ނަހަމަ – ކުރުވާހަކަ
ނޯޓް: މި ވާހަކައިގައި ދިމާވެފައިވާ ހާދިސާ އަކީ އެއްވެސް ފަރާތަކަށް ނިސްބަތް ކޮއްފައިވާ ހާދިސާ އެއް ނޫނެވެ. ތިޔަ ފަރާތުގެ ހަޔާތަށް ނޫނީ ތިޔަފަރާތް ދަންނަ ފަރާތަކަށް މި ވާހަކައިގައިވާ ހާދިސާ އާއި އެއްގޮތަށް ކަމެއް ދިމާވެފައިވާނަމަ އެއީ އިއްތިފާގެކެވެ.
ޒަޔާން އާއި ޝިފާނާގެ ކައިވެންޏަށް އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް އެ ދެމަފިރިންނަށް ކުއްޖަކު ލިބޭގޮތެއް ނުވިއެވެ. މާލޭގެ ނުފޫޒުގަދަ އަދި ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ ޒަޔާންގެ ހަޔާތުގައި އުފާވެރިކަން ފުރިހަމަ ނުވަނީ ދަރިއެއްގެ އަޑުން އެ ގެ ފަޅުފިލުވައި ނުދޭތީއެވެ. އެތައް ޑޮކްޓަރުންނަކަށް ދައްކައި، ކުރި ފަރުވާތަކުން ނަތީޖާއެއް ނުފެނުމުން، އެންމެ ފަހުން އެ ދެމަފިރިން ނިންމީ ކުއްޖެއްގެ ބެލެނިވެރިކަމާ ހަވާލުވެ، އެ ކުއްޖާ ގެނެސް އަމިއްލަ ދަރިއެއް ފަދައިން ބަލާ ބޮޑުކުރުމަށެވެ. އެގޮތުން، ކަމާބެހޭ އިދާރާތައް މެދުވެރިކޮށް، މަޢުލޫމާތު ސިއްރުކުރެވިފައިވާ ތުއްތު ފިރިހެން ކުއްޖެއްގެ ބެލެނިވެރިކަން އެ ދެމަފިރިންނަށް ލިބުނެވެ. އެ ތުއްތު ކުއްޖާއަށް ކީ “އައިހަމް” އެވެ. އައިހަމް ގެއަށް ގެނައި ދުވަހުން ފެށިގެން، ޝިފާނާގެ މުޅި ދުނިޔެ ބަދަލުވިއެވެ. ނަމަވެސް، ޒަޔާންގެ ހިތުގައި އޮތީ އެހެން އެއްޗެކެވެ؛ މާޒީގެ ބިރުވެރި ހިޔަންޏެކެވެ.
ޒަޔާންގެ ޒުވާން ދުވަސްވަރަކީ ވަރަށް ތަފާތު ދުވަސްވަރެކެވެ. މީގެ އަހަރުތަކެއް ކުރިން، މެލޭޝިޔާގައި ޑިގްރީއަށް ކިޔަވަން ހުރިއިރު، އޭނާއަށް ލޯބިވެވުނީ އެކުގައި ކިޔަވަން އުޅުނު ދިވެހި އަންހެން ކުއްޖެއް ކަމަށްވާ ރީމާއާއެވެ. ދެމީހުންގެ މެދުގައި އޮތް ގާތްކަން އިންތިހާއަށް ގޮސް، ޝައިޠާނާގެ ވަސްވާހުގައި ޖެހި، ކައިވެނިން ބޭރުން ނަހަމަ ގޮތުގައި ގުޅުމެއް ހިންގުނެވެ. އޭގެ ނަތީޖާއަކަށްވީ ރީމާ ބަލިވެއިނުމެވެ. އެކަމާ ގަތް ލަދުންނާއި ޢާއިލާގެ އަބުރަށްޓަކައި، ކިޔެވުން ނިންމާލުމަށްފަހު ރާއްޖެ އައިސް ވިހެއުމުން އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ދޫކޮށްލަން ރީމާއަށް މަޖުބޫރުވީއެވެ. އެއަށްފަހު ދެމީހުންގެ ގުޅުންވެސް ކެނޑި، ޒަޔާން އޭނާގެ މާޒީ ވަޅުލައި ޝިފާނާއާ ކައިވެނިކުރީއެވެ. ޒަޔާން ދެކުނު ގޮތުގައި އެއީ އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށެވެ. އޭނާ އަބަދުވެސް ހުންނަނީ އެ ފާފައަށް ތައުބާވެ، ހިތާމަކުރާ ހާލުގައެވެ.
އައިހަމްގެ އުމުރުން ފަސް އަހަރު ފުރުނު ދުވަހެވެ. ޒަޔާން އޮފީހުގައި އިންދާ ޝިފާނާ ގުޅާފައި ބުނީ އައިހަމް ސްކޫލަށް ވައްދަން ވެގެން އޭނާގެ އަސްލު ލިޔެކިޔުންތައް ހޯދަން ކޯޓުން ދިން ފައިލް ފެނިއްޖެ ކަމަށެވެ. އެ ފައިލަކީ ބެލެނިވެރިކަން ނެގި އިރު ސިއްރުކޮށްފައި އޮތް ނަމަވެސް، ވަކި އުމުރެއްގައި ބެލެނިވެރިންނަށް ފެންނަންޖެހޭ އަސްލު މައުލޫމާތު ހިމެނޭ ފައިލެކެވެ.
ގެއަށް އައިސް ޒަޔާން އެ ފައިލް ހުޅުވާލިއެވެ. ފައިލްގެ އެތެރޭގައި އޮތް ވިހެއި ކަމުގެ ލިޔުމުގައިވާ ކުއްޖާގެ މަންމަގެ ނަން ފެނުމާއެކު ޒަޔާންގެ މޭގަނޑު އަނދައިގެން ދިޔަ ކަހަލައެވެ. އެތަނުގައި އޮތީ “ރީމާ އިބްރާހީމް” ގެ ނަމެވެ. ވިހެއި ތާރީޚާއި، ހޮސްޕިޓަލުގެ މައުލޫމާތުތައް ކިޔަމުން ދިޔަވަރަކަށް ޒަޔާންގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ.
މުޅި ދުނިޔެއަށް ސިއްރުކޮށް، ނަހަމަ ގޮތުގައި އުފަންވި އަމިއްލަ ލެއިން އުފެދުނު ދަރިފުޅު، މިއަދު މިވަނީ އެނބުރި އޭނާގެ އުނގަށް އައިސްފައެވެ. ނަމަވެސް އެއީ އަމިއްލަ ދަރިއެއްގެ ގޮތުގައެއް ނޫނެވެ؛ އެހެން މީހެއްގެ ބެލެނިވެރިކަމުގެ ދަށުންނެވެ. ޒަޔާންއަށް ކުރެވުނު ކުށުގެ ބޮޑުކަމާއި، މާތްﷲ ގެ ކުޅަދުންވަންތަކަން ހިތަށް އަރައި އޭނާގެ ކަކޫމައްޗަށް ތިރިވެވުނެވެ. ނަހަމަ ގޮތުގައި ކުރެވުނު ކުށެއްގެ ނަތީޖާ، އޭނާގެ ހަޔާތަށް އެނބުރި އައީ އޭނާ ދުވަހަކުވެސް އުއްމީދު ނުކުރާ ފަދަ އިބުރަތްތެރި ގޮތަކަށެވެ.
