Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

އަވައްޓެރިޔާ! – 3

Eyesh Level 310 Stories100 Comments500 Comments
August 17, 2026 6 Mins Read
0 Comments

“އެއީ ސަމީރު. އޭނަ ކީއްކުރަން އެހާ ދަންވަރު އެއައީ؟”. އަހަރެން ތައުފީގު ދިމާލަށް ބަލަން ހުރެ އަހާލީމެވެ.

“ނޭނގެ ދޯ.” ތައުފީގުގެ ޖަވާބު ވަރަށް ކުރެވެ.

އަހަރެން އަނެއްކާވެސް ލެޕްޓޮޕްގެ ސްކްރީނަށް ބަލާލީމެވެ. ސިޑިމަތީގައި އަންހެނެއް ހުރިތަން އެއޮށް ހުރިހާއިރުވެސް އަހަރެންނާ ތައުފީގުގެ ލޮލުގައި އަޅައި ނުގަތީ ދޮރުމަތީގައި ހުރި ސަމީރުއަށް މާބޮޑަށް ސަމާލުކަން ދެވުމުންނެވެ.

“އެހެރީ ކާކު؟. ޒޫމް ކޮށްލަބަލަ..” އަހަރެން އެހެން ބުނުމުން ތައުފީގު ސްކްރީން ޒޫމް ކޮށްލިއެވެ. އިތުރަށް މޫނު ކައިރި ކޮއްލާ ދެލޯ ބޮޑުކޮށްފައި އަހަރެން ލެޕްޓޮޕްގެ ސްކްރީނަށް ބަލާލީމެވެ. އެއީ އަންހެނެކެވެ. އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ދިގު ހެދުމެކެވެ. އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރައިގެން ހުރުމުން އޭނާގެ މޫނެއް ނުފެނުނެވެ. އެތަން ފެނުމުން ތައުފީގުގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިޔަތަން އަހަރެންނަށްފެނުނެ.

 

“ނޫރާ… ދިސް އިސް ވެރީ ސްޓްރޭންޖް..!! ” ތައުފީގު އޭނާގެ ތުނބުޅީގެ އިސްތަށިތަކާ ކުޅެމުން ބުނެލިއެވެ.

“ބަލާބަލަ.. ސަމީރު މައްޗަށް އެރީރުވެސް އެމީހާ އެތާކު ނެއް. އެމީހާ ސިޑިން އެރިތަނެއް ނޫނީ ސިޑިން ފޭބި ތަނެއްވެސް ނުފެނެއެއްނު. ކުއްލިއަކަށް ހަމަ އެތާ ހުއްޓި ހުރިތަން އެފެންނަނީ. ހިނގާ އެއްކޮށް އަލުން ފަށައިގެން ބަލަން..”

ތައުފީގު ދެތިން ފަހަރަކު ތަކުރާރުކޮށް އެވީޑިއޯ އަހަރެންނަށް ދެއްކިއެވެ. އެއީ ތެދެކެވެ. އެއަންހެން މީހާ އައި ތަނެއް ނުފެނެއެވެ. ދިޔަ ތަނެއްވެސް ނުފެނެއެވެ. ކުއްލިއަކަށް އެމީހާ ފެންނަނީ އެތާ ހުއްޓިގެން ހުރިތަނެވެ. އަދި ކުއްލިއަކަށް އެމީހާ އެހުރިތަނުން ގެއްލުނީއެވެ.

 

އަހަރެންނާ ތައުފީގު ޒޫމް ކޮށްގެއް އެވީޑިއޯ އެތައް ފަހަރަކު ބެލީމެވެ. އެއަންހެންމީހާ ހުރީ އޭނާގެ ދިގު އިސްތަށިގަނޑު ނާއްސައި ދޫކޮށްލާފައެވެ. އޭނާހުރީ އަރިއަކަށް ހުއްޓިގެން ކަމުންނާއި އޭނާގެ އިސްތަށިގަނޑު އެހެން އޮތުމުން މޫނު އެއްގޮތަކަށްވެސް ނުފެނެއެވެ.

 

” އެއީ މިގޭގަ އުޅޭ މީހެއް ނޫންދޯ… އެހެން އިސްތަށިގަނޑު ހާވާލަގެން އުޅޭ އަންހެނެއް މިގެއަކުން މަށެއް ނުދެކެން.” ތައުފީގު އެހެންބުނުމުން އަހަރެން ވެސް އާނ އެކޭ ބުނީ އެހެން ހުންނަ މީހެއް އަހަރެންވެސް ދުވަހަކުވެސް ގޭ ތެރެއިން ނުދެކޭތީއެވެ.

އެކި ފަހަރުމަތިން އެވީޑިއޯ ބަލަމުން ދަނިކޮށް ފާހަގަވީ އަނެއްކަމަކީ ސަމީރު ފަސް އެނބުރިފައި އެމީހާއަށް ބަލާލިކަމެވެ.

“ސަމީރު އެބަލަނީ އެމީހާއަށްތަ؟ ސަމީރުއަށް އެމީހާ ފެނުނީތަ؟” އަހަރެން ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެއީ އިންސާނެއް ނޫންބާއޭވެސް ހިތަށް އެރިއެވެ.

“ނޭނގެ ފެނުނީކަމެއް..” ތައުފީގު އެހެން ބުނެ ލެޕްޓޮޕް ލައްޕާލިއެވެ.

“ސަމީރު މަޑުން ހުއްޓަސް އަހަރެން ކުޑަކޮށް ބިރުގަނޭ އޭނަދެކެ މިހާރު.. އެކަމުވެސް އޭނަ ކައިރީގަ އަހަންވީ ކަންނޭނގެ ކީއްކުރަންތޯ އެގަޑީގަ އައީ..” އަހަރެން ތައުފީގު ކައިރީގައި ސޯފާގައި އިށީންނަމުން ބުނީމެވެ.

” އުނހު… އަހާނެ ކަމެއް ނެތް. މިހާރުވެސް ނޫރާ އޭނަ ދެކެ ބިރުގަންނަ ވާހަކަ ތިބުނީ.. އެހެންވީމަ އެވާހަކަ ދައްކަން އޭނަ ކުރިމައްޗަށް އަރާނެކަމެއް ނެތް. އަދި ހާއްސަކޮށް އެކަނި ގޮސް ނުދައްކާތި މިވާހަކަ. ތީއަންހެން ކުއްޖެއް.. ބަލައިގެން އުޅެންވާނީ..” ތައުފީގު އެހެން ބުނެ ގެއިން ނިކުންނަން ތެދުވިއެވެ.

“ތައުފީގު… މިވާހަކަ އަދި އެއްވެސް މީހަކު ކައިރީގަ ނުދައްކާތި… މީހުން ގޯސްކޮށް މާނަ ނަގައިގެން އަހަރެން ދަންވަރު ފިރިހެނުން ވައްދަނީކަމަށް ވާހަކަ ފަތުރަފާނެ..” އަހަރެން އެހެން ބުނުމުން ތައުފީގު އާނއެކޭ ބުނެ ބޯޖަހާލާފައި ނިކުތީއެވެ.

 

އެއީ ހުކުރު ދުވަސް ކަމުން އޮފީހުގައި އުޅޭ ރައްޓެއްސަކާއެކު ހަވީރު ސައިބޯލަން ބޭރަށް ނިކުތީ ކުޑަކޮށް ބޭކާރު ހިޔާލުތަކާ ދުރުވެވޭތޯއެވެ. ނަމަވެސް މުޅިއަކުން ހިތްހަމަ އެއް ނުޖެހުނެވެ. އަދި އެވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނަން ބޭނުން ނުވާތީ އެވާހަކަ ސިއްރުކޮށްފައި ބޭއްވީއެވެ.

 

ގެއަށް އާދެވުނު އިރު ގަޑިން ހަގަޑި ބައި ވަނީއެވެ. ގޭގެ ތިރީ މައިދޮރުން ވަތްއިރު ދެމީހަކު ބަރު ކޮތަޅުތަކެއް ހިފައިގެން ލިފްޓުން ނިކުތެވެ. އަހަރެން ފެނުމުން އެމީހުން ހީލިއެވެ. އެހެން ދުވަސް ތަކެކޭ އެއްފަދައިން ކަންކަން ހިނގަމުން ދިއުމުން އަދި މީހެއްގެ މޫނުމަތިން ވެސް އެހެންކަހަލަ ކުލަވަރެއް ނުފެނުމުން ކުޑަކޮށް ހިތްހަމަ ޖެހުނެވެ. ތައުފީގުގެ ފަރާތުން މީހަކަށް އެވީޑިއޯގެ ކަންތައް އެނގިދާނެތީ އަހަރެން ހުރީ ވަރަށް ބިރުންނެވެ. ނަމަވެސް ގައަށް ވަތްއިރު ފެނުން މީހުންގެ މޫނުމަތިން އެއްވެސް ތަފާތު ކަމެއް ފާހަގައެއް ނުވެއެވެ.

 

އެމީހުން ނިކުތުމުން އަހަރެންގޮސް އަވަހަށް ލިފްޓަށް އެރީމެވެ. ލިފްޓުގެ ދޮރު ލެއްޕެމުން ދަނިކޮށް ބޭރުން މީހަކު އައް ދިއްކޮށްލުމުން ލިފްޓުގެ ދޮރު ހުޅުވުނެ. ލިފްޓު ހުޅުވުމުން ވަނީ ސަމީރެވެ. އޭނާ ފެނުމާއެކު އަހަރެން ކުޑަކޮށް ބިރުގަނެ ދެފައި ފިނިވާގޮތް ވިއެވެެ.

“ރޭގަ ސަމީރު އުޅުނީ ގޭގަތަ؟ މިބުނީ ސަމީރުގެ އެޕާޓްމެންޓުގަހޭ..” އަހަރެން ވަރަށް ޖެހިލުންވެހުރެ އަހާލީމެވެ.

“އާނ… ކިހިނެއްވީ؟..” ސަމީރުގެ ޖަވާބު ވަރަށް ކުރެވެ.

“އަހަރެންނަށް ރޭ ދަންވަރު އަހަރެންގެ އެޕާޓްމެންޓު ބޭރުން މީހަކު ހިނގިއަޑު އިވުން.. އެހެންވެ ސީސީޓީވީ ފުޓޭޖް ބެލީރު ފެނުނީ ސަމީރު… އެގަޑީގަ ސަމީރު އެތާ ހުރީ ކީއްކުރަން…؟.” އަހަރެން ވާހަކަ ދެއްކީ ޖެހިލުންވެ ހުރެއެވެ.

“މަށަށް އަޑުއިވުނީ އަންހެނެއް ނޫރާ ކިޔާފަ ސިޑިމަތިން ގޮވާ އަޑު. އެހެންވެ މަ ދިޔައީ ބަލާލަން. އެހާ ދަންގަޑިއެއް ވީމަ ކާކުތޯ އެގަޑީގަ އެގޮވީ ބަލަން ދިޔައީ… ”

ސަމީރު ވާހަކަ ދެއްކީ ވައިއަޑުން ކަހަލަ ގޮތަކަށެވެ.

ތިންވަނަ ފްލޯއަށް ލިފްޓުގެ ދޮރުހުޅުުވުމުން ސަމީރު ނިކުތެވެ.

“މީހަކު ގޮވިޔަސް ނޫރާ ޖަވާބު ނުދޭތި!!!..” ސަމީރު އެހެންބުނެގޮސް އޭނާގެ އެޕާޓްމެންޓަށް ވަނެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އެރޭ އެއްކޮށް އަހަރެން ހުރީ ވަރަށް ބިރުންނެވެ. ސަމީރު ބުނި ވާހަކަ އަހަރެން ތައުފީގު ކައިރީގައިވެސް އެހެންމީހެއް ކައިރިއަކުވެސް ނުބުނަމެވެ.

އެރޭ ގޭގެ ދޮރު ރަނގަޅަށް ތަޅުލައިގެން ކައްކާ،ކައި ޓީވީ ބަލާވެސް ހެދީމެވެ. އެކި ކަންކަމުގައި އުޅުމުން ހިޔާލު ތަކާ ކުޑަކޮށް ދުރު ވެވޭނެކަމަށް ހީކުރިނަމަވެސް އެންމެ ހިނދުކޮަޅަކަށްވެސް ސަމީރުބުނި ވާހަކަތައް ހަނދާނެއް ނުނެތުނެވެ.

 

އެރޭ އެކެއް ޖަހަން އުޅެނިކޮށް އަނެއްކާ ދޮރުކައިރިން މީހަކު ހިނގާ އަޑުއިވެންފެށިއެވެ. އަހަރެންގޮސް ދޮރުގައި ކަންފަތްޖަހައިގެން އަޑުއަހަން ހުރީ ދޮރުހުޅުވަން ނުކެރުމުންނެވެ. “ނޫރާ..” ކުއްލިއަކަށް ބޭރުން ވައި އަޑުން މީހަކު ގޮވާލިއެވެ. އަހަރެންނަށް ބިރުން ފަސް ވަރަކަށް ފިޔަވަޅު ފަހަތަށް ޖެހެވުނެވެ. ބިރުން ހަދާނެ ގޮތެއް ނޭނގި ހުރިތާ ހުރެވުނީއެވެ. “ނޫރާ… ދޮރުހުޅުވާލަބަލަ…” ބޭރުން އައީ އަންހެނެއްގެ އަޑެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ. އެވަގުތު ސަމީރު ބުނިވާހަކަ ކުއްލިއަކަށް ހަނދާންވިއެވެ. މީހަކު ގޮވިޔަސް ޖަވާބު ނުދެއްޗޭ ސަމީރު ބުނި ހަނދާންވުމުން އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. އެހެން ނޫނަސް ޖަވާބު ދެވޭވަރަށްވުރެ އަހަރެންހުރީ ބިރުވެސް ގަނެފައެވެ.

“ނޫރާ ކޮއްކޯ.. ތީއަހަރެންގެ ކޮއްކޮއެއްނު… ދޮރުހުޅުވާލަބަލަ. ” ބޭރުން އެމީހާ އެހެން ބުނިއަޑު އިވިފައި އަހަރެން ވަރަށް ހައިރާންވިއެވެ. އަހަރެންގެ ދައްތަވީ ރަށުގައެވެ. ވީއިރު އެއީ ކާކުބާއެވެ.

 

“ތީކާކު؟…” ވަރަށް ނާހަން ހުރެފައި އަހަރެން އަހާލީމެވެ. އެމީހާގެ ޖަވާބެއް ނައެވެ. އެހެން އިރުކޮޅަކު އަޑެއް ބަޑެއް ނީވުމުން ދޮރުދަށުން އިން ހަނިޖާގައިން އެމީހާގެ ހިޔަނިން ފެންނަން ހުރި ތަންކޮޅު ފެނޭތޯ ބަލާލީމެވެ. މިހާރަކު އެމީހާ އެތާކު ނެތެވެ. އަހަރެން ހުރީ ބިރުން ހަދާނެ ގޮތެއް ނޭނގިފައެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތް ތަނުން ނުދަންނަ ނަންބަރަކުން އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. “ދޮރު ނުހުޅުވާތި!..” އެމެސެޖު ދެތިން ފަހަރު ކިޔާލެވުނެ. “ދޮރުގެ ޕީޕްހޯލް އިން ބޭރު ބަލާލަބަލަ.” ދެންއައި މެސެޖުގައި އޮތީ އެހެންނެވެ.

 

އަހަރެން އޮތީ ކިތަންމެ ބިރުން ކަމުގައި ވިޔަސް ތެދުވެގެން ގޮސް ޕީޕްހޯލް ގައި ލޯޖައްސާފައި ބޭރު ބަލާލީމެވެ.. ފުރަތަމަ ބަލާލީރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ހުއްޓައި ކުއްލިއަކަށް އަންހެނެއް ފެނުނެވެ. ވީޑިއޯއިން ފެނުން މީހާހެން އޭނާގެ ކަޅުފަން އިސްތަށިގަނޑު އޮތީ މޫނުގެ ދެފަޅިއަށް ދޫކޮށްލާފައެވެ. މިފަހަރު ކުޑަކޮށް އެމީހާގެ މޫނު ސާފުކޮށް ނުފެނުނަސް އެމީހާގެ ހަރަކާތްތައް ފެނެއެވެ. އެއީ ވީޑިއޯއިން ވެސް ފެނުނުމީހާކަން އަހަރެންނަށް ޔަގީންވިއެވެ. އެމީހާ ހުރީ އަހަރެންގެ އެޕާޓްމެންޓުގެ ދޮރާ ފޫޓެއްހާ ދުރުގައި ދޮރާއި ދިމާލަށް ބަލާށެވެ. “ޝްޝްޝް…” އަތުގެ ޝަހާދަތް އިނގިލި ތުންފަތް މަތީގައި އަޅަމުން އެމީހާ ބުނެލިއެވެ.

 

އަހަރެން އަތުގައި އޮތް ފޯނުނަގައި ބަލާލީރު އެހެން މެސެޖެއް އައިސްފައި އޮތެވެ. “އޭނައަށް ނޫރާ އެތެރޭގަ ހުއްޓަސް ފެންނާނެ” .. އަހަރެން އެމެސެޖު ކިޔާފައި ކިތަންމެ ބިރުގަތްނަމަވެސް އަނެއްކާވެސް ޕީޕްހޯލް އިން ބޭރު ބަލާލީމެވެ. އޭރު ބޭރުން އެމީހާ ފެންނާކަށް ނެތެވެ. ނަމަވެސް ދޮރުކުރިމަތީގައި ހުދު ސިޓީ އުރައެއް އޮތެވެ. ސިޓީ އުރައިގެ ބޭރުގައި ލިޔުންކޮޅެއްވެސް އޮތެވެ. “ނޫރާގެ ފަރާތުން ނޫރާއަށް…” އޭގައި ލިޔެފައި ހުރީ ތަންކޮޅެއް ބޮޑެތި އަކުރުން ކަމުގައިވުމުން އެލިޔުންކޮޅު ކިޔާލަން އެނގުނެވެ.

 

އަހަރެންނަށް އެހެން އިރުކޮޅަކު ބޭރުބަލަން ހުރެވުނެވެ. އެސިޓީ އުރައިގައި އަހަރެންގެ ނަން އެހެން އެއޮތީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެއީ އަހަރެން ބޭއްވި އެއްޗެއް ވެސް ނޫނެވެ. ވީއިރު އޭގައި “ނޫރާގެ ފަރާތުން ނޫރާއަށް” އެހެން އެއޮތީ ކީއްވެބާއެވެ. ސިޓީއުރަ ނަގަންދާންވީ ބާއޭވެސް ހިތަށް އެރިއެވެ. ނަމަވެސް ކުޑައިރުކޮޅެއް ކުރިން ފޯނަށް އައި މެސެޖުގައި ލިޔެފައި އޮތް އެތި ހަނދާންވިއެ. އޭނައަށް ނޫރާ އެތެރޭގަ ހުއްޓަސް ފެންނާނެ”.. އެމެސެޖު ހަނދާންވުމުން ގަނެފައި ހުރި ބިރު އިތުރަށް ބޮޑުވިއެވެ.

އަހަރެންގެ ހަށިގަނޑު ބިރުން ތުރުތުރު ލާހެން ހީވާން ފެށުމުން ގޮސް ސޯފާގައި އިށީނީމެވެ. އަހަންނަކަށް ދޮރު ހުޅުވާކަށްވެސް އެ ސިޓީއުރަ ނަގާކަށް ވެސް ނުކެރުނެވެ.

 

 

އަހަރެންގެ ފޯނަށް މެސެޖު ކުރި ނުދަންނަ ނަންބަރަށް އަހަރެންވެސް މެސެޖެއް ކޮއްލަން ބޭނުންވިއެވެ. އެތަކެއް ސުވާލުތަކެއް ހިތުގައި ހުރުމުން މެސެޖު ކުރާނީވެސް ކީކޭ ކިޔާފައިބާއޭ ހިތަށްއެރިއެވެ. ތީކާކުހޭ އަހަންވީ ބާއެވެ…. ތިޔަ ހުރީ ކޮންތާކުހޭ އަހަންވީ ބާއެވެ… އޭނާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއްތޯ އަހަންވީބާއެވެ…. އެހެން ވިސްނަން އިރުކޮޅަކު އިނދެވުނެވެ.

“ނޫރާ އަކީ ކާކު؟..” ވިސްނަ ވިސްނާފައި އަހަރެން މެސެޖެއް ފޮނުވާލީމެވެ.

އިރުކޮޅަކު މެސެޖުގެ ރިޕްލައި އާދޭތޯ ފޯނަށް ބަލަން އިނީމެވެ. ” ތީ ނޫރާ އަކީ..” އެމެސެޖުގައި އޮތީ އެހެންނެވެ.

 

“ދެން އެހެންވިއްޔާ ބޭރުގަ އޮތް ސިޓީއުރައިގަ ނޫރާގެ ފަރާތުން ނޫރާއަށް.. އެހެން ލިޔެފަ އެއޮތީ ކީއްވެ.؟” އަހަރެން އަނެއްކާވެސް މެސެޖެއް ފޮނުވާލީމެވެ.

“އެއީ ނޫރާ އުޅެނީ މިގޭގަކަން އޭނާއަށް އެނގޭތީ…” ރިޕްލައިގައި އޮތްއެއްޗެއްގެ މާނައެއް އަހަންނަކަށް ނުވިސްނުނެވެ.

“ކާކަށް އެނގޭތީ؟..” އަނެއްކާވެސް އަހަރެން އެމެސެޖެއް ރިޕްލައި ކޮށްލީމެވެ.

ރިޕްލައިއެއް ނައިސް އިރުކޮޅެއް ވުމަށް ފަހު ފޯނު ރިންގުވާންފެށިއެވެ. ކޯލުއައީ ނުދަންނަ ނަންބަރަކުން ނެވެ. އަހަރެން ފޯނު ނަގައި ކަންފަތުގައިޖައްސާލީމެވެ. ްެއެކޮޅުން އެއްވެސް މީހެއް ވާހަކައެއް ނުދެއްކިއެވެ. ނަމަވެސް ނޭވާލާ އަޑު އިވޭތީ އެކޮޅުން ވާހަކަ ދައްކަންދެން އަހަރެން އެއްޗެއް ނުބުނެ މަޑުކޮށްލީމެވެ.

 

“އެޕާޓްމެންޓު 301 ގަ އުޅޭ މީހާއަށް އިތުބާރު ނުކުރާތި.!” އެކޮޅުން އައީ އަންހެނެއްގެ އަޑެވެ. އެހެންބުނެފައި އެމީހާ ފޯނުކަނޑާލިއެވެ. އެޕާޓްމެންޓް 301 އަކީ ސަމީރު އުޅޭބައެވެ. ސަމީރުއަށް އިތުބާރު ނުކުރާށޭ އެބުނީ ކާކުބާއެވެ.. ފޯނު ކެނޑުމުން ފޯނުގެ ސްކްރީނަށް ބަލަން އިރުކޮޅަކުއެހެން އިނދެވުނެވެ.

 

 

އެހެން އިންދައި ގަޑިން ދޭއް ޖަހަން އުޅެނިކޮށް ދެން އަހަރެން ނިންމީ ކޮންމެވެސް ގޮތަކުން ބޭރުގައި އޮތް ސިޓީއުރަ ނެގުމަށެވެ. ދެ ފަހަރަކު ތައުފީގުއަށް ގުޅާ ލުމުންވެސް ފޯނެއް ނުނަގައެވެ. މިހާ ދަންވާއިރު އޭނާވެސް އޮންނާނީ ނިދާފައިކަން ޔަގީނެވެ. ރައްޓެއްސަކަށް ގުޅަންވެސް ހިތަށް އެރިއެވެ. އެކަމަކު ބުނާނީވެސް ކީކޭ ހެއްޔެވެ. ބޭރުގައި އެހެންނޫރާއެއް މި ނޫރާއަށް ފޮނުވި ސިޓީއެއް އެބައޮތޭ ބުނެފިނަމަ އަހަރެން މީ މޮޔައެކޭވެސް ހީކޮށްފާނެއެވެ. އެކަހަލަ އެކި ހިޔާލުތައް އަންނަންފެށުމުން ދެންގޮސް ނިދީއެވެ.

 

ހެނދުނު ހަގަޑި ބައިހާއިރު ހޭލެވުމުން އަވަހަށް ގޮސް ދޮރުގެ ޕީޕްހޯލްއިން ބޭރުބަލާލީމެވެ. އޭރުވެސް ބޭރުގައި އެސިޓީއުރަ އޮތެވެ. އަހަރެން އަވަހަށް އޭތި ނަގައިގެންގޮސް ސޯފާގައި އިށީނދެ ރަނގަޅަށް އެސިޓީއުރައަށް ބަލާލީމެވެ. ހީވާގޮތުން އެއީ ހަލާކުވެފައިނެތަކަސް ގިނަދުވަސްވެފައިވާ ސިޓީއުރައެކެވެ. އޭގެ އެތެރޭގައި އޮތީ ބަލާބެލުމަށް ގިނަދުވަސް ވެފައިވާހެން ހީވާ ކަރުދާހެއްގައި ލިޔެފައިވާ ސިޓީއެކެވެ. ފުންނޭވާއެއް ލުމަށްފަހު ރީތި އަތުލިޔުމަކުން ލިޔެފައިވާ އެސިޓީ ކިޔަން ފެށީމެވެ.

 

“-ނޫރާއަށް،

ނޫރާއަށް މިސިޓީ ލިބި ކިޔަމުން ދަނީނަމަ އޭގެ މާނައަކީ ނޫރާއާ ސަމީރު ވާނީ ދިމާވެފައެވެ. ނޫރާއަށް ހީވަނީ ސަމީރުއަކީ ނޫރާ ޖެހިލުންވެ، ސަމާލުވާންވީ މީހެއްކަމަށް ދޯއެވެ. އޭނާ ދެކެ ބިރުނުގަންނާށެވެ. ޖެހިލުން ނުވާށެވެ. އޭނާ ނޫރާއަށް ކިޔާދޭނީ އޭނާއަށް އެނގޭ އެއްޗެހީގެ ކުޑަ މިންވަރެކެވެ. ހުރިހާ އެއްޗެއް ކިޔައެއް ނުދޭނެއެވެ. ސަމީރު ކައިރީގައި އެއަންހެންމީހާއާ ބެހޭގޮތުން މާގިނަ ސުވާލު ނުކުރާށެވެ. ތައުފީގު ކައިރީގައި ތިގެއާ ބެހޭގޮތުން މާގިނަ ސުވާލު ނުކުރައްޗެވެ. އަދި ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް ދަންވަރު 12ގެ ފަހުން ތިގޭގެ ޓެރަސް އަށް ނާރައްޗެވެ. އެއީ ދަންވަރު އެއަންހެންމީހާ ދާތަނެވެ. އޭނާ ކޮންމެ ރެއަކު ނޫރާ ކުރިމައްޗަށް އަރަން ކުރާ މަސައްކަތް ނާކާމިޔާބު ވުމުން ދަނީ އެތާ މައްޗަށެވެ. ނޫރާ ވަރަށް ވިސްނައިގެން އުޅެއްޗެވެ. އެއަންހެން މީހާ ނޫރާގެ މޫނު ހަނދާން ވުމުގެ ކުރިން ވީހާވެސް އަހަވަކަށް މިގެއިން ނިކުމެގެން އެހެންތާކަށް ދާށެވެ.

އަހަންނަށް މާފު ކުރާށެވެ….

– ނޫރާ.-”

 

ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން ތިންފަހަރު އެސިޓީ ކިޔާލީމެވެ. އެއީ ކޮން އަންހެނެއް ބާއެވެ.. މިގޭގެ ޓެރަސްއަކީ އެހާ ބިރުވެރި ތަނެއްބާއެވެ. މިގޭގައި އުޅޭ ބައެއް މީހުން ހަވީރުވެސް އެތަނަށް ގޮސް ހަދައެވެ. އަހަރެންވެސް ދެތިންފަހަރަކު މިގޭ ޓެރެސްއަށް އެރީމެވެ. އެކަމަކުވެސް ދުވަހަކުވެސް ދަންވަރަކު ނުދަމެވެ. އެއަންހެންމީހާ އެއީކާކުބާއެވެ. ޖިންނިއެއް ބާއެވެ. ސިޓީގައި އޭނާއަހަރެންގެ މޫނު ހަނދާން ވުމުގެ ކުރިން އަވަހަށް މިގެއިން ދާށޭ އެބުނީ ކީއްވެބާއެވެ. އަހަރެން ސިޓީ ފަތްޖަހާލައި ސިޓީއުރައަށް ލަނިކޮށް ލޮލުގައި އަޅައިގަތީ ސިޓީގެ ފަހަތުގައި ލިޔެފައިވާ ލިޔުންކޮޅެވެ.

“އޭނާ މިހާރުވެސް ހަނދާން އެބަހުރި.”

 

ނުނިމޭ…

 

Share Article

Follow Me Written By

Eyesh

Level 310 Stories100 Comments500 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ގާތުގާ… 47

Previews
August 17, 2026

ގާތުގާ… 47



All Right Reserved!