އަވައްޓެރިޔާ! – 5
ތައުފީގުގެ ފަރާތުން މާގިނަ މައުލޫމާތެއް ލިބޭގޮތް ނުވުމުން އަހަރެން އޮފީހަށް ދާން ނިކުތީމެވެ. އެދުވަހު އޮފީހުގައި އިނދެ މާބޮޑަށް ވިސްނެން ފެށުމުން، އަހަރެން ދަބަހުން އެއްކަލަ ފޮޓޯނަގައި އެއަށް ބަލަންފެށީމެވެ. އޭގެން ވެސް އިތުރު ކަމެއް ފާހަގަވޭތޯއެވެ. އިތުރު މައުލޫމާތެއް ލިބޭތޯއެވެ.
ބެލިބެލުމުން އަހަރެންނަށް ފާހަގަވީ އެފޮޓޯގެ އެއްއަރި އެހާ ސީދާނޫންކަމެވެ. ހީވާގޮތުން ކަތުރަކުން ނޫނީ ކަޓަރަކުން ފޮޓޯގެ އެއްބައި އެވަނީ ކަފާލާފައެވެ.
އެފޮޓޯގައި ސަމީރުގެ އަތުގައި އެއޮތް ފަށް އަހަރެންގެ ކަރުގައި މިއޮތީ ކީއްވެބާއެވެ؟ މީ އަހަރެން ކުޑައިރުއްސުރެވެސް އަހަރެންގެ މަންމަ އަޅުވާފައި އޮންނަ ފަށެކެވެ. އަހަރެން ކައިރީގައި މަންމަ އަބަދުވެސް ބުނެފައި އޮންނަނީ މިފަށް ކަރުން ނުނަގާ ބޭއްވުމަށެވެ. އެކަމަކު އެދުވަހު އަހަރެން އެފަށް ނަގައި ރަނގަޅަށް އެއަށް ބަލާލީމެވެ.
އެފަށުގެ ފުލަކަށް ލާފައިއޮތް ފަތިކޮށް އޮންނަ ބޮޑު އެހުގައި އަހަރެން އަތްހާކާލައި އެކި ގޮތްގޮތަށް އެއަށް ބެލީމެވެ. އެހެން ބަލަނިކޮށް އަހަރެންގެ ލޮލުގައި އަަޅައިގަތީ އެފަށުފުލުގެ ފަހަތުގައި އެންގްރޭވް ކޮށްފައިވާ ލިޔުންކޮޅެވެ. “15 އޮގަސްޓު” އަހަރެން ވަރަށް ވިސްނީމެވެ؟. 15 އޮގަސްޓަކީ ކޮން ދުވަހެއް ބާއެވެ. ކޮން ތާރީޚެއް ބާއެވެ.؟ އަހަރެން ދުވަހަކުވެސް އެފަށް ނަގައިގެން އެހާވަރަށް ބަލާފައި ނުވާތީ އެތަންކޮޅު މީގެ ކުރިން ދުވަހަކުވެސް ނުދެކެމެވެ. އަނެއްކާ ޖަވާބު ހޯދަންޖެހޭ އިތުރު ކަމެއް ފެނުނީތާއެވެ. މިއިން އެއްވެސް ކަމަކަށް ޖަވާބު ލިބޭނެ ބާއެވެ؟…
ހަމައެދުވަހު މެންދުރު ބާރަގަޑި ބައި ހާއިރު ލަންޗް ބްރޭކަށް ގެއަށް ދިޔައިރު ތައުފީގުއާ ގެކައިރިން ދިމާވިއެވެ. އަނެއްކާވެސް ކުރީގައި އެތާހުރި ބާގޭގެ މައުލޫމާތުކޮޅެއް ދިނުމަށް، އަދި ގެއްލުނު ނޫރާއާ ބެހޭ މައުލޫމާތު ކޮޅެއް ދިނުމަށް އެދި ތައުފީގު ކައިރީގައި އަހަރެން ވަރަށް އާދޭސް ކުރީމެވެ.
އަހަރެން ކުރުނުކޮށް ކިޔަންފެށުމުން ތައުފީގު އަހަރެން ގޮވައިގެންގޮސް އޭނާގެ ކުޑަ އޮފީހަށް ވަނެވެ. އަދި އެއްވެސް މީހެއް ކައިރީގައި ނުބުނަން އެއްބަސް ކުރުވުމަށްފަހު އެތާގައި ހުރި ކަބަޑަކުން ބާފައިލެއް ނަގައިގެން އައިސް މޭޒުމަތީގައި ބޭއްވިއެވެ. ތައުފީގު އެފައިލު ހުޅުވާލައި އޭގައިވާ ގަނޑުތައް އުކަންފެށިއެވެ. ގިނަދުވަސް ވުމުގެ ސަބަބުން އޭގައި ފައިލްކޮށްފައިވާ ގިނަ ގަނޑުތަކުގެ ކުލަ ވަނީ ރީނދޫކުލައަކަށް ބަދަލުވާން ފަށާފައެވެ. އަދި ބައެއް ގަނޑު މެޅިފައިވެސް ހުއްޓެވެ. ކުރިންހުރި ބާގޭގައި ކުއްޔަށް އުޅުނު ބައެއް މީހުންގެ ނަންތަކާ ކުލީގެ އަދަދާ އެކަހަލަ އެތަކެއް ލިޔެކިޔުމެއް އޭގައި ހުއްޓެވެ.
އަހަރެން ތައުފީގު އަތުން ފައިލު ނަގައި ގަނޑުތައް އުކަންފެށީމެވެ. އެހެން ބަލަމުން ދަނިކޮށް ފެނުނީ “ސަނޫރާ” ލިޔެފައިވާ ގަނޑެކެވެ. އަދި އޭގައި ކުލި ދައްކާފައި ވާ ތާރީޚުތައް ލިޔެފައި ހުރިއިރު ބައެއް ފަހަރު އޭނާގެ ނަން “ނޫރާ” ގެ ގޮތުގައި ލިޔެފައި ހުރުމުން އަހަރެން ކުޑަކޮށް ހައިރާންވިއެވެ.
” ސަނޫރާ އާއި ނޫރާ މީ އެކެއްތަ؟..” އަހަރެން އަހާލީމެވެ.
“އޭނާގެ އަސްލު ނަމަކީ ސަނޫރާ… ގިނަމީހުން އޭނާގެ ނަން ކުރުކޮށްލާފައި ކިޔާ އުޅުނީ ނޫރާ.” ތައުފީގު އަހަރެންނަށް ކިޔާދިނެވެ.
އެތަނުން ގަނޑެއްގައި ކަޅުގަލަމަކުން “15 އޮގަސްޓު.” ލިޔެފައި އިންދާ އަހަރެންނަށް ފެނުނެވެ. އެއީ އަހަރެންގެ ކަރުގައި އޮތް ފަށުފުލުގެ ފަހަތުގައި ލިޔެފައިވާ ތާރީޚެވެ. އަހަރެން ތައުފީގުގެ މޫނަށް ބަލާލުމަށް ފަހު އަނެއްކާވެސް ކިޔަންފެށީމެވެ. އެތާރީޚުގެ ދަށުގައި ކުރު ލިޔުންކޮޅެއް އިނެވެ. “ސަނޫރާ ގެއްލުނު ފަހުން ގެއަށް ލިބިފައިވާ ބަައެއް ގެއްލުންތަކުގެ ސަބަބުން، ބައެއް މަރާމާތްތައް ކުރެވިފައި ވެއެވެ.”
.އޭގެ ތިރިން އިތުރު އެއްވެސް ތަފްސީލެއް ލިޔެފައެއް ނެތެވެ. އެގަނޑުގެ ވަރަށް ތިރީގައި ދެން ލިޔެފައިއޮތީ “އިތުރަށް ހޯދާ ބަލަންޖެހޭ” އެހެންނެވެ. ދެން އެންމެ ތިރީގައި ރަތްކުލައިގެ ގަލަމަކުން އިނގިރޭސިން ލިޔެފައިވަނީ “ޑޫ ނޮޓް ރީއޯޕަން” ..
އަހަރެންގެ ސިކުނޑީގައި އަނެއްކާވެސް ސުވާލުތަކެއް ގިނަވީއެވެ. އަހަރެން ވަރަށް ގިނަ ފަހަރު އެގަނޑު ކިޔާލީމެވެ. އެންމެ ފަހު ތަންކޮޅު އެއީ ރަތްގަލަމަކުން މާ ފަހުން ލިޔެފައިވާ އެއްޗެއްކަމަށް އަހަރެންނަށް ވިސްނުނެވެ.
“އެންމެ ތިރީގަ މީނީނު ޑޫ ނޮޓް ރީއޯޕަން… މީކާކު ލިޔެފަ؟” އަހަރެން އަހާލީމެވެ. އޭގެ ޖަބާބުގައި ތައުފީގު ބުނީ ގިނަދުވަސްވުމުން އޭނާ މިހާރު ހަނދާން ނެއްކަމަށެވެ.
ތައުފީގުގެ މޫނުމަތިން އޭނާ ކުޑަކޮށް ބިރުގަނެ ޖެހިލުންވެފައި ހުރިކަން އެނގުނެވެ. ނޭނގެއޭ ބުނެ އޭނާ އެހެދީ ދޮގުކަން އަހަރެންނަށް ޔަގީނެވެ.
އެވަގުތު ތައުފީގަށް ފޯނެއް އައިސްގެން ކުޑަކޮށް އެއްފަރާތަށް ޖެހިލި ވަގުތު އަހަރެން ފޯނުން އެގަނޑުގެ ފޮޓޯ ނެގީމެވެ. އަދި އެހެން ދެތިން ގަނޑެއްގެ ފޮޓޯވެސް ނެގީމެވެ. ތައުފީގުއަތަށް އެފައިލު ދިނުމަށް ފަހު އަހަރެން ގެއަށް ގޮސް ކައިގެން އަނެއްކާވެސް އޮފީހަށް ދިޔައީއެވެ.
އެދުވަހު އޮފީސްނިމިގެން ގެއަށް ދިއުމުގެކުރިން އޮފީހުގައި އުޅޭ ރައްޓެއްސެއް ކަމަށްވާ ޝިނާ އާއެކު ކޮފީއެއް ބޯލަން ދިޔައީމެވެ. ޝިނާއަކީ ވަރަށް ސަމާސާ މިޒާޖެއްގެ ސަކަރާތް ބޮޑު ކުއްޖެކެެވެ. ދެމީހުން އެކިވާހަކަތައް ދައްކާ ހެދި އިރުވެސް އަހަރެންނަށް ދިމާވެގެން މިއުޅޭ އެއްވެސް ކަމެއް ޝިނާ އަކާ ހިއްސާއެއް ނުކުރަމެވެ.
“ނޫރާ… ބަލާބަލަ އޭނދަ ރީތި ފިރިހެނެއް… އޭނަ ހާދަ ވަރަކަށް މިދިމާ އެބަ ބަލައޭ…. ނޫރާއަށް ކަންނޭނގެ އެބަލަނީ…” ޝިނާ ވައި އަޑުން ކަހަލަ ގޮތަކަށް އެހެންބުނެ ހޭންފެށިއެވެ. އަހަރެން ވަރަށް ނޫންކަމަށް އެދިމާ ބަލާލީމެވެ. އެއީ ތެދެކެވެ. އަހަރުމެން ތިބި މޭޒާއި ވަރަށް ކައިރީގައި ހުރި މޭޒެއްގައި ރީތި ފިރިހެނެއް އަހަރުމެންނަށް ބަލަން އިނެވެ. އަހަރެން ވަރަށް ވަގަށް ބަލާލާފައި އަނެއްކާވެސް ޝިނާއާ ދިމާލަށް އެނބުރުނީމެވެ. އެހެން އިރުކޮޅަކު އެކި ވާހަކައިގައި ތިއްބައި ތަންކޮޅެއް ދުރުން އެހެން މޭޒެއްގައި އިން ޝިނާގެ ރައްޓެއްސެއް އޭނައަށް ގޮވާލުމުން އެބަ އަންނަމޭ ބުނެ ޝިނާ ދިޔައެވެ.
އަހަރެން ދަބަހުން އަނެއްކާވެސް އެއްކަލަ ފޮޓޯނަގައި ބަލާލީމެވެ.
“އޯކޭތަ މިތަނުން ގޮނޑިއެއް ނެގިޔަސް؟” ކައިރިން އިވުނު ރީތި ފިރިހެންވަންތަ އަޑު އިވިފައި އަހަރެން ކުޑަކޮށް ސިހުނެވެ. އަހަރެން އެމީހާގެ މޫނަށް ބަލާލީމެވެ. އެއީ މީހެ އިރުކޮޅެއް ކުރިން އަހަރުމެންނަށް ބަލަން އިން ރީތި ފިރިހެން މީހާއެވެ. އަހަރެން ފޮޓޮނަގައިގެން އެއަށް ބަލަން އިނުމުން އޭނާއައިސް ކައިރީގައި ހުއްޓުނުކަންވެސް ނޭނގުނީއެވެ.
އޯކޭއޭ ބުނެ އަހަރެން ބޯޖަހާލުމުން އެމީހާ ހީލާފައި އަހަރެން ކައިރީގައި ހުރި ގޮނޑި ނަގައިގެން ދިޔައެވެ. ދަމުން އަހަރެން އަތުގައި އޮތް ފޮޓޮއަށް އޭނާ ބަލާލިއެވެ. އަހަރެން އަވަސް އަވަހަށް އެފޮޓޯ އަނެއްކާވެސް ދަބަހަށް ލީމެވެ. އެވަގުތު އަހަރެންގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ.
“އޭނާއަށްވެސް އެނގޭ…” އެމެސެޖުގައި އެބުނީ ކާކުގެ ވާހަކަ އެއްބާއެވެ. ހަމަ ގައިމުވެސް ދެންމެ މިތާހުރި މީހާގެ ވާހަކަ އެއް ނޫނެވެ. އެއީކީ އަހަރެން ދަންނަ މީހެއްވެސް ނޫނެވެ. އެހެންވިއްޔާ އެބުނީ ކާކަށް ކޯއްޗެއް އެނގޭ ވާހަކަ ބާއެވެ. ސަމީރު ނޫނީ ތައުފީގުގެ ވާހަކަ ބާއެވެ. ޝިނާއަށް އާދެވުނީ އެވަގުތުއެވެ. އަހަރުމެން ދެމީހުން ބިލުދެއްކުމަށްފަހު އެތަނުން ނިކުމެގެން ދިޔައިރުވެސް ޝިނާ އަހަރެންނާ ވަރަށް ދިމާކޮށް ހީހެދިއެވެ.
ދެމީހުން އަނގަ ތަޅަމުންގޮސް ގެއަށް ދެވުނުއިރު ހަތެއް ޖަހަނީއެވެ. އަހަރެން ގެއަށް ވަނުމުން ޝިނާވެސް އޭނާގެ ގެއަށް ދިޔައީއެވެ. އޭރު އަހަރެން ހުރީ ސަމީރުއާ ބައްދަލުކޮށް އެފޮޓޮއާ ބެހޭގޮތުން ސުވާލުކުރަން ވަރަށް ބޭނުންވެފައެވެ. އަހަރެން ސިިޑިން އަރައިގެން ގޮސް ތިންވަނަފޮލޯގެ ސަމީރު އުޅޭ އެޕާޓްމެންޓް 301 ގެ ކުރިމަތީގައި ހުއްޓި ދޮރުގައި ދެފަހަރަކު ޓަކިޖަހާލީމެވެ. ސަމީރު ވަގުތުން ދޮރުހުޅުވިއެވެ.
“ނޫރާ.. ކިހިނެއްވީ؟” ސަމީރު އަހާލިއެވެ.
“އަހަރެން އެތެރެއަށް ވަނަސް އެންމެ ރަނގަޅުދޯ!” ސަމީރުގެ ޖަވާބަކަށް މަޑުކުރުމެއްނެތި އަހަރެން އެތެރެއަށް ވަނީމެވެ. އޭނާ އަހަރެން ހިފަހައްޓާކަށް ނޫނީ އެތަނަށް ނުވައްދާކަށްވެސް ނޫޅެއެވެ.
އަހަރެން އެތެރެއަށް ވަދެ ގޭތެރެއަށް ވަށައިގެން ބަލާލީމެވެ. ކުޑަ އައިސް އަލަމާރިއަކާ އާދައިގެ ސޯފާއާކާ، ކުޑަ މޭޒަކާ ގޮނޑިއެއް ސިޓިންރޫމުގައި ހުރިއިރު މޭޒުމަތީގައި ކޮންމެވެސް ވަރަކަށް ފޮތް ބަހައްޓާފައި ހުއްޓެވެ.
އަހަރެން އެތެރެއަށް ވަނުމުން ސަމީރު ދޮރުލެއްޕުމަށް ފަހު އަހަރެން ފަހަތުން އައެވެ. އަހަރެން ގޮސް މޭޒުމަތީގައި އެފޮޓޯ ބޭއްވީމެވެ. ސަމީރު އޭގައި އަތްނުލައި މޭޒު ކައިރީގައި ހުރެ އެއަށް ބަލަންފެށިއެވެ.
” މީކޮންތާކުން ހޯދި ފޮޓޮއެއް؟” ސަމީރުގެ އެސުވާލަށް ޖަވާބު ދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ ގިނަ ސުވާލަކަށްވެސް ސަމީރުގެ ފަރާތުން މާއެދެވޭ ޖަވާބެއް ލިބެނީކީ ނޫންވިއްޔާއެވެ.
“މީގައި އެވާ ކުޑަކުއްޖާ އަކީ އަހަރެން…ދެން އެހުރީ ސަމީރު… ދެން އެހުރީ ނޫރާ ދޯ..” އަހަރެން އެހެން އެހުމުން ސަމީރު އެއްވެސް ޖަވާބެއް ނުދީ އަހަރެންގެ މޫނަށް ބަލަން ހުރީއެވެ.
“މިފޮޓޯގެ އެއްބައި އެވަނީ ކޮންމެވެސް މީހެއް ކަފާލާފަ… އެ ކީއްވެ؟. ކަފާލާފަވާ ބައިގަ ހުރީ ކާކު؟” އަހަރެން އެހީމެވެ.
“އެތާގައި ހުންނަން ނުޖެހޭ މީހެއް..” ސަމީރު އެހެންބުނެ އަހަރެންގެ މޫނަށް ބަލާލިއެވެ.
“އެތާގައި ހުރީ ސަނޫރާ އާ ބެހޭ މީހެއްތަ؟.” އަހަރެންގެ ސުވާލު އިވިފައި ސަމީރު ހުރީ ހައިރާންވެފައެވެ. އަހަރެން ސަނޫރާގެ ފުރިހަމަ ނަން ބުނުމުންނެވެ.
“މީގެ 17 އަހަރުކުރިން ގެއްލުނު ނޫރާގެ ފުރިހަމަ ނަމަކީ ސަނޫރާކަން ކިހިނެއް އެނގުނީ؟.” ސަމީރު ހައިރާންވެފައިހުރެ ކުރީ ސުވާލެކެވެ. އަހަރެން އެސުވާލަކަށް ވެސް ޖަވާބެއް ނުދެމެވެ.
“މިފޮޓޯގެ އިންކޮމްޕްލީޓް ބައިގައިވަނީ ސަނޫރާއާ ބެހޭ މީހެއްތަ؟” އަނެއްކާވެސް އަހަރެން އެހީމެވެ.
“ނޫރާ… މަށާ ތި ސުވާލުތައް އިތުރަށް ނުކުރޭ …” ސަމީރު އެހެން ބުނުމުން އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި ރުޅިވެސް އައެވެ.
“އަހަރެން ބުނިން ދޯ އަހަރެންނަށް ސިޓީއެއް ލިބުންވާހަކަ. އޭގަވެސް އޮތޭ ސަމީރު އަށް އެނގޭ ހުރިހާ އެއްޗެއް ކިޔައެއް ނުދޭނެއޭ… މަށަށް އެނގޭ ހަމަ އެނގިހުރެ ސިއްރު ކުރަނީކަން…މިހާރު ދެން ތެދަށް ކިޔާދޭން ވެއްޖެއެއްނު…” އަހަރެން ވާހަކަ ދެއްކީ ވަރަށް ރުޅިއައިސްފައިހުރެކަން ސަމީރުއަށް އެނގޭނެއެވެ.
“ތި ސިޓީ ފޮނުވީ ކޮންމެ މީހަކަސް އޭނަ އެކުރަނީކީ މާ މޮޅުކަމެއް ނޫން…” އެއީ ކާކު ފޮނުވިއެއްޗެއްކަން ނޭނގުނަސް، ސަމީރު ހުރީ އެސިޓީ ފޮނުވި މީހާދެކެ ރުޅިއައިސްފައެވެ.
“ހަނދާން ވޭތަ؟… އަހަރެން ބުނީމެއްނު އެސިޓީގަ ލިޔެފަ އޮތީ ނޫރާގެ ފަރާތުން ނޫރާއަށް…. ސަމީރުއަށް ކިހިނެއް އެނގެނީ އެއީ ސަނޫރާ ފޮނުވި ސިޓީއެއް ނޫންކަމެއް؟… ސަނޫރާ ގެއްލިފަ އަދިވެސް ނުފެނެއެއްނު… ވެދާނެއެއްނު އޭނަ ފިލައިގެން އުޅެނީ ކަމަށްވެސް…. ”
އަހަރެން ބޭނުންވީ ދުލުގައި ހިފާ ދަމައިގެން ވިޔަސް ސަމީރުގެ ފަރާތުން އިތުރު މައުލޫމާތު ހޯދާށެވެ. ނަމަވެސް ސަމީރު އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް އެއްވެސް އެއްޗެއް ނުބުނެ ހަނުހުރީއެވެ.
އަހަރެން ދެއްކި ވާހަކައާ އެއްވެސް އެއްޗެއް ބުނޭތޯ އިރުކޮޅަކު ސަމީރު މޫނަށް ބަލަން އަހަރެން ހުރީމެވެ. ނަމަވެސް އޭނަ އަނގައިން ހަމައެކައްޗެއްވެސް ނުބުންޏެވެ.. އަހަރެން އެތަނުން ނިކުމެގެން ދަމުން ފަސް އެނބުރި ދޮރުމަތީގައި ހުރި ސަމީރުއަށް ބަލާލީމެވެ.
“ކުރިން މިތާ ހުރި ބާގޭގައި، ސަނޫރާ އެއްވެސް އިރަކު އެޕާޓްމެންޓް 301 ގަ އުޅުންތަ؟.” ދޮރުގެ ބޭރުން މަތީގައި ޖަހާފައިފާ އެޕާޓްމެންޓް ނަންބަރު 301 އަށް ބަލާލަމުން އަހަރެން އެހީމެވެ. “ނޫން..” ވިސްނާލުމެއް ނޫނީ ހަނދާން ކޮށްލުމަކާ ނުލައި ސަމީރު ޖަވާބު ދިންލެއް އަވަސް ކަމުން އަހަރެން ހައިރާން ވިއެވެ. ސުވާލު ކޮށް ކޮށް ޖަވާބު ނުދޭން އުޅޭ މީހަކު ކުއްލިއަކަށް އެހާ އަވަހަށް އެސުވާލުގެ ޖަވާބު އެދިނީ ކީއްވެބާއެވެ. އޭނާ އެހެދީ ދޮގަކަށް ވެދާނެބާއެވެ.
ނުނިމޭ….



