މަންޒިލް 45
ދެމެދުގައިވި ހިމޭންކަން ނައްތާލީ އަނެއްކާވެސް މިންހާގެ ފޯނު ރިނގުވާން ފެށުމުންނެވެ. އަވަސް ހަރަކާތާއެކު މިންހާ ފޯނަށް ޖަވާބު ދިނެވެ. މިންހާ އައުން ލަސްވެގެން ގުޅީ ޒާޔާއެވެ. ޒާޔާ ތައްޔާރުވާ ވަގުތަށް އަވަހަށް އައުމަށް އެދުނެވެ. ވަރަށް ކުރުކޮށް ޖަވާބު ދީފައި މިންހާ ފޯނު ބޭއްވިއެވެ. “މިއީ…ޒީ” ފުރަތަމަ ވާހަކަ ދެއްކީ މިންހާއެވެ. “އޯ ޔެއާ…އޮފްކޯސް..” މިންހާ ބުނަން ބޭނުންވީ ކީކޭކަން އެރިކްއަށް ދޭހަވިއެވެ. އިތުރަށް ވާހަކަ ނުދައްކާ މިންހާ ހިނގައިގަންނަން އެރިކް ތަންދިނެވެ. މިންހާ ކުރިއަށް ހިނގައިގަނެފައި ފަހަތަށް އެނބުރި އެރިކްއަށް ބަލައިލިއެވެ.
ލޮލޮކޮޅަށް މިންހާ ގެެއްލެންދެން ބަލަހައްޓައިގެން އެރިކް ހުއްޓެވެ. އިސްތަށިގަނޑު ތެރެއަށް އަތްމަހާލުމަށް ފަހު ހުވަފެނީ ގޮތަކަށް އެރިކް ހީނލިއެވެ. އެ ލޮލުގައި ގެއްލިފައިވި ވިދުން އެނބުރި އަތުވެއްޖެހެން ހީވިއެވެ. ތުނބުން ރާގެއް އަޅުވަމުން އެރިކް ވެސް ހިނގައިގަތެވެ.
ދޮރުން އެތެރެއަށް ވަނުމުގެ ކުރިން މިންހާ ދެލޯ މަރާލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. ހިތުގެ ތެޅުން ހަމައަކަށް އަޅުވައިލައި ހަމަޖެހިލިއެވެ. މިރެއަކީ ޒާޔާއަށް ޚާއްސަ ރެއެކެވެ. އޭނާގެ ޒާތީ ކަންކަމާ މެދު ވިސްނުން ވެގެން ދާނީ އަމިއްލަ އެދުން ބޮޑު ކަމަކަށެވެ.
ޒާޔާ ނުތަނަވަސް ވެގެން މުޅި ކޮޓަރިތެރޭ އެނބުރެމުން ދިޔައެވެ. ޒާޔާގެ ހާސްކަން ފިލުވައިދޭން ނަވާރް އަދި އަލައިކާ މަސައްކަތް ކުރަމުން ދިޔައެވެ. އައިރާ އުޅުނީ ޒާޔާގެ މޭކަޕް ކުރެވޭތޯއެވެ. ޒާޔާ އެއްތަނެއްގައި މަޑުން ނީނުމާއެކު އައިރާއަށް މަސައްކަތް ކުރަން އުނދަގޫވިއެވެ. ނަވްޔާ އާއި އިސްރާ އޭނާގެ ކައިވެނި ހެދުން ނުގެނެސްގެން ވެސް ސުވާލު ކުރަމުން ދިޔައެވެ. އަލައިކާ، އިޝްމާއަށް ގުޅައިފައި ނަވްޔާމެން ކޮބައިތޯ ބެލިއެވެ. ޒާޔާ ގޮނޑީގައި ހަމަޖެހުނީ މިންހާ އައުމުންނެވެ. އޭނާ ބޭނުންވީ މޭކަޕް ކުރާ ގަޑީގައި މިންހާ އޭނާ ގާތުގައި އިންނާށެވެ. ޒާޔާގެ ހިތްހަމަ ޖައްސައި ދިނުމަށް މިންހާއެކި ވާހަކަ ދައްކަމުން ދިޔައެވެ.
އަށެއް ޖަހަން ވާއިރަށް ތައްޔާރުވެގެން އަހާން ނުކުތެވެ. އެތެރެއިން ހުދު ގަމީހެއް ލާފައި، އަޅި ކުލައިގެ ކޯޓުފަޓުލޫނުގައި އަހާން ފެންނަނީ ވަރަށް ސާދާކޮށެވެ. ފަން އިސްތަށިގަނޑު އޮތީ ރީތި ގޮތަކަށް ސްޓައިލް ކޮށްފައެވެ. ކަރުގައި މަޑު ނޫކުލައިގެ ޓައިއެއް އަޅާފައި ހުރި އިރު، ގަމީހުގެ ޖީބުގައި މަޑު ނޫކުލައިގެ ރުމާލެއް ބައިންދާފައި ހުއްޓެވެ. ނޭންގޭ ބާރު މިނުގައި އަހާންގެ ހިތް ތެޅެމުން ދިޔައެވެ. ޓައި އިނީ ނުރަނގަޅުކޮށްހެން ހީވުމާއެކު ކޯޓު ބާލާފައި އަލުން ޓައި އަޅަން މަސައްކަތް ކުރިއެވެ. އަތް ތުރުތުރުލާ ވަރުން ޓައި އެޅުންވީ އުނދަގޫ ކަމަކަށެވެ.
ކޮޓަރީ ޓަކި ދިނުމަށްފަހު އިޝަލް ދޮރު ހުޅުވާލިއެވެ. އަހާން އުނދަގުލުގައި އުޅޭތަން ފެނުމުން ލާނެއް ގޮތަކަށް ހެމުން ބޯ ހޫރުވާލިއެވެ. އަހާން އަތުން ޓައި އަތުލުމަށް ފަހު، އިޝަލް އެ އަޅުވައި ދިނެވެ. އެއަށްފަހު އަހާން އަދި ޒާޔާގެ ވެސް ބޭބެއެއް އަދި އެކުވެރިއެއްގެ ހައިސިއްޔަތުން އަހާންއަށް ނަސޭހަތް ދިނެވެ. ނިކަން ކަނުލައި އަޑު އަހަން އަހާން ހުއްޓެވެ. އިޝަލްގެ ދަރުސް ނުނިމި އުޅެނިކޮށް ޔާޒް، ޔޫސުފް އަދި އަލްޔަސް ވެސް އައެވެ.
“ކޮބާ އަހަރުމެން ގުރޫޕުގެ އެންމެ ހަގު ސޮރު ވެސް މިއޮށް ބޮޑުވީ ދޯ!” ޔޫސުފް އައި ގޮތަށް އަހާން ކޮނޑަށް އަތް ވައްޓާލިއެވެ. “ކޮން ‘އަހަރުމެން’ގެ ގުރޫޕެކޭ ކިޔާކަށެއް ދޯ އަހާން…އަހަރުމެން ކުޑަވީމަ އަބަދުވެސް ބާކީ ކޮށްފަ ވިއްޔާ ތިބެނީ…ހާދަ ވަރަކަށް ރޮއެގެންނޭ ލަވާ ފަހަރެއްގަ ވެސް ކުޅެން ލަވަނީ!” އިޝަލް ޝަކުވާ ކުރިއެވެ. ޔޫސުފް އާއި ޔާޒް ކުރާކަމެއްގައި އެމީހުން ލަވަނީ މަދު ފަހަރެއްގައެވެ. ފުރާވަރަށް އެޅުނު ފަހުން ކޮންމެހެން އެމީހުންނާ ބައިވެރިވާކަށް ވެެސް ، އިޝަލްމެން މަސައްކަތެއް ނުކުރެއެވެ.
މަޑު ނޫ ކުލައިގެ ބޮޑު ހެދުމުގައި ޒާޔާ ފެންނަނީ ވަރަށް ޝާހީ ކޮށެވެ. މުޅި ހެދުމުގައި ރިހި އެސްޖަހައިފައި ހުރުމުން ހެދުން ހީވަނީ ދިއްލޭހެންނެވެ. ލުއި މޭކަޕުގައި ވެސް ޒާޔާގެ ރީތި މޫނު ފެންނަމުން ދިޔައީ ވަރަށް ފުރިހަމަކޮށެވެ. ކައިވެނީގެ ވަގުތު ކައިރިވާ ވަރަކަށް ހިތް ބާރަށް ތެޅެމުން ދިޔައެވެ. އައިލާގެ އެންމެންގެ ފަރާތުން އެތައް ބައިވަރު ނަސޭހަތް އޭނާއަަށް ވަނީ ލިބިފައެވެ. އަހާން ކުރިމަތީ ކިތަންމެ ގަދަވެފައި އުޅުނަސް، ކައިވެނި ދުވަސް ގާތްވި ވަރަކަށް ޒާޔާ ވަނީ ހާސްވާން ފަށާފައެވެ. ލޯންޗަށް އެރި ކުއްޖާ އަހާން އަތުގައި ހިފުމުން ރުޅި ދެއްކުނީ ވެސް އެހެންވެ. އެ ރުޅިވެރި ކަމުގެ ފަހަތުގައިވީ ހާސްކަމެވެ.
ކައިވެނި ކުރެވޭ ތަނަން ދާން ޒާޔާ ބަލައި އައި ނަވްޔާއެވެ. ފުރާ ފުރިހަމަ ވެފައި ހުރި ހަގު ދަރިފުޅު ފެނުމުން ނަވްޔާ ލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. ޒާޔާއަށް ފެނުމުގެ ކުރިން ކަރުނަ ފުހެލިއެވެ.
ކައިވެނި މޭޒު ދޮށުގައި، ޒާޔާ ނޫން އެންމެން ތިއްބެވެ. ޒާޔާގެ އިންތިޒާރުގައި ހުރި އަހާން އިރުއިރު ކޮޅާ ގަޑިއަށް ބަލައެވެ. ނަވްޔާ އަދި މިންހާއާ އެކު އަންނަމުން ދިޔަ ޒާޔާ ފެނި އަހާންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. މޫނު މަތީގައިވި ހާސްކަން ފިލައި ހިނިތުންވުމެއް ވެރިވިއެވެ. ޒާޔާއާ ހަތަރު ކަޅި ބައްދަލުވީ ހިނދު އިޚްތިޔާރަކާއި ނުލައި މޭމަތީ އަތް އަޅާލެވުނެވެ.
ކަޅި ވެސް ޖެހުމެއް ނެތި އަހާން އޭނާއަށް ބަލަން އިން ގޮތުން ޒާޔާ ލަދުގަތެވެ. ރަކި ހިނިތުންވުމަކާއެކު އިސްޖަހައިލެވުނީ އެހެންވެއެވެ. ކައިވެނި މޭޒާ ކައިރިވާ ވަރަކަށް އޭނާއަަށް މިންހާ އަތަށް ބާރު ކުރެވުނެވެ.
އެންމެ ކުޑައިރުން ފެށިގެން އެކުގައި އެތައް ކަމެއް ކަޑަތު ކުރުމަށްފަހު މިއަދު ދެމީހުންގެ ގުޅުން އެވަނީ އަބަދަށްޓަކައި ގުޅި ލާ މެހިފައެވެ. އެކުވެރިކަން ލޯތްބަށް ބަދަލުވެ އެކީގައި އާ ޙަޔާތެއް ފެށުނީއެވެ. ދެމީހުންގެ ހިތުގައި ވެސް، އެކަކު އަނެކަކަށްޓަކައި ވީ ލޯބި އުތުރި އަރަމުން ދިޔައެވެ. ކައިވެނި ކުރެވުނު ވަގުތު ދެމަފިރިންގެ ލޮލުގައި ވެސް ކަރުނަ ބަބުޅަމުން ދިޔައެވެ. އުފާވެރި ކަމުގެ ކަރުނައެވެ. އަހާން ލޯތްބާއެކު ޒާޔާގެ ނިތައް ބޮސް ދިނުމާއެކު ކަރުނަތައް ޒާޔާގެ ލޮލުން ފޭބިއެވެ.
އެކުވެރިޔާއަށް ޓަކައި އުފާކުރާ ހާލު މިންހާއަށް ހުރީ ރޮވިފައެވެ. އެންމެ ފުރަތަމަ ގޮސް ޒާޔާއަށް މަރުހަބާ ކިއީ މިންހާއެވެ. މިންހާ އާއި ޒާޔާއެކީ ރޯން ފެށުމުން އެންމެން ދިމާ ކުރިއެވެ. ރޮއެގެން ޒާޔާގެ މޭކަޕް ހަޑިނުކުރަން އައިރާ ބުނިއިރު އޭނާއަށް ވެސް ހުރީ ކުޑަކޮށް ރޮވިފައެވެ.
އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އިޝަލް ދޮރަށް ނަޒަރު ހިންގާލިއެވެ. ޒާޔާމެންގެ ކައިވެނި ކުރެވުނު ވަގުތު ވެސް އޭނާ އުޅުނީ އެހެންނެވެ. ކޮންމެސް ވަރަކަށް މޫނު މަތިން ހާސްވެފައި ހުރިހެން ހީވިއެވެ. އަށް ގަޑި ވިހި ވުމުން އިޝަލް ފޯނުނަގައި މީހަކަށް ގުޅިއެވެ.
އިޝަލްގެ ފަހަތުން ފޯނު ރިންގުވާ އަޑުއިވުމާއެކު ފަހަތް ބަލާލިއެވެ. ހާސްކަން ފިލާ ފުޅާ ހިނިތުންވުމެއް މޫނަށް ވެރިވިއެވެ. އިޝަލް ދިޔަ ގޮތައް ގޮސް މިލީ ގޮވައިގެން އިން މިއާ ގައިގައި ބައްދާލިއެވެ. “ހާދަ ލަސްވީ…ކޮން އިރެއް އިންތިޒާރުގަ ހުންނަތާ…” އިޝަލްގެ ޝަކުވާ އަޑުއިވުމުން މިއާ ގާތަށް ހިނިއައެވެ.
އެވޯޑް ހަފުލާ ނިންމާފައި، އެރިކްއާ އެކު މިއާ ރިސޯޓުގައި މަޑުކޮށްފައި، އިޝަލް މާލެ ދިޔައީ މިލީ ގާތަށެވެ. ޓީވީ އިންނާއި ސޯޝަލް މީޑިއާގައި ހަފުލާގެ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވާނެތީވެ މިލީ ގެންދައް އެއްވެސް ގޮތަކަށް މިއާ އެއްބަހެއް ނުވިއެވެ. އެހެންވެ މިލީ މިންހާ ގާތު މާލޭގައި ބޭންދީއެވެ. އަހާން އާއި ޒާޔާގެ ކައިވެނި ވެސް އޮތީ އެ ރިސޯޓުގައި ކަމައްތާ ވާތީއާ ވެސް އެކުގައެވެ. ފުރަތަމަ އެގޮތައް ހަދަން އިޝަލް ދެކޮޅު ހެދިއެވެ. މިއާ އާއި މިލީއާ ދުރުގައި އެއްދުވަސް ވެސް ހޭދަކުރަން ބޭނުންނުވާތީއެވެ.
ޔޫސުފް އާއި ނަވާރްގެ ހަގު ދަރިފުޅު އާރާޝް ގޮވައިގެން މިންހާ އުޅުނެވެ. އަހަރުވެފައި ވުމާއެކު އެކުއްޖާ ބޭނުންވަނީ ހިނގާށެވެ. ހަލަނި ކަމުން އަބަދުހެން ސަމާލުވެގެން ތިބެން ޖެހެއެވެ. މުޅި ތަނުގައި ދުވާ ވަރުން މިންހާ އިނީ އެކުއްޖާ އުރައިގެންނެވެ. އާރާޝް ފޫހިވެގެން ކުކުރެން ފެށިއެވެ. ދިއްލޭ ބޮކިތައް ދައްކައިގެން އެކުއްޖާ ހައްދަން މަސައްކަތް ކުރަމުން ދިޔައެވެ.
ގަހެއްގައި ލެގިގެން އިން އެރިކް ގެ ނަޒަރު ހުއްޓިފައި ހުރީ މިންހާއަށެވެ. ހީވީ ކަޅި ވެސް ޖަހަން ހަނދާން ނެތިފައި ހުރިހެންނެވެ. އެއްްކޮށް ދިގުކޮށް ހުރި ގަދަ ނޫކުލައިގެ ހެދުން މިންހާއާ ވަރަށް ގުޅެއެވެ. މިންހާއިން އޭނާގެ ނަޒަރު ވަކި ކުރަން މަޖުބޫރި ވީ އިޝަލް އައުމުންނެވެ. އިޝަލް އަތުގައި އިން މިލީ ފެނުމުން އޭނާގެ ސަމާލުކަން ވަގުތުން މިލީއަށް ދެވުނެވެ. އެކުގައި ގިނަ ވަގުތު ހޭދަކުރެވިފައި ވުމާއެކު މިލީ ވެސް އެރިކްއަށް ނިކަން ވަރުހުރެއެވެ. ބޮޑުބޭބެ އެރިކް ފެނުމުން ހެވިފައި އަޑު ލައްވަން ފެށިއެވެ.
ނަވާރް އަތަށް އާރާޝް ދީފައި މިންހާ އިށީނީ ވަރުބަލިވެފައި ހުރުމުންނެވެ. އުސްފައިވާނަކަށް އަރައިގެން އިނުމުން ފަޔަށް ވެސް ހުރީ ތަދުވެފައެވެެ. ކަރު ހިއްކައި ގަނެފައި ހުރި ނަމަވެެސް ފެންތަށްޓެއް ބަލައި ދާނެހާ ހިތްވަރެއް ނެތެވެ. ޔަޒަންއަށް ގޮވާފައި ފެންތަށްޓެއް ގެނެސްދޭން އެދުނެވެ.
އޭނާއަށް މީހަކު ފެންތަށްޓެއް ދިއްކުރިއެވެ. އެމީހެއްގެ އިސްކޮޅު ދިގުވުމުން އެއީ ޔަޒަން ނޫންކަން މިންހާއަށް އެނގެއެވެ. ލަސްލަހުން އެއީ ކާކުތޯ މިންހާ ބަލާލިއެވެ. ހުދު ކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ޖިންސު ފަޓުލޫނެއް ލައިގެން އެރިކް ހުއްޓެވެ. އެއް އަތުން މިންހާއަށް ފެންތަށި ދިއްކޮށްގެން ހުރި އިރު ދެން ހުރި އަތުން މިލީ އުރައިގެން އިނެވެ.
“އޯކޭ މިންހާ ބޭނުންނެތިއްޔާ އަހަރެން ބޯލަނީ” ފެން ތަށީގައި ނުހިފައި، އޭނާއަށް ބަލަހައްޓައިގެން މިންހާ ހުރުމުން އެރިކް ބުންޏެވެ. އެއާއެކު ނިކަން އަވަހަށް މިންހާ ފެންތަށި އަތުލައިފައި ބޯލިއެވެ. މިންހާ ކުރިމަތީގައި ހުރި ގޮނޑީގައި އެރިކް އިށީނުމާއެކު، މިންހާ ކުޑަކޮށް ނުތަނަވަސްވިއެވެ. ވަށައިގެން ނަޒަރު ހިންގާލެވުނީ މީ
ހަކަށް ފެނިދާނެތީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Salam here’s the new episode of Manzil… Hurihaa kudhinnan ves kamudhaane kamah ummedhu kuran