ގާތުގާ… 49
ހަށިގަނޑު ތެދުކޮށްލަމުން އަހަރެން އަނގޮޓި ލައިފައިވާ މަޙުމާކުޑަ ކުޑަފޮށި ޖީބުން ނެގީމެވެ. އެ ފޮށި ހުޅުވައިލަމުން ޒާނާގެ މޫނާއި އެއްހަމައަށް ގާތް ކޮށްލައި ދައްކައިލީމެވެ. އެ ހިނދު ފޮށީގެ މެދުގައި އިން ޖަވާހިރުލީ ރިހި އަނގޮޓި ހަނދުވަރުގެ އަލީގައި ވިދައި ބަބުޅައިގަތެވެ. އެއާއިއެކު ޒާނާގެ ދެލޯ ބޮޑުވެގެން އައެވެ
*****
އިތުރު ބަހެއް އަހަރެން ބުނުމަކާއި ނުލައި އަހަރެންގެ އެދުން ޒާނާ ދެނެގަތެވެ. އެ ދެލޮލުގައިވީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކުގެ ތެރެއިންވެސް ޒާނާގެ ތުންފަތުގައި ކުރެހުނު ހިނިތުންވުން އެ ފަނޑު ހަނދުވަރުގެ އަލީގައި ފެނުމުން އަހަރެންގެ މޭގައި ފިނި އަތަކުން ފިރުމައިލިހެން ހީވިއެވެ. ޖަވާބުވެސް އެ ހިނިތުންވުމުން އަހަރެންނަށް އެނގިގެން ދިޔައެވެ. އެ މޫނުމަތިން ފެނުނު އުޖާލާކަން އަހަރެންގެ ހިތަށް ދިރުމެއް ގެނެސް ދިނެވެ.
” ޒާނާ…. މިއީ އެންމެ ރޮމައިންޓިކް ގޮތަށް ނުވެވެސް ދާނެ މި ސުވާލު ކުރަން…..” ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިން ޒާނާގެ މޫނަށް ގޯނާ ކުރަންފެށި އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް އެއްއަތުން ލައްވައިލަ ދެމުން އަހަރެން ބުނީމެވެ.
” އަހަރެންގެ ހިތުގައިވީ ސުވާލު ޒާނައަށް އެނގޭ ފަދައިން އަހަރެންނަށް ޒާނާގެ ޖަވާބުވެސް އެނގޭ… އެކަމަކު ތި ދުލުން ބުނެލާ އަޑު އަހަން ބޭނުން ވަނީ….” އަހަރެން ޒާނާއާއި ހަތަރުކަޅި ހަމަކޮށްލީމެވެ. އެ ދެލޮލުގައި އުފެދެންފެށި އުފާވެރިކަމުގެ ކަރުނައިން ތިއްކެއް އެ ދޮން ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ސޮހުނީ އެވަގުތުއެވެ. އަޑުބޭރުވެދާނެތީ އަނގަމަތީގައި އަތް އަޅަމުން ރޮވިފައި ހުރެ ޒާނާ އަވަސް އަވަހަށް ބޯޖަހައިލިއެވެ.
” ޔެސް…. ޔެސް ޔެސް ޔެސް ޔެސް…..” އެންމެ ފަހުން ކެތް ނުވެގެން ބުނެލާ ފަދަ ގޮތަކަށް އަހަރެންގެ ކޮނޑަށް އަތް އެއްލަމުން އަހަރެންގެ ގައިގާ ނުހަނު ބާރަށް ބައްދައިލަމުން ޒާނާ އެތަށް ފަހަރަކު ބުންޏެވެ. އެ އަޑުގައިވީ އުފާވެރިކަމުން އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ހިނިތުންވެ ހުރެ އުފަލާއިއެކު ޒާނާގެ ގައިގާ އަހަރެން ބައްދައިލީ ދެން ދުވަހަކުވެސް ދޫކުރަން ބޭނުން ނުވާފަދަ ގޮތަކަށެވެ. އަހަރެންގެ ގައިގާ ބައްދައިގެން ހުރިވަރުން ޒާނާ މިކަމަށް ބޭނުންވެފައި ހުރިވަރާއި ޒާނާ އުފާވެފައި ހުރި ވަރު ދިޔައީ ހާމަވެ ފެންނަމުންނެވެ. އެކަމުގެ ސަބަބުން އަހަރެންނަށް ލިބެމުންދިޔަ ހިތްހަމަޖެހުން ދިޔައީ ބޮޑުވަމުންނެވެ. އަހަރެންގެ ފަރާތުން ޒާނާއަށް އުފާތަކެއް ހާސިލްވަމުންދާތީ އަހަރެން ހުރީ ނުހަނު އުފާވެފައެވެ. އެތައް ދުވަހަކަށްފަހު އެތައް އަހަރުތަކެއްގެ އަނިޔާއަށްފަހު ޒާނާއަށް އަދި ޒާނާގެ ހަޔާތަށް ދެން އަންނަން އޮތީ ހުސް އުފާވެރިކަމުގެ ދުވަސްތަކެވެ. އެ އުފާތައް ޒާނާއަށް ދޭނެ މީހަކީ ހަމައެކަނި އަހަރެންނެވެ.
އެ ރީތި އަތްތިލައިގައި އަނގޮޓި އަޅުވައިދި ވަގުތު ޒާނާގެ އުފާވެރިކަން ދެގުނައަށް އިތުރުވިއެވެ. ކަރުނައިގެ ތެރެއިންވެސް ނުފިލާ ހުރި ހިނިތުންވުން އަހަރެންގެ ހިތާއި ކުޅެލިއެވެ. ކުޑަކުއްޖެއް ފަދައިން ފުންމައިލަމުން އަނެއްކައިވެސް ޒާނާ އަހަރެންގެ ގައިގާ ބައްދައިލިއެވެ.
” ނަވީން…. ތެންކިއު…..” މާނަފުން ގޮތަކަށް އަހަރެންގެ މޫނަށް ބަލައިލަމުން ޒާނާ ބުނެލިއެވެ.
” ޔުއާރ ވެލްކަމް….” އަހަރެން ޒާނާގެ މޫނުގައި އެއްއަތުން ހިފައިލަމުން ހިނިތުންވެ ހުރެ ބުނީމެވެ.
” ވަރަށް އުފާ ވެއްޖެ މިރޭ…. ހިއެއް ނުކުރަން ޕްރޮޕޯސް ކުރަން ކަމަކަށް ތި ގެނައީ…..” ޒާނާ ހިނިތުންވެލަމުން އަހަރެންގެ މޭގައި ބޯ އަޅައިލިއެވެ.
” ހިއެއް ނުކުރަން މިހާ އަވަހަށް މިދުވަސް ފެންނާނެ ކަމަކަށްވެސް…. ” ޒާނާ މަޑުމަޑުން ބުނެލިއެވެ. އެހެން ހުރެގެން މާޒީ ހަނދައިން ކޮށްލީކަން އަހަރެންނަށް ޒާނާ ވާހަކަ ދެއްކި ރާގުން އެނގުނެވެ.
” ޒާނާ…. ވެދިޔަތަން މަތިން ހަނދައިން ނައްތާލާ… އެއީ ނުވާ ކަމަކަށް ހަދާލާ… އަހަރެން މިހުރީ ޒާނާއާއި އެކުގަ ހަޔާތުގެ ދުވަސްތައް ވެއަތު ކުރަން ތައްޔާރަށް… އެނގޭ ޒާނާވެސް ބޭނުންވަނީ އެގޮތްކަން… އަހަރެން ޒާނާދެކެ ވާ ލޯބި ސާބިތު ކޮށްދިނުމުގައި ދެމި ހުންނާނަން….މާޒީ ހަނދާން ކޮށްގެން މުސްތަޤުބަލްގެ އުފާވެރިކަން އަނދާ އަޅިޔަށް ހެދުމުގެ ބޭނުމެއް ނެތޭނުން… މި އުފާވެރި ރޭ އަހަރެން ބޭނުންވަނީ ޒާނާ ވަރަށް އުފާވެފައި ހުންނަތަން ދެކެން…. އިރާދަކުރެވިއްޔާ ޒާނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަކަ ނުދޭނަން… ދުވަހަކުވެސް ހިތުގަ ޖެހޭފަދަ ކަމެއް ނުކުރާނަން….” އަހަރެން ޒާނާ ގަޔާއި ދުރުކޮށްލަމުން ޒާނާގެ ދެލޮލަށް ބަލަން ހުރެ ހިތުގެ ފަސާނާ އިއްވީމެވެ. އެ ހަނދުވަރާއި، އެ ނަލަ ނަލަ ހަނދުވަރުން ކަނޑުގެ ލޮނުގަނޑަށް އެޅިފައިވީ ރިވެލި އަހަރެންވީ ވަޢުދެއް ކަމަށް ހެކިވާނެއެވެ. ޒާނާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.
” މަންމަ ކައިރިން ހުއްދަ ހޯދައިން ހަމަ މިހެންވެ ދޯ މިރޭ އަހަރެން ތި ގެނައި…” އިސާހިތަކު ލާނެތް ހިނިތުންވުމެއް ދެމުން ޒާނާ އަހައިލައިފިއެވެ.
” ޔެސް ހަމަ މިހެންވެ….. ކަޑަ….؟” އަހަރެންވެސް ހިނިތުންވެލަމުން އަހައިލީމެވެ.
” ނޫން…. ވަރަށް ހިތްހަމަޖެހޭ…. މި މާހައުލު ވަރަށް ހިތްގައިމު…. އަސްލު ރޮމައިންޓިކް ވާންވެސް އެނގެޔޭނުން އެހެންވީމަ…………” ޒާނާ މުޅި މާހައުލަށް ނަޒަރެއް ދެމުން ބުނެލިއެވެ.
” އާކިފްގެ ހިޔާލެއް މިއީ އަސްލު މިތަން މިގޮތަށް، މި ވަގުތުވެސް…..” އަހަރެން ބުނެލީމެވެ.
” އާކިފް……..؟” ސުވާލު އުފެދިފައި އަހައިލިއެވެ.
” އަހަރެންނާއިއެކު ފެނެޔޭނުން ވަރަށް ގިނައިން މީހެއް…. އޭނަ…” އަހަރެން ޒާނާއަށް އެއީ ކާކުކަން ބުނެދިނީމެވެ.
” އޯހް…..” ޒާނާ ބުނެލިއެވެ.
” ޒާނާ ކޮން ދުވަހަކުން މެރީ ކުރަން ބޭނުން ވަނީ….؟” އަހަރެން ޒާނާގެ ހިޔާލެއް ބޭނުން ވެގެން އަހައިލީމެވެ..
” އައްދޭ… ހާދަ ކެތްތެރިކަމެއް ނެތޭ ދޯ…..” ޒާނާ ދިމާކޮށްލިއެވެ.
” އަސްލުވެސް….” މަސްތީ ގޮތަކަށް އަހަރެން ޒާނާއާއި ހަތަރުކަޅި ގުޅައިލަމުން ބުނީމެވެ. ޒާނާ ރަކިވެގެން އިސްޖަހައިލިއެވެ.
“ދެމަސްވަރު ފަސް އޯކޭތަ….؟” ޒާނާ އަހައިލިއެވެ.
” އުމްމްމްމްމ…… އަހަރެން ބޭނުން މިހާރު މިވަގުތުވެސް ޒާނާ އަހަރެންގެ މީހަކަށް ހަދަން.. އެކަމަކު އެހައިތަނަށް ކެތް ކުރާނީ ދޯ….” އަހަރެން ހިނިތުންވެލަމުން ބުނީމެވެ. ޒާނާ އަހަރެންގެ ސަމާސާއަށް ހީލަމުން އަހަރެންގެ މޭގައި މަޑުމަޑުން ޖަހައިލަމުން ކުރިއަށް ހިނގައިގަތެވެ. އަހަރެންވެސް ޕަރުވާނާއެއް އޭގެ ހުޅުކޮޅާއި ދިމާއަށް ދާފަދައިން ޒާނާގެ ފަހަތުން މަޑުމަޑުން ދާންފެށީމެވެ.
” ނަވީން ބޭނުމީ ކޮންކަހަލަ ވެޑިންއެއް ބާއްވަން….؟ އަހަރެން ބޭނުން ބޮޑު ވެޑިން އެއް… އެހެންވެ ޓޫ މަންތްސް އޭ މިބުނީ… އޯކޭ ދޯ….” ކުރިއަށް ހިނގަމުން ކުޑަކޮށް ފަހަތް ބަލައިލަމުން ޒާނާ ބުނެލިއެވެ. އެމޫނުމަތީގައި ޝައުގުވެރިކަމުގެ އިންތިހާއާއި އުފާވެރިކަމުގެ ހުރިހާ ކުލައެކެވެ. އަހަރެންގެ ހިތުގައި ހިތްހަމަ ޖެހުމުގެ ހުރިހާ ރަހައެކެވެ.
” ޒާނާ ހަމަ ބޭނުން ގޮތެއް…” އަހަރެން ޒާނާގެ ފަހަތުން މަޑުމަޑުން ދަމުން ބުނީމެވެ.
” އަމްމްމް ކޮން ތީމަކަށް ހަދާނީ….” ޒާނާ ވިސްނައިލަމުން އަހައިލިއެވެ..
” ޒާނާ ބޭނުން ތީމަކަށް….” އަހަރެންގެ ހިނިތުންވުން ފުޅާވެގެން އައީ މިހައި އަވަހަށް ޒާނާ ކައިވެންޏާއި ދޭތެރޭގައި ވިސްނާން ފެށީމައެވެ. ޒާނާގެ އެ ސިފަ އަހަރެންނަށް ވަރަށް ކަމުދިޔައެވެ.
” ފްލޯރަލް ތީމަށް ކަންނޭނގެ ހަދަންވީ… އައި ލަވް ފްލާވާސް…. އެކަމަކު ނަވީން ހުންނަންވާނީ ފުލް ވައިޓްކޮށް އިގޭ…. އިނގޭ ނަވީން އެހާ ލައިކެއް ނޫން ކަންވެސް ކަޅުކުލަ ނޫން ކުލައެއް ލާކަށް އެކަމަކު އެދުވަހު އެކަނި….” ޒާނާ ކުރިއަށް ހިނގަމުން އަނެއްކައިވެސް ބުނެލިއެވެ.
” ޒާނާ ބުނެފިއްޔާ އެއްޗެއް ނުލައިވެސް ހުރެފާނަން….” އަހަރެން ހަމަ ގަސްތުގައި ޒާނާއާއި ސަމާސާ ކޮށްލީމެވެ.
“ދެން މީނަ ގަނޑު،……” ފަހަތަށް އެނބުރިލަމުން އަހަރެންގެ ގައިގާ ބޮނޑިއެއް އަޅަމުން ޒާނާ ބުނެލިއެވެ. އަހަރެންނަށް ހީލެވުނީ ޒާނާގެ މޫނަށް ވީގޮތް ފެނިފައެވެ. އަހަރެން ޒާނާ ގެނެސް އަތުތެރެއަށް ލަމުން ޒާނާގެ ކޮލުގައި ބޮސް ދިނީމެވެ.
” ޒާނާ….. ޒާނާ ބޭނުން ގޮތަކަށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދަންވި އިނގޭ… އަހަރެން ބޭނުމީ ޒާނާ… އެހެން އެއްވެސް ކަމެއް އެއްވެސް އެއްޗެއް ބޭނުމެއް ނޫން…. ޒާނާ ވެޑިންގެ ހުރިހާ ކަމެއް ރާވާ އިނގޭ…އަހަރެން ހުރިހާ ހަރަދެއް ކުރާނަން އިނގޭ.. ފައިސާއާއި ދޭތެރޭގައ ޒާނާ ނުޖެހޭނެ ވިސްނާކަށް އިނގޭ…. ތަންކޮޅެއް ބޮޑު ވެޑިންއެއް ކަންނޭނގެ ބާއްވަން ޖެހޭނީ.. އެއީ ބައްޕަވެސް ބޭނުންވާނެ މީޙުންނަށް ދައުވަތު ދޭން…. ” އަހަރެން ބުނީމެވެ.
” އޯކޭ….” ޒާނާ ވިސްނައިލަމުން ބުނެލިއެވެ.
” އަހަރެން ޒާނާއަށް ހެލްޕްވާން މީހަކު ހަމަޖައްސާނަން އިނގޭ…..” އަހަރެން ބުނީމެވެ.
” ކެތްކުރެވެނީއެއް ނޫން މިހާރު… އަދިވެސް ހާދަ ދިގު އިންތިޒާރެކޭ އަދިވެސް…..” އަހަރެން ޒާނާގެ މޫނާއި މޫނު ގާތް ކޮށްލަމުން ބުނީމެވެ.
“ކެތްތެރިވޭ…… ” ޒާނާ ސަކަ ގޮތަކަށް ބުނެލިއެވެ.
” ކެތްކުރި މީހާ ފުޅަށް ބުޑުގަ އޮވެ މަރުވީވެސް…. އެހެން ނުވިއްޔާ ކިތަންމެހައިވެސް ރަނގަޅު….” އަހަރެން އެއްލޯ މަރައިލަމުން ބުނީމެވެ.
” ދެން މީނަ….. ނުވެސް އިންނާނަން ތިހެން އުޅެންޏަކާ….” ޒާނާ އަހަރެން ކޮށްޕައިލަމުން ދުއްވައިގަންނަން އުޅުނެވެ.
” އެހެންތަ…؟'” އަހަރެން ހުޝިޔާރުކަމާއިއެކު ޒާނާގެ އަތުގައި ހިފައި ގެނެސް އަހަރެންގެ މޭގައި ޒާނާގެ ބުރަކަށި ތަތް ކޮށްލީމެވެ.
” ބުނީމޭނުން ދެން ދިޔަކަ ނުދޭނަމޭ…. ހަނދާން ނެތުނީތަ؟ ހަނދާން ކޮށްދެންތަ ތިއީ ހަމައެކަނި އަހަރެންގެ މީހެއްކަން….؟” އަހަރެން ހީލަމުން ޒާނާގެ ކޮނޑުމަތިން މޫނާއި މޫނު ގާތް ކޮށްލީމެވެ. ރަކިވެގެން ޒާނާ އިސްޖަހައިލިއެވެ. ދެން އަހަރެންގެ ހިތް ހިފެހެއްޓުން އަދި އޭގެ މަޤާމުގައި ބޭއްވުންވެސް ވީ އުނދަގު ކަމަކަށެވެ. އެއްއަތުން ޒާނާގެ މޫނުގައި ހިފައި އެއްފަރާތަކަށް އަނބުރައިލަމުން ޒާނާގެ ބަނޑުގައިހިފައި އަހަރެންގެ މޭގައި ޖައްސައިލީމެވެ. އެއާއިއެކު ހިތަށް އޮބި ނޯވެގެން އެ ތުންފަތުގައި ބޮސްދެވުނެވެ. އެ ރޭގެ ރީތިކަމާއި ހިތަގައިމުކަމާއި އަދި އެރެއަށް ވުރެން ޒާނާގެ ރީތިކަން އިތުރަށް ފުރިހަމަ ކަމުން ހިތަށް ކެތްނުވީއެވެ.
އަހަރެންގެ ސަމާސާއިން ރަތްވެގެން ދިޔަ ޒާނާގެ ތުންފަތް ފެނުމުން އިތުރަށް ބޭނުންވުން ނޫން ކަމެއް ނުވިއެވެ. ފާއިތުވަމުން ދިޔަ ވަގުތުތަކާއިއެކު ބެލުނު ބެލުނުހެން ދަހިވެތިކަން އިތުރުވަމުން ދިޔައެވެ. ނަމަވެސް އެވަރުން ފުއްދައިލީމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Vhk vrh reethi..
Keep it up… when’s next…
Curiously waiting for the next part…
Comment nukoh madu kohleee mi part aa hisaaabah kiyaafa comment kohlan..
Hehe..😅
Thankiu thidhey support ah.. Vaahaka kamudhaathi v hiyyhama jehihjje…
Konme Friday and Monday ehga new part eh nikunnaane ☺️
Kiyuntheringe hiyaalu hunna goeh engunyma vaahaka kuriah gendhan v faseyha vey, 😚