ތިއިން އެއްވެސް ކުއްޖެއް ޖިންނިއެއްގެ އުނދަގު ތަހައްމަލު އެބަ ކުރަމު ހެއްޔެވެ؟ އެހެންކަމަށްވާނަމަ މާތްﷲ ގެ ހަޟްރަތުން ޝިފާ ދެއްވުން އެދެމެވެ. ހަނދާންކޮށްދެމެވެ. ފާހާނާ އަށް ވަންނަމުން އަދި ނިކުންނަމުން ކިޔާ ޒިކުރުތައް ކިޔާށެވެ. ގެއިން ނިކުންނަމުން އަދި ވަންނަމުން ކިޔާ ޒިކުރުތައް ކިޔާށެވެ. ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔާށެވެ. އާންމު ތަންތަނުގައި ލޯބިވެރިންނާ ބައްދަލުކޮށް ގުޅުން ނުހިންގާށެވެ. ފިރހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް ޖިންނީންގެ އުނދަގޫ ޖެހޭ ވާހަކަ މީހުން ބުނާތީ އަހަމެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
އެގާރަ ވަނަ ބައި
ފިހާރަ ކުރިމަތީގައި ސައިކަލު ޕާކު ކުރުމަށްފަހު ނޫޔަން އެތެރެއަށް ވަނެވެ. މައްޗަށް އަރަން ހުރި ސިޑި އާ ދިމާލަށް ދިޔުމުގެ ކުރިން ލިފްޓުގެ އެންމެފަހުގެ މަސައްކަތް އޭނާ ބަލައިލިއެވެ. އިރުކޮޅަކުން ހަރުތަކަށް މުދާ ތަރުތީބުކުރަން ތިބި ބިދޭސީ މުވައްޒަފުންނާ ވާހަކަތަކެއް ދެއްކިއެވެ. ދެން ވަނީ މޯލުގެ ވަޒީފާ އަށް މިހާތަނަށް ހޮވިފައި ތިބި ކުދިންނަށް ހާއްސަ ޔުނީފޯމު ފަހައިދިނުން ކުރިއަށްދާ ބަޔަށެވެ. އެތަނުގައި ތިބި މުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދު ދިނުމަށްފަހު ސިޑިން އަރައިގެން އޭނާ މައްޗަށް ދިޔައެވެ. އޭނާ އެރީ ތިންވަނަ ފަންގިފިލާ އަށެވެ. އެއީ ކުޑަކުދިންގެ ސާމާނު ހުންނަ ފަންގިފިލާއެވެ. އޭނާ އަށް ހާއްސަ އޮފީސް ހުންނަނީ އެ ބައިގައެވެ. މުވައްޒަފުންނާ ހިތްހެޔޮކަމާއެކު ވާހަކަދައްކަން ހުރުމަށްފަހު އޭނާ ވަނީ އޮފީސް ބަޔަށެވެ. އޭނާ އަށް ވުރެ ކުރިން އޮފީސް ތެރެއިން ބައްޕަ ނޫމާން ފެނުމުން އޭނާ އަށް ހިނިތުންވެވުނެވެ.
“ސޮރީ ސޮރީ… ބައްޕަ އަށް ވުރެ ލަހުން މިވަދެވުނީ” ނޫޔަން ބުންޏެވެ.
“ކީއްވެ ލަސްވީ؟” ނުމާން ގެ މޫނުމަތިން ހިތްހަމަނުޖެހުން ދައްކާލިއެވެ.
ނޫމާނަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި ހިންގާ މަޝްހޫރު ވިޔަފާރިވެރިއެކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ވިޔަފާރި ވަނީ ރާއްޖޭގެ އެކި ދިމާތަކަށް ފުޅާވެފައެވެ. އޭނާގެ ދަށުގައި އެތައް މުވައްޒަފުންނެއް އެބަތިއްބެވެ. އެހެންނަމަވެސް މިހާރު ހުޅުވަން ތައްޔާރުވަމުން އެދާ ބޮޑު މޯލަކީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް އޭނާ ދިން އުފަން ދުވަހުގެ ހަދިޔާއެކެވެ. ބިޒނަސްގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށްފަހު ނޫޔަން ނިކުތީ ބައްޕަގެ ފިޔަވަޅު މަތިން ފިޔަވަޅު އެޅުމަށެވެ. ނޫމާނަކީ ކޮންމެގޮތެއް ވަރިހަމަ ނުވާ ޒިންމާދާރު އަދި މަޑުމައިތިރި، އެހެންނަމަވެސް ދަރިންނާ މާބޮޑަށް ސަމާސާ ނުކުރާ އޯގާތެރި ހިތެއްގެ ވެރިއެކެވެ.
“މަންމަ އާ ހެދި. މިއައީ މިރަށު އަތިރިމައްޗަށް މަންމަ އާ ނަދޫ ގެންގޮސްދީފަ” ނޫޔަން ބުންޏެވެ.
ޖާގަބޮޑު ތަނަވަސް ކޮޓަރިއެކެވެ. ވަރުގަދަ ކައުންޓަރެކެވެ. އިތުރު ދެ ކެބިން ހުއްޓެވެ. އެއް ޖާގައަކީ ފިހާރައިގެން އިދާރީ މަސައްކަތްކުރާ މުވައްޒަފުގެ ޖާގައެވެ. އަނެއް ޖާގައަކީ މެނޭޖަރުގެ ޖާގައެވެ. ހައިބަ ބޮޑު ފަރުނީޗަރުތަކެވެ. އެއްފަރާތުގައި ފޮތް ހަރުގަނޑެކެވެ. ކޮފީ ބޮވޭނެ އިންތިޒާމު ހަމަޖެހިފައި ހުއްޓެވެ. ތާޒާ މާ ޓުކުރިތައް ހުރީ ތަރުތީބުންނެވެ. މަގުމަތި ފެންނާނެހެން ދޮރު ފޮތިތައް ކަހާލުމަށްފަހު ނޫޔަން ދެ ކޮފީ ހަދާލިއެވެ. އެއްފަރާތުގައި ހުރި ސޯފާ ގޮނޑީގައި ދެބަފައިން އިށީނެވެ.
“ތަނަށް ބޭނުންވާ މުވައްޒަފުން ނަގާ ހަމަޖެހިއްޖެ. މިއަދު މިއޮތީ ސުޕަވައިޒަރުން ހޮވުން. ބައްޕަ ބޭނުން މަދުވެގެން ތިން ސުޕަވައިޒަރުން. ކަމަށް ގާބިލު ތައުލީމީ ހުނަރުވެރި އަދި ޒިންމާދާރު ޒުވާނުން” ނޫމާން ވާހަކަދެއްކިއެވެ.
“އިދާރީ މުވައްޒަފެއް ވެސް ބޭނުންވާނެ” ނޫޔަން ބުންޏެވެ.
“ނޫޔަން ކުރިއަށްގެންދޭ” ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ނޫމާން ބުންޏެވެ.
“ބައްޕަ ދުރުވަނީތަ؟ އަޅުގަނޑު އެކަނިތަ މިއަދު އިންނަންޖެހޭނީ” ނޫޔަން އަހާލިއެވެ.
“ބައްޕަ މިދަނީ ދަނޑުވެރިކަން ކުރަން ލިބުނު ރަށް ބަލާލަން ދާން. ތައުފީގާއެކު މިދަނީ. އިރުކޮޅަކުން މެނޭޖަރު އާނަންދު ދުރުވާނެ. މިއަދު އިންޓަވިޔުތައް ދެކުދިން އެކުގަ ކުރިއަށްގެންދޭ. ބައްޕަ އުންމީދުކުރަން އެއްވެސް ކަމަކާ ބައްޕަ ޝަކުވާކުރަން ނުޖެހޭހާ އިންސާފުވެރިކޮށް ދަރިފުޅު ހުރިހާ ކަމެއް ކުރާނެކަމަށް. މިތަނަކީ ނޫޔަންގެ ތަނެއް. ނޫޔަން ތިއީ ކިޔަވައިގެން ހުރި ޒުވާނެއް. ކުރިއަށްގެންދާނެ ގޮތް ބައްޕަ ކިޔައި ނުދިނަސް ނޫޔަން އަށް އެނގެންވާނެ. ވިޔަފާރިވެރިޔަކަށްވެ ހުރެ ތިމާގެ ދަށުގައި މުވައްޒަފުންތަކެއް ގެންގުޅެ ބަޔަކަށް ހިދުމަތެއް ފޯރުކޮށްދިނުމަކީ މީހަކު އަތަށް ފެންތައްޓެއް ދިއްކޮށްލުންހާ ފަސޭހަކަމެއް ނޫން. މިއީ ވަރަށް ބޮޑު ޒިންމާއެއް. ނޭނގޭ ކަމެއް އޮތިއްޔާ ބައްޕަ ކައިރީގަ އަހާ. ހިޔާލެއް ބޭނުންވިޔަސް ބައްޕަ ހުންނާނަން”
ނޫމާން ގެ ވާހަކަތަކަށް ނޫޔަން ބޯޖަހާލިއެވެ.
****
މިއާ ގޮވައިގެން އައިސް ހުރީ މުރާދެވެ. މިއާ އެތެރެއަށް ވަނުމުން މުރާދު މަޑުކޮށްގެން ހުރީ ފިހާރަ ކުރިމަތީގައި ހުރި ގަސް ކައިރީގައެވެ. މިއާ ހުރީ ޖެހިލުންވެފައެވެ. މިއީ އޭނާގެ ފުރަތަމަ ތަޖުރިބާ އެވެ. ވަޒީފާ އަށް އެދި އައިސް ތިބި ދެ ޖިންސުގެ ޒުވާނުންނެވެ. ޝެހެރޯޒް ގެ ހަބަރެއް ނުވެއެވެ. ޝެރާއީ ކަމަކަށް ބޭނުންވެގެން އުޅޭކަމަށް ބުނެ ޝެހެރޯޒް ދިޔަތާ ކިތަންމެ އިރެކެވެ. މާގިނައިރުތަކެއް ނުވަނީސް މިއާ ގެ ނަމުން ގޮވާލައިފިއެވެ.
“އާނ… ކީކޭ…؟ ސިހިފައި މިއާ އަށް ބުނެވުނެވެ.
އެހިނދު ހުރިހާ މީހުންގެ ސަމާލުކަން މިއާ އަށް ލިބުނެވެ. އެތެރެއަށް ވަންނަންވީ ވަގުތު ޖެހުނީކަން އެނގުމުން މިއާ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. މިއާ ހިނގައިގަތެވެ. ނަން ގޮވާލި އަންހެންކުއްޖާ ފަހަތުން މިއާ އެތެރެއަށް ވަނެވެ. މުޅި ތަނަށް މިއާ ނަޒަރު ހިންގާލިއެވެ. މަތީގައި އެލުވާފައިވާ އަގުބޮޑު ޗާންދަލިޔާތަކާއި ފަންކާތަކާއި ބޮކިތަކަށް އޭސީ އާ މިހެން ގޮސް މިއާ ނުބަލާ ހަމަ އެކައްޗެއްވެސް ނެތެވެ. މިކަހަލަ ކަންކަމަކީ މިއާ އަށް އައު ކަންކަމެވެ.
“މަރްޔަމް މިއާ މުރާދު” މިއާގެ ނަމުން ގޮވާލިއެވެ.
“އާނ…” މިއާ ބުންޏެވެ.
މިއާ ސިހުނުގޮތުން އާނަންދަށް ހެވުނެވެ. މިއާ އިށީންނަންޖެހޭ ގޮނޑި ދެއްކިއެވެ.
“ހާދަ ވަރަކަށް ތަންތަން ތިބަލަނީ” އާނަންދު ބުންޏެވެ.
އާނަންދު އަކީ ރަށަށް ނިސްބަތްވާ ޒުވާނެކެވެ. މިއާ ގެ އާއިލާ އާނަންދު އަށް އެނގެއެވެ. މިއާ އަކީ ކޮންކަހަލަ ކުއްޖެއްކަން ވެސް އާނަންދު އަށް އެނގެއެވެ. އޯ ލެވެލް ގެ ހުރިހާ މާއްދާއަކުން އަށް އޭ ސްޓަރ ލިބުނު ހަމައެކަނި ކުއްޖަކީ މިއާ އެވެ. އެހެންކަމުން އެ ވަޒީފާ މިއާ ނޫން ހައްގު އެހެން އެއްވެސް ކުއްޖަކު އެތަނަށް ނާންނާނެކަން އާނަންދު އަށް އެނގެއެވެ. މިއާ ފެނުމާއެކު އެ ވަޒީފާ މިއާ އަށް އޭނާ ދީފިއެވެ. އެހެންނަމަވެސް ތަނުގެ ގަވައިދުތުތަކާއު އުސޫލުތަކުގައިވާ ފަދައިން ވަޒީފާ ދިނުމުގެ ކުރިން އިންޓަވިއުކޮށް މުވައްޒަފުން ޝޯޓްލިސްޓު ކުރަންޖެހެއެވެ.
“ނުބަލަން. ސޮރީ”މިއާ ބުންޏެވެ.
ކުރިމަތީގައި ތިބި ދެ ފިރިހެނުންގެ މޫނަށް މިއާ ނުބަލައެވެ. އާނަންދު ދިއްކޮށްލި އަތުގެ ތެރެއަށް ފައިލް ލުމަށްފަހު މިއާ އިނީ ދެއަތްތިލަ ގުޅުވާލައިގެން ގެނެސް އުނގުތެރޭގައި ބާއްވައިގެންނެވެ.
“މިއާ ކިހިނެއްތަ؟” އާނަންދު ބުންޏެވެ. އާނަންދު ސުވާލުކުރީ މިއާ އިންގޮތުންނެވެ.
“ރަނގަޅު” މިއާ ބުންޏެވެ.
“މިއާ އަހަންނަކީ މިތަނުގެ މެނޭޖަރު އާނިމް އާދަމް. ދެ ނަން އެއްކޮށްލައިގެން އެންމެންވެސް ކިޔައި އުޅެނީ އާނަންދު. މިއާ އަށް ނޭނގުނަސް މިއާގެ މައިންބަފައިން އަހަރެން ދަންނާނެ. ދެން މިއިނީ މިތަނުގެ ވެރިޔާ ނޫޔަން”
މިއާ އިސްއުފުލާ ކުރިމަތީގައި ތިބި ދެ ފިރިހެނުންނަށް ބަލައިލިއެވެ. ނޫޔަން އާ ހަތަރުކަޅި ހަމަވުމާއެކު އޭނާ ލަދުން އިސްއޮބާލިއެވެ. މިއާ އެތެރެއަށް ވަތް ހިސާބުން ފެށިގެން ނޫޔަން އިނީ އެސްފިޔަޖަހާލަން ވެސް ހަނދާންނެތިފައެވެ. ނޭވާލާން ވެސް ހަނދާންނެތިފައި އިން ކަހަލައެވެ. މިއާ ގެ ކޮންމެ ހަރަކާތެއް ކޮންމެ އަދާއެއް އޭނާގެ ހިތުގެ އެންމެ ހިމަ ނާރާ ކުޅެލައިފިއެވެ. އުމުރުން 24 އަހަރުވީ ހަޔާތުގައި އޭނާގެ ހިތާ ހަމައަށް ފޯރި ހަމައެކަނި އަންހެންކުއްޖާ އަކީ މިއާ އެވެ. މިއާ ގެ ފުރަތަމަ ފެނިލުމާއެކު އޭނާ އަކީ ކާކު ކަމާއި ކުރަން އިން ބޭނުމާ އޭނާގެ މަގާމު ވެސް ހަނދާންނެތިއްޖެއެވެ.
“ގުޅާލާނަން ޖަވާބެއްދޭން” މިއާ ގެ ފައިލް ޗެކްކޮށް ބޭނުންވާ ސުވާލުތަކަށް ފަހު އާނަންދު ބުންޏެވެ.
“ނިމުނީތަ؟ ދާންވީތަ؟” ކޮޅަށް ތެދުވެފައި މިއާ އަހާލިއެވެ.
“މިއާ ދާން ބޭނުންނުވަންޏާ މިތާ އިނަސް އޯކޭ” އާނަންދު ބުންޏެވެ. އާނަންދު އަކީ ސަމާސާ ކުރާހިއްވާ މުވައްޒަފުންނަށް ހެޔޮ މީހެކެވެ. އާނަންދުގެ ޖަވާބު އެގޮތަށް އައުމުން މިއާ އަށް ނިކުންނަންވީ ކަމެއް އަލުން އިށީންނަންވީ ކަމެއް ނޭނގުނެވެ. އޭނާ އަށް ކުރެވުނުހާވެސް ކަމަކީ ލަދުގެންފައި އަތުގައި އޮތް ފައިލް އިތުރަށް މެއާ ގާތްކޮށްލުމެވެ.
“ސޮރީ ސޮރީ… އޯކާވާނެ ދިޔަސް. އެބައިން ނަންބަރު. ގުޅާލާނަން” އާނަންދު ބުންޏެވެ.
މިއާ ފަހަރަކު މީހަކަށް ބަލައިލުމަށްފަހު ހީލަމުން އަވަހަށް ނިކުންނަން ހިނގައިގަތެވެ. އޭނާ އަށް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީވެސް މަގުމައްޗަށް ނިކުމެވުނު ފަހުންނެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އިނީ ނޫޔަންގެ ކަތި ނަޒަރުތަކުން ވީހާވެސް އަވަހަށް ސަލާމަތްވާން ބޭނުންވެފައެވެ.
“ކަލޭ އެކައްޗެއް ވެސް ނުބުނެ ތި އިންނަނީ އެމަންޖެގެ ޖާދޫގަ ޖެހިފަތަ؟” އާނަންދު ބުންޏެވެ. ވެރިޔަކާ މުވައްޒަފަކާ ދެމެދު އޮތް ގުޅުމަކަށް ވުރެ ބޮޑަށް އާނަންދު އާއި ނޫޔަން އާ ދެމެދު އޮތީ އެކުވެރިކަމުގެ ގުޅުމެވެ. އެއް އުމުރެއްގެ ދެ ޒުވާނުންނަކީ ރާއްޖެއިން ބޭރުން އެކުގައި މަތީ ތައުލީމު ހާސިލްކުރި ދެ ޒުވާނުންނެވެ.
“މިއާ… ރީތި ނަމެއް. ކުއްޖާ ވެސް ހާދަ ލޯތްބޭ. މާޝާ ﷲ” ނޫޔަން ބުންޏެވެ.
“ނަމާ ސިފަ އެކަނިތަ؟ އަށް އޭ ސްޓަރ. ބަލާލަބަލަ” އާނަންދު ބުންޏެވެ.
އާނަންދު ފޯނުން ނެގި މިއާ ގެ ސެޓްފިކެޓްތަކުގެ ފޮޓޯ ނޫޔަން ބަލައިލިއެވެ. ތެދެކެވެ. ވިސްނުންތޫނު ތައުލީމީ ހުނަރުވެރި އަންހެންކުއްޖެކެވެ. ބަލާ ފޫހިނުވާނޭ ފަދަ ރީތިކަމެއް މިލްކުކޮށްގެން ހުރި ފަތްމިންޏެއް ފަދައެވެ. މިލްކުކޮށްގެން ގެންގޮސް ކޮޓަރީގައި ރީތިކަން އިތުރުކޮށްލަން ޝޯކޭސްއަކަށް ލައިގެން ކިތަންމެ ދުވަހަކު ގެންގުޅެވިދާނެއެވެ. ލިބުނު މީހަކު އެ ނާޒުކު އަންހެންކުއްޖާ ގައިގައި ކޫރުމެއްވެސް އަޅުވާލަން ބޭނުމެއް ނުވާނެއެވެ.
މިއާ އަށް ބޭނުންވަނީ ވަޒީފާއެއް ނޫން. އެކުއްޖާ އަށް އަދި އެންމެ އަށާރަ އަހަރު. އިތުރަށް ކިޔެވުމުގެ ހުވަފެންތައް ދެކޭނެކަން ޔަގީން. ކީއްވެބާ ކިޔަވަން ނޫޅެ ހުންނަނީ؟” ނޫޔަން ބުންޏެވެ. ނޫޔަންގެ ހިތުގައި އުފެދުނު އައު ޖަޒުބާތުތަކަށް ވުރެ ބޮޑަށް އޭނާ އަށް ވިސްނުނީ މިއާ ގެ އުފާވެރި މުސްތަގުބަލާ މެދުގައެވެ. ކުރިމަތީގައި އިނދެ މިއާ އޭނާއަށް ބަލައިލީ އެންމެ ފަހަރަކުއެވެ. އެވަގުތު އޭނާގެ ދެލޮލުން އެތައް ކަމެއް ނޫޔަން ދެނެގަތެވެ.
“މިރަށު ކުއްޖެއްނޫން. ނިކަމެތި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު. މުރާދުބެގެ އަދި އެހާ ފެންވަރު ނެތީ. އެނގޭތަ! މިއާ އަކީ މިރަށު ވައްލަ އިން ނިކުމެގެން އައި ފަތްމިންޏެއް. ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް. ރައްޓެހިންނާއެކު ރަށުގަ އުޅޭ ތަނެއް އަނެއްހެން ނުފެނޭ”
ވަޒީފާ އަށް އެދި ހުށަހަޅާފައި އޮތް މިއާގެ ފޯމުގައި ޖަހާފައި އިން ފޮޓޯއަށް ކަޅިޖަހާވެސްނުލާ ނޫޔަން އިނީ ބަލާށެވެ.
“އޫމް….. މިހާރު އެބަ ހީވޭ އެއްޗެއް…” އާނަންދު ތެދުވެގެން ގޮސް ކޮފީ މެޝިން ކައިރީގައި ހުއްޓުނެވެ.
“ކަލޭ ކޮން ޑިމާންޑެއް ކުރަން ބޭނުންވަނީ؟” ނޫޔަން ބުންޏެވެ.
“ހެހެހެ…” އާނަންދު ޖަހާލީ ހިނިގަނޑެކެވެ.
“އިހަށް މި ވަޒީފާ މިއާ އަށް ހައްގު ނޫނީ ނޫންތޯ ޔަގީންކޮށްބަލަ” އާނަންދު ބުންޏެވެ.
“މި ވަޒީފާ މިއާ ނޫން ކުއްޖަކަށް ނުދޭނަން” ނޫޔަން ބުންޏެވެ. ހީލަމުން ގޮނޑީގައި ނޫޔަން ބުރަކަށި ދަމާލިއެވެ.
“ހިއެއްނުވޭ ލޯބީގެ ގޮތުން ކުއްޖަކާ ގުޅިގެން އުޅޭހެނެއް. އެއީ މައިންބަފައިންގެ ވަރަށް ބަސް ގަބޫލުކުރާ ކުއްޖެއް” އާނަންދު ބުންޏެވެ.
ނޫޔަންގެ ހިތް އަވަސްވެލިއެވެ. މިއާ ގެ ހިތް ހޯދަން އޭނާގެ ހިތް އެދުނެވެ. މިއާ ނިކުމެގެން އެދިޔައީ އޭނާގެ ހިތް ހިފައިގެންނެވެ. އާނަންދު ބުނީ ތެދެކެވެ. އެއީ ހަމަ ފަތްމިންޏެކެވެ. އޭނާ ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގަ ހުއްޓުނެވެ. ތިރި ބަލައިލިއެވެ. މިއާ އޭނާ އަށް ނުފެނުނެވެ.
“އޭ ބަލަ މަޖުނޫނަކަށް ވީތަ؟ މި އިންޓަވިއު އަދި ނުނިމެއޭ” އާނަންދު ދިމާކޮށްލިއެވެ.
“ނިންމާލާ. ޕޯސްޓަށް ކުއްޖަކު ލިބިއްޖެ”
****
ވާހަކަފޮތެއް ހިފައިގެން ގަސްދޮށުގައި އެލުވާފައި ހުރި ޖޯލީގައި މިއާ އޮތެވެ. ފޮތަށް ބަލަން އޮތް ނަމަވެސް ދޭތެރެއަކުން އޭނާގެ ނަޒަރު ބަނބުކެޔޮ ގަހުގެ އެންމެ ކުރިއަށް ހުއްޓެއެވެ. ޝެހެރޯޒް ގެ ހަބަރެއް ނުވާތާ އެތައް އިރެކެވެ. ޝެހެރޯޒް ކޮބައި ހެއްޔެވެ؟ ކަމެއް ދިމާވީ ހެއްޔެވެ؟ މިނޫނީ މިހާ ގިވަގުތު ޝެހެރޯޒް ނުފެނި އަދި ހޭދައެއް ނުވެއެވެ. މިއާ ސިހުނީ ކައިރީގައި މީހަކު ހުރިކަމުގެ އިހުސާސު ވުމުންނެވެ. މިއާ ހިނިތުންވެލިއެވެ. ޝެހެރޯޒް ގާތުގައި ހުރިކަން އޭނާ އަށް ޔަގީންވިއެވެ. މިއާ އަށް ހައިރާންކަން ލިބުނެވެ. ދުވާލުގެ ވަގުތެވެ. ކޮންމެ ވަގުތެއްގައި ވެސް މަންމަ ކުރިމައްޗަށް އައިސްދާނެއެވެ. މީގެކުރިން ޝެހެރޯޒް އޭނާ އަށް ނުފެނި އޭނާގެ ހަށިގަނޑުގައި ބީހިފައި ނެތެވެ. މިއަދު ޝެހެރޯޒް ގެ އަމަލުތައް ތަފާތެވެ. މިއާ ގެ ހަށިގަނޑަށް ތަފާތު އަރާމެއް އިހުސާސްވާން ފެށުމުން ހަތިޔާރު ބަހައްޓަން ބޭނުންވިއެވެ.
“ޝެހެރޯޒް… ކޮންކަމެއް؟ މަންމަ އެބައުޅޭ. ހުއްޓާލާ” މިއާ ބުންޏެވެ.
ބީހުންތަކަށް ހުއްޓުމެއް ނައެވެ. މިއާ އުނދޯލިން ތެދުވިއެވެ. ގޭތެރެއާ ދިމާލަށް ދުއްވައިގަތެވެ. ނަސީބަކުން މަންމަ އަށް ނުފެނި މިއާ އަށް ކޮޓަރިއަށް ވަދެވިއްޖެއެވެ. ދޮރުލައްޕާލިގޮތަށް މިއާ އެނދުގައި އޮށޯވެވުނެވެ. އެއްވެސް ކަމެއްގައި އޭނާގެ އިހުތިޔާރެއް ނެތެވެ. ހަށިގަނޑަށް ކުރުވަމުން ދިޔައީ އާދަޔާހިލާފު އިހުސާސެކެވެ. ހަމަޔަކަށް އެޅި މިއާ އަށް ހަމަބިމަށް އާދެވުނު އިރު ވެސް އޮތީ އެނދުގައެވެ. އެނދުގެ ބެޑްޝީޓް އޮތީ އެގޮތްމިގޮތް ވެފައެވެ. މިއާ ފުންމައިގެން ތެދުވިއެވެ. ލައިގެން ހުރި ހެދުން ރީތިކޮށްލިއެވެ. އެނދު ތަންމަތި ރީތިކުރިއެވެ.
“ޝެހެރޯޒް! އަހަރެން ބިރުގަނޭ އެބަ. ކީއްވެ ނުފެނި ލޯބިކުރަނީ. މިތާ އެބަހުރިންތަ؟ ނުފެނި ތިހެން ތިއުޅެނީ ކީއްވެތަ؟”
މިއާ އަށް ޝެހެރޯޒް ގެ އެއްވެސް ހަބަރެއް ނުވިއެވެ.
****
ފެންވަރައިގެން މިއާ ނިކުތެވެ. ތުވާލި ހަށިގަނޑު ގައި އޮޅާލައިގެން އައިސް މިއާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ހަށިގަނޑުގައި މީހަކު އަތްލާފައި ހުރިކަމުގެ ނިޝާންތައް އެބަހުއްޓެވެ. އިނގިލިތަކެއްހެން ފާޅުވާން އެބަހުއްޓެވެ. މީގެކުރިން ޝެހެރޯޒް ގެ ފަރާތުން އެފަދަ ކަމެއް ފާހަގައެއް ނުވެއެވެ. މިއާ އަށް ހަދާނެގޮތެއް ނޭނގުނެވެ. މަންމަ ކައިރީގައި ބުނާކަށްވެސް އޭނާ އަށް ނުކެރޭނެއެވެ. އެއީ ޝެހެރޯޒް ގެ މުޅިން އައު ލޯބީގެ ސަމާސާތަކެއް ކަމަށް މިއާ ނިންމިއެވެ. އެ ފާހަގަތަކުގައި ބިސްމި ކިޔާފައި އޭނާ ޒައިތޫނި ތެޔޮ ހޭކިއެވެ.
“ފެނުނިއްޔާ އަހަރެންވެސް ލަނޑެއްދޭނަން” މިއާ ހަމަޖެހުނެވެ.
ފޯނަށް ނަންބަރަކުން ގުޅާފައި އޮތެވެ. މިއާ ގެންގުޅޭ ފޯނަށް އޭނާގެ ބައްޕަ ނޫން އެހެންމީހަކު މިހުރިހާ ދުވަހު ނުގުޅައެވެ. ފޯނު ހިފައިގެން އައިސް މިއާ އެނދުގައި އިށީނެވެ. ފަހަރެއްގައި އިންޓަވިއު އަށް ދިޔަ ތަނުން ގުޅިކަމަށް ވެދާނެއެވެ. މިއާ ގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. ބޭރަށް ނިކުމެ ޖޯލީގައި އިން މަންމަ އާ ދިމާލަށް މިއާ ދުއްވައިގަތެވެ.
“ތިޔޯ މަންމާ”
އަސްމާ އިނީ ފޯއް ކޮށާށެވެ. މިއާ އަހާލީ މީގެކުރިން ނުދެކޭ ކަމަކަށް ވުމުންނެވެ.
“ރަޒިއްޔާއްތަ ބުނި އެގޭ ސައި ހޮޓަލަށް ކޮންމެ ދުވަހަކު ފޯއް ކޮށާފަ ގެނައިމަ މަންމައަށް ވެސް ރުފިޔާ ދޭނަމޭ” އަސްމާ ބުންޏެވެ.
“ތިކަހަލަ އެއްޗެހި ކޮށަން މަންމަ ހާދަ ފަރިތައޭ” މިއާ ބުންޏެވެ.
މިއާ އިށީނެވެ. އޭނާގެ ފޯނުން ގުޅާފައި އޮތް ނަންބަރު ދައްކާލިއެވެ. އެއީ އެތަނުން ގުޅިކަމަށް ވެދާނެކަމަށް ބުންޏެވެ. މިއާ އެ ނަންބަރަށް ގުޅިއެވެ.
“އައްސަލާމް އަލައިކުމް… މިއާ ތަ؟” ފިރިހެނެއްގެ އަޑު އިވުމުން މިއާ އެ ފޯނު ދިއްކޮށްލީ އަސްމާ އަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




