ލޯބި-43
“މިންހާ ގެއަށް ވަން އިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. މިންހާގެ އިސްތަށިގަނޑު ވަނީ ކުޑަކޮށް ތެމިފައެވެ. މަޑުމަޑުން ހިގައިފައި މިންހާ ކޮޓަރިއަށް ވަންނަން ދިޔައެވެ.*
“ކޮންތާކުން؟” ފަހަތުން އިވުނީ ރީހާންގެ އަޑެވެ. މިންހާ ސިހިފައި މަޑުމަޑުން އެނބުރުނެވެ. އޭރު ރީހާން ހުރީ ދެބުމަ ގޮއްޖަގައިލައިގެންނެވެ.
“ބޭރުން.” މިންހާ މަޑުމަޑުން ބުންޏެވެ.
“ގަޑިން ވީއިރެއް އެނގޭތަ؟”
“ދެއެއް ޖަހަނީ.” ބަސްއަހާ ކުޑަކުއްޖެއް ފަދައިން މިންހާ ޖަވާބުދިނެވެ.
“މިހާ ލަސްވަންދެން ކޮންތާކު އުޅުނީ؟” ސުވާލަކަށް ފަހު ސުވާލެއް ރީހާން ކުރަމުން ދިޔައެވެ.
“ބީޗުގަ.”
“ބައްޕަ އަށް އެނގިޖެއްޔާ ރުޅި އަންނާނެކަން އެނގޭތަ؟”
“ސޮރީ. ދެން ނުދާނަން އެހާ ލަހަކުންނެށް.”
“މިންހާ ލަހުން ދިޔައީމަ އެކަންޏެއް ނޫން މައްސަލައަކީ. ނާއިލް އާއި އެއްކޮށް ދިޔައީމަ. މިހާރު ބައްޕަ އެއްފަހަރު އެވާހަކަ ދައްކައިފި.” ރީހާން ހުރީ ހިތްހަމަނުޖެހިފައެވެ.
“ހަނދާން އެބަހުރި. ދެން ނުދާނަން. ބައްޕަ ކައިރީ ނުބުނާތި.”
“ބައްޕަ ކައިރީ ބުނާކަށް ނޫޅެން. މިންހާ އާއި ދޭތެރޭ ވިސްނޭތީ ބުނެވެނީ. ދެންދޭ ނިދަން. އެކަމަކު ދެންފަހަރަކުން ބުނާނަން.”
މިންހާ މަޑުމަޑުން ހިގައިފައި ގޮސް ކޮޓަރިއަށް ވަނެވެ.
މިންހާ އާއި މާޔާ ހޮސްޕިޓަލަށް ދާން ނުކުން އިރު މިންނަ އިނީ ބޭރު ކޮފީ ޓޭބަލް ދޮޒުގައިގައި ވާހަކަ ފޮތެއް ހިފައިގެންނެވެ.
“މިންނަ. ކިހިނެއް؟” މާޔާ އަހައިލިއެވެ.
“ރަނގަޅު. ހޮސްޕިޓަލްއަށްތަ ތިދަނީ؟” މިންނަ ފޮތް ތިރިކޮއްލަމުން ބުންޏެވެ.
“އާނ. މިންނަ ހަނދާން ކޮށް ޗެކް އަޕް އަށް އަންނާތި.” މާޔާ ހަނދާން ކޮށްދިނެވެ.
“އޯހ ނޯ. މިންނަ މިއިނީ ހަނދާން ވެސް ނެތިފަ. މިދަނީ ރެޑީވާން.” މިންނަ އަވަސް އަވަހަށް އެތެރެއަށް ވަނެވެ.
“މިންހާ މަޑުކޮބަލަ.” އެވަގުތު ނުކުމެގެން އައި ރީހާން ގޮވައިލި އެވެ.
“މިންހާ ރޭގަ ބޭރަށް ދިޔަކަން ބައްޕަ އަށް އެނގޭ. އަހަރެންނެއް ނުބުނަން. ބައްޕަ އައިސް އަހަރެން ކައިރީ ބުނީ. ވިސްނައިގެން އުޅޭތި. ބައްޕަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި.” ރީހާން ބުންޏެވެ.
މިންހާ ވަކި އެއްޗެއް ނުބުނެ ނުކުންނަން ދިޔައެވެ. މާޔާ ވެސް ފަހަތުން ދިޔައެވެ.
“އޭރު ވެސް ބުނީމެއްނު ނުދާށޭ.” މާޔާ މަޑުމަޑުން މިންހާގެ ކަންފަތް ދޮށުގައި ބުންޏެވެ.
“އަހަރެން ނުދެކެމޭ ބައްޕަ އެއް. އެހެން ނޫނަސް އަހަރެން ދިޔައީ އެކަނި.”
“ހިމް. އެކަމަކު ވެސް…ދެން އަޅާނުލާ. މިހާރު އަހަރެން ދޮންތިގެ ވެޑިން އަށް އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެ.”
“ސާބަސް. އަދި އެކަން ވެސް ވާނެ.”
“ކޮން އިރަކުންތަ؟ އަހަރެން މިހާރު އަހަރެންގެ ހެދުން ފަހާނެ ގޮތް ވެސް ޑިސައިޑް ކޮއްފިން.” މާޔާ އޭނާގެ ފޯނުން ހެދުންތަކެއްގެ ފޮޓޯ ތައް ދައްކަން ފެށިއެވެ.
“މަގޭ އެކުވެރި އެއް މިރަށަށް އައިސްލަން އުޅެނީ. އެމީހުން ހުންނަން ގެއެއް ހޯދަން ވެސް ވެއްޖެ.” ނަދީމް ވާހަކަ ދެއްކީ ހަސަން އާއި އެވެ.
“އެކީއްކުރަން ގެއެއް ހޯދަނީ؟ މިގެ ކުޑައީތަ؟ ކިތައް ކޮޓަރި ހުހައް އެބަހުރި؟ އެކުވެރިންއެއް އަންނަންޏާ މިގޭގައި ބަހައްޓާބަލަ. ކިތައް މީހުން އަންނަނީ؟ ކޮންއިރަކުން އެމީހުން އަންނަނީ؟”
“އޭނަ އާ އޭނާގެ ދަރި އެއް އަންނަނީ. ހަފްތާ އެއް ތެރޭގައި އަންނާނެ ކަންނޭނގެ. ވަރަށް ބޮޑު ކޮންސްޓްރަކްޝަން ކޮމްޕެނީއެއްގެ ވެރި އެއް އެއީ. މިރަށުގަ އޭނާ ގެސްޓް ހައުސް ތަކެއް އަޅަން ބޭނުންވަނީއޯ. އެހެންވެ ބަލާލަން އަންނަނީ.” ނަދީމް ކިޔައިދިނެވެ.
“ވަރަށް ރަނގަޅައް ތިޔަވީ. ރަށައް ވެސް ކުރިއެރުމެއް ލިބޭނެ.”
ހަފްތާ އެއްހައި ދުވަސް ފަހެވެ. ނަދީމްގެ އެކުވެރިޔާ އައެވެ. ހަސަން އެދުނު ފަދައިން އެމީހުން ތިބީ އެގޭގައެވެ.
އެއްރެއެވެ. މާޔާ ނުކުތީ ފެންބޮވައިގަނެގެންނެވެ. ކޮޓަރީގައި ހުރި ފެންފުޅީގައި ފެން ނެތުނުން މާޔާ ދިޔައީ ބަދިގެއަށެވެ. ކޮޓަރިއަށް ދާން އެނބުރިލި ތަނާ ކޮންމެވެސް މީހެއް ގައިގައި މާޔާ ޖެހުނެވެ.
މާޔާ އިސް އުފުލައިލައި ބަލައިލި އެވެ. ރާޅުބާނީ އިސްތަށިގަނޑު ބޮލެވެ. އިސްކޮޅުން ދިގު ފިރިހެންވަންތަ ހަށިގަނޑަޑެކެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު މާޔާގެ ހިތަށް ފިނިވި އެވެ. މަޑު މުށިކުލައިގެ ދެލޮލެކެވެ.
“ސޮރީ…” މާޔާ އަވަސް އަވަހަށް ދުރައްޖެހިލި އެވެ.
“އައިމް ސޮރީ. އަހަރެން މާ ކައިރީގަ ހުރީ.” އެމީހާ ބުންޏެވެ.
އަންހެން ކުދިންގެ ހިތަތަކާ ކުޅިލާ ފަދަ ބަރު އަޑެކެވެ.
“އަހަރެން މީ އަދިޔަން. ތީ؟” ދެން ވެސް ވާހަކަ ދެއްކީ އަދިޔަން އެވެ.
“މާޔާ.”
“ހަސަންބެ ގެ ކުއްޖެއް ދޯ؟” ހިނިތުންވެލަމުން އަދިޔަން ބުންޏެވެ.
“ހިމް. އަދިޔަން މިގަޑީ މިތާ ކީއްކުރަނީ؟ ކަމެއް ބޭނުންވީތަ؟”
“ނުނިދިގެން ނުކުމެލީ. މާޔާ ކީއްކުރާނީ؟” އަދިޔަން ބުނީ ސީދާ މާޔާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
“ފެން ބޮވައިގަނެގެން ނުކުތީ.” އަތުގައި އޮތް ފެންފުޅި ދައްކައިލަމުން މާޔާ ބުންޏެވެ.
“މިންހާ އަކީ މާޔާގެ ދައްތަ ދޯ؟” އިރުކޮޅެއްގެ ހިމޭން ކަމަށްފަހު އަދިޔަން ބުންޏެވެ.
“އާނ. ކިހިނެއްވީ؟” ސުވާލުން ފުރިގެންވީ ނަޒަރަކުން އަދިޔަން އަށް ބަލައިލަމުން މާޔާ އަހައިލި އެވެ.
“ކަމެއްނުވޭ. މިންހާ އަށް ކިތައް އަހަރު؟” އަދިޔަން އަނެއްކާ ވެސް އަހައިލި އެވެ.
“ކީއްވެ ދޮންތި އާއި ބެހޭ ގޮތުން ސުވާލު ކުރަނީ؟” އިރުކޮޅަކު އަދިޔަން އާއި ދިމާލަށް ބަލަން ހުރެފައި މާޔާ އަހައިލި އެވެ.
“ހަމަ އަހާލީ. ދެން ބުނަން ބޭނުން ނުވަންޏާ އަޅާ ނުލާ.”
“ނުބުނާކަށް ނޫން. އަދިޔަން ދޮންތިގެ މައުލޫމާތު ހޯދަން އުޅޭތީ.”
“އަސްލު މިންހާ އަކީ ވަރަށް ރަނގަޅު ކުއްޖެއް.” ނޫން ގޮތަކަށް އަދިޔަން ބުންޏެވެ.
“ތިކަހަލަ ވިސްނުމެއް ހުރިހާ ހަނދާން ނައްތާލާ.”
“ކީއްވެ؟”
“ދޮންތި އެއުޅެނީ ނެކްސްޓް މަންތް ގަ މެރީ ކުރަން.”
“އެހެންތަ؟ އޭގެ ފަހުން މާޔާ ދޯ؟”
“ނޫން. އަހަރެން ކިޔަވާ ނިންމައިގެން އެކަމާ ވިސްނާނީ ވެސް.”
“ހިމް. އެހެން ވީރު ހިތް އެދޭ ކުއްޖެއް ހުންނާނެ ދޯ؟”
“ނޫން. އަދި އަހަރެންނަށް ކަމުދާ ކަހަލަ މީހަކާ ދިމައެއް ނުވޭ.”
“އޯހ. އަހަރެން މިދަނީ ނިދަން. މާޔާ ވެސް ދެން ދޭ ނިދަން. ގުޑް ނައިޓް.” ކާމިޔާބީގެ ހިނިތުން ވުމަކާއި އެކު އަދިޔަން އެތަނުން ދިޔަ އެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ހިތްފަސޭހަ ވައި ޖެހެމުން ދިޔަ އެވެ. މިންހާ އާއި މާޔާ ތިބީ ގޯތިތެރޭގައެވެ.
“މިތާ ކީއްކުރަނީ؟” އިރުކޮޅަކުން މައިހާ އައެވެ. ފަހަތުން ހަނާ ވެސް އައެވެ.
“ކަމެއް ނުކުރަން. ހަމަ ތިބީ.” މިންހާ ބުންޏެވެ.
މައިހާ އާއި މިންހާ އަދި ހަނާ އެކި ވާހަކަތައް ދައްކަމުން ދިޔަ އިރު މާޔާ އިނީ ހިޔާލަކަށް ގެއްލިފަ އެވެ.
“މީނާ މިއަދު މިއިނީ ކިހިނެއް ވެފަތަ؟” މާޔާގެ ހަމަ ހިމޭންކަން ފާހަގަވެ މައިހާ ބުންޏެވެ.
“އަނެއްކާ ކޮން ހިޔާލަކަށް ގެއްލިފަ؟” ހަނާ މަޑުމަޑުން މާޔާގެ ކޮނޑުގައި ޖަހައިލިއެވެ.
“ކީކޭ؟” މާޔާ ސިހުނެވެ.
“ކަމެއް ވީތަ؟ މީހަކު އެއްޗެކޭ ބުނީތަ؟” މައިހާ އަހައިލި އެވެ.
“ނޫން. ކިހިނެއްވީ؟” މާޔާ ބުންޏެވެ.
“މާ ފާޑަކަށް އިންނާތީ.” މިންހާ ބުންޏެވެ.
“ހެހެ. އެއްވެސް ކަމެއް ނުވޭ.” މާޔާ ހަމަޖެހިލަމުން ބުންޏެވެ.
އެވަގުތު ނަދީމް އާއި އެކު އޭނާގެ އެކުވެރި އަހުމަދު ނުކުތެވެ. ފަހަތުން އަދިޔަން ވެސް ނުކުތެވެ. އަދިޔަން މާޔާ އަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮއްލި އެވެ. ރައްދުގައި މާޔާ ވެސް ހިނިތުންވެލިއެވެ. އަދިޔަން ގޮތިން ނުކުމެގެން ދާންދެން މާޔާ ހުރީ ބަލަހައްޓައިގެންނެވެ. މައިހާ އާއި މިންހާ އަދި ހަނާ އަށް ވެސް އެކަން ފަހަގަ ކުރެވުނެވެ.
“ކީއްވެ ފާޑަކަށް ހިނިއައިސްފައި ތިބަލަނީ؟” މައިހާ އާއި މިންހާ ބަލަން ތިބި ގޮތުން މާޔާ އަހައިލި އެވެ. ހަނާ އިނީ ނުހޭން އަނގަމަތީ އަތް އަޅައިގެންނެވެ.
“ދެން ބުނެބަލަ އަހަރެމެން ކައިރީ ވެސް.” މައިހާ ސަމާސާގެ ރާގެއްގައި ބުންޏެވެ.
“ކޮންއެއްޗެއް؟” މާޔާ އަށް މައިހާ ބުނި އެއްޗެއް ނޭނގުނެވެ.
“އަދިޔަން.” މައިހާ ބުންޏެވެ.
“އަދިޔަން ކިހިނެއްވީ؟” މާޔާ މޫނުމަތީ ސުވާލު މާކެއް ޖަހައިގެން ހުރެ އެހިއެވެ.
“ހިމް. ދެން އެނގޭ ކަމަކަށް ނުހަދާނެ. ބައި ދަ ވޭ އަދިޔަން ހަޑިއެއް ނޫން.” މިންހާ ހެމުން ބުންޏެވެ.
“ކީކޭތަ ތިކިޔަނީ؟” މާޔާ ބުންޏެވެ.
“މާޔާ. ތިހާ އެކްޓް ބޮޑު ކުރިޔަސް ހެވޭ. އަހަރެމެންނަށް އެނގެއޭ. ރޭގަ ދެމީހުން ކޮން ވާހަކަ އެއް ދެއްކީ؟” މިންހާ އަހައިލި އެވެ.
“ކާކު؟ ކޮން އިރަކު؟” މާޔާގެ މޫނު ރަތްވި އެވެ.
“މިއަދު ހެދުނު އަދިޔަން ބުނި ރޭގަ މާޔާ އާއި ވާހަކަ ދެއްކީމޭ.” މިންހާ ބުންޏެވެ.
“އާނ…އެއީ…ރޭގަ ފެން ބޮވައިގަނެގެން ނިކުން ގަޑީ އަދިޔަން އާއި ދިމާވީ…” މާޔާގެއަޑު ނިކުތީ އުނދަގުލުންނެވެ.
“ދަންވަރު އެންމެން ނިދީމަ މީޓް ކުރަން ނުކުންނަނީ ދޯ.” މިންހާ ލާނެތް ރާގެއްގައި ބުންޏެވެ.
“އެކަހަލަ އެއްވެސް ކަމެއް ނުވޭ. އަހަރެން ނުކުން ގަޑި އަދިޔަން ފެނުނީ.” މާޔާ ގާތަށް ރުޅި އައެވެ.
“ހިމް. އެނގެއޭ.” މިންހާ ހުރީ މަޖާ ވެފަ އެވެ.
“ދޮންތީ ހުއްޓާލާ!” މާޔާ މިންހާ ގައިގައި ބޮނޑިއެއް އަޅަން އުޅުނެވެ.
މިންހާ ދުއްވައިގަތެވެ. މާޔާ ވެސް މިންހާ ފަހަތުން ދުއްވައިގަތެވެ. މައިހާ އާއި ހަނާ ވެސް މަޖާވެފައި ބަލަން ތިއްބެވެ.
ކުއްލިއަކަށް ގެއިން ނުކުމެގެން އައި ހަސަން ފެނިފައި މިންހާ އާއި މާޔާ ހުއްޓުނެވެ.
“މިހާރު ކިހިނެއްވީ؟” ހަސަން އަހައިލި އެވެ.
“ކަމެއްނުވޭ.” މާޔާ އާއި މިންހާ އަށް ބުނެވުނީ އެކު އެކީގަ އެވެ.
“މަގޭ ދަރިން ދުވަހަކު ބޮޑު ނުވާނެ.” ހަސަން ކުދިކިޔަމުން ނުކުމެގެން ދިޔަ އެވެ.
“ދޮންތީ ފަހު ފަހަރަށް މިބުނަނީ. ހުއްޓާލާ.” މާޔާ ބުންޏެވެ.
އެދުވަހުގެ ހަވީރުގެ ވަގުތެވެ. މާޔާ ރީތިވެގެން ނުކުތީ ބޭރައް ދިއުމަށެވެ. މަޑު ފިޔާތޮށި ކުލައިގެ މަތިކޮޅަކާއި ހުދު ކުލައިގެ ޖިންސް އެއްގައި އޭނާ ފެންނަލެއް ނަލަ އެވެ.
“ހޭއި.” ފަހަތުން އިވުނީ އަދިޔަންގެ އަޑެވެ.
މާޔާ ވަގުތުން ބަލައިލިއެވެ. އޭރު އަދިޔަން ގެއިން ނުކުމެގެން އޭނާ ކައިރި އަށް އަންނަނީ އެވެ. ކަޅުކުލައިގެ އަތް ދިގު ޓީޝާޓަކާއި ކަޅު ޖީންސެއް ލައިގެންހުރި އިރު އަދިޔަން ފިރިހެން ވަންތަ އެވެ.
“ކޮންތާކަށް ތިދަނީ؟” އަދިޔަން އައިސް މާޔާ ކައިރިއަށް ހުއްޓިލަމުން އެހިއެވެ. އޭރު ވެސް މާޔާ އަށް ހުރެވުނީ ކަޅި ޖަހައި ނުލައި އަދިޔަން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Mi paatuves varah reethi
Thank you 😊