މިލާންގެ ހަޤީގަތް އިނގޭ ދުވަހަކު ރޮމުން އަހަރެން ގާތަށް ނާންނައްޗެއެވެ. ޔައިނާގެ ނަޒަރުގައި މިލާން އަކީ ހީރޯއެކެވެ. ހިތަށް އައިހާ އެއްޗެއް ކިޔަމުން ދިޔައިރު އެ ހާދިސާ އަޑު އަހަން އިތުރު ފަރާތެއް ހުރިކަމެއް ރެއެކާވެސް ނުލައެވެ.
************
އިރުގެ ރަންދޯދިތައް ކުޑަދޮރުގެ ފޮތިގަނޑުން ފުރޭނިގެން އައިސް ކޮޓަރިއަށް އެޅެމުންދިޔައީ އާދުވަހަކަށް މަރުހަބާ ކިޔަމުންނެވެ. ބޭރުން އިވެމުންދިޔަ ދޫނިސޫފާސޫފީގެ ހިތްގައިމު ރާގުތަކާއި ފިނިފިނި ވައިރޯޅިތަކުން ކޮންމެ މީހެއްގެ ހިތަށް ހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ. ނަމަވެސް އަހަރެންގެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ.
ލޯހުޅުވާލިގޮތަށް އެނދުގައި އިށީންދެގެން ހިޔާލީ ފުންކަނޑަކަށް ގެއްލިފައި އިނދެވުނީ ކިހާއިރަކު ކަމެއް ވެސް ހުދު އަހަންނަކަށް ނޭނގެއެވެ. ކޮޓަރީގެ ފާރުގައި ހަރުކޮއްފައި ހުރި ގަޑި ފިޔަވާ އިތުރު އަޑެއް ނީވޭ ކަހަލައެވެ.
މިހިޔާލީ ދުނިޔެއިން ބޭރުކޮއްލީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. ”ދަރިފުޅާ އަވަހަށް ތެދުވޭ ފުރާގަޑި ޖެހެނީ” މަންމަ ގޮވާ އަޑު އިވުނެވެ. އެއާއެކު އަހަންނަށް ނަޒަރު އިންގާލެވުނީ ފާރުގައި ހަރުކޮއްފައިން ގަޑިއަށެވެ. ކަމަކުދާކަށް ނެތެވެ. ގަޑިން ހެނދުނު ނުވައެއްޖެހީއެވެ. އަވަސްއަވަހަށް ތާޒާވެލަން ދިޔައިމެވެ. ތާޒާވެލައިގެން ނުކުމެލިީރު އަހަރެންގެ އިންތިޒާރުގައި އެއްމެން ތިއްބެއެވެ. ނަމަވެސް އަހަރެން ކޮޅުކޮޅު ހޯދާބަލަމުން ދިޔައީ އެންމެ ސޫރައެއް ފެނޭތޯއެވެ.!. އެއީ ޝާޔާއެވެ. އެއްމެފަހު ފަހަރަށް ވެސް އެމޫނުދެކިލުމަށެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.އޭގެކުރިން ޝާޔާގެ މަންމަ އަހަރެން ހުއްޓުވައިފިއެވެ. ”ދަރިފުޅާ ބަސް އަހައިގެން ކިޔަވާތި، ކުރިއަށް މިއޮތީ ވަރަށް މުހިންމު އަހަރެއް ދަރިފުޅު ކިޔަވައިގެން މޮޅު ޤަދަރުވެރި ކުއްޖަކަށް ވުމަކީ މަންމަގެ ވެސް އެއްމެ ބޮޑު ހުވަފެން” އެއަޑުގައި ވަނީ މައިވަންތަކަމުގެ ކުލުނެވެ.އަހަރެންގެ އެއްމެ ގާތް އެކުވެރިޔާ ޝާޔާ ފަދައިން، އޭނާގެ މަންމަ ވެސް އަހަންނާމެދު ބަހައްޓާ އޯގާތެރިކަމާއި އަޅާލުން ފެނި އަހަރެންގެ ހިތް އުފަލުން ފުރުނެވެ.
ގަޑި ކުޑަތަން ވުމާއެކު އަހަރެން މިސްރާބު ޖެހީ ފާލަމަށް ދިޔުމަށެވެ. ނަމަވެސް އަހަރެން ލޮލުގައި އަޅައިގަތީ އެނދޯލިގައި ހިޔާލަކަށް ގެއލިފައި އޮތް ޝާޔާއެވެ. އަހަރެން ފެނުމާއެކު އޭނާ ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އެއާއެކު އަހަރެން ޝާޔާ ގައިގައި ބައްދާލީމެވެ. ”ވަރަށް ހަނދާންވާނެ މީޝް މަތިން ރަގަނޅަށް ކިޔަވައްޗޭ!”. ޝާޔާ ބުންޏެވެ. އެނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމާއި ހިތާމައެވެ. ”އަހަރެން ވެސް ވަރަށް ހަނދާން ވާނެ ޝާޔާ މަތިން.. މާލެ އާދެވޭފަހަރަކު ވާނެ އަހަރެންގެ ގެޔަށް އަންނަން” އަހަރެން ދައްވަތު ދިނީމެވެ.
ލޯންޗު އައުމުން އެއްމެންނާ ސަލާމް ކުރުމަށްފަހު އަހަރެން ލޯންޗަށް އަރަން ދިޔައީމެވެ. ރަށުގައި ހޭދަކުރެވުނު އުފާވެރި ދުވަސްތައް ހަނދާންވުމާއެކު ތުންފަތުގައި ކުޅެލީ އުފާވެރި ހިނިތުންވުމެކެވެ. ލޯންޗު ފާލަމުން ނައްޓާލި ވަގުތު ބާރު ދުވެލީގައި ސައިކަލުގައި އަންނަމުންދިޔަ މިލާންނަށް ނަޒަރު ހުއްޓުނެވެ. އޭނާ އަހަރެން ފުރާ ވަގުތަށް ނައީ ކީއްވެބާއްވައެވެ؟. އިއްޔެ އިނގި ހާދިސާގެ ހަބަރު ލިބުނީބަވައެވެ.
އަމާން އޮމާން ދަތުރަކަށްފަހު މާލޭގެ ހަލަބޮލި މާހައުލަށް މަރުހަބާކީ އަންނަން އޮތް ތޫފާނުގެ ހިލަމެއްނުވާ ހާލުގައެވެ. މި ފެށޭ އާއަހަރަކީ އަހަންނަށް އެތައް ގޮތަކުން މުހިންމު އަހަރަކަށް ވާނެކަން ކަށަވަރެވެ.
ސުކޫލު ހުޅުވި ކިޔެވުމުގައި އަހަރެން އުޅުނީ ވަރަށް ބުރަކޮށެވެ. ނޭވާލާނެ ވަގުތެއް ނުލިބޭ ބުންޏަސް ދޮގަކަށް ނުވާނެެވެ. ރަށުގެ ގާތް އެކުވެރިންނާއި ގުޅާލާ ހާލު ނުބެލޭތާވެސް މަހަކަށް ވުރެއް ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.
***********
އެއީ ހުކުރު ދުވަހެކެވެ. ސުކޫލު ބަންދު ދުވަހެއްކަމުން އަަހަންނަށް ފޯނު އަތަށް ލިބުނެވެ. އެންމެ ފުރުތަމަވެސް ގުލާލީ ޝާޔާއަށެވެ. އެހާ ގިނަ ދުވަހަކަށްފަހު ވާހަކަ ދައްކާލެވުމުން ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފާވެރިކަމެކެވެ. ޝާޔާއާއި ވާހަކަ ދައްކާލުމަށްފަހު އާދައިގެ މަތިން އިންސްޓަގުރާމަށް ވަދެލީމެވެ. ފެނުނުމަންޒަރުން މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އެއީ މިލާންގެ މެސެޖެކެވެ. އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އޭނާ އަހަރެން ގާތު ބުނަން އޮތީ ކޮން ވާހަކައެއް ހެއްޔެ؟. އަނެއްކާ ވެސް ޒުވާބެއް ފަށަންތޯއްޗެކެވެ.
ހިތުގައި އުފެދުނު ސުވާލުތައް އެއްފަރާކޮއްލުމަށްފަހު އޭނާގެ މެސެޖު ހުޅުވާލީމެވެ. ރަށުގައި ހިނގާ ދިޔަ ހުރިހާކަމެއް އިނގި ހާމަވެއްޖެކަމަށް ލިޔެފައި އޮތެވެ. ޔައިނާ އާ އޮތް ގުޅުން ކަނޑާލައި މާޒީގެ ތެރެއަށް ދޫކޮއްލައިފިކަމަށް ބުނެފައި އޮތެވެ. މަކަރާއި ހީލަތުގެ ފަރުދާ ކެހި، ޔައިނާ އަކީ ކޮން ފެންވަރެއްގެ ކާކުކަން މިއަދު އޭނާއަށް އިނގި ސާފުވެއްޖެ ކަމަށް ބުނެފައި އޮތެވެ. އެދުވަހު އަހަރެން ދެއްކި ވާހަކަރަކަށް ބީރުކަންފަތެއް ދެވުނީތީ މއަދު އެކަމާ ހިތާމަ ކުރާކަމަށް ވެސް ބުނެފައި އޮތެވެ. އަހަރެންގެ ކިބައިން މާފަށް އެދި އެއުޅުން ބަދަލު ކުރާނެކަމަށް އޭނާ ވައުދުވެފައިވެއެވެ.
ކިޔާ ނިމުނީރު އަހަރެން އިނީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެެވެ. މިލާން ހަޤީގަތުގައި ވެސް ޔައިނާ ދޫކޮއްލީ ހެއްޔެ؟. ނަމަވެސް އަހަރެންގެ ހިތް އޮތީ މާފުކުރާ ގޮތަކަށް ނޫނެވެ. އޭނާ ބަދަލުވާނެ ކަމަށް އެތައްފަހަރު ބުނެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާ އަކަށް އެ މަންޒަރެއް ނުދެއްކެވެ. ދަނީ ހައްތަހާވެސް ގޮސް މަގަށެވެ. ކިތައްމެ އާދެހެއް ކުރިޔަސް އަހަރެން ހުރީ މާފުދޭ ގޮތަކަށެއް ނޫނެވެ. ހިތުގައި އުފެދުނު އިހުސާސްތައް ވަންހަނާކުރަމުން ކުރު ޖަވާބެއް ފޮނުވާލުމަށްފަހު ފޯނު އޮފްކޮއްލީމެވެ.
*********
ދުވަސްތައް ހަލުވިކަމާއެކު ގޮސް އިމްތިހާނު ބޯމަތިވަމުން ދިޔައެވެ. ހޭބޯނަރާ މީހެއްފަދައިން ކިޔެވުމުގައި އަވަދިނެތި އުޅެމުން ދިޔައީމެވެ. ރޭގަނޑުގެ ހިމޭންކަން ފޫއަޅުވަމުން ފޮތުގެ ކޮންމެ ގަނޑެއް އެއްލަމުން ދިޔައީ ކާމިޔާބީގެ ފޮނި އުއްމީދުގައެވެ. ނޭނގޭ ފިލާވަޅުތައް އޮޅުން ފިލުވާހަދަމެވެ. އިމްތިހާނަށް ވެވުނުހާ ތައްޔާރީތަކެއް ވަމުން ދިޔައީ ނުގުޑާ އަޒުމެއްގައެވެ.
*************
ދުވަސްތައް ހަލުވިކަމާއެކު ގޮސް މިއަދުމީ ނަތީޖާތައް ދޫކުރާ ދުވަހެވެ. މަންމަގެ އަތުގައި ހިފައިފައިން ދިޔައީ ނުތަނަވަސް ހިތަކާއެކުގައެވެ. ފުރުތަމަވެސް ހޯލަށް ވަދުނީ މަންމައެވެ. ނަމަވެސް އޭގެ އިރުކޮޅެއްފަހުން މަންމަ ނުކުތީ އަހަރެންގެ ނަތީޖާ ހިފައިގެންނެވެ. ވާނުވާ ނޭނގޭ ހާލު މަންމަގެ މޫނަށް ބަލައިލީމެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ކަރުނައިގެ އަސަރުތަކެވެ. އެއާއެކު އަހަރެންގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ ކަމެއް ގޯސް ވެއްޖެކަމުގެ އެލާޓު ލިބުމުހެން ހީވިއެވެ. އަހަރެންގެ އަތްފައި ތުރުތުރު އަޅާ ހާލު މަންމަގެ މޫނަށް އަނެއްކާ ވެސް ނަޒަރު ހިންގާލީމެވެ. މަންމަ އައިސް އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. އެއައްފަހު އަޑުން އަޑު ނަގައިފައި ފެށީ ރޯށެވެ. އަހަރެން ހުރީ ހާސްވެފައެވެ. ނަތީޖާއަށް ވީގޮތެއް ނޭނގި ބިރުގަނެފައެވެ. ދެލޯ ކަރުނައިން ފުރުނީ މަންމަގެ ގިސްލިމުގެ އަޑުންނެވެ. މަންމަ އަހަރެންގެ ގައިން ދޫކޮއްލިއެވެ. އަހަރެން ރޯކަން އިނގުނީ ތޯއްޗެކެވެ. ދެން މަންމަ ދައްކާލީ އަހަރެންގެ ނަތީޖާއެވެ. އަވަސް ވެފައިވާ ހިތަކާއެކު އަހަރެން ބަލައިލީމެވެ. އެއާއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ސޯޅަ އަހަރުގެ ބުރަ މަސައްކަތް ނިކަން ފޮންޏެވެ. އަށް އޭސްޓާ ލިބިފައިވާއިރު ޤައުމީ ގަދަ ދިހައެއްގެ ފަހުރުވެރިއެއްވަނަ ލިބިގެން ދިއުމަކީ ގަބޫލުކުރަން ދަތި ހަބަރަކަށްވެގެން ދިޔައެވެ. އަދި މީގެއިތުރުން ސަރުކާރުގެ ފަރާތުން ކެނެޑާއަށް ކިޔަވަން ދާން ލިބުނުކަމީ އެންމެ އުފާވި އެއްކަމެވެ.
ފަހުރުވެރި ނަތީޖާ ހިފައިގެން ފުރީ އަހަރެންގެ ދެވަނަ ހުވެފަންކަމުގައިވާ ޑޮކުޓަރުކަން ކިޔަވަން ދިޔުމަށެވެ.
6 އަހަރުފަސް……………
