ޖިންނިއެއް ބީހިފައިވާ މީހެއްގެ ހަށިގަނޑުން ފެނިދާނެ އަލާމަތްތައް ދެނެގަނެ ހޭލުންތެރިވާށެވެ. އަދި އެފަދަ ކަންކަން އަޅާނުލާ ދޫކޮށްނުލާށެވެ. އެކަށީގެންވާ ފަރުވާ ހޯދާށެވެ. އެންމެ މޮޅު ފަރުވާ ވަނީ ކީރިތި ގުރުއާނުގައެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
ސާދަ ވަނަ ބައި
މިއާ އަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނޫޔަން ގެ ވާހަކަތަކުން ހަރުކަށިކަމެއް އޭނާ އަށް ފާހަގައެއް ނުކުރެވެއެވެ. އެއީ ހިތްހެޔޮ އިންސާނެކެވެ.
“އެހެންވީމަ އިށީނދޭ ހުރިހާ މަސައްކަތެއް ކިޔަލާދޭނަން”
****
ދެމަފިރިން ވާހަކަދެއްކަން ތިބީ ގޯތި ތެރޭގައި ހުރި ޖޯލިފަތީގައެވެ. މިއާ އެކަނިން ގެއަށް އަންނަންޖެހޭތީ މުރާދު އިނީ ކަންބޮޑުވެފައެވެ. ހިނގަންޖެހޭ ސަރަހައްދަކީ ފުދޭވަރަކަށް ދިގު ރާސްތާއެކެވެ. އެއީ އާންމުކޮށް މިއާ ގޮސްއުޅޭ ސަރަހައްދެއް ނޫނެވެ. އެކަނި އެހާ ދުރުން އަންނަންޖެހުމުން ޔަގީނުންވެސް ޝަކުވާ ކުރާނެއެވެ.
“މަ އެބަ އަންނަން ބަލާލާފަ” މުރާދު ބުންޏެވެ.
“މިއާ އަށް ނަވާރަ އަހަރު ދުވަސްކޮޅަކުން ފުރޭނެ. ދުވަސްކޮޅަކުން އަހަރެމެން އަތުން ވީއްލިގެން ފިރިއެއްގެ އަތްދޮށަށް އެކުއްޖާ ގޮސްދާނެ. ދުނިޔޭގެ އުޅެން ދަސްކޮށްދޭންޖެހޭ ވަގުތު މިޖެހުނީ. މާދަމާ އިން ފެށިގެން ވަޒީފާ އަށް ގޮސް އައިސް ހަދާނީ މިއާ އަމިއްލަ އަށް. މިރަށަކީ މިއާ އަށް ނުރައްކަލެއް އޮތް ރަށެއް ނޫން. އޭނާ އާ ދިމާކޮށް ގެއްލުމެއްދޭން ކެރޭވަރުގެ އިންސާނަކު ނުހުންނާނެ. މި އަތޮޅުގަ އޮންނަ ކުށްމަދު ރަށަކީ މި ރަށް. މިވެސް ލެއްވި ނަސީބެއް”
މުރާދު ވިސްނާލިއެވެ. އަސްމާ އެދައްކަނީ ހަމަ ތެދު ވާހަކައެވެ. މިއާ އަތުން ދޫކޮށްލަން ޖެހިއްޖެއެވެ. މިއާ ފުރާފުރިހަމަވެ ބޮޑުވެއްޖެއެވެ. އަމިއްލަ ފައި މައްޗަށް ތެދުވެއްޖެއެވެ. މާދަމާ ވެސް މިއާ ގެ ކައިވެނި ކުރެވިދާނެއެވެ. ދެން ކުރަންޖެހޭ ކަމަކީ މިއާ ކުރިއަށްދާގޮތް ބެލުމެވެ. ނުބައި ދިމާލަކަށް ފިޔަވަޅު އަޅަންޏާ ހައްގު މަގަށް ފައތިލަ ސީދާކޮށްދިނުމެވެ. އޭނާ ކަޅު ސައި ތަށި ތުނބުގައި ޖައްސާލިއެވެ. މިއާ އަކީ އެތައް އުންމީދުތަކެއް ކުރަމުން އަންނަ ހިތްތިރި ކުއްޖެއްކަން އޭނާ އަށް އެނގެއެވެ. މަތީ ތައުލީމު ހާސިލުކުރުމަކީ މިއާ ގެ އެއް ހުވަފެނެވެ. މިއާ ގެ އެ ހުވަފެން އޭނަ އަށް ހަގީގަތަކަށް ހަދައިނުދެވުނު ސަބަބުތައް ބައިވަރެވެ. އެކަން މިއާ އަށް ވިސްނޭނެއެވެ.
“އަދި އަހަރެން ވާހަކައެއްދައްކަންވެފަ އެބައޮތޭ” އަސްމާ އިށީނީ މުރާދު ކައިރީގައެވެ.
މުރާދު ގެ ސަމާލުކަން އަސްމާ އަށް ހުއްޓުނެވެ.
“ދެތިން ހަފްތާ ވެއްޖެ އެ އުނދަގުތައް ދިމާނުވާތާ. މި ހިތަށް އަރަނީ މިއީ އަނެއްކާ ކޮންކަހަލަ ނުބައެއްބާއޭ” އަސްމާ ބުންޏެވެ.
“ރަނގަޅުތާ. ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ. އަހަރެމެންނަކީ ނަމާދުކޮށް ޒިކުރުތައް ބަރާބަރަށް ކިޔައިގެން ތިބޭ ބައެއް” މުރާދު ބުންޏެވެ.
“ހިތާމައަކީ އަދިވެސް މިއާ އެކަމަށް އާދަނުކުރެވޭތީ. މިއާ އަކީ ރަނގަޅު ކުއްޖެއް. މިއާ ގެ ރަނގަޅުކޮށްލަންޖެހޭ ކަމަކީ ހަމައެކަނި މިކަންކަން” އަސްމާ ބުންޏެވެ.
” ﷲ އިރާދަކުރެއްވިއްޔާ މިއާ ގެ ކިބައިން ތިބަދަލުތައް ލަހެއްނުވެ ފެންނަން ފަށާފާނެ. ޅަ ސިކުނޑި މިހާރު ހަރުދަނާ ޒިންމާދާރުކަން ދަސްކުރަމުން އެ އަންނަނީ. ފެން ކުރައެއް ކިޔަވާފަ ދެމެއްނު. ކޮބާ އޭގެ ނަތީޖާ އަކީ؟”
“ކުރީ ދުވަހު އަހާލީމަ ބުނި ވަރަށް އަވަހަށް ފެންވެރޭނެހެންނޭ ހީވަނީ. އަދި ނުނިމޭ. އަދި ދުވަސްތަކެއް ވާނެ. އެބަޖެހޭ މާލެއިން ރަށަށް އަންނަ ބޯޓަކުން ބައެއް ކަހަލަ ދިވެހި ބޭސް ގެންނަން” އަސްމާ ބުންޏެވެ.
“ކިޔާބަލަ ކޮން އެއްޗިއްސެއް. މިރޭ ފަތިހު ފުރާ ބޯޓުން ގެނެވޭތޯ މަ ބަލާނަން” މުރާދު ބުންޏެވެ.
“އާމަނަކަ ތެޔޮ ، ވައިގުގޫ، ފަރިހި ދަމުއި އާ ވަކިފޫ އާ ކުކުން. ހަބަރުކޮޅު އަދި ހުސްވާކަށް ނޫޅޭ. ކާސިންޖީ ފަތާ މާބުޅާ ފަތް މިރަށުގެ ދެކުނު އަވަށުން ލިބޭނެ. ފަރުވާކުޑަނުކޮށް މި ބޭސްވެރިކަން ކުރިއަށް ގެންދިޔައިއްޔާ މިއާ އަށް ހަމަ ރަނގަޅުވާނީ”
“އަހަރެން މަސައްކަތްކުރާނަން. އަސްމާ އެކޮޅު އަވަށަށް ގޮސް ތި ފަތްކޮޅު ލިބޭތޯ ބަލާތި. ބައެއް ކަހަލަ ދިވެހި ބޭސްތަކަކީ ދިވެހި ބޭސް ވިއްކާ ފިހާރަތަކުން ލިބެން ހުންނާނެ އެއްޗެއްސެއް ނޫން” މުރާދު ބުންޏެވެ.
****
އޮފީސް ނިންމާފައި ނިކުތްއިރު އުޑުމަތިން ވިއްސާރައިގެ އާލާމަތްތައް ފާޅުވާން ހުއްޓެވެ. ގެއާ ދިމާލަށް ދާން މިއާ އެނބުރުނެވެ. އޭނާ ގެއަށް ގެންދާކަށް އެކަކުވެސް ނާންނާނެކަން އެނގެއެވެ. ބާރަށް ހިނގައިގަނެގެން އަދި ގެއަށް ދެވިދާނެއެވެ. ފާރުގެ އެއްކައިރިން މިއާ ހިނގާފައި ދިޔައެވެ. ކުއްލިއަކަށް މިއާ ހުއްޓުނެވެ. މަގުކޮޅަށް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. ޖެހިގެން އޮތް ގޯޅި ހުރިގޮތަށް ގޮސްގެން ނިކުމެގެން ވައްލަ އަށް ދެވޭނެއެވެ. މިއާ ހުރީ ދެ ހިޔާލެއްގައެވެ. އޭނާ ހުރީ ޝެހެރޯޒް ދެކިލާހިތުން ކެތްމަދުވެފައެވެ. ފަހުން އެ ހިޔާލު ދޫކޮށްލިއެވެ. ޝެހެރޯޒް ނުފެންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އެއީ މިހާރު ހަމައެކަނި ހަނދާނެކެވެ. ހިތުގައި ކޮންމެ ދުވަހަކު ތާޒާ ވަމުންދާ ޒަހަމެކެވެ. ފޮހެވުމެއް ނެތް ލޯތްބެކެވެ. މިއާ ގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާ ހިތް ނިންމީ ގެއަށް ދިޔުމަށެވެ. ޝެހެރޯޒް ހޯދަން ނުދިޔުމަށެވެ. ލޯބިވަންޏާ ޝެހެރޯޒް އަންނާނެއެވެ. ފިލާ ހުރެގެން ގޯނާ ނުކުރާނެއެވެ. މިއާ އަނެއްކާވެސް ކުރިއަށް ހިނގަމުން ދިޔައެވެ. އިރުކޮޅަކުން ވިލާގަނޑުގެ ވައި ގަސްތަކުގެ ފަތްތަކާއި އޮފިތައް ހަލަބޮލި ކޮށްލިއެވެ.
“މިއާ، ވާރޭ އަންނަނީނު. އަވަހަށް އަރާ”
މިއާ ރަނގަޅަށް ބަލައިލިއިރު އެއީ އާނަންދު އެވެ. އިރުކޮޅަކު މަޑުކޮށްގެން ހުރުމަށްފަހު ކާރަށް އެރިއެވެ. ފަހަތު ސީޓުގައި އިން ނޫޔަން އޭނާ އަށް ފެނުނީ ކާރަށް އެރި ފަހުންނެވެ. އެހާ ގާތުގައި ނޫޔަން އިނުމުން މިއާ އަށް އުނދަގޫ އިހުސާސްތަކެއް ކުރުވަމުން ދިޔައެވެ. ހައިރާންވެއް ވިއެވެ. ނޫޔަން ކަހަލަ އިންސާނަކު ކާރުގެ ފަހަތުގައި އިނުމުންނެވެ. ހަމަ ކުރީގައި ވެސް އިނދެވޭނެއެވެ.
“މި ހިސާބާ ތިގެ ތަންކޮޅެއް ދުރު ދޯ” އާނަންދު ބުންޏެވެ.
“ކުޑަކޮށް. އަނެއްހެން އެވަރު އޯކޭ” މިއާ ބުންޏެވެ.
“މިއާ ބޭނުމިއްޔާ އޮފީސް ކާރުގަ ގެއަށް ދެވޭނެ. ބުނެލަންޖެހޭނީ. އާންމުކޮށް ކާރުގަ އުޅޭނީ ދިވެއްސެއް. ބޭނުމިއްޔާ ކުރިން ބުނެލާފަ ބާއްވާތި” އާނަންދު ބުންޏެވެ.
އާނަންދު އެބަ ވާހަކަދައްކައެވެ. މިއާ އަށް އެއްޗެއް ބުނަން އުނދަގުވިއެވެ. ކައިރީގަ އިނީ ނޫޔަން އެވެ. އޮފީސް ބޮޑުމީހާ އެވެ. މިއާ ކާރަށް އެރިފަހުން ނޫޔަން ގެ ނަޒަރު އެހެންދިމާލަކަށް ނުދެއެވެ. މިއާ އަށް އެކަން ފާހަގަވެއްޖެއެވެ. ނޫޔަން އެހާ ވަރަށް އެބަލަނީ ކީއްވެ ހެއްޔެވެ؟ މިއާ ގެ ނޭވާ ވެސް އަވަސް ވާން ފަށައިފިއެވެ. ކާރަށް ނޭރުނު ނަމައެވެ.ް
“މިތަނަށް މަޑުކޮށްލަދީ” މިއާ ބުންޏެވެ.
އާނަންދު ކާރު އެއްފަރާތުގައި މަޑުކޮށްލިއެވެ.
“މިއީ ގެއާ ހިސާބެއް ނޫނެއްނު” އާނަންދު ބުންޏެވެ.
“އޯކޭ ވާނެ. ހަސްމެން ގެއަށް ވަދެލާފަ އެއްޗެއް ހިފައިގެން ދާންވެގެން” މިއާ ބުންޏެވެ.
އާނަންދު އަށް އެއްޗެއް ބުނާނެ ފުރުސަތެއް މިއާ ނުދިނެވެ. ދުރަށް ހިނގައިގަތެވެ. ވީގޮތް އާނަންދު އަށް ވިސްނުނެވެ. އޭނާ ބަލައިލީ ނޫޔަން އަށެވެ. ނޫޔަން ހީލިއެވެ. ދެން އައިސް ކާރުގެ ކުރީ ސީޓަށް އަރައިފިއެވެ.
“މި ހީވަނީ ރަނގަޅަށްތަ؟” އާނަންދު ކުރިއަށް ކާރު ދުއްވާލިއެވެ.
“އަހަންނަށް މިއާ ވަރަށް ކަމުގޮށްސި. ރީތި ވަރަށް ރީތި. ވިސްނުން ތޫނު. މަސައްކަތް ބުނެދޭންޖެހެނީ އެއްފަހަރު. މަޑުމައިތިރި ދިގުކޮށް ހެދުންވެސް އެލަނީ”
“އެކަމަކު އަދި ނުވޭ. އެއީ ހަމަ ދެމަފިރިއެއްގެ ބަގީޗާގައި ފޮޅުނު ހަމައެކަނި މާ. އެ މަލުގެ ފިޔަގަނޑުގަ ކޫރުމެއްވެސް އެޅުނުކަމެއް ނޭނގޭ. މިރަށު ކިތަންމެ ޒުވާނެއް އެބަތިބި އެ މަލަށް ފެންބޮވައިގެންފަ. މިއާ ބޭނުންނުވަނީ. ސީރިޔަސްތަ ހަމަ؟” އާނަންދު ބުންޏެވެ.
“މަ ދުވަހަކުވެސް މި ހިތެއް ދޫކޮށްނުލަން. މަގޭ ހިތަކީ ވަރަށް ބަސްއަހާ ހިތެއް. އެކަމަކު މިފަހަރު ބަހެއް ނޭހި. އަހަރެންގެ މުވައްޒަފެއްގެ ގޮތުގަ ހުރި މައުސޫމު އަންހެންކުއްޖެއްގެ އުނގަށް އެވެއްޓުނީ. އަހަރެން މިއުޅެނީ ހިފި ނުހުރެވިގެން. މިއާ ފަހަތުން ނިކުމެވިއްޖެ. މިއާ އޮފީހުގަ އިންހާ އިރެއްގަ މަ އިނިން. ފާހާނާއަކަށްވެސް ނުދަން. މެންދުރު ކާން ވެސް މަންމަ ގުޅި. ބަނޑުހައެއްވެސް ނުވޭ. މިހާ ވަރަކަށް މީހަކު ސީރިޔަސް ވާނީ”
“ވަރަށް ވިސްނާފަ ނޫނީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާތި. އެއީ މަ ބުނަން އޮތް އެއްޗަކީ”
****
މަހެއްހާ ދުވަސް ފާއިތުވެގެން ދިޔައީ އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ލޯބީގެ ދުނިޔޭގައި މިއާ ގެ އިންތިޒާރުތަކަށް އަދިވެސް ނިމުމެއް ނެތެވެ. ދުވަހަކުވެސް ދެން ޝެހެރޯޒް ފެންނާނެ ކަމަށް އޭނާ އުންމީދެއް ނުކުރެއެވެ. އެއީ ޖިންނިއެއްކަން އެނގި ހުރެ އޭނާގެ މިލްކިއްޔާތުގައިވާ އަގުބޮޑު ހުރިހާ އެއްޗެއް ޝެހެރޯޒް އަށް ހަދިޔާ ކުރެވުނީތީ މިހާރު މިއާ ހިތާމަކުރެއެވެ. އެހެންނަމަވެސް އެއީ ނުހިނގާ ކަމެއް ނޫނެވެ. އޭނާގެ ހިތުގައި އަދިވެސް އެ ލޯބި ތާޒާ އެވެ. މިފަހަކަށް އައިސް އޭނާ އަށް ވަމުންދާ ރޫހާނީ އުނދަގޫތައް މަދެވެ. އެހެންނަމަވެސް ނުހުއްޓެއެވެ.
ނޫޔަން ވެސް ހަމަ އެފަދައެވެ. އޭނާ އަށް ހިތްހަމަޖެހުން ލިބޭ ހަމައެކަނި ތަނަކީ އޮފީހުގެ ހަތަރުފާރުން އެތެރެއެވެ. ގެއިން އެނީ ފެނުމާއެކު އޭނާ އަށް ހީވަނީ ބޮލުގައި މަރުތޭލަކުން ތަޅާހެންނެވެ. މަސް ދުވަސް ފާއިތުވެގެން ދިޔައިރު ނޫޔަން ގެ މައިންބަފައިން މިހާރު ބޭނުންވަނީ އެނބުރި މާލެ ދާށެވެ. ނޫޔަން އާއި އެނީ ގެ ކައިވެނީގެ ކަންކަމުގައި މަސްއޫލުވާށެވެ. އެއަށްފަހު ނަދުހާގެ ގުރެޖުއޭޝަނަށް ފުރައިގެން ދާއިރު ނޫޔަން އާއި އެނީ ވެސް ގޮވައިގެން ދާށެވެ. ނޫޔަން ގެ މައިންބަފައިން މުސްތަގުބަލަށް ކުރާ އުންމީދުތައް ގުޅިފައިވަނީ ހަމައެކަނި ނޫޔަން އާއެވެ. އެހެނަސް…. ނޫޔަން އަށް ހަމަޖެހުމެއް ނެތެވެ. އެ ކައިވެންޏަށް އިންކާރު ކުރަން ކޮންމެ ދުވަހަކު އޭނާ މަސައްކަތްކުރެއެވެ. ބައްޕަގެ ކުރިމަތީގައި އަނގު ހުޅުވާލާފައި ވެސް އޭނާ ޖެހެނީ އިސްތިރިކޮށްލާށެވެ. ބައްޕަގެ ކުރިމަތީގައި ފިނޑިއެކެވެ. އަމިއްލަ ނަފްސުގެ ކުރިމަތީގައި ނިކަން ހިތްވަރު ހުރި ފިރިހެނެކެވެ. މިއާ ފެންނަ ހިސާބުގައި އިނދެ ކޮންމެ ދުވަހަކު އެތައް ވާހަކައެއް އޭނާ މިއާ އާ ދައްކައެވެ. އެ ވާހަކަތައް އިވެނީ ހަމައެކަނި އޭނާ އަށެވެ. މިއާ އާ މެދު ނޫޔަން ގެ އިހުސާސްތައް ތަފާތުކަން މިއާ އަށް އިހުސާސްވެއެވެ. ނޫޔަން އަބަދު އޮފީހުގައި އިންނަ އިނުމެވެ. އޭނާ އަށް ބަލާ ވަރެވެ. ކޮންމެ ދުވަހަކު މިއާ އަށް އިރުއަރަނީ ނޫޔަންގެ ހެނދުނުގެ ސަލާމަކުންނެވެ. ނިދުމުގެ ކުރިން ނޫޔަންގެ ފަރާތުން ލިބޭ ބާއްޖަވެރި ރޭގަނޑަކުންނެވެ. އެއްދުވަހު މިއާ ކުރެން ނޫޔަން އެހިއެވެ. “މިއާ ގެ ޝައުގުވެރިކަން ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ މިއާ އަހަރެންގެ މެސެޖުތަކަށް ރިޕްލައި އެއް ނުދެނީ ކީއްވެގެން ހެއްޔެވެ؟ މިއާ ހަޔާތުގައި ހާއްސަ މީހަކު ހުރީ ހެއްޔެވެ؟” އެދުވަހު މިއާ ލަދުން އިސްޖަހައިގެން އެތައް އިރެއް ވަންދެން އިނެވެ. އޭނާގެ ހިތުން ހަމައެކަނި އެދެނީ ޝެހެރޯޒް އަށޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެ ވާހަކަތައް އެއްވެސް އިންސާނަކަށް އޭނާ އަށް ކިޔައިދެވޭކަށް ނެތެވެ. އޮފީހުގެ ހަތަރުފާރުން އެތެރޭގައި ނޫޔަން އާ ދެކެވޭ ވާހަކަތައް ނޫނީ މިއާ ނޫޔަން އާ ވާހަކައެއްނުދައްކައެވެ. ބައެއްފަހަރު ނޫޔަން ބޭރުން ދިމާވެ އެއްޗެއް ބުނިއްޔާ ނޫނީއެވެ. މިއާ ނޫޔަން އަށް ނަފްރަތެއް ނުކުރެއެވެ. އޭނާ ނޫޔަން އަށް ގަދަރު ކުރެއެވެ. ނޫޔަން އޭނާގެ ނުގަބޫލުގައި އެއްވެސް ކަމެއް ނުކުރެއެވެ. ނޫޔަންގެ ފަރާތުން އޭނާއަށް އިހުތިރާމު ލިބެއެވެ. އޭނާއަށް މެސެޖު ނުކުރުމަށް އޭނާ ނޫޔަން އަށް މަނައެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާ ޖެހިލުންވެއެވެ. ނޫޔަންގެ އާއިލާގެ ދިރިއުޅުމުގެ ވައްޓަފާޅި ދުވަހަކުވެސް އޭނާ އާ އަރާ ހަމަނުކުރާނެއެވެ. އޭނާ އަކީ ބިންމަތީގައިވާ ހިރަފުސްކޮޅެވެ. މީހަކު ފައިންޖަހާ ބުރުވާލި ކޮންމެ ދިމާލަކަށް ބުރައިގެންދާނެއެވެ. ނޫޔަން އަކީ އުޑުގައިވާ ތަރިއެކެވެ. ބިމުގައި ހުރެ އެއްވެސް މީހަކަށް އެހިސާބަކަށް ނުދެވޭނެއެވެ. ވީއިރު ނޫޔަން އާ ގުޅުމެއް އުފައްދައިގެން އޭނާގެ ދިރިއުޅުން އިތުރަށް ދަތިވެގެން ކެތްކުރަން ދަތި ވޭނެއްގައި މުޅި އުމުރަށް ބަނދެވި ހިނގައިދާނެއެވެ. މިއާ ގެ ހަގީގަތް އެނގޭ ހިސާބުން ނޫޔަން ވެސް ފޫހިވާނެއެވެ. މިއާ ދެކެ ބިރުގަންނާނެއެވެ. އެއީ ޔަގީންކަމެކެވެ.
“ކާރުގަ ދާންވީނު”
އޮފީސް ނިންމާފައި މިއާ ނިކުންނަން އުޅުމުން މޭޒު ކައިރީގައި އިން ނޫޔަން ބުންޏެވެ.
“ނޫން. ހިނގާލާފަ ދާނީ” މިއާ ބުންޏެވެ.
ނޫޔަން އަށް ހެވުނެވެ. ހަތަރުކަޅި ހަމަކޮށް މިއާ ދުވަހަކުވެސް އޭނާ އަށް ނުބަލައެވެ. ނޫޔަން އިންތިޒާރުކުރަނީ އެފަދަ ވަގުތުކޮޅަކަށެވެ.
“އަހަރެން ނުދާނަން. އާނަންދު މިއާ ގޮވައިގެން ދާނީ” ނޫޔަން އަށް ހީވީ މިއާ ދެކޮޅު ހެދީ އެކުގައި އޭނާ ދާނެކަމަށް ހީކޮށް ކަމަށެވެ.
“ކާރުގަ ދަތުރުކުރާހިތެއް ނުވޭ. މިކަހަލަ ރަށެއްގަ ކާރުގަ ދަތުރުކުރާނީ އާދައިގެ ދިރިއުޅުމަކަށް ލޯބި ނުކުރާ މީހުން. އަޅުގަނޑަށް ވަރަށް އުނދަގޫ. ބައްޕަ ގެ ސައިކަލު ނޫނީ އެހެން އެއްވެސް ތަނެއްގަ ހަމަޖެހިގެން ނީނދެވޭނެ”
މިއާ ގެ ނިންމުމަށް ނޫޔަން އިހުތިރާމް ކުރިއެވެ. މިއާ ގެ ފަހަތުން ކަހަލަ ގޮތަކަށް ނޫޔަން ނިކުތެވެ. މަގުކޮޅުން މިއާ އޮބާލަންދެން ނޫޔަން ހުއްޓެވެ. އޭނާ ހިތަށް އެރިއެވެ. މިއާ ކިހާ ސާދާ ހެއްޔެވެ؟ އޭނާއަށް އަޑުއިވިފައި އޮތް ގޮތުން ވިއްޔާ ނިކަމެތިންގެ ތެރެއިން ބައެއް މީހުންނަކީ މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ މީހުންނެވެ. ކޮންމެ ފަދަ ހާލަތެއްގައި ނަމަވެސް އަތްނުފޯރާ ފަށުގައި ދިރިއުޅުން އާރާސްތުކުރަން ބޭނުންވާ ފަގީރުން ނުހަނު ގިނައެވެ. މުއްސަނދިކަން ހޯދުމަށްޓަކައި ނުބައި ކަންކަން އަރައިގަންނަ މީހުންވެސް ބައިވަރެވެ. މިއާ ގެ ކިބައިން އެކަހަލަ އެއްވެސް ސިފައެއް އޭނާއަށް ނުފެނެއެވެ. މިއާ ގެ މައިންބަފައިންނާ އޭނާ ބައްދަލުކޮށްލާހިއްވިއެވެ. މިއާ ގެ ދިރިއުޅުން ލޮލުން ދެކިލާހިއްވިއެވެ. މިއާ ގެ ހުރިހާ ކަމެއް އެނގެން އޭނާ ބޭނުންވިއެވެ.
****
މޭމަތީގައި އޮތް ބާލީހުގައި ބައްދާލައިގެން މިއާ އޮތީ މަތީގައި ހުރި ފަންކާ އަށް ބަލަހައްޓައިގެންނެވެ. އެއްފައި މައްޗަށް އަނެއް ފައި ލައިގެން އޮތްއިރު އޭނާ ކަޅިޖަހާވެސް ނުލައެވެ. އޭނާގެ ހިތާއި ސިކުނޑީ ގައި ވަނީ ހަމައެކަނި ޝެހެރޯޒް ގެ ހަނދާންތަކެވެ. އިންސާނެއް ނޫނަސް އޭނާ ހިތާ ފުރާނައިން ލޯބިވި ހަމައެކަނި މަހުލޫގަކީ އެއީއެވެ. ޝެހެރޯޒް ކޮބާ ހެއްޔެވެ؟ މަރުވީ ހެއްޔެވެ؟ މިއާ ތެޅިގަތެވެ. ކޮންކަހަލަ ފިކުރެއް ހެއްޔެވެ؟ ޝެހެރޯޒް އެބައުޅެއެވެ. ޝެހެރޯޒް ސިއްރު ގޯނާތައް އޭނާއަށް ކުރެއެވެ. ވާހަކައެއްނުދައްކައެވެ. ލޮލަކަށް ނުފެނެއެވެ. ގައިގައި ބީހެއެވެ. ޝެހެރޯޒް ބަދަލުވެއްޖެއެވެ. ޔަގީނުންވެސް އެ ހިތުގައި ލޯތްބެއް ނެތެވެ. އިންސާނުންދެކެ ޖިންނީން ލޯބިވަނީ ފިލްމުތަކާ ވާހަކަތަކުގައެވެ. ހަގީގީ ދިރިއުޅުމުގައި ޖންނީން އެހެނެއްނޫނެވެ. ބަދަލެއްހިފުމަށް ނޫނީ އިންސާނެއްގެ ދިރިއުޅުމަށް ޖިންނިއެއް ނާންނާނެއެވެ. ޝެހެރޯޒް ކަންތައްކުރީ އެގޮތަށެވެ. އެކަމަކު ޝެހެރޯޒް ހިފަން އޮންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ ރީތިކޮށް ބުނެދިންނަމަ ނޭނގި ނަމަވެސް ކުރެވިފައި ކުށެއް އޮތްނަމަ މަޢާފަށްއެދުނީމުހެވެ. ކޮންމެގޮތެއް ވިޔަސް މިހާރު މިވަނީ މި އިހުސާސްތައް ހިތުން ނެރެލަންވީ ވަގުތު ޖެހިފައެވެ. އައު އިހުސާސްތަކެއް ހިތުގައި އުފަންނުވެގެން މިއުޅެނީ އެންމެ މީހަކަށްޓަކައި އިންތިޒާރުކުރެވޭތީއެވެ. މިއާ ތެދުވެ އެނދުގެ ހެޑުބޯޑުގައި ލެގިލިއެވެ. އޭނާގެ ކޮންމެ ދުވަހެއް ފާއިތުވެގެން މިދަނީ މިކަހަލަ ގޮތަކަށެވެ. ވިސްނުމާއި ފިކުރުގައެވެ. މިއާ ތެދުވިއެވެ. ގަޑި ބަލައިލިއެވެ. އަށްގަޑި ބައެވެ. މިއާ ނިކުތީ ބޭރަށެވެ. ބަދިގޭ ގައި އަސްމާ އުޅޭތަން ފެނެއެވެ. މިއާ އިށީނީ ކާ މޭޒު ކައިރީގައެވެ.
“ބައްޕަ ބުނި ކަންމަތީ ފިހާރަ ހުޅުވީމަ ލުނބޮއެއް ގަނެގެން މިއަންނަނީއޭ”
މިއާ ފެނުމުން އަސް މާ ބުންޏެވެ.
އަސްމާ ކާން ހެދީވެސް މިއާ އާ ވާހަކަދައްކަމުންނެވެ. އަސްމާ އަށް ހައިރާންކަން ލިބުނީ މިއާ އަނގައިން ނުބުނެ އިނީމައެވެ.
“ކިހިނެއްވެފަ؟” އަސްމާ މިއާ ކައިރީގަ ހުއްޓުނެވެ.
“މަންމާ! ޖިންނިއެއް ދުވަހަކުވެސް އިންސާނެއްދެކެ ލޯބިވެދާނެތަ؟” އަސްމާ އަށް ހީވީ ގަޔަށް ހޫނު ފެން އެއްޗެއް އޮށްސާލިހެންނެވެ. ދޭނެ ޖަވާބެއް ނޭނގިފައި މިއާ އަށް ބަލަން އޭނާ ހުއްޓެވެ.
“ބުނެބަލަ. ޖިންނިއެއް އިންސާނަކަށް ހެވެއް އެދޭނެތަ؟”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




