އާއިލާއެއްގެ ކިބައިން ބަދަލުހިފުމުގެ ރޫހުގައި މައުސޫމު އަންހެންކުއްޖެއްގެ ދުވަސް ދުއްވާލީއެވެ. މިއާ ފަދައިން ރޫހާނީ ކަންކަން ސިއްރުކޮށްގެން ނުތިބޭށެވެ. އަސްމާ އާއި މުރާދު ފަދައިން ފުރާފުރިހަމަވެފައިވާ ދަރީންނަށް ޒަމާންވީ އާއިލީ މައްސަލަތައް ހާއްސަކޮށް ރޫހާނީ ކަންކަން ސިއްރުނުކުރާށެވެ. ރައްކާތެރިކަން ހޯދައިގެން ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ވަރަށް ބައިވަރު ގޮތްގޮތް އެބަހުއްޓެވެ؟ ރައްކާތެރިވާންވީ އެންމެ ކަށަވަރު ގޮތް ހަތް އުޑު މަތިން ބާވާލެއްވި ގުރުއާނުގައި ވަނީ ބަޔާންކޮށްފައެވެ.
“އެދުވަސްތައް ތަކުރާރުވާން އެބައުޅޭ. އަހަންނަށް ޔަގީން. އެހެންނޫނީ މިއަދު މިފެނުނު މަންޒަރުތައް ނުފެނުނިސް. ބައްޕަ މަރުވި ރޭގަ ވެސް ހަމަ އެ އަލިފާންގަނޑު ގޭ އޮޅިގަނޑު ހުރަސްކުރި. އޭރު ހުރީ ފަން ގެއެއް. ގެ ގަނޑުވެސް އަނދާ ހުލިވީ. އަހަންމައިދީބެ އާއި ބައްޕަ މަރުވީ އެ އަލިފާންގަނޑުގެ ތެރޭގަ. ފަހުން ކިޔަވަން ގެނައި ތަކުރުފާނުބެ ވެސް އޭގެ ތިން ރޭ ފަހުން މަރުވީ ވެނެއް ކަޜުގަ އޮޅިގެން. އެއިން އެއްވެސް ކަމެއް އަހަރެންގެ ހަނދާނުން ނުދޭ. މިރޭ ވެސް ދިމާކޮށްފި. ގެއަށް ނުވަދެވި އެ ފުރާޅަށް ޖެހުނު އަޑު އިވުނު. އެރޭ ބައްޕަ މޭ ފިތޭތީ އުޅުނު. މަރާލާފައި އޮށްވަ ފެނުނީ ފަތިހު. މިއާ ވެސް… މިއާ ވެސް ވަޒީފާ އިން އައިގޮތަށް އެކަހަލަ މޭރުމަކުން ވާހަކަދައްކައިފި. ބުނެފި ހިތް ނުތަނަވަސްވަނީ އޭ. އެކުއްޖާ އަށް މިއިން އެއްކަމެއްވެސް ނޭނގޭ. މިރޭ އެންމެ ލޮލުފިޔައެއް މަށެއް ނުޖަހާނަން. އަހަންނަށް ހަމަ ޔަގީން. މިރޭ ވަރުގަދަ އެތިފަހަރެއް އަންނާނެ” ދެއަތްތިލަ މޮޑެން އިން އަސްމާގެ މުނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމާ ހާސްކަމެވެ.
އަސްމާ ގެ ވާހަކަތަކުން މުރާދު ގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ހިނގާލިއެވެ. އޭނާގެ ނިތްމަތިން އުދާހުގެ ކުލަވަރު ފާޅުވާން ފެށިއެވެ. އެހެންނަމަވެސް އެދަނޑިވަޅު އަނބިމީހާ އަށް އިތުރު ހާސްކަމެއް ނުދީ އޭނާ ބޭނުންވީ ހަމަޖެހޭށެވެ.
“މާޒީގަ އެކަން އެގޮތަށް ހިނގާފައި އޮތީމަ ކީއްވެ އަހަރެމެން ވިސްނަންވީ ދެވަނަ ފަހަރަށް ވެސް ނޫނީ ތިންވަނަ ފަހަރަށްވެސް އެކަންތައް ތަކުރާރު ވެދާނޭ. ﷲ އާ ވަކީލުކޮށްގެން އަހަރެމެން ތިބޭނީ. ކަންބޮޑުނުވޭ. މިހުރިހާ ދުވަހުވެސް މިއާ އަށް ގޯނާއެއް ނުކުރެއެއްނު” މުރާދު ބުންޏެވެ.
“މިފަހަރު ތަފާތު. އަހަރެންގެ ހިތް ބުނަން ފަށައިފި މިއާ އަށް ފެންނުވެރިގެން ވެސް މިއުޅެނީ މިކަމަކާ ހެދިއޭ. ޖިންނީންގެ ވާހަކަ މާގިނައިން މިއާ ދައްކަނީ. އަހަރެން ވަރަށް ބިރުގަނޭ އެބަ. މިއާ ކޮންމެސް ކަމެއް ސިއްރުކުރޭ އެބަ. މިއާ ކައިރިން އަހާފަ އޮޅުންފިލުވަންޖެހޭނެ” އަސްމާ ބުންޏެވެ.
މުރާދު އަސްމާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ވުޟޫކޮށްގެން ނިކުންނާށޭ ބުންޏެވެ. މުއުމިނުންގެ ހިތަށް ހަމަޖެހުން ލިބޭނީ ނަމާދާއި ދުއާ އާއި ޒިކުރުންނެވެ. އެއަށްފަހު ސަބަބުތަކުގައި ހިފައިގެންނެވެ. ކަމުގެ ނުރައްކާތެރިކަން މިއާ ކައިރީގައި ވެސް ބުނަން ޖެހޭނެއެވެ. މިކަންތައް ސިއްރުކޮށްގެން އުޅޭކަށް ނުޖެހެއެވެ. މިއާ އަކީ ކުޑަކުއްޖެއް ނޫނެވެ. އާއިލާ އަށް ދިމާވި މުސީބާތުގެ ހަބަރު އެނގުމުން މިއާ ގެ އުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަން ޔަގީނެވެ. ވިސްނައިގެން މިއާ އުޅޭނީ އޭރުންނެވެ.
“މާދަމާ ހުކުރެއްނު. ހެނދުނު ވަގުތެއްގަ އަހަރެމެން ތިބެގެން މިއާ އަށް މިހުރިހާ ވާހަކަތަކެއް ކިޔައިދޭންވާނެ” މުރާދު ބުންޏެވެ.
****
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރެވެމުން ދިޔައެވެ. ވިޔަފާރިގެ ވާހަކަތައް ނޫމާން ފެށިއެވެ. ހީކުރި ވަރަށް ވުރެވެސް ބޮޑަށް ރަށުން ވިޔަފާރި ރަނގަޅެވެ ކައިރި ރަށްތަކުގެ ސަމާލުކަން ލިބޭ ވާހަކަވެސް ނޫޔަން ބުންޏެވެ. ނޫމާން ދެން ފެށި ވާހަކައިން ނޫޔަން އަށް ކާން އުނދަގުވިއެވެ. ކައވެނީގެ ވާހަކައެވެ. އެނީ މާލެ ފުރުމުގެ ކުރިން އަނގޮޓި އަޅުވަންޖެހޭނެ ވާހަކައެވެ. ނޫޔަންގެ ހަރަކާތްތަކަށް ބަދަލެއް އައިކަން ފާހަގަވީ ހަމައެކަނި ބީނިޝް އަށެވެ. ބީނިޝް ހިތުގައި ކަންބޮޑުވުމެއް އުފެދުނެވެ. އަނެއްކާ ނޫޔަން ކައިވެނިކުރަން ބޭނުންނުވަނީ ހެއްޔެވެ؟ އެހެންވިއްޔާ އާއިލާ ތެރޭގައި ބޮޑު މައްސަލައެއް ޖެހޭނެއެވެ. ނުމާނު ކަންތައްކުރާނެ ގޮތެއްވެސް ނޭނގެއެވެ.
“މަންމަ ގެނައޭ ވަރަށް ލޯބި އަނގޮޓިއެއް” ނަދުހާ ބުންޏެވެ.
ނޫޔަން ތަށި ތެރެއަށް ސަމްސާ ދޫކޮށްލިއެވެ. އަރުން އެންމެ އެތިކޮޅެއް ވެސް އޭނާ އަށް ދެން ނުދިރޭނެއެވެ. ބަހެއް ނުބުނެ އިންނަން ވެސް އޭނާ އަށް އުނދަގުވިއެވެ. ވަގުތުން ދެކޮޅު ހަދަން ބޭނުންވިޔަސް ފަސްޖެހުނެވެ. އޭނާ ބަލައިލީ އެނީ މޫނަށެވެ.
އެނީ ގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ އުންމީދުތަކުގައި ކުލަޖެހޭކަށް ގިނަ ވަގުތެއް ނެތެވެ. އުނދަގުވީ ނޫޔަން އަށެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ. މިއީ އެންމެ ރަނގަޅު ވަގުތެވެ. ކެރިގެން އިންކާރުކުރިއްޔާ ނޫނީ މިކަމެއް ކޮޅެއްގަ ނުޖެހޭނެއެވެ. އޭނާގެ ހަޔާތަށް އަންބެއްގެ ގޮތުގައި އަންނަން ޖެހޭނީ އެނީ އެއް ނޫނެވެ. މިއާ އެވެ. އޭނާ ހިތް އެދެނީ އެނީ އަކަށް ނޫނެވެ. މިއާ އަށެވެ. ލޯބިވަނީވެސް މިއާ ދެކެއެވެ. އޭނާގެ ހުވަފެންތަކާ އުންމީދުތައް ގުޅިފައި ވަނީ ހަމައެކަނި މިއާ އާއެވެ.
“ބައްޕާ!” ވަރަށް ހިތްވަރުކޮށްފައި ނޫޔަން ގޮވާލިއެވެ.
ނޫމާން ބަލައިލުމުން ފިރިހެން ދަރިއެއް ނަމަވެސް ނޫޔަންގެ ހަތަރެސް ފައި ފިނިވެލިއެވެ. ދުވަހަކުވެސް އޭނާ ނޫމާނުގެ އެއްވެސް ކަމަކަށް އިންކާރުކޮށްފައެއް ނުވެއެވެ.
އަޅުގަނޑު އަދި ބޭނުމެއްނުވޭ ކައިވެނިކުރާކަށް”
އުލާ ސަމްސާ ތަށިތެރެއަށް ދޫކޮށްލާފައި ނޫމާން ހައިރާންކަމާއެކު ނޫޔަން އަށް ބަލައިލިއެވެ. އެހިނދު ނޫޔަން އިސްޖަހާލިއެވެ. ބައްޕަގެ ހިތްހަމަނުޖެހުން އެކަންޏެއް ނޫނެވެ. މުޅި އާއިލާ ގެ ސުވާލު އަންނާނެއެވެ.
“ކީއްވެ ނޫޔަން؟” އެނީ ބުންޏެވެ.
އިޝާރާތުން ވާހަކަނުދެއްކުމަށް ނޫމާން އެނީ އަށް އެންގިއެވެ. ބުނާ ކަހަލައެވެ. ނޫޔަން އާ ސުވާލުކުރާނީ ސީދާ އޭނައެވެ.
“ކޮބާ މައްސަލައަކީ؟ ތިދެކުދިން ގުޅިގެން ތިހެން އުޅެންތަ ބޭނުންވަނީ؟ ނޫޔަން ކައިވެންޏެއްކުރަން ބޭނުންވަނީ އުމުރުން ފަސްދޮޅަސް ފަހަނައަޅައި ދިޔައިމަތަ؟” ނޫމާން ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
ނޫޔަން ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ކެއުން މަތިން ވެސް ފޫހިވެއްޖެއެވެ. ތަނުގައި ތިބި ހުރިހާ މީހުންގެ ނަޒަރު ހުއްޓިފައި ވަނީ އޭނައަށެވެ. ނޫޔަން ބޭނުންވީ އޭނާގެ ހިތުގައި އޮތްގޮތަށް ބުނާށެވެ. ލަސްކޮށްފިނަމަ ހިތަށް ލިބޭނީ އިތުރު ވޭނެކެވެ. ބޮލުގެ ރިހުމެކެވެ. މިހާރު ބޮޑު ވާހަކައިގެ ހަވާސާ ދަމާލެވިއްޖެއެވެ. ދެން ބޭނުންވަނީ ވާހަކަ ފުރިހަމަކުރާށެވެ.
“ބައްޕާ! ސޮރީ ބައްޕާ. އަޅުގަނޑަށް މި ކައިވެނި ކުރެވޭކަށް ނެތް”
ނޫޔަން ގެ ޖުމްލައާއެކު ތަނުގައި ހީވީ ބޮމެއް ގޮވިހެންނެވެ.
“ނޫޔަން! ” ނޫމާން ގެ އަޑު ބާރެވެ.
ޓައިލްސްތަކުގެ މަތީގައި ގޮނޑި ދެމިގެން ދިޔަ އަޑާއެކު ދެން ފެނުނީ ކޮޅަށް ތެދުވި ނޫމާނެވެ. ފިރިހެން ދަރިފުޅު ގައިގައި ޖަހަން އޭނާ އަށް އަތް ނުނެގުނީ ކިރިޔާ އެވެ.
ބީނިޝް ދެލޯ މަރާ ބާރުކޮށްލިއެވެ. މިވީ އޭނާ ހަމަ ހިތަށް އެރި ގޮތަށެވެ. ނޫޔަން އިންކާރުކޮށްފިއެވެ. ދެން މިޖެހުނީ ނޫޔަން އިންކާރު ކުރި ސަބަބެއް ހޯދާށެވެ.
“އަހަންނަށް ހީވަނީ ވެގެން މިއުޅޭ ކަމެއް ތަންކޮޅެއް ހަމަޖެހިގެން ނޫޔަން އާ ވާހަކަދައްކާލައިގެން ހޯދާންވީހެން” ބީނިޝް ބުންޏެވެ. އޭނާ ބޭނުންވީ ތަނުގައި ހުޅުފަޅައިގެން ދިޔުމުގެ ކުރިން އޯގާވެރިކަމުގެ ފެނުން ނޫމާނުގެ ސިކުނޑި ފިނިކޮށްލާށެވެ. އޭނާ އަށް ޔަގީންވާ ކަމަކީ ރުޅިއައިސްގެން ނޫމާން ކޮންމެ އެއްޗެއް ބުންޏަސް ނޫޔަން ޒުވާބުނުކުރާނެކަމެވެ. އަދި ހަމައެހެންމެ އެނީ އާ ނޫޔަން ކައިވެނި ނުކުރާނެކަން ވެސް އޭނާ އަށް ޔަގީންވެއްޖެއެވެ.
އޭނާ އެހެން ބުނީ ނޫމާން ގެ މިޒާޖު ރަނގަޅަށް އެނގޭތީއެވެ. ނޫމާނަކީ ނިކަން ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. ދަރިއަކަށް ވިޔަސް އުސޫލުން ބޭނުން ކަންކަން ކުރަންޏާ އޭނާ ހިމޭނުން ނުހުންނާނެއެވެ. އެއީ ދަރިން ދެކެ ލޯބިވާ ބައްޕައެކެވެ. އެހެންނަމަވެސް ތަރުތީބުން ބޭރުން ކަންކަން ކުރަން އޭނާ އެއްވެސް ދަރިއަކަށް ފުރުސަތެއް ނުދެއެވެ. އަނެއްކޮޅުން ނޫޔަން އެވެ. މީގެކުރިން ނޫޔަން ދުވަހަކުވެސް އެގޮތަށް ދިމާލަށް އިންކާރެއް ނުކުރެއެވެ. ނޫޔަން އަކީ މައިންބަފައިންނަށް އިހުތިރާމު ކުރާ ކުއްޖެކެވެ. އެހެންނަމަވެސް ކަމެއް ނުކުރަން ބުނެފިއްޔާ ނޫޔަން އެކަމެއް ނުކުރެއެވެ. އެއީ ކުޑައިރުން ފެށިގެން ނޫޔަންގެ މިޒާޖެވެ. އެއީ ބޮޑު ކަމަކަށް ނުވަންޏާ ނޫޔަން ލައްވާ އެކަމެއް ކުރުވަން އެކަކުވެސް މަސައްކަތެއް ނުކުރާނެއެވެ. ސަބަބެއް ނެތި އެނީގެ ކައިވެންޏަށް ނޫޔަން އިންކާރު ނުކުރާނެކަން ބީނިޝް އަށް އެނގެއެވެ. މިވަގުތު ނޫޔަން ކުށްވެރިކުރަން ވެސް އޭނާ ބޭނުމެއް ނުވެއެވެ. އެއީ ބޮޑުވެފައި ހުރި ޒުވާން ފިރިހެން ކުއްޖެކެވެ. ހިތަށް ބަދަލު އައިސްދާނެއެވެ. އޭނާގެ ފަރާތުން ނޫޔަން އަށް މަޖުބޫރުކަމެއް ނެތެވެ. އެހެނަސް މިފަދަ ދަނޑިވަޅެއްގައި ނޫމާން އާ ދެކޮޅަށް ވެސް އެއްޗެއް އޭނާ ނުބުނާނެއެވެ.
“ބީނިޝް! ނޫޔަން ކައިރީގަ ބުނޭ ހަމަ މިހާރު އަހަރެންގެ ކޮޓަރިއަށް އަންނާށޭ”
ނޫމާން ކޮޓަރިއަށް ހިނގައިގަތެވެ.
ހިތުގައި އޮތްގޮތަށް އެންމެންގެ ކުރިމަތީގައި ހާމަކުރެވުނީތީ ނޫޔަން ގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެހެނަސް އިސްޖަހައިގެން އިން ރޮވިފައި އިން އެނީ ފެނި އޭނާ އަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.
“ސޮރީ އެނީ”
ނޫޔަން ބުންޏެވެ.
އެނީ މަޑުމަޑުން ގިސްލަން ފެށިއެވެ. އޭނާ ބޮލަށް އެނބުރުން އަރާ ވާހަކަ ބުންޏެވެ. އެހިނދު އޭނާ އާ ކައިރިވީ ބީނިޝް އާއި ނަދުހާ އެވެ.
“ނަދުހާ ދޭބަލަ އެނީ ކޮޓަރިއަށް ގެންދަން”
އެނީގެ ގައިގައި ބައްދާލައިގެން ހުރެ ނަދުހާ ހިނގައިގަތެވެ.
ކައިރީގައި އިން ނޫޔަން އަށް ބީނިޝް ބަލައިލިއެވެ.
“ސޮރީ މަންމާ. ދުވަހަކުވެސް އަޅުގަނޑު އެނީ އާ މެދު ލޯބިވެރިއެއްގެ ނަޒަރުން ނުދެކެން. ލޯބިވެރިން ކައިރީގަ ދައްކާ ކަހަލަ ވާހަކައެއްވެސް ނުދައްކަން. އެނީ އަކީ އަޅުގަނޑުގެ ހަމައެކަނި ރައްޓެއްސެއް. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން. އަޅުގަނޑު އެނީ އާ އިންނަން ބައްޕަ އެހާ ބޭނުންވަނީ ކީއްވެ؟ ބައްޕަ އާ އެނީގެ ބައްޕަ އާ މެދު އޮތް ގާތްކަމަކީ މަޖުބޫރު ކައިވެންޏަކުން އަޅުގަނޑު އެނީ އާ ކައިވެނިކުރަންޖެހޭ ސަބަބެއްތަ؟ ބައްޕަ ކައިރީގަ ބުނޭ އަޅުގަނޑުގެ އުފާތައް ވިއްކާނުލާށޭ”
ނޫޔަންގެ އަތުގައި ބީނިޝް ހިފާލިއެވެ. ނޫޔަން އަށް މަޖުބޫރު ކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާގެ ހުރިހާ އެއްބާރުލުމެއް ނޫޔަން އަށް ލިބޭނެއެވެ.
“މަންމަގެ އެންމެ ސުވާލަކަށް ޖަވާބުދެވޭނެތަ؟” ބީނިޝް އަހާލިއެވެ.
ނޫޔަން ބޯޖަހާލިއެވެ.
“ނޫޔަން ލޯބިވާ ކުއްޖަކު ހުރީތަ؟”
އެހިނދު ނޫޔަން އިސްއުފުލާ ބީނިޝް އަށް ބަލައިލިއެވެ.
“މަންމާ! އަޅުގަނޑު ގަސްތަކުނޫން. ވީގޮތެއްވެސް ނޭނގޭ. މަންމާ! އަޅުގަނޑު ހާދަ ލޯބިވެއޭ އެކުއްޖާދެކެ” ނޫޔަން ބުންޏެވެ.
“ކޮން ކުއްޖެއް އެއީ؟ މިރަށު ކުއްޖެއްތަ؟” ބީނިޝް އަހާލިއެވެ.
“ނޫން. އަދި ބޭނުމެއްނުވޭ ބުނަން އެއީ ކޮން ކުއްޖެއްކަމެއް. ފަހަރެއްގަ އެއީ އަޅުގަނޑުގެ ހަޔާތުގަ ބައިވެރިޔަކަށް ވާން މަންމަ އާއި ބައްޕަ އެދޭ ފެންވަރުގެ ކުއްޖަކަށް ނުވެދާނެ”
ބީނިޝް އަށް ވިސްނުނެވެ. ނޫޔަން ލޯބިވީ ނިކަމެތި ކުއްޖެއްދެކެއެވެ. އޭނާ ހިތްހަމަނުޖެހުން ފާޅެއް ނުކުރެއެވެ. ނޫޔަން އަށް އޭނާ އިތުބާރު ކުރެއެވެ. އެނީދެކެ ހަގީގަތުގައި ވެސް ނޫޔަން ލޯބިވާނަމަ އެހެން އަންހެންކުއްޖަކަށް ނޫޔަން ހިތް ދޫނުވީހެވެ. މިއީ ބޮޑު ކަންތައްގަނޑަކަށް ވާނެއެވެ. އެކަމަކުވެސް ހެވެވެ. އޭނާ ހުންނާނީ ނޫޔަން ގެ ކޮޅަށެވެ.
“އާދޭ. ބައްޕަ އެދިޔައީ ކޮޓަރިއަށް އަންނާށޭ ބުނެފައެއްނު. މަންމަ ބުނާނީ ކެރިގެން ވާހަކަދައްކާށޭ. އެކަމަކު އަހުލާގަށް ވިސްނަންވާނެ”
****
އެނދުގައި ދެކޮޅަށް ފުރޮޅެން އޮތް މިއާ ގެ ދެލޮލުގައި އެންމެ ނިދިކޮޅެއްވެސް ނެތެވެ. އޭނާ ތެދުވެ އެނދުގައި އިށީނެވެ. ފަތްޖެހި އެނދެއްގައި މުރާދު އޮތެވެ. އެނދުގެ އަނެއްފަރާތުގައި އަސްމާ އޮތެވެ. މިރޭ ބައްޕަ ކޮޓަރިއަށް ނިދަން ވަނީ ކީއްވެގެންކަމެއް އޭނާ އަށް ނޭނގެއެވެ. އެންމެން ތިބީ ގަދަ ނިދީގައެވެ. މޭޒާ އަލަމާރި އާ ދެމެދުގައި އަޅުވާލާފައި ހުރި ރޭޑިޔޯ އިން ގުރުއާން އަޑު އިވުމުން މިއާ އަށް އުނދަގުވިއެވެ. ތެދުވެގެން ގޮސް އޭނާ ރޭޑިޔޯ ނިއްވާލިއެވެ. އަލުން އައިސް އެނދުގައި އިށީނދެފައި ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ޝެހެރޯޒް މަތިން މިއާ ހަނދާންވިއެވެ. އަމިއްލަ ހިތާ އޭނާ ސުވަލުކޮށްލިއެވެ. ޝެހެރޯޒް އޭނާ ދޫކޮށްފަ ދިޔައީ ކަމަށް ހަގީގަތުގައި ވެސް ވިސްނަންވީ ހެއްޔެވެ؟ މިއާ ހިތުގައި ޖެހުނެވެ. ޝެހެރޯޒް ހަނދާން ނައްތަލިޔަސް މިއާ އަށް އެކަމެއް ނުވިއެވެ. ދެ ކަކޫ ގަޔާ ކައިރިކޮށް ބައްދާލުމަށްފަހު ކަކުލުގައި މިއާ ބޯ އެޅިއެވެ. ކުއްލިއަކަށް މިއާގެ ކަންފަތާ ދިމާލުން އިސްތަށިތައް ވަޔާ ތެޅިގަތެވެ. މިއާ ސިހުނެވެ. ހަމައެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ ޝެހެރޯޒް ގެ އަޑެވެ. ޝެހެރޯޒް އެދުނީ މިއާ ބޭރަށް އައުމަށެވެ. މިއާ ހިތް އަވަސްވެލިއެވެ. އެނދުން ބޭރަށް މިއާ އަށް ފުންމާލެވުނު ގޮތެއް ވެސް ނޭނގުނެވެ. ހީވީ ދަގައްފާނު ދަގަނޑަށް ދަމައިގަތް ހެންނެވެ. މިއާ ހިނގައިގަތެވެ. ޝެހެރޯޒްގެ ކޮންމެ އަމުރަކަށް އޭނާ ދިޔައީ ކިޔަމަންވަމުންނެވެ. އޭނާގެ އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ނެތެވެ. ކޮޓަރި ދޮރު ވަނީ ވަރުގަދައަށް ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ކަމެއް މިއާ އަށް އުނދަގުލެއް ނުވިއެވެ. ޝެހެރޯޒް ދިޔައީ އިރުޝާދު ދެމުންނެވެ. ބޭރަށް ނިކުތުމާއެކު މިއާ އަށް ހީވީ ދެކަންފަތް ބައްވިހެންނެވެ. އޭނާ ހުރީ ގޯތި މެދުގައި ކޮޅަށެވެ. ގަހެއްގެ ފަތެއް ހެލިވެސްނުލައެވެ. އެހެންނަމަވެސް އޭނާ ލައިގެން ހުރި އަތްކުރު ޓީޝާޓާއި ދޫ ހަރުވާޅު ވަޔާ އެގޮތްމިގޮތަށް ހެލެމުން ދިޔައެވެ. އޭނާއަށް ކޮޅަށް ހުންނަންވެސް ދަތިވިއެވެ. އިސްތަށިގަނޑު ވެސް މައިތިރިނުވެއެވެ. ވާނުވާ މިއާ އަށް ނޭނގުނެވެ. އެއްޗެއް ބުނަން އުޅުނަސް އޭނާގެ ދޫ ހަރަކާތްނުކުރިއެވެ. ގޭތެރެއަށް ދާން ބޭނުންވިޔަސް ދެފައި ގުޑިވެސް ނުލިއެވެ. ދިމާލަށް އައި ހަރަރެސްފައި ޖެހި ފުއްލާ މިއާ އަށް ފެނުނެވެ. ދުވަހަކުވެސް މިއާ ނުދެކޭފަދަ ބިޔަ އެއްޗެކެވެ. ވަމުން މިދަނީ ކިހިނެއްކަން މިއާ ގެ ސިކުނޑިއަށް ރަނގަޅަށް ނުވިސްނިގެން އުޅެނިކޮށް ކުއްލިއަކަށް ނުފެންނަ ދެއަތަކުން އޭނާގެ ކަރުގައި ހިފައިފިއެވެ. ލުއި ފަތެއްހެން ބިމުން މައްޗަށް މިއާ ހިއްލިގެން ދިޔައެވެ. ސަލާމަތްވާން މިއާ ތެޅެމުން ދިޔައެވެ. ކަރުގެ މަސްތަކާއި ނާރުތައް ބުރިވާ ވަރަށް ހަޅޭއްލަވަމުން މިއާ ދިޔައެވެ. އެހެންނަމަވެސް މެންދަމުގެ އެ ބިރުވެރި ވަގުތު މިއާ ގެ މައިންބަފައިންގެ ކަންފަތާ ހަމައަށް އެ އަޑު ނުފޯރިއެވެ. ގޯތި ތެރޭގައި ހުރި ވަރުގަދަ ބަނބޮކެޔޮ ގަހަށް ވުރެވެސް މައްޗަށް މިއާ ހިއްލާފައި ހުއްޓެވެ. ކުއްލިއަކަށް ޖެހި ގުގިރިއަކާ އެކު ހުރި ދިމާލުން ތިރިއަށް މިއާ ވެއްޓުނެވެ. ބަނބުކެޔޮ ގަހުގެ އޮފިގަނޑުތަކުގެ ތެރެއިން އިތުރު މީހެއްގެ އެހީތެރިކަން ލިބުނު ކަހަލަ އިހުސާސެއް މިއާ އަށް ކުރެވުނެވެ. ބިމުގައި މިއާ ޖެހުމާއެކު ދެންވީގޮތެއް ނޭނގުނެވެ.
-ނިމުނީ-
މި ވާހަކައިގެ ދެ ވަނަ ބައެއް އަންނާނެއެވެ. އިންތިޒާރުކޮށްލައްވާށެވެ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





When is next?
Interesting….Can’t wait🫶🫶🫶
ވަރަށް ރީތިި💗