ހިޔަނިހެން 12
ޖިންނީންގެ އުނދަގޫ ޖެހިފައިވާ މީހަކަށް ގިނަ މީހުންގެ ތެރޭގައިވެސް އެކަހެރިވެ ހުންނައިރުގައިވެސް އަދި ނިދާ ވަގުތުގައިވެސް އެތަކެތި ގޯނަ ކުރެއެވެ. ހާއްސަގޮތެއްގައި ފާހާނައިގައި އުޅޭ އުޅުމުގައި ގައިގައި ބީހުން ފަދަ ކަންކަންކޮށް އެސޮރުމެން މަޖާނަގައެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
ބާރަ ވަނަ ބައި
މިއާ ފާހާނާ އަށް ވަދެ ދޮރު ލެއްޕިއެވެ. ހަށިގަނޑުގައި ހުރި ހުރިހާ އަންނައުނެއް ބޭލިއެވެ. އިނގިލީގެ ނިޝާންތަކެއް އެބަހުއްޓެވެ. މިއާ ހައިރާންވިއެވެ. އޭނާ އަށް އެހެން މަހުލޫގެއްގެ ފަރާތުން ކުރިމަތިވަމުން އެދާ ގޯނާ އަކީ ޝެހެރޯޒް ގެ ކަމެއް ނޫންކަން އޭނާ ޔަގީންކުރިއެވެ. ޝެހެރޯޒް އެހެން ކަންތަކެއް ނުކުރާނެއެވެ. މިއާ އަށް ބިރުން ރޮވެން ފެށުނެވެ. ވަޅަށް ދާނި ކޮށްޕާލުމަށްފަހު ފެން ދާނި އޭނާ އަޅާލީ ބޮލަށެވެ. ބިރުން ހުރެ އޭނާ ތިންހަތަރު ދާނި ފެން ބޮލަށް އެޅިއެވެ. ތުވާލި ނުގެނެވޭކަން ހަނދާންވުމުން ފާހާނައިން ނިކުތީ ފެންތަކާއެކުއެވެ. ގައިގައި ތުވާލި އޮޅާލައިގެން ހުރެ މިއާ ވިސްނިއެވެ. ޝެހެރޯޒް އަށް ނުވަންޏާ ދެން އެއީ ކާކު ހެއްޔެވެ؟ ކުއްލިއަކަށް އައި ބޭރުފަރާތު ކަމެއް ހެއްޔެވެ؟ އެހެންނުވާނެއެވެ. އެއީ ހަމަ ޝެހެރޯޒް އެވެ. ޝެހެރޯޒް ހަގީގަތުގައި ވެސް ލޯބިވީނަމަ އެހެން ކަންތަކެއް ނުކުރާނެއެވެ. ޝެހެރޯޒް އެ ހެދީ ދޮގެވެ. ޝެހެރޯޒް ބޭނުންވަނީ އަހަރެންގެ ހަށިގަނޑުން އުފާ ހޯދާށެވެ. ދެން އެހެންވިޔަކަ ނުދޭނަމެވެ. ޝެހެރޯޒް ޖެހޭނީ ކުށަށް އިއުތިރާފު ވާށެވެ. މަޢާފަށް އެދޭށެވެ. ނޫނީ ހުރިހާ ވާހަކަތަކެއް މައިންބަފައިންނަށް ހާމަކޮށް ޝެހެރޯޒް ގެ ކަންތައް ނިންމާލަން މަޖުބޫރުވާނެއެވެ. މިއާ އަށް ރޮވިއްޖެއެވެ. ހިތުގައި އެތައް ޝަކުވާއެއް އުފެދިއްޖެއެވެ. ހިތުގައި ރިހުން ގަދަވެގެން ގޮސްފިއެވެ. ބޭރުން މަންމަ ގޮވާލި އަޑު އިވުނެވެ. ހެދުން ލައިގެން މިއާ ކޮޓަރިން ބޭރަށް ނިކުތެވެ.
****
ގޯލްޑަން މޯލް އާ ގުޅޭ ލިޔުންތަކެއް ބެލުމަށް ނޫޔަން އިނީ އޮފީހުގައެވެ. އޭނާ އަށް ގިނައިން ބެލެމުން ދިޔައީ މިއާ ގެ ފައިލަށެވެ. މިއާ ގެ ހުރިހާ ލިޔުންތަކެއް އެ ފައިލުގައި ހުއްޓެވެ. ފޫހިކަމެއްނެތި މިއާ ގެ ފައިލަށް ބަލަން ނޫޔަން އިނެވެ. ދުވަހަކުވެސް އޭނާ އަށް މިހާބޮޑަށް އަންހެންކުއްޖަކު ކަމުނުދެއެވެ. މިއާ ހަގީގަތުގައި ވެސް ފަތްމިންޏެކެވެ. މިއާ ހާސިލްކުރުމަށް އޭނާ އަށް މަޖުބޫރުވެއްޖެއެވެ. ކުއްލިއަކަށް ނޫޔަން ސިހުނެވެ. ދެ އަންހެންކުދިން ވަދެގެން އައެވެ. އެއީ ނަދުހާ އާއި އެނީ އެވެ.
“މީނީ ދޮންބެ. ދެން ވާހަކަދައްކަބަލަ. ނަދޫ މަޑުކޮށްލާނަން ފަހާތަނުގަ” އޮފީސް ދޮރުލައްޕާލާފައި ނަދުހާ ހިނގައިގަތެވެ. ނަދުހާ އައީ އެނީ އަށް ނޫޔަންގެ އޮފީސް ދައްކާށެވެ. އެނީ ކުއްލިއަކަށް އޮފީހަށް އައިސް ވަނުމުން ނޫޔަން އަށް އުނދަގުވިއެވެ. އެނީގެ ސަބަބުން މިއާ ގެ ފައިލް ލައްޕާލަން ޖެހިއްޖެއެވެ. ނޫޔަން ކަންބޮޑުވިއެވެ. އެނީގެ ސަބަބުން ނޫޔަންގެ ހިތުގައި މިއާގެ ލޯބި ހާސިލްނުވަނީސް ނިންމާލަން ޖެހިދާނެއެވެ. ލައްޕާލި ފައިލް ފަދައިންނެވެ.
ގަމީސް ކޮޅަކާއި އަޅި ކުލައިގެ ޖީންސެއްގައި ހުރި އެނީ ހުރީ ނޫޔަން އަށް ބަލަހައްޓައިގެންނެވެ. އެނީގެ ބުޅި އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއަކުން ހައްޔަރުކޮށްލާފައި ހުއްޓަސް ބަސްނާހާ ބައެއް އިސްތަށިތައް ދެފަރާތު ކަންފަތް ކައިރިން ތިރިއަށް ވެއްޓިފައި ހުއްޓެވެ. އެނީ އަކީ އިސްކޮޅުން ދިގު ހިމަތޮޅި ކުއްޖެކެވެ. ހަމުގެ ކުލަ އަލީ ރީތި ކުއްޖެކެވެ. އެނީ އަކީ ޑޮކްޓަރެކެވެ.
“އެނީ މިތަނުގަ ކީއްތިކުރަނީ؟” ނޫޔަން އެނީ އަށް ބަލައިނުލައެވެ. އެނީ އާ އެއްތަނެއްގައި ހުންނަންޖެހުމުން ނޫޔަންގެ ހިތަށް ވެރިވީ ނުތަނަވަސްކަމެކެވެ. މަސައްކަތެއްގައި ބިޒީވެއްޖެކަން އެނީ އަށް އަންގައިދިނުމަށް ނޫޔަން މަސައްކަތް ކުރިއެވެ.
“ނޫޔަން ފެންނަ ހިސާބުގަ ހުރެވޭނީ” އެނީ ބުންޏެވެ. އޭނާ އައިސް ހުއްޓުނީ ނޫޔަން ގެ ކުރިމަތީގައި މޭޒު ގައި ލެގިލައިގެންނެވެ.
“އެނީ މިތަނަށް އައިރުވެސް އެނގޭނެ މަށަށް ޓައިމެއް ނުދެވޭނެކަން. ވަރަށް ބިޒީ. މާދަމާ ފިހާރަ ހުޅުވާނެ. އޭގެފަހުން ނޭވައެއް ވެސް ލެވޭނީ” ނޫޔަން ބުންޏެވެ. ގަނޑުތަކެއް ނަގައިގެން ސޮއިކުރަން ނުވެސް ޖެހޭ ތަންތަނުގައި އޭނާ ސޮއިކުރަމުން ދިޔައެވެ. ނޫޔަންގެ ކޮންމެ ހަރަކާތަކަށް އެނީ ބަލަމުން ދިޔައެވެ.
“ނުބުނަމެއްނު. މިތަނަށް އައުމުގެ ކުރިން ނޫޔަންގެ ފަރާތުން ލިބުނު ހާއްސަ ހަދިޔާ މަށަށް ފުދޭ. އެއީ ޔަގީނުން ވެސް ނޫޔަންގެ އަނބިމީހާ އަށް އަހަރެން ވާނެކަމުގެ ރަމްޒެއް. ދުވަހަކުވެސް ހަނދާނުން ނުފިލާނެ ރެއެއް. އެކަމަކު ދެން އެކަހަލަ ކަމެއް ނުވާނެ އެނގޭ ކައިވެނީގެ ކުރިން” އެނީ ބުންޏެވެ.
ނޫޔަން ދެފަރާތަށް ބޯހޫރާލިއެވެ. ބައްދަލުވާ ކޮންމެފަހަރަކު އެނީ ބުނާ ފުރަތަމަ ވާހަކަ މިފަހަރުވެސް ތަކުރާރުކޮށްލިއެވެ. ނޫޔަން އަށް އުނދަގުވިއެވެ. އެއީ އޭނާ ހަނދާންކުރަން ބޭނުންވާ ކަމެއް ނޫނެވެ. ދެކުދިންގެ ދެމެދުގައި ހިނގާ ދިޔަ ކަމަކީ ބޮޑު ފާފައެއް ކަން ނޫޔަން ގެ ހަނދާނުގައި އެކަން ކުރިއިރުވެސް ހުއްޓެވެ. އަންހެނަކު ކައިރީގައި ހުރެ ގައިގާ ބީހޭން ފެށުމުން ނޫޔަން އަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަތިވީއެވެ. އެއީކީ ކޮންމެހެން ނޫޔަންގެ ހިތުގައި އެނީ އަށް ހާއްސަ މަގާމެއް ދެވިގެން ހިނގި ކަމެއް ނޫނެވެ. ނޫޔަން އެކާމާ ފަހުން ދެރަވެ ރުއިއެވެ. އެނީ އަށް ހަމްދަރުދީ ވިއެވެ. އެހެންނަމަވެސް އެނީ އަކީ ޠާހިރު ހަށިގަނޑެއްގެ ވެރި ކުއްޖެއް ނޫންކަން ވެސް ނޫޔަން އަށް އެނގިގެން ދިޔައެވެ. އެނީ އާ ނޫޔަން ސުވާލުނުކުރީ އެއީ އޭނަ ވާހަކަދައްކަން ބޭނުންވި މައުލޫއަކަށް ނުވާތީއެވެ.
“އެނީ! އެރޭ ހިނގި ކަމެއް ހިނގީ. އެވާހަކަ ނުދައްކަމާ. އަހަރެން އަބަދުވެސް އެކަމަށްޓަކައި އެނީ ގެ ކިބައިން މައާފަށްއެދޭނަން” ނޫޔަން ބުންޏެވެ.
“އޭ… އަޅޭ… ލަވް ހާދަ ސީރިޔަސް ތިވީ. ނުޖެހޭނެ ނޫޔަން މަޢާފަށްއެދޭކަށް. ގަދަކަމުންނެއް ނޫނެއްނު”
ނޫޔަން ގެ މޫނުގައި އެނީ އަތް ޖައްސާލިއެވެ. ނޫޔަން އަށް އުނދަގުވެގެން މޫނު ކުޑަކޮށް ދުރަށް ޖައްސާލިއެވެ.
“މުވައްޒަފުންގެ ވަރަށް ގިނަ ކަންކަން އަދި ނުނިމި ހުރީ. މިހާރު ވެސް އެނީގެ ސަބަބުން މަސައްކަތަށް ހުރަސްއެޅޭ އެބަ”
“ސޮރީ. މި ދިޔައީ. އެކަމު މަސއްކަތް ނިންމާފަ މިރޭ އެހާ އަވަހަށް ނިދާކަށް ނުކެރޭނެ” އެނީ ބުންޏެވެ.
އެނީ ނިކުމެގެން ދިޔުމުން ނޫޔަން ބޮލުގެ ދެފަރާތުން ހިފަހައްޓާލިއެވެ. އެނީގެ ކިބައިން ސަލާމަތްވާނެގޮތެއް އޭނާ އަށް ނޭނގުނެވެ. އަބަދުވެސް އޭނާ ދެކުނީ އެނީ އަކީ ރަނގަޅު ރައްޓެއްސެއްގެ ގޮތުގައެވެ. ދުވަހަކުވެސް އޭނާ އެނީގެ ކުރިމަތީގައި ލޯބި ފާޅެއް ނުކުރެއެވެ. ދެފަރާތުގެ ބައްޕައިން މެދުގައިވާ ރަހްމަތްތެރިކަން ފަދަ ގުޅުމެއް އޮތްކަން އެކަންޏެވެ. އެ ގުޅުން ކައިވެންޏަކަށް ބަދަލުކުރަން ބޭނުންވަނީ އާއިލާ އިންނެވެ. އެނީގެ ބޮލަށް ލޯބި ވެއްދީ އެ އާއިލާއިންނެވެ. ނޫޔަން ބޭނުންވާ ގޮތް އެކަކުވެސް ބަލައިނުލައެވެ. އޭނާގެ އުފަލަކީ މިއާ އެވެ. މިއާ ނޫން އެއްވެސް އަންހެންކުއްޖަކަށް އޭނާގެ ހަޔާތުން ޖާގައެއް ނެތެވެ. އެކަމަކު މިއާ ހާސިލުކުރަން ހާދަ ބޮޑެތި ހުރަސްތަކެއް ކުރިމަތީގައި އެބަހުއްޓެވެ. އެންމެ ބޮޑު ހުރަހަކީ އޭނާގެ ހަރުކަށި ބައްޕައެވެ. އެނީ ދުރުކުރަން ބައްޕަ ގަބޫލެއްނުވާނެއެވެ. އެއީ ޔަގީންކަމެކެވެ. އަނެއްކޮޅުން މިއާ އެވެ. މިއާ އޭނާގެ ހަޔާތަށް އެއައީ މުވައްޒަފެއްގެ ގޮތުގައެވެ. މިއާ އަކީ ބައްޕަމެންގެ ނަޒަރުގައި ފައިދަށުގައި އޮންނަ ފައިފުއްސެވެ. އެއީވެސް އޭނާ އަށް މިއާ ހާސިލްކުރުމަށް އޮތް ހުރަހެކެވެ.
****
ފަތިސް ނަމާދުކޮށް ނިމިގެން ތެދުވެ އަސްމާ ރެޑިޔޯ ގެ އަޑު ބާރުކޮށްލިއެވެ. ގުރުއާން ކިޔަވާ އަޑު އިވެން ފެށުމުން މިއާ އަށް ވީ ބުނެދޭން ނޭނގޭ އުނދަގުލެކެވެ. އޭނާ އޮތީ މަންމަ ނިކުންނަންދެކަށެވެ. އިރުކޮޅަކުން މުރާދު މިސްކިތުން އައިސް ވަނެވެ. ދެމަފިރިން ބަދިގެފަރަތަށް ދިޔުމާއެކު މިއާ ފުންމައިގެން ތެދުވިއެވެ. މިއަދަކީ ވަޒީފަ އަށް ދާ ފުރަތަމަ ދުވަހެވެ. އުފާވެރި އަދި އެހާމެ ހާއްސަ ދުވަހެކެވެ. ތުވާލި ހިފައިގެން ފާހާނާ އަށް ވަނުމުގެ ކުރިން އޭނާ ރޭޑިޔޯ ނިއްވާލިއެވެ. ފާހާނާ ތެރޭގައި އޭނާ އެތައް އިރެއް ވިއެވެ. ހަމަ އެ އިހުސާސްތައް ކުރުވިއެވެ. ނުފެންނަ އަތަކުން އޭނާގެ ހަށިގަނޑުގައި ބީހޭ އިހުސާސެވެ. ފަހުން މީހާ ހަމަޔަކަށް އެޅުމުން އޭނާ އެއްވެސް ކަމެއް ހަނދާނެއް ނުހުރެއެވެ. އޭނާ ޔަގީންކޮށްގެން ހުރީ އެއީ ޝެހެރޯޒް ކަމުގައެވެ. އެހެނީ ޝެހެރޯޒް ކައިރީގައި އުޅޭކަމުގެ އިހުސާސު އޭނާ އަށް ކުރެވެއެވެ.
“ދެން އާދޭ އަވަސްކޮށްލައިގެން”
ރީތިވާން ހުރި މިއާ ބަލައިލީ ފަހަތުން އަސްމާގެ އަޑު އިވުމުންނެވެ.
ތައްޔާރުވެގެން މިއާ ބަދިގެއަށް ދިޔައެވެ. ކުކުޅު ބިހަކާއި ކިރުތައްޓެއް އޭނާ އަށް ތައްޔާރުކޮށްފައި ހުއްޓެވެ. މިއާ ލައިގެން ހުރި ކަޅު ކުލައިގެ ހަރުވާޅު ހެދުމަށް މުރާދު ބަލައިލިއެވެ. އެ ހެދުމަކީ އައު ހެދުމެއް ނޫންކަން އޭނާ އަށް އެނގެއެވެ.
“އެތަނުން އޮފު ލިބޭ ދުވަހަކުން މަންމައާއެކު ރީތި ފޮތިކޮޅެއް ގަންނަން ދަރިފުޅު ވާނެ ދާން. ބައްޕަ ދޭނަން ލާރި” މުރާދު ބުންޏެވެ.
“އެ ކީއްކުރަން. އެތަނަށް ދާންޖެހެނީ އެތަނުން ދޭ ޔުނީފޯމުގަ. އެހެންވީމަ ހެދުން ނުފެހިޔަސް ރަނގަޅުވާނެ” މިއާ ބުންޏެވެ.
މުރާދު ބަލައިލީ އަސްމާ އަށެވެ. މިއާ އަކީ ތަފާތު އަންހެންކުއްޖެކެވެ. އައު އެއްޗެހި މިއާ ބޭނުމެއްނުވެއެވެ. އަމުދުން މިދުވަސްތަކަކީ އޭނާ އަށް މާ އުފާވެރި ދުވަސްތަކެއް ނޫނެވެ. ޝެހެރޯޒް ވީނުވީ ނޭނގި ގެއްލިއްޖެއެވެ. ރީތި ވާންވީ ކާކަށް ދައްކަން ހެއްޔެވެ؟ ނުފެނި ގޯނާކުރުން ނޫން ކަމެއް ނުކުރެއެވެ. މިއާ ހުރީ ގޮތް ނިންމަން ނޭނގިފައެވެ. އޭނާގެ މުޅި ހަށިގަނޑުގައި ހުރީ ރަތްކޮށް ހުރި ތަންތަންގަނޑެވެ.
“ކީއްވެ އަތްދިގު ހެދުމެއްލީ. މިހާ ހޫނު ގަދައިރު” އަސްމާ ބުންޏެވެ.
“ކަމެއްނުވޭ. ބައްޕަ ދާނަން ދޯ އަޅުގނޑު ގޮވައިގެން” މިއާ ބުންޏެވެ.
****
ފުރަތަމަ އޮތީ ގޯލްޑަން މޯލް ހުޅުވުމުގެ ކުޑަކުޑަ ރަސްމިއްޔާތެކެވެ. ހެނދުނުގެ ސަޔަކާއެކު ކުރިއަށްގެންދާ ހަފްލާ ގައި ފިހާރައިގެ ރިބަން ކަނޑައިދިނީ ނޫޔަންގެ މަންމަ ބީނިޝް އެވެ. މިއާ ހުރީ މުވައްޒަފުންގެ މެދުގައެވެ. އޭނާގެ ތުންފަތުގައި ވީ ލުއިލުއި ހިނިތުންވުމެކެވެ. އުފާވެރި މުއްސަނދި އާއިލާއެއް އޭނާ އަށް މިފެންނަނީ އަލަށެވެ. އަތްތިލަބަޑި ޖަހާލި އަޑަށް މިއާ ސިހުނެވެ. ފިހާރަ ހުޅުވުނީއެވެ. ދެން ދިޔައީ ހެނދުނުގެ ސަޔަށް އިންސާފުކުރުމަށް ދިޔަ ވަގުތެވެ. އެވަގުތުތަކުގައި މަގާމުތަކަށް އައްޔަންކުރެވުނު މުވައްޒަފުންގެ ނަންތައް ގޮވާ ސަލާންގަލާންކޮށް އެ މުވައްޒަފަކަށް ހާއްސަ ކާޑު ހަވާލުކުރުން ކުރިއަށްދިޔައެވެ.
“މިއާ ސުޕަވައިޒަރެއް ދޯ. ވާއު… ގަދައޭ. އަހަރުންނަށް މިޖެހުނީ ޝިފްޓް ޑިއުޓީކުރަން” ހަފްލާގައި އިން އީޝާ ބުންޏެވެ.
“ހޫމް. އެޕްލައި ކުރީ ވެސް އެ މަގާމަށް. ޝަރުތު ހަމަވަންޏާ ދޭނެއްނު” މިއާ ބުންޏެވެ. އަންހެންކުދިން އިތުރު އެއްޗެއް ނުބުނެއެވެ. މިއާ އަކީ މަސައްކަތަށް ގާބިލު ޒުވާނެއްކަމަށް ވާނެ ކަމާމެދު ޝައްކެއް ނުކުރެއެވެ. އެއިން ކުއްޖެއްގެ ހިތުގައި މިއާ އާ މެދު ޝަކުވާއެއް ހަސަދަވެރިކަމެއް ނުވެއެވެ.
އޭނާ އާ ދިމާލަށް ކަޅި ހުއްޓިފައި ހުރި ނޫޔަންއެވެ. މިއާ ހަމަ ބަލައިލުމާއެކު ނޫޔަން އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށލިއެވެ. މިއާ މާބޮޑު ކަމަކަށް ނަހަދައެވެ. ހެނދުނުގެ ސައި ގެ ވަގުތު ހަމަވެއްޖެއެވެ. އެއަށްފަހު ކުރިއަށް ދިޔައީ ބައްދަލުވުމެވެ. އެމީހެއް މަސައްކަތްކުރަންޖެހޭ ގޮތާއި ވަގުތުތަކާއި ގަވައިދުތައް ކިޔައިދިނުމެވެ. އަދި ވަޒީފާ ބަޔާނުގައި ސޮއިކުރުމާއި ކޭޝިއަރުންގެ ގޮތުގައި މަސައްކަތްކުރާނެ ކުދިންނަށް ކަންކަން ކުރިއަށްދާނެ ގޮތް ކިޔައިދިނުމެވެ. މުވައްޒަފުންގެ ކުރިމަތީގައި ތިބީ ނޫޔަން އާއި އާނަންދު އެވެ.
“މިއަދު ހަވީރުގެ ނިޔަލަށް ޔުނީފޯމް ލިބޭނެ. އެހެންވީމަ ދެން އަންނަ ޑިއުޓީއަކަށް އަންނަންވާނީ ޔުނީފޯމުގަ. އިރުކޮޅަކުން ކަސްޓަމަރުންނަށް ހުޅުވާލާނެ. އެހެންވީމަ ހުރިހާ ދިމާލަކަށް ކުދިން ބެހިލާ” އާނަންދު އިރުޝާދު ދިނެވެ.
މިއާ އަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ސުޕަވައިޒަރުންގެ ގޮތުގައި ތިބީ ދެ ޝިފްޓަށް ދެ ކުދިންނެވެ. ދެން ހުރީ ފިރިހެންކުއްޖެކެވެ. މިއާ މާ ރައްޓެހި ކުއްޖެއް ނޫނެވެ.
“މިއާ! ސަރ އެބަ ގޮވާލައްވާ” ފަހަތުން ކުއްޖަކު ބުންޏެވެ.
މިއާ ލިފްޓަށް އެރިއެވެ. ދާންވީ ކޮން ފަންގިފިލާއަކަށް ކަން އޭނާއަށް ބުނެދިނީ އާނަންދު އެވެ. މިއާ ޓަކިޖަހާލުމާއެކު އެންމެ ސިކުންތެއްވެސް ނޫޔަން ލަސްނުކުރެއެވެ. ވަކިން މިއާ ފެނުމުން ނޫޔަން ގެ ހަރަކާތްތައް ހުއްޓުމެއް އައި ކަހަލައެވެ. އެ އަންހެންކުއްޖާ ފެނުމުން ނޫޔަން އަށް ވާގޮތެއް ބުނެދޭންވެސް ނޭނގެއެވެ. މިއާގެ ފައިން ފެށިގެން ދޮންކަނދުރާގައވާ ލޯލިތަކަށް ދަންދެން ނޫޔަން ބަލައިލިއެވެ. މިއާ އަށް ސިއްރުންނެވެ.
“މިއާ! އާދޭ އެތެރެއަށް” ނޫޔަން ބުންޏެވެ.
މިއާ އެތެރެއަށް ވަނެވެ. ފިރިހެނަކާއެކު އެކަނި ހުންނަން ޖެހުމުން އޭނާ އަށް އުނދަގު ގޮތެއް ވަމުން ދިޔައެވެ. އަމިއްލަ ހިތަށް މިއާ ވިސްނައިދިނެވެ. ނޫޔަންގެ ސިފަ އޭނާއަށް ކަމުދެއެވެ. އަންހެންކުއްޖަކަށް ގޯނާއެއް ކުރުމަށް ނޫޔަންގެ ޝަހްސިއްޔަތު ތަނެއް ނުދޭނެއެވެ. މިއާ ހިތުން ހާސްކަން ކަނޑުވާލަން މަސައްކަތްކުރިއެވެ.
“މިއާ ކިހިނެއްތަ؟” ނޫޔަން ބުންޏެވެ. ދެފަރާތަށް ފެޅި ހެދުމުގެ ކުރިމަތީބައިގެ ކަނެއްގައި ހިފަހައްޓާލައިގެން ހުރި މިއާ އިސްއުފުލާލިއެވެ.
“ރަ..ރަނގަޅު” މިއާ ބުންޏެވެ. ނޫޔަންގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވިއެވެ. ރީތީ ހަމައެކަނި މިއާ އެއް ނޫނެވެ. އެހާމެ އަޑުއަހާލަން ރީތި އަޑެކެވެ. ކުއްލިއަކަށް ހިތަށް އައި ބަދަލު ބޭރުން ފާޅުވެދާނެތީ ނޫޔަން ކަންބޮޑުވިއެވެ. ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް ދެ އަތް ޖަހާލަމުން އޭނާ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. ހީވީ ވަށައިގެންވި ހުރިހާ އެއްޗަކަށް އޭނާގެ ހިތުގެ އިހުސާސްތައް ފޮރުވާލިހެންނެވެ.
މިއާ ހުރީ ކަންބޮޑުވެފައެވެ. އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަސައްކަތްކުރަންޖެހޭ ތަނަކީ އެތަނެއް ނޫނެވެ. އޭނާ ކުރަންޖެހޭ މަސައްކަތްތައް އޭނާގެ އަތުގައި ގޮތް ފައިލުގައި ލިޔެފައި އެބަހުއްޓެވެ. އޭނާ އަށް ނޭނގުނީ ނޫޔަން ގެ އޮފީހަށް އޭނާ ގެނައި ސަބަބެވެ. ވެރިމީހާ އަށް ވީތީ އޭނާ އަށް އަހާކަށްވެސް ނުކެރުނެވެ. ފައިލުގައި ލިޔެފައި އޮތަސް ތަނުގެ ވެރިންނަށް ގޮތް ނިންމޭނެއެވެ. ޔަގީނުންވެސް ވަޒީފާ ބަޔާނުގައި މިއާ އަތަށް އަދި ސޮއި ކުރާކަށް ނުދެއެވެ.
“މިއާ އަށް އެނގޭތަ ކޮމްޕިޔުޓަރުން މަސައްކަތްކުރަން” ނޫޔަން އަހާލިއެވެ.
މިއާ ބޯޖަހާލިއެވެ. “އެކަމު ނޭނގޭ ކަންކަން ވެސް ހުންނާނެ”
“އަހަރެން ކިޔައިދޭނަން. މިއާ މަސައްކަތްކުރަންޖެހޭ ދާއިރާ ބަދަލުވެއްޖެ” ނޫޔަން ބުންޏެވެ.
މިއާ އިސްއުފުލާ ނޫޔަން އަށް އަނެއްކާވެސް ބަލައިލިއެވެ. ނޫޔަން ހުރީ ސީދާ މިއާ ގެ ދެލޮލަށް ބަލާށެވެ. އެ ނަޒަރުން މިއާ އަށް އުނދަގުވިއެވެ. އޭނާ ނަޒަރު ބަދަލުކޮށްލިއެވެ.
“މިއާ!”
މިއާ އަނެއްކާ ވެސް ބަލައިލިއެވެ.
“މިއާ މި އޮފީހުގެ އިދާރީ ކަންކަން ކުރާނީ. އެންމެ ރަނގަޅުތަ؟”
މިއާ ބޯޖަހާލިއެވެ. އޭނާ އެއްބަސްނުވެ ކުރާނީ ވަކި ކީއްހެއްޔެވެ؟ ނޫޔަން އަކީ ތަނުގެ ވެރިޔާ ވިއްޔާއެވެ.
“މިއީ މިއާ ގެ މޭޒު”
މިއާ ހައިރާންވިއެވެ. ކަންބޮޑުވެސްވިއެވެ. އޭނާގެ މޭޒު ހުރީ ނޫޔަންގެ މޭޒާ ދިމާ ކުރިމަތީގައެވެ. މިއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
“ކަންބޮޑުނުވޭ. މި ފްލޯގަ މިނޫނީ އޮފީސް ހިންގުމަށް އެއްވެސް ބައެއް ނުހުންނާނެ. މި ބައިގައި މަސައްކަތްކުރާނީ އަހަންނާ އާނަންދު އަދި މިއާ. މިއާ އަށް މިތަނުން ރައްކާތެރިކަން ލިބޭނެ. ވަރަށް އަވަހަށް މަގުމައްޗަށް ހުރި ލިފްޓު ހުޅުވާލެވޭނެ. އޭރުން މޯލްތެރޭގައި ލިފްޓް ބޭނުންނުކޮށް އަންނަގޮތަށް މިއާ އަށް މި ފްލޯ އަށް އެރޭނެ”
މިއާ އަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނޫޔަން ގެ ވާހަކަތަކުން ހަރުކަށިކަމެއް އޭނާ އަށް ފާހަގައެއް ނުކުރެވެއެވެ. އެއީ ހިތްހެޔޮ އިންސާނެކެވެ.
“އެހެންވީމަ އިށީނދޭ. ހުރިހާ މަސައްކަތްތަކެއް ކިޔާލަދޭނަން”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





Varah reethi vaahaka eh 💞