޫލު ކައިރިން ތެދުވަމުން ނަވީން ބުނެލިއެވެ. އަހަރެންވެސް ނަވީންއާއިއެކުގައި ތެދުވަމުން ކޮޓަރިއަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ.
ފާހާނާއާއި ދިމާއަށް އަހަރެން މިސްރާބު ޖެހުމުން ނަވީން އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ނަވީންގެ އެ ދުރުކަން އަހަރެންގެ ހިތަށް އުނދަގޫ ކުރި ނަމަވެސް އެއީ ހިތްހަމަ ނުޖެހުމެއް ނުވާ، އަހަރެންނަށް ވަގުތު ދިނުމުގެ ގޮތުން ބަހައްޓާ ދުރު މިނެއްކަން އެނގުމުން އަހަރެންގެ ހިތްހަމަ ޖެހެއެވެ. ނަމަވެސް އަންބަކަށް ވީތީ އަދި ނަވީންދެކެ ލޯބިވާތީ ގާތް ކަމަކަށްވެސް ހިތް އެދެވެއެވެ. ދެންވެސް ކަންތައް ވެދާނެ ގޮތަކާއި ދޭތެރޭގައި އަހަރެން ޖެހިލުން ނުވެޔޭ ބުނެފިއްޔާ އެ ވާނީ ދޮގަކަށެވެ.
ލޯންޗު ޔޮޓާއި ކައިރި ކުރުމާއިއެކުގައި އަހަރެންގެ އަތުގައި ހިފައިގެން ނަވީން ލޯންޗަށް އެރިއެވެ. ގާތްގަނޑަކަށް ސާޅީސް ފަސް މިނެޓުގެ ދަތުރަކަށް ފަހު އަހަރެމެންނަށް ރިސޯޓަށް އާދެވުނެވެ. އަހަރެމެންނަށް މަރުހަބާ ކިޔުމަށް ފާލަން ކައިރީގައި ރިސޯޓުގެ ބައެއް މުވައްޒަފުން އެތުރިލައިގެން ތިއްބެވެ. ހޫނު މަރުހަބާއެއް އަހަރެމެންނަށް އެމީހުން ކިއެވެ.
މާހައުލު ބަދަލުވުންވީ ފިކުރުތަކާއި ދުރަށް ދިޔުމަށް އަހަރެންނަށް ލިބުނު ހިތްވަރަކަށެވެ. ރިސޯޓުގެ ހިތްގައިމު މާހައުލާއި ދޮންވެލި ތުނޑި ފެނުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހިތަށް ބުނެދޭން ނޭނގޭ ފަދަ ފިނިކަމެއް ލިބުނެވެ. އަމިއްލަ އިހުތިޔާރަކާއި ނުލައި ވެސް ހިނިތުންވެވުނެވެ.
އަލަތު ދެމަފިރިން ތިބެން ހަމަޖެހިފައިވީ ކޮޓަރިއަށް އާދެވުނު އިރު މެންދުރު ވެއްޖެއެވެ. ވެފައި ހުރި ވަރުބަލި ކަމުގައި އަހަރެންނަށް އެނދުގައި އޮށޯވެލެވުނެވެ. އެހިނދު ދެން ވީ ގޮތެއް ނޭނގުނެވެ. ދެލޮލަށް ނިދި ބަރާވެ ދެން ވީނުވީއެއް ނޭނގުނެވެ. އަހަރެންގެ ފަހަތުން ވަތް ނަވީންއަށް ބަލާލާނެފަދަ ހިތްވަރެއްވެސް ނެތި ނިދުނީއެވެ.
ލޯ ހުޅުވެމުން ދިޔަ ވަގުތު ކުރިމަތީގައި ވީ ބެލްކަންޏަށް ނިކުމެވެން ހުރި ބިއްލޫރި ދޮރުން ބޭރުގައި ހުރި ނަވީން އަހަރެންނަށް ފެންނަމުން ދިޔައެވެ. އޭނާ ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކަނީއެވެ. ލަކުޑި ރެއިލިންއަށް އަތުން ބާރުކޮށްލާ ގޮތުންނާއި ހަރަކާތްތައް ހުރި ގޮތުން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން ދޭހަ ވާހާވެއެވެ.
އަހަރެންގެ ދެލޮލުން ނިދި ފިލުވައިލި ކަމަކަށް އެކަން ވިއެވެ. މަޑުމަޑުން ތެދުވެ އެނދުގައި އިށީނުމާއިއެކުގައި އަހަރެން ވަށައިގެން ކޮޓަރިއަށް ބަލައިލީމެވެ. އެއްފަރާތުގައި ލަގެޖްތައް ބަހައްޓާފައި ވީއިރު އަނެއް ފަރާތުގައިވީ ސޯފާސެޓުގެ ކުރިމަތީގައިވީ ކުޑަ މޭޒުގެ މަތީގައި ނަވީންގެ ލެޕްޓޮޕް ބަހައްޓާއިލެވިފައި ވެއެވެ. މިއޮށް ހުރިހާ އިރު ނަވީން އިނީ މަސައްކަތެއްގައި ކަން އަހަރެންނަށް އެނގުނެވެ.
އަވަސް އަވަހަށް ފޯނު ހޯދައިލުމާއިއެކުގައި ގަޑިން ވީވަރެއް ބަލައިލީމެވެ. އޭރު ގަޑިން ފަހެއް ޖެހީއެވެ. އަހަރެންނަށް ހާދަ އިރަކު ނިދިއްޖެތާއެވެ. ހަމަ އެހިނދު އެހާ ގިނައިރު ނިދުނީތީ ލަދުގަންނަ ގޮތްވެސް ވިއެވެ. ހާސްވިއެވެ. ނަވީން ހީކުރާނީ ކީކޭބާއެވެ. ބުނެވެސް ނުލައި އެހައި ގިނައިރު އަހަރެން ނިދީތީ ނަވީން ހުންނާނީ ވަރަށް ހިތްހަމަ ނުޖެހިފަކަންނޭނގެއެވެ. އެއާއެކު އަހަރެންގެ ހާސްކަން އިތުރުވިއެވެ. މީހާ ދާހިއްލާލައިފިއެވެ. އަވަސް އަވަހަށް ނަވީންގެ ކިބައިން މައާފަށް އެދެން ބޭނުންވިއެވެ.
މަޑުމަޑުން އެނދުން ތެދުވެގެން ގޮސް އަހަރެން ބެލްކަނީގެ ދޮރާއި ގާތްވެލީ ނަވީން އެ ދައްކާ ވާހަކައެއް ސާފުވޭތޯއެވެ. ނަމަވެސް ކިޔާ ނުކިޔާ އެއްޗެއް އަހަރެންނަށް ސާފު ވާވަރެއް ނުވިއެވެ. ނަމަވެސް ނަވީން ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް ޔަގީންކޮށް ބުނަން އެނގުނެވެ. ފަސްޖެހިފައި ހުރެވެސް އަހަރެން ކުރިމަތިލާން ނިންމީމެވެ.
ބެލްކަނި ދޮރު ކަހައިލި އަޑަށް ނަވީން ފަސްއެނބުރި ބަލައިލިއެވެ. އަހަރެން ފެނުމާއިއެކުގައި އިސާހިތަކު އެ މޫނުމަތީގައިވީ ރުޅިވެރިކަން ފިލައިގެން ގޮއްސިއެވެ. އަޖައިބު ކުރުވި ކަމަކަށް އެކަން އަހަރެންނަށް ވިއެވެ. އަދި ފަހުން އެބަ ގުޅަން ކަމުގައި ބުނެ ނަވީން ފޯނު ކަނޑައިލަމުން ޖީބަށް ވެސް ލިއެވެ.
” ސޮރީ….ސޮރީ… ވަރަށް ބޮޑަށް ސޮރީ ވަރަށް ގިނައިރު ނިދިއްޖެ ދޯ…..” ލަދުގަނެ ދެރަވެފައި ހުރެ އިސްޖަހައިލަމުން އަހަރެން އަވަސް އަވަހަށް މައާފަށް އެދުނީމެވެ.
” އިޓްސް އޯކޭ… އެނގޭ ވަރުބަލި ވާނެކަން… ހިނގާ ސައިބޯންދާން ދޯ….” ނަވީން ބުނެލިއެވެ.
” ރުޅިއެއް ނާދޭތަ…؟” ކުޑަކޮށް ހައިރާންވެފައި ހުރެ އިސް އުފުލައިލަމުން އަހަރެން އަހައިލީމެވެ.
” ކީއްވެ ރުޅި އަންނަންވީ….؟ ” ސުވާލުގެ ނަޒަރުން އަހަރެންނަށް ބަލައިލަމުން ނަވީން އަހައިލިއެވެ. އަދި ކަމެއް ދިރާސާ ކޮށްލާ ފަދައިން އަހަރެންނަށް ނަވީން ބަލަހައްޓައިގެން ހުއްޓެވެ.
” އަހަރެން ހީކުރީ ރުޅި އަންނާނެ ކަމަށް… ބުނެވެސް ނުލާ އެހާ ގިނައިރު ނިދީމަ….” ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޭބިޔަ ނުދިނުމަށްޓަކައި އަހަރެން ދެތިން ފަހަރަކު އަވަސް އަވަހަށް އެސްފިޔަ ޖަހައިލީމެވެ. ނަވީންގެ ތޫނު ނަޒަރު އަހަރެންގެ އެ އަމަލަށް ހުއްޓުނެވެ. މީހާ އެލާޓަށް އައިފަދަ ގޮތަކަށް ނަވީން ހުއްޓުނެވެ.
” ޒާނާ….!!! ނިދުމުގެ ކުރިން ހުއްދަވެސް ހޯދަން ޖެހުނުތަ…..؟” ބުނެދޭން ނޭނގޭފަދަ ކުލަތަކެއް ނަވީންގެ މޫނުމަތީގައި ވިއެވެ. އެއީ ހައިރާންކަމެވެ. ޝޮކެވެ. ބައެއް ފަހަރު އެއީ ހިތްދަތިކަމާއި ގަބޫލު ނުކުރެވިފައި ހުރިކަމުގެ ކުލަތައްހެން ވެސް ހީވިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ. ކުޑަ ހިނދުކޮޅަކަށް ވިޔަސް މާޒީގެ ސަފްހާއަކުން އަސަރެއް އަހަރެންގެ މިއަދުގެ ދިރިއުޅުމަށް ފޯރައިފިކަން އިހުސާސް ކުރެވުނެވެ. ކިތަންމެ ބޭނުން ނުވިޔަސް ވެހެވެ. ކުޑަ ހިނދުކޮޅަކު ބަސް ހުއްޓިފައި ނަވީން ހުއްޓެވެ. ދުރު ބަލައިލި ގޮތުން އަހަރެންގެ ޖަވާބުން އުނދަގޫ ވެފައި ހުރީހެން ހީވިއެވެ. ނުވަތަ ބުނާނެ އެއްޗެއް ނޭނގިފައި ހުރީ ހެއްޔެވެ؟
” ޒާނާ… އަހަރެން މިއީ ޒާނާގެ ފިރިމިހާ އިނގޭ މިހާރު… މިއީ ރުހާމްއެއް ވެސް ނޫން… އެކަން ހަނދާން ކުރައްޗޭ އިނގޭ ދޫނީ… ޒާނާ ބޭނުން ކަމެއް ޒާނާއަށް ކުރެވޭނެ… ބޭނުން އެއްޗެއް ކެވޭނެ، ބޭނުން އިރަކު ނިދޭނެ، ބޭނުން ތަނަކަށް ދެވޭނެ، ބޭނުން މީހަކާ ވާހަކަ ދެއްކޭނެ… އިނގޭ ދޫނީ… އަހަރެން އެއްވެސް ކަމަކަށް މަނައެއް ނުކުރާނަން ޒާނާއަކަށް އިނގެ… އަހަރެން ރުޅިއެއް ވެސް ނާންނާނެ…” ނަވީން އަހަރެންގެ މޫނުގައި ހިފަހައްޓައިލަމުން ބުނެލިއެވެ. އެއަޑުގައި އިންތިހާ ދަރަޖައަށް އޯގާތެރިކަން ވިއެވެ. ކުޑަ ހިނދުކޮޅަކަށް ވިޔަސް ނަވީންގެ އަމަލުތައް ހުންނާނެ ގޮތާއި ދޭތެރޭގައި ޝައްކުގެ ނަޒަރުން ބެލުނީތީވެސް މިހާރު އަހަރެން ލަދުގަނެއްޖެއެވެ. ރުހާމްއާއިއެކުގައި އަހަރެން ހޭދަކުރި ފަދަ ދިރިއުޅުމަކަށް މި ދިރިއުޅުން ވެދާނެ ކަމަށް ހީކުރެވުނީތީވެސް ލަދުގަނެއްޖެއެވެ. ނަވީން ރުޅި އައިސްދާނެ ކަމަށް އަހަރެން ހީކުރީވެސް ކޮންފަދަ އަކުން ހެއްޔެވެ؟ އެގަޑީގައި އަހަރެންނަށް ވެފައި އެހުރި ގޮތެއް ހުދު އަހަރެންނަށް ވެސް ނޭނގުނެވެ. ކުޑަ ހިނދުކޮޅަކަށް އަހަރެންގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުން ހުއްޓުނީ ހެއްޔެވެ؟ ވަށައިން ހިނގަމުން ދިޔަ ކަންކަމަށް ވިސްނުން ހިނގައި ނުލެވުނީ ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން ބަދަލު ވެއްޖެކަން އަހަރެން ހަނދައިން ނެތުނީ ހެއްޔެވެ؟ ކުޑަ ހިނދުކޮޅަކަށް ވިޔަސް ރުހާމްގެ ނަޒަރުން ނަވީންއަށް ބެލުނީ ހެއްޔެވެ؟
ނަމަވެސް ނަވީން އެއީ ބޮޑުކަމަކަށް ނެހެދީ ތީ އަހަރެންގެ ހިތްހަމަ ޖެހުނެވެ. ހީވީ ބޮލުން ބަރެއް ނެގިގެން ދިޔަހެނެވެ. އަހަރެންގެ ހިތަށް ލިބުނު ފިނި ކަމަކަށް އެކަން ވިއެވެ.
” މިއަންނަނީ އިނގޭ ރެޑީ ވެލައިން….” އަހަރެން އަވަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގަންނަމުން ކަރުނައިގެ ތެރެއިންވެސް ލުއި ހިނިތުންވުމެއް ދިނީމެވެ.
ކުދިކުދި ފިޔާތޮށި މާތަކެއް ޖެހި ހުދު ހެދުމެއް އަހަރެން ލީމެވެ. އިސްތަށިގަނޑު އޭގެ މިނިވަންކަމަށް ދޫކޮށްލަމުން ތުންފަތުގައި ލިޕްގްލޮސް އެއް ޖައްސައިލީމެވެ. ސެންޓު ޖަހައިލަމުން އަހަރެން ލޯ ގަނޑުން ފަރި ބަލައިލީމެވެ. އެއްވެސް މޭކަޕެއް ނެތި ވަރަށް އާދައިގެ ކޮށް ފެނުނު ކަމަށް ވިޔަސް ނަވީންއަށް އަހަރެންގެ އެ ސޫރަ ކަމުދާނެކަން އެނގި ހިނިތުންވެވުނެވެ.
ހިޔާލަކަށް ގެއްލިފައި ހުރި ފަދަ ގޮތަކަށް ބެލްކަނީގައި ހުރި ނަވީންއަށް އަހަރެން ފެނުމާއިއެކުގައި ހުއްޓުން އެރިކަން އަހަރެންނަށް ފާހަގަވިއެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް ނަވީންގެ ނަޒަރު ދަތުރު ކޮށްލިއެވެ. ހީވީ އަހަރެންގެ އެ ސިފަ ހިތުގައި ރައްކާކުރީ ހެނެވެ. ލަދުވެތިކަމެއް ހިތަށް ވެރިވެ އިސްޖަހައިލަން މަޖުބޫރު ކުރުވީ އެ ނަޒަރުގެ ތޫނު ކަމުންނެވެ.
” ވަރަށް ރީތި….” އަހަރެންގެ ގާތަށް ފިޔަވަޅު އަޅަމުން ނަވީން ބުނެލީ ލާނެތް ހިނިތުންވުމެއް ދެމުންނެވެ.
” ހިނގާ ދާން….” ނަވީން ބޮލުން އިޝާރާތް ކުރަމުން ބުނެލިއެވެ. ހުދު އަތްކުރު ގަމީހަކާއި ކަޅު ސޯޓެއްގައި ނަވީންވެސް ފެންނަނީ އެހެން ފަހަރު ތަކަށްވުރެން ވަރަށް ތަފާތުކޮށެވެ. އެހެން ނަމަވެސް ހިތް ފިދާވާހާ ހިތްގައިމު ކޮށެވެ. ދިގު އިސްތަށިގަނޑު ފަހަތަށް އައްސާލާފައި ވުމުން އިތުރަށް ފިރިހެންވަންތައެވެ.
ފާލަން މަތިން ހިނގާލާފައި ރެސްޓޯރަންޓާއި ދިމާއަށް އަހަރެމެން ދިޔައީމެވެ. އެ ދުރުކަން ނެތިކޮށްލަން އަހަރެން ބޭނުންވިއެވެ. އެހެން ކަމުން އަހަރެން މަޑުމަޑުން ނަވީންއާއި ގާތްވެލައި އެއަތުގެ ތެރެއަށް އަހަރެންގެ އަތްތިލަ މަހައިލީމެވެ. ހައިރާންކަން އެކުލެވިގެންވީ ނަޒަރެއް ނަވީން އަހަރެންނަށް ދިނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އުފާވެރިކަމުގެ ހިނިތުންވުމަކުން އެ ތުންފަތް ދެމިލައިފިއެވެ. އަހަރެންގެ އެ އަމަލާއި ގަޔާވިކަމުގެ ރަމްޒަކަށް އެ ހިނިތުންވުން ވިއެވެ. މަޑުމަޑުން އަހަރެންގެ އަތަށް ފިތާލައި ސަމާސާއެއް ވެސް ކޮށްލިއެވެ.
ސައިބޮއެގެން ރިސޯޓުގެ އެކި ތަންތަން ދައްކައިލަން ނަވީން ދިޔައެވެ. ނަވީންގެ ފަރާތުން އެނގުނު ގޮތުގައި އެއީ ނަވީންގެ ބައްޕަގެ ރިސޯޓެކެވެ. އެހެންކަމުން އަހަރެމެން ބޭނުން ދުވަހެއް ވާންދެން އެއްވެސް ދަތިކަމެއް ނެތި ތިބެވޭނެއެވެ.
އިރު އޮއްސެމުން އައި ހިތްގައިމު ވަގުތު އަހަރެމެން އިށީނދެލީ ވޯޓާ ވިލާގެ ފާލަމުގެ އެންމެ ކޮޅުގައެވެ. އެއީ ނުހަނު ހިތްގައިމު މަންޒިލެކެވެ. އޮއްސެމުން ދިޔަ އިރުގެ ރިވެލި ލޮނުގަނޑަށް އެޅުމުން ފެންނަނީ އަޖައިބުން ފުރިގެންވާހާ ހިތްގައިމުކޮށެވެ. އުޑުމަތީގައި ފަވާލެވިފައިވާ އެކި ކުލަކުލައިން ބަލާ ފޫހިވާހާ ނުވެއެވެ. ޖެހެމުން ދިޔަ ހިތްގައިމު ރޯޅިތަކުން މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެމުން ދިޔައެވެ.
މަޑުމަޑުން އަހަރެން ނަވީންއާއި ގާތް ވެލަމުން ނަވީންގެ ކޮނޑުގައި ބޯ އަޅައިލީމެވެ. ނަވީން އަހަރެންގެ އަތުގައި ހިފައިލަމުން އަހަރެންގެ އަތުގައި ބޮސް ދިނެވެ.
” ނަވީން…..” ދެމެދުގައިވީ ހަމަހިމޭންކަން ނެތިކޮށްލަމުން އަހަރެން ވާހަކަ ދެއްކީމެވެ.
” ހޫމް…. ކިހިނެތްވީ….” ނަވީން އަހައިލިއެވެ.
” ތެންކިއު….. ހުރިހާ ކަމަކަށް ވެސް… މިއަދުވެސް، ރޭގެ ކަންތަކަށް ވެސް….’ އަހަރެން ނަވީންއާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލީމެވެ. ނަވީން މަޑުމަޑުން ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ.
” އިޓްސް އޯކޭ… ތިއީ މިހާރު އަހަރެންގެ ހައްޤެއް… ޒާނާއާއި އެންމެ ގާތުގާ އަބަދުވެސް ހުންނާނަން ޒާނާއަށް ދިމާވާ ކޮންމެ ކަމެއްގަވެސް…..” ނަވީން ބުނެލިއެވެ. ނަވީންގެ ބަސްތަކުން އަހަރެންގެ ހިތްހަމަޖެހުނެވެ. ނަމަވެސް ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލެއް ކޮށްލަން އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.