Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 50

Anaq Level 210 Stories
August 28, 2026 5 Mins Read
0 Comments

” ބުނީމޭނުން ދެން ދިޔަކަ ނުދޭނަމޭ…. ހަނދާން ނެތުނީތަ؟ ހަނދާން ކޮށްދެންތަ ތިއީ ހަމައެކަނި އަހަރެންގެ މީހެއްކަން….؟” އަހަރެން ހީލަމުން ޒާނާގެ ކޮނޑުމަތިން މޫނާއި މޫނު ގާތް ކޮށްލީމެވެ. ރަކިވެގެން ޒާނާ އިސްޖަހައިލިއެވެ. ދެން އަހަރެންގެ ހިތް ހިފެހެއްޓުން އަދި އޭގެ މަޤާމުގައި ބޭއްވުންވެސް ވީ އުނދަގު ކަމަކަށެވެ. އެއްއަތުން ޒާނާގެ މޫނުގައި ހިފައި އެއްފަރާތަކަށް އަނބުރައިލަމުން ޒާނާގެ ބަނޑުގައިހިފައި އަހަރެންގެ މޭގައި ޖައްސައިލީމެވެ. އެއާއިއެކު ހިތަށް އޮބި ނޯވެގެން އެ ތުންފަތުގައި ބޮސްދެވުނެވެ. އެ ރޭގެ ރީތިކަމާއި ހިތަގައިމުކަމާއި އަދި އެރެއަށް ވުރެން ޒާނާގެ ރީތިކަން އިތުރަށް ފުރިހަމަ ކަމުން ހިތަށް ކެތްނުވީއެވެ.

އަހަރެންގެ ސަމާސާއިން ރަތްވެގެން ދިޔަ ޒާނާގެ ތުންފަތް ފެނުމުން އިތުރަށް ބޭނުންވުން ނޫން ކަމެއް ނުވިއެވެ. ފާއިތުވަމުން ދިޔަ ވަގުތުތަކާއިއެކު ބެލުނު ބެލުނުހެން ދަހިވެތިކަން އިތުރުވަމުން ދިޔައެވެ. ނަމަވެސް އެވަރުން ފުއްދައިލީމެވެ.

******

**********

 

ޗެޕްޓާ 17

ޒާނާ

 

” ނޫން… ކަމަކު ނުދޭ….” ޖަނާ ދެއްކި ފޮޓޯ ގަނޑަށް ބަލަން އިނދެ އަހަރެން ބޯ ހޫރައިލަމުން ބުނީމެވެ. ރެސްޓޯރަންޓުގެ މަތީބައިގައި މެންދުރުގެ އެ ހޫނު ވަގުތު އަހަރެމެން ތިބީމެވެ. އުޑުމަތި ސާފު އެ ހިތްގައިމު ދުވަހު ދޭތެރެއަކުން ޖެހިލަމުންދާ ފިނި ރޯޅިތަކުންވެސް ވަނީ އަހަރެންގެ ބޮލުގައިވީ ހާސްކަން ކުޑަވާނެ ގޮތެއް ނުވެފައެވެ. ކުރިމަތީގައި ހުރި ޖޫސްތަށީގެ ފިނިކަން ކެނޑެމުން ދިޔައިރުވެސް އޭގައި އެއްފަހަރު ތުން ޖެހި ގޮތަށް އެވެސް ހުއްޓެވެ.

ކައިވެނީގެ ތައްޔާރީތައް ވަރަށް ހަލުވި ބާރުމިނެއްގައި ކުރިއަށްދަމުން ދެއެވެ. ތީމާއި ގުޅޭނޭހެން ބްރައިޑް މެއިޑްސްގެ ހެދުން ފެހުމާއި ކާޑު ހެދުމާއި ދައުވަތުދޭނެ މީހުންގެ ލިސްޓްވެސް ވަނީ ނިމިފައެވެ. ކައިވެނި ކުރާނެތަނާއި ވަގުތާއި ކައިވެނި ކޮށް ނިމިގެން ކައިވެނީގެ ފުރަތަމަރޭ ހޭދަކުރާނެ ތަނާއި ހުރިހާކަމެއްވެސް ވަނީ މަޝްވަރާކުރެވި ނިމިފައެވެ.  ކައިވެނި ކުރެވެން ބަރާބަރު އެއް މަހަށްވެފައި ވީއިރު އަދިވެސް އަހަރެންނަށް ކަމުދާ ކަހަލަ ވެޑިން ޑްރެސްއެއް ވަނީ ނުހޯދިފައެވެ. ކައިވެނީގެ އެހެން ތައްޔާރީތަށް ފަތުއަޑު ކިޔާފައި ވަރަށް އޮމާން ކަމާއިއެކު ކުރިއަށް ދިޔަ ކަމުގައިވިޔަސް  ހެދުމެއް ހޯދުން އަހަރެންނަށް ވެފައިވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އަހަރެން ބޭނުންވާ ގޮތެއް ބޮލަށް ނުވެސް އަންނަނީއެވެ. އެތައް ޑިޒައިނަރުންނެއް ކައިރިއަށް ދެވިއްޖެއެވެ. ނަމަވެސް އަހަރެން ހިތްހަމަޖެހޭފަދަ ހެދުމަކާއި ދިމައެއް ނުވެއެވެ.

” ދެން ޒާ ކިހިނެތް ހަދާނީ…. މިހާރު ތިރީސް ދުވަހަށްވީ….” ކަންބޮޑުވެފައި ޖަނާ ބުނެލިއެވެ.

” ނޭނގެ ޖަނާ… ހީވަނީ ނަވީންގެ އެހީއަކަށް އެދެންވީހެން… އޭނައަށް ކަމުދާ އެއްޗެއް ފަހަރެއްގަ އަހަރެންނަށް ކަމުގޮސްދާނެ ކަންނޭނގެ….” އަހަރެން ވިސްނައިލަމުން ބުނީމެވެ. ހަޤީޤަތުގައި އަހަރެން އިނީ ވަރަށް ކަންބޮޑުވެފައެވެ. ނަމަވެސް އެކަން ފާޅު ނުކޮށް ވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެދުވަހަށްޓަކައި އަހަރެން އެތައް އިންތިޒާރެއް ކުރި ދުވަހު އަހަރެން ބޭނުންވަނީ ވަރަށް ހާއްސަ ހެދުމެއް ލާށެވެ. އެއީ ހަޔާތުގައި އެންމެ ފަހަރަކު އަންނާނެ އެންމެ ދުވަހެއް ވީމައެވެ.  ހަމައެކަނި ހެދުން ރީތި ވުމަކުން ނުފުދިގެން މިއުޅެނީ އެހެންވެއެވެ.

” އާން… ތިއީ ރަނގަޅު ހިޔާލެއް…..ނަވީންގެ ސޫޓް ރެޑީތަ މިހާރު….؟” ޖަނާ އަހައިލިއެވެ.

” ޔެސް ހުރިހާ ކަމެއްވެސް ވަރަށް އޮމާންކޮށް ދަނީ…. އެކަމަކު މި ހެދުމެއްގެ ކަންތައް ދޯ…. ބޯ ފަޅައިން ދާވަރުވޭ…. ” އަހަރެންނަށް ބޮޑާ ހާކައިލެވުނެވެ. ގޮތް ހުސްވެގެން މޫނުގައި އަތް އަޅުވައިލެވުނެވެ.

” ކޮންކަހަލަ ހެދުމެއް އަސްލު ޒާނާ ބޭނުންވަނީ… ޒާނާ ބޭނުންވާ ގޮތްތައް އެނގުނީމަ ހެދުމެއް އަމިއްލައަށް ޑިޒައިންވެސް ކުރެވިދާނުން މިހާރު….” ޖަނާ އަހައިލިއެވެ.

” އެހެން ވަކި ނޭނގޭ ބުނާކަށް…. އަޅައިގަންނަ ހާއްސަ ހެދުމެއް…. އެކަމަކު ފެނުނީމަ އެއްޓަޗުން އަހަރެންގެ ހިތް ކިޔަން ޖެހޭނެ….. އެވަރު ހަމަ ޔަގީން… އެހެން ނޭނގޭ ބުނާކަށް އަތް އިންނަން ޖެހޭނީ މިހެނޭ ފަސްބައި މިހެނެކޭވެސް….” އަހަރެން ބުނީމެވެ.

” ޒާނާ… މަސްދުވަހުން ވަރަށް އުނދަގުވާނެ ހެދުމެއް ނިންމަންވެސް…..” ޖަނާ މާޔޫސް ވެލާފައި ބުނެލިއެވެ.

” އެނގެޔޭ ޖަނާ…. އެކަމަކު އަހަރެން ހިތްހަމަ ނުޖެހޭ ހެދުމެއް ލާކަށް ބޭނުމެއް ނޫން… ހާދަ އިންތިޒާރުކުރި ދުވަހެކޭ އެއީ….” އަހަރެން ބުނީމެވެ.

” އޯކޭ އަދިވެސް އުޅެބަ ދޯ ބަލަން ކަމުދާ ޑިޒައިނެއް ފެނޭތޯ….” ޖަނާ ފޯނު ހުޅުވައިލަމުން ބުނެލިއެވެ. ފޯނަށް މެސެޖެއް އައި އަޑާއިއެކު އަހަރެންގެ ފޯނުވެސް ދިއްލުނީ އެވަގުތުއެވެ.

” ބޭރުގަ މިހުރީ…..” ނަވީންގެ މެސެޖުގައި އޮތެވެ. ނަވީންއާއިއެކު ތަނަކަށް ދާން ވެފައި އޮތްކަންވެސް އަހަރެން ހަނދައިންވީ ދެނެވެ.

” އޯ ނޯ…. ” އަހަރެންނަށް ބުނެވުނެވެ.

” ކިހިނެތްވީ….؟” ޖަނާ އަހައިލިއެވެ.

” އަހަރެން މިހުރީ ހަނދައިންވެސް ނެތިފައޭ އަދި… ނަވީން ބުންޏޭ ބަލައި އަންނާނަމޭ ތަނަކަށް ދާން…. މިހެން ހަދަން ވީނުން ޖަނާ… ޖަނާ ޑިޒައިންތައް ބަލާލައިފައި އަހަރެންނަށް ފޮނުވާލާފަ ބައިންދާ އިނގޭ އަހަރެން ވަގުތެއް ވީމަ ބަލައިލާނަން…….” އަތް ދަބަސް ނަގަމުން އަހަރެން އަވަސް އަވަހަށް ބުނީމެވެ.

” އާނ އޯކޭ…. އަހަރެން ބަލާލާފަ ފޮނުވާނަން….” ޖަނާ ބޯ ޖަހައިލަމުން ބުނެލިއެވެ.

ހުޅުވިގެން ދިޔަ އުސް ކަޅު ގޭޓުގެ ތެރެއިން ނަވީން ދުއްވަމުންދިޔަ ކާރުވަނެވެ. ކުރިމަތީގައި ހުރީ ނުހަނު ޒަމާނީ ފެންވަރަށް ހަދާފައި ހުރި ބޮޑު ގެއެކެވެ. ބަލާލި ކޮންމެ ދިމާއަކުން މުއްސަނދިކަން ފެންނަން ހުއްޓަސް ދެފަރާތުގައި ހައްދާފައިވީ ފިނިފެންމާ ގަސްތަކުގެ ސަބަބުން ނުލާހިކު ހިތްގައިމު ގޮތެއްވެސް  ހުއްޓެވެ. ނުހަނު ހިތްފަސޭހަ މާހައުލެކެވެ.

” މިޔޯ….؟ ” އަހަރެން ސުވާލު އުފެދިފައި އަހައިލީމެވެ.

“މިއި އަސްލު ބައްޕައާއި މަންމަ އުޅުނު ގެ…” އަހަރެންނާއި ދިމާއަށް އެނބުރިލަމުން ނަވީން ބުނެލިއެވެ.

” ބައްޕަ ބޭނުންވަނީ ކައިވެނިކޮށްގެން އަހަރެމެން މިގޭގަ އުޅެން….” ނަވީން ހާމަކޮށްލިއެވެ.

” އެކަމަކު ޒާނާ އޯކޭ ވިއްޔާ އިނގޭ…” ނަވީން ބުނެލިއެވެ.

” އޯކޭތަ….؟” ނަވީން އަހައިލިއެވެ.

” އާން… ނަވީންއަށް ފެންނަ ކޮންމެ ގޮތެއްވެސް އޯކޭ ވާނެ….” އެ ގެއަށް ފުންކޮށް ބަލައިލަމުން ބުނީމެވެ. ނަވީން ކާރު ޕާކުކޮށްލަމުން ކާރުން ނިކުތެވެ. އަހަރެންވެސް ކާރުން ނިކުމެ ރަނގަޅަށް އެ ގެއަށް ބަލައިލީމެވެ.

” ޒާނާއަށް ދައްކައިލަން މިގެނައީ ކަމުދޭތޯ ބަލައިލަން…. ބަދަލެއް ގެންނަން ޖެހުނަސް އެނގޭނީ އޭރުންނޭނުން… ކުރިއަށް އޮތްތާނގަ މިގޭގެ ރާނީއަކީ ތިއީއޭ…..” އަހަރެން ކައިރިއަށް އައިސް އަހަރެންގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ނަވީން ހިނިތުންވެ ހުރެ ބުނެލިއެވެ.

ދޮރުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އެންމެ ފުރަތަމަ ބައްދަލުކުރީ ގޭގެ ތަނަވަސް ސިޓިންރޫމެވެ. އޮފް އަރައަރާ ހުރި މާބުލްތަކުގެ މަތީގައި އަތުރާލެވިފައިވީ ދިގު، މަޑު ސޯފާތަކާއި ސޯފާތަކުގެ މެދުން މަތީގައި އެލުވާފައި ހުރި ޗާނދަލިއާ ފެނިފައި އަހަރެން އާޝޯހުވިއެވެ. ހަމަ ޔަޤީނުންވެސް އެއީ އެތައްހާސް ރުފިޔާއެއްގެ އަގުހުރި އެއްޗަކަށް ނޫނީ ނުވާނެއެވެ. ދެފަރާތުގައި އަތުރާލެވިފައިވީ ކޮޓަރިތައް ބަލަމުން ތަންތަން ކިޔައިދެމުން ނަވީން ދިއައެވެ. އަހަރެންވެސް ނަވީންގެ ފަހަތުގައި ހުރެ ތަންތަން ބަލަމުން ދިޔައީމެވެ. ތަންކޮޅު ކޮޅުގައި ބަހައްޓައިލެވިފައިވީ މާޓުކުރި ތަކުންނާއި ކުރެހުންތަކުން، ގިނައިން ފެންނަމުންދިޔަ ކަޅުކުލައިގެ ތެރެއިންވެސް ހިތްގައިމު އެހެން ކުލަތައްވެސް ފެންނަމުން ދިޔުމުން އަންހެންވަންތަ ގޮތްތަކެއް ގޭތެރެއިން ފެންނަން އުޅޭހެންވެސް ބައެއްފަހަރު ހީވެއެވެ. ހީވާ ގޮތުން އެއީ ނަވީންގެ މަންމަގެ މަސައްކަތެވެ.

އެ ގެ ފެނުނު ފެނުނުހެން އެގެއާއި އެ ފެންވަރަކީ އަހަރެންނަށް ހައްޤު އެއްޗެއްކަމާއި މެދު އަހަރެންގެ ހިތް ސުވާލު އުފައްދަމުންވެސް ދިޔައެވެ. މީގެ ކުރިންވެސް ރުހާމްގެ ގާތުގައި އަހަރެން ހޭދަކުރީ މުއްސަނދި ތަނަވަސް ދިރިއުޅުމެކެވެ. ނަމަވެސް ނަވީންގެ ތަނަވަސްކަމަކީ ރުހާމްގެ ތަނަވަސްކަމަށް ބަލާއިރު އަދި އެހެން ހަރުފަތެކެވެ. އެކަން އެގެއަށް ހަމައެކަނި ބަލައިލުމުންވެސް އެނގިގެން ދެއެވެ.

މައްޗަށް އެރެން އިން ސިޑިން އަހަރެމެން މައްޗަށް އެރީމެވެ. އެއާއެކު މަތީ ބުރީގައިވީ ދެދޮރުން އެއް ދޮރެއް ހުޅުވައިލަމުން ނަވީން އަހަރެން އެތެރެއަށް ވެއްދިއެވެ. އެއީ ގޭގެ މާސްޓާރ ބެޑްރޫމެވެ.

” މިއީ އަހަރެމެންގެ ކޮޓަރި……” ނަވީން ބުނެލިއެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. ހުދާއި ކަޅުން ފަރުމާ ކުރެވިފައިވީ އެ ކޮޓަރި ވަރަށް ބޮޑެވެ. ކިންގް ސައިޒުގެ އެނދާއި އެއްފަރާތުގައި ބަހައްޓާލެވިފައިވީ ކަޅު ސޯފާ ސެޓާއި އަދި ހަމަ ތަނަވަސް ބެލްކަންޏެއްވެސް ވިއެވެ. އަދި އެއްފަރާތުގައި ބެލްކަންޏާއި ޖެހިގެންވީ މޭޒާއި ފޮތްހަރުގަނޑުވީ އަހަރެން ވަކިން އަޅައިގަތް އެއްޗަކަށެވެ.  ވޯކިން ކުލޯސެޓެއްގެ އިތުރުން ފާހާނާވެސް ނުހަނު ހިތްގައިމު ވެފައި ބޮޑެވެ. އަންހެން ކުއްޖަކު އުފަލުން މަރުވާވަރުގެ ފުރިހަމަކަމެއް އެ ކޮޓަރީގައި ވިއެވެ. ނަމަވެސް އަހަރެންގެ ހިތް ލަދުގަންނަ ގޮތްވީ އަހަރެން ފަދަ އާދައިގެ އަންހެން ކުއްޖަކަށް އެފަދަ ފެންވަރެއްގެ އަރާމެއް ހައްޤުކަމަށް ސުވާލު އުފެއްދުމުންނެވެ.

” ކަމުދޭ………..؟” ނަވީން އަހައިލިއެވެ.

” ޔާ…. ކަމުދޭ… ރީތި…” އަހަރެން ބުނީމެވެ.

” ހާދަ ފާޑަކަށް…..؟ ކިހިނެތްވީ…؟” ނަވީން އަހަރެންނަށް ކަމެއްވެފައި ހުރިކަން ދެނެގަތެވެ.

“މައްސަލައެއް އުޅެނީތަ…؟ ތަނެއް ބަދަލުކޮށްލަން ބޭނުންވަނީތަ….؟ ޒާނާ ހަމަ ބޭނުން ބަދަލެއް ގެނެވޭނެ އިނގޭ….” ނަވީން އަހަރެންނާއި ގާތް ވެލަމުން ބުނެލިއެވެ.

“ނަވީން… ކޮޓަރި ވަރަށް ފުރިހަމަ… އެކަމަކު އަހަރެންގެ ފެންވަރު………” އަހަރެންނަށް ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދީ ނަވީން ވާހަކަ ދައްކަން ފެށިއެވެ.

” ޒާނާ…………!!!!” ނަވީން އަހަރެންގެ ގާތަށް އިތުރު ފިޔަވަޅެއް އަޅައިލަމުން އަކުރުތަކަށް ބާރުލައިފައި ގޮވައިލިއެވެ.

” ބުނީމޭނުން ފެންވަރުގެ ތަފާތު މިދޭތެރެއަށް ނުގެންނައްޗޭ ދޯ……” ނަވީން އަހަރެންގެ މޫނުގައި ދެއަތުން ހިފައިލަމުން އޯގާތެރިކަމާއިއެކު ބުނެލިއެވެ.

” މިއީ ހަމަ ޒާނާގެ އެއްޗެހި… އަހަރެން މިހުރިހާ ފައިސާއެއް މިހޯދަނީ ހަމަ ޒާނާއަށްޓަކައި… ޒާނާއަށް ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ހޯދައިދޭން…. އިނގޭ….” ނަވީން އަހަރެންގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ. އަހަރެން ކުޑަކޮށް ވިސްނައިލަމުން އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލީމެވެ.

” އޯކޭ އަދި ބަދިގެއާ ގާޑަން ބަލާލަން ވާނުން… ހިނގާ….. ހާލިދު ބޭބެވެސް ނުދެކެމޭނުން އަދި…..” އަހަރެންގެ ނިއްކުރިއަށް ބޮސްދެމުން ނަވީން ބުނެލިއެވެ. ހިނިތުންވެ ހުރެ އަހަރެންގެ އަތުގައި ހިފައިގެން ނަވީން ކޮޓަރިން ނިކުތެވެ.

” މިގެއަށް ޒާނާ އަންނާނެ ދުވަހަކަށް ހާދަ އިންތިޒާރެއް ކުރެވެއޭ އެބަ…. އޭރުން މިގެ ފުރިހަމަ ވާނީ…. ގޭގަ އިސްކޮށް އަންހެނެއް ނެތިއްޔާ ގޭގަ އެއްވެސް ދިރުމެއް ނުހުންނާނެ… އެހެންވެ ކަންނޭނގެ ބައްޕަވެސް އެހެން އެގޮތަށް އެބުނީ….” ނަވީން ވާހަކަ ދައްކަމުން ކުރިއަށް ހިނގަމުން ދިޔައެވެ.

ސިޑިން ފައިބައިގެން ހިނގައިގަތް ވަގުތު ހޯލްވޭގެ އެންމެ ކޮޅުގައިވީ ކޮޓަރީގެ ދޮރުމަތީގައި ޔޫސުފް ޖަލީލް ހުރިތަން އަހަރެންނަށް ފެނުނެވެ. އެހިނދު ފޯނެއް އައުމުން އެބަ އަންނަން ކަމުގައި ބުނަމުން ނަވީންވެސް ބޭރަށް ނިކުތުމަށްޓަކައި ހިނގައިގަތެވެ. އަހަރެންނާއި ޔޫސުފް ޖަލީލް އެކަނި ވިއެވެ.

މާނަފުން ތޫނު ނަޒަރަކުން ޔޫސުފް ޖަލީލް އަހަރެންނަށް ބަލައިލިއެވެ. އަހަރެން އެކަނި ހުންނަން ޖެހުމުން ޔޫސުފް ޖަލީލްގެ އެ ބަލައިލުމުން އަހަރެން ލަދުގަންނަ ގޮތް ވިއެވެ. ހިނގައިގަންނަން ނޭނގިފައި ހުއްޓާއި އަންނާށޭ ބުނާފަދަ ގޮތަކަށް ޔޫސުފް ޖަލީލް އަހަރެންނަށް އިޝާރާތް ކޮށްލިއެވެ.

ޖެހިލުންވެ ހުރެވެސް އަހަރެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ޔޫސުފް ޖަލީލްއާއި ގާތަށް ނެގީމެވެ. ވާންއުޅޭ ބަފައިބެގެ ބަހަށް ބޯލެނބީމެވެ. ކުރިއަށް އޮތްތާ މިކަހަލަ ކިތަންމެ ފަހަރަކު ޔޫސުފް ޖަލީލްގެ ކުރިމައްޗަށް އަންނަން ޖެހޭނެކަން ދެނެގަތީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

މަންޒިލް 44

Previews
August 28, 2026

މަންޒިލް 44



All Right Reserved!