Skip to content
އެސްފިޔަ

ގާތުގާ…. – 61

Listen to this story Audio · 8:46 Powered by Esfiya Voice
0:00 8:46

ބާލީސް މަތީގައި ބޭއްވިފައިވީ ޒާނާގެ އަތްތިލައިގައި އަހަރެން ހިފައިލީމެވެ. މަޑުމަޑުން ގެނެސް އެ އަތްތިލައިގައި އަހަރެން ބޮސްދިނީމެވެ. ކުރިއަށް އޮތީ ބޮޑު ދުވަހެކެވެ. އެހެން ކަމުން ކުޑަ ވަގުތުކޮޅަކު ނިދައިލުމަށްޓަކައި އަހަރެންވެސް ލޯ މަރައިލީމެވެ.

 

***

********

ޗެޕްޓާ 21

ޒާނާ

 

ލޯ ހުޅުވައިލުމާއި އެކުގައި އެންމެ ފުރަތަމަވެސް ފެނުނީ އަހަރެންގެ މޫނާއި މޫނު ޖެހޭހާ ގާތުގައި ނިދީގެ އަރާމު ކަމަށް ގެނބިފައި އޮތް ނަވީންއެވެ. ފުންމައިގެން އަހަރެންނަށް އެނދުން ތެދުވެވުމާއިއެކުގައި ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. އެއާއިއެކުގައި ރޭގެ ހަނދާންތައް ތީރުތަކެއް ހެން ވައި ކަފާފައި އައިސް އަހަރެންގެ ހިތަށް ހެރެން ފެށިއެވެ. ރޭގައި ބިރުން އުޅެވުނު ގޮތާއި ރުހާމްގެ އަނިޔާވެރިކަމުގެ ވާހަކަ އެއްވެސް އަމިއްލަ އިހުތިޔާރެއް ނެތި ނަވީންއަށް ކިޔައިދެވުނު ގޮތެވެ. އެވާހަކަތައް އެނގުމުން އެ މޫނަށް ވެރިވި ސިހުމުގެ ކުލައާއި ލިބުނު ޝޮކެވެ. ގަބޫލު ނުކުރެވިފައި އިންކަން އެ މޫނު މަތިން ހެކިދިނެވެ. ނަމަވެސް އިތުރު ސުވާލުތަކެއް ކުރުމުގެ ބަދަލުގައި ނަވީން އަހަރެން ގާތްކޮށްލައި ހިތްވަރު ދިން ގޮތެވެ. ކެތްތެރިކަމާއިއެކުގައި އަހަރެންގެ ވާހަކަ އަޑުއެހި ގޮތެވެ.

އަލަތު ކައިވެނީގެ ރޭ ފިރިމީހާއަށް އުފަލެއް ދިނުމުގެ ބަދަލުގައި އަހަރެންނަށް ދެވުނީ ހިތާމައާއި ހިތްދަތިކަމެވެ. ސިހުމެވެ. އަހަރެންނަކީ ކޮންފަދަ ބަދުނަސީބު އަންބެއް ހެއްޔެވެ؟ އުފަލުން ދެމީހުން ހިތް ފުރާލަންވީ ރޭ ހިތާމައިން، އަހަރެންގެ ސަބަބުން ނަވީންގެ ހިތް ފުރިއްޖެ އެވެ. ބޭނުމެއް ނެތް ގޮތުގައި ނަވީންއަށް އުނދަގޫ ކުރެވިއްޖެއެވެ. އެ ހިޔާލުތަކުން މީހާގެ ސިކުނޑި މާޔޫސް ކުރުވިއެވެ. އިންތިހާއަށް ލަދުގަނެ ދެރަވިއެވެ.

ފަހަތަށް ޖެހިލުމާއިއެކުގައި އެނދުގެ ހެޑް ބޯޑްގައި ލެނގިލަމުން އަހަރެން ނަވީންއަށް ބަލައިލީމެވެ. އެއީ ކޮންފަދަ މާތް އިންސާނެއް ހެއްޔެވެ؟ ރޭގެ ބޮޑުބައި ހޭދަ ކޮށްލީ އަހަރެން މަސަލަސް ކުރުމުގައެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. އަހަރެންގެ ވާހަކަތައް އަޑު އެހުމުގައެވެ. އަހަރެން ހަމަ ޖެއްސުމުގައެވެ. އަހަރެންނަށް ނިދެންދެން އެއަތުގެ ހިމާޔަތް އަހަރެންނަށް ދިނެވެ.

ކުޑަކޮށް އެސްފިޔަތައް ތަޅުވައި ލުމާއިއެކުގައި ނަވީން ލޯ ހުޅުވައިލިއެވެ. އަދި ވަށައިގެން ކުޑަކޮށް ބަލައިލަމުން އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ލަދުންނާއި ދެރަވެގެން ބަހެއް ބުނަން ނުކެރިފައި އަހަރެން ރަޖާގަނޑު ގައިގާ އޮޅާލައިގެން އިނދެވުނެވެ.

” ގުޑް މޯނިން ވައިފީ….” ނުލާހިކު ރީތި ހިނިތުންވުމެއް ދެމުން ނަވީން ބުނެލިއެވެ. ރޭގައި ކަމެއް ވީހެން ވެސް ހީނުވެއެވެ. އަހަރެން ހައިރާންވީ ނަވީން ހަމަޖެހިލާފައި ހުރިވަރު ފެނުމުންނެވެ.

” މޯނިން….” މަޑުމަޑުން ލަދުން އިނދެ އަހަރެންވެސް ހެނދުނުގެ ސަލާމް ކޮށްލީމެވެ.

” ރަނގަޅަށް ނިދުނުތަ…؟” ނަވީން އެ ގޮތުގައި އޮވެ އަހައިލިއެވެ.

“ހޫމް….” ބޯ ޖަހައިލަމުން އަހަރެން ބުނީމެވެ.

” ޕޫލަށް އެރޭނަން ތަ..؟” ނަވީން އަހައިލިއެވެ. ހައިރާން ވެފައި އަހަރެން ގަޑި ބަލައިލީމެވެ. އޭރު އަދި ކިރިޔާ ގަޑިން ހައެއް ޖެހީއެވެ.

” މިގަޑީގަ…؟” އަހަރެން އަހައިލީމެވެ.

” ހޫމް… ކީއްތަވީ… އެއްވެސް މީހަކަށް ނުފެންނާނޭ… ވަރަށް ދުރުގަ މިތިބީ…” ނަވީން އެދުން ތެދުވެ ހަމަޖެހިލަމުން ބުނެލިއެވެ. އެހިނދު ހަމައެކަނި ސޯޓެއްގައި ހުރި ނަވީން ފެނުމުން އަހަރެންގެ ހިތު ވިންދު އަވަސްވާ ގޮތް ވިއެވެ. އެގޮތުގައި ނަވީން ހުއްޓައި މިފެނުނީ އަހަރުތަކަކަށް ފަހުންނެވެ. އެހެން ނަމަވެސް އަދިވެސް އަހަރެންގެ ހިތާއި ކުޅެލުމުގައި ނަވީން ކުރި ހޯދަމުން ދިޔައެވެ.

” އޯކޭތަ….؟” ނަވީން އަހައިލިއެވެ.

“އޯކޭ…” އަހަރެންވެސް އެންމެ ފަހުން އެއްބަސް ވީމެވެ.

” ހިނގާ….” ނަވީން ބޮލުން އަންނާށޭ ބުނާފަދަ ގޮތަކަށް އިޝާރާތް ކޮށްލިއެވެ. އަހަރެންވެސް އެކަން ތަޖުރިބާކޮށްލާ ހިތްވީވަރުން އެނދުން  ތެދުވީމެވެ. ނަމަވެސް ގައިގާ އޮޅާލެވިފައިވީ ރަޖާގަނޑު ނައްޓާލަން ނުކެރިފައި އަހަރެން ހުރީމެވެ. މިތަން ފެނުމުން ނަވީން ކުޑަކޮށް ހީލަމުން އަލަމާރިން ޓީޝާޓެއް ނަގައި ދިއްކޮށްލިއެވެ. އަދި ހަމަ އެހެންމެ އަހަރެންނަށް އެއްޗެހި ބަދަލު ކުރުމަށް ފުރުސަތު ދެމުން ފުރަގަހަށް އެނބުރިލިއެވެ.

ނަވީންގެ އަމަލުތަކުން ހައިރާންވެ ހުރެ އަހަރެން ޓީޝާޓު ބަދަލުކޮށްލީމެވެ. އަހަރެންގެ ފަލަމަސްގަނޑުގެ މެދަކާއި ހަމައަށް ހުރި ދޫ ޓީޝާޓެއްކަމުން އަހަރެން ކުޑަކޮށް ހިތްހަމަ ޖެހުނެވެ. ހަމަ ގައިމުންވެސް ނިވާކަން ކުޑަ ނައިޓީއަށް ވުރެން ރަނގަޅުތާ އޭ ހިތަށް އެރިއެވެ.

އަހަރެން ގޮވައިގެން  ނަވީން އެރީ ޔޮޓް ގެ މަތީގައިވީ ބޮޑު ޕޫލަށެވެ. އެ ޕޫލުގެ އެއްފަރާތުގައި ބީޗް ގޮނޑިތައް ބަހައްޓައިލެވިފައި ވީއިރު މައްޗަށް އަރާތާ ސިޑި ކައިރީގައި ކުޑަ ބާރ އެއްވެސް ވިއެވެ. ވަށައިން ބަލައިލުމުން ދުރުދުރަށް ދާންދެން ފެންނަނީ ފެތުރިފައިވީ މާސިންގާ ކަނޑެވެ. ހެނދުނު އިރު އަރަމުން އައި ވަގުތަށް ވުމުން މާޙައުލު އިތުރަށް ހިތްގައިމު ވެފައި ވެއެވެ. އުޑުމަތީގައިވީ ރަތްވިލާތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރަކަށް ހަމަޖެހުން ގެނުވިއެވެ.

” ބަނޑުހައިތަ…..؟” ނަވީން އަހަރެންނަށް ގޮވައިލަމުން އަހައިލިއެވެ. ރުހާމްއާއި ނަވީންގެ ފަރަޤް އެ ކުޑަ އަމަލުންވެސް އަހަރެންނަށް އެނގިގެން ދިޔައެވެ. ކިތަންމެ ވަރަށް ދެމީހުން އަޅައި ނުކިޔަން ބޭނުން ވިޔަސް އެކަމެއް ނުވިއެވެ. ރުހާމްއަކީ އަހަރެން ހުރީ ކައިގެންތޯވެސް ބަލައިލި މީހެއް ނޫނެވެ. ނަމަވެސް ނަވީން އެއާއި ހާސްބައި ތަފާތެވެ. ކޮންމެ ކަމެއްގައިވެސް އޯގާތެރިކަމެވެ. އަހަރެން އިސް ކުރުމެވެ.

” ކުޑަކޮށް….” އަހަރެން ބުނީމެވެ. އަދިވެސް އަހަރެންނަށް ހުރެވެނީ ރޭގެ ހާދިސާގެ ސަބަބުން ފަސްޖެހެވިފައެވެ. އަދި ހިތަށް އަރައި ފައިބަމުން ދިޔަ ހިޔާލުތަކުން ވެސް ހިތްދަތިވާގޮތް ވިއެވެ.

” ހޮޓް ޗޮކްލެޓް…؟” ނަވީން އަހައިލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީ ހައިރާން ވެފައި ހުރެއެވެ. ކޮފީގެ ބަދަލުގައި އަހަރެން ބޭނުންވާ ބުއިން އަދިވެސް ނަވީން ހަނދައިން އެބަހުރިތާއެވެ.

ފާރުގައި ހަރުކޮށްފައިވީ ފިތަކަށް ނަވީން އޮބައިލުމުން ވެއިޓަރަކު އައެވެ. އަދި ބޭނުންވަނީ ކޮން އެއްޗެއްތޯ އޮޅުން ފިލުވައިލަމުން އެނބުރި ދިޔައެވެ. ކުޑަ އިރުކޮޅެއް ފަހުން އަނެއްކާވެސް އެ ވެއިޓަރު މީހާ އައީ ތަބަކަށް ދެ ޖޯޑު ލައިގެންނެވެ. އާވި އަރައަރައި ހުރި ހޫނު ހޮޓް ޗޮކްލެޓްއާއި އަދި ނަވީންއަށް ވީ ކޮފީ މޭޒުމަތީގައި ބަހައްޓަމުން އަދަބުވެރިކަމާއިއެކުގައި އެމީހާ އެނބުރި ގޮއްސިއެވެ. އަހަރެންގެ ތަށި އަހަރެންނާއި ގާތް ކޮށްލަމުން ނަވީން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ.

” ޒާނާ އޯކޭތަ….؟” ނަވީން އަހައިލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލީމެވެ.

” ކޮފީ ބޮއެގެން ދޯ ޕޫލަށް އެރޭނީ….” ނަވީން އަހައިލިއެވެ. ދެންވެސް އަހަރެން ބޯ ޖަހައިލީމެވެ. މަޑުމަޑުން ތިބެގެން ދެމިހުން އެމީހަކުގެ ގެނައި ތަށި ހުސް ކުރަމުން ދިޔައީމެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. ނަވީންގެ ހިތުގައި ހިނގަނީ ކޮންފަދަ ހިޔާލުތަކެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ހަމަ ގައިމުންވެސް އަހަރެންގެ ހިތުގައި އުފެދިފައިވަނީ ހައިޖާނެކެވެ. އިސްވެ ރޭގެ ވާހަކަ ނަވީން ނުދައްކާނެކަން އަހަރެންނަށް އެނގުނެވެ. އެހެން ކަމުން އަހަރެން އެ ވާހަކަ އިސްވެ ދައްކަން ނިންމީމެވެ.

ނަވީން….” އަހަރެން މަޑުމަޑުން ގޮވައިލުމާއިއެކު ނަވީން އަހަރެންނަށް ބަލައިލިއެވެ. އަހަރެންނަށް ހުރިހާ ސަމާލުކަމެއް ދިނެވެ.

” ކިހިނެތްވީ….؟” ނަވީން އޯގާތެރިކަމާއިއެކުގައި އަހައިލިއެވެ.

” ރޭގަ….. ސޮރީ…..” އަހަރެން ލަދުން އިސް ޖަހައިލަމުން ބުނެލީމެވެ.

” އިޓްސް އޯކޭ ޒާނާ… އެކަމާ ނުވިސްނާ…..” ނަވީން ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

އެކަމަކު އަހަރެންނާއި ހެދި ވެޑިން ނައިޓް ހަރާބު ވީނުން….” ހިތާމައާއި އެކުގައި އަހަރެން ބުނީމެވެ.

” ޒާނާ… އިޓްސް އޯކޭއޭ…. އެއްވެސް ކަމެއް ނޫން އެއީ އެއް… ހިނގާ ރޭގެ ވާހަކަ ނުދައްކަމާ ދޯ… މިއީ އަހަރެމެންގެ ހަނީ މޫން.. އުފާ ކޮށްލަން ހިނގާ… އަހަރެން ޒާނާ ބޭނުންވާ ވަރަކަށް ޓައިމް ދޭނަން… އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން.. ޒާނާ ބިރުގަންނާކަށް ނުޖެހޭނެ… އަހަރެން ބޭނުން ޒާނާ ހިތްހަމަ ޖައްސާލަ ދޭން… އަހަރެންނަށް އެ ފުރުސަތު ދޭން ވީނުން…. ” ނަވީން އަހަރެންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ. ފެންކަޅިވާގޮތް ވެފައި އިނދެވެސް އަހަރެން ބޯ ޖަހައިލީމެވެ. އެފަދަ ހިތްހެޔޮ އޯގާތެރި ފިރިއަކު ލިބުމުން އަހަރެން އުފާވިއެވެ. ﷲ އަށް ހަމްދާއި ޝުކުރު ހުއްޓެވެ.

ޕޫލުގެ ފިނި ފެންގަނޑުގައި އަހަރެންގެ ފައި ޖެހުމާއިއެކުގައި ކުޑަކޮށް ހީކަރުވާ ގޮތްވެ ފައި ދަމައިގަނެވުނެވެ. މިތަން ފެނި ކުޑަކޮށް ހީލަމުން ނަވީން އަރެންނަށް އަތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފަމުން އަހަރެން ޕޫލަށް އެރުނީމެވެ. ފިނި ފެނުގެ ސަބަބުން ހަށިގަނޑު ތާޒާ ކުރުވިއެވެ. އަދި ހަމަ އެހެންމެ ކުރިމަތިން ފެންނަމުން ދިޔަ ގުދުރަތުގެ ހިތްގައިމު މަންޒަރުގެ ސަބަބުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމަކާއި ފިނި ކަމެއް ލިބެމުން ދިޔައެވެ. ޕޫލުގެ އެއްފަރާތުގައި އަތް އަޅުވައިލައިގެން އޮވެ އަހަރެން ދުރުދުރަށް ދާންދެން ފެތުރިފައިވީ މާސިންގާ ކަނޑާއި އުޑަށް ބަލަހައްޓާއިގެން އޮތީމެވެ. ވަށައިގެންވީ ހުރިހާ ކަމެއްގެ މަތިން ހަނދައިން ނައްތައިލަމުން އަހަރެން އެ މަންޒަރުން ހިތް އުފާ ކުރީމެވެ. އަހަރެންގެ ފުރަގަހުގައި ނަވީން ހުރިކަން އެނގެއެވެ. ނަމަވެސް އަހަރެންނަށް ނަވީން ފުރުސަތު ދީގެން ހުރި ކަހަލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Anonymous

    maa kuru episodes

    1. Anaq
      Anonymous

      Sorry readers… Next episode dhigu Kohla dheynan insha Allah 🥺

  2. aanu

    maa kuru episodes

Comments are closed.