އިންސާނަކަށް އިހުސާސުވާ ވަރަށް ވުރެ ޖިންނީންނަކީ ނުރައްކާތެރި އެއްޗެކެވެ. އިންސާނެއްގެ ކިބައިން ބަދަލު ހިފުމަށް އެތަކެތި އުޅެގެންފިނަމަ އެވަނީ އެންމެ ނުރައްކާތެރި ދަރަޖައިގައެވެ. ބައެއްފަހަރު ފުރާނަ ދުއްވާލާފައިވެސް އެބަހުއްޓެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
ސާދަ ވަނަ ބައި
“މަންމާ! ޖިންނިއެއް ދުވަހަކުވެސް އިންސާނެއްދެކެ ލޯބިވެދާނެތަ؟” އަސްމާ އަށް ހީވީ ގަޔަށް ހޫނު ފެން އެއްޗެއް އޮށްސާލިހެންނެވެ. ދޭނެ ޖަވާބެއް ނޭނގިފައި މިއާ އަށް ބަލަން އޭނާ ހުއްޓެވެ.
“ބުނެބަލަ. ޖިންނިއެއް އިންސާނަކަށް ހެވެއް އެދޭނެތަ؟”
އަސްމާ އަށް ހާސްކަން ލިބި ނޭވާ ލާން ދަތިވިއެވެ. އޭނާގެ ގައިގައި ތުރުތުރުލުމެއް އުފެދިއްޖެއެވެ. އަސްމާ އަށް ކަމެއްވެއްޖެކަން މިއާ އަށް އެނގުނެވެ. އެއްދުވަހަކު ޝެހެރޯޒް ބުނި ވާހަކައެއް މިއާ ގެ ހަނދާނަށް އައެވެ. އެވާހަކަތައް އޮޅުންފިލުވަން އުޅެފައިވެސް މިއާ މަޑުޖެހުނެވެ.
“މަންމާ! ” މިއާ ގޮވާލިއެވެ.
އޭނާ އަސްމާ އަތުގައި ހިފާލާފައި ގޮނޑީގައި ބޭންދިއެވެ. ފެން ތައްޓެއް އަސްމާ ގެ އަނނގައިގައި ޖެއްސިއެވެ. ފެން ނުބޮއެ އަސްމާ ތަށި ދުރުކޮށްލިއެވެ. މިއާ އަށް ލަސްލަހުން ބަލައިލިއެވެ.
“ކީއްވެގެން ކުރި ސުވާލެއް އެއީ؟” އަސްމާ އަހާލިއެވެ.
“މަންމަ ކަމެއް ސިއްރު އެބަކުރަންތަ؟ އެހެން އެހީމަ މަންމައަށް ކިހިނެއް ތިވީ؟”
އަސްމާ އަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އެވަގުތު ވީ މުރާދު އައި ވަގުތަށެވެ. ސީރިޔަސްކަމާއެކު އެކަކު އަނެކަކަށް ބަލަން ތިބި ދެމައިންނަށް ވަކިވަކިން މުރާދު ބަލައިލިއެވެ.
“އިޓްސް އޯކޭ މަންމާ. ހަމަ އަހާލީ. މަންމަ ބިރުގަތީތަ؟” މިއާ ބުންޏެވެ. ދެން ބަލައިލީ މުރާދު ގެ މޫނަށެވެ.
މިއާ ހިތަށް އެރިއެވެ. ޖިންނިއެއްގެ ކަމެއް އާއިލާ އަށް ކުރިމަތިވެފައި ވިޔަސް އެވާނީ މާ ކުރީގެ ކަމަކަށެވެ. އެކަމަކާ މިއާ އަކާ ގުޅުމެއް ނެތެވެ. މިއާ އޮޅުންފިލުވަން ބޭނުންވަނީ އާއިލާ އަށް ދިމާވި ހާދިސާގައި ކަންތައްވީގޮތެއް ނޫނެވެ. ޝެހެރޯޒް އަކީ ޖިންނިއަކަށް ވީ ހިނދު ހަގީގަތުގައިވެސް ޖިންނިއެއް އިންސާނެއްދެކެ ލޯބިވެދާނެތޯއެވެ. އުމުރުން ދުވަސްވީ މީހުންނަކީ އެކި ކަންކަމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވީތީ އަސްމާ އަށް ވެސް ޖަވާބު ދެވޭނެކަމަށް މިއާ ވިސްނިއެވެ.
“ދަރިފުޅު މަންމަ ގަބުވެފަ މިއިނީ ކިހިނެއްވެފަ އަނެއްކާ” ގޮނޑީގައި އިށީންނަމުން މުރާދު އަހާލިއެވެ. ވަގުތާ ހާލަތާ ނުގުޅޭ ވާހަކަތަކެއް ދެމައިންގެ މެދުގައި ދެކެވިއްޖެކަން މުރާދަށް އެނގުނެވެ. މިއާ އިނީ ހިމޭނުން އިން އަސްމާ އަށް ބަލާށެވެ. އެފަދަ ސުވާލެއް ކުރެވުނީތީ މިއާ އިނީ ދެރަވެފައެވެ. އެކަކުގެ ފަރާތުންވެސް ޖަވާބެއް ނައުމުން މުރާދު ވިސްނުން ބަދަލުކޮށްލިއެވެ.
“ކޮބާ؟ ވަރަށް ހައިވެފަ މިހިރީ. ހިނގާ ފަށަން” މުރާދު ބުންޏެވެ. އޭނާ ގެނައި ލުނބޯ ކޮތަޅު އަސްމާ އަތަށް ދިއްކޮށްލިއެވެ.
“މިއާ! ޖިންނިއެކޭ ކިޔައިގެން މިގޭ ތެރޭގަ އެއްވެސް ވާހަކައެއް ނުދައްކާތި. ޖިންނީންނަކީ އުޅޭ ބައެއް. އިންސާނުންނަށް ގޯނާކުރާނެ. ވިސްނައިގެން އުޅެންޖެހޭނީ އިންސާނުން. ޖިންނީންނަކީ ނުބައި ބައެއް. އިނސްނާނުންނަށް ލިބިފައިނުވާ އެތައް ބާރެއް ހެއްދެވިފަރާތުން އެތަކެއްޗަށް ވަނީ ދީފަ. އެތަކެތިން ރައްކާތެރިވެތިބެވޭނެ ގޮތްވެސް ވަނީ އަންގަވާފަ”
ލުނބޯ ކޮތަޅު ހިފާފައި ގޮނޑިން ތެދުވުމުގެ ކުރިން މިއާ އަށް ބަލައިލާފައި އަސްމާ ވާހަކަދެއްކިއެވެ. ދެމައިންގެ މެދުގައި ދެކެވުނީ ކޮން ވާހަކައެއްކަން މުރާދަށް އެނގުނެވެ. އެކަމަކު އެ މައުލޫއަށް އެވަގުތު ވާހަކަދެއްކުން މުހިންމު ކަމެއް ކަމުގައި އޭނާ ނުދެކުނެވެ.
އަސްމާ އަތްމަތި އަވަސްކޮށްލިއެވެ. އިތުރު ސުވާލެއް މިއާ ގެ ފުށުން ނާންނާތީ އިތުރު ވާހަކައެއް އޭނާ ނުދައްކައެވެ. އެހެންނަމަވެސް އިރުކޮޅަކާ މުރާދަށް ބަލައިލައެވެ. ހީވާގޮތުން އަސްމާ ހުރީ މިއާ ދެއްކި ވާހަކަތަކާ ގުޅޭގޮތުން މުރާދާ ވާހަކަދައްކަން ބޭނުންވެފައެވެ.
“މާދަމާ ރަށު ޕިކަޕް ލިބޭނެ” މުރާދު ބުންޏެވެ.
“އޭގަ އަޅުގަނޑަށް އޮފީހަށް ދެވޭނެ ދޯ” މިއާ ބުންޏެވެ.
“ކީއްވެ ނުދެވެންވީ. އެކަމަކު ކޮންމެދުވަހަކު ނުދެވޭނެ” މުރާދު ބުންޏެވެ.
“އޯކޭވާނެ. ބައްޕަ ދަސްކޮށްދިނީމަ އެކަނިވެސް ހިނގައިދާނަން”
“މިއާ ކީއްވެ ކުރި ސުވާލެއްތަ އެއީ؟” އަސްމާ އަހާލިއެވެ. ފަހު ކަމަކަށް ތިންމައިންނަށް ފެން އެޅުމަށްފަހު މޭޒު ކައިރީގައި އިށީންނަމުން އަސްމާ ބުންޏެވެ.
“ކަމެއްވެގެނެއްނޫން. އެއީ މިކިޔާ ވާހަކައިގަ އޮތް އެއްޗަކުން” މިއާ ބުންޏެވެ.
ދެން ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެކެވެ. ތިންމައިން ވެސް ތިބީ ހިމޭނުން ކާށެވެ. އިރުކޮޅަކާ މިއާ ބަތް ތައްޓަށް މުރާދު މަސްކޮޅެއް ފިލުވާދޭނެއެވެ. މިއާ އަކީ މަދުން މަސް ކާ ކުއްޖަކަށް ވީތީ އަސްމާ ނޫނީ މުރާދު ޖެހޭނީ އިރުކޮޅަކާ މިއާ ގެ ތައްޓަށް މަސްކޮޅެއް ފިލުވާލާށެވެ. އެނޫން ގޮތަކަށް މިއާ އަށް މަސް ކާން ނުދެވެއެވެ. ކުއްލިއަކަށް މިއާ އަށް އުނދަގޫތަކެއް ވާން ފެށިއެވެ. ގައިގައި މީހަކު ބީހޭ ކަހަލަ އިހުސާސެކެވެ. މިއާ ހަރަކާތްތައް ހުއްޓާލާއިރަށް ބީހުން ހުއްޓެއެވެ. އޭނާ ކެތްކުރަމުން ދިޔައީ ތަށީގައި ހުރި ބަތްކޮޅު ހުސްވަންދެކަށެވެ.
ހާމައަށް ހުރި ވައިގޮޅީގެ ތެރެއިން ފެންނަން އޮތީ ބޯކެޔޮ ގަސްތަކާއި މަގޫ ގަސްތަކާ ފިތުރޯނު ގަސްތަކެވެ. އާންމުކޮށް އެ ގޮޅި އަކީ ރޭގަނޑަށް ބަންދުކުރާ ގޮޅިއެކެވެ. މިރޭ ހުޅުވާފައި ހުރީ ވަކި އިރެއް ވަންދެކަށެވެ. ބަދިގޭގައި ހަރުލާފައި ހުރި ނުބައި ވަހެއްގެ ސަބަބުންނެވެ. އަސްމާ ވިސްނަމުން ދިޔައީ ވަހާ މެދުއެއް ނޫނެވެ. އަނދިރިކަން ވެރިވެފައިވާ ބޯ ގަސްތައް ފެންނަމުން ދިޔައީ ބިރުވެރި އެއްޗެހިތަކެއްގެ ސިފައިގައެވެ. ކަޅިޖަހާނުލާ އޭނާ އަށް އެތަކެތި ފެންނަމުން ދިޔައެވެ. ބައެއްފަހަރު އިންސާނެއް ސިފަވާހެން ހީވެއެވެ. ބައެއްފަހަރު ބޮލުން ދަޅު ނިކުމެފައިވާ ރޫހާނީ އެއްޗެހިތަކެއްގެ ސިފައިގައެވެ. ބައެއްފަހަރު މަސްފަލަ ގެރި ބަކަރީގެ ސިފައިގައެވެ. ރަނގަޅު ފާލެއް ނޫންކަން އަސްމާ އަށް އެނގުނެވެ. ހަނދާނަށް އައީ މީގެ ވިހި ފަންސަވީސް އަހަރު ކުރީހެ ހަނދާނެވެ. ހަމަ އެއް މަންޒަރުތަކެވެ. އެއް އިހުސާސްތަކެވެ. ކަމެއް ގޯސްވާން އުޅޭކަހަލަ ސިގްނަލެއް އޭނާގެ ސިކުނޑިން ދެމުން ގެންދިޔައެވެ. ގަސްތަކުގެ ތެރެއިން ނިކުތް ބޮޑު އަލިފާންގަނޑު ބިޔަ ކަޅުވެނެއްގެ ސިފަ ޖެހުނެވެ. އަސްމާގެ ހަރަކާތްތަކަށް ކުއްލިއަކަށް ހުއްޓުމެއް އައީ ގަސްތަކުގެ މަތިން ފެނުނު އާދަޔާ ހިލާފު ބޮޑު އަލިފާންގަނޑަށެވެ. ބަނޑިބަނޑި ލައްވަމުން އަލިފާންގަނޑު އައީ ގެއާ ދިމާލުން ބަދިގޭގައި ހާމައަށް ހުރި ވައި ގޯޅި އާ ދިމާލަށެވެ. އިޝާނަމާދަށްފަހު އަދި ވުޟޫ ނުގެއްލޭކަން ހަނދާންވުމުން އަސްމާ އަށް ހެއްދެވިފަރާތަށް ޝުކުރުކޮށްލެވުނެވެ. ކަޅިޖަހާނުލާ އެދިމާލަށް އަސްމާ ބަލަން އިންއިރު އިތުރު މީހަކަށް އެކަން ފާހަގައެއް ނުވެއެވެ. އަލިފާންގަނޑުން ބޭރަށް ނިކުމެފައި ހުރި ދެލޯ ވެސް އަސްމާ އަށް ފެނިއްޖެއެވެ. އެއީ އެ ދެލޮލެވެ. އާއިލާ ނެތިކޮށްލި ބާރެވެ. މިފަދަ ގޮތަކަށް އެބައިގަނޑި ދިމާނުކުރާތާ އެތައް އަހަރެކެވެ. މިރޭ މިއީ އާދަޔާހިލާފު ރެއެކެވެ. ގެއްލުމެއް ވާން އެބައުޅެއެވެ. ނޭނގެނީ ވާނެ ގޮތެކެވެ. ބަދިގޭ ވައިގޮޅި ހަމައިގައި އަލިފާންގަނޑު ހުއްޓިފައި އޮތުމަށްފަހު ފުރާޅުމަތިން އަނެއްފަރާތަށް މިސްރާބު ޖެހިއެވެ. އެ އަލިފާންގަނޑަށް އެތެރެއަށް ނުވަދެވުނެވެ. ހިފަހައްޓާލައިގެން ހުރި ނޭވާ އަސްމާ އަށް ބޭރުކޮށްލެވުނީ ދެނެވެ. ފުރާޅު އެއްލާލި ފަދަ ބާރު އަޑުފަށްގަނޑެއް އިވުނެވެ. އެހިނދު ބާރު ވައި ރޯޅިއެއް ވައިގޮޅިން އެތެރެއަށް ވަނެވެ. މޭޒުމަތީގައި ހުރި ބައެއް އެއްޗެހި ވެއްޓުނެވެ. މުރާދު ސިހިފައި ބަލައިލިއެވެ. މިއާ އަށް ވަމުންދިޔަ އުނދަގޫތައް ވެސް ހުއްޓުނީ އެހިސާބުންނެވެ.
“ވިއްސާރަ އަންނަނީތަ؟” މިއާ އަހާލިއެވެ.
“އެތަން ބަންދުކޮށްބަލަ” އަސްމާ ބުންޏެވެ.
ފުރަތަމަ މުރާދަށް ވެސް ހީވީ ވާރޭ އޮށްސާލުމުގެ ކުރިން އައި އިންޒާރެއް ހެންނެވެ. އޭނާ ތެދުވެގެން ގޮސް ޓިނުގަނޑު ލައްކޮށް ތަން ރަނގަޅަށް ހައްޔަރުކޮށްލިއެވެ. އޭރު ވެއްޓިފައި ހުރި އެއްޗެހި ނެގުމުގައި އަސްމާ އުޅުނެވެ.
“އިރުއޮށްސުމުގެ ކުރިން އަސްމާ މީހަކު ގެނެސްގެން ވިޔަސް މިތަން ބަންދުކޮށްލިނަމަ. މަސައްކަތެއް ޖެހުނީމަ މަށަށް ވެސް ގެއަށް ނުވަދެވުނީ” މުރާދު ބުންޏެވެ.
“އަހަންނަށް ވެސް ފަރުވާކުޑަކޮށްލެވުނީ. އެކަމަކު ވިއްސާރަ ވާން އުޅޭހެނެއް ހިއެއްނުވޭ. ގަހުން އެންމެ ފަތެއްވެސް ހެލި ނުލާ” ބަދިގެއިން ބޭރަށް ބޯދިއްކޮށްލަމުން މުރާދު ބުންޏެވެ.
“ހާދަ ބާރު އަޑެކޭ. މަންމާ! ކޮން އަޑެއްތަ އެއީ. މިގެއަށް ކީއްވެ؟” މިއާ އިނީ އަތް ދޮވެލަން ބޭރަށް ނިކުންނަންވެސް ނުކެރިފައެވެ.
“މިގެއަށް އެކަންޏެއް ނޫން އިވޭނީ. މުޅި ރަށަށް އިވޭނެ. އެއީ ވައިގަނޑެއް. ނަގޫ ރޯޅިއެއް ކަންނޭނގެ. ކޮން ނަކަތެއްތަ މިއީ”
މުރާދަށް ބަލައިލަމުން އަސްމާ ބުންޏެވެ.
އަސްމާ އަށް ބަލަހައްޓައިގެން މުރާދު ހުރީ ހައިރާންވެފައެވެ. އޭނާގެ ސިކުނޑީގައި އެއްޗެހިތަކެއް އެބަ އެނބުރެއެވެ. ދެން ބަލައިލީ ޖެހިލުންވެފައި އިން މިއާ އަށެވެ.
“ހިނގާ ބައްޕައާއެކު. ބިސްމި ކިޔާފަ ނިކުންނާތި” މުރާދު ބުންޏެވެ.
މިއާ މުރާދުގެ ފަހަތުން ބޭރަށް ނިކުމެ ވަޅު ކައިރިއަށް ގޮސް ރަނގަޅަސް އަތް ދޮވެލިއެވެ. މިއާ ގޭތެރެއަށް ވަނުމުން މުރާދު އައިސް ބަދިގެއަށް ވަނެވެ.
“މަ މިއިނީ ބޭރު ޖޯލީގަ. ފެންތައްޓެއް ހިފައިގެން އަންނައިރު ކަރަންފުލެއް ގެނެސްދެއްޗެ” މުރާދު ބުންޏެވެ.
“އުނހު. އިހަށް މަޑުކުރޭ މިތާ. އެކުގަ ދާނީ” އަސްމާ ގެ ހިތް އަދިވެސް ހަމަޔަކަށް ނޭޅެއެވެ. އަލިފާންގަނޑެއް ނަމަވެސް އެއީ ދިރުން ހުރި ޝައިތާނެކެވެ. ކޮންމެ ގަޑިއަކުވެސް ދިމާކޮށްފާނެއެވެ. ދުލެއް ނުދޭނެއެވެ. އެބައިގަނޑު ފަހު އެތިފަހަރަކަށް ތައްޔާރުވަނީއެވެ.
މުރާދު ގޮނޑީގައި އިށީނެވެ. އޭނާ ފެށީ ރަށު ޕިކަޕުގެ ލިޔުންތަކުގެ ވާހަކައެވެ. މަސައްކަތްކުރަންދާ ގެއިން ލިބުނު އެހީތެރިކަމުގެ ވާހަކައެވެ. ޕިކަޕަށްވާ ފައިސާ ދެތިންމަހުން ދައްކަން ނިންމަން ބޭނުންވާ ވާހަކައެވެ. އެހެންނަމަވެސް އަސްމާ ގެ ފުށުން އިޝާރާތެއް ނުވުމުން އޭނާ ބަލައިލިއެވެ.
“ޔާރައްބީ. ކޮންކަހަލަ ވިސްނުމެއްގަ” އަސްމާ ހުރީ މޭޒު ކައިރީގައި ކޮޅަށެވެ. އޭނާގެ ސިކުނޑި ފުރާލާފައި ވަނީ ފިކުރުތަކާ ވިސްނުންތަކުންކަން މޫނުމަތީގެ ކުލަވަރު ބަޔާންކޮށްދެއެވެ.
“އެއްވެސް ކަމެއް ރަނގަޅެއްނޫން. މުރާދު! މަގޭ މިއާ ރައްކާތެރިކޮށްދީ. މިއާ ސަލާމަތްކޮށްދީ” އަސްމާ ބުންޏެވެ.
މުރާދު ކަންބޮޑުވިއެވެ. ތެދުވެގެން ގޮސް އަސްމާ ކައިރީގައި ހުއްޓުނެވެ. ހުރިހާ ދިމާލެއް އޭނާ ބަލައިލިއެވެ. ކުޑަކޮށް ތުންފަތް ތަޅުވާލުމަށްފަހު ހެޔޮ އެއްޗެއް ކިޔާލެވޭތޯ ބެލިއެވެ. ރޫހާނީ އުނދަގުލެއް އޭނާގެ ދެމަފިރިންނަށް ކުރިމަތިނުވާނެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ. ތެދެކެވެ. އެފަދަ ރައްކާތެރިކަމެއް ނެތީ މިއާ އަށެވެ. ފުރާފުރިހަމަވެފައިވާ ބަނިޔާދަން ރީތި އަންހެން ކުއްޖެކެވެ. މައިންބަފައިންގެ މާޒީ ގައި ހިނގައިދިޔަ ކަންތަކުގެ ޒައްރެއްގެ މިންވަރު ވެސް އެނގިފައި ނުވާ މައުސޫމު ކުއްޖެކެވެ. ހެޔޮ ކަންކަން އަށަގަންނުވަން އުނދަގޫ ކުއްޖެކެވެ. ނަސޭހަތް ގަބޫލުކުރިޔަސް އަމަލުކުރާވަރު މަދެވެ. މައްސަރު ކަންތަކުން އަރައިގަނެވިފައިނުވާ އެކަމަށް އެކި ގޮތްގޮތުން ބޭސްކުރަމުންދާ ކުއްޖެކެވެ. މިއާ އަށް ނުރައްކާ ވެދާނެއެވެ. މިރޭ މިފެނުނު ކަންކަމަކީ މިއާ އަށް އޮތް ނުރައްކަލެކެވެ. ވަގުތުން ވީކަމެއް އަހަން އޭނާ އަސްމާ ގެނެސް ކައިރީގައި ބޭންދިއެވެ.
“ކިހިނެއްވީ؟ ގޯނާ އެއް ކުރީތަ؟” މުރާދު އަހާލިއެވެ.
“އިހަށް ހިނގާ ގޭތެރެއަށް ދަމާ. މިރޭ ދެން ބޭރށް ނިކުންނާކަށް މަ ބޭނުމެއްނޫން. ދެތިން ފުޅިޔަށް ފެން އަޅައިގެން ދާނީ. ކޮޓަރީގައި ހުރި ފާހާނާ ބޭނުންކުރެވޭގޮތް ވިކަން ހަމަ ނަސީބު” އަސްމާ ބުންޏެވެ.
މުރާދު އަސްމާ ގޮވައިގެން ގޭތެރެއަށް ވަދެ ދޮރު ތަންޑު އެޅުވިއެވެ. ވީ ކިހިނެއްކަމެއް ނޭނގުނަސް ކަންތައްގަނޑެއް ހިނގައިފިކަން މުރާދަށް އިހުސާސް ވެއްޖެއެވެ. އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ ކޮޓަރީ ގައި އިން މިއާ އަށެވެ. ފޯނަށް ބަލަހައްޓައިގެން މިއާ އިނީ އެނދުގައެވެ. މުރާދު އައިސް ސަރަންފީ ގައި އިށީނެވެ. ޖެހިގެން ހުރި ގޮނޑީގައި ފިކުރެއްގައި އަސްމާ އިނެވެ.
“އެދުވަސްތައް ތަކުރާރުވާން އެބައުޅޭ. އަހަންނަށް ޔަގީން. އެހެންނޫނީ މިއަދު މިފެނުނު މަންޒަރުތައް ނުފެނުނިސް. ބައްޕަ މަރުވި ރޭގަ ވެސް ހަމަ އެ އަލިފާންގަނޑު ގޭ އޮޅިގަނޑު ހުރަސްކުރި. އޭރު ހުރީ ފަން ގެއެއް. ގެ ގަނޑުވެސް އަނދާ ހުލިވީ. އަހަންމައިދީބެ އާއި ބައްޕަ މަރުވީ އެ އަލިފާންގަނޑުގެ ތެރޭގަ. ފަހުން ކިޔަވަން ގެނައި ތަކުރުފާނުބެ ވެސް އޭގެ ތިން ރޭ ފަހުން މަރުވީ ވެނެއް ކަޜުގަ އޮޅިގެން. އެއިން އެއްވެސް ކަމެއް އަހަރެންގެ ހަނދާނުން ނުދޭ. މިރޭ ވެސް ދިމާކޮށްފި. ގެއަށް ނުވަދެވި އެ ފުރާޅަށް ޖެހުނު އަޑު އިވުނު. އެރޭ ބައްޕަ މޭ ފިތޭތީ އުޅުނު. މަރާލާފައި އޮށްވަ ފެނުނީ ފަތިހު. މިއާ ވެސް… މިއާ ވެސް ވަޒީފާ އިން އައިގޮތަށް އެކަހަލަ މޭރުމަކުން ވާހަކަދައްކައިފި. ބުނެފި ހިތް ނުތަނަވަސްވަނީ އޭ. އެކުއްޖާ އަށް މިއިން އެއްކަމެއްވެސް ނޭނގޭ. މިރޭ އެންމެ ލޮލުފިޔައެއް މަށެއް ނުޖަހާނަން. އަހަންނަށް ހަމަ ޔަގީން. މިރޭ ވަރުގަދަ އެތިފަހަރެއް އަންނާނެ” ދެއަތްތިލަ މޮޑެން އިން އަސްމާގެ މުނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމާ ހާސްކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





Reethi☺️
Omg!! The Story just got interesting!! Bravo!
Waiting for next!
Lyssm💗