ގާތުގާ… 48
” މަންމަ ނިދައި ދާނެ މިހާރު….” ނަވީން ދޮރުކަނީގައި ދެއަތް ވިދެލަމުން އަހަރެންނާއި ދިމާއަށް ގުދުވެލަމުން ބުނެލިއެވެ.
” އެކަމަކުވެސް ހެޔޮ……” އަހަރެން މަޑުމަޑުން ނަވީންގެ މޭގައި އަތް އަޅައި ދޮރުން ބޭރަށް ކޮށްޕައިލަމުން ބުނީމެވެ.
” އޯކޭ އޯކޭ…..” ބަލި ގަބޫލު ކުރާފަދަ ހިނިތުންވުމެއް ދެމުން ނަވީން ލިފްޓާއި ދިމާއަށް ހިނގައިގަތެވެ.
********
**********
ޗެޕްޓާ 16
ނަވީން
ހަވީރުގެ ހިތްގައިމު ވަގުތު ދުނިޔެ މައްޗަށް ދީފައިވާ އިރުގެ ޗާލު ރަން ދޯދިތައް އަހަރެންގެ ފުރަގަހުގައި ހުރި ބިއްލޫރިގަނޑުން ފުރޭނިގެން އައިސް މުޅި ކެބިންއަށް ވަނީ ހިތްގައިމު ކަމެއް ވެރިކުރުވާފައެވެ. މޭޒު ކައިރީގައި އިނދެ އަހަރެން ވަތްގަނޑެއް ދަމައިލުމާއިއެކު ކަޅުކުލައިގެ ކުޑަކުޑަ މަހުމާ ފޮއްޓެއް ނެގީމެވެ. އެ ފޮށި ހުޅުވައިލުމާއެކު ވިދައި ބަބުޅަން ފެށި ޖަވާހިރުލީ އަނގޮޓިއަށް ބަލަހައްޓައިގެން އަހަރެން އިނީމެވެ. އެ އަނގޮޓީގެ ދާއިމީ މަޤާމާއި ހަމައަށް ވާސިލުވުމަށްޓާކައި އަދި ބަރާބަރު ހަތަރު ގަޑިއިރު އެބައޮތެވެ. އަހަރެން އަދި ހަތަރު ގަޑިއިރުގެ ދިގު އިންތިޒާރެއް ކުރަން އެބަ ޖެހެއެވެ.
މިދުވަހަށްޓަކައި އަހަރެން ކިހައި ދިގު އިންތިޒާރެއް ކުރަން ޖެހުނު ހެއްޔެވެ؟ އެތައް ރެއެއްގެ ނިދި މި ދުވަހުގެ އިންތިޒާރުގައި އަހަރެން ނަގާލީމެވެ. އެތަށް ހުވަފެންތަކެއް މިދުވަހަށްޓަކައި އަހަރެން ދެކުނީމެވެ. އެތަށް ފޮނި އުއްމީދުތަކެއް ދެކުނީމެވެ. އެތައް ދުވަހަކަށްފަހު މިއަދު މި ނިންމުން ނިންމަން އަހަރެން ބޭނުންވީ ޒާނާއާއި ވަކިވުމަށް އަހަރެން ބޭނުން ނުވާތީއެވެ. މުޅި އުމުރަށް ހަމައެކަނި އަހަރެންގެ މީހެއްގެ ގޮތުގައި ޒާނާ ބަހައްޓަން ބޭނުންވާތީއެވެ. އޭރުގަވެސް އަދި މިހާރުވެސް އަހަރެން ހަމައެކަނި ލޯބިވި ފުރާނައަކީ ހަމައެކަނި ޒާނާ ކަމުގައި ވާތީއެވެ. އަހަރެންގެ ފުރިހަމަ ނުވާ ދިރިއުޅުމާއި އެ ދިރިއުޅުމުގައިވީ ފަޅުކަން ފިލުވައިލަ ދެވޭނީ ހަމައެކަނި ޒާނާއަށް ވާތީއެވެ. އަހަރެންގެ ހަލަބޮލި ދިރިއުޅުމަށް އަހަރެން ބޭނުންވާފަދަ އަރާމާއި ހަމަހިމޭންކަމެއް ލިބެނީ ހަމައެކަނި ޒާނާގެ ކިބައިން ވީމައެވެ. އަދި އަންބަކު ގައިގާ އަހަރެން ހުންނަން ބޭނުންވާފަދަ ހުރިހާ ސިފައެއްވެސް ޒާނާގެ ގައިގާ ހުރީމައެވެ.
ދިގު އިންތިޒާރަކަށް ނިމުމެއް އަންނަން އުޅޭތީ ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ނޭނގޭ ފަދަ ފޮނި ކަމެކެވެ. ޒާނާގެ ފަރާތުން ފެހި ސިގުނަލެއް ލިބިފައިވީތީ އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން އަހަރެންނަށް ފުރުސަތެއް މިފަހިވީ އަދި އޭގެ ދެހަފްތާ ފަހުންނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ޒާނާއާއި އަދި ޒާނާގެ މަންމައާއި އޮތް ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ބަދަހި ވެފައެވެ. އަހަރެންނާއި ޒާނާގެ ދެމެދުގައި އޮތް ގުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ބުނެދޭން ނޭނގޭހާ ބަދަހިވެ ވަރުގަދަ ވެފައެވެ. އަހަރެންނާއި އެކުގައިވާ ވަގުތުތަކުގައި ޒާނާގެ ފުށުން ފެންނަން ފެށި ހިތްހަމަޖެހުމާއި އުފާވެރިކަން އަހަރެންގެ ހިތަށް ލިބެންފެށި ފިނި ކަމަކަށް ވިއެވެ. ކުރީގެ ޒާނާ އިޔާދަވާން އުޅޭފަދައެވެ. ހީނުކުރާހާ އަވަހަށް އިތުބާރު ލިބެން ފެށުމުން ހިތަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ. ދިރިއުޅުމުގެ މި ބޮޑު ނިންމުމަށް އަހަރެން ކުރިމަތި މިލަނީ ޒާނާގެ ފުށުން އަހަރެންނަށް އަހަރެންގެ ދިރިއުޅުމުގައި ކާމިޔާބީއާއި ލޯތްބާއި އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދުގައެވެ.
ބަރާބަރު އަށެއް ޖެހިއިރު އަހަރެން ޒާނާގެ އެޕާޓުމަންޓުގެ ބެލް އަޅައިލީމެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ ހިތުގެ މަލިކާ ދޮރު ހުޅުވައިލިއެވެ. ލޭ ރަތް ކުލައިގެ ކަށިމައްޗާއި ހަމައަށް ހުރި ހެދުމުގައި ޒާނާ ފެންނަނީ ފޮޅިފައި އިން ރަތް ފިނިފެންމަލަކަށް ވުރެންވެސް ފުރިހަމަކޮށެވެ. ދިގު އިސްތަށިގަނޑު އޭގެ މިނިވަން ކަމަށް ދޫކޮށްލެވިފައި ވީއިރު ކޮށްފައިވާ ލުއި މޭކަޕުން އަހަރެންގެ ލޮލަށް ފިނިކަން ލިބުނެވެ. ކަޅި ޖަހައި ނުލައި ބަލަން ހުރެވުނީ ޒާނާގެ ރީތިކަން ފެނި އާޝޯހު ވެފައެވެ. ދުނިޔެމަތީގައި ޕަރީން ވާނަމަ އެއީ ޕަރީއެއްކަމަށް އަހަރެން ނިންމީމެވެ. ނޫނެކެވެ. ޕަރީއަކަށް ވުރެންވެސް ޒާނާ ފުރިހަމަވެފައި ރީތިކަމުގައި އަހަރެންގެ ހިތް ހެކިވިއެވެ. އިރާދަކުރެވިއްޔާ އެ ރީތިކަން މުޅި އުމުރަށް މިލްކު ވާކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.
” މަންމާ…. ދަނީ އިނގޭ…..” ޒާނާ ގޭތެރެއަށް ބަލައިލަމުން މަންމައަށް ގޮވާލާފައި ބުނެލިއެވެ.
” އާން… މާދަމާ ހެނދުނު ދޯ އަންނާނީ…..” ދޮރު ކައިރިއަށް ޖެހިލަމުން ޒާނާގެ މަންމަ އަހަރެންނަށް ބަލައިލަމުން އިތުރަށް ޔަޤީން ކޮށްލުމަށްޓަކައި އަހައިލިއެވެ.
“ލައްބަ…. ޝުކުރިއްޔާ……” އަދަބުވެރިކަމާއިއެކު އަހަރެން ބުނީމެވެ.
” ދެކުދިން ބަލައިގެން އުޅޭތި އިނގޭ…… ނަވީން… ޒާނާ މިފޮނުވަނީ ނަވީންއަށް ވަރަށް އިތުބާރު ކޮށްފަ… ރައްކާތެރިކަމާއިއެކު އަހަރެންގެ ދަރިފުޅު ގެނެސްދޭތި އިނގެ…..” ހިތްހެޔޮ ހިނިތުންވުމެއް ދެމުން ޒާނާގެ މަންމަ ބުނެލިއެވެ.
” ލައްބަ…… ” އަހަރެން ބޯ ޖަހައިލަމުން ހިނިތުންވެލީމެވެ.
ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތައް ދެމީހުންގެ ފިޔަވަޅުތައް ހިމުން ދޮންވެލިގަނޑުގެ ތެރެއަށް އޮއްބަމުން ދެމީހުންގެ ފައިގައި ބޮސްދެމުން އެނބުރި ދެއެވެ. ރޭގަނޑުގެ އެ ހިތްގައިމު ވަގުތު ޖެހެމުން ދިޔަ ފިނިފިނި ރޯޅިތަކުން މުޅި މާހައުލަށް ވެރިވެފައިވަނީ އިތުރު ހިތްގައިމު ކަމެކެވެ. ދީފައިވާ ރިހި ހަނދުވަރުގެ އަލި ލޮނުގަނޑަށް އެޅުމުން ފެންނަނީ އަޖައިބެއްހައި ފަސޭހައިން ހިތްދޫވާ ކަހަލަ ގޮތަކަށެވެ. ނަމަވެސް އެރޭގެ ޒުވާންކަމާއި، އެ ހަނދުވަރުގެ ނަލަ ނަލަ އަލިކަމަށް ވުރެން އަދި އެ ގޮނޑުދޮށުގައިވީ ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑަށް ވުރެން އަހަރެންގެ ކައިރީގައި އަހަރެންގެ އަތުގައި ހިފައިގެން ހިނގަމުން އައި ހޫރުޕަރީގެ ރީތިކަން މާ ފުރިހަމައެވެ. އެހެން ރޭރެއަށް ވުރެން މިރޭ ޒާނާގެ ރީތިކަން އިތުރުވެފައި ވާހެން އަހަރެންނަށް ހީވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ނަޒަރު ހިނދުކޮޅަކަށްވެސް ޒާނާއާއި ދުރުކޮށް ނުލެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ.؟
” ކީއްވެ އެހާވަރަށް ތި ބަލަމީ މިރޭ….؟'” އެންމެ ފަހުން އަހަރެންގެ އަމަލުތައް ފާހަގަ ވެގެން ޒާނާ އަހައިލައިފިއެވެ.
” ރީތިކަމުން…..” އަހަރެން ޒާނާއަށް ބަލައިލަމުން ލާނެތް ގޮތަކަށް ހިނިތުންވެލީމެވެ. ލަދުން އިސްޖަހައިލި ޒާނާގެ ރީތިކަން އިތުރުވީ އެހިނދުއެވެ.
” އަސްލުވެސް މިރޭ ވަރަށް ރީތި…..” އަހަރެން ޒާނާ އިތުރަށް ލަދުގަންނަވައިލުމުގެ ބޭނުމުގައި ބުނީމެވެ. ނަމަވެސް އެ ލަދުވެތިކަން އެއްފަރާތް ކޮށްލަމުން ޒާނާ ސުވާލެއް ކޮށްލިއެވެ.
” ކީއްވެ މަންމަ ކައިރިން ހުއްދަ ހޯދައިގެން ރިސޯޓަށް އަހަރެން ތި ގެނައީ….؟ ޚާއްސަ ކަމެއް އޮތީތަ….؟” ހިނގަމުން ޒާނާ އަހަރެންގެ ކޮނޑުގައި ބޯ ޖައްސައިލަމުން އަހައިލިއެވެ.
” ޒާނާއާއިއެކު ހޭދަ ކުރާ ކޮންމެ ވަގުތެއްވެސް ވަރަށް ހާއްސަ…..ވަރަށް ހާއްސަ….” އަހަރެން ބުނީމެވެ.
” ނަވީން…….. ދެން ބުނެބާ….” ޒާނާ ޅަ ވެލާފައި ބުނެލިއެވެ.
“ހަމަ ގެނައީ…. ކިހިނެތްވީ… ކަމުނުދަނީތަ…؟” އަހަރެން ސީދާ ބޭނުން ހާމަ ނުކޮށް ބުނެލީމެވެ.
” ނޫން ހަމަ ވަރަށް ހިތްގައިމު… އެކަމަކު……….. އުމް… ހީވަނީ ހަމަ ކޮންމެވެސް އެހެން ކަމަކު ގެނައިހެން….. އެހެންޏާހެން ހަމަ މާލެއިންވެސް މީޓް ކުރެވޭނުން… މިރޭ ރިސޯޓަށް ތި ގެނައީ ހީވަނީ ކޮންމެވެސް އެހެން ކަމަކުހެން….” ޒާނާ ވިސްނައިލަމުން ވާހަކަ ދެއްކިއެވެ.
” މިސާލަކަށް ކޮންކަމެއްހެން ހީވަނީ…..” އަހަރެން ހިނިތުންވެލަމުން އަހައިލީމެވެ.
” އަމްމްމްމް…. ނޭނގޭ….. ބުނެބަ…..” ޒާނާ ބޯއަރިކޮށްލަމުން އަހައިލިއެވެ. އަހަރެންނަށް ހިނިތުންވެވުނީ ޒާނާ އަށް ކޮންމެވެސް ވަރަކަށް ޝައްކު ވެއްޖެހެން ހީވުމުންނެވެ. ނަމަވެސް އަހަރެން ޖަވާބެއް ނުދީ ހިނގަމުން ދިޔައީމެވެ.
” ނަވީންންންންންންންންން……” އަހަރެންގެ ޖަވާބެއް ނުދިނުމުން، އަހަރެންނަށް ބަލައިލަމުން ޒާނާ ގޮވައިލިއެވެ. ދެންވެސް އަހަރެން ޒާނާއަށް ބަލައިލަމުން އެއްވެސް ޖަވާބެއް ނުދީ ހިނިތުންވެ ހުރެ ހިނގަމުން ދިޔައީ ޒާނާ އިތުރަށް ތަޅުވައިލުމުގެ ބޭނުމުގައެވެ.
” އޯކޭ ނުބުންޔަސް……. އެކަމަކު ނުބުނަންޔާ އަހަރެން މިދަނީ…..” ހެމުން ހެމުން ބުނެލަމުން ޒާނާ އަހަރެންގެ އަތުން ދޫކޮށްލަމުން ދުއްވައިގަތެވެ. ނަމަވެސް ހުޝިޔާރުކަމާއިއެކު އަހަރެން ޒާނާގެ އަތުގައި ހިފައި ލަތްކެއް ޖަހައިލަމުން ގެނެސް އަހަރެންގެ މޭމަތީގައި ތަތް ކޮށްލީމެވެ. އެހިނދު ވިހުރެމުން އައި ޒާނާގެ ދިގު އިސްތަށިގަނޑުން ބައެއް އަހަރެންގެ ކޮނޑުގައި ބޮސްދީ ކޮނޑު މައްޗަށް ފެތުރުނެވެ.
ޒާނާ އިސްއުފުލައި އަހަރެންގެ މޫނަށް ބަލައިލިއެވެ. އެ ދެލޮލުގައިވީ ބުނެދޭން ނޭނގޭފަދަ އަސަރުތަކެކެވެ. އެ ގާތްކަމުން އަސަރުތަކެއް ކުރުވަމުން ދިޔައީ ހަމައެކަނި ޒާނާއަށް އެކަންޏެއް ނޫނެވެ. އަހަރެންގެ ހިތްވެސް ނުސިޔާނު ގޮތަކަށް ތެޅިލިއެވެ. ސަމާސާއެއް ކޮށްލާހިތް އިންތިހާއަށް ވިއެވެ. އެ ފަނޑު ހަނދުވަރުގެ އަލީގައި ޒާނާގެ ރީތި ވަށްމޫނު ފެނަން ގޮތުން އަހަރެންގެ ގައިން ހީބިހި ހިލުވައިލިއެވެ. ނަފްސުގެ ލަގަން ދޫވެދާނެހެން ހީވިއެވެ. ހަމަ ޔަޤީނުންވެސް މިރޭ އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދަށް ވުރެންވެސް އެ މޫނުގެ ރީތިކަމާއި އަލިކަން ގަދައެވެ.
” އެހައި ފަސޭހައިން ނުއެއްދެވޭނެ އިނގޭ ދެނެއް………… ދިޔަކަ ނުވެސް ދޭނަން….” މަޑުމަޑުން، ސީރިއަސްކޮށް އެކަމަކު ސަމާސާވެސް އެކުލެވޭ ރާގެއްގައި ކުޑަކޮށް ހިނިތުންވެލަމުން އަހަރެން ބުނީމެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އަހަރެން ޒާނާގެ އުނަގަނޑުގައި ހިފައި އިތުރަށް ގާތް ކޮށްލީމެވެ. ސިހިފައި ޒާނާ އަހަރެންގެ މޫނަށް ބަލައިލަމުން އަހަރެންގެ މޭގައި ދެއަތްތިލަ ޖައްސައިލިއެވެ.
” އެހެން މީހަކު ގެންދިޔަކަވެސް ނުދޭނަން…..” އަހަރެން ބުނެލީމެވެ.
” ގެންދިޔަސް، ޖަހައިވެސް ގަންނާނަން…..” ޒާނާގެ މޫނުމައްޗަށް ގޯނާ ކުރަމުން ދިޔަ އިސްތަށިތައް އެއްފަރާތް ކޮށްލަމުން އަހަރެން ބުނީމެވެ.
” ތީ ހަމައެކަނި އަހަރެންގެ ހައްޤެއް…..” ޒާނާއާއި ދިމާއަށް ކުޑަކޮށް ބޯ ގުދުކޮށްލަމުން ޒާނާގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުނީމެވެ. އެބަހުގެ ތެދުކަމާއި ސީރިއަސްކަން އަންގައި ދިނީމެވެ. ސިހިފައި ޒާނާ އަހަރެންގެ މޫނަށް ބޯއަރިކޮށްލަމުން ބަލައިލިއެވެ. އެހިނދު ދެމީހުންގެ މޫނުވީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. ޒާނާގެ އެ ބަލާލުމުން އަހަރެންގެ ހިތް ފުންމާލަފާނެހެން ހީވިއެވެ.
އަހަރެމެންގެ އެއްފަރާތުގައިވީ ހަނދުވަރާއި އެހަނދުވަރުގެ އަލި އެޅިގެން ޖަރީވެފައިވީ މޫދާއި ކަނޑެވެ. ބޯމަތީގައިވީ ކަޅު ސާލުގައި ކުދިކުދި މުތީތަކެއްހެން އެތުރި ވިދައި ބަބުޅަމުންދާ ތަރިތަކެވެ. ފައިދަށުގައި މަޑު ހިމުން ދޮންވެލިގަނޑެވެ. ހޭޅިފަށުގައި ހެދިފައިވީ ފެހިކަމުގެ ބަގީޗާއެވެ. މުޅީ ހިސާބުގައިވެސް ދިރޭ މަޙުލޫޤެއްގެ ލިސާނެއް ނުވެއެވެ. އަހަރެމެންނަށް އުނދަގުކުރާނެ މީހެއް މިތާކު ނުވެއެވެ. ހިތުގެ އެދުން ހާމަކޮށްލަން މިއަށް ވުރެން ވަކި ރަނގަޅު ވަގުތެއް ކޮބައިހެއްޔޭ އަހަރެންގެ ހިތް ގޮވައިލިއެވެ. ޒާނާގެ އެ ރީތިކަން މި ފަނޑު ހަނދުވަރުގެ އަލީގައި މިލްކުކޮށް ހިބަ ކުރުމަށް އަހަރެންގެ ޛަމީރު އެދި ގޮވަމުން އަހަރެންގެ ނަފްސަށް މަޖުބޫރު ކުރުވަމުން ދިޔައެވެ.
ހަށިގަނޑު ތެދުކޮށްލަމުން އަހަރެން އަނގޮޓި ލައިފައިވާ މަޙުމާކުޑަ ކުޑަފޮށި ޖީބުން ނެގީމެވެ. އެ ފޮށި ހުޅުވައިލަމުން ޒާނާގެ މޫނާއި އެއްހަމައަށް ގާތް ކޮށްލައި ދައްކައިލީމެވެ. އެ ހިނދު ފޮށީގެ މެދުގައި އިން ޖަވާހިރުލީ ރިހި އަނގޮޓި ހަނދުވަރުގެ އަލީގައި ވިދައި ބަބުޅައިގަތެވެ. އެއާއިއެކު ޒާނާގެ ދެލޯ ބޮޑުވެގެން އައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

