އަވައްޓެރިޔާ! – 4
އެދުވަހު ނިދިހަމަނުވެ ހުރެ އޮފީހަށް ދިޔުމުން އަހަރެންގެ މޫނުމަތިން އެކަން ވަރަށް ސާފުކޮށް އެންމެންނަށް އެނގުނެވެ. އޮފީސް ކުދިން އަހަރެން ކައިރީގައި ބަލީތޯވެސް ސުވާލު ކޮށް ހެދިއެވެ. ނިދި ހަމަ ނުވާތީ މޫޑީވެފައި ކަމުގައި ބުނެ އަހަރެން ނިންމާލީމެވެ. ވެގެން އުޅޭގޮތް އަދި އެއްވެސް މީހަކަށް ކިޔާދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެދުވަހު އޮފީހުގެ އެއްވެސް މަސައްކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އިރުއިރުކޮޅާ ފޯނު ބަލާލެވެނީ ރޭގައި މެސެޖު ކުރި ނަންބަރުން މެސެޖެއް ނުވަތަ ކޯލެއް އާދޭތޯއެވެ. ނަމަވެސް މެސެޖެއް ނޫނީ ކޯލެއްވެސް ނައެވެ. ހިނގަމުން މިދާ ވާނުވާ ނޭނގޭ ކަންތައްގަނޑު ސާފު ވާނެ ގޮތެއް ހަމަ ނެތީބާއެވެ.
ބަނޑުހައި ވެފައި ހުރިވަރުން އެދުވަހު މެންދުރު ބާރަގަޑި ބައިވަނިކޮށް ލަންޗް ބްރޭކަށް ގެއަށް ކާންދާން ވިސްނީމެވެ. ގެއަށް ދިޔަ މަގުމަތީގައި ހަނދާންވީ ރޭގެ އެ ސިޓީގައި ބުނެފައިވާ ތަންކޮޅެވެ. “ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް ދަންވަރު 12ގެ ފަހުން ތިގޭގެ ޓެރަސް އަށް ނާރައްޗެވެ.” އެހިޔާލުގައި ހުރެ ގެއަށް ވަންނަން ދަނިކޮށް ގެކައިރި މަގުމަތިން ސަމީރުއާ ދިމާވިއެވެ.
“ނޫރާ ރޭގަ ނުނިދަންދޯ..” ސަމީރު އަހަރެންގެ މޫނަށް ބަލަން ހުރެ ބުންޏެވެ.
“ކިހިނެއް އެނގުނީ ރޭގަ އަހަންނަށް ނުނިދޭކަމެއް..؟” އަހަރެންވެސް ކޮށްލީ ސުވާލެކެވެ.
“ނޫރާ މޫނުމަތިން އެބަ އެނގޭ އެކަން.. މީހާ ހީވަނީ ނިދި އައިސް ވަރަށް ވަރުބަލިވެފަ ހުރިހެން…”
ސަމީރު އޭރުވެސް ހުރީ އަހަރެންގެ މޫނަށް ބަލާށެވެ.
“ރޭގަ އަނެއްކާ އެއަންހެންމީހާ ގޮވީތަ؟” ސަމީރު އެހެންބުނުމުން އަހަރެން އާނ އެކޭ ބުނެ ބޯޖަހައިލީމެވެ. ސިޓީގައި ސަމީރުއަށް ކޮންމެވެސް ކަމެއް އެނގޭކަމުގެ ހިންޓެއް ދީފައި އޮތުމުން އަހަރެން ސަމީރުއަށް ދޮގުހެދުމުގެ ބޭނުމެއް ނެތްކަން އަހަންނަށް އެނގެއެވެ. އިތުރަށް މިކަމުގެ ހަގީހަތް އެނގޭނީވެސް މިވަމުންދާ ކަންކަން ސަމީރުއާއި ހިއްސާ ކުރުމުކަން އަހަރެންނަށް ވިސްނުނެވެ.
“އޭނަ ދޮރު ބޭރުގަ ހުރެގެން ނޫރާ އާ ވާހަކަދެއްކިދޯ. އޭނަ މަށާ ވެސް ވާހަކަ ދެއްކި..” ސަމީރު އެހެން ބުނުމުން އަހަރެންގެ ދެލޯބޮޑުވިއެވެ.
” ކޮންތާކު ހުރެ އޭނަ ސަމީރުއާ ވާހަކަ ދެއްކީ؟. ކީކޯބުނީ؟. އެއީކާކުތަ؟ ކިހިނެއް އެމީހާ މޫނު ހުރީ؟”
އަހަރެން ހިތުގައިވާ ހުރިހާ ސުވާލެއް ކަހަލަ ގޮތަކަށް ފައްޗަކަށް އަމުނާލީމެވެ. ސަމީރު ކުޑަކޮށް ވިސްނާލިއެވެ. ސަމީރުގެ މޫނުމަތިން އޭނާ ވަރަށް ހާސްވެފައިހުރިކަން ފެންނަން ހުއްޓެވެ.
“އޭނާ އަހަރެންނާ ވާހަކަ ދެއްކީ އަހަރެންގެ އެޕާޓްމެންޓުގެ ދޮރު ބޭރުގަ ހުރެގެން. އޭނާ އެހީ ނޫރާ ކޮބާތޯ؟ މަށަށް ވަރަށް ސާފުކޮށް އޭނަގެ މޫނު ފެނުން. އޭނާ ޖަހަނީ މިހާރު ދުނިޔޭގައި ނެތްމީހެއް ވައްތަރު.” ސަމީރު އަހަރެން ކުރި ސުވާލު ތަކުގެ ޖަވާބު ދިނެވެ. އަނެއްކާވެސް ވިސްނާލާފައި ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ.
“އަހަރެން ނުބުނަން ނޫރާގެ އެއްވެސް ވާހަކަ އެއް. އަހަރެން އެއްވެސް ޖަވާބެއް ނުދެން އެމީހާއަކަށް.. އޭނާ އަހަރެންނާ ވާހަކަ ދެއްކީރު އަހަރެން ދޮރުގެ ޕީޕްހޯލުން ބެލީމަ އޭނަގެ މޫނުފެނުނީ.” ސަމީރުގެ ވާހަކަ ނިމުން އިރު އޭނާ ހުރީ ބިރުގަނެފައިކަން އެނގެއެވެ.
“ސަމީރު ދަންނަންތަ ނޫރާ ކިޔާ ކުއްޖެއް؟” އަހަރެން ރޭގެ ސިޓީގެ ވާހަކަ ކިޔާ ދިނުމުގެ ކުރިން އަހާލީމެވެ.
“އާނ. މަ ދަންނަން ނޫރާއެއް. އެކަމަކު އެއީ މީގެ ސަތާރަ އަހަރުކުރިން.”. ސަމީރު އެހެން ބުނުމުން އަހަރެން ވަރަށް ހައިރާންވިއެވެ.
“ކޮބާ އެނޫރާ މިހާރު؟ މަރުވީތަ؟” އަހަރެން އެހީމެވެެ.
“މަރުވީ ކަމެއް ނޭނގެ… އޭނާ ގެއްލުނީ..” ސަމީރު ފެންކަޅިވެފައިހުރެ ޖަވާބުދިނެވެ.
“އަހަރެންނަށް ރޭގަ ލިބުނު ސިޓީއެއް. އޭގަ އޮތީ ނޫރާގެ ފަރާތުން ނޫރާއަށް…” އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.
“ކީކޭ އެސިޓީގަ އޮތީ..؟” ސަމީރު އެހިއެވެ.
“އަދި ނެތް ކިޔައިދެވޭކަށް..” އަހަރެން އެވާހަކަ ކިޔައިދޭން ބޭނުން ނުވީ ސަމީރުގެ ފަރާތުން އިތުރު މައުލޫމާތު ހޯދަންވެގެންނެވެ.
“މަ ބުނަންތަ ރަނގަޅު ވާހަކައެއް… ނޫރާގެ ފަރާތުންނޭ ކިޔާފައި އައި ސިޓީއެއްނު އެއީ… އޭގައިވާ ހުރިހާ ވާހައެއް ގަބޫލު ނުކުރާތި!.. އެނޫރާ އެނގޭ ވަރަށްގިނަ މީހުން އުޅޭ… އޭގެ ތެރެއިން ބައެއްމީހުންނަށް ހީވަނީ އެނޫރާ އަދިވެސް ދުނިޔޭގަ އެބަހުއްޓޭ..”
ސަމީރު އެހެން ބުނެފައި ދިޔައީއެވެ. އަހަރެން ސަމީރު އެބުނި ވާހަކައާމެދު ވަރަށް ވިސްނީމެވެ. މިވާނުވާއެއް ސާފުވާގޮތެއްނުވިއެވެ. ސިޓީގައިވެސް އޮތީ ސަމީރުއަށް އެނގޭ ހުރިހާއެއްޗެއް ކިޔާނުދޭނެ ވާހަކައެވެ. އެހެންކަމުން ސަމީރުގެ ފަރާތުން ހުރިހާ ކަމެއް އެނގުން ވަރަށް ދަތިވާނެކަން އަހަރެންނަށް އެނގެއެވެ. އަހަރެން ގެއަށް ގޮސް އެއްޗެއް ކާލައިގެން އަނެއްކާވެސް ދިޔައީ އޮފީހަށެވެ.
އެމުޅި ދުވަސް ހޭދަވީ އެތައްކަމަކާ ވިސްނަން އިނދެއެވެ. މީގެ ސަތާރަ އަހަރު ކުރިން ގެއްލިފައިއެވާ ނޫރާއާ ބެހޭގޮތުން ސަމީރު ބުނި ވާހަކަތައް ސިކުނޑީގައި އެނބުރެނީއެވެ. އެއީ ކޮންރަށެއްގެ ނޫރާއެއް ބާއެވެ.؟.. އެއީ ސަމީރުގެ ކާކުބާއެވެ.؟.. އެތައް ސުވާލު ތަކަކުން ސިކުނޑި ދިޔައީ ތޮއްޖެހެމުންނެވެ.
އެދުވަހުވެސް އާދައިގެ މަތިން ހަވީރު ފަހެއްޖެހީރު އޮފީސް ނިމިގެން ގެއަށް ދާން ނިކުތީމެވެ. ސީދާ ގެއަށް ނުގޮސް ކުޑަކޮށް ހިނގާލަން ބޭރުމަގަށް ނިކުތީމެވެ. އަދި ދެތިން ފިހާރައަކަށް ވަދެލައި، ހެދިކާ ވިއްކާ ތަނަކަށްވަދެ ހެދިކާ ކޮޅެއް ގަނެގެން އަހަރެން ގެއަށް ދިޔައިރު އިރުއޮއްސެނީއެވެ. ގެއަށް ވަދެ އަހަރެންގެ އެޕާޓްމެންޓަށް ނުގޮސް އަހަރެން ބޭނުންވީ ޓެރަސް އަށް އަރާލާށެވެ. ސިޓީގައި ޓެރެސްގެ ވާހަކަ އޮތުމުން އެތަނާ ބެހޭގޮތުން ހިތުގައި އުފެދުނު ސުވާކުތަކަށް ކޮންމެވެސް ޖަވާބެއް ލިބޭތޯއެވެ.
ގޭގެ ދިހަވަނބުރީގެ މަތީގައިވާ ޓެރަސްއަށް އަރައި ވަށައިގެން ބަލާލީމެވެ. ވަށައިގެންވާ އުސް އިމާރާތްތަކަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. ޓެރެސް ގައި ހުދުގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. އޭގެ މަތީގައި އެއްޗެއް އޮތްހެން ހީވެގެން އަހަރެން ގޮސް ބަލާލީމެވެ. އެއީ އަހަރެންގެ ފޮޓޯގަނޑެކެވެ. އަހަރެން އެފޮޓޯގަނޑު ނަގައި ބަލާލީމެވެ. އެއީ އެދުވަހު އަހަރެން އޮފީހަށް ދަނިކޮށް ފަހަތުން ނަގާފައިވާ ފޮޓޮއެވެ. އަހަރެން ލައިގެން ހުރި ހެދުމާއި، އަރާފައި ހުރި ފައިވާނާ ކޮނޑުގައި އަޅުވާފައިވާ ދަބަހުން އެއީ ހަމަ އެދުވަހު އޮފީހަށް ދިޔައިރު ނަގާފައިވާ ފޮޓޮއެއްކަން އެނގުނެވެ.
އަހަރެންނަށް މީހަކު ފާރަލަނީތާއެވެ. ހަމަ އެދުވަހު ނަގާފައިވާ ފޮޓޮއެއް އެތާގައި އޮތީ ކީއްވެ ބާއެވެ؟ އެއީ އަނެއްކާ ސަމީރުގެ ކަމެއްބާއެވެ؟
އެވަގުތު އަހަރެންގެ ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑުއިވެން ފެށުމުން ތެޅިގަނެފައި ފަސް އެނބުރި ބަލާލީރު އަހަރެންނާ ދާދި ކައިރީގައި ހުއްޓިގެން ކޮޅަށް ހުރީ އެއްކަލަ އަންހެންމީހާއެވެ. އެއީ ސީސީޓީވީ ފުޓޭޖުން ފެނުނު، ދޮރުގެ ޕީޕްހޯލުން ވެސް ފެނުނު މީހާއެވެ.
“ހާދަ އަވަހަށް ތި އައީ..” އެމީހާ އެހެން ބުނުމުން އަހަރެންނަށް ތެޅިގަނެވުނެ. އޭނާގެ ކަޅުކުލަގަދަ ފަންދިގު އިސްތަށިގަނޑު އޮތީ މޫނުގެ ދެފަޅިއަށް ވާހެން ވައްޓާލާފައެވެ. އެހާ ކައިރިން ފެނުމުން ބިރުން ހުރިނަމަވެސް އަހަރެން އޭނާއާ ދިމާލަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. އެއީ ހަމަރީތިކޮށް ހުރި އަންހެނެކެވެ. އިސްތަށިގަނޑު އެހެން ދޫކޮށްލާފައި އޮތުމުން މޫނު އެއްކޮށް ފެންނަން ނެތަސް، މޫނުން ފެންނަން ހުރި ބައިން އެނގެނީ އެމީހާގެ ސިފަ ހުތުރު ނޫންކަމެވެ. “އަދި ނޫރާ މިތަނަށް އަންނާކަށް ނުވޭ..” އެ އަންހެންމީހާ އެހެންބުނީ ހީލާފައި ހުރެއެވެ.
“ތީ ކާކު؟” އަހަރެން އެހެން އެހީރުވެސް ހުރީ އެހުރި ފިޔަވަޅުމަތިން ގުޑުލާންވެސް ނުކެރިފައެވެ.
“ނޫރާ..” އޭނާ އަހަރެންނާ ކައިރިއަށް ފިޔަވަޅެއް އަޅަމުން ޖަވާބު ދިނެވެ.
“ނޫރާ އަކީ އަހަރެންގެ ނަން…” އަހަރެން ހައިރާންވެފައި ހުރެ ބުނީމެވެ.
އެއަންހެން މީހާ ހީލާފައި އަތުން މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑު މޫނު ފެންނަހެން ކުޑަކޮށް ރީތިކޮށްލިއެވެ. އެވަގުތު އަހަރެން ކުއްލިއަކަށް އެމޫނު ހަނދާންވިއެވެ. އެއީ އަހަރެންނަށް ކުޑައިރު ފެނިފައިވާ މޫނެކެވެ. ކާކު ކަމެއް ހަނދާން ނުވިނަމަވެސް އެއީ ފެނިފައިވާ މޫނެއްކަން ހަނދާންވާންފެށިއެވެ.
“ތީ އަހަންނާ ކުރިން ދިމާވި މީހެއްތަ؟” އަހަރެން އެހެން އެހުމުން އެމީހާ އާނއެކޭ ބުނެ ބޯޖަހާލިއެވެ. އޭރު އޭނާގެ ދެލޯފެންކަޅިވީތަން އަހަރެން ދުށީމެވެ.
“އާން… ނޫރާ ވަރަށް ކުޑައިރު އަހަރެންނާ ދިމާވީ.. ނޫރާ މިގެއިން ނެރެދިނީ އަހަރެންގެ ދެއަތުން…” އޭރުވެސް އެމީހާ ވާހަކަ ދެއްކީ ފެންކަޅިވެފައި ހުރެއެވެ. އޭނާ އެބުނި އެއްޗެއް އަހަރެންނަކަށް ސާފެއް ނުވިއެވެ. އެހާ ކުޑައިރުގެ ކަމެއްވީމާ ހަނދާން ކުރަންެއުޅެވެސް ހަނދާނެއް ނުވިއެވެ.
“ކުޑަ އިރު މިގެއިންނޭ؟… އަހަރެން މިގޭގަ އުޅޭތާ އަދި ނުވާނެ މާގިނަ ދުވަހެއް…” އަހަރެން ހައިރާންވެފައި ހުރެ އަހާލީމެވެ.
“އޭރު މިގެ ހުންނަނީ މިހެންނެއްނޫން… މިތާގައި ކުރިންހުރި ބާ އިމާރާތް ވާހަކަ މިދައްކަނީ…” އެމީހާ ޖަވާބުދިނެވެ. އަހަރެން ހުރީ ވާނުވާއެއްގައެވެ. އެވަގުތު ޓެރަސްގެ ދޮރުކައިރިން މީދަލެއް ދިޔަތަން ފެނިފައި އަހަރެންނަށް ދެލޯމަރައި ހަޅޭއްލަވައި ގަނެވުނެވެ. ދެން ލޯހުޅުވާލީރު އެ އަންހެންމީހާ އެއް އެތާކު ނެތެވެ. އަހަރެން ވަށައިގެން ހޯދާލީމެވެ. އެމީހާގެ އެއްވެސް ހިލަމެއް ނެތެވެ. ނަމަވެސް އެއްކަލަ ގޮނޑިމަތީގައި އިތުރު ފޮޓޮއެއް ބާއްވާފައި އޮތެވެ. އަހަރެން ގޮސް އޭތި ނަގައި ބަލާލީމެވެ. އެއީ ގިނަދުވަސް ވުމުގެ ސަބަބުން ވަރަށް ބާވެފައިވާ ފޮޓޮއެކެވެ. ހީވާގޮތުން އެތަކެއް އަހަރުވެފައިވާ ފޮޓޯގަނޑެކެވެ. ގިނަދުވަސް ވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކުލަވެސް ވަނީފަނޑުވެފައެވެ. އޭގައި ވަނީ ޒުވާން އަންހެނެއް 3 އަހަރަށް ދާވަރުގެ ކުޑަ ކުއްޖެއް އުރާލައިގެން ހުއްޓައެވެ. އެފޮޓޯގެ ފަހަތުގައި ލިޔެފައިވެއެވެ. “ނޫރާ އާއި އޭނާގެ ދަރިފުޅު”
އަހަރެން އިރުކޮޅަކު ވިސްނާލަން ހުރީމެވެ. އަހަރެން އަނެއްކާވެސް އެފޮޓޮއަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. އެކުޑަކުއްޖާއަކީ އަހަންނެވެ. އަހަރެންނަށް ފެނިފައިވާ އަހަރެން ކުޑައިރުގެ ފޮޓޯތަކާއި އެއްވެސް ތަފާތެއް ނެތެވެ. އެއީހަމަ ޔަގީނުންވެސް އަހަރެންނެވެ. އެއަންމީހާ ކައިރީގައި ކޮޅަށް ފިރިހެނެއްވެސް ހުއްޓެވެ. އެމީހާގެ މޫނަށްވެސް އަހަރެން ވަރަށް ރަނގަޅަށް ބަލާލީމެވެ. އެއީ ސަމީރުއެވެ. އެފޮޓޯގައި އޭނާ ވަރަށްޅައެވެ. އޭނާގެ އަތުގައި އޮތީ ރީތި ބޮޑު އެހެއް ޖަހާފައިވާ ފަށެކެވެ. ސަމީރު އެފޮޓޯގައި ހިފަހައްޓައިގެން އެހުރި ފަށަކީ ކުޑައިރުއްސުރެ އަހަރެންގެ ކަރުގައި އޮންނަ ފަށެކެވެ.
އަހަރެންގެ ސިކުނޑީގައި އަނެއްކާވެސް އެތަކެއް ސުވާލެއް ތޮއްޖެހެން ފެށިއެވެ. ސަމީރުގެ އަތުގައި އެހާކުރިން އެއޮތް ފަށް އަހަރެންގެ ކަރުގައި ކުޑައިރުއްސުރެ މިއޮންނަނީ ކީއްވެބާއެވެ. އެހެންވީމާ ސަމީރުއާ އަހަރެންނާވެސް އެތަށް އަހަރެއް ކުރިން މިވަނީ ދިމާވެފައިތާއެވެ. ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިރުކޮޅަކު އެހެން ހުރުމަށްފަހު، އިރުއޮއްސި އަނދިރިވާން ފެށުމުން އަހަރެން ދުވެފައި ކަހަލަ ގޮތަކަށް އެފޮޓޯ ދަބަހަށް ލަމުން ޓެރެސްއިން ނިކުމެ ސިޑިން ފޭބީމެވެ. އޭފޮޓޯ އަހަރެންގެ ދަބަހަށްލީ ފަހުންވެސް އެއަށް ރަނގަޅަށް ބަލާލައި ވިސްނަން ބޭނުންވާތީއެވެ. އަވަސް ކުރަންހަދައިގެން ލިފްޓުކައިރީގައި ވެސް މަޑުކުރަން ބޭނުމެއްނުވިއެވެ. ދުވެފައި ސިޑިންފޭބީ ފަހަތްބަލަމުންނެވެ. ފަހަތަކުން މީހަކު ނާދެއެވެ. ނަމަވެސް ވަރަށް ބޮޑަށް ހިތް ބިރުގަނެފައި ހުރުމުން ހުރީ ދާވެސް ހިއްލައިގަނެފައެވެ.
އަހަރެންގެ އެޕާޓްމެންޓުގެ ދޮރުހުޅުވާލައި އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ފެނުނީ ގޭތެރޭގައި ދޮރުކައިރީގައި އޮތް ފޮޓޯގަނޑެކެވެ. ދޮރު ތަޅުލުމަށްފަހު އެފޮޓޯނަގައިގެން ގޮސް ސޯފާގައި އިށީނީމެވެ. އެފޮޓޯގައި ވަނީ ސަމީރު ވަރަށް ޅައިރުއެވެ. ސަމީރުކައިރީގައި ހުރީ ޓެރެސްއިން ދިމާވި އަންހެންމީހާއެވެ. އެފޮޓޯގެ ފަހަތުގައި ޖަހާފައިވަނީ “ނޫރާ- 2009” އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. އެއަންހެންމީހާގެ ނަމަކީ އެހެންވީމާ ހަމަ ނޫރާތާއެވެ. އޭނާ ޓެރެސްގަ ހުރެފައިވެސް ކާކުހޭ އެހުމުން ޖަވާބުގައި ބުނީ ނޫރާއެވެ. އެމީހާއަށް އެކިޔަނީ ހަމަ އަހަރެންގެވެސް ނަމެވެ. އިތުރަށް އަހަރެންގެ ބޯ ހާސްވާންފެށިއެވެ.
ހަގީގަތެއް ނޭނގޭއެތައް ކަމެއް އަހަރެންގެ ކުރިމަތީގައި ފަތުރާލެވިފައި ވާކަހަލައެވެ. އެސިޓީގައިވެސް ވަނީ ނޫރާގެ ފަރާތުން ނޫރާއަށެވެ. ފޮޓޯގައިވެސް މިވަނީ ނޫރާގެ ނަންލިޔެފައެވެ. އަދި ސަމީރުވެސް މިވަނީ އެއަންމީހާ މާކުރިންވެސް ދަންނަމީހަކަށް ތާއެވެ. އެކަމަކު ހަމަޔަގީނުންވެސް އެފޮޓީގައި އެވާ ކުޑަކުއްޖާ އަކީއަހަރެންނެވެ.
އަހަރެން ތެދުވެގެންގޮސް ފެންތައްޓެއް ބޯލައި ހަމަޖެހިލައިގެން އަނެއްކާވެސް ސޯފާގައި އިށީނދެ މަންމައަށް ގުޅަން ފޯނު ނެގީމެވެ. މިހުރިހާ ކަމެއް ވެގެންދިޔައިރުވެސް އެއްވެސް މީހެއް ކައިރީގައި މިވާހަކަތައް ނުބުނެ މަޑުކުރީ މަންމައާ ބައްޕަ މާބޮޑަށް ހާސްވެގެން އަހަރެން ރަށަށް ގެންދަން އުޅެފާނެތީއެވެ. ނަމަވެސް މިހާރު ދެން އިތުރު ގޮތެއް ނެތެވެ.
“ހަލޯ މަންމާ.. މަންމައަށް އެނގޭތަ ނޫރާ ކިޔާ މީހެއް؟” މަންމަ ފޯނު ނެގީރަށް އަހަރެން އެހީމެވެ. އަހަރެންގެ ސުވާލު އިވިފައި މަންމަ އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ. “ޖަވާބު ދީބަލަ މަންމާ…” އަހަރެން އަނެއްކާވެސް ބުނީމެވެ.
“ކީ…. ކީއްވެ ތިސުވާލު ތިކުރީ؟…” އާގަންނަމުން މަންމަ އަހާލިއެވެ.
“އެއީ ކާކުތަ؟ އަހަރެންނަށް ލިބުނު ވަރަށް ދުވަސް ވެފައިވާ ފޮޓޮއެއްގަ އޮތް ލިޔެފަ ނޫރާ-2009. އަދި އެބައޮތް އެހެން ފޮޓޮއެއްވެސް…. އޭގަ ހުރީ އަންހެނެއް ކުޑަކުއްޖެއް އުރާލައިގެން..” އަހަރެން ހުރިހާ އެއްޗެއް ކިޔާދޭން ފެށީމެވެ. އެފޮޓޯގައިވާ މީހާގެ ސިފަ ކިޔާދިނުމަށް މަންމަ އެދުނެވެ.
“ވިއްސަކަށް އަހަރުގެ ރީތި އަންހެނެއް އެއީ. އޭނަގެ އިސްތަށިގަނޑު ފަން..އަދި ވަރަށް ކަޅުކޮށްއޮތީ.” އަހަރެން މަންމަ އަށް އެމީހާ ސިފަކޮށްދިނީމެވެ
“ދަރިފުޅާ… ތިފޮޓޯ އަދި ބަލާބަލަ… އެމީހާގެ އެއްބުމަ ކައިރީގަ އެބައިންތަ ލަކުނެެއް..” މަންމަ އެހެން ބުނުމުން އަހަރެން އަނެއްކާވެސް ރަނގަޅަށް އެފޮޓޮއަށް ބަލާލީމެވެ.
“އާނ…. އެބައިން ލަކުނެއް….” އަހަރެން އެހެން ބުނުމުން މަންމަ ފުންނޭވާއެއްލީ އަޑު އުވުނެވެ. މަންމަގެ އެފުން ނޭވާގެ އަޑުއިވިފައި މަންމަ އަށް އެމީހާ އެނގޭކަން އަހަރެންނަށް ޔަގީންވިއެވެ.
“ދަރިފުޅު މާގިނަ ސުވާލު ނުކުރޭ… ބައެއް ކަންކަމަކީ ފަސްއަޅާ ފޮރުވަން ޖެހޭ ކަންކަން…” މަންމަ އެހެން ބުނުމުން އިތުރަށް އެކަމުގެ ހަގީގަތް ހޯދަން އަހަރެން ބޭނުން ވިއެވެ.
“ފަސް އަޅާ ފޮރުވާށޭ؟..” އަހަރެން އަހާލީމެވެ.
“މިބުނީ… ބައެއް ކަންކަމަކީ ހަނދާން ނައްތާލަން ޖެހޭ ކަންކަން.” މަންމަ އެހެން ބުނެ އަނެއްކާވެސް މާނޭވާ އެއް ލިއެވެ.
“މަންމަ އަށް އެހެންވީމާ ވަރަށް ގިނަ ކަންކަން އެނގޭދޯ.. އެކަމު ކީއްވެ ކިޔާނުދޭން ތިއުޅެނީ..” އަހަރެން އެހީމެވެ.
“ދަރިފުޅާ… އާދޭ ރަށަށް… މާލޭގަ ތިހާ ދުރުގަ ހުރެގެން ތިސުވާލުތަށް ނުކުރޭ …” މަންމަ އަޑުގައި ވަނީ އާދޭހުގެ ރާގެވެ.
“އަހަންނަކަށް ހަމަ ކުއްލިއަކަށް ނުދެވޭނެ މަންމާ.. ކިޔާދީބަލަ… އެނޫރާއަށް ކިހިނެއްވީ؟” އަހަރެން އެހީމެވެ.
“ގެއްލުނީ..” މަންމަ ދިނީ ކުރު ޖަވާބެކެވެ.
“ސަމީރު ކައިރީގަ ނޫރާއެއް ދަންނަންހޭ އެހީމަވެސް ބުނީ ދަންނަމޭ.. އެކަމު އެނޫރާ ގެއްލުނީއޭ…” އަހަރެން ބުނީމެވެ.
“ދަރިފުޅަށް ކިހިނެއް ސަމީރު އެނގެނީ.؟” މަންމަ ހައިރާންވެފައި އެހިއެވެ.
“އެއީ މިގޭގަ އުޅޭމީހެއް…” އަހަރެން ދިނީ ކުރުޖަވާބެކެވެ. މަންމަ އަށް ސަމީރުވެސް އެނގެނީތާއޭ އަހަރެންގެ ހިތަށް އެރިއެވެ.
“ސަމީރުއަށް އިތުބާރު ނުކުރާތި..!. އޭނާއާ އޭނާގެ އެޕާޓްމެންޓު 301 އާ ދުރުގަ އުޅޭތި…!!” މަންމަ ދިނީ އިންޒާރެކެވެ. މަންމަގެ ވާހަކައިން މަންމަ ހުރީ ބިރުންކަން އެނގުނެވެ. މަންމަ އެހެންބުނެ ފޯނު ކަނޑާލިއެވެ.
މަންމަ އަށް ސަމީރު އެޕާޓްމެންޓް ނަންބަރު އެނގުނީ ކިހިނެއްބާއެވެ؟. މަންމަ އަށް ސަމީރު އެނގެނީ ކިހިނެއްބާއެވެ؟.
އެރޭވެސް ގިނަ ވަގުތު ހޭދަވީ އެކި ހިޔާލުތަކުގައެވެ.
އަނެއްދުވަހު ހެނދުނު ހެނދުނާ އަހަރެން ތައުފީގުއަށް ގުޅީމެވެ. އަދި ބައްދަލު ކޮށްލަން ބޭނުންވާކަމުގައި ބުނީމެވެ. ގްރައުންޑް ފްލޯގައި އޭނާގެ ކުޑަކުޑަ އޮފީހެއް ހުރެއެވެ. އޭނާ އެވަގުތު އިނީ އެތާގައި ކަމުން އެތަނަށް އަންނަން ބުންޏެވެ. “ގުޑް މޯނިންގ ނޫރާ.” އަހަރެން ފެނުމާއެކު ތައިފީގު ހީލަމުން ބުންޏެވެ.
“މޯނިންގ… ތައުފީގް.. އަހަރެން މިއައި ވާހަކައެއް އަހަން.. އަހަންނަށް ފެނިއްޖެ ފޮޓޮއެއް.. އޭގައި ވަނީ ނޫރާ ކިޔާ އަންހެނެއް.” އަހަރެން އެހިސާބަށް ބުނިތަނާ ތައުފީގުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ކޮންނޫރާއެއް…” ތައުފީގު ނޭނގޭ ކަމަށް ހަދާފައި އަހާލިއެވެ.
“ދޮގުނުހަދާ ތެދައް ކިޔާދީބަލަ. މިއޮތީ އެފޮޓޯ..” އަހަރެން ތައުފީގުއަށް އެފޮޓޯ ދައްކާލަމުން ބުނީމެވެ.
“ކާކު މިފޮޓޯ ނޫރާއަށް ދިނީ؟..” އެއްވެސް އެއްޗެއް ކިޔާ ދިނުމުގެ ބަދަލުގައި ތައުފީގު ކުރީ ސުވާލެކެވެ.
“އަހަންނަކަށް ނޭނގެ ކާކު ކަމެއް… އިއްޔަ ގެއަށް އައިރު އަހަރެންގެ އެޕާޓްމެންޓުގެ އެތެރޭގައި ދޮރު ކައިރީގައި އޮތީ..” އަހަރެން ބުނީމެވެ.
“ތި ފޮޓޯ އިތުރު އެއްވެސް މީހަކަށް ނުދައްކާތި!. ތީ މީގެ 17 އަހަރު ކުރީގެ ފޮޓޮއެއް…” ތައުފީގު އެހެންބުމުން އަހަރެން ވަރަށް ހައިރާންވިއެވެ. ތައުފީގުއަށް ވެސް އެނގޭ އެތައް ކަމެއް ސިއްރު ކޮށްފައި އެބަހުރިތާއޭ ހިތަށް އެރިއެވެ.
“މީގެ 17 އަހަރު ކުރިން ، މިއިމާރާތް މިތާ އެޅުމުގެ ވެސް ކުރިން މިތާ ހުރީ ވަރަށް ބާ ގެއެއް. އޭރުވެސް އަހަރެން ހަމަ އުޅުނީ މިތާ.. އޭރުގެ އެބާގެ ތަޅާލަންދެންވެސް އަހަރެން އުޅުނީ ހަމަ އެތަނުގެ ކަންކަމުގަ.” ތައުފީގު ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ކީއްވެ އެބާގެ ތަޅާލީ؟..” އަހަރެން އެހީމެވެ.
“މިގޭގަ އުޅުނު ޒުވާން އަންހެނެއް ގެއްލުނީ… އެއީ ނޫރާ..” ތައުފީގު އަހަރެންގެ މޫނަށް ބަލަންހުރެ ބުންޏެވެ.
“ދެން ގެ ތަޅާލީމަ އެމީހާ ފެނުންތަ؟” އަހަރެން އަހާލީމެވެ.
“ނުފެނޭ.. އެ ބާގެ ތަޅާލީ އެގެ ރައްކާތެރި ނޫންކަމަށް ވިސްނައި އެތާގައި ރޫހާނީ ކަންކަން ވަނީކަމަށް ހީކޮށްފަ.” ތައުފީގު ކިޔާދިނެވެ.
“ދެން ސަމީރު އޯ؟ ސަމީރު ކުރިންވެސް ހަމަ އުޅުނީ މިތާގައިތަ. މިތާ ކުރިންހުރި ބާގޭގަތަ؟” އަހަރެން ހިތުގައި އުފެދެމުން ދިޔަ ހުރިހާ ސުވާލެއް ކުރަން ބޭނުން ވިއެވެ.
“އާނ… އޭރު އޭނަ ވަރަށް ޅަ ވާނެ. ސަމީރުއަށް އޭރު ވާނީ އަށާރަ ވަރަކަށް އަހަރު. އެނޫރާ އާ ސަމީރުއަކީ ރައްޓެހިން..” ތައުފީގު ބުންޏެވެ.
“ހަމަ ރައްޓެހިންތަ؟ ނޫނީ އެއަށްވުރެ ގާތްތަ؟” އަހަރެން އަހާލީމެވެ.
“ނޭނގެ… ވަރަށް ގާތް ދެމީހުން އެއީ. ވެދާނެ ލޯބިވެރިންނަށްވެސް. މަށަކަށް ނޭނގެ..” ތައުފީގު ކޮނޑު ހިއްލާލަމުން ބުންޏެވެ.
މީގެ ސަތާރަ އަހަރު ކުރިން ހިނގާފައިވާ އެތަކެއް ކަމެެއް ސިއްރު ވެފައި އެބަހުރިތާއެވެ. އެހުރިހާ ކަމަކާ އަހަރެންނާ އޮތީ ކޮންގުޅުމެއް ބާއެވެ.
ނުނިމޭ..



