ޖިންނީން ހައްދަވާފައިވަނީ ދުންނާރާ އަލިފާނުންނެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ޙަދީޘް ބަސްފުޅުތަކުގައި ޖިންނީންނާއި ބެހޭގޮތުން ތަފާތު ވާހަކަތައް ވާރިދުވެގެން އައިސްފައިވެއެވެ. މިކަމާއި ދެކޮޅުހަދައި ޖިންނީންނަކީ އުޅޭ އެއްޗެއްކަމާއިމެދު އިންކާރުކޮށްފި މީހާ ކާފަރުވާނެއެވެ. ޖިންނީންގެ ބަހަށް ހެެއްލެ އަމަލުކުރަމުންދާ ކޮންމެ އިންސާނަކަށް ހުރީ ގެއްލުމާ ހަލާކެވެ.
މިފަދަ އެންމެހާ ކަންތައްތަކަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް ދީނުގައި ދެއްވާފައިވާ އެންމެހާ ނަސޭހަތްތަކާއި އިރުޝާދުތަކުގައި ހިފާ ސާބިތުވުމަށް ހަނދާންކޮށްދެމެވެ.
****
ދިހަ ވަނަ ބައި
މިއާ ދެލޯ މަރާލާފަ ހުޅުވާލިއެވެ. ކުރިމަތީގައި ޝެހެރޯޒް ހުއްޓެވެ. މިއާ ޝެހެރޯޒް ގެ ގައިގައި ބައްދައިގަތެވެ. އޭނާ މައާފަށް އެދެމުން ދިޔައެވެ. ޝަކުވާކުރަމުން ދިޔައެވެ. ޝެހެރޯޒް ގެ ލޮލުންވެސް ލޭ ކުލައިން ވާ ކަރުނައެއް ފައިބައިގެން ދިޔައެވެ. އޭނާ މިއާ ދުރުކޮށްލަން ބޭނުން ނުވިއެވެ. ހީވީ މިއާ ގެ އެތެރެހަށީގެ ކަށިތައް މުގުރާލައިފާނެހެންނެވެ. އޭނާ މިއާ ގެ ގައިގައި ބައްދައިގެން ހުރި އެހާ ބާރަށެވެ.
“މިއާ. އަހަންނަށް ވެސް މާފްކުރޭ. އިންސިއެއް ދެކެ ލޯބިވުމަކީ އަހަންނަކަށް ވެސް އެއްވެސް މަންފާއެއް ކުރާނެކަމެއް ނޫން. އެކަމަކު އަހަންނަށް ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އަހަރެން މިއާ މޮޔަނުކުރަން. އެކަމަކު މިއާ އަހަރެން މޮޔަކޮށްފި. މިއާ… އަހަންނާ ދުރަށް ނުދައްޗޭ. ދުނިޔޭގައި އަހަންނަށް މިއާ ނުފެންނަ ހިސާބެއްގަ ދިރިއެއް ނޫޅެވޭނެ. މިއާ … އެއްޗެއް ބުނެބަލަ…”
މިއާ ޝެހެރޯޒް ގެ މޫނަށް ބަލައިލިއެވެ. ޝެހެރޯޒް ގެ މޫނުގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލިއެވެ. ޝެހެރޯޒް އަށް ވުރެ މިއާ އިސްކޮޅުން ކުރެވެ. އޭނާ ބޫޓާއެކު ޝެހެރޯޒް ގެ ފައި މައްޗަށް އަރާލިއެވެ. ކުޑަކޮށް އުފުލިލިއެވެ. ޝެހެރޯޒް ގެ މޫނު ކުޑަކޮށް ގާތްކޮށްލާފައި ޝެހެރޯޒް ގެ މޫނުގައި ބޮސްދިނެވެ.
“އަހަންނަކަށް ވެސް ކެތެއްނުވާނެ. ސޮރީ… ވަރަށް ބޮޑަށް ސޮރީ” މިއާ ބުންޏެވެ. “އަހަރެން ބިރެއްނުގަނޭ” މިއާ އިސްތިރިކޮށްލިއެވެ. އެހިނދު މިއާ ގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.
ޝެހެރޯޒް އަށް ހެވުނެވެ. އުފަލުން އޭނާ މިއާ އުރާލިއެވެ.
މިއަދު ޝެހެރޯޒް އަށް މުޅި ދުނިޔެ މިލްކު ކުރެވުނު ކަހަލައެވެ. އޭނާ ބޭނުންވީ މުޅި ދުނިޔެއަށް އިއުލާންކުރާށެވެ. ޖިންނި ދުނިޔޭގެ ރަސްކަން މިއާ ގެ މުށުތެރެއަށް ލައިދޭށެވެ. އެކަމަކު އެހެނެއް ނުވާނެއެވެ. ވަށައިގެންވި ގަސްތަކުގެ ފަތްތަކުގެ ރުއްތަކުގެ ފަންތަކަށް ޝެހެރޯޒް ޝުކުރުއަދާކުރަމުން ދިޔައެވެ. އެއީ މިއާ ނެތިސް އޭނާ އެކަނި ފިލުވައިދިން ބައިވެރިންނެވެ.
“އުދުހިލާނަންތަ؟” މިއާގެ ގައިގައި ބައްދާލައިގެން ހިނދުކޮޅަކު ހުރެފައި ޝެހެރޯޒް ބުންޏެވެ.
“ބިރުގަނޭ. ވެއްޓިދާނެ” ޝެހެރޯޒް ގެ މޭގައި މޫނު ޖައްސާ ބާރުކޮށްގެން ހުރި މިއާ ބުންޏެވެ.
“އަހަރެން މިހިރީނު” ޝެހެރޯޒް ބުންޏެވެ.
“މީހަކަށް ފެނުނިއްޔާ” މިއާ ބުންޏެވެ.
“މޮޔަކުއްޖާ… އެކަކަށް އެއްތަނެއް ވެސް ނުފެންނާނެ” މިއާގެ މޫނުގައި ހިފާލާފައި އޭނާ އާ ދިމާލަށް އުފުލައިލަމުން ޝެހެރޯޒް ބުންޏެވެ.
“އެކަމަކު މަތީގަ އުދުހޭ ދޫނިތަކަށް ފެންނާނެ. އެސޮރުމެން ކަމެއް ނުކުރާނެ. އަޑެއް ލައްވާލާފާނެ. އެސޮރުމެންނަށް ވުރެ ބިޔަ މަހުލޫގެއް ފެނުމުން ބިރުން ޖެހިލުންވެ ބާރަށް އަޑުގަދަކޮށްވެސްފާނެ. އެކަމަކު އެއްވެސްކަމެއް ނުކުރެވޭނެ”
މިއާ ހިނިތުންވެލިއެވެ. އޭނާ ޝެހެރޯޒް އަށް އިތުބާރު ކުރިއެވެ. ޝެހެރޯޒް ބުނިގޮތަށް ޝެހެރޯޒް ގެ މޭގައި ލައްވެލިއެވެ. ޝެހެރޯޒްގެ ދެފައިތިލަ މަތީގައި މިއާގެ ފައިތިލަ ބެހެއްޓިއެވެ. ބާރަށް ޝެހެރޯޒް ގެ ގައިގައި ދެއަތުން ވަށާލިއެވެ. ދެލޯ މަރާލިއެވެ. މާގިނައިރެއް ނުވެ ބިމުން މައްޗަށް އެރިކަހަލަ އިހުސާސެއް ކުރެވުނެވެ. އެއާއެކު ކުރިއަށް ވުރެވެސް ބާރަށް ދެލޯ ތަގުޅިކޮށްލިއެވެ. ވަކި ހިސާބަކުން ބަނޑަށް ގޮތެއްވާން ފެށިއެވެ. ފްލައިޓު މައްޗަށް ނަގާއިރު ކުރެވޭ ކަހަލަ އިހުސާސެކެވެ. ދެކަންފަތަށް ބޫން އަޑު ކިޔާފައި އިވެނީ ވައިގެ އަޑެވެ. އިރުކޮޅަކުން އަޑުމަޑުވާން ފެށިއެވެ. މިއާ އަށް ދެލޯ ހުޅުވާލާކަށް ނުކެރުނެވެ. ބޭނުންވި މަންޒިލަށް އާދެވުމުން ޝެހެރޯޒް މިއާ އަށް ބަލައިލިއެވެ. މިއާ ދެލޯ މަރައިގެން ހުރިގޮތުން ޝެހެރޯޒް އަށް ހެވުނެވެ.
“ދެން ލޯ ހުޅުވަބަލަ” ޝެހެރޯޒް ބުންޏެވެ.
މިއާ ދެލޯ ހުޅުވާލަމުން ޝެހެރޯޒް އަށް ބަލައިލިއެވެ.
“މިއާ… މިއަދަކީ އަހަންނަށް ވަރަށް އުފާވެރި ދުވަހެއް. އަހަންނަކީ އިންސާނަކަށް ނުވީތީ އަހަރެން ހީކުރީ މިއާ އަހަންނަށް ގެއްލުނީކަމަށް. އެކަމަކު މިހާރު އެނގިއްޖެ މިއާ އަކީ ލޯބިވާން ދަންނަ އަންހެންކުއްޖެއްކަން”
މިއާ ވަށައިގެން މިއާ ބަލައިލިއެވެ. މިއާ އަށް ފެނުނީ ސާފު ބޯކިރުކޮޅެއް ފަދަ ހުދު ދޮންވެލިގަނޑާއި ފެހިކަން ގަދަ ރުއްތަކާ ގަސްތަކެވެ. ވަށައިގެން އޮތީ ވިލު ނޫ ކުލައިގެ މޫދެވެ. ދުރުދުރުން ވެސް ރަށެއްގެ ނިޝާނެއްވެސް ފެންނަން ނެތެވެ.
“މިއީ ކޮންތަނެއް. ރަށެއްތަ؟ މިއާ ބުންޏެވެ.
“މިއީ މިއާ އަށް ފެނުމުގެ ކުރިން އަހަރެން ފައިބާ ހުރިތަން. މިއާ ބަލިވި ދުވަހު ޝެރާއީ ވެސް މިތަނުގަ މަޑުކޮށްލި. މިތަނުގަ އަހަރެމެން ދެބެން ވަރަށް ވަގުތު ހޭދަކުރިން. މިފަހުންވެސް އަހަރެން މިތަނަށް އައިސް އުޅުނިން. އަހަރެންގެ އެއްވެސް ދުޝްމިނަކަށް މިތަނަށް ނާދެވޭނެ. މިއާ އަށް އެނގޭތަ! މިތަނުގަ މިހާރުވެސް އެއްލައްކަ އަށް ވުރެ ގިނަ ގާޑުން އެބަތިބި. ބަލާލަން ބޭނުންތަ؟”
“ނޫން… ބިރުގަނޭ…” މިއާ ބުންޏެވެ. ޝެހެރޯޒްގެ އަތްތިލައިގެ ތެރެއިން އަތް ވަކިކޮށްލާފައި މިއާ ކުރިއަށް ދެތިން ފިޔަވަޅު އަޅާލިއެވެ. ދެފަރާތަށް ދެއަތް ފުޅާކޮށްލުމަށްފަހު ވައިގެ ތެރޭގައި އެނބުރިލިއެވެ. ގުދުރަތީ އެ ހިތްގައިމު މަންޒަރުގެ މިނިވަންކަމާއި އުފާ ހާސިލްކުރަން ބޭނުންވާ ކަހަލައެވެ. އިރުކޮޅަކުން މޫދާ ގާތަށް ޖެހިލާފައި ފައިތިލައިން ފައިވާން ވަކިކޮށްލިއެވެ. އެއްވަރަކަށް ބީއްސަމުން ދިޔަ ރާޅުފަށުގައި މިއާ މަޑުކޮށްލިއެވެ. ރާޅުތައް އޭނާގެ ފައިތިލައިގައި ބޮސްދިނުމާއެކު ކުރެވުނީ ތަފާތު އިހުސާސެކެވެ. ފަހަތަށް އެނބުރި ޝެހެރޯޒް އަށް މިއާ ބަލައިލިއެވެ.
“ތި ފެނުނީ ކުޑަތަންކޮޅެއް. އާދެބަލަ” މިއާ ގެ އަތުގައި ހިފާލައިގެން ޝެހެރޯޒް ހިނގައިގަތެވެ.
މިއާ ކުރިއަށް ޖެހިލިއެވެ. ވަށައިގެން ހޯދާލިއެވެ.
“މިއީ ކޮން ރަށެއް؟ ކޮން އަތޮޅެއް؟” މިއާ ބުންޏެވެ.
“ވަރަށް ކައިރި. މިއާ…! މަގޭ ލޯބިވާ އަނބިމީހާ…”
މިއާ ގޮވައިގެން ޝެހެރޯޒް މަޑުކޮށްލީ ދުރުދުރަށް ފެތުރިފައިވާ ރަތާއި ރީނދޫ ކުލައިގެ ވިނަތަކެއްގެ މަތީގައެވެ.
“އަނބިމީހާ އަކަށް ނުވެއެއްނު. ދުވަހަކު ވާނެ ކަމެއްވެސް ނޭނގޭ” މިއާ ބުންޏެވެ.
ޝެހެރޯޒް ހިނިއައެވެ. މިއާ އަތުގައި ހިފާލައިގެން ވިނަތަކުގެ މަތިން ހިނގައިގަތެވެ. ރީތި ހިތްގައިމު މަންޒަރުތައް މިއާ އަށް ފެންނަން ފެށީ ދެނެވެ. ރަތްކުލައިގެ ފިނިފެންމާ ބަގީޗާއެކެވެ. މާބުރުތައް މިނިވަންކަމާއެކު އުދުހި އުޅޭ މަންޒަރެކެވެ. އަތް ދިއްކޮށްލުމާއެކު މާބުރެއް އައިސް އިށީނީ މިއާގެ އަތްތިލައިގައެވެ. މިއާ ގެ ކޮންމެ ހަރަކާތަކަށް ޝެހެރޯޒް ބަލަމުން ދިޔައެވެ. މިއާ ގޮވައިގެން ޝެހެރޯޒް ވަނީ އެކި ކުލައިގެ މާތަކުގެ ބަގީޗާއަކަށެވެ. ނޭފަތުގައި ޖެހުނީ ހިތްގައިމު މީރު ވަހެކެވެ. މިއާ ގޮވައިގެން ޝެހެރޯޒް އޮށޯވެލީ އުނދޯއްޔެއްގައެވެ. ޖާގަ ކުޑަ އެވެ. މިއާ ބޭއްވީ ޝެހެރޯޒް ގެ އުނގުގައެވެ.
“ސިއްރެއް ބުނަންތަ؟” މިއާ ގެ ކަންފަތް ދަށުގައި ޝެހެރޯޒް ބުންޏެވެ.
“މިއާ ތިއީ އަހަރެންގެ އަނބިމީހާ. އަހަރެންގެ ހަގީގަތް މިއާ އަށް ނޭނގިހުރެ މި ގުޅުން އަހަންނާއެކު ފެށި ހިސާބުން ތިއީ އަހަރެންގެ އަންބަކަށް ވެއްޖެ. ދެމަފިރިއެއްގެ ދެމެދުގައި ހިންގާ ގުޅުން އަހަރެމެން ދެމީހުންގެ މެދުގައި ހިނގައިފި” ޝެހެރޯޒް ބުންޏެވެ.
މިއާ ހައިރާންކަމާއެކު ޝެހެރޯޒް އަށް ބަލައިލިއެވެ. އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ އޭނާ ހަނދާނުގައި އެއިން ކަމެއް ނެތެވެ.
“މިއީ ތެދެއް. މިއާ ކަންބޮޑުނުވޭ. އެއީ އެއްވެސް މައްސަލައެއްނޫން” ޝެހެރޯޒް ބުންޏެވެ.
“އެކަމު ދެން ކިހިނެއް ވާނީ؟ އަހަރެން… އަހަރެން”
މިއާގެ ތުންފަތުގައި ޝެހެރޯޒް އިނގިލި ހުރަސްކޮށްލިއެވެ.
“އަހަރެން މިއާ ބަނޑުބޮޑެއް ނުކުރާނަން. އޭރުން މިއާ އަށް ވާނީ ގެއްލުމަކަށް. މިއާ ވާނީ ބަދުނާމު. އެވަރުގެ ދެރައެއް އަހަރެން ނުދޭނަން. އެފަދަ ވޭނެއްގަ މިއާ ވާތަން ބަލާކަށްވެސް އަހަންނަކަށް ކެތެއްނުވާނެ. މިއާ އަހަންނަށް އިތުބާރުކުރޭ. އަހަރެންގެ ފަހަތުގައި މި ލަޝްކަރު އޮތްހާ ހިނދެއްގައި، އަހަރެންގެ ބަލިފައި، އަހަރެންގެ ކޮއްކޮ ޝެރާއީ ސަލާމަތުން ހުރިހާ ހިނދެއްގައި މި ބާރު އަހަރެންގެ މުށުތެރެއިން ފޭރިގަނެގެން ނުދާހާ ހިނދެއްގައި އަހަރެން މިއާ ރައްކާތެރިކުރާނަން”
ޝެހެރޯޒް ގެ ބަސްތަކުން މިއާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ލުއިލުއި ހިނިތުންވުމެއް ޝެހެރޯޒް އަށް ދިނުމަށްފަހު މަޑުމަޑުން ޝެހެރޯޒްގެ މޭގައި މިއާ ބޯ އަޅާލިއެވެ. މިއާގެ ބޮލުގައި ބޮސްދިނުމަށްފަހު އަތްތިލައިގައި ޝެހެރޯޒް ހިފާލިއެވެ.
“މިއާ! އަހަރެމެންނަކީ އެކުގައި ދިރިއުޅުމުގެ ނަސީބު ލިބިފައިވާ ބައެއް ނޫން” ޝެހެރޯޒް ގެ އަޑުގައި ރިހުން ވިއެވެ.
“ތިކަހަލަ ވާހަކަނުދައްކާ. އަހަރެން އަބަދުވެސް ހުންނާނަން ޝެހެރޯޒް އާއެކު” މިއާ ބުންޏެވެ.
“މިއާ! އަހަރެން ދައްކަންޖެހޭ ވަރަށް ބޮޑެތި ވާހަކަތައް އެބަހުރި. އަހަރެންގެ ހިތުން މިއާ އަށް ޖާގަދިން ހިސާބުން ފެށިގެން އަހަރެން މިދަނީ މިއާ އަށްޓަކައި އެތައް ގުރުބާނީއެއް ވަމުން. އަހަރެން ފުރާނައިން ގުރުބާންވާން ޖެހުނަސް ވާނީ މިއާ އަށްޓަކައި. މިއާ! އަހަރެން ދޫކޮށްފަ ނުދައްޗޭ. އަހަރެންގެ ސަބަބުން މިއާ އަށް ގެއްލުމެއް ވިޔަ ނުދޭނަން. މިއާ މިގުޅުން މިހެން އޮތް ނަމަވެސް މިއާ ގެ ދިރިއުޅުން ހުއްޓިގެން ނުވާނެ. މިއާ ވާނެ ދިރިއުޅުމެއް ފަށަން. މީހަކާ އިންނާށޭ މިބުނީ. އަހަންނަށް ވިސްނޭ އަހަންނަކަށް މިއާ އަށް ހޯދައިނުދެވޭނެ ބައެއް އުފާތައް ހުންނާނެ. އެއީ އަހަރެމެންގެ ނަސްލު ތަފާތު ވީމަ. އަހަރެންގެ ދަރިފަސްކޮޅު ކޮޅާކޮޅުނުޖެހޭ ހިސާބަށް ވަނީ ދެމިގެން ގޮސްފަ. މިއާ މެން ފަދައިން އަހަރެމެންގެ ތެރޭގައި ވެސް ނަސްލީ ތަފާތު ކުރުމާއި ހަސަދަވެރިކަން އޮވޭ. މީހުން މެރުމާއި ނުބައިވެގެންވާ ކަންކަން ކުރޭ. އަހަރެންގެ ބޮޑުބޭބެ އަކީ ވެސް އެފަދަ ނުބައި މީހެއް”
ޝެހެރޯޒް ގެ އަޑު އަހަން މިއާ އޮތެވެ. މުޅި އުމުރުގައި ވެސް އެފަދަ ބިރުވެރި ވާހަކަތަކެއް މިއާ އަޑުއެހީ އަލަށެވެ. ހަޔާތުގައި އަލަތު ލޯބި ހޯދުމަށް އޭނާ އަށް ފައި އެޅުނީ ކަށި ޖަންގައްޔެއް ކަހަލަ ތަނެއްގައިކަން އޭނާ ގަބޫލުކޮށްފިއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. މިއާ ހިތުގައި ރިއްސަން ފެށިއެވެ. ހަގީގަތަކީ ދުވަހަކުވެސް އޭނާއަށްޝެހެރޯޒް ހާސިލްނުކުރެވޭނެކަމެވެ. މިއާ ދެލޯ މަރާބާރުކޮށްލިއެވެ. ދުވަހަކުވެސް ކުރިފެޅުމެއްނުވާ އެ ލޯބީގެ ވާހަކަތައް އަހާކަށް މިއާ ބޭނުމެއްނުވިއެވެ. އޭނާ ޝެހެރޯޒްގެ ފަރާތުން ބޭނުންވަނީ ވަގުތެވެ. ވަގުތީ ލޯތްބެކޭ ބުނާކަށް ބޭނުމެއް ނުވެއެވެ. އެ ލޯބީގެ ނިމުން ކޮންމެ ގޮތަކަށް އައި ނަމަވެސް ޝެހެރޯޒް އާ އެކުގައިވުމަށް އޭނާ ބޭނުންވެއެވެ.
“ޝެރާއީ އެއީ ކާކު؟” މިއާ އަހާލިއެވެ.
ޝެހެރޯޒް ހީލިއެވެ.
‘އެއީ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ. މިއާ ގޮތަށް ވަރަށް ލޯބިކޮށް ހުންނާނީ. މިއާ އާ ބައްދަލުކުރި ބަލިވި ދުވަހު. އެދުވަހު މިއާ އަށް ބޭސްދިނީ ކޮއްކޮ. ކޮއްކޮ އަކީ ވަރަށް މޮޅު ބޭސްވެރިއެއް. ބައްޕަގެ ފަރާތުން ކޮއްކޮ އަށް ލިބިފައިވި އާދަޔާހިލާފު ބާރެއް އެއީ. ބޮޑެތި ޒަހަމްތަކަށާއި އެކި ކަހަލަ ބަލިތަކަށް ކޮއްކޮ ބޭސްކުރާނެ. އަހަރެމެންގެ ދުނިޔޭގައި ކޮއްކޮ ވަރަށް މަޝްހޫރުވާނެ” ޝެރާއީ ގެ ވާހަކަތައް ޝެހެރޯޒް ކިޔައިދެމުން ދިޔައެވެ.
“ކޮންއިރަކުން ޝެރާއީ ފެންނާނީ؟ މިހާރު ކޮބާ؟” މިއާ ބުންޏެވެ.
“ރައްކާތެރި ތަނެއްގަ ބަހައްޓާފަ ހުންނާނީ. ބޮޑުބެ އަހަރެންގެ ފުށުން ބަދަލުހިފުމަށްޓަކައި ކޮއްކޮ އަށް ކޮންމެފަދަ ގެއްލުމެއް ވެސް ކޮށްފާނެ. އިރުއަރައިގެން އިރުއޮށްސޭއިރު އަހަރެން ކުރަންޖެހޭ ކަމަކީ ކޮއްކޮ އާއި މިއާ ގެ ހާލު ބެލުން. އެއީ އަހަރެންގެ ހިތް ކަމުގައި ވަންޏާ ތިއީ އެހިތުގައިޖަހާ ވިންދު… ”
މިއާ ހިނިތުންވެލިއެވެ.
“ކީއްވެ ބޮޑުބެ އެހާ ގޯހީ؟ ބޮޑުބެއެއް ނޫންތަ ތި ކިޔަނީ ވެސް” މިއާ ބުންޏެވެ.
“އެއީ މިއާ އަށް ނޭނގޭ ބޮޑު ސިއްރު. މިކަން ވަނީ މިއާ ގެ އާއިލާ އާ ވެސް ގުޅިފަ. މިއީ މިއާ ދުނިޔެއަށް އުފަންވުމުގެ މާކުރިން ހިނގާފައި އޮތް ކަމެއް” ޝެހެރޯޒް ބުންޏެވެ.
މިއާ ގެ ގައިން ހީބިހި ނަގައިގަތެވެ. އެއީ ހާދަ ބިރުވެރި ވާހަކައެކެވެ. ޖިންނީންގެ އަސަރު މިއާ ގެ އާއިލާ އަށް ކޮށްފައިވާކަން އެނގުނު ހިނދުން މިއާ ގެ ހަމަޖެހުން ގެއްލިއްޖެއެވެ. ޝެހެރޯޒް އާ އޭނާ ދިމާވުން އެއީ އިއްތިފާގުން ވީކަމެއް ނޫންކަން އޭނާ ހަވަނަ ހިއްސު އަންގައިދިނެވެ. ނިޔަފަތި ހަފަން މިއާ އަށް ފެށުނީ ހިތުގައި އުފެދުނު ޖެހިލުންވުމެއްގެ ސަބަބުންނެވެ.
“މިހާރު ކިޔައިދޭންވީނު” މިއާ ބުންޏެވެ.
“އަދި ފަހުން ކިޔައިދޭނަން. މިހާރު ހިނގާ ދާން. އިރުއޮށްސެން މާގިނަ ވަގުތެއްނެތް. މިއާ ގެ މަންމަ އެބަހުރި ލަސްވެގެން ނިކުމެ މަގުމަތީ” ޝެހެރޯޒް ބުންޏެވެ.
މަގަށް އެޅުމާއެކު ދޮރާށި ކައިރީގައި މަގުމަތީގައި ހުރި އަސްމާ މިއާ އަށް ފެނިއްޖެއެވެ. ދޮރާށި މަތިން މަގަށް ނިކުމެފައި އޮތް ޖުމްހޫރީ މޭވާގެ ވެޔޮގަނޑަށް ދަނޑިގަނޑެއް ކޮށްޕައިގެން މަސައްކަތެއް ކުރަން ހުއްޓަސް ހަގީގަތުގައި އަސްމާ އިންތިޒާރުކުރަމުން ދިޔައީ މިއާ އަށްކަން މިއާ އަށް އެނގެއެވެ. ކައިރިވީ ވަރަށް މިއާ އަށް ބެލެނީ ކައިރީގައި ހުރި އެކުވެރި ސަދާ އަށެވެ.
“މިހެރަ އައީނު. ނަސީބެއް ދުނިޔެމައްޗަށް އަނދިރި ނުވަނިސް އައިކަން” އަސްމާ ބުންޏެވެ.
ކައިރީގައި ހުރި އަންހެންކުއްޖާ އަސްމާ އަށް ފެނުނީ ފަހުންނެވެ.
“މިއީ ކޮންކުއްޖެއް؟” އަސްމާ އަހާލިއެވެ.
“މިއީ ސަދާ. މަންމާ! މިއީ ފަހު އަހަރުގަ ކިޔަވަން ބަދަލުވިކުއްޖާ. އެކޮޅު ތަންގަނޑުން ދިމާވެގެން އެ އައީ. މިއައީ ސަދާއާއެކު ބައިސްކަލު ދުއްވަން ދަސްކޮށްފަ” މިއާ ވާހަކަދެއްކިއެވެ.
“ދަނީ މިއާ. އަދި އަންނާނަން” ސަދާ ބުންޏެވެ. އަދި އަސްމާ އަށް ބަލައިލާފައި ހީލިއެވެ.
ސަދާ ދިޔުމުގެ ކުރިން މިއާ އާ ސަލާމްކޮށްލިއެވެ. މާނަފުން ހިނިތުންވުމެއް މިއާ އާ ބަދަލުކޮށްލިއެވެ.
****
އާ ދުވަހެކެވެ. މަގުމަތި ކުނިކަހާފައި ގޯތިތެރެއަށް ވަތްގޮތަށް އަސްމާ ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ހަޑިވެފައި ހުރި ތަށިތައް ހިފައިގެން ނިކުމެ ދޮންނަ ސަރަހައްދާ ދިމާލަށް އެދަނީ މިއާ އެވެ. މިއީ މީގެކުރިން މިއާ ގެ ފަރާތުން ފެނުނު މަންޒަރެއް ނޫނެވެ. އިރުކޮޅަކާ މިއާ ހީލައެވެ. އާދަޔާހިލާފު ދުވަހެކެވެ. މިއާ އިރުކޮޅަކާ ހީލަނީ ކައިރީގައި ހުރި ޝެހެރޯޒް އާ ކަމެއް އަސްމާ އަށް ނޭނގެއެވެ.
“މިއާ ބުނޭ. މިގޭ މީހަކު އެއްކަމެއް ނުކޮށް ހުއްޓަވެސް ތިހުރިހާ ކަމެއް އަހަރެން ކޮށްދީފާނަން” ޝެހެރޯޒް ބުންޏެވެ.
“ނޫން. ވާހަކަނުދައްކަ އިނދޭ. އަހަރެން އެކަނި ވާހަކަދެއްކީމަ މަންމަ ހީކުރާނީ ކީކޭ؟”
ކުއްލިއަކަށް މުރާދު ގެއަށް ވަދެގެން އައެވެ. މުންޑު ކޮށިކޮށްލާފައި އައްސާލަމުން އޭނާ ޖޯލީގައި އިށީނެވެ. ތެލިތައް ހިފައިގެން އައި މިއާ އަށް ގޮވާލާފައި ކައިރީގައި އިށީންނާށޭ ބުނެލިއެވެ. ބަދިގެއަށް ތެލިތައް ލުމަށްފަހު މިއާ އައިސް އިށީނެވެ. ދާދި ކައިރީގައި ޝެހެރޯޒް ވެސް ހުއްޓެވެ. އިރުކޮޅަކުން އަސްމާ ވެސް އައެވެ.
“ބައްޕަގެ ދަރިފުޅު މިހާރު ތެލި ވެސް ދޮންނަން ފެށީތަ؟” މުރާދު ބުންޏެވެ. އޭނާ މިއާ ގެ މަޑުމަޑު ދެއަތްތިލައިގައި ހިފަހައްޓާލިއެވެ.
“ބައްޕަ ދައްކާ ވާހަކަ. އަޅުގަނޑު މިއީ އަންހެންކުއްޖެކޭ. މަސައްކަތްވެސް ކުރަންޖެހޭނެއްނު” މިއާ ބުންޏެވެ.
އަސްމާ އަށް ހެވުނެވެ. މިއާ ގެ ކިބައިން މިހާރު ފެންނަމުންއެދަނީ ރަނގަޅު ކަންކަމެވެ. ލަހުން ނަމަވެސް މިއާ ގެވެހި ވާން މަސައްކަތްކުރާތަން ފެނެއެވެ.
“ހަވީރު ވާނެ ބައްޕަ އާއެކު ގެއަކަށް ދާން. ދަރިފުޅު ބުނީމެއްނު ވަޒީފާއަށް ދާން ބޭނުންވާ ވާހަކަ” މުރާދު ބުންޏެވެ.
މިއާ ހިނިތުންވެލިއެވެ. ސިއްރުވެރި ބަލައިލުމެއް ކުރިމަތީގައި ހުރި ޝެހެރޯޒް އާ ބަދަލުކޮށްލިއެވެ.
“ކޮންކަހަލަ ތަނެއް؟ ކޮމްޕިޔުޓަރ ބޭނުންކުރަން ޖެހޭނެތަ؟” މިއާ އަހާލިއެވެ.
މުރާދު އާއި އަސްމާ އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ.
“މިއަދު ބައްދަލުކޮށްލަން ދިޔައިމަ އިނގޭނީ. އުތުރު އަވަށުގަ އެ ހުޅުވަނީނު ވަރުގަދަ ބިޔަ ފިހާރައެއް. އެތަނުގަ އިންނަންޖެހޭނީ. ބައްޕަ އުންމީދުކުރަން މި ވަޒީފާ ދަރިފުޅަށް ލިބޭނެކަމަށް”
****
ފިހާރަ ކުރިމަތީގައި ސައިކަލު ޕާކު ކުރުމަށްފަހު ނޫޔަން އެތެރެއަށް ވަނެވެ. މައްޗަށް އަރަން ހުރި ސިޑި އާ ދިމާލަށް ދިޔުމުގެ ކުރިން ލިފްޓުގެ އެންމެފަހުގެ މަސައްކަތް އޭނާ ބަލައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





Juhaa husaabakun pro vaanee?