Skip to content
އެސްފިޔަ

ގާތުގާ…. – 63

Listen to this story Audio · 10:03 Powered by Esfiya Voice
0:00 10:03

” އިޓްސް އޯކޭ… ތިއީ މިހާރު އަހަރެންގެ ހައްޤެއް… ޒާނާއާއި އެންމެ ގާތުގާ އަބަދުވެސް ހުންނާނަން ޒާނާއަށް ދިމާވާ ކޮންމެ ކަމެއްގަވެސް…..” ނަވީން ބުނެލިއެވެ. ނަވީންގެ ބަސްތަކުން އަހަރެންގެ ހިތްހަމަޖެހުނެވެ. ނަމަވެސް ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލެއް ކޮށްލަން އަހަރެންގެ ހިތް އެދި ގޮވަމުން ދިޔައެވެ.

****

” ނަވީން… ރުހާމްއަށް……” އަހަރެންގެ ވާހަކަ ފުރިހަމަ ވިޔަ ނުދީ ނަވީން ވާހަކަ ދައްކަން ފެށިއެވެ.

” ޒާނާ…. އެކަމާއި ނުވިސްނާ… ރުހާމްއަކަށް ދެން ޒާނާގެ ކައިރިއަކަށް ނާދެވޭނެ… އެވަރުގެ ޔަގީންކަން އަހަރެން ޒާނާއަށް ދެން…. ތިއީ މިހާރު އަހަރެންގެ އަނބިމީހާ… އެހެންވީމަ އަހަރެންގެ އަނބިމީހާ ހިމާޔަތް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރާނަން…” ނަވީން އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުން ވަޢުދު ވިއެވެ.

” އެކަމަކު…..” އަނެއްކާވެސް ވާހަކަ ދެއްކޭތޯ އަހަރެން މަސައްކަތެ ކުރީމެވެ.

” ޒާނާ…. ބިރު ނުގަނޭ އަހަރެން ހުއްޓަ ދެން ރުހާމްއަކަށް ޒާނާއާއި ހިސާބަކަށް ނާދެވޭނެ…. އަހަރެން ގޯސް ކަމެއް ނުކުރާނަން އިނގޭ… ޒާނާ އެދުނު ގޮތަށް ރުހާމްއަކަށް އަނިޔާވެރިއެއް ނުވާނަން… އޯކޭ….؟” ނަވީން ބުނެލިއެވެ. ނަވީންގެ ވާހަކަ ތަކުން އަހަރެން ކުޑަކޮށް ހިތްހަމަ ޖެހުނެވެ. ނަވީންގެ ރައްކާތެރިކަން ލިބޭނެކަން އެނގުމުން އަދި ނަވީން އަހަރެންނާއި އެކުގައި އަބަދުވެސް ވާނެ ކަން އެނގުމުން ހިތަށް ބަޔާން ކުރަން ނޭނގޭ ފަދަ ފިނިކަމެއް ލިބިގެން ދިޔައެވެ.

ރޭގަނޑުގެ އަނދިރިކަން ދުނިޔެ މައްޗަށް ގަދަކުރަން ފެށުމުން އަހަރެމެން ތިބެން ހަމަޖެހިފައިވީ ކޮޓަރިއަށް އަހަރެމެން އައީމެވެ. ފާހާނާއަށް ވަންނަމުން ސޯފާގައި އިށީނދެލި ނަވީންއަށް އަހަރެން ބަލައިލީމެވެ. ލެޕްޓޮޕް ކައިރިކޮށްލުމާއިއެކުގައި ކޮންމެވެސް މަސައްކަތަކަށް އޭނާ އެނބުރުނީއެވެ. އެހެންކަމުން އަހަރެންވެސް ފާހާނާއަށް ވަނީ ކާން ދިޔުމުގެ ކުރިން ފެންވަރައިލުމުގެ ނިޔަތުގައެވެ.

ބިލިގާއަށް ފެން އަޅަން ޖައްސައިލަމުން އަހަރެން ފާހާނާއިގައި ހުރި ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލީމެވެ. ބޯ ދޮވެލަން ގަސްތު ކުރާތީ ބޮލުގައި ތެޔޮ ފޮދެއް އަހަރެން އުނގުޅައިލަމުން ބޯ މަސާޖުކުރަން ފެށީމެވެ. އަދި އިސްތަށިގަނޑު ފަހަތަށް ވާ ގޮތަށް ހުޅިއެއް ޖަހައިލީމެވެ.

ފާހާނާގެ ބިލިގާ ކައިރީގައި ހުރި ކުޑަ ކަބަޑުމަތީގައި އަހަރެން ބޭއްވި ފޯނު ރިންގު ވާން ފެށީ އެވަގުތުއެވެ. އަވަސް އަވަހަށް ފޯނު ނަގަމުން ގުޅަނި ކާކު ތޯ އަހަރެން ބަލައިލީމެވެ. ޖަނާގެ ކޯލެއްކަން އެނގުމުން އަހަރެން  ފޯނު ނެގީމެވެ.

” ހެލޯ…. މިހާރު އަހަރެން މަތިން ހަނދާންވެސް ނެތީތަ… ގުޅާވެސް ނުލާ….” ޖަނާގެ ތޫލި އަޑުން ބުނެލި ގޮތުން އަހަރެންގެ ގާތަށް ހިނިވެސް އައެވެ.

” އައްދޭ އަދި ނެތެނުން ނުގުޅިފައެއް… ” އަހަރެން ހީލަމުން ބުނެލީމވެ.

” ހޫމް ހޫމް ދެން އެނގެޔޭ ނުގުޅޭނެކަން … ބިޒީ ވާނެކަން … ތިއެއް ނޫނޭ ކިހިނެތްތަ ކަންތައްތައް….” ޖަނާ އަހައިލިއެވެ.

” ރަނގަޅު ހުރިހާ ކަމެއްވެސް… ޖަނާ ކިހިނެތްތަ… ކޮބާ މަންމަ… މަންމަ ރަނގަޅުތަ… މަންމަ ކައިރިއަށް ދިޔައިންތަ… އަދި މަންމައަށްވެސް ގުޅާއި ނުލެވޭ…” އަހަރެން އެއްފައްޗަކަށް އަހައިލީމެވެ.

” އަހަރެންވެސް މަންމަވެސް ރަނގަޅު ހަމަ. މިއައީވެސް މަންމަ ކައިރިއަށް ގޮސްލާފަ… ޒާނާ ހާސްނުވެ މަޖާކޮށްލާ… އަހަރެން މަންމައަށް ބަލާނަމޭ….” ޖަނާ ބުނެލިއެވެ.

” އަދި ނޭނގެ ކިހާ ދުވަހެއް ވާނެ ކަމެއްވެސް އިނގޭ… ” އަހަރެން ބުނެލިމެވެ.

” ޔެސް އެނގެއޭ އެކަން… މައްސަލައެއް ނެތޭ ކިތަންމެ ދުވަހެއް ވިޔަސް… އިޓްސްއޯކޭ… ހަނީމޫންގަ މަޖާކޮށްލަން ވާނުން… ކިހިނެތްތަ ނަވީން…. ހަމަ ކުރީގަހެންތަ…؟”  ޖަނާ ފޮނިވެގެން ލާނެތްވާން ފަށައިފިއެވެ. ނަމަވެސް އެ ސުވާލުން އަހަރެންގެ ހިތްދަތި ކުރުވިއެވެ. ފިރިމީހާއަށް ދޭން ޖެހޭ އެއްވެސް އުފަލެއް އަދިވެސް އަހަރެންނަކަށް ނުދެވެއޭ ބުނާނީ ކިހިނެތް ހެއްޔެވެ؟ މާޒީގެ ސަފްހާތަކުން ގަނޑުތައް އަހަރެންގެ ކުރިމަތީގައި އުކެމުންދާކަމެއް ނަވީން ނޫން އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އަހަރެންނަށް ވަމުންދާ ގޮތްތަކެއް ނަވީން ނޫން އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. ކިތަންމެ ދެރަ ވިޔަސް އެކަން ނުދައްކައި އަހަރެން ވާހަކަ ދެއްކީމެވެ.

“އެއްކަލަ ޖަނާ ފެށީ…. ނުބުނާނަން އިނގިއްޖޭ… ބާއްވަނީ ފޯނު… މީނަ ދެން ކޮންމެވެސް އެއްޗެކޭ ކިޔައިން މަ ލަދުގަންނަވަން އުޅެނީ….” އަހަރެންވެސް މަޖާވެލަމުން ބުނީމެވެ.

” އައްދޭ ހެވޭ.. އެނގެޔޭ މިހާރުވެސް ނަވީން ކައިރިއަށް ނުދެވިގެން ކަން ތިއުޅެނީ… ދޭބަލަ ދޭބަލަ….” ޖަނާވެސް މަޖާ ރާގެއްގައި ދިމާކޮށްލަމުން ފޯނު ބޭއްވިއެވެ.

ބިލިގާއަށް އަހަރެން ބޭނުންވާ ވަރަށް ފެން އެޅުމުން އަހަރެން ބިލިގާގެ ތެރެއަށް އެރުނީމެވެ. ހުދު ސައިބޯނި ފޮނުތަކާއި ކުޅެލަ ކުޅެލައި ހިނދުކޮޅަކު އިނދެލުމަށްފަހު އަހަރެން ބިލިގާގެ ފަހަތަށް ވާ ގޮތަށް ބޯ އެލުވައިލީމެވެ. ހަށިގަނޑަށް ލިބެމުން ދިޔަ ތާޒާ ކަމުގައި ދެލޮލަށް ނިދި ބަރުވާގޮތް ވާން ފެށިއެވެ. އެހެން އޮއްވައި އަހަރެންނަށް ނިދުނީ ކޮންއިރަކު ކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ.

” ޒާނާ… ޒާނާ….” އަހަރެންނަށް ހޭލެވުނީ އަހަރެންގެ އަތުގައި ކޮށްޓަމުން ނަވީން ގޮވަމުން ދަނިކޮށެވެ. ބިލިގާގެ ކައިރީގައި އުޑަފައިން އިށީނދެގެން އިނދެގެން އޭރުވެސް ނަވީން ގޮވަނީއެވެ.

އަހަރެން ހަށިގަނޑު ތެދުކޮށްލަމުން ވަށައިގެން ބަލައިލީމެވެ. އޮވެވުނީ ބިލިގާތެރޭގައިކަންވެސް ހަނދާންވީ އެވަގުތުއެވެ.

” ލަސްވެގެން ގޮވާލީމަވެސް ޖަވާބެއް ނުދިނީމަ ވަނީ… ވަތްއިރު އޮތީ ނިދިފަ އެހެންވެ ގޮވީ… ތިއޮއް ހީކަރުވަނީނުން… ހިނގާ ތެދުވަން…” ނަވީން ވީގޮތް ކިޔައިދެމުން ތެދުވެ ތަންކޮޅެއް ދުރުގައިވީ ބުޅިގަނޑުގައި އަޅުވާފައި އިން ބާތްރޯބް ގެނެސް ދިނެވެ. އަދި ބާތު ރޯބު ފަތުރައިލަމުން މައްޗަށް ހިއްލައިލިއެވެ. އަހަރެން ތެދުވަން ނުކެރި ލަދުގަނެފައި އިންނަން ފެށުމުން ނަވީން ދުރު ބަލައިލިއެވެ.

ބާތްރޯބު ގަޔަށް ހެޔޮވަރުކޮށްލަމުން އަހަރެން ނަވީންއާއި ދިމާއަށް އެނބުރިލީމެވެ.

” ސޮރީ ނިދުނީމަ… ވަރަށް ގިނައިރު ވެއްޖެ ދޯ….” އަހަރެން މައާފަށް އެދުނީމެވެ.

” ޒާނާ…. އިޓްސް އޯކޭ އޭ… އެއީ މައާފަށް އެދެން ޖެހޭވަރުގެ ކަމެއް ނޫން… ބުނީމޭނުން ޒާނާ ބޭނުން ކަމެއް ކުރެވޭނޭ… އަހަރެން މަނައެއްވެސް ނުކުރާނަން… ރުޅި އެއްވެސް ނާންނާނެ… އިނގޭ….” މަޑުމަޑުން އަހަރެން ކޮލުގައި ފިރުމައިލަމުން ނަވީން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ.

” ކާންވީނުން…. ބޭރަށް ދާނީތަ ނޫނީ ގެންނާނީތަ ކޮޓަރިއަށް….” ނަވީން އަހައިލިއެވެ.

” ގެންނާނީ ދޯ…. ނިދާލަން ބޭނުން އަދިވެސް …. އޯކޭތަ…؟” އަހަރެން ބުނެލީމެވެ.

” އޯކޭ… ކައިގެން ނިދާނީ ދޯ… ފެންވަރާލައިން އާދޭ އިނގޭ… އަހަރެން މިދަނީ އޯޑާރ ކުރަން….. ” ނަވީން ހިނިތުންވެލަމުން ފާހާނާއިން ނިކުތެވެ.

ސިއްސައިގެން ގޮއްސައި އަހަރެންނަށް ހޭލެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. ނަމަވެސް ހޭލެވުމާއިއެކުގައި އަތެއް ފަޔެއް ގުޑުވައިލަން ނުކެރިފައި އަހަރެންނަށް އޮވެވުނީ ކޮޓަރިތެރެއަށް ވެރިވެފައިވީ އަނދިރިކަމުންނެވެ. ބިރުވެރިކަން އައިސް މުޅީ މީހާ ވަށައިލުމާއިއެކުގައި ހާސްކަން ހިތަށް ވެރިވާން ފެށިއެވެ. ލޮލުގެ ކުރިމަތިން މާޒީގެ އަދިރި ސަފްހާތަކެއް ދުވެލިހެން ހީވިއެވެ. ތަދު ކުރާނެ މީހެއް ނެތް ކަމުގައި ވިޔަސް އުނަގަނޑަށް ތަދުވާހެން ހީވާން ފެށިއެވެ. ކީއްވެ ހެއްޔެވެ؟ ހިވަނީ ދެންމެ ދެންމެއިން ބެލްޓުގެ ހޫނު އެތިފަހަރެއް ރުހާމް އަހަރެންގެ ގައިގާ އަޅުވައިލަފާނެ ހެވެ. ހަމަލާ އަންނަ ނާންނަ ދިމާއެއް ނޭނގި  ހުޝިޔާރު ވުމަށް ހިތް ގޮވާލާ ހެނެވެ. އަދިރީގެ ތެރޭގައި ވެފައި ހުރި ކަންކަން ސިކުނޑީގެ ތެރެއަށް ގިނަވެ ބޮނޑިވާން ފެށިއެވެ. މޭ ފިތޭހެން ހީވާންފެށިއެވެ. ހީވަނީ މީހަކު މޭމަތީގައި އިށީނދެ އިން ހެނެވެ. ނޭވާ ލުމަށް ކުޑަ ދަތިކަމެއް ވެރިވާން ވެސް ފެށިއެވެ.

އަނދިރިކަމަށް ލޯ ހޭނުމާއިއެކުގައި އެނދުގެ އެއްފަރާޓުގައި ނިދާފައި އޮތް ނަވީން އަހަރެންނަށް ފެނުނެވެ. މާކަނޑެއްގައި ގެނބެމުން ދަނިކޮށް ސަލާމަތުގެ އައްސޭރިއެއް ފެނުނު ކަމުގެ އިހުސާސް ކުރެވުނީ އެވަގުތުއެވެ. ކުޑަކުއްޖެއް ފަދައިން ގޮސް ނަވީންގެ މޭގެ ތެރޭގައި އަހަރެންނަށް ބޮނޑިވެވުނެވެ. އިސާހިތަކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ގިސްލަގިސްލައި ހަމަ ރީއްޗަށް ވެސް ރޮވެން ފެށިއެވެ.

” ޒާނާ… ޒާނާ…. ހޭއި ކިހިނެތް ވީ ޒާނާ….” ސިހިފައި ނަވީން ތެދުވަމުން ސައިޑް ޓޭބަލް މަތީގައިވީ ބޮކި ދިއްލައިލިއެވެ. ފެތުރިގެން ދިޔަ ފަނޑުއަލިން ނޭވާ ލާންވެސް ފަސޭހަ ވެގެން ދިޔަކަން އަހަރެންނަށް ފާހަގަވެގެން ދިޔައެވެ.

” ހޭއި ޒާނާ… ކިހިނެތްވީ… ބުނެބަލަ… ބިރުވެރި ހުވަފެނެއް ފެނުނީތަ…؟” ހާސްވެފައި ނަވީން އަހަމުން ދިޔައެވެ. ނަމަވެސް އަހަރެންނަށް ފެށުނީ އިތުރަށް ރޯށެވެ. ވީގޮތް ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް ދުލަކަށް އެންމެ ބަހެއްވެސް ނައެވެ. އެއަށް ވުރެން ގަނެފައިވީ ބިރާއި ސިހުން ބޮޑެވެ. ހިތުގައި ޖެހިފައިވީ ވަރު ބޮޑެވެ.

” ބޮކި…. ޕޮލީޒް،….” އަހަރެންނަށް ޖުމްލަ ފުރިހަމައެއްވެސް ނުކުރެވުނެވެ. ނަމަވެސް ހުޝިޔާރުކަމާއިއެކުގައި ނަވީން ތެދުވެލަމުން ބޮކިތައް ޖައްސައިލައިފިއެވެ. އެހިނދު މުޅިތަނަށް ހުދު އަލި ފެތުރިގެން ދިޔައެވެ.

އިތުރު ސުވާލެއް ނަވީން ދެން ނުކުރިއެވެ. އެނދުގައި އިށީނދެލުމާއިއެކުގައި އަހަރެން ގެނެސް މޭގައި ޖައްސައިލަމުން އަހަރެންގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނީއެވެ. އަހަރެން ރޯނެ ވަރަކަށް ރޮއެ އަހަރެން ހަމަ ޖެހެން ފުރުސަތު ދިނެވެ.

ހިތުގައިވީ ބިރުވެރިކަމާއި ސިހުން މަޑުމަޑުން ފިލަން ފެށިއެވެ. ހިތުގެ ތެޅުން މަޑުވެ ހިތްހަމަ ޖެހެން ފެށިއެވެ. ނަވީންގެ ދެއަތް އަހަރެންގެ ގައިގާ ވަށުވާލައިފައި ވުމުން އެކަންވެސް ވީ އަހަރެންގެ ހިތަށް ލިބުނު އިތުރު ފިނި ކަމަކަށެވެ. ހިމާޔަތާއި ރައްކާތެރިކަން އިހުސާސް ކުރުވި ކަމަކަށެވެ. ރުއިން ހުއްޓައި ލެވުނު ކަމުގައި ވިޔަސް ބޮލުގައި ހުރި ބަރުކަން ފިލާ ގޮތެއް ނުވިއެވެ. ބޮލުގައި އިންތިހާއަށް ރިހެމުންވެސް ދިޔައެވެ.

” ބޮލުގައި ރިއްސަނީ….” އުނދަގު ގޮތަކަށް އަހަރެން ބުނެލީމެވެ. ނަވީން މަޑުމަޑުން އަހަރެން ދުރުކޮށްލަމުން އެނދުން ތެދުވިއެވެ. ކުޑަ ސިކުންތުކޮޅެއްގެ ފަހުން އައީ ބޭހާއި ފެންތައްޓެއް ހިފައިންނެވެ. ނަވީން ދިން ބޭސްގުޅަ ކައިލްމުން އަހަރެން އެނދުގައި އޮށޯވެލީމެވެ.

” ބޮކި ނުނިވައްޗޭ ޕްލީޒް….” އަހަރެން ރަޖާގަނޑު މެޔާއި ގާތް ކޮށްލމުން ފެންކަޅި ވެފައި ބުނީމެވެ.

” ނުނިވާނަން… ދެން ދުވަހަކުވެސް ނުނިވާނަން… ޕްރޮމިސް….” ނަވީން ވަޢުދެއް ވިއެވެ. އަހަރެންގެ ހިތް ހަމަ ޖެހުނީ އެއަޑުގައިވީ ޔަޤީން ކަމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Toyd

    Vx reethi😊💗

    1. Anaq
      Toyd

      Aww thankiu ☺️

Comments are closed.