ލޯބި-46
*ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ބަންދުދުވަހެއް ކަމުން އެންމެން ވެސް އުޅުނީ ގޭގައެވެ.
މިންހާ އޮތީ އޮދޯލީގައި ފޯނު ހިފައިގެންނެވެ. އިރުކޮޅަކުން އަދިޔަން އައެވެ.*
“ގުޑް މޯނިންގ…” އަދިޔަން އައިސް މިންހާ ކައިރި އަށް ހުއްޓިލަމުން ބުންޏެވެ.
“އޯހ. ގުޑް މޯނިންގ.” ރީތި ހިނިތުންވުމަކާއި އެކު މިންހާ ރައްދުގައި ބުންޏެވެ. “ހާދަ މޫޑީ ވެފަ؟”
“ވާހަކަ އެއް ބުނެލަން މިއައީ.” މޮޅިވެރި ރާގަކަށް އަދިޔަން ބުނެލި އެވެ. ކަންނެތް ގޮތަކަށް އޭނާ އޮދޯއްޔެއްގައި އިށީނެވެ.
“ކިހިނެއް ވީ؟” މިންހާ ފޯނު ތިރިކޮއްލާމުން އެހިއެވެ.
“މަ މިއުޅެނީ މާލެ ދާން.”
“ކޮންއިރަކުން؟” މިންހާ ހައިރާންވޭފައި އަހައިލި އެވެ.
“މިންހާގެ ވެޑިންގް އަށް ފަހު ދެވޭނީ. ނަދީމްބެ އޭގެ ކުރިން ދިޔަޔަކާ ނުދޭނެ.”
“ކުރިން ބުނީމެއްނު މަޑުކުރާނީ އޭ. އެކަން ވީތަ މިހާރު؟”
“އެކަމާ ނޫޅުނިއްޔާ ކަންނޭނގެ ރަނގަޅުވާނީ. މިކޮޅުގަ ކުރަން ހުރި ކަންތަށް ވެސް ނިމިއްޖެ. ބައްޕަ އާއި އެކު ދާނީ.”
“ދޮންތީ!” ނުކުމެގެން އައި މާޔާ ގޮވައިލި އެވެ. “މަންމަ އެހީ މާދަން ވެސް ގޭގަ ދޯ އޭ ހުންނާނީ.”
“އާނ.” މިންހާ ޖަވާބުގައި ބުންޏެވެ.
“ހައި އަދިޔަން.” ރީތި ހިނިތުން ވުމަކާއި އެކު މާޔާ ބުނެލި އެވެ. އަދިޔަން އެއްވެސް އެއްޗެކޭ ނުބުނެ ހިނިތުންވެލީ އެވެ.
“އަންނާނަން ބޭރަށް ނުކުމެލާފަ.” މިންހާ ކައިރީ މިހެން ބުނެފައި އަދިޔަން ނުކުމެގެން ދިޔައީ މާޔާ އާއި ދިމާލަށް ބަލައި ވެސް ނުލައެވެ.
“އަދިޔަން އަށް ކިހިނެއްވީ؟” ހައިރާންވެފައި ހުރެ މާޔާ އަހައިލި އެވެ.
“ނޭނގެ. މާލެ ދާން އުޅޭ ވާހަކަ ހަމަ އެކަނި ބުނެލީ.”
މާޔާގެ މޫޑް ބަދަލުވީ އެވެ. ރީހާން ދެއްކި ވާހަކަ ތަކާއި މެދު ވިސްނައި ލެވުނެވެ. އޭނާ އަމިއްލައަށް އަދިޔަން އާއި ދުރުވާން ނިންމި އެވެ.
އަދިޔަންގެ ހާލަކީ ކޮބާ ބާއެވެ؟ އޭނާ އަށް ލޯބިވެވުނު ކުއްޖާ އަށް އޭނާ ވެސް ކަމުދާ ކަން އެނގުމުން އުފާ ކުރަން ބޭނުންވެ އެވެ. ނަމަވެސް އެނގުމާއި އެކު އޭނާ މާޔާ އާއި ދުރުވާން ނިންމީ ހިތް އެގޮތަށް އެދޭތީ އެއް ނޫނެވެ. އޭނާގެ ސަބަބުން މާޔާ އަށް ދެރައެއް ލިބިދާނެތީއެވެ. އޭނާ މާޔާ އަށް ދޯކާއެއް ދީފާނެ ކަމަށް މާޔާ އަށް ހީވީތީ ވެސް އޭނާ ދެރަވެއެވެ.
އަދިޔަން އުޅުނީ މާޔާ އައް ނުފެނި އެވެ. މާޔާ އެކަމާ ވިސްނިއެއްކަމަކު އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ހިތަށް ވިސްނައި ދިނެވެ. އެދެމީހުންގެ ދެމެދުގައި ވާ ދުރުކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
އެއްރެއެވެ. ގޭގެ އެންމެން ތިބީ ސިޓިންރޫމުގައި އެވެ. ކުރިއަށް ދަނީ މިންހާގެ ކައިވެނީގެ ތައްޔާރީތަކުވެ.
“މަގޭ އަންހެން ކުއްޖެއް ހުރީ ނަމަ އެކުއްޖާ ފިރިމީހާގެ ގެއަށް ދިޔަޔަކާ ނުދޭނަން. ހަސަން. ބުނަން މިންހާ ވެސް ފޮނުވާނީ ކަމެއް ނެތް. މައިހާ ވެސް އެހުރީ. މިންހާ އަށް ވެސް މިގޭގައި އުޅެގެން އެބަ އޮތް. ނުފޮނުވާތި އެފިރިހެން ސޮރުގެ ގެއަށް.” ނަދީމްގެ އެކުވެރިޔާ އަހުމަދު ބުންޏެވެ.
“ހަހަ…އެއީ އެކުދިންގެ ނިންމުމެއްނު. އަހުމަދު އަދިޔަން ފޮނުވާނަންތަ އޭނާ މީހަކާ އިނީމަ އަންހެން ކުއްޖާގެ ގެއަށް؟” ހަސަނު ބުންޏެވެ.
“ޔަގީނެއްނު. އެހެން މީހުން ހަދާހެން ދަރިފުޅު ކައިވެނި ކުރާ އަންހެން ކުއްޖާ ގެއަށް ގޮސްފައި އެކުއްޖާގެ މައިންބަފައިންނާ ދުރުކުރާކަށް އަހަރެންނެއް ނޫޅެން. ހަޤީޤަތުގައި އަންހެން ކުދިންނަށް ފަސޭހަ ވަނީ މައިންބަފައިން ގާތުގައި އުޅެން.” އަހުމަދު ބުންޏެވެ.
“އަހަރެންގެ މިންހާ ވެސް ދަނީ ދުރު ހިސާބަކަށް ނޫން. އެހެން ނޫންނަމަ އަހަރެން ވެސް ދެކޮޅު ހަދާނަން.” ހަސަން ވެސް އެއްބަސްވުމުގެ ގޮތުން ބުންޏެވެ.
އަދިޔަން އެއްވެސް ކަމަކާއި އަޅައި ނުލައި ގެއިން ނުކުންނަން ދިޔައެވެ.
“އަދިޔަން. ކޮންތާކަށް؟” އަހުމަދު ގޮވައިލި އެވެ.
“ބޭރަށް.” އިސްޖަހަގެން ހުރެ އަދިޔަން ޖަވާބު ދިނެވެ. އޮޅުމަކުން ވެސް މާޔާ އާއި ހަތަރުކަޅި ހަމަވާ ކަށް އޭނާ ބޭނުމެއް ނޫނެވެ.
“މިހާރު އަބަދު ބޭރުގައި ތިއުޅެނީ. މިއީ އަދިޔަންގެ އާއިލާ ބައެއް ކަމުގައި ދެކިގެން ކަންކަމުގައި ބައިވެރިވެބަލަ.” ހިތްހަމަނުޖެހިފައި އަހުމަދު ބުންޏެވެ.
“ދެން އަދިޔަން ވެސް ބޭރަށް ދާހިތްވާނެ އެއްނު. އަހަރެމެން މިތިބީނު ކަންކަން ކުރަން. ރީހާން ވެސް އެހުރީނު އެއްމެ ކަމެއް ވެސް ވައްޓައި ނުލައި ކުރަން. އަދިޔަން ދާން ބޭނުމިއްޔާ އޯކޭ ދިޔަސް.” ނަދީމް ބުނެލި އެވެ.
“އުހޫން. ކޮންމެހެން ދާންޖެހެނީކީ ނޫން. އަހަރެންނަށް ވެސް މިކަހަލަ ފުރުސަތު ލިބޭނީ މަދުފަހަރަކު. މިންހާ އަކީ ވެސް އަހަރެންނަށް ކޮއްކޮ އެއް ފަދަ.” އަދިޔަން ގޮސް އަހުމަދު ކައިރީގައި އިށީނެވެ.
“އެބުނީ އޭނާ އަކީ ވެސް މިންގެ ބޭބެ އެކޭ.” ރީހާން މަޑުމަޑުން މިންހާ ކައިރީގައި ބުނެލި އެވެ.
“ޖެލެސްވީތަ؟” މަލާމަތުގެ ރާގަކަށް މިންހާ ބުންޏެވެ.
“ޕިސް. މާޔާ ވެސް އެހުރީނު.” ރީހާން ބުންޏެވެ.
“ކަލޭމެން ދެމީހުންގެ ޒުވާބުގަނޑު ތެރެއަށް މަ ނުވައްދާ.” މާޔާ އަވަސް އަަވަހަށް ބުންޏެވެ.
“ހިމް. އަނެއްކާ މިންހާ އާއި ރީހާން ޒުވާބު ކުރަނީ ދޯ.” ރިޝްފާގެ އަޑައް މިންހާ އާއި ރީހާން ދިޔައީ ސިއްސައިގެންނެވެ. މާޔާ އާއި މައިހާ ގާތަށް ހިނިއައެވެ.
“ނޫން. މިން ދުވަސް ކޮޅަކުން ދާނެއްނު. އެހެންވެ އެހެންވެ ވަރަށް ލޯބިން ވާހަކަ ދައްކަނީ މިހާރު.” ރީހާން މިންހާ އާއި ދިމާލަށް ލޯ އަޅައިލަމުން ބުންޏެވެ.
“އެންމެންނަށް ވެސް އެނގެއޭ އެކަން.” ހަނާ ވެސް ހޭންފެށިއެވެ.
“އަހުމަދަށް އެނގޭތަ. ރީހާން ހީނުވާނެ މަގޭ މިންހާ އާއި މާޔާގެ ޅިޔަނެއް ހެނެއް. އެއީ ހަމަ ބޭބެ އެއް. މަގޭ ދަރި އެއް.” ހަސަން ފަހުރުވެރި ވެފައި އަހުމަދު ކައިރީ ބުންޏެވެ.
“ތިޔަ ވަރަށް ނަސީބު ގަދަވީ.” އަހުމަދު ބުންޏެވެ.
މާޔާ އަށް އަދިޔަން އާއި ދިމާލަށް ބަލައިލެވުނީ އިރު އަދިޔަން ހުރީ އޭނާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަދިޔަން ވަގުތުން މޫނު އަނބުރައިލި އެވެ. ހިތައް އަސަރު ކުރީ ހަމައެކަނި މާޔާގެ އެއް ނޫނެވެ. އަދިޔަންގެ ހިތް ހީވީ އެފަދައިން ކަންތަށް ކުރަން ޖެހުމުން އެކައް ކުދިކުދި ވިހެންނެވެ.
“ޢައްސަލާމު ޢަލަޢިކުމް.” މީހަކު ސަލާމް ގޮވައިލި އަޑައް އެންމެން ބަލައިލި އެވެ.
ދޮރުމަތީ ހުރި މީހާ ފެނިފައި އެންމެންގެ މޫނުމަތިން އުފާވެރިކަން ގެއްލުމެވެ. ހަނާ ރައުފާގެ ގައިގައި ބައްދައިގަތެވެ. މާޔާ ވަރަށް ބާރަށް މިންހާގެ އަތުގައި ހިފައިލެވުނެވެ. މިންހާ ވެސް މާޔާގެ އަތަށް ބާރުކޮއްލި އެވެ. އެންމެންގެ މޫނުމަތިން ފެނުނީ ހާސްކަމެވެ.
މާޔާ އަށް އައި ބަދަލުތައް އަދިޔަން އަށް ކިތަންމެހާއި ވެސް ރަނގަޅަކަށް ފެނުނެވެ. އެމީހާ ފެނިފައި މާޔާ އެހާ ބިރެއްގަތީ ކީއްވެބާއޭ އަދިޔަންގެ ހިތަށް އެރިއެވެ. އޭނާ ހުރީ މާޔާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއި އެކު ބަލާށެވެ.
“ބައްޕަ ފެނުނީމައި އުފަލެއް ނުވެތަ، ހަނާ؟” އެއްމިޔަކުން ހީލަމުން ޒައިދު ބުންޏެވެ.
“ކަލޭ މިތާ ކީއްތިކުރަނީ؟” ދަތްކުޑިވިކައިލަމުން ނަދީމް އެހި އެވެ.
“މަގޭ ދަރިބަލާ މަ މިއައީ.” ރުޅިވެރި ނަޒަރަކުން ނަދީމްއަށް ބަލައިލަމުން ޒައިދު ބުންޏެވެ.
“ނޫން! ހަނާ އެއް ނުދާނަން! ތުއްތާ ހަނާ އެއް ނުދާނަން!” ބިރުން ހަނާ އަށް ރޮވުނެވެ.
“އަޑު އިވިއްޖެ! ހަނާ ބޭނުމެއް ނުވޭ ކަލޭ އާއި އެކު ދާކަށް.” ނަދީމް ބުންޏެވެ.
“ކަލޭ ތީކާކު؟ މަށައް މަގޭ ދަރި ގެންދިއުމުގެ ހައްގު އޮންނާނެ.” ޒައިދުގެ އަޑު ބާރުވިއެވެ.
“ހަނާ އެއީ މިހާރު މަގޭ ދަރި އެއް.” ނަދީމް ވެސް ބުނީ ބާރަށެވެ.
“ހުއްޓާލާ! ހަނާ އަކަށް އަދި 18 އަހަރެއް ނުވޭ. އެހެންވީމަ މިމައްސަލަ ނިންމަންދާނީ ކޯޓަށް.” ތަޅާފޮޅުންގަނޑަކާއި ހަމައަށް ގޮސްދާނެތީ ރީހާން އަވަހަށް ބުންޏެވެ.
“ކަލޭ ހުރޭ ވާހަކަ ނުދައްކަ. މީ ކަލޭ އާ ބެހޭ ކަމެއް ނޫން.” ރީހާން އާއި ދިމާލަށް އިނގިލި ދިއްކުރަމުން ޒައިދު ބުންޏެވެ.
“މިމައްސަލަ ހިފައިގެން ދާނީ ކޯޓަށް. އެނގިދާނެތާ ވާގުތެއް.” ރީހާން އާއި އެއްބަސްވަމުން ނަދީމް ބުންޏެވެ.
“މަ ހަނދާން ހުންނަގޮތުން މިސޮރެއް އަބަދު އުޅެނީ މިތާ. މިހާރު މީނާ މިގޭތެރޭ ބަސްބުނަން ވެސް ފެށިތާ؟” މަލާމަތުގެ ރާގަކަށް ޒިޔާދު ބުންޏެވެ.
“އާނ. މަ މިގޭގަ ބަސްބުނަން ވެސް ފެށީ. ކަލޭ ކީއްކުރާނީ؟” ރީހާން ވެސް ދުލެއް ނުކުރި އެވެ.
“ޒައިދު. ކަލޭ މިތަނުން ދޭ.” މައްސަލަ އިތުރަށް ގޯސްވެދާނެތީ ހަސަން ބުންޏެވެ.
“މަ އުޅޭނީ މަގޭ ދަރި އުޅޭތާކު.” ޒައިދު ބުންޏެވެ.
“ބުނެފީމެއްނު އެމައްސަލަ ހިފައިގެން ދާނީ ދެން ކޯޓަށޭ. ކަލޭ މިތަނުން ދާށޭ މިބުނީ.” ނަދީމް ބުންޏެވެ.
“މަ ދާނެ ތަނެއް ހުރެގެން ތަ ކަލޭ މަގޭ ކައިރީ ދާށޭ ތިކިޔަނީ.” ޒައިދު ހަޅޭލަވައިގަތެވެ.
“ޒައިދު ހުންނާނީ މިގޭގަ.” މަރިޔަމް ބުންޏެވެ. އެންމެން ހައިރާން ވެފައި މަރިޔަމް އަށް ބަލައިލި އެވެ.
“މަންމާ…” ރިޝްފާ އަށް ބުނެލެވުނެވެ.
“އެއީ ވެސް އަހަރެންގެ ދަރި އެއް. އަހަރެން އުޅޭތާކު އަހަރެންގެ ދަރިއަކަށް ނޫޅެވެންޏާ އަހަރެން ވެސް މިދަނީ.” މަރިޔަމް ބުންޏެވެ.
“މަންމާ. ކީކޭ ތިކިޔަނީ؟” ހަސަން ހައިރާން ވެފައި އަހައިލިއެވެ.
“މީ އަހަރެންގެ ފަހު ބަސް.” މަރިޔަމް ހުރީ ގޮތްދޫ ކުރާ ފޮތަކަށް ނޫނެވެ.
“އެންމެ ރަނގަޅު.” އެތަށް އިރަކު ވިސްނުމަށް ފަހު ހަސަން ބުންޏެވެ.
“ބައްޕާ…؟ ބައްޕަ އަކަށް ތިހެނެއް ނުހެދޭނެ.” މާޔާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ފަހަތުން މައިހާ އާއި މިންހާ ވެސް ދިޔަ އެވެ. އެމަންޒަރު ބަލަން ހުރެފައި މިންނަ ވެސް ހަނާ ގޮވައިގެން ހަނާގެ ކޮޓަރިއަށް ދިޔައެވެ.
މަލާމަތުގެ ހިނިތުންވުމަކާއި އެކު ޒައިދު ގޮސް މަރިޔަމް ކައިރީގައި ސޯފާގައި އިށީނެވެ. ރީހާން ރުޅިވެރި ނަޒަރަކުން ބަލަން ހުރެފައި ނުކުމެގެން ދިޔައެވެ. ފަސްފަހަތުން ކަހަލަ ގޮތަކަށް އަދިޔަން ވެސް ނުކުތެވެ. އާއިލީ މައްސަލައެއްކަމުން އެމީހުންނަށް ވަގުތު ދީފައި އަހުމަދު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
“އެއީ ކާކު؟” އިރުކޮޅަކުން ނުކުމެގެން އައި ވިއާމް އެހިއެވެ. އޭރު ރީހާން އާއި އަދިޔަން ގޯތިން ވެސް ނުކުނަނީއެވެ.
“އެއީ މައިހާމެންގެ ބޮޑުބޭބެ އެއް.” ރީހާން އޭރު ވެސް ހުރީ ރުޅިއައިސް ރަތްވެފައެވެ.
“އޭނާގެ މައްސަލައަކީ ކޮބާ؟” ވިއާމް އަނެއްކައި ވެސް އެހިއެވެ.
“ހިނގާ. ކިޔައިދޭނަން.” ރީހާން ބުންޏެވެ.
އެތިން ފިރިހެނުން ގޮސް ވަނީ ކެފޭއަކަށެވެ. މީހުން މަދު ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އެމީހުން އިށީނެވެ.
ـނުނިމޭـ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

